ހޯދޭތޯ މަންޒިލެއް… 19
ދެދުވަސް ފަސް…
ބޮޑުކޮޓަރީގައި ތިބި ޖާވިދާއި ބަސްމާއާ ދެމެދު ދެކެވެމުން ދިޔައީ ތޫގާގެ ވާހަކައެވެ. އަނެއްކާ ވެސް ނިދީގައި ތޫގާއަށް ހުވަފެންތައް ފެންނަން ފަށާފައިވާތީ އެކަމުގެ ކަންބޮޑުވުން ދެމަފިރިންގެ މޫނުމަތިން ވެސް ފާޅުވެއެވެ. ބަސްމާ އޭނައަށް ލިބިފައިވާ ހުނަރުގެ ބޭނުންކޮށްގެން ތޫގާއަށް މަދުވެރިވާން ވެސް އެތައް މަސައްކަތްކޮށްފިއެވެ. ނަމަވެސް ޅަ އުމުރުގައި އެފަދަ ކުއްލި ސިހުމަކާއި ކުރިމަތިލާންޖެހުމުން ލިބުނު ޝޮކުގެ ސަބަބުން ތޫގާއަށް ވަނީ ނަފުސާނީ ގޮތުން ނުހަނު އަސަރުކޮށްފައެވެ. އެތައް އަހަރެއް ވޭތުވެގެން ދިޔަ އިރު ވެސް އެވޭންތަކަށް ދާއިމި ޝިފާއެއް ހޯދައިދުނުމުގައި ބަސްމާ ނުކުޅެދިފައިވަނީ އެސަބަބާ ހުރެއެވެ. އޭނައަށް ކުރެވޭހާ ވެސް ކަމަކީ އަލާމާތްތައް ފެންނަން ފެށުމުން އެކަމަށް ވަގުތީ ހައްލެއް ހޯދައިދިނުމެވެ. ތޫގާ ބަރުދާސްތުކުރާ ވޭންތައް މުޅިން ފަސޭހަކޮށްނުދެވޭ ކަމުގެ އުދާސްކަން އަބަދުމެ ބަސްމާގެ ހިތުގައި ވެއެވެ.
”އަނެއްކާ މިއަދުމީ ޖުވޭރިޔާމެންގެ އެކްސިޑެންޓަށް ސަތާރަ އަަހަރު ފުރޭދުވަސް…” ހިތިކަމެއް ބަސްމާގެ އަޑުގައި ވިއެވެ. ބަސްމާގެ ކޮނޑުގައި ޖާވިދު އަތްޖައްސާލީ ހިތްވަރުދިނުމުގެ އިޝާރާތެއްގެ ގޮތުންނެވެ.
”އަހަރުމެން ކިތަންމެ މަސައްކަތެއް ކުރިޔަސް ތޫގާއަށް އޭނަގެ އަސްލު މައިންބަފައިންގެ ފަޅުކަން އިހުސާސްކުރެވޭނެ، އަހަރެން އަދިވެސް ހަނދާން އެބަހުރި އެކްސިޑެންޓަށްފަހު ތޫގާއަށް ކޮށްފައި ހުރި ފުން އަސަރުތައް… ހާދަ ދުވަހެއް ނެގިއޭ ހަމައަކަށް އެޅެން ވެސް… އަބަދު ނިދީގައޮ އޮވެ ރުއިމާއި އެކަނިވެފައި ހުރުން… އަހަރުމެން ހާދަ ވަރަކަށް މަސައްކަތްކޮށްގެންނޭ ތޫގާ ރަގަޅުވީ ވެސް… އަހަރެން ހާދަ ބޭނުމޭ ތޫގާ މުޅިން ރަގަޅު ވާ ތަން ދެކެން… ބަލިވެ އިންނަ ދުވަސްވަރު އެފަދަ ކަންތައް ލައިގަތުމަކީ ވެސް ރަގަޅުކަމެއް ނޫން… އަހަރުމެންގެ އަންހެންދަރީންނަށް މިވަނީ ކިހިނެއްތަ؟… އެއްވެސްކަހަލަ ހަމަޖެހުމެއް އެކުދީންނަށް ލިބެން ނެތީތަ؟…” ބަސްމާ ކަންބޮޑުވުން ފާޅުކުރިއެވެ. އޭރު އޭނައަށް ރޮވިއްޖެއެވެ.
”ބަސްމާ މާ ބޮޑަށޭ ކަންތަކާ މެދު ތިފިކުރުކުރަނީ… ތޫގާ ވެސް މިހާރު ވަރަށް ބޮޑުތަން ރަގަޅުވެފަ އެހުރީ… ރުކާން ވެސް އެބަހުއްޓެއްނު ތޫގާއަށް އެހީވެދޭން… ހަމައެއާއެކު އޭނަގެ މަންމައާއި ބައްޕަ ވެސް ގާތުގައި އެބަތިއްބެއްނު… މާއީއަށް ވެސް އެހީވެދޭން އަހަރުމެން އެބަތިބީމެއްނު، ހަމައެއާއެކު ކުރިއަށް ވުރެން މައީ ވެސް މިހާރު އެހެރީ ރަގަޅުވެ ހަމައަކަށް އެޅިފައި… ބަސްމާ އަބަދު އެކަންތަކާ ވިސްނާ ދެރަވެފައި ހުންނަންޏާމު ބަލިވެދާނެ… އޭރުން މާއީއާއި ތޫގާ ވެސް ދެރަވާނެ…” ޖާވިދު ހިތްވަރުލައިދިނެވެ. ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން ބަސްމާ އެތެރެއަށް ނޭފަތް ދަމާލިއެވެ. އަދި ބޯޖަހާލީ ޖާވިދުގެ ވާހަކަތަކަށް އެއްބަސްވަމޭ ބުނުމުގެ ގޮތުންނެވެ.
*****
އަތުގައި އޮތް އަލްބަމްގެ ގަނޑުތައް އުކަމުން ދިޔަ ތޫގާގެ ލޮލުގައި ކަރުނަތައް ވިދާބަބުޅަމުން ދިޔަ އެވެ. އަލްބަމްގެ އެންމެ ފަހު ސަފުހާގައި އިން ފޮޓޯގައި އޭނައަށް ފިރުމާލެވުނީ އުދާސްތަކާއެކުގައެވެ. އޭރު އޭނަގެ ތުންފަތުގައި މަޑު ތުރުތުރުލުމެއް އެކުލެވިފައި ވިއެވެ. އޭނަ ބޭރުފުށުން ކިތަންމެ ހިތްވަރުގަދަ މީހަކަށް ހެދިގެން އުޅުނުކަމުގައި ވިޔަސް ހަޤީޤަތުގައި އޭނަގެ ހިތަކީ ބަލިކަށި ހިތެކެވެ. އެހިތް ބަލިކަށިވެެގެން ދިޔައީ ލޯބިވާ މަންމައާއި ބައްޕަގެ ކުއްލި މަރުގެ ސަބަބުންނެވެ. އެހަނދާންތަކުން އަބަދުމެ އޭނަގެ ހިތުގައި ވޭންއަޅައެވެ. މަންމައާއި ބައްޕަގެ ފުރާނަނެތް މަސްގަނޑު އަދިވެސް ލޯކުރިމަތިން ސިފަވެއެވެ. ލެއިންތަތްތެޅި ހަރަކާތްކެނޑިފައިވީތަނެވެ. އެކްސިޑެންޓުގައި އޭނަގެ ފުރާނަ ސަލާމަތްވި ކަމުގައި ވިޔަސް އެދުވަހު ކުރެވުނު ބިރުވެރިކަމުގެ އިހުސާސްތައް އަދިވެސް ހިތުގައި ބިންވަޅުނެގިފައި ވިއެވެ. އެގިލަންވެރިކަމުން އަބަދުމެ ލޮލުން ކަރުނަ އޮހޮރިގެންދެ އެވެ.
އެއީ ތޫގާގެ އުމުރުން ހަތް އަހަރުގައެވެ. ވިޔަފާރި ދަތުރެއްގައި ދެ މަހަށް ވުރެން ގިނަ ދުވަހު ރާއްޖެއިން ބޭރުގައި އުޅެފައި ބައްޕަ އަނބުރާ ރަށަށް އަންނާތީ ތޫގާ ހުރީ ނުހަނު އުފަލުންނެވެ. މަންމައާއެކު ބައްޕަ ބަލާ ވައިގެ ބަނދަރަށް ދިޔަ އިރު ވެސް އެތުންފަތުގައިވި ހިނިތުންވުން ފިލައިގެން ނުދެއެވެ. އެތައް ދުވަހެއްގެ އިންތިޒާރަށް ފަހު ބައްޕައާއި ބައްދަލުވާނެތީއާއި އޭނަ ބުނި ހަދިޔާތައް ވެސް ލިބޭނެތީ އެކަމުގެ އުފާވެރިކަން ތޫގާގެ މޫނުން ހިނދުކޮޅަކަށް ވެސް ފިލައިގެން ނުދެއެވެ.
ބައްޕަ ނިކުންނަން ދެން އިންތިޒާރުގައި ހުރި ތޫގާއަށް ލަގެޖްތައް ހިފައިގެން ނިކުތް ބައްޕަ ފެނުމާއެކު ދުވެލާފައި ގޮސް ބައްދާލެވުނެވެ. އަދި އޭނަ ބުނި ހަދިޔާތައް ގެނައިތޯ ސުވާލުކުރި އެވެ. ލުއި ހިނިތުންވުމަކާއެކު ބައްޕަ ފުރަތަމަވެސް ދިއްކޮށްލީ ޓްރޯލީން ނެގި ޕާރުސަލެވެ. ވީ އުފަލެއްގެ ބޮޑުކަމުން ތޫގާއަށް ކުޑަކޮށް ހަޅޭއްވެސް ލަވައިގަނެވުނެވެ. އުފާވެރި ހިނިތުންވުމަކާއެކު ބައްޕަގައިގައި އަނެއްކާ ވެސް ބައްދާލެވުނެވެ.
ރަށްތަށް ގުޅުވާފައި އޮންނަ ލިންކްރޯޑުން ކާރު ދުއްވަމުން ދިޔަ އެވެ. ބްރިޖާ އަރާހަމަކުރެވުނު ވަގުތު، ކުޅެން އުޅުނު ބޯޅައެއް ލިންކްރޯޑް މައްޗަށް ދިއުމުން ގަސްކަރައިގެ ތެރޭން ކުއްލިޔަކަށް ކުޑަ ފިރިހެން ކުއްޖެއް ދުވެފައި ބޯޅަ ނަގަން ނިކުމެއްޖެއެވެ. ޑްރައިވަރަށް ވެސް އެކުއްޖާ ފެނުނުނީ ވަގުތު ނުތަންވަޅުވެފައި ވަނިކޮށެވެ. އެކުއްޖާ ގައިން ނެއްޓެން އުޅުނު ވަގުތު ކާރުގެ ކޮންޓްރޯލް ޑްރައިވަރުގެ އަތުން ދޫވުމާއެކު ބާރު ސްޕީޑުގައި ގޮސް ކާރު ޖެހުނީ ބްރިޖުގެ ތޭރިތަކުގައެވެ. އަދި ބާރު އަޑުފައްގަނޑަކާއެކު ކާރު ފުރޮޅާލިއެވެ. ހުރިހާކަމެއް ވެސް ހިނގީ ދިޔައީ ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ކާރުގައި ތިބި މީހުންނަށް ފުރާނަ ސަލާމަތްކުރަން މާބޮޑު ކަމެއް ވެސް ނުކުރެވުނެވެ.
ބާރުއަޑުފަށްގަނޑާއި ހަޅޭކުގެ އަޑު މުޅި ހިސާބުގަނޑުގައި ދިޔައީ ގުގުމާލައިގެންނެވެ. ބިއްލޫރިކޮޅުތައް އެކިތަންތަނަށް ބުރައިގެން ދިޔަ އިރު ބަޑިވެފައި އޮތް ކާރުގެ ތަޅައިގެން ގޮސްފައިވި ކުޑަދޮރުތަކުގެ ތެރޭން ލޭގެ ކޯރުތައް ދެމެމުން ދިޔަ އެވެ. އޭރު ކާރުގެ މެދާ ހިސާބުން ބްރިޖުގެ ރެއިލިންގްއެއް ބިންދައިގެން ގޮސް ކާރު ފޫއަޅުވާލާފައި ވިއެވެ. އޭގައި ވެސް ވަނީ ހުސް ލެޔެވެ. ވޭނީ ރުއިމެއްގެ އަޑު ވެސް އޭރު ކާރު ތެރޭން އިވެއެވެ.
ދަތުރު އައިސްފައި ތިބި މީހުންތަށް އެހިސާބަށް ޖަމާވާން ފެށީ ދެނެވެ. އެއްބަޔަކު އެމްބިއުލާންސާއި ފުލުހަށް ގުޅިއިރު އަނެއް ބަޔަކު ކާރު ކައިރިއަށް ޖަމާވެ އޭގައި ތިބި މީހުންގެ ހާލު ބެލުމަށް ހަރަކާތްތެރިވަމުން ދިޔަ އެވެ. ފެނުނު މަންޒަރުތަކުން ގިނަ ބަޔެއްގެ ބޮލަށް އެނބުރުން ވެސް އެރިއެވެ. އަނެއްބަޔަކަށް ހޮޑު ވެސް ލެވިއްޖެ އެވެ. އެއީ ބަލިކަށި ހިތްތަކަށް ބަލަން ކެތްވާނެ މަންޒަރުތަކަކަށް ނުވީމައެވެ. އޭރު ވެސް ކެނޑިނޭޅި އަންހެންކުއްޖެއްގެ ވޭނީ ރުއިމުގެ އަޑު އިވެމުން ދިޔަ އެވެ. މަންމާއޭ ކިޔައި ގޮވާއިރު ބޮޑު ވޭނެއް ތަހައްމަލުކުރަމުންދާކަން ވެސް އަޑުން ހެކިދެއެވެ.
ފަތުއަޑުކިޔާފައި ރަށުތެރެއަށް އެކްސިޑެންޓުގެ ޚަބަރު ފެތުރިގެން ދިޔަ އެވެ. ރާއްޖޭގެ ހުރިހާ މީޑިޔާއަކުން ވެސް ލިންކްރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޑްރައިވަރުގެ އިތުރުން ޢާއިލާއެއްގެ ފުރާނަ ދިޔަ ޚަބަރުތައް ރިޕޯޓް ކުރެވުނެވެ. އެކްސިޑެންޓްގައި ސަލާމަތްވީ ހަމައެކަނި ހަތް އަހަރުގެ އަންހެންކުއްޖެއް ކަމާއި އެކުއްޖާގެ ހާލު ސީރިޔަސް ވާހަކަ ވެސް ލިޔެވުނެވެ.
ބަސްމާއަށް އޭނަގެ ކޮއްކޮ ޖުވޭރިޔާގެ މަރުގެ ޚަަބަރު ލިބުމާއެކު ފައިގެ ދަށުން ބިންގަނޑު ދެމިގެން ދިޔަކަމުގެ އިހުސާސްކުރެވުނެވެ. މުޅި މީހާ ވީ ސިހުމެއްގެ ތެރޭގަ އެވެ. ގަނޑުވެފައިވި ހިއްސުތަކުގެ މައްޗަށް ވެރިވެގެން އައި ވޭންތަކާއެކު އޭނައަށް ރޮވުނެވެ. ހޮސްޕިޓަލާ ހަމައަށް ދެވުނު އިރު ވެސް ކަރުނަތަކަށް ހުއްޓުމެއް ނައެވެ. ޢާއިލާއަށް ލިބުނު ކުއްލި ޝޮކުން އަރައިގަންނަން އޭނައަށް ގޮންޖެހުންތަކާއި ކުރިމަތިވިއެވެ. އެއްކޮޅުން ކޮއްކޮއާއި ކޮއްކޮގެ ފިރިމީހާގެ މަރުގެ ޚަބަރެވެ. އަނެއްކޮޅުން ތޫގާ މަރާ ހަނގުރާމަކުރަމުން ދިޔަ ބިރުވެރި ޚަބަރެވެ. ހަދާނެ ގޮތް ހުސްވެ ބަސްމާ ވީ ސިހުމެއްގެ ތެރޭގައެވެ. ޖާވިދު ނެތްނަމަ އޭނައަށް ކަންތައްކުރާނެ ގޮތެއް ވެސް ނޭގުނީހެވެ.
ޖުވޭރިޔާމެންގެ ޖަނާޒާ ބޭއްވި އިރުވެސް ތޫގާގެ ހާލަތަށް ބަދަލެއް ނާދެއެވެ. ބޮލަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ޑޮކްޓަރުން ބުނަނީ ސީރިޔަސްކަމުގައެވެ.
ޖަނާޒާގެ ކަންތަކަށް ފަހު ހާލަތު ހަމައަކަށް ނޭޅެނީސް ލިބުނީ ތޫގާގެ ސިއްހީހާލަތު އަޑިއަޅާލި ޚަބަރެވެ. އެއާއެކު ރިހޭފައިމައްޗަށް ފޮތްވެއްޓުނުކަމުގެ އިހުސާސް ބަސްމާއަށް ކުރެވުނެވެ. ހިތާމައަކަށްފަހު ހިތާމައެއް ކުރިމަތިވާތީ އޭނަ ވެސް ހުންނަނީ ގިލަންވެރިކަމެއްގެ ތެރޭގައެވެ.
މާތްﷲގެ އިރާދަފުޅާއެކު ތޫގާގެ ހާލަތު ރަގަޅުވާން ފެށުމުން ވަގުތުން ތޫގާ ގޮވައިގެން ރާއްޖޭން ބޭރަށް ބަސްމާ ފުރިއެވެ. ޖުވޭރިޔާ މިދުނިޔެއަށް ދޫކޮށް ދިޔަ އަމާނާތަށް ރައްކާތެރިވާން އޭނަ ބޭނުންވިއެވެ. އޭނަ ފިޔަވާ ތޫގާގެ މަންމަ ފަރާތު އިތުރު ބަޔަކު ވެސް ދުނިޔޭގައި ނެތް ވިއްޔާއެވެ. ތޫގާގެ ބައްޕަ ފަރާތު މީހަކާ ތޫގާ ހަވާލުކުރަން ބަސްމާގެ ހިތް ޤަބޫލެއް ނުވިއެވެ. އޭނަ ބޭނުންވީ ޖުވޭރިޔާގެ ދަރިފުޅު އޭނައަށް ފެންނަ ހިސާބުގައި ހުރުމަށެވެ. އެއީ އޭނަގެ ކޮއްކޮ ވެސް ބޭނުންވާނެ ގޮތް ކަމުގައި ވާނެތީއެވެ. އެހާހިސާބުން ތޫގާގެ ހުރިހާ ޒިންމާއެއް ވެސް އުފުލަން ގަސްދުކުރީ ބަސްމާ އެވެ. އޭނަގެ އެނިންމުމަށް ޖާވިދު އެއްބާރުލުން ދިނެވެ. އެފަދަ ނާޒުކު ދަނޑިވަޅެއްގައި ތޫގާއަށް ހުރިހާ ގޮތަކުން ވެސް މަދަދުވެރިވާން ޖާވިދު ވެސް ބޭނުންވި އެވެ.
އެތައް އޮޕަރޭޝަނަކަށް ފަހު ތޫގާގެ ސިއްހީ ހާލަތު ހަމައަކަށް އެޅުނެވެ. ނަމަވެސް އެއްވެސް މީހަކާ އަނގައިން ވެސް ނުބުނެ އޭނަ އެތައް ދުވަހެއް ވަންދެން ހުއްޓެވެ. އަބަދު އެކްސިޑެންޓް މަތިން ހަނދާންވެ ރުއިން ނޫންކަމެއް ނުކުރެއެވެ. މަންމައާއި ބައްޕަ ގާތަށް ގެންދިއުމަށް ރޮއެ އާދޭސްކުރިއެވެ. މަންމައާއި ބައްޕަ އޭނަ ދޫކޮށް ގޮސްފިކަމުގެ ހިތި ހަޤީޤަތް ތޫގާއަށް ޤަބޫލެއް ނުކުރެވުނެވެ. އޭނަ ވީ ސިހުމެއްގެ ތެރޭގައެވެ.
ވަގުތަކީ ހުރިހާކަމަށް ވެސް ޝިފާއަކަށް ވާ ފަދައިން މަޑުމަޑުން ތޫގާ ހަމައަކަށް އެޅެމުން ދިޔަ އެވެ. ލިބެމުން ދިޔަ ނަފުސާނީ ފަރުވާއިން މުޖުތަމައުގެ ތެރެއަށް ނިކުމެ އުޅެން ހިތްވަރު ލިބުނެވެ. މީހުންނާއި ކުރިމަތި ލުމަށް ވެސް މެއެވެ. ޒަހަމްވެފައިވި ތޫގާގެ ހިތަށް އެންމެ ބޮޑު ޝިފާއެއް ކަމުގައިވީ ބަސްމާއާއި ޖާވިދުގެ ފަރާތުން ލިބެމުން އައި އިންތިހާ ދަރަޖައިގެ ލޯތްބެވެ! އަޅާލުމެވެ! އޯގާތެރިކަމެވެ! ސަމާލުކަމެވެ! މަންމައާއި ބައްޕަގެ ކުއްލި ވަކިވެދިއުމުން ހިތުގެ ޝިފާއަކަށްވީ އޭނަގެ ބޮޑުދައިތަ އެވެ. މަންމައެއްގެ ދަރަޖަ ވެސް ދެވުނީ އެހެން ވެއެވެ. އޭނައަށް ބަހައްޓާ ލޯތްބާއި އޯގާތެރިކަމުންނެވެ. ތޫގާއަށް ކޮއްފައިވާ ނަފުސާނީ އަސަރުތަކުން، އޭނަ އަަބަދުމެ ބޭނުންވަނީ ބަސްމާއާއި ޖާވިދުގެ ލޯބި އޭނައަށް ލިބޭށެވެ. އެމީހުންގެ ސަމާލުކަން ވެސް އޭނައަށް ލިބޭށެވެ. އެއީ ނުރައްކާތެރި ބަލިމަޑުކަމެއްގެ ސިގުނަލެއްކަން އެއްވެސް ބަޔަކަށް އޭރު ރޭކާ ނުލިއެވެ. ބޭރުފުށުން އެކަމުގެ އެއްވެސް ނިޝާނެއް ފާހަގަ ކުރެވުމުގެ ފުރުސަތު ތޫގާ ނުދިނީތީއެވެ. އެހުރިހާ އިހުސާސެއްވީ އޭނަގެ ހިތުގި ގައިދުކުރެވިފައެވެ. ވަރުގަދަ ތޫފާނެއްގެ ކޮޅުމަތި ފެންނަން ފެށީ ދެނެވެ.
ތޫގާގެ ހިތުގައި މާއީއަށްޓަކައި ރުޅިވެރިކަމާއި ނަފުރަތު އުފަންވެގެން އައީ އެހިސާބުންނެވެ. ބަސްމާއާއި ޖާވިދުގެ ލޯތްބަކީ ހަމައެކަނި ތޫގާގެ ހައްޤެއްކަމަށް ދެކެން ފެށި ހިސާބުންނެވެ. މާއީއަކީ އެދެމަފިރިންގެ އުފަން ދަރިފުޅަށްވިކަމުގައި ވިޔަސް ތޫގާ ދެކުނީ މާއީއަށް ވުރެން ބޮޑަށް އޭނައަށް އިސްކަން ދެވެން ޖެހޭނެ ކަމުގައެވެ. މާއީއަށް ބަސްމާ ލޯބިން ބަހެއް ބުނެލިޔަސް ހިތުގައި ޖެހި ތޫގާ ރުޅި އާދެއެވެ. ދެކުދިންގެ ދެމެދުގައި އެއްވެސް ކަހަލަ ތަފާތުކުރުމެއް ނުގެންގުޅުނުކަމުގައި ވިޔަސް ތޫގާއަށް އިހުސާސްކުރެވެމުން ދިޔައީ މާއީގެ ސަބަބުން މަންމައާއި ބައްޕަގެ ލޯބިން އޭނަ މަހުރޫމްވެދާނެ ކަމަށެވެ. މާއީއަކީ އޭނަގެ ދުޝްމަނެއްކަމުގައި ދެކެން ފެށީ ވެސް އެބިރުވެރިކަމުގެ ސަބަބުންނެވެ. ބަސްމާމެންގެ ރުހުން ހޯދަން މާއީއާއި އެކުވެރިކަން ބޭއްވިކަމުގައި ވިޔަސް އެހިތުގައި އޮންނަ ރުޅިވެރިކަން ސިއްރުވެފައިވީ ތޫގާގެ ހިތުގެ އަނދިރިކަމުގެ ތެރޭގައެވެ.
ބޮޑުވަމުން އައިއިރު މާއީގެ ރީތިކަން ފެނި ތޫގާ ހަސަދަވެރިވިއެވެ. ތޫގާއަށް އިހުސާސްކުރެވެމުން ދިޔައީ މާއީގެ ސަބަބުން އޭނަގެ ރީތިކަން އެހެެނިހެން މީހުންގެ ލޯކުރިމަތީގައި ފަނޑުވަމުންދާކަމަށެވެ. އޭނައަށް ސަމާލުކަން ނުލިބޭ ކަމަށެވެ. އޭގެ ސަބަބުން ތޫގާގެ ހިތުގައިވި ނަފުރަތުގެ ރުޅިގަނޑު ވޭތުވެދާ ކޮންމެ ދުވަހަކާ އެކު ދިޔައީ ގަދަޔަށް އަނދަމުންނެވެ. އިންތިހާއަށް ރުޅިއައިކަމުގައި ވިޔަސް އޭނަ މާއީއާ ބައްދަލުކުރަނީ ލޮބުވެތި ހިނިތުންވުންތަކެވެ. އަމަލުތަކުން އިޝްތިހާރު ކުރަނީ ދައްތަދެކެ ވާ ލޯތްބެވެ. ބަހައްޓާ އޯގާތެރިކަމެވެ.
ހަޤީޤަތުގެ ކުޑަ ވެސް ހިލަމެއް ނުވާ މާއީ ވެސް ތޫގާ ދެކެ ނުހަނު ލޯބި ވިއެވެ. އެހެނަސް އޭގެ މާނަ ތޫގާ ނެގީ މުޅިން ނުބައި ގޮތުގައެވެ. އޭނަ ދެކުނު ގޮތުގައި އެއީ މާއީ އޭނައަށް ކުރާ މަލާމާތެކެވެ. އޭނަގެ އަތުން ލޯތްބާއި ސަމާލުކަން ފޭރޭނެންކަމަށް ދޭ އިންޒާރުތަކެވެ.
ޕްރައިމަރީ ގްރޭޑްތަކުގައި އުޅުނު އިރު ވެސް މާއީއާއި އެހެނިހެން ކުދިންނާ ވަގުވަގަށް މައްސަލަ ޖައްސާ ރުޅިވެރިކަން އުފައްދަން ފެށީ ވެސް މާއީ ބާކީ ކުރާށެވެ. މާއީއަށް ލިބޭ ކާމިޔާބީ ތަކުގައި ކްލާސް ކުއްޖަކު ބައިވެރި ނުވާނެހެން އޭނަ އަމަލުތައް ބެހެއްޓިއެވެ. މާއީއާ ގުޅުވައިގެން ތަފާތު އެކި ވާހަކަތައް ފަތުރާ ހެދީ އެއްވެސް މީހެއްގެ ޝައްކުގެ އިނގިލި އޭނައަށް ދިއްނުކުރެވޭނެހާ ރޭވުންތެރިކަމާއި މަކަރުވެރިކަމާއެކު ގައެވެ. ކޮންމެ ކުއްޖަކު ވެސް މާއީ ދެރަކޮށްލަން އުޅޭ ވަގުތު ދެއްކުންތެރިކަމުގެ ހިޔަނީގައިވި ތޫގާ މާއީގެ ދިފާއުގައި ތެދުވަނީ އޭނަގެ ހިތްހެޔޮކަމާއި ކޮއްކޮދެކެ ވާ ލޯބި އިޝްތިހާރުކުރާށެވެ. އޭގެން ވެސް އޭނަ މަޝްހޫރުވާން އުޅުނެވެ. މަންމަމެން ކުރިމަތީ މާއީގެ ދިފާއުގައި ތެދުވެ އެމީހުންގެ ސަމާލުކަން ހޯދަން އުޅުނެވެ. ތޫގާގެ އެއްވެސް އަމަލަކަށް އެއްވެސް މީހަކަށް ޝައްކެއް ނުކުރެވުނެވެ. އިހުސާސްތައް ފޮރުވަން ތޫގާ ނިކަން މޮޅެވެ. އޭނަ ބޭނުންވާ ސިފައެއް މެނުވީ މީހަކަށް ހާމަވިޔަކަ ނުދެއެވެ. ހަމައެއާއެކު އޭނަގެ ބަލިފަޔެއް ވެސް އިތުރު މިހަކަށް ހާމަވިޔަކަ ނުދިނެވެ.
*****
ތިން މަސް ފަސް…
ދުވަސްތައް ފާއިތުވަމުން ދިޔަ އެވެ. މާއީގެ ހިތުގައި ޖައްސަން އަތުރަމުން ދިޔަ މަޅިފަތިތަކުގެ ހަމަލާތައް ކޮންމެ ދުވަހަކު މާއީއަށް ތޫގާ އަމާޒުކުރެއެވެ. ރުކާންގެ ފަރާތުން އޭނައަށް ލިބޭ ސަމާލުކަމެވެ. ބަލިވެ އިންނަ ދުވަސްވަރު ފިރިމީހާގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި ލޯތްބެވެ. އޯގާތެރިކަމެވެ. ސްކޭން ހަދަން ދާއިރު ފިރިމީހާ ގާތުގައި ހުރުމުން ލިބޭ އުފާވެރިކަމެވެ. ދަރިފުޅާއި މެދު ކުރެވޭ އުއްމީދުތައް ދެމަފިރިންގެ ދެމެދުގައި ހިއްސާކުރެވެމުން ލިބޭ ހިތްހަމަޖެހުމެވެ. މިހުރިހާކަމެއް ތޫގާ އަތުރަމުން ދިޔައީ އޭނަގެ މަޤުސަދު އިތުރު މީހަކަށް ދޭހަ ނުވާނެހެންނެވެ. ބަސްމާމެން ގިނަ ވަގުތު ކޮމިޓީ ކަންތަކުގައި ބޭރުގައި އުޅޭތީ މާއީ އާއި ދިމާކޮށްލުމުގެ ދޮރުތައް ތޫގާއަށް އޮންނަނީ އަބަދުމެ ހުޅުވިފައެވެ.
ތޫގާގެ އަމަލުތަކުން މާއީގެ ހިތަށް އިންތިހާއަށް އަސަރުކުރިއެވެ. ޒިވާން ނެތުމުގެ ފަޅުކަން ވެސް އިހުސާސްކުރެވެމުން ދިޔަ އެވެ. އޭނަގެ އެކަނިވެރިކަން ވެސް މެއެވެ. އުދާސްތަކާއި ހިތާމަތައް ވެސް މެއެވެ.
އެކަނިވެރިކަމުގެ ބޯފާރުތައް އައިސް އޭނަ ފިސްފިސްކޮށްލަން މަސައްކަތްކުރުމުން އޭނަ އެކުވެރިންގެ މަދަދު ހޯދިއެވެ. ގިނައިން ބޭރު ތެރެއަށް ނިކުމެ އުޅެން ފެށީ ގޭގައި އެކަނި ހުންނަން ބޭނުންނުވާތީއެވެ. ފަލަކްގެ އެކުވެރިވެރިކަމުގައި ގިނައިން އެގެއަށް ދެވުމުގެ ނަތީޖާއަކަށްވީ ޔަލްވީއާއި މާއީގެ ގުޅުން ބަދަހިވެގެން ދިއުމެވެ. ޔަލްވީގެ މައުސޫމްކަމުން މާއީގެ ހިތަށް ފިނިކަން ގެނެސްދިނެވެ. ހަމައެއާއެކު ލަސްލަހުން ނަމަވެސް ނަހީކްއާއި ވެސް އެކުވެރިކަން ބަދަހިވަމުން ދިޔަ އެވެ. ނަހީކް އޭނައަށް ދޭ ސަމާލުކަން ދޭހަކުރަން ނޭގި މާއީ ހުންނަނީ ސުވާލުމާކުތަކެއްގެ ތެރޭގައެވެ. އޭނަގެ ހިތްވަނީ އެގޮތް ނޭގޭ އިހުސާސްތަކާ ހެދި ބަހުސެއްގެ ތެރޭގައެވެ. ނަހީކްގެ އަޅާލުން ނަގާނެ ގޮތެއްވެސް އޭނައަކަށް ނޭގުނެވެ.
ފާއިތުވާ ދުވަސްތަކާއެކު ލަސްލަހުން ވިޔަސް މާއީގެ ހިތުގެ އުދާސްތައް ފަސޭހަވަމުން ދިޔަ އެވެ. ނަމަވެސް ތޫގާ ހުންނަނީ އެކަން ހާސިލު ވިޔަ ނުދޭން ފައިވިއްދާލާފައެވެ. ބަދަހިވަމުން އައި މާއީއާއި ނަހީކްގެ ގުޅުން ފެނި ތޫގާ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ހަމައެއާއެކު މާއީއާއި ޔަލްވީއާ ދެމެދު އޮންނަ ސާފު ގުޅުން ފެނި ހަށިގަނޑުގައި އަލިފާން ރޯވާހެން ހީވެއެވެ. ޔަލްވީއާއެކު މާއީ ހުންނަ ވަގުތު އެމޫނުގައިވާ އުފާވެރިކަން ފޭރިގަންނަން އޭނަ ބޭނުންވެއެވެ. ނަމަވެސް ކުރިމަތިލާން ނުކެރެނީ ފަލަކް އާއި އޭނަގެ ބައިގަނޑު މާއީއާއެކު ތިބޭތީ އެވެ. ނުވީތާކަށް ނަހީކް ވެސް މާއީއާއެކު ހުރެ އެވެ. އެދެމެދުގައި އެއްވެސް ގުޅުމެއް ބަދަހިވާން ނޭދޭތީ ސޯފީއަށް އެކިއެކި ޚިޔާލުތައް ތޫގާ ދެމުން ދިޔަ އެވެ. ނަހީކްގެ ހިތަށް ސޯފީއަށް ވާސިލު ވެވޭތޯ އެވެ.
*****
ހެނދުނު ދިހައެއްޖަހަން އުޅެނިކޮށެވެ. ޓީވީން ދައްކަމުން ދިޔަ އިހުޒަމާނުގެ ހިންދީ ފިލްމެއް ބަލަން މާއީ އިނީ ބޮޑުކޮޓަރީގައެވެ. އެވަގުތު މާއީ ގޭގައި އިނީ އެކަންޏެވެ.
”ކޮބާ މިއަދު ސްކޭން ހަދާކަށް ނުދަންތަ؟…” ޑޮކްޓަރަށް ދައްކައިގެން އައި ތޫގާ ބުނެލިއެވެ. މީޓިންގްއެއް އޮތުމުން ތޫގާ ގެއަށް ލާފައި ރުކާން ދިޔައީ އޮފީހަށެވެ. މަންމައާއި ބައްޕަ ވެސް ގޭގައި ނޫޅޭ ގަޑިއެއްކަން ތޫގާއަށް އެނގުނެވެ. ލިބުނު ރަނުގެ ފުރުސަތާއެކު މާއީގެ ހިތަށް ވިހައިން ފޯކޮށްލެވިފައިވާ ދުނިތީރުތަކުގެ ހަމަލާތައް އަމާޒުކޮށްލަން އޭނަ ގަސްދުކުރިއެވެ.
”ރުކާން އަހަންނާއެކު ސްކޭންތަކަށް ދިޔައީމަ ހާދަ ހިތްހަމަޖެހެއޭ… ދެމީހުން އެކީގަ ބޭބީގެ ހާޓްބީޓް އަޑު އަހާލާ ބޭބީގެ މޫވްމެންޓްތައް ބަލާލާ އިރު ހާދަ ހިތްހަމަޖެހުމެއް ލިބެޔޭ… އިޓްސް ދަ ބެސްޓް ފީލިންގް އެވާރ… ހާއްސަ ގޮތެއްގައި ފިރިމީހާ ގާތުގައި ހުރުމުން އުފާވެރިކަން ދެގުނައަށް އިތުރުވެގެން ދޭ…” ކޮނޑުގައި އޮތް އަތްދަބަސް ތެރޭން ލިޔެކިޔުންތަކެއް ނަގަމުން ތޫގާ ސަޅިބައިސާކެނޑިއެވެ.
މާއީގެ ބަޑަށް ހަމަސް ވެފައިވުމުން މީހާރު ބަނޑު ވަރަށް ބޮޑަށް އަޅައިގަނެއެވެ. ކިތަންމެ ދޫހެދުމެއްލީ ކަމުގައި ވިޔަސް ބަނޑު ފާހަގަ ވެއެވެ. ބަނޑުބޮޑުވުމުން އައި ބަދަލުތަކުގެ ތެރޭން މާއީގެ ރޫފަ ރަގަޅުވެ މޫނުގައި ހިތްގައިމު ވިދުމެއްގެ އަސަރު ވެއެވެ. ބޮލުގެ އިސްތަށިގަނޑު ވެސް އިހުނަށްވުރެން ވަރުގަދަ ވެއްޖެއެވެ. އެހުރިހާ ބަދަލުތަކުން މާއީގެ ރީތިކަން ފުރިހަމަވެފައިވެއެވެ.
ތޫގާ ރުޅިވެރިކަމާއެކު ލޯއަޅާލީ މާއީގެ ރީތިކަން ފާއިތުވާ ކޮންމެ ދުވަހަކާއެކު ފުރިހަމަވާތީއެވެ.
”ފިރިމީހާގެ އަޅާލުން ނުލިބި ވިހެއުމާ ހަމައަށް ދިއުމަކީ ހާދަ ފީކަޅާ ކަމެކޭ…” ތޫގާ ބުނެލި އެވެ.
ތޫގާ އަމާޒުކޮށް ފޮނުވާލި ދުނިތީރުތައް ވަކިކަފާލާފައި ގޮސް މާއީގެ ހިތުގެ ފުންމިނަށް ހެރުނެވެ. އެފަދަ ކިތަންމެ ތީރެއް ދުވާލެއްގެ މައްޗަށް ތޫގާ އަމާޒުކުރެއެވެ. މާއީ ހުންނަނީ މިހާރު އެކަމަށް ހޭނިފައެވެ. ނަމަވެސް އެވިހަ ދުލުގެ އަސަރު ކޮންމެ ފަރަހަކު ހިތަށް ކުރެއެވެ. ތޫގާއަށް ލިބޭ ކޮންމެ ފުރުސަތެއްގައި އޭނަ ބިކަކޮށްލާތީއެވެ. ޒިވާން ނެތްކަމުގެ ފަޅުކަން އިހުސާސްކުރުވާތީއެވެ.
މާއީ އެއްޗެއް ނުބުންޏެވެ. އޭގެ ސަބަބުން ތޫގާ ގާތަށް ރުޅި އައެވެ.
”ދެން ތި ދަރި ލިބުނީމަ ވެސް މަންމައާއި ބައްޕަގެ ތައްޕާހުން އުޅެންތަ ވިސްނުމަކީ؟… އޫޕްސް، އެހެން ދޯ އުޅެން ޖެހޭނީ… ދަރީގެ ބައްޕަ އޮތީ ފަސްގަނޑު ދަށުގަ ކުނިވެފަ ވިއްޔާ… އެކަމަކު ހިޔެއް ނުވޭ މިހާރު ކަލެއެއް އެކަމުގެ އަސަރު ކުރާހެނެއް… ކަލޭ އެފިރިހެނާ ދެކެ ވީ މޫސުމީ ލޯތްބެއްނު، މިހާރު ކަލޭގެ ހަޤީޤީ ލޯބިވެރިޔާ ފަހަތުންނެއްނު އަަބދު ދުވަނީ… ރެޔާ ދުވާލު އެގޭގައި، ނަހީކްގެ ދަރި އަމިއްލަ ކުރެވޭތޯ… ކަލޭތީވާ ބޯ ހުރި އަންހެނެއް… ކަލޭގެ ރޭވުންތެރިކަމަށް މަ ހަމަ ސަތޭކަ ދޭނަން…” ތޫގާާ ލޯއަޅާލިއެވެ.
މާއީއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އޭނަ ތޫގާއާއި ކުރިމަތިލުމަކަށް ދިޔަ އެވެ.
”ހުއްޓާލާ!، ތޫގާގެ ހަޤީޤަތް އަހަރެން ބޭޒާރު ނުކުރަނީސް ތިކަން ހުއްޓާލާ، ވަރަށް ގިނަ ދުވަހު ކެތްކޮށްފިން!، އަހަރެންގެ ދަރިފުޅު ބެލުމުގެ ޤާބިލުކަން އަހަރެންގެ އެބަހުރި، އެދަރިފުޅުގެ ބައްޕަ މިދުނިޔެ ދޫކޮށް ދިޔަ އިރު ދިޔައީ އަހަންނާއި އޭނަގެ ދަރިފުޅަށް މުޅި އުމުރު ދުވަހު ތަނަވަސްކަމުގައި އުޅެވޭނެ މަގު ފަހިކޮށްދީފައި… އަހަރެން ޒިވާންއާ މެދު ހިތާމަކުރާތަން ކޮންމެހެން ތޫގާއަކަށް ދައްކާކަށް ނުޖެހޭނެ… އަހަރެން ޒިވާން ދެކެ ވީ ލޯބި ވެސް ނުޖެހޭ ތޫގާ ކުރިމަތީގައި ފާޅުކުރާކަށް… އެއީ ތޫގާއާއި ބެހޭ ވެސް ކަމެއް ނޫން… އަހަރެންގެ ދިރިއުޅުމަށް ފާޑުކިޔަން ތޫގާ ތީ ކާކު؟… ނަހީކްއާއި އަހަންނާ ދެމެދު އޮތްނަ އެކުވެރިކަމާ ގުޅުވައިގެން ތިފަދަ ހަޑިހުތުރު ވާހަކަ ދައްކަނީ ކީއްވެ؟… ތޫގާގެ ހިތަށް އެކަމުން އަސަރުކުރަނީތަ؟… އެއީ ކީއްވެތަ؟… ތޫގާ ހާސިލުކުރަން ބޭނުންވަނީ ކޮންކަމެއްތަ؟…” ތޫގާއަށް ވަރު ގަދަ ރައްދެއް މާއީ ދިނެވެ. އަނގަ ސަކަރާތްވެފައި ތޫގާ ސޯފާގައި އިނެވެ. މާއީގެ ހަރުކަށިކަމާއި ދެލޮލުގައިވި އިންޒާރުތަކުން އޭނަގެ ހިތުގައި ބިރުވެރިކަމުގެ ވިންދު ޖަހާލިއެވެ.
”ފަހު ފަރަށް މިބުނަނީ ތޫގާގެ ތި އުޅުން އިސްލާހުކުރަން އުޅޭ!، އެހެންނޫނީ ތޫގާ ކަންތައް ތިކުރާ ގޮތުގެ ފިލާވަޅު ނަގައިގެން ރައްދު ދޭން ވެސް އަހަންނަށް އެނގޭ… މިހުރިހާ ދުވަހު އެއްޗެކޭ ނުބުނެ ހުރީ ނުކެރިގެންނެއް ނޫން… ކޮންމެވެސް ކަހަލަ ޤަދަރެއް ތޫގާއަށް ކުރެވުނީތީ… އެކަމަކު މީގެ ފަހުން އެޤަދަރެއް ތޫގާއަކަށް ނޯންނާނެ… އަހަރެންގެ ދަރިފުޅަށް ނިކަމެތިކަމެއް ގެންނަން މަސައްކަތްކޮށްފިއްޔާ އަހަރެން ދެނެއް ތޫގާއަކަށް މަޢާފެއް ނުކުރާނަން!…” ކޮޓަރިއަށް ދިއުމުގެ ކުރިން ތޫގާއަށް މާއީ އިންޒާރު ދިނެވެ. އޭނަ އެއްޗެއް ނުބުނެ ކެތްކުރަން ވަރަށް މަސައްކަތްކޮށްފި އެވެ. ނަމަވެސް ހިތަށް ކެތްނުވާ ހިސާބަށް ދިއުމުން ހިމޭނުން ނުހުރެވުނީ އެވެ.
މާއީ ދިޔަ ދިމާއަށް ބަލަން ތޫގާއަށް އިދެވުނީ ރުޅި އައިސްފަ އެވެ.
”މަށަށް އިނގެޔޭ އެ ނަހީކް ކަލެއަށް އެހީވާން ހުރީމަކަން ކަލޭ މާ ބޮޑަށް މޭފުއްޕާލާފަ ތިއުޅެނީ… ފުރަތަމަ ވެސް ކަލޭމެން ދެމީހުން ދުރުކުރެވުނު ނަމައޭ މިހާރު ހިތަށް އެބައަރާ…” ތޫގާ ވަގުތުން ގުޅާލީ ސޯފީއަށެވެ. އަދި ނަހީކުއާއި ގުޅުމަށް ސޯފީއަށް މަދަދުވެރިވެދޭނަންކަމަށް ބުނެލި އެވެ.
(ނުނިމޭ)
9 Comments
Comments are closed.
Varah reethi ingey…?? Kon iraku next part up koh dheyni?
Unmeedhu kuran vaahaka kiyuntherinah kamudaane kamah. Mihaaru Vaahaka midhani nimumaa hamayah, Dhen baakii inaani ha episode. Unmeedhu kuran Vaahaka shaguverikamaa eku nimedhen huihaa kiyuntherin ves kiyaanaekamah, Comment takah reply nudevunas Mutha abadu ves comment tah kiyan hus vagutheh vaairah. Hurihaa kudinah ves varah bondah shukuriyaa. Adhi thiru bayeh iraadhakurehviyaa mirei shaaiu kohla deynan.
????
Mutha I love you
Thankssss muthaa
Muthaaa
Mi hama habeysss..
?????
Thugaa kanthah firimeehaa ah falhaa aruvaala bala
Thank u muthaa vaahaka varah reethi ekamaku dhen eulhey rannamaariah rangalhu filaavalheh dheyn vehje edakaathuge kanthah maa mahchah edhanee ,naheek n maai gulhuvaa eyrun rannamaari dhe kanfathun rangalhah aavi araanee,
Mi episode ves vvv kamudhey.
Mi vaahaka haadha avahakah thi ninmaalee .?
Adhi unmeedhu kuran thoogaage ehera nubai khasee lathun filaavalheh libeyne kamah ?
Vaahaka vvvsalhi asluves muthaage vaahakathah vvv interesting ?? vvvunmeedhu kuran thi lobuvethi writter ge vaahaka mi siteun kiyaa ln libeynekamah ??