
ލޯބި 4 ވަނަ ބައި
ދުވާލުގަޑީގައި ޒިޔާންގެ މެސެޖެއް ނުލިބޭނެކަން އެނގޭއިރު ވެސް ފޯނު ހިފައިގެން އަހަރެން އިނީ ފަހާތަނުގައެވެ. އެތަނުގައި އުޅޭ ކުދިންނާ ވާހަކަދައްކާލާ، ހީސަމާސާ ކޮށްލުމުން ފޫހިކަން ފިލައެވެ. އެމީހުން ހީނހީނފައި އާންމުކޮށް ދައްކަނީ ފިރިހެން ކުދިންގެ ވާހަކައެވެ. އެއީ އާދައެވެ. އެ އުމުރުގެ ދެ އަންހެން ކުއްޖަކު އެއްތަން ވެއްޖެނަމަ ދައްކާނީ ފިރިހެން ކުދިންގެ ވާހަކައެވެ. ފިރިހެން ކުދިން ދައްކާނީ އަންހެން ކުދިންގެ ވާހަކައެވެ. ވާހަކައިގެ އެންމެ ފޯރި ގަދަވީ ވަގުތު ވިޝާލް އައިސް އެތަނަށް ވަނެވެ.
“ތިކިޔާ ޖޯކު އަހަންނަށް ވެސް ކިޔާދީބަލަ!” ވިޝާލްއަކީ އަނގަގަދަ، މަޖާ މިޒާޖެއްގެ މީހެކެވެ. އޭނާ އެ ހުރިހާ ކުދިންނާ ވެސް ވަރަށް ރައްޓެއްސެވެ.
“އަހަރެމެން މިކިޔަނީ ވިޝާލްއަކަށް ނޭނގެއޭ އަންހެން ކުދިން ގެންގުޅޭކަށް. ގޭދޮށުގަ މުގޯލިއަޅާއަޅާ ބަލިވެގެން އަތުޖެހެނީ. އެކަމަކު އެއީ ހަފުތާއެއްގެ ކަމެއް!” އެއްކުއްޖަކު ވިޝާލް ދިމާކޮށްލިއެވެ.
“އައްޗި. . . އެއީ މަގޭ ކާމިޔާބު ކަމެއްނު؟” ވިޝާލް ހުރީ އެމީހުން ކުރިމަތީގައި އަނގައިން ދެރަވާ ގޮތަކަށް ނޫނެވެ. “މިޒަމާނުގަ މާގިނަދުވަހު އެކަކު ގެންގުޅޭނީ ރައްޓެހިވާނެ ކުއްޖަކު ނުލިބޭ މީހުން” ވިޝާލް ބަލައިލީ އަހަރެންގެ މޫނަށެވެ. ސަބަބު އަހަންނަށް ވިސްނުނެވެ.
“ހިނގާބަލަ ބޭރަށް ފިނިކޮށްލަން” އިން ގޮނޑިން ތެދުވަމުން ވިޝާލް ކައިރީގައި އަހަރެން ބުނީމެވެ.
“ރިޔާޝާ ވަރަށް ވިސްނައިގެން އުޅޭތި. ވިޝާލް ވަރަށް މޮޅުވާނެ އަންހެން ކުދިންގެ ބޮލަށް ވަންނަން” އަހަރެމެން ހިނގައިގަތުމުން ކުރިން ވާހަކަދެއްކި ކުއްޖާ ބުންޏެވެ.
އަހަރެމެން ގޮސް ތިބީ މަގުގެ އަނެއް ފަރާތުގައިވާ ގަސްތަކުގެ ހިޔަލުގައި ހުރި ޖޯލިފަތީގައެވެ.
“ޒިޔާން ގުޅާފަ ކީކޭތަ ބުނީ؟” އަހަރެން ވާހަކަދައްކަން ބޭނުންވާ މައުޟޫ އެނގެއެވެ. ދުރުދުރުން ވާހަކަ ނުފަށައި އޭނާ އެންމެ ފުރަތަމަ ވެސް ބުނީ ޒިޔާންގެ ނަމެވެ.
“އަދި ނުގުޅާ. މެސެޖެއް ކުރީ” އަހަރެން ބުނީމެވެ.
“ހާދަ ވަރަކުން އުޅުނޭ ރިިިިިިިޔާޝާ ނަމްބަރު ނުލިބިގެން. ބަށިކުޅޭތަނުން ރިޔާޝާ ފެނުނީއްސުރެ އަބަދު ދައްކަނީ އެ ވާހަކަ. ނަސީބެއްނު އަހަރެންގެ ގެއާ ކައިރި ގެއެއްގަ އުޅޭ ކުއްޖެއްކަން” ވިޝާލް ހިނިގަނޑެއް ޖަހާލިއެވެ.
ބަށިކުޅޭތަނުން އަހަރެން ފެނުނީއްސުރެ ޒިޔާން ދެއްކި ވާހަކަތަކާއި، އުޅުނު ގޮތް ވަރަށް ތަފުސީލުކޮށް ވިޝާލް ކިޔައިދިނެވެ. ޒިޔާން ދިޔައީ ނިހާ ބަށިކުޅޭތަން ބަލަންވެގެންނެވެ. އެކަމަކު އޭނާގެ ލޮލުގައި އަހަރެން އަޅައިގަތީއްސުރެ ބަލަން ހުރީ އަހަންނަށެވެ. އެ ދެމީހުން ހީނހީފައި އުޅުނީ އަހަރެން ލައިގެންހުރި ހެދުމުގެ ސަބަބުންނެވެ. ޒިޔާންގެ ލޮލުގައި އަހަރެން އަޅައިގަތް ހަޤީގީ ސަބަބަކީ ވެސް އެއީ އެވެ.
“ޒިޔާން އަބަދު ވެސް އުޅޭނީ ނިހާ ދެރަވެދާނެތީ، ރުޅިއައިސްދާނެތީ. . . އެކަމަކު މިހާރު ހުރިހާކަމެއް ބަދަލުވެއްޖެ! އޭނާ އަ
ރިޔާޝާ ދެކެ ލޯބި ވަނީ ކަންނޭނގެ ދޯ!” ވިޝާލް އަހަންނަށް ދޯ ދިނެވެ. އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ އަހަންނަށް އެނގެނީ އަހަރެން ޒިޔާން ދެކެ ލޯބިވާކަމެވެ.
“ނިހާ ދެކެ އެވަރަށް ލޯބިވާ އިރު ދެން އެހެން މީހަކު ދެކެ ލޯތްބެއް ނުވާނެއެއްނު؟” ވަރަށް ނޫންގޮތަކަށް އަހަރެން ބުނީމެވެ.
“ނިހާ އަކީ އޭރު. ރިޔާޝާ އަކީ މިހާރު. ރިޔާޝާ އަކީ އޭނާ އަށް ހާއްސަ މީހެއް ނޫންނަމަ އެހެންނެއް ނޫޅޭނެ” ވިޝާލް ބުންޏެވެ.
އެއީ ތެދެކެވެ. ޒިޔާންގެ ހިތުން އަހަންނަށް ޖާގައެއް ދެވިފައި ނުވާނަމަ ލޯބިވެރިޔާ އަށް ސިއްރުން އަހަންނާ ވާހަކައެއް ނުދައްކާނެއެވެ.
“އިތުރަށް މަ ބުނާނެ ވާހަކައެއް ނެތް. ދެންވެސް ޒިޔާނަށް ފެންނައިރު ދޯޕައްޓާ އަޅައިގެން ހުރެވޭތޯ ބަލާތި!” ޖޯލިން ތެދުވެގެން ދަމުން ވިޝާލް ބުނި ވާހަކައިން އަހަންނަށް ހެވުނެވެ.
ޒިޔާނަށް ދެއްކެން ރީތިވެގެން އިނދެވޭނީ މަދުވެގެން ދުވާލަކު އެއްފަހަރު ނަމަވެސް ފެންނަ ނަމަ ނޫން ހެއްޔެވެ؟ އޭނާ އަހަންނާ ވާހަކަ ދައްކަން ފެށިފަހުން އަދި ދުރުދުރުން މަގެއްގެމަތިން ވެސް ނުފެނެއެވެ. ޒިޔާނަކީ ޕްރައިމަރީ ޓީޗަރެކެވެ. މެންދުރުފަސް ވަންދެން ސްކޫލުގައި އުޅެފައި، ކޮންމެ ދުވަހަކު ހަވީރު ފުޓުބޯޅަ ކުޅެން ދެއެވެ. އިރުއޮއްސުމަށްފަހު އުޅެނީ ނިހާއާ އެކުގައެވެ. ނިހާގެ ގޭގައެވެ. ނުވަތަ އޭނާގެ ގޭގައެވެ. އެއީ ރަށުގެ އަނެއްކޮޅެވެ. ކިތަންމެ ދެކޭހިތް ވިޔަސް ނުފެންނާނެއެވެ.
“އަހަރެން ގުޅަންތަ؟” މެސެޖު ކުރާތާ ދެ ހަފުތާ ވީފަހުން ޒިޔާން އެހިއެވެ. އަހަރެން ހުރީ ފޯނުން އޭނާގެ އަޑު އިވޭނެ ވަގުތެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.
ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޒިޔާން ގުޅިއެވެ. ފުރަތަމަ ރިންގާއެކު އަހަރެން ފޯނު ނެގީމެވެ. އޭރު އަހަރެންގެ ހަށިގަނޑުގައި މަޑު ތުރުތުރެއް ވެއެވެ.
“ރިޔާ. . .” ޒިޔާންގެ އަޑު ފުރަތަމަ ފަހަރަށް އަހަންނަށް އިވުނެވެ. އެއީ ހިތްގައިމު، ފިރިހެންވަންތަ އަޑެކެވެ. އެ އަޑު ކަންފަތުގައި ޖެހުމުން އަހަރެންގެ ހިތުގެ އެންމެ ހިމަނާރަށް ވެސް އަސަރުކުރިއެވެ.
“ރިޔާ . . ކިހިނެއްވީ؟” ޒިޔާން ދެފަހަރަކު އަހަންނަށް ގޮވާލިއެވެ.
“ވާހަކަދައްކަން އުނދަގޫ ވަނީ” ވަރަށް އުނދަގުލާއެކު ވަރަށް މަޑުމަޑުން އަހަރެން ބުނީމެވެ.
“އެންމެ ރަނގަޅު. މިވަރުން ފުދިއްޖެ!” ޒިޔާން ވެސް ބޭނުންވީ އަހަރެންގެ އަޑު އަހާލުމަށް ކަންނޭގެއެވެ. އެހެން ފަހަރަކުން ގުޅާނެކަމަށް ބުނެފައި އޭނާ ފޯނު ކަނޑާލިއެވެ. ދެން ވާހަކަ ދެއްކީ މެސެޖުންނެވެ. ކޮންމެ ރެއަކު ވެސް ވަރަށް ދަންވަންދެން އަހަރެމެން މެސެޖުކުރަން ތިބެމެވެ. ޒިޔާން ހެނދުނު ސްކޫލަށް ދާންޖެހޭތީ މާބޮޑަށް ލަސްވަންދެން ހޭލާއުޅޭތީ އަހަންނަށް ފިކުރުކުރެވެއެވެ. އެ ވާހަކަ ޒިޔާން ކައިރީގައި ބުނެވެއެވެ.
“ރިޔާ އަށް މެސެޖުކުރުމަކީ މި ހިތުގެ އުފަލެއް!” ކޮންމެ ފަހަރަކު ޒިޔާން ދޭ ޖަވާބަކީ އެއީ އެވެ. އެ ޖަވާބުން އަހަރެންގެ ހިތް އުފަލުން ނަށައެވެ. މީހަކުދެކެ ފުރަތަމަ ފަހަރަށް ލޯބިވެވުމަކީ ހާދަ އުފާވެރި އިހުސާސެކެވެ. އަދި ތިމާ ލޯބިވާ ފަރާތުގެ ހިތުގައި ތިމާއަށް ހާއްސަ މަޤާމެއް ވާކަން އެނގުމަކީ އެ އިހުސާސް އެތައްގުނައަކަށް އިތުރުވާކަމެކެވެ.
“ޒިޔާން އަހަރެން ދެކޭހިތެއް ނުވޭތަ؟” ކެތްނުވެގެން އަހަރެން އެހީމެވެ.
“އަހަރެން ވެސް ތިހެން އަހަން އުޅެފިން. އެކަމަކު ޖެހިލުން ވަނީ” ޒިޔާން ބުންޏެވެ.
“ކޮންކަމަކާ؟ ނިހާ އަށް އެނގިދާނެތީ؟” އަހަންނަކަށް ނުވިސްނުނެވެ. ނިހާ އަށް ނޭނގޭނެ ކިތަންމެ ގޮތަކަށް ޒިޔާނަށް އަހަރެން ފެންނަ ހިސާބަށް އާދެވިދާނެއެވެ. މަގުމަތިން ޒިޔާން ފެނުނަސް އަހަންނަށް ފުދެއެވެ. އެ ރީތި ހިނިތުންވުން ދެކޭ ހިތުން އަހަރެންގެ ހިތް ތެޅިފޮޅެނީއެވެ.
“ތިމާގެ ހިތް އެހެން މީހުންނަށް ނުފެނުމަކީ ހާދަ ބޮޑު ނިޢުމަތެކޭ! މާދަމާ ވިޝާލްގެ ގެއަށް ދާނަން” އެންމެ ފަހުން ޒިޔާން އެއްބަސްވިއެވެ.
ޒިޔާން ބުނި ޖުމުލައިގެ މާނަ އަހަންނަށް ނޭނގުނު ނަމަވެސް އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ވިޝާލް އުޅެނީ ނަތާމެންގެ ގެއާ ވަރަށް ކައިރީގައި ހުންނަ ގެއެއްގައެވެ.
އަހަރެން ޒިޔާން ބުނި ގަޑިއަށް ތައްޔާރުވީމެވެ. މެރޫން ކުލައިގެ ޕާކިސްތާނު ހެދުމެއް ލީމެވެ. ދިގު އިސްތަށިގަނޑު ފުރަގަހަށް ދޫކޮށްލުމަށްފަހު، ހެދުމާ ގުޅޭ ކުޑަކުޑަ މަލެއް އިސްތަށިގަނޑުގައި ހަރުކޮށްލީމެވެ. އަސްލު ސިފަ ގެއްލޭވަރަށް މޭކަޕް ނުކޮށް ފަރިވީމެވެ. މަގުމައްޗަށް ނުކުމެފައި މާދިގު އިންތިޒާރެއް ކުރާކަށް ނުޖެހުނެވެ. ވިޝާލްއާއިއެކު ސައިކަލުގައި އައިސް ގޭދޮށަށް މަޑުކޮށްލިއެވެ. އަހަރެން ހުރީ މަގުގެ އަނެއް ފަޅީގައެވެ. ޒިޔާންގެ އިޝާރާތަކަށް ބަލަން ހިނިތުންވެފައެވެ. އަހަރެން ފެނުމުން ވިޝާލް ހިނިގަނޑެއް ޖަހާލިއެވެ. އޭނާ އުޅުނީ އަހަރެމެންނަށް ފުރުޞަތުދީފައި އެގެއަށް ވަންނަން ވެގެންނެވެ. އެކަމަކު ޒިޔާން އޭނާ ހުއްޓުވިއެވެ. ޒިޔާން ޖެހިލުންވަނީ އެވެ. މީހަކަށް ކުޑަކޮށް ވެސް ޝައްކެއް ވެދާނެތީ ބިރުހީވަނީ އެވެ. ލޯބިވެތި ބެލުމަކުން އަހަންނަށް ބަލައިލުމަށްފަހު ވަރަށް އަވަހަށް އޭނާ ގޭތެރެއަށް ވަނެވެ. ޝުކުރުވެރި ހިތަކާއެކު އަހަރެން ވެސް އެތެރެއަށް ވަނުމަށްފަހު ދޮރޯށި ލެއްޕީމެވެ. ހަމަ އެވަގުތު އަތުގައި އޮތް ފޯނަށް މެސެޖެއް ލިބުނެވެ.
“ހިތްހަމަޖެހިއްޖެތަ؟” ހިނިތުންވެފައިވާ މޫނަކާއެކު ޒިޔާން ލިޔެފައި އޮތެވެ.
އަހަރެން ވަރަށް އަވަހަށް އާނއެކޭ ބުނީމެވެ.
“އެކަމަކު އަހަރެންގެ ހިތެއް ނުފުރެ” ޒިޔާން ބުންޏެވެ.
“ދެން. . .؟” ކެތްތެރިކަން ކުޑަގޮތަކަށް އަހަރެން އެހީމެވެ. ޒިޔާން ވެސް ބޭނުންވަނީ އަހަރެން ބޭނުންވާ ގޮތް ހެއްޔެވެ؟ އެހެން ވެއްޖެނަމަ ހާދަ ރަނގަޅެވެ.
“ރިޔާގެ ކުރިމަތީގަ ހުރެގެން ވާހަކަދައްކާލަން ވަރަށް ބޭނުން” އަހަނަންނަށް އިހުސާސް ކުރެވުނީ އެއީ ވަރަށް އާދޭހާއެކު ޒިޔާން ބުނި ޖުމުލައެއް ކަމުގައެވެ.
އަހަންނަށް އުފަލުން ހަޅޭއްލަވައިގަނެވުނެވެ. އަދި އުޑުތިލަމަތިން އެނދުމައްޗަށް ވެއްޓިގަތީމެވެ. މާތްކަލާކޯ އެވެ. އަހަރެންގެ ހިޔާލުތަކާއި، ހުވަފެންތައް ހަޤީގަތަކަށް ވަނީއެވެ. މިއީ ހާދަ އުފާވެރި ޖަޒުބާތުތަކެކެވެ. އަހަންނަށް ވިލާތަކުގެ މަތީގައި އުދުހެވޭ ކަހަލައެވެ. އަހަރެންގެ އުމުރުން ވިހި އަހަރު ފާއިތުވެގެން ދިޔައިރު މީގެކުރިން ދުވަހަކު ވެސް މިފަދަ އުފާވެރިކަމެއް އިހުސާސެއް ނުކުރެވެއެވެ.
ބައްދަލުކުރާނެ ތަނާއި، ވަގުތު ކަނޑައެޅީ ޒިޔާން އެވެ. ކޮންމެ ތަނަކަށް ކޮންމެ ވަގުތަކު ދާންޖެހުނަސް އަހަރެންގެ މައްސަލައެއްނެތެވެ. އަހަންނަކީ މިރަށަށް ބީރައްޓެސެކެވެ. ޗުއްޓީހޭދަކޮށްލަން އައިސްއުޅޭ މިނިވަނެކެވެ. އެކަމަކު ޒިޔާން ވިސްނަންޖެހޭ ކިތަންމެ ކަމެއް ހުންނާނެއެވެ. އަހަރެން އެކަން ގަބޫލުކުރަމެވެ.
“މީހަކަށް އެނގިދާނެތީ ބިރެއް ނުގަނޭތަ؟” އަހަރެން އެހީމެވެ.
“ބިރުގަނޭ! ޖެހިލުން ވެސް ވޭ! އެކަމަކު ހިތުގެ އެދުމަކީ މާ ބާރުގަދަ އެއްޗެއް!” ޒިޔާން ބުންޏެވެ.
ހުކުރުވިލޭރެއަށް އިރުއޮއްސުނީއްސުރެ އަހަންނަށް ހުރެވެނީ ގަޑިއަށް ބަލަބަލައެވެ. ކެތްތެރިކަން ކުޑަވެފައި، ނޭވާ އަވަސްވެފައެވެ. ނަތާ އަށް ޝައްކެއް ވެދާނެތީ އާންމު ހާލަތަށް ރުޖޫޢަވެވޭތޯ މަސައްކަތް ކުރީމެވެ.
“ލައި މިއީ ކޮންކަހަލަ މީހެއް؟ މިހާރު ތިން ދުވަސްވީ ޚަބަރެއްނުވާތާ!” ނަތާ އައިސް ކޮޓަރީގެ ދޮރު ހުޅުވާލުމުން އަހަރެން ބުނީމެވެ.
“މަ ވެސް މިއަދު އޭނާ ފެނިގެން އެއްޗެހި ކިޔައިފިން. ރިޔާޝާ މިރަށަށް ޗުއްޓީއަށް ގެނެއްސަ އަހަރެމެންނަށް އޭނާއާ އަޅައެއްނުލެވޭ ނޫންހޭ ބުނިން” މުނާ ވަރަށް ދެރަވެފައި ބުންޏެވެ.
އެ ދެމީހުންނަށް ވެސް ދުވާލުގެ ގިނަ ވަގުތު އަހަންނާ އެކުގައެއް ނޫޅެވެއެވެ. ލައިޝާ އަށް ނާދެވެނީ އެގޭގައި ފިހާރައެއް ހުންނާތީއެވެ. އޭނާ އަށް ގިނައިރު އުޅެންޖެހެނީ އެތަނުގައެވެ. އެކަމަކު އަހަރެންގެ ޝަކުވާއެއް ނެތެވެ. އަހަރެން މިއުޅެނީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. ޒިޔާންގެ ހަނދާންތަކުގައި ދުވަސް ނިމޭ ގޮތެއްވެސް ނޭނގެއެވެ.
“މިރޭ ހިނގާބަލަ އެގެއަށް. ރޭގަނޑު ދެވޭނެއެއްނު ހިނގާފަ ވެސް” ނަތާ ބުންޏެވެ.
އަހަރެން އެއްބަސްވީމެވެ. “މި ގޮތް އޯކޭ ދޯ!” ލައިގެން ހުރެވުނު ގަޔަށް ބާރު ޓޮޕާއި ސްކާޓަށް ލޯގަނޑުން ބަލައިލަމުން އަހަރެން އެހީމެވެ.
“ނޫނޭ! ބޭރަށް ދަންޏާ ކޮންމެހެން ވެސް ޖެހޭނެ ބޮޑު ދޯޕައްޓާއެއް އަޅަން” ޖެއްސުމުގެ ރާގަށް ނަތާ ބުންޏެވެ.
އަހަރެން ކުޑަކޮށް ހީނލަމުން، ބޯ އޮމާންކޮށްލުމަށްފަހު އޭނާގެ ފަހަތުން ނުކުތީމެވެ. އަހަރެންގެ ހިތަށްއެރިއެވެ. އިރާކޮޅު އަހަންނަށް ޒިޔާނެއް ނުފެންނާނެއެވެ. ކޮންމެ ހެދުމެއް ވެސް ރަނގަޅުވާނެއެވެ.
“ހާދަ ބޮޑު ހަނދެކޭ!” ބޭރަށް ނުކުމެފައި އަހަންނަށް ބުނެވުނެވެ.
“އާނ! މިރޭ މިއީ ފަނަރައޭ!”
ހިތާހިތުން އަހަންނަށް ޝުކުރުކުރެވުނެވެ. އެންމެ ފުރަތަމަ ޒިޔާނާ ބައްދަލުކުރެވެން މިއުޅެނީ ހާދަ ރީތި ރެއެއްގައެވެ. ދެ ލޯބިވެރިން އެކަކު އަނެކަކާ ބައްދަލުކޮށް، ވަޢުދުތަކާއި އަހުދުތައް ވަމުންދާއިރު، ހަނދާއި ތަރިތައް ހެކިވާ ވާހަކަ އަހަރެން އަހަމެވެ. މިއީ އެފަދަ ރެއެކެވެ. ބޭއިޚުތިޔާރުގައި އަހަންނަށް ހެވުނެވެ. އަހަރެމެން މިއީ ދެ ލޯބިވެރިން ހެއްޔެވެ؟ ނޫނެކެވެ. ލޯބިވެރިންނެއް ނޫނެވެ. ދެ ރަހުމަތްތެރިން ހެއްޔެވެ؟ ނޫނެކެވެ. ރަހުމަތްތެރިކަމަށްވުރެ މިގުޅުން ކައިރިއެވެ. ދޭނެ ނަމެއް އަހަންނަކަށް ނޭނގެއެވެ. އެނގެނީ ޒިޔާން ދެކެ އަހަރެން އިންތިހާއަށް ލޯބިވާކަމެވެ.
މަޑުމަޑުން ހިނގާފައި ގޮސް އަހަރެމެން އެންމެ ފުރަތަމަ ވެސް ވަނީ ލައިޝާމެން ގޭގައި ހުންނަ ފިހާރައަށެވެ. ލައިޝާ ހުރީ އެތަނުގައެވެ. އަހަރެމެން އެތަނަށް ވަންއިރު ކައުންޓަރު ކައިރީގައި އަންހެން ކުއްޖަކު ހުއްޓެވެ. އެހެންކަމުން އެކުއްޖާ ނުކުމެގެން ދަންދެން އެއްވެސް މީހަކު އަނގައިން ނުބުނެ ތިބުމުން އަހަރެން ވެސް ހިމޭނުން ހުރީމެވެ.
“އެއީ ނިހާ. . . އަހަރެމެން ކުރީދުވަހު ކީމެއްނު ދޮންހިޔަލައާ އަލިފުޅޭ!” އޭނާ ނުކުމެގެން ދިޔުމުން ނަަަތާ ބުންޏެވެ.
“ޒިޔާން ގެ. . .؟” ޔަގީންކޮށްލުމުގެ ގޮތުން އަހަރެން އެހީމެވެ.
“ހޫމް. . . ޒިޔާންގެ ނަން ވެސް ހަނދާން އެބަހުރި ދޯ!” ލައިޝާ އަހަންނާ ދިމާކޮށްލިއެވެ. “އަޅެ އޭނާ ގުޅޭތަ ޒިޔާން ކަހަލަ ސްމާޓް މީހަކާ؟ ކަޅު. . ހިކި. . ހަޑި. .” އަތުގެ އިނގިލިތަކުން ލައިޝާ ގުނާލިއެވެ.
ނިހާގެ ސިފާއާ މެދު އެއްޗެއް ބުނާކަށް އަހަންނަކަށް ނޭނގެއެވެ. އަހަރެން ހުރީ މާބޮޑަށް އޭނާ އަށް ސަމާލުކަން ދީގެންނެއް ނޫނެވެ. ދެވަނަ ފަހަރަށް ފެނުނަސް ނޭނގޭނެ ކަންނޭނގެއެވެ.
“އޭ އެއްކަލަ ވިޝާލް ހާދަވަރަކަށް ރިޔާޝާގެ ވާހަކަދައްކައޭ!” ކުއްލިއަކަށް ކަމެއް ހަނދާންވެގެން ބުނާ ކަހަލަ ގޮތަކަށް ނަތާ ބުންޏެވެ. “އޭނާ ރިޔާޝާ އަށް ވަރަށް އުނދަގޫ ކުރޭ ދޯ!”
“މާބޮޑަކަށް ނޫން. . ” ވިޝާލް ނުގުޅައޭ ބުނަން ބޭނުންނުވާތީ އަހަރެން ބުނީމެވެ. “ކީކޭތަ ކިޔަނީ އަހަންނޭ ކިޔައިގެން؟”
“ވަރަށް ވަރުވަރު އަހާ. މަ ބުނިން ތީ ވަރަށް މުއްސަނދި ބައްޕައެއްގެ ހުރި އެންމެ އަންހެން ދަރިއެކޭ!” ވަރަށް ފަޚުރުވެރިވެފައި ނަތާ ބުންޏެވެ.
“ސާބަސް. އެކަހަލަ ވާހަކަވެސް ދައްކަންތަ؟” ނަތާ ވިޝާލް ކައިރީގައި އެހެން ބުނިކަން އެނގުމުން އަހަރެން ހިތްހަމައެއް ނުޖެހުނެވެ.
“ނުބުނެވޭ ވަރަކަށް ނޫނޭ އަހަނީ” ނަތާ އަށް ގޯސްވީ ވިޝާލްއެވެ. “އޭނާ ހާދަ ވަރަކުންނޭ ރިޔާޝާއާ ހެދިގެން އެ އުޅެނީ”
ނަތާ އަށް އަހަންނާ ބެހޭގޮތުން އެނގޭ ހުރިހާ މައުލޫމާތެއް ވިޝާލް ހޯދާނެއެވެ. ސަބަބު އަހަންނަށް އެނގެއެވެ.
ކެތްތެރިކަމެއްނެތި އަހަރެން އިންތިޒާރުކުރި ވަގުތު ކުޑަތަންވަމުން ދިޔައެވެ. ބާރަޖަހަން ދިހަ މިނެޓެއް ވުމުން އަހަރެން މަޑުމަޑުން ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު ބޭރަށް ނުކުތީމެވެ. އޭރު ނަތާ އާއި ނަތާގެ މަންމަ ނިދައިފިއެވެ. މިއީ އިތުރު މީހަކު އުޅޭ ގެއެއް ނޫނެވެ. މާބޮޑަށް ހާސްވެ، ކަންބޮޑުވާން ޖެހޭނެ ސަބަބެއް ނެތެވެ. މަގުމައްޗަށް ނުކުމެވުނުއިރު މަގުމަތި ވެސް ވަރަށް އަމާނެވެ. ހަލުވި ފިޔަވަޅުތަކެއް އަޅަމުން އަހަރެންގެ ހިނގައިގަތީމެވެ. އެއީ މިހާރު އަހަންނަށް ހިތުދަސްވެފައިވާ މަގެކެވެ. އަހަރެންގެ މަންޒިލަކީ މުޅި ރަށުގައި އޮތް އެންމެ ރީތި، އެންމެ ހިތްފަސޭހަ ތަނެވެ. ކޮންމެ ދުވަހަކު އެކަނި ގޮސް ވަގުތު ހޭދަކުރާ ފެންގަނޑު ކައިރިއެވެ.
ދިގުކޮށް ހެދިފައިވާ ވިނަގަނޑާ ހަމައަށް ދެވުނު އިރު އަހަންނަށް ޒިޔާން ފެނިއްޖެއެވެ. އޭނާ ހުރީ ކުޅިއާ ވަރަށް ކައިރީގައެވެ. އަހަންނަށް ފުރަގަސްދީގެންނެވެ. ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު އަހަރެންގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. މޭ ފިނިވެ، މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ.
ވަރަށް ހިތްވަރުކޮށްފައި ގޮސް ޒިޔާންގެ ފުރަގަހުގައި ހުއްޓުނީމެވެ. ޒިޔާނަށް އަހަރެން އައިކަމުގެ އިހުސާސް ކުރެވުނީ ކަންނޭނގެއެވެ. އޭނާ ހަމަ އެވަގުތު އަހަންނާ ދިމާއަށް އެނބުރުނެވެ. ދެން އައީ ހިމޭންކަމުގެ ވަގުތެވެ. އަހަންނަށް ޒިޔާނާ ހަތަރުކަޅި ހަމަކޮށްގެން ހުރެވުނީ ހިނދުކޮޅަކުއެވެ. އެ ދެލޮލުގައިވާ އާދަޔާހިލާފު ބާރަށް ކެތްކުރާނެހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. މަޑުމަޑުން އިސްޖެހުނެވެ. ޒިޔާން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އަދި ލަސްލަހުން އަތް އުފުލާލަމުން އަހަރެންގެ ދަތްދޮޅީގައި ހިފާލިއެވެ. ދެން ވީގޮތެއް ނޭނގުނެވެ. އިސްނެގީ ކާކުކަމެއް ނޭނގުނެވެ. އަހަންނަށް ހުރެވުނީ ޒިޔާންގެ އަތުތެރޭގައެވެ. އެ ތަނަވަސް މޭމަތީގައި މޫނު ޖައްސައިގެންނެވެ. ޒިޔާންގެ ދެ އަތުން އަހަރެންގެ އުނަގަނޑާއި، ކޮނޑުމަތީގައި ފިރުމަމުން ގެންދިޔައެވެ. އޭނާގެ ކޯތާފަތް އަހަރެންގެ ބޮލުގައި ޖައްސައި ބާރުކޮށްލުމުން އަހަންނަށް ކުރިއަށްވުރެ ބޮޑަށް އޭނާގެ ހަށިގަނޑުގައި ހިފެހެއްޓުނެވެ. އިތުރު އެއްވެސް މީހަކަށް ނުފެންނާނެހެން އެ މޭތެރޭގައި ފޮރުވެން ހިތް އެދުނެވެ.
=ނުނިމޭ=
7 Comments!
Comments are closed.
Asalam alaikun..maadama up kureven netheemai miadu up kohlyy….hurihaa kuddin kihineh..alhugadhu ah dehvaa support ah varah bodah shukuru adaa kuran…kiyun therin geh loabi comments thah fenumun alhugadhu ah vaahaka liyumah ithuru hih varah kah vea…loabi loabi comments kolheh fenaaneh kamah umeedhu kuran..alhugadhu aah vaahaka dehkeaneh hurihaa kuddin nah insta in..my id is queen_shiff
Ufaa verih duvahakah eden
Shukuriyya..
Shiff ??❤❤☺?
Yey…im frst dhw?❤
Vrh reethi mi part vxxx…waiting next❤❤
Thank u reader
?❤
Wow. Nice. Mi story ge jaadhuga jehijje. Dhen mihaaru abadhu belenee ane part ebe tho. Ane part avaha genesdheyne kama umeedhu kuran. Vara loabi story eh. Vara nice thi part ves
Awwwwn….now that’s cute….starting of the love story is just amaaaazingg…..i am really curious to know what will happen next….by the way keep up your amaazing work….this is the first story i am reading from this site after a long time….may allah always bless you shiff….your work is really appreciated….by the way when is the next part???
Thank u zaa and naash….hiy furih jeh.. ????????????????☺☺☺☺varah ufaa vehjeh..varahavahah next part