ހޯދޭތޯ މަންޒިލެއް… 17
ތޫގާ ފެނުމުން ވީ ފޫއްސެއްގެ ބޮޑުކަމުން ނަހީކް ހިނގައިގަތީ އެގެއިން ނިކުތުމަށެވެ. ނަމަވެސް ވަކިހިސާބަކަށް ދެވުނުތަނާ ތޫގާ ބުނެލި އެއްޗަކުން ފަސްއެނބުރި ބަލާލެވުނީ ހައިރާންކަމާއެކުގައެވެ. އޭރު މާއީ ވެސް ސިހިފައި ތޫގާއަށް ބަލާލިއެވެ.
”ބަލަ ދަނީތަ؟… ނަހީކް އަންނާނެ އިރެއްގެ އިންތިޒާރުގައި ކުޑާ ހުންނަތާ ކޮން އިރެއް… ވާހަކަ ވެސް ނުދައްކާތަ ތިދަނީ؟… އަހަރުތަކެއް ފަހުން ފެނުމުން ދައްކަން ލައްކަ ގިނަ ވާހަކަތަކެއް ވެސް ހުންނާނެއެއްނު… ތީ ކުރީގެ އެންމެ ގާތް ދެމީހުން ވިއްޔާ… މިހާރު އިތުޅޭ ގޮތަކުން ހީވަނީ ދެ ބީރައްޓެހިންހެން… ނަހީކް ތިޔަހެން ހެދީމަ ކުޑާ ދެރަވެސް ވާނެއެއްނު، ޒިވާން މަރުވީމަ ކުޑާގެ ހުރި ހަމައެކަނި މިހަކީ ވެސް ތިއެއްނު…” ތޫގާގެ އަޑުގައި ވަނީ މަލާމާތެވެ.
”ތޫގާ!…” ހިތްހަމަނުޖެހިފައި ހުރި ރާގަކަށް މާއީ ގޮވާލިއެވެ. އޭނައަށް ހާސްކަމާއެކު ނަހީކްއަށް ވެސް ބަލާލެވުނެވެ. ތޫގާ އެހެދި ދޮގުތަކުގެ މާނަ ނަހީކް ނަގާފާނެ ގޮތެއް ނޭގޭތީއެވެ. ނަހީކްގެ ތޫނު ބެލުންތައް އޭނައަށް އަމާޒުވެފައިވާތަން ފެނި މާއީގެ ހިތުގެ ތެޅުން ވެސް އަވަސްވިއެވެ. ނަހީކް އޭނައާ މެދު ހީކޮށްފާނެ އެއްޗެއް ނޭގި މާއީގެ ހިތް ވީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
”އަދިވެސް ދޭތެރެޖެއްސުމާއި ފިތުނަ ފަސާދަ އުފެއްދުމުގެ ގޮތް ދޫކޮށްލާކަށް ނުވޭދޯ؟… މިހާއަށް ހެޔޮކަމެއް ނުކުރެވޭ ތަނުގަ ފާފަތަކަށް އެރޭތޯ ބަލާތީ… ތި ބުހުތާނު ދޮގުތައް ގޮސް ހަދާ އެހެން މީހެއްގެ ކައިރީ!…” ނަހީކް ކިތަންމެ މަޑުމައިތިރިކޮށް ވާހަކަދެއްކި ކަމުގައި ވިޔަސް އޭނަގެ އަޑުގައިވި އިންޒާރުތައް ރީއްޗަށް ފާޅުވެއެވެ. ދެލޯހަނިކޮށްލެވިފައި ވިއިރު ވަނީ ރުޅިވެރިކަމެވެ. ތޫގާއަށް ބިރުން ގޮސް ހިންދިރުވާލެވުނެވެ.
ނަހީކްގެ ޖުމްލައިން ތޫގާ ހުރީ އަނގަ ސަކަރާތްވެފައެވެ. ރައްދުގައި ހަމަލާދޭން އުޅުނު ވަގުތު ނަހީކް ބާރުބާރަށް ހިނގާފައި ގޮސް ގޭޓުން ނިކުމެއްޖެއެވެ. އެމަންޒަރު ބަލަން ހުރި މާއީ ހިތްހަމަނުޖެހުމާއެކު ތޫގާއަށް ގޮވާލިއެވެ. ތޫގާގެ ބޭނުމެއް އެއްގޮތަކަށް ވެސް ވިސްނައިގަންނަން އޭނައަކަށް ނޭގެއެވެ. ކުރާ ކަންތަކާއި އަމަލުތަކުގެ މާނައެއް ވެސް މެއެވެ.
”ވަޓްސް ރޯންގް ވިތް ޔޫ؟…” މާއީ ތޫގާގެ ކުރިމައްޗަށް ހުއްޓިލަމުން ބުނެލިއެވެ. ނަހީކް ތޫގާގެ ދޮގު ވާހަކަތަކަށް އިތުބާރު ނުކުރުމުން ހިތުގެ ހާސްކަމަށް ނިމުން އައިސްފައިވިކަމުގައި ވިޔަސް ތޫގާއާ މެދުވި ނުހުރުންތެރިކަމަށް ނިމުމެއް ނައެވެ. އޭނަ ތޫގާއާއި ކުރިމަތިލީ ވެސް ތޫގާގެ އަމުލުތައް ހުރިހާކަމެއްގެ އިން ފަހަނައަޅައި ދިއުމުންނެވެ.
”އަހަރެން މިހާރު ގޯސްކަމެއް ކޮށްފިންތަ؟… ކުޑާއަށް އެހީވެދިނީއެއްނު… ނަހީކް ނުލިބިގެނެނުއްނު ތި އުޅެނީ… ސޯ އައި ޓްރައިޑް ޓު ހެލްޕް ޔޫ… އެކަމަކު ހީވަނީ އެގޮތް ނަހީކްއަށް ކަމުނުދާހެން… އާފްޓަރ އޯލް ޔުއާރ ދަ ވަން ހޫ ލެފްޓް ހިމް… ސޮރީ، ޑަމްޕްޑް ހިމް!…” ތޫގާ މަލާމާތުގެ ހިނިތުންވުމަކާއެކު ބުނެލިއެވެ.
”މިއަދު ތޫގާގެ ގަޔަށް އަތް އިސްކުރެވުނީތީ އަހަރެން ހުރީ ދެރަވެފައި، މަޢާފަށް ވެސް އެދެން ބޭނުންވެފައި، އެކަމަކު ހުއްޓާލުމެއް ނެތި ކުރަމުން ތިދާ މަސައްކަތުން އަހަންނަށް ހިޔެއް ނުވޭ މަޢާފަށް އެދެވޭނެ ހެނެއް… އަހަންނޭ ކިޔައިގެން ދެން މީގެ ފަހުން ދޮގު ވާހަކަތައް ނުދައްކާތި… އަދި ބުނަން، އަހަރެން ނޫޅެން ނަހީކްއާއި ގުޅޭކަށް… އަހަރެން އެހަނދާންތައް ހިތުން ފޮހެލިތާ ކޮން ދުވަހެއް، އަނބުރާ އެހަނދާންތައް އާލާކުރާކަށް ވެސް ބޭނުމެއް ނޫން… މިބުނި އެއްޗެއް ތޫގާއަށް ވިސްނިއްޖެ ކަމަށް އަހަރެން ހީކުރަން!…” މާއީ އޭނަ ބުނަންވާ އެއްޗެއް ބުނެލުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ.
މައީ ލޮލުގެ ކޮޅަށް ގޮސް ގެއްލެން ދެން ބަލަން ހުރި ތޫގާގެ އަރުތެރޭން ހަޅޭކެއްގެ އަޑު ނިކުތެވެ.
”ތިމާ ވަރުގެ ހެޔޮ މީހަކު ނެތްކަމަށް ހެދެން އުޅޭ މީހެއް… ކަލޭ ހިތުން މަށަށް އޮޅުވާލެވޭނެ ކަމަށްތަ؟… މަށަށް ފެނުނޭ ކަލެއަށް ނަހީކް ފެނި ވެފަ ހުރި ގޮތް… ހޭބަލިވެފަ ހުރީ ވެސް… ކަލޭ މަށަށް އޮޅުވާލަން އުޅުނަސް އަދިވެސް ބޭނުންވަނީ ނަހީކް… މާ ވަރަކުން ޒިވާން ވެގެން އުޅޭ އިރު ވެސް އެ ނަހީކްއެއް ފެންނައިރަށް ވެފަ ހުރި ގޮތް ބަލާބަ… ތިމާގެ ލޯބިވާ ފިރިމިހާ މަރުވެއްޖެޔޭ ކިޔާފައި ރޮއެހޭރެމުން ދުވިއިރު ހީވަނީ އެހެެންފަދަ ކަމެއް ހެން… އެކަމަކު އެ ނަހީކް ފެންނައިރަށް މީހާގެ ކުލަވަރު ބަދަލުވެއްޖެ… ހޫނނނ… ވަރަށް ފޫހިވާ ވައްތަރަކަށް އުޅޭ އަންހެނެއް…” ތޫގާ ތުން އަނބުރާލިއެވެ.
*****
މާއީ ގޮސް ކާކޮޓަރިއަށް ވަނުމާއެކު އާބިދާއަށް ހައިރާންކަން ލިބުނީ މާއީއާއެކު ޔަލްވީ ނެތީމައެވެ. ވަގުތުން އޭނައަށް ސުވާލުކޮށްލެވުނެވެ.
”ނަހީކް އައިސް ދެންމެ ގޮވައިގެން ހިނގައްޖެ…” މާއީ ޖަވާބު ދިނެވެ. އެއަށްފަހު ސައިގައި ބައިވެރިވެލިއެވެ. ބޭރުގައި ދެންމެ ހިނގި ކަންތަކުން މާއީގެ ޠަބީއަތު ގޯސްވެފައިވުމުން އެކަން މޫނުމަތިން ސިއްރުކުރަން އޭނަ މަސައްކަތްކުރިއެވެ. ހަމައެއާއެކު ނަހީކް ފެނި އުނދަގޫވެފައިވި ހިތުގެ މައްޗަށް ވެސް ބާރުފޯރުވަން ވެސް މެއެެވެ.
”އެސޮރު ވެސް އުޅޭ ގޮތުން މަގޭ ބޯފަޅައިގެން ދާ ވަރުވޭ… އަބަދު މަސައްކަތާއިގެން އުޅޭނީ އެހެން ހުރިހާކަމަކުން ސަލާމަތްވާންވެގެން… ކުރިން ދޭ ވަރަށް ވުރެން ޔަލްވީއަށް ވެސް ވަގުތު ދިނުން މަދުވެއްޖެ… އަބަދު ހުންނަނީ ވަރުބަލިވެފައި… އެސޮރާ މެދު ވިސްނާވިސްނާ އަހަރެންގެ ބޮލުގައި ނުފިލާ ރިހުމެއް ވެސް ހުންނަނީ ހަރުލާފައި… ހިތާމަކުރާކަން ސިއްރުކުރަން އުޅުނަސް މަށަށް އެކަންތައް ސިއްރުނުކުރެވޭނެކަން ނަހީކްއަށް ނޭގޭ، ރަގަޅު ހެއްޔޭ ވެސް އަހާއިރަށް ބުނާނެ ހުރިހާކަމެއް ވެސް ރަގަޅުކަމަށް…” ބާސްމާއާއި ޝަރުމީލާއާ ދެމެދު ދެކެވެމުން ދިޔަ ވާހަކައިގެ ތެރޭން އާބިދާ ބުންޏެވެ. ނަހީކްއާ މެދު ހިތުގައިވާ ކަންބޮޑުވުންތައް އޭނަ ހިއްސާކުރީ ޚިޔާލުތަކަށް ބޭނުންވެފައިވާތީއެވެ. ނަހީކް އުފަލުގައިވުމަށް އޭނަގެ ހިތަށް އަބަދުވެސް އެދެއެވެ. އެދަރިފުޅު ހިތާމަކުރާތަން ދެކެން އޭނަގެ ހިތަށް ކެތެއް ނުކުރެވެއެވެ.
”އަނެއްކޮޅުން ޔަލްވީ ވެސް އެހާ ކުޑަ… މަންމައެއްގެ ލޯބި ކިހާ ބޭނުންވާނެ، އަހަރެން ރެޔާ ދުވާލު ހުއްޓަސް ޔަލްވީ އޭނަގެ މަންމައަށް ނުހަނު ބޭނުންވޭ… އިތުރު ކައިވެންޏެއް ކުރަން ޚިޔާލު ދޭން ވެސް ބޭނުން، އެކަމަކު ނުކެރެނީ ނަހީކް ރުޅި އައިސްދާނެތީ…” އާބިދާ ފުންނޭވާއެއް ދޫކޮށްލިއެވެ.
”އަދި ދުވަސްކޮޅަކަށް މަޑުކޮށްލާފަ ކައިވެނީގެ ވާހަކަދައްކަން އަހަންނަށް ފެންނަނީ… އަދި ވަރިވިތާ ވެސް ގިނަ ދުވަހެއް ނުވެއެއްނު…” ޝަރުމީލާ ޚިޔާލެއް ދިނެވެ. އޭނަގެ އެޚިޔާލަށް ބަސްމާ ވެސް ތާއީދު ކުރިއެވެ.
ދެކެވެމުން ދިޔަ ވާހަކަތަކަށް މާއީ ވެސް ސަމާލުކަން ދީގެން އިނެވެ.
”މާއީ… މަންޖެ ނަހީކްއާ ވާހަކަ ދައްކަންވީއެއްނު، ގާތް އެކުވެރިޔަކު ދެއްކީމަ ވިސްނިދާނެ… ކުރިން ވެސް މާއީ ދޭ ޚިޔާލުތައް ނަހީކް ބަލައިގަނެއެއްނު…” އާބިދާގެ ސަމާލުކަން މާއީއަށް ހުއްޓުމާއެކު މާއީ ގަނޑުވެއްޖެއެވެ. ބޯން އުޅުނު ކަޅު ސައިފޮދު ވެސް އަރުތެރޭން ދިރުވާލެވުނީ ހާލުންނެވެ.
”އަ…ހަރެން؟…” އަޅައިގަންނަމުން ކަހަލަ ގޮތަކަށް މާއީއަށް ބުނެވުނެވެ. އޭރު އޭނަގެ އަތްފައި ފިނިވެއްޖެއެވެ. ނަހީކް އޭނަ ދައްކާ އެއްވެސް ވާހަކައެއް އަޑު ނާހާނެކަން މާއީއަށް އެނގެއެވެ. އޭނައަށް ނަހީކްގެ ހިތުގައި ޖެއްސިފައިވަނީ ވަރަށް ވެސް ބޮޑަށެވެ. ނަހީކްއާއި ހަތަރުކަޅި ހަމަކުރަންވެސް ފަސްޖެހެވެނީ އެސަބަބާ ހުރެ އެވެ.
”އާނ… މަންޖެ ތީ ނަހީކްގެ ގާތް އެކުވެރިޔެއްނު… ދައްތަމެން މުސްކުޅިންނަށް ވީމަ ކިތަންމެ ހެޔޮއެދޭ ވާހަކައެއް ދެއްކިޔަސް މިހާރު މިއުޅޭ ކުދިންނަށް ޤަބޫލެއް ނުކުރެވޭނެ… އެކަމަކު އެކުވެރިޔަކު ބުނެފިއްޔާ ވަގުތުން އެއްބަސް ވާނެ…” އާބިދާ އެދުނުކަމާއި ދެކޮޅުހަދަން މާއީއަކަށް ނުކެރުނެވެ. އެދެލޮލުގައިވި އުއްމީދުތަކުން އޭނަގެ ދުލުގައި ކަސްތޮޅު އެޅުވީތީ އެވެ. މުޅި މީހާއަށް ފިނިކަން ސަވާރުވެލުމާއެކު ޖަވާބެއް ވެސް ނުދެވި އިރުކޮޅެއް ވަންދެން އިދެވުނެވެ. އެންމެންގެ ނަަޒަރު އޭނައަށް އަމާޒުވެފައިވާތަން ފެނި ލިބުނު ހާސްކަމުގައި ބޯޖަހާލެވުނީ އެބެލުންތަކުން ސަލާމަތްވުމަށެވެ. އެވަގުތު ވެސް އެނިންމުން އެއީ ރަގަޅު ނިންމުމެއް ނޫންކަން އޭނައަށް އިނގެއެވެ.
އާބިދާގެ ތުންފަތަށް އުއްމީދީ ހިނިތުންވުމެއް ވެރިވިއެވެ. އޭނައާއި ޝަރުމީލާ އިރުކޮޅެއް ވަންދެން ބަސްމާއާއި ވާހަކަ ދައްކަން ތިއްބެވެ.
އިތުރަށް ސައިބޯ ހިތް ނުވުމުން މާއީ އަވަސްވެގަތީ އޭނަގެ ކޮޓަރިއަށް ދިއުމަށެވެ. އޭރުވެސް އާބިދާގެ ހުށަހެޅުމާ ދެކޮޅު ހެދުނުނަމައޭ އޭނަގެ ހިތަށް އަރަމުން ދިޔަ އެވެ. މިހާރު އެކަމަށް އެއްބަސް ވެވުނީތީ އާބިދާ ހުންނަނީ އުއްމީދުތަކެއްގެ މަތީގައެވެ. ނަހީކްއާއި ކުރިމަތިލައިފިއްޔާ ނަހީކް އޭނައާއި މެދު ކަންތައްކޮށްފާނެ ގޮތެއް ވެސް އިނގެނީކީ ނޫނެވެ. މާއީއަށް ލިބިފައިވި ހާސްކަމާ ހުރެ ނޭވާލާން ވެސް އޭނައަށް އުނދަގޫވެފައިވިއެވެ. ކުރިމަތިވަމުން މިދާ ކަންތަކުން ހަމަޖެހުމެއް ވެސް ލިބުމެއް ނުވާ ކަހަލައެވެ.
”މަންޖެ ދެން ދައްތަމެން ގެއަށް އަންނައްޗޭ… އަބަދު ގޭގައި އޮތުން ވެސް ރަގަޅެއް ނުވާނެ، އޭރުން ކަންތަކާ ވިސްނާވިސްނާ އިތުރަށް ގޯސްވާނީ… ބޭރުތެރެއަށް ނިކުމެލާ ހެދީމަ ހިތަށް ވެސް ފަސޭހަ ވާނެ…” ކާކޮޓަރިން ނިކުންނަން ދިޔަ މާއީ ފެނި އާބިދާ ބުނެލިއެވެ. އެދަނޑިވަޅުގައި ބަސްމާ ވެސް އެކަމަށް ތާއީދުކުރިއެވެ. މަންމަމެންނަށް ބަލާލަމުން މާއީ ގަދަކަމުން ހިނިތުންވެލިއެވެ. އަދި ކާކޮޓަރިން ނިކުތެވެ.
މާއީ ނިކުންނަން ވާއިރަށް ކާކޮޓަރީގެ ބޭރުގައި ފޯރިމަރަން ހުރި ތޫގާ އަވަސްއަވަހަށް ގޮސް ބޮޑުކޮޓަރީގެ ތަނބެއްގެ ނިވަލަށް ވަނެވެ. އޭނަ އެހުރިހާ އިރު ވަންދެން ހުރީ އެތެރެއިން ދެކެވެމުން ދިޔަ ވާހަކަތައް ސިއްރުން އަޑުއަހަންށެވެ. ތޫގާ، މާއީ ކޮޓަރިއަށް ވަންނަން ދެން ސިއްރުން ބަލަން ހުއްޓެވެ.
”ކޮބާ މަ ބުނީ ދޮގެއް؟… ބަޑި އަންހެނާ ހާދަ ވަރަކުން ފޫއެބަގަޅައޭ ނަހީކްއާ ގާތްވެވޭތޯ… ހުއް، ހަމަ އަބިދާއްތަ އަހާއިރަށް އެއްބަސްވެއްޖެޔޭ… އެކަމަކު ލަދުހަޔާތްކުޑަކަމުން މަ ގާތު ބުނެފިއެއްނު ތިމަންނަ ނޫޅެމޭ ނަހީކްއާ ހިތާވެގެނެއް… ހުއް، ކަލެއަށް އުފަލުގައި ހުރުމުގެ ނަސީބެއް އަހަރެން ނުދޭނަން…” ތޫގާ ތުން އަނބުރާލިއެވެ.
*****
އެނދުގައި ވާހަކަ ފޮތެއް ކިޔަން އޮތް އޮތް އެލީނާގެ ފޯނަށް ފުލުފުލުގައި ފޯނުކޯލްތައް އާދެއެވެ. އޭނަ ޖަވާބު ނުދިނީ ގުޅަނީ ސަލީމް ކަމުގައި ވާތީއެވެ. ތޫގާ އޭނައަށް ދިން އިންޒާރުތަކަށް ފަހު ސަލީމާއި އިތުރަށް ގުޅުން ބާއްވާން އެލީނާ ހުންނަނީ ޖެހިލުންވެފައެވެ. ކިތަންމެ ލޯބިވިކަމުގައި ވިޔަސް މަންމަމެންނަށް އެގުޅުން ފަޅާއަރާ ހިސާބުން ކަންތައް ވެދާނެ ގޮތަކާ މެދު އޭނަ ބިރުގަނެއެވެ. ސަލީމާއި ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ވެސް އޭނަގެ ހިތުގައި އެބިރުވެރިކަން އޮތެވެ. ނަމަވެސް ސަލީމު އިސްހާލުވާނަން ކަމަށް އޭނައަށް ދެއްކި ދަޅަތަކަށް ހެއްލުމުގެ ނަތީޖާއަކަށް ވީ އެގުޅުން ކުރިއަށް ގެންދިއުމަށް ލިބުނު ހިތްވަރަކަށެވެ. އޭނަ ސަލީމަށް ނުހަނު އިތުބާރު ކުރިއެވެ. ލޯބި ވިއެވެ. އެހެނަސް ފާއިތުވި ދުވަސްތަކުގައި ސަލީމުގެ ފަރާތުން އެއްވެސް ބަދަލެއް ނުފެނުނު ތާނގައި، މިހާރު ތޫގާއަށް ވެސް އެވަނީ އެގުޅުން ފަޅާއަރާފައެވެ. ބޭޒާރުވެދާނެ ކަމުގެ ބިރަށްޓަކައި އެލީނާ ނިންމީ ދެން އިތުރަށް ސަލީމާއި ވާހަކަ ނުދެއްކުމަށެވެ. އެކަމުގެ ނަތީޖާ ހިތިގޮތަކަށް ނިކުމެދާނެއެކޭ އޭނަ ހިޔެއް ނުކުރެއެވެ.
”އަހަރެންގެ ފޯންކޯލަށް ޖަވާބު ނުދޭނީތަ؟…” މެސެޖެއް އައުމުން އެލީނާ މެސެޖު ކިޔާލިއެވެ. ރައްދު ދިނުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. އޭނައަށް އެންމެ ފައިދާ ކުރާނީ ވެސް އިތުރަށް ސަލީމާއި ވާހަކަ ނުދެއްކިޔާއެވެ.
”އަހަރެން މިހިރީ ތިގޭ ދޮރު މަތީގައި ފޯނު ނުނަގައިފިއްޔާ މިވަންނަނީ އެތެރެއަށް…” އެތައް އިރެއް ވީ ފަހުން ވެސް އެލީނާގެ ފަރާތުން ރައްދު ނުލިބުމުން، އަނެއްކާ ވެސް ސަލީމު މެސެޖުކުރިއެވެ. މިހާރު އޭނަގެ ބަސްމަގު ހުރީ އެލީނާއަށް ބިރު ދެއްކުމަށެވެ.
އެލީނާއަށް މެސެޖު ފެނުމުން ގަތީ އަމަށަކު ބިރެއް ނޫނެވެ. މޭގަނޑު އަނގަޔަށް އައިހެން ހީވިއެވެ. ސަލީމަކީ ކާކުކަން ރަގަޅަށް އެނގޭތީ އެއީ އިންޒާރެއްކަން އޭނައަށް ނަގައިގަނެވުނެވެ. އަތުގެ ނިޔަފަތިތަކުގައި ދަތް އަޅާލެވުނީ ލިބުނު ހާސްކަމުންނެވެ.
”ހަވީރު ބައްދަލުކުރާނަން، މިހާރު ދޭ…” ބައްޕަ ގެއަށް އަންނަ ވަގުތު ޖެހޭތީ އެލީނާ ބޭނުންވީ ސަލީމް ފޮނުވާލާށެވެ. ކުރިމަތިވެފައި އޮތް މުސީބާތަށް އޮތް ވަގުތީ ހައްލަކީ ވެސް އެއެވެ. ނުވީތާކަށް މަންމަ ވެސް ގޭގައި އެބައުޅެއެވެ. ވަގުތު އެހާ ނުތަންވަޅު ގަޑިއެކެވެ. ސަލީމުކޮށްފާނެ ކަމަކުން އެންމެންގެ ރުޅިވެރިކަން އޭނައަށް އަމާޒުވާނެއެވެ.
”ނުނިކުންނާނަން ދޯ؟… އެހެންވިއްޔާމު މި ވަނީ ތިގެއަށް، ތިގޭ މިހުނަށް ވެސް އިނގެން ޖެހޭނެ ދޯ ކަލޭ ރައްޓެހިވެގެން އުޅެނީ ކާކާކަން…” ސަލީމް ފޮނުވި މެސެޖާއެކު ދުވެފައި އެލީނާއަށް ކޮޓަރިން ނިކުމެވުނެވެ. އޭރު އޭނަގެ ހިތް ބިރުން ގޮސް ރޫރޫ އަޅައެވެ.
”ކަލޭ މިގެއަށް ވަނީ ކާކުގެ ހުއްދަ ލިބިގެން؟!…” ބޮޑުކޮޓަރީގައި އިން އުމެއިރާއަށް ސަލީމް ފެންނައިރަށް ހަޅޭއްލަވައިގަތެވެ. ސަލީމަކީ ރަށުގައި އުޅޭ ޕާޓޭއަކަށް ވާތީ އުމެއިރާވީ އަމަށަކު ފޫއްސެއް ނޫނެވެ. ހަމައެއާއެކު ގޭގައި ފިރިހެނަކު ނޫޅޭ ގަޑިއަކަށް ވާތީ ހިސާބެއްގެ ބިރުވެރިކަމެއް ވެސް އޭނަގެ ހިތުގައި ވެއެވެ.
ދެން ކުރިމަތިވީ އެލީނާ ބިރުން ހުރި ކަންތަކެވެ. އޭނައަށް އާދެވުނު އިރު ހުރިހާ ކަމެއް ގޯހުން ގޯހަށް ގޮސްފިއެވެ. ބައްޕަ ވެސް ގެއަށް އައިސް ވަންނަނީއެވެ. މަންމައާއި ސަލީމު ޒުވާބު ކުރަނީއެވެ. ޒުވާބުގަނޑު އެލީނާ ފެންނައިރަށް ހޫނު ވެއްޖެއެވެ. އެންމެފަހުން ސަލީމު ހަޑިހުތުރު ބަސްތައް ވެސް ގޮވަން ފަށައިފިއެވެ. ގެތެރޭގައި އަޑުގަދަ ކުރާތީއާއި، ސަލީމު އެލީނާއާއި ދިމާކުރަން އުޅުމުގެ އިތުރުން ގެއިން ނުދާނެކަމުގެ އިންޒާރުތައް ދޭން ފެށުމުން އެންމެފަހުން ޖެހުނީ ފުލުހަށް ގުޅާށެވެ. އޭރު އުމެއިރާ ހުރީ ރުޅިއައިސް ރަތްވެފައެވެ. އޭނަ އެލީނާއަށް ބަލާލީ ނަފުރަތާއެކުގައެވެ.
ފުލުހުން އައިސްގެން ވެސް ސަލީމް ނުދާން ގަދަހަދަމުން ދިޔަ އެވެ. އޭރު ބައްޕަ ފޯނުކުރުމުން ރުކާން ވެސް އައިސް އުޅެއެވެ. ތޫގާ ވެސް ދެއްކުންތެރިކަމާއެކު އެލީނާއަށް މަދަދުވެރިވާކަމަށް ހެދެން އުޅުނެވެ.
މުޅި ހިސާބުގަނޑު އެންމެ ގޭދޮށަށް އެއްވެފައި އޮތުމުން އުމެއިރާ ހުރީ ލަދުން ގޮސް މަރުވާވަރު ވެފައެވެ. އޭރު ތުންތުންމަތިން ހަޤީޤަތް އޮޅުވާލެވިގެން އެތައް ވާހަކައެއް ދެކެވެއެވެ. ހަޤީޤަތާއި ހިލާފު ދޮގު ވާހަކަތައް ފެތުރިގެން ދިއުމުން ނިކުންނަ ހިތި ނަތީޖާ އޭރު އުމެއިރާގެ ކަރުބުޑުގައި ރަގަޅަށް ވެސް ލައިފިއެވެ.
އަވައްޓެރިންގެ ކުރިމަތީގައި އަގުވެއްޓި ބޭޒާރުވުމުން އުމެއިރާ ރުޅިއައީ އެލީނާ ދެކެއެވެ.
ފުލުހަށް ގޮސް ބަޔާން ދީފައި އާދެވުނު އިރު އެލީނާއާއި ކުރިމަތިލާން އުމެއިރާ ހުރީ ތައްޔާރަށެވެ. ތޫގާއާއި ރުކާންއާއެކު ވަދެގެން އައި އެލީނާ ފެނި އެމެއިރާގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ.
”ދުނިޔެ މަތިން ފިރިހެނުން ހުސްވެގެންތަ އެނޫން މީހަކު ކަލެއަށް ނުފެނުނީ… ލަދުން ގޮސް ހަލާކުވާވަރު ވެއްޖެއްޔޭ… ދެން ނުކެރޭނެ އިތުރު ބަޔަކަށް މޫނު ދައްކާކަށް ވެސް… ކަލެއަށް މިނިވަންކަން ދެވުނުކަމުގެ ނަތީޖާ މި ފެންނަނީ… ހިތަށް އަރާ މަރާލަފާނަމޭ ވެސް…” އެމެއިރާ ދިޔަ ގޮތަށް ގޮސް ހިފީ އެލީނާގެ އިސްތަށިގަނޑުގައެވެ. ވީތަދުން އެލީނާއަށް ރޮއިގަނެވުނެވެ. އެވަގުތު އެލީނާއަށް މަދަދުވެރިވީ ތޫގާ އެވެ.
”މަންމާ ތިހެން ކަންތައް ނުކޮށްބަލަ، ވެދާނެއެއްނު ސަލީމް ބިރުދައްކައިގެންކަމަށް ވެސް އެލީނާ އޭނައާއި ރައްޓެހިވީ… ލޮލަށް ފެންނަހާ މަންޒަރެއް ތެދަކަށް ވެސް ނުވެ ހިނގައިދާނެ…” ތޫގާ އުމެއިރާގެ އަތް އެލީނާގެ އިސްތަށިގަނޑުން މިނިވަންކުރުވިއެވެ. ރޮވިފައިވި އެލީނާއަށް ބަލާލެވުނީ ތޫގާ އަށެވެ.
”ތެދެއް؟… ކަލޭ އޭނައާއި ރައްޓެހިވީ އޭނަ ބިރުދައްކައިގެންތަ ނޫނީ ކަލޭ ބޭނުންވެގެންތަ؟… ބަލަ ޖަވާބު ދޭށޭ… ހިމޭނުން ތިހުންނަނީ ކީއްވެ؟…” އުމެއިރާ ހަޅޭއްލަވައިގަތެވެ. އެލީނާ އެއްޗެއް ބުނަން އުޅުނު ވަގުތު އުމެއިރާ އޭނަގެ ހޫނު އަތްތިލަ އަމަޒުކޮށްލީ އެލީނާގެ ކޯތާފަތަށެވެ.
”މަންމާ…” ރުޅިއަޔަސް އަތްއިސްކުރުން އެއީ ރަގަޅުކަމެއް ނޫންކަން ވިސްނައިދޭން ރުކާން މަސައްކަތްކުރުމުން ރުކާން ދެކެ ވެސް އުމެއިރާ އައީ ރުޅިއެވެ.
”ކަލޭމެން އެންމެން އޭނައަށް ވާގިވެރިވާތީ އޭނަ އެހެން އުޅެނީ… މިގޭ ފަހުން ކަލެއަށް ދިން މިނިވަންކަން ނިމުނީ، ފޮށި ތަންމަތި ބަދެގެން ބޮޑުދައިތަ ގާތަށް މާލެއަށް ދާން ތައްޔާރުވޭ… ކަލޭ އިތުރު އެންމެ ދުވަހަކަށް ވެސް މިރަށުގައި ބަހައްޓާކަށް އަހަރެން ބޭނުމެއް ނޫން…” އެލީނާގެ ސަބަބުން ރަށަށް ބަދުނާމުވުމުން އުމެއިރާއަށް ފެނުނު އެންމެ ރަގަޅު ހައްލަކީ އެއީ އެވެ.
އުމެއިރާގެ ޖުމްލައާއެކު ތޫގާގެ ތުންފަތުގައި ދުވެލީ މަކަރުވެރި ހިނިތުންވުމެކެވެ. އެންމެފަހުން އޭނަ ބޭނުންވި ފަދައިން އެލީނާއަށް އެންމެންގެ ރުޅިވެރިކަމާއި ނަފުރަތު އަމާޒުވީއެވެ. އޭނަގެ ހިތަށް އެލިބުނު އުފާވެރިކަން ބަޔާންކޮށްދޭވެ ގޮތެއް ވެސް ނޭގުނެވެ.
*****
ހަފްތާއެއް ފަހެވެ. އެލީނާ ރަށުން ދިޔަ ފަހުން އެލީނާގެ ވާހަކަތައް ރަށުގައި ދެކެވެނީ ވަރަށް ވެސް މަދުންނެވެ. އެހާ ބޮޑަށް އެވާހަކަތައް ވައިގައި ނުހިފީ ވެސް ޚަބަރު ފަތުރާ ވަސީލަތްތަކަކީ އުމެއިރާގެ އެކުވެރިންނަށް ވީތީއެވެ. އުމެއިރާއަށް ހުތުރު ނަމެއް ލިބެން އެއިން އެކަކު ވެސް ބޭނުން ނުވާތީ ރަށަށް އަޑު އަރުވާލީ ސަލީމު އެލީނާއަށް ބިރުދެއްކީ ކަމަށެވެ. ފުލުހުން އެކަމުގެ ތެރެއަށް ވައްދަން ޖެހުނީ ވެސް އެސަބަބާ ހުރެ ކަމެވެ. ހަޤީޤަތް އޮޅުވާލުމުގައި މާހިރުންކަމުގައި ވާތީ އެވާހަކަތައް ހުރީ ވެސް ޤަބޫލުކުރެވޭނެހެން ފަރުމާކުރެވިފައެވެ.
އެލީނާ ގެއިން ފޮނުވާލެވުމުން އެންމެ އުފާވީ ތޫގާ އެވެ. އޭނަ އެކަން ކާމިޔާބު ނުކުރެވިގެން އުޅެތާ ކޮން ދުވަހެއް ހެއްޔެވެ؟ މިފަހަރު ނަސީބު އޭނަގެ އަތުގައި ހިފާލުމުން ޝުކުރުވެރި ވެވުނެވެ. މިހާރު ރުކާންގެ ޢާއިލާ މީހުންގެ ސަމާލުކަން ވެސް ލިބެން އޮތީ އޭނަ އަށެވެ. އެދަނޑިވަޅުގައި ބަލިވެ އިނުމުން އޭނައަށް ލިބިފައިވި އުފާވެރިކަން ދެގުނައަށް އިތުރު ވިއެވެ. ނަމަވެސް މާއީގެ ސަބަބުން ކުރިމަތިވެފައިވި މުސީބާތާ ހުރެ އޭނައަށް ހަޤީޤީ އުފަލެއް ހާސިލެއް ނުވިއެވެ.
*****
އެކުވެރިންނާއެކު ފޮނި އަނގަ ތަޅަން ތޫގާ އިނީ ރެސްޓޯރެންޓެއްގައެވެ. އޭނަ ވިވިއަންއާއި ޒުވާބު ހިންގާލި ފަހުން ވިވިއަން ހުންނަނީ ބާކީކޮށްފައެވެ. މިހާރުު އޭނަގެ ”ފްރެންޑް ސާރކަލް”ގައި ތިބެނީ ސޯފީއާއި ދައުހާ އެކަންޏެވެ. އެމީހުނަށް ވެސް ވިވިއަންއާއި އޮތް އެކުވެރިކަން ކަނޑުވާލަން ތޫގާ ކާމިޔާބު ހޯދިއެވެ. ވިވިއަންގެ ފީކަޅާ ވާހަކަ ދައްކައިގެންނެވެ.
”އޭ، އަދި ވެސް މަ ބުނި ކަންތައް ކޮށްނުދެމެއްނު…” ސޯފީ އޭނަ ބޮމުން ދިޔަ އޮރެންޖް ޖޫސްތަށީގެ ހޮޅިއާއި ކުޅެލަމުން އެހިއެވެ. ސޯފީ ކޮށްފައި ހުރި މޭކަފާއި ބޮލުގައި ޖައްސާފައި ހުރި ރަންކުލައިން ފެށިގެން ތޮރުފާފައި ހުރި ތުންފަތާއި ނޭފަތުން ބޭރުގެ މޮޑެލުން ނަކަލުކުރަން އުޅޭ މީހެއްކަން ހާމަވެއެވެ. ބޮލުގެ އިސްތަށިގަނޑު ވެސް އޮތީ ކަނދުރާއާ ހަމައަށް އަންނަ ވަރަށް ކޮށާލާފައެވެ. ލައިގެން ވެސް ހުރީ ހަށިގަނޑުގެ ވަނާތައް ފާޅުވާނެހާ ކުރު ހެދުމެކެވެ.
”ކޮންކަމެއް؟…” ތޫގާއަށް ނޭގުނެވެ.
”ސާބަސް، މަ އޮފީހުގައި އުޅޭ ހޮޓީގެ ވާހަކަ… ނަހީކްގެ ވާހަކަ… ކިޔަވަން އުޅުނު އިރު ވެސް އޭނަ ހާދަ ސެކްސީއޭ… އެކަމަކު މިހާރު މެޗުއާރ ވީ ފަހުން ފެންނައިރަށް ހިތް ކަތިލާފާނެހެން ހީވަނީ… އެހެރަ ތޫނުފިލި ދެލޮލެއްދޯ… އެންމެ ނަޒަރަކުން ހީވަނީ މޭ ތޮރުފާލަފާނެހެން… އަޅެ އޭނަގެ ވައިފްއަށް އަހަރެންވިނަމަ… އޭރުން ދުލެއް ނުކުރީމުސް… ކޮންކަހަލަ ގަމާރު އަންހެނެއްތަ ނަހީކްގެ އެކްސް ވައިފްއަކީ؟… އެވަރުގެ ސެކްސީ ފިރިހެނެއް ލިބުނު ނަމަ މަ ހުންނާނީ އަބަދު ތަތްވެގެން… ދުވަހެއްގެ ކޮޅުން ވެސް ދޯކާ ނުދޭނަން… އޭނަ އޮފީހުގައި އޮފިޝަލްކޮށް ހުންނަ އިރު ސްމާޓްކަމުން ހާދަ އިރޯޓިކް ކަންތަކެއް ހިތަށް އަރައޭ… އެންމެ ރެޔެއް ވެސް އޭނައާއެކު ހޭދަކޮށްލަން ލިބޭނެ ނަމައޭ މަގޭ ހިތަށް އަރާ… ކިސްއެއް ކޮށްލަން ލިބޭނެ ނަމައޭ ވެސް ހިތަށް އަރާ އަދަދެއް ނޭގޭ…” ސޯފީ ހީވަނީ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިން ހެންނެވެ. އޭނައަށް ބަލަން ތިބި ތޫގާއާއި ދައުުހާ ވެސް ހިނިގަނޑެއް ޖަހާލިއެވެ.
”ސާބަހޭ، ތިހިރަގެން ގޮސް **** ވަނީއެއްނު…” ދައުހާ ދިމާކޮށްލިއެވެ.
”އޭނަ ފެންނަ ކޮންމެ އިރަކު މަށަށް އެހެން ވެޔޭ، ހަމަ ކިރިޔާ ހިފަހައްޓާލެވެނީ…” ސޯފީ އެއްލޯމަރާލަމުން ބުނެލި ޖުމްލައިން ހުނުން ގަދަ ވިއެވެ.
”ތި ޚިޔާލު ދޫކޮށްލަން މަށަށް ފެންނަނީ… މިހާރު ނަހީކްގެ ލޯބިވެރިޔާ އައިސްގެން އެބައުޅެއެއްނު… މިހާރު ސޯފީއަށް ތިވާ ގޮތްތައް މަގޭ ދައްތަގަނޑަށް ވަނީ…” ލޯމައްޗަށް އަރުވާލަމުން ތޫގާ ބުނެލިއެވެ.
”ވަޓް ދަ **…” ސޯފީއަށް އަޑަށް ބާރުލާފައި ބުނެވުނެވެ. އެޖުމްލަ ތަންކޮޅެއް ބާރަށް ބުނެވުނުކަން ވެސް ރޭކާލީ ޖެހިގެން ހުރި މޭޒުގައި ތިބި މީހުންތަށް ބެލަން ފެށީމައެވެ. އެއާއެކު ސޯފީ ލަދު ވެސް ގަތެވެ.
”މާއީ ވާހަކަތަ؟… އޯހ ނޯ… ތިހެން ވިއްޔާމު މިފަހަރު ވެސް ސޯފީގެ ޗާންސް ދިޔައީ… ސްކޫލުގަ އުޅުނު އިރުވެސް ނަހީކް މާއީއާ ހެދި ހޭބަލިވެގެން އުޅުނީ… މަ ހީކުރީ ދެމީހުންކަމަށް އިންނާނީ ވެސް… ފަހުން ނޭގޭ ވީ ގޮތެއް، އޭލެވެލް ނިންމާފަ ފެއާރވެލް ފާޓީ ބޭއްވި ދުވަހު ދެމީހުން ހާދަ ބޮޑު ޒުވާބެކޭ ހިންގާލީ… މާއީ ޕާޓީ ދޫކޮށް ދިޔައީމަ ފަހުން ނަހީކް ދެރަވެގެން އޭނަގެ ފަސްފަހަތުން ވެސް ދިޔަ… އެފަހުން މާއީ ލަންޑަނަށް ވެސް ދިޔައީ… ދިޔަ ގޮތަށް ނަހީކް މަތިން ހަނދާން ނައްތާލާފަ އެޒިވާންއަކާ އިނީ… އިނދެގެން އުޅެފަ އޭނަ މަރުވީމަ މިހާރު ރަށަށް އައިސް އަނެއްކާ ނަހީކް ނުލިބިގެން ދޯ އެއުޅެނީ… ހުވާ މިބުނީ ވަރެއްގެ އަންނެހެއްނު އެއީ…” ދައުހާ މޫނަށް ގޮތެއް ހަދާލި އެވެ.
”އައްޗީޑި!، އެ ބުރާންޗަށް މިފަހަރު ނަހީކް ލިބުނަކަ ނުދޭނަން، އޭރު އަހަރެން ބްރޭސްލައްވައިގެން އުޅޭތީ ނަހީކް ފަހަތުން ދުވަން ނުކެރުނީ… އެކަމަކު އަހަރެން މިހާރު އެސަފަރުކައްދައަށް ވުރެން ރީތި ވާނެ… ބަލާބަ އޭނަ އުޅެން ބޭނުންވާ ފާޑެއް ވެސް، ޗީޑި… ބަނޑުބޮޑު އިރު ވެސް ފިރިހެނުން ފަހަތުން ދުވެވޭތޯ!… ވަރަށް ފޫހިވޭ!…” މާއީ ދެކެ ސޯފީއައީ ރުޅި އެވެ.
ތޫގާއަށް ހިނިތުންވެލެވުނެވެ. އެކުވެރިން ކުރިމަތީގައި މާއީގެ އަގުވައްޓާލެވުމުން އޭނަ ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. އެއީ ކަމިޔާބެއްކަމުގައި އޭނަ ދެކުނެވެ. ހަމައެއާއެކު ސޯފީގެ ހިތުގައި ނަހީކްއާ މެދުވި ޝައުގުވެރިކަން އަމިއްލަ މަންފާއަށް ބޭނުންކުރެވޭނެ މޮޅު ޚިޔާލެއް ވެސް އޭނައަށް ލިބުނެވެ. އޭނަގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައީ ވެސް އެސަބަބާ ހުރެ އެވެ.
(ނުނިމޭ)
4 Comments
Comments are closed.
Me first dhw
Muthaa haadha kuruhen heevey. Alhey maaee fakeerah rahumu koffa ufaa kollaabala. Haadh?vey. vvaahakavvvvsalhi
Adhi miadhu ehpart kiyaaln
libeynedhoo mi vaahaka nimuneema ves muthaage ahen vaahaka shaai koddeynndhoo muthaage vaahaka thah maash ah vvv nice ??
Wowwww
Vvvv salhi
Muthaaa ge stories kiyaa hithun abadhu oveveny
Next part plsssss
Muthaa z da best
?????
New part eh pls kiyaa lan libeyne tha?