ހޯދޭތޯ މަންޒިލެއް… 13
މާއީގެ ހަނދާންތަކުގެ ލޯގަނޑަށް ފުރަތަމަ ވެސް ސިފަވެގެން އައީ މިއަދު ފަލަކްއާއެކު ބައްދަލުވި ކުޑަ އަންހެންކުއްޖާއެވެ. އެމައުސޫމް މޫނުން ސިފަކޮށްދިން ސޫރައާ މެދު އޭނައަށް ވިސްނުން ހިނގާލެވުނެވެ. އެއާއެކު ނަހީކްގެ ނަން އޭނަގެ ހިތަށް ވެރިވުމާއެކު ހިތަށް އުނދަގޫތަކެއް ވެގެން ދިޔަ ކަން އޭނައަށް އިހުސާސް ކުރެވުނެވެ. އެވަގުތު އޭނައަށް މާޒީއާ މެދު ވިސްނާލެވުނެވެ. އަދި ނާއުއްމީދުން ފުރިގެންވި އަނދިރި ދުވަސްތަކުގައި އޭނައަށް އެޅުނު ކަތި ފިޔަވަޅުތަކާމެދު ވެސް ވިސްނާލެވުނެވެ.
”ކޮންމެ ގޮތަކަށް ކަންތައް ވެގެން ދިޔަކަމުގައި ވިޔަސް މިއަދު އަހަރެން އުފާވެއްޖެ ނަހީކްއަށް ހަމަޖެހޭ ދިރިއުޅުމެއް ލިބިފައިވާކަން އެނގުމުން… އަހަރެން އެދުވަހު ނިންމި ނިންމުން ރަގަޅުކަން ވެސް މިއަދު އެނގިއްޖެ… އެނިންމުން ނުނިންމި ނަމަ ނަހީކްއަށް އުފާވެރި ދިރިއުޅުމެއް ވެސް ނުލިބުނީސް… ހަމައެއާއެކު އަހަންނަށް ޒިވާންއާއި ބައްދަލުވުމުގެ ފުރުސަތު ވެސް ނުލިބުނީސް… ކޮންމެ ގޮތަކަށް އަހަރެންގެ ދިރިއުޅުމުގެ ކަންތައް ދިޔަކަމުގައި ވިޔަސް އަހަންނަށް ޒިވާންއާއެކު އުފާވެރި ދުވަސްތަކެއް ހާސިލުކުރެވުނު… އެލޯބި އަހަރެންގެ ހިތަކުން ދެނެއް ފޮހެވިގެނެއް ވެސް ނުދާނެ… ކީއްވެތަ ވިސްނަން ބޭނުން ނުވިޔަސް މާޒީގެ ދުވަސްތައް އަހަންނަށް އުނދަގޫކުރަނީ؟… އެއީ ރަގަޅު ގޮތެއް ވެސް ނޫން… ފުރާވަރުގެ ހުރިހާ ކަމެއް މިއޮތީ ބަދަލުވެފައި… އެދުވަސްތައް ހަނދާންކުރުމުގެ ބޭނުމެއް ވެސް ނެތް… މިކޮޅަށް ބަދަލުވިއިރު ހިޔެއް ނުކުރަން އަނެއްކާ ވެސް މާޒީގެ ކަޅު ހިޔަނި އަހަރެންގެ ހަޔާތަށް އެޅެން ފަށާފާނެއެކޭ…” މާއީއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
ޚިޔާލުތަކުގެ ގަދަ ކަނޑުގެ ތެރޭގައި ފަތަމުން ދިޔަ މާއީގެ ސިކުނޑިއަށް ވަރުބަލިކަން އިހުސާސްކުރެވެން ފެށުނެވެ. ހަޔާތުގައި އޭނައަށް އެތައް ގޯސް ނިންމުމެއް ވަނީ ނިންމިފައެވެ. ހަޔާތް އަނދިރި ވަޅުގަނޑެއްގެ ތެރެއަށް ވެއްޓުނީ ވެސް ފައި ކައްސާލީމަ އެވެ. ޒިވާންއާއި ބައްދަލުވުމުގެ ކުރިން އޭނަ އެނިންމުންތަކާ މެދު ދެރަވެ އަމިއްލަ ނަފުސު ކުށްވެރިކުރިއެވެ. ނަމަވެސް ޒިވާން އޭނަގެ ހަޔާތަށް ވެރިވެގެން އައީ ފިނިފިނި ރޯޅިއެއްގެ ގޮތުގައެވެ. އޭނަގެ ހިތުގައިވި ހުރިހާ ދިލަ ހޫނަކަށް ރާހަތެއްކަމުގައި ވިއެވެ. ކިތަންމެ މަދު ދުވަސްކޮޅަކަށް އެލޯބީގެ ނަސީބު ލިބުނުކަމުގައި ވިޔަސް އޭނަ އެކަމަށް ޝުކުރުވެރި ވެއެވެ. ހުރިހާކަމެއް މަތިން ފޫހިވެފައި ވަނިކޮށް ދިރިއުޅުމުގައި އުފާވެރިކަން ވާކަން އޭނައަށް އިހުސާސްކޮށްދިން ފަރާތަކީ ޒިވާން އެވެ. އަދިވެސް ޒިވާންގެ ލާނެއްކަމާއި އެސަމާސާ މިޒާޖު އޭނަގެ ހިތުގައި ބިންވަޅުނެގިފައި ވެއެވެ. އޭނަގެ ހިތް ޒިވާންގެ ލޯތްބަށް ދީލާލީ ވެސް ޒިވާންގެ އެފަދަ އާދަތަކުންނެވެ.
މާއީގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި ހިނދު އެދެލޮލުން ކަރުނަތައް ވެސް ވިދާލިއެވެ. ދިލަހޫނުކަމެއް އެކުލެވިގެންވި ނޭވާއެއް ވެސް ދޫކޮށްލެވުނެވެ. މާއީގެ ހިތް ޒިވާންއަށް އެދި ރޯލިއެވެ. އެއަތުގެ އެންމެ ފިރުމުމަކަށް ބޭޤަރާރު ވިއެވެ. އެފިރިހެންވަންތަ އަޑުން އޭނަ ދެކެ ވާ ލޯބި ބަޔާންކޮށްދޭ އަޑު އަހާލަން ހިތް ގޮވާލިއެވެ. އެޚިޔާލުތަކުން އޭނަގެ ހިތުގައި އުފެދުނު ރިހުން ހީވީ ގަދަވި ހެންނެވެ. ޒިވާންގެ ވަކިވެ ދިއުމުން އޭނައަށް އެލިބޭ ގޯނާތަކަށް ދުވަހަކު ވެސް ނިމުމެއް ނުވާ ކަހަލަ އެވެ.
ހިތާމައިގެ ދުނިޔެއެއްގައިވި މާއީ ސިއްސައިގެން ދިޔައީ އޭނަގެ ފޯނުގެ ރިންގުގެ އަޑަށެވެ. ހިސާބެއްގެ ހައިރާންކަމެއް ވެސް އޭނައަށް ލިބުނެވެ. ހިތުގައި އުފެދިގެން އައި ސުވާލުތަކާއެކު ސްކްރީނަށް ބަލާލިއެވެ. ގުޅަނީ އޭނަ ނުވެސް ދަންނަ ނަންބަރަކުންނެވެ. ފޯނު ކެނޑެން ދެން މާއީ ސްކްރީނަށް ބެލިއެވެ. ދެން އައީ މެސެޖެކެވެ. އެއީ ފަލަކް ކަމުގައެވެ. އަނެއްކާ ވެސް ގުޅުމުން ދެޚިޔާލެއްގެ ތެރެއަށް މާއީ ގެއްލުނެވެ. ސްކްރީނުން ފެއްސާއި ރަތުން ފާހަގަވެފައިވި ތަނަށް ބަލަމުން އޭނަ އެންމެފަހުން ޝަހާދަތް އިނގިލީގެ ކުރި ޖައްސާލީ ފެހިކުލައިން ވި ތަނުގައެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން ހެލޯއޭ ބުނެލިއެވެ.
”ބިޒީ ގަޑިއެއްގެތަ މިގުޅުނީ؟…” ފަލަކް ބުނެލި އަޑު އިވުނެވެ.
”ނޫން…” މާއީގެ ޖަވާބުތައް ކުރެވެ. ފަލަކް ގުޅަނީ ކޮން ބޭނުމަކުތޯ ހިތުގައި ސުވާލު އުފެދިފައި ވިއެވެ.
”އެހެންވެއްޖެއްޔާމު ހިނގާބަލަ އަހަންނާއެކު ރަށު ތުނޑިއަށް ގޮސްލަން… މާއީ އައިސްގެން އުޅޭ ވާހަކަ ޒީމެން ގާތު ބުނީމަ އެމީހުން މާއީއާ މީޓްކޮށްލަން ބޭނުންވެގެން އިޅޭތީ މިގުޅާލީ… މާއީއަށް ދެވޭނެތަ؟…” ފަލަކްގެ އަޑުގައި އާދޭސް ވިއެވެ. އޭނަ މާއީއާއި އިތުރަށް އެކުވެރިކަން ބަދަހިކުރަން އެދެވޭކަން އެނގެއެވެ.
މާއީއަށް ވިސްނާލެވުނެވެ. މަތީ ސާނަވީގައި ކިޔަވަން އުޅުނު އިރު ފަލަކްގެ އިތުރުން އޭނައާއި އެކުވެރިކަން ބާއްވަން ބޭނުންވީ ވެސް އިތުރު ދެކުއްޖެކެވެ. އެއީ ޔުމްނާއާއި ޒީޝާން އެވެ. ކްލާހުގެ އެހެނިހެން ކުދިން އޭނަދެކެ އަންނަނީ ރުޅިއެވެ. ފާޅުގައި އޭނައާއި ދިމާއަށް ހުތުރު އެއްޗެހި ކިޔުމާއި ގަނާ ކުރުމާއިގެން އުޅުނެވެ. އެދުވަސްވަރު އޭނައަކީ ކްލާހުގައި ހުންނަ އެންމެ ފީކަޅާ ކުއްޖާ އެވެ. ރަންޑީ އެވެ. ހަޤީޤަތާއި ޚިލާފު އެތައް ބަދުނާމެއް އޭނަގެ ބޮލުގައި އެޅުވިގެން ދިޔަ ސަބަބުތައް އޭރު މާއީއަކަށް ވިސްނައެއް ނުގަނެވުނެވެ. އެވާހަކަތައް ފަތުރަނީ ކާކުކަމެއް ވެސް މެއެވެ. އޭގެ ފަހަތުގައި އިސް މޭސްތިރިއަށް އޭނަގެ ލޯބިވާ ކޮއްކޮ ވެދާނެކަމަކަށް މާއީ ހިޔެއް ވެސް ނުކުރެއެވެ. އެންމެ ގާތުގައި އޭނައަށް ހެޔޮއެދޭ މީހެއްގެ ނިވަލުގައި ހުރި ލޯބިވާ ކޮއްކޮ ނުބައިކަން އޭނައަށް ފަހުމުވިދުވަހު ލިބުނު ސިހުން އަދިވެސް ހިތުގައި ބިންވަޅު ނެގިފައި ވެއެވެ. އެހެނަސް މިއަދާއި ޖެހެންދެން ވެސް ތޫގާ އެފަދަ އަނިޔާއެއް އޭނައަށް ދިން ސަބަބެއް އޭނައަކަށް ނޭގެއެވެ. އެރުޅިވެރިކަމުގެ އަސްލެއް ވެސް މެއެވެ.
”މާއީ… ޖަވާބެއް ނުދިނީ ދާން ބޭނުން ނުވަނީތަ؟… އެހެންވެއްޖެއްޔާ ދެން ބާއްވަނީ އިނގޭ…” މާއީގެ ފަރާތުން ޖަވާބެއް ނުލިބި ގިނަ އިރުވުމުން ފަލަކް ބުނެލިއެވެ. އޭނަ މާޔޫސްވިކަން އަޑުން އިނގެއެވެ.
”ނުނޭ… އަހަންނަށް ސައިކަލުގަ ނުދެވޭނެ… ފަލަކް އާދޭ ޒީޝާންއާ ޔުމްނާ ގޮވައިގެން ގެއަށް… އޭރުން ގޭ ކާރުގައި އެކޮޅަށް ދާނީ…” މާއީ ބުނެލިއެވެ. ގޭގައި އިދެ އޭނަ މިހާރު ފޫހިވެސް ވެއްޖެއެވެ. ހަމައެއާއެކު ފަލަކްމެންނާއެކު ނުދާންވީ ސަބަބެއް ވެސް ނެތެވެ. އެއީ އެކުގައި އުޅުނު އެންމެ ގާތް ރައްޓެހިންނެވެ. އަލުން އެކުވެރިކަމުގެ އަތް ދިއްކޮށްލުމުން ފުރަގަސް ދިނުމުގެ ބޭނުމެއް މާއީއަކަށް ނުފެނުނެވެ. މިވަގުތު އޭނައަށް އެންމެ ބޮޑަށް ބޭނުންވަނީ ވެސް އިތުބާރުކުރެވޭނެ ފަދަ އެކުވެރިންތަކެކެވެ.
”ހަތަރެއް ޖަހާއިރަށް އަންނާނަން އިނގޭ، އެހާ އިރަށް ތައްޔާރު ވައްޗޭ…” ފަލަކް ބުނެލިއެވެ.
*****
ރުކާން ނައިސް ލަސްވެގެން އުޅުނު ތޫގާ އެންމެފަހުން ގުޅުމުން މީޓިންގް ދިގުލައިގެން ދިޔަ ވާހަކަ ރުކާން ބުނެލިއެވެ. ވަގުތުން ތޫގާގެ މޫނަށް ފޫހިކަން ވެރިވިއެވެ. ރުކާން ވީހާ ވެސް އަވަހަކަށް އަންނާނެކަން އަންގާލަމުން ފޯނުކޯލް ކުރުކޮށްލުމުގެ ކުރިން ލޯބީވާ ވާހަކަ ބުނެލިއެވެ. ރައްދުދެމުން ފޯނު ކަންފަތާ ދުރުކޮށްލި ތޫގާ ޗޮކެއް ކަނޑާލިއެވެ. އޭނަ ގޭގައި އިދެ ފޫހިވެއްޖެއެވެ. އުމެއިރާ ވެސް ރައްޓެއްސެއްގެ ގެޔަށް އަނގަތަޅަން ދިޔަ ގޮތަށް ބަޚަބަރެވެ. އެލީނާއާއި އަނގައިން ވެސް ބުނަން ތޫގާ ބޭނުމެއް ނޫނެވެ. ފޫހިވެގެން އެންމެ ފަހުން އޭނަ ގަސްދުކުރީ މަންމައާއި ބައްދަލުކޮށްލަން ދިއުމަށެވެ. ރުކާންއަށް މެސެޖެއްކޮށްލަމުން އޭނަ މަންމަގެއަށް ދާ ވާހަކަ ބުނެލިއެވެ. އަދި އޮފީސް ނިންމާލަމުން އެގެއަށް އައުމަށް އެދުނެވެ. އަދި ރޭގަނޑުގެ ކެއުމަށް މަންމަ ދަޢުވަތު ދީފައި އޮތް ވާހަކަ ވެސް ބުނެލިއެވެ.
ކާރު އައިސް ”މަންޒިލް” ގޭޓު ކުރިމައްޗަށް މަޑުކޮށްލި ވަގުތު ސައިކަލުތަކުގައި އައިސް ތިބި ފަލަކްމެން ފެނި ތޫގާ އޭނަގެ ދެލޯމައްޗަށް އަރުވާލިއެވެ. ބޮޑާކަން އެކުލެވިގެންވާ ހަރަކާތްތަކާއެކު ކާރުން ފޭބުމަށް އޭނަ ފުރަތަމަވެސް ބިމުގައި ޖައްސާލީ އަރައިގެން ހުރި އުސްކަށީގެ ފައިވާނެވެ. އެއަށްފަހު މަޑު މުށިކުލައެއް ޖައްސާފައި އޮތް ފަސް އިސްތަށިގަނޑު ކޮނޑުމަތިން ވާހެން ގެންގޮސް މޭމައްޗަށް ދޫކޮށްލިއެވެ. އެއަށްފަހު އަވިއައިނު ލޮލުގައި ހަރުކޮށްލަމާއެކު އޭނަގެ އަގުބޮޑު އަތްދަބަސް އިޝްތިހާރުކޮށްލަމުން ކާރުން ފޭބިއެވެ. އެއަށްފަހު ޑްރައިވަރު ގާތު ދިއުމަށް އަމުރުކޮށްލިއެވެ.
”ކަލޭމެން އައިސްގެން ތިއުޅެނީ ކީއްކުރަން؟…” ގޭޓާއި ދިމާއަށް ހިނގައިގަތް ތޫގާ ބުނެލިއެވެ. ބުޑު އަބުރަމުން އޭނަ ދިޔަ އިރު މީހާގެ ފޮނިކަން ހާމަވެއެވެ.
ފަލަކް ބަލާލީ ފޫހި ކަމާއެކުގައެވެ. ޒީޝާންއާއި ޔުމްނާ ވެސް ތިބީ ފާޑަކަށެވެ.
”އީވް އެބުނީ އެތެރެއަށް އަންނާށޭ…” ތޫގާގެ ސުވާލަށް ޖަވާބުދިނުން އެކަކު ވެސް މުހިންމު ކަމަކަށް ނުދެކުނެވެ. ފަލަކް މާއީ ކުރި މެސެޖް ޔުމްނާމެނަށް ދައްކާލަމުން ތޫގާ ކައިރިން ލާފައި ގޮސް ގޭޓު ހުޅުވާލާފައި އެތެރެއަށް ވަނެވެ. މިމަންޒަރު ބަލަން ހުރި ތޫގާއަށް ދަތްތަކަށް ބާރުކޮށްލެވުނެވެ.
”އެރޮގެންޓް ބިޗެސް!…”
ތޫގާއަށް ހަޅޭކެއްގެ އަޑަ ބޭރުކޮށްލެވުނެވެ. ފަލަކްމެން އޭނަ ހުރިކަމެއް ވެސް ހަދާނުލުމުން އޭނަގެ ޝަހުސިއްޔަތަށް އުނިކަމެއް އައި ކަމުގެ އިހުސާސް ތޫގާއަށް ކުރެވުނެވެ. އޭނަ ދެކޭ ގޮތުގައި ކޮންމެ މީހެއްގެ ސަމާލުކަން ވެސް އެއީ އޭނައަށް ލިބުން ހައްގު އެއްޗެކެވެ. އޭނަގެ ރީތިކަމާއި ބަނިޔާދަކަމުން އެހެނިހެން މިހުން ތިބެން ޖެހޭނީ އޭނަގެ ފައިތިލަ ދަށުގައެވެ. އައި ރުޅީގައި ފަލްއާއި ދިމާއަށް އަތުގައި އޮތް އަތްދަބަސް ހޫރުވާލަން ވެސް ތޫގާގެ ހިތަށް އެރިއެވެ.
”އެ ވޯރތްލެސް އަންހެނާގެ ގައިގައި ޖެހުނަސް އަހަރެންގެ އަތްދަބަހުގެ އަގު ވެއްޓިދާނެ… ހުއް ވަރަށް ފޫހިވޭ… އެއްވެސް ކަހަލަ ކްލާސްއެއް ނުތިބޭ އެކުވެރިން އެގަމާރަށް ކަމުދަނީ ވެސް… ވެދާނެ އޭނަހާ ހުތުރު މީހުންނާ އެކުގައިކަމަށް އޭނައަށް އެކުވެރިކަން ކުރިއަށް ގެންދެވެނީ ވެސް… ހޫނނނ، އަދި ރަށަށް އައިތާ ނުވާނެ ގިނަދުވަހެއްވެސް… މިހާރުއްސުރެ އެކުވެރިންނާއެކު ހަވީރު ބުރުތަޅަން އެފެށީ… ޔަޤީނޭ މިރަށު ބަޑި އަންހެނުންނާއެކު ފިރިހެނުން ހޯދަންކަން އެދަނީ… އެކަމަކު އޭނަގެ ފިރި މަރުވެގެން އެކަމުގެ ހިތާމައިގަޔޯ އޭނަ އުޅެނީ… ހުސް ފޭކް ޖައްސަނީ…. ހުވާ ހާދަ ރުޅިއެއް އާދެއޭ… މަށަށް ބަލާވެރިކަން ޖައްސަން ވެގެން އެއެއްޗަކު ރަށަށް ވެސް އައީ… ހުއް، ކަލޭ ބަލަން ހުންނާތި، ހަމަ ނޭވާ ލެވުނަކަ ވެސް ނުދޭނަން… އަހަރެން މިއައީއެއްނު… ޖަސްޓް ވެއިޓް އެންޑް ވޮޗް!!!…” ތޫގާ ހިތާހިތުން ކިޔާލިއެވެ. އަދި ދިގު ފިޔަވަޅުތައް އަޅަމުން ގޮސް ގެއަށް ވަނެވެ.
*****
”ހާދަ ދުވަހެއް ފަހުންނޭ ތިކުދިންނާ ބައްދަލުމިވީ، ކޮންމެހެން ވިޔަސް ވަރަށް އުފާވެއްޖެ މާއީގެ ހާލު ބަލާލަން އައީތީ… ވަގުތެއް ވަންޏާ އަންނައްޗޭ… މާއީ ވެސް ފޫހި ފިލާނީ އޭރުން… ހަވީރު ސައިބޮއެގެން ދާން ވީނު…” ބަސްމާ ހުރީ ވަރަށް އުފާވެފައެވެ. މާއީގެ އެކުވެރިންނަށް އޭނަ ހޫނު މަރުހަބާއެއް ކިޔެވެ. ޒަމާންތަކަށް ފަހު ވެސް އެކުވެރިޔާގެ ހާލު ބަލާލަން އައުމުން އެދެމެދުގައިވާ އެކުވެރިކަމަށް ބަދަލެއް އައިސްފައި ނުވާކަން ބަސްމާއަށް ނަގައިގަނެވުނެވެ. އެފަދަ އެކުވެރިކަން ލިބޭނީ ނަސީބު ވެރިންނަށެވެ. ބަސްމާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ.
”ނޫނޭ ދައްތާ، ބޭރުން ސައިބޯން ޕްލޭންތައް ހަދައިގެން މިއައީ…” ފަލަކް މަނާވެގަތެވެ. ބަސްމާ އިތުރު އެއްޗެކޭ ނުބުންޏެވެ.
ބޮޑުކޮޓަރިއަށް ވަދެގެން އައި ތޫގާއަށް ފެނުނު މަންޒަރުތަކުން ރުޅިން ގޮސް އޭނަގެ ހޭބުއްދިފިލާދާހާ ވިއެވެ. ލޮލުގައިވި އަވިއައިނު ނަގަމުން ބޭރަށް ދާން ތައްޔާރުވެގެން ހުރި މާއީއަށް ބަލާލެވުނެވެ. އާދައިގެ ގަޔަށް ދޫ ޓޮޕަކާއި ޖިންސެއްގައި ހުރިކަމުގައި ވިޔަސް މާއީ ވަރަށް ވެސް ޗާލެވެ. މޭކަޕެއް ބޭނުންކޮށްފައި ނުވާ މޫނުން ފެންނަނނީ ޤުދުރަތީ ރީތިކަމެވެ. މިނިވަންކަމާއެކު ދޫކޮށްލެވިފައިވި ރާޅުބާނީ އިސްތަށިގަނޑުން ވެސް ދިހުން އަރައެވެ. އެއްވެސް މަސައްކަތަކާއި ނުލާ ވެސް މާއީ ފެންނަ ގޮތް ފުރިހަމަކަމުން ތޫގާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ހަސަދަވެރިކަން ނޫން އެއްޗެއް އޭނަގެ ދެލޮލުން ފާޅެއްނުވެއެވެ.
”މަންމާ…” ތޫލި އަޑަކުން ބުނެލަމުން ތޫގާ ދުއްވެލާފައި ގޮސް ބަސްމާގެ ގައިގައި ބައްދާލިއެވެ. ބަސްމާ ވެސް އުފަލާއެކު މަރުޚަބާ ކިޔެވެ. ”މަންމަ މަތިން ހާދަ މިސްވިޔޭ…”
”މަންމާ، ދަނީ އިނގޭ…” ތޫގާ އޭނަގެ ތުއި އަޑުން ދަތުރާމާ ކިޔައިދޭން ފެށުމާއެކު މާއީ އޭނަގެ އެކުވެރިންނާއެކު ދާން ހިނގައިގަތެވެ. ބަސްމާ ބޯޖަހާލި އެވެ.
ލޮލުގެ ހިމަކޮޅުން މާއީ ނިކުމެގެން ދިޔަ މަންޒަރު ބަލަން ތޫގާ ހުއްޓެވެ.
”ދަރިފުޅު ބުނީމެއްނު ސަޕްރައިޒެއް ދޭން ބޭނުން ވާހަކަ، އަނެއްކާ ކޮންކަހަލަ ސަޕްރައިޒެއްތަ؟…” ތޫގާއާއެކު ކާކޮޓަރިއަށް ހިނގައިގަންނަމުން ބަސްމާ ސުވާލުކުރިއެވެ.
”މިރޭ ކާ ގަޑީގަ އެންމެން ތިއްބަ ސަޕްރައިޒް ދޭން ބޭނުންވަނީ…” ބަސްމާގެ ހިތުގައި އިތުރަށް ޝައުޤުވެރިކަން އުފައްދަން ވެގެން ތޫގާ ބުނެލިއެވެ. އޭނަ އުއްމީދުކުރި ފަދައިން ބަސްމާ އެތަކެއް ސުވާލެއް ކުރިއެވެ. އެހެނަސް ތޫގާ ތެދު ހާމައެއް ނުކުރިއެވެ. އޭރު މަންމަމެންނަށް އޭނަ ބަލިވެ އިންކަން އެނގުމުން ލިބޭނެ އުފާވެރިކަން ތޫގާއަށް ތަސައްވަރުކުރެވެމުން ދިޔަ އެވެ. ހަމަ ޔަޤީނުން ވެސް މާއީ ބަލިވެ އިންކަން ހާމަކުރި ދުވަހު ފެނުނު އުފާވެރިކަމަށް ވުރެން ދެގުނަ ފެންނާނެއެވެ. ތޫގާއަށް ހިނިތުންވެލެވުނެވެ.
”މަންމަ ވެސް ބުނީމެއްނު ވާހަކައެއް ހިއްސާކުރަން ބޭނުމޭ…” ކާމޭޒު ދޮށުން ގޮނޑިއެއްގައި އިށީންނަމުން ތޫގާ ބުނެލިއެވެ.
”ދަރިފުޅު ދުވަސްކޮޅަކަށް މިކޮޅަށް ބަދަވުވެވިދާނެތޯ އަހާލަން މަންމަ ބޭނުންވީ… އޭރަށް މާއީ ވެސް އެކަނިވެރިއެއް ނުވާނެތާ… މާއީ ގޭގައި އެކަނިކޮށްލަން ބޭނުން ނުވާތީ މަންމަ ދަރިފުޅު ގާތުން މިއެދުނީ… މިދުވަސްކޮޅު ކޮމިޓީ ބައްދަލުވުންތަކުންނާއި ޕްރޮގްރާމުތަކުން ޗުއްޓީ ނަގައިގެން މިއުޅެނީ، އަންނަ ހަފްތާގައި ޗުއްޓީ ވެސް ހަމަވާނެ… މަންމަ އޮފީސް ކަންތަކުގަ ދިއުމުން މާއީ ގޭގައި އެކަނި ވާކަށް މަންމަ ބޭނުމެއް ނޫން…” ބަސްމާ ބުނެލިއެވެ. ތުނބުގައި ޖައްސާލަން ނެގި ފެންތަށީގައި ތޫގާއަށް ބާރަށް ހިފަހައްޓާލެވުނީ މަންމަގެ ސަމާލުކަން މާއީއަށް ދެވިފައިވާވަރު އަންދާޒާ ކުރެވުމުންނެވެ. ރުޅިވެސް ގަދަވިއެވެ. އަވަސްއަވަހަށް ފެންކޯވަރެއް ބޯލީ އެތެރެހަށި ފިނިކޮށްލުމުގެ ނިޔަތުގައެވެ.
”ދަރިފުޅު ބުނަނީ ކީކޭތަ؟…” ބަސްމާ ތޫގާގެ ޚިޔާލު އޮޅުން ފިލުވާލަން އެހި އެވެ. ތޫގާ އެކަމަށް އާނ ބަސް ދިނީ ކޮންމެވެސް ނުބައި ޚިޔާލެއް އައުމުންނެވެ.
ތޫގާގެ ޖަވާބުން ބަސްމާގެ ހިނިތުންވުން ފުން ވިއެވެ.
*****
ތުނޑިއަށް ދިއުމުގެ ކުރިން އެތާ ކައިރި ހިސާބެއްގައި ހުންނަ ރެސްޓޯރެންޓަކަށް މާއީ އާއި އޭނަގެ އެކުވެރިން ވަނީ ހަވީރުގެ ސަޔަށް އިންސާފުކުރުމަށެވެ. ސައި މޭޒު ދޮށުން އެމީހުންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތައް ކިޔައިދީ ހީނަރުކަން ވެރިވެފައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް ދޮރުތަކެއް ހުޅުވާލެވުނެވެ. ހުރިހާ އެކުވެރިން ވެސް މާއީއަށް ހިތްވަރުގެ ބަސްތައް ދީ އެއްވެސް ކަމަކު ބޭނުން ވެއްޖެ ނަމަ ލަސްނުކޮށް ގުޅުމަށް ބުނެ ނަންބަރުތައް ވެސް ދިނެވެ. މަދަދުވެރިވާން އެކުވެރިން ދިއްކޮށްލި އަތުގައި މާއީއަށް ހިފާލެވުނީ އެކަމަށް ހިތް އެދުނުވަރުންނެވެ. އެކުވެރިންނާއި ބައްދަލުވެވުމުން މާއީގެ ހިތަށް ލުޔެއް ލިބިފައި ވިއެވެ. އެތުންފަތުގައި ހިނިތުންވުމެއް ވެސް ވިއެވެ.
ފަރުމައްޗަށް ބިންދާލާ ބިޔަ ރާޅުތައް ބަޑިބަޑި ލައްވަމުން އައިސް ގޮނޑުދޮށަށް ބީއްސަމުން ދިޔަ އެވެ. އޮއްސެމުން ދިޔަ އިރު ކަނޑުގެ ސަތަހައާއި ފައިހަމަކުރަމުން ދިޔަ ހިނދު އޭގެ ދޯދިތަކުން އުދަރެސް ޖަރީވަމުން ދިޔަ އެވެ. ކަނޑުން އަންނަ ރޯޅިތަކުގައި ފިނިކަމުގެ އަސަރު އެކުލެވިގެން ވެއެވެ.
މާއީއާއި އޭނަގެ އެކުވެރިން ގޮސް އިށީދެލީ ގޮނޑުދޮށުގައި ހުރި ހޮޅުއައްޓެއްގައެވެ. އެތަނަށް ވެސް އޭރު އައިސްފައިވާ ޒަމާނީ ބަދަލުތައް މާއީއަށް ފާހަގަކުރެވުނެވެ. ހަމައެއާއެކު ކޮޅުކޮޅަށް ދުވަމުން ދިޔަ ނޫކަށިފުރައިގެ ޒުވާނުންނާއި މޫދުކުޅިވަރު ކުޅުމާއިގެން ޝާމިލުވެ ތިބި މީހުންނަށް ވެސަ ބަލާލެވުނެވެ.
”އޯހ، ކުރިން އެކްސްޓްރާ ކްލާސްތައް ނިންމާފައި މިތަނަށް އަންނަ ހަނދާން ވަނީ… އެއްދުވަހު އިރުއޮއްސުނު ގަޑީގަ މިތަނުން ދާން އުޅެނިކޮށް އަޑުފަށްގަނޑެއް އިވިގެން ބިރުން ދުވި ދުވަސް މަތިން އަދި ވެސް ހަނދާން ހުރޭ… ހުވާ އެދުވަހު މަގޭ ހިތް ނުހުއްޓުނީ ކިރިޔާ، މީހުން ނުލާހިކު ނާމާން ވާހަކަތައް އޭރު ފަތުރާ ވިއްޔާ… އެރޭ ނުވެސް ނުނިދުނު…” ޔުމްނާ ފުރާވަރުގެ މަޖާ ވާހަކައެއް ކިޔާ ދިނެވެ. އެއާއެކު އެންމެން ހީގަތް އަޑު އިވުނެވެ. އެހުނުމުގައި މާއީއަށް ވެސް ބައިވެރި ވެވުނެވެ. އެތައް ދުވަހަކަށް ފަހު އޭނައަށް ހީލެވުނީ އެދަނޑިވަޅުގައެވެ. ހިތުގައިވި އުދާސްތައް ވެސް ފިލައި ދިޔަ ކަހަލައެވެ.
”މިއުޅޭ ފަލަކްއާ ހެދިއޭ ހުރިހާ ކަމެއް ލައިގަތީ… ވެއްޖެ ވިއްޔާ އިރުއޮއްސެންދެން މަޑުކުރާށޭ ކިޔަން… އެންމެ ހަނދާން ވަނީ ދުއްވައިގަތް ވަގުތު… އެންމެ ބާރަށް ދުއްވައިގަތީ މާއީ… ފަހުން މިއުޅޭ ކުދިވެރިންގެ ކަމެއްކަން އެނގި ފަލަކް އުޅުނޭ އެކުދިން ހަނާ އަރުވާލަން ވެސް…” ހުނުމުގެ ތެރޭން ޒީޝާން ބުންޏެވެ. ވާހަކަތަކުގައި ތިބެފައި ކަނޑުގެ ސަތަހައާއި ނިވާވަމުން ދިޔަ އިރުގެ ޖާދޫގައި ޖެހުމުން ޔުމްނާއާއި ޒީޝާން އުޅުނީ އެމަންޒަރު ފޮޓޯ ނެގުމާއިގެންނެވެ. ދުރުގައި އެމީހުންނަށް ބަލަން ހެވިފައި ފަލަކްއާއި މާއީ ތިއްބެވެ.
”ހިތަށް އަރާ އެދުވަސްތައް އަނބުރާ ލިބޭނެ ނަމައޭ… މިހާރު ބޮޑު ވީމަ އެންމެ ހަނދާން ވަނީ އެދުވަސްތައް މަތިން، އޭރު ބޮޑު ވިސްނުމަކަށް އޮންނަނީ ހަމައެކަނި އެގްޒާމާއި ސްކޫލުން ދޭ ފިލާވަޅުތައް… މިހާރުހެން ކުދިކުދި ކަންތަކާ ވިސްނައި ބޯހަލާކެއް ނުވޭ… އައި މިސް ދޯސް ޑެއިސް…” މާއީގެ މޫނަށް ބަލާލަމުން ފަލަކް ވާހަކަ ދެއްކިއެވެ. ”މިހާރު އެންމެންގެ ލައިފް ޗޭންޖް ވެއްޖެ، އެކުގައި އުޅުނު އެންމެން ވެސް ބަދަލު ވެއްޖެ…”
”މާއީ ވެސް އެކޮޅަށް ބަދަލު ވިގޮތަށް ޚަބަރެއް ނުވި… ވަރަށް އުޅުނިން ފޭސްބުކުން ދިމާވޭތޯ ވެސް… އެކަމަކު ހާލަކުން ފަހަރަކު މާއީގެ ޚަބަރެއް ވީ ވެސް… އަހަރެން ދެން ފަހުން އެހާ ވަރުން ނޫޅުނީ މާއީ އެގޮތަށް ކަންތައް ކުރި ސަބަބު އެނގޭތީ… އައި ނިއު ވަޓް ޔޫ ވާރ ގޮއިންގް ތްރޫ… އެހެންވެ މާއީއަށް ޓައިމް ދޭން ވެގެން ވާހަކަދެއްކުން މެދުކަނޑާލީ… އެކަމަކު މާއީގެ ހަޒްބެންޑް ބަލިވި ޚަބަރު ލިބުނީމަ ވަރަށް މަސައްކަތްކުރިން ގުޅަން… އޭރު ފޭސްބުކް ވެސް ޑީއެކްޓިވޭޓްކޮށްފަ އިނީ… އެންމެފަހުން ބަސްމާއްތަ ކައިރިއަށް ގޮސް ނަންބަރު ހޯދައިގެން ގުޅީ… އައެމް ސޯ ސޮރީ ޔޫ ހެޑް ޓު ގޯ ތްރޫ އޯލް ދެޓް… ސަޕޯޓިވް ފްރެންޑަކަށް ނުވެވުނީތީ ވެސް މަޢާފަށް އެދެން… އޭރު ދޮންބެގެ ލައިފްގަ ވެސް ވަރަށް ބޮޑެތި މައްސަލަތައް ޖެހިގެން އުޅޭތީ މާއީއަށް ޓައިމް ނުދެވުނީ… އެކަންތައް ރަގަޅަށް ހައްލު ނުވަނީސް މާއީގެ ހަޒްބެންޑް ނިޔާވި ޚަބަރު ލިބުނީ…” ފަލަކްގެ އަޑުގައި ހިތާމަވެރިކަން ވިއެވެ. އޭނަ ދުރުބަލަން އިން އިރު އެމޫނުގެ ކުލަވަރު ވަނީ މުޅިންހެން ބަދަލުވެފަ އެވެ.
ފަލަކްގެ ވާހަކަތައް ނިންމާލަމުން ބުނެލި ޖުމްލައާއެކު ލިބުނު ހައިރާންކަމުން މާއީއަށް ބަލާލެވުނީ ފަލަކް އަށެވެ. އޭރު އޭނަގެ ހިތުގެ ތެޅުން ވެސް އަވަސްވެފައިވިއެވެ. ފަލަކްގެ މޫނުން ފެންނަމުން ދިޔަ ހިތްދަތިކަމުން ކަމެއް ގޯސްކޮށް ހިނގައިގެން އުޅޭކަމުގެ ސިގްނަލަކަށް ފުދުނެވެ. އެވަގުތު ތަންކޮޅެއް ކުރިން މަންމަ ދެއްކި ވާހަކަ ވެސް މާއީގެ ސިކުނޑީގައި ތަކުރާރުވެގެން ދިޔަ އެވެ. ނަހީކްގެ ވާހަކަ ފަތުއަޑުކިޔާފައި ރަށުތެރޭގައި ދެކެވޭ ވާހަކައެވެ. އެއީ ކޮން ވާހަކަތަކެއްތޯ ހިތުގައި އުފެދިގެން އައި ސުވާލުތަކުގެ ޖަވާބު ކުއްލިއަކަށް އެނގެން އޭނަ ބޭނުން ވިއެވެ. ފަލަކްގެ ވާހަކަތަކުން ހިތުގައި ވަރަށް ބޮޑަށް ޝައުޤުވެރިކަން އުފެދިގެން އައެވެ. ހިތަށް ނޭގޭ ބާރެއް އަތްގަދަކުރަން ފެށި އެވެ. އެއީ މީގެކުރިން ދުވަހަކު ވެސް އޭނައަށް އިހުސާސްކުރެވުނުކަމެއް ނޫނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Vvv nice..
Thanksss up kohdheytheeee..
Vvv kiyaa hiyaa hiyvey…
❤❤❤❤❤
Nxt prt whn??