ކުށަކާ ނުލާ 13
ނައުޝީންއާ ނަދާ ދިޔައީ ޕާސްތާ ކައްކާނެ އެއްޗެހި ގަންނާށެވެ. އެންމެން ވެގެން ކައްކާ ނިމުނު އިރު ނުވައެއް ޖެހީއެވެ. އަޔާޒް އައިސްދާނެތީ ކަންބޮޑު ވި ނަމަވެސް ނަދާއަށް ހަމަޖެހިލެވުނީ ރޭގަނޑު ބޭރަށް ދާ ރެއެއްގައި އަޔާޒް ދާނީ އާތިފްމެން ގެޔަށް ކަން އެނގޭތީއެވެ. އެ ގެޔަށް ދާ ރެއަކު އަޔާޒް އަންނާނީ އެގާރަ ޖަހާ ކަންހާ އިރުއެވެ. އެހެން ކަމުން އެރޭ އަޔާޒް އަވަހަށް އަންނާނެ ކަމަކަށް ނަދާ ހިއެއް ނުކުރެއެވެ. އަޔާޒް އައުމުގެ ކުރިން، ދިހައެއް ޖަހަން ވާ އިރަށް އެ މީހުން ފޮނުވާލަން ނިންމައިގެން އިން ނަދާ ސިހުނީ އެންމެން ކާން އުޅެނިކޮށް ގޭ ދޮރު ހުޅުވާލާފައި އަޔާޒް ވަނުމުންނެވެ.
ގޭތެރެއިން އެހާ ގިނަ މީހުން ފެނުމުން ހުއްޓިފައި، އެއީ ކޮން ބައެއް ކަން އެނގުމުން އަޔާޒް ހީލިއެވެ.
“ނާސިފްމެންތަ މި އުޅެނީ؟ އަންގާވެސް ނުލާ ގްރޫޕް އެއްކޮށް މިއޮތީ، ހާއްސަ ކަމެއް އޮތީތަ؟” އަޔާޒް އަހާލިއެވެ.
“މާ ހާއްސަ ކަމެއް ނޫން، ހީނާއާ ޝިމާއު މެރީ ކުރަން ވެގެން އިންވިޓޭޝަން ކާޑް ހިފައިގެންނާ، ވާން އުޅޭ މަމީއާ ޑެޑީ އިންޓްރޮޑިއުސް ކޮށްދޭން އައީ” ހާޒިމް ބުނެދިނެވެ.
“އެހެންތަ؟ ކޮންގްރާ ނާސިފް، އަސްނާ، އަދި ހީނާއާ ޝިމާއުއަށްވެސް، ވަރުގަދަ ރެއެއް ދޯ މީ؟ އަންގާލައިގެން އުޅުނު ނަމައެއްނު ސެލެބްރޭޓް ކޮށްލަން ނިކުމެވުނީހީ” އަޔާޒް އެ މީހުންނަށް މަރުހަބާ ކިޔަމުން ބުންޏެވެ.
“އަނެއްކާ އަޔާވެސް ތި ބުނީ އަންގާނުލައޭ. ފޯނު ނިއްވާލައިގެން އުޅޭ މީހުންނަށް ކިހިނެއް އަންގާނީ؟ ދެ މީހުން މެރީ ކުރި ފަހުން އަޔާ ތިއުޅެނީ އަހަރުމެންނަށްވެސް ނަދާ ފޮރުވައިގެން ވިއްޔަ” ނައުޝީން ބުނެލިއެވެ.
“ނޫނޭ، އަހަރެން ނަދާ ފޮރުވައިގެން އުޅެނީއެއް ނޫން، ކުރީރޭ ބޭރަށް ގޮއްސަ އައި އިރު ވާރެއާ ތެމިގެން ނަދާގެ ފޯން ހަލާކުވީ، ދޯ ނަދާ؟ އެހެންވެ މިރޭ ނިކުތީ ފޯނެއް ގަންނަން ވެގެން، ފްރެންޑަކާ ދިމާ ވެގެން ތަންކޮޅެއް ލަސްވީ. ނަދާ، ބަލާލަބަލަ ފޯނު ކަމުދޭތޯ” އަޔާޒް އަތުގައި އޮތް ކޮތަޅު ނަދާއަށް ދިއްކޮށްލިއެވެ.
އެ މީހުންނާ އެކު އަޔާޒްވެސް ކެއުމުގައި ބައިވެރިވިއެވެ. ސަމާސާ ކުރުމުގައާއި، އެކަކު އަނެކަކާ ދިމާ ކުރުމުގައި އެ މީހުންނާ އަޔާޒްވެސް ބައިވެރިވިއެވެ. ނައުޝީން ނަދާއާ އަޔާޒްއާ ދިމާ ކޮށްލާ ކޮންމެ ފަހަރަކު އަޔާޒްވެސް ނަދާއަށް ގޯނާއެއް ކޮށްލައެވެ. ހީވީ އެއީ އެދެމީހުންގެ މެދުގައި އާންމު ކަމެއް ހެންނެވެ. ނަދާއަށް އެރޭ އެހެން އުޅެން ވަކިން އުނދަގޫ ވިއެވެ. އަހަރުތަކެއް ވަންދެން އެކުގައި އުޅުނު އެންމެ ގާތް ރައްޓެހިންނަށް އޮޅުވާލަން ވުމުން އެހެން ދުވަސްތަކާ ތަފާތުވިއެވެ. އަދި އަމްދުން އަޔާޒް ދެކެ ލޯބި ވެވިއްޖެ ކަން އިހުސާސް ވީ ފަހުން އެ ގޮތަށް އުޅެން އުނދަގޫވިއެވެ.
އެގާރަ ޖަހަން އުޅެނިކޮށް އެ މީހުން ދިޔުމުން ނަދާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ދޮރު ލައްޕާލާފައި އަޔާޒް ގޮސް ޓީވީ ހުޅުވާލިއެވެ. ނަދާ ބަދިގެއަށް ވަނީ ހަޑިވެފައި ހުރި ތެއްޔާ ތަށިތައް ދޮންނާށެވެ. އެކަންތަކުން ނިމިގެން ނަދާ ބަދިގެއިން ނިކުތް ތަނާ އަޔާޒް ނަދާއަށް ގޮވާލިއެވެ.
“ފޯނާ ސިމްވެސް އޮންނާނެ އެ ކޮތަޅުގަ” ޓީވީއަށް ބަލަން އިނދެ އަޔާޒް ބުންޏެވެ.
“އަހަރެން މިއަދު ފޯނެއް ގަތިން، ސިމްއެއްވެސް ނެގިން” ނަދާ ބުންޏެވެ.
އަޔާޒް އެނބުރިފައި ފޯން ލައިގެން ގެނައި ކޮތަޅު އޮތް ތަނަށް ބަލާލިއެވެ. އަޔާޒް ދިނުމުން ނަދާ ކޮތަޅުގައި ހިފާފައި، ކޮޓަރި ދޮރު ކައިރީ ހުރި މޭޒުމަތީ ބޭއްވި ގޮތަށް އެ ކޮތަޅު އެތާ ހުއްޓެވެ.
“ދެން ތިހެންވެސް ނުބުނީ ކީއްވެ؟” އަޔާޒް އަހާލިއެވެ.
“އަޔާވެސް ނުބުނަމެއްނު ފޯނެއް ގަންނާނެ ވާހަކައެއް؟ އާ ސިމްއެއް ނެގީ… އަޔާއަށް އުނދަގޫ ވެދާނެތީ…” ލަސްލަހުން ނަދާ ބުންޏެވެ.
“ފޯނެއް ގަނެވޭ ވަރަށް ގޭގަ ލާރި ހުރިތަ؟” އަޔާޒް އަނެއްކާވެސް ޓީވީއާ ދިމާއަށް އެނބުރެމުން އަހާލިއެވެ.
ނަދާ އެ ސުވާލަށް ޖަވާބެއް ނުދީ ހުރީއެވެ.
“ނަދާ!” ނަދާ ޖަވާބެއް ނުދީ ހުރުމުން އަޔާޒް ބާރަށް ގޮވާލިއެވެ.
“އަހަރެންގެ ލާރިން ފޯނު ގަތީ” ނަދާ ބުންޏެވެ.
އަޔާޒް ތެދުވެ އިރުކޮޅަކު ނަދާއަށް ބަލަން ހުރެފައި ކޮޓަރިއަށް ވަދެ އަލަމާރިއާ ޑްރެސިންގް ޓޭބަލް ހާވަން ފެށިއެވެ. ޑްރެސިންގް ޓޭބަލްގެ ވަތްގަނޑުގައި، އެ ދުވަހާ ހަމައަށް އަޔާޒް ގޭގައި ބަހައްޓާފައި ހުރި ރުފިޔާއިން ފުދޭ ވަރަކަށް ރުފިޔާ ހުއްޓެވެ. އެއަށް ބަލާލުމުންވެސް، ހަމައެކަނި ގެއަށް ބޭނުން އެއްޗެއް ފިޔަވާ އެހެން ކަމަކު އެއިން ބޭނުން ކޮށްފައި ނުވާކަން އަޔާޒްއަށް އެނގުނެވެ. ވީ އިރު އަޔާޒް ދޭ ފައިސާއިން ނަދާގެ އަމިއްލަ ކަމަކު އެއްވެސް ވަރަކަށް ނަދާ ބޭނުން ނުކުރަނީ ހެއްޔެވެ؟ ވަތްގަނޑު ހާވާލާފައި އަޔާޒް ބަލާލި އިރު ވަތްގަނޑުގެ ބިއްދޮށުގައި އަޔާޒްގެ ކޭޝް ކާޑް އޮތެވެ. އޭގައި ނަދާ އަތްވެސް ލާފައި ނުވާކަން އަޔާޒްއަށް ޔަގީން ވިއެވެ. އެއާއެކު އަޔާޒް އައީ ރުޅިއެވެ. ވަތްގަނޑުގައި ހުރި ފައިސާއާއި ކޭޝް ކާޑް ހިފައިގެން ނިކުމެ ކާމޭޒުމަތީ ބާރަކަށް އެ އެއްޗެހި ބެހެއްޓިއެވެ.
“އަހަރެން ދޭ އެއްޗެއް ބޭނުން ނުކުރަނީ ފަހުން އަހަރެންގެ ކުށް ދައްކަންތަ؟” އަޑަށް ބާރު ލާފައި އަޔާޒް ސުވާލު ކުރިއެވެ.
ސިހިފައި ނަދާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އަޔާޒް ކުރި ސުވާލަށް ޖަވާބެއް ނުދީ އިސްޖަހައިގެން ނަދާ ހުރީއެވެ.
“ނަދާއާއޭ އަހަރެން ސުވާލު މި ކުރަނީ؟ ފަހުން އަހަންނޭ ކިޔާފަ ދައްކާނެ ވާހަކަ ހޯދަން ވެގެންތަ މީގެ ބޭނުން ނުކުރަނީ؟” އަޔާޒްގެ އަޑު ހައްތަހާ ބާރު ވީ ނަދާ އެއްޗެއް ނުބުނެ ހުރުމުންނެވެ.
“ކޮންމެ ކަމެއްގަ ކީއްވެތަ އަޔާ އަހަންނާ މެދު ތިހާ ގޯސްކޮށް ހީކުރަނީ؟” ނަދާ އިސްއުފުލާ އަޔާޒްގެ މޫނަށް ބަލާލަމުން އަހާލިއެވެ.
“ދެން ކިހިނެއްތަ ހީ ކުރަންވީ؟ ކީއްވެހޭ ނަދާ އަހަރެން ބަހައްޓާ ލާރި ބޭނުން ނުކުރަނީ؟” އަޔާޒް އަނެއްކާވެސް ކުރީ އެ ސުވާލެވެ.
“ކަމެއް ނުވޭ” ނަދާ ބުންޏެވެ.
“އަހަރެން މީ ނަދާގެ ފިރިމީހާއަށް ވާ އިރު އަހަރެން ޖެހޭ ނަދާއަށް ހަރަދު ކުރަން، އެކަމަކު ނަދާ އަހަރެން ދޭ އެއްޗެއް ބޭނުން ނުކުރަންޏާ އަހަރެން ކިހިނެއް އެކަން ކުރާނީ؟” އަޔާޒް ނަދާއާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ.
“ފިރިމީހާއަށް ވީމަ ޖެހެނީ ހަމައެކަނި އަނބިމީހާއަށް ހަރަދު ކުރަންތަ؟” ނަދާ މަޑުމަޑުން އަހާލިއެވެ.
“ނަދާ ބޭނުން ވަނީ ކޮން ކަންތަކެއް އަހަރެން ލައްވާ ކުރުވަންތަ؟” އަޔާޒްގެ އަޑު އަނެއްކާވެސް ބާރުވިއެވެ.
“އަހަރެން ބޭނުމެއް ނޫން އަޔާ ލައްވާ ކަންތައްތަކެއް ކުރުވާކަށް، އަހަރެން ބޭނުމީ އަހަރެން ދައްކާ ވާހަކަ އަޔާ އަޑު އަހަން. އަހަރެން ދެކެ އަޔާ ތި އަންނަ ރުޅި މަޑުކުރަން… ކިހާ ދުވަހެއް މިވަނީ މިހެން އުޅޭތާ؟ އަހަރެން ދެރަ ވާ ވަރެއް އަޔާއަކަށް ނޭނގޭނެ… އަހަރެން މި ބަލަނީ އަޔާ ރުޅި މަޑު ވާނެހާ ގޮތަކަށް އުޅެވޭތޯ… އަޔާ އަހަރެންގެ މޫނުވެސް ދެކެން ބޭނުން ނުވާ ކަން އެނގޭތީ އަޔާއަށް ނުފެނި އުޅެވޭތޯ… އަހަރެން ކިހިނެއް ބުނިއްޔާތަ އަޔާ ގަބޫލު ކުރާނީ އަހަރެން މި ކައިވެނި ކުރީ އަޔާއަށް ދެރައެއް ދިނުމުގެ ބޭނުމަކު ނޫންކަން؟ އަހަރެން ކިހިނެއް ހެދިއްޔާތަ އަޔާ ގަބޫލު ކުރާނީ…؟” ނަދާއަށް ރޮވެން ފެށުމުން ވާހަކަ ނުދައްކާ ހުއްޓާލިއެވެ.
“ނަދާ ރުޔަކަސް ވީ ކަންތައް ނުވާ ކަމަކަށް ނުވާނެ، އަހަރެންނަށް ނަދާއާ އިންނަން މަޖުބޫރު ނުވާ ކަމަކަށް ނުވާނެ، މައިހާއަށް އަހަންނާ ވަކިވާން ނުޖެހޭ ކަމަކަށް ނުވާނެ. ނަދާއަށް ހީވަނީތަ ނަދާ އެކަންޏޭ ދެރަ ވަނީ، ރޯނީ؟ މައިހާ ދެރައެއް ނުވާނެތަ؟ ނުރޯނެތަ؟” އަޔާޒްގެ ހިތަކީ ހިލަގަނޑެއް ކަހަލައެވެ. ނަދާގެ ރުއިމަކުން އަޔާޒްއަށް އެއްވެސް އަސަރެއް ނުކުރާ ފަދައެވެ. އަޔާޒްއަށް ވިސްނެނީ ހަމަ އެކަނި މައިހާއާ މެދުގައެވެ.
“އަހަރެން ނުބުނަންތަ އަޔާޒް ކައިރީ އަހަރެން ވަރިކުރިޔަސް ހެވޭ؟ މިހެން އުޅެން އަހަންނަކަށް ފަސޭހައެއް ނޫން… މިހެން އުޅުމަށް ވުރެ މާ ރަނގަޅެއްނު އަޔާ އަހަރެން ވަރި ކުރިއްޔާ؟” ނަދާއަށްވެސް އަޔާޒް ދެކެ ރުޅި އާދެވުނެވެ.
“ނަދާއަށް އެނގޭނެ ބޭބެ ދެރަވާ ވަރުގެ ކަމެއް އަހަރެން ނުކުރާނެ ކަން. ދެން ކީއްވެތަ ކޮންމެ ދެ ބަހަކަށް ފަހު ވަރިއޭ ވަރިއޭ ތި ކިޔަނީ؟” އަޔާޒް ހައްތަހާ ރުޅީ ގަދަވިއެވެ.
“ދެން އަހަރެން ކީއްތަ ކުރަންވީ؟ ކިހިނެއްތަ ހަދަން ވީ؟ އަހަރެން ހިއެއް ނުކުރަން އަޔާއާ އިނދެގެން އުޅެން ޖެހޭނީ މިހެން ކަމަކަށް… އަހަރެން ހީކުރީ…” ނަދާއަށް އިތުރަކަށް ނުބުނެވުނެވެ.
“ނަދާ ހީކުރީ އަހަރުމެން އުޅޭނީ ވަރަށް ލޯބިން ކަމަށްތަ؟” އަޔާޒް ނަދާއަށް މަލާމާތް ކޮށްލިއެވެ.
“އަހަރެން ނުބުނަން އަހަރުމެން ލޯބިން އުޅޭނެއެކޭ… އަޔާ އަހަންނާ ވާހަކަ ދައްކަނީކީ ނޫން، އެއްޗެއް ބުނިއްޔާ ބުނަނީ އެހާ ރުޅި އައިސްގެން، އަހަރެން ބުނާ އެއްވެސް އެއްޗެއް އަޔާ އަޑު އަހަނީއެއް ނޫން… އަހަރުމެން ނޫނަސް ލޯބި ނުވެ އިނދެގެން އުޅޭ އެހެން މީހުންވެސް… އެކަމަކު އެ އެންމެން އުޅެނީ މިހެންނެއް ނޫން… އެކީގަ އުޅެވޭނީ ދެ މީހުންވެސް މަސައްކަތް ކޮށްގެން… އެކަމަކު އަޔާ ބޭނުމެއް ނުވޭ މަސައްކަތް ކުރަންވެސް… އަޔާ ބޭނުން ވަނީ އަޔާ މައިހާއާ ވަކިވާން ޖެހުނީ އަހަރެންގެ ސަބަބުންނޭ ބުނެ އަބަދު އެކަން އަހަންނަށް ހަނދާން ކޮށްދޭން… އަހަރެން ބޭނުމެއް ނޫން މިހެން އުޅޭކަށް… މިއަށް ވުރެ ރަނގަޅު ވާނެ—” ނަދާ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ރުޅި ގަދަވަމުން ދިޔަ އަޔާޒް ކުއްލިއަކަށް ނަދާގެ އަތުގައި ހިފާ ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ކޮޓަރިއަށް ވައްދާ އެނދާ ދިމާއަށް ނަދާ ކޮއްޕާލިއެވެ.
“އަޔާ…!” އެނދުމައްޗަށް ވެއްޓުމުން ވީ ތަދުން ނަދާއަށް އަޔާޒްގެ ނަމުން ގޮވާލެވުނެވެ. އެނބުރި ބަލާލި އިރު އަޔާޒް ލައިގެން ހުރި ޓީޝާޓް ބާލަނީއެވެ. ނަދާއަށް އެއްޗެއް ނުބުނެވެނީސް އަޔާޒް ފައިން ޖަހާ ކޮޓަރީގެ ދޮރު ބާރަކަށް ލެއްޕިއެވެ.
އަޔާޒް ރުޅި އައިސްފައި ހުރި ވަރު އެ ވަގުތު ނަދާއަށް ވިސްނުނެވެ. އެ ވަރަށް އަޔާޒް ރުޅި އައިސްފި ނަމަ ކޮންމެ ކަމެއްވެސް ކޮށްފާނެކަން ނަދާއަށް އެނގެއެވެ. އަދި އެ ވަގުތު އަޔާޒް ހުއްޓުވަން އުނގަދޫ ވާނެކަންވެސް ނަދާއަށް އެނގެއެވެ.
“އަޔާ…” ނަދާ އަނެއްކާވެސް އަޔާޒްގެ ނަމުން ގޮވާލަމުން އެނދުން ތެދުވެ އަޔާޒްއާ ދިމާއަށް ފިޔަވަޅެއް އަޅާލީ އެ ރުޅިގަނޑު މަޑު ކުރުމަށް މަސައްކަތް ކުރުމަށެވެ.
ނަމަވެސް ނަދާއަށް އިތުރު އެއްޗެއް ނުބުނެވެނީސް އަޔާޒް އެއް އަތުން ނަދާ ލައިގެން ހުރި ކުރުތާގެ ކަރުގައި ހިފާ ދަމައިގަތެވެ. ގޮށްފައްޗާ އެކީ ކުރިމަތިން ވީދައިގެން ދިޔުމާއެކު ނަދާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ބިރުންނެވެ.
“އަޔާ… ރުޅި މަޑު ކޮށްބަލަ” ރޮވިފައި ނަދާއަށް ބުނެވުނެވެ.
ނަމަވެސް އަޔާޒްއަށް އެ އަޑު ނުވެސް އިވޭ ފަދައެވެ. ލައިގެން ހުރި ޖީންސްގެ ގޮށްތައް ނައްޓާފައި ޖީންސް ބާލާ ދުރަށް އެއްލާލިއެވެ.
“އަޔާ… ޕްލީޒް…” ދެ އަތުން ކުރުތާގެ ދެ ފަރާތުގައި ހިފަހައްޓައިގެން ހުރެ ނަދާ އަޔާޒްއާ ދުރަށް، ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައެވެ.
“ކީއްވެތަ މިހާރު ދުރަށް ތި ދަނީ؟ މިއުޅެނީ ނަދާ ބޭނުން ވާ ކަހަލަ ކައިވެންޏަކަށް މި ކައިވެނި ހަދަން، ނަދާ ބޭނުން ވާ ކަހަލަ ފިރިއަކަށް ވާން މިއުޅެނީ… މިއެއް ނޫންތަ ނަދާ ބޭނުން ވެގެން ތި އުޅޭ ކަމަކީ؟” އަޔާޒް ހީވަނީ އެހެން މީހެއް ހެންނެވެ. އަޔާޒް ދެއްކި ވާހަކައިން ނަދާ ހައްތަހާ ބޮޑަށް ބިރުގަތެވެ.
“އަޔާ… ޕްލީޒް…” އަޔާޒް ނަދާގެ އަތުގައި ހިފާ އަނެއްކާވެސް އެނދުމައްޗަށް ވައްޓާލުމުން ނަދާ ބާރަށް ރޮއެގަތެވެ.
“ޝްޝްޝް…” އަޔާޒް ނަދާގެ ތުންފަތުގައި އިނގިލި ޖައްސާ ބާރުކޮށްލިއެވެ.
ނަދާ ލޯމަރާ ބާރުކޮށްލަމުން އަޔާޒްއާ ދުރަށް މޫނު އަނބުރާލިއެވެ. އެ ވަގުތު ނަދާގެ ކުރުތާ އެކީ އަޔާޒް ނަދާގެ ގަޔާ ވަކިކޮށްލިއެވެ.
“އަޔާ… ނޫން… ނޫން… ޕްލީޒް… ޕްލީޒް…” ނަދާ ލޯމަރައިގެން އޮވެ އާދޭސް ކުރަމުން ދިޔަ އިރު އެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔައެވެ.
ހާމަ ވެފައިވާ ނަދާގެ ހަށިގަނޑަށް ބަލަން އަޔާޒްއަށް އޮވެވުނެވެ. ހިއްސުތަކަށް ރުޅީގެ ބަދަލުގައި އެހެން އިހުސާސްތަކެއް ވެރިވެގަންނާކަށް ގިނަ އިރެއް ނުނަގައެވެ. އެއްއަތުން ނަދާގެ ދެއަތްތިލަ ހިފަހައްޓާލައިގެން އަނެއް އަތުގެ އިނގިލިތައް ނަދާގެ ކަރުން ފެށިގެން މޭމަތިން ތިރިއަށް ގެންގޮސް ނަދާ ލައިގެން ހުރި ހަރުވާޅުގެ ރަބަރާ ހަމައަށް ގޮސް ހުއްޓާލެވުނެވެ. ނޭވާ އަވަސް ވެގެން ދިޔުމާ އެކު އަޔާޒްއަށް އެ ހަރަކާތް ތަކުރާރު ކޮށްލެވުނެވެ. އިރުކޮޅަކު އެހެން އޮވެފައި ހަރުވާޅުގެ ރަބަރުގައި ހިފާ ތިރިއަށް ދަމާލިއެވެ.
“އަޔާ… ދޫކޮށްލަބަލަ… ޕްލީޒް… ޕްލީޒް…” އަޔާޒްގެ ފައިގެ ދަށުގައި ހައްޔަރު ވެފައި އޮތް ދެފައި ތަޅުވައިގަންނަން މަސައްކަތް ކުރަމުން ނަދާ އެހެން ބުނަމުން ބާރަށް ރޮއެގަތެވެ.
ސިހިފައި ކަހަލަ ގޮތަކަށް އަޔާޒް ނަދާގެ މޫނަށް ބަލާލިއެވެ. ރޮއެރޮއެ އޮތް ނަދާ ފެނުމާއެކު އަޔާޒްއަށް ހަމަ ވިސްނުން އަނބުރާ ލިބުނެވެ. ފުންމައިގެން ތެދުވެ ނަދާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ކުރެވުނު ކަންތައް ގަބޫލު ނުކުރެވިފައި ހުރިހެންނެވެ.
ނަދާ އެނދުގެ ބިއްދޮށައް ޖެހިލަމުން ދެފައި ކުރުކޮށްލާފައި ގެނެސް މޭގައި ޖައްސާލައިގެން އިސްޖަހައިގެން އިނދެ ރޮމުން ދިޔައެވެ.
“މިހާރު ހިތް ހަމަ ޖެހިއްޖެތަ؟ އެންމެން ކައިރީ އަހަރެންނޭ ކިޔައިގެން ދައްކާނެ ވާހަކައެއް ލިބިއްޖެއެއްނު؟” އަޔާޒް އެ ވަގުތުވެސް ރުޅި އައީ ނަދާ ދެކެއެވެ. އެފަދަ ކަމެއް ކުރާ ހިސާބަށް ނަދާ އަޔާޒް ރުޅިއެރުވީތީއެވެ.
ބިރުން ގޮސް ތުރުތުރު ލަމުން ދިޔަ ނަދާ އެނދުން ތެދުވެގެން ގޮސް ފާހާނާއަށް ވަދެ ދޮރު ލައްޕާ ތަޅުލާފައި ދޮރުގައި ބުރަކަށި ޖައްސައިގެން ހުރެ އަނގަމަތީ އަތް އަޅާ ބާރުކޮށްލިއެވެ.
މޫނާ އިސްތަށިގަނޑާއެކު ކަނދުރާގައި ދެއަތް ހާކާލަމުން އަޔާޒް އެނދުގައި އިށީނެވެ. މުށްކަވާލި އަތުން ދެ ތިން ފަހަރަށް ނިތްކުރިމަތީ ޖަހާލެވުނީ އަމިއްލަ ނަފްސަށް އައި ރުޅިންނެވެ.
ދެންމެ އެ ވީ، އެއްގޮތަކަށްވެސް ވެގެން ވާނެ ގޮތެއް ނޫނެވެ. ކިތަންމެ ރުޅި ގަދަވި ނަމަވެސް އެފަދަ ކަމެއް އަޔާޒް ކޮށްގެން ނުވާނެއެވެ. އެ ކަހަލަ އަނިޔާއެއް ނަދާއަށް ދޭން އުޅެގެން ނުވާނެއެވެ. ވަގުތު އޮއްވާ ހަމަ ވިސްނުން ވިސްނުނީތީ އަޔާޒް ޝުކުރު ކުރިއެވެ.
އަޔާޒް ލޯ މަރާލުމާއެކު ސިފަވީ ނަދާ އޮތް ގޮތެވެ. ބިރުން ރޮވެމުން ދިޔަ އެ މޫނު ސިފަވުމާއެކު އަޔާޒްގެ މެއަށް ބާރުވެގެން ދިޔަފަދަ އިހުސާސެއް ކުރެވުނެވެ. ހަމަ އެއާއެކު އެ ވަގުތު އަޔާޒްއަށް ވީ ގޮތް ހަނދާން ވުމުން މުޅި ހަށިގަނޑަށް އަސަރުކޮށްލިއެވެ.
ކުއްލިއަކަށް އިން ތަނުން ތެދުވެ އަޔާޒް އުކާލާފައި ހުރި އެއްޗެހި ލާން ފެށިއެވެ. ކޮޓަރިން ނިކުމެގެން ގޮސް ބަދިގެއަށް ވަދެ ސިންކު ކައިރިއަށް ހުއްޓި އިސްކުރު ދޫކޮށްލައިގެން ދެއަތަށް ފެން އަޅާފައި ދެތިން ފަހަރަށް މޫނު ދޮވެލިއެވެ. ޓިޝޫއަކުން މޫނު ހިއްކާލައިގެން މަޑުކޮށްލުމެއް ނެތި ގެއިން ނިކުމެގެން ދިޔައެވެ.
މާގަނޑު ދަށުގައި ހުރެ ގަޔަށް ފެން އަޅާއަޅާ ފިނިވާން ފެށުމުން ނަދާ މާގަނޑު ބަންދު ކޮށްލިއެވެ. ފާހާނައިގެ ދޮރުގެ ތަޅުގައި ހިފާލި ނަމަވެސް ނަދާ ނުނިކުމެ މަޑު ކޮށްލިއެވެ. ކޮޓަރި ތެރެއިން އެއްވެސް އަޑެއް ނީވޭކަން ޔަގީން ވުމުން ނަދާ ނިކުމެ އަވަހަށް ގޮސް ދޮރު ތަޅުލިއެވެ.
ނިދަން ތައްޔާރު ވެގެން އެނދުގައި އޮށޯތުމުގެ ކުރިން ނަދާ ކޮޓަރީގެ ދޮރުގެ ތަޅު ހުޅުވާލިއެވެ. އެނދުގައި އޮށޯވެ ލޯ މަރާލި ނަމަވެސް ނުނިދުނެވެ. ތަކުރާރު ވަމުން ދިޔަ ފިލްމެއްގެ މަންޒަރެއް ހެން ނަދާގެ ސިކުނޑީގައި ދައުރު ވަމުން ދިޔައީ އެރޭ ހިނގާ ދިޔަ ކަންތަކެވެ. ދެރަވެގެން އަނެއްކާވެސް ނަދާއަށް ރޮވުނެވެ. މޫނުގައި ބާލީސް ޖައްސާ ފިއްތާލަމުން ރުއިން ހުއްޓާލެވޭތޯ ނަދާ މަސައްކަތް ކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ.
އެރޭ ރުޅި އައި ވަރަށް އަޔާޒް ރުޅި އައިސްފައި ހުއްޓާ ނަދާ ދުވަހަކުވެސް ނުދެކެއެވެ. އެ ވަގުތު އެހާ ރުޅި އައި ނަމަވެސް ފަހުން އެ ރުޅިގަނޑު މަޑުވީތީ ނަދާއަށް ހެއްދެވި ފަރާތަށް ޝުކުރު ކުރެވުނެވެ.
އަޔާޒް އެހާ ވަރަށް ރުޅި އަންނަ ވަރުގެ އެއްޗެއް ނަދާއަށް ބުނެވުނު ހެއްޔެވެ؟ އަޔާޒްގެ ފަރާތުން އެފަދަ ކަމެއް ނަދާ ބޭނުމެއް ނޫނެވެ. ނަދާ ބޭނުން ވީ ހިތް ހެޔޮ ކަމާއެކު އަޔާޒް ނަދާއާ ވާހަކަ ދެއްކުމެވެ. އަޔާޒްގެ ހިތުގައި ނަދާއަށް އޮތް ނަފްރަތު ފިލުވާލުމެވެ. އަނތްބެއްގެ ގޮތުގައި ނަދާ ބަލައިގަނެ، ނަދާއާ އަޔާޒްގެ މެދުގައި، ދެމަފިރިއެއްގެ މެދުގައި ވާ ހުރިހާ ގުޅުމެއް ބާއްވާކަށް ނަދާ އަޔާޒްގެ ފަރާތަކުން ނޭދެއެވެ. ވީ އިރު، ނަދާ ބުނި އެއްޗަކުން އަޔާޒް އެ ފަދަ މާނައެއް ނެގީ ކީއްވެ ހެއްޔެވެ؟ މިއަދު އަޔާޒް ނަދާ ދެކެނީ އެހާ ދަށު ދަރަޖައިގެ ކުއްޖެއް ގޮތުގައި ހެއްޔެވެ؟
މަންމަ ބުނެގެން ނަދާއަށް އެ ކައިވެންޏަށް އެއްބަސް ނުވެވުނު ނަމައެވެ. އާތިފް ބުނުމުންވެސް ނަދާއަށް ދެކޮޅު ހެދުނު ނަމައެވެ. އެހެން ނަމަ މިއަދު މިއުޅޭހެން އުޅެން ނަދާއަށް ނުޖެހުނީހެވެ.
އަޔާޒް ކޮބާބާއޭ ނަދާގެ ހިތަށް އެރިއެވެ. ސިޓިންގރޫމުން ޓީވީގެ އަޑެއް ނީވެއެވެ. އަޔާޒް ނިދީ ހެއްޔެވެ؟ ނޫނީ އައިސްފައި ހުރި ރުޅީގައި ބޭރަށް ދިޔައީ ހެއްޔެވެ؟
އެރޭ އަޔާޒްގެ ފަރާތުން އެ ފެނުނު ކަންތަކަށް ފަހުވެސް އަޔާޒް ދެކެ ނަދާ ބިރެއް ނުގަނެއެވެ. އެ ވަގުތު ބިރު ގަތީ، އައިސްފައި ހުރި ރުޅީގައި އަޔާޒް ކުރަން އުޅުނު ކަމަކުންނެވެ. އެހެން ނޫން ނަމަ އެއީ އަޔާޒް ކޮށްފާނެ ކަހަލަ ކަމެއް ނޫން ކަން ނަދާއަށް ޔަގީން ވެއެވެ.
އަޔާޒް މަޖީދީ މަގުން ހުރިގޮތަށް ގޮސް ރަސްފަންނާ ކައިރި ހިސާބެއްގައި މަޑުކޮށްލާފައި، ސައިކަލު ބަހައްޓާފައި ހިނގާލާފައި ރަސްފަންނުގައި ހުރި ޖޯލިތަކުން ޖޯއްޔެއްގައި އިށީނދެ، އެރޭ ވެދިޔަ ކަންތަކާ މެދު ވިސްނާލިއެވެ. އެހާ ދަށް ފެންވަރުގެ އަމަލެއް ހިންގުމަކީ ދުވަހަކުވެސް އަޔާޒް ހިތަށްވެސް އަރުވާފައިވާ ކަމެއް ނޫނެވެ. އަޔާޒްގެ ކިބައިގައި އެފަދަ ސިފައެއް ހުރެދާނެ ކަމަކަށް ދުވަހަކުވެސް ހީވެސް ކުރެވިފައެއް ނުވެއެވެ. ހުރިހާވެސް ކަމަކީ ނަދާއެވެ. ކުށްވެރިއަކީ ނަދާއެވެ. އެހާ ވަރަށް އަޔާޒް ރުޅި އެރުވީ ނަދާއެވެ.
އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަމިއްލަ ނަފްސު ދެކެ އަޔާޒް ރުޅި އައީ، އެ ވަގުތު ނަދާ އޮތް ގޮތް ފެނުމުން އަމިއްލަ ހަށިގަނޑު އިޖާބަ ދިން ގޮތުންނެވެ. ނަދާއަށް އަޔާޒްގެ ހަށިގަނޑު އެދުނު ވަރުންނެވެ. ހިތް ގޮވާލީ ހުރިހާ ކަމެއް ހަނދާން ނައްތާލާފައި އެ އެދުމަށް ބޯ ލެނބުމަށެވެ. އަޔާޒްގެ މުޅި ނަފްސު އެކީ ނަދާއަށް އެ ވަގުތު ގޮވާލީ އެހެން ހުރިހާ ކަމެއް އަޔާޒްގެ ސިކުނޑިން ފޮހެވިގެން ދާ ވަރަށެވެ. ހިތުގައި ވީ އެދުން ފުރިހަމަ ކުރުމަށް އަޔާޒްގެ ހަށިގަނޑު ތައްޔާރު ވެލީ ހީވެސް ކުރެވިފައި ނުވާ ފަދަ ގޮތަކަށެވެ. އަޔާޒްއާ މައިހާ އެކުގައި އެކަހެރިކޮށް ހޭދަ ކުރި އެއްވެސް ވަގުތެއްގައި އަޔާޒްގެ ހިތް މައިހާއަށްވެސް އެ ވަރަށް އެދިފައެއް ނުވެއެވެ.
އެ ވަގުތު ނަދާ ބާރަށް ރޮއެނުގަތް ނަމަ އަޔާޒްއަށް އަމިއްލަ ނަފްސެއް ނުހުއްޓުވުނީހެވެ. ހިތާ ހަށިގަނޑުގެ އެދުމަށް ތަބާ ވެވުނީހެވެ. ފަހުން ވެދާނެ ގޮތަކާ މެދު އެ ވަގުތު އަޔާޒްއަކަށް ނުވިސްނެއެވެ.
ޚިޔާލު ގިނަވެފައިވާ ސިކުނޑިއަށް ލުޔެއް ނުލިބުމުން، ފައިވާން ބާލާފައި ފޯނާ ތަޅުދަނޑި ދޮންވެލިގަނޑު މަތީ ބައްވާފައި މޫދަށް އެރުނެވެ. އެންމެ ފުން ހިސާބުގައި ފަސްވަރަކަށް ބުރު ދެކޮޅަށް ފަތާފައި އައިސް ވެލިގަނޑުމަތީ އިށީނެވެ. ދެންވެސް ވިސްނެނީ އެ ކަމާއެވެ. ނަދާ ދެކެ ހިތުގައި ކިތަންމެ ރުޅިވެރިކަމެއް ވީ ނަމަވެސް، ކުރެވުނު ކަންތަކާ މެދު އަޔާޒް ދެރަވެއެވެ. އެއްވެސް އަންހެން ކުއްޖަކަށް އެފަދަ އަނިޔާއެއް ކުރިމަތި ވެގެން ނުވާނެއެވެ.
އަޔާޒް ލޯ މަރާލުމާއެކު ސިފަވީ ނަދާއެވެ. ހަމަ އެއާއެކު ކުރިއެކޭ އެއް ގޮތަށް އަޔާޒްގެ ނާރުތަކަށް ދާންދެން ވާންވެލިއެވެ. އަނެއްކާވެސް އަޔާޒްއަށް ނަދާ ދެކެ ރުޅި އާދެވުނެވެ. އަޔާޒްގެ ހަށިގަނޑަށް ނަދާ ބާރު ފޯރުވަނީ ކިހިނެއްބާއޭ ހިތާ ސުވާލު ކޮށްލެވުނެވެ. ދެ އަތުން އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލަމުން އަޔާޒް ތަކުރާރުކޮށް މައިހާގެ ނަން ކިޔާލިއެވެ. ހިތުން ނަދާގެ އެ ސޫރަ ފޮހެވޭތޯއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ.
އަޔާޒް ފޯން ނަގާ މައިހާގެ ނަމްބަރަށް ގުޅާލިއެވެ. ފުރަތަމަ ރިންގާ އެކު މައިހާ ފޯން ނެގިއެވެ. ނަމަވެސް އެއްޗެއް ނުބުނެއެވެ.
“މައި…” އަޔާޒް ގޮވާލިއެވެ.
“އަޔާ…” އަޔާޒް ގޮވާލި ހެން، މަޑުމަޑުން މައިހާވެސް ގޮވާލިއެވެ.
އިރުކޮޅަކު އެކަކުވެސް ވާހަކަ ނުދައްކާ ތިއްބެވެ.
“ފައި ކިހިނެއް މިހާރު؟” އަޔާޒް އެހިއެވެ.
“ރަނގަޅު މިހާރު… އެހެން އަހަންތަ ތި ގުޅީ؟” މައިހާ ސުވާލު ކޮށްލިއެވެ.
“އައި މިސް ޔޫ…” ސިއްރުން ކަހަލަ ގޮތަކަށް އަޔާޒް ބުނެލިއެވެ.
“ތި ކަހަލަ ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ އަޔާ” ފޯން ހިފައިގެން އެނދުގައި އޮށޯވެގެން އޮވެފައި މައިހާ ތެދުވިއެވެ.
“ކަންތައް ވީވެސް ރަނގަޅަކަށް ނޫނެއްނު؟ އަހަރެން ކަންތައް ކުރީ ރަނގަޅަކަށް ނޫނެއްނު؟ ބޭބެ ކައިރީ ބުނެވުނު ނަމަ…” އަޔާޒްއަށް ޝަކުވާ ކުރެވުނެވެ.
“ބޭބެ ކައިރީ ބުނެގެން ވަކި ކޮން ކަމެއް ވާނީ؟ ބޭބެގެ މައްސަލައެއް ނޫނެއްނު އަހަރެންގެ ބައްޕަ ގަބޫލު ނުވުމަކީ؟” މައިހާ ބުންޏެވެ.
“އެކަމަކުވެސް…” ކުރެވުނު ކަންތަކާ އަޔާޒް ދެރަވިއެވެ.
“އަހަންނާ އަޔާއަށް ގުޅެވެން ނެތް އިރު ދެން އެންމެ ރަނގަޅު ގޮތަށް އަޔާ ކަންތައް ކުރީ… އަހަރެންގެ ބައްޕަ ގަބޫލު ވާނެ ކަމަށް ކިހާ ދުވަހަކު އަޔާ މަޑު ކުރާނީ؟ އަޔާއަށް ތި ފެށުނު ލައިފްއާއިގެން އަޔާ ކުރިއަށް ދޭ” މައިހާ އަޔާޒްއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
“އަހަރެން ބޭނުން މީޓް ކޮށްލަން” އަޔާޒް އެދުނެވެ.
“ކީއްކުރަން؟” މައިހާ އަޔާޒްއާ ބައްދަލު ކުރަން ބޭނުން ނުވާ ކަހަލައެވެ.
“ޕްލީޒް މައި، މި ދަނީ ތި ގޭ ކައިރިއަށް” އަޔާޒް ބޭނުން ވީ ކޮންމެ ގޮތެއް ހަދާފައިވެސް އެރޭ މައިހާއާ ބައްދަލު ކުރާށެވެ.
“ނޫން އަޔާ” މައިހާ ދެކޮޅު ހެދިއެވެ.
“ޕްލީޒް… ނޫނެކޭ ބުންޏަސް މި ދަނީ” އަޔާޒް އިން ތަނުން ތެދުވިއެވެ.
“އަޔާ… ގެޔަކު ނޫން މިހިރީ” މައިހާ ބުންޏެވެ.
“ޑިޔުޓީގަތަ؟” އަޔާޒް އަހާލިއެވެ.
“ނޫން…” ލަސްލަހުން މައިހާ ބުންޏެވެ.
“ދެން…؟” އަޔާޒްއަކަށް ނުވިސްނުނެވެ.
“އަޔާ… ކުރީރޭ އަޔާއާ އެކީ ގެޔަށް ދިޔަ ތަން ފެނިގެން ދައްތައާ ބައްޕަ ހިތް ހަމަ ނުޖެހިގެން ވާހަކަ ދެއްކީމަ، އަހަރެން ރުޅިއައިސްގެން ގެއިން ނިކުތީ” ނުބުނަން ހުރެފައި ކަހަލަ ގޮތަކަށް މައިހާ އެންމެ ފަހުން ބުންޏެވެ.
“ކޮންތާކު ދެން ތި ހުރީ؟” އަޔާޒް އެހިއެވެ.
“ރޫމެއްގަ” މައިހާ ބުންޏެވެ.
“ރޫމެއްގައޭ؟ އަހަރެން މި ދަނީ މައިހާ ބަލާ، ޕެކް ކުރޭ. މައި ގެއަށް ދާން ބޭނުން ނުވަންޏާ އަހަންނާ އެކީ ހިނގާ” މައިހާ އެކަނި އެ ގޮތަށް ހުންނާކަށް އަޔާޒްއަކަށް ނުރުހެވުނެވެ.
“ނޫން އަޔާ…” މައިހާ ދެކޮޅު ހެދިއެވެ.
“އަހަރެން މި ބުނީނު؟ މި ދަނީ މައި ބަލާ، ތި ތަނުގެ ނަން ބުނޭ” އަޔާޒް ގޮތް ދޫނުކުރާ ގޮތަކަށް ބުންޏެވެ.
އަޔާޒްގެ ކައިރިން ކުރި ނުލިބޭނެހެން ހީވެގެން މައިހާ އެ ތަނުގެ ނަން ބުންޏެވެ. ދިހަ މިނަޓް ތެރޭ އަޔާޒް އައިސް މައިހާ ހުރި ކޮޓަރިއަށް ވަނެވެ.
“ހިނގާ” އަޔާޒް ބުންޏެވެ.
“ނޫން އަޔާ، މިތަން އޯކޭ އޭ” މައިހާ އަނެއްކާވެސް ދެކޮޅު ހެދިއެވެ.
“މި ތަން އޯކޭއެއް ނޫން މައި އެކަނި ހުންނާކަށް. ހިނގާ، އަހަރެން މައި ގެޔަށް ގެންގޮސް ދޭނަން” އެ ކަހަލަ ތަނެއްގައި މައިހާ އެކަނި ހުންނާކަށް އަޔާޒް ބޭނުމެއް ނޫނެވެ.
“ބޭނުމެއް ނޫން ގެޔަށް ދާކަށް” ކުޑަ ކުއްޖަކު ބޮޑާ ހާކާ ހެން މައިހާ ބޮޑާ ހާކާލިއެވެ.
“އޯކޭ، ގެޔަށް ނުދަންޏާ ހިނގާ އަހަންނާ އެކީ، ކޮންމެ ގޮތެއް ވިޔަސް މައިއަކަށް މިތާކު ނުހުރެވޭނެ” އަޔާޒް ކުރެއް ނުކުރިއެވެ.
މައިހާ ވިސްނާލިއެވެ. ދުވަސްކޮޅަކަށް ނަމަވެސް އަޔާޒްއާ ކައިރީގައި އުޅެލަން ލިބުނު ފުރުސަތުގެ ބޭނުން ކުރަން ނިންމީ ކުއްލިއަކަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
37 Comments!
Comments are closed.








Hi all, mi bai thankolheh dhigu kollaafa myny, hykuran kamudhaane kamah… Kiyaalaafa comment kolahchey ingey, part 14 Insha Allah buraasfathi dhuvahu genesdheynan.
Nice…
Kon dhuvahakun next part kiyaalan libeynee… daily koh mi story nugeneveynetha…
Thnq Naxy, Thursday ga, alhe sorry dear, but can’t.
Dhn ayaa haadha visnun kottey aneikkaa mai gendhah nadhaa ah hus dhera
Aan, ekamu dhen vaa gotheh ves balaa lama dho, thnq
Pleas hafthaa aku 3 dhuvahu vaahaka genes dheebala…
Vaahaka varah reethi???
Thnq Maiha, visnaanan thikamaa ingey dear
Ayaaz v gosss.. nadha kuri mathee maiha aai ekuga ulhenn.. so sad
Thnq Nunnu, ayaa kuri v goas kameh dho Maiha genaun eii
Mibaivesv…salhi waitting for nex part ??
Thnq ♥️♥️
Woww ??? varah reethi mi prat ves
Thnq Meekkomee
Woww! Nice mi part ves… Next part thankolheh avas kohllathi. Kiyaahithun hama?❤️❤️❤️??
Thnq Mary, Thursday laheh noonehnu dear ?
V reethi. Avaha 14 vana part up kolajey
Thnq Xa, kollaanan ingey Thursday ga
Please Marsha thi ayaa ah nadhaa dheke loabi vevigen e loabi hoadhan v massakai kuruvaathi. Gina vaahaka thakuga ulhey anhen characters hama firihen kujjaa maafah edhilaa irah hunaanee ok vefa ehen nahadhuvachey. Vaahaka vvvv reethi . Dhen alhe nadhaa kihaa dheravaane eyna kurimatheega edhemeehun ulhey iru ☹️Waiting for the next part ?
Hmm, ehaa faseyha in ayaa ah nadha ge loabi libigen nuvaane dho! Thnq for reading Ninaa
Haftha aku 3 dhuvahu vaahaka genesdheeba plx.
Will try, vaahaka ehkoh type koh ninmaafa inge, thnq Aish
Haftha aku 3 dhuvahu vaahaka genesdheeba
Thnq Shifa, story ehkoh typing nimunyma try kuraanan inge
Marsha plx 3 days ga up kohdhybaa kurukoh viyas ok ey…. V v reethi vaahaka…v nulib y reethi vaahaka eh kiyaalan aslu…hithah araa hus reethi vaahaka kiyan libeyne Nama ey
Thnq Haifa, will try ingey
The story is very nice keep it up?but please make ayaa fall in love with nadhaa.and maiha and ayaa in front of nadhaa………….
so sad???
Thnq readerrrrr, hmm, ayaa v goas dho, let’s c wat hpns
Maiha can’t control her feelings. I think she’ll take a disadvantage from Ayaa.Keep it up Marsha.
And If you don’t mind where are you from?
Thnq Rai, let’s c wat Maiha does dho, I m from Maldives, hehe,
V v v v salhi mi story keep it up??????
Thnq Ash,
koinraku vaahaka up vaany? waiting waiting
Maadhama mendhuru kurin upload kollaanan ingey,
Waiting waiting
Kobaahey vaahaka??
Uploaded now dear
Kobaa mendhuru fas v ey mihaaru dhen
Vv sorry, laptop athuga nujehigen mi ulheny, trying ingey