އަހަރެން އެނބުރި އަންނާނަން (12 ވަނަ ބައި)
އަހަރެން އެނބުރި އަންނާނަން (11 ވަނަ ބައިގެތެރެއިން..)
ޒައިދާންއާއި އަހަރެން މިހާވަރަށްވެސް ކައިރިވެނުލާތާ ދުވަސްކޮޅެއްވެފައިވާތީ، ޒައިދާން ގައިން ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ޒައިދާން ޝިފޫއާއި އެކަނި މީޓްކޮށް ނޫޅޭނެކަން އަހަރެންނަށް ޔަޤީންވަނީ ކީއްވެކަމެއް ނޭނގެއެވެ. އަހަރެން ޒައިދާން ދެކެ އެހާވަރަށް ލޯބިވާތީ ކަންނޭނގެއޭ އަހަރެންގެ ހިތަށް އެރިއެވެ. ޒައިދާން ކުރި ކަންތަކުން ޒައިދާންދެކެ، ހިތްހަމަނުޖެހެވުނަސް، ޒައިދާން ދެކެ އަހަރެން ވާ ލޯތްބަކަށް ބަދަލެއް އައިހެނެތް ހިޔެއް ނުވެއެވެ.
+++++++++++++++++++++++++++++++++++++++++++++++
އަހަރެން އެނބުރި އަންނާނަން (12 ވަނަ ބައި)
އޭގެ އަނެއްދުވަހެވެ. އަހަރެންގެ ހިމޭން ދުނިޔެ އިތުރަށް ހިމޭންވިއެވެ. މިވީ ކަންތައް ހުވޭއަށްވެސް ކިޔައިދިނީމެވެ. އަދި ތުއްތަގާތުވެސް ބުނީމެވެ. ނަމަވެސް އަދި މަންމައަށް އަދި ނޭންގުމަށް ތުއްތަގާތު އަހަރެން ބުނީމެވެ. ތުއްތަ އެދުނީ އަހަރެން ވިސްނާފައި ގޮތެއް ނިންމުމަށެވެ. އަހަރެންނަށް ޒައިދާން އެހެން މީހަކާއި އިނދެގެން އުޅޭތަން ދެކެން ކެތްނުވާނެކަމުގައި އަހަރެން ތުއްތަ ގާތުބުނީމެެވެ.
ޒައިދާން އާއި އަހަރެންގެ ދޭތެރޭގައިވާ ބީރައްޓެހިކަން އިހުނަށްވުރެ ބޮޑުވެއްޖެއެެވެ. ދެމީހުންގެ ދެމެދުގައިވާ ހަމަހިމޭންކަންވެސް އިތުރުވިއެވެ. ޒައިދާން އެހެން އަންހެނަކާއި ވާހަކަ ދައްކާކަން އެނގޭއިރު އަހަރެން އޭނާގެ ޙަޔާތުގައި ހުރުން ވީ އަހަރެންނަށް ނުހަނު އުނދަގޫ ކަމަކަށެވެ. ޚާއްޞަކޮށް ޝިފޫއާއި ޒައިދާން ވާހަކަ ދެއްކުމާއި ޒައިދާން އޭނާ ދޫކޮށްނުލާނެކަން އަހަރެންނަށް ޒައިދާންގެ ވާހަކަ ތަކުން ޔަޤީންވާތީ އާއި، އަދި ޒައިދާން އަަހަރެން އަތްބެއްގެ ގޮތުގައި ބަހައްޓަން ބޭނުންކަމުގައި ވިޔަސް، އަހަރެންނަކަށް އެގޮތަކަށް ނުރުހެވުނެވެ. އެއީ އަހަރެންނަށް މާ ބޮޑު ވޭނެއް ކަމުގައި އަހަރެންނަށް ވިސްނުނެވެ. އަދި ޒައިދާންއާއި ވަކިވުމަށް އަހަރެން ނިންމާ، ތުއްތަ ކައިރީ ބުނުމުން، ތުއްތަ އަހަރެންނަށް ޓިކެޓް ފޮނުވިއެވެ.
ޖެހިގެން އައިދުވަހު ޒައިދާން އޮފީހަށް ދިޔުމުން އަހަރެންގެ ފޮށްޓަށް އެއްޗެހި އަޅާ ފުރަން ތައްޔާރުވީމެވެ. އަހަރެންގެ މަޤްޞަދަކަށްވީ، ޒައިދާން ގެއަށް އައުމުގެ ކުރިން ފުރަން އެއަރޕޯޓަށް ދިޔުމެވެ. އަހަރެން ދުވަހަކުވެސް އެކަނި ފްލައިޓްގައި ދަތުރު ނުކުރާތީ، އެކަނި ފުރަން ވަރަށް ޖެހިލުންވިއެވެ. ނަމަވެސް ތުއްތަ އަހަރެން ބަލާ އެއަރ ޕޯޓަށް އަންނާނެކަމާއި، ބިރު ނުގަނެ އައުމަށް ބުންޏެވެ. ތުއްތަ ހުރީ ޒައިދާން އަހަރެންނާއި ދޭތެރޭ ކަންތައް ކުރިގޮތުން ޒައިދާންދެކެ ވަރަށް ހިތްހަމަ ނުޖެހިފައެވެ.
އަހަރެން އެއަރޕޯޓަށް ދިޔުމަށްފަހު ޒައިދާންއަށް މެސެޖެއް ކުރީމެވެ.
‘ ޒައިދާންގެ ޙަޔާތުން އަހަރެން ދިޔުމަށް ނިންމައިފީމެވެ. ޒައިދާން އާއި ޝިފޫއަށް ބާއްޖަވެރި މުސްތަޤްބަލަކަށް އެދެމެވެ. އަހަރެން މި ފުރަނީއެވެ. އަނބުރާ ޒައިދާންގެ ޙަޔާތަށް ނާންނަގޮތަށެވެ. އަހަރެމެން ދެމީހުން ވަކިވުމުގެ ކަންތަކުގައި ޒައިދާންގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރަމެވެ. ތޭންކްސް ފޮރ އެވްރިތިންގްެ’
އަހަރެން މެސެޖް ފޮނުވިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޒައިދާން އަހަރެންގެ ފޯނަން ގުޅަންފެށިއެވެ. އަހަރެން އެ ފޯނަކަށް ޖަވާބެއް ނުދެމެވެ. ޒައިދާން ހަތަރު ފަހަރު ގުޅިއެވެ. އަހަރެން ނުނަގާ ހިތްވަރުކުރީމެވެ. ހިތް ފަޅަައިގެން ދާވަރުވެއެވެ. ޒައިދާންގެ އަޑު އެންމެ ފަހު ފަހަރުނަމަވެސް އަހާލަން ކިތަންމެ ހާވެސް ބޭނުންވިއެވެ. އެހެނަސް ޒައިދާންގެ ފޯނު ނަގައިފިނަމަ، ޒައިދާން އާދޭސްކޮށް، ރޮއެ ހަދާ އަޑު އަހަރެންނަށް އިވިދާނެތީއާއި، އެހެން އެކަންވެއްޖެނަމަ، އަހަރެންގެ ޚިޔާލު ބަދަލުވެދާނެތީ އެއްވެސް ފޯނަކަށް ޖަވާބުނުދޭން އަހަރެން ނިންމީއެވެ.
‘އިފާ ޕްލީޒް ފޯނުނަގާބަލަ..ޕްލީޒް އިފާ’ ޒައިދާންގެ މެސެޖެއްލިބުނެވެ.
އަހަރެން އެއަކަށް ޖަވާބެއް ނުދެމެވެ.
އަނެއްކާވެސް ޒައިދާން މެސެޖެއްކުރިއެވެ.
‘އިފާ ޕްލީޒް…ޑޯންޓް ޓޫދިސް ޓުމީ.. އިފާ ޕްލީޒް.. ޑޯންޓް ގޯ.. ޑޯންޓް ކިލް މީ ލައިކް ދިސް.. ޕްލީޒް ޓޯކް ޓުމީ..’
ޒައިދާންގެ އެ މެސެޖުން އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އެހެނަސް ހިތްވަރުކޮށްފައި މެސެޖް ކިޔާލާލުމަށްފަހު ފޯނު ސައިލެންޓަށް ލީމެވެ. އިތުރަށް ފޯނުނުބަލާނަމޭ ހިތާއެވެ.
އަހަރެން މާލެ ދިޔައިރު ތުއްތަ އަހަރެން ބަލާ އެއަރޕޯޓަށް އައިސްހުއްޓެވެ. ތުއްތަ ފެނުމާއިއެކު، ތުއްތަގައިގައި އޮޅުލާގަނެފައި އަހަރެންނަށް ގިސްލާރޮވުނެވެ. އަހަރެންގާތު ހިތްވަރު ކުރުމަށާއި، ނުރޯން ތުއްތަ ބުނުމަށްފަހު، ތުއްތަމެންގެ ގެއަށް އަހަރެން ގެންދިޔައެވެ. ތުއްތަ އުޅެނީ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގައިކަމުން، އެއްކޮޓަރި އަބަދުވެސް ހުހަށް ހުރެއެވެ. އަދި އެ ކޮޓަރިއަށް އަހަރެންގެންދިޔައެވެ. އޭރުވެސް އަހަރެންނަށް ރޮވެއެވެ.
“އިފާ…ނުރޮއެ ހުއްޓާލާ.. އިފާއަށް އެހެން ހެދި މީހަކުދެކެ އިފާ ތިވަރަށް ލޯބިވާކަށް ނުޖެހެޔޭ..އިފާ އޭ އޭނަދެކެ ތި ލޯބިވަނީ .. އޭނަ އިފާ ދެކެ ލޯބިވާނަމަ، އިފާ އަށް އެހެން ހެދީސްތަ؟.. ނުހެދީސް.. އެވަރުގެ ކަމެއްވީ އިރު އިފާއަށް ސިއްރުކުރާނީ ހަމަ އިފާ ދެކެލޯބިނުވާތީ!.. އެންމެ ފަހުން އިފާއަށް ފަޅާ އެރީމައެންނު އެ އެއްބެސްވެސް ވީ.. އެއީ ހަމަ ފިރިހެނުންގެ ވައްތަރު…!
ތުއްތަ ޒައިދާން ދެކެ އިންތިހާއަށް ރުޅިއައިސްފައިވާކަން އަހަރެންނަށް އެނގުނެވެ. އަހަރެންވެސް ހިތްވަރުކޮށްފައި ރުއިން ހުއްޓޭތޯ މަސައްކަތް ކުރީމެވެ. ތުއްތަ ކައިރީ ހުންނަންޖެހުނީމާ، ތުއްތަ ބުނާބަސްވެސް އަހަރެން އަހަންބޭނުންވާތީ އާއިވެސް އެކީގައެވެ.
އަހަރެންވަނީ ނިދިން މަޙްރޫމްވެފައެވެ. ޒައިދާން މަތިން އިންތިހާއަށް ހަނދާންވެއެވެ. ޒައިދާންގެ މެސެޖަކަށް ނުވަތަ ފޯނަކަށް އިންތިޒާރުކުރެވެއެވެ. އޭގެ ދެގަޑިއެއްހާއިރު ފަހުން ޒައިދާންގެ ވައިބަރ މެސެޖެއް އައެވެ.
‘އިފާ ޕްލީޒް..އަހަރެން ދޫކޮށް ތި ދިޔައީ ކީއްވެ..؟ އަހަރެން އިފާ ދޫކޮށްނުލާނެ ވާހަކަ ބުނީމަވެސް އިފާ ދިޔައީ ކީއްވެ؟ އިފާ އަދިވެސް ވިސްނާނެ ކަމަށް ހީކުރަން.. އަހަރެން އިފާ އަށް ވަގުތުކޮޅެެއް ދީފިން…އިފާ އަހަރެންދެކެ ދުވަަހަކުވެސް ލޯބިވީނަމަ ތިހިނެތް ނުހަދާނެ.. ޔޫ ނެވަރ ލަވްޑް މީ!..”
ޒައިދާންގެ އެ މެސެޖަކަށްވެސް އަހަރެން ޖަވާބެއް ނުދެމެވެ. ޒައިދާންގެ މެސެޖްތަކުން އިތުރަށް އަހަރެން ދެރަވުން ނޫން އެހެން ކަމެއް ނުވެއެވެ.
މުޅިރޭ އަހަރެން އޮތީ ހޭލައެވެ. ރުއިމާއި، ގިސްލެވުމުގައެވެ. ޒައިދާންއާއި އަހަރެންނާއި އެއްކޮށް ލޯބިން އުޅުނު ދުވަސްތަކުގެ ހަނދާންތައް އަހަރެން ނިދިން މަޙްރޫމްކުރުވިއެވެ. މިއީ އަހަރެންގެ ޙަޔާތުގައި ދުވަހަކުވެސް އަންނާނޭކަމަށް ހީކުރި ދުވަސްތަކެއް ނޫނެވެ. އަހަރެން ކިހާ ބަދު ނަސީބު ހެއްޔެވެ. އަހަރެންގެ ޙަޔާތުގައި އޮތީ ހުސް ހިތާމައެވެ. މިފަދަ ޚިޔާލުތަކެއްގައި އޮއްވާ އަލި ވިިލިއްޖެއެވެ.
+++++++++++++++++++++++++++++++++++++++++++++++++
އޭގެ އަނެއްދުވަހެވެ.
“އިފާ.. އިފާ… ހޭލައިފިންތަ؟… ސައިބޯން މިގޮވަނީ..؟ ތުއްތަ ދޮރުގައި ޓަކިޖަހާލާފައި ބުންޏެވެ.
“އާން.. ހޭލައިފިން.. ދޮރު ހުޅުވާފައިހުރީ… ވަދޭ…” އަހަރެން އެހެން ބުނުމުން ތުއްތައައިސް އަަހަރެން ގާތު އެނދުގައި އިށީދެއްެޖެއެވެ.
“އިފާ…އިފާގެ މޫނުމަތިން އެއްވެސް ވަރަކަށް ނިދާފައި ހުރިހެނެއް ހިޔެއް ނުވޭ!.. ނުނިދަންދޯ ރޭގަ؟” ތުއްތަ އަހަރެންގެ މޫނަށް ބަލާލާފައި އެހިއެވެ.
“ނުނިދުނު ތުއްތާ.. ހަމަވިސްނެނީ.. ހަމަ ދެރަވަނީ…” އަހަރެން ތެދަށް ބުނީމެވެ.
“އިފާ.. ހިތްވަރު ކުރަންވާނެ.. ތިހިން އަބަދު ދެރަވެގެން އުޅެން ހަދައިގެން އިފާގެ ޙާލު ދެރަވެދާނެ!.. ހިތްވަރު ކުރަންވާނެ! ހިނގާ އެއްޗެއް ކާލަން؟ ރާކިންވެސް އެބައިން އިފާ އަންނަންދެން ސައިނުބޮއެ! ތުއްތަ ބުންޏެވެ.
“ތުއްތާ… އަހަރެން ގަޔަކު ނެތް ތެދުވެ ހިނގާ އުޅޭނެ ހާ ހިތްވަރެއް.. ކާ ހިތެއް ވެސް ނުވޭ…” އަހަރެން މަޑުމަޑުން ބުނީމެވެ.
“ކޮޓަރިއަށް އެއްޗެއް ގެނެސްދޭނަން އެހެންވީ އިރު…އިނގޭ.. ކުޑައެތިކޮޅެއް ވިޔަސް ކެވޭތޯ ބަލަންވާނެ.. އެހެންނޫނީ ވަރުދެރަވެދާނެ! ތުއްތަ މިހެންބުނެފައި ހިނގައްޖެއެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ތުއްތަ އަހަރެންނަށް ސައި ހިފައިގެން އައިސް ފަތްޖަހާ ކުޑަމޭޒެއް ހުޅުވުމަށްފަހު، ސައި ބަހައްޓާފައި، ކެވޭވަރުވެލީމާ ކެއުމަށާއި، ކަމެއް ބޭނުންވެއްޖެއްޔާ ގުޅާލުމަށް ބުނެފައި ރާކިން ޑިއުޓީއަށް ދިޔުމުގެ ކުރިން ސައިދިނުމަށް ހިނގައްޖެއެވެ.
ތުއްތަ ކިހާ ރަނގަޅުހޭ އަހަރެން ހިތަށް އެރިއެެވެ. އަހަރެން ނުކައިފިއްޔާ ތުއްތަ ދެރަވާނެތީ، ވަަރަށް ހިތްވަރުކޮށްފައި ސައިތަށި ބުއީމެވެ. ހަރު އެއްޗެއް ކެވޭގޮތެއް ނުވިއެެވެ.
އަނެއްކާވެސް އަހަރެން އެނދުގައި އޮށޯތީމެވެ. މިގޮތަށް ދެ ދުވަސްފާއިތު ވީ ފަހުން، ޒައިދާންގެ މަންމަގެ ކޯލެއް އަހަރެންނަށް އައެެވެ.
އެ ފޯނު ނަގާނެހާ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. އަހަރެން ފޯނު ނުނެގުމުން ޒައިދާން މަންމަ މެސެޖެއް ކުރިއެވެ. އެ މެސެޖުގައި ބުނެފައިވަނީ، މަންމައާއި ވާހަކަ ދައްކާލުމަށް އެގެއަށް އައުމަށެވެ. މަންމަ ގާތު ޒައިދާން ވެގެން އުޅޭގޮތް ބުނީކަން އަހަރެންނަށް އެހިސާބުން އެނގިއްޖެއެވެ. އެހެނަސް ޒައިދާން މަންމައާއި ކުރިމަތިލާނެހާ ހިތްވަރެއްވެސް އަހަރެންގެ ގަޔަކު ނެތެވެ.
ޒައިދާން މަންމަ އަހަރެން ދެކެ ވަރަށް ލޯބިވެއެވެ. އަދި އަހަރެންވެސް ޒައިދާންގެ މަންމަ ދެކެ ލޯބިވެއެވެ. ޒައިދާންގެ މަންމަ އަހަރެން ގާތު ޒައިދާން ގެ ދޮށީ އަތްބެއްގެ ގޮތުގައި އިންނަން ބުނެފާނެތީ އަހަރެން ވަރަށް ހާސްވިއެވެ. ސަބަބަކީ އެކަހަލަ އެދުމެށް މަންމަ އެދެފިނަމަ، ނޫނެކޭ ބުނަން އަހަރެންނަށް އެހާ ފަސޭހަ ނުވާނެތީއެވެ. އެހެންކަމުން އަހަރެން އެ ފޯނަށް ޖަވާބު ނުދިނުމަށް ނިންމީމެވެ.
ޒައިދާން މަންމަ ދެ ފަހަރަކު ގުޅިއެވެ. އަހަރެން ޖަވާބެއް ނުދެމެވެ.
އޭގެ އަނެއްދުވަހު، ހެނދުނު ތުއްތަ އަހަރެން ކޮޓަރީގައި އުޅެނިކޮށް ޒައިދާން މަންމަ ގުޅިއެވެ. އަހަރެން ފޯނު ނުނެގުމުން، ތުއްތަ، އެ ފޯނު ނެގުމަށްފަހު އަހަރެން އުޅެނީ ބަލިވެ ކަމުގައި ބުންޏެވެ. އަދި އެ ގެ ހުންނަތަންވެސް ކިޔައިދިނެވެ. ތުއްތަ ފޯނު ބޭއްވުމަށްފަހު، ގުޅީ، ޒައިދާންގެ މަންމަ ކަމާއި، ޒައިދާންގެ މަންމަ އަހަރެންނާއި ބައްދަލުކުރުމަށް ހަވީރު އަންނާނެވާހަކަ ބުންޏެވެ. އަހަރެން މިކަމާ، ތުއްތަ ދެކެ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. އެހެނަސް، އެކަމާ މާބޮޑު އެއްޗެއް ނުބުނަމެެވެ. ޙަޤީގަތުގައި އަހަރެން އެފޯނަށް ޖަވާބު ދޭން ބޭނުންނުވާ ސަބަބު ތުއްތައަކަށް ނޭނގޭނެތީއެވެ.
+++++++++++++++++++++++++++++++++++++++++++++++++++++++
“ދަރިފުޅުމެން ދެމެދުގައި ކަންތައް ތިވީ އެންމެ ރަނގަޅަކަށް ނޫން.. ޒައިދާން ކަންތައް އެކުރީ ކީ ރަނގަޅަކަށެކޭ ބުނާކަށް ނޫން މަންމަ މިއުޅެނީކީ.. މަންމަ މިހިރީ ވަރަށް ދެރަވެފައި ކަންތައްވީ ގޮތުން.. ދަރިފުޅު މަންމަ ގާތު، ތިކަހަލަ ވާހަކައެއް ބުނެލާފައި އޮތްނަމަވެސް ތަންކޮޅެއް ކުރިން މަންމައަށް ޒައިދާން އާއި ވާހަކަ ދައްކާލެވުނީސް…. މަންމަ އަދިވެސް ނޭދެން ތި ދެކުދިން ވަކިވާކަށް.. އެކަމަކު ގޮތް ނިންމާނީ ތި ދެކުދިން.. ޒައިދާން ހުރީ ދަރިފުޅު ދޫކޮށްލާކަށް ނޫން..” މަންމަ ވަރަށް އަސަރާއި އެކު ވާހަކަ ދެއްކިއެވެ.
“މަންމާ… ޒައިދާން އެެހެން މީހަކާއެކު އުޅޭތަން ދެކެން އަހަރެންނަކަށް ކެތެށް ނުވާނެ..ޒައިދާން ބޭނުންވަނީ ދޮށީ އަނބީގެ ގޮތުގައި އަހަރެން ބައިންދާފައި ޝިފޫ އާއި ވެސް އިންނަން.. ޝިފޫ ދޫކޮށްލާ ގޮތަކަށް ނޫން ޒައިދާން ހުރީކީ..އަހަރެންނަކަށް ޒައިދާންގެ ދޮށީ އަތްބެއްގެ ގޮތުގައި ނީނދެވޭނެ މަންމާ..ހަމަރަނގަޅަށް މިބުނީ.. މަންމައާއި ބައްޕަ، އަދި ޒައިދާން ދެކެވެސް އަހަރެން އިންތިހާއަށް ލޯބިވޭ.. އެކަމަކު.. މަންމާ…އަހަރެންނަކަށް އެ ގޮތަކަށް ނުރުހެވޭނެ..! އަހަރެންގެ މަންމަ އާއި ތުއްތަވެސް އެގޮތަކަށް ޤަބޫލެއް ނުވާނެ މަންމާ!..” އަހަރެން ފެންކަޅިވެފައި އިނދެ ބުނީމެވެ.
މަންމަވެސް ފެންކަޅިވެ އިނދެ އަހަރެންގެގައިގައި ބައްދާލިއެވެ.
++++++++++++++++++++++++++++++++++++++++++++++++++++++++++
އަހަރެން ގެއިން އެއްގޮަތަކަށްވެސް ނުނިކުމެ، އެނދުގައި އޮންނަތާ ހަފްތާއެއް ވީފަހުން، ތުއްތަ، ރާކިންގޮވައިގެން އަހަރެންގެ ކޮޓަރިއަށް އައިސް އަހަރެންނާއި ވާހަކަ ދެއްކިއެެވެ. ގިނަ އިރު ކޮޓަރީގައި ނޯވެ، ސިޓީން ރޫމަށް ނިކުތުމަށާއި، އެހެން އޮންނަންވެއްޖެނަމަ، އިތުރަށް އެކަނިވެރިކަން އިޙްޞާޞްވާނޭކަމާއި، ހިތްވަރުކޮށްފައި ދެތުވެލާ އުޅުމަށް ބުންޏެވެ. ރާކިންއަށް އަހަރެންނާއި ވާހަކަ ދައްކާލަން ނާދެވުނީ، އަތޮޅުތެރޭގައި ޑޮކުޓަރުންގެ ކޭމްޕެއްގައި އުޅުމުން ރަށުގައި ނެތުމުންކަމާއި، ތުއްތަ ގާތުން އިފާގެ ޙާލު އޮޅުން ފިލުވާކަމަށް އަހަރެންގާތު ބުންޏެވެ. އަފްސަލްއާއި ރާކިން ހާދަތަފާތޭ އަހަރެންގެ ހިތަށް އެރިއެވެ. ތުއްތަ ހަމަ ކޮންމެ ދުވަހަކު އަހަރެންގެ ހާލުބަލާ ކާންދީ ހަދައެެވެ، އެހެނަސް ރާކިން ނާންނާތީ، އަހަރެންގެ ހިތުގައިވެސް ވަނީ ސުވާލު އުފެދިފައެވެ. އަދި ތުއްތަ ގާތު އަހާލަންވެސް ނުކެރުމުން އަހާނުލީއެވެ.
++++++++++++++++++++++++++++++++++++++++++++
މި ވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި ޒައިދާން އަހަރެންނަށް ހަމަ ކޮންމެ ދުވަހަކުހެން މެސެޖްކުރެއެވެ. އަހަރެން ރިޕްލައި ނުކުރަމެވެ. ވައިބަރ އިން ގުޅާފައިވެސް ހުރެއެވެ. ޒައިދާންގެ އަޑު އަހާލަން އަހަރެން ކިތަންމެހާވެސް ބޭނުންވެއެވެ. އެހެނަސް އަހަރެން އެފޯނުތަކަށް ޖަވާބު ނުދިނުމަށް އިންތިހާއަށް ހިތްވަރު ކުރަމެވެ. އެކަމުގެ ސަބަބުން އަހަރެންނަށް އިތުރު ހިތްދަތިމެއް ލިބިގެންދެއެވެ.
+++++++++++++++++++++++++++++++++++++++++++++
“އިފާ.. އަހަރެން މަންމަގާތުވެސް ބުނެފިން އިނގޭ ވެގެން އުޅޭގޮތް.. މަންމަވެސް ގަބޫލެއް ނޫން ޒައިދާންއާއެކީ އުޅޭކަށް..” ތުއްތަ އަހަރެންނަށް ކާއެއްޗެތި ހިފައިގެން އައިސް ބުންޏެވެ.
“ތުއްތަ ޤަބޫލުތަ؟ އަހަރެން ތުއްތަގެ ޖަވާބެއް ކޮންމެހެން ބޭނުންވާތީ އެހީމެވެ.
“ނޫން.. ތުއްތަވެސް ބޭނުމެއްނޫން.. ދެން އިފާ ޒައިދާން އާއެކީ އުޅޭކަށް..! މިހާރު އެހެން ހެދި މީހަކާއެކީ އުޅެން ދިމާކޮށްފިއްޔާ، ފަހުން އަދި މާ ހިތްދަތި ކަންތައްތަކާއި ކުރިމަތިލާން ޖެހޭނެ.. ދެން ލިބޭނީ ކުއްޖެއް! އޭރުން ދުރުވާން އުނދަގޫވާނެ.. ނަސީބެއް އަސްލު ދަރިއެއް އަދި ނެތްކަން.. ތުއްތައަށް ފެންނަނީ ހަމަ ވި އެންމެ އަވަހަކަށް ޑިވޯޒްވާން ފޯމުލާން..ލަސްކުރާ ވަރަކަށް އިފާއަކަށް ހަމަޖެހުމެއް ނުލިބޭނެ.. ” ތުއްތަ ބޭނުންވާގޮތް ސީދާ އަހަރެންގާތު ބުންޏެވެ.
ތުއްތަގެ އެންމެ ފަހު ޖުމްލައިން އަހަރެންގެ ހިތަށް ހީވީ ހަންޖަރެއް ހަރާލިހެންނެވެ. ޑިވޯޒް ވާން ތުއްތަ ބުނީމައެވެ. ޒައިދާން އާއި ވަކިވުމަކީ އަހަރެން ދުވަހަކުވެސް ވިސްނާފައިވާ ކަމެއް ނޫނެވެ. އަހަރެންނާއި ޒައިދާން އާއި އެއްކޮށް ހާދަ ގިނަ ހުވަފެނެއް ވާނީ ބަލާފައެވެ. ކައިވެންޏަށް ދެއަހަރު ނުވަނީސް ޒައިދާންއާއި ވަކިވުމަކީ އަހަރެން ދިރިހުއްޓަސް މަރުވެދާނޭ ކަމެއް ކަމުގައި އަހަރެންނަށް ހީވިއެވެ. އަނެއްކޮޅުން އަހަރެންނަށް މިފަދަ ޙާލެއް ޖެހުނު ދުވަހު އެހީވެމުން އެދަނީ ތުއްތައެވެ. ތުއްތަ އާއި މަންމަގެ ނުގަބޫލުގައި ޒައިދާންއާއި އެއްކޮށް ކުރިއަށްދާނެ ހިތްވަރެއްވެސް އަހަރެންގެ ނެތެވެ. ޒައިދާން އަހަރެންނަށް އޮޅުވާލީއެވެ. ޒައިދާން އަހަރެންދެކެ ޙަޤީޤަތުގައި ލޯބިވިނަމަ، އަހަރެންނަކަށް އެހެނެއް ނުހެދީސްއެެވެ. މިހުރިހާ ޚިޔާލުތަކުން އަހަރެންގެ ހިތް ކުދިކުދިވާހެން ހީވިއެވެ. ހޯސްލާފައި ކަރުނަތައް އަހަރެންގެ ލޯމައްޗަށް ފައިބާގަތެވެ. ޑިވޯޒް ފޯމްލުމުގައި ތުއްތަ އެހީވާނެކަމާއި، އިތުރަށް ރޮއެ ހިތާމަ ނުކުރަން ބުނެފައި ތުއްތަ، ކޮޓަރިން ހިނގައްޖެއެެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


Kobaa 11 th episode
Up kohffa eba in rangalhah balaalaa
Masha Allah.. vr rythi…???? Vr serious kohlaafa thi ninmaaly.. when next part dear??
9th episode koba
Haadha avahakah ithubaaru gellunee. Alhe vegen ulhey gotheh vess balaalan vaane ehnun. Faharega zaidhaan shifoo aai Mary nukuran ninmafaane eh nun
Ma Sha Allah…Mibai vec vv rythi…whn next
????