Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހޯދޭތޯ މަންޒިލެއް… 18

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
November 16, 2018 9 Mins Read
4 Comments

ދަންވަރުގެ ވަގުތެވެ. ނިދީގައި އޮތް ރުކާންއަށް ހޭލެވުނީ ރުއިމެއްގެ އަޑު އޭނަގެ ކަންފަތުގައި ޖެހުމުންނެވެ. ނިދިބަރުވެފައިވި ދެލޯ ހުޅުވާލަމުން އޭނަ އެއަޑަށް ސަމާލުކަން ދިނެވެ. އެއަޑު އަންނަނީ އޭނަގެ މަގަތުންނެވެ. އެއާއެކު އޭނަގެ ނިދި ފިލައިގެން ދިޔަ އެވެ. އަވަސްއަވަހަށް ގޫތާ އޮތް ފަޅިއަށް އޭނައަށް އެނބުރިލެވުނެވެ. އޭރު ދަލުން ތޫގާ ވަނީ ފެންވެރިފައެވެ. އަތްތިލައިގެ ތެރެއަށް ބެޑުޝީޓު ބޮޑިކޮށްލެވިފައި ވިއިރު ތޫގާގެ ދެލޯވަނީ ތަގުޅިކޮށްލެވިފައެވެ. ނިދީގައި އޮވެ އޭނަ ރޮމުން ދިޔަ ހިނދު ބޮޑު ވޭނެއް ތަހައްމަލުކުރަމުން ދާ ކަމުގެ ލިސާންތައް މޫނުމަތިން ފާޅު ވެއެވެ. ސާފުނުވާ އިބާރާތްތަކުން އޭނަ ބަޔަކާ މުހާތަބުކުރާހެން ވެސް ހީވެއެވެ.

ހާސްކަމެއްގެ ތެރޭގައިވި ރުކާން ތޫގާއަށް ގޮވަން މަސައްކަތްކުރިއެވެ. ނަމަވެސް ތޫގާ ނިދީގައި އޮވެ ހަމަ ރޮނީއެވެ. ވޭނީ ގިސްލުމެއްގެ އަޑުވެސް ތުންފަތް ފޫއަޅުވާލާފައި ނިކުންނަމުން ދިޔަ އެވެ. އެމަންޒަރުތައް ބަލަން ރުކާންއަށް ކެތްނުވުމުން އެންމެފަހުން ތޫގާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ސިހިގެން ދިޔަ ތޫގާ މަންމާއޭ ކިޔައި ފުންމައިގެންފައި ތެދުވުނެވެ. އޭރު އޭނައަށް މައިނޭވާ ލެވުމުން ދިޔަ އެވެ. ބިރުވެރި ހުވަފެނެއް ފެނިއްޖެކަމުގެ އަސަރުތައް އެމޫނުގައި ވިއެވެ. ނޭވާ ހަމައަކަށް ނޭޅިގެން އެތައް އިރެއް ވަންދެން ތޫގާ އުޅުނެވެ. އޭރު އޭނަ ވަށައިގެން ވި މާހައުލަށް އެތައް ފަހަރަކު ބަލާލިއެވެ. އަދި އޭނަގެ އަތްތިލައަށް ވެސް ނަޒަރު ހިންގާލެވުނެވެ. އަދިވެސް ފެނުނު ފުވަފެނުގެ އަސަރު މުޅިން ފިލައިގެން ނުދާކަމަށް ތޫގާގެ އަމުލުތަކުން ހެކިދެއެވެ.

”އާރ ޔޫ އޯކޭ… މަންމައަށް ގޮވަން ވީތަ؟…” އެނދުގެ އަރިމަތީ މެޒު މަތީ ހުރި ފެންޖަގުން އެޅި ފެންތަށި ގެނެސް ތޫގާ އަތަށް ދިއްކޮށްލަމަށްފަހު، ރުކާން ތޫގާގެ މަގަތުގައި އިށީނެވެ.

ތުރުތުރުއަޅަމުން ދިޔަ އަތަކުން ތޫގާ ފެންތަށީގައި ހިފަން އުޅުމުން ތޫގާގެ ތުނބުގައި ރުކާން ފެންތަށި ޖައްސާލިއެވެ. އަވަސްއަވަހަށް ފެންތަށި ހުސްކޮށްލި ތޫގާ ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން މީހާ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ.

”ދަންވަރު ގަޑީގަ މަންމައަށް ގޮވުން ރަގަޅެއް ނުވާނެ… އެހެންނޫނަސް އަހަރެން މިހާރު ރަގަޅޭ… އިޓް ވޯޒް ޖަސްޓް އެ ނައިޓްމެއާރ… ކެން އަހަަރެން ގާތުގައިވުމުން މިހާރު ބިރު ވެސް ފިލައިފި…” ތޫގާ ގަދަކަމުން ހިނިތުންވެލިއެވެ. އަދި ރުކާންގެ މޭގައި ލައްވެލިއެވެ. ތޫގާގެ ބޮލުގައި ފިރުމާލި ރުކާންގެ ހާސްކަން ތޫގާގެ ވާހަކައިން ފިލައިގެނެއް ނުދިޔަ އެވެ. އޭނަގެ ނަފުސުވީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.

*****

ހުކުރު ދުވަހެވެ. މެންދުރު ކައްކަން ބަސްމާއަށް އެހީވެ ދިނުމުގައި މާއީ ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ އެވެ. ބަސްމާ އެކަމާ ދެކޮޅު ހެދުމުން ވެސް ފޫހިވަނީއޭ ބުނެ ބަސްމާ ގާތު ކުރުނުކޮށް ކިޔަން ފެށުމުން، އެންމެފަހުން ބަސްމާ އެއްބަސްވެލީ ކެއްކުމަކީ މާއީ އަބަދުވެސް ކުރާ ހިތްވާ ކަމަކަށް ވީތީއެވެ. މާއީއަށް ވާދައަކަށް ތޫގާ ވެސް ބަދިގެތެރެއަށް ބޯކޮއްޕައިގެން އުޅުނެވެ. އޭނަ ފޫހިވެފައި ހުރެ ވެސް ހަވާލުކުރެވުނު ބީންސްކޮޅު ކޮށަމުން ދިޔައީ އަތުގައި ވަރު ނެތް މީހަކު ހެންނެވެ. ކޮންމެހެން ކުރަން ބޭނުންނުވާކަމެއްކަން އޭނަގެ ހަރަކާތުން ވެސް އެނގެއެވެ. އޭނަ އެތަނަށް އައީ ވެސް ބަސްމާ މާއީއާއި މާ ގަޔާވެގެން ވާހަކަދައްކާތަން ފެނި ހިތަށް ކެތްނުވެގެންނެވެ. އޭނަ ނޫން މީހަކާއި މަންމަ ލޯބިން ވާހަކަދައްކަން ވެސް ތޫގާ ބޭނުމެއް ނުވެއެވެ. އޭނަ ދެކޭ ގޮތުގައި ހުރިހާ އެންމެންގެ ލޯބި ލިބެން ޖެހޭނީ އޭނަ އަށެވެ.

”ދަރިފުޅާ… ރުކާން މިއަދު ހެނދުނު ބުނި އަނެއްކާ ވެސް އެކްސިޑެންޓްގެ ހުވަފެންތައް ފެންނަން ފެށި ވާހަކަ…” ބަސްމާ ތޫގާއަށް ބަލާލިއެވެ. ވަގުތުން ތޫގާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އޭނަ އެވަގުތު ރުކާން ދެކެެ ހިތްހަމަ ނުޖެހުނެވެ. އެހާވަރުން މަންނަ ގާތު ނުބުނާށޭ ބުނުމުން ވެސް ބުނީތީއެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި އެއީ ރުކާން އޭނަ ދެކެ ވާ ލޯތްބާއި ދެމުން ގެންދާ ސަމާލުކަންކަމުގެ ރަމްޒެއްކަމުގައި ހިތް ބުނެލުމާއެކު ޝުޢޫރުތައް ބަދަލުވެއްޖެއެވެ.

މާއީގެ ސަމާލުކަން ވެސް ތޫގާއަށް ދެވުނެވެ. ކުޑައިރުއްސުރެން ފެށިގެން އެއީ އަބަދުމެ ތޫގާ ތަހައްމަލު ކުރަމުން އަންނަ ވޭނެކެވެ. ފުރާފުރިހަމަވަމުން އައި އިރު އޭނައަށް އެމަންޒަރުތައް ފެނި ހާދަ އަސަރު ކުރިއެވެ. ތޫގާއަށް މަދަދުފޯރުކޮށްދޭން ނުހަނު ބޭނުން ވިއެވެ. ތޫގާގެ ބިރާއި ހިތާމަތައް ފަސޭހަކޮށްދޭން ވެސް މަސައްކަތްކުރިއެވެ. ކޮއްކޮ ދެކެ އިންތިހާ ދަރަޖައަށް ލޯބި ވިއެވެ. ނަމަވެސް މިހާރު އެހުރިހާ މަންޒަރެއް ވަނީ ބަދަލުވެފައެވެ. އެމެދުގައި އޮތް ލޯތްބާއި ކުލުނެއް މިހާރަކު ނެތެވެ. ތޫގާ ދެކެެނީ އޭނައަކީ ތޫގާގެ ދުޝްމަނެއްގެ ގޮތުގައެވެ. އަމަލުތައް ވެސް ބަހައްޓަނީ އެފަދައިންނެވެ. ކޮންމެ ގޮތަކަށް ތޫގާ އޭނައާއި މެދު ކަންތައް ކުރިކަމުގައި ވިޔަސް އެވާހަކަތައް އަޑުއިވުމުން އަނެއްކާ ވެސް އޭނަގެ ހިތުގައި ތޫގާއާ މެދު ހަމްދަރުދީ އުފެދުނެވެ. އެފަދަ ބިރުވެރި ކަމަކާއި ކުރިމަތިލާން ތޫގާއަށް ޖެހުނީތީއެވެ. އެއީ ހާދަ ބިރުވެރި އަދި ހިތްދަތި ދުވަހެކެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ދުނިޔެ ބަދަލުވެގެން ދިޔައީ އެވެ. ސިހުމާއި ގިލަންވެރިކަން ގެނުވާފައެވެ. އެތައް އަހަރެއް ވީއިރު ވެސް ތޫގާގެ ހިތަށް ލިބުނު ޒަހަމްތަކާއި ސިކުނޑިއަށް ކުރި ނޭދެވޭ އަސަރުތައް ފިލައިގެން ނުދެއެވެ. ހިޔަނިހެން ތޫގާގެ ގާތުގައި އެބިރުވެރި ހާދިސާ އަބަދުހެން ވެއެވެ.

”ދަރިފުޅަށް އުނދަގޫ ވަންޏާ މަންމަ އަބަދުވެސް ހުންނާނެކަން ހަނދާންކުއްރައްޗޭ… ދަރިފުޅު އެއިން އެއްވެސް ކަމަކާ އެކަނި ކުރިމަތިލާކަށް ނުޖެހޭނެ… އަބަދު ވެސް މަންމަ ހުންނަމެއްނު ދަރިފުޅާއެކު…” ތޫގާގެ ބޮލުގައި ލޯތްބާއެކު ފިރުމާލަމުން ބަސްމާ ބުނެލިއެވެ. އޭރު އޭނަ ހުރީ ޖަޒުބާތީވެފައެވެ.

”މަންމަ އަބަދު ވެސް ހުންނާނެކަން އެނގޭ…” ބަސްމާ ގައިގައި އޮޅިލައިގަންނަމުން ތޫގާ ބުނެލިއެވެ. ބަސްމާގެ ޖުމްލައިން ތޫގާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ.

ކުއްލިއަކަށް އެންމެންގެ ސަމާލުކަން މާއީއަށް ހުއްޓުނީ އޭނަގެ ފޯނު ރިންގުވާން ފެށި އަޑަށެވެ. އޭނަގެ އުފާވެރި ވަގުތުކޮޅު ޚަރާބުކޮށްލުމުން ތޫގާ ލޯއަޅާލިއެވެ.

މާއީ އަވަސްއަވަހަށް އޭނަގެ ފޯނު ނެގި އެވެ. ގުޅަނީ ފަލަކް އެވެ.

”ހޭއި… މަންމަ ބުނެގެން މިގުޅީ… މާއީއަށް މެންދުރުގެ ކެއުމަށް ދަޢުވަތު ދޭށޭ ބުނީމަ…” ފަލަކް އަވަސްއަރުވާލާފައި ބުންޏެވެ. މާހައުލުން ޔަލްވީ ރޯއަޑު ވެސް މާއީ އަށް އިވުނެވެ.

މާއީގެ ހިތް ފިނިވެލިއެވެ. އަނެއްކާ ވެސް ނަހީކްއާއި ދިމާވެދާނެކަމުގެ ބިރު ހިތުގައި ވިންދުޖަހާލި އެވެ. އެހުށަހެޅުމަށް ދޭނެ ޖަވާބެއް ނޭގުމުން ހިމޭންކަން ޚިޔާރުކުރެވުނެވެ.

”އަންނާނަން ދޯ؟…” މާއީގެ ޖަވާބު ނުލިބި ގިނައިރުވާން ފެށުމުން ފަލަކް އޮޅުންފިލުވަން އެހި އެވެ. ފަލަކްގެ އަޑުގައިވި އާދޭހާއި، އާބިދާ ވެސް އޭނަ އަންނާނެކަމަށް ކުރަމުން ދާނެ އުއްމީދުތަކުގެ ސަބަބުން މާއީއަށް އެހުށަހެޅުމަށް ނޫނެކޭ ބުނަން ނުކެރުނެވެ. އާނ ބަސް ދެވުނީ އެހެންވެ އެވެ.

”ކާކުތަ ގުޅީ؟…” ފޯނު ބޭއްވި މާއީ ގާތުން ބަސްމާ އަހާލިއެވެ.

”ފަލަކް، މެންދުރު އެގެއަށް ކާން ދަޢުވަތު ދޭންވެގެން…” ކޮށަން އުޅުނު ތަރުކާރީކޮޅަށް އޭނަގެ ސަމާލުކަން ދެމުން މާއީ ވާހަކަދެއްކިއެވެ. އޭރު އޭނަގެ ހިތުގެ ތެޅުން އަވަސްވެފައި ވިއެވެ. ނަހީކް އޭނަ ފެނުމުން އަމަލުކޮށްފާނެ ގޮތެއް ނޭގޭތީއެވެ. އެންމެފަހުން ދިމާވި ފަހަރު ވެސް އެދެމެދުގައި އޮތީ ނުތަނަވަސްކަމެވެ. އެކަމުގެ ތެރެއަށް ތޫގާ ވަދެ އިތުރަށް ކަންތައް ހޫނުކޮށްލިއެވެ.

ހިތަށް ވަމުން ދިޔަ އުނދަގޫތަކުގެ އަސްލު މާއީއަކަށް ހޯދައިނުގަނެވުނެވެ. މިހާރަކަށް އައިސް އޭނަ ހުންނަނީ އަބަދުމެ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ނަހީކްއާއި ބައްދަލުވީ ފަހުން ހިތުގެ ހަމަޖެހުން ގެއްލިފައިވާ ކަހަލައެވެ. ގޮތް ނޭގޭ އިހުސާސްތަކެއް އެހިތުގައި ވެއެވެ. އެހުރިހާ ކަމަކާ އެކުވެގެން ޒިވާންގެ ހަނދާންތައް ހިތަށް ގޯނާ ކުރަން ފެށުމުން ކުށްވެރިކަމުގެ އިހުސާސްތަކުން އިތުރު ތަކުލީފުތަކެއް ލިބެ އެވެ. ނަހީކް މަތިން ހަނދާންވާ ހިނދު ހިތުގައި ޒިވާންއަށް ޓަކައިވާ އިހުސާސްތަކަށް ބޭވަފާތެރިވެވެނީއޭ ވެސް ހިތަށް އަރައެވެ. އެހުރިހާ ކަމަކާ ވިސްނާވިސްނާ ބޮލުގައި ނުފިލާ ރިހުމެއް ހަރުލައިފިއެވެ.

”ދަރިފުޅު އެހެންވީމަ މެންދުރު އެގެއަށް ދާނީ… އާބިދާ އެހާ ވަރުން އެދުނީމަ ނޫނެކޭ ބުނާކަށް ނުވާނެ… އެހެންނޫނަސް އެންމެފަހުން ފަލަކްމެންނާ އެކު ބޭރަށް ދިޔަ ގޮތަށް ގެއިން ނުނިކުމެ ތިއުޅެނީ… އަބަދު ގޭގަ އިނުމަށްވުރެން ބޭރަށް ދިއުން ރަގަޅުވާނީ ވެސް…” ބަސްމާ ބުނެލިއެވެ.

*****

ކާރު ގޮސް ”ޖަވާހިރު ވާދީ” ގޭގެ ކުރިމައްޗަށް މަޑުކޮށްލުމާއެކު ފިނިވެފައިވި އަތްތިލައިން ކާރުގެ ދޮރުފަތް ހުޅުވަން އަތްގަނޑުގައި ހިފާލެވުނެވެ. ކުރިމަތިން ފެންނަމުން ދިޔަ ގެއަށް ބަލަން އިދެފައި މާއީއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މިހާ ހިސާބަށް އައިސް އަނބުރާލާފައި ދާން މާއީއަކަށް ނުކެރުނެވެ. އާބިދާއާއި ފަލަކް ތިބެނީ އޭނަ އަންނާނެކަމުގެ އިންތިޒާރުގައެވެ. ހަމައެއާއެކު އަނބުރާ ގެއަށް ގޮސްފިނަމަ މަންމަގެ ސުވާލުތަކެވެ. އެދެމެދުގައި ހައްޔަރުވެފައިވި މާއީ، އޭނަގެ ނަފްސު ހަމައަކަށް އަޅުވާލަމުން ކާރުގެ ދޮރުފަތް ހުޅުވާލިއެވެ.

އޭސީގެ ފިނިކަމުން މެންދުރުގެ ރަތްދަކައަވީގެ ތެރެއަށް ނިކުމެވުމާއެކު މާއީ އަވަސްވެގަތީ ކުރިންމަތިން ފެންނަން ހުރި ގެއަށް ވަނުމަށެވެ. އޭރު ތަންކޮޅެއް ދުރުގައި ހުރި ހުކުރު މިސްކިތުން ހުކުރު ހުތުބާ ދޭ އަޑު އިވެއެވެ.

”މަންޖެ ތިއައީ ދޯ…” އެތެރެއަށް ވަދެގެން ދިޔަ މާއީއަށް އާބިދާ ފެނުމާއެކު ހިނިތުންވެލެވުނެވެ. ގޯތީގައި އިންދާފައިވާ ތަފާތު އެކިކަހަލަ ހިޔާދޭ ގަސްތަކުން އިރުގެ ހޫނުކަން އެހާ ބޮޑަށް އިހުސާސެއް ނުކުރެވެއެވެ.

ޖޭމު ގަސްދޮށުގައި ހުރި ޖޯލީގައި އިން އާބިދާ އުޅެނީ ޔަލްވީއަށް ކާން ދެވޭތޯއެވެ. އާބިދާގެ އަޑަށް މައިގެއިން ބޭރަށް ފަލަކް ވެސް ބޯދިއްކޮށްލިއެވެ.

”މާއީ އަވަހަށް ޖޯލީގައި އިށީދޭ… ހެނދުނުއްސުރެ ބަދިގޭގައި އުޅޭތީ މަށަށް އަދި ފެން ނުވެރިން މިއުޅެނީ… ނުވީތާކަށް އޭދަ ކުޑަ މަންޖެ މަގޭ ގަޔަށް ހޮޑުވެސް ލައިގެން މިއުޅެނީ… މާއީ ކައިރިއަށް ގޮސްފިއްޔާ މާއީއަށް ވެސް ހޮޑުލެވިދާނެ… މަ އަންނާނަން ކުޑަ އިރުކޮޅެއްގެ ތެރޭގަ…” ފަލަކް ބުނެލިއެވެ.

ފަލަކްއަށް ހިނިތުންވެލަމުން މާއީ ގޮސް ޖޯލީގައި އިށީނެވެ.

”ނުފެންނަ މީހަކު ފެންނަތީ ބަލާވަރު ބަލާބަލަ…” ޔަލްވީ ދެލޯބޮޑުކޮށްފައި މާއީއަށް ބަލާތީ އާބިދާ ގާތަށް ހިނިއައެވެ.

”ދައްތަ އެބަ އަންނަން އުނދުން މަތީ ހުރި ރިހަތެލި ބަލާފަ… އޭރަށް މާއީއަށް މިކަން ކުރެވޭތޯ ބަލާބަލަ… ވިހަން ވާއިރަށް ވާނެއެއްނު ކުޑަކޮށް ތަމްރީނުވެލަން ވެސް…” އާބިދާ އަތުގައި އޮތް ކާއެއްޗެހި އެޅި ފުޅި މާއީގެ އަތަށް ދިއްކޮށްލަމުން އާބިދާ ބުންޏެވެ. މާއީ ހިނިތުންވުމަކާއެކު ފުޅީގައި ހިފިއެވެ. އެއާއެކު ޔަލްވީ ކައިރީ ދައްތަ ގާތުން ބަސްއަހައިގެން ކެއުމަށް ބުނެލަމުން އާބިދާ އަވަސްވެގަތީ ބަދިގެއަށް ދިއުމަށެވެ.

ޔަލްވީ ނިކަން ޝައުޤުވެރިކަމާއެކު މާއީއަށް ބަލަން އިދެފައި ލޯބި ހިނިތުންވުމެއް މާއީއަށް ހަދިޔާކޮށްލިއެވެ. ޔަލްވީގެ އެހަރަކާތުން މާއީއަށް ވެސް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ. އެލޯބި ފުށްކޮޅުގެ ކޮލަށް އެޑިގެން ދިޔަ އަޑިކޮޅާއި ލޮލުގައި އެވާ އަޖައިބުކުރުވަނިވި ވިދުމުން ހިތް ފުރި ބަންޑުންވާހާ ވިއެވެ. މާއީއަށް ޔަލްވީގެ ކޮލަށް ބޮސްދެވުނެވެ. އެވަގުތު މިނިވަންކަމާއެކު ދޫކޮށްލެވިފައިވި މާއީގެ ރާޅުބާނީ އިސްތަށިގަނޑު ކޮނޑުމަތި ލާފައި ތިރިއަށް ފައިބައިގެން ދިއުމާއެކު ލުއި ހުނުމަކާއެކު މާއީގެ އިސްތަށިގަނޑުގައި ޔަލްވީ ކުޅެލިއެވެ. މާއީއަށް ވެސް ހެވުނީ އެވެ. ދުވަސްތަކަށް ފަހު އުފާވެރިކަމުގެ ހިނިތުންވުމެއް މާއީގެ ތުންފަތާ ކުޅެލަމުން ދިޔަ އެވެ. އޭނަގެ މޫނުން ވެސް ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ޔަލްވީގެ މައުސޫމުކަމުން އިރުކޮޅަކަށް ވިޔަސް ހުރިހާކަމެއް މަތިން ހަނދާން ނެތުނުކަހަލައެވެ.

އެއްވެސް ބޮޑާ ހޭކުމަކާ ނުލާ ބަސްއަހައިގެން މާއީ ލައްވާލަދޭ ކާއެތިކޮޅު ޔަލްވީ ކަމުން ދިޔަ އެވެ. އެގޮތުގެ މަތީން އިރުކޮޅެއް ފާއިތުވެގެން ދިޔަ ތަނާ ފިޔަވަޅުތަކެއްގެ އަޑު މާއީއަށް އިވުނެވެ. ޔަލްވީ ވެސް ކުއްލިޔަކަށް އުފާވެރިކަމުގެ ހަޅޭކެއްގެ އަޑު ލައްވާލިއެވެ. މާއީއަށް އިސްއުފުލާ ބަލާލެވުނެވެ. އޭރު ނަހީކް ވެސް ހުރީ މައީއަށް ބަލާށެވެ.

ހުދާއި ކަޅުކުލައިގެ ގޮޅިޖެހި ގަމީހަކާއި އައިސް ބްލޫ ކުލައިގެ ޖިންސެއްގައި ނަހީކް ހުރި އިރު ހިތްގައިމު ގޮތެއް ހުއްޓެވެ. ބައިމަތި ފުޅާ ހަށިގަނޑާއި ދިގު އިސްކޮޅުގެ އިތުރުން އޮޅާލެވިފައިވި ގަމީހުގެ އަތުކުރީގެ ސަބަބުން ފާޅުވަމުން އައި އަތުކުރީގެ ނާރުތައް ފުއްޕާލާފައިވި ހިނދު ފިރިހެންވަންތަކަމުގެ އިންތިހާއެވެ. ހަތަރެސްކަން މޫނު ކުރިއަށް ވުރެ ފުރިހަމައެވެ. އެކަޅުކަން ގަދަ ބުމައާއި ބޯއެސްފިޔަތަކުގެ ނިވަލުގައިވާ ތޫނުފިލިދެލޮލުގައިވަނީ ދަމާބާރެކެވެ. ކުޑަކޮށް ދިގުވެފައިވި ތުނބުޅީގެ ސަބަބުން އިތުރަށް ފިިރިހެންވަންތަކަމަށް ދައްކައެވެ.

”ހުސްކޮށްފިތަ؟…” ހަމަހިމޭންކަން ވެރިވެފައި އޮތް މާހައުލުގެ ތެރޭގައި އާބިދާގެ އަޑު ގުގުމާލިއެވެ. އެއަޑަށް ނަހީކްގެ އިތުރުން މާއީއަށް ވެސް ސިހުން ގެނުވިއެވެ. އަވަސްއަވަހަށް ދެޒުވާނުން ވެސް ދުރުބަލަން ފެށިއެވެ.

”ހޫމްމްމް… ހުސްކޮށްލައިފި…” ނަހީކް އައުމުން މާއީ އިނީ އުނދަގޫވެފައެވެ. ފަރުވާތެރިވެ ބަލައިފި މީހަކަށް އެކަން ފާހަގަ ކުރެވޭނެއެވެ.

”ޔަލްވީ، އަވަހަށް އާދޭ މާމަ ގާތަށް ތުންދޮވެލަން…” އާބިދާ، ޔަލްވީ އުރާލިއެވެ. އެއަށްފަހު އޭނަ މިސްރާބުޖެހީ ބަދިގެއާއި ދިމާއަށެވެ. އެއާއެކު މާއީއާއި ނަހީކް އެކަނި ވީއެވެ. ދެން މުޅި މާހައުލަށް ވެރިވެގެން ދިޔައީ ނުތަނަވަސްކަމެވެ. އިސްތިރިކޮށްލައިގެން އިން މާއީއަށް ޖޯލިން ތެދުވާކަށް ނުކެރުނެވެ. ނަހީކް ހުރީތީ އެވެ. އޭނަ އިތުރަށް ސިހިގެން ދިޔައީ ނަހީކް އައިސް ޖޯލީގައި އިށީނީމައެވެ. ލިބުނު ހައިރާންކަމާއެކު ނަހީކްގެ މޫނަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ.

އެތެރެއަށް ދިއުމުގެ ބަދަލުގައި ނަހީކް އެތާނގައި އިށީނީ ކީއްވެގެން ހެއްޔެވެ؟ މާއީގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ.

”ކިހިނެއްތަ؟…” ފަން އިސްތަށިގަނޑުން ނިތުގެ މައްޗަށް ފައިބާފައިވި އިސްތަށިކޮޅުތައް އެއްފަރާތްކޮށްލި ނަހީކްގެ ބަރު ފިރިހެންވަންތަ އަޑު އިވިގެން ދިޔަ އެވެ. މާއީއަށް އިދެވުނީ ސުވާލުމާކުތަކެއްގެ ތެރޭގައެވެ. ނަހީކް ދުވަހަކު ވެސް އޭނައާއި އަނގައިން ބުނެފާނެކަމަކަށް އޭނަ އުއްމީދެއް ވެސް ނުކުރެއެވެ. އެހެނަސް މިވީ ކިހިނެއް ހެއްޔެވެ؟ ނަހީކްއަށް އައިސްފައިވި ކުއްލި ބަދަލުތައް ނަގައިގަންނަން މާއީގެ ސިކުނޑި ނުކުޅެދުނެވެ.

”ކީއްވެ ޖަވާބެއް ނުދީ ތީންނަނީ؟… އަހަރެން ވާހަކަދެއްކީމަތަ؟…” ނަހީކް ބުމަ އަރުވާލަމުން އެހިއެވެ. މާއީ އިނީ އަޖައިބުވެފައެވެ. އެއީ ހަމަ ނަހީކް ބާވައޭ އޭނަގެ ހިތަށް އެރިއެވެ.

”ވެލް، ޕާސްޓްގަ ކަންތައް ވި ގޮތާ މެދު އަހަރެން މާއީ ކުށްވެރިއެއް ނުކުރަން ދުވަހަކު ވެސް، ރުޅިއެއް ވެސް ނާންނަން… އަހަރުމެން ދެމީހުންގެ ވެސް މައްސަލަތައް ހުރީމަ އެހެން ދިމާވީ… އެއްވެސް މީހަކު ކުށްވެރިކުރެވޭކަށް ވެސް… އެހެންނޫނަސް އެކަންތައް ހަނދާން ނައްތާލާފައި އަހަރުމެން ދިރިއުޅުމާއި ވެސް ކުރިމަތިލައިފީމެއްނު…” ނަހީކް ބޭނުންވީ އެދެމެދުގައިވި ނުތަނަވަސްކަމަށް ހައްލެއް ގެންނާށެވެ. މާއީއަށް އައިސްފައިވި ބަދަލުތަކުގެ ހަޤީޤަތް އޭނައަށް ރަގަޅަށް އެނގޭތީއެވެ.

”އެހެންވީމާ، ކުރީގެ ހަނދާންތައް އާކުރަން އުޅެނީ ކީއްކުރަންދޯ…” ނަހީކް އިތުރުކޮށްލިއެވެ. ”ދެން ކުރީ ދުވަހު ތޫގާ ދެއްކި ވާހަކަތަކުން އަހަރެން ވިސްނާނެ އެއްޗަކާ މެދު ހާސްވަންޏާ އެކަންތައް ވެސް ހަނދާންނައްތާލާ، ތޫގާއަކީ ކާކުކަން އަހަންނަށް ރަގަޅަށް އެނގޭ… އޭނަ ދުވަހަކު މާއީއަށް ހެވެއް ނޭދޭނެކަން ވެސް އެނގޭ… އޭނަގެ ދޮގު ވާހަކަތައް އިތުބާރު ކުރާނީ މޮޔައެއް… މާއީ ވެސް އޭނަ ބުނާހާ އެއްޗަކާ މެދު ވިސްނާތީ އޭނަ އަބަދު އެހެން އެއުޅެނީ… އަޅާނުލިއްޔާ ރަންނަމާރި ވެސް ހުންނާނެ އަނގަ ބަންދުވެފަ…”

ނަހީކްގެ ވާހަކަތަކުން މާއީއަށް ހަމަޖެހުމެއް ލިބުނުކަން ގައިމެވެ. އެދެމެދުގައި ޒަމާންތަކަކަށް ދެމިގެން ދިޔަ ނުތަނަވަސްކަން ނެތިދިއުމުން ހިތަށް ފިނިކަމުގެ އިހުސާސްކުރެވުނެވެ. މާއީއަށް ހެވުނީ ތޫގާއަށް ނިސްބަތްކޮށް ނަހީކް ބުނި އެއްޗަކުންނެވެ. އެވަގުތު މާޒީގެ ދުރު ހަނދާނެއް އާލާވެގެން ދިޔަ އެވެ. ސްކޫލުގައި އުޅުނުއިރު އަަބަދު ވެސް ތޫގާއާ ދިމާއަށް ނަހީކް ކިޔާނީ ރަންނަމާރިއެވެ. އިތުރު ނަމަކުން ދުވަހަކު މުހާތަބެއް ނުކުރެއެވެ. ތޫގާގެ ހަޤީޤަތް ވެސް ފުރަތަމަ އެނގުނު ފަރާތަކީ ނަހީކް އެވެ. ނަމަވެސް ތޫގާއަށް ކުރެވުނު އިތުބާރެއްގެ ސަބަބުން ނަހީކްގެ ބަހަށް އޭނައަށް ދެވުނީ ބީރުކަންފަތެކެވެ. އޭގެ ނަތީޖާ އޭނަގެ ޖިސްމަށް ފެތުރިގެން ދިޔައީ ހިތިކަމާއެކުގަ އެވެ.

”އޭނަ ކީއްވެގެންތަ އެދުވަހު ތިގޭގަ ހުރީ؟…” ނަހީކް އޮޅުންފިލުވަން ބޭނުން ވިއެވެ. މާއީއާއި އެއްފުރާޅެއްގެ ދަށުގައި ތޫގާ ހުރުން އެއީ ރަގަޅު ފާލެއް ނޫނެވެ. ތޫގާއަކީ ސިކުނޑި ހަމަނުޖެހޭ މޮޔައެކެވެ. އެމޮޔަ ރަންނަމާރި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. މާއީ ރައްކާތެރިކޮށްދޭން ޒިވާންއަށް ވެވުނު ވަސިއްޔަށް ފުރިހަމަކޮށްދޭން އޭނަ ބޭނުމެވެ. އެކަން ކުރެވެން އޮތީ ތޫގާގެ މުސީބާތުން މާއީ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްގެންނެވެ.

”ބަލިވެ އުޅޭތީ މަންމަ ގާތަށް ބަދަލުވީ…” ނަހީކް ކިތަންމެ އެކުވެރިކޮށް ވާހަކަދެއްކިޔަސް މާއީގެ އަޑުގައި އުނދަގޫ ގޮތެއް ހުއްޓެވެ. އޭނަގެ ޖުމްލަތައް ކުރެވެ.

”އެހެންތަ؟… ރަންނަމާރިއަށް ބަލައިގެން އުޅޭތި، އޭނައަކީ ހުރި ގޮތަށް ހުރި ފުރޭތަގަނޑެއް…” ނަހީކް އެދުނެވެ. އެއާއެކު ނަހީކްއަށް މާއީ ބަލާލިއެވެ. އެއަޑުގައި އޭނައާ މެދު ވި ކަންބުޑުވުމުގެ އަސަރުތައް ފާހަގަކުރެވުމުން އެދެލޮލުން ފާޅުވަމުން ދިޔައީ ހައިރާންކަމެވެ.

ނަހީކް ޖޯލީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލަމުން ބަލަަހައްޓައިގެން އޮތީ ގަސްތަކުގެ ތެރޭން ފުރޭނިގެން ގޮސް ފެންނަމުން ދިޔަ އުޑަށެވެ.

”ލަސްވީތީ މަޢާފަށް އެދެން އިނގޭ… ހެދުން އިސްތިރިކުރަން އުޅެނިކޮށް ހަނދާން ނެތިވެ މާ ދުން ގަދަކޮށްފަ ޖެއްސުނީމަ އެނދީ… މަންމައަށް އިސްތިރި ފެންނަ އިރަކުން އަހަރެންގެ ދުވަސް ދާނެ…” މައިގެއިން ނިކުމެގެން އައި ފަލަކް ޖޯއްޔާއި އަރާހަަމަކުރަމުން ވާހަކަދެއްކިއެވެ. ނަހީކްއާއި މާއީ ވާހަކަދައްކަން ތިބި ތަން ފެނި އޭނައަށް ހިނިތުންވެލެވުނެވެ. އޭނަ ހުރީ ނާހީކްއާއި މާއީ ބައްދަލުވުމުން ކަންތައް ވެދާނެ ގޮތަކާ މެދު ފިކުރުބޮޑުވެފައެވެ. ނަމަވެސް ދެޒުވާނުން ވެސް މާޒީ ހަނދާން ނައްތާލީތީ އޭނަ ހުރީ އުފާވެފައެވެ.

*****

ކޮޓަރީގައި ހުރި ތޫގާ ފާރުގައި އަޅުވާފައި ހުރި ކަލަންޑަރުގެ ސަފުހާއަށް ބަލާލިއެވެ. ކަލަންޑަރު ކުރިމައްޗަށް ހުއްޓިލަމުން ދެދުވަސް ދޫކޮށްފައި އޭގެން ފެންނަން އޮތް ތާރީހުގައި ޝަހާދަތް އިނގިލީގެ ކުރި ޖައްސާލިއެވެ. އޭރު އެދެލޮލުން ވޭނުގެ އަސަރު ފާޅުވެއެވެ. އެއީ އޭނަގެ ހަޔާތުގައި ބައްދަލުވި އެންމެ ހިތްދަތި ދުވަހެވެ. މުޅި ހަޔާތަށް ޒަލްޒަލާއެއް ވެސް ގެނުވި ދުވަހެވެ. އުފަލުން ފުރިގެންވި އެދުވަސް ކަޅު އަނދިރި ދުވަހަކަށް ބަދަލުވެގެން ދިޔައީ އޭނަގެ މުޅި ދިރިއުޅުމަށް ގިލަންވެރިކަން ގެނުވާފައެވެ. އުމުރުން ކުޑަކަމުގައި ވިޔަސް އަދިވެސް އެ ހިތާމަވެރި ދުވަސް އޭނަގެ ސިކުނޑީގައި ބިންވަޅު ނެގިފައި ވެއެވެ. އޭގެ ސަބަބުން އެތައް ހާސް ތަކުލީފެއް ވެސް ބަރުދާސްތުކުރަން ޖެހެ އެވެ.

*****

ހަަވީރުގެ ވަގުތެވެ. ކާރުން ފޭބި ތޫގާ މިސްރާބު ޖެހީ ސަހަރާއާއި ދިމާއަށެވެ. އެއީ ވަރަށް ފަޅު ހިސާބެކެވެ. ރަށުގެ ދެކުނު ފަރާތު ފުއްޓަރު ކައިރީގައި އޮންނަ ސަހަރާއަށް ދެވޭ ހަމައެކަނި މަގު އޮންނަނީ ފުނަ އަދި ކިނބި ގަސްތަކުން މަތި ބައްދާލާފައެވެ. ގެތައް ވެސް މަދު އެހިސާބު ގަނޑުގައި މީހުން ހޭލަމޭލަވަމުން ދާތަނެއް ވެސް ނުފެނެއެވެ.

ސަހަރާއަށް ވަދެގެން ދިޔަ ތޫގާ ގޮސް ހުއްޓުނީ މަހާނަތަކެއްގެ ކުރިމައްޗަށެވެ. އެވަގުތު އޭނަގެ ދެލޮލުން ކަރުނަ ހިލިގެން ދިޔަ އެވެ. ކުރުފައިމައްޗަށް ތިރިވެވުނު ހިނދު އޭނައަށް ރޮވިއްޖެއެވެ. މަހާނައާއި ދިމާއަށް ބަލަމުން ދިޔައީ ކަރުނުން ފުސްވެފައިވި ދެލޮލުންނެވެ. ހިތުގައިވި ޒަހަމްތަކުގެ ތަދު މުޅި ޖިސްމަށް ފެތުރުނެވެ.

*****

އޮފީސް ނިމެން އުޅުނު ގަޑީގައި ވާރޭ އޮއްސައިގަތުމާއެކު ނަހީކްއަށް ޖެހުނީ އޮފީހުގެ ބޭރުގައި ހިޔާވާން ހުރި ތަނުގައި މަޑުކޮށްލާށެވެ. އޭރު އޮފީހުގައި އުޅޭ ގިނަ އަދަދެއްގެ މުވައްޒިފުންތައް އެސަރަހައްދުގައި މަޑުކޮށްލައިގެން ތިއްބެވެ. އެއްބަޔަކު ތެމިގެން ވެސް ހެޔޮކަމަށް ގެއަށްދާން ވާރޭ ތެރެއަށް ނިކުންނަމުން ދިޔަ އެވެ.

ނަހީކްއާއި ކައިރިވެލާނެ ފުރުސަތަކަށް ކޮޅުމަތި ބަލަމުން އައި ސޯފީ ބުޑު އަބުރަމުން ގޮސް ނަހީކް ކައިރިއަށް ޖެހިލަމުމަށްފަހު އޭނަގެ ފައިކައްސާލިކަމުގެ ތަމްސީލެއް ކުޅެލިއެވެ. އަދި ހަޅޭއްލަވައިގަތެވެ. އޭނަގެ މަޤުސަދެއްކަމުގައި ވީ ނަހީކްގެ އަތު ތެރެއަށް ދިއުމެވެ. އެހަށިގަނޑުގެ ހޫނުކަން ފަޒާގައިވި ތެތްފިނިކަމުގެ ތެރޭން އިހުސާސްކޮށްލުމެވެ. ނަމަވެސް ސޯފީ އުއްމީދު ކުރި ފަދައިން އެއްވެސްކަމެއް ހާސިލެއް ނުކުރެވުނެވެ.

ފަޓުލޫނުގެ އަރިމަތީ ޖީބަށް އަތް ޖަހާލައިގެން ހުރި ނަހީކް ޖެހިލީ ދުރަށެވެ. އެއާއެކު ސޯފީ އަނގަވަތަށް ގޮސް ވެއްޓުނީ އެތާ ހުރި މާގަހެއްގެ ބުޑަށެވެ. ވީތަދުން ހަޅޭއް ވެސް ލަވައިގަނެވުނެވެ. އެވަގުތު ގިނަ ބައެއްގެ ހުނުމުގެ އަޑު އިވުމުން ގަތް ލަދުން ބިންގަނޑުފަޅާފައި އަޑިއަށް ދިޔަ ނަމައޭ ވެސް ސޯފީގެ ހިތަށް އެރިއެވެ. އުމުރު ދުވަހު އެހާ ބޮޑު ލަދެއްގައި ނުބެދެއެވެ. އަތުގެ އުޅޮބޮށީގެ އިތުރުން ފައިގެ ކަކުލުން ނަގަމުން ދިޔަ ދިލައިން އޭނަގެ ލޮލުން ކަރުނަ ވެސް އައިސްފިއެވެ. ހިތްވަރުކޮށްލަމުން އޭނަ ތެދުވާން އުޅުނު ވަގުތު ގާތަށް އައިސް ހުއްޓުނު ފިރިހެން ކުއްޖާ ދިއްކޮށްލި އެހީގެ އަތުގައި ހިފުމުގެ ބަދަލުގައި ސޯފީ ތުން އަނބުރާލިއެވެ. އަދި އަމިއްލައަށް ތެދުވެލަމުން ނަހީކްއާއި ދިމާއަށް ކަޅި އަޅާލިއެވެ.

”ނަހީކް… މިހާރު ވާރޭ ވެސް ހުއްޓާލީއެއްނު…. އަހަރެން ސައިކު ހަލާކުވެގެން އުޅޭތީ ގެއަށް ދާނެ ގޮތެއް ވެސް ނެތިފަ މިހުރީ… ހިނގާބަލަ އަހަރެން ގެއަށް ވައްޓާލަ ދޭން… ޕްލީޒް…” ވާރޭ ތުނިކޮށްލުމުން ސޯފީ ނަހީކް ގާތަށް ޖެހިލިއެވެ. ކޮންމެގޮތެއް ހަދާފައި ވެސް ނަހީކްއާއި ގާތްވާން ސޯފީ ބޭނުން ވިއެވެ.

”މަށަކީ މީހުންގެ ދަތުރު ނަގަން ހުރި މީހެއް ނޫން… ސައިކަލު ހަލާކުވެގެން އުޅެންޏާ ގަރާޖަށް ގެންދެބަލަ، އެހާވަރަށް އަތުގަ ފައިސާ ނެތިއްޔާ ދެފައި ބޭނުންކޮށްފަ އުޅެބަލަ، އެވަރުން އުޅެން ކަންނެތިއްޔާ ތިއްތި ދައްކަމުން އުޅޭ ފިރިހެނަކު ގާތު ބުނެބަލަ، އޭރަށް ދަތުރުކޮށްދީފާނެ… ކޮންމެހެން އަހަރެން ގާތު ބުނާނެ ކަމެއް ނެތް……” ސޯފީއާއި ހެދި ނަހީކް ހުރީ ބޮލަށް އުނދަގޫވެފައެވެ. ވާރޭ ހުއްޓަން ދެން މަޑުކުރުމުގެ ޚިޔާލު އޭނަ ދޫކޮށްލިއެވެ. އަދި ސޯފީއަށް އެއްވެސް ސަމާލުކަމެއް ދިނުމެއް ނެތި ހިސާބުގަނޑުގައި ހެދިފައި އޮތް ފެންގަނޑުތަކުން ރެކެމުން ގޮސް ޕާކްކޮށްފައިވި ސައިކަލަށް އަރައި ދުއްވާލިއެވެ. އެމަންޒަރު ބަލަން ހުރި ސޯފީ ތުން އަނބުރާލިއެވެ.

”ހެހެހެހެ… މަ އޭރު ވެސް ބުނީމެއްނު އެއީ އަނެއްއަތު ސޮރެކޭ… އެހެންވެޔޭ އޭނަ އަންހެން ކުދިންނާ ދުރުން އުޅެނީ… ރަގަޅަށް ވިއްޔާ އޭނަ ކުރިން އިނދެގެން އުޅުނު އަންހެން ގޮލާ ވެސް ވަރިވީ އެކަން ބަސްޓު ވީމަހެން މަށަށް ހީވަނީ…” ސޯފީ ކައިރިއަށް ހުއްޓުނު ޒުވާން ފިރިހެނަކު ބުނެލިއެވެ. އައި ރުޅީގައި ސޯފީ ކަޅިއަޅާލިއެވެ.

”ތަނަކުން ރީތިކަން ހުސްކުރި ފިރިހެނަކު ފެނުނީމަ ގޭއި އެކޭ ބުނަން ކަލޭ ތީކާކު؟، ހުވާ މިބުނީ ނަހީކްއޭ ކިޔައިގެން އޭގެ އަޑެއް ކަލޭ ފަތުރައިފިނަމަ އިރާލާނަން!… ކަލޭ ކިތަންމެ ވަރަކުން އުޅުނަސް ނަހީކްއާ ވާދައެއް ނުކުރެވޭނެ، ބޮޑު ފޫހިގަނޑު… ދުރަށްދާން އުޅޭ!… މުޅި މޫޑު ހަރާބުވެއްޖެޔޭ!…” ސޯފީ ހަޅޭއްލަވައިގަތެވެ. އަދި ކުދި ކިޔަމުން ގޮސް ޕާކިން ޒޯންގައި ހުރި ފިޔާތޮށިކުލައިގެ ސްކޫޓީއަށް އަރައި ދުއްވާލި އެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ހިތް އެދުނަސް… (20)

Next

ނަސީބުގެ މާތައް ބިންނާށެވެ.

Next
November 17, 2018

ނަސީބުގެ މާތައް ބިންނާށެވެ.

Previews
November 16, 2018

ހިތް އެދުނަސް… (20)

4 Comments!

  1. Hajja says:
    November 16, 2018 at 11:36 pm

    Thank u so much dear.. mi story v furihama.. abadhu kiyaahiyyvefa innanee.. ??????

  2. Hajja says:
    November 16, 2018 at 11:57 pm

    Thank u muthaa.. vv reethi mi story… v inthizaaru kurevey mivaahaka ah..

  3. Aisha says:
    November 17, 2018 at 12:16 am

    Thanksss muthaa
    Abadhu beleneee up vi thww
    He he
    Vvvvv reeethi ????

  4. Nim says:
    November 17, 2018 at 12:25 pm

    Vvv reethi

Comments are closed.

Next Episodeހޯދޭތޯ މަންޒިލެއް… 19←


All Right Reserved!