Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހަދިޔާ (ތޭރަވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
December 13, 2018 10 Mins Read
13 Comments

“ތި އިންނަ ކުއްޖާއަށް ހުރިހާކަމެއް ފުރިހަމަ ކޮށްދޭތި. އެއްވެސް ކަމެއް އުނިވިޔަ ނުދޭތި. އަހަރުމެންނާ ދެކޮޅަށް ތިކަން ކުރިޔަސް މިރްޒާންގެ ޒިންމާދާރުކަން ދައްކަދޭތި. ބޭބެ އުޅޭހެން އަބަދުއަބަދު އަންހެނުންގެ ޝަކުވާ ލިބޭފަދަ މީހަކަށް ނުވާތި. ހިއެއްނުވޭ މިރްޒާން އިންނަން ތިއުޅެނީ ވެސް ބޭބެ އިން ފަދަ އަމިއްލަ އެދުން ބޮޑު ކުއްޖަކާ ހެންނެއް. އެހެންވީމަ މި ޢާއިލާގެ ކުއްޖެއްގެ ގޮތުގަ ފުރިހަމަ މިސާލެއް ދައްކަދޭތި.” ލަތީފް މިރްޒާނަށް ބަލަން އިނދެ ނަޞޭޙަތްތެރިވިއެވެ. ބައްޕަގެ އެ ނަޞޭޙަތް އިވިގެން ދިޔުމުން މިރްޒާންގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވިއެވެ. އެހެންމީހަކަށް ނުވިސްނުނަސް ބައްޕައަށް ކޮންމެވެސް ވަރަކަށް ވިސްނުނުހެން ހީވި ވަގުތު އޭނައަށް އުފާވެރި ދިރިއުޅުމެއް ލިބުމަށް ދެން އެއްވެސް ހުރަހެއްނެތް ހެން މިރްޒާނަށް ހީވިއެވެ. ބައްޕަ އެތަނުން ތެދުވެގެން ދާން ފެށުމުން މިރްޒާން ބައްޕައަށް ގޮވާލިއެވެ. އަދި ބައްޕަ މަޑުކޮށްލުމުން ތެދުވެގެން ގޮސް ބައްޕަގެ ގައިގައި ބައްދާލިއެވެ. މިރްޒާނަށް ނޭނގުނު ކަމަކީ އެވަގުތު އޭނައަށް ޙަސަދަވެރި ލޮލެއް އަމާޒުވެފައިވިކަމެވެ. އެމީހަކު ރުޅިވެރި މޫނަކާއެކީ މިރްޒާނަށް ބަލަހައްޓައިގެން ހުރީ ކާގޭގެ ބިއްދޮށަށް ހުރި ދޮރު ކައިރީގައި ކަމަށްވުމުން މިރްޒާން ކާގެއިން ނިކުމެގެން ދިޔައިރުވެސް އެމީހަކު އޭނައަކަށް ނުފެނެއެވެ.

 

އަންނަން އުޅޭ ބޮޑު ޠޫފާނެއްގެ ހިލަމެއްނުވެ މިރްޒާން އޭނަގެ ޒަވާޖީ ޙަޔާތާއި ދިމާލަށް ފިޔަވަޅުތައް އަޅަމުން ދިޔައީ އުފާވެރިކަމުން ފުރިފައިވި ހިތަކާއި އެކީގައެވެ. މިރްޒާން މާލެއަށް ދިޔައިރު ހާޝިމް ބުނެފައި އޮތް ފަދައިން އޭނަ ހުރީ ކައިވެނީގެ ހުރިހާ ކަމެއް ހަމަޖައްސާފައެވެ. އަމްނާ ޚިޔާލު ދިނުމުން މިރްޒާން ވެސް ބޭނުންވީ މިސްކިތެއްގައި ދެމީހުންގެ ކައިވެނިވުމަށެވެ. އެތަނުގެ ބަރަކާތް ހޯދުމުގެ އިތުރުން ދެމީހުންގެ ކައިވެނި ކުރެވުނީ ﷲ ގެ ގެކޮޅެއްގައި ލިޔެވިގެން ދިޔުމަށް އެދެވުނު ވަރުންނެވެ.

 

މިރްޒާނާއި އަމްނާ ކައިވެނީގެ ދަތުރުފެށީ މިރްޒާން މާލެއަށް އަނބުރާ އައި ދުވަހުގެ ރޭގަނޑެވެ. އެރޭގެ ޢިޝާ ނަމާދަށް މިރްޒާނާއި ހާޝިމް ދިޔައީ ކައިވެނި ކުރެވެން ހަމަޖެހިފައި އޮތް މިސްކިތަށެވެ. ނަމާދުކޮށް ނިމުނުތާ މާ ގިނައިރެއްނުވެ އެ ކުޑަ މިސްކިތުން މީހުން މަދުވިއެވެ. އޭގެ މިސްކިތަށް ހެކިވެރިންނާއި ގާޒީ ވަދެގެން އައިއިރު އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް ގޭގެ ކާރުގައި މިސްކިތާއި ހަމައަށް އައި ޙަމީދާއާއި އަމްނާވެސް ފަހަތުންވަނެވެ. ސާދާކޮށް ފެހިފައި އޮތް ކަޅުކުލައިގެ ދިގު ހެދުމެއްގައި އަމްނާ ހިނގާފައި އައިއިރު ހެދުމުގެ ފުޅާ ފަސްބައި ބިންމަތީގައި ދެމެމުން ދިޔަ ގޮތުން މިރްޒާނަށް އެ މަންޒަރު ފެނުނީ ހުވަފެނީ ގޮތަކަށެވެ. ފުރަތަމަ ފަހަރަށް ޝޯލްއެއް ފަދައިން ކަޅުކުލައިގެ ބުރުގާއެއް އަޅައިގެން ހުރިގޮތުން އަމްނާ ތަފާތު ގޮތަކަށް ފެންނަމުން ދިޔަ ގޮތުން މިރްޒާނަށް ހިނިތުންވެލެވުނެވެ. އެތަނާއި ކައިރިވަމުން ދިޔަ އަމްނާ އިސްއުފުލައި އޭނައަށް ބަލާލީ އެވަގުތެވެ. މިރްޒާން ފެނުމާއެކު އާދައިގެ މަތިން އަމްނާ ހިނިތުންވުމަކާއެކީ އިސްޖަހާލި ގޮތުން މިރްޒާންގެ ހިނިތުންވުން ފުންވިއެވެ. މިރެއަށްފަހު އޭނައަށް އެ އިސްއުފުލައި ހިތް ފުރޭހާ ވަރަށް އެ ސޫރައަށް ބެލޭނެކަން އެނގުންވުމުންނެވެ.

 

މިރްޒާން އަނބި ޤަބޫލުކުރި ވަގުތުވެގެން ދިޔައީ އޭނަގެ ހިތަށް އާދަޔާ ޚިލާފު ހަމަޖެހުމެއް ގެނުވި ވަގުތުކޮޅަކަށެވެ. ކައިވެނީގެ ރަސްމިއްޔާތު ނިމުމުން އޭނަ ކައިރީގައި އިން އަމްނާއަށް ބަލާލެވުނު ވަގުތު މުސްތަޤްބަލުގައި އަންނަން އޮތް އޭނަގެ މުޅި ޙަޔާތް ސިކުންތުކޮޅެއްގެ ތެރޭގައި އޭނައަށް ސިފަވެގެން ދިޔައެވެ. މިރްޒާނަށް ހަމަހޭވެރިކަމެއް ލިބިގެން ދިޔައީ ހާޝިމް ދެން އަންނާށޭ ބުނެލުމުންނެވެ. އެއާއެކު މިރްޒާން އަމްނާއަށްވުރެ ކުރިން ތެދުވެ އަމްނާ ތެދުވުމަށްޓަކައި އެހީއެއްގެ ގޮތުން އޭނައަށް އަތެއް ދިއްކޮށްލިއެވެ. އަމްނާ އެ އަތުގައި ހިފައި ތެދުވެލީ އުޖާލާވި ހިނިތުންވުމަކާއެކީގައެވެ. ތެދުވެވުމާއެކު ދެމީހުން އެކީގައި ނަމާދެއްކުރަން ހިނގާށޭ އަމްނާ ބުންޏެވެ. އެކަކުވެސް އެކަމަށް އިންކާރު ނުކުރުމުން މިރްޒާނާއި އަމްނާ ދިޔައީ އެ މިސްކިތުގައި އެވަގުތު ހުހަށްހުރި އަންހެނުންގެ ބަޔަށެވެ. މިރްޒާން އިމާމްވެ ނަމާދުކުރަން ފަށައި އޭނަ ކިޔަވަން ޚިޔާރުކުރީ އާލު ޢިމްރާން ސޫރަތުގެ މެދުތެރޭގެ އާޔަތްތަކެވެ. އެ އާޔަތްތަކަކީ އޭނައަށް އެންމެ ފަހުން އަމްނާ ޔުނިވާރސިޓީގައި ދިން ދަރުހެއްގެ ތެރެއިން އިވިފައިވި އާޔަތްތަކަށްވާތީވެއެވެ. އަދި އެ އާޔަތްތަކަކީ އަމްނާއަށް ވެސް ވަރަށް ރީތި އާޔަތްތައްކަން އެނގި އޭނައަށް ވެސް ވަރަށް ރީތިވެގެން ދިޔަ އާޔަތްތަކަށްވާތީވެއެވެ. އެ އާޔަތްތައް ފެށިގެން ދިޔައީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިމާއި އެއްވަރުގެ ސުވަރުގެއަށް ދިޔުމަށް އަވަސްވެގަތުމަށް އަންގަވާފައި އޮތް އާޔަތުންނެވެ. އެއަށްފަހު އެ އާޔަތްތަކުގައި މުޅިން ވެސް ސިފަ ކުރައްވާފައިވީ ‘މުޙްސިނުން’ ގެ ސިފަތަކެވެ. މި އާޔަތްތައް އުނގެނުނު ފަހުން ‘މުޙްސިން’ އެ ބަހަކީ ވެސް އިތުރު ރަނގަޅު މީހަކަށްވުމަށް މިރްޒާނަށް އިތުރު ހިތްވަރެއް ލިބޭ ބަހަކަށް ވަނީ ވެފައެވެ. މުޙްސިނުންނަކީ އަބަދުވެސް ﷲ އެމީހުން ބައްލަވާވޮޑިގެންވާކަން ހަނދާން ބަހައްޓާތީ ކުރާ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކުރާ ބަޔަކަށްވާތީވެއެވެ. އެވަގުތު އެ ނަމާދުގެ ތެރެއިން ވެސް މުޙްސިނަކަށްވުމަށް އޭނަގެ ހިތުގައި ކުރިން ނުއުފެދޭ ފަދަ ޖޯޝެއް އުފެދިގެން ދިޔައެވެ. އޭނައަކީ ފިރިއެއްގެ ޙައިސިއްޔަތުން ވެސް އަދި މުސްތަޤްބަލުގައި ބައްޕައަކަށްވުމުން ބައްޕައެއްގެ ޙައިސިއްޔަތުން ވެސް މުޙްސިނެއްގެ ގޮތުގައި ލެއްވުމަށްއެދި އޭނައަށް ދުޢާ ކުރެވުނެވެ.

 

މިސްކިތުން ފައިބައިގެން މިރްޒާނާއި އަމްނާ ދާންޖެހުނީ ކައިވެނި ޕާޓީ ބާއްވަން ހަމަޖެހިފައި އޮތް ހޮޓެލަކަށެވެ. އަންހެނުންނާއި ފިރިހެނުން ވަކިން ދެ ބައެއްގައި ތިބެގެން ބޭއްވި އެ ޕާޓީ 2 ގަޑިއިރެއްހާއިރު ތެރޭގައި ނިމުނެވެ. އެއަށްފަހު އަމްނާއާއި މިރްޒާން ހާޝިމާއި ޙަމީދާއާ އެކީ ކާރުގައި ގެއަށް ދިޔައެވެ. ދެކުދިންގެ ‘ހަނީމޫނަށްޓަކައި’ ރިސޯޓަކަށް ކުރެވޭ ދަތުރެއް ބައްޕަގެ ފަރާތުން ލިބޭނެ ވާހަކަ އިވިގެން ދިޔައީ އެ ދަތުރު މަތިންނެވެ. އެ ވާހަކަ ހާޝިމް ބުނެލި ގޮތުން ކާރު ތެރޭގައި ތިބި އެންމެންނަށް ހެވުނުއިރު ފަހަތުގައި ތިބި އަލަތު ދެމަފިރިންނަށް ހީލުމުގެ ތެރެއިން އެކަކު އަނެކަކަށް ސިއްރުވެރި ނަޒަރުތަކެއް ދެވުނެވެ. އެ ނަޒަރުތަކަށްފަހު އަމްނާ ދުރުބަލަން ފެށިއެއްކަމަކު މިރްޒާނަށް ކާރުގެ ސީޓު މަތީގައި ބޭއްވިފައި އޮތް އަމްނާގެ އަތުގެ އިނގިލިތަކުގެ ދޭތެރެއަށް އޭނަގެ އިނގިލިތައް މަހާލެވުނެވެ. އެ ހިނދު އަމްނާ އެއްފަހަރު އޭނައަށް އަނެއްފަހަރު އެ އަތަށް ބަލާލިއެވެ. އެއަށްފަހު ނޫންކަމަށް ހަދައިގެން އިނދެ އޭނަގެ އިނގިލިތަކުން މިރްޒާންގެ އަތުގައި ހިފައި ބާރަށް ހިފަހައްޓާލިއެވެ. އަމްނާ ދުވަހަކުވެސް އޭނަ ދޫކޮށްލާފައި ދާން ބޭނުންނުވާކަން އެ ޙަރަކާތުން މިރްޒާނަށް ދޭހަ ކުރެވުނު ހިނދު އެއީ އޭނައަށް އެފަދަ ލޯތްބެއް އިޙްސާސް ކުރެވުނު ފުރަތަމަ ފަހަރެވެ.

 

ގެއަށް ދެވުމާއެކު ދެކުދިން އަރާމުކޮށްލަން ޙަމީދާ އެންގިއެވެ. އެހެނަސް ހިތާމަވެރި ޚަބަރެއް އޮތް ވާހަކަ އޭނަ ބުންޏެވެ.

 

“އެ ހުރިހާ މީހުން ދިންހާ ހަދިޔާތައް އަމްނާގެ ބޮޑުދައިތަމެން ގޮސް ލީ އަމްނާގެ ކޮޓަރިއަށް. ރަނގަޅަށްވިއްޔާ އެނދުމައްޗަށާއި އެކީގަ އަޅާފަ ހުންނާނީ. އެއީ ޢާއިލާ ކުއްޖަކު މީހަކާ އިނިއްޔާ އެމީހުން އަބަދުވެސް ހަދާގޮތް. މަ ބުނިން އެތައް ވަރަކަށް އެހެން ނަހަދާށޭ އެކަމަކު އަހަރުމެންނަށްވުރެ ކުރިން އެ އެއްޗެހި ހިފައިގެން އައިސް އެކަން ކޮށްފަ އަހަންނަށް އެމް.އެމް.އެސްކޮށްފަ އެބަހުރި. ބޯ ހަލާކު!” ޙަމީދާ ޝަކުވާގެ ރާގަކަށް ބުނެލިއެވެ.

 

“އެއީ މައްސަލައެއްނޫނެއްނު ޙަމީދާ؟ އެއްޗެހި ކަނޑަކަނޑާ ތިއްބާ ނިދިއައިމަ ނިދާލީމަ ނިމުނީއެއްނު؟ ތެދެއް މިރްޒާން؟” ހާޝިމް ނޭނގޭ ކަމަށް ހަދާފައި ވާހަކަތައް ދައްކަމުން ދިޔައިރު ޙަމީދާއާއި އަމްނާއާއި ދެމެދު ޢިޝާރާތްތަކެއް ބަދަލުވަމުން ދިޔައެވެ. މިރްޒާން ބަލަހައްޓައިގެން ހުއްޓާ އަތުން ޢިޝާރާތްކޮށް އަނގައިގެ ޙަރަކާތުން އަމްނާ ‘ކޮބާ’ހޭ އަހާލި މަންޒަރު ފެނުނެވެ. އޭގެ ޖަވާބެއްގެ ގޮތުން ޙަމީދާ ކޮޓަރިއަށް ޢިޝާރާތްކުރުމުން އަމްނާ ހިނިތުންވުމަކާއެކީ ބޮޑުވާ އިނގިލި ދައްކާލި މަންޒަރު ފެނުނެވެ. މިރްޒާނަށް ހާޝިމަށް ސަމާލުކަން ދެވުނީ އަނެއްކާވެސް ޙަމީދާ ވާހަކަ ދައްކަން ފެށުމުންނެވެ.

 

“ދެން ހާޝިމް ވެސް ދައްކާ ވާހަކަ ދޯ؟ މުސްކުޅި ޢުމުރަށް އެޅުނީމަ ނުވެސް އެނގޭނެތާ! ދެން މި ކުދިންނަށް ތަން ދައްކާފަ ހިނގާބަލަ މިތަނުން!” ޙަމީދާއާއި ހާޝިމާއި ދެމެދު ވާހަކަތައް ބަދަލުވީ ގޮތުން އަނެއްކާވެސް މިރްޒާނާއި އަމްނާއަށް ހެވުނެވެ. ހާޝިމްމެން އެތަނުން ދިޔުމުން މިރްޒާނާއި އަމްނާވެސް ގޮސް އެމީހުންގެ ކޮޓަރިއަށްވަނެވެ. ދެންމެ ދެކެވުނު ވާހަކަތަކެއްގެ ސަބަބުން މިރްޒާންގެ ހިތުތެރޭގައި އެރެއާއިމެދު އުފެދިފައިވި ނުތަނަވަސްކަން ހިސާބަކަށް ފިލާފައިވިއެވެ. އަމްނާގެ މަންމަ ބުނި ފަދައިން އެ ކޮޓަރި ތެރޭގެ އެނދުމައްޗާއި އެކީ ފުރިފައިވީ ޕާރުސަލްތަކުންނެވެ. އެ މަންޒަރު ފެނިފައި މިރްޒާނާއި އަމްނާއަށް ހީލެވުނީ އެކުއެކީގައެވެ.

 

“ބޮޑުދައިތަމެންނަށް ހަމަ ސާބަސް ދޭހާވޭ!” އަމްނާ މިރްޒާނަށްވުރެ ކުރިން ކޮޓަރިއަށް ވަދެ އެހެން ބުނެލި ވަގުތު މިރްޒާން ބޮކިތައް ދިއްލާލަމުން ކޮޓަރީގެ ދޮރު ލައްޕާލީއެވެ. އެ ހިނދު އެ އަޑަށް އަމްނާ މިރްޒާނަށް ބަލާލީ ކުޑަ ސިހުމަކާއެކީގައެވެ. އެ މޫނުމަތިން ހިސާބެއްގެ ނުތަނަވަސްކަމެއް ފެނިގެން ދިޔަ ވަގުތު މިރްޒާން ޖެހިލުންވާ ގޮތްވިއެވެ. އޭނަ ޖެހިލުންވީ މިރޭ ކުރަން އުޅޭ ކަމަށްވުރެ ބޮޑަށް އޭނައަށް އަމްނާ ނުރުހިދާނެ ނޫނީ ހިތުގައި ޖެހިދާނެ ފަދަ ގޮތަކަށް އޮޅުމަކުން ވެސް ފިޔަވަޅެއް އެޅިދާނެތީވެއެވެ. އެހެންކަމުން އެވަގުތުވެސް އޭނަ ހިނިތުންވެލަމުން ވާހަކަ ދައްކާލަން ނިންމީ އަމްނާގެ އިޙްސާސްތަކަށް ރިޢާޔަތް ކުރުމަށެވެ.

 

“ހި….ހިނގާދޯ މި ހަދިޔާތައް ކަނޑަން ބައްޕަ ބުނި ގޮތަށް. ހެހެ….އަމްނާގެ މަންމައާއި ބައްޕަ ހާދަ މަޖަލޭ ދޯ އެހެން ތިއްބަސް؟” މިރްޒާން ކޮޓަރީގެ ތެރެއަށް ވަންނަމުން މާޙައުލުގެ ސީރިއަސްކަން ކުޑަ ކުރެވޭތޯ ބެލިއެވެ. އެކަން ކާމިޔާބުވެސްވިއެވެ.

 

“އާނދޯ؟ ބުނީމެއްނު ބައްޕައަކީ ވަރަށް ނައިސް މީހެކޭ؟ ބައްޕައާއި މަންމަގެ ޖޯކްސްތައް ކިޔައިދޭން ފަށައިފިއްޔާ އެއަކަށް ނިމުމެއް ނާންނާނެ. ހިނގާބަލަ މިކޮޅުން ފަށަން. ސިޓް!” އަމްނާ ވާހަކަ ދައްކަމުން ގޮސް ޕާރުސަލް ތަކުން ފުރާފައިވި އެނދުގެ އެއްފަރާތުން ތަން ހަދާފައި އިށީންނަމުން އޭނަގެ ކައިރީގައި ހުހަށްހުރި ތަން މިރްޒާނަށް ދައްކާލިއެވެ. އެއާއެކު މިރްޒާން ދެވަނަ ވިސްނުމެއްނެތި އަމްނާގެ ކައިރީގައި އިށީނެވެ. އެވަގުތު ކައިރީގައި ހުރި އަރިމަތީ މޭޒުމަތީގައި ހުރި ޕާރުސަލްތަކުގެ ތެރެއިން ހުދުކުލައިގެ ގަނޑެއްލެވި، ރަތްކުލައިގެ ރިބަނެއް އެޅުވިފައިވި ޕާރުސަލެއް މިރްޒާންގެ ލޮލުގައި އެޅިއެވެ. އޭތި ހުރިގޮތް ސާދާ ކަމުންނާއި އޭގެ މަތީގައި އެއްޗެއް ލިޔެވިފައިވިހެން ހީވުމުން މިރްޒާނަށް އެއީ ކޯޗެއްތޯ އަހާލެވުނެވެ. އަމްނާ ކޯޗެއްހޭ އަހާލުމުން އޭނަ އެއަށް ޢިޝާރާތް ކުރިއެވެ. އަމްނާ ހިނިތުންވުމަކާއެކީ ބަލާލަމާ ހިނގާށޭ ބުނެ އެ ޕާރުސަލް ނަގައި އުނގުމަތީގައި ބެހެއްޓިއެވެ. އެ ހިނދު އޭގެ މަތީގައި ރީތި ލިޔުމަކުން ‘މިޒް’ އޭ ލިޔެވިފައި އޮތުމުން އެއީ ކާކު ދިން އެއްޗެއްކަން މިރްޒާނަށް ވަގުތުން އެނގުނެވެ. އެހެނަސް އަމްނާއަށް އެނގުނުކަމަކަށް ނުވިއެވެ.

 

“އާޗާ އަހަރުމެން ދެމީހުންގެ ވެޑިންގް ގިފްޓްތަކުގެ ތެރޭގަ މިޒްއަށް ޚާއްޞަކޮށް މިއޮތީ ގިފްޓެއް. ކާކުބާ؟ ނުލިބުނު ލޯބިވެރިއެއްގެ ހިތާމައިގައި އޮތް އަންހެން ކުއްޖެއްބާ؟” އަމްނާ ޑްރާމާއެއް ކުޅޭ ފަދައަކުން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ސުވާލުތައް ކުރަން ފެށުމުން މިރްޒާނަށް ހެވުނެވެ.

 

“މުޅި ދުނިޔެއަށް އެބަ އިނގޭ މިއީ ކާކު ދިން އެއްޗެއްކަން. ދެންވެސް ދީބަލަ!” މިރްޒާން އެހެން ބުނެ އެ ޕާރުސަލް ޖަހައިގަތެވެ. އެ ހިނދު އަމްނާ ހޭންފެށުމުން މިރްޒާން ހިނިތުންވުމަކާއެކީ އެ ޕާރުސަލް ނިއުޅަން ފެށިއެވެ. އަމްނާއަށް ހުނުން ހުއްޓާލަމުން ވެސް ޕާރުސަލް ކަނޑަން އިން މިރްޒާނަށް ބަލަން އިނދެވުނެވެ.

 

“މިޒްއަށް އެނގޭތަ؟ މިއަދު އަހަރެންގެ ބައްޕަ މުއްސަނދިވެފަ އަހަންނަށް މި ކަހަލަ ކޮޓަރިއެއް ލިބިފައިވިޔަސް ކުރީގަ އަހަރުމެން އުޅުނީ ވަރަށް ދަތިކޮށް. އަހަރުމެން ކުޑައިރު ބައްޕަގެ އެންމެ ކުޑަ ފިހާރައެއް ހުރީ. އެ ފިހާރައިން ލިބޭ މަދު ލާރިކޮޅުންނާ މަންމަ އެކި ގޭގޭގަ މަސައްކަތް ކޮށްގެން ލިބުނު ލާރިން އަހަރުމެން އުޅެމުން ދިޔައީ. އޭރު އަހަރެން ވަރަށް ރުއި ހެދިން އަހަންނާ އެކީގަ ސްކޫލަށްދާ ކުދިންނަށް އެކުދިންގެ ބައްޕަމެން އެކިއެކި ހަދިޔާތައް ދޭތީ. އަހަރެން އެއްދުވަހު ރޮއިރޮއިފަ ބައްޕަގާތު މި ވާހަކަ ދެއްކީ. ދެއްކީމަ ހަމަ އެރޭ އަހަރެންގެ ކޮޓަރީގަ އަމްނާއޭ ޖަހާފަ ކުޑަކުޑަ ޕާރުސަލެއް ހުރީ. ހެހެ…..އެކި ކުލަކުލައިގެ ވިދާ ގަނޑު ނެތީމަ ހުދުކުލައިގެ ގަނޑުތައް ގުޅުވައިގެން ލާފަ ހުރީ. އެހާ ވަރުންވެސް އަހަންނަށް އެންމެ ރީތި ކުލަ ހިމަނަންވެގެން ބައްޕަގެ ރަތްކުލައިގެ ޓީޝާޓަކުން ފަށެއް ގޮތަށް ކަނޑާފަ ރިބަނެއްހެން އައްސާފަ ހުރީ. އަހަރެން ވަރަށް އުފަލުން ގޮސް އޭތި ކެނޑިއިރު އޭގަ އޮތީ ވަރަށް ލޯބި ރުމާލެއް. އަހަންނަށް އޭތި ވަރަށް ކަމުދިޔަ. ފަހުން ބައްޕަ އަހަންނަށް ކިޔައިދިން ރުމާލެއް ދިނީ ކީއްވެކަން. ބުނީ އަމްނާ އެދުވަހު ރުއިމަ ބައްޕަ ބޭނުންވީ އަމްނާގެ އެ ކަރުނަތައް ފޮހެލަދޭށޭ. އެހެންވީމަ ރުމާލަކުން ބައްޕަ ބުނަން އުޅޭ ވާހަކައެއް އެބައިނގެއެއްނޫންހޭ. ހެހެހެ……ވަރަށް ލޯބިވޭ ބައްޕަދެކެ އެދުވަސްފަހުން. ބައްޕަ އަބަދުވެސް ބުނާނީ މީހެއްގެ ލޯބި ބޭނުމިއްޔާ ހަދިޔާއެއް ދޭށޭ. އެ ބަސް އަޑުއަހައިގެން އަހަރެން މިރޭ މިޒްއަށް ތި ހަދިޔާ މި ދިނީ.” އަމްނާ މިރްޒާނަށް ބަލާލަމުން ކިޔައިދިނެވެ. އަމްނާ ކިޔައިދިން ވާހަކައިގެ ސަބަބުން މިރްޒާނަށް ވެސް ޕާރުސަލް ނުކަނޑާ އަޑުއަހަން އިނދެވުނެވެ. އަމްނާގެ އެންމެ ފަހު ޖުމްލަ އިވުނު ހިނދު މިރްޒާންގެ ހިތް ލޯބިން ފުރިގެން އައި ވަގުތު ހިތާމަވެސް ކުރެވުނެވެ.

 

“އަޅެ މިހާރު އަހަރެން ވަރަށް ކަޑަވެއްޖެ. އަމްނާ އަހަންނަށް މީތި ދިންއިރު އަހަންނަށް އެއްވެސް އެއްޗެއް ނުދެވުނީމަ.” މިރްޒާން ހިތާމަކުރާ ރާގަކަށް ބުނެލިއެވެ.

 

“ހެހެ…..އަދި މުޅި ޢުމުރު އެބައޮތެއްނު ހަދިޔާ ބަދަލުކުރަން؟ އިން ޝާ ﷲ! އަދި އެހެންނޫނަސް އަހަރުމެންނަށް އެކަކު އަނެކަކަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއަކީ އެންމެ ހިނދުކޮޅެއްގެ ތެރޭގައި ދީ ނިމޭނެ އެއްޗެއްނޫން. އެއީ މުޅި ޢުމުރު ދުވަހަށް ވެސް ބަދަލުކުރެވެމުން ދާނެ އެއްޗެއް. މިޒްއަށް އެނގޭތަ އެންމެ ބޮޑު ހަދިޔާއަކީ ކޮބައިކަން؟” އަމްނާ އަހާލިއެވެ. މިރްޒާން ޙައިރާންކަން ވެރިވެފައިވި މޫނަކާއެކީ ނޭނގެއޭ ބުނެލިއެވެ. އެއާއެކު އަމްނާ ކިޔައިދޭން ފެށިއެވެ. ކިޔައި ދިންދިންހެން އަމްނާ އެބުނި އެއްޗެއްގެ ރީތިކަމާއި ފުންކަން އޭނައަށް އެނގުންވަމުން ދިޔައެވެ. އެ ވާހަކަތައް ނިމުނު ހިނދު މިރްޒާނަށް އިނދެވުނީ އޭނައަށް ނޭނގި، ހިނިތުންވުމެއްގައެވެ. ވާހަކަ ނިމުމުން އަމްނާ މިރްޒާން ގާތު އޭނަގެ ހަދިޔާ ބަލާލަން އެދުނެވެ. އެއާއެކު މިރްޒާން އެ ހަދިޔާ ކަނޑައި ފޮށި ހުޅުވާލީ ކެތްމަދުވެފައިވި ހިތަކާއެކީގައެވެ. އެތެރޭގައި އޮތް އެއްޗެއް ފެނުމާއެކު މިރްޒާންގެ ހިނިތުންވުން ފުންވިއެވެ.

 

“މާ ޝާ ﷲ! ހިއެއްނުވޭ އަހަރެންގެ މުޅި ޢުމުރު ހޭދަވިޔަސް އައްނުގެ ހިތުގަ ދީނަށްޓަކައި އޮތްފަދަ ލޯތްބެއް އަހަރެންގެ ހިތުގަ ޖެހޭނެހެން.” މިރްޒާން ބުނެލިއެވެ.

 

“އުނހު! ތި ދަނީ މުޅިން ގޯސްކޮށް. ޙަޤީޤަތަކީ އަހަރުމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް ﷲ އާއި ގާތްވުމަށް އިތުރު މަސައްކަތެއް ކުރަން ޖެހޭ މީހެއްކަން. އެހެން މީހަކަށް ބަލާފަ ތިމަންނައަށް އެމީހާއާއި އެއްވަރު ނުކުރެވޭނެއޭ ހިތަށް ނާރުވާ! އެހެން ހިތަށް އަރުވައިފިނަމަ އުއްމީދު ކަނޑާލެވުން ވަރަށް ގާތް. ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާލެވިއްޖެނަމަ އެއީ ޝައިޠާނާގެ އެދުމެއް އެ ފުރިހަމަވީ. އެއީ އޭރުން ހުރިހާ ފާފައަކަށް އަރައިގަންނަން ވެސް އެއްވެސް ޖެހިލުމެއްނުވާނެ. ހިތަށް އަރާނެ އަހަރެން ދެން ކިތަންމެ މަސައްކަތެއް ކުރިޔަސް ﷲ އަހަރެން ދެކެ ލޯބިވެވޮޑިގެނެއްނުވާނެއޭ. އެކަމަކު އެއީ ޙަޤީޤަތެއްނޫން. އެކަލާނގެ ލޯބިފުޅުވަނީ އަހަރުމެން ހީކުރާވަރަށްވުރެ އަހަރުމެންނާ ގާތުގަ.” އަމްނާ މިރްޒާނަށް ބަލަހައްޓައިގެން އިނދެ ކިޔައިދިނެވެ. އެ ކިޔައިދެވުނު ވާހަކައިން އިހުނަށްވުރެ ބޮޑަށް ﷲ ގެ ރަޙްމަތަށް ކުރާ އުއްމީދުގައި ހިފަހައްޓަން މިރްޒާންގެ ހިތުގައި ޢަޒުމެއް ކަނޑައެޅުނެވެ. އެ ހިނދު އެ ޢަޒުމް އޭނަގެ ޙަޔާތުގައި ކިހާ މުހިއްމުވެގެން ދާނެކަމެއް އޭނައަށް އެވަގުތު އިޙްސާސެއް ނުކުރެވެއެވެ.

 

ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަމްނާ ހީލަމުން ބެލްކަންޏަށް ދާން ބޭނުންތޯ އެހިއެވެ. އެކޮޓަރީގައި ބެލްކަންޏެއް ހުރިކަން ވެސް މިރްޒާނަށް އެނގުންވީ އެހިނދެވެ. އަމްނާ އޭނަ ބެލްކަނީތައްދެކެ ވާ ލޯބި ކިޔައިދެމުން ގޮސް އެތާ ހުރި ފަރުދާއެއް ކަހާލުމުން އެ ކޮޓަރީގެ ބެލްކަންޏަށް ނިކުމެވޭ ބިއްލޫރި ދޮރެއް ފެނިގެން ދިޔައެވެ. އަމްނާ އެ ދޮރުވެސް ކަހާލަމުން ބެލްކަންޏަށް ނިކުތީ އެތާނގެ ބޮކިތައް ދިއްލުމެއްނެތިއެވެ. މިރްޒާން ވެސް އަމްނާގެ ފަހަތުން ދިޔައެވެ. ސާދަވިލޭރޭގެ ހަނދުގެ އަލީގެ ސަބަބުން އެތަނަށް ވެރިވެފައި އޮތީ އަލަތު ދެމަފިރިންނަށް އެންމެ މުނާސަބު އައްޔެކެވެ. އަމްނާ ގޮސް ރެއިލިންގް ގައި އަތް އަޅުވާލަމުން އުޑުގައިވި ތަރިތަކަށް ނަޒަރު ހިންގާލުމުން މިރްޒާންވެސް ގޮސް އަމްނާގެ ކައިރީގައި އެފަދައިން ހުއްޓިލިއެވެ.

 

“އަހަންނަށް މިގޮތަށް މިހެން ހުރެވިދާނެ ތަރިތަކަށް ބަލަހައްޓައިގެން ކިތަންމެ އިރެއްވިޔަސް.” އަމްނާ އޭނަގެ ނަޒަރު އުޑުން ވަކި ކުރުމެއްނެތި ބުނެލިއެވެ. އެ ހިނދު މިރްޒާނަށް އެސްފިޔަ ޖަހާލުމެއްނެތި އަމްނާގެ އެއްވެސް ކޫރުމެއްނެތް މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ.

 

“އަހަންނަށް މިގޮތަށް މިހެން ހުރެވިދާނެ ތި ސޫރައަށް ބަލަހައްޓައިގެން ކިތަންމެ އިރެއްވިޔަސް.” މިރްޒާނަށް އެހެން ބުނެލެވުނީ އެފަދަ މިޞްރާބަކަށް ދިޔުމަށް އޭނަގެ ޙިއްސުތައް އެދެމުން ދިޔަ ވަރުންނެވެ.

 

“ހެހެހެ…..ހާދަ ސަޅި ލައިނެކޭ ތިބުނީ. އެނގޭތަ؟ އަހަރުމެން އަމިއްލައަށް އެކި ބަސްތަކުން ލިޔެވިފައިހުރި ލޯބީގެ ވާހަކަތައް ކިޔާފަ އެކި ހީރޯސްމެން ބުނާ ބަސްތަކާ ކުރާ ރޮމޭންޓިކް ކަންތައް ރޭޓްކުރަން. މަލެއް ދިނިއްޔާ 5 އަކުން 4. ވާރޭ ތެރެއިން ހިނގާފަ ދާއިރު ކުޑަ ދިއްކުރިއްޔާ 5 އަކުން 3. އުއްމީދުކޮށްގެން ނެތް ވަރަށް ނުފެންނަ ކަހަލަ ކަމެއްވިއްޔާ 5 އަކުން 5. އެކަމަކު އަހަންނަށް އެންމެ ކަމުދަނީ…..” އަމްނާއަށް އެހާ ހިސާބަށް ވާހަކަ ދެކެވުނު ތަނާހެން މިރްޒާން ރެއިލިންގް މަތީގައި އޮތް އަމްނާގެ އަތުގައި ހިފައި ލުއްކެއްޖަހައި އޭނަ ކައިރިއަށް ގެނެސް އަމްނާގެ އުނަގަނޑުގައި އޭނަގެ އަތުން ވަށާލިއެވެ.

 

“އުއްމީދު ކޮށްގެން ނެތް ވަރަށް އާދައިގެ ކަމެއް.” ނުހަނު ގާތުން އަމްނާގެ މޫނަށް ބަލަން ހުރެ މިރްޒާން އަމްނާގެ ޖުމްލަ ފުރިހަމަ ކޮށްދިނެވެ. އޭނައަށް އެ ޖުމްލަ ފުރިހަމަ ކުރަން އެނގުނީ އެއީ ކުރިންވެސް އަމްނާ އޭނަ ގާތުގައި ދައްކާފައިވި ވާހަކައަކަށް ވާތީވެއެވެ. އޭނަ އެހެން ބުނުމާއެކު އަމްނާގެ ފުރިހަމަ ހިނިތުންވުން އެހާ ގާތުން ފެނިގެން ދިޔުމުން މިރްޒާންގެ ހެއަށްވެސް ގޮތެއްވިހެން އޭނައަށް ހީވިއެވެ. އެހެނަސް އޭނަ ދެންވެސް ވާހަކަ ދެއްކިއެވެ.

 

“އޮޅުމެއްގެ ތެރޭގަ ހުރެވެސް މިރެއާ ހާދަ ގުޅޭ ވާހަކަތަކޭ ތި ދެކެވެނީ.” މިރްޒާން އެ ހުރި ގޮތަށް އަމްނާގެ މޫނަށް ބަލަން ހުރެ ރާގަކަށް ބުނެލިއެވެ.

 

“ކާކު ބުނީ އޮޅިގެންނޭ އެ ވާހަކަތައް ދެއްކީ؟” އަމްނާ ދެލޯ ހަނިކޮށްލަމުން ލާނެތް ހިނިތުންވުމަކާއެކީ އަހާލިއެވެ. އެއާއެކު ދެމީހުންނަށް އެކުއެކީގައި ހެވުނެވެ. އެ ހުނުމުގެ ތެރެއިން މިރްޒާން އަމްނާގެ ނިތުގައި ނިއްޖައްސާލިއެވެ.

 

އެރޭވެގެން ދިޔައީ މިރްޒާންގެ ޙަޔާތުގައި ވެސް އައި އެންމެ އުފާވެރި ބާބުގެ ފެށުމަށެވެ. އެރޭ ފެށިގެން ދިޔަ ގުޅުމާއެކީ އެތައް ލޯބީގެ ޞަފްޙާއެއް މިރްޒާންގެ ޙަޔާތުގެ ވާހަކައިގައި ލިޔެވެން ފެށިއެވެ. ގޭގައި ވިޔަސް، ރިސޯޓެއްގައި ވިޔަސް އަދި ކިޔަވަން އަނބުރާ ލަންޑަނަށް ގޮސްފައި ވިޔަސް އެ ލޯތްބަކަށް ބަދަލެއްނާދެއެވެ. ލަންޑަނަށް ގޮސް މަސައްކަތް ބުރަވެގެން ދިޔުމުން އަމްނާއާއި މިރްޒާން އެކަކު އަނެކެއްގެ ވަގުތަށް ކުރާ އިޙްތިރާމާއި އެކަކު އަނެކަކަށް ވެދޭން ބޭނުންވާ އެހީތެރިކަން ހާމަވުން ނޫންކަމެއް ނުވެއެވެ. މިރްޒާނަށް އަމްނާއަށް ދެވޭ ވަގުތު މަދުވާތީ އޭނަ ހިތާމަ ކުރިއެއްކަމަކު އަމްނާ ދުވަހަކުވެސް އެކަމާމެދު ޝަކުވާއެއް ނުކުރެއެވެ. ބަދަލުގައި މިރްޒާން ކިތަންމެ ލަހުން އައި ރެއެއްގައި ވިޔަސް އަމްނާ މިރްޒާނާއި ބައްދަލުކުރަނީ އުޖާލާވި ހިނިތުންވުމަކާއެކީގައެވެ. އިމްތިޙާންތަކަށްޓަކައި މިރްޒާން ތައްޔާރުވުމަށް ދަންވަރު ހޭލާ ހުންނަ ރޭތަކުގައި އަމްނާގެ މަސައްކަތެއް ނެތަސް އޭނަ މިރްޒާނާއި އެކީ ހުރެއެވެ. އެ ހުރިހާ ކަންތައްތަކެއްގެ ބަދަލުގައި މިރްޒާން ވެސް އަމްނާއަށްޓަކައި ކަންތައް ކޮށްދެމުން ދިޔައީ ނުހަނު އެދިގެންނެވެ. ޗުއްޓީ ދުވަސްތަކުގައި އަމްނާއާއެކީ ތަންތަނަށް ޒިޔާރަތްކޮށް އަމްނާއަށް ހަދިޔާތައް ގަނެދެމުން ދިޔައީ އޭނަ ލޯބިވާކަން އެންގުމަށެވެ. އޭނައަށް އަމްނާ ޚާއްޞަކަން އޭނަގެ ބަސްމަގާއި ޢަމަލުތަކުން ވެސް ދައްކަމުން ދިޔައެވެ. އޭނަ އަމްނާއާއި ދުވަހަކުވެސް ވަކިވާން ބޭނުމެއްނުވާކަން އަންގަމުން ދިޔައީ ލޯބިން ފުރިގެންވި ރޭތަކުންނެވެ.

 

މީގެ އިތުރުން ދެމީހުން ކިޔަވަނީ ތަފާތު މާއްދާތަކަށް ވިޔަސް އެކި ފިލާވަޅުތަކަށް އެކަކު އަނެކެއްގެ ޚިޔާލު ވެސް ހޯދަމުން ދިޔައެވެ. އަމްނާގެ ހިތުގައި ލިޔުންތެރިކަމަށް ޝައުޤުވެރިކަން އުފެދި މިރްޒާނަށް ޢަރަބި ކިޔެވެން ފެށީ އެފަދަ ގޮތަކަށް ޚިޔާލު ބަދަލުވަމުން ދިޔުމުގެ ތެރެއިންނެވެ. އަމްނާ ޢަރަބި ބަހުގައި ނިމުނު ކަމާއި ވަމުންދާ ކަން ކިޔަވައިދީ އެކިއެކި ކުދިކުދި ބަސްތަކުގެ މާނަވެސް މިރްޒާނަށް ދޭތެރެދޭތެރެއިން ކިޔައިދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޤުރުއާން ކިޔަވާއިރު ފުދޭވަރަކަށް ގިނަ ބަސްތަކެއް މާނަ މިރްޒާނަށް މަޑުމަޑުން އެނގެން ފެށިއެވެ. ޔުނިވާރސިޓީގައި ކިޔަވަމުން ޕާޓް ޓައިމަށް ވަޒީފާއަށް ދަމުން ވެސް އޭނައަށް އެފަދަ ކަމެއް ޙާޞިލުކުރެވުނު ގޮތާއިމެދު މިރްޒާނަށް ހުރެވެނީ ޙައިރާންވެފައެވެ. ﷲ އެކަލާނގެ އިރާދަކުރައްވާ ކޮންމެ ކަމެއްގައި ބަރަކާތް ލައްވާކަން މިރްޒާނަށް ޔަޤީންވީ އެ ތަޖުރިބާގެ ތެރެއިންނެވެ. އޭނަ އެ ވާހަކަ އަމްނާ ގާތު ބުނި ދުވަހަކީ އަމްނާ ފޮތެއް ލިޔަން ބޭނުންވާ ވާހަކަ ބުނި ދުވަހެވެ. މިގޮތުން ކިޔެވުމުގެ މަސައްކަތް ނުހަނު ބުރަވެގެން ދިޔަ އެ އަހަރުތެރޭގައި ވެސް މިރްޒާން ދިން ހިތްވަރާއެކީ އަމްނާ އިނގިރޭސި ބަހުން ފޮތެއް ލިޔުނީ މުސްލިމުންނާމެދު ހުޅަނގުގެ މީހުން ދެކޭ ގޮތުގެ މައްޗަށް ބިނާކޮށެވެ. މިގޮތުން އެ ފޮތުގައި ހުޅަނގުގެ މީހުންގެ ނަޒަރުގައި މުސްލިމުންނަކީ ކޮން ދަރަޖައެއްގެ ބައެއްކަމާއި، އެ ނަޒަރިއްޔާތު އޮންނަންވީ ސަބަބުތަކަށް އަލި އަޅުވައި މުސްލިމުން ހުޅަނގުގެ މީހުންގެ ފަރާތުން އުއްމީދު ކުރަނީ ހަމަ އެހެން މީހުންނަށް ވެސް ކުރާ ޤަދަރާއި އިޙްތިރާމްކަން ހާމަކޮށްފައިވިއެވެ. އެއީ އެންމެންނަކީ ވެސް އެއްދަރަޖައެއްގައިވާ އިންސާނުންކަމަށްވާތީވެ ކަމަށް އެންމެ ފަހު ޞަފްޙާގައި ބުނެވިފައިވިއެވެ. އެ އަހަރުގެ ފަހު ކޮޅު ލިޔެ ނިންމާލި އެފޮތް އަމްނާ އުޅުނީ އެއްވެސް މީހަކަށް ނުދައްކާށެވެ. އެހެނަސް މިރްޒާން އަމްނާއަށް އެންގުމެއްނެތި އެ ފޮތުގެ ކޮޕީއެއް އަމްނާގެ ޕްރޮފެސަރަކާއި ޙިއްސާކުރިއެވެ. އެ ޕްރޮފެސަރަށް އެ ފޮތް ކަމުދިޔަ މިންވަރުން ވަގުތުން އޭތި ޕަބްލިޝް ކުރުވަން ބޭނުންވިއެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ އެ ފޮތް މުޅި ޔުނިވާރސިޓީއަށް މަޝްހޫރުވެ އެ ތަންގަނޑަށް ވެސް ތުންތުންމަތިން އެ ޚަބަރު ފެތުރިގެން ދިޔައެވެ. އެއާއެކު އިތުރު ފޮތްތައް ލިޔުމަށް އަމްނާއަށް ހިތްވަރެއް ލިބުނެވެ.

 

ކާމިޔާބީތަކުން ފުރިގެންވި އެ އަހަރު ނިމިގެން ދިޔައީ އަމްނާއަށާއި މިރްޒާނަށް ވެސް އެމީހުންގެ ކްލާސްތަކުން ވަނަ ލިބި، ދަސްވެނިވަމުންނެވެ. ދަސްވެނިވުމުން މިރްޒާނާއި އަމްނާ ދެމީހުންގެ ތޮފި މައްޗަށް އެއްލާލީ އެކުއެކީގައެވެ. އެދުވަހު ނެގިގެން ދިޔައީ އުޖާލާވި ހިނިތުންވުންތަކުން ފުރިގެންވި ފޮޓޯތަކެވެ. އެދުވަހު އިތުރު އެހެން ބޮޑު ކަމަކަށް އުއްމީދުވެސް ނުކޮށް ތިއްބާ ދިމާވީ އެހެން ކަހަލަ ގޮތެކެވެ. ކާރެއްގައި ގެއަށް ދިޔަ މަގުމަތީގައި އަމްނާ އޭނަގެ މޫނަށް އަނދިރިވާ ވާހަކަ ބުންޏެވެ. މިރްޒާނަށް ވަގުތުން އަހާލެވެން އުޅުނީ ހެނދުނު ރަނގަޅަށް ސައިބުއިތޯއެވެ. އެހެނަސް އެދުވަހު ނާސްތާކުރީ ދެމީހުން އެކީގައި ކަމަށްވުމުން ޙަޤީޤަތް އޭނައަށް އެނގޭތީ މިރްޒާނަށް އެހެންހޭ ބުނުން ނޫންކަމެއް ނުކުރެވުނެވެ. ކާރުން ފައިބައިގެން އަމްނާއަށް އެޕާޓްމެންޓާއި ހަމައަށް ދެވުނީ ވެސް މިރްޒާންގެ އެހީގައެވެ. އެޕާޓްމެންޓަށް ގޮސް އެނދުގައި އިށީނދެވުނުތަނާހެން އަމްނާ އޯކަތް ދަމައިގެން ފާޚާނާއަށް ދިޔައެވެ. މިރްޒާން ކަންބޮޑުވުމަކާއެކީ އަމްނާގެ ފަހަތުން ގޮސް އޭނައަށް އެހީވެދިނެވެ. އަމްނާއާއި އެކީ ފާޚާނާއިން ނިކުތް ވަގުތު މިރްޒާނަށް ކަމެއް ހީވުމުން އޭނައަށް ހިނިތުންވެވެން ފެށިއެވެ.

 

“އައްނޫ……މީ ކޮންކަމެއްތަ އަނެއްކާ؟” މިރްޒާން ދިގުކޮށް ގޮވާލަމުން އަހާލިއެވެ. އެއާއެކު އޭނައަށް ފަސްދީގެން ހުރި އަމްނާ އޭނައަށް ބަލާލިއެވެ.

 

“ނޯ އެހެންނެއްނުވާނެ. އަހަރެން…..އޯ ވެއިޓް!” އަމްނާ ކުރީކޮޅު ހަމަޖެހިގެން ނޫނެކޭ ބުންޏެއްކަމަކު ކަމަކާމެދު ވިސްނާލެވުމުން އޭނައަށް ދެލޯ ބޮޑުކޮށްލަމުން އަނގަމަތީގައި އެއްއަތް އަޅައި މިރްޒާނަށް ބަލާލެވުނެވެ.

 

“ތިއޮތީ މާ ރަނގަޅަށްވެސް ގްރެޖުއޭޓްވެފަ!” މިރްޒާން ހެވިފައިހުރެ ބުނެލިއެވެ. އެއާއެކު އަމްނާއަށް ވެސް ރަތްވެގެން ދިޔަ މޫނަކާއެކީ ހީލެވުނެވެ. އެ ހީލުމުގެ ތެރެއިން މިރްޒާން ގޮސް އަމްނާގެ ގައިގައި ބައްދާލި ހިނދު ދެމީހުންގެ ލޮލުން ވެސް އުފާވެރިކަމުގެ ކަރުނަތައް ހިލުނެވެ. މަރާލެވުނު އެސްފިޔަތަކުގެ ތެރެއިން ހިތާމަތަކުން މުޅިން އެއްކިބާވެފައިވި މުސްތަޤްބަލެއް ދެމީހުންނަށް ވެސް ސިފަކުރެވުނީ، ދެން އެމީހުން އެކީގައި ތިބެން އޮތީ މަދު ދުވަސްކޮޅަކަށްޓަކައިކަން ނޭނގިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ލޯބިވެވުނީއެވެ. 21

Next

ލޯބިވެވުނީއެވެ. 22 (ފަހުބައި)

Next
December 13, 2018

ލޯބިވެވުނީއެވެ. 22 (ފަހުބައި)

Previews
December 12, 2018

ލޯބިވެވުނީއެވެ. 21

13 Comments!

  1. Jana says:
    December 13, 2018 at 6:15 am

    Assalaam’alaikum. 🙂 mihaa hisaabun jana mi nagaalany kuda break eh. bodu masakkatheh jana nimmanvefa othumaa eku next part dhen up vaany sunday ga.

    maazy nimen dhen onnaany dhe bai. dhen oiy bain seedha sababu neyngunas yageen vaane dhen e dhemeehunnah ekygai noolheveyny keevvekan. next part ga hunnaany ves fudheyvarakah heavy msgs thah. e msg thah mi bai in fashan hithah araafa ves hama e ah vakin focus kurun muhimmuhen heeveema nuhimeny.

    In Sha Allah mi bayaa gulhey post thah ves miadhu genesdheynan. miadhuge post thakaa eky arabi lesson thah ves hunnane. mi baiga mention kurevifa hury 3 lesson ah veema e 3 lesson jana genesdheyny 3 dhuvahu. ehenveema miadhu genesdheyny Arabi past tense ge chart eh ekani. e filaavalhu annaany kuree dhuvahuge lesson aa gulhigen. ehenveema kureege chart rangalhah engifa huri kiyuntherinnah meethi faseyhavegen dhaane In Sha Allah 😀 post up veema jana mithaanga link share kolla dheynan In Sha Allah.

    Maai Allah alhamen emmennah faidhaa kuranivi ilm ithuru kohdhevvaashi. Ameen!

    1. Cute Lips says:
      December 13, 2018 at 12:20 pm

      Ameen..

  2. Cute Lips says:
    December 13, 2018 at 8:04 am

    Masha Allah v reethi….

    1. Jana says:
      December 13, 2018 at 8:16 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂

  3. Ayesha says:
    December 13, 2018 at 2:04 pm

    MashaAllah..
    Varah ufaavey mi kahala faidhaa kuraa kahala vaahaka jana genesdheytheeve.. keep up the good work.. May Allah SWT bless you.. 🙂

    1. Jana says:
      December 13, 2018 at 8:18 pm

      Alhamdhulillah! jana ge ves ummeedhaky faidha eh kurun In Sha Allah. Jazaakillah Khairan for the support 😀 May Allah bless you more, sis. Ameen! <3

  4. Naaa says:
    December 13, 2018 at 7:19 pm

    Wow, v nice. Jana ge stories v reethi, liyuntheri kamuge hunaru v faahaga vey, ibaaraaiy kurun v furihama

    1. Jana says:
      December 13, 2018 at 8:20 pm

      Naaa ah vaahaka reethi veevarah faidha ehves kuriyya jana varah ufaane In Sha Allah 🙂 Alhamdhulillah! 😀

  5. Jana says:
    December 13, 2018 at 8:14 pm

    Alhamdhulillah vaguthu libunu eki dheytherein liyamun gos mi post miothy liyevifa. mi arabi post ves mi genesdhiny jana mihaaru mi lesson thah test kurumuge ‘vazeefa’ dheefa huri meehakah dhakkaafa. hehe 😀 thiya kiyuntherinnah ves engeyne kamah ummeedhukuran. adhives effaharu understand viyya jana ah angaalun edhen. ey migothah genesdhinun effective hen heevejjeyya vaahaka nimigen ves Arabi tafseel koh blog ga kiyavadheyn jana mi visnany In Sha Allah. evves kiyuntheriaku nubunaathy jana adhives mi hunnany shakkegge matheega. adhi ehaa gina kiyuntherin post balaairu evves kiyuntheriegge suvaaleh nulibuneema mi hunnany hairaanvefa. Mihaathanah ai iru emme kiyuntherieh suvaaleh kury… baeh faharu hithah araa kiyuntherinnah jana aai vaahaka dhakkan nukereny heyves. O__O ekahala shakhsiyyatheh jana ah dhekkifa huriyya v bodah maafah edhen.

    dhivehi post ge basthah adhives olhifa hunnaathy jana roanves beynun ebavey. eki goiy gothah hadhaa ves ekan rangalhu nukurevigen miulheny. adhi rangalhu kureveyne gotheh hoadheytho beleemaves nueh fenunu. mihaaru meeheh kairin ahaigen miulheny. In Sha Allah adhi rangalhuvaane 🙂

    https://guidancefromquran.blogspot.com/2018/12/arabic-past-tense.html

    https://www.facebook.com/Asr-1445208739121696

  6. Jana says:
    December 13, 2018 at 10:23 pm

    Alhamdhulillah dhivehi post thah mihaaru rangalhu kurevijje. dhivehin Arabi filaavalhuthah balan beynunvefai nubeli huri kiyuntherin mi link thakah dhiyun edhen

    https://guidancefromquran.blogspot.com/2018/12/hadhiya-blog-post-10.html

    https://guidancefromquran.blogspot.com/2018/12/arabic-past-tense_13.html

    furathama linkah gos thiriah dhiyaeema dhivehi post fennaane In Sha Allah. varah ufaavejje dhivehi bahun emme fahun genesdhevunyma. Alhamdhulillah! 🙂

  7. Someone says:
    December 14, 2018 at 3:25 pm

    How did you learn arabic? Which college? I seriously wanna learn arabic. Could you please help me with it

    1. Jana says:
      December 14, 2018 at 4:40 pm

      check out Bayyinah TV. it has the simplest course on classical Arabic i ever came across. I’m bringing these posts inspired by those lessons

      https://bayyinah.tv/

      you need to sign up to gain full access though. but its totally worth it! because it has 100s of hours of Quranic content. check it out In Sha Allah 🙂 if you cant afford, scroll down to the very bottom and apply for a ‘gift’. you will get free access if you give the reason In Sha Allah.

  8. Jana says:
    December 14, 2018 at 9:37 pm

    Arabic past tense – fi’l mudhaari’

    https://guidancefromquran.blogspot.com/2018/12/arabic-present-tense-fil-mudhaari.html

    miothy miadhuge filaavalhu 😀 kiyuntherin veehaaves varakah tharutheebun filaavalhuthah follow kurun edhen. In Sha Allah adhi jana blog ga lessons thah number kuraanan. kureema blog archive in faseyhain e filaavalhuthakah dheveyne.

    mihaa hisaabun aslu verbs ge varah bodu baeh mi nimuny. arabi bahuga future tense vakinneh noannaane. future tense hadhaany present tense ge basthakun 😀 ebai annaany fahun In Sha Allah. mee fudheyvarakah bodethi lesson thah veema jana maadhamaa aa lesson eh nugenesdheyn mi nimmany. eyge badhaluga present tense aa past tense ge basthakuga huri thafaathuthah highlight koffa hurihaa ehcheh himeney gothah exercise eh jana post kohdheynan In Sha Allah. arabi rangalhah dhaskuran beynunvaa kiyuntherin mihaa hisaabun galamakaa fotheh gengulhuniyya faseyha vaany. jana kiyevi iru jana dhiyaee e thaavaluthah ves nagaa maana ves liyamun. notes rangalhah nuliyaa filaavalhuthah undhagoo vegen ulhen jehunu handhaan ves vey. hehe…. notes in balaigen haqeeqathuga mi lesson thah genesdhenyves. 🙂

    adhives effaharu evves shakkeh othiyya blog ah comment koggen ves ahaalun edhen. Maai Allah alhamen ekalaange handhuma kurumattakai kuraa komme kameggai barakaaiy lavvaashi. Ameen!

Comments are closed.

Next Episodeހަދިޔާ (ސާދަވަނަ ބައި)←


All Right Reserved!