Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އިމްތިޙާން (14ވަނަ ބައި)

Faathii Level 410 Stories100 Comments100 Login
November 25, 2018 7 Mins Read
9 Comments

“އެންމެ ރަނގަޅު. އަހަރެން ގޮތެއް ނިންމާފައި ޖަވާބެއް ދޭނަން.” ނާސިރު އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ. މާހިލް ބަސްއަހާ ކުއްޖެއްހެން އިސްޖަހާލަމުން ލައްބައޭ ބުނެލަމުން އެތަނުން ދިޔުމަށް ހިނގައިގަތެވެ. ނާސިރު ފުންނޭވާއެއް ލާފައި ގެއާ ދިމާލައް މިސްރާބުޖެހީ ވަރުބަލިވެފައިވާ ހިތަކާއި ގެންނެވެ.

ނާސިރު އަނެއްކާވެސް އޮފީހައް ދިޔުމުގެ ޚިޔާލު ދޫކޮށްލާފައި ދިޔައީ ގެއަށެވެ. ހަޤީޤަތުގައި ވެސް އޭނާއަށް ވަރުބަލިކަން އިހްސާސްކުރެވޭލެއް މާ ބޮޑީއެވެ. ތިމާއީ ބޮޑު ކުއްވެރިއެއް ފަދަ އިހްސާސްތަކެއް އޭނާގެ ހަށިގަނޑު ވަށާލާފައިވާ ކަހަލައެވެ. ބައެއް ހާލަތްތަކުގައި ދުޝްމިނުންނަށް ދެވޭނެ އެންމެ ބޮޑު ހަމަލާއަކީ މާފްކުރުމޭ ބުނަނީ އެހެން ވެގެން ކަންނޭނގެއެވެ. އެމީހުންގެ ހިތައް އެ މާފްކުރުން ބަލައި ނުގަނެވެނީއެވެ. އެމީހުން ބޭނުންވަނީ ދިން ހަމަލާގެ ބަދަލުގައި އަނެއްކާވެސް ހަމަލާއެކެވެ. އޭގެ ބަދަލުގައި ހަނގުރާމަ ނިންމާލާ އެކަކު އަނެކަކަށް މާފް ކުރުމެއް ނޫނެވެ. އެ ދުޝްމިނުކަން ހަނދާން ނައްތާލުމެއްވެސް ނޫނެވެ. އިތުރައް އެ ވަރުގަދަ ކުރުމެވެ.

ނާސިރައް އިހްސާސްކުރެވެމުން ދިޔައީ ހިބާ އާއި މާހިލް އަލުން ގުޅުނީ ކަމުގައެވެ. ނާސިރު މާހިލްއަށް ދިން ލަނޑު، ހިބާއަށް މާހިލް ކިޔައިދީ ހެދީކަމުގައެވެ. އަދި އެ ދެމީހުންނަށް ގުޅެވެން އޮންނާނީ ނާސިރުގެ ރުހުން ލިބިގެން ކަމުގައި ވާތީ، އޭނާގެ ރުހުން ހޯދުމަށް މާހިލް މާޒީ ހަނދާން ނައްތާލަން ބޭނުންވާ ކަމަށް ބުނެ ވާހަކަ ދެއްކީ ކަމުގައެވެ. ހަޤީޤަތުގައިވެސް މާހިލް ނާސިރައް މާފް ކޮށް އެ މާޒީ ހަނދާން ނައްތާލަން ބޭނުންވާނެ ކަމަކަށް ނާސިރުގެ ހިތައް ޤަބޫލުކުރަން ހަމަ އުނދަގުލީއެވެ. މާފަކީ އެހާ ފަސޭހައިން ދެވޭނެ އެއްޗެއް ހެއްޔެވެ؟ އަދި އެވެސް އޭނާގެ ދިރިއުޅުން ބަރުބާދު ކޮށްލި މީހަކަށެވެ.

ނާސިރު ގޮސް ކޮޓަރިއަށް ވަންނަނިކޮށް ގެއަށް މީހަކު ވަތް އަޑު އިވިގެން ފަސް އެނބުރި ބަލާލިއިރު ހިބާ އައިސް ވަނީއެވެ. ބޮލުގައި އޮތް މޫނު ފޮތިކޮޅު ނަގަމުން ހިބާއަށް އޭނާގެ ބައްޕަގެ މޫނަށް ބަލާލެވުނީ ހިނިތުންވެ ހުރެއެވެ. ބައްޕަ މިހާރު މަދުމަދުން ނަމަވެސް ނަމާދު ކުރާކަން އެނގޭތީ އެކަމުން ލިބޭ ހިތްހަމަ ޖެހުމުގެ ސަބަބުން އެ ބައްޕަ އަށްޓަކައިވި ލޯބި ހިތުގައި އުތުރި އަރާ ކަހަލައެވެ. ނަމަވެސް ނާސިރައް އެ ހިނިތުންވުން އިހްސާސް ކުރެވުނީ ތަފާތު ގޮތަކަށެވެ. ނާސިރަށް ވިސްނުނީ މާހިލް ކައިވެންޏައް އެދުނުކަން ހިބާއަށް އެނގުމުން އެކަމުން ލިބުނު އުފާވެރިކަމުގެ ހިނިތުން ވުމެއްކަމަށެވެ. އެހެން ކަމުން ނާސިރު ހިތްހަމަ ނުޖެހޭ މޫނަކާއި އެކު ގޮސް ކޮޓަރި އަށް ވަދެ ދޮރު ލެއްޕިއެވެ.

ބައްޕަ އަށް އެވީ ގޮތެއް ހިބާއަކަށް ނޭނގުނެވެ. މި ވޭތުވެދިޔަ ދެތިން ދުވަހު ބައްޕަ ހިބާއަށް ހިނިތުންވެ ހަދައެވެ. ނަމަވެސް މިއަދު ހީވަނީ ކަމަކާއި ހިތްހަމަ ނުޖެހިފައި ހުރިހެނެވެ. އެކަމަކު ހިތްހަމަ ނުޖެހޭ ކަހަލަ ކަމެއްވެސް ގޭގައި ހިނގިކަމެއް ހިބާއަކަށް ނޭނގެއެވެ.

ހިބާ ކޮނޑު އަރުވާލާފައި އެނބުރި އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ. އެނދުމަތީ އޮތް ލެޕްޓޮޕް ފެނުމުން ހަނދާންވީ ކޯހުން ފުރިހަމަކުރަން ދީފައިވި ބޮޑު ޕްރޮޖެކްޓެއް މަތިންނެވެ. އެކަމާއި ގުޅޭގޮތުންވެސް ބައްޕައާއި ވާހަކަ ދައްކަން ޖެހޭކަން ހިބާ ހަނދާންވީ ދެނެވެ. ފަހުންނޭ ހިތައް އެރިނަމަވެސް ބައްޕަ އާއި ކޮންމެ ކޮންމެ ގަޑި އަކު ދިމާނުވާނޭކަން ހަނދާން ވިއެވެ. އަދި ހިބާވެސް މިހާރު އެކި އެކި ކަންކަމުގައި ބުރަކޮށް އުޅޭތީ ފަހުން ވަގުތު ނުވެދާނޭ ހިތައް އަރާ އެކަމުގައި ބައްޕަގެ އެހީތެރިކަމަށް އެދުމަށް އޭނާ ބައްޕަ ކައިރިއަށް ދިޔައެވެ. ބައްޕަ ހިތްހަމަ ނުޖެހިފައިހުރި ކަމެއްވެސް އެނގޭނީ ވާހަކަ ދައްކާލީމަތާއެވެ.

ނާސިރު އެނދުގައި ޖައްސާލައިގެން އޮތީ ބޮޑު ފިކުރެއްގައެވެ. ހިތް މާޔޫސް ކުރުވަމުން ގެންދިޔައީ އޭނާ އެންމެ ލޯބިވީ ދަރިފުޅު އެ މާހިލް އާއި އިންނަން ބޭނުންވާކަން އެ ހިތުން ހަނދާން ކޮށްދެމުން ދިޔައީތީއެވެ. މާހިލް އަށް ނާސިރު ދީފައިވި ލަނޑުވެސް މިހާރު އެ ދަރިފުޅައް އެނގޭނެތާއެވެ. އެ ދަރިފުޅުގެ ހިތުގައި ނާސިރާއިމެދު ޝަކުވާއެއް ނުވާނެ ހެއްޔެވެ؟ އަބަދު ހިނިތުން ވުމެއް ދެއްކި ނަމަވެސް ޔަޤީނުންވެސް އެ ހިތުގައި ޝަކުވާ ވާނެކަން ކަށަވަރެވެ. އެކަމަކު އެކަމާއިމެދު ހިބާ ނާސިރާއި ވާހަކަ ނުދެއްކީ ކީއްވެގެން ހެއްޔެވެ؟ އެކަހަލަ ސުވާލުތައް ހިތުގައި އުފެދެމުން ދިޔަދިޔަހެން އޭނާގެ ހިތް ރޯން ބޭނުންވާ ފަދައެވެ. ނަމަވެސް ހަމައެއާއިއެކު މާހިލްދެކެ އިންތިހާއަށް ނަފްރަތުކުރަންވެސް ބޭނުންވެއެވެ.  މާހިލްގެ ބަސް ހިބާ ޤަބޫލުކޮށް އެ ބައްޕައަށްޓަކައި ހިބާގެ ހިތުގައި މިހާރުވާނީ ނަފްރަތޭ ހިތައް އެރުމުން އޭނާގެ ހިތް ހިބާއާ ސުވާލުކުރާ ފަދައެވެ. “މި ބައްޕަ އެގޮތައް ކަންތައްކުރީ ކީއްވެގެންތޯ މި ބައްޕަ ކައިރީގައި ނޭހީ ކީއްވެގެން ހެއްޔެވެ؟ އެންމެ ފަހަރަކުވެސް ބައްޕައެއްގެ ނަޒަރުން ވިސްނާލިނަމައެވެ.” ނާސިރައް ޚިޔާލުތަކުން އެއްފަރާތް ވެލެވުނީ ދޮރުގައި ޓަކި ޖެހި އަޑު އިވުމުންނެވެ.

ގައިމުވެސް ރަހްމާއެއް ޓައްކެތް ނުޖަހާނެއެވެ. އެހެން ހިތައް އަރަމުން ގޮސް ދޮރު ހުޅުވާލީ ނީލާއަށް ވެދާނޭ ހިތާއެވެ. ނަމަވެސް ދޮރު ކުރިމަތީހުރި ހިބާ ފެނުމުން ނާސިރައް ލިބުނީ ޚައިރާން ކަމެކެވެ. އެ ޚައިރާން ކަމުގައި ހިބާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ބުނަން ބޭނުންވާ އެއްޗެހި ގިނަކަމުންނެވެ. ނަމަވެސް އެ ދުލާއި ހަމައަށް އެންމެ ބަހެއްވެސް ނައީ ހިބާގެ ހިތުގައި ނާސިރަކީ ބޮޑު ކުއްވެރިއެއްކަމުގައި ވާނޭކަން އިހްސާސް ވުމުންނެވެ.

“ބައްޕާ! އަޅުގަނޑު ބައްޕަގެ ވަރަށް ބޮޑު ހެލްޕެއް ބޭނުންވޭ އެބަ.” ހިބާ ވާހަކަދައްކަން ފެށުމުން ހިބާއަށް ސަމާލުކަން ދެމުން ކޮޓަރި އަށްވަދެ އެއްފަރާތުގައި ހުރި ސޯފާ ދައްކާލީ އިށީންނާށޭ ބުނާ ފަދައިންނެވެ. އަދި ނާސިރު ގޮސް ސޯފާގެ ކުރިމައްޗައް ވާގޮތައް އިން އެނދުގެ އެއްފަރާތުގައި އިށީނދެ ފުންނޭވާއެއް ދޫކޮށްލީ ހިބާ ދައްކަން އެ އުޅެނީ މާހިލްގެ ވާހަކަ ކަމަށް ހީކޮށް، އެވާހަކަ އަޑުއަހާ، ހިތުގައިވާ ހައިޖާނުގަނޑު ބޭރުކޮށްލަން ތައްޔާރު ވުމުގެ ގޮތުންނެވެ.

“އަޅުގަނޑު ހަދަމުންދާ ކޯހުން އެބައޮތް ބޮޑު ޕްރޮޖެކްޓެއް ހަވާލު ކޮށްފަ. އޭތި ފުރިހަމަ ކުރެވޭނީ އޮފީހަކަށް ގޮސްގެން. އޮފީހެއްގެ ހިންގުން ހުރި ނެތްގޮތް ބުނެދޭން ޖެހެނީ ތަނުގެ ނަމާއި ވޯރކް ތަކާއި އެއްކޮށް. އަދި އެތަނަށް ގެނެވޭނެ ބަދަލުތަކާއި އެއީ ކީއްވެގެން ގެނަ ބަދަލުތަކެއްކަން ތަފްސީލްކޮށް ބަޔާން ކޮށްދޭން ޖެހޭ. އަޅުގަނޑުމެންނަށް މިހާތަނައް ނަގައިދިން ފިލާވަޅުތައް އެތަނަށް އެޕްލައި ކުރެވޭނެ ގޮތްތައް ބަޔާންކުރަން ޖެހެނީ.. ޓެކްނޮލޮޖީ އިން ފެށިގެން ގޮސް އެޗް.އާރައްވެސް. ކުރުކޮށް ބުނަންޏާ ހުރިހާ ޑިޕާރޓްމެންޓެއް ކަވާ ކުރަންޖެހޭ… އެހެންވެގެން ބައްޕަމެންގެ އޮފީހުން އަޅުގަނޑައް މިކަން ކުރުމުގެ ފުރުސަތު ލިބިއްޖެއްޔާ ވަރަށް ފަސޭހަ ވާނެ. އެއީ ކޮންމެ ކޮންމެ ތަނެއްގައި ހުރިހާ ޑިޕާޓްމެންޓެއް އެހާ ތަފްސީލުކޮށް ފިލް ކުރާކަށް ފުރުސަތެއް ނުދޭނެ.” ހިބާ މަޑުމައިތިރިކަމާއި އެކު އޭނާ އައި ބޭނުން ބުނެދިނެވެ.

ނާސިރައް ފުރަތަމަ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހިބާ އެދެއްކީ ނާސިރު އަޑުއަހަން ތައްޔާރުވެގެން އިން ކަހަލަ ވާހަކައެއް ނޫނެވެ. އަނެއްކޮޅުން ހިބާ ކޯހެއް ހަދަމުންދާކަމެއްވެސް ނާސިރައް އެނގިފަކާއި ނެތެވެ. “ހިބާ އަނެއްކާ މާހިލްގެ ވާހަކަ ދައްކަން ނުކެރިގެން އެހެން ވާހަކައެއް ދައްކަނީކީ ނޫން ހެއްޔެވެ؟” ނާސިރައް އަނެއްކާވެސް ކުރެވުނީ ޝައްކެވެ.

“ދަރިފުޅު ބައްޕަ ކައިރީ ނާހާނަންތަ ބައްޕަ އެހެން ކަންތައްކުރީ ކީއްވެގެން ތޯއެއް؟ ދަރިފުޅައް މިހާރު ބައްޕައަށް ވުރެވެސް އެ މާހިލް ދޯ މުހިންމީ؟” ހިތުގައިވާ އުދާސްތަކުން ހިބާ ދެއްކި ވާހަކައަށް ފިކުރުކުރަން ނާސިރު ހަނދާން ނެތުނުކަހަލައެވެ. ބޭނުންވީ ކޮންމެވެސް ގޮތަކުން އެ އިހްސާސްތައް ހިތުން ނެރެލާށެވެ. ހިތުގައި އުފެދެމުންދިޔަ ސުވާލުތަކުގެ ޖަވާބު ހޯދާށެވެ.

ނާސިރު އެ ދައްކާ ވާހަކަ ނަގައިނުގަނެވިފައި އިން ހިބާ އަށް ބަލާލެވުނީ ނާސިރުގެ މޫނަށެވެ. އެ މޫނުން ފެންނަނީ އެތައް ހިތާމައަކާއި ޝަކުވާތަކެކެވެ. “ބައްޕަ މި ކިޔަނީ ކީކޭ ހެއްޔެވެ؟ ބައްޕަ އަށްވުރެ މާހިލް އަހަންނަށް މުހިންމު ވާންވީ ކީއްވެގެން ހެއްޔެވެ؟ އަދި މާހިލްގެ ވާހަކަ ބައްޕަ ދައްކަންވީ ކީއްވެގެން ހެއްޔެވެ؟ މާހިލްގެ ހަނދާންތައް މި އާއިލާއިން ފުހެވިގެން ދިޔަތާ ކޮންދުވަހެއް ހެއްޔެވެ؟”

ހިބާ ޖަވާބެއް ނުދީ ބަލަހައްޓައިގެން އިނުމުން ނާސިރައް އޭނާގެ އިހްސާސްތައް ކޮންޓްރޯލެއް ނުކުރެވުނެވެ. “ދަރިފުޅާ!… ބައްޕަ މާހިލް އަށް އެހެން ހެދީ މާހިލްގެ ހަޤީޤަތް އެނގުމުން ހިތުގައި އުފެދުނު ނަފްރަތެއްގެ ސަބަބުން. ބައްޕަގެ ލޯބިވާ ދަރިފުޅު ދެކުނު ހުވަފެންތައް ފުނޑުފުނޑު ކުރަމުންދާތަން ބަލަން ބައްޕައަށް ހުރެވޭނެތަ؟ ދަރިފުޅުގެ ހިތް ހަލާކު ކޮށްލާފާއި އޭނާ އުފަލާއި މަޖާ ކުރަމުންދާ މަންޒަރުބަލަން ބައްޕަ އަށް ހުރެވޭނެތަ؟” ނާސިރު އިސްޖަހައިގެން އިނދެ އެހެން ބުނެލިއިރު އެ އަޑުގައިވަނީ ހިތާމައާއި މަޑުމައިތިރި ކަމެވެ. އަދި އޭނާގެ ކަނާތުން ލޯ ފުހެލި މަންޒަރު ހިބާއަށް ރީތިކޮށް ފެނުނެވެ.

“މިވަނީ ކިހިނެއް ހެއްޔެވެ؟ ބައްޕަ އެ ދައްކަނީ ކޮންވާހަކަ އެއް ހެއްޔެވެ؟ ބައްޕަ މިހާ ދެރަވެ ގޮތް ހުސްވެފައި އިން މަންޒަރެއް މީގެ ކުރިން ދުވަހަކުވެސް ނުދެކެމެވެ. ބައްޕަ މާހިލް އަށް ކިހިނެއް ހެދީ ހެއްޔެވެ؟ މާހިލް…… ” ވާނުވާ ނޭނގި އިން ހިބާގެ ވިސްނުން އެ ހިސާބައް ދިޔުމުން އޭނާ ހަނދާންވީ މާހިލް ކުރީ ދުވަހު މާފައް އެދެމުން ދެއްކި ވާހަކައެވެ. އޭނާ ޖަލައް ދާންޖެހުނީ އޭނާ ނުކުރާ ކުށެއްގައި ކަމަށް ބުނި ހަނދާނެވެ. އަދި އެއީ ބައެއްގެ ނުބައި ރޭވުމެއްކަމަށްވެސް ބުނި ހަނދާނެވެ. “އަނެއްކާ އެ ރޭވުން ރޭވި ބަޔަކީ ބައްޕަ ހެއްޔެވެ؟ މާހިލް ނުކުރާ ކުށެއްގައި އޭނާ ޖަލައްލީ ބައްޕަ ހެއްޔެވެ؟ މާހިލް ހަށިވިއްކުމުގައި ބައިވެރިއެއް ނުވޭ ހެއްޔެވެ؟”

“ބައްޕަތަ… މާ..ހިލް ޖަލައްލީ؟؟  އޭނާ ނުކުރާ… ކުށެއްގާ؟؟” ހިބާ އަށް ބުނާނެ އެއްޗެއްވެސް ނޭނގިފައި އިނދެ އެކަން ޔަޤީން ކުރަން ސުވާލު ކުރިއެވެ. އެ ސުވާލުން ނާސިރައް ލިބުނީ ޙައިރާންކަމެވެ. “ހިބާއަކަށް އެކަން ނޭނގޭ ހެއްޔެވެ؟”

“ދަރިފުޅު ކައިރީ… މާ… މާހިލް ނުބުނޭތަ؟؟” ކޮށަމުން ކަހަލަ ގޮތަކަށް ނާސިރަށް އަހާލެވުނީ އެކަން ޤަބޫލުނުކުރެވޭތީއެވެ. ކަރުނައިން ފުރިގެންވާ ލޮލަކުން އިސްދަށައް ޖަހާލަމުން ހިބާ ބޯޖަހާލިއެވެ. “ބައްޕަ އެކުރީ ކީއް ހެއްޔެވެ؟ މާހިލް އަހަރެންގެ ހިތް ހަލާކު ކޮށްލިނަމަވެސް އޭނާއަށް އެވަރުގެ ބޮޑު އަދަބެއް ދޭން ޖެހޭ ހެއްޔެވެ؟ މާހިލް އެ ޖަލުތެރޭގައި ވާނީ ކޮން ހާލެއްގައި ހެއްޔެވެ؟ އޭނާ ހަށިވިއްކާ މީހެއްގެ ގޮތުގައި ދުނިޔެއާއި ކުރިމަތިލާފައިވާނީ ހާދަހާ ހިތާމަޔާއެކީގައެވެ.” އެ ދުވަސްތަކުގައި މާހިލް ކުރާނެ ހިތާމަތައް ހިބާއަށް އިހްސާސް ކުރެވޭ ކަހަލައެވެ. އެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަތައް ފައިބަން ފެށިއެވެ. ނާސިރައް ކުރެވުނު ކަންތައް އިހްސާސްވީ ދެނެވެ. ހިބާއަށް ކުރިން އެކަން ނޭނގެނީހެން ނާސިރުގެ އަމިއްލަ ދުލުން އޭނާކުރި ކަންތައްތަކަށް އެއްބަސް ވެވުނީއެވެ.

“އެކަމަކު މާހިލް ހިބާ ކައިރީ އެ ވާހަކަ ނުދެއްކީ ކީއްވެގެން ހެއްޔެވެ؟ ނާސިރުގެ ނުބައި ކަމާއި ނާސިރު އޭނާއަށް ދިން ލަނޑުގެ ވާހަކަ ނުބުނާހިނދު  ހިބާ މާހިލް އާއި ގުޅެންވީ ސަބަބެއް ނެތްތާއެވެ.” ނާސިރައް އަނެއްކާވެސް ޝައްކު ކުރެވެން ފެށިއެވެ. “ދަރިފުޅާއި މާހިލް އުޅެނީ ރައްޓެހިވެގެންނެއް ނޫންތަ؟” ސޯފާ ގައި ލެނގިގެން ރޯންއިން ހިބާއަށް ބައްޕަގެ އެ ސުވާލުން ސިހުންލިބި ބަލާލެވުނެވެ. “އަޅުގަނޑާ މާހިލްއަކާ އެއްވެސް ގުޅުމެއް ނޯންނާނެ. އޭރު މާހިލްގެ ޖަލައް ލިއިރު ގުޅުން ކެނޑުނު ގޮތައް އެކަން ވެނިމިދިޔައީ..” ހިބާއަށް އެހެން ބުނެވުމުން އަނެއްކާވެސް ހަނދާން ވެގެން ދިޔައީ ޓީވީ ޚަބަރުތަކުން ހުއްޓުމެއްނެތި އޭނާ ހަށިވިއްކުމުގައި ހައްޔަރުކުރެވުން ވާހަކަ ގޮވަމުން ދެއްކި މަންޒަރުތަކެވެ. އެހެންކަމުން އަނެއްކާވެސް އެ ހިތުގައި ރިއްސަން ފެށިއެވެ. އެ ރިހުމުގެ އަސަރު ފެންނަމުން ދިޔައީ އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކުންނެވެ. އޭނާއަށް އެހާ އަސަރު ކުރަމުން ދިޔައީ ހަމައެކަނި މާހިލްގެ ތަކްލީފްތައް ހިތައް އެރުމަކުންނޫނެވެ. ބައްޕަ ކުރި ނުބައިކަންތަކުގެ ބޮޑުމިން ހިތައް އެރުމުންވެސް މެއެވެ. މީހަކަށް އެހާ ބޮޑު ލަނޑެއްދިން އިރު ބައްޕަގެ ހިތައް އެއްވެސް އަސަރެއް ނުކުރީތީއެވެ.

“ދެން ކީއްވެތަ އެ ދެމީހުން އައިސް ހިބާއާއި ކައިވެނި ކުރަން އެ އެދުނީ؟ ދަރިފުޅާއި އެއްވެސް ގުޅުމެއް ނެތްއިރު ހަމަ ކުއްލިއަކަށް އައިސް ކައިވެންޏައް އެދޭނެތަ؟” ނާސިރު އަނެއްކާވެސް އޭނާގެ ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ހޯދަން ބޭނުންވިއެވެ. ކޮންމެވެސް ގޮތަކުން މާހިލްގެ ކުށެއް ފެނޭތޯ ބަލަނީ ކަންނޭނގެއެވެ. އަނެއްކާވެސް ހިބާއަށް ލިބުނީ ޙައިރާމްކަމެކެވެ. “އަޅުގަނޑަށް… ކައިވެންޏައް އެދުނީ ކާކުތަ؟ ކޮން ދެމީހުންނެއް؟” ހުބާ ކޮޅައް ތެދުވެފައި ނާސިރައް ބަލަހައްޓައިގެން ހުރެ ސުވާލު ކޮށްލިއެވެ.

“މާހިލްގެ ބައްޕަ އައިސް އެދުނީ… ބުނީ މާހިލް ހިބާއާއި ކައިވެނިކުރަން ބޭނުން ވާހަކަ”. ޝައްކުގެ ނަޒަރަކުން ހިބާއާއި ދިމާލައް ބަލަން ހުރެ ނާސިރު ބުންޏެވެ. “އަދި މާހިލް ވެސް ފަހުން މިސްކިތްދޮށުން ފެނިގެން އައިސް އެހެން ކީ..” މާހިލް އެ ވާހަކަ ދެއްކިކަން ނާސިރު ހަނދާންވީ ތަންކޮޅެއް ފަހުންނެވެ.

“އަޅުގަނޑަކަށް ނޭނގެ މާހިލް އަޅުގަނޑުގެ ކައިވެންޏައް އެދެން އައި ކަމެއް… އަޅުގަނޑާއި މާހިލް އާއި އެއްވެސް ގުޅުމެއް ނޯވޭ… އޭނާ އެއްދުވަހު އަޅުގަނޑުމެން ކުޑަކުދިންގެ ބަގީޗާގައި ބޭއްވި އިވެންޓެއްގެ ތެރެއަށް އައިސް އޭނާ އަށް ކުރެވުން ކުއްތަކަށް މާފައް އެދުނު. އަޅުގަނޑައް ދިން އަނިޔާއަށް މާފައް އެދުނު. އެނޫނީ އަޅުގަނޑާ އޭނާއާއި ދެމެދު އެއްވެސް ކޮންވާސޭޝަނެއް ނުހިނގާ..” ހިބާ އަށް އެހެން ބުނެވުނީ ކުޑަކޮށް ހަރުކަށި ރާގަކަށެވެ. ވާނީވެސް އެހެންތާއެވެ. އަދިވެސް ނާސިރު އެ ބަލަނީ ހިބާ އަށް ޝައްކު ކުރެވޭތޯއެވެ. ނުވަތަ މާހިލްގެ ކުށެއް ހޯދޭތޯއެވެ. ދެންމެ އަމިއްލަ އަށް ކުރި ކުށުގެ ވާހަކަ ދެއްކިކަން މިހާރު ހަނދާންވެސް ނެތުނީ ހެއްޔެވެ؟

ހިބާއަށް އޭނާގެ ހިތުގައި ބައްޕައާއި މެދު އުފެދެން ފެށި ރުޅިވެރިކަން އިހްސާސްވުމުން އިތުރަށް ގޯސްކޮށް އެއްޗެއް ބުނެވުމުގެ ކުރިން އެތަނުން ދާން ބޭނުންވިއެވެ. މާތް ﷲ މައިންބަފައިންނަށް ކުރަން އަންގަވާފައިވާ އިޙްތިރާމްގެ އަމުރަށް ކަމޭ ނުހިތިދާނޭ ހީވުމުން ހިތުގައި ބިރުވެރިކަން އުފެދުނެވެ. އެހެންކަމުން އަވަސް ހިނގުމެއްގައި އެތަނުން ނިކުންނަން ހިނގައިގަތެވެ. އެވަގުތު ނަސިރުވެސް އަވަސް ހަރަކާތަކާއިއެކު ހިބާގެ ކުރިމައްޗައް އެރިއެވެ. “ދަރިފުޅާ! ބައްޕަ އަށް މާފްކުރޭ! ބައްޕަ އަށް އެހެން ހެދުނީ އޭރު މާހިލްދެކެ އައި ރުޅިގައި. މިހާރު ވިސްނޭ އެއީ ގޯހެއްކަން.” ނާސިރު ހިބާއާއި ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ.

އެތައް ދުވަހަކަށްފަހު ނާސިރު ހިބާއާއި ގާތްކޮށް ވާހަކަދެއްކި މީ ފުރަތަމަ ފަހަރެވެ. ނަމަވެސް ނާސިރު އެހާ ނިކަމެތި މީހަކަށްވި ކޮން އިރަކު ހެއްޔެވެ؟ ނާސިރު އެހާ އަވަހައް ގޮތްދޫކޮށްފައި އަމިއްލަ ކުއް ޤަބޫލުކުރީ ކީއްވެގެން ހެއްޔެވެ؟ އޭނާ އިންތިހާއަށް ލޯބިވާ ދަރިފުޅުގެ ކުރިމަތީގައި ނުބައި މީހަކަށްވާން ބޭނުން ނުވާތީ ހެއްޔެވެ؟ އެ ދަރިފުޅުގެ ހިތުގައި ބައްޕައާއި މެދު ނަފްރަތު އުފެދިފައިވާން ބޭނުން ނުވާތީ ހެއްޔެވެ؟ މައިންބަފައިން ގެ ހިތުގައި ދަރީންނަށްޓަކައިވާ ލޯތްބަކީ ހާދަހާ ބާރުގަދަ އެއްޗެކެވެ. އަދި ﷲ ދަރީންނަށް ދެއްވާފައިވާ ބޮޑު ނިޢުމަތެއްވެސް މެއެވެ.

“ބައްޕަ މާފައް އެދެންޖެހެނީ އަޅުގަނޑުގެ ގާތަކުން ނޫން. މާހިލްގެ ގާތުން. ބައްޕަ އަށް ތި އަނިޔާ ދެވުނީ މާހިލް އަށް. އެކަމާއި ހެދި އޭނާގެ ކިޔެވުން މެދުކަނޑާލަން ޖެހޭނެ. ދެ އަހަރު ދުވަހު ޖަލުގައި ނުކުރާ ކުށެއްގެ ތުހުމަތުގައި އުޅެންޖެހުމަކީ އޭނާގެ ދިރިއުޅުމުން، ބައްޕަގެ ސަބަބުން ގެއްލިގެން ދިޔަ ދުވަސްތަކެއް. ނުބައި ނުލަފާ މީހެއްގެ ނަމުގައި މުޅި ދުނިޔެއަށް ބޮޑުގުޅަވުމަކީ ލިބޭނެ ބޮޑު އަނިޔާއެއް. އޭނާގެ މައިންބަފައިން އަޅާނެ ކަރުނަ ނިކަށް ވިސްނާލަބަލަ. އެ މީހުން ލަދުވެތިކަމާއިއެކު މީހުންނާއި ކުރިމަތިލާނެ ގޮތް ނިކަށް ވިސްނާލަބަލަ… ” ހިބާއަށް އެހިސާބައް ބުނެވުނުތަނާ ނާސިރު ކުއްވެރިއެއްހެން އިސްޖަހާލީ ރިޔާޒް ދެއްކި ވާހަކަތައް މަތިން ހަނދާން ވުމުންނެވެ.

ބައްޕަގެ އެ އިސްޖަހާލުމުން ބައްޕަގެ ކުއް ބައްޕަ ޤަބޫލުކުރާކަން ހިބާއަށް ވިސްނުނެވެ. އެހެން ކަމުން ދެން އިތުރަށް ބައްޕަ މާޒީގައި ކުރި ކުށަކުން އެހާ ދެރަކުރުވަން ބޭނުން ނުވިއެވެ. “ބައްޕަ އަށް އެއީ ކުށެއްކަން ޤަބޫލުކުރެވެންޏާ މާހިލްގެ ގާތުން އެކަމަށް މާފައް އެދުން އެއީ އެންމެ ރަނގަޅުގޮތް. އަދި އޭނާގެ މަންމައާއި ބައްޕަގެ ކިބައިންވެސް. މާފައް އެދުމަކީ ރިވެތި ސިފައެއް. ﷲ ލޯބިކުރައްވަވާ ސިފައެއް.” ހިބާ އެންމެ ފަހުން އެބުނެލި ޖުމްލައިން ނާސިރައް ހަނދާންވީ މާހިލްގެ މަތިންނެވެ. މާހިލްވެސް އައިސް މާފައް އެދޭނީ އެހެންވެތާއެވެ. ﷲގެ ލޯބި ހޯދާށެވެ.  އެ ހަނދާން ވުމުން މާހިލްވެސް ހަޤީޤަތުގައި އިސްލާހުވީތާއޭ ހިތައް އެރިއެވެ. އެހެންނޫންނަމަ އޭނާ ބަދަލު ހިފުމެއް ނެތި މާޒީ ހަނދާން ނައްތާލާ އެކަކު އަނެކަކަށް މާފް ކުރާކަށް ނުވިސްނާނެތާއެވެ.

މާފައް އެދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ގައިމުވެސް ނާސިރައް ފަސޭހަ ކަމަކަށް ނުވާނެއެވެ. މާހިލްމެންގެ ކުރިމަތީގައި ހުއްޓި ހުންނަންވެސް މިހާރު އޭނާއަށްވާނީ އުނދަގޫ ކަމަކަށެވެ. އެކަންކުރި އިރުގައި އެކަމުން މާހިލްގެ އާއިލާއަށް އުފުލަން ޖެހޭނެ ވޭންތަކާއިމެދަކު ނާސިރަކަށް ވިސްނައެއް ނުލެވުނެވެ. ހަމައެކަނި ބޭނުންވީ ހިބާއަށް ވަމުންދިޔަ ބޭވަފާތެރިކަމުގެ ބަދަލު ހިފާށެވެ. ދައްކާލަން ބޭނުންވީ، ލަނޑުދީ އޮޅުވާލެވެނީ މާހިލް އަށް އެކަނި ނޫންކަމެވެ. އަދި އެކަން ކޮށްފައި ނާސިރައް ކުރެވުނީ މޮޅު ކަމެއްކަމަށް އިހްސާސްވެ މާހިލްގެ ކުރިމަތީގައި އެކަން އިޢުލާންކުރީ ބޮޑާވެރިކަމާއި އެކުގައެވެ. އެހެން އެކަން ނުކުރެވުނު ނަމަވެސް މިއަދު މި ހާލާތެއް ނާންނާނެ ކަންނޭނގެއެވެ.

“ދަރިފުޅާ!… މާހިލް… މާހިލް ބައްޕަ ކައިރިންވެސް މާފައް އެދުނު. ދަރިފުޅައް ދެވުނު އަނިޔާއަށް. އަދި އެކަމުން އާއިލާއަށް ދެވުނު ހިތްދަތި ކަމަށްވެސް. މާހިލް ބުނީ ދަރިފުޅުދެކެ ވަރަށް ލޯބިވާ ކަމަށް. އަދި ދަރިފުޅާއި ކައިވެނި ކުރަން ބޭނުންވާ ކަމަށް. އަދި އޭނާ ބޭނުންވަނީ ދެ ފަރާތުންވެސް މާޒީ ހަނދާން ނައްތާލާ އެކަކު އަނެކަކަށް މާފްކުރާށޭވެސް ބުނި. މާހިލްގެ ބައްޕަވެސް ބުނީ ހަމަ އެހެން. މާހިލް ބޭނުންވަނީ ދަރިފުޅައް ދެވުނު އަނިޔާގެ ބަދަލުގައި ލޯބި ދީގެން އެ އަނިޔާތައް މަތިން ހަނދާން ނައްތުވާލާށޯ… އަދި މާފައް އެދެމުން ބުނީ ތިމަންނާ ހިބާއަށް އެހެން ނެހެދިނަމަ އޭނާއަށް އެ އަދަބު ނުލިބޭނޭކަން ޤަބޫލުކުރަމޭ.. އެހެންވީމާ ހުރިހާ އެންމެންނަށްވެސް ވަނީ ކުއްކުރެވިފައޭ…”

މާހިލް މާފައް އެދުނު ވާހަކަ ބުނަން ނާސިރު ގަސްތުކުރީ މާހިލް މާފައް އެދިފައިވުމުން، ދެން ނާސިރު މާހިލް ކައިރިން މާފައް ނުއެދުނަސް އެންމެ ރަނގަޅު ވާނޭ ހިތައް އެރުމުންނެވެ. އެންމެންނަށްވެސް އެ މީހެއްގެ ކުއް ޤަބޫލުކުރެވުމުން އަދި އެކަމަށް ތަޢުބާވެ ތަކުރާރު ނުކުރުމުން ނިމުނީ ނޫން ހެއްޔެވެ؟

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

މަޢާފް ކުރާށެވެ.

Next

ހަދިޔާ (ހަތަރުވަނަ ބައި)

Next
November 25, 2018

ހަދިޔާ (ހަތަރުވަނަ ބައި)

Previews
November 25, 2018

މަޢާފް ކުރާށެވެ.

9 Comments!

  1. Faathii says:
    November 25, 2018 at 6:24 am

    Assalaam alaykum. Here is the 14th part.
    🙂 Have a good day..

  2. rai says:
    November 25, 2018 at 8:24 am

    When next..cant wait

    1. Faathii says:
      November 25, 2018 at 2:01 pm

      Tuesday In Shah Allah.
      ☺ jazaakillah.

  3. Mary says:
    November 25, 2018 at 9:43 am

    Ma sha Allah .. mi part ves vvvvvvvvv reethi ❤❤??

    1. Faathii says:
      November 25, 2018 at 2:06 pm

      Jazaakillah
      ?

  4. Lam says:
    November 25, 2018 at 4:48 pm

    V reethi..vv v inthizaaru kurevey vaahakaeh mee.kindly request u to update soon and bit long???…update vaa goiyh kudakoh las vefa kury.ekam vaahaka hama v reethi.mashaa allaah???

    1. Faathii says:
      November 26, 2018 at 12:40 pm

      Sorry dear.. Kury dhuvahuves kuhjjaku thi kamah edhunu ekamu ehaa varah nuliyevennakaa nuvaanethaa dhw.. But thihaa gina kudhin request kuraathy varah balaanan 19th partun feshigen thankolheh dhigu kolleveytho.. In Sha Allah. Jazaakillah.
      ?

  5. Snow says:
    November 25, 2018 at 8:16 pm

    V nice ?

    1. Faathii says:
      November 26, 2018 at 12:42 pm

      Jazaakillah (May Allah reward u)
      ?

Comments are closed.

Next Episodeއިމްތިޙާން (15ވަނަ ބައި)←


All Right Reserved!