“އަޅުގަނޑަކީ މީހެކޭ އަނތްބެކޭ ބައްޕާ….” ޝަލީން އަޑަށް ބާރުލައިފައި ބުނެލިއިރު ލޯމަރާ ބާރުކޮށްލެވުނީ ބައްޕަގެ ހޫނުއެތިފަހަރެއް މޫނަށް އަރާނެކަން ޔަގީންވެފައެވެ. އެއީ މިއަދާއި ހަމަޔަށް ޝަލީން އެއްވެސް މީހަކަށް ހާމަނުކުރަން ނިންމައިގެން ހުރި ހަގީގަތެއްކަމަކު ޝަލީންއަށް އެކަން ހާމަކުރަން މަޖުބޫރުވީއެވެ. އެއީ ރޭވެމުންދާ ކައިވެނި ހުއްޓުވެން އޮތް ހަމައެކަނި ހަތިޔާރެވެ. ޝަލީންގެ އެންމެ ފަހުގެ އުންމީދެވެ.
ޝަލީންގެ ޖުމްލައާއިއެކު އިޝާރު ހުއްޓުން އެރުއްވިއިރު ހަށިގަނޑަށް ހަރަކާތެއް ގެންނަންވެސް ނުކުޅެދުނެވެ. ޝަލީންގެ މޫނަށް ބަލަހައްޓައިގެން ހުރީ ކަންފަތަށް އިވިލެއްވި އަޑު ގަބޫލުނުކުރެއްވިފައެވެ. އިޝާރުގެ މޫނުމަތިން ފެނިލެއްވި ކުލަވަރާއިއެކު ހިނދުކޮޅަކަށް ޝަލީންއަށް ނޭވާހިފަހައްޓާލެވުނީ ބައްޕަގެ ހިމޭންކަމުން ހިތުގައި ހިނގާލި ބިރުވެރިކަމެއްގެ ބޮޑުކަމުންނެވެ. ނުތަނަވަސްވެފައި ފިނިވަމުން އައި އަތްތިލަ އަނެއް އަތްތިލައާއި މަހާލިއިރު ޝަލީން ތުރުތުރުއަޅަމުންދިޔަ އަތްތިލައަށް ނަޒަރު ހުއްޓާލިއެވެ. އެވަގުތު އިޝާރުގެ ބާރު ހުނުމުގެ އަޑު އިވިފައި ޝަލީންއަށް އިސްއުފުލާ ބަލާލެވުނީ ހައިރާންވެފައެވެ.
“އަހަރެންނަށް ނޭނގި ޝަލީންގެ ކައިވެނި ކުރެވޭނީ ކިހިނެތް؟ އަންހެން ދަރިއެއްގެ ކައިވެނި ބައްޕައަށް ނޭނގި ކުރެވޭނެތަ؟” އިޝާރުގެ އަޑުން ފާޅުވީ އެކަން ގަބޫލުނުކުރައްވާނޭކަމުގެ އަސަރުތަކެވެ.
“ބައްޕައަށް ދޮގެއްކަމަށް ހީވެލެއްވިޔަސް އަޅުގަނޑު މިހަދަނީ ތެދު… ބައްޕަ ޤަބޫލުވެނުލައްވާނެކަން އިނގޭތީ އާއިލާއާއި ސިއްރުން ކައިވެނިކުރަން މަޖުބޫރުވީ… އަޅުގަނޑަށް މައާފުކުރޭ…” ޝަލީންގެ އަޑުގައިވީ ޔަގީންކަމާއިއެކު އިޝާރުގެ ލޮލަށް ބަލާލީ އެކަން ގަބޫލުކުރާށޭ ބުނާފަދަ ނަޒަރަކުންނެވެ. ޝަލީންގެ ބަހުގެ ޔަގީންކަން އެ ބެލުމުންވެސް ހާމަވިއިރު މީހާ އަނބުރައިގަނެދާނެހެން ހިނދުކޮޅަކަށް އިޝާރުއަށް ހީވެލެއްވިއެވެ. ބާރުބާރަށް ގޮނޑީގެ އަތްގަނޑުގައި ހިފަހައްޓާލެއްވުނުއިރު މުޅި މީހާގެ މޫނު ހުދުވެގެންދިޔައެވެ. “ގޮތްކުޑަ ކުއްޖާ…” އިޝާރުގެ އިނގިލިތަކުން އަޑުގޮވައިލައިގެން ދިޔައިރު ދަތްތަކަށް ކާރުވާލެއްވީ ތަދުވާހާ ބާރަށެވެ. ހިނދުކޮޅަކަށް ލިބުނު ޝޮކް ފިލާދިޔުމުން ޝަލީންގެ މޫނުގައި ޖަަހަން އަތްއުފުލައްލައިފައިވެސް އަތްތިރިކޮށްލެވީ ކޮންމެވެސް ކަމެއް ވިސްނިވަޑައިގެންނެވުމުންހެން ހީވެއެވެ. ”ބައްޕަ ރުޅިދުރުވާނެކަން އިނގޭ… އެކަމަކު ޙަޤީޤަތް ބަދަލެއް ނުވާނެ… ވީއިރު ބައްޕަ ތި ރާއްވަވަމުންގެންދަވާ ކައިވެނި ހުއްޓަވާލައްވާ… އަޅުގަނޑަކަށް ތި ކައިވެނި ކުރެވޭކަށްނެތް…” ޝަލީންގެ ލޯ ތެމިގެންދިޔައިރު ހަނދާނަށް އައީ ޝަލީންއާއި މަޔާންގެ ކައިވެނިކުރުވުނު ދުވަހެވެ. ޝަލީން ކިޔަވަންހުރި ފަހު އަހަރުގެ ބަންދުތެރޭ މަޔާންގެ ޝަލީން ގާތަށް އައުމަށްފަހު އެނބުރި ރާއްޖެ އައީ ޝަލީން އޭނާގެ މިލްކަކަށް ހެދުމަށްފަހުއެވެ. މިސްކިތެއްގައި ދެޒުވާނުންގެ ކައިވެނިކުރެވިގެންދިޔައިރު ލާރިހުރިއްޔާ ކޮންމެކަމެއްވެސް ވާނެކަމަށް ފުރަތަމަ ފަހަރަށް ޝަލީންއަށް ގަބޫލުކުރެވުނެވެ. ހުރިހާ ދެއާއިލާގެ ދެކޮޅުވެރިކަމާއިއެކު ދެލޯބިވެރިންނަށް އެކީގައި ނޫޅެވޭނެކަން މަޔާންއަށް ޔަގީންވީއިރު ހިޔާލަށް އައި އެންމެ މޮޅުގޮތަށް ކަންތައްކުރީ އިތުރު ވިސްނާލުމަކާއި ނުލައެވެ. އެގޮތަށް ކަންތައްކުރުމުން އިޝާރު ވަކިހިސާބަކުން ހަތިޔާރު ބަހައްޓާނޭކަމަށް މަޔާން ޔަގީންކުރިއެވެ. ޝަލީންވެސް މަޔާންގެ ލޯބީގައި ބަނދެވިފައިހުރިވަރުން އެކަމާއި ރުހިގަބޫލުވިޔަސް މިއަދާއި ހަމަޔަށްވެސް އެކަމުގެ ސަބަބުން ހިތުގައި އުނދަގޫކަމެއް އުފެދިފައިވެއެވެ.
“އަހަރެން ޤަބޫލެއްނުކުރާނަން… ތިއީ ކައިވެނިނުކުރަންވެގެން ޝަލީން ދައްކާ ބަހަނާ…” އިޝާރުގެ ލޮލުން ފެނިލެއްވީ އެކަން ގަބޫލުކުރަންދަތިވެއްލައްވާފައި ހުންނެވިކަމުގެ ކުލަވަރެވެ.
“ބައްޕަ ދެކޮޅުހެއްދެވިޔަސް ހަޤީޤަތަކީ އަޅުގަނޑަކީ މަޔާންގެ އަންހެނުންކަން…” ޝަލީން ހުރީ ބައްޕައަށް އެކަން ޔަގީންކޮށްދެން އަޒުމްކަނޑައަޅައިގެންހެން ހީވެއެވެ.
“ޝަލީން…” ޝަލީންގެ ފަހު ޖުމްލައާއިއެކު އިޝާރުއަށް ބާރުބާރަށް ޝަލީންގެ ނަމުން ގޮވާލެއްވުނީ އެންމެ ބޮޑު ދުޝްމިނުގެ ދަރިފުޅާއި މަލެއްފަދަ އަންހެންދަރިފުޅުގެ ނަން ގުޅުވައިގެން އިވުމުން ހިތަށް އުނދަގޫވެލެއްވިލެއް ބޮޑުކަމުންނެވެ.
“ބައްޕާ އަޅުގަނޑަށް މަޖުބޫރުނުކުރޭ… އެހެން ފަރާތެއްގެ އަނތްބެއްގެ ގޮތުގައި ހުރެ ތި ކައިވެނި ކުރުމަކީ ކުރެވޭނެކަމެއް ނޫންކަން ބައްޕައަށް އިނގިލައްވާނެ….” ޝަލީން އިޝާރުގެ އަތުގައި ހިފަހައްޓާލަމުން އާދޭސްކުރިއެވެ.
“އަހަރެންގެ ރުހުމާއިނުލާ ކުރެވުނު ކައިވެންޏަކީ ކައިވެންޏެއްގެ ގޮތުގައި އަހަރެން ދުވަހަކު ބަލައިނުގަންނާނަން… އަހަރެންގެ ހިތެއް ނުބުނެ ޝަލީން ތިހަދަނީ ތެދެކޭވެސް… އަހަރެމެންނަށް ކަންކަން ސިއްރުކުރަމުން މިހިސާބަށް އައިރު ދޮގުހަދަންވެސް ފަހެއް ނުޖެހޭނެ…” އިޝާރުގެ އަޑުގައި އެކުލެވިގެންދިޔަ ރުންކުރުކަމާއިއެކު އިއްވާލިއެވެ. އިޝާރު ހުންނެވީ ޝަލީންގެ ވާހަކަތައް ގަބޫލުކުރައްވާފަދަ ގޮތަކަށް ނޫނެވެ. ޝަލީންގެ ވާހަކަތައް ޤަބޫލުކުރަން އިޝާރުގެ އަމިއްލަ ސިކުނޑިވެސް އެއްބަހެއް ނުވެއެވެ. އޭނައަށް އެނގުމަކާއިނުލާ ޝަލީންއަށް އެއްފަދަ ހިތްވަރެއް ކޮށްލަން ކެރިދާނެކަމަށް އިޝާރު ގަބޫލެއްނުކުރެއެވެ. ”ބައްޕަ އަޅުގަނޑަށް އިތުބާރުކުރައްވާ…. އަޅުގަނޑު ދައްކާ ވާހަކައިގެ ތެދުކަން އަޅުގަނޑު އަންގައިދޭނަން…” ޝަލީންގެ މޫނުމަތިން ފެނިލި ސާބިތުކަމާއިއެކު އިޝާރުއަށް ޔަގީންކަން ދޭފަދަގޮތަކަށް ބުނެލިއެވެ.
“އަހަރެން ޝަލީންއަށް ދޭނީ އެންމެ ތިންދުވަސް… ތިންދުވަސްތެރޭ ތިކަން ނުކުރެވިއްޖެނަމަ ޝަލީންއަށް ޖެހޭނީ އަހަރެން ބުނާގޮތް ހަދަން… އެއްވެސް ދެކޮޅުހެދުމަކާއިނުލާ ހައިޒަލްއާއި ކައިވެނިކުރަން…” އިޝާރު އެންމެ ފަހު ނިންމެވުން ނިންމެވިއެވެ. ޝަލީންގެ އެންމެފަހުގެ ވާހަކަތަކާއި އެއަޑުގައިވީ ޔަގީންކަމަކުން އިޝާރުގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ހިނގާލެއްވިނަމަވެސް ދާދި އަވަހަށް ހަމަޖެހިލެއްވީ އަމިއްލަ ނަފްސަށް އޮތް ޔަގީންކަން ހަނދާންވެލައްވާފައެވެ. އަދި ޝަލީންއަށް އޭނަގެ ކުރިމަތީ ކުރިއެރުމެއް ނުލިބޭނެކަން ޔަގީންވިލެއް ބޮޑުކަމުންނެވެ.
“އަޅުގަނޑު ތިގޮތާއި އެއްބަސްވަން… އަޅުގަނޑު މިހަދަނީ ތެދުކަން ބައްޕައަށް ޝައްކެއްނެތް މިންވަރަށް އަޅުގަނޑު ސާބިތުކޮށްދޭނަން….” ޝަލީންގެ މޫނުމައްޗަށް ވެރިވެގެންއައި އެންމެ ރީތި ހިނިތުންވުމާއިއެކީ އެ މޫނު އުޖާލާވެގެންދިޔައިރު އިޝާރުގެ މޫނަށް ބަލާލަމުން އެ ޖުމްލަތައް ބުނެލީ ސާބިތުކަމާއި އެކުގައެވެ. އޭރު ޝަލީންއަށް ނޭނގުނީ އޭނަ ބައްޕައަށް ދިން ޔަގީންކަމުގެ ސަބަަބުން އޭނަ ވެއްޓެން އޮތް އަނދަވަޅުގެ ބޮޑުކަމެވެ. އޭނަގެ ދުލުން ބޭރުވި ބަސްތަކުގެ އަޅަކަށްވެ، އޭނަގެ ދިރިއުޅުން ބަދަލުވެގެންދާނެވަރެވެ.
ޝަލީންގެ ފިޔަވަޅުތަކުގެ އަޑު މަޑުވަމުންގޮސް އެއަޑު އެކީހެން ކޯރިޑޯއިން ކެނޑިގެންދިޔައިރު އިޝާރު ފޯނުގެ ކީބޯޑްއިން ދިގު ނަންބަރެއް ލިޔަމުން ސްޓަޑީއިން ނިކުމެވެން އިން ބެލްކަންޏަށް ނިކުމެލެއްވިއެވެ. ފޯނުގެ ގުޅާ ފިތައް ފިތާލެއްވުމަށްފަހު ފޯނު ކަންފަތުގައި ޖައްސަވައިގެން އެކޮޅުން ފޯނަށް ޖަވާބުދޭނޭ އިރެއްގެ އިންތިޒާރުގައި ހުންނެވިއިރު އިޝާރުގެ މޫނުމަތިން ފެނިލެއްވީ ތަރުޖަމާކުރަން ދަތި ކުލައެކެވެ.
*** *** *** *** *** ****
އިރުއޮއްސި މުޅިދުނިޔެ އަނދިރިކަމުގެ ތެރެއަށް ގެއްލިގެންދިޔައިރު ގަނޑުވަރެއްފަދަ އޯޓަމް ބްލޭޒްގެ ނޯކަރުން ޗާންދަލިޔާގެ ލޯތަރަތަރަޖަހައިގެންދާހާ ހުދުއަލިކަމުން މުޅި އެގެ ދިއްލާލިއެވެ. ބިޔަގަސްތަކުން ނިވާވެފައިވާ ފެހިކަންގަދަ ބަގީޗާގެ ގަސްތަކުގެ ތެރެއިން އޮރެންޖްކުލައިގެ އަލިކޮޅުތައް ފެންނަން ފެށިއިރު ގަސްތަކުގެ ފަތްތަކުން ފުރޭނިގެން އެއަލި ބިމަށް އެޅިފައިވާގޮތުން އަލިފާން ކޮކާލުގެ ހިޔަނި ބިމަށް އެޅިފައިވާހެންހީވިއެވެ. ބަގީޗާތެރެއަށް ނިކުމެވޭގޮތަށްވާ ހާމަ ފެންޑާގައި ބޮޑެތި އުއްބައްތިތައް ވިރެމުންދިޔައީ ބަގީޗާގައި ހިފާލައިފައިވާ މަލުގެ ލުއިވަހުގެ މައްޗަށް ގަދަވެގަންނަމުންނެވެ. ބޮޑު ލިވިންރޫމްގެ އެކިދިމާލުގައި ބަހައްޓާލެވިފައިވާ ބޮޑެތި ވާޒްތަކުގައި ޖަހާލެވިފައިވާ މާތަކުގެ މީރުވަހުން ލިވިންރޫމް މަޑުމަޑުން ހުވަނދުލެވެމުންދިޔައެވެ. އިޝާ ނަމާދަށްފަހު ހައިޒަލް އޯޓޭމްބްލޭޒްގެ ލިވިންރޫމްއިން ވަދެގެން އައިރު ލިވިންރޫމްގެ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދިޔަ ނޯކަރުން ޖެހިލުންވެފައި ތިބެ ބަލާލީ އެ މޫނުމަތިން ފެންނަމުންދިޔަ ރުޅިވެރިކަމުގެ ސަބަބުންނެވެ. ކަތުރުކަށިގަނޑަށް ވާންކޮށްލައިގެން ހުރިއިރު ރުޅިން ގޮސް އެދޮންމޫނު ރަތްވެފައިވާގޮތުން އެ މޫނާއި ނަޒަރު ހަމަވީ ކޮންމެ މީހަކަށްވެސް ހިންދިރުވާލެވުނެވެ. ހައިޒަލް އެއްވެސް މީހަކަށް ބަލާލުމެއްވެސް ނެތި ސިޑިން އަރައިގެންދަމުން ސިޑިކައިރީ ބަހައްޓާފައިވާ ދިގު ވާޒްގައި އަތުން ޖަހާ ވައްޓާލިއެވެ. މާބްލްމައްޗަށް ވާޒް ކުދިކުދިވެ މުށިކޮޅިތަކާއި މާތަކުގެ ފިޔަތައް އެކިދިމާލަށް ވިހުރިގެންދިޔައިރު ނޯކަރުން އެތަން ސާފުކުރުމަށް އަވަސްވެގަތެވެ. އޭރު ހައިޒަލް އެއްވެސް އަޅާލުމެއްނެތި ސިޑީގެ ރެއިލިންއަށް ހަށިގަނޑު ދޫކޮށްލައިގެން ހުރިއިރު ވަށައިގެންވާ ރީތިކަމަށް ނަޒަރު ހިންގިއެވެ. ގޭގެ ހައިބަތު ވަރުގަދަކަމާއިއެކު އަމިއްލަ މުއްސަނދިކަން އިހުސާސްވެފައި ފުރަތަަމަ ފަހަރަށް ހިތުގައި ފޫހިކަމެއް އުފެދުނެވެ. މުދާވެރިކަމާއިއެކު ބޭނުންހާކަމެއް ހާސިލްވާން އޮތްއިރުވެސް މިފުދުންތެރިކަން އޭނަގެ އުފާތަކަށް ހުރަސްއަޅާތީ ތަނަވަސްކަންދެކެ ނަފްރަތުކުރެވޭގޮތްވިއެވެ. އޭނައަކީ އުޑުގައި ވިދާ ތަރިއެއްކަމަށްވާއިރު ނައިނާފަދަ ބިމުގައިވާ ހިލަކޮޅަކަށް ތަރިއެއް އެކަށީގެންނުވާކަމަށް ބުނެ ބައްޕަ މިސާލު ޖެއްސެވި ދުވަހު އޭނަގެ ހިތަށް އުނދަގޫވީވަރުން މިމުއްސަނދި އަދި ތަނަވަސްކަމާއި ވަގުތުން ދުރަށްދާން ބޭނުންވިއެވެ. އޭނައާއި ނައިނާގެ ދެމެދަށް ހުރަސްއަޅާ ކޮންމެ އެއްޗަކީ އޭނަގެ ދުޝްމިނެކެވެ. ނައިނާއަށްޓަކައި އޭނަ އެހުރިހާ އެއްޗެއްވެސް ދޫކޮށްލަފާނެއެވެ. ނައިނާގެ އެ ހިތުގައި ޖެހުވި ލޯބީގެ ވިންދު އެހާވެސް ވަރުގަދައެވެ. ރަސްކަލުން ލޯތްބަށްޓަކައި ތަޙުތާއި ތާޖު ދޫކޮށްލި ވާހަކަތަށް ޝާދީންގެ ފަރާތުން އަޑުއިވި ހައިޒަލް އެކަމާއި ޖޯކުޖެހިދުވަހެއް އައިރު މިއަދު އަމިއްލައަށްވެސް ލޯބީގެ ބާރުގަދަކަން އިހުސާސް ކުރެވިއްޖެއެވެ.
ދިގުކޯރިޑޯއިން ލާފައިގޮސް ލައިބްރަރީގެ ބޮޑު ދޮރު އަޑާއަށް ހުޅުވާއަޅާފައި ވައިރޯޅިއެއްހާ ބާރުމިނުގައި ހައިޒަލް އެތެރެއަށް ވަދެގެންދިޔައެވެ. އޭރު ފޮތްކިޔަން ތިބެން ހާއްސަކޮށްގެން އެއްފަރާތެއްގައި ޖަހާލެވިފައިވާ ގޮދަޑިޖެހި ގޮނޑިތަކުން ގޮނޑިއެއްގައި ފޮތެއް ބައްލަވަން އަލްހާން އިންނަވާފައި ފޮތްތިރިކޮށްލެވިއިރު ދާދި ކައިރިން ހައިޒަލްގެ މޫނުފެނިފައި ސިހިލައްވާގޮތްވިއެވެ. އަލްހާން އަޅުއްވައިގެން އިންނެވި އައިނު މޭޒުމަތީ ބާއްވާލުމަށްފަހު އިސްއުފުލާލެއްވިއިިރު ތުންފަތްމަތީ ހިނިތުންވުމެއް ކުޅެލީ އޭނަ ފޮނުވާލި ތީރު މިސްރާބަށް އަމާޒުވެއްޖެކަމުގެ ފެހި ސިގުނަލް ސިކުނޑިއަށް ލިބިފައެވެ. އެހެންނޫންނަމަ ހަނގުރާމައިގެ ކޮޅުމަތި ފެނިލުމާއިއެކު ހައިޒަލް އޭނަ ގާތަށް އަންނަންވީ ކީއްވެގެން ހެއްޔެވެ؟ ހައިޒަލްގެ ގޮށްޖެހިފައިވާ ކަޅުކަންގަދަ ބުމައާއި އެފުންދެލޮލުން ފެނިލި ރުޅިވެރިކަމުގެ ކަނިތަކާއިއެކު އެ މޫނުމަތިން ބުނެދިނީ އެހެންވާހަކައެކެވެ. އެ ނުކިޔަމަންތެރި ނަޒަރާއި ރަތްވެފައިވާ މޫނު އަދި ހަށިގަނޑަށް އަރާފައިވާ ބާރުންވެސް ގޮތްދޫކުރުމުގެ ހިޔާލު ހައިޒަލް ނުގެންގުޅޭހެން ހީވެއެވެ. “އަމިއްލަ އެދުން ހާސިލްކުރުމަށްޓަކައި ބައްޕަ ތިފަަދަ ފެންވަރަކަށް ވެއްޓިގަނެފާނެކަމަށް ދުވަހަކު ހީނުކުރަން… މިއަދު ނައިނާ ވަކިވެގެންދިޔަނަމަ ނިމިގެންދިޔައީ ހަމައެކަނި ނައިނާއާއި އަޅުގަނޑުގެ ގުޅުމެއްނޫން… ބައްޕައާއި އަޅުގަނޑުގެ ގުޅުންމެ…” ރުޅިން އަމިއްލަ ނަފްސު ފިހެމުންދިޔައިރުވެސް ހައިޒަލް ވާހަކަދެއްކީ ރީތިބަހުން އަދަބުވެރިކަމާއިއެކުގައެވެ. ރުޅިވެރިކަމާއިއެކު އަލްހާންގެ ހިތުގައި ރޯވެލައްވާފައި އަލިފާނަށް ދަރުއެޅުމަށްވުރެ އެ އަލިފާން މައިތިރިކުރުމަކީ ބުއްދިވެރިގޮތެއްކަމުގައި ގަބޫލުކުރެވޭތީއެވެ. ހައިޒަލްއަށް ނޭނގުނީ ބައްޕަގެ އަމިއްލަ އެދުމުގެ ސަބަބުން އިތުރަށް އެ އަލިފާންގަނޑު ރޯވަމުންދިޔަކަމެވެ. ޖެހިލުންވުމަކީ އަލްހާން ދަންނަ ސިފައެއްކަމަށްނުވާއިރު ގޮތްދޫކުރެއްވުމަކީ އަލްހާން ނުކުރައްވާނޭކަމެއްކަމެވެ.
“ހައިޒަލް… އެއަންހެންކުއްޖާއާއި ތިމާގެ ބައްޕަ އެއްފަދަކޮށް ތިފަދަ އެއްޗެއް ބުނާކަށް ލަދެއްނުގަނޭތަ؟ އިއްޔެ މެންދުރު ފެނުނު އަންހެންކުއްޖަކަށްޓަކައި އަމިއްލަ މައިންބަފައިންވެސް ހަނދާންނައްތާލީ އެކުއްޖާ ކޮންކަމެއްކޮށްދީގެން… އަހަރެމެންނަށް ކޮށްދެވުނު ކަންތައް މަދުވީތަ؟” އަލްހާން އަތްމުށްކަވާފައި މޭޒުމަތީ ޖެއްސެވިއިރު ރުޅިމައިތިރިނުހުރެވިފައި ހުންނަވާ ވާހަކަދެއްކިއެވެ. އަންހެންކުއްޖަކަށްޓަކައި ފިރިހެންދަރިފުޅުގެ ކިބައިން ފެންނަމުންދާ ނުކިޔަމަންތެރިކަމާއި ހިތްވަރުގަދަކަން ފެނި އަލްހާން ކެތްތެރިިކަން ކޮޅުންލާގޮތްވެލެއްވިއެވެ. ހައިޒަލް އޭނައާއި ދެކޮޅަށް ތެދުވުމަކީ އޭނަ ހުވަފެނަކުންވެސް ދެކުނުކަމެެއް ނޫނެވެ. “އަޅުގަނޑު އަބަދުވެސް ބައްޕައަށް ޤަދަރުކުރިން… ބައްޕަގެ ހަރުދަނާ ޝަހުސިއްޔަތާއިއެކު ބޮޑުވެގެން ބައްޕަ ފަދަ މީހަކަށްވުމަކީ އަޅުގަނޑު ކުޑައިރުއްސުރެ ދެކުނު ހުވަފެނެއް… އެހުރިހާ ކަމެއް ނަގާތިލައްވަނީ ބައްޕަ އަމިއްލަފުޅަށް… މުއްސަނދިވުން ނޫން، ނައިނާގެ ނުރުހެވޭ ސިފައެއް ބައްޕަ އަޅުގަނޑަށް ދައްކަވާ… އެފަދަ ސިފައެއް ބައްޕައަށް ފެނިލައްވައިފިނަމަ ނައިނާ ދޫކޮށްލަން އަޅުގަނޑު މިހިރީ…” ހައިޒަލްގެ އަޑުން ފާޅުވި ސާބިތުކަމާއި އިރުކޮޅެއްވާންދެން އަލްހާންގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އެއްޗެކޭ ބުނުއްވުމަށް އަލްހާން ނުކުޅެދެއްވިއެވެ. ނައިނާއާއިމެދު ކުރެވޭ ދައުވާއަކީ އަސާސެއް ނެތް ދައުވާއެއްކަން ހާމަވެގެންދިޔަވަގުތުކޮޅެކެވެ. ނަމަވެސް އަލްހާން ހުރީ އެކަން ޤަަބޫލުކުރައްވާފަދަ ގޮތަކަށް ނޫންކަމަށް އެ މޫނުމަތިން ފެނިލި ކުލަވެސް ހެކިވިއެވެ. “ބައްޕަގެ އިންޒާރުތަކަކީ އަޅުގަނޑު ފަސްޖެހޭނޭ ސަބަބެއްނޫން… ވީއިރު ބައްޕަ ތިކުރައްވާ މަސައްކަތް ހުއްޓަވާލައްވާ… އިންސާނުންގެ ފުރާނައަކީ މާތް ﷲ ހުރުމަތްތެރިކުރައްވާފައިވާ އެއްޗަކަށްވާއިރު އެ ފުރަނާއާއި ކުޅެލުމުގެ އެއްވެސް ހައްގެއް ބައްޕައަކަށް ނެތް… ބައްޕަ ނައިނާއަށް ދެއްވާ ކޮންމެ ހަމަލާއެއް ދިފާއުކުރަން އަޅުގަނޑު ހުންނާނަން…” ހައިޒަލް އަޑުގައިވީ ޖެހިލުންކުޑަކަމާއިއެކު ލޮލުން ފެނިލެއްވި ގޮތްދޫނުކުރުމުގެ ކުލަވަރުން އަލްހާންގެ ހިތުގައިވާ ރުޅިވެރިކަމުގެ ހުޅުކޮޅު ބޮޑުކޮށްލަމުން ދުރަށް ހިނގައިގަތެވެ. އެއާއިއެކު އަލްހާން ރުޅިންގޮސް މޮޔަވެފައިމީހަކު ފަދައިން އިސްތަށިގަނޑުގައި ހިފައިގަތްނެވިއިރު އަތުން ޖައްސަވާ މޭޒުމަތީގައިވާހާ ސާމާނެެއް ދުރަށް ހޫރާލެއްވިއެވެ. ”ލޯބިން ގޮސް ކަނުވެފައި ހައިޒަލް ތިހުރީ… ހައިޒަލް ތިފަދަ މޮޔަ ފިޔަވަޅެއްނެގިޔަކަ އަހަރެން ނުދޭނަން… މިވީހާތަނަށްވެސް އަހަރެން ބޭނުންވާކަމެއް ކޮންމެ ހާލެއްގައިވެސް ހާސިލްކޮށްފައި އޮންނާނީ… މިފަހަރުވެސް އަހަރެން ބޭނުންވާގޮތަށް ކަންތައްވާނީ… މިކަމަށް ހުރަހަކަށްވާ މީހަކަށް ޖެހޭނީ މަގުން އެއްފަރާތްވާން…” އަލްހާން މޭޒުގައި އަތްވިއްދާލަމުން ފުންކޮށްނޭވާލައްވަން ފެށިއެވެ. އޭރު ހުދުކުލައިގެ ދަތްތަކަށް ކާރުވާލެއްްވިފައިވާއިރު ހަނިކޮށްލެވިފައި ލޮލުން ފެނިލެއްވީ ހިތްތައް ސިއްސުވާލާފަދަ ނުރައްކާތެރި ވިދުވަރެކެވެ.
ހައިޒަލްއަށް ލައިބްރަރީގެ ދޮރުހުޅުވާލައިފައި ނިކުމެވުނީ ރިހާނާގެ ކުރިމައްޗަށް ކަހަލަގޮތަކަށެވެ. ދޮރުގެ އަތްގަނޑުގައިި ހިފާލި އަޑާއިއެކު ރިހާނާ ލައިބްރަރީގެ ބޯދޮރުގައި ކަންފަތްޖަހައިގެން އެތެރޭގައި ދެކެވުނު ވާހަކަތައް އަޑުއަހަންހުރެފައި ދުރަށް ޖެހިލިއިރު ތުންފިއްތާލައިގެންހުރިގޮތުން މޫނުމައްޗަށް ރޫތައް އަރާފައިވެއެވެ. ހައިޒަލްގެ މޫނަށް ނަޒަރު ހުއްޓުނުއިރު ހިތްހަމަނުޖެހިފައި ހުރިފަދަގޮތަކަށް ރިހާނާ ބުމަކައިރިކޮށްލިއެވެ. ހިނދުކޮޅަށް ދެމައިންގެ ނަޒަރު ސީދާވިއިރު ހައިޒަލް އަޅާލުމެއްނެތި ދުރަށް ހިނގައިގަތުމާއިއެކު ރިހާނާގެ މޫނުމަތީ އެތިފަހަރެއްޖެހިފަދައެވެ. ހައިޒަލް އޭނަގެ އަދަބުކުޑަކޮށްލާފައި ދިޔައީތީ އެކަން ޤަބޫލުނުކުރެވިހުރެ ދަތްތަކަށް ބާރުކޮށްލެވުނީ ތަދުވާހާވަރަށެވެ. މިއީ މިހާތަނަށްވެސް ހައިޒަލްއަށް އޭނަގެ ކުރިމަތީ ކޮށްލަން ކެރުނު ހިތްވަރެއް ނޫނެވެ. “ހައިޒަލް….” ރިހާނާ ނުރުހިފައިހުރެ ގޮވާލިއަޑު ކަންފަތުގައި ޖެހުމާއިއެކު ހައިޒަލްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައިރު ލޯމަރާލެވުނެވެ. އެނަމުގެ ކުރިއަށް ދަރިފުޅުލާފައި މަންމަ ގޮވާލާނޭ ދުވަހަކަށް އޭނަ އިންތިޒާރުކޮށްކޮށް ވަރުބަލިވެއްޖެއެވެ. “އަންހެންކުއްޖަކަށްޓަކައި އަމިއްލަ ބައްޕަގެ މޫނުމަތީ ކޮޅުފައިންޖަހަން ޖެހުނީ އަހަރެން ދިން ތަރުބިއްޔަތުގައި ކޮންކަމެއް އުނިވެގެން…” ރިހާނާގެ ނުރުހިފައި ސުވާލުކޮށްލިއިރު ހައިޒަލް ފަސްއެނބުރި ބަލާލިނަމަވެސް ޖަވާބެއްދޭކަށް ގަސްތެއްނުކުރިއެވެ.
“ހައިޒަލްގެ އުމުރުން ތޭރައަހަރުގައި ޔޫއެސްއަށް ދިޔުމާއި ހަމަޔަށް ހައިޒަލްގެ ހުރިހާކަމެއް އަހަރެން ބެލެހެއްޓީން… އަހަރެން ހައިޒަލްދެކެ ލޯބިނުވިޔަސް އެންމެ ފުރިހަމަ ތަރުބިއްޔަތެއްދިނިން… އެތަރުބިއްޔަތު އަންހެންކުއްޖެއްގެ ސަބަބުން ގުނޑާލާނެކަމަކަށް ހިޔެއްނުކުރަން…” ރިހާނާގެ ޖުމްލައާއިއެކު ހައިޒަލްގެ އިނގިލިތައް މުށްކެވިގެންދިޔައީ އެ ޖުމްލަތައް އަޑުއަހަން އުނދަގޫވީވަރުންނެވެ.
“ލޯތްބެއްނުވޭ… ލޯބިނުވިޔަސް… މަންމަގެ ދުލުން އަހަންނަށް އަބަދާއި އަބަދު އަޑުއިވޭނޭ ބަހަކީ އެއީތަ؟ އެބަސްތައް ބުނެލަން މަންމައަށް ފަސޭހަޔަސް މިހިތަށް ކުރާއަސަރު މަންމައަށް އިނގޭތަ؟ މަންމަގެ ދިރިއުޅުމުގައި އަހަންނަކީ އެއްވެސް މީހެއްނޫން… މަންމަގެ ބިޒީ ޝެޑިއުލްއިން އަހަންނަށް އަހަރެން ތަރުބިއްޔަތު ކުރުމަށް ހުސްކޮށްލި ވަގުތެއް ބުނެލަބަލަ…. އަހަންނާއި ދިމާލަށް ލޯބިން ވާހަކަދައްކާލި ދުވަހެއް ބުނެލަބަލަ…” ހައިޒަލްގެ ހިތުގައި ރިހާނާގެ މައްޗަށްވާ ހުރިހާ ޝަކުވާތަކެއް ފުރަތަމަ ފަހަރަށް ބޭރުކޮށްލިއެވެ. އެއާއިއެކު ޝަކުވާއިން ފުރިގެންވީ ނަޒަރަކުން ރިހާނާގެ މޫނަށް ބަލަހައްޓައިގެން ހުރުމަށްފަހު ފަސްދީ ދުރަށް ހިނގައިގަތެވެ. އެއާއިއެކު ނުކިޔަމަންތެރިކަމާއިއެކު ލޮލަށް ގިނަވަމުންދިޔަ ކަރުނަތައް ހުއްޓުވަންވެގެން ހައިޒަލް ދަތްތަކަށް ބާރުކޮށްލައިގެންހުރެ ފުންކޮށް ނޭވާއެއްލިއެވެ. ކަރުނައިގެ އަގުވަޒަން ނުކުރާ ފަރާތެއްގެ ކުރިމަތީ ކަރުނަ އޮހުރުވުމުގެ ބޭނުމެއްނެތްއިރު ކަރުނަތައް ބޭކާރުކުރަންވީ ކީއްކުރަން ހެއްޔެވެ؟ އޭނަގެ ކަރުނަތަކުން މަޑުވެގެންދާވަރަށްވުރެ މަންމަގެ ހިތް އޭނަގެ މައްޗަށް ހަރެވެ.
*** *** *** *** *** ** މޫސުމް ދޭތެރެއަކުން ގޯސްވެލާ ދުވަސްކޮޅެއްނަމަވެސް މިރޭއުޑުމަތީގައި ތަރިތައް ފިޔަޖަހަމުންދާއިރު ވިއްސާރައިގެ އެއްވެސް އަސަރެއް ދައްކާނުލައެވެ. ހަނދު އަރައިގެން އައިއިރު ހަނދުގެ ރިހިއަލިން ބިންގަނޑަށް އަލިކުރަމުން މާހައުލު އިތުރަށް ސިހުރުވެރިކުރަމުން ދިޔައެވެ. އުޑުމަތީ އުކާލެވިފައިވާ އަލިމަސްކަށިތައްވެސް އެ ރިހިއަލީގައި ފެންނަނީ ބަބުޅަމުންދާ ޖަވާހިރުކޮޅުތަކެއްފަދައިންނެވެ. ވައިރޯޅިތައް މަޑުވެފައިވާއިރު ކަނޑު ފެންނަނީ ހަމަހިމޭން ސާލެއްފަދައިންނެވެ. ދުރުދުރުން ދިއްލިފައިވާ ސަފާރީތަކުގެ އަލިއެޅި ލޮނުގަނޑު ވިދަމުންދިޔައީ ރަން މުތެއް ފަދައިންނެވެ. ބްލޫސްގެ ޕިކްނިކް އައިލެންޑްގެ ހުދު ދޮންވެލިގަނޑުގައި ބޮޑު އަލިފާންގަނޑުތަކެއް ރޯކޮށްލައިގެން ބާރބެކިއު ހަދަން ހައިޒަލްމެން ތިބިއިރު މުޅިތަން އެއްވަސްވަމުންދިޔައީ ބާރބެކިއުގެ ބަނޑުފުރޭހާ މީރުވަހުންނެވެ. ކުކުޅުތަކާއި މަސްތައް ފިހެވޭނެއިރެއްގެ އިންތިޒާރުގައި ހުރިހާ ޒުވާނުން ބުރަކަށް މެޓްމަތީ އެތުރިލައިގެން ތިބިއިރު ދޭތެރެއަކުން ސަކަރާތްގަނޑެއް ގަނެލައެވެ. ބުރަދުވަހެއްގެ މަސައްކަތައްފަހު ހަމަހިމޭން މާހައުލަކަށް އާދެވުމުން އެންމެވެސް ތިބީ ފުދޭވަރަކަށް ރަނގަޅު މޫޑެއްގައެެވެ.
ދަންވަމުންދިޔައިރު ލޯބިވެރިން އެކި ދިމާލަށްގޮސް ހަނދުވަރުގެ އަލިކަމުން އުފާ ހޯދަމުންދިޔައިރު ހައިޒަލް އާއި ނައިނާ ތިބީ ރަށުގެ ތުނޑީގައެވެ. ތުނޑީގެ ދުރަށްދެމިފައިވާ ބޯކިރުކޮޅެއްފަދަ ހުދު ފަސްގަނޑުގެ ދެފަރާތުން މަޑުމަޑު ރާޅުތައް އައިސް އެކުވެގެންދާއިރު އެ މަންޒަރު ބަލާލަން ނުހަނު ހިތްގައިމެވެ. ހުދުފަސްގަނޑުގައި ރާޅުތައް ބީހިލާފައިދާ ހިސާބު ރެދަންގެ ނޫއަލިން ދިއްލިފައިވާއިރު ލޮނުގަނޑުވެސް ވިދަމުންދިޔައެވެ. ރެދަންގެ އަލިން މުޅި ރާޅުފަށް ދިއްލިފައިވާ މަންޒަރު ފުރިހަމަކަމާއިއެކު ރެދަންތައް ދިއްލިފައިވާއިރު ރީތިކަމުން ނައިނާ އުޅެގަތީ ރެދަންތައް އަތަށް ނަގައިގެން ރެދަންތަކާއި ކުޅުމުގައެވެ. ނައިނާ ރާޅުފަށުގައި ރެދަންތަކުގެ ތެރެއަށް ފައި ކޮއްޕާލައިގެން ހުރިއިރު ދޮންފައިލަމަތީ ނޫ ޖަވާހިރުކޮޅުތަކެއްފަދައިން ރެދަންތައް ވިދަމުންދިޔައެވެ. ދެއަތްފުރާ ރެދަންތައް ނަގައިގެން ހުރިއިރު އެ މޫނުމަތީވީ ވިދުމާއިއެކި ރެދަންގެ އަލިން އެ މޫނު އަލިވެފައިވާގޮތް ރީތިކަމުން ހައިޒަލް އެ މަންޒަރު ފޯނުގައި ރައްކާކުރިއެވެ. ހުދުކުލައިގެ ހެދުންކޮޅުގައި ނައިނާ މިރޭ ހޫރެއްހާ ލޯބިއިރު ހައިޒަލްގެ ހިތްވެސް އަވަސްވާގޮތްވިއެވެ.
ނައިނާ ރެދަނުން ހުދު ފަސްގަނޑުގައި ހައިޒަލްއާއި ނައިނާގެ ނަން ލިޔުނެވެ. ހުދުުކުލައިގެ ފަސްގަނޑުގެ ތެރޭ އަކުރުތައް ވިދަމުންދިޔަތަން ބަލަހައްޓައިގެން ހުރުމަށްފަހު ފަސްއެނބުރުމާއިއެކު ހައިޒަލް ދެއަތުން ނައިނާގެ ވަށާލަމުން އެ ރީތި މޫނަށް ބަލާލީ ހިތްބަންޑުންކޮށްލާފަދަ ނަޒަރަކުންނެވެ. އެ ތުންފަތްމަތީ ކުޅެލަ ކުޅެލާހުރި އެންމެ ރީތި ހިނިތުންވުމުން ނައިނާ އިތުރަށް ހައިޒަލްއަށް ގެނބޭގޮތްވިއެވެ. ހައިޒަލް ނައިނާގެ ކޯތާފަތުގައި އެ ފިނި ތުންފަތް ޖައްސާލިއެވެ. ނައިނާ ފެނުމާއިއެކު ހުރިހާ ހާސްކަމަކާއި މިދުވަސްކޮޅު އަބަދުހެން އޭނަގެ ސިކުނޑި ހަލަބޮލިކުރުމުގައި ކާމިޔާބުކުރާ ފިކުރުތައް ދިޔަތަނެއްވެސް ނޭނގުނެވެ. ނައިނާގެ ރީތި ހިނިތުންވުންތަކުން އޭނަގެ ނުތަނަވަސްވަމުންދިޔަ ހިތުގައި ފިރުމާލަދިންއިރު ލޯބީގެ ރީތި ދުނިޔެއަކަށް ގެންގޮސްދީފިއެވެ. އެވަގުތު ނައިނާ ކަމެއް ހަނދާންވެގެންކަހަލަގޮތަކަށް ހައިޒަލްގެ މޫނަށް ލާނެތްކަން އެކުލެވިގެންވާ ނަޒަރަކުން ބަލާލިއެވެ. އެވަގުތު ނައިނާ ހައިޒަލްއާއި ދިމާކޮށްލަން އެއްޗެއްކިޔާލުމާއިއެކު ހައިޒަލް ހަމަ ރަނގަޅަށްވެސް ރަކިވާގޮތްވިއެވެ. ނައިނާ އެހާ ފަސޭހައިން އެކަން ނަގައިގަންނާނޭކަމަށް އޭނަ ހިޔެއްނުކުރެއެވެ. ހައިޒަލް ކުޑައިރުކޮޅަކަށް ހިމޭންވިނަމަވެސް ނައިނާއަށްވުރެ ގަދަވާންވެެގެން ނައިނާ އެ ބާރުގަދަ އަތްދަނޑިމައްޗަށް އުފުއްލާލަމުން މޫދާއި ދިމާލަށް ދުއްވައިގަތުމާއިއެކު ނައިނާގެ ދެއަތުން ހައިޒަލްގެ މޭގައި ތަޅައިގަތެވެ.
“ހައި ކޮންމެހެން ބޮލުންކަޓުވާލަން އުޅޭނެކަމެއްނެތް… އަހަރެން ޖޭ ކުރަން ރިދްއާއިއެކީ ހުރީ ހަމަ… ކިޔާލާނަން މިކްޔާލްމެން ކައިރީ… ހައިޒަލް… ނޯރ… ސީރިއަސްކޮށް މޫދަށް ލައިފިއްޔާ ހައި އައި ވިލް ކިލް ޔޫ…” ނައިނާ ހެމުންހެމުން ހަޅޭލެވިއެވެ. ހައިޒަލް ދުވެފައިދިޔަގޮތަށް ނައިނާ މޫދުގެ ލޮނުގަނޑުގެ ތެރެއަށް ވައްޓާލުމާއިއެކު ނައިނާ ހައިޒަލްއާއި ދިމާލަށް ލޮނުތައް ބުރުއްސާލަމުން ދެފައި ތަޅައިގަތެވެ.
ހައިޒަލް ނައިނާ އެބާރުގަދަ ދެއަތުން އުފުއްލައިލައިގެން މޫދުގެ ލޮނުގަނޑުގެ ތެރޭގައި އުޅުނުއިރު ދޭތެރެއަކުން ނައިނާގެ ހުނުމުގެ އަޑު މަޑު މިޔުޒިކެއްފަދައިން އިވިލައެވެ. އެއާއިއެކު ހައިޒަލްގެ ތުންފަތްމަތީ ލުއި ހިނިތުންވުމެއް ދުވެލައެވެ. ހައިޒަލް ނައިނާއަށް ބަލާލާގޮތުންނާއި އެ ތުންފަތަށް ވެރިވާ ހިނިތުންވުމުންވެސް ހައިޒަލްގެ ހިތުގައި ނައިނާގެ މައްޗަށްވާ ތެދުވެރި ލޯބި ފާޅުވެއެވެ.
މޫދުގެ ލޮނުގަނޑު ވިދަމުންދިޔައިރު ހަނދުވަރުގެ ރިހި އަލީގައި އޭރު ދެލޯބިވެރިން ފެންނަމުންދިޔައީ ހަނދުގެ އަލިކަމާއި ވާދަކުރާ ދެތަރިފަދައިންނެވެ.
*** *** *** *** *** *** ދުވަސްތައް ފާއިތުވަމުންދިޔައީ ލޯބިވެރިންގެ ހަޔާތުގައި އެކި ކުލަތައް ޖައްސަމުންނެވެ. ބައެއް ހިތްތަކަށް އުފާވެރިކަން ގެނެސްދީ އަނެއްބައި ހިތްތަށް މާޔޫސްކުރުވަމުންނެވެ. އެއްބައި ހިތްތަކުގައިވާ ލޯބި އިތުރުކޮށްދީ އަނެއްބައި ހިތްތައް ނާއުއްމީދުން މިލުވަމުންނެވެ.
ފާއިތުވަމުންދިޔަ ކޮންމެ ދުވަހަކާއިއެކު ޝަލީން މާޔޫސްވަމުންދިޔައެވެ. މަޔާން އަންނާނެކަމަށް އޭނަ ކުރަމުންދިޔަ އިންތިޒާރު ދިގުދެމެމުންދިޔައިރު މަޔާންގެ ހަބަރެއްނުވެ ކޮންމެދުވަހެއް ފާއިތުވެގެންދާއިރު ޝަލީންގެ އުއްމީދުގެ އެންމެ ފަހު ހުޅުކޮޅު ކަނިވަމުންދިޔައެވެ. އެނބުރިއަންނާނެކަމުގެ ޔަގީންކަން ދިނުމަށްފަހު މަޔާން ދިޔުމަށްފަހު ޝަލީން ކުރަމުންދިޔަ އިންޒާރުތައް ދިގުދެމެމުންދިޔަވަރަކަށް އަމިއްލަ ނަފްސަށް އޮތް ޔަގީންކަމާއި އިތުބާރުކުޑަވަމުންދިޔައެވެ. ކިތަންމެ ބޭނުންނުވިޔަސް ވަސްވާސްތަކާއި ނުބައި ހިޔާލުތަކުން ޝަލީންގެ ސިކުނޑި ބަދެވެމުންދިޔައެވެ. މަޔާންއަށް ކަމެއްވީހެއްޔެވެ؟ ނޫނީ ލޯތްބާއި ޔަގީންކަން ދީފައި އެންމެ ފަހު ވަގުތު މަޔާން އޭނާގެ އަތުން ދޫކޮށްލީ ހެއްޔެވެ؟
އިރުގެ އެންމެ ފަހު ދޯދިތައް އޮއްސެމުންދިޔައިރު ޝަލީން ހުރީ ބެލްކަނީގައެވެ. މަޔާންގެ ނަންބަރަށް ޑައިލްކޮށްލައިގެން ފޯނު ކަންފަތުގައި ޖައްސަައިލައިގެން އޮރެންޖް އަދި ވައިލެޓްކުލައިން ފެވެމުންދިޔަ ވިލާތަކަށް ބަލަހައްޓައިގެން ހުރިއިރު ލޮލަށް ކަރުނަތައް ބޮޑިވިއެވެ. ދިގުދިގު އެސްފިޔަތަކުން ފޮރުވިފައިވާ ކަރުނަވީ ލޮލުން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ވޭނާއި ރިހުމެވެ. އުފާވެރިކަން މުޅި އުމުރަށް އޭނައާއި ވަކިވެގެންދަނީހެން ހީވިއެވެ. މަޑުމަޑުން އޭނަގެ ހިތުގެ ހަމަޖެހުންނެތެމުންދަނީއެވެ. ތަކުރާރުކޮށް މަޔާންގެ ނަންބަރަށް ގުޅަމުންދިޔައިރުވެސް ކޮންމެފަހަރަކުވެސް ތަކުރާރުކޮށް ލިބެމުންދާ މެެސެޖް އަޑުއަހަން ހުރެފައި ޝަލީން ވަރުދޫވެގެން ކަހަލަގޮތަކަށް ގޮނޑިއަށް ތިރިވިއެވެ. ދެއަތުން މޫނު ފޮރުވާލެވުނުއިރު ރޮއެގަނެވުނީ ހިތްހަލާކުވެފައިވާފަދަ ގޮތަކަށެވެ.
“ޔާން ޕްލީޒް ކަމް ބެކް ބިފޯރ އިޓްސް ޓޫ ލޭޓް….” ޝަލީން ރޮއެރޮއެ އިނދެފައި އިސްއުފުލާލަމުން އުޑަށް ނަޒަރު ހުއްޓާލިއެވެ. މަޑުމަޑުން ރަތްކަން ކެނޑެމުންދިޔަ ވިލާތަކަށް ބަލަހައްޓައިގެން އިންއިރު މަޔާންއާއި އެކީ ހޭދަވި އުފާވެރިވަގުތުކޮޅުތަކުގެ މަތިން ހަނދާންވިއެވެ. އެއާއިއެކު ހިތުގައި ބިރުވެރިކަމުގެ ވިންދެއް ޖަހާލީ އެހުރިހާ އުފަލަކާއި ވަކިވާވަގުތު ކުޑަތަންވަމުން އަންނަކަން އިހުސާސް ކުރެވިފައެވެ. ބައްޕައަށް އޭނަވީ ވައުދު ފުއްދުމުގައި އޭނަ ނާކާމިޔާބު އަންނައިރު އޭނަ ބައްޕަ ކުރިމަތީ ހަތިޔާރު ބަހައްޓަންޖެހޭ ވަގުތު ކުޑަތަންވަމުން އަންނަނީއެވެ. މަޔާން އަންނާނެމައެވެ. ނަމަވެސް ދުވަސްތައް ދިގުލަމުންދާވަރަކަށް ޝަލީން ހިތް ނާއުއްމީދުން މިލަމުންދިޔައިރު މަޔާން ނާންނާނެކަމަށް އޭނަގެ އަމިއްލަ ނަފްސުވެސް އޭނައަށް ވިސްދޭން ފަށައިފިއެވެ.
*** *** *** *** *** ***
އިރުގެ ދޯދިތަކުން މުޅި ދުނިޔެ އަލިކުރަމުން އައިރު ރޭގެ ވެހުނު ވާރޭގެ އަސަރު މަގުތައްމަތިން ފެންނަމުންދިޔައެވެ. މަގުތަކުގައި ފެންކޯރުތައް ދުވެފައިވާއިރު ވާރޭގެ ހަމާލަތަކުން ދޮވެވިފައިވާ ގަސްތަކުގައި ހަރުލާފައިވާ ފެންތިކިތައް ވިދަމުންދިޔައެވެ.
މަގުމަތީ ހެދިފައިވާ ފެންކޯރުތަކުގެ ދެފަރާތަށް ބުރުއްސަމުން ބާރު ސްޕީޑެއްގައި އައި ކާރު މަޑުކޮށްލީ ބްލޫސްގެ އެންޓްރެންްސްގެ ކުރިމައްޗަށެވެ. ހެނދުނުގެ ވަގުތުކަމަށްވުމާއިއެކު އަދި ކޮމްޕެނީގެ މަސައްކަތް ފެށެން ވަގުތުކޮޅެއް އޮތުމާއިއެކު މިވަގުތު ބްލޫސްގެ ޕޯޓިކޯ ފެންނަމުންދިޔައީ ފަޅުކޮންނެވެ.
ނޫކުލައިގެ ފެރާރީކާރުގެ ކުރީ ސީޓްގެ ދޮރުހުޅުވާލަމުން ނައިނާ ފޭބިއިރު ހައިޒަލް ޕާރކިން އޭރިއާއި ދިމާލަށް ކާރުދުއްވާލިއެވެ. އެއާއިއެކު ނައިނާ ކުރިއަށް ހިނގައިގަތެވެ. އިރުގެ އަލިކަން ހިނދެއް ހިނދަކަށް ދުނިޔެ އަލިކުރަމުންދިޔައިރު ބުލޫސް އިމާރާތުގެ ބޭރުގައި ޖަހާފައިވާ ބިއްލޫރިތަކަށް އިރުގެ އަލިއެޅި ވިދަމުންދިޔައެވެ. އެ ބިއްލޫރިތަކަށް އުޑުމަތީ ވިލާތައް ދައުރުކުރަމުންދިޔަ މަންޒަރުގެ ހިޔަނި އެޅިފައިވާއިރު އެ މަންޒަރު ފެންނަމުންދިޔަލެއް ހިތްގައިމުކަމުން އިރުކޮޅެއްވަންދެން ނައިނާއަށް އެމަންޒަރަށް ބަލަހައްޓައިގެން ހުރެވުނެވެ. ހެނދުނުގެ އެ ހިތްގައިމުވަގުތު ކަފަވިލާތައްވެސް އުޑުމަތީ ރޭސްޖަހަމުންދިޔައީ ހެނދުގެ ތާޒާކަމުން އުފާ ލިބިގަންނަމުންހެން ހީވެއެވެ.
އިރުކޮޅެއްފަހުން ހައިޒަލް ކާރު ފާރކްކުރުމަށްފަހު ޕާރކިންއިން ފެށިގެން ކޮމްޕެނީގެ އެންޓްރެސްއާއި ހަމަޔަށް ދެމިގެންވާ ދިގު ލޯވްންމަތިން ހިނގާލައިފައި އައިރު ބްލޫސްގެ އިމާރާތާއި ދިމާލަށް ނަޒަރު ހުއްޓާލެވުނެވެ. އެވަގުތު ބްލޫސްގެ ޓެރެސްއާއި ދިމާލުން މީހެއްގެ ހިލަންވެފައި ހައިޒަލްގެ ނަޒަރު ވަގުތުން ޓެރެސްއާއި ދިމާލަށް ދަތުރުކުރިއެވެ. ހައިޒަލްގެ ނަޒަރު ޓެރެސްއާއި ހަމަވިވަގުތުކޮޅު ކަޅު އެއްޗެހީގައި މޫނު ނިވާކޮށްގެން ހުރި ޒުވާނާ އަވަސް ހަރަކާތަކާއިއެކު ކޮންމެވެސް އެއްޗެއް ތިރިއަށް ދޫކޮށްލާމުން ވަގުތުން ނިވާވިއެވެ. ހައިޒަލްގެ ނަޒަރު ވަގުތުން ޓެރެސްއިން ތިރިއަށް ދަތުރުކޮށްލިއިރު ވައިކަފައިފައި ނައިނާއާއި ދިމާލަށް ވެއްޓެމުން އައި ތޫނު ބިއްލޫރިގަނޑު ފެނިފައި ހައިޒަލްގެ މެޔަށް ފެންއެއްޗެއް އަޅާލެވުނު ފަދައެވެ. ހިނދުކޮޅަކަށް ގަނޑުވެފައި ދުއްވައިގަންނަންވެސް ނޭނގިފައި ހުރެވުނުއިރު ސިކުނޑި ދިން ބިރުވެރި އިންޒާރާއިއެކު ދެވަނަސިކުންތުގައި ފަޔަށް ލެވުނުހާ ބާރެއްލައިފައި ގޮސް ނައިނާގެ ކުރިމަތީ ހުރަހަކަށްވަމުން ހުއްޓުނެވެ. އެއާއިއެކު ނައިނާގެ ހަށިގަނޑުގައި ހިފައިގަތްނަމުން ނައިނާގެ ފަހަތަށް ކޮއްޕާލިއެވެ. ނޯޓް: ވާހަކަ ގެނެސްދިނުން ލަސްވިކަމަށްޓަކައި މިވާހަކައިގެ ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެން
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
38 Comments!
Comments are closed.






lahun upkohdhevunu kamah takaa kiyuntherin ge kibain maafah edhen… im so sorry dear readers.. umeedhu kuran mi bai kiyuntherin nah kamudhaane kamah…. feel free to comment… thanks for waiting for the story and motivating me..
Mi first dhw. It’s okk varah reethi
yes.. thanks dear
Ohh its ok..btw e dhe love birds ah kameh viya nudhechey…mi part vx vrh vrh vrh reethi maashaa allah..??whn is next part..avaha up kh dhechey plx..waiting 4 next part..??
thankss dear.. hingaa dho love birds ah vaagotheh balamaa… next part mirey up kohdheynan
Alhey…haadha curious kohlaafa ey story thi nihmaaly… can’t wait to read next part…Masha Allah..like always story vrh reethi..keep it up dear..knirakun next part…❤️❤️❤️❤️❤️❤️❤️
thankss dear… next part insha allah monday night ga…
Lasvykamaku V. Salhi…..❤️❤️❤️❤️❤️
thankss dear… then delay nukoh baraabarh up kureveythoa balaanan ingey..
Iss okk ey inge if yuh inform kohfa inihyaa..btw mi part vec v v rythi. ..vvv curious kohlaafa thi nimmaaly…Plc upload next part soon ingey..luw yuh darlinn?♥
thankss dear.. next part monday night ga up kohladheynan.. varah ufaavey konme part akun jiji ge comments fehnaatheee… you are very supportive
Alhaan plan kogen dho hurihaa kameh mikuranee.. varah foohi vehjje alhaan dheke..
hingaabala mifaharu alhaan ge kameh tho balan… dhiraa ves varah foohivey alhaan dheke..
When next part… Avahah up kohdhehcheyy..
insha allah mirey up kohdheynan ingey eid gift eh ge gothuga
Maa shaa allah….vrh reeeethi
Eagerly waiting 4 the nxt prt
thankss dear annonymous… monday night ah inthizaaru kohlaa
Wow vv reethi dhiraa sis.kyv lasvee baleetha I am worried.gud night sweet dreams…
thankss dear.. kudakameh dhimaavegen busy veema up nukurevunee.. sorry for making you worried.. good night and sweet dreams
Tool has iraaa kudhi.vvvvvv reethi dhiraa sis and jiji more than happy with the following information about your experience and I will send you the details for your help and support you with the following user says thank you for this useful post by Gmail logo.i’m and the following user name is a great weekend too many bad things about the same age as me and my wife and kids husband are looking sexualities in message kohfa buneba and I am going through my resume is attached as a result I am going through a great weekend too many thanks gud night dhiroooo…….luv yah bodukoh
hehehe… thankss dear
Wow varah salhi❤❤❤..pls baraabarah uo kohdhechey. Varah kiyaa hih vaa story eh
thnkx… insha allah
Wow varah salhi❤❤❤..pls baraabarah up kohdhechey. Varah kiyaa hih vaa story eh
thankss dear… dhiraa varah balaanan ingey dhuvahah up kohdheveythoa
Mi bai ves varah reethi.. ekam hamanujehey thankolheh ebain ingey dhiraa.. hindu in kura gothah muslim anhen kujjakah kaiveni nukureveyne egothah bappage valee aai nula.. emme furathama valeeveriyaage valee ah edhumah fahuga eyna refuse koffiyya coat in ves valee nagaidhenee.. valeeveriya ah neygi sirrakun nun.. my brother nd sister in law waited for 5yrs valee nulibigen kaiveni nukurevifa.. coat in ves valee nagaidhinee 3 faharu e massala jessi fahun.. emme kurin 2 faharu bappayah valee dheyn angaafa massala nimmaalee..
thanks dear… dhiraa varah visnaafa ebai genesfa eynee.. dhiraa kee baeh stories ga ves huri egothah genesfa.. e gothah raajein beyruga marry kohffa… and i know e ee enme ragalhu goih noonkan.. ekmaa behey baithakeh adhi vaahaka therey ahnaane…
Aachaaa varah salhi mi bai ves keep it up dhira vaahaka up veytho belunu vareh ves neyge ekm ves varah reethi ??♥️
sorry ehaa bodah wait kuran jehsuneema.. and thankss dear
Vv reethi mi part vas waiting for next part ??
thankss dear… adhi kudakoh wait kohlaa
Dhiraa sis habareh veba site akun noon igey
gmail ge kuda mahsala eh dhimaavegen miulheny… okeyveema habareh vaanan…
V v nice dear laalu ah adhikiriyaa mi comment cohlaane vagutheh vy… Btw story haam fab…. Luv it…… Sis kihinehtha…. Eid mubaarak ingey…. Luv you lots????????
thankss laalu dear.. ufaa vehjje busy koh ulhemunves comment kohleema.. sis hama ragalhu… how about you… and eid mubaarak to you too…
Mi part varah shocking.Ekamaku hama habbu.When next?????
thnkx
Nice