
މުސްލިމުންނަށް ހެޕިލީ އެވާ އާފްޓާއަކީ ސުވަރުގެ. ހުރިހާ ހިތާމަތަކަށް ނިމުމެއް ލިބި އަބަދުގެ އަބަދައް އުފަލުގައި ތިބެވޭނީ ހަމައެކަނި ސުވަރު ގޭގައި. އެހެންވީމާ އޭގެ ބަދަލުގައި ބޮޑެތި ފާފަތަކަށް އަރައިގަނެގެން ލިބޭނީ ނަރަކަ. އަބަދުގެ އަބަދައް އަޒާބު. އަދި ތިމާ ދެކެ ހަޤީޤީ ލޯބިވާ ފިރިހެނަކު، ބޭނުންވާނީ އޭނާޔާއެކު އޭނާގެ ލޯބިވެރިޔާވެސް ސުވަރުގޭގައި ވުމަށް. އެހެންވީމާ ނަރަކައަށް ދާނެ މަގެއް ކޮށައެއްނުދޭނެ. ޒިނޭއާ ކައިރިކޮށްދީ ޒިނޭއަށް ދަޢުވަތު ދީ ނަހަދާނެ. އޭގެ ބަދަލުގައި ޙަލާލު ގޮތުގައި އޭނާގެ އަންބަކަށްހަދާ، ހެޔޮ ނަސޭހަތްދީ، އަދި ﷲ ގެ އަމުރުތައް މަތިން ހަނދާން ކޮށްދީ ހަދާނީ. އޭނާ ސުވަރުގޭގައި ވާފަދައިން އޭނާގެ ލޯބިވެރިޔާވެސް ސުވަރުގޭގައި ވުމަށް އެދޭނީ…”
ހިބާއަށް އެ ހިސާބައް ބުނެވުމާއެކު ފަހަތުން ބަރުއަޑަކުން ފިރިހެނަކު ކަރުކެހިލިއަޑަށް ދެކުދިންނަށް އެއްފަހަރާ ބަލާލެވުނެވެ.
ނާސިރު ހިބާ ހޯދަން މަތީ ބަޔަށް ގޮސް އެބައިން ފެންނަން ނެތުމުން ގޭގައި ނޫޅެނީކަމަށް ހީކޮށް، ތިރިއަށް ފައިބަމުން ހުމާ ކޮބައިތޯ ބަލާލަން އެބަޔަށް ވަދެލީއެވެ. ހުމާގެ ކޮޓަރި ދޮރު ހުޅުވާފައި ހުރިއިރު ހުމާ ފެންނަން ނެތުމުން ދާން ހިނގައިގަތް ނަމަވެސް ބެލްކަނިން ވާހަކަ ދައްކާ އަޑުއިވޭތީ ކައިރި ވެލީއެވެ. އޭރު ހިބާ ދައްކަމުންދިޔަ ވާހަކަތައް ނާސިރު އަޑުއަހަންހުރީ އެއީ ހުމާއަށް ފައިދާ ކުރަނިވި ވާހަކަތަކަކަށް ވާނެތީ އެވާހަކަތައް ނުހުއްޓުވަން ވެގެންނެވެ. ނަމަވެސް ހިބާ އޭނާގެ ވާހަކަތައް ހުއްޓާކަށްވެސް ނޫޅުން ވިއްޔާއެވެ. ނާސިރަށް މާގިނައިރު އެތާ އެގޮތައް ހުންނަން އުނދަގޫވީމާ އޭނާ އައި ބޭނުން ފުރިހަމަކުރަން އޭނާހުރިކަން އަންގާލިއްޔެވެ.
މީހެއްގެ ކަރުކެހިލި އަޑައް ދެކުދިން އެއްފަހަރާ ބަލައިލިއިރު އެ ކޮޓަރިތެރޭ ހުރި ނާސިރު ފެނުމުން އެންމެ ޙައިރާންވީ ހުމާއެވެ. ބައްޕަ އޭނާގެ ކޮޓަރީ ކީއްކުރަނީ ހެއްޔެވެ؟ ބައްޕަ ދުވަހަކުވެސް އެކޮޓަރިއަށް އައި ހަނދާނެއް އޭނާ ނުވެއެވެ. ހިބާވެސް ނާސިރު އެތަނުން ފެނުމުން ޙައިރާންވި ނަމަވެސް ނާސިރު އަންނާނީ ބޮޑު ބޭނުމަކުކަން ހިތައް އެރުމުން ބައްޕަ ކަމަކު ހެއްޔޭ އަހާލިއެވެ. “އާން… ދަރިފުޅާއި ކުޑަ ވާހަކައެއް ދައްކާލަން ވެގެން.” ނާސިރު ހިބާގެ ސުވާލައް ޖަވާބު ދިނީ ނުލާހިކު އަވަހައް އޭނާގެ ސުވާލައް ޖަވާބު ބޭނުންވެފައިވާ މީހެއް ފަދައިންނެވެ.
ހިބާ ބައްޕަ ދައްކަން އެ އުޅޭ ވާހަކައަކަށް ސަމާލުކަން ދިނުމުގެ ގޮތުން ކުޑަކޮށް ނާސިރާއި ކަރިވެލާފައި އޭނާއަށް ނަޒަރު ހުއްޓާލީ މިހުރީ އަޑުއަހާށޭ ބުނާ ފަދައަކުންނެވެ. ނާސިރަށް ހުމާއަށް ބަލާލެވުނީ، ހުމާއަށް އަޑުއިވޭ ހިސާބުގައި އެވާހަކަ ދައްކައިފިނަމަ ރަހްމާ އާއި ހަމައަށް އެވާހަކަ ދާނެކަން އެނގޭތީވެއެވެ. ނަމަވެސް ދެކުދިން ތިއްބާ އެއްކުއްޖަކާއި ސިއްރުން ވާހަކަ ދެއްކުން ރަނގަޅުކަމެއް ނޫނޭ އޭނާގެ ހިތްބުނެލިއެވެ. އޭރުން އަނެއް ހުމާގެ ހިތުގައި ޖެހިދާނޭ ހިތައް އެރުމުން ރަހްމާއާއި ހަމައަށް އެކަން ދިޔަނަމަވެސް ހެޔޮކަމަށް ވާހަކަ ދައްކަން ފެށިއެވެ.
“ބައްޕަ އިއްޔެ ދެއްކި ވާހަކަތަކާއި ގުޅިގެން ދަރިފުޅު ޖަވާބެއް ނުދޭތީވެ މިއައީ.. އެމީހުންނަށް ބައްޕަ ކޮންމެވެސް ޖަވާބެއް ދޭން ޖެހޭނެތާ.. މިހާރުވެސް ތިބޭނީ ލަސްވެފައި ކަންނޭނގެ.” ނާސިރު އެހެން ބުނުމުން ނާސިރު އެ ދައްކަނީ ކޮން ވާހަކައެއްކަން ހިބާއަށް ނަގައިގަނެވުނެވެ.
ހުމާހުރީ ލޮލައް ފެންނަމުންދިޔަ މަންޒަރު ޤަބޫލުކުރަން އުނދަގޫވެފައެވެ. “ބައްޕަ އާއި ދޮންތަގެ ގުޅުން ރަނގަޅުވީ ކޮންއިރަކު ހެއްޔެވެ؟ ބައްޕަ ދޮންތައަށް ދަރިފުޅޭ ކިޔައިގެން ވާހަކަ ދައްކާ އަޑު މިއިވެނީ ހާދަހާ ދުވަހެއް ފަހުންނެވެ.” ކޮންމެ ގޮތެއްވިޔަސް އެ ފެންނަނީ އުފާވެރި މަންޒަރެއްކަމުން ހުމާގެ ތުންފަތުގައި އުފާވެރި ހިނިތުންވުމެއް ދުވެލިއެވެ. ފައިނަލީ ގޭގެ މައްސަލަ ގަނޑު ހައްލުވީތާއޭ ހިތައް އެރުމުން އަދި އެއަށްވުރެ އުފާވިއެވެ.
“ބައްޕަ އަށް އެނގޭނީ އެކަމަށް ޖަވާބެއް ދެއްވަން. ބައްޕަގެ ކޮންމެ ޖަވާބަކަށްވެސް އަޅުގަނޑު އިޙްތިރާމް ކުރާނަން.” ހިބާގެ ޖަވާބުން ނަގާނެ މާނައެއް ނޭނގުނު ނާސިރައް ސުވާލުން ފުރިފައިވި ގޮތަކަށް ހިބާއާއި ދިމާލައް ބަލަހައްޓައިގެން ހުރެވުނީ އޭނާ ދޭނެ ޖަވާބެއް ޚުދު އޭނާއަށްވެސް ނޭނގޭތީއެވެ. އެއީ ހިބާގެ ދިރިއުޅުމާއި ގުޅުން ހުރި ކަމެއްކަމުން ޖަވާބު ދޭން ޖެހޭނީ ހިބާ ނޫން ހެއްޔެވެ؟ ހިބާއަށް މާހިލް ކަމުދަންޏާ، މާހިލްއަށް މާފްކޮށްފިއްޔާ، އަދި މާހިލް އަށް ދެވަނަ ފުރުސަތެއް ދޭން ބޭނުމިއްޔާ އާއެކޭ ބުނުމުން އެއޮތީ ނިމިފައި ނޫން ހެއްޔެވެ؟ އަދި ބައްޕަ އަށް ވިސްނަން ފުރުސަތު ދޭން ޖެހޭ ހެއްޔެވެ؟ ބައްޕަގެ ރުޙުންވާނީ ދަރިފުޅުގެ އުފަލުގައި ނޫން ހެއްޔެވެ؟
“އަންހެން ދަރީންގެ ކައިވެންޏަކީ ދީނުގައި ވަލީވެރިޔާގެ ބޮލުގައި އެޅިފައިވާ ބޮޑު މަސްޢޫލިއްޔަތެއް. އަންހެން ކުއްޖާއަށް ކިތަމެ ކަމުދާ ކުއްޖަކަސް، އަދި އާއިލާގެ ނިންމުމެއް ކަމަށް ވިޔަސް އިންނަން މި އުޅޭ ކުއްޖާއަކީ ރަނގަޅު ކުއްޖެއްތޯ ނޫންތޯ ބަލަންޖެހޭނީ ވަލީވެރިޔާ. އެހެންވީމާ ބައްޕައަށް ޖަވާބުދޭން މިހަވާލުކުރީ.. ހަޤީޤަތުގައިވެސް މާހިލްވަނީ ޠަޢުބާވެ އިސްލާޙްވެފައި ކަމުގައިވަނީނަމަ އަޅުގަނޑުގެ ޖަވާބަކީ އާނއެކޭ.. ހަޤީޤަތުގައިވެސް މާހިލް ދީނުގެ ވާޖިބުތައް ފުރިހަމައަށް އަދާ ކޮށް ސުންނަތައް ލޯބިކުރާކަމުގައި ވަނީނަމަ އަޅުގަނޑުގެ ޖަވާބަކަށްވާނީ އާނއެކޭ.. އަޅުގަނޑުމެން ބައިވެރިޔާ ކަނޑައަޅާއިރު، ރަސޫލާ އަންގަވާފައިވަނީ އެންމެ ފުރަތަމަ ކަމަކަށް ދީންވެރި ކަމަށް ބަލަން. އޭނާ އިސްލާހްވެ ޠަޢުބާ ވެއްޖެކަމަށް ބުންޏަސް އަދި އެއީ ތެދެއްތޯ ބަލަން ޖެހޭނެއްނު. އެއީ ތެދެއްނަމަ އޭނާގެ އަމަލުން އެކަން ފެންނާނެ. އެހެންވީމަ ބައްޕަ އެކަން ބަލާފަ ޖަވާބު ދީ..” ހިބާ ކުޑަކޮށް ޖެހިލުންވެފައިވާ ރާޤަކަށް ވާހަކަ ދެއްކީ ލަދުން ހުރެއެވެ. އަދި އޭނާ މަސައްކަތްކުރީ އޭނާގެ އެ ޖަވާބުގެ ފަހަތުގައިވާ ސަބަބު ބުނެދެވޭތޯއެވެ.
ހިބާގެ ވިސްނުން ރަނގަޅުކަން ނާސިރައް އިހްސާސްވުމުން އުފާވިއެވެ. އަދި އެންމެ ރަނގަޅޭ ކިޔާފައި ބައްޕަ ދެން މިވަގުތު ގޮސްލީ ކަމަށްބުނެ ހުމާއަށްވެސް ހިނިތުން ވުމެއް ރައްދު ކޮށްލާފައި ހިނގައްޖެއެވެ.
ހުމާ ހުރީ އަޑުއިވުނު ބަސްތައް ގަބޫލު ނުކުރެވިފައެވެ. އޭނާގެ ދޮންތަ ކައިވެނި ކުރަން އުޅޭކަން އެނގުމުން ބުނާނެ އެއްޗެއް ނޭނގިފައެވެ. އެކަހަލަ ވާހަކައެއް މީން ދުވަހަކުވެސް ނުދައްކާއިރު ކުއްލިއަކަށް ކައިވެންޏާއި ހިސާބައް ދިޔުމުން ސުވާލުތަކުން ފުރިފައެވެ. “ކޮންއިރަކު ވީ ކަމެއް ތީ؟ މެރީ ކުރަން ތި އުޅެނީ ނުވެސް ބުނެ އެއްނު.” ނާސިރު ދިއުމުން ހިބާ އެނބުރި ހުމާއަށް ބަލާލުމުން ހުމާގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތަކުގެ ޖަވާބު ހޯދޭތޯ އޭނާވެސް ބެލިއެވެ. “މެރީ ކުރާކަށް އަދި ނޫޅެމެއްނު. އައި ޕްރޮޕޯސަލް އަކަށް ދޭނެ ޖަވާބެއްނު ބައްޕަ ކައިރީ މި ބުނީ” ހިބާ ހިނިތުން ވުމަކާއި އެކު އެހެން ބުނުމުން ހުމާ އަނެއްކާވެސް ސުވާލު ކުރަން ފެށިއެވެ. “އެކަމު ތިބުނީނު ރަނގަޅު މީހެއް ވިއްޔާ ދޮންތަގެ ޖަވާބަކީ އާނއެކޭ.. އޭގެ މާނައަކީ ދޮންތައަށްވެސް އޭނާ ކަމުދެއޭތާ… ކާކުތަ އެ ނަސީބު ވެރިއަކީ؟” ހުމާގެ ސުވާލުން ހިބާ ކުޑަކޮށް ޖެހިލުންވީ އެއީ ހަމަ އެންމެ ކުރިންވެސް ހިބާ ރައްޓެހިވި ކުއްޖާއޭ ބުނަން ޖެހޭތީއެވެ.
މާހިލް އެއީ ހިބާގެ ކުރީގެ ލޯބިވެރިޔާކަން އެނގުމުން މަންމަވެސް ހިތްހަމަ ނުޖެހޭނެ ވަރު ހިބާއަށް އިހްސާސް ކުރެވެއެވެ. އަދި ހުމާގެ ފަރާތުންވެސް އެތައް ސުވާލެއް އަންނާނެކަން އެނގެއެވެ. ނަމަވެސް އެ ސުވާލުތަކަށް ޖަވާބުދޭން އެވަގުތު ހިބާ ތައްޔާރެއް ނޫނެވެ. އަދި ކައިވެނި ކުރެވޭނެ ކަމެއްވެސް ނޭނގެއެއް ނޫން ހެއްޔެވެ؟ ބައްޕަ އަށް މާހިލްގެ ކުށެއްފެނި އެ ކައިވެންޏާއި ނުޤަބޫލު ވެދާނެ ނޫން ހެއްޔެވެ؟ އެހެން ވީ އިރު މިހާރު މާހިލްގެ ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތޭ ހިބާގެ ހިތް ބުނެލިއެވެ. އެހެން ކަމުން އެވާހަކަ ދައްކާނީ ބައްޕަ އަށް އެ ކުއްޖާ ކަމުދިޔައިއްޔާ ކަމަށް ބުނެ އޭނާގެ ކޮޓަރިއަށް ދިޔައީ ކުޑަކޮށް އަރާމު ކޮށްލާށެވެ. އަދި އޭނާ ކުރިން ދެއްކި ވާހަކަތަކާއިމެދު ވިސްނާލަން ހަނދާން ކޮށްދިނެވެ.
ހިބާ ދިޔުމުން ހުމާ އޭނާގެ އެނދުގައި އުއްޑުން އޮށޯވެ ހަމަޖެހިލި އިރު އޭނާގެ ސިކުނޑިއާއި ކުޅެން ފެށީ ހިބާގެ ވާހަކަ ތަކެވެ. “ދޮންތަ ބުނީ ތެދެކެވެ. އަހަރެމެންގެ ހިތް އަބަދުވެސް އެދެނީ ހުރިހާ ކަމެއްގައިވެސް އެންމެ ޕާފެކްޓް ގޮތަށެވެ. އެކަމަކު ﷲ ދެކެ ލޯބިވާނީ ކިހިނެއް ހެއްޔެވެ؟ ﷲ ދެކެ ލޯބިވުމުން ހަމަ އެބުނާހެން ހިތައް އޭގެ ހަމަޖެހުން ލިބޭނެ ހެއްޔެވެ؟ އަހަރެންވެސް ﷲ ދެކެ ލޯބިވާން ބޭނުމެވެ. ނަމާދުކޮށް ދީނަށް ލޯބިކުރަންވެސް ބޭނުމެވެ. އެކަމަކު އެކަން ނުކުރެ ވެނިއްޔެވެ. ދޮންތަމެންހާ ދީންވެރި ނުވާތީ ކަންނޭނގެއެވެ.”
“އެކަމަކު ދޮންތަ ހަމަ މީހަކާ އިންނަން އުޅެނީ ހެއްޔެވެ؟ ދޮންތަ ކިހާ ލަކީ ހެއްޔެވެ؟ އަހަރެން ހީކުރީ މޫނުބުރުގާ އެޅީމާ އިންނާނެ މީހަކު ނުވާނެ ކަމަށެވެ. ދޮންތަގެ ރީތިކަން ނުފެންނަ މީހަކު ދޮންތައަށް ކައިވެނި ކުރަން ބޭނުންވާނީ ކީއްވެގެން ހެއްޔެވެ؟ އެކަމަކު އެގޮތައް ކައިވެނި ކޮށްގެން އުފަލުގައި އުޅެވޭނެ ހެއްޔެވެ؟ ކައިވެނި ކުރުމުގެ ކުރިން އެކަކު އަނެކަކު ދެކެ ލޯބި ވާންވެސް ޖެހޭނެ ނޫން ހެއްޔެވެ؟ އެކަކު އަނެކަކަކީ ކޮންކަހަލަ މީހެއްކަން ނޭނގި ކައިވެނި ކުރުމުން ބޮޑު ލަނޑެއްވެސް ލިބިދާނެ ނޫން ހެއްޔެވެ؟ ރައްޓެހިވުމަކީ ދީން ހުއްދަ ނުކުރާ ކަމެއްކަން އަހަންނަށްވެސް އެނގެއެވެ. އެކަމަކު ރައްޓެހިނުވެ ކައިވެނި ކުރުން ދެން ކިހާ ފޫހި ނޫން ހެއްޔެވެ؟” އެކަމާއި ވިސްނި ވަރަކަށް އެކަހަލަ ޚިޔާލުތަކާއި ސުވާލުތައް އޭނާގެ ހިތުގައި ގިނަވާން ފެށިއެވެ.
……………………..
ހިބާ ގޮސް އޭނާގެ ކޮޓަރިއަށްވަދެ އެއްކައިރީގައި އިން ސޯފާމަތީގައި ޖައްސާލީ ސިކުނޑިއަށް ޖަމާވެފައިވާ ނުތަނަވަސްކަން ފިލުވާލާށެވެ. އޭނާއަށް ވިސްނެމުން ދިޔައީ ރަހްމާ އެކައިވެންޏާއިމެދު ޤަބޫލު ނުވާނެކަމާއި މެދުގައެވެ. ރަހްމާއަށް އޭނާ މާހިލް އާއި ކައިވެނިކުރަން އުޅޭކަން އެނގުމުން އަދި މިހާރައްވުރެވެސް ރަހްމާގެ ހިތުގައި ހިބާއަށްޓަކައިވާ ނަފްރަތު ބޮޑުވެދާނެތީ އޭނާ ޖެހިލުން ވަނީއެވެ. ހިބާ އުންމީދުކުރަނީ ނާސިރު ރަހްމާއަށް ވިސްނައިދޭނެ ކަމަށެވެ.
ނާސިރު ލައްވާ މާހިލްގެ އުޅުން ބަލަން ހިބާ އެދުނު އަނެއް ސަބަބަކީ އޭރުން ނާސިރައްވެސް މާހިލް އާއި މެދު ޔަޤީންކަން ލިބުމުން ނާސިރުގެ ހިތުގައި މާހިލް އާ ދޭތެރޭ ކުރެވޭ ކުއްހީ އެއް ވާނަމަ އެ ފިލާނެތީއެވެ. އޭރުން ނާސިރާއި މާހިލްގެ ދޭތެރޭގައި އުފެދިފައިވާ ހިތްހަމަ ނުޖެހުންތައް ހައްލު ވާނެތީއެވެ. އެކަމަކު އެ ނިންމުން އެގޮތައް އޭނާ ނިންމީ ދެ ޚިޔާލެއްގައި އިނދެ އޭނާގެ ހިތާއި އިދިކޮޅަށެވެ. އޭނާއަށް އެކަމުގައި ވަކި ގޮތެއް ނިންމަން ނޭނގުމުން ﷲ ކިބަފުޅުން މަދަދައް އެދުމުން އެކަން ތަންކޮޅެއް ފަސޭހަ ވިއެވެ.
އޭނާގެ ހިތް ބުނަމުން ދިޔައީ އިތުރު ބަހުސަކަށް ނުގޮސް ވަގުތުން އާނއެކޭ ބުނެ ކައިވެނީގެ ކަންކަން ހަމަޖެއްސުމަށެވެ. ނޫންނަމަ މާހިލް އޭނާއަށް ގެއްލިދާނެކަމުގެ ބިރުވެސް އޭނާގެ ހިތުގައި އޮތެވެ. ނަމަވެސް ﷲ އަށް ވަކީލު ކޮށް އެކަލާނގެ މަތިން ހަނދުމަ ކުރުމުން އެކަލާނގެ އިރާދަ ކުރެއްވި ކަމެއްނޫނީ ނުވާނޭކަން ހަނދާން ވިއެވެ. މާހިލް އޭނާގެ ފިރިއަކަށް ވާން ހުރިއްޔާ އެކަމަށް އެންމެ ރަނގަޅު ވަގުތުގައި އެކަން ވާނެ ނޫން ހެއްޔޭ އޭނާގެ ހިތް ބުނެލިއެވެ. އަދި ވާން ނެތްކަމެއް ނަމަ އޭނާ ކިތަމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް ނުވާނެތާއެވެ. އަދި ނުވާނީވެސް ހަމަ އެކަމުގައި އޭނާއަށް ކޮންމެވެސް ރަނގަޅެއް އޮތީމާކަން ކަށަވަރެވެ. ވީމާ އަވަސް އަރުވާލައިގެން ކަންކަން ކުރަން އުޅުމުގެ ބޭނުމެއް ނެތެއްނޫން ހެއްޔެވެ؟ އަދި ކޮންމެ ކަމެއްވެސް ކުރެވޭތޯ އޭނާ ބަލާނީ ދީނުގައި އޮންނަގޮތަށެވެ. އެއީ އެންމެ ރަނގަޅު ފައިދާ ކުރަނިވި ގޮތްކަން ހިބާ ޤަބޫލު ކުރެއެވެ.
ﷲ ގެ ދީނަށް އޭނާގެ ހިތުގައި ލޯބި ޖެހިފައިވާ އެންމެ ބޮޑު އެއް ސަބަބަކީ އެއީއެވެ. އެ ކަލާނގެ އަންގަވާފައިވާ އަމުރުތަކުގެ ފަހަތުގައިވާ ސަބަބުތަކުގެ މާތްކަން އިހްސާސް ވުމެވެ. ކަމެއް މަނާކޮށްފައި ވާނަމަ އެ މަނާކޮށްފައިވަނީ ހަމައެކަނި ވަކި ފަރުދެއްގެ މަސްލަހަތަކަށް ނޫނެވެ. މުޅި އިންސާނިއްޔަތައް ޓަކައެވެ. އިންސާނުނުންގެ ތެރެއިން ފިތުނަ ވެރިކަން ނައްތާލުމަށާއި، ނުބައި ކަންކަމުން އިންސާނިއްޔަތު ރައްކާތެރި ކޮށްދިނުމަށެވެ. އަދި ކަމަކަށް ބާރު އަޅާފައި ވަނީނަމަ އެކަމުގެ ފަހަތުގައިވެސް ވަނީ އެކަންކުރުމުން ލިބޭ ގިނަގުނަ ފައިދާތަކުގެ ސަބަބުތަކެވެ. އެކަންކަމުން މުސްލިމުންގެ ތެރެއިން އެއްބަޔަކު އަނެއް ބަޔަކަށްޓަކައި ހިތުގައި އުފެދޭނެ ލޯތްބާއި ގާތްކަމަށްޓަކައެވެ. އަދި އެކަމުން އިންސާނުންގެ ހިތަށާއި ގުނަވަންތަކަށް ލިބޭނެ ފައިދާތައްވެސް އެތައް ގުނައެކެވެ. އިންސާނުން އެކަހަލަ ކަންކަމާއި މެދު ވިސްނާ ފިކުރުކުރުމަށް ﷲ އެ ޤުރުއާނުގެ އެތައް އާޔަތެއްގައި އަންގަވާފައި ވޭ ވިއްޔާއެވެ. އެކަމު މިހާރުގެ މުޖުޠަމަޢުތައް ބިނާކުރަމުން މިދަނީ އިންސާނާގެ ސިކުނޑި އެކަންކަމަށް ވިސްނުމުން އެކަހެރި ކުރުވާ ގޮތަށެވެ. އަބަދުވެސް ވަގުތީ އުފަލާއި މަޖަލައް ބަރޯސާކޮށް ގޭމްތަކާއި ޑްރާމާތަކާއި، ފިލްމުތަކާއި އަދި އެ ނޫންވެސް ދުނިޔަވީ ބޭކާރު ކަންކަމުގައި މީހުންގެ ސިކުނޑިތައް ވަނީ ހައްޔަރު ކޮށްފައެވެ. އެއީ ޝައިޠާނާގެ މަކަރުވެރިކަން ކަން ވިސްނެނީ މަދު ބަޔަކަށެވެ.
…………………..
މާހިލް އާދައިގެ މަތިން އޭނާގެ އޮފީސް ނިންމާފައި ސައިކަލުގައި ގެއަށް އައި މަގުމަތީގައި ރައްޓެއްސަކާއި ބައްދަލުވެގެން ކޮފީއަކަށް ދިޔުމަށް ދަޢުވަތު ލިބުނެވެ. އެހެންކަމުން އޭނަގެ އެ ރަހްމަތްތެރިޔާ ހަސަނާއެކީ އެހިސާބުގެ ރެސްޓޯރަންޓަކަށް ވަނީ ހަސަނު ކޮންމެވެސް ވާހަކައެއް ދައްކާލަން ބޭނުންވާކަމަށްވެސް ބުނުމުންނެވެ. ހަސަނަކީ މާހިލްގެ ވަރަށް ކުރީގެ ރައްޓެއްސެކެވެ. އެތައް ދުވަހަކަށްފަހު ދިމާވުމުން ދެމީހުންވެސް އުފާކުރިއެވެ. އެކިއެކި ވާހަކަތައް ދައްކަމުން ގޮސް ހަސަނު އެންމެފަހުން ނެގީ މާހިލް އެހާ ގަޔާވާ މައުޟޫއެއް ނޫނެވެ. “ކޮބާ ކަލޯ އަދިވެސް މީހަކާ އިންނާކަށް ނޫޅެންތަ؟ ތިހެން ހުއްޓާ ތިއޮށް މުސްކުޅި ވަނީނުން.” ހަސަނުގެ ސުވާލައް މާހިލް ޖަވާބެއް ދޭން ބޭނުން ނުވާތީ ކުޑަ ހިނިތުންވުމެއް ރައްދުކޮށްލާފާ އެހެން ވާހަކައެއް ދެއްކޭތޯ ބެލިއެވެ. ނަމަވެސް ހަސަނު ހުރީ އެހާ އަވަހައް ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ހަސަނު ކުރި ސުވާލާ ގުޅޭގޮތުން މާހިލްގެ ޚިޔާލު ހޯދަން ހަސަނު ނުލާހިކު ބޭނުންވާ ފަދައެވެ. އެހެންކަމުން އަނެއްކާވެސް އެ ސުވާލު ތަކުރާރުކުރީ ދެން ބުނެބަލާށޭ ބުނެއެވެ.
“ދެން ކީކޭތަ ތިކަމާ ބުނާނީ… ރަނގަޅު ކުއްޖަކު ލިބުނީމައެއްނު އިނދެވޭނީ.. ” މާހިލް ހިބާގެ ވާހަކަ ދައްކަން ބޭނުން ނުވާތީ މީހަކަށް އިންނަން އަހައިގެން އުޅޭކަން ސިއްރު ކުރިއެވެ. “ތިހެން ހުއްޓަކާ އިންނާނެ މީހަކު ނުލިބޭނެދޯ؟ މިހާރު އެހާ ރީތިކުދިން އުޅޭ އިރު ކަލޭމެނައް ތިހެން ސިންގަލްކޮށް ތިބެވޭތީވެސް މަ ޙައިރާންވޭ.. ނިކަށް އެކަހަލަ ދޮން، ބުރަސޫރަ ރީތި ކުއްޖަކާއި ރައްޓެހިވެބަލަ. ކަމުދާ ކުއްޖަކު ފެނޭތޯ؟ ނޫނީ މަ ހޯދަދެންތަ ކުއްޖަކު؟” ހަސަނު ވަރަށް ގަޔާވެފައި އެހެން ބުނެލުމުން މާހިލްވީ ފޫއްސަކުން އޭނަގެ އިޙްތިޔާރަކާއި ނުލާ ޕިސް ޖަހާލެވުނީ ވަގުތުން އެކަމަށް ނޫނެކޭ ބުނުމަށް އެ ހިތް އެދުމުންނެވެ. އަދި އެއަށްފަހު ހަސަނާއި ދިމާލައް ބަލާލާފައި އޭނާ ބޭނުންވަނީ ބުރަސޫރަ ރީތި ކުއްޖެއް ނޫންކަމަށްވެސް ބުންޏެވެ. އަދި ބުރަސޫރަޔަކީ ދުވަހުން ދުވަހައް ބަދަލުވާ އެއްޗެއް ކަމާއި، ބުރަސޫރަޔައް ބަލަން ވެއްޖެއްޔާ ރީތިކުދިން މި ދުނިޔޭން ހުސްނުވާނޭކަން ހަސަނައް ހަނދާން ކޮށްދިނެވެ.
ހަސަނު ފޫހިވެފައިވާ ރާޤަކަށް ދެން އެހެންވިއްޔާ ކަލޭމެން ބޭނުންވަނީ ތާ އަބަދު މިސްކިތުގައި ކުނާ އަޅައިން އިންނަ ކުއްޖެއް ހެއްޔޭ ބުނެލީ މާހިލްގެ ވިސްނުމަށް މަލާމާތްކުރާ ރާޤަކަށެވެ. “މިސްކިތަކު ނޫން. އެކުއްޖާގެ ހިތުން އަބަދުވެސް ﷲ ގެ ޒިކްރު ކުރާ، ކުރާ ކޮންމެ ކަމެއްގައިވެސް ﷲ ގެ އަމުރުފުޅައް ލޯބިކުރާ، ޙަރާމް ކަމެއް ނުވަތަ ﷲ ނުރުއްސަވާ ކަމެއް ކުރަން ޖެހިލުންވާ ފަދަ މާތް އަޚްލާޤެއްގެ ވެރިއެއް.” މާހިލް ޙިޔާލަކަށް ގެއްލިފައިވާ ފަދައަކުން ބުނެލިއެވެ. “ބުރޯ… ވޭކް އަޕް.. ތިކަހަލަ ކުދިންނެއް މިހާރަކު ނޫޅޭނެ. ހާއްސަކޮށް މި ރާއްޖެއަކު. ތިކަހަލަ ކުއްޖެއް ހޯދަންޏާ ކަލޭ ޖެހޭނީ މުޅި އުމުރު ތިގޮތައް މީހަކާ ނީންދެ ހުންނަން.” ހަސަނުގެ ޖަވާބުން މާހިލްގެ ދެބުމަ ގޮށްޖެހުނެވެ. “އެ ކީއްވެގެންތަ ތި މީހުންނަށް ތިހެން ހީވަނީ.. ބަލަ ހުރިހާ ބާރެއްގެ ވެރި ރަސްކަލާނގެ އެއީ ﷲ އެއް ނޫންތަ؟ އެކަލާނގެ އިރާދަކުރައްވައިފިއްޔާ ކިތަމެ ނުބައި ޝައިޠާނެއްގެ ހިތްވެސް ބަދަލު ކުރައްވާ އަހަރެން މިބުނި ފަދަ އީމާންތެރި ޚުލްޤު ހެޔޮ މީހަކަށް ހެދުމުގެ ބާރު ލިބިވޮޑިގެންވޭ.. ވީމާ އެކަލާނގެ އަށް އަޅުކަންކުރާ، ފުރިހަމަ އަށް އިތުބާރުކުރާ، އެކަލާނގެ އަޅެއްގެ ދުޢާ އިޖާބަ ނުކުރައްވާނޭ ހީވަނީ ކީއްވެތަ؟ އެކަލާނގެ އަންގަވާފައި ނުވޭތަ ގިނަގިނައިން ދުޢާ ކުރުމަށް. އަދި އެކަލާނގެ ދުޢާ އިޖާބަ ކުރެއްވުމަށް ލޯބި ކުރައްވާ ކަމަށްވެސް. އެކަން އެހެން އޮންނައިރު އަހަރެންގެ މިހިތުގެ އެދުން އެކަލާނގެ ފުރިހަމަ ނުކުރައްވާނެކަމަށް ޤަބޫލު ކުރަންވީތަ؟ އަހަރެންގެ ދުޢާތައް އެކަލާނގެ އިޖާބަ ނުކުރައްވާނެކަމަށް ޤަބޫލު ކުރަންވީތަ؟ އޭރަށް އަހަރެން އީމާންވި މީހުންގެ ތެރެއިންވެސް ނުހިމެނޭނެއްނު.”
މާހިލްގެ ބަސްތައް ހަސަނުގެ ސިކުނޑިތެރޭގައި ބިންވަޅު ނެގުނެވެ. އެހެން ނަމަވެސް މާހިލް އެ މައުޟޫއަށް ވާހަކަ ދައްކަން ޝަޢުގުނުވާހެން ހީވުމުން އަދި ހަސަނައްވެސް ދީނާ ބެހޭގޮތުން ވާހަކަ ދައްކަން ނޭނގޭތީ މަޢުޟޫ ބަދަލުކޮށްލީ މާހިލްގެ މޫޑު ރަނގަޅު ކޮށްލުމަށްޓަކައި ވެސް މެއެވެ. ދެމީހުން ކޮފީ ބޮއި ނިމުމުން އެތަނުން ދާން ނިކުންނަން ހިނގައިގަތީ ހަސަނު ކައުންޓަރައްގޮސް ބިލް ދައްކަން ނިންމައިގެންނެވެ. ނަމަވެސް އެހިސާބައް އަރާ ހަމަވުމުން މާހިލް މަޑުނުކޮށް ދިޔައީ އަވަހަށް ގެއަށްދާން ވެގެންނެވެ. މާހިލް ނުކުމެގެން ދިޔުމުން ހަސަނު އެމީހުންނާއި ޖެހިގެން އިން މޭޒުގައި އެމީހުންގެ ވާހަކަތައް ޝަޢުޤުވެރިކަމާއިއެކު އަޑުއަހަން އިން މީހަކަށް އަތުން ހަނާއަޅާލީ ޓާޓާ ކިޔާ އުސޫލުންނެވެ. އެމީހާ ބޯ ޖަހާލީ ދިޔަސް އެންމެ ރަނގަޅު ކަމަށް ބުނެއެވެ. އެދެމީހުންގެ ބިލްވެސް ގެންދެވުނީ އެމީހާގެ މޭޒު ދޮށަށެވެ. މާހިލް އަށް އެއިން އެއްވެސް ކަމެއް ރޭކާ ނުލައެވެ.
**ނުނިމޭ**
10 Comments!
Comments are closed.
Varah reethi
Jazaakillah
When next..miadhu up kohladhehchey…
☺?
Sundayga In Shaa Allah
Hiba bappa dhw etha inee.v v v v v reethi mibaives.eagerly waiting for the next part.???
Let’s see dhw.. 🙂
Jazaakillah.
Varah reethi mi part ves mikahala ohtaruhuri vaahaka thah abadhu ves kiyaalan libeyne kamah ummeedhu kuran .thanks Faathi
Jazaakillah
?
vvv reethi mi part ves ….
Jazaakillah
🙂