“ކީއްވެ ތިހެން ތި ބުނީ؟”
އަހަރެންގެ އަޑުގައި މަޑު ތުރުތުރުއެޅުމެއް ހުއްޓެވެ. ހަންޑި ހިނިގަނޑެއް ޖަހާލިއެވެ. އޭނާގެ މޫނުމަތިން ދޭހަވި މަލާމާތުގެ ކުލަވަރު ފެނިފައި ވަރުގަދަ ރުޅިއެއް ހަށިގަނޑުގައި އަނދަން ފެށިއެވެ.
“ރައްޔާން…ޕިސް..ޕިސް.. އަހަރެން ދޮގެއް ހެދިޔަސް ތެދެއް ހެދިޔަސް އޭގެ ތަފާތު ކަލެއަށް ވަކިވާނެތަ؟”
ވެލިގަނޑުގައި ދެއަތް ޖައްސާލަމުން އޭތި ބަލާލީ މާސިންގާ އުޑަށެވެ.
“ކަލޭ އެރޭ މަރާލީ ކާކު؟”
ވަގުތު ބޭކާރު ކުރާކަށް އަހަރެން ގަސްތެއް ނުކުރަމެވެ. ސީދާ އެހީ އެންމެ މުހިންމު ސުވާލެވެ.
“ހަހަހަހަހަ. އަހަންނޭ؟ އެއީ އަހަރެން އެކަނި ކުރި ކަމެއް ނޫން. އިންސާނެއް ނޫންވީމާ ހުރިހާ ނުބައި ކަމެއް ކުރާނީ އަހަރެން ކަމަށް ވިސްނުމަކީ މޮޔަ ކަމެއް. މި ދުނިޔޭގައި ކަލޭމެން އިންސާނުން ހާ ބޮޑާ އަދި ނުބައި ބައެއް ނުވޭ. އަދި ކަލޭމެން ހާ އަމިއްލަ އެދުން ބޮޑު ބައެއް ވެސް.”
ފަހު ޖުމުލައިން އޭތީގެ ރާގު ބަދަލުވެ ރަން ލޮލުގައި މަސްތީ ގޮތެއް ހުއްޓެވެ. މީ ކިހިނެތް ވެގެން އުޅޭ އެއްޗެއް ހެއްޔެވެ؟ ބުނާ ބަހާއި މޫނުން ދައްކުވައިދޭ އިހުސާސަކާއި ވެސް ނުގުޅެއެވެ.
“ކޮން ނަމެއް ކިޔަނީ؟”
އަހަރެން ކޮށްލީ ވަގުތާއި ނުގުޅޭ ސުވާލެކެވެ. ނަމަވެސް އޭގެ ފަހަތުގައި އަމިއްލަ ބޭނުމެއް އޮތެވެ.
“ޒިންނޫރާ.”
މަޑުމަޑުން އޭނާ އެހެން ބުނެލަމުން އަހަރެންނާއި ގާތްވެލިއެވެ. ބިރު ގަތަސް އެކަން ދައްކަން ބޭނުމެއް ނުވެއެވެ. އޭނާ ކައިރިއަށް ޖެހޭނެ ވަރަކަށް ޖެހެން ދީގެން އަހަރެން އިނީ އިތުރު ސުވާލުތައް ކުރުމުގެ ނިޔަތުގައެވެ.
“ކޮން އިރަކު އަހަރެން ތިހާ ބޭނުން ވާން ފެށީ؟”
ޒިންނޫރާގެ ރަން ލޯ އިހުނަށް ވުރެ ގަދަޔަށް ދިއްލުނެވެ. ސުވާލާއި ގަޔާ ވިކަން ދުލުން ތެންމާލި ތުންފަތުން ވެސް ދޭހަވިއެވެ. ޖަވާބު ދޭން ކެތްމަދުވެފައި ކަހަލައެވެ.
“ކުޑައިރު ގެނބުނު ހަނދާން ވޭތަ؟”
އެ ދުވަހުގެ ހަނދާން ފަނޑުވިއެއް ކަމަކު މަންމަމެން އާ ކޮށްކޮށްފައި އެ ވާހަކަ ކިޔާނެއެވެ. އުމުރުން އެންމެ ހަތަރު އަހަރުގައި އަހަރެންގެ ހަނދާނުގައި ހުރީ ކަޅު އަދިރިގަނޑެއްގައި ހާސްވި ހަނދާން އެކަންޏެވެ.
” އެ ދުވަހު ކަލޭ ގެނބެމުން ދިޔައިރު ސަލާމަތް ކުރީ އަހަރެން. ”
ޒިންނޫރާ ބުނެލި ޖުމުލައިން ކުރިން ސިކުނޑިން ކައްސާލި ހުރިހާ ކަމެއް ސާފުވާން ފެށިއެވެ. ކައިރީގައި އަަބަދު މީހަކު ހުރުމާއި، ފެންވަރާ އިރު މީހަކު ގައިގައި އަތްލާހެން ހީވުމާއި އެތަކެއް ކަމެއްގެ ސަބަބު އިނގިންގެން ދިޔައެވެ.
“ޝާޔާއާއި އަވަލައިގެން ތި އުޅެނީ ކީއްކުރަން؟”
ޝާޔާ މިދޭތެރެއަށް ގެންނަންވި ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. އަވަލީ ޝާޔާއަކަށް ނޫނެވެ. މިއޮއް ހުރިހާ ދުވަހު އަޅައިގަނެގެން އުޅުނީ އަހަރެންނާއެވެ.
“އަވަލީއޭ؟ އަހަހަހަ… ކާކު ބުނީ އަވަލީ އޭ؟! އަހަންނެއް އަވައެއް ނުލަން. ކަލޭމެން ބޭނުންވީމަ ކުރި ކަމެއް ކޮށްފަ އޮންނާނީ! ހިތުން ރުހުމުގަ! އިނގިއްޖެތަ؟ އޭގެ ބަދަލުގައި އަހަންނަށް ލިބުނީ ކޯއްޗެއް؟!”
ގަސްތަކު ތެރެއިން އިވުނު އަޑަށް އަހަރެންގެ ސަމާލުކަން އެދިމާއަށް ދިޔައެވެ. ހަލުވިކަމާއި އެއްކޮށް ތެދުވި ޒިންނޫރާގެ މިސްރާބު ހުރީ މޫދާ ދިމާލަށެވެ.
“ކަލޭގެ މަޤްސަދަކީ ކޮބާ؟”
ގޮނޑުދަށަށް ބީއްސަމުން ދާ ރާޅުތަކުގެ ފެނުން އޭނާގެ ފައި ތެންމާލިއެވެ. ހުރި ފިޔަވަޅު މައްޗަށް ހުރެ އެނބުރިލިއިރު ހަންގަނޑުން އަރަމުން ދިޔަ އަޅި ހުޅުނބުތަކުގެ ދަޅަ އަހަރެންގެ މޫނަށް އެޅުނެވެ.
“ކަލޭ އަމާ ކައިރި އަހާބަލަ.”
އެހެން ބުނެލުމާއި އެއްކޮށް އިންސާނަކަށް ފުންމާނުލެވޭހާ ދުރަށް އޭތި ފުންމާލިއެވެ. އިސާހިތަކު ކަނޑުގެ ލޮނުގަނޑު ކަފަމުން ސިކުންތެއްގެ ތެރޭގައި ލޮލަށް ގެއްލުނެވެ.
“ރައްޔާން. ކާކަށް ތި ވާހަކަ ދައްކަނީ؟”
ފަހަތުގައި ހުރި އަސްލަމް ސަރ ފެނިފައި މޭގަނޑު އަތަށް ނައީ ކިރިޔާއެވެ.
“އެއްވެސް މީހަކާ ނޫން.”
ރުންކުރު ޖަވާބެއް ދެމުން އަހަރެން ބެލީ އަސްލަމް ސަރގެ ތޫނު ނަޒަރުން ސަލާމަތް ވެވޭތޯއެވެ. ބަލާއިރު ހީވަނީ ހިތުގެ އެންމެ ފުނުގައި ވަޅުލެވިފައި ހުރި ސިއްރުތައް އެލޮލަށް ވަންހަނާ ނުވާ ހެނެވެ.
“އަހަރެން އޭރުވެސް ބުނީމެއްނު ބައްޕަޔާ އެހާ ގާތް ގުޅުމެއް ނުބާއްވާށޭ.”
ދެ އިނގިލި ދޭތެރޭ އޮތް ސިނގިރޭޓު ތުންފަތަށް ޖަހާލަމުން އަސްލަމް ސަރ ބުނެލި ޖުމުލަ އަހަރެންގެ ބޮލުގައި ހަރުލިއެވެ. އާއެކެވެ. އެ ބުނީ ތެދެކެވެ. ނަމަވެސް ވަގުތު ފާއިތުވެއްޖެއެވެ. ވާނެހާ ކަމެއް ވެ ނިމުނީއެވެ. ކުރެވުނު ފާފަތަކުގެ ބޮޑުކަމުން ދެ ކޮނޑު ދޭތެރޭ އިން ބޯ ހިއްލާލާނެ ވަރުވެސް ގަޔަކު ނެތެވެ. އެހާވެސް ބަލި ވެއްޖެއެވެ. ކުށްވެރި ވެއްޖެއެވެ. ހިފި ބަދަލެއްގެ ނިމުން ނިމޭނީ ކިހާ ހިތިކޮށް ކަމެއް ނޭނގެއެވެ.
“މިހާރު އަތަށް ގޮވީތަ؟ ތިހާ ކުޑައިރު ކޮން ސަކަރާތެއް ޖަހާކަށް؟”
ސިނގިރޭޓު ރޯކޮށްލަމުން އަސްލަމް ސަރ ކަޅި އަޅާލީ އަހަރެންގެ މިލާވެފައި ވާ މޫނަށެވެ. އަހަރެން އިސްޖަހާލީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ.
“އައިވަން ސަލާން ބުނި. ބުނީ ކޮންއިރަކުން ހެއްޔޯ ދެން ރައްޔާންބޭބެ ޓިއުޝަން ނަގަން އަންނާނީ. ވަރަށް އުދަނގުލޯ ފިޒިކްސް.”
އަސްލަމް ސަރ ނޭފަތުން ދުން ބޭރުކުރަމުން ބުންޏެވެ. އަހަރެންގެ މޫނަށް ކުޑަކޮށް ނަމަވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އައިވަންގެ މަޖާ ސުވާލުތަކާއި އެއްވެސް ހިޔާލެއް ފިކުރެއް ނެތި ކުޑަކުއްޖަކު އުޅެން ޖެހޭނެ ގޮތަށް އުޅެމުން ދިޔަ ދުވަސްތަކުގެ ހަނދާން އާލާވިއެވެ. އާދަންބެގެ ގެޔަށް އަހަރެން ދިޔައީ ވެސް އައިވަންއަށް ޓިޔުޝަން ނަގައިދޭށެވެ. އެއީ އެންމެ ފުރަތަމަ އާދަންބެއަށާއި އަސްލަމްއަށް ދިމާދި ގޮތެވެ.
އަސްލަމް ސަރއާއި ދުރަށް ފިޔަވަޅެއް އަޅަމުން އަހަރެން ހިނގައިގަތީ މަސް ފިހަންމުން ދިޔަ މާއިން އާއި ދިމާލަށެވެ. އޭނާ ފަހަތުގައި ކިލާހުގެ އެކި ފިރިހެން ކުދިންނާއި އަންހެން ކުދިން ތަށި ތައްޓަށް ކޯކު އަޅަމުން ބޮމުން ދިޔައެވެ. ހީވަނީ ބާބެކިޔުއެއް ހެނެވެ. ދިޔާނާ މިސް ހުރީ ހިސާބަކަށް ނުރުހުންވެފައެވެ. ހަނދާންވާގޮތުގައި މި ޓްރިޕުގައި ކާންވެސް ޖެހޭނީ ރަށުން ލިބޭ ޤުދުރަތީ އެއްޗެއްސެވެ. ނަމަވެސް ބައެއް ކުދިންގެ ޝަކުވާތަކާއި ހެދި ކޮކާކޯލާއި، ފިހާނެ މަހާއި އަދި ޕާނާ އެއްޗެހި ގެންނަން މަޖުބޫރުވީއެވެ. ބެލެނިވެރިން ބޮލަށް އަރާފާނެ ކަމުގެ ބިރު ހީވެފައި އޮތީމައެވެ.
ވަށައިގެން އަހަރެން ނަޒަރެއް އެއްލީ ޝާޔާ ފެނޭތޯއެވެ. ޝާޔާގެ ހިލަމެއް ނުވުުމުން އަންހެން ކުދިންގެ ޓެންޓު ޖަހާފައި ހުރި ހިސާބަށް މާއިންގެ ލޮލަށް ނުފެނި އަހަރެން ދިޔައީމެވެ. ގަޑިން މެންދުރަށް އަޅަނީއެވެ. އަވިވެސް ގަދަވެފައި މޫދުގެ ލޮނުގަނޑުވެސް އިހުނަށް ވުރެ ބޮޑުހެން ހީވެއެވެ.
ޓެންޓުތައް ކައިރިން ވެސް ޝާޔާ ނުފެނުނީމާ އަހަރެން އައި ކޮޅަށް ދާން ހިޔާރުކޮށްލީމެވެ. ފެންބޮވައިގެންފައި ހުރި ވަރުންނެވެ.
އެވަގުތު ޖެހުނު ވައިރޯޅިއަކާއި އެއްކޮށް މަޑު ރުއިމުގެ އަޑެއް ކަންފަތުގައި ޖެހުނެއެވެ. ކަޅު ކުލައިގެ ދިގު އިސްތަށުގަނޑު ވިހުރޭ ތަން ފެނުނީ ދެނެވެ. ހިނރުދު ގަހެއްގެ ފަހަތުގައި ލައްވެލައިގެން އެހެރީ ޝާޔާ ނޫން ދެވަނަ މީހެއް ނޫނެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް އަހަރެން އެ ގަހުގެ ކައިރީގައި ހުއްޓިލީމެވެ. ޝާޔާ އަތުގައި އެއްޗެއް އޮތްހެން ހީވެއެވެ. އެ އެއްޗެއް މެޔާލާ ބޮނޑިކޮށް ރޯއިރު ހީވަނީ މީހަކު މަރުވެގެން އުޅޭހެނެވެ. ޝާޔާގެ ގިސްލުމުގެ އަޑުން އަހަރެންނަށް ވަރަށް އަސަރުކުރިއެވެ. ޝާޔާ މިހާ ހިތާމަ ކުރަނީ ކޮންކަމަކާ ހެއްޔެވެ؟ ޝާޔާއަށް ދެރައެއް ދިނީ ކާކު ހެއްޔެވެ؟ އަނެއްކާ އަހަރެން ކުރި ކަންތައް އެ ހަންޑިގަނޑު ފަޅާއަރުވާ ލީ ހެއްޔެވެ؟
ރަނގަޅަށް ބަލާލުމުގެ ނިޔަތުގައި އަހަރެން ޝާޔާ ހުއްޓިހުރި ގަހުގެ ފަހަތަށް ވަދެ ޝާޔާގެ އަތާާއި ދިމާލަށް ސީދާ ބަލާލީމެވެ. އެރި ޝޮކެއްގެ ސަބަބުން ހުރެވުނު ތަން ވެސް ނޭނގުނެއެވެ.
ޝާޔާގެ އަތުގައި އޮތީ ރަން ފަށެކެވެ. އެ ފަށުގެ ފުލުގައި ޢަރަބިން ލިޔެވިފައި ވަނީ ރައްޔާނެވެ. އެ ފަށަކީ އަހަރެންގެ މިލްކެކެވެ. އެންމެ ތުއްތު އިރު މަންމަ ކަރުގައި އަޅުވައިދިން ފަށެކެވެ. އެ ފަށް ގެއްލުނީ ކޮން ރެއެއްގައި ކަންވެސް އަހަރެންނަށް އިނގެއެވެ.
“ރައްޔާން………”
ގިސްލަމުން ވަރަށް އުދަނގުލުން ޝާޔާގެ ދުލުން އަހަރެންގެ ނަން ބޭރުވީ ވޭނީ އާހެއްގެ ސިފައިގައެވެ.
ބޮލުގައި އަތް އަޅަމުން މަޑު ވެލިގަނޑަށް އަހަރެން ތިރިވިއެވެ. ޝާޔާ ހަނދާން އެބަ ހުއްޓެވެ. އާދަންބެ ހެދީ ދޮގެއް ހެއްޔެވެ؟ އޭނާ އެދުވަހު ކިޔެވެލި ކިޔަވާފައި ދިން އެތި ޝާޔާ ބުއި ހެއްޔެވެ؟ ނޫނީ ޝާޔާ އެރޭ އައީ ހިތުން ރުހުމުން ހެއްޔެވެ؟ އަހަރެން ކުރި ކޮންމެ ކަމަކަށް ޝާޔާ އެރޭ މަރުހަބާ ކިއެވެ. ހީވަނީ އެތައް ދުވަހެއް ވަންދެން ނުލިބިފައި ހުރި އެއްޗެއް ލިބުނު ހެނެވެ. ނޫނެކެވެ. ޝާޔާ އެގޮތަށް ކަންތައް ކުރީ ސިހުރުގެ ސަބަބުންނެވެ. ޝާޔާ އަހަރެންނާއި ދިމާލަށް ލޮލު ކުރިން ވެސް ބަލާނުލާނެއެވެ. އޭނާ އަބަދުވެސް އަހަރެންނަށް މަލާމާތް ކުރެއެވެ. އަހަރެން މިއީ ބޮޑު ރަނޑެކެވެ. ބޮޑު ފިނޑިއެކެވެ. ރަނާ މިދިޔަ އަހަރު އެއޮތް ލޯބިން ލިޔުނު ސިޓީ ވެސް އޭނާ ވީދާލިއެވެ. ކުޑަމިނުން ކިޔާލަން ވެސް ނުދިނެއެވެ. ޝާޔާއަށް ހަމްދަރުދީ ވާނެ ކަމެއް ނެތެވެ.
“ދެން ނުވާނެ….ރައްޔާން… ދެނެއް ނުވާނެ”
ޝާޔާގެ އަޑު ކެނޑިއްޖެއެވެ. ބާބެކިޔު ހަދާ ކުދިންކޮޅުގެ އަޑު ފިޔަވައި އެނޫން އަޑެއް ނީވެއެވެ. ހަތަރު މުއްގަނޑު ޖަހާފައި އަހަރެން ތެދުވީ ހަލުވި ކޮށެވެ. ވަށައިގެން ޝާޔާ ހުރިތޯ ބަލަމުން ގެންދިޔައީ އޭނާއަށް ފެނުނަސް ވަރިހަމަ ކަމަށް ބަލައިގެންނެވެ. ހިރުދު ގަސް ކައިރި ވެސް ބެލިއްޖެއެވެ.
ޖަހާލި ބޮޑު ރާޅަކުން މޫނަށް ލޮނު ބުރިއެވެ. ލޯ އުނގުޅަމުން މޫދަށް އެއްލި ކަޅިއަކުން މޫދު ތެރެއަށް ގެއްލެމުން ދިޔަ ޝާޔާ ފެނި އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.
“ޝާޔާ!!! އޭ ޝާޔާ! މަޑުކޮށްބަލަ.”
ޝާޔާއަށް ގޮވަމުން އުނަގަނޑާއި ހިސާބަށް ފެން އެރިއެވެ. ޖަހަމުން ދިޔަ ރާޅު އަނގަޔަށް ވަދެ ކޮށި އެރިޔަސް އަހަރެން ބެލީ ޝާޔާއަށް ގޮވޭތޯއެވެ. ބަލާބެލުމަށް ފަތާކަށް ޝާޔާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. މިހާރު ކިރިޔާ އޭނާގެ ބޯ ފެންނަކަމެވެ. އިސާހިތަކު ރާޅުތައް ޝާޔާ ކާލާނެއެވެ.
“މީހެކޭ!! ހެލްޕް! މާއިން!!”
ގައިގައި ހުރި ވެލިތަކެއް ފޮޅަމުން މާއިން ހިނގާފައި އައި މަންޒަރު ފެނުމުން އަހަރެންގެ ހިތަށް ލުއި ކަމެއް ލިބުނެވެ. ޝާޔާ ސަލާމަތް ވީއެވެ.
“މާއިން!! އޭ މާއިން!”
މާއިން އަށް އަހަރެންގެ އަޑު ނީވެނީ ހެއްޔެވެ؟ މިހާރު އޭނާ އެހުރީ ހިނރުދު ގަސް ކައިރީގައެވެ. ކޮޅުކޮޅަށް ބޯ އެއްލަމުން ދިޔައިރު ހީވަނީ މީހަކު ހޯދަން އުޅޭ ހެނެވެ. މާއިންގެ ފަހަތުން ދުވެފައި އައި ފައިނާން ވެސް ފެނުނެއެވެ. ނަމަވެސް މޫދުގައި ފަލި ޖަހަމުން ހޭރެމުން އަހަރެން ދިޔަ މަންޒަރު އެއްވެސް މީހެއްގެ ލޮލުގައި އަޅައިގަތް ހެނެއް ހިއެއް ނުވެއެވެ.
“އޭ!! ކަލޭމެން ބީރުތަ؟! ޕްލީސް. ޝާޔާ ގެނބެނީ އޭ!”
އަޑުގެ ނެތް ތަނަށް ހަޅޭއްލަވަމުން އަހަރެން ދިޔައިރު މިހާރު ޝާޔާ ފެންނާކަށް ވެސް ނެތެވެ. ނަޒަރު ފުސްވެ އަހަރެންގެ ލޮލަށް ޖަވާމުން ދިޔަ ކަރުނަތަށް ކޯތާފަތަށް ބަންޑުން ވިއެވެ. ފަހަތް ބަލާލިއިރު މާއިން އާއި ފައިނާން ވަރުގަދައަށް އޮޅުލަނީއެވެ. އެކަކު އަނެކަކުގެ ޖިސްމުން އަރާމު ހޯދަމުން ދިޔައިރު އަހަރެންގެ ހިތުގައި އަޅަމުން ދިޔައީ ވަރުގަދަ ވޭނެކެވެ. ޝާޔާ އަމިއްލައަށް މަރުވަން އެ އުޅެނީ އަހަރެންނާއި ހެދިއެވެ. ޝާޔާގެ މަރު އެޅޭނީ އަހަރެންގެ ބޮލުގައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.



?????
Thanks, Azker 🙂
V reethi
Thank you for the comment.
This too.. Shall read asap
Thanks for reading 🙂
V reethi. When is the next part.
Very soon
Thanks for reading
varah emotional.
when next?
Thanks for commenting, rai.
Next episode tonight.
Aslu ves varah salhi mi story keep it up ????
Maasha Allah vvvvv salhi
Then next part othi kon irakun???????????
Thanks, Ash
Next part will be uploaded tonight. Probably can read tomorrow. I’m hoping.
Mi vaahaka nimmanulachay ??????????
Sifakurun habeys …dhw axker
Yup Hama ehen
Bittuuuuuuu?????
Thanks naf
Rain Oppa❤❤❤????????????…Mi bai alhe haadha reehchey?????????..I can imagine Each nd every scene??????…Yuh became one of my fav authorr nw???❤❤❤???..
Keep going?????????❤❤❤?????????❤❤❤????????????..May god bless yuh with a bright future..Ly
That’s really nice to know. I’m honored.
Thanks for supporting me, jiji
Hey jiji what’s up
Mi vaahaka kiyaairah heevani lolah sifa vaahen ehaame ibaaraithah furihama…..?????
Keep it up rain oppa ??
varah bodah shukuriyya 🙂