ލޯބި 3 ވަނަ ބައި
“މިއީ ދެން މާ ދުރެއްވެސް ނޫނެއްނު؟” އަހަރެން ހިނިތުންވެލީމެވެ. “މިއަދު ކޮބާތަ ލައި؟”
“ދެންމެ ގުޅާފަ ބުނީ ނެތޭ މިއަދު މިކޮޅަށް އާދެވޭކަށް. އެގެއަށް ބީރައްޓެހި ބަޔަކު އައިސްގެން އުޅޭތީ” ލައިޝާ އުޅެނީ ރަށުގެ އަނެއް އަވަށުގައި ހުންނަ ގެއެއްގައެވެ. މެންދުރުގަޑީގައި ހިނގާފައި ދާން ޖެހިއްޖެނަމަ އެއީ ވަރަށް ދުރެވެ.
“އަދި ބުނި ހަވީރު އެގެއަށް ސައިބޯން އަންނާށޭ ވެސް!” ނަތާ ބުންޏެވެ.
“އަދި ހަވީރު ވާނީ ކޮން އިރަކުން؟” އަހަރެން ފޯނުން ގަޑި ބަލައިލީމެވެ. “އުޅޭ މަޖާހަދައިގެން މިތަނަށް އަންނަން” ނަަަތާ އެއްބަސްނުވާނެ ކަން އެނގޭއިރު ވެސް އަހަރެން ބުނީމެވެ.
ކުޅިއަށް ގެނބިގެން ކުއްޖަކު މަރުވި ވާހަކަ ނަަަތާ ކުރިން ވެސް އޮތީ އަހަރެން ކައިރީގައި ބުނެފައެވެ. އެހެންކަމުން އެއީ މާގިނައިން މީހުން ގޮސްއުޅޭ ތަނަކަށް ނުވެއެވެ. ނަތާމެން އެތަން ސިފަ ކުރަނީ ވެސް “ބިރުވެރި” ތަނެއްގެ ގޮތުގައެވެ. އެކަމަކު އަހަރެންގެ ހިތަށް ފެންނަ ގޮތް ތަފާތެވެ. އެއީ ދުނިޔެމަތީގެ ސުވަރުގެއިން ބައެކެވެ. ބޭރު ޤައުމެއްގައި ނަމަ އެތަނަށް ވަދެވޭނީ ވެސް ޓިކެޓް ނަގައިގެން ކަންނޭނގެއެވެ. އެހާވެސް ރީއްޗެވެ.
މެންދުރުފަސްވެގެން އައި އިރު މޫސުން މުޅިން ބަދަލުވެއްޖެއެވެ. މަޑުމަޑުން އުޑުމައްޗަށް ޖަވާމަވުން ދިޔަ ކަޅުވިލާތަކުން ހަތަރު އުދަރެސް ބައްދާލިއެވެ. ޖެހެމުންދިޔަ ރޯޅިތައް ބާރުވާން ފެށިއެވެ. ހަވީރު ކޯޑިކުޅުނު ގަޑީގައި ވެސް އުޑުމަތި ވަރަށް ބަނައެވެ. އެކަމަކު ވާރޭ ވެހެން ފެށީ އަހަރެމެންނަށް ލައިޝާމެންގެ ގެއަށް ދެވުނު ފަހުންނެވެ. އިރުއޮއްސުނު އިރު ވެސް ވާރޭ ހުއްޓައެއްނުލައެވެ.
“ލައި ކާރަކަށް ގުޅާބަލަ. ހުއްޓާލާ ގޮތަކަށް ނޫން މިވެހެނީ” ހަތެއް ޖަހަން ކައިރިވުމުން ނަަަތާ ބުންޏެވެ.
“އަހަރެން އަތުގަ ނަމްބަރު ހުރި މީހުންނަށް ގުޅޭތޯ ބަލައިފިން. އެކަމަކު އަދި ގުޅޭ ގޮތެއް ނުވެ” ލައިޝާ ކަންފަތުގައި ފޯނު ޖައްސާލިއެވެ. މިއީ ޓެކްސީ ގެންގުޅޭ ރަށެއް ނޫނެވެ. އެކަމަކު އަމިއްލަ މީހުން ގެންގުޅޭ ބައެއް ކާރުތައް ދަތުރުކޮށްދެއެވެ.
“ދެން ހިނގާ ކުޑައެއް ހިފައިގެން ދާން” އަހަންނަށް ފެންނަ ގޮތް ބުނީމެވެ.
“ޔާރައްބީ. . . އެއީ ހާދަ ދުރޭ! އަދި މިވަރަށް ވެހެންޏާ މަގުތަކުގަ އޮންނާނީ ވެސް ފެންބޮޑުވެފަ” ލައިޝާ އެއްބަހެއް ނުވިއެވެ. އެގޮތަށް ބަހުސްކުރަން ބައިގަޑި އިރު ތިބިފަހުން ވެހެމުންދިޔަ ވާރޭ ތުނިކޮށްލިއެވެ. އެހެން ގޮތެއް ނެތުމުން ދެމީހުން ދެ ކުޑަ ހިފައިގެން ދޮރޯށި ކައިރިއަށް ނުކުތީމެވެ. ލައިޝާ ވެސް އަހަރެމެންގެ ފަހަތުން ދުވެފައި އައެވެ.
އަހަރެމެންގެ ނަސީބު ރަނގަޅީ ކަންނޭނގެއެވެ. އަހަރެމެންނަށް ނުކުމެވުނީ ކާރެއްގެ ކުރިމައްޗަށެވެ. ނަތާ އާއި ލައިޝާއާ ދެމީހުން އެކުގައި މަގުމައްޗަށް ނުކުމެފައި ކާރު ހުއްޓުވިއެވެ.
“ވިޝާލް ތަ؟ ކީއްކުރަނީ މި ކާރުގަ؟” ޑްރައިވަރު ސީޓްގައި އިން ޒުވާނާ ބިއްލޫރިގަނޑު ތިރިކޮށްލުމުން ނަތާ އެހިއެވެ.
“މިއައީ ފުރަން އުޅޭ ރައްޓެއްސަކު ބަނދަރުމައްޗަށް ގެންގޮސްދީފަ. . . ގެއަށް ގެންގޮސްދޭންވީތަ؟” ވިޝާލްއަކީ ނަތާގެ ރައްޓެއްސެކެވެ. އަވަށްޓެރިއެކެވެ.
ލައިޝާ އަށް ކުޑަތައް ދީފައި އަހަރެމެން ދެމީހުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކާރަށް އެރީމެވެ. ކުރީ ސީޓުގައި އިން ޒުވާނާ އަހަންނަށް ފެނުނީ އިށީނދެ، ހަމަޖެހިލި ފަހުންނެވެ. މިއީ ކޮންކަހަލަ އިއްތިފާޤެއް ހެއްޔެވެ؟ ރޭގަނޑުގެ ނިދިން އަހަރެން މަހުރޫމުކުރުވި ނުދަންނަ ޒުވާނާ މިހާރު އެއިނީ އަހަރެންގެ ކުރިމަތީގައެވެ. އަތްލެވޭހާ ކައިރީގައެވެ. އޭނާ އަހަރެންގެ މޫނަށް ބަލައިލިއެވެ. އަހަރެންގެ ހަތަރެސްފައި ފިނިވިއެވެ. އާދަޔާހިލާފު ލަދުވެތިކަމެއް އިހުސާސް ކުރެވުނެވެ. އަހަރެންގެ މުޅި ހަށިގަނޑު ހިމޭންވިއެވެ. މޫނުމަތީގައި ހުރި ފެންތިކިތައް ފުހެލުމަށް ވެސް އަތް ހަރަކާތެއް ނުކުރިއެވެ. އެ ޒުވާނާ އަހަރެންގެ މޫނަށް ބަލާފައި ހީނލީ ކިތައް ފަހަރު ކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެމެންގެ މަންޒިލަށް އަވަހަށް ނުދެވޭތޯ ހިތާހިތުން ދުޢާކުރަނިކޮށް ކާރު މަޑުކޮށްލިއެވެ. ނަތާ ކާރުގެ ދޮރުފަތް ހުޅުވާލާފައި ނުކުތުމުން އަހަންނަށް ވެސް ކާރުން ފައިބަން މަޖުބޫރުވިއެވެ.
“ކާކުތަ އެއީ؟” ކާރު ދާތަން ބަލަން ހުރެފައި އަހަންނަށް މަޑުމަޑުން ބުނެވުނެވެ.
“ވަރަށް ސަޅި ބިޓެއް ދޯ!” އެ ދެމީހުންގެ ތެރެއިން އަހަރެން އެހީ ކާކުގެ ވާހަކައެއްކަން ނަތާ އަށް ވިސްނުނެވެ. “ޒިޔާން ކިޔަނީ”
“ޒިޔާން” ހިތާހިތުން އަހަންނަށް އެނަން ކިޔާލެވުނެވެ. ސިފައާ އެއްވަރަށް ނަން ވެސް ރީއްޗެވެ. އެ ރީތިކަމާ ވަރަށް ގުޅެއެވެ.
ޒިޔާންގެ ހިޔާލުގައި އަހަންނަށް ފުރޮޅިފުރޮޅި އޮވެވުނީ ކިހާއިރަކުކަމެއް ވެސް ނޭނގެއެވެ. ޒިޔާންގެ ލޯބިވެތި ހިނިތުންވުން ދުށުމަށް އަހަރެންގެ ދެލޯ އެދެނީއެވެ. އޭނާއާ ބައްދަލުވުމަށް އެދި މިހިތް ބޭޤަރާރުވަނީއެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ އެހެން ފިރިހެނަކަށް ހިތް ކިޔުމުގެ ހައްޤު އަހަންނަކަށް ނޯންނާނެއެވެ. އަހަރެންގެ ދިރިއުޅުމުން އެހެން މީހަކަށް ޖާގަދިނުމަށް އަހަރެން މިހުރީ ލޮލުންބޮލުން ރުހިގެންނެވެ. އެއްބަސްވެގެންނެވެ. ދެން ކީއްވެ ހެއްޔެވެ؟ އެއީ ދިރިއުޅުމުން މީހަކަށް ދިން ޖާގައެކެވެ. ހިތަކުން ނޫނެވެ. މިއީ ހުސް ހިތެކެވެ. އެއްވެސް މީހެއްގެ މައްޗަށް ލޯބި އުފެދިފައި ނުވާ ހިތެކެވެ. އެކަމަކު ނުވެސްދަންނަ މީހަކު ދެތިންފަހަރު ފެނިލުމުން މި ހިތުގައި ލޯބީގެ ވިންދު ޖަހައިފިއެވެ. ހިތުގެ އެއްކަނެއްގައި ނިދާފައިވާ ލޯބި ހޭލައިފިއެވެ.
އާދުވަހަކަށް އިރުއެރީ އަހަރެންގެ މޫނުމައްޗަށް އުފާވެރިކަން ގެނުވަމުންނެވެ. އަހަންނަށް އުޅެވެނީ ހިޔާލީ ދުނިޔެއެއްގައެވެ. އަހަންނާއި ޒިޔާން ފިޔަވައި އިތުރު މީހަކު ނޫޅޭ ދުނިޔެއެއްގައެވެ. އެއީ އަހަރެމެންގެ ލޯބީގެ ދުނިޔެއެވެ. ފަރުބަދަތަކެއްގެ މަތިން ދެމިގެންގެން އަންނަ ފެންކޯރެއްގެ އައްސޭރީގައި އަހަރެމެން ދެމީހުން ލޭފަވެތި ވަގުތުތައް ހޭދަކުރަނީއެވެ.
އަހަރެން ސައިބޯން އިށީނީ ބަނޑުހައިވެގެންނެއް ނޫނެވެ. އެއީ ކުރަންޖެހޭ ކަމަކަށް ވާތީއެވެ. ޖޯޑަށް ސައި އަޅައިގެން އިށީނދެ ހަމަޖެހިލި ވަގުތު ލައިޝާ އައިސް ބަދިގެއަށް ވަނެވެ.
“ރޭގަ ސަލާމަތުން ގެއަށް އާދެވުނުތަ؟” ނަތާއަށް ބަލައިލަމުން ދިމާކުރުމުގެ ރާގަކަށް ލައިޝާ ބުންޏެވެ. އަހަރެމެން ކާރަށް އެރިއިރު ޒިޔާން ކާރުގައި އިންކަން ލައިޝާ އަށް ވެސް އެނގެއެވެ.
“އެއީ ފޮނި ފިރިހެނެއް! ބަލައިވެސް ނުލި” ނަތާ ތުން ވަށްކޮށްލިއެވެ. “އޭނަގެ ދެލޮލުގަ އެ ހުންނަނީ މީހުން އެ ކިޔާ މަހިނޫރު”
އެމީހުން ދައްކަމުންދިޔަ ވާހަކަތައް އަހާފައި އަހަރެންގެ ހިތަށް އެރިއެވެ. ޒިޔާނަށް ހިތްކިޔައިގެން މިއުޅެނީ އަހަރެން އެކަންޏެއް ނޫނެވެ. އެ މޫނާއި، ދެ ލޮލުގައި ކޮންމެ އަންހެން ކުއްޖަކު ވެސް ޝައުޤުވެރިވާ ކަހަލަ ޖާދުވީ ބާރެއް ވެއެވެ.
“ނިހާ ނޫން ކުއްޖަކަށް އޭނާ ނުބަލާނެ. ދެ އަހަރު ދުވަހު މާލޭގަ އުޅެފަ އައި އިރުވެސް ހަމަ އެގޮތުގަ.ހާދަ ވަފާތެރިއޭ!” ލައިޝާ ހިނގަނޑެއް ޖަހާލިއެވެ.
“އެހެން މީހުން ވެސް ސްކޫލުގަ އުޅޭއިރު ބިޓުން ނަގާނެ. އެކަމަކު އެއީ ދުވަސްކޮޅެއްގެ ކަމެއް! އެ ދެމީހުންނަށް މިހާރު ހިތްވަރު ދިނުމުގެ އިނާމެއް ވެސް ދޭން ވެއްޖެ!” ލައިޝާ ދެއްކި ވާހަކައަށް ނަތާ ބައެއް އިތުރުކޮށްލިއެވެ.
ނަަަތާމެންގެ ބަހުގައި އެއީ ދޮންހިޔަލަ އާއި އަލިފުޅެވެ. ރޯމިއޯ އާއި ޖޫލިއެޓެވެ. އަހަންނަށް ކުރެވުނު ހީ މުޅިން ގޯހެއް ނޫނެވެ. ޒިޔާންގެ ގައިގައި ތަތްވެގެން ހުރީ ޒިޔާންގެ ލޯބިވެރިޔާއެވެ. ކައިރި މުސްތަޤުބަލެއްގައި އަންހެނުންނެވެ. އެހެން ވެއްޖެނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އަހަރެންގެ ހިތުގައި މި އުފެދުނު ލޯބި ޖެހޭނީ ވަންހަނާ ކުރަން ކަންނޭނގެއެވެ. އެހެންވިޔަސް އެންމެ ރަނގަޅެވެ. އަހަންނަށް ވެސް ލޯބިވުމުގެ ހައްޤު އޮންނާނެއެވެ. މިއީ އަހަރެންގެ އިޚުތިޔާރުން ބޭރުގައި އުފެދުނު ޖަޒުބާތެކެވެ.
ޢީދު ޗުއްޓީ ނިމި، ރަށުތެރެ މުޅިން އަމާންވެއްޖެއެވެ. ޗުއްޓީއަށް ރަށަށް އައި ބީރައްޓެހިން ފުރައިގެން ގޮސް، ރަށުގެ ކަންކަން އާންމު ހާލަތަށް ރުޖޫޢަވެއްޖެއެވެ. އޮފީސްތައް ހުޅުވުމުން ދުވާލުގެ ގިނަ ވަގުތު އަހަރެން އުޅެންޖެހެނީ އެކަންޏެވެ. ނަތާ އަށް އޮފީހުން ނިމިގެން ގެއަށް އާދެވެނީ ހަވީރެވެ. އެހެންވެ އަހަރެން ގިނައިން އުޅެނީ ނަތާމެންގެ ގޭގައި ހުންނަ ފަހާތަނުގައެވެ. އެއީ ނަތާގެ ދައްތައެއް ހިންގާތަނެކެވެ. އަހަންނާ އެއް އުމުރެއްގެ ދެތިން ކުއްޖަކު އެތަނުގައި މަސައްކަތްކުރެއެވެ. އަހަރެން އެމީހުންނާ ގުޅުން ބަދަހިކޮށް އެކުވެރިވީމެވެ.
ނަތާ މެންދުރު ކާން ގެއަށް އައި ގަޑީގައި އަހަރެން ފެނުމުން އަތުން ހަނާއަޅާލުމުން އަހަރެން ނުކުމެގެން އައިމެވެ.
“ކައިފިންތަ؟” ވަރަށް ވަރުބަލި ގޮތަކަށް ނަތާއެހިއެވެ.
އަހަރެން ބޮލުގެ އިޝާރާތުން ނޫނެކޭ ބުނުމަށްފަހު މުނާއާ އެކު ގޭތެރެއަށް ވަންނަން ހިނގައިގަތީމެވެ.
‘އެނގޭތަ މިއަދު ވަރަށް މަޖާކަމެއް ދިމާވިއޭ!” ނަތާ ވަރަށް ޝައުޤުވެރިކަމާއެކު އަހަރެންގެ އަތުގައި ހިފާލިއެވެ. “އެއްކަލަ ވިޝާލް ރިޔާޝާގެ މޮބައިލް ނަމްބަރު ހޯދަން އަހަރެން ކައިރިއަށް އައީ” ނަތާ ހީނގަތެވެ.
އަހަރެން އިރުކޮޅަކު ވިސްނާލަން ހުރީމެވެ. އެއީ އެރޭ ކާރު ދުއްވަން އިން މީހާއެވެ. އޭނާ އަހަރެންގެ ނަމްބަރު ހޯދަންވީ ކީއްކުރަން ހެއްޔެވެ؟ އަނެއްކާ ޒިޔާން ބުނެގެން ހެއްޔެވެ؟
“އެނގެއެއްނު؟ ކުރީރޭ އަހަރެމެން ކާރުގަ ގެނެސްދިނެއްނު؟” އަހަރެން އަނގައިން ނުބުނެ ހުރުމުން ނަތާ ހަނދާންކޮށްދިނެވެ. “އެއީ އަންހެން ކުދިންގެ ކަންތަކުގަ ވަރަށް ކުރީގަ އުޅޭ މީހެއް!”
“ދެން ދިނިންތަ ނަމްބަރު؟” ވަރަށް އާދައިގެ ގޮތަކަށް އަހަރެން އެހީމެވެ.
“ނޫނޭ! ރިޔާޝާ ކައިރީގަ ނާހާ ނަމްބަރެއް ނުދޭނެ އެއްނު؟ އަހަރެން ބުނިން ރިޔާޝާ އަކީ މީހެއްގެ ވާންއުޅޭ އަނތްބެކޭ!” އަޅައިގެންހުރި ޝޯލްގެ ވަށައިގެން ޖަހާފައިވާ ޕިންތައް ނަގަމުން ގޮސް ނަތާ ބަދިގެއަށް ވަނެވެ.
“ސާބަސް. ކީއްކުރަންތަ އެކަން އިޝްތިހާރު ކުރަނީ؟” ނަތާ އެވާހަކަ ބުނުމުން އަހަންނަށް ނުރުހުންވެވުނެވެ. އަހަންނަކީ ކައިވެނިކުރަން އެންގޭޖް ވެފައިވާ މީހެއްކަން އެހެން މީހުންނަށް އަންގާކަށް އަހަރެން ބޭނުމެއްނޫނެވެ.
“އެހެން ބުނީމައެއްނު ފަސޭހައިން އޭނާގެ ކިބައިން ސަލާމަތް ވެވޭނީ. . ގުޅަންފަށައިފިނަމަ އުނދަގޫ ވަރަށް ބޮޑުވާނެ. އަހަންނަކަށްނު އެނގޭނީ އޭނާގެ ގޮތް”ނަތާ ދެއްކީ ވިޝާލް މާގިނައިން ކުދިންނާ ރައްޓެހިވާ ވާހަކައެވެ. އަންހެން ކުދިންނަށް ލަނޑުދޭ ވާހަކައެވެ.
“ދެން ޒިޔާން؟” މަޖަލަކަށް ވާހަކަދައްކަން ވެސް ވިޝާލްއަކީ ކަމުދާ މީހެއް ނޫން ކަމަށް ނަަަތާ ބުނުމުން އަހަރެން އެހީމެވެ.
“ޒިޔާނަކީ އޭގެ އިދިކޮޅު. މަ ހިތަށްއަރާ އެހާ ތަފާތު ދެމީހުންނަށް ބެސްޓް ފްރެންޑްސްގެ ގޮތުގަ ތިބެވެނީ ކިހިނެއްބާއޭ!” މުނާ މުޅިން ވެސް ދެއްކީ ޒިޔާންގެ ރަނގަޅު ވާހަކައެވެ. ތެދުވެރި ވާހަކައެވެ. ނިހާ ނޫން އެހެން އަންހެން ކުއްޖަކަށް އޭނާ ގޯސް ނިޔަތެއްގައި ބަލައިވެސް ނުލާނެއެވެ. ސިއްރުން ނުވަތަ ފާޅުގައި ވެސް އެއްވެސް އަންހެން ކުއްޖަކާ ގުޅުމެއް ނުބާއްވާނެއެވެ.
އެފަދަ އިޚުލާސްތެރިއަކު އަހަންނާ ދިމާއަށް އެ ގޮތަށް އެ ބަލަނީ ކީއްވެ ހެއްޔެވެ؟ އެއީ މާނައެއް ނެތް ބެލުމެއް ނޫނެވެ. މިކަމުގައި އަހަރެންގެ ހިތް ދޮގެއް ނުބުނާނެއެވެ.
“ދެން ވިޝާލްއަށް އަހަރެންގެ ނަމްބަރު ދީބަލަ! ވާގޮތެއް އެނގިދާނެތާ!” އަހަރެންގެ މަޤުޞަދަކީ ސަމާސާކުރުންކަން ދައްކަމުން އަހަރެން ބުނީމެވެ. ވިޝާލް އަހަރެންގެ ނަމްބަރު އެ ހޯދަނީ ޒިޔާން ބުނެގެންނެވެ. ހިތް ބުނަނީ އެހެންނެވެ. އެހެން ބޭނުމަކު ހޯދިޔަސް އެންމެ ރަނގަޅެވެ. މާބޮޑަށް އުދަނގޫކުރާނަމަ ސަލާމަތްވާނެ ގޮތް އަހަންނަށް އެނގެއެވެ.
“ހަމަ ދޭންވީ؟” ގަބޫލުނުކުރެވިގެން އުޅޭކަހަލަ ގޮތަކަށް ނަަަތާ އެހިއެވެ.
“އާނއެކޭ! މެސެޖަކުން ބުނޭ!” ތަންކޮޅެއް ދުރުގައި އޮތް ނަތާގެ ފޯނު އޭނާއާ ކައިރިއަށް ޖައްސާލަމުން އަހަރެން ހެމުން ބުނީމެވެ.
އޭގެފަހުން އަހަންނަށް އަބަދު ބެލެނީ ފޯނަށެވެ. ޒިޔާންގެ ފޯނެއް ނުވަތަ މެސެޖެއް ނަމަވެސް އާދޭތޯއެވެ. އިންތިޒާރުގައި އެއް ދުވަސް ހޭދަވެގެން ދިޔައިރު ވެސް އަހަރެން ވަރުބައްޔެއް ނުވެއެވެ. ފޫއްސެއް ނުވެއެވެ. ފޯނު ކައިރީގައި ބާއްވައިގެން ހިޔާލީ ދުނިޔެއެއްގައި އުޅެމުން ދިޔައިމެވެ. އެ ދުނިޔޭގައި ލޯބީގެ ގަނޑުވަރެއް ބިނާކޮށް، އެގަނޑުވަރުގައި ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތުގެ ތަސްވީރުތައް ހިތުގައި ކުރަހަމުން ގެންދިޔައިމެވެ.
ފޯނަށް މެސެޖެއް އައި އަޑަށް އަހަރެން ސިހުނެވެ. ލޯމަރާލަމުން ޝުކުރުކޮށްފައި ފޯނުގައި އަތްލީ ވެސް ބިސްމި ކިޔަމުންނެވެ.
މެސެޖުގައި އޮތީ “ސަލާމް” އެވެ.
އަހަރެން އަވަސްއަވަހަށް ދިރާގުގެ ޑައިރެކްޓްރީން އެއީ ކާކުގެ ނަމްބަރެއްތޯ ބެލީމެވެ. ލިބުނު އުފަލުން އަހަރެންގެ ދެލޯ ފެންކަޅިވިއެވެ. ދެން ހަދަންވީ ގޮތެއް، ބުނަންވީ އެއްޗެއް ކުއްލިއަކަށް އަހަރެންގެ ވިސްނުމަކަށް ނައެވެ. އަވަސްވެފައިވާ ހިތުގެ ވިންދާއި، ނޭވާ ހަމައަކަށް އެޅެން ވަގުކޮޅެއް ނެގިއެވެ.
“ޒިޔާން ތަ؟” އިރުކޮޅެއް ފަހުން އަހަރެން އެހީމެވެ.
“ކިހިނެއް އެނގުނީ؟” ޒިޔާން ވަރަށް އަވަހަށް ރިޕްލައި ކުރިއެވެ.
“އިންތިޒާރު މިކުރަނީ ޒިޔާނަށް” އެއްވެސް ފޮރުވުމެއްނެތި ހިތުގައި ވާގޮތަށް އަހަރެން ބުނީމެވެ.
އެއީ ފެށުމެވެ. ޓެކްސްޓް މެސެޖުތަކުގެ އެހީގައި އަހަންނާ ޒިޔާން ގުޅުން ގާތްވަމުން ދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. އެރޭ ފަތިސްވަންދެން އަހަރެމެން ވާހަކަދެއްކީމެވެ. ނަަަތާމެންގެ ފަރާތުން އަހަންނާ ޒިޔާންއާ ބެހޭގޮތުން އެނގިފައިވާ ހުރިހާ ވާހަކައެއް ވެސް އަހަރެން ކިޔައިދިނީމެވެ.
“ނިހާ ދެކެ އެހާ ލޯބިވާ، އެހާ ތެދުވެރި މީހަކު ކީއްވެ މާ ނުކިއްސަރު ގޮތަކަށް އަހަންނާ ދިމާއަށް ބަލަނީ؟” ހިނިތުންވެފައިވާ މޫނަކާއެކު އަހަރެން ލިޔުނީމެވެ.
“ތި ސުވާލުގެ ޖަވާބު ޚުދު އަހަންނަކަށް ވެސް ނޭނގެ! ޝައުޤުވެރިވާ ކަހަލަ ގޮތެއް ހުންނާތީ ބެލެނީ. އެކަމަކު އެންމެ ފުރަތަމަ ދުވަހު ބެލުނީ އަފޫ ލައިގެން ހުރި ހެދުމަށް!” ޕާކިސްތާނު ހެދުމަށް ޒިޔާން ތަޢުރީފުކުރިއެވެ.
“އަސްލު ކޮންނަމެއްތަ ކިޔަނީ؟” ޒިޔާން އެހިއެވެ. އޭނާ އަށް އަހަރެންގެ ނަމެއް، އަހަންނަކީ ކާކުކަމެއް ނޭނގޭނެއެވެ. އަހަންނަށް ވެސް އެނގެނީ އެއީ ޒިޔާން ކަމެކެވެ. ލަމްހާ ކިޔާ ކުއްޖަކާ ރައްޓެހިވެގެން އުޅޭކަމެވެ. އިތުރު އެއްޗެއް ނޭނގެއެވެ.
“ރިޔާޝާ” އަހަރެން ނަން ބުނީމެވެ. އެކަމަކު ޒިޔާން ސުވާލުނުކުރާތީ އިތުރު މައުލޫމާތެއް ނުދެމެވެ.
“އަހަރެން ރިޔާ ކިޔަސް އެންމެ ރަނގަޅުތަ؟” ޒިޔާން އެއް ލޯ މަރާލިއެވެ.
އެއީ މިހާތަނަށް އެއްވެސް މީހަކު އަހަންނާ މުޚާޠިބުކުރި ނަމެއް ނޫނެވެ. އެއީ ހާއްސަ ނަމެކެވެ. ޒިޔާން ފަދައިންނެވެ. އަލަތު ލޯބިވެވޭ މީހާ ކޮންމެ މީހަކަށް ވެސް ކިހާ ހާއްސަވާނެ ހެއްޔެވެ؟ ދިރިއުޅުމުގެ ކަންކަން ކޮންމެ ގޮތަކަށް ބަދަލުވެގެން ދިޔަނަމަވެސް އެމީހެއްގެ މަތިން ހަނދާނެއް ނުނެތޭނެއެވެ. ހިތުގެ އެއްކަނެއްގައި އެ ލޯބި ފޮރުވިފައިވާނެއެވެ.
އެގޮތުގައި އެއް ހަފުތާ ފާއިތުވެގެން ހިނގައްޖެއެވެ. އަހަންނަށް އަބަދު ހުރެވެނީ ޒިޔާންގެ މެސެއްޖެ އިންތިޒާރުގައެވެ. ކިތަންމެ ހަނދާންވިޔަސް އަހަރެން އިސްވެ އޭނާ އަށް މެސެޖުކުރުމުގެ ހުއްދައެއް ނެތެވެ. އެއީ މަސްލަހަތަށްޓަކައެވެ. ނިހާ އަށް މިކަން އެނގިގެން ބޮޑު މައްސަލައަކަށް ވެދާނެތީއެވެ. ޒިޔާންގެ ވާހަކައިން އޭނާ ނިހާ ދެކެ ވާލޯބި ވަރަށް ރަނގަޅަށް ހާމަވެއެވެ. އޭނާ ނިހާއާ އެކުގައި ދިރިއުޅެން ބޭނުމެވެ. ނިހާ އޭނާ އަށް ކުރާ އިތުބާރު ގެއްލިދާނެތީ ނިހާޔަތަށް ބިރުގަނެއެވެ. އެހުރިހާ ކަމެއް އެހެން އޮތްއިރު އޭނާ މިވަރުގެ ނުރައްކަލަކާ ކުރިމަތިލީ ކީއްވެ ހެއްޔެވެ؟ އޭނާގެ ހިތުން އަހަންނަށް ހާއްސަ މަޤާމެއް ދެވުނީއެވެ. އެއީ އަހަރެންގެ ހިތް ދޭ ޖަވާބެވެ.
– ނުނިމޭ-
?❤
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.


Yeah me first, nd when is next part
Yes.kudoo first…maadama next part..insha allah
?❤
Maadhama next part genesdhechey shiff dhathaa igey. I like this story. Shiff Dhatha alhugadu menaa dheytherey thi bahataa gaaikan alhugadu v ufalaa eku faahaga kolan
Thank you
Imna
Insha allah maadama up deanan…if u guys wanna talk to me..u can talk to me in instagram..my id is queen_shiff ??❤❤thanks for commenting
Up koh* ?❤
Aslu tha imoo.. I think I know u.. hehe…
Anyways vvv reethi story.. keep it up
Shiff??? Thi namunves story thah kiyaa hiyvehje. Magey hux ah ves loabin kiyany shiff
Namaa ehvarah Story ves vrh reethi
Thank u shaii…
?❤varah ufaa vehjeh