Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހޯދޭތޯ މަންޒިލެއް… 14

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
November 14, 2018 6 Mins Read
4 Comments

”ހުރިހާ އެންމެންގެ ލައިފް ވެސް މުޅިންހެން ބަދަލު ވެއްޖެ، ކުރީގެ މިޒާޖުތަކެއް ނޫން މިހާރު ލިބިފައި ވަނީ ވެސް… ހިތަށް އަރާ ކުރީގެ ދުވަސްތަކަށް އަނބުރާ ދެވޭނެ ނަމައޭ… އޭރުން މި ސްޓަރަގްލްތަކާ މެދު ވެސް ވިސްނާކަށް ނުޖެހުނީހެއްނު… އޭރު ކިހާ އުފާވެރިކޮށް އުޅުނީ… އެކަމަކު މިހާރު އެހުރިހާކަމެއް ބަދަލު ވެއްޖެ…” ފަލަކްގެ ދެލޮލުން ދިލަނަގަން ފެށިއެވެ. އޭނަގެ ރާގުން އެހިތަށް އަސަރުކޮށްފައިވާ މިންވަރު އެނގެއެވެ.

ނުތަނަވަސްވެފައިވި ހިތަކާއެކު މާއީއަށް އިދެވުނީ ފަލަކްއަށް ބަލާށެވެ. ފަލަކްގެ ހިތާމަތަކާއި ގުޅިގައިވަނީ ނަހީކްކަން ޔަޤީނާ ގާތަށް އޭނައަށް ކަށަވަރު ކުރެވުނެވެ. ނަމަވެސް އެކަމުގެ ސަބަބު ވިސްނައިގަތުން ވީ މުސްތަހީލުކަމަށެވެ. ފާއިތުވި އަަހަރުތަކުގައި ފަލަކްއާއި ނަހީކްގެ ދިރިއުޅުމަށް އައި އެއްވެސް ބަދަލެއް އޭނައަކަށް ނޭގެއެވެ. ނަހީކް ކައިވެނި ކުރިކަން ވެސް އޭނައަށް އެނގުނީ ތޫގާގެ ފަރާތުންނެވެ. ތޫގާ އެވާހަކަތައް ހިއްސާކުރި ސަބަބު އޭނައަށް ރަގަޅަށް އެނގެއެވެ. އޭގެ ފަހުން ތޫގާ ވެސް ނަހީކްގެ ވާހަކައެއް އޭނަ ގާތު ހިއްސާއެއް ނުކުރެއެވެ. ފަލަކްއާ ވާހަކަ ދެކެވުނު ފަހަރެއްގައި ވެސް ފަލަކް އޭނަގެ ޢާއިލާގެ ޒާތީ ވާހަކައެއް ހިއްސާއެއް ނުކުރެއެވެ.

މާއީގެ ހިތުގައި އެތައް ސުވާލެއް ފުނިޖެހިފައި ވިއެވެ. އެހެނަސް، އިސްވެ އެސުވާލުތައް ކުރުމުގެ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. އޭނަ ދެކުނު ގޮތުގައި މާޒީގައި ކަންތައް ވެދިޔަ ގޮތަށް ފަހު އެހައިސިއްޔަތެއް ވެސް އޭނަގެ ނެތެވެ. އޭރު ނަހީކްއާ މެދު ހިތުގައި އުފެދުނު ޝައުގުވެރިކަމުގެ މާނަ ނަގަންވީ ގޮތެއް ވެސް އޭނައަކަށް ނޭގުނެވެ. ހިތަށް އުދަގޫތަކެއް ވެސް ވީ އެހެންވެއެވެ. އެއީ ރަގަޅުކަމަށްް ނުވާތީއެވެ. އޭނަ އެފަދައިން ވިސްނައިގެން ވެސް ނުވާނެތީއެވެ.

އޮއްސެމުން ދިޔަ އިރުގެ ދަޅަތަކާއި ވަކިވެގެން އައި ފަލަކްގެ ނަޒަރު މާއީގެ މުނަށް ހުއްޓުނެވެ. އެއާއެކު ހުޅުވާލާފައިވި ފޮތެއްހެން އެމޫނުމަތިން ފެންނަމުން ދިޔަ ކޮންމެ ޝުޢޫރެއް ވެސް ފަލަކްއަށް ނިކަން ފަސޭހައިން ދޭހަކުރެވިއްޖެ އެވެ. އެއްޗެއް ނުބުނެ އިރުކޮޅެއް ވަންދެން އިނުމަށްފަހު ފަލަކް އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.

”ދޮންބެ ޔަލްވީގެ މަންމައާ މެރީކުރި އިރަކު ނޭގޭ އެއީ ކޮންކަހަލަ މީހެއްކަމެއް… ދެމީހުން ދިމާވީ ދޮންބެ މާލޭގައި ވަޒީފާގައި އުޅުނު އިރު، ރައްޓެހިވެގެން އުޅުނު އިރު ގަޔާއި މެރީކޮށްގެން ޔަލްވީއަށް ބަޑުބޮޑުވުމުގެ ކުރިން ވަރަށް އުފަލުގައި އުޅުނީ ވެސް… އެކަމަކު ބަނޑުބޮޑުވި ފަހުން ހުރިހާކަމެއް ބަދަލުވީ… އޭނާ ބޭނުމެއް ނުވި އެހާ އަވަހަށް ދަރިޔަކު ހޯދާކަށް، ބަނޑުބޮޑުކަން އެނގުނީމަ ދޮންބެއަށް ނާންގާ އެބޯޓްކުރަން އުޅުނީ، އެކަމަކު ފުރުމުގެ ކުރިން ދޮންބެއަށް ފަޅާއަރައިގެން ބޮޑު ޒުވާބެއް ހިނގީ… ދޮންބެއަށާއި އޭނަގެ ޢާއިލާއަށް ފަޅާއެރީމަ ނުކެރުނު އެބޯޓްކުރާކަށް… އޭގެ ފަހުން އެދެމެދުގައި ޖެހުނު މައްސަލަތައް ހައްލުނުވާ ހިސާބަށް ދިޔައީ… ޔަލްވީ ވިހެއީމަ ދަރިފުޅުގެ ކަންތައްތައް ގިނައިން ދޮންބެއަށް ކުރަންޖެއްސީ ބުރައަކަށް ހަދަން… އެގޭ މީހުން ނަސޭހަތް ދީގެން ކުޑަކޮށް އެއަންހެން މީހާ އިސްލާހުވި… ޔަލްވީގެ ކަންތައް ވެސް ކޮށްހެދި… އެކަމަކު ދޮންބެ ދެކެ އަންނަ ރުޅީގައި ވަރަށް ހުތުރު އެއްޗެހި ކިޔާ ހެދި… ދޮންބެ ކެތްކޮށްގެން ހުރީ ހަމައެކަނި ޔަލްވީއަށް ޓަކައި، އޭރު ޔަލްވީ ކުޑަވީމަ މަންމައަށް ބޭނުންވާނެތީ… އެކަމަކު އޭނާ ހިލޭ ފިރިހެނުންނާއި ގުޅުން ބާއްވާކަން އެނގުނު ހިސާބުން ވަރިކޮށްލާފަ ޔަލްވީ ގޮވައިގެން ރަށަށް އައީ…”

ފަލަކްގެ ވާހަކަތަކުން މާއީގެ ހިތުގައި ރިއްސާލިއެވެ. އޭނަ ހީކޮށްގެން ހުރީ ނަހީކް އުޅެމުން ދިޔައީ ވަރަށް އުފާވެރި އަދި ހަމަޖެހޭ ދިރިއުޅުމެއް ކަމަށެވެ. ނަމަވެސް ހަޤީޤަތް މުޅިން ވެސް ތަފާތެވެ. އުފަލާއި ހިތްހަމަޖެހުމެއް ނަހީކަށް ނުލިބުނެވެ. ހަމައެއާއެކު ނަހީކް އުޅުނު ހިތާމަވެރި އަދި އެކަނިވެރި ދިރިއުޅުން އޭނައަށް ތަސައްވަރުކުރެވުނެވެ. ހިތުގައި ރިއްސާލީވެސް އެހެންވެ އެވެ.

”އެދުވަސްކޮޅު އަހަރެން ވެސް ވަރަށް ދެރަވި ދޮންބެ އުފުލަމުން ދިޔަ ހިތާމަތަކާއި އުދާސްތައް ފެނިފައި… އެދަނޑިވަޅުގައި ޒިވާންގެ ވާހަކަތައް ވެސް ރަށަށް ފެތުރިނީ… ވަރަށް ދެރަވި އަހަރެންގެ އެންމެ ގާތް ދެފަރާތަށް ދިރިއުޅުމުގައި ކުރިމަތިވަމުން ދިޔަ އިމްތިހާނުތަކާއި ހިތާމަތަކުން…… މާއީ އެއްވެސް ކަމަކު ބޭނުންވަންޏާމު އަހަރެން ގާތު ނުބުނެ ނުހުންނައްޗޭ، ޔޫ ޑޯންޓް ހޭވް ޓު ސަފާރ އެވްރީތިންގް އެލޯން، އައިލް ބީ ދެއާރ ފޯރ ޔޫ… މާއީގެ ކުރީގެ ހުރިހާ ރައްޓެހިން ވެސް ގާތުގައި އެބަތި… އޭރު މާއީ ބޭނުންވި ގޮތަށް ސްޕޭސް ދިނީ މާޒީގައި ވެދިޔަ ކަންތަކަށްފަހު މާއީ ވަގުތު ބޭނުންވާނެތީ، އެކަމަކު މިހާރު ހުރިހާކަމެއް ވެސް ބަދަލުވެއްޖެ…” ޖަޒުބާތުގައި ބެހެމުން ދިޔަ އޭނަގެ އިހުސާސްތަކުގެ މައްޗަށް ކުރި ހޯދަމުން ފަލަކް ވާހަކަދެއްކިއެވެ. އޭނަ ލުއި ހިނިތުންވުމަކާއެކު މާއީގެ އަތުގައި ހިފާލިއެވެ. މާއީ ހާދަ ގިނަ ހިތާމައެއް ތަހައްމަލުކޮށްފި ނޫން ހެއްޔެވެ؟ އެތައް ވޭނެއް ބަރުދާސްތުކޮށްފިއެވެ. އޭނައަށް އެއިން އެއްވެސް ކަމެއް ތަސައްވަރެއް ނުކުރެވޭނެއެވެ. ވެދިޔަ ހުރިހާ ކަމަކަށްފަހުގައި ވެސް މާއީ އެދަނީ ދިރިއުޅުމާއި ހިތްވަރާއެކު ކުރިމަތިލަމުންނެވެ. މާއީއަށް ވެދެވެން އޮތް ގޮތަކުން ވިއްޔާ އެހީވާން ފަލަކް ބޭނުމެވެ.

ހިތުގައިވި އިހުސާސްތައް ފަލަކްއަށް ވަންހަނާ ކުރަމުން މާއީ ހިނިތުންވެލިއެވެ. އެކުވެރިންގެ ވާހަކަތައް ދެން މެދުކެނޑިގެން ދިޔައީ ޒީޝާންއާއި ޔުމްނާ އައުމުންނެވެ. މާހައުލުގައިވި އުދާސްކަން ކަނޑުވާލަމުން އެކުވެރިންނާއެކު ފަލަކްއާއި މާއީ ހިނގައިގަތީ ރާޅުފަށާއި ދިމާއަށް ފޮޓޯ ނެގުމަށެވެ.

*****

ޖޯލީގައި އިން ތޫގާ ބަލަމުން ދިޔައީ ރޯޅިތަކުގެ މަދަދާއެކު ދަތުރުކުރަމުން ދިޔަ ވިލާތަކަށް އިރުގެ ވަދާއީ ދަޅަތަކުން އެޅިފައިވި ތަފާތު ކުލަތަކަށެވެ. ޤުދުރަތުގެ ހިތްގައިމުކަމުގެ ތެރެއަށް ނަފުސު ދޫކޮށްލަން ބޭނުން ވިޔަސް އޭނައަށް ވިސްނެމުން ދިޔައީ މާއީއާއި އޭނަގެ އެކުވެރިންނާ މެދުގައެވެ. ވަކިން ހާއްސަ ގޮތެއްގައި އޭނަ އެންމެ ފޫހިވާ މީހުންނާއި ބައްދަލުވުމުން އެކަމުގެ ހިތްހަމަނުޖެހުން ވެސް އޭނަގެ މޫނުން ފާޅުވެއެވެ.

”ކީއްވެގެންތަ އެމީހުން މާއީއާއެކު އުޅެނީ؟، ހާދަ ފޫއްސެއް ވެޔޭ… އެ ފަލަކް ވެސް މިއަދު އުޅުނީ އޭނަގެ ފެންވަރު އޮޅިގެންނޭ… ހާދަ ރުޅިއެއް އާދެޔޭ… މަށާ މެދު އެހެން ކަންތައްކުރުމުގެ ހައިސިއްޔަތެއް ވެސް އޭނަގެ ނުހުންނާނެ… ރަށުގެ އެންމެ ފީކަޅާ ޢާއިލާގެ މީހެކޭ އެއީ… އޭނަ މާއީ ގޮވައިގެން އެއުޅެނީ ކޮންމެވެސް ކަމެއްގައިކަން ޔަޤީނޭ…” ތޫގާގެ ހިތަށް ވެރިވެގެން އައި ޚިޔާލަކާއެކު އޭނައަށް ނުތަނަވަސްކަން ލިބުނެވެ. ބުމަ ވެސް ގޮށްޖަހާލެވުނެވެ.

”ނަހީކު ކިޔާ ގޮލާ ވެސް މިހާރު ރަށަށް ބަދަލުވެގެން އެބަ އުޅެއެއްނު، ޔާޤީނޭ އެދޭތި ތަތްކުރުވަންކަން އެއުޅެނީ… ހޫނ… ހޭބަލިވެގެން އުޅޭ މީހެއް ފަލަކް އަކީ… ވެދިޔަ ކަންތަކަށް ފަހު ވެސް ފިލާވަޅެއް ލިބޭކަށް ނޭގުނު… ކަލޭ ކިތަންމެ ވަރަކަށް ފޫގަޅައިގެން އުޅުނަސް އަހަރެން އަދި އެބަހުރީމެއްނު، ލާހިކެއް ނޫން އެދެމީހުންނަށް އުފަލެއް ލިބޭކަށް…” ނަހީކުގެ ނަން ހިތަށް ވެރިވުމުން ތޫގާއަށް ތުންފަތް އަރިއަކަށް ދަމާލެވުނީ ވީފޫއްސެއްގެ ބޮޑުކަމުންނެވެ. ރުޅިވެރިކަމުގެ ކުލަވަރުތައް ވެސް އޭނަގެ މޫނުން ފެނުނެެވެ. ވިސްނަމުން ދިޔަ ވަރަކަށް އެމޫނަށް ތަފާތު އެކިއެކި ހަރަކާތްތައް އޭނަ ގެނައެވެ.

*****

ރޭގަނޑުގެ ވަގުތެވެ. ކެއުމަށް އެންމެން އިސްފާފުކުރަމުން ދިޔަ ވަގުތު ތޫގާ އޭނަ ބަލިވެ އިން ޚަބަރު ޢިއުލާންކޮށްލިއެވެ. އެއާއެކު މުޅި ކާކޮޓަރިއަށް ވެރިވެގެން އައީ އުފާވެރިކަމުގެ މާހައުލެކެވެ. ތޫގާއަށް ދެއްވި ނިޢުމަތަށް ބަސްމާއާއި ޖާވިދަށް ހަމްދުކޮށްލެވުނެވެ. އެދެމަފިރިންގެ ދެލޮލުން ވެސް އުފާވެރިކަމުގެ ކަރުނަ ނީރާލީ އެޚަބަރު އަޑުއިވޭނެ ދުވަހަކަށް ކުރަމުން ދިޔަ ދިގު އިންތިޒާރުގެ ސަބަބުންނެވެ. ހުރިހާ އެންމެން މުބާރަކުބާދީ ދިން އިރުގައި މާއީ ވެސް އެކަމުގައި ބައިވެރިވެލިއެވެ. އޭނައާއި ކޮއްކޮގެ ގުޅުން ކޮންމެ ފަދަ ހާލަތެއްގައި އޮތްކަމުގައި ވިޔަސް ކޮއްކޮއަށް ލިބުނު ނިޢުމަތާ މެދު އޭނަ އުފާވެރިވިއެވެ. އެއީ ކޮންމެ އަންހެނަކަށް ވެސް ލިބޭނެ އެންމެ ބޮޑު އުފާވެރިކަމެވެ. ހަމައެއާއެކު ކޮންމެ ދެމަފިރިއަކު ވެސް ހަޤީޤަތަކަށްވުމަށް އެދެވޭނެ ކުލަ ރީތި ހުވަފެނެކެވެ. ހަލަތާއި ވަގުތު އޭނައަށް މަދަދުވެރިނުވިކަމުގައި ވިޔަސް އޭނަ ބަލިވެ އިންކަން އެނގުނު ދުވަސް އެއީ ޚަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަހެވެ. އެދުވަހު ޒިވާންގެ މޫނުން ފެނުނު އުފާވެރިކަން އޭނަގެ ހިތުގައި ބިންވަޅު ނެގިފައި ވިއެވެ. އެދެލޮލުން އޮހޮރުނު އުފާވެރިކަމުގެ ކަރުނަތައް އަދިވެސް މާއީއަށް ސިފަކުރެވެއެވެ. އެދުވަހު ޒިވާންގެ ފަރާތުން ލިބުނީ ނިމުމެއް ނުވާ ލޯތްބެވެ. އޯގާތެރިކަމެވެ.

ރުކާންއައީ ތޫގާއަށް މާއި ބަލާލިއެވެ. އެހިނދު ޖަޒުބާތުގައި ހިތް ދީލާލުމާއެކު މާއީގެ ލޮލުން ކަރުނައިގެ ދިލަކަން އިހުސާސްކުރެވުނެވެ. މާއީ އެއިހުސާސްތަކުގެ މައްޗަށް ކުރި ހޯދީ ތޫގާގެ އުފަލަށް އޭނަގެ ސަބަބުން ހުރަސް އެޅެން ބޭނުންނުވާތީއެވެ.

”ކެން، އަދި އެބައޮތް ވާހަކައެއް ބުނަންވެފައި ވެސް… މަންމަ އެދިފައި އެބައޮތް ދުވަސްކޮޅަކަށް މިކޮޅަށް ބަދަލުވާން… ޕްރެގްވީމަ އަހަރެން ވެސް ބޭނުން ދުވަސްކޮޅަކަށް މަންމަ ގާތު ހުންނަން…” ރުކާންއަށް ބަލާލަމުން ތޫގާ އެދުނެވެ. އޭނަގެ ދެލޮލުގައިވި ޝުޢޫރުތަކުން އެކަމަށް ރުކާން އެއްބަސްކުރުވަން ބާރުއަޅާކަހަލައެވެ. އެވަގުތު ތޫގާގެ ހިތުގައި އެތުރިގެން އައި ނުބައި ޚިޔާލުތައްވީ އޭނަގެ ތުންފަތަށް ވެރިވި ހިނިތުންވުމުގެ ފުރަގަހުގައި ނިވާވެފައެވެ. އޭނަ ލޮލުގެ ހިމަކޮޅުން މާއީއަށް ވެސް ބަލާލިއެވެ. މާއީގެ ހިތުގެ ޒަހަމްތަކުގައި ލޮނުމިރުސްލަައި ފިއްތާލާނެ ގޮތާމެދު ވިސްނި އޭނަގެ ހިނިތުންވުން ފުންވި އެވެ.

ތޫގާގެ އެއްވެސް ކަމަކަށް ހުރަސްއަޅަން ބޭނުންނުވާ ރުކާން މިފަހަރު ވެސް ތޫގާ އެދުނު ފަދައިން ކަންތައް ކޮށްދޭން އެއްބަސް ވިއެވެ. ބަލިވެ އިންނަ ދުވަސްވަރު މަންމަގެ އެހީ އަންހެން ދަރިފުޅަށް ބޭނުންވާނެ މިންވަރު އޭނައަށް އަންދާޒާ ކުރެވުނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ތޫގާ ރުހޭ ފަދައިން ހުރިހާކަމެއް ގެންދަން ރުކާން ބޭނުން ވިއެވެ. ހަމައެއާއެކު އޭނަގެ ފުރިހަމަ ސަމާލުކަމާއި، ލޯތްބާއި، އަޅާލުން ދޭން ވެސް މެއެވެ. ތޫގާ އުފަލުގައި ބަހައްޓަން އޭނައަށް ކުރެވެން އޮތް ކަމެއް ވިއްޔާ ކުރާނެއެވެ. ތޫގާ އެއިނީ އޭނަގެ ދަރިފުޅަށް ބަލިވެއެވެ. އެޚަބަރު އެލިބުނީ ވެސް ހާދަ ގިނަ ދުވަހެއްގެ އިންތިޒާރަށް ފަހުގައި ހެއްޔެވެ؟

*****

ރުކާން އޭނަގެ މަންބަފައިންނަށް ވެސް ޢާއިލާއަށް އަންނަން ތައްޔާރުވަމުން ދާ އައު މެހުމާނުގެ އުފާވެރި ޚަބަރު ދިނެވެ. އެއާއެކު އުމެއިރާ ހީވީ އެހެންފަދަ ކަމެއް ހެނެންނެވެ. އޭނަ ރޮމުން ތޫގާ ގައިގައި ބައްދާލި އިރު އެތާނގައި އިތުރު ބަޔަކު ތިބިކަމެއް ވެސް ހަނދާނެއްނެތެވެ.

”މަންމަގެ ރަންގަނޑު… ހާދަ އުފާވެރި ޚަބަރެކޭ ތިދިނީ… މަންމަ މިދުވަހުގެ އިންތިޒާރުގައި ހުންނަތާ ކޮން ދުވަހެއް… މިއަދު ދަރިފުޅުގެ ސަބަބުން ރުކާންއަށް ހުރިހާ އުފަލެއް ވެސް ލިބިއްޖެ… މަންމަ ދަރިފުޅަށް ޝުކުރުވެރިވަން…” ތޫގާގެ ނިތުގައި ބޮސްދިނުމަށްފަހު އިސްތަށިގަނޑުގައި ނުހަނު ލޯތްބާއެކު އުމެއިރާ ފިރުމާލިއެވެ. އޭނަގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ވިދާލިއެވެ.

މަންމަމެން ގެއަށް ދުވަސްކޮޅަކަށް ބަދަލުވާން ބޭނުންވާކަން ވެސް ތޫގާ އުމެއިރާ ގާތު ހާމަކުރިއެވެ. އުމެއިރާ ވަގުތުން އެކަމާ އެއްބަސްވީ ތޫގާ އެކަމަށް އެދޭ ވަރު އެދެލޮލުން އޭނައަށް ފާހަގަކުރެވުނީމައެވެ. އެކަމާ ދެކޮޅު ހަދައި ތޫގާގެ ހިތުގައި ޖެހޭކަށް އޭނަ ބޭނުމެއް ނުވިއެވެ. ކިތަންމެ ވަރަކަށް ވެސް ތޫގާ އޭނަ ގާތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ހުންނަން އުމެއިރާ ބޭނުން ވިއެވެ. ނަމަވެސް ތޫގާ އޭނަގެ މަންމައާއެކު ވަގުތު ހޭދަކޮށްލަން ބޭނުންވާނެކަން ވެސް އޭނައަށް އެނގެއެވެ. އޭނަ ހިތްހަމަ ޖައްސާލީ ތޫގާ ދަނީ ކުޑަ ދުވަސްކޮޅަކަށް ވީތީ އެވެ. ބާކީ ހުރި ދުވަސްތަކުގައި ތޫގާ ހުންނާނީ އޭނަ ގާތު ތާއެވެ.

އުމެއިރާގެ ޖަވާބުން ތޫގާގެ ތުންފަތަށް ފުން ހިނިތުންވުމެއް ވެރިވިއެވެ. އޭނަ އުމެއިރާއަށް ޝުކުރުވެރިވެލަމުން އޮޅުލައިގަތެވެ.

”ކޮންމެހެން މިރޭ ދާން ހަދާނެކަމެއް ނެތް… މާދަމާ ދާން މަޑުކޮށްލާ…” އުމެއިރާ އެދުނެވެ. ތޫގާ ބޯޖަހާލީ އެކަމާ އެއްބަސްވަމޭ ބުނުމުގެ ގޮތުންނެވެ.

ކޮޓަރިއަށް ދިއުމުގެ ކުރިން އެލީނާއާއި ވަކިން ބައްދަލުކޮށްލަން ރުކާން އެދުނެވެ. އެލީނާ ތޫގާއާ މެދު ނުބައި ގޮތަކަށް ދެކެން ރުކާން ބޭނުމެއް ނުވިއެވެ. އެލީނާއަށް ފެނުނު ފޮޓޯތަކުގެ ހަޤީޤަތް ރުކާން ކިޔައި ދިނެވެ. އެލީނާ އެވާހަކަތައް ޤަބޫލުކުރިއެވެ. އެކަމާއި ސުވާލުއުފައްދައިގެން އޭނައަށް ލިބޭނެ ކުރިއެރުމެއް ނެތީތީއެވެ. ހަމައެއާއެކު ތޫގާއާއި ކުރިމަތިލުމަކަށް ވެސް ދާން އަމުދުން މިހާރު އޭނަ ބޭނުމެއް ނުވެއެވެ. ތޫގާ އޭނަގެ ހަޤީޤަތް ކޮންމެ ވަގުތެއްގައި ވެސް ބޭޒާރުކޮށްލާނެކަމުގެ ބިރު އެހިތުގައި އޮތީތީއެވެ.

*****

”ދަރިފުޅު ހާދަ ލަހުން އާދެވުނު ރެއެއް… އަދިވެސް އޮފީހުގެ އައު އިމާރާތުގެ ކަންތައް ނުނިމެނީތަ؟…” ރޭގަނޑު ނުވައެއް ޖަހަން އުޅެނިކޮށް އޮފީސް ނިންމާލާފައި ގެއަށް އައިސް ވަން ނަހީކް ފެނި ބޮޑުކޮޓަރީގައި އިން އާބިދާއަށް ގޮވާލެވުނެވެ. އޭރު އާބިދާއާއެކު ހިންދި ސިލްސިލާއެއް ބަލަން ފަލަކް ވެސް އިނެވެ.

”އަންނަ ހަފްތާގަ ހުޅުވޭވަރު ވާނީ… ކޮބާތަ ޔަލްވީ؟… ނިދީތަ؟…” ނަހީކް އޭނަގެ ފަޔާއި ވަކިކޮށްލި އިސްޓާކީނު ބޫޓޫގެ ތެރެއަށް ލަމުން ފައިވާން ހަރުގަނޑުގައި ބޫޓު ބެހެއްޓިއެވެ. އަދި ކަރުގައި އޮތް ޓައީއަށް ދޫކޮށްލުމަށްފަހު ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

”ހަމަ ދެންމެ އެނިދީ، މިރޭ ނަހީކް ނެތީމަ ނުނިދަން ވަރަށް ބޮޑާ ހާކާފަ ނިދީ ވެސް…” އާބިދާ ބުނެލިއެވެ. ނަހީކްގެ މޫނުން އޭނައަށް ވަރުބަލިކަން ފާހަގަ ކުރެވުނެވެ. އެހާ ބުރަކޮށް މަސައްކަތްނުކުރަން ދަރިފުޅު ގާތު އެދެން ވެސް ބޭނުން ވިއެވެ. ނަމަވެސް ނަހީކްގެ ފަރާތުން ލިބޭނެ ޖަވާބު އެނގޭނެތީ އާބިދާއަށް ޚިޔާރުކުރެވުނީ ހިމޭންކަމެވެ. ނަހީކް އޭނަގެ ހިތާމަތައް އެހެނިހެން މީހުންގެ ލޯތަކަށް ފޮރުވަން ކިތަންމެ ކުޅަދާނަ ކަމުގައި ވިޔަސް ދަރިފުޅުގެ ހުރިހާ އިހުސާސްތަކެއް އާބިދާއަށް ފާހަގަކުރެވެއެވެ. އެދެލޮލުގައިވާ ނުފިލާ ރިހުމެވެ. އަނބިމީހާގެ ބޭވަފާތެރިކަމުން ހިތަށް ލުބުނު ވޭނެއެވެ. ތުއްތު ދަރިފުޅުގެ މުސްތަޤުބަލާ މެދު ހިތުގައިވާ ނުތަނަވަސްކަމެވެ.

ތަޤުދީރުގެ ނިޔާއާ މެދު އާބިދާއަށް އަބަދުމެ ޝަކުވާ ކުރެވެއެވެ. އޭނަގެ ލޯބިވާ ދަރިފުޅަށް އުފަލެއް ލިބެން ހަމަ ނެތީ ބާވައެވެ.

އާބިދާ އެންމެ ދެރަވަނީ ދަރިފުޅަށް މަދަދު ފޯރުކޮށްދޭން އޭނަ ހަދަންވީ ކިހިނެއްކަން ނޭގޭތީއެވެ. އެކަމާ ވިސްނާވިސްނާ ވެސް އޭނަގެ ބޯފަޅައިގެންދާހާ ވެއެވެ. އައު ކައިވެންޏެއްގެ ޚިޔާލު ވެސް ދޭން ބޭނުން ވެއެވެ. ޔަލްވީ ކުޑަވުމާއި ގުޅިގެން މަންމައެއްގެ ލޯބި ބޭނުންވާނެ މިންވަރު އޭނައަށް ތަސައްވަރުކުރެވޭތީއެވެ. ނަމަވެސް އިތުރު ކައިވެންޏެއް ނަހީކް ނުކުރާނެކަން އޭނައަށް ޔަޤީނާ ގާތަށް ބުނަން އެނގެއެވެ. ޖެހުނު އަންހެއްނެއްގެ ސަބަބުން އެހުރިހާކަމެއް މަތިން ވެސް ނަހީކް ވަނީ ފޫހިވެފައެވެ.

”ދަރިފުޅާ، އަވަހަށް ހެދުންތައް ބަދަލުކޮށްގެން އާދޭ ކާން…” އާބިދާ ސޯފާއިން ތެދުވަމުން ބުނެލިއެވެ. އޭނަ ދެން އަވަސްވެގަތީ ނަހީކު އަންނަން ވާއިރަށް ކާން ތައްޔާރުކުރުމަށެވެ.

*****

ކޮޓަރިއަށް ވަން ނަހީކް ކަރުގައި އޮތް ޓާއީ ބޭލުމަށްފަހު ހިނގައިގަތީ ކޮޓަރީގައި ހުރި ކުޑަ އެނދާއި ދިމާއަށެވެ. ފުން ނިދީގައި އޮތް މަޢުސޫމު ޔަލްވީ ފެނި ނަހީކްގެ މޫނުމަތީގައިވި އުދާސްތައް ފިލައި އުފާވެރިކަން ވެރިވެގެން ދިޔަ އެވެ. ދަރިފުޅާއި އޭނަގެ ނަޒަރު ބައްދަލުވި ހިނދު އެދެލޮލުގައިވި ހިތާމަތައް ވެސް ފިލައި ތުންފަތުގައި ފުން ހިނިތުންވުމެއް ދުވެލިއެވެ. އޭނަ ގުދުވެލަމުން ޔަލްވީގެ މޫނުގައި ބިސްދިނެވެ. އިރުކޮޅެއް ވަންދެން ޔަލްވީގެ މޫނަށް ބަލަން ނަހީކް ހުއްޓެވެ.

ދެން ފާއިތުވެގެން ދިޔަ މިނެޓުތަކާއެކު އޭނަގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވާން ފެށީ ހިތަށް ވެރިވެގެން އައި ޚިޔާލުތަކުންނެވެ. ހަށިފުރާ ދޫކޮށްލި ނޭވާއާއެކު މޭގެތެރޭގައިވި އުދާސްތައް ބޭރުކޮށްލަން ބޭނުންވި ފަދަ އެވެ. ޔަލްވީއާ މެދު ނަހީކު ހުންނަނީ އަބަދުމެ ފިކުރުބޮޑުވެފަ އެވެ. އެހާ ތުއްތު އުމުރުގައި މަންމަގެ އަޅާލުމާއި ލޯބި ދަރިފުޅަށް ބޭނުންވާނެ މިންވަރު އޭނައަށް އަންދާޒާ ކުރެވެ އެވެ. ނޫރާގެ ފަރުވާކުޑަކަމާއެކުގައި ވެސް އޭނަ މިހާ ދުވަހު ނޫރާއާ އެކު އުޅެން މަސައްކަތްކުރީ ޔަލްވީއަށް ޓަކައެވެ. ނަމަވެސް ނޫރާގެ އަމަލުތައް އޭނައަށް ބަރުދާސްތުނުކުރެވޭ ހިސާބަށް ދިއުމުން ޖެހުނީ ވަރިކޮށްފައި ދަރިފުޅު ގޮވައިގެން ރަށަށް އަންނާށެވެ. މިއަދުދުވަހު މުސްކުޅިވެފައިވާ މަންމައަށް ދަރިފުޅު ބެލުމުގެ ބުރަ އުފުލަން ޖެހިފައިވާތީ އެކަމާ ވެސް ނަހީކްއަށް ވިސްނެއެވެ. މަންމަ ކެނޑިނޭޅި މަސައްކަތްކުރިޔަސް ޔަލްވީއަށް އޭނަގެ މަންމަ ނެތްކަމުގެ ފަޅުކަން އިހުސާސްކުރެވޭނެއެވެ. ހަދަންވީ ގޮތް ހުސްވެފައިވާ މީހަކު ފަދައިން ނަހީކުއަށް ކަރު އެލުވާލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ޢެދެމޭ އުފާ…..(49 ފަހުބައި)

Next

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 3

Next
November 14, 2018

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 3

Previews
November 14, 2018

ޢެދެމޭ އުފާ…..(49 ފަހުބައި)

4 Comments!

  1. imko says:
    November 14, 2018 at 6:55 pm

    Yey me first
    Vara reethi
    When is next part

  2. Juvey says:
    November 14, 2018 at 7:46 pm

    V reethi mi story ❤????thanks 2 times up kohdhey thee ????ly..❤??

  3. Aisha says:
    November 14, 2018 at 10:45 pm

    So happy
    Wanna seee next part sooon..
    Thanksss mutha
    ???

  4. Almaash says:
    November 15, 2018 at 10:02 am

    Vaahaka vsalhi misite ga anme inthizaaru kurevey anme salhi vaahaka akee mihaaru mivaahaka
    Maaee fakeerah ufaaveri dhuvas thakakah edhen
    Haadha khseeli nubaa kokko ekey dhoo?

Comments are closed.

Next Episodeހޯދޭތޯ މަންޒިލެއް… 15←


All Right Reserved!