“ތިއޮތީ މާ ރަނގަޅަށްވެސް ގްރެޖުއޭޓްވެފަ!” މިރްޒާން ހެވިފައިހުރެ ބުނެލިއެވެ. އެއާއެކު އަމްނާއަށް ވެސް ރަތްވެގެން ދިޔަ މޫނަކާއެކީ ހީލެވުނެވެ. އެ ހީލުމުގެ ތެރެއިން މިރްޒާން ގޮސް އަމްނާގެ ގައިގައި ބައްދާލި ހިނދު ދެމީހުންގެ ލޮލުން ވެސް އުފާވެރިކަމުގެ ކަރުނަތައް ހިލުނެވެ. މަރާލެވުނު އެސްފިޔަތަކުގެ ތެރެއިން ހިތާމަތަކުން މުޅިން އެއްކިބާވެފައިވި މުސްތަޤްބަލެއް ދެމީހުންނަށް ވެސް ސިފަކުރެވުނީ، ދެން އެމީހުން އެކީގައި ތިބެން އޮތީ މަދު ދުވަސްކޮޅަކަށްޓަކައިކަން ނޭނގިއެވެ.
އޭގެ ތިންދުވަސްފަހުން މިރްޒާނާއި އަމްނާވީ ލަންޑަނުން މާލެއަށްދާ ފްލައިޓް މަތީގައެވެ. ފްލައިޓް ތެރެއިން ދެމީހުންގެ ދެމެދުގައި ދެކެވުނު އެކިއެކި ވާހަކަތަކުގެ ތެރެއިން މިރްޒާން އޭނަގެ ބެކްޕެކް ތެރޭގައި ހުރި ފޮޓޯތަކެއް އަމްނާއަށް ދެއްކިއެވެ. އެއީ މާލެއަށް އަނބުރާ ގޮސް މިރްޒާން ގަންނަން ޚިޔާލުކޮށްފައި ހުރި ހުޅުމާލޭގެ އެޕާޓްމެންޓްގެ ފޮޓޯތަކެވެ. އެޕާޓްމެންޓްގެ ވާހަކަ ބުނުމާއެކު އަމްނާ ވަގުތުން ޝަކުވާކުރިއެވެ. އޭނައަށް ދައްކާލުމެއްނެތި ތަނެއް ޚިޔާރުކުރުމުންނެވެ. އެހެނަސް ޕްރިންޓް ކުރެވިފައި ހުރި ފޮޓޯތައް ބަލަމުން ދިޔަ އަމްނާ ކޮންމެ ފޮޓޯއަކަށް ދެލޯ ބޮޑުކޮށްފައި ވާވްއޭ ކިޔަމުން ދިޔަ ގޮތުން މިރްޒާނަށް ހެވުނެވެ.
އެ ދިގު ދަތުރުމަތީގައި ނިދާލެވުނު އަމްނާއާއި މިރްޒާނަށް ހަވީރުގެ ވަގުތެއްގައި ހޭލެވުނީ، ފްލައިޓް މާލޭ އިންޓަނޭޝަނަލް އެއާރޕޯޓާއި ގާތްވާ ވާހަކަ ޕައިލެޓް ބުނަން ފެށުމުންނެވެ. އެވާހަކަ އިވިފައި ދެމީހުން ވެސް އެކަކު އަނެކަކާ ދުރުވެ ސީދާވެލަމުން ރަނގަޅަށް ދެލޯ ހުޅުވޭތޯ މަސައްކަތް ބެލުނެވެ. މިރްޒާން އޭނަގެ ލޯ އުނގުޅަމުން ވާހަކަ ދެއްކިއެވެ.
“ހަމަ އަރާމުވެލާއިރަށް މި މީހުން ކިޔާނެ އެހެން.” މިރްޒާން ނިދިބަރުވެފައިވި އަޑަކުން ބުނެލިއެވެ. އޭނަގެ އެ ވާހަކައަށް އަމްނާ ހީލަމުން ކައިރީގައި ހުރި ކުޑަދޮރުން ބޭރު ބަލާލިއެވެ. އެ ހިނދު ރަންކުލައިގެ ފަށަލަތަށް ވަށާލެވިގެންވި ޖަޒީރާ ރަށްތަކެއް ފެންނަން ފެށުމުން އަމްނާ ވިސްނުމެއްގެ ތެރޭގައި އިނދެފައި މިރްޒާނަށް ބަލާލިއެވެ.
“މިޒް….އަހަރުމެން މާލެއަށް ގޮއްސަ ހަމައަކަށް އެޅުނީމަ ހިނގާބަލަ މިޒްމެންގެ ރަށަށް.” އަމްނާ މިރްޒާނަށް ބަލަން އިނދެ ބުނެލި ވާހަކައިން މިރްޒާންގެ ލޮލުން ނިދި ފިލައިދިޔައެވެ.
“އައްނު ދާން ބޭނުން؟ ތިހާ ބަލިވެ އުޅޭއިރު ކިހިނެއްދާނީ؟ ކަނޑުމަގުން އެހާ ދިގު ދަތުރެއް ކުރަން ޖެހޭނީ…” މިރްޒާން ކަންބޮޑުވުން ފާޅުކުރިތަނާހެން އަމްނާ ވާހަކަ ދެއްކިއެވެ.
“އަދި މިޒްއަށް ޖޮބް ލިބިގެން ދުވަސްކޮޅަކުންނެއްނު ދެވޭނީވެސް؟ އެހާއިރަށް އަހަރެން ވެސް މިއަށްވުރެ ރަނގަޅުވާނެ ކަމަށް ބަލަމާ އިން ޝާ ﷲ. ކޮންމެ ގޮތެއްވިޔަސް ވަރަށް ބޭނުން މިޒްގެ މަންމަމެންނާ ބައްދަލުކުރަން.” އަމްނާ ބުންޏެވެ. މިރްޒާން ކުރިމައްޗަށް ނަޒަރު ހުއްޓާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ވޭތުވީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ.
“ހިތަށްއަރަނީ މިޒްގެ މަންމަމެން ހަމަ އެހާ ރުޅި އަންނާނެބާއޭ އަހަންނަށް. އަހަރެން ދެކެން ސިޔާސީ ކަންކަމާހެދި ރުޅި އިސްކުރާ މީހުން. އެކަމަކު ގުޅުން ކަނޑާލާ ބަޔަކު ނުދެކެން.” އަމްނާ ސީރިއަސް މޫނަކާއެކީ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ.
“ހެހެ…އައްނުގެ މަންމައާއި ބައްޕަ އައްނު ކޮށްޓެއްގެ ތެރެއަށް ލައިގެން އުޅުނީމަ ދުނިޔެ ނުފެނިފަ ތިހިރީ. ގިނައީ އެކަންތަކާހެދި ގުޅުންތައް ކަނޑާ މީހުން. އެނގޭތަ؟ މި ކަންތައް އަހަރުމެންގެ ތެރެއަށް ނާންނަނީސް އަހަރުމެންގެ ހުރިހާ ބޮޑުދައިތަމެން ކޮންމެ ދުވަހަކު އަހަރުމެންގެ ގެއަށް ދާނެ. މަންމައާ ބޮޑުދައިތަމެންނާ ވީމަ އެއީ ބޮޑު ޖަމުޢިއްޔާއެކޭ ބުންޏަސް ދޮގަކަށް ނުވާނެ. އަވަށު ކުއްޖަކަށް ކަމެއް ދިމާވެއްޖެއްޔާ ހުރިހާ އަންހެނުންވެގެން އެހީވެދޭން ދާނެ. މީހަކު މާ ބޮޑަށް ދަރަނިވެރިވެއްޖެއްޔާ އެމީހަކަށް އެހީވެދޭނެ. އަތިރިމަތީގަ ބަހައްޓަން ޖޯލިފަތި ގަތައި މަގުތަކުގަ އެލުވަން އުނދޯލިތައް ހަދާނެ. ފަންގި ވިޔެގެންނާއި ރޯނު ވަށައިގެން ރިސޯޓުތަކަށް ވިއްކައި އެ ލިބޭ ލާރިން ހަމަ އަވަށަށް ކޮންމެވެސް ކަމެއް ކޮށްދޭނީ. ސަރުކާރުން ކޮށްދެވެން އޮތްކަމެއްވިއްޔާ އެންމެން އެއްވެގެން ސިޓީއެއް ލިޔެފަ މިނިސްޓްރީއަކަށް ފޮނުވާނެ. އެކަމަކު މި ސިޔާސީ ކަންތައްގަނޑު އައިފަހުން އެ ބޮޑުދައިތަމެންނާ މަންމަ މުޅިން ވަކިވީ. ބޮޑުދައިތަމެންވެސް ދިޔައީ އެކި ދިމަދިމާލަށް. މިހާރު އޭގެއިން އެއްވެސް ބޮޑުދައިތައެއް އެގެއަށް ކަޅިވެސް ނާޅާނެ. ގެތައް ޖެހިޖެހިގެން ތިބޭއިރުވެސް. އެކަމަކު މަންމަ ތާޢީދުކުރާ ޕާޓީއަށް ތާޢީދުކުރާ އަންހެނުން އާދޭ. އެމީހުންނާ އެއްވެގެން ކުރާހާވެސް ކަމަކީ ޝަކުވާކުރުން. މި ސަރުކާރުން އެއްވެސް ކަމެއް ކޮށްނުދެޔޭ އެންމެ ރަނގަޅީ އަހަރުމެންގެ ރައީސޭ އެންޑް ބްލާ ބްލާ ބްލާ. މަންމަގެ ނަޒަރުން މަންމަ ސަޕޯޓްކުރާ މީހުންގެ އެއްވެސް ކުށެއްނެތް. އަދި އެމީހުންނާ އިދިކޮޅު މީހުންގެ ކިބައިގަ އެއްވެސް ހެވެއްނެތް. އަދި އެމީހުން ކޮށްދިން ކަމެއްވެސް ނެތް. ކުރިން މަންމަ ދޮގުވެރިން ގޮތުގަ ސިފަކުރާ މީހުންވެސް ތެދުވެރިންނަށްވެދޭ މަންމައަށް ކަމުދާ ކުލައަށް އެމީހުން ބަދަލުވީމަ. އަހަންނަށް ވެސް މި ކަންތައްގަނޑު ރަނގަޅަށް މި ވިސްނެނީ އަދި ކިރިޔާ. އިޓްސް އޯލް އަ ބިގް މެސް!” މިރްޒާން ކިޔައިދިނެވެ. އޭނަ އަމްނާއަށް ބަލާލީ އަމްނާ އެއްޗެކޭ ބުނާނެއޭ ހިތާއެވެ. އެހެނަސް އެ ވާހަކަތައް ނިމުމުން ވެސް އަމްނާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނީ ފުން ވިސްނުމަކަށް ގެއްލިފައިވި ފަދައަކުންނެވެ.
އެދުވަސްފަހުން އެ މަޢުޟޫއަށް އަމްނާއާއި މިރްޒާނާއި ދެމެދު ވާހަކަ ނުދެކެވެއެވެ. މިރްޒާން ފަހުން އެ ވާހަކައާމެދު ހަނދާނެއްވެސް ނެތީއެވެ. މާލެއަށް ގޮސް އޭނަ އަމްނާއާއެކީ އެމީހުންގެ އާ އެޕާޓްމެންޓަށް ބަދަލުވީ ދުވަހު އަމްނާ ވެސް އުޖާލާވި ހިނިތުންވުންތަކުގައި ހުރިތަން ފެނިފައި އަމްނާވެސް އެ ވާހަކަ މަތިން ހަނދާން ނުހުންނާނެ ކަމަށް މިރްޒާނަށް ހީކުރެވުނެވެ. އެހެނަސް އެއްދުވަހަކު އޭނައަށް އެޕާޓްމެންޓްގައި ހުންނަ ކޮމްޕިއުޓަރުގެ ސްކްރީނުން އަމްނާ އަލަށް ލިޔަން ފަށާފައިވި ފޮތެއްގެ ޞުރުޚީއެއް ފެނުނެވެ. އިނގިރޭސި ބަހުން ޞުރުޚީއަކަށް ލިޔެވިފައިވީ، ‘ސިޔާސީ ބައިބައިވުން – މުޖުތަމަޢެއްގެ ނިމުން.’ މިހެންނެވެ. މިރްޒާން އެ ޑޮކިއުމެންޓްގައި އިތުރު ޞަފްޙާއެއް ހުރިތޯ ބެލިއިރު އޭގައި އިތުރަށް ލިޔެވިފައެއްނެތެވެ. އެހެނަސް އެ ޞުރުޚީ ލިޔަން ވެސް އަމްނާއަށް ޖެއްސީ ކޮން ވާހަކަތަކެއްކަން އޭނައަށް ޔަޤީންވިއެވެ.
ސިޔާސީ އެއްވެސް ކޮޅަކަށް ޖެހެން އޭނަ ބޭނުން ނުވުމާއެކު މިރްޒާން އެދުވަސްވަރު އަލަށް އުފެދިގެން އައި ޗެނަލަކަށް ސިޓީ ލިއެވެ. އެ ޗެނަލްގެ ވެރިމީހާ ކަމަށްވާ މާޖިދަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްވާ މީހެއްނޫންކަމަށް އިވެން ފެށުމުން މިރްޒާން އުފާކުރިއެވެ. އިންޓަވިއުގައި ވެސް މާޖިދުގެ ކިބައިގައި ހުރި ހިތްހެޔޮކަން އޭނައަށް ފާހަގަކުރެވުނެވެ. ވަޒީފާ ލިބުމުން އޭނައަށް ހިތުގެ އަޑިން ޙަމްދުކުރެވުނީ އޭނައަށް ވަޒީފާ މި ލިބުނީ އޭނަ އެންމެ މަސައްކަތް ކުރާ ހިތްވާ ޒާތުގެ ތަނަކުންކަން އޭނައަށް ޔަޤީންކުރެވުމުންނެވެ. ޙާލަތް ބަދަލުވެގެން ހިނގައިދާނެ ގޮތެއް އޭނަ ޚިޔާލަށް ވެސް ގެންނަން ބޭނުމެއްނުވިއެވެ.
އެ ވަޒީފާގައި މިރްޒާންގެ ފުރަތަމަ ހަތަރު މަސް ވޭތުވީ އޮމާންކަމާއެކީގައެވެ. އޭނަ އޭނައަށްވީ އެންމެ ފުރިހަމައަކަށް އޭނަގެ ވަޒީފާ އަދާކުރަމުން ދިޔައެވެ. އޭނަގެ ނަން ޓީވީ ބަލަމުން ދިޔަ މީހުންގެ މެދުގައި މަޝްހޫރުވާން ނެގީ މަދު ދުވަސްކޮޅެކެވެ. ވަގުތުން ގެނެސްދޭ އިވެންޓްތަކުގައި ވެސް މިރްޒާން އެއްވާހަކައެއް މާ ގިނަ ފަހަރު ތަކުރާރުނުކޮށް ފަރިތަކަމާއެކީ ހުށަހަޅަމުން ދިޔަ ގޮތުން އެތައް ތަޢުރީފުގެ ބަސްތަކެއް އޭނައަށް އޮހުނެވެ. ގިނަ ބަޔަކު އެ ޗެނަލް ޖައްސަނީ ވެސް މިރްޒާންގެ ރީތި ހިނިތުންވުން ދެކިލަންކަމަށް ޒުވާން ފުރައިގެ އަންހެން ކުދިން ކިޔާ އަޑު އިވެންފެށިއެވެ.
“އޫ ވަރަށް ލޯބި ސްމައިލްއެކޯ! މަށަށް އޭނައާ މެރީ ކުރެވޭނެނަމަޔޯ!” އަމްނާ އެފަދަ ވާހަކަތައް އިވިފައި ސަމާސާވެރި ރާގަކަށް މިރްޒާނާއި ދިމާކުރަމުން ދިޔައެވެ. މިރްޒާން ވެސް އެ ސަމާސާގައި ބައިވެރިވެ އެކި ރައްދުތައް ދެމުން ދިޔައެވެ.
އޭނަގެ އެ އުފާވެރި ޙަޔާތް ދެމެހެއްޓުމަށްޓަކައި ސިޔާސީ ޚަބަރުތަކުން މިރްޒާން ދުރުހެލިވާން އުޅުނެއްކަމަކު މިރްޒާން މަޝްހޫރުވެގެން ދިޔަދިޔަހެން މާޖިދު އޭނަ ސިޔާސީ ކޮންފަރެންސްތަކަށް ފޮނުވައި އެފަދަ ޚަބަރުތައް ވެސް އޭނަ ލައްވާ ހުށަހަޅުވަން ބޭނުންވިއެވެ. ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވި ޚަބަރުތަކަކީ ސިޔާސީ ޚަބަރުތަކަށްވާތީވެއެވެ. މާޖިދު މިރްޒާންގާތު އެ ވާހަކަ ދެއްކީ، އޭނަ އަމްނާއާއެކީ ގިނަ ވަގުތު ހޭދަކުރުމަށްޓަކައި އަހަރީ ޗުއްޓީގެ އެއްބައި ނެގި ދުވަހުއެވެ. މިރްޒާން މާޖިދުގާތު ބުނިހާވެސް އެއްޗަކީ އޭނަ އެކަމާމެދު ވިސްނާނެ ކަމަށެވެ. އެހެނަސް އެކަމަށް އޭނަ އިންކާރުކުރަން ބޭނުންވާ ކަމާމެދު އޭރުވެސް އޭނަގެ ހިތުގައި އެއްވެސް ޝައްކެއްނެތެވެ. މިރްޒާން ޗުއްޓީއަށްޓަކައި އެދުވަހު އޮފީހުން ނިކުންނަން ދިޔައީ އެކަމާމެދު ވިސްނަމުންނެވެ. އޭނަ ނިކުންނަން ދިޔަ ވަގުތު މީހަކު ފުރަގަހުން ‘މިއްޒޭ’ އޭ ކިޔައި ގޮވާލި އަޑުއިވުނެވެ. އޮފީހުގެ ދޮރުމަތިން އޮފީހަށް އަލަށް ވަދެގެން އުޅޭ ކުއްޖެއްކަމަށްވާ އާތިފް ފެނިފައި އޭނައަށް ހިނިތުންވެލެވުނެވެ. އާތިފަކީ ތަޖުރިބާއެއް ނެތަސް އިތުރު މީހަކު ނުލިބުމުން މާޖިދު ކެމެރާމޭންއެއްގެ ގޮތުގައި ނަގާފައި ހުރި 20 އަހަރުގެ ކުއްޖެކެވެ. އާތިފް އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރަންޖެހުނީ މިރްޒާނާއެކީ ކޮންމެވެސް އިވެންޓަކަށް ގޮހެވެ. މިރްޒާން ހަދާނެ ގޮތް ކިޔައިދިނުމުން އާތިފް ކެމެރާ ސްޓޭންޑެއްގައި ކެމެރާ ހަރުކުރަން އުޅުމުގެ ތެރޭގައި ކެމެރާ ވެއްޓި، ތަޅައިގެން ދިޔުމުން އެދުވަހުގެ އެ އިވެންޓް ކަވަރެއް ނުކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން މާޖިދުގެ ވަރުގަދަ ބަހުގެ ޙަމަލާއެއް އާތިފަށް އަމާޒުވިއެވެ. އެހެނަސް މިރްޒާން އެ ދޭތެރެއަށް ވަދެ އާތިފް ދިފާޢުކުރެވޭތޯ ބެލިއެވެ. އޭނައަށް ބުނެދޭންޖެހޭ ވަރަށް ބުނެނުދެވުނީކަމަށް ބުނެ އޭނަ އެކަމުގެ ޒިންމާ ނެގިއެވެ. އެހެންކަމުން ކެމެރާގެ އަގު އަދާކުރުމަށް އާތިފާއެކީ މިރްޒާން ވެސް ޙިއްސާވިއެވެ. އެ ތަޖުރިބާގެ ސަބަބުން އެ ދެމީހުންގެ ދެމެދުގައި އޮންނަނީ ގާތްގުޅުމެކެވެ. މިއަދު އާތިފަށް ދަސްވެފައިހުރި އެއްޗެއް ދަސްވެފައިވީ މިރްޒާންގެ ފަރާތުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިރްޒާން އެދުވަހު ޗުއްޓީއަށްޓަކައި ދިޔުމުގެ ކުރިން އާތިފް ހިނިތުންވުމަކާއެކީ ގޮސް އޭނަ ގައިގައި ބައްދާލީ އެކަން އިޙްސާސް ކުރެވުނު ވަރުން ކަންނޭނގެއެވެ. އޭނަ މިރްޒާނަށް އަލްވަދާޢު ކިޔާލީވެސް އަވަހަށް އަންނާށޭ ބުނަމުންނެވެ.
މިރްޒާން ޗުއްޓީ ނެގުމާއެކު އަމްނާ ކުރުނުކޮށް މުލަކަށްދާ ވާހަކަ ދައްކަން ފެށިއެވެ. ޗުއްޓީ ނެގުމުގެ ކުރިން ވެސް އަމްނާ އެހެން ބުނުމުން މިރްޒާން ހުރީ ނޫންކަމަށް ހަދައިގެންނެވެ. އަމްނާގެ 5 މަހުގެ ބޮޑު ބަނޑާއެކީ އެހާ ދިގު ދަތުރެއްކުރަން އޭނަ ޖެހިލުންވުމުންނެވެ. އެހެނަސް އަމްނާ އާދޭސްކުރަން ފެށުމުން މިރްޒާން އަމްނާ ދެރަކުރާ ހިތެއްނުވިއެވެ. އަދި އެހެންނޫނަސް އަމްނާ އެ ވާހަކަތަކުގެ ތެރެއިން ބުނި ފަދައިން އަމްނާ އޭނަގެ މަންމަމެނަށް ނުފެނި ގިނަ ދުވަސްވާ ވަރަކަށް ގުޅުން ހީނަރުވުން ނޫންކަމެއް ނުވާނެކަން ޤަބޫލުކުރެވުމުންނެވެ. އެހެންކަމުން މިރްޒާން ޗުއްޓީ ނެގިތާ ދެވަނައަށްވީ ދުވަހު މުލަކަށް ފުރުމަށްޓަކައި މިރްޒާނާއި އަމްނާ، ހާޝިމްގެ ބޮޑު ބޯޓަކަށް އެރިއެވެ. ހާޝިމާއި ޙަމީދާ ވެސް އެމީހުން ފުރުވަން ގޮސްފައި ހިނިތުންވުންތަކެއްގައި ތިބީ އެދުވަސްކޮޅު އަމްނާގެ ޙާލު ފުދޭވަރަކަށް ރަނގަޅުވީތީވެއެވެ. އަދި އެ ބޯޓުގައި ރަނގަޅު ކެއުމާއި އޮށޯންނާނެ އެނދުތައްވެސް ހުންނާނެތީވެއެވެ. އެހެނަސް ފުވައްމުލަކަށް ކުރާ ދަތުރަށްޓަކައި ބޯޓު ނައްޓާލުމުން ވެސް މިރްޒާންގެ ކަންބޮޑުވުން ކުޑައެއްނުވެއެވެ.
“ސަކަރާތްވަންޏާ ބުނައްޗޭ.” މިރްޒާން އެހެން ބުނެލީ، ބޯޓުގައި ހުރި ކޮޓަރިއެއްގެ ސޯފާއެއްގައި ކުޑަދޮރުން ބޭރު ބަލަން އިން އަމްނާގެ ކައިރީގައި އިށީންނަމުންނެވެ.
“އުނހު! ހޮޑުލަވައިގަތިއްޔާ ހަމަ މިޒް ގަޔަށް ލާނީ.” އަމްނާ އެހެން ބުނެ އޯކަތް ދަމައިގަތްކަމަށް ހެދެން ފެށުމުން މިރްޒާނަށް ހީލެވުނެވެ.
“އޭ! އަދި ބުނަން ހަނދާންނެތިފައޭ މިހިރީ. ކުރީ ދުވަހު ސްކޭން ހަދަން ގޮއްސަ އައްނު ނެތްއިރު ޑޮކްޓަރު އަހަންނާ ވާހަކަ ދެއްކި. ބުނީ ފިރިހެން ކުއްޖެކޯ.” މިރްޒާން އެހެން ބުނުމާއެކު އަމްނާ ވާހަކަ ދެއްކިއެވެ.
“ދެން! އަޅޭ….އަހަރެން ކައިރި ބުނީ ކީއްކުރަން؟ އަހަރެން ބޭނުންވީ ސަޕްރައިޒްވާން…..އެނީވޭސް، ފިރިހެން ކުއްޖެއްވިއްޔާ ހިނގާދޯ އަވަހަށް ނަމަކާމެދު ވިސްނަން؟ ކުރިން ނުވިސްނިއްޔާ ކުއްޖާއަށް 10 އަހަރުވާއިރުވެސް ނަމެއް ފައިނަލް ނުވެފަ އޮންނާނީ……ފިރިހެން ކުއްޖެއްވީމަ ހިނގާދޯ ޢަބްދު ﷲ ކިޔަން؟ ޙަދީޘެއްގަ އޮވެއެއްނު އެއީ އެންމެ ރަނގަޅު ނަންތަކުގެ ތެރެއިން ނަމެކޭ.” އަމްނާ އޭނަގެ ޚިޔާލު ފާޅުކުރިއެވެ.
“ރަނގަޅުވާނެ. އެކަމަކު ތިނަމާއެކީ އެކުއްޖާ ބޮޑުވެގެން އަންނައިރު އެހެން ކުދިން މަލާމާތްކުރަން ފަށައިފިއްޔާ މާ ދެރަ. މި ޒަމާނުގެ ކުދިންނަކީ ވަރަށް އެހެން ކަހަލަ ބައެއް. ހިނގާ މުޙްސިން ކިޔަން. މުޙްސިނުންނަކީ ކުރާ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކުރާ ބައެއްނު؟ އެ ނަން ކިޔުނީމަ އެކުއްޖާވެސް އެފަދަ މީހަކަށްވާން ބޭނުންވާނެ އިން ޝާ ﷲ! ޕްލަސް އެކުއްޖާ ބޮޑުވެގެން ޤުރުއާން ކިޔަވާއިރު އެ ބަސް ފެނުނީމަ އުފާވެސްވާނެ. އަދި އެ އާޔަތްތައް އުނގެނެން ވެސް ބޭނުންވާނެ.” މިރްޒާން ބުންޏެވެ.
“ހުމް! އެކަމަކު ޢަބްދު ﷲ އަހަންނަށް ވަރަށް ރީތި. ހިނގާ އެ ނަން ކިޔަން.” އަމްނާ ދެންވެސް ބުނެލިއެވެ.
“މުޙްސިން ކިޔަން އަހަންނަށް ހަމަ ފެންނަނީ.” މިރްޒާން އޭނަގެ ކޮޅުވެސް ދިފާޢުކުރިއެވެ.
“ޢަބްދު ﷲ!” އަމްނާ ކުޑަކޮށް އަޑަށް ބާރު ލާފައި ކިޔާލިއެވެ.
“މުޙްސިން!” މިރްޒާން އަމްނާއަށް ބަލާލަމުން ދެލޯ ހަނިކޮށްފައި ބުނެލިއެވެ.
“ޢަބްދު ﷲ!!” އަމްނާ އިހުނަށްވުރެ އަޑަށް ބާރު ލާފައި ބުނެލިއެވެ.
“މުޙްސިން!!” މިރްޒާން ވެސް ހަމަ އެފަދަ ރާގަކަށް ބުނެލިއެވެ.
“ޢަބްދު ﷲ!!!” އަމްނާ މިރްޒާނާއި ދިމާލަށް ރަނގަޅަށް އެނބުރިލަމުން އަނެއްކާވެސް ބުނެލިއެވެ.
“މުޙް…ސިން……ހޭއި ދެޓްސް އިޓް! ޢަބްދު ﷲ މުޙްސިން! ހިނގާ އެހެން ކިޔަން. އެހެން ކިޔުނިއްޔާ ކޮންމެ މީހަކަށް އެމީހަކު ބޭނުން ނަމެއް ކީދާނެ.” މިރްޒާން ކަމެއް އެނގުންވުމާއެކު ޖޯޝާއެކީ ބުނެލިއެވެ.
“އާނދޯ؟ ސަޅި!” އަމްނާ ވެސް އުފާވެލަމުން އޭނަގެ ބޮޑުވާ އިނގިލި ދައްކާލިއެވެ.
“އެކަމަކު އެޓް ދި އެންޑް އޮފް ދަ ޑޭ އެކުއްޖާގެ ނަމަކަށްވާނީ ހަމަ މުޙްސިން ދޯ؟” މިރްޒާން ކާމިޔާބުގެ ހިނިތުންވުމަކާއެކީ ދޯދިނެވެ. އެއާއެކު އަމްނާ ރުޅިވެރި މޫނެއް ދައްކާލުމުން މިރްޒާނަށް އަނެއްކާވެސް ހެވުނެވެ.
ދުވަސްތަކެއްގެ ދަތުރަކަށްފަހު ދެމީހުންނަށް މުލަކަށް ފޭބޭ ގޮތްވީ ހެނދުނުގެ ވަގުތެއްގައެވެ. ކާރެއްގައި މިރްޒާންގެ ގެއަށް ދިޔަ މަގުމަތީގައި މިރްޒާނަށް ވާހަކަ ދެކެވުނެވެ.
“ނޭނގެ މަންމަ ބުނާނެ އެއްޗެއްވެސް އައްނު ފެނުނީމަ. ބައްޕަ ކައިރީގަ ބުނެފަ އަހަރެން އެކޮޅުން ފުރީވެސް. ބައްޕަ ހުރީ ފުދޭވަރަކަށް އޯކޭކޮށް. އެކަމަކު މަންމަ އޯކޭއެއް ނުވާނެ.” މިރްޒާން ކަންބޮޑުވުން ފާޅުކުރިއެވެ.
“އިޓްސް އޯކޭ މިޒް. އެކަން ބަދަލުކުރެވޭތޯއެއްނޫންތަ މި ދަނީވެސް؟ ދިޔުމުގެ ކުރިން އަހަރެން ބުނަން ބޭނުންވާ ވާހަކައެއްވެސް އެބައޮތް. އެއީ މަންމަ އަހަންނާ ދިމާލަށް ކޮންމެ އެއްޗެކޭ ކިޔުނަސް މިޒް ރުޅި އިސްނުކުރާށޭ. މަންމަ އެއްޗެކޭ ބުނިއްޔާ ބުނާނީ އަމިއްލަ އިޙްސާސްތަކުގެ މައްޗަށް ބާރު ނުފޯރުވޭތީ. وَإِذَا خَاطَبَهُمُ الْجَاهِلُونَ……قَالُوا سَلَامًا. މި އާޔަތާއި އެއްގޮތަށް އުޅެން ރަނުގެ ފުރުޞަތެއް މި ލިބެނީ. މި ފުރުޞަތު ބޭނުން ނުހިފުނިއްޔާ ވީ އާރ ހިއުޖް ލޫޒާރސް.” އަމްނާ ބުނެލިއެވެ. އެ ވާހަކަތައް އަޑުއަހަން އިން މިރްޒާނަށް ހިނިތުންވުމަކާއެކީ ބޯޖަހާލެވުނެވެ. އަމްނާ ދެންމެ ކިޔައިދިނީ ފުރުޤާން ސޫރަތުގައި ﷲ ގެ ލޯބިފުޅު ޙައްޤުވާ މީހުންގެ ވާހަކަތައް ހިމެނޭ އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ. އެ މީހުންގެ ތެރެއިން އެއްބަޔަކީ، އަމިއްލަ އިޙްސާސްތަކުގެ މައްޗަށް ބާރު ނުފޯރުވޭ މީހުން އެމީހުންނާއި މުޚާތަބު ކުރުމުން އަމާންކަމާއެކީ ޖަވާބުދޭ މީހުންނެވެ. އަމްނާ ބުނި ފަދައިން އޭނައަށް ލިބެން މިއުޅެނީ ﷲ ގެ ލޯބިފުޅު ހޯދުމުގެ ފުރުޞަތެއްކަން އެނގުންވުމުން އޭނަ އެ ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން ބޭނުންވިއެވެ. ހަމަ އެވަގުތު މަންމަ ރުޅި އިސްކުރިޔަސް އޭނައަށް ރުޅި އިސްނުކޮށް ހުރެވޭނެކަމުގެ ޔަޤީންކަމެއް އޭނައަށް ލިބުނެވެ. އާޔަތަކާއި އެއްގޮތަށް އުޅެން އޭނަގެ ހިތުގައި އޮތް އެދުން ބޮޑުވުމުންނެވެ.
މިނެޓްތަކެއްގެ ދަތުރަކަށްފަހު މިރްޒާންގެ ގޭގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމުން މިރްޒާން ކާރުން ފައިބައި، އަމްނާވެސް ކާރުން ފޭބުމަށް އެހީތެރިވިއެވެ. އަމްނާއަށް ފޭބުނު ވަގުތަކީ ލަތީފް ލުއި ހިނިތުންވުމަކާއެކީ ދޮރުމައްޗަށް އައި ވަގުތެވެ. މިރްޒާން ވެސް ލަތީފަށް ހިނިތުންވުމާއެކު ލަތީފް އެއްޗެކޭ ބުނަން އުޅުނު ހިނދު ފަހަތުން ހާފިޒާގެ ހަރުއަޑު އިވިގެން ދިޔައެވެ.
“މި މުޑުދާރު އަންހެނާއަށް ކެރިއްޖެދޯ މިގޭ ދޮށަށް އަންނަން! އެތެރެއަށް ވަންނަން ހިތަށްވެސް ނާރުވާތި! އައި ދިމާލަކަށް އެނބުރިދޭ!” ހާފިޒާ ދޮންކެޔޮވަކެއް ކަމުން އައިސް ދޮރުމަތީގައި ތިބި މީހުން ފެނިފައި ހޭ ގެއްލުނު ފަދައަކުން ކެޔޮ އުކާލަމުން ހަޅޭއްލެވިއެވެ. މަންމަ އަމްނާއަށް ކިޔުނު ނަމަކުން ވަގުތުން މިރްޒާންގެ މޫނު ރަތްވެ ގޮށްމުއްކެވުނެވެ. އޭނަ ކުރިއަށް ފިޔަވަޅެއް އަޅާލަމުން އެއްޗެކޭ ބުނަން އުޅުނުތަނާހެން އަމްނާ އޭނަގެ އަތުގައި ހިފާލުމުން މިރްޒާނަށް ބަލާލެވުނެވެ. އަމްނާ ސީރިއަސް ނަޒަރަކާއެކީ ބޯހޫރުވާލީ އެއްޗެކޭ ނުބުނާށޭ ބުނާ ފަދައަކުންނެވެ. އެ ހިނދު އަޑު ހަރު ވެގެން އެތަނަށް މައިސޫނާއި މައިސޫންގެ އަންހެނުން އަމީރާވެސް ގޭގެ ފެންޑާއަށް ނިކުތެވެ. މިރްޒާން އެމީހުންނަށް ވަކިވަކިން ބަލާލަމުން ޓެކްސީ ޑްރައިވަރު އެތާ ބެހެއްޓި ފޮށި އެއްއަތުން ހިއްލަމުން އަނެއްއަތުން އަމްނާގެ އަތުގައި ހިފައި ދެންވެސް ގެއަށް ވަންނަން ދިމާކުރިއެވެ. އެއާއެކު ހާފިޒާ އަނެއްކާވެސް ކުރިއަށް ޖެހިލަމުން އަޑުގައި ހުރި ބާރުމިނަށް ވާހަކަ ދެއްކިއެވެ.
“ބަލަ އަޑެއްނުއިވެނީތަ މަ ދެއްކި ވާހަކައެއް؟!! މިރްޒާން ތި އަންހެނައާއެކީ ހުންނަން ބޭނުމިއްޔާ އެހެން ތަނަކަށްދޭ! މިގޭގަ ތިމީހުންނަކަށް ޖާގައެއްނެތް! މިރްޒާނަށް ވެސް އިންނަން އެނގުނީ މި ޙަޔާތްނެތް ޖަނަވާރު….” ހާފިޒާގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާހެން މިރްޒާނަށް ބާރަށް ‘މަންމާ’ އޭ ކިޔައި ގޮވާލެވުނީ އިޚްތިޔާރުން ބޭރުގައެވެ. އެ ހިނދު މަންމަ ހުއްޓުން އަރައިގެން ދިޔުމުން މިރްޒާން ދެރަވިއެއްކަމަކު އޭނަގެ އަންހެނުން ވެސް ދިފާޢުކުރަން ބޭނުންވިއެވެ. އޭނަގެ އަންހެނުންގެ ޤަދަރު ރައްކާތެރި ކުރުމަކީ އޭނަގެ ޒިންމާއެއްކަން ހަނދާންވުމުން މިރްޒާން ދެންވެސް ވާހަކަ ދެއްކިއެވެ.
“އަމްނާއަކީ އެއްގޮތަކަށް ވެސް މަންމަ ތި ސިފަކުރާ ކަހަލަ ކުއްޖެއްނޫން. އެއީ އަޚްލާޤް ރަނގަޅު ހިތްހެޔޮ ކުއްޖެއް. އަމްނާ މަންމައަށް ދެރަގޮތެއް ނަހަދާނެކަމުގެ ޔަޤީންކަން އަހަރެން ދެން. ދެން ކީއްވެ އަމްނާއަށް މިގެއަށް ނުވަދެވެންވީ؟” މިރްޒާން މަޑުމައިތިރި އަޑަކުން ވާހަކަ ދައްކާފައި އަހާލިއެވެ.
“ކީއްވެހޭ؟ ތި އަންހެނާގެ ޢާއިލާ…..” މިފަހަރު ހާފިޒާގެ ވާހަކަ މެދުކެނޑުނީ ލަތީފް ތަންކޮޅެއް ބާރަށް އޭނަގެ ނަމުން ގޮވާލުމުންނެވެ.
“ހާފިޒާއަށް ނޭނގެނީތަ ތި ވާހަކަ ދައްކަނީ ބަނޑުބޮޑު އަންހެން ކުއްޖަކާކަން؟ އެހެންކަމަކާމެދު ނުވިސްނަންޏާ އެކަމާމެދު ވިސްނާފަވެސް އެކުއްޖާއަށް ހެޔޮކޮށް ހިތާ. މިއަދަށްފަހު އަމްނާއާއި ބެހޭގޮތުން އެއްވެސް ބަދުބަހެއް ބުނާ އަޑު އަހަންނަށް އިވިގެން ނުވާނެ! ވަދޭ މިރްޒާން…އަމްނާ. މިގޭގަ އަބަދުވެސް ތި ކުދިންނަށްޓަކައި ޖާގައެއް ހުންނާނެ.” ލަތީފް ވާހަކަ ދައްކަމުން ގޮސް މިރްޒާނާއި އަމްނާއަށް ބަލާލަމުން ބުނެލިއެވެ. އެ ހިނދު މިރްޒާނަށާއި އަމްނާއަށް ހިނިތުންވެލެވުނީ އެކުއެކީގައެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލި މަންޒަރު ބަލަން ތިބި މައިސޫނާއި އަމީރާގެ މޫނުތަކުން ފެންނަމުން ދިޔައީ ނުރުހުންތެރިކަމެވެ. އެ ދެމަފިރިންނަށް ލިބުނު ކާމިޔާބީއަކީ އެމީހުންނަށް ލިބުނު ދެރައެއްހެން ހީވާ ފަދައަކުންނެވެ. އެކަކަށްވެސް އެކަން ފާހަގަނުވެފައި ވަނިކޮށް ހާފިޒާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ތިހެންވެއްޖެއްޔާ އަހަރެން މި ކަމަނާފާނާ އެއްވެސް ވާހަކައެއް ނުދައްކާނަން. ލަތީފްވެސް މަށަށް ހީވަނީ ބޯގޮވާފަހެން ތިހިރީ! ހުނ!” ހާފިޒާ އެހެން ބުނެ ގޭގެ ތެރެއަށް ވަންނަން ދިޔައެވެ. އެއާއެކު މައިސޫނާއި އަމީރާވެސް ވަކި ވާހަކައެއް ނުދައްކާ ވަންނަން ދިޔައެވެ. ލަތީފް އަމިއްލަ ނަފްސާ ކަހަލަ ގޮތަކަށް ބޯހޫރުވާލަމުން މިރްޒާންމެނަށް ބަލާލިއެވެ. އެއަށްފަހު ދެންވެސް އަޅާނުލުމަށް އެދި އެތެރެއަށް ވަނުމަށް އެދުނެވެ.
މިރްޒާނާއި އަމްނާ ފުރަތަމަ ތިން ދުވަސްވަންދެން އެގޭގައި އުޅުނީ ހިމޭންކަމާއެކީގައެވެ. ހާފިޒާ އޭނަ ބުނި ބަސްތައް ހަނދާންކޮށްގެން އޮޅުމަކުން ވިޔަސް އަމްނާއާއި ވާހަކައެއް ނުދައްކައެވެ. އެހެނަސް އަމްނާ އޭނައަށްވީ ވަރަކުން ހާފިޒާއަށް އެހީވަމުން ދިޔައެވެ. މަންމަ ބަދިގޭގައި މަސައްކަތް ކުރާއިރު އާމިރާވެސް މަންމައަށް އެހީނުވާކަން އެނގުމުން އަމްނާ ބަލިވެ އުޅެމުން ވެސް މަންމަ ކައިރިއަށް ގޮސް ހަދައެވެ. އަމްނާ އެހީވެދޭން އުޅުނަސް ހާފިޒާ އޭނައަށް އަންނަ ރުޅީގައި އޭނައަށް އެއްވެސް މަސައްކަތެއް ނުދޭން އުޅެއެވެ. އެހެނަސް އަމްނާ ވަކި އެއްޗެކޭ ނުބުނެ ޚުޝިޔާރުކަމާއެކީ ހާފިޒާ އެއްމަސައްކަތް ދޫކޮށް އަނެއް މަސައްކަތަށް ދާއިރު އެ ދޫކުރާ މަސައްކަތުގައި ހިފަހައްޓާލައެވެ. ހާފިޒާ ފިޔާ ކޮށަން އިނދެފައި އުނދުން ކައިރިއަށް ގޮސްފިނަމަ ވަގުތުން އެ މަސައްކަތް ފަށައިގަނެވެ. ކުނި ފޮހެން ހުރެފައި ފަންކާ ނިއްވާލަން ދިޔައިއްޔާ ބަހައްޓާފަ ހުންނަ ބުރުސް ނަގައިގަނެވެ. ހާފިޒާ އޭނަ ވެފައިވީ ‘ވަޢުދު’ގެ ސަބަބުން އަމްނާއަށް އިތުރު އެއްޗެކޭ ނުބުނެއެވެ. ބަދަލުގައި ރުޅިވެރި ނަޒަރެއް ދީފައި އަމްނާ އެކަނި ދޫކޮށްފައިދަނީއެވެ.
އެހެނަސް އަމްނާއަށް އެ އެކަނިވެރިކަން އިޙްސާސެއް ނުކުރެވެނީ މިރްޒާން އޭނައަށް ދެމުން ދިޔަ ލޯބީގެ ސަބަބުންނެވެ. މިރްޒާން އަމްނާ އެއްފަހަރު ވެސް އެކަނި ދޫކޮށްނުލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަންމަ ހަދާގޮތުން އަމްނާ ދެރަވާ ކޮންމެ ފަހަރަކު މިރްޒާން ސަމާސާއެއްކޮށް އަމްނާ ހެއްވާލައެވެ. ދެމީހުން އެކީގައި ކުޑަކުޑަ މާޝާއާއެކީ ވެސް ހޭދަކުރަމުން ދިޔައީ އުފާވެރި ވަގުތުކޮޅުތަކެވެ. އަމްނާ މާޝާއާއިމެދު ކަންތައް ކުރަމުން ދިޔަގޮތް އޯގާތެރިކަމާއި، އެ ކުޑަކުޑަ ހިތުގައި ވެސް ދީނަށްޓަކައި ލޯބި ޖައްސަން އުޅެމުން ދިޔަގޮތުން މިރްޒާންގެ ހިތް ލޯބިން ފުރެމުން ދިޔައެވެ. މާޝާ ރަނގަޅުކަމެއް ކުރުމާއެކު މިހާރު ﷲ ލޯބިވާނެއޭ ތަކުރާރުކޮށް ބުނަމުން ދިޔަގޮތުން 2 އަހަރުގެ މާޝާވެސް އެހެން މީހުން ކައިރި އެފަދަ ޙާލަތްތަކުގައި އެ ބަސްތައް ބުނަން ފެށިއެވެ. އެފަދަ ކަމަކުން ވެސް ސިޔާސީ އޮއެވަރުގައި ޖެހިފައިތިބި މިރްޒާންގެ ޢާއިލާ މެންބަރުންގެ ހިތް އަމްނާއަށް ސާފުވާ ގޮތެއްނުވިއެވެ. އެކަމާމެދު ހިތާމަކުރާ ވަރަށްވުރެ ބޮޑަށް އަމްނާ އެކަމާމެދު ވިސްނާކަން މިރްޒާނަށް ފާހަގަވެއެވެ. ކޮންމެ ރެއަކު ނިދަން އޮށޯތުމުގެ ކުރިން އަމްނާ އިންނަނީ ފުންވިސްނުމެއްގައި އޭނަގެ ޑައިރީގައި އެއްޗެހިތަކެއް ލިޔާށެވެ. އަމްނާ ފިކުރުކުރަނީ އެކަންތައްތަކާއި މެދުކަން މިރްޒާނަށް ޔަޤީންވަނީ ޑައިރީ ލިޔުމަށްފަހު އަމްނާ ކޮޓަރީގައި ހުންނަ ކޮމްޕިއުޓަރު ދޮށަށް ގޮސް އެއްކަލަ ފޮތުގެ ލިޔުންވެސް ކުރިއަށް ގެންދާތީވެއެވެ. ސިޔާސީ ވާހަކަތަކާމެދު އޭނަ އެއްގޮތަކަށް ވެސް ވާހަކަ ދައްކަން ބޭނުމެއްނުވާތީ މިރްޒާން އެކަންތައްތަކާމެދު އަމްނާއާއި އެއްވެސް ސުވާލެއް ނުކުރެއެވެ. މިކަންތައް ބަދަލުވެގެން ދިޔައީ އެދެމީހުން މުލަކަށް އައިތާ 3 ވަނައަށްވީ ދުވަސް ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށްވުމުންނެވެ. އެދުވަހުގެ ރޯދަ ކެނޑުމަށްފަހު މިރްޒާން ވުޟޫކުރުމަށްޓަކައި ކޮޓަރިއަށް ދިޔުމުން އަމްނާ އޭނަގެ ފަހަތުން ގޮސް ވާހަކަ ދެއްކިއެވެ.
“މިޒް މިރޭ އަހަންނަށް މަންމައާއެކީ ތަރާވީޙަށް މިސްކިތަށް ދެވިދާނެތަ؟” އަމްނާ ސުވާލުކުރިއެވެ.
“ރޭގަނޑު؟ މަންމައާއެކީ؟ އަހަންނަށް ނުކެރޭނެ އައްނު ފޮނުވާކަށް. މިއަދު ކުޑަކޮށް ބަލި ވާހަކަވެސް އައްނު ބުނީމެއްނު؟” މިރްޒާން އަމްނާގެ ކައިރިއަށް ގޮސް އެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އެހިއެވެ.
“އަ…އާނ އެކަމަކު ވަރަށް ބޭނުން ތަރާވީޙަށްދާން. ދުވަހަކުވެސް ތަރާވީސް އެކަނި ނުކުރަން. ގޭގަ ވެސް ކުރިއްޔާ މަންމައާއެކީ ޖަމާޢަތުގަ ކޮށްފަ ހުންނާނީ. ލަންޑަންގަ ވެސް ރޫމް މޭޓަކާއެކީ އެހެންނޫނީ މިޒްއާއެކީއެއްނު ކުރީ؟ އަހަރެން މިގޭގަ ކުރަންވެގެން އަމީރާ ކައިރިން އެހީމަ އަމީރާ ރުޅި އައިއްސި އަހަންނަށް. ދެން މަންމަ ތަރާވީޙަށް މިސްކިތަށް ދާ ވާހަކަ އިވިގެން އަހަރެން މިޒް ކައިރިން މި އެހީ.” އަމްނާ ހިސާބަކަށް ދެރަވެފައިހުރެ ކިޔައިދިނެވެ. އަޅުކަމެއްކުރަން ނިހާޔަތަށް ބޭނުންވެފައިވި ކުއްޖަކު ފެނުމުން މަޑުވެގެން ދިޔަ ހިތެއްގެ ސަބަބުން މިރްޒާނަށް ހިނިތުންވެލެވުނެވެ.
“އިޓްސް އޯކޭ. އަހަރެން މަޣްރިބް ނަމާދުކޮށްގެން ގެއަށް އައިސް އައްނު ގޮވައިގެން ދާނީ. އެންމެ ރަނގަޅެއްނު؟” މިރްޒާން ލޯތްބާއެކީ އެހިއެވެ.
“މަންމައާއެކީގަވެސް ދެވިދާނެއެއްނު މިޒް؟ ކީއްވެ މަންމައާއެކީ ނުދެވެންވީ؟” އަމްނާ ސުވާލުކުރިއެވެ. އެއާއެކު މިރްޒާންގެ ހިނިތުންވުން ފަނޑުވިއެވެ.
“އައްނުއަށް އެނގެއެއްނު މަންމަ އައްނުއާމެދު ދެކޭ ގޮތް؟ ކަން މިހެން އޮތްވާ އައްނު ތި ޙާލަތުގަ މަންމައާ ޙަވާލުކުރަން އަހަރެން ޖެހިލުންވޭ. އައްނު ގެއިން ބޭރުގަ ހުއްޓާ ކަމެއް ދިމާވެއްޖެއްޔާ ކިހިނެއް ހަދާނީ؟” މިރްޒާން އަމްނާއަށް ވިސްނައިދެވޭތޯ ބެލީ އޭނަ މަންމައަށް ކުރާ އިތުބާރު ދަށްވެފައިވި މިންވަރުންނެވެ. އެހެނަސް އަމްނާ ދެންވެސް އޭނަ ބޭނުންވާ ގޮތް ކިޔައިދިނެވެ.
“މަންމަ ބަލާނެއޭ. އަހަންނަށް ހަމަ ޔަޤީން މަންމަ ބަލާނެކަން. އެހެންނޫނަސް މަންމައަކީ އަހަންނާ ކިތަންމެ ދުރުން އުޅުނަސް އަހަންނާ ދިމާލަށް ދުވަހަކުވެސް އަތް އިސްކުރި މީހެއްނޫން. ވީއިރު ކީއްވެ ނުދެވެންވީ؟ މިއީ މަންމައާ ވެސް ގުޅުން ބަދަހިކުރަން ލިބޭ ފުރުޞަތެއްހެން އަހަންނަށް ހީވަނީ. ޕްލީޒް މިޒް…..އަހަރެން ދިޔަދީ. މަންމައާމެދު އެހާ ގޯސްކޮށް ވިސްނާކަށް ނުވާނެ. އެހެންނޫނަސް މިސްކިތް މިހިރީ މިތާ ޖެހިގެނެއްނު؟” އަމްނާ މިރްޒާން އެއްބަސް ކުރުވޭތޯ ބެލިއެވެ. މިރްޒާނަށް އަމްނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނަ އެ ކުޑަކުޑަ އެދުމަށް އިންކާރު ކޮށްފިއްޔާ އަމްނާ ހިތުގައި ޖެހޭނެވަރު އެވަގުތު ވެސް އެ މޫނުމަތިން ފެންނަމުން ދިޔައެވެ. މަންމައާއެކީ އަމްނާ ފޮނުވަން ކިތަންމެ ހިތްހަމަނުޖެހުނެއްކަމަކު މިރްޒާން އަމްނާގާތު މައްސަލައެއްނެތޭ ބުނެލީ އަމްނާގެ ރައްކާތެރިކަމަށްޓަކައި ހިތާހިތުން ދުޢާކުރަމުންނެވެ. އޭނަ އެއްބަސްވުމުން އަމްނާ އުޖާލާވި ހިނިތުންވުން ފެނިގެން ދިޔުމުން މިރްޒާން ވެސް ހިނިތުންވެލިއެވެ. އެރޭ ކަންތައްވެގެން ދާނެގޮތުން ފެށިގެން ދާނީ ސިޔާސީ އޮއިވަރާއި ދެކޮޅަށް އަމްނާ ކުރާ ދަތުރެއްކަން އޭރު އެދެމީހުންނަކަށް ވެސް ނޭނގެއެވެ. އަމްނާއަކީ މުޅި ދުވަހު އޭނައަށް ދިމާވާ ހުރިހާ މުހިއްމު ތަޖުރިބާއެއް އަބަދުވެސް މިރްޒާނާއި ތަފްޞީލުކޮށް ޙިއްސާކުރާ ކުއްޖަކަށްވާތީ، އެރޭ އަމްނާ ތަރާވީޙަށް ދިޔަ މަންޒަރު މިރްޒާނަށް ފެނިފައި ނުވިޔަސް އަމްނާ އޭނައަށް ހުރިހާ ވާހަކައެއް ތަފްޞީލުކޮށް ކިޔައިދިނެވެ.
އެރޭ ހާފިޒާއާއެކީ ތަރާވީޙަށް ދިޔުމަށްޓަކައި އަމްނާ ގެއިން ނިކުތީ 7:15 އަކަށްހާއިރެވެ. ހާފިޒާގެ ފަހަތުން ދަމުން ތިމަންނަ ވެސް ދާނަމޭ ހިނިތުންވުމަކާއެކީ އަމްނާ ބުނެލުމުން ހާފިޒާ ނުރުހުމުގެ ނަޒަރެއް ދީފައި ކުރިއަށް ދިޔުން ނޫންކަމެއް ނުކުރިއެވެ. މަންމަ ކުރިއަށް އެރިއެއްކަމަކު އަމްނާ އޭނަގެ ރިއްސަމުން ދިޔަ ފަޔާއެކީ ވެސް މަންމައާއި އެއްވަރު ކޮށްލިއެވެ. މަންމަ ހިނގަމުން ދިޔައީ ފުދޭވަރަކަށް އަވަސް ހިނގުމެއްގައި ކަމަށްވުމުން އަމްނާއަށް އިތުރަށް އުދަގޫވިއެވެ. މިސްކިތް ކައިރިވަމުން ދިޔަދިޔަހެން އަމްނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެހެނަސް ޙައިރާންވެގެން ދިޔައީ މަންމަ އެ މިސްކިތް ފަހަނަޅައި ދާންފެށުމުންނެވެ.
“މަންމާ އެހެރީއެއްނު މިސްކިތް؟” މާނޭވާ ލެވިފައިހުރެ ހިނގަމުން މިސްކިތަށް ޢިޝާރާތްކޮށް އަމްނާ ބުނެލިއެވެ. އެއާއެކު އަނެއްކާވެސް ހާފިޒާގެ ރުޅިވެރި ނަޒަރެއް އަމްނާއަށް އަމާޒުވިއެވެ.
“އާނ…..ކަލޭ ދޭ އެތަނަށް ބޭނުމިއްޔާ. ކަލޭގެ ބޮޑުބޭބެ ޕާޓީ ކުރިއަރުވާ އިމާމެއްވިއްޔާ އެތާ ހުންނަނީ!” ހާފިޒާ އެހެން ބުނެލުމުން ފަޔަށް އިތުރު ބާރެއް ލާފައި ހިނގައިގަތެވެ. އެހިނދު އިވުނު ބަސްތަކަކުން އަމްނާއަށް ހުއްޓުން އަރާފައި ހުރިގޮތަށް ހުރެވުނެވެ. ސިޔާސީ ކަންތައްތަކުން މަންމަގެ ސިކުނޑި އެހާވެސް ބޮޑަށް ތަޣައްޔަރުވެފައިވީތޯ އަމްނާގެ ހިތަށްއެރިއެވެ. އެއީ ހަމައެކަނި މަންމަގެ ޙާލެއް ނޫންކަން އަމްނާއަށް އެނގުނީ ލަސް ހިނގުމެއްގައި ވެސް ގޮސް މަންމަ ދިޔަ މިސްކިތުގެ އަންހެނުންގެ ބަޔަށް ވަން ވަގުތެވެ. އެތަނުން ވެސް ފެނިގެން ދިޔައީ މީހުން އެކަކު އަނެކަކަށް ފުސްމޫނު ހަދައިގެން ތިބި މަންޒަރެވެ. އެތަނުގައި ފުރޭވަރަށް ސަފުތަކެއް ހެދިފައިވީއިރު އެއްވެސް ސަފެއް ފުރިހަމައެއްނުވެއެވެ. އެންމެ ކުރީގެ ސަފުގައި ވެސް 4 މީހުންނަށް ތިބެވޭ ޖާގަ ހުއްޓާ މަންމަވެސް ގޮސް އިށީނީ ތިންވަނަ ސަފުގައެވެ. އަމްނާ ވާނުވާއެއް ނޭނގިފައި ފުރަތަމަ ސަފަށް ވަންނަން ދިޔައީ ވީހާވެސް ވަރަކަށް ދެން އަންނަ މީހުންނަށް ޖާގަ ހެދުމަށެވެ. އޭނަ ކިތަންމެ ބަލިވެފައި ހުއްޓެއްކަމަކު އޭނަ ވަދެގެން ދިޔައީ އެންމެންނަށް ވެސް ހިނިތުންވުންތަކެއް ދައްކަމުންނެވެ. އެހެނަސް އެތާހުރި ކުޑަ އަންހެން ކުއްޖަކު ފިޔަވައި އޭނައާއި އެހެން މީހުން ހިނިތުންވެއެއްނުލައެވެ. ސަބަބު އަމްނާއަށް އެނގުނީ މަންމަ ހުރި ސަފާއި ހަމަވީ ވަގުތު މަންމަ ކައިރީގައި ތިބި އަންހެނުން ގާތު ސިއްރުން އެއްޗެކޭ ބުނެލި ވަގުތު އޭނަގެ ބޮޑުބޭބެގެ ނަން ކިޔާލި އަޑުއިވުމުންނެވެ. އެއާއެކު އެ އަންހެނުން ވެސް އޭނައަށް ބަލާލީ އަނދިރި މޫނުތަކާއި އެކީގައެވެ. އެއިން ވެސް އަމްނާގެ ހިތަށް އަސަރުކުރިއެއްކަމަކު އެކަމާމެދު އަޅާލުމެއްނެތި ކުރީ ސަފަށް ދާން އުޅުނީ ތިންވަނަ ސަފުގައި ހުހަށްހުރި ގޮނޑިއެއް ހިފައިގެންނެވެ. ކޮޅަށް ހުރެ ނަމާދު ކުރަން އޭނައަށް މިހާރު އުދަގޫވެފައިވާތީވެއެވެ. އަދި ބާރަށް ހިނގުމުގެ ސަބަބުން އައްސިވެފައިވި އޭނަގެ ފަޔާއެކީ އެކަން ކުރަން ނުހަނު ދަތިވާނެކަން ޔަޤީންވީތީވެސްމެއެވެ. އެހެނަސް ގޮނޑި ހިފައިގެން އޭނައަށް މާ ކުރިއަށް ނުދެވެނީސް މަންމަ ވާހަކަ ދެއްކިއެވެ.
“ތި ގޮނޑި ބޭނުންވާނެ މި ސަފުގަ އައިސް ހުންނާނެ ކުއްޖަކަށް! އައިސަގެ މަންޖެ އުޅެނީ ފަޔަށް ތަދުވެގެންނޯ މި ދުވަސްކޮޅު. އެކަމަކު އޭނަ އަންނާނެހެން އަހަންނަށް ހީވަނީ. ދޯ؟” ހާފިޒާ އަމްނާއާއި ވާހަކަ ދައްކާފައި އޭނަގެ އެކުވެރިންނަށް ދޯދިނެވެ. އެމީހުން ހޫންލައްވައި ބޯޖަހާލި ވަގުތު އަމްނާއަށް ހުރެވުނީ ޤަބޫލުކުރަން ވެސް ދަތިވެފައެވެ. އެމީހުންގެ ހިތުގައި އޮތް ރަޙުމްވެސް އެމީހުން ތާޢީދުކުރާ ކުލަތަކަށް ކުޑަކުރެވިފައިވީތޯ ހިތަށްއެރިއެވެ. ހިތަށް ވެރިވެފައިވި އެ ޚިޔާލާއެކީ އަމްނާ ގޮނޑި ބަހައްޓާފައި ފުރަތަމަ ސަފަށް ދިޔައީ މޭގައި ރިހުމެއް އުފެދިފައިވާ ޙާލުގައެވެ. އެ ހިނދު އޭނަގެ ލޯ ކަރުނުން ފެންކަޅިވެސްވިއެވެ. އޭނަ ފުރަތަމަ ސަފަށް ދިޔުމާއެކު ފުރަތަމަ ސަފުގައި ހުރި މުސްކުޅި ދައްތައެއް އުދަގުލާއެކީ އޭނައަށްޓަކައި ގޮނޑިން ތެދުވަން އުޅުނެވެ. އެހެނަސް އަމްނާ ވަގުތުން އެކަމަށް އިންކާރު ކުރިއެވެ.
“ހައްވައަށް އެއޮތީ ތާޢީދުކުރާ މީހަކު ލިބިފަ!” އެވަގުތު ފަހަތުން ހާފިޒާގެ އެކުވެރިއެއް އެހެން ބުނެލުމާއެކު އެ މުސްކުޅި ދައްތަ ފަހަތަށް އެނބުރިލިއެވެ.
“ކަ…ކަލޭނަށް މީހަކަށް…..ކަ..ކަމެއް ކޮށްދެވެނީ ވަކި ތަ..ތާޢީދް..ދެއް އޮވެގެން..ތަ؟” އެ މުސްކުޅި ދައްތަ އުދަގުލާއެކީ އަޑަށް ބާރު ލާން މަސައްކަތް ކުރަމުން އެހެން ބުނެލި ވަގުތު އަމްނާއަށް ހިނިތުންވެލެވުނެވެ. އެންމެ މީހަކަށް ވެސް ރަނގަޅަށް ވިސްނޭކަން އިޙްސާސްކުރެވުމުންނެވެ. އެހެނަސް އެ ހެޔޮ ވިސްނެނީ މުޅި އެ މިސްކިތުން ވެސް އެންމެ މީހަކަށްކަން އެނގުންވި ހިނދު އަމްނާގެ މޭގައިވި ރިހުން ތޫނުވިއެވެ. އެ ރިހުން އިތުރަށް ތޫނުވެގެން ދިޔައީ އޭނަގެ ތަދުވަމުން ދިޔަ ދެފަޔާއެކީ ސުންނަތް ނަމާދުކުރިތާ މާ ގިނައިރެއްނުވެ ޢިޝާ ނަމާދު ކުރެވެން ފެށުމުންނެވެ. އެ ނަމާދުގައި ކިޔެވެން ފެށީ އަންބިޔާ ސޫރަތެވެ. އިމާމް ކިޔަވަމުން ދިޔައީ އަމްނާ އެންމެ ފުރަތަމަ ޤުރުއާން އަޑުއަހަން ފެށި ދުވަސްވަރު އަޑުއިވިގެން ދިޔަ ރާގަށް ކަމަށްވުމުން އޭނަގެ ހަނދާންތައް އެދުވަސްވަރަށް ދިޔައެވެ. އޭނަ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސީރަތް ކިޔަން ފެށީ އެދުވަސްވަރެވެ. އޭނަގެ ހަނދާނަށް އައީ އެކަލޭގެފާނުގެ ޞަޙާބީންގެ މެދުގައި އޮތް ގުޅުމުގެ ވަރުގަދަކަން ސީރަތް ކިޔަމުން ދިޔަވަރަކަށް އޭނައަށް އިޙްސާސް ކުރެވުނު ގޮތެވެ. އެ ޞަޙާބީންގެ ތެރޭގައި ތަފާތު ކުލަތަކެއްގެ އަދި ތަފާތު ޤަބީލާތަކެއްގެ ބޭކަލުން ވިއެއްކަމަކު ހަމައެކަނި ޝަހާދަތުގެ ދެކަލިމައިގެ ސަބަބުން އެ ޞަޙާބީންގެ މެދުގައި އޮތް ލޯތްބެއްގެ ވަރުގަދަކަމެވެ. އަދި އެލޯބީގެ ސަބަބުން އެބޭކަލުން އަމިއްލަ ނަފްސުތަކަށްވުރެ ވެސް ބޮޑަށް ތިމާގެ އަޚާއަށް އިސްކަން ދެއްވި ގޮތެވެ. އެ ވާހަކަތައް ހަނދާންވެގެން ދިޔަދިޔަހެން އަމްނާގެ ލޮލުން ކަރުނަތައް ފައިބައިގެންއައީ އޭނަވެސް މިއަދު މިވަނީ އޭނައާއެކީ ޝަހާދަތުގެ ދެކަލިމަ ޙިއްސާކުރާ ބައެއްގެ ތެރޭގައި ކަމަށްވެފައި ދެންމެ ކަންތައްވީ ގޮތް ޚިޔާލަށް ގެނެވުމުންނެވެ. އަމްނާއަށް ރަނގަޅަށް ރޮވެން ފެށީ ނަމާދުގެ ދެވަނަ ރަކުޢަތުގައި އަންބިޔާ ސޫރަތުގެ ފަހުކޮޅުގެ އާޔަތެއް އިވިގެން ދިޔުމުންނެވެ. އެ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ ޝައްކެތްނެތް ގޮތުގައި ތިޔަބައިމީހުންގެ މި އުއްމަތަކީ އެއްއުއްމަތެއްކަމެވެ. އަދި ތިމަންރަސްކަލާނގެއަކީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ކަމެވެ. އެހެންކަމުން ތިމަންރަސްކަލާނގެއަށް އަަޅުވެތިވުމަށެވެ. އަމްނާއަށް ގިސްލަގިސްލާފައި ރޮވުނީ އެ އާޔަތުން އަސަރުކުރި ވަރަށްވުރެ ބޮޑަށް އެ އާޔަތް ކިޔެވެމުން ދިޔަ މިސްކިތެއްގެ ތެރޭގައި ކަންތައްވަމުން ދިޔަ ގޮތުންނެވެ. އެމީހުންނަށް އެ އާޔަތުން ބުނެވޭ އެއްޗެއް އެނގޭނެނަމައޭ ހިތަށްއެރި ވަގުތު ހިތަށް ދުވަހަކުވެސް ދަތިނުވާވަރަށް ދަތިވިއެވެ. ތަރާވީޙް ނަމާދު ނިމެންދެން ވެސް އެ ޚިޔާލުތައް އަމްނާގެ ސިކުނޑީގައި ގުގުމަމުން ދިޔަ ގޮތުން ނަމާދު ނިމުނުއިރުވެސް އަމްނާއަށް ހުރެވުނީ ރޮވިފައެވެ. ގެއަށް ދިޔަ މަގުމަތީގައި ވެސް އޭނަ ހުއްޓަން މަސައްކަތް ކުރިއެއްކަމަކު އޭނައަށް ގިސްލެވެމުން ދިޔައެވެ. މަންމަ އެކަމާމެދު ކުދިކިޔަމުން ދިޔައެވެ. މިއަށްވުރެ ނުބައި މައިދައިތައެއް ނުހުންނާނެއޭ ބުނެ މިހާރު މީހުން ވާހަކަ ދައްކާނެއޭ ބުނަމުންނެވެ. އެހެނަސް އަމްނާ ރުއިން ހުއްޓޭތޯ މަސައްކަތް ކުރުމުން ވެސް ނުއެއް ހުއްޓުނެވެ. ގެއަށް ގޮސް ކޮޓަރިއަށް ވަދެވެސް އެނދުމަތީގައި އޭނައަށް އިނދެވުނީ ފެންކަޅިވެ، ދުޅަވެފައިވާ ދެލޮލާއެކީގައެވެ. މިރްޒާން ކޮޓަރިއަށް ވަދެގެން އައީ އެވަގުތެވެ.
“މަންމަ އެ ދައްކަނީ ކޮން ވާހަކައެއްތަ އައްނު؟ ބުނަނީ ތިމަންނަ އެއްވެސް ކަމެއް ނުކުރަނީސް އެބަ ރޮޔޭ. ތެދުތެދަށް ބުނައްޗޭ އައްނު. ކިހިނެއްވީ؟” މިރްޒާން ކަންބޮޑުވުމަކާއެކީ ގޮސް އަމްނާގެ ކުރިމަތީގައި ކަކޫމައްޗަށް ތިރިވިއެވެ. އެއާއެކު އަމްނާއަށް އަނެއްކާވެސް ރޮވެން އުޅުނެވެ. އެހެނަސް އޭނަ ވާހަކަ ދެއްކިއެވެ.
“މަންމަ ކުރިކަމަކުންނެއްނޫން އަހަންނަށް ރޮވެނީ.” އަމްނާ ބުނެލިއެވެ. އެއާއެކު މިރްޒާން ދެން ކިހިނެއްވީތޯ އެހިއެވެ. އެއާއެކު އަމްނާ އެންމެ ވާހަކައެއްވެސް ދޫނުކޮށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. މަންމަ އެހެން މިސްކިތަށް ދިޔަގޮތުން ފެށިގެން އަނެއް މިސްކިތުން ދިމާވި ކަންތައްތަކަށާއި ހަމައަށެވެ. އަދި އިވިގެން ދިޔަ އާޔަތްތަކުން އޭނައަށް ކުރި އަސަރުގެ ވާހަކަވެސް އޭނަ މިރްޒާނަށް ކިޔައިދިނެވެ. އެހެނަސް މިރްޒާނަށް އެވަގުތު އެ އާޔަތަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނީ އޭނަގެ ޣައިރު ހާޒިރީގައި އަމްނާއަށް ބަޔަކު އަނިޔާވެރިވެފައިވިކަން އެނގުމުންނެވެ.
“މަންމަ އެންމެ ފުރަތަމަ ވެސް އެހެން މިސްކިތަކަށް ދާންފެށީމަ އަހަންނަށް ގުޅާލިނަމަ އައްނު! ވަރަށް ދެރަވެއްޖެ އައްނުއަށް ތިހެން ދިމާވީމަ. ބަލާބަލަ ފައިވެސް މިއޮތީ މުޅިން ބޯވެފަ.” މިރްޒާން އަމްނާގެ ފައިގައި ފިރުމަމުން ހިތާމަވެރި މޫނަކާއެކީ ބުނެލިއެވެ.
“މިރޭ މިސްކިތުގަ ދިމާވި ކަންތަކާ އަޅާ ބަލާއިރު މިއީ ކުޑަކުޑަ މައްސަލައެއް. މިޒްއަށް އެނގޭތަ؟ މިރޭ އެ ދައްތަމެން އަހަންނަށް ކުށްވެރިކުރެވުނު ވަރަށްވުރެ ބޮޑަށް އަހަންނަށް ކުށްވެރިކުރެވުނީ އަހަރެންގެ އަމިއްލަ ނަފްސު. ހިތަށްއެރީ އަހަންނަށް އެ އާޔަތްތައް އުނގަންނައިދޭން މަސައްކަތެއް ކުރެވިފަ ހުރިނަމަ މިއަދު މިއަށްވުރެ ރަނގަޅު ދުވަހެއް ފެނުނީހޭ.” އަމްނާ އެހެން ބުނެލިއިރުވެސް އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ.
“ތިހެން ނުބުނޭ އައްނު. އެހެން މީހުންގެ ނުބައިކަމަކީ އައްނުގެ ކުށެއްނޫން. އެއީ ކިތަންމެ މަސައްކަތެއް ކުރިޔަސް ބަދަލުވާނެ ބައެއްނޫން!” މިރްޒާން އަމްނާގެ ކަރުނަތައް ފޮހެދެމުން އަމްނާ ހިތްހަމަޖައްސައިދެވޭތޯ ބެލިއެވެ.
“ނޫން މިޒް. އެއްވެސް މަސައްކަތެއްނުކޮށް އަހަރުމެން މީހުންނާމެދު ތިގޮތަށް ނިންމާކަށް ނުވާނެ. ﷲ އީ ކިތަންމެ ނުވާނެހެން ހީވާ ކަމެއްވެސް ހިނދުކޮޅެއްގެ ތެރޭގައި ކުރައްވާ ރަސްކަލާނގެ. އަހަރުމެންނަށް އޮތީ މަސައްކަތް ކުރުން. މިއީ ވެސް ޙައްލެއް ގެނެވިދާނެ މައްސަލައެއް އިން ޝާ ﷲ….އަހަންނަށް އެނގޭ ހަދަންވީ ގޮތް.” އަމްނާ އެންމެ ފަހު ޖުމްލަ ބުނެލިއިރު އެމޫނުމަތީގައި ހުރި ކުލަވަރުން އޭނަ ހުރީ ވަރުގަދަ ޢަޒުމެއްގައިކަން އެނގެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.







Assalaam’alaikum. adhives neyngey dho emeehun vakivaanvy sababeh? hehe…mi bai aslu migenesdhevuny jana beynunvaa hisaabakah noon. In Sha Allah dhen oiy bain e sababu genesdheveytho balaanan.
varah beynunvi mi baiga ali alhuvaalevunu massalaige halluves hama mi bain genesdheveytho. ekamaku ehennenuvi. mi bai kiyaafa thiya kiyuntherinnah faidhaa eh kuriyya mi vaahakaige mi bai hissaa kurumaky v bodu ehdhumeh. ey post akun mikahala kanthah foarukohdhinumuge badhaluga misaalegge therein genesdhineema bodah faidhaa kuraanehen jana ah heevany In Sha Allah. ekamaku mi baige post thah ves miadhu jana genesdheynan In Sha Allah.
Arabi kiyavaa kiyuntheringe samaalukamah: kuree rey 13 vana baiga jana commentegge bunefa oiy Arabi exercise jana ah iyye nugenesdhevuny e exercise jana ge live student ah undhagoo vegen dhiyaima. e thajuribaa ah balaafa jana mi nimmany midhuvas thiya kiyuntherinnah dheyny hama ekani past tense ge chart nubalaa dhaskoh e chart aa familiar vaan dhookollan. Eyrun kuriah oiy thaanga faseyha vegen dhaany. eggothakavves beynumeh noon jana ah faseyha kohnudhevumuge sababun thiya kiyuntherin give up kuraakah. ehenveema miadhu hama ekani e chart dhaskuranvy. In Sha Allah jana adhi e chart post koffa dhaskuraane tips thakaa eky e chart ah fahthanvy ehen basthah ves genesdheynan. Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi. Ameen!
Waiting for next part ??❤️Mee emmme salhii eh vaaahaka..mihaathanah kiyun emme iburaiyy theri vaahaka
Alhamdhulillah! Thahu ah faidha eh kuriyya jana v ufaavejje ?
Nice❤❤u are best?⚘⚘⚘??❤❤?all the best for you❤❤❤❤⚘????ya mi part ve s vvv salhi ha.a habeys?❤❤?❤??????i love this part❤❤❤??waiting for next part❤❤?❤?❤?❤❤❤??⚘good luck?❤??❤❤❤?you a nice story writer❤❤❤more love from me❤❤❤❤??????❤????????
Ma Sha Allah haadha gina hiythakekey hiythakuge veriaku genesdheefa mihiry 😀 hehe….Alhamdhulillah! (All praise and thanks belong to Allah)
jana laptop in comment kuraairu thihaa kulagadha ehchehi nugeneveyne ingey. but here you go <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 😀
Masha allah❤❤❤vvv furihama … when is next❤❤
Alhamdhulillah! next part tuesday ga In Sha Allah! <3 😀
Masha Allah Jana. Janaa ge masakkathuga barakaai lahwaashi. ♥
Ameen! Maai Allah alhamenge therein komme meehaku kuraa komme heyo amaleggai barakaai lavvaashi! Ameen! <3
Aslu azzaam ge kaafa haashim akee amnage bahppa dhw
Azzaam aky amna thuhtha and thuhthabe ge dharifulhu dhw
vaahakaige 2 vana season ge trailer dho mee, miss? 😀 balamaa vaagotheh In Sha Allah 🙂
Masha allah. Mi part vx varah reethi. Mi part in vx varah baivaru filaavalhu thakei libijje. Thanks jana ah. Alhugandu mennaa hisaabah mihaa iburaitheri vaahaka eh genesdhey theeve. When next part?? Waiting 4 next part…????
Alhamdhulillah! shifna sis ah faidha eh kuriyya ey jana ah libunu varah bodu ufaleh. next part tuesday ga In Sha Allah
Blog post:
إِنَّ هَـٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ
“Indeed this, your nation is one nation and I am your Master so enslave yourselves to Me.” Suratul Anbiya, 92
This ayah in Suratul Anbiya comes after Allah mentions some of the nations that came before us one by one. And at the very end, Allah says this about our ummah, as though He swt is praising us. As though being part of this ummah is something we should take absolute pride in. And according to this ayah part of the reason why we are so awesome is that we are ONE nation. That we aren’t divided. And how can we be divided, when the Master we worship and enslave ourselves to, is also ONE? Subhaanallah!
So if there is anything that is driving your heart away from any of your fellow brothers and sisters, ask yourself. Have you truly enslaved yourself to Allah? If you did, then the things you love and hate will change. Your anger will subside just because you want to live by an ayah by maintain ties with your brothers and sisters. Things you are holding onto because of your pride will become irrelevant in front of the needs of your brothers and sisters. Your hatred for your brothers and sisters, will become hateful to you, when you realize that it’s the thing that’s tearing up YOUR ummah apart.
The next time you say iyyaaka na’budhu “We enslave ourselves to You” to Allah in prayer, remember that it means much more than yourself. Rather it’s about how your whole ummah, is willingly enslaving themselves to Allah. So hold on tight to that promise that you are making to Allah in every prayer, in the name of your whole ummah In Sha Allah!
Blog post (dhivehi):
إِنَّ هَـٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ
“ޝައްކެއްނެތް ގޮތުގައި ތިޔަބައިމީހުންގެ މި އުއްމަތަކީ އެއްއުމަތެކެވެ. އަދި ތިމަންރަސްކަލާނގެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އެހެންކަމުން ތިމަންރަސްކަލާނގެއަށް އަޅުވެތިވާށެވެ.” ސޫރަތުލް އަންބިޔާ، 92
ސޫރަތުލް އަންބިޔާގައި މިއާޔަތް އައިސްފައިވަނީ އަހަރުމެންނަށްވުރެ ކުރިން އައި އެތައް އުއްމަތެއްގެ ވާހަކައަށް ފަހުގައެވެ. އެހުރިހާ ވާހަކައެއްގެ ފަހު ވާހަކައެއްގެ ގޮތުން އަހަރުމެންގެ އުއްމަތުގެ ވާހަކަ ގެންނަވައި ﷲ ސުބުޙާނަހޫ ވަތަޢާލާ މި އުއްމަތަށް ތަޢުރީފު ކުރައްވާ ފަދައެވެ. މި އުއްމަތުގެ މީހަކަށްވުމަކީ އަހަރުމެން އިންތިހާއަށް ފަޚުރުވެރިވާންޖެހޭ ފަދަ ނިޢުމަތެއް ފަދައެވެ. އަދި މި އާޔަތުގައި އޮތް ގޮތުން އަހަރުމެން އެހާ ފުރިހަމަ އުއްމަތަކަށްވަނީ ކީއްވެ ހެއްޔެވެ؟ އެއީ އަހަރުމެންނަކީ އެއް އުއްމަތަކަށްވާތީވެއެވެ. އަހަރުމެން ބައިބައިވެފައިނުވާ ކަމަށްޓަކައެވެ. އަހަރުމެން އެ ވެރިރަސްކަލާނގެއަކަށް އަޅުވެތިވެ އަޅުކަން ކުރާ ރަސްކަލާނގެއަކީ ވެސް އެއް ރަސްކަލާނގެއަކަށްވީ ހިނދު އަހަރުމެން ބައިބައިވާނީ ކިހިނަކުން ހެއްޔެވެ؟ ސުބްޙާނަ ﷲ!
އެހެންކަމުން ތިބާގެ ހިތުގައި ތިބާގެ އެއްވެސް މުސްލިމް އަޚަކާއި ނުވަތަ އުޚްތަކާއި ދުރަށް ތިބާގެ ހިތް ގެންދާ ސަބަބެއްވާނަމަ އަމިއްލަ ނަފްސާއި ސުވާލުކުރާށެވެ. ތިބާ ޙަޤީޤަތުގައި ވެސް ﷲ އަށް އަޅުވެތިވެއްޖައިން ހެއްޔެވެ؟ އެހެންކަމަށްވާނަމަ ތިބާ ލޯބިވާ ކަންތައްތަކާއި ނަފްރަތު ކުރާ ކަންތައްތަކަށް ވެސް ބަދަލެއް އަންނާނެއެވެ. ހަމައެކަނި އާޔަތަކާއި އެއްގޮތަށް އުޅެ ތިބާގެ އަޚުންނާއި އުޚްތުންގެ މެދުގައި ގުޅުން ދެމެހެއްޓުމަށްޓަކައި ތިބާގެ ރުޅި މައިތިރިވާނެއެވެ. ތިބާގެ ފަޚުރާއި ޢިއްޒަތަށްޓަކައި ތިބާ ހިފަހައްޓައިގެން ހުންނަ ކަންތައް ތިބާގެ އަޚުންނާއި އުޚްތުންގެ ޒަރޫރީ ބޭނުންތަކުގެ ކުރިމަތީގައި އެއްވެސް އެއްޗަކަށްނުވާނެއެވެ. ޚުދު ތިބާގެ ހިތުތެރޭގައި ޙައްޤުނޫންގޮތެއްގައި އުފެދިފައިވި ނަފްރަތަށް ތިބާއަށް ނަފްރަތު ކުރެވެން ފަށާނެއެވެ. އެއީ ތިބާގެ އުއްމަތް ބައިބައިކުރަނީ އެ ނަފްރަތުކަން ތިބާއަށް އެނގުންވުމުންނެވެ.
ތިބާ ދެން ފަހަރަކު ނަމާދަށް ތެދުވެ إِيَّاكَ نَعْبُدُ (އަހަރުމެން އަޅުވެތިވަނީ ހަމައެކަނި ﷲ އަށެވެ.) ކިޔާއިރު ހަނދުމަކުރާށެވެ. އެއީ ހަމައެކަނި ތިބާއާއި ގުޅުން ހުރި ބަސްތަކެއް ނޫނެވެ. އެހެނެއްކަމަކު އެ ބަސްތަކުން އަންގައިދެނީ ތިބާގެ މުޅި އުއްމަތް އެކީގައި އެދިގެން އަޅުވެތިވަނީ ހަމައެކަނި ﷲ އަށްކަމެވެ. ތިބާ މުޅި އުއްމަތުގެ ނަމުގައި ކޮންމެ ނަމާދެއްގައި ﷲ އަށް އެވާ ވަޢުދުގައި ގަދައަށް ހިފަހައްޓާށެވެ! (އިން ޝާ ﷲ)
Salaam. varah bodah maafah edhen mihaa lahun post thah genesdheveythy. jana ah maa gina iru vandhen mihaaru laptop kairi neendheveythy mihen mivany. In Sha Allah adhi kuriah oiy thanuga rangalhuvaane 🙂
post thakun faidhaa eh kuriyya post thah hissa kurumaky jana ge v bodu edhumeh. miadhuge post:
http://guidancefromquran.blogspot.com/2018/12/arabic-past-tense-practice-1.html
https://www.facebook.com/Asr-1445208739121696/
jana ah mi baiga Anbiya surathuge e aayathuge thankolheh nubaikoh kurin liyevifa othy. e aayathuga Allah wahee kuravvaafaivany ekalaange ah taqwaaverivumah noon. Alhuvethivumah. liyamun dhiyairu jana aayaiy handhaanvi gothah liyefa othy. fahun aayaiy fenunyma v dheravi. Maai Allah alhamenge faafathah fussavaashi. Ameen!
Subhaanallah mikamuge therein ves jana ah engigen dhiyaee aayaiy thakuge furihamakan. e aayathuge fahathah taqwaaverivumuge badhalugai alhuvethivumah aisfai othyma ein libey filaavalhuthah ves maa furihama kan jana ah ihsaas kurevunu. aayaiy study koffa jana liyefa in post thah kiyaaleema kiyuntherinnah ves engeyne. Shakkeh neh gothugai emme furihama basfulhaky Allah ge basfulhu. Maai Allah alhamennah e basfulhu ungannai dhevvai e basfulhaai eggothah ulhumuge tawfeeq dhevvaashi. Ameen!
?????❤️?Hama hageegathuga vess jana thidheneee hadhiyaa eh???..varah baivaru filaavalhu thah libigenn evadhey mii story medhuverikoh..mashaa Allah.janage thiya masakkkathugaa barakaiy lavvvashii….❤️?????
Ameen! Maai Allah alhamen kuraa komme heyo kameggai barakaaiy lavvai e amaluthah qabool kuravvaashi. Ameen!
O MY ALLAH.. haadhahaa vaa reeche hama bunane eche ves neygifa mihiree.e.vvvvvvv reethi….. site thakun mihaaru liya emme reethi vahaka. huva haadha reeche…..eha iburatheri……aneh baya ketheves nuve…thanolhe avas kohladheee ba jana plssssssssssssssssssssssssssssssssssssssssssssssssssssssssssss lurvvvv u…..mmwah <3 <3 <3 <3 <3 <3 <3 <3
Alhamdhulillah Alhamdhulillah Alhamdhulillah! ? thi reethi vee varah faidha ves kuraane kamah ummeedhukuran In Sha Allah ?