Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހޯދޭތޯ މަންޒިލެއް… 16

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
November 15, 2018 8 Mins Read
8 Comments

ބޮޑު ކޮޓަރިއަށް ނިކުތް ތޫގާއަށް ގޭގެ މައިދޮރު ކުރިމަތީ ހުރި ރުކާން ފެނުމާއެކު އޭނައަށް ލިބިގެން ދިޔައީ ހާސްކަމެވެ. ދެންމެ އޭނައާއި މާއީއާ ދެމެދު ކުރެވުނު ޒުވާބުގެ އަޑު ރުކާންއަށް އިވުނުބާއޭ ހިތަށް އެރުމާއެކު މުޅި ހަށިގަނޑުގައި ދުވެލީ ބިރުވެރިކަމުގެ ބާނީތަކެކެވެ. ހިތުގެ ތެޅުން ވެސް އަވަސްވީނުން ނިތުގައި ދަލުގެ އަސަރުވެސް އެކުލެވިގެން ދިޔަ އެވެ. ހިންދިރުވާލެވުނީ ދެންވެދާނެ ގޮތަކާ މެދު ވިސްނާލެވުމުންވެ. އޭނަގެ އަނދިރި ފަރާތް އެއްވެސް ހާލެއްގައި ރުކާންއަށް ބޭޒާރުވާކަށް އޭނަ ބޭނުމެއް ނޫނެވެ.

”ކޮން އިރަކުތަ އައީ؟…” ހާސްކަން ފޮރުވާލަން މަސައްކަތްކުރަމުން ތޫގާ ސުވާލުކުރިއެވެ. ރުކާންއަށް އެއްވެސް އެއްޗެއް އަޑު އިވުނުތޯ ބަލަން އޭނަ ހުރީ ބޭނުން ވެފައެވެ. އޭނަ ރުކާންގެ ޝޫޢޫރުތައް ވެސް ފަރުވާތެރިކަމާއެކު ދިރާސާކުރިއެވެ. ކަންބޮޑުވާން ޖެހޭ ފަދަ އެއްވެސް ކަމެއް ފެނޭތޯއެވެ.

”ހަމަ ދެންމެ އައިސް ވަންތަނާ ބޭބް ތިނުކުތީ… ކުޑާ ކައިރީ ހުރެފަ ދޯ ތިއައީ… ކުޑާ މިހާރު ރަގަޅުތަ؟…” ރުކާންގެ ވާހަކަދެއްކުމުގެ ރާގުން އެއްވެސް އެއްޗެއް އަޑު ނީވޭކަން ތޫގާއަށް ޔަޤީން ކުރެވުނެވެ. އެއާއެކު އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ހިނިތުންވެސް ވެވުނެވެ. އޭނަ ދެން ގޮސް ރުކާން ގައިގައި ބައްދާލައިފިއެވެ. އަދި ”މިސް”ވި ވާހަކަ ބުނެލިއެވެ.

””ކުޑާ މިހާރު ރަގަޅު…” ތޫގާ ބުންޏެވެ.

”ކޮލަށް ކިހިނެއް ވީތަަ؟…” ތޫގާގެ ކޯތާފަތް ރަތްވެފައިވާ ތަން ފެނި ލިބުނު ހައިރާންކަމާއެކު ރުކާން ސުވާލުކުރިއެވެ.

”މަދިރިއެއް ހެފީ… ކެންއަށް އިނގެއެއްނު މަދިރިއެއް ހެފީމަ އަހަންނަށް ވާ ވަރު…” ތޫގާ ދޮގު ހެދިއެވެ. ”ކެން ހިނގާބަލަ ފިހާރައަށް ގޮސްލާފަ އަންނަން… އަހަރެން ވަރަށް ބޮޑަށް އައިސްކްރީމް ކާހިތްވާތީ މިއުޅެނީ…” ތޫގާ ބޭނުންވީ އިރުކޮޅެއް ވަންދެން ރުކާން ގޮވައިގެން ގެއިން ބޭރަށް ދާށެވެ. މާއީގެ ސަބަބުން ހިލުނު ނުތަނަވަސްކަން ހިތުން ފޮހެލާށެވެ.

ރުކާން ލުއި ހީލުމަކާއެކު ތޫގާ އެދުނު ފަދައިން ކަންތައްކޮށްދޭން އަވަސްވެގަތެވެ. މާބަނޑު ދުވަސްވަރު ތަފާތު ކާއެއްޗެހިތަކަށް ތޫގާ އެދޭނެކަން ކުރިން ވެސް ރުކާންއަށް އެނގެއެވެ. ތޫގާގެ އެއިންކޮންމެ ހުޝަހެޅުމެއް ފުރިހަމަކޮށްދޭން ވެސް އޭނަ ހުރީ ތައްޔާރުވެގެންނެވެ. ތޫގާއަށް އެއްވެސް ކަމެއް އުނިވިޔަނުދޭން އޭނަ ބޭނުމެވެ. މިއުނދަގޫ ދުވަސްކޮޅުގައި ތޫގާއަށް ލޯތްބާއި އަޅާލުން ދޭން ރުކާން ހުރީ އަތުކުރިއޮޅާލައިގެންނެވެ.

ރުކާންގެ ހިތްހެޔޮކަން އަދި އޭނައަށް އެބަހައްޓާ ސަމާލުކަމާއި އަޅާލުން އޭނަގެ މަންފާއަށް ބޭނުން ކުރާނެ ނުބައި ޚިޔާލެއް ތޫގާގެ ޒަމީރު އޭނައަށް ބުނެދިނެވެ. އޭނައަށް މަކަރުވެރިކަމާއެކު ހިނިތުންވެލެވުނެވެ. މާއީގެ ގާތުން ބަދަލު ހިފެން އޮތް އެންމެ ރަގަޅު ގޮތަކީ ވެސް އެއީ އެވެ. ދެން މާއީއަށް ހަމަޖެހުމުގެ ނޭވާއެއް ލުމުގެ ފުރުސަތު ވެސް އޭނަ ނުދޭނެއެވެ. އޭނަގެ ކޯތާފަތަށް އަތް އިސްކުރުމުގެ ބަދަލު ހިފާފައި ނޫނީ އޭނަ ދެން އެންމެ ތަންފުކެއް ވެސް ދުލެއް ނުދޭނެއެވެ. މާއީގެ ހައިސިއްޔަތު އޭނަ މާއީއަށް ދައްކާނެއެވެ.

*****

މޫނުގައި އަތް އަޅާލަމުން މާއީއަށް ރޮވުނެވެ. ތޫގާގެ ގަޔަށް އަތް އިސްކުރެވުމުން އެކަމާ އޭނަ ހުނަހު ދެރަ ވިއެވެ. ކިތަންމެ ވަރަކަށް ހިތަށް އަސަރުކުރިކަމުގައި ވިޔަސް އަތުގެ ބަހުރުވައިން މުޢާމަލާތްކުރުމަކީ ރަގަޅުކަމެއް ނޫނެވެ. ތޫގާގެ ވާހަކަތަކުން ހިތަށް އަސަރުކުރިކަމުގައި ވިޔަސް އޭނަ ކެތްކުރަން ޖެހޭނެއެވެ. ތޫގާ ބުނާހާ އެއްޗަކަށް އަމަލުކޮށްގެން ވެސް ނުވާނެއެވެ. ހަމައެއާއެކު ތޫގާ އެއިނީ ބަލިވެއެވެ. އޭނަގެ ސަބަބުން ތޫގާއަށް އަނިޔާއެއް ލިބުނު ނަމަ އަމިއްލަ ނަފުސަށް މަޢާފުކުރެވޭ ހެނެއް ވެސް ހިޔެއް ނުވެއެވެ.

މާއީއަކީ ދުވަހަކު ވެސް މީހުންނާ ދިމާއަށް އަޑު އިސްކޮށް އެއްޗެއް ބުނި މީހެއް ނޫނެވެ. ދުވަހަކު ވެސް މީހެއްގެ ގަޔަށް އަތެއް ވެސް އިސްނުކުރެއެވެ. ނަމަވެސް މިއަދު ހުރިހާ ކަމެއްގެ އިން ތޫގާ ފަހަނައަޅައި ދިއުމުން އޭނާއަށް އިތުރަށް ކެތްނުކުރެވުނީއެވެ. ތޫގާ އޭނަގެ ބޮލުގައި އެޅުވީ ވެސް ހަޤީޤަތެއް ނެތް ދޮގު އިލްޒާމުތަކެކެވެ. ހަމައެއާއެކު ޒިވާންއަށް އަމާޒުކޮށް ބުނި ބަދުބަސްތަކުން އޭނަގެ ކެތްތެރިކަން ކޮޅުންލީއެވެ.

”ކީއްވެތަ ތޫގާގެ އަމަލުތައް ތިހެން ތިހުންނަނީ؟… އަހަރެން ދުވަހަކު ވެސް ހީނުކުރަން އަހަަރެންގެ ކޮއްކޮ އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްފާނެއެކޭ… ފުރަތަމަ ކުރި ކަންތަކަށް ފަހު އަހަރެން ހިމޭނުން ހުރީތީ އެކަމުގެ ނާޖާއިޒު ފައިދާ ނަގުންތަ އަމާޒަކީ؟… އަހަރެން ހިތާމައިގައި އުޅޭތަން ދެކެންތަ ތޫގާ ބޭނުންވަނީ؟… އެއީ ކީއްވެ؟، އަހަރެން ދުވަހަކު ވެސް ތޫގާ ހިތުގައި ޖެހޭ ފަދަ ކަމެއް ނުކުރަން… ދިރިއުޅުމުގައި މިހާތަނަށްވީ އެންމެ ބޮޑު ޤުރުބާނީ ވެސް ވީ ތޫގާއަށްޓަކައި… އެކަމަކު އޭގެ އަގު ތޫގާ އަދާކުރީ ކިހިނެއް؟… އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލީ… އަހަަރެން ކުރި އިތުބާރު ނަގާލީ، ލިބުނު ހުރިހާ ހިތާމަތަކުގެ ތެރެއަށް އެކަނި ހާލައިގެން އަހަރެން ދޫކޮށްލީ… އެދުވަސްތަކާއި ކުރިމަތިލުމަށްފަހު މިއަދު ދެވަނަ ފަހަރަށް އަހަރެން އެންމެ ބިކަވި ދުވަހު ވެސް އަމަލުތައް ތި ބަހައްޓަނީ އަހަރެންގެ ހިތުގެ އުދާސްތައް ފަސޭހަ ނުވާނެހެން…”

މާއީގެ ހިތުގައި ވަނީ ޝަކުވާތަކެވެ. އޭނައަށް މިވީހާ ދުވަހު ވެސް ތޫގާގެ ނަފްރަތުގެ ފަހަތުގައިވާ ސަބަބު ހޯދައިގަނެވިފައެއް ނުވެއެވެ. ހިތާއި ސުވާލުކުރިކަމުގައި ވިޔަސް ޖަވާބެއް ނުލިބެއެވެ.

*****

ހަވީރުގެ ވަގުތެވެ. ރައްޓެއްސެއްގެ ފަރާތުން ލިބުނު ހީނާފަތްކޮޅެއް ފުނޑައިގެން އައިސް އެއިން މާއީގެ ބޮލުގައި ހީނާފަތް އަޅައިދޭން ބަސްމާ އިން އިރު ދެމައިންގެ ދެމެދުގައި ތަފާތު ވާހަކަތައް ދެކެވެމުން ދިޔަ އެވެ.

”ހިކުނީމަ މޫދަށް ގޮސްލަންވާނެ، ތޫގާއާއި ރުކާން ވެސް ހަވީރު މޫދަށް ދާ ވާހަކަ ބުނި…” މާއީގެ ބޮލުގައި ހީނާފަތް ލައި ނިމުމުން ބަސްމާ ބުނެލިއެވެ. އަދި އޭނަގެ އަތަށް އަރުވާފައި އޮތް ރަބަރު އަންގީ ނައްޓާލަމުން ހީނާފަތް އެޅި ބޯތަށިކޮޅު ހިފައިގެން ހިނގައިގަތީ ގަސްތަކަށް ފެންދޭން ހުންނަ އިސްކުރާއި ދިމާއަށެވެ.

”އަހާނ، ޝަރުމީލާމެން ކޮން ދަތުރެއްގަ ތިއުޅެނީ؟…” ގޭޓުން ވަދެގެން އައި ޝަރުމީލާ އާއި އާބިދާ ފެނި ބަސްމާ ގޮވާލިއެވެ. އެެއަޑަަށް ގޭޓުން ވަން އާބިދާއާއި ޝަރުމީލާއަށް މާއީ ވެސް ބަލާލިއެވެ. އޭނަގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ އާބިދާގެ އުރުގައި އިން އަންހެންކުއްޖާ އަށެވެ. އެއާއެކު ޖޯލިފަތިން އޭނައަށް ބުރަކަށި ވެސް ސީދާކޮށްލެވުނެވެ.

”މަންޖެއާ ބައްދަލުކޮށްލަން މިއައީ…” އިސްވެ ޝަރުމީލާ ބުނެލިއެވެ. އޭނައާއި ބަސްމާއާއި ދެމީހުން ކޮމިޓީގެ ބައްދަލުވުންތަކުން ފެނި އެކުވެރިކަން އޮވެއެވެ. ހަމައެއާއެކު ކުރީގެ އަވައްޓެރިއެއްގެ ހައިސިއްޔަތުން އާބިދާއާއި ވެސް ބަސްމާގެ އެކުވެރިކަން އޮވެއެވެ.

ވާހަކަދައްކަމުން ގޮސް އަންހެންވެރިން ޖޯލީގައި އިށީނެވެ. މާއީއަށް ބެލެނީ އާބިދާގެ އުނގުގައި އިން ޔަލްވީ އަށެވެ. ޔަލްވީ ވެސް ދެލޯބޮޑުކޮށްލައިގެން މާއީއަށް ބަލަމުން ދިޔަ އެވެ.

”ވައްތަރު ޖަހާތީ ދޯ ތިބަލަނީ؟… މީ ނަހީކްގެ ދަރިފުޅު… ޔަލްވީ…” އާބިދާއަށް މާއީގެ ނަޒަރު ޔަލްވީއަށް ހުއްޓިފައިވާތަން ފެނި އޮޅުންފިލުވާލަދިނެވެ.

އާބިދާއަށް ބަލާލަމުން މާއީ ހިނިތުންވެލިއެވެ. އަދި ޔަލްވީގެ ކޮލުގައި މަޑުމަޑުން ހިފާލިއެވެ.

”މަންޖެ މިހާރު ކިހިނެއްތަ؟…” ޝަރުމީލާ މާއީގެ ހާލު އޮޅުން ފިލުވަން އަހާލިއެވެ. މަޑުމައިތިރިކަން ވެރިވެފައި އިން މާއީ އޭނަ ރަގަޅު ވާހަކަ ބުނެލިއެވެ. އޭނަގެ ސަމާލުކަން މުޅިންހެން ދެވިފައިވަނީ ޔަލްވީ އަށެވެ.

”މަންޖެ އެއްގޮތަކަށް ވެސް ހިތްވަރުދެރަނުކުރައްޗޭ… ވަގުތަކީ ހުރިހާ ކަމަށް ވެސް ވާ ޝިފާއެއް… ﷲގެ އިރާދަފުޅާއެކު މަންޖެގެ ހިތާމަތައް ވެސް ފަސޭހަވެގެން ދާނެ…” ޝަރުމީލާ މާއީއަށް ހިތްވަރުދިނެވެ.

ޝަރުމީލާއާއި އާބިދާ ވެސް މާއީއާއި ތަފާތު އެކި ވާހަކަތައް ދެއްކިއެވެ. މާއީގެ ހިތާމަތައް ލުއިކޮށްދޭން ދިރިއުޅުމުގެ ތަފާތު އެކި ތަޖުރިބާތައް ވެސް ހިއްސާކުރިއެވެ. އަދި ހުރިހާކަމެއްގައި ވެސް ހިތްވަރުކުރުމުގެ މުހިންމުކަން ވެސް ބުނެދިނެވެ.

”ޝަރުމީލާމެން ވާނީ ސައިބޮއެގެން ދާން އިނގޭ، މިހާ ދުވަސްކޮށްލާފަ އާދެވުމުން ނޫނެކޭ ބުނެގެން ނުވާނެ…” ބަސްމާ ބުނެލިއެވެ.

”ދެން މިވީ ގޮތުން މިގެއިން ސައިބޮއެގެން ދޯ ދާންވާނީ…” އާބިދާއަށް ދޯ ދެމުން ޝަރުމީލާ ވާހަކަދެއްކިއެވެ. އާބިދާ ވެސް އާނ ބަސް ދިނެވެ.

”މަންޖެ ޔަލްވީ އުރާލަން ބޭނުންވެފައި ދޯ ތީންނަނީ… އަން… މީ މީހުންނާ ވަރަށް ރައްޓެހި ކުއްޖެއް…” ޝަރުމީލާ ހިނިތުންވުމަކާއެކު ބުނެލިއެވެ. އަދި މާއީގެ އުނގުގައި ޔަލްވީ ބޭންދިއެވެ.

މާއީއާއި ޔަލްވީގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ހިނދު އެމައުސޫމް މޫނަށް ވެރިވެގެން އައި އުފާވެރިކަމާއި ތުންފަތުގައި ކުޅެލި ހިނިތުންވުމުން މާއީގެ ހިތް ފުރި ބަންޑުންވާހާ ވިއެވެ. ލޯތްބާއެކު ޔަލްވީގެ މޫނުގައި ބޮސްދެވުނެވެ. މިމަންޒަރު ބަލަން އިން ބަސްމާއަށް ހިނިތުންވެވުނީ މާއީގެ މޫނުން ފެނުނު އުފާވެރިކަމުގެ ސަބަބުންނެވެ.

ބޭރުތެރޭގައި މާގަދަޔަށް ވާހަކަ ދެކެވޭތީ ތޫގާ ފެންޑާއަށް ނިކުމެލިއެވެ. ޝަރުމީލާއާއި އާބިދާ ތިބި ތަން ފެނި ތޫގާ ފޫހި ކަމާއެކު ތުން ދަމާލިއެވެ. އޭނަ އެތެރެއަށް ވަންނަން އުޅެފައި ވެސް މާއީއާއެކު އިން ޔަލްވީ ފެނި އެޚިޔާލު ދޫކޮށްލާފައި މިސްރާބުޖެހީ ޖޯއްޔާއި ދިމާއަށެވެ.

”އަބިދާއްތަމެން ކީއްކުރަނީތަ؟…” ތޫގާ އަހާލިއެވެ.

”މަންޖެއަށް ގޮވާލަން އައީ… ތޫގާ ބަލިވެ އިން ވާހަކަ ވެސް ދައްތަމެން އަޑު އަހައިފިން… މަރުޚަބާ އިނގޭ…” ޝަރުމީލާ ބުނެލިއެވެ. ތޫގާ ލަދުރަކި ގޮތަކަށް ހިނިތުންވެލަމުން މާއީއާ ޖެހިގެން ހުސްކޮށް ހުރި ޖޯލީގައި އިށީނެވެ.

”ޔަލްވީ ބޭބީ…” މާއީގެ އަތުން ޔަލްވީ ނަގަމުން ތޫގާ ޔަލްވީއަށް ގޮވާލިއެވެ. ”އަޅެ މިހާރު ހާދަ ބޮޑުވެއްޖެހެން ހިވެޔޭ…”

ޔަލްވީ ތޫގާ ގާތު އިންނަން ބޭނުން ނުވެގެން އަޑު ލައްވަން ފެށިއެވެ. އެކަމާ ތޫގާ ރުޅި އައީ ޔަލްވީ ދެކެއެވެ. އެވެސް މާއީގެ ކަމެކޭ ހިތާ މާއީ އާ ދިމާއަށް ސިއްރުސިއްރުން ކަޅި އަޅާލިއެވެ.

”ޔަޤީން މި ދަރި ބޭނުންކޮށްގެންކަން ނަހީކްއާ ތައްތަވާންކަން އުޅެނީ… އެ ފަލަކް ދިން ޚިޔާލެއްކަން ވެސް ޔަޤީނޭ… ހޫނނނ… ވަރަށް ފޫހިވޭ… އަދި މި ދަރި ވެސް އެބަ އުޅެއެއްނު މަ ނެގީމަ ވަރު ދައްކަން… އިޑިއަޓް ޗައިލްޑް…” އެތެރެއިން އަނދަމުން ދިޔަކަމުގައި ވިޔަސް ތޫގާ ގަދަކުން ހިނިތުންވެލިއެވެ. އަދި ހިތުގެ އިހުސާސްތައް ވަންހަނާކުރަމުން ޔަލްވީ އާބިދާގެ އަތަށް ދިނީ މާއީގެ އަތަށް ނުދޭން ވެގެންނެވެ.

”ނަހީކް ކޮބާތަ؟…” މާއީގެ މޫނަށް ބަލާލަމުން ތޫގާ އެހި އެވެ. އެސުވާލުން ސިހިފައި މާއީއަށް ބަލާލެވުނީ ތޫގާގެ މޫނަށެވެ.

ތޫގާގެ ތުންފަތުގައި ދުވެލި ހިނިތުންވުން މާއީއަށް ފާހަގަ ކުރެވުނެވެ.

”މިހާރު އޮފީހުން އަންނަން އުޅޭނެ… މިދުވަސްކޮޅު އޮފީހުގެ އައު އިމާރާތް ހުޅުވަން އުޅޭތީ ވަރަށް ބުރަކޮށް އުޅެނީ ވެސް…” އާބިދާ އޮޅުންފިލުވާލަ ދިނެވެ.

”އަދި ކުޑާއާ ދެމީހުން ބައްދަލައެއް ނުވޭ ދޯ؟… އޭލެވެލްގަ އުޅުނުއިރު ދެމީހުން ވަރަށް އެކުވެރިކޮށްނު އުޅުނީ ވެސް، އަހަރެން ހީކުރީ ދެމީހުންކަމަށް މެރީކުރާނީ ވެސް، އެކަމަކު ދެމީހުން ވެސް ޚިޔާރުކުރީ އެހެން ބައިވެރިންތަކެއް…… އަނެއްކާ އާބިދާއްތަ ނުބުނަންތަ ނަހީކް ކައިރީ ކުޑާ ރަށަށް އައި ވާހަކައެއް؟…” މާއީއަށް ތޫގާ ރައްދުކުރި މަލާމާތުގެ ހިނިތުންވުން ދޭހަ ކުރެވުނީ ހަމައެކަނި މާއީ އަށެވެ. އެއާއެކު ތޫގާގެ މަޤުސަދު އޭނައަށް ނަގައިގަނެވުނެވެ. އޭނަގެ ހިތުގައި ތޫގާއާ މެދު އޮތް ފޫހި ވީ އިތުރެވެ. މިހާރު މަސައްކަތް އެކުރަނީ މާޒީގެ ދުވަސްތަކުން އޭނަގެ ހިތަށް އަނިޔާއެއް ދެވޭތޯ އެވެ.

ތޫގާގެ ސުވާލަށް ޖަވާބު ދޭން އުޅުނު އާބީދާގެ ފޯނު ރިންގްވާން ފެށުމާއެކު އޭނަ އަވަސްވެގަތީ ފޯނަށް ޖަވާބު ދިނުމަށެވެ.

*****

”މަންމާ… ކޮންތާކުތަ ތިހުރީ؟… ޔަލްވީ ކޮބާތަ؟…” އޮފީސް ނިންމާލާފައި އައި ނަހީކްއަށް ޔަލްވީ ނުފެނުމުން އޭނަގެ މަންމައަށް ގުޅާލިއެވެ. ފަލަކް ވެސް ޑިއުޓީއަށް ގޮސްފައިވުމުން މުޅި ގެ އޮތީ ފަޅަށެވެ.

”ދަރިފުޅާ، މަންމަ މީހާރު މީނީ ބަސްމާއްތަ ގޭގައި މާއީއާއި ބައްދަލުކޮށްލަން އައިސް… ދަރިފުޅަށް ގުޅީމަ ފޯނަށް ޖަވާބު ނުދިނީމަ މަންމަ މެސެޖެއްކޮށްފައި ބުނީމެއްނު ޔަލްވީ ގޮވައިގެން އެގެއަށް ދާ ވާހަކަ، އަނެއްކާ މެސެޖު ނުލިބެނީތަ؟…” އާބިދާގެ ޖުމްލައިން އިރުކޮޅެއް ވަންދެން ނަހީކްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އެއްޗެއް ނުބުނެ އިރުކޮޅެއް ވަންދެން ހުރެވުނެވެ.

”މަންމާ، އަހަރެން އެބަދަން އިރުކޮޅަކުން ޔަލްވީ ބަލާ…” ހިއްސުތަކުގެ މައްޗަށް ކުރިހޯދަމުން ނަހީކް ބުނެލިއެވެ. އަދި ފޯންކޯލް ކުރުކޮށްލިއެވެ. އެއަށްފަހު އޭނަ ބޮޑުކޮޓަރީގެ ސޯފާގައި އިށީނެވެ. މާއީއާއި ބައްދަލުވެދާނެތީ އެހިތުގައި ނުތަނަވަސްކަމެއް ވިއެވެ.

ނިއްކުރީގައި އަތުގެ ބޮޑުވާ އިނގިލި ހިންގާލަމުން ނަހީކް ފުންނޭވާއެއް ދޫކޮށްލި އެވެ. އަދި ކަރުގައި އޮތް ޓައީއަށް ދޫކޮށްލިއެވެ. ކަނދުރާ ސޯފާގެ ލެނގޭބައިގައި ޖައްސާލަމުން ނަހީކް ސީލިންގަށް ނަޒަރު ހިންގާލ ިއެވެ. އޭރު އޭނަގެ ޚިޔާލަށް ވެރިވެގެން އައީ ދުވަސްތަކެއް ކުރިން އޭނައަށް އައި ފޯންކޯލެވެ.

އެއީ އޭނަ އޮފީހުގައި އުޅުނު ދުވަހެކެވެ. ބޭރު ނަންބަރަކުން ގުޅުމުން އޭނަ ފުރަތަމަ އުޅުނީ އެކޯލަށް ޖަވާބު ނުދޭށެވެ. ނަމަވެސް ތަކުރާރުކޮށް ގުޅަން ފެށުމުން ޖަވާބު ދިނީ ފަހަރެއްގައި މުހިންމު ކޯލަކަށް ވެދާނެތީ އެވެ. އެކޮޅުން އޭނައާއި ވާހަކަ ދެއްކީ ފިރިހެނެކެވެ. ވާހަކަދެއްކުމުގައި އަޅައިގަންނަ ގޮތެއް ހުރި އިރު އަޑުގައި ވެސް ކުރަކިކަމެއް އެކުލެވިގެން ވިއެވެ. އަޑުން ވެސް ބޮޑު ބައްޔެއް ތަހައްމަލުކުރަމުންދާ މީހެއްކަން އޭނައަށް ފާހަގަ ކުރެވުނެވެ.

”މީ ޒިވާން… އަހަރެން މީ ކާކު ކަން ފަހަރެއްގައި ނަހީކްއަށް ނޭގި އޮވެދާނެ… އެކަމަކު އަހަންނަށް ނަހީކް ތީ ކާކުކަން އެނގޭ… އަހަރެން ވަރަށް ބޮޑު ކަމަކު އެދެންވެގެން މިގުޅީ… މިއީ ފަސޭހަކަމެއް ވެސް ނޫން… އެކަމަކު އެންމެ ލޯބިވާ ފަރާތުގެ ހައްގުގައި މިނިންމުން ނިންމަން މިވަނީ މަޖުބޫރުވެފައި… އަހަރެންގެ އަތުގައި ގިނަ ވަގުތެއް ވެސް ނެތް… މި ދުނިޔެއަށް މާއީ އެކަނި ދޫކޮށްފައިދާކަށް އަހަރެން ބޭނުމެއް ވެސް ނޫން، އެކަމަކު ތަޤުދީރުގެ ނިންމުންތަކަށް އަހަރެން އިންކާރުކުރާނީ ކިހިނެއް؟… މާއީ އަހަންނަށް ސިއްރުކުރަން އުޅުނަސް އަހަންނަށް އެނގޭ މާއީގެ ފުރަތަމަ ލޯތްބަކީ ނަހީކް ކަން… އަދިވެސް އެލޯބި އެހިތުގައި ފޮރުވިފައިވާކަން… މާޒީގައި ކަންތައް ވެދިޔަ ގޮތުން ނަހީކްއާއި ވަކިވާން މާއީއަށް މަޖުބޫރުވީ ހިތާއި ދެކޮޅަށް، އަދިވެސް އެކަމުގެ ގިލަންވެރިކަން އެހިތުގައިވޭ… ނަހީކް ވެސް މާއީއާއި ވަކިވާން ބޭނުން ނުވިކަން މާއީގެ ވާހަކަތަކުން އަހަންނަށް އެނގުނު، އެކަމަކު ނަހީކްގެ ހިތުގައި ޖެއްސި އަނިޔާ ދެވުނީތީ ހިތާއި ދެކޮޅަށް ދުރުވީ… އެކަމުގެ މާޔޫސްކަން އަހަންނަށް ސިއްރުކުރަން އުޅުނަސް އަހަންނަށް އެކަން ފާހަގަވޭ… މިއަދު އަހަރެން މަރުބަލީގައި ވާ ހިނދު ނަހީކް ގާތުން ބޭނުންވަނީ އެންމެ ކަމަކަށް އެދެން… މާއީ އުފަލުގައި ބަހައްޓައިދީ… މާއީ އިންކާރުކުރަން އުޅުނަސް އަދިވެސް އެހިތުގައި ވަނީ ނަހީކް… މި ވާހަކަދައްކަން ހިތަށް ކިތަންމެ އުނދަގޫވީކަމުގައި ވިޔަސް މާއީގެ އުފަލަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވާން ވެސް އަހަރެން މިހިރީ ތައްޔާރަށް…”

ޒިވާންގެ ރާގުން އޭނަގެ ހިތަށް ކޮށްފައިވާ ފުން އަސަރުތައް ފަސޭހަކަމާއެކު ނަހީކްއަށް ދެނެގަނެވުނެވެ. އެއްޗެއް ނުބުނެ ހިމޭނުން ހުރެވުނީ ރައްދުގައި ބުނާނެ އެއްޗެއް އޭނަގެ ސިކުނޑިއަށް ނުވިސްނުމުންނެވެ. އޭރު އެވާހަކަތައް އޭނަގެ ކަންފަތުގައި ތަކުރާރުވަމުން ދިޔަ އެވެ. މިފަދަ ދުވަހަކާއި ކުރިމަތިލާން ޖެހިދާނެކަމަކަށް އޭނަ ދުވަހަކު ވެސް ހިޔެއް ނުކުރެއެވެ. މާއީގެ އަތުން އޭނަ ދޫކޮށްލީ މާއީ އުފަލުގައި ވުމަށް އެދޭ ހާލުގައެވެ. މާއީ ކައިވެނި ކުރި ޚަބަރު ލިބުނު ދުވަހު ހިތަށް ކިތަންމެ ތަދުވިކަމުގައި ވިޔަސް ހިނިތުންވެލީ މާއީގެ އުފަލަށްޓަކައެވެ. އެލޯބި ހިތުގައި ސިއްރުކުރަމުން އާޚަޔާތެއް އޭނަ ފެށީވެސް ލިބެން ނެތް ލޯތްބެއްގެ އަވާމެންދުރެއްގައި ދިރިއުޅުން ވޭތުނުކުރުމަށެވެ. އޭނައާއި ވަކިވެގެން ދިޔަ ދުވަހު މާއީ އެދުނު އެންމެ ފަހު ކަމަކީ ވެސް އެއީއެވެ. ނަމަވެސް މިއަދުމިވީ ކިހިނެއް ހެއްޔެވެ؟ އޭނައާއި މާއީއަށް ވެސް އުއްމީދުކުރި ފަދަ އުފާވެރި ދިރިއުޅުމެއް ނުލިބުނެވެ. އޭނަގެ އަންހެނުން އޭނައަށް ބޭވަފާތެރިވީ ހިނދު މާއީއަށް އެވަނީ ލޯބިވާ ފިރިމީހާ މަރުތަންމަތީގައި ވޭނާއި ކެކުޅުން ބަރުދާސްތު ކުރަމުންދާތަން ދެކެން ޖެހިފައެވެ. ލޯބިވާ ފިރިމީހާ މަރުވެގެންދާއިރު ވެސް ކުރެވޭނެ ކަމެއް ނެތި އެހިތްދަތި މަންޒަރު ބަލަން ހުންނާށެވެ. ނަހީކްގެ ލޮލުން ކަރުނައިގެ ދިލަކަށް ފާޅުވިއެވެ.

ތަކުރާރުކޮށް ޒިވާން އެދުނީ އެންމެ ކަމަކަށެވެ. މާއީ މިއަނިޔާވެރި ދުނިޔެއަށް އެކަނި ނުކޮށްލުމަށެވެ. މާއީގެ ހިތާމަތަކަށް ޝިފާއެއް ހޯދައި ދިނުމަށެވެ. މާއީގެ ފުރަތަމަ ލޯބި އޭނައަށް ހޯދައިދިނުމަށެވެ. އެއިން ކޮންމެ ޖުމްލައަކުން ވެސް ޒިވާން މާއީދެކެ ވާ މަތިވެރި ލޯބި ނަހީކްއަށް އިހުސާސްކުރެވެ އެވެ. މާއީ އުފަލުގައި ވުމަށް ދެކެމުން ދިޔަ ހުވަފެންތަކުގައި އޭނައަށް ބަރޯސާވެވޭނެކަމަށް ކުރަމުން އައި އުއްމީދުތައް ވެސް މެއެވެ.

*****

ސައިކަލު އައިސް ”މަންޒިލް” ކުރިމައްޗަށް މަޑުކޮށްލަމުން ނަހީކް އެގޭގެ ގޭޓަށް ނަޒަރު ހިންގާލިއެވެ. ސައިކަލުގެ ހަރު ޖައްސާލަމުން ނުފައިބާ އިރުކޮޅެއް ވަންދެން ސީޓުގައި އިށީންދެލައިގެން އޭނާ އިނެވެ. އޭނަ ދޫކޮށްލި ފުން ނޭވާއަކީ ނަފުސު ތައްޔާރުކޮށްލަން ކުރިކަމެކެވެ.

ނަހީކް ގޭޓު ހުޅުވާލާފައި އެތެރެއަށް ވަންނަމުން މަންމައަށް ގުޅާލަން ފޯނު ނެގި ގޮތަށް ގަނޑުވި އެވެ. މާގިނަ އިރު އެއްތާކު އިންނަން ވުމުން ފޫހިވެގެން ރޯން ފެށި ޔަލްވީ އުރާލައިގެން ނިކުތް މާއީއަށް ވެސް ވީ ހަމަ އެވަރެވެ.

މާއީއަށް ވެސް ނަހީކް ފެންނައިރަށް ދެފައި ބިމުގައި ތަތްލައިފި އެވެ. އޭނަ ބޭރަށްލާން އުޅުނު ނޭވާވެސް ނޭވާހޮޅިތެރޭ ތާށިވެއްޖެ އެވެ. މެޔަށް ފިނިކަމުގެ އިހުސާސް ކުރެވެން ފެނީ ނަހީކްއާއި ހަތަރުކަޅި ބައްދަލުވުމުންނެވެ. އެއްޗެއް ބުނަން ހަނދާން ނެތިފައި ދެޒުވާނުންނަށް ވެސް ތިބެވުނެވެ.

ހިމޭންކަން ނަގާލީ ޔަލްވީގެ އަޑުންނެވެ. ނަހީކް ފެނި އޭނަ ގާތަށް ދާން ޔަލްވީ އަޑުތަކެއް ލައްވާލީއެވެ. ނަހީކްއާއި މާއީ ވެސް ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް ތިރިކޮށްލެވުނު އެސްފިޔަތަކާއި އެކު މާއީއަށް އަވަސް ނޭވާތަކެއް ބޭރުކޮށްލެވުނެވެ. ޒަމާންތަކަށްފަހު ނަހީކް ފެނި އޭނަގެ ހިތުގައި ވެސް ރިއްސާލިއެވެ.

ނަހީކް މާއީ ގާތަށް ދިއުމަށް އެޅި ކޮންމެ ފިޔަވަޅަކާއެކު މާއީގެ ހިތުގެ ތެޅުން އަވަސްވިއެވެ. އެގޮތް ނޭގޭ އިހުސާސްތަކުން މާއީއަށް ހައިރާންކަން ވެސް ލިބުނެވެ.

”ބައްޕިގެ ދޫނި އަވަހަށް އާދޭ…” މާއީ ގާތަށް އައިސް ނަހީކް ހުއްޓުނެވެ. އެއާއެކު މާއީ، ނަހީކް އަތަށް ޔަލްވީ ދިނެވެ. ނަހީކްގެ ހަރަކާތްތަކުން ވެސް އޭނަ ފިނިވެފައި ހުރިކަން އެނގެއެވެ. އެތައް އަހަރަކަށް ފަހު ދެޒުވާނުން ބައްދަލުވިއިރު ހަޔާތަށް އައިސްފައިވި ތަފާތު ކުލަތަކުގެ ނަތީޖާ އެދެމެދުގައިވި ހިމޭންކަމުން ހާމަކޮށްދިނެވެ. ހަމައެއާއެކު އެދެމެދުގައި އޮތީ ވެސް ނުތަނަވަސްކަމެކެވެ.

ނަހީކް ޔަލްވީ އުރާލަމުން މާއީގެ މޫނަށް ބަލާލިއެވެ. އޭރު މާއީ ހުރީ އިސްތިރިކޮށްލައިގެން ކަމުން އެތޫނުފިލި ދެލޯ އޭނައަށް ހުއްޓިފައިވިކަން ރޭކާނުލި އެވެ. ނަހީކްގެ ތުންފަތް ހަރަކާތްކޮށްލަން އުޅުނު ގޮތުން އޭނަ އެއްޗެއް ބުނަން އުޅުނުހެން ހީވިއެވެ. ނަމަވެސް މާއީގެ ފުރަގަހުން އިވުނު އަޑާއެކު އޭނަގެ ސަމާލުކަން އެދިމާއަށް އަނބުރާލެވުނެވެ.

”އޯހް. މައި ގޯޑް!… ވަޓް އެ ބިގް ސަޕްރައިޒް… ހަމަ ދެންމެ ނަހީކްގެ ވާހަކަދައްކައި މި ނިމުނީ ވެސް…” އާބިދާގެ ފޯންކޯލް ނިންމާލީއްސުރެން ނަހީކް އަންނާނެ އިރަކަށް ކޮޅުމަތި ބަލަމުން ދިޔަ ތޫގާއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނަ ހިފާލިއެވެ. އޭނަ ވިހަ ހިނިތުންވުމަކާއެކު މާއީ އާއި ނަހީކް ގާތަށް ދިއުމަށް ހިނގައިގަތެވެ.

”ހީވަނީ ހަމަ ޕާރފެކްޓް ފެމިލީއެއްހެން… ސޯ ކިއުޓް…” މާއީ ގާތަށް ހުއްޓިލަމުން ތޫގާ ބުނެލިއެވެ. ތޫގާ ފެނުމާއެކު ނަހީކްގެ ދެލޮލުން ފާޅުވެގެން އައީ ރުޅިވެރިކަމެވެ. އެކަން ފާހަގަ ކުރެވުނު ތޫގާގެ ހިތުގައި ޖެހިލުންވުން އުފެދުނެވެ. ހިތް ބިރުން ތެޅިލި އެވެ. އޭނައަށް ނަހީކްގެ ރުޅިވެރިކަން އޮތީ އިހުސާސް ކުރެވިފަ އެވެ. ނަހީކްދެކެ ހިތް ބިރުގަންނަނީ އެސަބަބާ ހުރެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ހުވަފެނުގެ ރާނީ 12

Next

ދުޢާ 34

Next
November 15, 2018

ދުޢާ 34

Previews
November 15, 2018

ހުވަފެނުގެ ރާނީ 12

8 Comments!

  1. imko says:
    November 15, 2018 at 6:35 pm

    yey me first
    Vara loabi mi vaahaka
    When is next part

  2. Anonymous says:
    November 15, 2018 at 6:41 pm

    Me first dho? Varah reethi vaahakaeh.

  3. Almaash says:
    November 15, 2018 at 7:37 pm

    Vvvv salhi muthaage 2 vanavaahaka mikenee a
    Vaahakayah vaki dhoonukurey mivaahaka ves
    Vvvasarugadha unmeedhu kuranee muthaage 3 vana veskiyaaln libeyne kamah
    Vvvvsalhi THANks?

  4. Hajja says:
    November 15, 2018 at 8:01 pm

    Haadha rangalhu kujjekey.. mivaahaka kiyaahithun huttaa 2 part thi up kohdhinee.. vv reethi mi story ves.. Thank u so much????

  5. Pimpi says:
    November 15, 2018 at 8:24 pm

    Wow.. Varah habbu mi part vx..

  6. Azuna says:
    November 15, 2018 at 11:06 pm

    Habeys! Varah reethi

  7. Yoosuf says:
    November 15, 2018 at 11:13 pm

    thi manje ah kiyan v thoogaa ehves noon thoofaan ehengnaafahe maai aa dhimaavefa huri museebaatheh kahala kithanme vareh huttas naheek aa dhemeehun alun gulhuva bala erun thi thoofaannuge asaru kendi maiyhiri vedhaane thoahche

  8. Aisha says:
    November 16, 2018 at 12:29 am

    Muthaaa
    I love u lotsssss
    Story vvvv salhiii
    Up sooooon
    ?????

Comments are closed.

Next Episodeހޯދޭތޯ މަންޒިލެއް… 17←


All Right Reserved!