އަސްލާން 10
ގެއްލިގެންދިޔަ ހުރިހާ ކަމެއް ކަރަންޓު ޝޮކެއްހެން ހަނދާނުގައި ދުވެގަތީ ކުއްލިއަކަށެވެ. ފުންމައިގެން އެނދުން ތެދުވެވުނެވެ.
“އަސްލާން!!!”
*******************************
ކުރިމަތިން ފާޅުވި އަސްލާން ގައިގައި އަހަންނަށް ބައްދައިގަނެވުނެވެ. އަސްލާންގެ ނަން ދެތިން ފަހަރަކު ތަކުރާރުކުރެވުނީ އަނެއްކާވެސް ހަނދާނުން ފިލައިފާނެ ކަމުގެ ބިރާއިހެދިއެވެ.
“ކިހިނެތްވީ؟” އަސްލާން ކަންބޮޑުވެފައި އެއްސެވެ. އެ ސުވާލަށް ޖަވާބު ދޭނެ ހިތްވަރެއް ނުލިބުނެވެ. މުޅި ދުނިޔެއިން ވެސް އެންމެ ލޯބިވާ މީހާ މުޅިން ހަނދާން ނެތުނީ ކޮންއިރަކު ކަމެއް ނޭންގެއެވެ. އޭނާގެ ހަނދާންތަކާއި ނުލައި އާދައިގެމަތިން ދިރިއުޅެވުނީ ކިހިނެތްކަމެއް ނުވިސްނުނެވެ. އަސްލާންގެ ގައިން ދޫކޮށްނުލެވުނީ ލޯ މަތިން ގެއްލިދާންކަމުގެ ބިރަށެވެ.
“ކިހިނެތްތަ ވީ؟” އަސްލާން އިހުނަށްވުރެ ކަންބޮޑުވެފައި އެއްސެވެ. އޭނާއަށް އަވަސްވެފައިވާ އަހަރެންގެ ހިތުގެ ވިންދު އިވޭނެކަންނޭންގެއެވެ.
އިރުކޮޅަކަށްފަހު އަހަރެން އަސްލާންގެ ކޮނޑުމަތިން ބޯ ހިއްލާލައި އޭނާގެ މޫނަށް ބަލައިލީމެވެ. ހަތަރުކަޅި ހަމަވިހިނދު އަސްލާންއަށް އަހަރެންގެ ހިތުގައި ވީ އެއްޗެއް އެނގުނުކަހަލައެވެ. ފަޅި ސިކުންތުކޮޅަކަށް އޭނާގެ ލޮލުން ފާޅުވި ހައިރާންކަމަށްފަހު މޮޅިވެރިކަން ވަރަށް ކުޅަދާނަކަމާއިއެކީ ފޮރުވައިލިއެވެ.
އެރޭ އަހަންނަށް ނިދެންދެން އަސްލާން ގާތުގައި އިނެވެ. އަހަންނެކޭވެސް އެއްފަދައިން އޭނާގެ ހިތުގައިވެސް ވަކިވުމުގެ ބިރު އޮތްކަން ޔަގީނެވެ. ނަމަވެސް އަހަންނަށް ނޭންގޭ ސިއްރެއް އެ ހިތުގައި ފޮރުވިފައިވާ ކަމެއް އޭރަކު ނޭންގެއެވެ. އެކަމާއި އޭނާ އެތެރެފުށުން މަޑުމަޑުން ކުދިކުދިވަމުން ދިޔަކަމުގެ ހިލަމެއްވެސް ނުވިއެވެ.
އަލިފާންގަނޑު ތެރޭގައި އަނދައި ހުލިވަމުން ދިޔަ އިމާރާތަށް ބަލަހައްޓައިގެން ގަބުއަރާފައި އަހަރެން ހުރީމެވެ. އެއީ އަހަރެން އުޅެބޮޑުވި ގެއެވެ. އެ އިމާރާތުން ނެރުނީ ފުރާނަ ނެތް އެތައް މަސްގަނޑު ތަކެކެވެ. ގައިމަތީ އަޅައިފައިވީ ހުދު ފޮތިތަކުން ލޭކުލަ ފޭދިފައި ހުއްޓެވެ. ރޯން ބޭނުންވި ނަމަވެސް ލޮލުން ކަރުނައެއް ނުފޭބިއެވެ. ކަރުން އަޑެއް ނުނިކުތެވެ. އަލިފާން ނިވާ މީހެއްގެ އަތްދަނޑިމަތީ ނެރުނު ފޮތިގަނޑު ނާޅާ ހަށިގަނޑު އެންބިއުލައިންސްއަށް އެރުވިތަން ދުށީމެވެ. މޫނުގެ އެއްބައި ބިރުވެރި ވައްތަރަކަށް އަނދާފައި އޮތް ނަމަވެސް އެއީ ކާކުކަން ސާފުވިއެވެ. މޭނުބައިކުރާ ގޮތް ވެފައި، މުޅި ދުނިޔެ އެނބުރިގަތެވެ.
ފުންމައިގެން ތެދުވެވުނު އަހަރެންގެ ހިތް ތެޅެމުންދިޔައީ އޮބިނޯންނަ ވަރަށެވެ. އިނދެވުނީ ހުދު ކޮޓަރީގައި، އެނދުމަތީގައެވެ. އެއީ ފެނުނު ހުވަފެނެއްކަން ވިސްނުނު ނަމަވެސް ބިރުވެރިކަމެއް ނުފިލިއެވެ. އެއީ ބިލާހެއްކަމަށް ގަބޫލުކުރަން ދަތިވީ ސިފަވިލެއް އަސްލުކަމުންނެވެ. އެ އިހުސާސުތައް އެއީ ހަނދާނުގެ ބައެއްހެން ހީވި ހީވުމުންނެވެ.
އޮފީހުގައި ބައިންދާފައި ރޫބީ ނުކުތްތާ ބައި ގަޑިއިރު ވެއްޖެއެވެ. ފާހަނައަކަށް ދާންޖެހިގެން ކެތްނުވާ ވަރު ވުމުން ދޮރުން ބޭރަށް ބޯ ދިއްކޮށްލީމެވެ. އާންމު ޕޭޝެންޓުންގެ ވާރޑާއި ދިމާއިން އަޑުފައްގަނޑުތަކެއް އިވެމުން ދިޔައެވެ. ލޮލުކޮޅަށް ފެންނަ ހިސާބުގައި ނަރުހެއްގެވެސް ހިލަމެއް ނެތެވެ. އެކަނި ނުކުންނަން ޖެހިލުންވެފައި ދޮރު ލައްޕައި، ދެކޮޅަށް ހިނގާލެވުނެވެ. ދެން ކެތެއް ނުވާނެއޭ ހިތަށްއެރުމުން ކިތަންމެ މައްސަލައެއް ޖެހުނަސް ވަރިހަމަކަމަށް ނުކުތީމެވެ. ދެކޮޅު ބަލައިލިއިރު އަދިވެސް މީހެއްގެ ހިލަމެއް ނެތެވެ. ކޮޓަރިއާއި ދިމާއަށް ހަރު ފިޔަވަޅުގައި މިސްރާބުޖެހީމެވެ. ކޮޓަރި ދޮރާއި ހިސާބަށް ފޯރިއިރު ފާހަނައަށް ދާންޖެހިފައި ހުރިކަން ހަނދާން ނެތުނު ކަހަލައެވެ. މިހާ ރަނގަޅު ފުރުސަތެއްގެ ބޭނުން ނުހިފާނީ މޮޔައެކެވެ.
“މަގު އޮޅުނީއޭ.” މަޑުމަޑުން ކިޔާލައިފައި ހުރި ސީދަލަށް ހިނގައިގަތީ އަހަރެން ދުވަހަކުވެސް ހިނގާފައި ނުވާ މަގަކުންނެވެ. ހިލްމީގެ ކޮޓަރިން އަނެއް ފަޅިއަށެވެ. ކަންމަތިން އެހެން ހޯލްވޭއަކަށް ނުކުތްއިރު އެތާ ހުރީ ހުސް ސްޓާފުންނަށް ހާއްސަ ތަންތަނެވެ. މާ ދުރަށް ނުދެވެނީސް އަހަރެންގެ ލޮލުގައި އަޅައިގަތީ މޮނިޓަރ ރޫމް އޭ ޖަހާފައި އިން ތަނެކެވެ. ދޮރުގައި އިން ކުޑަ ބިއްލޫރި ބައިގައި ލޯ ޖަހައިލިއިރު އެތެރޭގައި ހުރީ ހުސް ކޮންޕިއުޓަރ ސްކްރީނެވެ. އެތާ ތެރޭގައިވެސް މީހަކު ނެތެވެ. މާ ބޮޑު އުންމީދެއް ނެތި ތަޅުގައި ހިފައިލިއިރަށް ދޮރު ހުޅުވިއްޖެއެވެ. ސެކިއުރިޓީ ހާދަ ފަރުވާކުޑަކޮށްލައިގެން އުޅޭ ދުވަހެކޭ ހިތަށްއެރިއެވެ. އެތެރެއަށް ވަދެ ފަހަތުން ދޮރު ލައްޕާފައި ގާތުން ސްކްރީންތަކަށް ބަލައިލީމެވެ. އެ ސްރީންތަކުން ފެންނަން ހުރީ އެސައިލަމް ތެރޭގެ އެކި ތަންތަނެވެ. ހޯލްވޭތަކާއި, ކޮޓަރިތަކާއި ވާރޑުތަކެވެ. އެއް ވާރޑުގައި ބޮޑު ހަނގުރާމަ ފެށިގެން އުޅުނެވެ. އަޑުގަދަކޮށްލައިގެން އުޅުނީ އެތަނުންތާއެވެ. ވަކި ވަކި ކޮޓަރިތަކުގައި ހާއްސަ ޕޭޝެންޓުން ތިއްބެވެ. އެނދުމަތީ އޮށޯވެގެން ސީލިންގަށް ބަލަހައްޓައިގެން އޮތް ހިލްމީގެ ސްކްރީނާއި ޖެހިގެން ފެންނަން ހުރީ ޕޭޝެންޓެއް ނެތް ކޮޓަރިއެކެވެ. އެއީ އަހަރެންގެ ކޮޓަރިއެވެ. ކޮޓަރިތަކުގައި ސިއްރު ސީސީޓީވީ ކެމެރާ ހުންނަކަން އެނގުނީ އަލަށެވެ. އެއޮއްހާ ދުވަހު ސިއްރުން ބަޔަކު އަހަރެންގެ ހުރިހާ ހަރަކާތަކަށް ފާރަލީކަން އެނގުމުން ރުޅިވެސް އާދެވުނެވެ. ނަމަވެސް އަމިއްލަ ހާލަތު ދެނެހުރީމެވެ. ކަމެއް ވާ ކޮންމެ ފަހަރަކު ނަރުހުންނަށް އަންނަން އެނގެނީ މިހެންވެތާއެވެ.
ކުއްލިއަކަށް ހިތަށް އެރި އެތިން އަހަރެންގެ ހިތް ތެޅިގަތެވެ. އަސްލާންއާއި ކުރާ ބައްދަލުވުންތަކެވެ. އަހަރެން ބޭރަށް ދިޔަ ރޭރޭ ނުފެނުނީ ކިހިނެތް ހެއްޔެވެ؟ ބޭރުން ފިޔަވަޅުތަކެއްގެ އަޑު އިވެންފެށީ އެވަގުތުއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.





Wow varah reethi
Woow
Wow..v rythi❤❤❤??????????..Dear whn next ..I m soo curious..waiting <3 <3
Hi dear koba aneh part.. Btw story is awesome ?
Heii..where is the next part?can’t wait to read it!i love this story…