އެރޭ ލިބުނު ފިނިފެންމާ – 4
ކޮޓަރީގެ ދޮރުގަ މީހަކު ޓަކިދިން އަޑައް ނާލީ ދިޔައީ ސިއްސައިގެންނެވެ.
” ނާލީ.. ދޮރުހުޅުވަބަލަ..” ދޮރުހުޅުވާލުމާ އެކު ފެނުނު މަންޒަރުން ނާލީގެ ދެލޯ ވަގުތުން ފެންކަޅި ވިއެވެ. ނާލީ އަށް އަޅާލާނެ މީހަކު ނެތްދުވަހު އެހީތެރިވެދިން މީހާ އެފަދަ ހާލެއްގަ ހުރިތަން ފެނުމުން ނާލީގެ ހިތަށް އިންތިހާއަށް އަސަރު ކުރުވިއެވެ.
ހާނިސާގެ ދޮން މޫނު ވަނީ ރަތްވެ ދުޅަވެފައެވެ. އެދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ހޭވިފައިވާ އިސްތަށިގަނޑުގެ އެއްބައި ވަނީ މޫނުމައްޗަށް ވެއްޓިފައެވެ. ނާލީގެ ހިތަށް ކުރި އަސަރުން ވަގުތުން އެދެލޯ ފެންކަޅި ވިއެވެ. އަވަސް އަވަހަށް ކުރިއަށްޖެހި ހާނިސާގެ އަތުގަ ހިފާ އެނދުގަ ބޭންދިއެވެ. ސައިޑް ޓޭބަލް މަތީ ހުރި ޖަގުން ތައްޓަކަށް ފެން އެޅުމަށްފަހު ހާނިސާ އަށް ބޯންދެވޭތޯ މަސައްކަތް ކުރިއެވެ.
ހާނިސާ އަށް ނާލީ އުޅޭގޮތް ފެނުމުން އަމިއްލަ ނަފުސު ކުއްވެރި ކުރެވެން ފެށިއެވެ. އެމައުސޫމް މާތް އަންހެން ކުއްޖާ އާ މެދު މިވޭތުވެދިޔަ ދުވަސްތަކުގަ ކަންތައް ކުރެވުނު ގޮތް ހިތަށް އަރަން ފެށިއެވެ. ހާނިސާ އެންމެ ފަހުން އެކަމެއް ކުރަން ފަސްޖެހުނު ކަންތަކާ ކުރިމަތިލުމަށް އަތުކުރި އޮޅާލި ކަހަލަ އެވެ.
” ނާލީ އަހަންނާ ހެދި ތިހާވަރުން ނޫޅޭ. އަހަންނަކީ ތިވަރަށް އަޅާލުން ލިބޭވަރުގެ މީހެއްނޫން ” ހާނިސާ ހާމަކުރީ ހަގީގަތެވެ.
” ނޫން ދައްތާ ތީ މިބޮޑު ދުނިޔޭގަ މިނިކަމެތި ނާލީ އަށް އެހީތެރިވި ހަމައެކަނި މީހަކީ. މިއަދު ދައްތަ ތިފަދަ ހާލެއްގަ ހުންނަތަން ދެކެން ހުންނާކަށް މިނާލީ އަކަށް ނުކެރޭނެ” ނާލީ ވާހަކަ ދެއްކިއިރުވެސް ހުރީ ރަނގަޅަށް ރޮވިފައެވެ.
” އަހަންނަށް ކޮށްދެވޭނެ ވަރުގެ ކަމެއްވިއްޔާ ހެޔޮހިތުން އެކަމެއް ކޮށްދޭން މިހިރީ ތައްޔާރަށް ” ހާނިސާ ނާލީގެ އަތުގާ ހިފާ އެނދުމަތީ ބޭންދިއެވެ. ހާނިސާ ދައްކަން އުޅެނީ ކިހާވަރެއްގެ ވާހަކައެއްކަމެއް އެއްގޮތަކަށްވެސް ނާލީ އަކަށް ނުވިސްނެއެވެ.
” ނާލީ ދައްތަ އަށްޓަކައި ދައްތަގެ ފިރިމީހާއާ ކައިވެނި ކުރަން އެއްބަސްވެވިދާނެތަ؟ ” ނާލީ އަށް ހީވީ މީހަކު ބާރު އެއްޗަކުން ބޮލުގަ ޖެހިހެންނެވެ. އެނބުރުން އެރިހެންވެސް ހީވިއެވެ. އަޑު އިވުނީ ރަނގަޅަށްތޯ އެހުމަށް ދެވަނަ ފަހަރަށްވެސް ނާލީ ހާނިސާ ގާތުން އެހިއެވެ.
” ނާލީ ތިއަޑު އިވުނީ ހަމަ ރަނގަޅަށް. ނާލީ ނާފިޒު އާ ކައިވެނި ކޮށްފާނަންތަ. ނާފިޒު ބޭނުންވަނީ ނާލީ އާ ކައިވެނި ކުރަން. އަހަންނަކަށް ނޭނގެ އަހަންނަށް ކިހާ ވަރެއްގެ ކަމެއް ކުރެވިގެންކަމެއް ނާފިޒު އެގޮތަށް ކަންތައް އެކުރަނީ. ނާލީ އާ ދޭތެރޭ ކިތަންމެ ހިތްހެޔޮވާން ބޭނުންވިޔަސް އަހަންނަކަށް އެކަމެއް ނުކުރެވޭނެ ” ކުޑައިރުކޮޅެއްކުރިން ނާލީ އާ އޯގާތެރި ކަމާއެކު ވާހަކަ ދެއްކި ހާނިސާގެ ބަސްމަގު ބަދަލުވާން ފެށިއެވެ. އެމޫނުމަތިން މިހާރު ފެންނަމުންދަނީ ނާލީ އާ މެދު ނަފުރަތެވެ.
” އެކަމަކު ދައްތާ ކީއްވެ ” ނާލީ ދެރަވެ އިނދެ އަހާލިއެވެ.
” ކީއްވެކަން އިނގޭނީ ނާފިޒު އަށް. ހަގީގަތަށް ބުނަންޔާ މިއަދު އަހަރެން ދެރަވޭ ނާލީ މިގެއަށް ގެނެވުނީތީވެސް. ނާލީގެ ސަބަބުން މިފަދަ ދުވަހަކާ އަހަންނަށް ކުރިމަތިލާން ޖެހިދާނެ ކަމަށް ފަހަރެއްގަވެސް އަހަރެން ހިއެއް ނުކުރަން” ހާނިސާ ދައްކަމުން ދިޔަ ވާހަކަތައް އަޑުއިވުނު ވަރަކަށް ނާލީގެ ހިތްދަތިކަން ދިޔައީ ބޮޑުވަމުންނެވެ.
” ދުވަހަކުވެސް އަހަންނަށް ކަމެއްކޮށްދޭން ބޭނުމިއްޔާ ނާފިޒު އާ ކައިވެނި ކުރަން އެއްބަސްވޭ. މިހާލުގަވެސް އަހަރެން ބޭނުން ނާފިޒުގެ އަނބިމީހާގެ ގޮތުގަ އިންނަން. އަހަރެން ނާފިޒު ދެކެ ވަރަށް ލޯބިވޭ. ނާފިޒު އާ ނުލާ އުޅެން އަހަރެން ފަހަރެއްގަވެސް ބޭނުމެއްނޫން ” ހާނިސާ ނުކުމެގެން ދަމުން އެންމެ ފަހުން ބުނެލިއެވެ.
” ނާލީ ގެ ޖަވާބު އަހަންނަށް ވީހާވެސް އަވަހަކަށް ދޭނެ ކަމަށް އުއްމީދުކުރަން ”
ހާނިސާ ނާލީގެ ކޮޓަރިން ނުކުތްއިރު ނާފިޒު ހިނި އައިސްގެން ހުރެ އައިސް ހާނިސާގެ ގައިގަ ބައްދާލިއެވެ.
” ހާނި ހާދަ ރަނގަޅޭ. އަހަރެން ވަރަށް އުފާވެއްޖެ ” ނާފިޒު ހީވަނީ އުފަލުން ގޮސް އެހެން ކަމެއް ހެންނެވެ.
” މިއަދު އަހަންނަށް ގަބޫލު ކުރެވިއްޖެ ހާނި އަހަރެންދެކެ ލޯބިވާވަރު. ވަރަށްބޮޑައް ސޮރީ އަހަންނަށް އަތް އިސްކުރެވުނީމަ ” ހާނިސާގެ ހިތަށް ކޮންމެ އެއްޗެއް އެރި ނަމަވެސް ނާފިޒު ހީވަނީ އުފަލުން އެހެން ކަމެއް ހެންނެވެ. އެއްވެސް އަންހެނަކު އަމިއްލަ ފިރިމީހާ އެގޮތަށް އެހެން އަންހެނަކާ ހިއްސާ ކުރާކަށް ހިތުން ރުހުމަކުން ބޭނުމެއް ނުވާނެއެވެ. އެވަރު ނާފިޒު އަށް ނުވިސްނެނީ ކީއްވެ ބާވައެވެ. ހާނިސާ އަށް ހުރިހާ ރުޅިއެއް އާދެވެން ފެށީ ނާލީ ދެކެއެވެ.
ހާނިސާ ގޮވައިގެން ނާފިޒު ކޮޓަރިއަށް ވަދެ ހާނިސާ އެނދުމަތީ ބާއްވާލިއެވެ. އެތައް ދުވަހަކަށްފަހު ނާފިޒު ހާނިސާގެ ހޫނު ތުންފަތުގާ ލޯބި ކޮށްލިއެވެ. އެކަމުގެ ސަބަބުންވެސް ވާންވީ ވަރަކަށް ހާނިސާ އުފަލެއް ނުވިއެވެ. ނާފިޒު ގެ ފަރާތުން އެލޯބި ހާނިސާ ބޭނުންވި ނަމަވެސް ހާލަތުގެ ގޮތުން ހާނިސާ އެކަމާ އެއްވެސް ވަރަކަށް ބައިވެރި އެއް ނުވެވުނެވެ.
އަނެއްކޮޅުން ނާލީ ފަކީރު އެނދުމަތީ ބަންޑުން އޮވެ ރޮމުން ދިޔައެވެ. ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަދޭނެ މީހަކު ނާލީ އިންތިހާ އަށް ބޭނުމެވެ. އެކަމަކު އެވަރުގެ މީހަކު ނާލީގެ ނެތެވެ. ވަރަށް ހިތްވަރު ކުރުމަށްފަހު ނާލީ ތެދުވެ ނުޝޫއަށް ގުޅާލިއެވެ.
ފޯނު ނެގުމާއެކު ނުޝޫ ފަށައިގަތެވެ.
” ހާދަ ނުގަޑިއެއްގަ ތިގުޅާލީ ” ނާލީގެ ގިސްލުމުގެ އަޑު ނުޝޫގެ ކަންފަތުގާ ޖެހުމާއެކު ނުޝޫ ވަރަށް ހާސްވިއެވެ.
” ނުޝޫ އަހަންނަށް އެހީތެރިވެދީ. ހެޔޮނުވާނެ ” ނާލީ ރޮމުން ރޮމުން ހާނިސާ އެދުނު ކަންތަކުގެ ވާހަކަ ނުޝޫއަށް ކިޔާ ދިނެވެ. ނުޝޫ އަށްވެސް ފުރަތަމަ ގަބޫލު ކުރަން އުނދަގޫވިއެވެ. އެކަމަކު ނާލީ އެވަރުގެ ވާހަކައެއް ދައްކާނީ ހަގީގަތަކަށްވާތީ ކަން ނުޝޫއަށް ގަބޫލު ކުރެވެއެވެ.
” ނާލީ އެހެންވީއިރު ހާނިސާ އަކީ ހާދަ ވިޔާނުދާ މީހެކޭ. އެބޭނުމުގަ ދޯ ނާލީ ގެނެސްގެން ކިޔަވާދީ ހެދީ. އަމިއްލަ އެދުން ބޮޑުވިޔަސް ތަންކޮޅެއް ބޮޑުވަރު އެއީ ” ނުޝޫ ރުޅި އައީ ހާނިސާ ދެކެއެވެ.
” ނޫނޭ ނުޝޫ ތިހެން ނުބުނޭ. ހިއެއްނުވޭ ދައްތަ އެއްވެސް ވަރަކަށް ބޭނުންވެގެން އެދުނު ކަމެއްހެނެއް. ދައްތަގެ ފިރިމީހާ އަކީ ރަނގަޅު މީހެއްނޫން.” ނާލީއަށް އެނގުނުވަރަށް ނާފިޒުގެ ހަގީގަތް ނުޝޫ އަށް އޮޅުން ފިލުވައިދިނެވެ.
” ދެން ނާލީ ކިހިނެތް ހަދާނީ. ތިކަމާ އެއްބަސްވާނެ ކަމެއްނޫން. ނާލީއަށްވެސް ގޮތް ހުހެއްނުވާނެ. މިހާރުން މިހާރަށްވެސް މިގޭގަ އެންމެ ތަންކޮޅެއް އޮތް ނަމަވެސް ނާލީ އަހަރެންގެ ގެއަށް ގެންނާނަން. އެކަމަކު ނާލީއަށްވެސް އިނގެއެއްނު ދޯ ” ނާލީއަށް އެކަން އިނގެއެވެ. އެހީއަށް އެދެންޔާ އެދޭނީވެސް ފަހެ ކާކު ކައިރިން ކަމެއް ނާލީއަކަށް ނުވިސްނުނެވެ.
ރޭގެ ދެންއޮތްބައިގަ އެއްގޮތަކަށްވެސް ނާލީއަކަށް ނުނިދުނެވެ. މާދަމާ ކުރިމަތިލާން ޖެހޭނީ ކިހާވަރެއްގެ ކަމަކާ ކަމެއްވެސް ހުދު ނާލީއަކަށް ނޭނގެއެވެ.
އެހެންދުވަސް ދުވަހު ފަތިހާ ތެދުވެ ނަމާދު ކޮށްގެން ސައިހަދާ ނާލީ މިއަދު ނަމާދު ކޮށްގެންވެސް އިނީ ކޮޓަރީގައެވެ. ބޭރަށް ނުކުންނަން ބޭނުން ނުވެފައެވެ. ހާނިސާ އުއްމީދުކޮށްގެން ހުރީ ބަދިގެ ތެރެއިން ނާލީ ފެންނާނެ ކަމަށެވެ. އޭރުން ނާލީ ނިންމިގޮތެއް އަހާލާށެވެ. ނާލީ ނުފެނުމުން ކޮޓަރިއަށް ދާން ހިތަށް އަރާފަވެސް އަޅާނުލީ ނާލީ އަށް އަދި ވަގުތު ކޮޅެއް ދިނުމަށެވެ. ކޮންމެ ގޮތެއްވިޔަސް ނާލީ އަށް އެއްބަސްވުން ނޫންގޮތެއް ނޯންނާނެކަމަށް ހާނިސާ ގަބޫލު ކުރެއެވެ.
ނާލީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށްފަހު ދުވަހަކުވެސް ނުގުޅަން ހުރި ނަންބަރަކަށް ގުޅާލިއެވެ. ހަމަ ޔަގީނުންވެސް އެއީ ނާލީއަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އޮތް މީހަކަށް ވާތީއެވެ.
( ނުނިމޭ )
3 Comments!
Comments are closed.
ވަރަށް ރީތި މިބައިވެސް
ތެންކިޔު ތާހިރާ
V,reethi