ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..4
ދުވަސްތައް މާޒީ ވަމުން ދިޔައެވެ.އާޒް ބޮޑުވަމުން ދިޔަވަރަކަށް ވައްތަރު ވަމުން ދިޔައީ ނަޝާޔާގެ ކޮއްކޮ އާނިމް އާއެވެ. ހަމަ އެ ދޮން ކުލައެވެ. އެ ހީލުމެވެ. ޒާހިރު ގެ އެއްވެސް ސިފައެއް އިސްތަށިގަނޑު ފިޔަވައި ނެތެވެ.އާޒް އަކީ ވަރަށް ލޯބި ފުށް ގަނޑެކެވެ. އާނިމްް ގެ ހުރިހާ ސިފައެއްހެން ލިބިފައި ވާއިރު ދަރިފުޅު ކޮއްކޮ ފަދައިން ތަންކޮޅެއް ފަލަ ވާނެ ނަމައޭ ނަޝާ އަބަދުވެސް ކިޔައެވެ. ދަރިފުޅު ގެ ލޯބި ހަރަކާތް ތަކުން ޒާހިރު ވެސް ދަރިފުޅު ދެކެ ވަރަށް ލޯބި ވެއެވެ. ރެޔާއި ދުވާލު ފިހާރާއިގައި އުޅެމުން،ޕާޓީގެ އެއް ޖަގަހައިން އަނެއް ޖަގަހަ އަށް ދުވަމުން ދާއިރު ގެޔަށް ވަދެވެނީ ކުކުޅު ފަނަށް އަރާ އުސޫލުންނެވެ. ދަރިފުޅާއި ދިމާ ވަނީ ގިނަފަހަރު ނިދާފައި އޮތްވައެވެ. ކޮންމެ ރެއަކު ވެސް ނަޝާ އިންނަން ޖެހެނީ މެންދަން ވާއިރު ވެސް ޒާހިރު ގެ އިންތިޒާރުގައެވެ. އެއީ ވާޖިބެކެވެ. ޒާހިރުގެ އަރުތެރެއަށް ކާއެއްޗެއް ލެވޭނީ ބަތް މޮޑެ ދިނީމާ ނަޝާޔާ ކުރިމަތީގައި ބައިންދައިގެންނެވެ. އެވެސް އޭނާ ހިތަށް އެރި ފަހަރަކުއެވެ.
ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫނޭ މީހުން ބުނެއުޅެއެވެ. ނަޝާޔާ ގެ ނަސީބު އަތުގައި ހިފީ ނުދެނެ ހުއްޓައެވެ. ރަށު ސުކޫލުގެ މުދައްރިސެއް ގެ ވަޒީފާ ހަމަޖެހުނީ ކުއްލިއަކަށެވެ.ކޮންޓްރެކްޓް އުސޫލުން ކަމުގައި ވިޔަސް ލާރި ލިބޭނެ މަގެއް ފެނުމުން އިންތިހާއަށް އުފާވިއެވެ. ދުވާލު ހަތަރުދަމުގައި ޒާހިރުގެ މަލާމާތުގެ ބަސްތަކުގެ ތެރޭގައި ގައިދުވެފައި އުޅެން ޖެހޭތީ ނަޝާޔާ ހުންނަނީ ބޯ ގޮވާފައިއެވެ. ވަޒީފާއެއް ހަމަ ޖެހުމުން ބޭރުތެރެއަށް ނިކުމެވި، މީހުންނަށް ފެނިދެނިވެ އުޅެވެން ފެށުމުން ތަންކޮޅެއް ބޮލަށް ފަސޭހަ ވާނެތާއެވެ.ޒާހިރަށް މި އުފާވެރި ޚަބަރު ދިނުމުން މަރުޙަބާ ކިޔުމުގެ ބަދަލުގައި ސުވާލު އަމާޒުކޮށްލީ ލިބޭނެ މުސާރައާއި މެދުގައެވެ.
ނަޝާޔާ! ކޮންކަމަކާ ތާ މާވަރަކަށް ތި ހެނީ؟ ޒާހިރު އާދައިގެ ގޮތަކަށް އަހައިލިއެވެ.
“ޒާހިރު ! މަށަށް ވަޒީފާއެއް ލިބިއްޖެ!” ލިބިފައި ހުރި އުފަލެއްގެ ސަބަބުން ޒާހިރަށް ގޮވާލެވުނީ ވަރަށް ބާރަށެވެ.
“ސާބަހޭ! ކިހާވަރެއް ލިބޭތަ؟ޒާހިރު ބޭނުންވީ ނަޝާޔާ ގެ މުސާރަ ދެނެގަންނާށެވެ.މަރުހަބާ ކިޔާލާނެ ހަނދާނެއް ވެސް ނެތެވެ. ހީވަނީ ބުރުދާ ގާއިމު ކުރަން އުޅޭމީހެއް ހެނެވެ.ސުވާލަކަށް ފަހު ސުވާލެއް ކުރިމަތި ކުރަމުން ދިޔައެވެ. އެންމެ ފަހުން ހުއްޓާލީ ޒާހިރަށް ފޯނެއް އައިމައެވެ.
މަރުވަމުން ދިޔަ ގަހަކަށް ފެންލިބުމުން އާރޯވެ، ހެދެމުންދާ ބީދައިން ނަޝާޔާގެ ވީރާނާ ވެފައިވާ ދިރިއުޅުން ވެސް އުފާވެރިކަން އަތުވެއްޖެއެވެ. އެކުވެރިންނާ ދިމާވެ، ހިތްހަމަ ޖައްސާލާ ވާހަކަ ދައްކާލެވޭނެ ފުރުޞަތު ލިބުމުން އެ ހިތުގެ ކެކުޅުންތަކަށް ފަރުވާއަކަށް ވިއެވެ. ކިތަންމެ ބުރަ ވަޒީފާއަކަށް ވިޔަސް އާއިލީ ޒިންމާތައް ފުރިހަމައަށް އަދާ ކުރަމުން ދިޔައެވެ.ދުނިޔޭގެ ތެރެއަށް ލޯހުޅުވިފައި ހުރިމީހަކަށް ވެ، ކިޔަވައިދިނުމުގެ ހުނަރު ލިބިފައިވުމުން އިސާހިތަކު ދަރިވަރުންގެ ލޯތްބާއި ބެލެނިވެރިން ގެ ތަޢުރީފު އޮހެމުން ދިޔައެވެ. ކޮންމެ ދުވަހަކީ ވެސް ހިތްހަމަ ޖެހޭ އުފާވެރި ދުވަސްތަކެއްކަމުގައި ވެގެން ދިޔައެވެ. ޒާހިރާއި ދިމާވާ ވަގުތު އިހުނަށް ވުރެ މަދުވުމުން ދެމަފިރިން ގެ އަރައިރުން ވެސް މައިތިރިވާ ގޮތް ވިއެވެ. ލިބެމުންދާ އުފާވެރިކަން އަބަދަށް ލެހެއްޓެވުން އެދި ކެނޑިނޭޅި އޭނާ ދުޢާ ކުރެއެވެ.
މުދައްރިސަކަށް އަންނާނެ އެންމެ އުފާވެރި ދުވަހަކީ މުދައްރިސުން ގެ ދުވަހެވެ. ސުކޫލުތަކުގައި އެންމެ ކުލަގަދަކޮށް ފާހަގަ ކުރާ އެއް ދުވަހެވެ. މިގޮތުން ދަރިވަރުންނާއި މުދައްރިސުން ބައްދަލުވެ ، ކާޑާއި ހެޔޮއެދުން ފޮނުވުމާއި ހަދިޔާ ދިނުމަކީ ސުކޫލުގެ ސަޤާފަތުގައި އޮންނަ ކަންކަމެވެ. ނަޝާޔާ ވެސް އެދުވަހުގް ޝަރަފުގައި ދުވަހަށް ޚައްސަ ކުލަކަމަށް ވާ ވައިލެޓް ކުލައިން ހެދުމެއް ފެއްސިއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެވުމުން ޒާހިރަށް އާދޭސްނުކޮށް ބޭނުން އެއްޗެހި ގަނެލެވެއެވެ. ނަޝާޔާ ސުކޫލުގެ ގޭޓުން އެތެރެއަށް ވަދެގެން އައިރު ހީވަނީ ޕަރީއެއް ހެންނެވެ. ހުރިހާ މުއައްޒަފުންނަށް ވެސް އެއްފަހަރާ ބަލައިލެވުނެވެ. ވައިލެޓް ކުލަ އޭނައާއި ކިތަންމެ ހާވެސް ގުޅެއެވެ. އޮޅަލި ކުލައިގެ އެ ހަށިގަނޑަށް މަހައިލެވިފައިވާ ހެދުން ވެސް އެހާ ފުރިހަމައެވެ. ބޯ ނިވާކޮށްފައި ވަނީ އެންމެ ޒަމާނީ ޝޯލްއަކުންނެވެ. އަތުގައި އަޅާފައިވާ ކެވެލިކޮޅުވެސް ވަނީ ވައިލެޓް ކުލައިގައެވެ.
“ވައިލެޓްމާ! ހާދަ ރީއްޗޭ ދޯ ނަޝާ…. ” ދުރުގައި ހުރި ހައްވަ އައިސް ނަޝާޔާ ސަލާމްކޮށްލިއެވެ.
އަސްލުވެސް ވަރަށް ލޯބި ! … ހެދުންވެސް ރީތި…” ހައްވަ ހީވަނީ ޖަވާހިރެއް ފެނިގެން އުޅޭހެންނެވެ.
” ޝުކުރިއްޔާ ހައްވޫ! ” ނަޝާޔާ ލަދުރަކި ހިނިތުންވުމެއް ހަދިޔާ ކުރަމުން އެކުވެރިޔާގެ ތަޢުރީފަށް ޝުކުރު އަދާ ކޮށްލިއެވެ.
ނަޝާޔާއަށް ވަރަށް ގިނަ ހަދިޔާތައް ލިބުނެވެ. މުޅި ގްރޭޑް ގެ ހުރިހާ ކުދިން ހެން ސަލާމްކޮށް ހަދިޔާއެއް ދިނެވެ. ހަދިޔާ ތައް ބޮޑު ހަތަރު ކޮތަޅަށް ލުމަށް ފަހު އެކުވެރިޔެއް ގެ ސައިކަލުގައި ގެޔަށް ދިޔައީ ވީހާވެސް އަވަހަކަށް ދަރިފުޅާއި ބައްދަލު ކޮށްލުމަށެވެ.
“އަތުވެއްޖެ ބެލެނިވެރިން ފޭރިގަނެގެން…” ގޭގެ ބެލްކަނީ ގައި ކޮފީ ބޯން އިން ޒާހިރު ބުނެލިއެވެ. ނަޝާޔާ ހިވޭ ކަމަކަށް ވެސް ނެހެދިއެވެ. ދަރިފުޅަށް ގޮވަމުން ބަދިގެ ފަރާތަށް ދިޔައީ ގަސްތުގައެވެ.
“ނަޝާ ހާދަ ސާމާނެއް! ” ކޮތަޅުތައް ދަމަމުން ވަދެގެން އަ ނަޝާޔާ ފެނިފައި ލުތުފީ ބުނެލިއެވެ.
ދައްތާ… މަށަށް ޗޮކްލެޓެއް… ” ކުޑަ ކުއްޖެއް ހެން ތުން ދަމާލަމުން ނިޝްވާ ބުނެލިއެވެ.
“ނިޝް ކާން އެންމެ ރަނގަޅު ވާނީ މިކަހަލަ އެއްޗެހި ! ގައިމު ގައިގަ މަސްކޮޅެއް ވެސް ނެތް ވިއްޔާ…ނަޝާޔާ ކޮއްކޮއާއި ދިމާ ކުރުމަށް ފަހު ޗޯކްލެޓް ފޮއްޓެއް ދިއްކޮލަމުން ކޮއްކޮމެން ބަހާލާށޭ ބުނެފައި ދަރިފުޅު އުރާލިއެވެ. މަންހާ ކޮއްކޮއާއި ނިޝް ކޮއްކޮ ވެގެން ހަދިޔާތައް ކޮޓަރިއަށް ވެއްދިއެވެ. ބައި ގަޑި އިރެއް ހާއިރު ފަހުން ނަޝާޔާވެސް ދަރިފުޅު އުރާލައިގެން ކޮޓަރިއަށް ވަނެވެ. ޔަގީނުން ވެސް ޒާހިރު އޮންނާނީ ނިދާފަ ކަމަށް ނިންމަމުންނެވެ. އެހެނަސް ދޮރު ހުޅުވާލުމާއެކު ނަޝާޔާގެ ލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ. ޒާހިރު ހޭބޯނާރާ ޕާރުސަލްތައް ކަނޑަމުން ދިޔައެވެ. ނަޝާޔާ ބާރަށް ހޭން ފެށީ އިޚްތިޔާރަކާ ކުލައެވެ.
” ސާބަސް! ތަންގަނޑު މީހުން އެއްކުރޭ!ނަޝާ އަށް ފަސޭހަ ކޮށް ދެނީ ނޫންތަ؟ ޒާހިރު ލަސްލަހުން ބުންޏެވެ.
” ހާދަ ރަނގަޅޭ..ޝުކުރިއްޔާ! ު… ދެން ޗޮކްލެޓެއް ވެސް ކާލަބަލަ…. ” ބިންމަތީގައި ހުރި ޗޮކްލެޓް ކައިފައި ހުރި ކަރުދާސްތަކަށް ބަލައިލަމުން ނަޝާޔާ ޖެއްސުން ކޮށްލިއެވެ. އައި ރުޅީގައި ޒާހިރު ނިކުމެގެން ދިޔައީ ބާރަށް ދޮރުފަތް ޖަހާލާފައެވެ. ވެފައި ހުރި ވަރުބަލިކަމާއެކު ދަރިފުޅު އެނދުގައި ބޭއްވުމަށް ފަހު ކައިރީގައި އޮށޯތެވެ.
ރޭގަނޑުގެ ވަގުތެވެ. ދަރިފުޅު ނިންދެވުމަށް ފަހު ސުކޫލްގައި ޓީޗަރުން ގެ ޝަރަފުގައި ބޭއްވޭ ރަސްމިއްޔާތަށް ދިޔުމަށްޓަކައި ތައްޔާރުވަމުން ދިޔައެވެ. ލޮލުގައި އަދުން އަޅާލާ ތުންފަތުގައި މަޑު ކުލައެއް ވެސް ޖައްސައިލުމުން ނަޝާޔާ ގެ ބުރުސޫރަ އަށް އިތުރު ފުރިހަމަ ކަމެއް ލިބުނެވެ. މަންޒަރު ބަލަން އެނދުމަތީގައި އޮތް ޒާހިރަށް އެއީ މާ ކަމުދާ ކަމެއް ނޫނެވެ. އޭނާ ދެކޭ ގޮތުގައި އަދުން އަޅާނީ ކަޓު މީހުންނެވެ. ނަޝާޔާ ޒާހިރު ކުރެން ފިހާރައަށް ގެންގޮސްދިނުމަށާއި އެޔަށް ފަހު ސުކޫލަށް ލައިދިނުމަށް އެދުނެވެ. ޒާހިރު ގެ މޫޑް ރަނގަޅު ވަގުތެއް ހެން ހީވިއެވެ. ޒުވާބު ކުރުމެއް ނެތި ފިހާރައަށް ގެންގޮސްދިނެވެ.
ނަޝާޔާ “ސީކްރެޓް ފްރެންޑަށް” ހަދިޔާ ތައް ގަނެލުމަށް ފަހު ޕާރުސަލް ކުރުވިއެވެ. ވަށައިގެން ހޯދާލީ ޒާހިރު ފެންނަން ނެތުމުން ނެވެ. ފިހާރައިގެ އެތަންމިތަން ހޯދަން ފެށުމުން އެތާގައި ހުރި ބިދޭސީއަކު ޒާހިރު ދިޔަވާހަކަ ބުންޏެވެ. އެއީ ޒާހިރު ދަންނަ މީހެއްކަމުން އެއީ އޮޅުމެއް ނޫންކަން ނަޝާޔާއަށް ޔަގީންވިއެވެ.މާތް ﷲ އާއި ވަކީލު ކުރުމަށްފަހު ކާރަކަށް އަރައިގެން ސުކޫލަށް ދެވުނު އިރު ރަސްމިއްޔާތު ފެށިއްޖެއެވެ. ޒާހިރު އެއްވެސް ރަހުމެއް ނެތި އޭނާއަށް ލަނޑު ދީފައި ގެޔަށް ގޮސް އަރާ އޮށޯވެ ނިދީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


Awwn…vaahaka v reethi^^♥
Kept me glued till the end.Great story;excellent writer….great flow….knows to captivate the reader.
.. Love it .. waiting for part 5 .. upload soon
Vv nice
v nala
mi part wes nice . waitingg 4 the next part
Reethi