އަހަރެން އެނބުރި އަންނާނަން (11 ވަނަ ބައި)
އަހަރެން އެނބުރި އަންނާނަން (10 ވަނަ ބައިގެ ތެރެއިން…)
މީހަކު އައިހެން ހީވެގެން ދެމީހުން އެކުއެކީގައި ކަހަލަ ގޮތަށް ސިހިފައި ބަލައިލިއެވެ. އެ ދެމީހުނަށްވެސް އަހަރެންފެނުނެވެ. ހަމައެވަގުތު އަހަރެންގެ އަތުގައި އޮތް ކޭކު ބިންމައްޗަށް ވެއްޓުނެވެ.
“އިފާ..” ކުއްލިއަަކަށް ޒައިދާންއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.
އަހަރެން އެއަށް އެއްވެސް ޖަވާބެއްނުދީ ވަރަށް ހިތްވަރުކޮށްފައި އެ ތަނުން ނިކުތުމަށް ހިނގައިގަތީމެވެ.
+++++++++++++++++++++++++++++++++++++++++++++++
އަހަރެން އެނބުރި އަންނާނަން (11 ވަނަ ބައި)
އަހަރެންގެ ޙަޔާތް ފުނޑުފުނޑުވީއެވެ. ޒައިދާން އަހަރެންދެކެ ވީ ލޯބި ކޮބާހެއްޔެެވެ؟ ޒައިދާން އަަހަރެންނަށް އެހެން އެހެދީ އަހަރެންގެ ކޮންކުށެއް އޮވެގެން ހެއްޔެވެ. ޒައިދާންގެ ފަރާތުން މިޒާތުގެ ކަމެއް މިހާތަނަށް ފެނިފައެއް ނެތެވެ. އަދި މީހަކު ބުނާތީވެސް އަހަރެން އަޑެއް ނާހަމެވެ. ޒައިދާން މިފަދަ ކަމެއް ކޮށްފާނެކަމަކަށް އަހަރެންނަށް ހުވަފެނުންވެސް ފެނިފައެއް ނުވެއެވެ.
އަހަރެންގެ ރެއާއި ދުވާލު ނިމެނީ ރޯލަރޯލާ އިންދައެވެ. ޒައިދާން އެކަމާއިބެހޭ ގޮތުން އެއްވެސް ވާހަކައެއް އަހަރެންނަކާއި ނުދައްކައެވެ. ވީދެރައިން އެވާހަކަ އިތުރަށް އަހާލާނެހާ ހިތްވަރެއްވެސް އަހަރެންނަކަށް ނުލިބުނެވެ. އެހިއަސް އެއީ ބޭކާރު ކަމެއް ކަމުގައި އަހަރެންނަަށް ޔަޤީންވާތީއެވެ. ސަބަބަކީ މަންޒަރު ފެނުނީ ޚުދު އަހަރެންގެ ދެލޮލަށް ކަމަށް ވާތީއެވެ. ޒައިދާންގެ ޖަވާބެއް އަހަރެން ބޭނުމެެެއްވެސް ނޫނީމައެވެ.
އޭގެ ތިން ދުވަސް ފަހެވެ. އަހަރެން ޒައިދާން އޮފީހަށް ދިޔުމުން އަހަރެން ޒައިދާން އާއި ވާހަކަ ދައްކަން ބޭނުންވާ ވާހަކަ މެސެޖަކުން ބުނީމެވެ. ޒައިދާން މިރޭ ވާހަކަ ދައްކާނެ ކަމުގައި ބުނެ އަހަރެންގެ މެސެޖަށް ރިޕްލައި ކުރިއެވެ.
ޒައިދާން އެރޭ ގެއަށް އައެވެ. އަހަރެން އެނދުމަތީ އިށީދެ އިންދާ އައިސް އަހަރެންގެ ކުރިމައްޗަށް ވާގޮތަށް އިށީނެވެ. ޒައިދާންގެ މޫނަށް ބަލާލާނެހާ ހިތްވަރެއްވެސް އަހަރެންގެ ގަޔަކު ނެތެވެ. އަހަރެން ވާހަކަ ދައްކާތޯ، ޒައިދާން މަޑުކޮށްގެން އިންކަހަލަ އިޙްޞާޞްއެއް އަހަރެންނަށް ކުރެވުނެވެ. ދެމީހުންގެ ދެމެދުގައި ވާ ހަމަހިމޭންކަމުގެ ސަބަބުން ނޭވާގެ އަޑުވެސް އިވޭކަހަަލައެވެ. މިގޮތަށް އިރުކޮޅަކު ތިބުމަށްފަހު އަހަރެން ހިތްވަރު ކޮށްފައި ވާހަކަ ދަންކަން ފެށީމެވެ.
“ޒައިދާން…ކީއްވެ؟…އަހަރެންނަށް..ތިހިންތިހެދީ؟” އަހަރެންނަށް މިހިސާބަށް ބުނެވުނީ ކިރިޔާއެވެ. ލޮލޮން ހޯސްލާފައި ކަރުނަތަށް، ކޯތާފަތްމައްޗަށް ފައިބާގަތެވެ.
ޒައިދާން މަޑުމަޑުން ޒައިދާންގެ އަތް، އަހަރެންގެ އަތްމަތީގައި ބާއްވާލިއެވެެ. އަހަރެން ހަމަ އެވަގުތު އަހަރެންގެ އަތް މަޑުމަޑުން ދަމާލާ އަހަރެންގެ ގަޔާއި ކައިރިކޮށްލީމެވެ. ސަބަބަކީ ޒައިދާންގެ އަތް އަހަރެންގެ އަތްމަތީގައި އޮންނަން އަދި މިދަނޑިވަޅު އަހަރެން އެހާ ބޭނުންނުވާތީއެވެ.
“އިފާ..އަހަރެންނަށް މަޢާފްކުރޭ..! އަހަރެންނަށް އިފާ ކައިރީ ވެގެން އުޅޭގޮތް ބުނަން ނުކެރުނީ.. އަހަރެންނަށް އިނގޭ އިފާ ދެރަވާނެކަން.. އަހަރެން އިފާ ދެކެ ވަރަށް ލޯބިވޭ.. އިފާ އަށް ދެރަގޮތެއް ހަދާކަށް އަހަރެން ނުވިސްނަން..”
ޒައިދާން އަހަރެން ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ. އަދިވެސް އަހަރެންގެ ލޮލޮން ކަރުނަ ފައިބަމުން ދިޔައެވެ. އަހަރެންނަށް ބާރަށް ގިސްލެވެން ފެށިއެވެ. ހިިތްކުދިވާހެންވެސް ހީވެއެވެ. މޭމައްޗަށް ބަރުވެ، މޭމަތީގައި ރިއްސާހެންވެސް ހީވެއެވެ.
ޒައިދާން އަންހެންކުއްޖަކާ ގުޅުން އޮންނަ ވާހަކަ، ޒައިދާންގެ އަނގައިން އަޑުއަހާކަށް އަހަރެންގެ ހިތާއި، ހަށިގަނޑާއި، ޞަމީރު ތައްޔާރެއް ނޫނެވެ.
އަހަރެންގެ ހިތުގައި އެތަށް ބައިވަރު ސުވާލު ހުއްޓެެވެ. އެހެނަސް، ދޫ ޙަރަކާތެއް ކުރުވާކަށް ފަސޭހައެއް ނުވިއެވެ. ގިސްލާރުއިން ނޫންކަމެއް އަހަރެންނަކަށް ނުކުރެވުނެވެ.
އަނެއްކާވެސް ޒައިދާން ވާހަކަ ދައްކަން ފެށިއެވެ.
“އިފާ.. ޕްލީޒް …ތިވަރަށް ނުރޮއެބަލަ… މިކަން މިވީ އިފާ ތިހީކުރާހެނެތް ނޫނޭ..”
“އެއީ.. ޝިފޫ..” ޒައިދާން މިހިން ބުނުމުން އަހަރެންނަށް ސިހުމެއް ލިބުނެވެ. އަހަރެންނަށް ޒައިދާންގެ މޫނަށް ޙައިރާންކަމާއެކު ކުއްލިއަކަށް ބަލާލެވުނެވެ.
ޝިފޫއަކީ ޒައިދާން އެންމެ ފުރަތަމަ ލޯބިވި ކުއްޖާއެވެ. ޒައިދާން އެންމެ ލޯބިވީ ޝިފޫދެކެކަމާއި، ޝިފޫއާއި، ކައިވެނި ނުކުރެވުނީ، ޝިފޫ މަންމަމެން ޝިފޫ އެހެން މީހަކާއި ދެވަން ބޭނުންވާތީ ކަމުގައި، އަހަރެންގާތު ޒައިދާން ވަނީ ބުނެފައެވެ. އަދި ފަހުން ޝިފޫ އޭނާގެ މަންމަމެން ބޭނުންވާ މީހާއާއި ކައިވެނިކުރިކަމަށްވެސް ޒައިދާން އަހަރެން ގާތު ވަނީ ބުނެފައެވެ. ވީއިރު، ޝިފޫ ޒައިދާން އޮފީހުގައި ހުރީ ކީއްވެބާއެވެ. ޝިފޫ ބަނޑުގައި އޮތީ ކާކުގެ ދަރިއެއްބާވައެވެ! މި ޚިޔާލުތަކުން އަހަރެންގެ ހަށިގަނޑުގައި ތުރުތުރެއް އިޙްޞާޞްކުރެވުނެވެ.
“ޝިފޫ ބަނޑުގައި އޮތީ، އަހަރެންގެ ދަރިއެއް ނޫން އިފާ… އެއީ ޝިފޫ އިން މީހާ، ހައިޝަމްގެ ދަރިއެެއް!.. މިހާރު ޝިފޫ ހުންނަނީ ވަރިކޮށްފައި، ފަހުން ހައިޝަމް މަސްތުވާތަކެތި ބޭނުންކުރަންފެށީ.. މިހާރުވީވެސް ޖަލުގައި، ޝިފޫއާއި ދިމާވީ މީގެ ކުޑަދުވަސްކޮޅެއް ކުރިން، މިކޮޅުން!.. ޝިފޫ ފެމިލީއާކު ދުވަސްކޮޅަކަށް މިކޮޅަށް އައިސްއުޅެނިކޮށް.. ޝިފޫ އޮފީހަށް އެދުވަހު އެ ދިޔައީ އަހަރެންގެ ބާތްޑޭވީމައޭ ޝިފޫ ބުނީ..”
އަހަރެން ޒައިދާންގެ ވާހަކަތަން އަޑުއަހަން އިނީމެވެ.
“ޝިފޫ އަތުގައި ހިފީ…؟” އަހަރެން ރޮމުން އަހާލީމެވެ.
“ޝިފޫ އާއި މިފަހުން ވާހަކަ ދަންކަން ކޮންމެސް ވަރަކަށް.. އަހަރެންނާއި އިންނަން ބޭނުމޭ ޝިފޫ ބުނީ، ޝިފޫއަށް އެނގޭނެ އަހަރެން އިފާއާއި އިނދެގެން އުޅޭކަމާ، މިކޮޅުގައި ދިރިއުޅޭކަންވެސް…ދެއަތްބަށް ވިޔަސް އިންނަން ބޭނުމޭ ބުނި، އަދި މަންމަމެންވެސް އޯކޭ ވާނެއޭ ބުނި އަހަރެންނާއި ދެއަތްބަށް އިންނަށްވެސް.. އަހަރެންނަށް ވަރަށް އުނދަގޫވި ޝިފޫ އެދުވަހު އޮފީހަށް އައިސް ރުއީމަ… ޝިފޫ ރޯންފެށީމަ، އަހަރެންވެސް ދެރަވިވަރުން، އަހަރެންނަށް ޝިފޫގެ އަތުގައި ހިފާލެވުނީ… އެއީ އަސްލުވީގޮތަކީ.. ” ޒައިދާން ތަފްޞީލުކޮށް ކިޔާދެވޭތޯ މަސައްކަތް ކުރިއެވެ.
” ޒައިދާން ޝިފޫއާއި އިންނަން ބޭނުންތަ..؟” އަހަރެން މަޑުމަޑުން އަހާލީމެވެ. ޒައިދާންގެ ޖަވާބު ކޮންމެ ގޮތަކަށް އަޔަސް ވެގެން އުޅޭގޮތާއި، ވާން އުޅޭގޮތް ކޮންމެހެން އެނގެން ބޭނުންވާތީއެވެ.
“އަހަރެން އިފާ އާއި ވަކިވާކަށް ބޭނުމެއް ނޫން..” ޒައިދާން ބުންޏެވެ.
“ތިއީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫން” އަހަރެން ބުނީމެވެ.
“އަހަރެންނަކަށް އަސްލު އަދި ހަދާނެ ގޮތެއް މުޅިއަކުން ނުވިސްނޭ..އަހަރެން އިފާ ދެެކެ ވަރަށް ލޯބިވޭ” ޒައިދާން ބުންޏެވެ.
“ޝިފޫދެކެ ޔޯ؟” އަހަރެން ގަސްދުގައި ޒައިދާންއާއި އެ ސުވާލު ކުރިމަތި ކުރުވީމެވެ.
“ޝިފޫ ދެކެ ލޯބިވީ ވާހަކަ ބުނިންދޯ ކުރިންވެސް.. މިހާރު ޝިފޫ އެހާލުގައި ހުރިތަން ދެކެން އެހާ ފަސޭހައެއް ނޫން.. އަނެއްކާ ޝިފޫ އަހަރެންގެ އެހީތެރިކަން ބޭނުންވެގެން، ދެ އަތްބަށް އިންނަން ވެސް ތައްޔާރަށް ހުރިވާހަކަ ބުނާތީ، ވަރަށް އުނދަގޫވެފައި މި ހުންނަނީ އަސްލު” ޒައިދާން އިތުރަށް ވާހަަކަ ދެއްކިއެވެ.
“އަހަރެން ޒައިދާންގެ ދޮށީ އަތްބެއްގެ ގޮތުގައި ނީންނާނަމޭ ބުނެފިއްޔާޔޯ”؟ އަހަރެން މިފަހަރު އެ ސުވާލުކުރީ ޒައިދާންގެ މޫނަށް ސީދާ ބަލަން އިނދެގެނެވެ. އޭރުވެސް އަހަރެންނަށް ކޮންމެވެސް ވަރަަކަށް ރޮވެއެެވެ.
އަހަރެންގެ އެ ސުވާލުން ޒައިދާންގެ މޫނުމަތީ ކުލަ ކޮންމެވެސް ވަރަކަށް ބަދަލުވިކަން އަހަރެންނަށް ފާހަަގަ ވިއެވެ.
“އަހަރެން ބޭނުމެއް ނޫން އިފާ އާއި ވަކިވާކަށް އިފާ…ޕްލީޒް ތިހިން ނުބުނައްޗޭ” ޒައިދާން އާދޭހުގެ ރާގަކަށް ބުންޏެވެ.
“އިފާ އަދި ވިސްނާލާ.. އިފާ ދޫކޮށްލާކަށް އަަހަރެން ދުވަހަކުވެސް ބޭނުމެއް ނޫން.. ހަނދާންކުރާތި މިވާހަކަ! އަހަރެން ޤަބޫލުކުރަން، ޝިފޫއާއި ދިމާވެގެން އޭނާ އާއި ވާހަކަ ދައްކާކަމާއި، މިދިމާވެގެން އުޅޭކަންތައްތައް އިފާ ގާތު ބުނަންޖެހޭނެކަން، އެކަމަކު އަހަރެންނަށް އެ ހިތްވަރު ހަމަ ނުލިބުނީ! އަހަރެންނަށް މަޢާފުކުރޭ އިފާ! ޕްލީޒް!” ޒައިދާން ފެންކަޅިވީތަން އަހަރެންނަށް ފެނުނެވެ. އަހަރެންނަކަށް އިތުރަށް ބަލާކަށް ނީނދެވުނެވެ. އަހަރެންނަށް ޒައިދާންގައިގައި އޮޅުލާގަނެވި، ބާރަށް ރޯންފެށުނެވެ.
ޒައިދާންއާއި އަހަރެން މިހާވަރަށްވެސް ކައިރިވެނުލާތާ ދުވަސްކޮޅެއްވެފައިވާތީ، ޒައިދާން ގައިން ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ޒައިދާން ޝިފޫއާއި އެކަނި މީޓްކޮށް ނޫޅޭނެކަން އަހަރެންނަށް ޔަޤީންވަނީ ކީއްވެކަމެއް ނޭނގެއެވެ. އަހަރެން ޒައިދާން ދެކެ އެހާވަރަށް ލޯބިވާތީ ކަންނޭނގެއޭ އަހަރެންގެ ހިތަށް އެރިއެވެ. ޒައިދާން ކުރި ކަންތަކުން ޒައިދާންދެކެ، ހިތްހަމަނުޖެހެވުނަސް، ޒައިދާން ދެކެ އަހަރެން ވާ ލޯތްބަކަށް ބަދަލެއް އައިހެނެތް ހިޔެއް ނުވެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


Wow… ???? Vr vr rythi maasha Allah.. vr asaru gadha.. when next part???
??Me first dhw..mi bai vec vv rythi ingey
@jiji yes ? thee first Hama ??♥️