Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އިމްތިޙާން (16ވަނަ ބައި)

Faathii Level 410 Stories100 Comments100 Login
November 28, 2018 6 Mins Read
7 Comments

މާހިލްގެ މުޅި ދުވަސް ހޭދަވަމުން އެދަނީ އަވަސްވެފައިވާ ހިތަކާއިގެންނެވެ. މިސްކިތައް ދާ ކޮންމެ ފަހަރަކުވެސް ނަމާދުން ފައިބައިގެން މީހުންގެ ތެރެއިން ނާސިރު ފެނޭތޯ ބަލަނީ ނާސިރު ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. މާހިލް ހީކުރީ ފުރަތަމަ ފަހަރުވެސް މާހިލް ފެންނަތަނުން ނުވަތަ މާހިލް ހިބާގެ ވާހަކަ ދައްކަން ފަށާއިރައް ނާސިރު ރުޅިއައިސްގެން އޭނާއަށް އެއްޗެހިކިޔާ ހަދާނެ ކަމަށެވެ. އަދި ވަގުތުން އޭނާ ހުއްޓުވާނެ ކަމަށެވެ. ނަމަވެސް އިދިކޮޅައް އެންމެ ލަފްޒެއްވެސް ނުބުނެ ނާސިރު އޭނާދެއްކި ވާހަކަތައް އަޑުއެހީތީ މާހިލްގެ ހިތައް ވަނީ ހަމަޖެހުން ލިބިފައެވެ. ނަމަވެސް ބައެއް ފަހަރު ނާސިރުގެ ޖަވާބަކަށްވާނީ ނޫނެކޭޔޭ އެ ހިތައް އެރުމުން ހިތުގައި މާޔޫސްކަން ފެތުރެއެވެ. ހިބާ އަދި ނާސިރުގެ ޖަވާބަކީ ނޫނެކޭ ނަމަވެސް އެ ހިތައް ސާބިތުކަން ދެއްވުމަށް ހިތާހިތުން ﷲއަށް ދުޢާ ދެންނެވެއެވެ. ކޮންމެ ކަމެއްވެސް ވާނީ ﷲ އިރާދަކުރައްވާ ގޮތައްކަން އެހިތައް ވިސްނައިދީ، އަދި އެއީ އެންމެ މޮޅު ރަނގަޅުގޮތްކަން ގަބޫލުކުރަން އޭނާ އެހުރީ ތައްޔާރަށެވެ. ނަމަވެސް ހިތުގައި ކުޑަކުޑަ އުންމީދެއް ވެއެވެ. އަދިވެސް ހިބާގެ ހިތުގައި އޭނާގެ ނަން ވާނޭ ހިތައް އަރައެވެ. ހިބާއަށް ތެދުމަގު ލިބިފައިވާއިރު، މާޒީގެ ފާފަތަކަށް ތަޢުބާވެފައިވާ އެ ޒުވާނާއަށް ﷲއަށްޓަކައި އަލުން އިތުބާރުކުރަން ޖެހިލުމެއް ނުވާނޭ ހިތްބުނާ ކަހަލައެވެ.

ބައެއްފަހަރު އޭނާގެ ހިތައް އަރައެވެ. މިދުނިޔޭގައި އެއްވެސް ހިތާމަ އެއް ނުވާނެ ނަމައެވެ. “އެންމެންނަށްވެސް އެމީހެއްގެ އުފާވެރިކަމާއި ހިތްހަމަ ޖެހުން އަބަދުވެސް ލިބޭނެ ނަމައެވެ. އެއްވެސް ޝަކުވާއެއް ހިތާމައެއް ނެތި އުޅެވޭނެނަމައެވެ…… ނަމަވެސް ހަމައެއާއިއެކު އެސުވާލުތަކުގެ ޖަވާބުވެސް އެ ހިތް ދެއެވެ. އޭރުން މިދުނިޔެއާއި ސުވަރުގެއާއި މާ ބޮޑު ތަފާތެއް ނޯންނާނެތާއެވެ. އޭރުން ކުރިމަތިލާންޖެހޭ އިމްތިޙާނެއް ނޯންނާނެތާއެވެ. މުޅިންވެސް އުފާވެރި ބައެއްކަމުގައި އަހަރެމެން ދުނިޔެ އަށް ލެއްވިނަމަ ހިތްހަމަނުޖެހުމުގެ އިހްސާސާއި ހިތާމަވެރިކަމުގެ އިހްސާސެއް މިހިތަކަށް ނުކުރެވޭނެތާއެވެ. އޭރުން ދުނިޔެ ދުނިޔެއަކަށްވެސް ނުވާނެތާއެވެ.”

އެ ޚިޔާލުތައް ހިތުގައި ހިނގަން ފެށުމުން ސުވަރުގެއާއި ބެހޭގޮތުން ﷲ ބާވައްލައްވާފައިވަ އާޔަތެއްގެ މާނަ މަތިން ހަނދާން ވިއެވެ. “ކަލޭގެފާނު ވިދާޅުވާށެވެ. އެހުރިހައި ތަކެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވާކަމެއްގެ، ވާހަކަ ތިޔަބައިމީހުންގެ ގާތުގައި ތިމަން ރަސްކަލާނގެ ވިދާޅުވަން ހެއްޔެވެ؟ އެއީ ތަޤުވާވެރިވި މީހުންނަށް ތިމަން ރަސްކަލާނގެ ހަޟްރަތުގައި، ސުވަރުގެތަކެއް ވެއެވެ. އެތާނގެ ދަށުން ފެންކޯރުތަކެއް ހިނގަހިނގާ ހުރެތެވެ. އެ ސުވަރުގެތަކުގައި ދެމިތިބޭ ހާލުގަޔެވެ. އަދި ޠާހިރު ވެގެންވާ އަނބިންތަކެއްވެސް (އެއުރެންނަށް) ހުއްޓެވެ. އަދި ﷲގެ ހަޟްރަތުން ރުއްސެވުން (އެއުރެންނަށް) ހުއްޓެވެ. ﷲއީ އަޅުތަކުންގެ ކަންތައް މޮޅައް ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެއެވެ.” (3:15)

އެ އާޔަތުގެ މާނަ ހަނދާންވުމުން މާޒީގައި އޭނާއަށް އަރައިގަނެވިފައިވާ ފާފަތައް މަތިންވެސް ހަނދާން ވިއެވެ. އެހެންކަމުން ދެތިން ފަހަރަކު ފާފަ ފުއްސެވުމަށްއެދި ﷲގެ ހަޟްރަތުގައި އެދި ދެންނެވިއެވެ. މިފަދަ އާޔަތްތައް ކުރިން އެނގި ދަސްވެފައިވީނަމަ އޭނާއަށް އެ ފާފަތަކަށް އަރައިގަންނަން ޖެހިލުންވީސް ކަން ކަށަވަރެވެ. ސުވަރުގޭގެ ނިޢުމަތްތައް ﷲގެ އަޅުންނަށް އެހާ ފުރިހަމަކަން އިޙްސާސްވާނަމަ މި ދުނިޔެމަތީގެ ވަގުތީ އުފަލަކަށްޓަކައި ފާފަތަކަށް އަރައިގަނެ އެ ސުވަރުގޭގެ ނިޢުމަތުން ދުރުވެ ނަރަކައިގެ އަލިފާނަށް ކައިރި ނުވީސްކަން ކަށަވަރެވެ. މީހުންނާ ރައްޓެހިވެގެން ޒިނޭއާއި ގާތްނުވެ އާޚިރަތުގައި އެތައް ގުނަޔަކަށް ފުރިމަވެގެންވާ އަނބިންތަކެއްގެ ދާޢިމީ ނިޢުމަތް މާ މުހިންމުކަން އިހްސާސްވާނެއެވެ. އޭނާ ކުރެވެމުންދިޔަ ނުބައި އަމަލު، ﷲ ދެނެވޮޑިގެންވާކަން އިޙްސާސްވިނަމަ ފަސްޖެހެވޭނެކަން ކަށަވަރެވެ.

………………….

ނާސިރު އޭނާގެ އޮފީހުގެ ކެބިންގައި އިން އިރު ވިސްނެމުން ދިޔައީ މާހިލް އަށް ދޭނެ ޖަވާބަކާއި ދޭތެރޭގައެވެ. “ހިބާގެ ޖަވާބަކަށްވާނީ ކީކޭ ބާވައެވެ؟ ހިބާގެ ދިރިއުޅުމުން އަނެއްކާ މާހިލް އަށް ފުރުސަތެއް ދޭން ބޭނުންވާނެ ބާވައެވެ؟ މާހިލް ޖަލަށްލީ ފަހުން މާހިލް އާއި ހިބާއާއި ދެމެދު އެއްވެސް ގުޅުމެއް ނެތީ ވިއްޔާ، މިވޭތުވެ ދިޔަހާ ދުވަހު، އެހެން ޒުވާނަކު ހިބާގެ ދިރިއުޅުމަށް ނައިސް ހުންނާނެ ހެއްޔެވެ؟ ހަމަ އެހެން މީހަކުދެކެވެސް ލޯބިވެފައި ވެދާނެ ނޫން ހެއްޔެވެ؟ މާހިލްގެ ވާހަކަ ދެކެވުނު ވަގުތު ހިބާގެ ޖަވާބު އަހަން ނާސިރު ހަނދާން ނެތުނީ ވިއްޔާއެވެ.”

“އަނެއްކާ ހިބާގެ ޖަވާބަކީ އާނއެކޭ ކަމަށް ވާނަމަ ރަހްމާ އަށްވެސް ވިސްނައިދޭން ޖެހޭނެއެވެ. ޔަޤީނުންވެސް ރަހްމާ އެ ދެމީހުން އަލުން ގުޅޭކަށް ގަބޫލެއް ނުވާނެއެވެ.”

އެ ޚިޔާލުތަކުގައި އޭނާއަށް އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ. ގަޑިބަލައިލި އިރު އޮފީސް ނިމޭގަޑި ޖެހެނީ އެވެ. އެހެންކަމުން އަވަސް އަރުވާލާފައި އެދުވަހު އޭނާ ސޮއިކުރަން ހުރި ލިޔުންތަކުގައި ސޮއިކޮށް ނިންމާލާފައި، ސެކްރެޓަރީއާއި ހަވާލުކުރާ ފައިލްތައް ލާންޖެހޭ ތަނަށް އެތަކެތި ލުމަށްފަހު ގެއަށްދާން ހިނގައިގަތީ ދާގޮތައްގޮސް ހިބާއާއި އެކަމާއި ބެހޭގޮތުން ވާހަކަ ދެއްކުމުގެ ނިޔަތުގައެވެ.

……………………..

ރަހްމާ އިނީ ޓީވީ ދޮށުގައި ޑްރާމާ އަޅުވައިގެން ޓީވީ މިއުޓައް ލައިގެން އެއްކަންފަތުގައި ފޯނު ޖައްސައިގެން ވާހަކަ ދައްކާށެވެ. އަނެއްކޮޅުން ވާހަކަ ދައްކަނީ އަފްޝާއެވެ. “މިއަދު ބޭރަށް ދާ ހިތެއް ނެތް. ގޭގައި މަޑުކުރިއްޔާހެން މަށަށް ހީވަނީ ރަނގަޅުވާނީ…” އަފްޝާ ފޫހިވެގެން ކާރުގައި ފިނިބުރެއް ޖަހައިލަންދާން އެދުމުން ރަހްމާ ރުންކުރު ރާޤަކަށް ބުނެލިއެވެ. އެއީ ކީއްވެގެންތޯ އަފްޝާ އެހީ ރަހްމާ ބުނެލި ރާޤުން އެގޭގައި ކަމެއް ގޯސްކޮށް ހިނގަނީއޭ ހީވެގެންނެވެ. “އަނެއްގޮތައް ކަމެއް ގޯހެއް ނޫން. އެކަމު ނާސިރާއި ހިބާގެ ގުޅުން ކުރިއަށްވުރެ ރަނގަޅުހެން ހީވަނީ.. ދެ މީހުންވެސް މަށައް ކަމެއް ސިއްރު ކުރާހެން ވެސް ހީވޭ.. އެހެންވެ އަބަދު އެކަމާ މި ވިސްނެނީ.. ދެން މަ ބޭރަށް ދިޔައީމާ އަނެއްކާވެސް މި ގޭގައި ކަމެއް ވިޔަސް މަށަކަށް ނޭނގޭނެންނު.. އިއްޔެވެސް ކަސްރަތު ކުލާހުން އައި އިރު ހިބާހުރީ އަހަރުމެން ކޮޓަރިއަށް އައިސް. މަށައް ވަދެވުނީ ނާސިރު އޭނާ ގައިގާ ބައްދާލައިގެން ބޮލުގައި ފިރުމަން ހުއްޓާ… ހީވަނީ ދެމީހުން ވަރަށް ރޮއިފައި ހުރިހެން. ދެން ކުއްލިއަކަށް އެކަހަލަ މަންޒަރެއް ފެނުމުން މަށައް ވާނެ ގޮތް ވިސްނާލަބަލަ.. އަޅެ ޙައިރާނެއް ނުވާނެތަ؟ އަޅެ ސުވާލެއް ނުއުފެދޭނެތަ؟

މަ ސުވާލުކޮށްކޮށްވެސް އެ ނާސިރު ނުބުނި. ވަރަށް ކުރު ގޮތަކަށް ބުނީ އެއްކަލަ މާހިލްގެ ކަމެކޯ..މަށަކަށް ނޭނގޭ ކުއްލިއަކަށް އެ ސޮރުގެ ވާހަކަ މިގޭގައި ދައްކަންވީ ސަބަބެއް. އަނެއްކާ ނާސިރުގެ އަމަލުތައް ހުންނަ ގޮތުން މަ އަޅާނުލާ ހުރެފިއްޔާ ދުވަސް ކޮޅަކުން ހިބާ ގޮތައް މާ ދީންވެރިވެގެން ޝެއިޙަކައް ވެގެން މަށައް ލެކަޗަރު ދޭތަން ކަންނޭނގެ ފެންނާނީ..” ރަހްމާ އޭނާގެ ކަންބޮޑުވުންތައް އޭނާގެ ކޮއްކޮއާއި ހިއްސާ ކޮށްލިއެވެ. އަފްޝާ އެވާހަކަތައް އަޑުއަހާފައި ޙައިރާންވިކަން ހާމަކޮށްލިއެވެ. އަދި އަސްލައްވެސް ރަހްމާ ބަލައިގެން އުޅުމަށް ބުންޏެވެ. އަދި މިފަހަރު ލީޝާވެސް ހިބާއާއި ބައްދަލުކޮށް ވާހަކަދައްކަން ފެށިފަހުން ދެތިން ފަހަރަކު ނަމާދުކުރާ މަންޒަރު ފެނުނު ކަމާއި، އަދި އޭނާގެ ވާހަކައިންވެސް ހިބާމެންގެ ޚިޔާލުތައް ހުންނަގޮތައް ޚިޔާލު ބަދަލުވާހެން ހީވިކަމަށް ބުންޏެވެ. އެހެންވީމާ ނާސިރައްވެސް އަދި ހިބާއާއި އެހާ ގާތްކޮށް އުޅެނިއްޔާ އެގޮތައް އަސަރު ކުރާނެ ކަމަށް ބުނެ ސަމާލުވުމަށް ނަސޭހަތް ދިނެވެ.

ދީނައް ލޯބިކޮށް ދީނަށް އުޅުމުގެ މަތިވެރިކަން އެ ދެމީހުންނަށް އިހްސާސް ނުވާ ކަހަލައެވެ. ދީނަށް ކައިރިވުމުން އެކަމުން ދުރުކުރަން އެއުޅެނީ އެހެންވީމާ ނޫންތާއެވެ.

………………

ހިބާ އޭނާގެ ކޯހުގެ ފިލާވަޅުތައް ނިންމާލާފައި ހުމާގެ ކޮޓަރިއަށް ދިޔައީ އެ ދުވަހު އަދި ހުމާއާއި ދިމާ ނުވާތީ ދެކިލާހިތް ވުމުންނެވެ. ކޮޓަރީގައި ހުމާ ފެންނަން ނެތުމުން ދެފަހަރަކު ހުމާއަށް ގޮވާލީ ފާހާނައިގައިވެސް އުޅެދާނޭ ހިތައް އަރައެވެ. އެއްވެސް ޖަވާބެއް ނައުމުން ނޫޅެނީއޭ ހިތާ ނުކުންނަން އުޅެނިކޮށް މިހިރީއޭ ބުނި އަޑު އިވުނެވެ. އަޑުއައީ ބެލްކަނިންކަމުން ހިބާ މަޑުހިނގުމެއްގައި ގޮސް ބެލްކަންޏައް ނިކުމެލިއެވެ.

ހުމާ މިހާރު ހުންނަނީ ފާޑަކަށް ފޫހިވެފައެވެ. އެއްވެސް ކަމެއްވެސް ކުރާ ހިތެއް ނުވެއެވެ. ކާހިތެއްވެސް ނުވެއެވެ. މީހަކާ ވާހަކަ ދައްކާ ހިތެއްވެސް ނުވެއެވެ. އެހެން ކަމުން ބެލްކަންޏައް ނިކުމެ އެތާ އިނީއެވެ. ހިބާ އޭނާއަށް ގޮވާ އަޑުއިވުމުންވެސް ފުރަތަމަ އަޅާނުލީ އެވަގުތު ހިބާއާވެސް ވާހަކަ ދައްކާ ހިތްނުވުމުންނެވެ. ނަމަވެސް އަނެއްކާ ފަހުން ދިމާވެގެން އެގަޑީގައި ހުމާ ދިޔައީ ކޮންތާކަށްދޯ އަހާނެތީ މިހިރީ އޭ ބުނެ އެތާ ހުރިކަން އަންގާލީއެވެ.

ހުމާގެ މޫނުމަތިން އަދިވެސް ފެންނަނީ ހިތާމަވެރިކަމެވެ. ހިބާއައް އެ މޫނުމަތީގައިވާ އަސަރު ފެނުމުން އިރުކޮޅަކަށް ނަމަވެސް ދައްކާނެ ވާހަކަ އެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. ހުމާ އޭނާގެ ހިތާމަތައް އަމިއްލަ އަށް ކިޔައިދޭނަމަ ހިބާއަށްވެސް އެކަމާއި ބެހޭގޮތުން އެއްޗެކޭ ބުނެވުނީ ނޫން ހެއްޔެވެ؟ އެކަމު ހުރިހާ އެއްޗެއް ހިތުތެރޭ ފޮރުވައިގެން ހުރުމުން ދުވަހަކުވެސް އެ އުދާސްތައް ބޭރެއް ނުވާނެއެވެ. ދުވަހެއް ދުވަހަކަށް އެ ހަނދާންތައް އޭނާއަށް އުނދަގޫ ކުރާނެ ވިއްޔާއެވެ. އެހެންކަމުން ކޮންމެވެސް ހިސާބަކުން އެ ވާހަކަ ފަށަން ހިބާ ގަސްތުކުރިއެވެ. އެހެން ކަމުން މަގުމައްޗައް ނަޒަރު ހުއްޓާލައިގެން ހުރެ ވާހަކަ ދައްކަން ފެށިއެވެ.

“ކޮންމެ އިންސާނަކަށްވެސް އެންމެ އުފާވެރިކަން ލިއްބައިދޭ އިޙްސާސަކީ ލޯބި. ދުނިޔެއަށް އުފަންވީންސުރެ އޭނާ އެހެން މީހުންގެ ކައިރިން އަބަދުވެސް އެ ލޯތްބައް އެދޭ. އެންމެ ފުރަތަމަ މައިންބަފައިންގެ ލޯބި. ދެން އާއިލާގެ ލޯބި. ދެން ފިރިއެއްގެ ލޯބި. ދެން ދަރިން ލިބި އެ ދަރީންގެ ލޯބި. އެއަށްފަހު މާމަ ކާފަ ދަރިންގެ ލޯބި. ލޯތްބާއި ނުލާ ހިތައް ހަމަޖެހުމެއް ނުލިބޭ ކަހަލަ. އަބަދުވެސް ހިތުން އެކަމަށް އެދިއެދި ހުރޭ.. އެހެންވީމާ އެމީހަކު އެދޭ ލޯބްބެއް ބީވުމުން ކޮންމެ އިންސާނަކަށްވެސް އަސަރު ކުރާނެ. އިހްސާސްވާނީ އޭނާގެ ހިތުން ބައެއް މަދުހެން. އެ ލިސްޓުން އެކަކުގެ ލޯބި މަދުވިޔަސް ހަމަ އެ އިހްސާސްވާނެ.

އެ އިހްސާސް ކުރެވުނު ވަރަކަށް އޭނާގެ ހިތް އެ ނުލިބުނު ލޯތްބައް އެދޭލެއް ބޮޑުވާނެ. އެ ހުސްޖާގަ ފުރާލަން ބޭނުންވާނެ. އެހެންނޫނީ އޭނާއަކަށް ހިތްހަމަ ޖެހުމެއް ނުލިބޭނެ. އަބަދުވެސް އެކަމަށް ކަރު ހިއްކައިގަނެފައިވާފަދަ އިހްސާސެއްވާނީ. އެހެންވީމާ އަބަދުވެސް އެ ޖާގަ ފުރާލުމަށްޓަކައި އެ ލޯބި ކޮންމެވެސް އެ ހެން މީހެއްގެ ފަރާތުން ނުވަތަ ކޮންމެވެސް އެހެން ގޮތަކަށް ހޯދަން ބޭނުންވާނެ. އެކަމަށް މަސައްކަތް ކުރެވޭނެ.

އަދި އެ ލޯބި ލިބިފައި ވިޔަސް އަހަރެމެނަށް އެލޯބިން އަހަރެމެންގެ ހިތެއް ނުފުރޭނެ. އެ ލޯބީގެ ޕާފެކްޝަނަށް އެދި އަބަދުވެސް ހިތް ރޯނެ. އެހެންނޫނީ ދެންވެސް ހަމަ އެ ހުސްކަން އިހްސާސްވާނެ.  އެނގޭތަ އެހެން އެވަނީ ކީއްވެގެންކަން؟ ބިކޯސް ވީ އާ ފައިންޑިން ދެޓް ލަވް އިން ރޯންގް ވޭ.. އަހަރެމެން އެ ލޯބި މި ހޯދަނީ ހަޤީޤަތުގެ އެހެން ދިމާލަކުން. އެ ލޯބި ހޯދަންވާ އޭގެ ހަޤީޤީ މަޤާމަކުން ނޫން.

އެހިތައް ހަމަޖެހުން ލިބޭނީ ހަމައެކަނި އޭގެ ވެރި ރައްބު ދެކެ ލޯބި ވެވުމުން. އެ ހިތައް ބޭނުންވާ ލޯބިން އެ ހިތްފުރޭނީ ހަމައެކަނި އެ ގޮތައް. އެއީ އެކަލާނގެ އެ ހިތް ހައްދަވާފައިވަނީ އެގޮތައް ކަމަށްވާތީ.. ދި ޕާފެކްޓްނެސް ވިލް ބީ އޮންލީ އިން އިޓްސް ކްރިއޭޓަރ. ނޮޓް އިން ހިސް ކްރިއޭޝަންސް.

އިންސާނުންނަކީ ޕާފެކްޓް ބައެއް ނޫން. އެކަމަކު އެހިތް އެދޭނީ އެ ޕާފެކްޝަނަށް. ކޮންމެ ހާލެއްގައިވެސް އޭނާދެކެ ލޯބިވާ މީހަކު ބޭނުންވާނީ… ކިތަމެ ކުށެއް ކުރެވުނަސް، އޭނާގެ ގައިގައި ކިތަމެ ހިތްހަމަ ނުޖެހޭ ސިފައެއް ހުއްޓަސް އެ ކަމެއް ބަލައިގަނެ އެ ހުރިހާ ކަމަކާއި އެކުވެސް އެއްވެސް ތަފާތެއް ނެތި ލޯބިވުން. އޭނާގެ ހުރިހާ ކަމެއް ދަންނަ، އޭނާގެ ބަހަކާއި ނުލާ ހިތުގެ ހާލު އެނގޭ، ކިތަމެ ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުނަސް މާފްކޮށް، ދެގޮތެއް ނުވާ އޯގާތެރިކަމާއި އަޅާލުން ދޭނެ ފަދަ ލޯބިވެރިއެއް ބޭނުންވާނީ..  ލޯބީގެ އެންމެހާ ފުރިހަމަ ސިފަތަކަށް އެ ހިތް އަބަދުވެސް އެދޭނީ..

އެކަމަކު އެ ފުރިހަމަކަންމައްޗަކު ނޫން ﷲ އިންސާނުން ހެއްދެވީ.. އެ ހުރިހާ ފުރިހަމަކަމެއް ލިބިގެންވަނީ ހަމައެކަނި ﷲ އަށް. ﷲ އެކަލާނގެ އަޅާ ކޮންމެ ހާލެއްގައި ވިޔަސް އެ އަޅާ އާއިއެކު އަބަދު ވާނެކަމަށް އަންގަވާފައިވޭ.. އޭނާގެ އުފަން މައިމީހާއަށްވުރެ އެކަލާނގެ، އެކަލާނގެ އަޅުން ދެކެ ލޯބިވާކަން އަންގަވާފައިވޭ.. އަދި ކިތަމަ ފާފައަކަށް އަރައިގަތަސް އޭނާ އެކަމަށް ތަޢުބާވުމުން އޭނާއަށް މާފް ކުރައްވާ.. އޭނާގެ ހުރިހާ ކަމެއް އެކަލާނގެ ދެނެވޮޑިގެންވޭ.. ހިތުގައިވާ އެންމެހާ ކަމަކާއި، ކޮންމެ އަމަލެއްގެ ފަހަތުގައިވާ ނިޔަތްވެސް އޭނަގެ ދުލުން ބޭރުކުރުމަކާއި ނުލާ އެކަލާނގެ ދެނެވޮޑިގެންވޭ.. ﷲ އީ އެންމެ އޯގާވަންތަ ރަސްކަލާނގެ. އަދި އެކަލާނގެއީ އަލް ހަމީދު. އެންމެހާ ތާރީފް ލިބިވޮޑިގެންވާ ކަލާނގެ. އަބަދުވެސް ހިތް އެދި ގޮވާނީ އެ ފުރިހަމަ ލޯތްބައް އެދި. އެ ލޯބި އަހަރެމެނަށް ލިބޭނީ ހަމައެކަނި ﷲގެ ފަރާތުން.

ﷲގެ އެންމެ ސިފަފުޅުތައް އެނގި ހިތައް އިހްސާސް ކުރެވުމުން އެ ހިތައް މަޑުމައިތިރިކަން ލިބޭނެ. އެހިތައް ހަމަޖެހުން ލިބޭނެ. އެކަލާނގެ އަޅުންދެކެ އެކަލާނގެ ލޯބިވާ މިންވަރު އެނގުމުން މި ދުނިޔޭގެ އެތައް ދަތިކަމެއް އެ ހިތައް ފަސޭހަވެގެން ދާނެ. އެއީ އެކަލާނގެ ރޭވުންތެރިކަން ވަނީ އެކަލާނގެ އަޅުންނަށް އެންމެ ރަނގަޅު ގޮތައްކަން އެހިތައް ތަސައްވަރު ކުރެވުމުން ލިބޭ ހިތްހަމަޖެހުން. އަދި އެކަލާނގެ ލޯބި ހާސިލް ކުރުމަށް އެކަލާނގެ އެންގެވި މަގުން ހިނގަން ބޭނުންވާނެ.

އަހަރެމެން ހައްދަވާފައިވަނީ އެކަކު އަނެކަކުގެ އެހީ އާއެކު އުޅެވޭ ގޮތައް. އަދި މިދުނިޔޭގައި ލައްވަވާފައިފާ ބޮޑު ނިޢުމަތެއްގެ ގޮތުގައި ހެޔޮ ފިރިންނާއި ދަރިންވަނީ.. އެކަމަކު އެމީހުންގެ ފަރާތުންވެސް އެ ފުރިހަމަ ލޯތްބެއް ނުލިބޭނެ. ވީމާ ހިތް އެދޭ އެ ފުރިހަމަ ލޯބި ލިބި އެހިތައް ހަމަޖެހުން އިހްސާސް ކުރެވޭނީ ﷲ އަށް ލޯބިކުރުމާއިއެކު އެމީހުންދެކެވެސް ލޯބިވެގެން. އަހަރެމެނަށް ހިތްހަމަޖެހިގެން އެކަކު އަނެކަކާއިއެކު އުޅެވޭނީ އެމީހުންނަކީ ފުރިހަމަ ބައެއް ނޫންކަން ދަނެގެން. އަދި އެ ހިތައް ބޭނުންވާ ހަމަޖެހުން ލިބޭނެ ގޮތައް ﷲ ގެ ފުރިހަމަކަން ދަނެގެން، އެކަލާނގެ އަމުރުތަކަށް ބޯލަނބައިގެން. ﷲއަށްވުރެ އެހެން ފަރާތެއް މަތިވެރި ކުރަނީނަމަ ހިތަކަށް ދުވަހަކުވެސް އެ ބޭނުންވާ ހަމަޖެހުމެއް ނުލިބޭނެ.

ފާފަތަކުން ދުރުވެވޭނީވެސް އެކަލާނގެ ކުޅަދުންވަންތަކަން އެ ހިތައް ތަސައްވަރު ކުރެވިގެން. އެކަލާނގެ ކަނޑައަޅުއްވާފައިވާ އަޒާބުތަކުގެ ގަދަފަދަކަން އެނގިގެން. އަދި އެ ސުވަރުގޭގެ ފޮނިމީރުކަން ވެސް އިހްސާސްވުމުން އެ ސުވަރުގެއަށް ދަހިވެތިވާނީ..

މީހުންނާއި ރައްޓެހިވުމަކީ މިހާރު ވަރަށް ނޯމަލްކަމެއް. ކުދިންނަށް ވިސްނިފައި އޮންނަނީ އެއީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެއް ގޮތައް. އެކަން ނުކުރާނަމަ ހެޕިލީ އެވާ އާފްޓާ އެއް ނުލިބޭނެކަމަށް. އަދި ރަނގަޅު ފިރިއަކު ހޯދޭނީވެސް އެގޮތައްކަމަށް އަހަރެމެންގެ މުޖުތަމަޢު އަހަރެމެންގެ ސިކުނޑިއަށް ވައްދާދީފައިވަނީ. ﷲ ޒިނޭއާއި ކައިރިނުވުމަށް ގަދަ އަމުރަކުން އަމުރު ކޮށްފައިވާކަން ހަނދުމަކޮށްދޭނެ މައިންބަފައިންނެއް މިހާރު ނޫޅޭކަންނޭނގެ. ކިތަމެ ގިނަމީހުން ކުރިޔަސް ނުބައިކަމެއް ވާނީ ނުބައިކަމަކަށް. އަދި ޙަރާމްކަމެއް ޙަލާލުކަމަކަށްވެސް ނުހެދޭނެ. އަދި ޙަރާމް ފެށުމަކުން ފަށައިގެން ހެޕިލީ އެވާ އާފްޓާއެއް ނުލިބޭނެ. މުސްލިމުންނަށް ހެޕިލީ އެވާ އާފްޓާއަކީ ސުވަރުގެ. ހުރިހާ ހިތާމަތަކަށް ނިމުމެއް ލިބި އަބަދުގެ އަބަދައް އުފަލުގައި ތިބެވޭނީ ހަމައެކަނި ސުވަރު ގޭގައި. އެހެންވީމާ އޭގެ ބަދަލުގައި ބޮޑެތި ފާފަތަކަށް އަރައިގަނެގެން ލިބޭނީ ނަރަކަ. އަބަދުގެ އަބަދައް އަޒާބު. އަދި ތިމާ ދެކެ ހަޤީޤީ ލޯބިވާ ފިރިހެނަކު، ބޭނުންވާނީ އޭނާޔާއެކު އޭނާގެ ލޯބިވެރިޔާވެސް ސުވަރުގޭގައި ވުމަށް. އެހެންވީމާ ނަރަކައަށް ދާނެ މަގެއް ކޮށައެއްނުދޭނެ. ޒިނޭއާ ކައިރިކޮށްދީ ޒިނޭއަށް ދަޢުވަތު ދީ ނަހަދާނެ. އޭގެ ބަދަލުގައި ޙަލާލު ގޮތުގައި އޭނާގެ އަންބަކަށްހަދާ، ހެޔޮ ނަސޭހަތްދީ، އަދި ﷲ ގެ އަމުރުތައް މަތިން ހަނދާން ކޮށްދީ ހަދާނީ. އޭނާ ސުވަރުގޭގައި ވާފަދައިން އޭނާގެ ލޯބިވެރިޔާވެސް ސުވަރުގޭގައި ވުމަށް އެދޭނީ…”

ހިބާއަށް އެ ހިސާބައް ބުނެވުމާއެކު ފަހަތުން ބަރުއަޑަކުން ފިރިހެނަކު ކަރުކެހިލިއަޑަށް ދެކުދިންނަށް އެއްފަހަރާ ބަލާލެވުނެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ނުތަޅުވާށެ

Next

ހިތް އެދުނަސް… (27) (ފަހުބައި)

Next
November 28, 2018

ހިތް އެދުނަސް… (27) (ފަހުބައި)

Previews
November 28, 2018

ނުތަޅުވާށެ

7 Comments!

  1. Ekoe bappa says:
    November 28, 2018 at 8:36 pm

    ?‍?

  2. Faathii says:
    November 28, 2018 at 8:37 pm

    Assalaam Alykum. Here is the 16th part. Avahah update kuran edhunu kudhinge requestah kudakoh avaskolladhiny.. ekamuves sadly buneveyny daily update koh nudheveyne vaahaka. sorry…:(
    Actually maadhamaa thanakah dhiumah dhathurumathy ulhen jeheynethy update nukurevidhaanekamah balaafa miadhu kolly.. 🙂 Have a good day..

  3. Okay says:
    November 28, 2018 at 8:42 pm

    ?

  4. ummu aisha says:
    November 28, 2018 at 9:31 pm

    varah faidhaahuri naseyhathuge baskolheh. may allah bless u… keep up up da gud work… love this story..

  5. liyaa says:
    November 28, 2018 at 9:39 pm

    mashaa allah

  6. R@! says:
    November 28, 2018 at 10:33 pm

    Masha allah.when next

  7. Faathii says:
    November 29, 2018 at 5:26 am

    Jazaakumullah khair. (May Allah reward u all for good) ? Next part Fridayga. In Shaa Allah.

Comments are closed.

Next Episodeއިމްތިޙާން (17ވަނަ ބައި)←


All Right Reserved!