Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެރޭ ލިބުނު ފިނިފެންމާ – 3

Reesh Level 110 Stories
April 10, 2013 4 Mins Read
5 Comments

އައި ރުޅިން ދެފަޔަށް ބާރުލާފަ ހިނގާލާފަ ގޮސް ހުއްޓުނީ ނާލީގެ ކުރިމަތީގައެވެ.
ބިރުގަނެފަ ހުރި ނާލީ އަށް ފަހަތަށް ޖެހިލެވުނީ ހާނިސާ ގެ ފަރާތުން ކުރިމަތިވެދާނެ ކަމަކަށް ވިސްނާފައެވެ. އެކަމުގެ ސަބަބުން ވެސް ހާނިސާ ގާތަށް އައީ އިތުރަށް ރުޅިއެވެ.
” ކިހާ ދެރަކަމެއް. އަހަރެން ކީއްކޮށްފާނެތީތަ އަހަރެން ފެންނަ އިރަށް ބިރުވެރި އެއްޗެއް ފެނުނީމަ ދާހެން ފިލަން ތިއުޅެނީ ” ހާނިސާ ގެ ޖުމްލަ ތަކުން ނާލީ އަށް ރޮވެން ފެށިއެވެ.
” އަހަރެން ހަމަ އެއްޗެކޭ ބުނާ އިރަށް ތިވަރުވާން ޖެހޭތަ؟ ތިހާ ވަރު ވަންޔާ އަމިއްލަ އަށް މިގެއިން ނުކުމެގެން ދޭބަލަ” ހާނިސާ ބޭނުންވާގޮތް ހާމަކުރިއެވެ.
ކުއްލިއަކަށް ހާނިސާ ގެ ހިތުގައި މޮޅު ރޭވުމެއް ރާވާލިއެވެ. އެއީ މީގެ ކުރިން ހާނިސާ އަށް ނުވިސްނުނު ކަމެކެވެ. ނާލީ އަމިއްލަ އަށް މިގެއިން ގޮސްފިއްޔާ ހާނިސާ ނެރެލި ކަމަކަށް ނުވާނެ ކަމެވެ. ހަމަ އެހިނދުން ދެވަނަ ސިކުންތުގަ އެކަމާ ދޭތެރޭ އަނެއްކާވެސް ވިސްނަން މަޖުބޫރު ކުރުވީ ނާފިޒުގެ ސަބަބުންނެވެ.
ހާނިސާ ހިތާ ހިތާ ކިޔާލިއެވެ. އޭރުންވެސް ނާފިޒު އެކަން ގަބޫލެއް ނުކުރާނެއެވެ. ނާފިޒު ހީކުރާނީ ހާނިސާ ގަސްތުގަ ކުރި ކަމެއް ކަމަށެވެ. އެހެންކަމުން އަލުން އަނބުރާ ގެއިން ނުކުތުމަށް ހާނިސާ ހިނގައިގަތެވެ. ކުއްލިއަކަށް ހާނިސާ އަށް ހުއްޓެވުނީ ފަހަތުން އިވުނު ނާލީގެ އަޑުންނެވެ.
” ދައްތާ ބުނެދީފާނަންތަ އަހަރެން ދެކެ ތިހާ ރުޅި އަންނަނީ ކީއްވެގެންކަން. ކޮބާ އަހަންނަށް ގޯސްކޮށް ކުރެވުނު ކަމަކީ” ނާލީ އާ ދިމާލަށް ބަލާލުމާއެކު ހާނިސާ ގެ ހިތުގައިވެސް އެނިކަމެތި އަންހެން ކުއްޖާ އާ ދޭތެރޭ ހަމްދަރުދީ އުފެދުނެވެ. އެކަމަކުވެސް އެކުއްޖާ އަށް އެހީވެވޭކަށް ހާނިސާ އަކަށް ނެތެވެ.
ދެވަނަ ފަހަރަށްވެސް ވާހަކަ ދެއްކީ ނާލީ އެވެ.
” ދައްތާ އަހަރެންގެ ފަރާތުން ގޯސްކޮށް ކަމެއް ކުރެވިފަ އޮތިއްޔާ ބުނެދީބަލަ” ހާނިސާ ދެލޮލުން ވެއްޓުނު ކަރުނަ ތިކި ނާލީ އަށް ދައްކަން ބޭނުންނުވާތީ އަތުގެ ނުފުށުން ފޮހެލުމަށްފަހު އަވަހަށް ނުކުމެގެން ދިޔައީ އެވެ.
ހާނިސާ ދިއުމާއެކު ނާލީ ދުވެފަ ގޮސް ކޮޓަރިއަށް ވަދެ އެތައް އިރެއް ވަންދެން ރުޔެވެ.
” މަންމަ އާ ބައްޕަ ކީއްވެތަ އަހަރެން އެކަނިކޮށްލާފަ ދިޔައީ. މިބޮޑު ދުނިޔެއަށް އަހަރެން އެކަނި ދޫކޮށްލީ އަހަރެންގެ ކޮން ކުށެއް އޮވެގެންތަ؟ ” ނާލީ އިންތިހާ ދެރަވެ އޮވެ އަމިއްލަ ނަފުސާ ޝަކުވާ ކުރަމުން ދިޔައެވެ. އެތައް އިރަކު އެގޮތުގަ ހޭދަވެގެން ދިއުމަށްފަހު ނާލީ ތެދުވެ ކޮޓަރި ތެރޭ ހުރި ކަބަޑެއްގެ ތެރެއިން ފޮތެއް ނެގިއެވެ. އެއަށްފަހު އެފޮތް ހުޅުވާލިއެވެ.
ފޮތުގެ ތެރޭގައި ހިކިފައިވާ މާ ނަގާ އެއަށް ނާލީ ބަލާލިއެވެ. އެއާއެކު ކުރީގެ ހަނދާނެއް ވުމާއެކު ލުއި ހިނިތުންވުމެއް ނާލީގެ މޫނުމައްޗަށް ވެރިވިއެވެ.
އެއީ ނާލީ ކިޔެވުން ނިމުނުފަހުން ގޭކައިރި ފިހާރައަކަށް ދިޔަ ދުވަހެކެވެ. އާދައިގެ މަތީން ރާކިން ދަޅެއް ގަނެލައިގެން ބޮމުން ބޮމުން ނުކުތް ވަގުތެވެ. ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. ރާއިން ލައިގަތީ ފިހާރައަށް ވަދެގެން އައި ނާލީގެ ގައިގަ އެވެ. އެކަމުގެ ސަބަބުން ނާލީ އަށް އުނދަގުވި ނަމަވެސް ރާއިން ވީ އުފަލެވެ. އެމައުސޫމް މޫނު ފެނޭތޯ ރާއިން އަށް މިފިހާރައަށް އާދެވުނު އަދަދު އިނގޭނީ ހަމައެކަނި ރާއިން އަށް ކަމަށްވީތީ އެވެ. ނާލީގެ ސްކޫލް ދައުރުން ފެށިގެން ރާއިން ދަނީ ނާލީ އަށް ކަޅި އެއްލަމުންނެވެ.
އެކަމަކު އެއްމެ ފަހަރަކު ވެސް ނާލީ ރާއިން އާ ވާހަކަ ދައްކާކަށް ނޫޅެއެވެ. ރާއިން އަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ރާއިން ދަޅު ހިފައިގެން ފިހާރައިގެ ބޭރުގަ މަޑުކޮށްލައިގެން ހުރީ ނާލީ ނުކުންނާނެ އިރަކަށެވެ. ނާލީ ނުކުތުމާއެކު ރާއިން ގޮވާލިއެވެ. ނާލީ ހުއްޓި ރާއިން އަށް ބަލާލުމަށްފަހު ގެއާ ދިމާލަށް ހިނގައިގަތެވެ. ރާއިން ބަލާކަށް ނުހުރެ ނާލީ ގެ ފަހަތުން ކުރިއަށް ދިޔައެވެ.
” ނާލީ ކީއްވެތަ އަހަންނާ ވާހަކަ ނުދައްކަނީ. އެންމެ ކުޑަމިނުން ނާލީގެ ނަންބަރު ދީ ބަ . ޕްލީޒް ” ނާލީ އަޑުއިވޭ ކަމަށްވެސް ނުހަދާ ގެއަށް ވަދެގެން ދިޔައީ އެވެ.
ނާލީގެ ހިޔާލުތައް ވިއްސިވިހާލިވެގެން ދިޔައީ ނާލީގެ ފޯނު ރިންގުވާ އަޑަށެވެ. މަދުމީހަކު ނޫނީ ނާލީއަށް ގުޅައެއް ނުލާނެއެވެ. ހާނިސާ ވަނީ ނާލީއަށް ފޯނުވެސް ހޯދަދީފައެވެ.
ގުޅަނީ ނުޝޫ އެވެ. ނުޝޫ އަކީ ނާލީ އާ އެއްކޮށް ކިޔެވި ކުއްޖެކެވެ. އެކަމަކު ކިޔަވާ ނިމުމަށްފަހު މަދުފަހަރަކު ނޫނީ ނުޝޫ އާ ވެސް ނާލީ އަކާ ދިމާވެފައެއް ނުވެއެވެ. ދޭތެރެއަކުން ނުޝޫ ނާލީ އަށް ގުޅާލާ ހަދައެވެ. ފޯނެއް އޮތަކަސް ނާލީ އަކީ އޭގެ ބޭނުން ކޮށް އުޅޭ މީހެއްނޫނެވެ. އެވަރަކުން ފޯނު ގެންގުޅެނީވެސް ހާނިސާ ކަމަކަށް ގޮވާލަފާނެ ކަމަށެވެ.
” ހަލޯ ” ނާލީ ނުޝޫ ގެ ފޯނަށް ޖަވާބު ދިނެވެ.
” ނާލީ އަޅެ އެއްފަހަރުވެސް ނާލީ އަހަންނަށް ގުޅާލާނެ ނަމައޭ އަހަރެން ހިތަށް އަރާ” ނުޝޫ އާދައިގެ މަތީންވެސް ދޭ ޖަވާބު ދިނެވެ.
ނާލީ ހޫނ އަޅުވާލުން ފިޔަވާ އިތުރު ކަމެއް ނުކުރެއެވެ.
” އަޅެ ދެން ކިޔަވައިގެން އަބަދު ތިހެން ގޭގަ އިންނާނީތަ.. ކޮންމެވެސް ވަޒީފާއެއް ލިބޭތޯ އުޅެންވީނު” މިފަހަރު ނުޝޫ ދިން ހިޔާލު ނާލީ އަށް ކަމުދިޔައެވެ. މިއަދު ހާނިސާ ދެއްކި ވާހަކަތައް ނާލީގެ ކަންފަތުގައި އަދިވެސް ގުގުމަމުން ދާތީ އާ އެކުއެވެ. ވަޒީފާ އެއް ލިބިއްޖެ ކަމަށްވަންޔާ މިގެއިން ނުކުމެގެން ގޮސް އެހެންތަނެއްގަ އުޅެވޭނެ ކަމަށް ބަލާފައެވެ.
ނުޝޫގެ އެހީތެރިކަމާއެކު ނާލީ ވަޒީފާއެއް ހޯދުމުގެ މަސައްކަތް ފެށިއެވެ. ނާލީ އަކީ ކިޔެވި އިރު ރަނގަޅަށް ކިޔެވި ކުއްޖެއްކަމުން ނަތީޖާ ވެސް ވަރަށް ރަނގަޅެވެ. އެހެން ނަމަވެސް ހަފުތާއެއް ވޭތުވެގެން ދިޔައިރުވެސް އަދިވެސް އެއްވެސް ތަނަކުން އިންޓަރވިއު އަކަށް ނުކިޔައެވެ. އަނެއްކޮޅުން ހާނިސާގެ ދިރިއުޅުމަކަށްވެސް މާބޮޑު ބަދަލެއް އަދިވެސް ނާދެއެވެ. އާދައިގެ މަތީން ދުވަސްތައް ފާއިތުވަމުން ދެއެވެ.
އެހެން ދުވަސް ދުވަހާ ހިލާފަށް ހާނިސާ މިއަދު އޮފީހަށް ނުދާ ދުވަހެކެވެ. މިހާރަކަށް އައިސް ނާލީ ކުރަން ހުންނަ ކަމެއް ކޮށްލާފަ ގިނަ ވަގުތު ހޭދަކުރަނީ އަބަދުވެސް ކޮޓަރީގައެވެ. ކުއްލިއަކަށް ނާލީ އަށް ކޮޓަރީގެ ދޮރާ ކައިރިވެލެވުނީ ހާނިސާގެ އަޑު ކޮޓަރި ބޭރުން ތަންކޮޅެއް ބާރަށް އިވުނުހެން ހީވެގެންނެވެ.
ނާލީ އަވަސް އަވަހަށް ކޮޓަރިން ނުކުތެވެ. އެކަމަކު އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އެކަމަކު ހާނިސާގެ ކޮޓަރިއާ ދިމާލުން އެއްޗެއް ވެއްޓުނު އަޑަށް ދެވަނަ ފަހަރަށް ކޮޓަރިއަށް ވަންނަން އަޅާލި ފިޔަވަޅު ނާލީ އަށް ނާޅާ ހުއްޓެވުނެވެ. އަދި އަވަސް އަވަހަށް ހާނިސާ ގެ ކޮޓަރިއާ ދިމާލަށް ދެވުނެވެ.
ކޮޓަރިއާ ކައިރިވީ ވަރަކަށް ދެމީހަކު ވާހަކަ ދައްކަމުން ދިޔަ އަޑު އިވެން ފެށިއެވެ. ނާލީ އަށް ވިސްނުނު ގޮތުގައި ނާފިޒު އައީ އެވެ. ނާލީ ކިޔާގޮތުންނަމަ ބޭބެ އެވެ. ހާނިސާ ރޯ އަޑު ކަހަލަ އަޑެއް އިވޭހެންވެސް ނާލީ އަށް ހީވިއެވެ. ކިތަންމެ ކުރާ ހިތްނުވާ ކަމަކަށްވިޔަސް ނާލީ ހާނިސާގެ ކޮޓަރީގެ ދޮރާ ކައިރިވެ އެތެރެއިން ދައްކާ ވާހަކަ އަޑުއެހޭތޯ މަސައްކަތް ކުރިއެވެ.
” އައްދޯތް ނާފިޒު. އަހަންނަށް ތިހެން ނުހަދަބަލަ. ނާފިޒު އަށްޓަކައި އަހަރެން ނުކުރަނީ ކީއް. އަހަރެންގެ ހުރިހާ މުދަލަކާ ހުރިހާ އެއްޗެއް އަހަރެން ނާފިޒު އަށް ދިނީ އަހަރެން ނާފިޒުދެކެ ހާދަ ލޯބިވާތީއޭ. އެކަމަކު ނާފިޒު ތިހަދަނީ އަހަންނަށް ކިހިނެތް؟” ނާލީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހާނިސާ އަށް އެހާލު ޖެހުނު ގޮތަކާމެދު ނާލީއަށް ވިސްނާލަން މަޖުބޫރު ކުރުވީ އެހިސާބުންނެވެ. ނާލީ އާ ދޭތެރޭ ހާނިސާ ކަންތައް ކުރާ ގޮތާ މިކަމާ ގުޅުމެއް ވެދާނެ ބާވައޭ ނާލީ ވަގުތުން ހިތަށް އެރިއެވެ. ދެން އިވުނީ ނާފިޒު ގެ އަޑެވެ.
” ހާނިސާ ބުނަން ރަނގަޅު ވާހަކައެއް. އިތުރަށް އަހަންނަށް ކޮށްދިން ކަންތަކުގެ ވާހަކަ ދެއްކުމަށްވުރެ އަހަރެން ބުނާކަމެއް ކުރަން އުޅުނިއްޔާ މާ ރަނގަޅުވާނެ ދެންވެސް. ކުރިންވެސް އަހަރެން ބުނިހެން އަހަރެންގެ އަންހެނުންގެ ގޮތުގަ އިންނަން ބޭނުމިއްޔާ އަހަރެން ބުނާގޮތަށް ކަންތައް ކުރޭ. ނޫނީ އަހަރެން މިހާރުން ފެށިގެން ހާނިސާ …. ” ނާފިޒު އަކީ ހާދަ ވިޔާނުދާ މީހެކޭ ނާލީ ހިތަށް އެރިއެވެ.
” ނޫން ނޫން ނާފިޒު އިތުރަށް އެންމެ ޖުމްލައެއްވެސް ނުބުނާތި، ނާފިޒު ބޭނުންވާ ކަންތައް އަހަރެން ކޮށްދޭނަން. އެންމެ ފުރުސަތެއް އަހަންނަށް ދީ” ހާނިސާ އެދައްކަނީ ކޮންކަމެއްގެ ވާހަކައެއްކަން ނޭނގުނު ނަމަވެސް ނާލީއަށް ކަންތައް ގޯސްވެފައިވާވަރު ވިސްނެން ފެށިއެވެ. އަވަސް އަވަހަށް ދުވެފަ ގޮސް ނާލީ ކޮޓަރިއަށްވަދެ ދޮރުލެއްޕިއެވެ.
ކޮޓަރި ތެރޭ ދެކޮޅަށް ހިނގަ ހިނގާ ނާލީ ހުއްޓެވެ. ވިސްނެމުން ދިޔައީ އިވުނު އަޑުތަކާ މެދުގައެވެ. ނާފިޒު އަކީ ބަލާބެލުމަށް ރަނގަޅު މީހެކެވެ. އިސްކޮޅުން ދިގު ހަމުގެ ކުލަ ކަޅު މީހެކެވެ. ހުތުރު މީހެކޭ ބުނެވޭ ވަރެއް ނުވެއެވެ. އެކަމަކު އެސިފައިގެ ފަހަތުގަ އެކުލެވިފައިވާ މުޑުދާރު ސިފަ ނާލީ ކުރިމަތީ އެވަނީ ކޮންމެވެސް ވަރަކަށް ހާމަވެފައެވެ. ހާނިސާ އަށް އެހާލު އެޖައްސަނީ ހާނިސާ ކޮންކަމެއް ކޮށްގެން ބާވައޭ ނާލީ ގެ ހިތްބުނަމުން ދިޔައެވެ.
ކޮޓަރީގެ ދޮރުގަ މީހަކު ޓަކިދިން އަޑައް ނާލީ ދިޔައީ ސިއްސައިގެންނެވެ.
” ނާލީ.. ދޮރުހުޅުވަބަލަ..” ދޮރުހުޅުވާލުމާ އެކު ފެނުނު މަންޒަރުން ނާލީގެ ދެލޯ ވަގުތުން ފެންކަޅި ވިއެވެ. ނާލީ އަށް އަޅާލާނެ މީހަކު ނެތްދުވަހު އެހީތެރިވެދިން މީހާ އެފަދަ ހާލެއްގަ ހުރިތަން ފެނުމުން ނާލީގެ ހިތަށް އިންތިހާއަށް އަސަރު ކުރުވިއެވެ.
( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Reesh

Level 110 Stories

ވާހަކަ ލިޔުމަކީ ރީޝް އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް.

Other Articles

Previous

އެރޭ ލިބުނު ފިނިފެންމާ – 2

Next

އެރޭ ލިބުނު ފިނިފެންމާ – 4

Next
April 10, 2013

އެރޭ ލިބުނު ފިނިފެންމާ – 4

Previews
April 10, 2013

އެރޭ ލިބުނު ފިނިފެންމާ – 2

5 Comments!

  1. އިމްތި says:
    April 13, 2013 at 1:06 am

    ވަރަށް ސަޅި

  2. އަހުމަދު says:
    April 13, 2013 at 1:11 am

    މިބައިވެސް ވަރަށް ފައްކާ

  3. ރިޔާޝާ says:
    April 13, 2013 at 1:15 am

    ވަރަށް ވަރަށް ސަޅި

  4. Reesh says:
    April 14, 2013 at 9:08 am

    އިންތި އަށް ވަރަށް ބޮޑައް ތެންކިޔު

  5. Reesh says:
    April 14, 2013 at 9:09 am

    އަހުމަދު އެންޑް ރިޔާޝާ އަށްވެސް ތެންކިޔު

Comments are closed.

Next Episodeއެރޭ ލިބުނު ފިނިފެންމާ – 4←


All Right Reserved!