“ދަރިފުޅާ!… މާހިލް… މާހިލް ބައްޕަ ކައިރިންވެސް މާފައް އެދުނު. ދަރިފުޅައް ދެވުނު އަނިޔާއަށް. އަދި އެކަމުން އާއިލާއަށް ދެވުނު ހިތްދަތި ކަމަށްވެސް. މާހިލް ބުނީ ދަރިފުޅުދެކެ ވަރަށް ލޯބިވާ ކަމަށް. އަދި ދަރިފުޅާއި ކައިވެނި ކުރަން ބޭނުންވާ ކަމަށް. އަދި އޭނާ ބޭނުންވަނީ ދެ ފަރާތުންވެސް މާޒީ ހަނދާން ނައްތާލާ އެކަކު އަނެކަކަށް މާފްކުރާށޭވެސް ބުނި. މާހިލްގެ ބައްޕަވެސް ބުނީ ހަމަ އެހެން. މާހިލް ބޭނުންވަނީ ދަރިފުޅައް ދެވުނު އަނިޔާގެ ބަދަލުގައި ލޯބި ދީގެން އެ އަނިޔާތައް މަތިން ހަނދާން ނައްތުވާލާށޯ… އަދި މާފައް އެދެމުން ބުނީ ތިމަންނާ ހިބާއަށް އެހެން ނެހެދިނަމަ އޭނާއަށް އެ އަދަބު ނުލިބޭނޭކަން ޤަބޫލުކުރަމޭ.. އެހެންވީމާ ހުރިހާ އެންމެންނަށްވެސް ވަނީ ކުއްކުރެވިފައޭ…”
މާހިލް މާފައް އެދުނު ވާހަކަ ބުނަން ނާސިރު ގަސްތުކުރީ މާހިލް މާފައް އެދިފައިވުމުން ދެން ނާސިރު މާހިލް ކައިރިން މާފައް ނުއެދުނަސް އެންމެ ރަނގަޅު ވާނޭ ހިތައް އެރުމުންނެވެ. އެންމެންނަށްވެސް އެ މީހެއްގެ ކުއް ޤަބޫލުކުރެވުމުން އަދި އެކަމަށް ތަޢުބާވެ ތަކުރާރު ނުކުރުމުން ނިމުނީ ނޫން ހެއްޔެވެ؟
“އޭގެ މާނައަކީ މިހާރު މާހިލްގެ ހިތުގައި ބައްޕައާއިމެދު އެއްވެސް ޝަކުވާއެއްނެތޭ…… އެކަމަކު ބައްޕަވެސް މާފައް އެދެންވާނެއްނު. އޭރުން ބައްޕަގެ ހިތްވެސް އޭނާއަށް ސާފް ވާނެ. އަދި ބައްޕައަށް ކުރެވުނު އެ ކުށުން މިހާރު ތި ހިތުގައިތިވާ ކުއްވެރިކަމުގެ އިހްސާސްވެސް ފިލުވާލަން ފަސޭހަވާނެ…” ހިބާ އޭނާގެ ކަރުނަތައް ފޮހެލާފާ ނާސިރައް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ނާސިރު އިތުރު އެއްޗެކޭ ނުބުނެ ބޯ ޖަހާލިއެވެ. ހިބާ އޭނާގެ ކޮޓަރިއަށްދާން އުޅެފައި ކަމެއް ހަނދާންވެގެން އަނެއްކާވެސް ނާސިރު ގާތައް ޖެހިލާފައި ބުންޏެވެ.
“ބައްޕާ!! އަޅުގަނޑުވެސް މާފައް އެދެން ބޭނުން… އަޅުގަނޑަށް އައި މި ބަދަލަކީ ބައްޕަމެން ހިތްހަމަނުޖެހޭ ބަދަލެއްކަން އެނގޭ.. އެކަމަކުވެސް ކުރީގައި އުޅުނު ދިރިއުޅުމަށް އެނބުރި ދާކަށް އަޅުގަނޑު އެއްގޮތަކަށްވެސް ބޭނުމެއް ނުވޭ.. އަޅުގަނޑައް މި ބަދަލު މާ ހިތްހަމަޖެހޭ.. އަޅުގަނޑު އުންމީދުކުރަނީ އަދި ކޮންމެވެސް ދުވަހަކުން ބައްޕަމެނަށް މީ ގޯސް ކަމެއް ނޫންކަން އިހްސާސްވެ މިކަމަށް ލޯބި ޖެހޭނޭ ކަމަށް..” ހިބާ އެހެން ބުނުމާއެކީ ނާސިރު ދެކޮޅައް ބޯހޫރާލިއެވެ. “ނޫން ދަރިފުޅާ! ދަރިފުޅު ތިކަމަށް މާފައް އެދޭކަށް ނުޖެހޭ… ތިކަމުގައިވެސް ކުއްވެރިވަނީ ވެސް ހަމަ މި މައިންބަފައިން. ބައްޕަ މެނަށް ނުވިސްނުނީ.. ހަމަ ކުއްލިއަކަށް ތިހާ ބޮޑު ބަދަލެއް އައުމުން އެ ބަލައިގަންނަން އުނދަގޫވީ… ބައްޕަ އަށް މިހާރު އެނގޭ ތިއީ ރަނގަޅުގޮތްކަން. ގޯސްކޮށް އުޅެވުނީ ބައްޕަމެނައް. އާޚިރަތް މަތިން ހަނދާން ނެތި ދުނިޔޭގެ ދަޅަތަކުގައި ޖެހެވުނީ. އެކަމު ދެން އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.
ދެބަފައިންގެ މެދުގައި އުފެދުނު ކުއްހީތައް ނެތި ދިޔުމުން ދެ މީހުންނަށްވެސް ލިބުނީ ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަ ޖެހުމެކެވެ. ހީވީ އެތައް ދުވަހެއްގެ ހާސްކަމާއި ހިތާމަތަކަކުން ނިކުމެ ވުނު ހެންނެވެ. އެ އުފާވެރިކަމުގައި މާހިލް އަށް ދޭނެ ޖަވާބަކާއިމެދު ސުވާލުކުރަން ނާސިރު ހަނދާން ނެތުނެވެ. އަދި ހިބާ ހަދަން ބޭނުންވެގެން އައި ޕްރޮޖެކްޓްމަތިންވެސް ދެމީހުންވެސް ހަނދާން ނެތުނެވެ. ނާސިރު ހިބާ ގެނެސް މޭގައި ޖައްސާލާފައި ބުރަކަށީގައި ފިރުމާލިއެވެ. އަދި މަޑުމަޑުން ބޮލުގައި ފިރުމަލިއެވެ. އެތައް ދުވަހެއް ފަހުން އެ ދަރިފުޅު އަނބުރާ ލިބުންކަހަލަ އިހްސާސެއް ކުރެވުނެވެ. އެ ދަރިފުޅާއިމެދު ހިތުގައިވި ނަފްރަތު އެކީ ފިލައިގެން ދިޔަ ކަހަލައެވެ.
ރަހްމާ އަށް އައިސް ކޮޓަރިއަށް ވަދެވުނީ އެވަގުތެވެ. ފެނުނު މަންޒަރުން ދެލޯ ބޮޑުވެ ގަނޑުވެފައި ހުރެވުނީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ. ހީވީ ހުވަފެނެއް ފެންނަހެންނެވެ. ނާސިރު ހިބާ އެހާ ގާތް ކޮށްލީ ކީއްވެގެން ހެއްޔެވެ؟ ހިބާ އަނެއްކާ މޫނުބުރުގާ ބޭލީ ހެއްޔެވެ؟ ނޫނީ ނާސިރުވެސް އެގޮތައް ދީން ވެރި ވީ ހެއްޔެވެ؟ އެހެން ހިތައް އެރުމާއެކު އަނެއްކާވެސް ކުރިން އެ ހިތުގައި ކުރެހުން ތަސްވީރު ކުރެހުނެވެ. ނާސިރު ބޮޑު ތުނބުޅިއެއްލައި، ފައިކުރި ކުރު ފަޓުލޫނަކާއި ކުރުތާއެއްގައި ހުންނަ މަންޒަރެވެ. ރަހްމާގެ ހިތައް ވީ ނުބައިގޮތަކުން މޫނު އަނެއް ފަރާތައް އަނބުރާލިއެވެ. އެ މަންޒަރު ބަލަން ފަސޭހަ ނޫނީ ކަންނޭނގެއެވެ.
ރަހްމާ އެ ކޮޓަރިއަށް ވަނީންސުރެ އޭނަގެ މޫނުމަތިން ފެންނަމުން ދިޔަ މަންޒަރުތަކުން ހިބާ ޖެހިލުންވިއެވެ. މަންމައަށް އަދިވެސް ނުވިސްނެނީކަން ހިބާގެ ހިތައް ވިސްނައިދެމުން ނާސިރައް ހިނިތުންވެލާފައި ނަމާދު ނުކޮށްހުރި ހަނދާންވުމުން މިދަނީ ނަމާދަށޭ ބުނެ އަވަހައް އެތަނުން ނުކުމެގެން ދިޔައީ އޭނާގެ ކޮޓަރިއަށެވެ.
ރަހްމާ ސުވާލުން ފުރިފައިވި ނަޒަރަކުން ނާސިރައް ބަލާލިއެވެ. އަދި އައިސް ނާސިރު ކުރިމަތީ ހުއްޓިލާފައި ދެ އަތް އުރާލިއެވެ. ވެގެން އުޅޭގޮތް ކިޔައިދޭންވީ ނޫންހޭ އަހާ ފަދައެވެ. ނާސިރު މާ ބޮޑުކަމަކަށް ނުހަދާ އޭނާގެ އެނދުމަތީގައި އިށީނދެ ސައިޑް ޓޭބަލް މަތީ އޮތް ފޮތެއް ނަގާ އެ ކިޔާކަމަށް ހެދުނެވެ. އެ އަމަލުން ރަހްމާ ރުޅި ގަދަވިއެވެ. “އަދިވެސް އިގްނޯ ކުރަންތަ ތި އުޅެނީ؟؟ ވީގޮތް ކިޔައިދޭންވީ ނުން. މަމީ ނާސިރުގެ އަންހެނުންނޭ… ދުރު މީހެއް ނޫނޭ…” އަނެއްކާވެސް އެނދައް އަރާ ނާސިރުގެ ކުރިމަތީގައި އިށީނދެ ބުނެލިއެވެ. “ސާބަސް ރަހްމާ އަށް. މާ ބޮޑު ކަމެއް ނުވެޔޭ.. ދެމީހުން އެކަކު އަނެކަކަށް މާފައް އެދިފަ ހިތްސާފު ކޮށްލީ އޭ..” ނާސިރު ފޮތައް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ.
ރަހްމާއަށް ވެގެން ދިޔަ ގޮތް ކަމު ނުދާނެތީ ނާސިރު އެ ވާހަކަ ކިޔައި ދޭ ހިތްނުވީއެވެ. ނަމަވެސް ރަހްމާ އެވަރަކުންވެސް ދުލެއް ނުކުރިއެވެ. މާފްކުރަންޖެހުނީ ކީއްވެގެން ހޭ ކިޔާ ޝަކުވާކޮށް ސަބަބުއޮޅުން ފިލުވަދޭށޭ ކިޔަން ފެށިއެވެ. އެންމެފަހުން ރަހްމާ ދޫ ނުކުރާނެކަން އެނގުމުން ނާސިރު މާހިލްގެ ވާހަކަތައް ކިޔައިދިނެވެ. ނާސިރު މާހިލްއަށް ހެދި ގޮތުގެ ވާހަކަތަކެވެ. އަދި އެކަން ހިބާއަށް އެނގުމުން އެކަމަށް މާފައް އެދުނީ ކަމަށް ބުންޏެވެ. އެހިސާބައް އެ ވާހަކަ ދިޔަތަނާހެން ރަހްމާ ނާސިރު ހަމަ ތިޔަހެދީ ރަނގަޅައް ކަމަށް ބުންޏެވެ. އެކަހަލަ މީހުންނަށް ހަދަން ޖެހޭނީ އެކަހަލަ ގޮތެއް ކަމަށާއި ނާސިރު ހިބާ ކައިރިން އެކަމަށް މާފައް އެދެން ނުޖެހޭ ކަމަށް ބުނެލީ ޔަޤީންކަމާއިއެކު އަޑައް ބާރުލާފައެވެ.
ރަހްމާގެ ރާޤު ހުރިގޮތުންނާއި އޭނާގެ ވާހަކަތަކުން އޭނާ މާހިލްއާއި ހިބާ ގުޅެން ބޭނުން ނުވާނެކަން ނާސިރައް އިހްސާސް ކުރެވުނެވެ. އަދި ރަހްމާގެ ހިތުގައި މިހާރު ހިބާއާއިމެދު ވަނީ ފޫހިކަންވެސް އެނގުނެވެ. އެހެންކަމުން ވާހަކަ އެހިސާބުން ނިންމާލީ ރަހްމާއަށް އިތުރަށް ކިޔައިދިނުމުން ހައްތަހާ ކަންތައް ގޯސްކޮށްލަފާނެޔޭ ހިތައް އަރައެވެ. ހިބާއަށް އެއްޗެހި ކިޔާ ދެރަ ކޮށްލަފާނެޔޭ ހިތައް އެރުމުންނެވެ. ހަމަ އެވަގުތު ދެން ހަނދާންވީ އަދި ކައިވެންޏާއި ބެހޭގޮތުން ހިބާގެ ބަހެއް ނޭހޭ ކަމެވެ. ނަމަވެސް ދެން އެވަގުތައް އެ ސުވާލުނުކޮށް ފަސްކޮށްލަން ހިތައް އެރީ ހިބާއަށްވެސް ވިސްނާލަން ފުރުސަތު ދޭންވާނޭ ހިތާއެވެ.
ހިބާއަށް އަސުރު ނަމާދު ކިރިޔާ ކޮށްލެވުނުތަނާހެން މަޣްރިބް ނަމާދައް ބަންގި ގޮވައިފިއެވެ. އެހެންކަމުން މަޣްރިބްވެސް ކޮށްލައިގެން އޭނާގެ އާދައިގެ މަތިން ޤުރުއާން ކިޔެވުމަށް ޙަތިމް ނަގައިގެން އިށީނދެ ކިޔަވަން ފެށިއެވެ. ނަމަވެސް އޭނާއަށް ކިޔަވަމުން ދާ އެއްޗެއްސައް އެއްވެސް ވަރަކަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. މާހިލްގެ ހަނދާންތަކުން އެހިތައް އުނދަގޫ ކުރަނީއެވެ. ބައްޕަގެ ވާހަކަތައް އެ ހިތުގައި ގުގުމާ ކަހަލައެވެ. އެހެންކަމުން މުލްކް ސޫރަތް ކިޔަވާލާފައި ޙަތިމް ބާއްވާލީއެވެ. އަދި އެކަންކަމާއި ރަނގަޅައް ވިސްނާލިއެވެ.
މާހިލް ވަނީ ހަޤީޤަތުގައިވެސް އިސްލާހުވެފައޭ ހިތައް އަރާ ކޮންމެ ފަހަރަކު އެ ހިތައް އެތައް ގުނަޔަކަށް އުފާވެރިކަން ލިބެއެވެ. އަދި މާހިލް އޭނާގެ ބައްޕަ ކައިރިން ކައިވެންޏައް އެދުނު ކަން ހަނދާންވާ ކޮންމެ ފަހަރަކުވެސް އެ ދެތުންފަތުން އުފާވެރިކަން ފާޅުވެއެވެ. ﷲގެ ކުޅަދުންވަންތަ ކަމާއެވެ. އެކަލާނގެ އީ ހިތްތަކުގައިވާހާ ސިއްރެއް އެންމެ މޮޅައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
އެއީ ހިބާ ބޭނުންވީ ގޮތެވެ. ކުއްޖަކާއި ރައްޓެހިނުވެ ސީދާ ކައިވެންޏާއި ހަމައަށް ދިޔުމެވެ. އެއްވެސް ޙަރާމް ކަމަކަށް އަރައި ނުގަނެ ޙަލާލު ގޮތުގައި ހުރިހައި ކަމެއް ވެނިމުމެވެ. އަދި ބައްޕަ އަށްވެސް ރަނގަޅުގޮތް ވިސްނި ހިބާ އޭނާގެ ބަދަލުތަކާއި އެކު ޤަބޫލުކުރުމެވެ. އަދި ބައްޕަމެންވެސް ދީނީ ކަންކަމަށް ލޯބިކުރުމެވެ. ނަމާދުތަކަށް ސަމާލުކަންދީ ސުންނަތްތައްވެސް ފުރިހަމަކުރުމެވެ. ހުރިހާ ދުޢާއެއް އިޖާބަ ނުކުރެއްވި ނަމަވެސް އެވަރުވެސް އޭނާއަށް ފުދެއެވެ. އުފަލުން ހިތްފުރި ބަންޑުންވާވަރުވެއެވެ.
ﷲ އެކަލާނގެ އަޅުންނަށް އޯގާވަންތަވަރު ހިބާގެ ހިތައް އިހްސާސް ކުރެވިއްޖެއެވެ. އެކަލާނގެ މަގުގައި ސާބިތުވެހުރެ އެކަލާނގެ އަށް ފުރިހަމައަށް އިތުބާރު ކުރަނީނަމަ ހުރިހާ ކަމެއްގައިވެސް އަލިމަގު އެކަލާނގެ ދައްކަވާނެޔޭ ބުނަނީ ހަމަ ތެދައްކަންވެސް ހިބާއަށް މިފަހަރު އިހްސާސް ކުރެވިއްޖެއެވެ. ހިބާ އުފަލުންގޮސް އެކަލާނގެއަށް ޙަމްދުގެ ސަޖިދައެއް ކުރިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އަބަދުވެސް ﷲ އޭނާއަށް ތެދުމަގުގައި ސާބިތުވެ ހުރުމުގެ ހެޔޮ ތަޢުފީޤު ދެއްވައި، ދިމާވާ ކޮންމެ އުފަލަކާއި ހިތާމައެއްގައިވެސް އަބަދު އޭނާޔާއެކު ވުމަށް އެދި ދުޢާ ކުރިއެވެ. އަދި އޭނާގެ ބައްޕައަށް ތެދުމަގު ދެއްކެވި ފަދައިން ނުވަތަ އެއަށްވުރެވެސް ފުރިހަމައަށް އޭނާގެ މަންމަ އާއި ކޮއްކޮއަށްވެސް އަދި އެ އާއިލާ އެންމެނަށްވެސް ތެދުމަގު ދެއްކުމަށްއެދިވެސް ދުޢާކުރިއެވެ.
މާހިލް އޭނާގެ ކުށައް ތަކުރާރުކޮށް ހިބާއާއި އޭނާގެ ބައްޕަގެ ގާތުން މާފައް އެދި، އަދި އެންމެންވެސް އެމީހެއްގެ ފާފަތަކަށް ތަޢުބާވެ މާޒީ ހަނދާން ނައްތާލާ އާ ފެށުމަކާއިއެކު ކުރިއަށްދާން ބޭނުންވާކަން އެނގުމުން ހިބާގެ ހިތުގައި މާހިލްއަށް އިޙްތިރާމް ޤަދަރު އެފެދެންފެށިއެވެ. މާހިލްގެ އީމާންތެރިކަމެއް ނެތްނަމަ އެފަދަ ވާހަކަތަކެއް ނުދައްކާނެކަން ހިބާއަށް އެނގެއެވެ. އެ އާލާ ވާންފެށި އިޙްތިރާމާއި ޤަދަރުގެ ސަބަބުން މާހިލް ހިބާއަށްވީ ބޭވަފާތެރިކަމުގެ ހަނދާންތައް އެ ސިކުނޑިން އެކީގައިހެން ފިލާ ދިޔައެވެ. އަދި އޭނާގެ ހުވަފެނީ ދުނިޔެއަށް ފޮނި އުންމީދުތަކެއް ކުރެވެން ފެށިއެވެ. އޭނާ އެންމެ ފުރަތަމަ ލޯބިވީ މީހާ އޭނާގެ ފިރިއަކަށް ވާން އުޅޭކަމުގެ އިހްސާސް ކުރެވުމުން ހިތް އުފަލުން ފޮޅިލާފަދައެވެ.
އެ ޚިޔާލުތަކުގައި އިނދެފައި އެގޮތައް ބޭކާރު ޚިޔާލުތައް ކުރުން އެއީ ރަނގަޅު ކަމެއް ނޫން ކަން އިހްސާސްވުމުން އަވަހައް އެކަމުން ދުރުވުމަށް ފޮތެއް ނަގާ ކިޔަން ފެށިއެވެ. ހިބާ ކިޔަމުން ދިޔަ “ދި މުސްލިމް ފެމިލީ” ފޮތުން އޭނާ އަށް އެއްލުނު ގަނޑަކުން އޭނާގެ ލޯ އަޅައިގަތީ އެވަގުތު އޭނާގެ ސިކުނޑީގައި ހިނގަމުން ދިޔަ ޝުޢޫރުތަކާއި ގުޅޭ މަޢުލޫމާތުކޮޅަކަށެވެ.
“ލޯތްބާއި އޯގާތެރިކަމަކީ އިންސާނާގެ ދިރިއުޅުން ފުރިހަމަ ކޮށްދޭ މުހިންމު ދޭއްޗެވެ. ލޯތްބާއި އޯގާތެރިކަން ލިބެނީނަމަ އެ މީހަކަށް ހިތްހަމަޖެހުމާއި، ސަލާމަތްތެރިކަމާއި އަދި އުފާވެރިކަން އިޙްސާސްކޮށްދެއެވެ. ﷲ އިންސާނުންނަށް ދެއްވި ބޮޑެތި ނިޢުމަތް ތަކުގެ ތެރޭގައި ދެމަފިރިންގެ މެދުގައި ލޯތްބާއި އޯގާތެރިކަން ލެއްވުން ހިމެނެއެވެ. ދެމަފިރިން އެކަކު އަނެކަކަށް ލޯތްބާއި އަޅާލުންދޭނަމަ، ސަލާމަތްތެރިކަމާއި، އުފާވެރިކަން، ލިބޭނެކަން ޔަޤީންވާ ގެއެއްގައި އުޅެވޭ ކަމުގެ އިހްސާސް ދެމީހުންނަށްވެސް ކުރެވޭނެކަން ޔަޤީނެވެ. އަދި އެއަށްވުރެ ހިތްހަމަޖެހުންލިބޭ އިހްސާސެއް ފަހެ ކޮބައި ހެއްޔެވެ؟ ﷲ ކީރިތި ޤުރުއާނުގައި އަންގަވާފައި ވެއެވެ.
“ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ވާކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އެއީ އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ.” (30:21)
މި އާޔަތުގައި ހަމަހިމޭންކަން މާނަކުރަނީ ހިތުގެ ހަމަޖެހުމަށެވެ. އަނބިންގެ ފަރާތުން ހިތްހެޔޮކަމާއި، އޯގާތެރިކަމާއި ލޯބި ނުލިބޭނަމަ، އިހްސާސް ކުރެވޭނެ ހަމަހިމޭންކަމެއް ނޯންނާނެއެވެ. ދެމަފިރިންގެ ދެމެދުގައިވާ ލޯބީގެ ގުޅުމަކީ އެކަކު އަނެކަކަށްވާ ހިތްހަމަޖެހުމެކެވެ. އެ ހިތްހަމަޖެހުމުގެ އިހްސާސަކީ، އޭނާ ލާ ހެދުމުން ލިބިދެވޭ ސަލާމަތްތެރިކަމާއި، ފަސޭހަކަމާއި، އަދި ނިވާފަތްކަން އިހްސާސްވާ ފަދައިން ލިބިދެވޭ އިތްހަމަޖެހުމެކެވެ. ﷲ އަންގަވާފައިވެއެވެ.
“އެކަނބަލުންނީ ތިޔަބައިމީހުންގެ ފޭރާމެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންގެ ފޭރާމެވެ.” (2:187)
އެ ހިސާބައް ކިޔާލެވުމުން ހިބާ އަށް އަނެއްކާވެސް އޭނާގެ މާޒީގެ މަތިން ހަނދާންވިއެވެ. “އެއީ ތެދެކެވެ. އަންހެނާ މީހަކާ އިންނަން ވިސްނާ ހިސާބުންވެސް އޭނާގެ ފިރިމީހާގެ ފަރާތުން އެންމެ ބޭނުންވާނެ އެއްޗަކީ ލޯތްބާއި އަޅާލުމެވެ. އަދި އޯގާތެރިކަމެވެ. އެ ނުލިބޭނަމަ ދެމީހުންކުރެ އެކަކަށްވެސް ހިތްހަމަ ޖެހުމެއް ނުލިބޭނެއެވެ. އުފާވެރިކަމެއް އިހްސާސެއް ނުވާނެއެވެ.
އޭނާ މާހިލްއާއި ރައްޓެހިވެގެން އުޅުނު އިރު ދެމީހުންގެ ގުޅުން ރަނގަޅު ނަމަވެސް އަދި ކިތަމެ އުފާވެރި ދުވަސްތަކެއް އެކުގައި ހޭދަކުރިނަމަވެސް އެ ބުނާ ކަހަލަ ސަލާމަތް ތެރިކަމާއި، ނިވާފަތްކަމެއް އިހްސާސެއް ނުކުރެވެއެވެ. އެއީ ޙަރާމް ގުޅުމަކަށް ވާތީކަން ކަށަވަރެވެ. އަބަދުވެސް މިއުޅެވެނީ ރަނގަޅަކަށް ނޫނޭ ހިތުގެ ކަނެއްގައި ލިޔެވިފައި ވާކަހަލަ އިހްސާސެއް ކުރެވުނެވެ. މައިންބަފައިންނަށް އެނގި އެމީހުންގެ ރުހުމުގައި އެކަކު އަނެކަކާއި ބައްދަލު ކުރިނަމަވެސް ރައްކާތެރިކަން ނުވަތަ ސަލާމަތްތެރިކަމުގެ އިހްސާސެއް ނުކުރެވެއެވެ. އެމީހުންގެ ކުރިމަތީގައި ދެމީހުން އެއްކޮށް ތިބުންވެސް ރަނގަޅު ނޫން ހެން ހީވެއެވެ. އަބަދުވެސް ބޭނުންވީ އެއްވެސް މީހަކަށް ނުފެނި ނޭނގި ބައްދަލު ކުރާށެވެ. ޔަޤީނުންވެސް އެއީ އެބުނާ ކަހަލަ ސަލާމަތްތެރިކަމުގެ އިހްސާސްނުވެ ދެމީހުން އެގޮތައް ގުޅިގެން އުޅުމަކީ ނުބައި ކަމެއްކަން އިހްސާސް ވާތީއެވެ. އެ ޙަރާމް ގުޅުމުގެ ނުބައިކަން އިޙްސާސް ވާތީއެވެ.
ބައެއް ފަހަރު އަހަރެމެންގެ ގުނަވަންތައް އިޙްސާސްކުރާ އިޙްސާސްތައް އަހަރެމެންނަށް ނަގައި ގަންނަން ނޭނގެނީއެވެ. ނަމަވެސް އެ ގުނަވަންތައް އޭގެ ވެރި ރައްބުގެ އަޒާބައް ބިރުވެތިވެއެވެ. އެހެންވީމަތާއެވެ. ދީނެއް ޤަބޫލު ނުކުރާ މީހުންވެސް ނުބައި ކަންތައްތަކަށް އަރައިގަތުމަށް ޖެހިލުންވެއެވެ. ނަމަވެސް އެކަމުގައި ހައްދު ފަހަނައަޅާ ދަންދެކަށެވެ. ފާފަތައް އިންތިހާ އަށް ކޮށް އެކަމުގައި ހައްދު ފަހަނަ އަޅާ ދިޔުމުން ދެން އެ ހިތަކަށް ނުބައި ކަމެއް ރަނގަޅުކަމެއް އިހްސާސެއް ނުވާނެއެވެ. އެ ހިތް މަސައްކަތް ކުރިނަމަވެސް އޭގެ ހަޤީޤީ ދިރުންވާނީ މަރުވެފައެވެ. އިހްސާސް ކުރެވުމުގެ ބައި ވާނީ ކެނޑިފައެވެ.”
**ނުނިމޭ**
8 Comments
Comments are closed.
Assalaam Alykum. Here is the 15th part. Have a good day.
Va alaykumussalaam ?
Aammu koh mi site ga publish kohfai vaa dheenee vahaka thakugai hurey v gina dheenaa hilaaf kan kan ves
Ekm mi story ga rangalhu kantha v gina
Ayat tha explain kohdhee naseyha thakaa eku
And with a great great story
I love this story ❤❤❤?????
Alhamdhulillah ?
Baarakallah feek (May Allah bestow his blessings upon u) ???
Woww… when next..<3
Thursday In Shaa Allah.
Jazaakillah
Anhenaage adaky vx auraeh
Yes. Rangalhu vaahakaeh.
Asr namaadhu kurileh laheynun. Ehaa magrib namaadha gaaih vandhen namaadhu las kuran nuvaanu. Enme rangalhu gothaky namaadhu eyge kury vaguthugai kurun dho isha namaadhu nuny?