ހޯދޭތޯ މަންޒިލެއް… 10
”އިތުރު މީހަކަށް މިފޮޓޯތައް ނުދައްކާތި!، އައިލް ހޭންޑްލް ދިސް!…” ރުކާން އެލީނާއަށް ބަލާލަމުން ބުނެލިއެވެ. އޭނަ ބޭނުންވީ އިހަށް އެކަންތައް ސިއްރެއްގެ ގޮތުގައި ބާއްވާށެވެ.
ކުއްލިއަކަށް ސޯފާއިން ތެދުވުނު ރުކާން އެލީނާ އަތަށް ފޯނު ދިނުމަށް ފަހު ދިގު ފިޔަވަޅުތަކެއް އަޅަމުން ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާއަށެވެ. އޭރު އޭނަގެ މުށް ބާރުކޮށްލެވިފައި ވާއިރު ދެލޮލުން ރުޅިވެރިކަމުގެ ހައިޖާނެއް އުފެދިފައިވާތަން ފެނެއެވެ. ބޭރު ގައުމަކަށް ގޮސް އެފަދަ ވިޔާނުދާ ގޮތަކަށް ތޫގާ އުޅެފާނެކަމަށް ހިތަށް ވެސް ގެންނަން ދައްޗެވެ. ނަމަވެސް ފެނުނު މަންޒަރުތަކަށް އޭނަ ފުރަގަސް ދޭނީ ކިހިނެއް ހެއްޔެވެ؟
”ހޫނނނ، މީހުންގެ ދިރިއުޅުމަށް ފާޑުކިޔަމުން ދުވާއިރު ތިމާ މީހާއަށް އުޅެވޭ ގޮތެއް ނޭނގެއޭ… ފުރަތަމަ ތިމާ އިސްލާހުވެގެން އެހެން މީހުންނާ ދިމާއަށް އެއްޗެހި ބުނެބަލަ، އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް ތިކަހަލަ ބޮޑެތި ފާފަތަކަށް އަރައި ނުގަންނަން، ވަރަށް ފޫހިވޭ… މަންމަމެން ވެސް އަހަރެން ދެކެ ގިނަ ފަހަރު ރުޅި އަންނަނީ ކަލެއާ ހެދި، މިފަހަރު ރަގަޅު ބޮޑިއެއް ކަލެއަށް ލިބޭނެ، ބޮޑު އިފުރީތު ގަނޑު…” ރުކާން ދިޔަ މަންޒަރު ބަލަން އިން ތޫގާއާއި ދިމާއަށް އެލީނާ ކުދި ކިޔާލިއެވެ. އޭނަ ގާތަށް ހިނިއައީ ތޫގާއަށް ވެދާނެ ގޮތަކާ މެދު ވިސްނާލާފައެވެ. ޔަޤީނުން ވެސް މިފަހަރު ތޫގާ ހަދާ ފަށުވި ދޮގުތަކުން ވެސް ސަލާމަތް ނުވެވޭނެއޭ އެލީނާގެ ހިތް ބުންޏެވެ. އެކަމުން ބޯދައިމައިގަނެ ސަލާމަތް ނުވެވޭނެ ވަރަށް ހެކި ވެސް އެބަހުރި ވިއްޔާ އެވެ.
*****
ތޫގާއަށް އޭނަ ކުރި އިތުބާރު ނަގާލުމުން ރުކާންގެ މޫނުމަތިން ހިތާމައިގެ އަސަރު ވެސް ފެނެއެވެ. އޭނަ ދިގު ފިޔަވަޅުތައް އަޅަމުން ގޮސް ކޮޓަރިއަށް ވަދެ އެނދުގެ އަރިމަތީ މޭޒު މަތީ ބާއްވާފައި އޮތް ފޯނު ނެގިއެވެ. އަދި އަވަސްއަވަހަށް ތޫގާ ކުރީ ދުވަހު އޭނައަށް ގުޅި ނަންބަރަށް ޑައިލްކޮށްލިއެވެ. އޭރު ނުތަނަވަސްކަމުގެ އަސަރުތައް އެމޫނުގައި ވިއެވެ. އޭނައަށް ފެނުނު މަންޒަރުތަކުގެ ހަޤީޤަތްް ތޫގާގެ ދުލުން ބަޔާންކޮށްދޭން އޭނަ ހުރީ ބޭނުން ވެފައެވެ. ބޭރު ގައުމަކަށް ގޮސް އެފަދަ ގޮތަކަށް ތޫގާ އުޅެފާނެއޭ ފަހަރެއްގައި ވެސް އޭނަ ހިޔެއް ނުކުރެއެވެ. އެވަގުތު އެކުވެރިންގެ ވަސްވާހުގައި ޖެހި ތޫގާއަށް ކަތި ފިޔަވަޅެއް އެޅުނީއޭ ވެސް އޭނަގެ ހިތް ބުންޏެވެ. އޭރުން ރުޅީގެ ސަބަބުން ކުއްލި ނިންމުމެއް ނިންމައިގެން އޭގެ ނޭދެވޭ އަސަރު ވެސް ދެމަފިރިންގެ ގުޅުމަށް ކޮށްފާނެއެވެ. ވިސްނާލުމަށް ފަހު ތޫގާއަށް ހަޤީޤަތް ހާމަކުރުމުގެ ފުރުސަތު ދޭން ރުކާން ނިންމިއެވެ.
ތިންހަތަރު ފަހަރު ގުޅިއިރު ވެސް ތޫގާ ފޯނެއް ނުނެގިއެވެ. އޭރު ރުކާންގެ މޫނުގައިވި ނުތަނަވަސްކަމުގެ އަސަރުތައް ރުޅިވެރިކަމަށް ބަދަލު ވެއްޖެއެވެ. އެއާއެކު ފޯނު އެނދުމައްޗަށް ހޫރާލެވުނެވެ. އެއަށްފަހު އެނދުގައި އިށީންނަމުން އިސްތަށިގަނޑުގެ ތެރޭގައި އަތުގެ އިނގިލިތައް ހިންގާލިއެވެ. އޭނަގެ ބޮލުގައި ވެސް އޭރު ރިއްސަމުން ދިޔަ އެވެ.
”ތޫގާ، ވަޓް އިސް އޯލް ދިސް؟… އަހަރެން މިނިވަންކަން ދިނީމަ އޭގެ ނާޖާއިޒު ފައިދާ ނެގީ ކީއްވެ؟… ކިތަންމެ ލޯބިވިޔަސް ތޫގާ ތިފަދައިން އުޅުމުގެ ފުރުސަތު އަހަރެން ނުދޭނަން، ކޮންމެ ފަހަރަކު ރާއްޖެއިން ބޭރަށް ގޮސް ގަންނަ ގަނޑަކީ ތީތަ؟… އަހަރެން ބޭނުން މިހުރިހާ ސުވާލުތަކެއްގެ ޖަވާބު… ކީއްވެތަ ފޯނަށް ޖަވާބު ނުދެވިގެން ތިއުޅެނީ…” ރުކާން އަނެއްކާ ވެސް ފޯނު ނަގަ ތޫގާއަށް ގުޅަން މަސައްކަތް ކުރިއެވެ. އޭނަގެ ބުމަ ގޮށްޖެހި ދެލޯ ހަނިވެގެން ދިޔައީ ފޯނަށް ޖަވާބު ނުދޭކަމުގެ މެސެޖު އިވުމުންނެވެ. އެމެސެޖުދެކެ ވެސް ރުޅި އަންނަ ވަރަށް ތޫގާއަށް އޭނަ ގުޅި އެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. އޭގެ މާނަ ރުކާންއަށް ނެގުނީ ވަރަށް ވެސް ގޯސްކޮށްނެވެ. އޭނަގެ ހިތުގައި ތޫގާއަށް ޓަކައިވި އެންމެ ފަހުގެ އިތުބާރުގެ ބިންގަލުގައި ވެސް އޭރު ރެނދުލައިގެން ހިނގައްޖެއެވެ.
*****
މަންމަމެންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު މާއީ ކޮޓަރިއަށް އައިސް ވަނީ ދިހައެއް ވެސް ޖެހިފަހުންނެވެ. އޭރު އޭނަގެ ހިތަށް ވަރަށް ބޮޑު ލޫކަމެއް އައިސްފައި ވިއެވެ. ނަމަވެސް ނިދަން ތައްޔާރުވެ އެނދުގައި އޮށޯވެލުމާއެކު ފުން ނިންޖެއްގެ ތެރޭގައިވި އޭނަގެ އުދާސްތައް ކުއްލިޔަކަށް ހޭލައިފިއެވެ. ފާއިތުވި ދުވަސްތަކުގައި އެންމެ ބޮޑަށް އުނދަގޫ ވަނީ ވެސް ނިދަން އޮށޯންނަ ވަގުތުކޮޅުގައެވެ. ޒިވާން ނެތްކަމުގެ ފަޅުކަމުން ހިތަށް އެންމެ ބޮޑަށް އަނިޔާ ލިބެނީ ވެސް އެދަނޑިވަޅުގައެވެ. ޒިވާންގެ އޭނަގެ ގާތުގައި ވުމަށް އެދި ހިތް ރޯން ފަށަނީ ދެނެވެ.
ލޮލުގެ ތެރެއަށް ޖަމާވަމުން އައި ކަރުނަތައް ލޮލުގެ ހިމަކޮޅުން ލާފައި ގޮސް ފޭބުމާއެކު މާއީއަށް ކަރުނަތައް ފޮހެލެވުނެވެ. މިވޭނުގައި އޭނަ އެންމެފަހުން މަރުވާނީ ހެއްޔެވެ؟ އެހެންވާކަށް އޭނަގެ ހިތެއް ނޭދެއެވެ. އޭނަގެ ސަބަބުން ލޯބިވާ ދަރިފުޅަށް ކުޑަމީސް އަނިޔާއެއް ލިބެން އޭނަ ފުރުސަތެއް ނުދޭނެއެވެ. އޭނަ ހުރިހާ ވޭނެއް ވެސް ބަރުދާސްތުކުރަން ބޭނުންވަނީ އެދަރިފުޅަށްޓަކައެވެ. ހުވަފަތްވެފައިވާ ހާލު ދުނިޔެއާއި ކުރިމަތިލާން އަޒުމުކަނޑައެޅީ ވެސް އެދަރިފުޅުގެ ހައްގުގައެވެ. ދެން މިހާ އަވަހަށް އޭނަގެ ހިތް ބަލިކަށިވުމުގެ ފުރުސަތު ދެވޭނީ ކިހިނެއް ހެއްޔެވެ؟ މަންމައާއި ޒިވާން ދިން ނަސޭހަތުގައި ހިފަން މާއީ މަސައްކަތްކުރިއެވެ. ބަނޑުގައި ފިރުމާލަމުން އޭނަ ފުން ނޭވާއެއް ދޫކޮށްލީ ނަފުސު ހަމައަކަށް އަޅުވާލުމުގެ މަގުސަދުގައެވެ.
ސިކުނޑީގެ ތެރޭގައި ފުނިޖެހެން ފެށި އުދާސްތަކާއެކު މާއީއަށް ނިދާލުންވީ މުސްތަހީލުކަމަށެވެ. ނިދާބޮކީގެ ފަނޑުއަލިކަމުގެ ތެރޭން އެތައް އިރެއް ވަންދެން ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް އިރު މެދުކެނޑުމެއް ނެތި ވާރޭވެހޭ އަޑު ކަންފަތަށް އިވެއެވެ. ހަމައެއާއެކު ބާރު ރޯޅިތަކާއެކު ގޯތީގައި ހުރި ބިޔަ ގަސްތަކުގެ ގޮފީގެ ހަމަލާތައް ފުރާޅަށް އަމާޒުވާ އަޑު ވެސް އިވެއެވެ.
އެންމެފަހުން ނުނިދޭނެކަން ޔަޤީންވުމުން މާއީ އެނދުން ތެދުވުނެވެ. އެއީ މިފަހަކަށް އައިސް އޭނަގެ އާދައަކަށް ވެއްޖެއެވެ. ހުއްޓުމެއް ނެތި އޭނަގެ ސިކުނޑި މަސައްކަތްކުރުމާއި ހިތުގެ އުދާސްތަކުން އެއްގޮތަކަށް ވެސް އޭނައަށް ލޮލުފިޔަޖަހާލެވޭކަމަކަށް ނުވެއެވެ. ދުވާލު ގަޑީގައި ވެސް އޭނައަށް ނިދެނީ އިންތިހާއަށް ވަރުބަލިވުމުގެ ސަބަބުން ހަށިގަނޑުން ހަކަތަ ހުސްވެގެންނެވެ. އެއީ މާބަނޑުއިރު ސިއްހަތަށް ރަގަޅުކަމެއް ނޫންކަން ވެސް އޭނައަށް އެނގެއެވެ. ނަމަވެސް އެއަނދަވަޅުން އަރައިގަތުން އޭނައަށް ވެފައިވަނީ އުނދަގޫކަމަކަށެވެ.
މާއީ ގޮސް ކޮޓަރީގެ ލައިޓްތައް ދިއްލާލިއެވެ. އެއަށްފަހު ފޮށިތަކުގައި ހުރި އަންނައުނުތައް އަލަމާރިއަށް ލައި ކޮޓަރި ތަރުތީބުކުރަން ފެށީ ސިކުނޑި ކަމުން ދިޔަ ޚިޔާލުތަކުން ދުރުވުމަށެވެ. އޭނަ ހިތްހަމަޖެހޭ ވަރުވުމުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ކޮޓަރިއަށް އަވަސް ނަޒަރެއް ދިނެވެ. އޭރު އޭނަ ހުރީ ވަރުބަލި ވެސް ވެފައެވެ. އެނދުގެ އަރިމަތީ މެޒުމަތީ ހުރި ފެންޖަގުން ތައްޓަކަށް ފެންއަޅާލަމުން ކޯވަރެއް ބޯލިއެވެ. އެއަށްފަހު އޭނަ ދެން އެނބުރިލީ ރީތިވާ މޭޒު ހަމައަކަށް އަޅުވާލުމަށެވެ.
ރީތިވާ މޭޒުމަތި ތަރުތީބުކޮށްލުމަށްފަހު މާއީއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަދި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އޭނަ ބޭނުންވާނެހެން ކުދިކުދި ބަދަލުތައް ކޮޓަރިއަށް ގެނެސްފައި ވާއިރު އިހުނަށްވުރެން ތަރުތީބުކަމަށް ދައްކައެވެ.
ހުސް ފޮށިތައް ގެންގޮސް އަލަމާރިއާއި ރީތިވާ މޭޒާ ދެމެދަށް ވާހެން ހުރި ހުސް ޖާގައިގައި ބަހައްޓަމުން ފާޚަނާއަށް ދާން އެނބުރިލި ހިނދު މާއީގެ ސަމާލުކަން އަނެއްކާ ވެސް ފޮތްކަބަޑަށް ގޮސް ހުއްޓިއްޖެއެވެ. ދެޚިޔާލެއްގައި ހުރި މީހަކު ފަދައިން މާއީ ގޮސް ފޮތްކަބަޑު ކައިރިއަށް ހުއްޓުނެވެ. ފަސްޖެހޭ ފަދަ ހަރަަކާތްތަކާ އެކު ވެސް އޭގެ ތެރޭގައި އޮތް އަލްބަމް ނަގައިގެން ގޮސް ލިޔާމޭޒު ދޮށުގައި އިށީނެވެ.
ހަށިފުރާ ނޭވާއެއް ދޫކޮށްލުމަށްފަހުގައި އަލްބަމްގެ ގަނޑުތައް އުކަން ފެށިއެވެ. އަލްބަމްގައި ހުރި މަޖާ ފޮޓޯތައް ފެނި މާއީގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލައެވެ. ފޮޓޯއަލްބަމަށް ދެވިފައިވި ސަމާލުކަމުގެ ސަބަބުން މީގެ އިރުކޮޅެއް ކުރިން އިހުސާސްކުރެވުނު އުދާސްތަކުގެ ހިލަމެއް ވެސް ނުވާކަހަލައެވެ.
ފުރާވަރުގެ ހެއްވާމަޖާ ހަނދާންތަކާ ގުޅިލާމެހިގެން ދިޔަ ހިނދު، މާއީގެ ތުންފަތުގައިވި ހިނިތުންވުން ކުއްލިޔަކަށް ގެއްލިގެން ދިޔައީ އަލްބަމްގެ ފުރަތަމަ ގަނޑުގައި އިން ޒުވާނާގެ ފޮޓޯއެއް އަނެއްކާ ވެސް ފެނުމުންނެވެ. އޭނަގެ ދެލޮލުގައިވި ވިދުން ވެސް އޭރު ފަނޑު ވެއްޖެއެވެ. މިފަހަރު ފޮޓޯގައި ތޫގާ އަދި ކްލާހުގެ އިތުރު ކުއްޖެއް ވެސް ނެތެވެ. ފޮޓޯގައި ތިބީ ހަމައެކަނި އޭނައާއި އެޒުވާނާ އެކަންޏެވެ. މާއީގެ މެދުހަށީގައި އެޒުވާނާ ހިފަހައްޓައިގެން ހުރިއިރު ތުންފަތުގައިވި ރީތި ހިނިތުންވުން ލޮލާހަމައަށް ފޯރައެވެ. ހަމައެއާއެކު މާއީގެ ތުންފަތުގައި ވަނީ ލަދުރަކި ހިނިތުންވުމެކެވެ. ޒުވާންކަމުގެ ޖޯޝު ދެޒުވާނުންގެ މޫނުމަތިން ވެސް ފެނެއެވެ.
”ނަހީކް…”
ފޮޓޯގައި އިން ޒުވާނާ ފެނި މާއީއަށް ބުނެވުނެވެ. އިތުރަށް އެފޮޓޯ އަލްބަމާ މެދު ހިތުގައިވި ޝައުޤުވެރިކަން ކުއްލިޔަކަށް ގެއްލިގެން ދިޔައީ ހަނދާންކުރަން ބޭނުންނުވާ ދުވަސްތަކެއް އޭނައަށް ގޯނާކުރަން ފެށުމާއެކުގައެވެ. ވަގުތުން އަލްބަމް ލައްޕާލެވުނެވެ. އަދި ފޮތްކަބަޑުގެ ތެރެއަށް ލެވުނެވެ. އޭރު އެދެލޮލުން ފުންމިން ނޭގޭ ޖަޒުބާތުތަކެއް ވިދަމުން ދިޔަ އެވެ. އޭނަ ދެފަރާތަށް ބޯހޫރުވާލީ އެއްގޮތަކަށް ވެސް އެބަދުނަސީބު ދުވަސްތައް ހަނދުމަކުރަން ހިތް ނޭދޭތީއެވެ. އެއީ މާޒީގެ އެންމެ އަނދިރި ދުވަސްތަކުގެ ކަނުއަނދިރީގެ ތެރޭގައި ވަޅުލާފައިވާ ހަނދާންތަކެވެ. އެހަނދާންތައް ކޮނެ އަލުން ނެގުމުގެ ބޭނުމެއް ވެސް ނެތެވެ. އޭނަގެ ދިރިއުޅުން ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ބަދަލުވެެގެން ގޮސްފިއެވެ. އެހިތަށް ވެސް ބޮޑެތި އިންޤިލާބުތަކެއް އައިސްފިއެވެ. މިހާރު އެހަނދާންތައް އިޔާދަކޮށްގެން ލިބޭނެ އެއްވެސް މަންފާއެއް ނެތެވެ.
*****
ހެނދުނު އޮފީހަށްދާން ތައްޔާރުވާން އުޅުނު ރުކާންއަށް އޭނަގެ ފޯނަށް ތޫގާ އެތައް މިސްކޯލެއް ދީފައި އިން ތަން ފެނުނެވެ. ރޭގައި ތޫގާ އޭނައަށް ގުޅިކަން އެނގުނެވެ. ނަމަވެސް އައިސްފައި ހުރި ގަދަ ރުޅީގެ ސަބަބުން ބުނަން ނުޖެހޭވަރުގެ އެއްޗެއް ބުނވިދާނެތީ އޭނަ ޚިޔާރުކުރީ ހިމޭންކަމެވެ. އޭނަ މިހާރު ތުގާއާއި ކުރިމަތިލާން ބޭނުންވަނީ ރަށަށް އައުމުންނެވެ. އޭރުން ތޫގާއަށް ވާނެ ގޮތް ހަމަލޮލަށް ވެސް ފެންނާނެތާއެވެ. ކަމެއް ސިއްރުކުރަން އުޅޭނަމަ އެކަން ވެސް ބޭޒާރު ވާނެތާ އެވެ. ތޫގާއަށް ދޮގު ހަދައި އޮޅުވާލުމުގެ ފުރުސަތު ދޭން އޭނަ ބޭނުމެއް ނުވެއެވެ.
ކަރުގައި ޓައީ އަޅުވާލުމަށްފަހު، އިސްޓާކީނަށް އަރައިގެން ކޮޓަރިން ނިކުންނަން ދިޔަ ރުކާންއަށް ތޫގާ ކޮށްފައި އޮތް މެސެޖު ފެނުމުން ކިޔާލެވުނެވެ.
”ހޭއި ބޭބް، ކީއްވެތަ އެހާވަރަށް ގުޅާފަ އިނީ؟، އެހާ ބޮޑަށް މިސްވީތަ؟… އަހަރެން ނިދާފަ އޮއްވައޭ ބޭބް ގުޅީ، ޓައިމް ޑިފަރެންސް ހުންނަވަރު ނޭގުނީ ދޯ؟… ހެހެހެ، އެނީވޭސް އަހަރެން ގުޅީމަ ޖަވާބެއް ނުލިބުނީމަ މެސެޖް މިކޮށްލަނީ… މިއަދު މެންދުރު އެކެއްގެ ފްލައިޓުން ރަށަށް ދެވޭނެ… އަހަރެން ބަލާ އަންނައްޗޭ… ވަރަށް ބޮޑަށް ލޯބިވޭ، މާލެ ދެވުނީމަ ގުޅާނަން އިނގޭ، ލަވް ޔޫ އެންޑް މިސް ޔޫ ސޯ މަޗް، ބޭބްއަށް ދޭން ސަޕްރައިޒެއް ވެސް އެބަ އޮތް…” ތޫގާގެ މެސެޖުގައި އޮތެވެ. އެހެނިހެން ފަހަރުތަކުގައި ތޫގާ ރަށަށް އަންނާތީ އެހިތުގައި ވިންދު ޖަހާ އުފާވެރިކަމެއް މިފަހަރު ނެތެވެ. އެއާ ޚިލާފަށް ވަނީ މުޅިން އެހެން ޝުޢޫރުތަކެކެވެ.
ފައިވާން ހަރުގަނޑު ކައިރިއަށް ހުއްޓިލަމުން އޭނަގެ އޮފީސް ބޫޓު ނަގައި ފަޔަށް މަހާލި އިރު ތޫގާއާއި ކުރިމަތިލާނެ ގޮތަކާ މެދު ރުކާންއަށް ވިސްނާލެވުނެވެ.
”ރުކާން!… ހެނދުނު ސައިވެސް ނުބޯތަ އޮފީހަށް ދާން ތިއުޅެނީ؟…” ރުކާން ހެނދުނު ނާސްތާކުރަން ނައިސް ލަސްވެގެން ކާކޮޓަރިން ނިކުތް އުމެއިރާއަށް ފެންޑާއަށް ނިކުމެ ހުރި ރުކާން ފެންނައިރަށް ގޮވާލައިފިއެވެ.
”މަންމާ މިއަދު ހެނދުނާ އެބައޮތް ވަރަށް މުހިންމު މީީޓިންގްއެއް، މީޓިންގް ނިންމާލާފަ އެކޮޅުން ސައިބޯލާނަން…” ރުކާން ބުނެލިއެވެ. ދެން އޭނަ އަވަސްވެގަތީ ގަރާޖުގައި އޮތް ކާރު ނެރުމަށެވެ. އޭރު މަންމަ އޭނައާއި ދިމާއަށް ކުދި ކިޔާ އަޑު ރުކާންއަށް އިވެއެވެ.
”ބަފަޔާ ދަރިއާ ދެމީހުން ހަމަ އެއްތަންގަނޑެއްގެ ދެމީހުން… ރެޔާ ދުވާލު ވިޔަފާރިކަންތަކުގަ… ގެއަށް ވަނަސް އަބަދު ކޮންމެވެސް ވިޔަފަރި ކޯލެއްގަ… ދެން މިއުޅޭ އެލީނާ، އޭނަގެ ވާހަކަ ހެވީ ނުދެއްކިއްޔާ… އޭލެވެލް ނިންމާލި ގޮތަށް ކޯސްގަނޑެއް ވެސް ހަދަން އުޅެނީކީ ނޫން… ވަޒީފާ ގަނޑަކަށް ދާން ވިސްނަނީކީ ނޫން… ދެފާދަމާލާފަ ގޭގަ އޮންނަ އިރު ވެސް ހަރާމުންހަރާމޭ މަށަށް ކަމެއްގަ ފަސޭހަކޮށްލަންދޭން ވެއްޖެއްޔާ…. އޭނަގެ ކަމަކީ ހަވީރަށް ބުރުސޫރަ ކުރަހައިގެން ރަށުތެރޭ ކަމުވޮށިނުވާ އަންހެން ކުދިންނާއެކު ހަވީރު ބުރު ތަޅަން ދިއުން… ނަސޭހަތް ދީދީ ވެސް އެކަމެއް އިސްލާހެއް ނުކުރި… ހާދަ ރުޅިއެއް އާދެއޭ… މިގޭގެ އަހަންނާ ވާހަކަދައްކާލާ ޗެނެލްތަކުން އަންނަ ހިންދީ ޑްރާމާ ބަލަން ހުންނަނީ ވެސް ހަމައެކަނި ތޫގާ… މަށަށް ލިބިފައި ހުރި ރަންގަނޑެއް އެއީ… އޭނަ ވެސް ވިޔަފާރިއެއް ފަށައިގެން އުޅެނީ، އެކަމަކު އަހަންނަށް ވަގުތު ހުސްކުރެޔޭ… ކޮން ދުވަހަކުންތަ އެމަންޖެ އަންނާނީ…”
އުމެއިރާ ކުދިކިޔަމުން އައިސް ކާކޮޓަރިއަށް ވަންއިރު ހެނދުނު ހޭލިގޮތަށް އެލީނާ ސައިބޯން އައިސް އިނެވެ. ބުޅި އިސްތަށިގަނޑު ހޭވިފައި އޮތް އިރު ނިދިކުޅީގެ އަސަރު ވެސް ހުއްޓެވެ.
”އައްޗީޑި!!!… މީވާ އަންހެން ދަރިއެއް މަށަށް ލިބިފަ މިހިރީ… ބުނަން!، ކަލޭގެ ތިހުންނަ ފީކަޅާ ކަންތައް ދޫކުރަން އުޅޭ… ތިހެން އުޅެގެން ކެލެއާ އިންނާނެ މީހަކު ވެސް ނުވާނެ…” އުމެއިރާ ހަޅޭއްލަވައިގަތެވެ. ”ހަމަމިހާރު ތިއެއްޗެހި ބަހައްޓާފަ ފެންވަރައިގެން އާދޭ… ކިތައް ފަހަރު ބުނާނީ ހެނދުނު ހޭލާ ގޮތަށް ކާކޮޓަރިއަށް ނާންނާށޭ!!!…”
މަންމަ ހަޅޭއްލަވައިގަތުމުން އެލީނާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. އަދި އޭނަ ކާން އުޅުނު ނިއުޓެލާ ޖެހި ޕާންފޮތި ބާއްވަމުން ކޮޓަރިއަށް ދާން ހިނގައިގަތީ މޫނު ހަދައިގެން ހުރެއެވެ.
”ތޫގާ ފިޔަވާ މިގޭގަ ނެތޭ ރަގަޅު އެކަކު ވެސް…” ތުންފަތް އަރިއަކަށް ދަމާލަމުން އުމެއިރާ ބުނެލިއެވެ. އޭނަ ގޮސް ކަމޭޒު ދޮށުގައި އިށީނުމާއެކު މޭޒުމަތީ އޮތް ފޯނަށް ވައިބާރ މެސެޖެއް އައި އަޑު އިވުނެވެ. ވަގުތުން ފޯނު ނަގައި ވައިބާރު ހުޅުވާލިއެވެ.
އުމެއިރާގެ އިތުރުން އަދި ވެސް ރަށުގެ ޒީލަ ގަދަ ތިން އަންހެންވެރިން ހަދައިން އުޅޭ ”ސިއްރު” ގުރޫޕަށް އައިސްފައިވާ މެސެޖުތައް ފެނުމުން އޭނަ މެސެޖުތައް ކިޔަން ފެށިއެވެ. އެގުރޫޕަކީ ރަށުތެރޭގައި އެދުވަސްވަރެއްގައި އެންމެ ހޫނުކޮށް ދެކެވޭ ވާހަކަތައް ހިއްސާކުރާ ތަނެވެ. އޭގެ އިތުރުން މީހުންގެ މަސްކެއުމާއި ފިތުނަ އުފެއްދުމުގައި ވެސް ހައްދެއް ނޯވެއެވެ. ދޮގު ޚަބަރު ރަށުތެރެއަށް ފެތުރުމުގެ މައި މަރުކަޒަކީ ވެސް އެއެވެ.
”އުމޭ، މަ އަޑު އެހިން އުމޭގެ ޅީދަރިފުޅުގެ ދައްތަ ރަށަށް އައިސްގެން އުޅޭ ވާހަކަ، ތެދެއްތަ އެއީ؟…”
”އަސްލު ވެސް ތަ؟… އުމޭ އެއް ފަހަރު ބުނި އަޑު މަ އެހިން އޭނަ ބަނޑުބޮނޑޭ ވެސް…”
”ހުވާތަ؟… ޕިސްޕިސް… އެއީ ދޯ ކެންސަރު ޖެހިގެން އުޅުނު ފިރިހެނެކާ އިނދެގެން އުޅުނު މަންޖެ؟…”
”އާނ… އޭނަ ވާހަކައޭ މިބުނަނީ…”
”އޭނަ އަސްލުކޮށް ވެސް ބަނޑުބޮނޑުތަ؟… ކެންސަރު ޖެހި މަރުވާން ކައިރިވެފަ އޮތް އިރު ވެސް ދަރިން ހޯދޭތޯތަ ބެލީ؟…”
”މަ އަޑު އެހިން އަހަރުމެނަށް ވުރެން މުއްސަނދި ޢާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިޔޯ އެއީ… ކޮންމެހާލެއްގަ ވިޔަސް އެމަންޖެއަށް ފައިދާ ގަނޑެއް ނެގޭނީ ބަނޑުބޮޑުވީމަތާ… ހުވާ މިބުނީ ވަރަށް ދުރު ވިސްނާ މަންޖެއެއް އެއީ… އެކަމަކު ކީއްވެޔޯ އޭނަ ރަށަށް އެއައީ؟…”
އެކުވެރިން ދައްކާފައިވި ވާހަކަތައް އުމެއިރާ ކިޔާލިއެވެ.
”އޭ، ތޫގާ ރުޅި އަންނާނެ މަ ދެކެ އޭނަގެ ދައްތަގެ ވާހަކަދައްކައިފިއްޔާ… އޭނަގެ ފިރިހެނުން މަރުވެގެން ފުރިއިރު ވެސް ވަރަށް ދެރަވެފަ ހުރީ ވެސް… އަހަރެން ވެސް ރޭގަ ބަސްމާމެން ކިހިނެއްތޯ އަހާލުމުން ރުކާންގެ ފަރާތުން އެނގުނީ އެމަންޖެ ރަށަށް އައިސްގެން އުޅޭކަން… ސަބަބެއް ނޭގޭ… ބުނީ ހަމަ އައީއޯ…” އުމެއިރާ ލިޔުނެވެ.
”އުމޭ ހާސްނުވެބަލަ، އަހަރުމެން މިހެންދައްކާ ވާހަކައެއް ތޫގާގެ ކަންފަތަކާ ހަމައަކަށް ނާންނާނެކަން އިނގެއެއްނު…”
”އަނެއްކާ އެފިރިހެންކުއްޖާގެ މީހުން އޭނަ ގެއިން ނެރެލީތަ؟، އެކަމަކު ވާރިސަކުލިބެން ހުއްޓާ އެހެން ވެސް އެމީހުން ނަހަދާނެ ދޯ، ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ދަރި އެމީހުން ވެސް ބޭނުންވާނެތާ!…”
”ދެން ކީއްވެ އޭނަ އައިސްގެން އުޅެނީ؟… ބަސްމާއަކީ ވަރަށް ފާޑެއެއްގެ މީހާގަނޑެއް… އޮޅުން ފިލުވަން އުޅުނަސް އޭނަ ނުބުނާނެ، އަޅެ އުމޭ ނިކަން އުޅެބަލަ އަސްލު ސަބަބު ހޯދަން، މަށަށް ކޮންމެވެސް ގަޑުބަޑެއް އުޅޭހެން ހީވަނީ……”
ދުވަހުގެ ހޫނު މަޢުޞޫއަކަށް ވެގެން ދިޔައީ މާއީ ރަށަށް އައި ވާހަކައެވެ. ހަޤީޤަތް ނޭގޭ ހާލު ވެސް އެތައް ވާހަކައެއް ދެކެވުނެވެ. އެމީހަކަށް ފެން ގޮތަކަށް ވާހަކަ ދެކެވުނު އިރު މާއީގެ ހާލާ މެދު އެއިން އެއްވެސް މިހަކު ވެސް ވިސްނައެއް ނުލިއެވެ. ކިރިޔާ ވެސް އެއްޗެއް ބުނެލި މީހަކީ އުމެއިރާއެވެ. އެވެސް ތޫގާގެ ދައްތަގެ ވާހަކަތައް ދެކެވުނީތީއެވެ. ރަށުގެ އެހެން މީހަކު ނަމަ އުމެއިރާ ވެސް އެންމެ ތަންފުކެއް ވެސް ދުލެއް ނުކުރީހެވެ. މާއީގެ ވާހަކައަށް ފަހު ދެން ދެކެވުނީ އިތުރު މިހެއްގެ ވާހަކައެވެ. އެއަށްވެސް ގަރަމްމަސާލާ އިތުރުކޮށްގެން ދެއްކިއެވެ.
*****
”ދަރިފުޅާ، ތޫގާ މިއަދު މެންދުރު އަންނާތީ މަންމަ މިއުޅެނީ މެންދުރަށް އެއްޗެއް ކައްކާލަން ވެގެން، ހިނގާބަލަ އިރުކޮޅެއް ފަހުން މަންމައާ ދެމީހުން ފިހާރައަށް ގޮސްލާފަ އަންނަން…” ހެނދުނު ދިހައެއް ޖަހަން އުޅެނިކޮށް ބޮޑުކޮޓަރިއަށް ވަން މާއީ ފެނި ސޯފާގައި އިން ބަސްމާ ބުނެލިއެވެ.
މާއީ ބޯޖަހާލަމުން ސޯފާގައި އިށީނެވެ. އޭރު ހަމަނިދި ނުލިބުމުގެ އަސަރު މާއީގެ ދެލޮލުން ފާޅުވެއެވެ.
”ދަރިފުޅު ރޭގަ ރަގަޅަށް ނުނިދުނީތަ ލޯކައިރި ކަޅުވެފަ ތިހުރީ؟…” ޓީވީއަށް ދެވިފައިވި ސަމާލުމަށް މާއީއަށް ހުއްޓާލަމުން ބަސްމާ އަހާލިއެވެ. އޭނަގެ އަޑުގައި ކަންބޮޑުވުން ވެއެވެ.
”މާހައުލު ބަދަލުވީމަ ނުނިދުނީ…” ބަސްމާގެ ސުވާލަށް ޖަވާބުދޭން މާއީ ދޮގެއް ހަދާލިއެވެ. މަންމަ މިހާރު ވެސް އެހުންނަނީ އޭނައާ މެދު ފިކުރުބޮޑުވެފައެވެ. އޭނަގެ އަސްލު ހާލަތު އޮޅުންފިލުވައި ދީފިއްޔާ މަންމަ އިތުރަށް ހާސްވުން ނޫންކަމެއް ވެސް ނުވާނެއެވެ.
”އެހެންތަ؟، އެކަން ދުވަސްކޮޅަކުން ހަމައަކަށް އެޅިދާނެ… އެކަމަކު ދަރިފުޅު ދުވާލު ގަޑީގަ ނިދުން އާންމުކަމަކަށް ނަހަދައްޗޭ… އަބަދު ވެސް ނިދަން ވަކި ޝެޑިއުލްއެއް ގެންގުޅެންވާނެ، އޭރުން ސިއްހަތަށް ވެސް ރަގަޅުވާނީ…” ބަސްމާ މާއީގެ މޫނަށް ފުންނަޒަރެއް ދެމުން ބުނެލިއެވެ.
”ތޫގާ ދަރިފުޅަށް ނުގުޅާތަ؟…” ބަސްމާ އަހާލިއެވެ. އެސުވާލަށް ޖަވާބު ދޭން މާއީއަށް އުނދަގޫވިއެވެ. އެއް އިރެއްގައި ތޫގާ އޭނައާއި ޒާތީ ވާހަކަތަކެއް ވެސް ހިއްސާކުރިއެވެ. ނަމަވެސް އޭގެ ފަހަތުގައި ވެސް ތޫގާގެ ސިއްރު އެޖެންޑާއެއް އޮތެވެ. އެއެޖެންޑާ ހާސިލުވެ ތޫގާގެ އަސްލު ސޫރަ އޭނައަށް ފެނުނު ހިސާބުން އެދެމެދުގައި އޮތް ގުޅުން ދާއިމަށް ހީނަރުވެގެން ދިޔައީ އެވެ. އެހާލަތުގައި ދެބެއިންގެ ގުޅުން އޮތްއިރު ތޫގާ އޭނައާއި އެއްވެސްކަމެއް ހިއްސާކުރާނެ ހެއްޔެވެ؟ ހަމައެއާއެކު ތޫގާ އެންމެފަހުން ދެއްކި ވާހަކަތަކުން ވެސް އޭނަ ހުރީ ވަކިން ބޮޑަށް ދޫގާ ދެކެ ހިތްހަމަނުޖެހިފަ އެވެ.
”ގުޅި ހާލުއޮޅުންފިލުވަންށާއި ރަށަށް އަންނަ ވާހަކަ ބުނަން…” މަންމަގެ ހިތްހަމަޖައްސާލަދޭން މާއީ ހެދީ ދޮގެވެ. ދެބެއިންގެ ދެމެދުގައި ބޮޑު ހައިޖާންގަނޑެއް އުފެދިފައިވާކަން މަންމައަށް އަންގަން މާއީ ބޭނުމެއް ނުވެއެވެ. އޭރުން މަންމަ ދެރަވާނެ ވަރު އޭނައަށް އަންދާޒާ ކުރެވެއެވެ. އެހުރިހާކަމެއްގެ ސަބަބުން އޭނައަށް މަޖުބޫރުވެފައިވަނީ ތޫގާއާއި ގާތް ގުޅުމެއް އޮންނަކަމުގެ ތަމްސީލުތައް ކުޅޭށެވެ. ތޫގާގެ އަސްލު ސިފަ އެހެނިހެން މީހުންގެ ލޯތަކަށް ފޮރުވާށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.




Hey all, Mihaaru mi site ga vaahaka nimendhen genesdeyni, Vaahaka lasvithi maafah edhen. Ehkoh liye ninmaalaafa anekaa genesdeyn mifeshi. Iraadha kurehviyaa konme duvahaku au episode eh shaaiu kohla deynan, Vaahakiga mulhi jumla inaani fansavees episode.
Hurihaa kiyunterinah ves baajeveri reigadakah edhen.
Adhi nukiyan vvv? misite
ga nimen liyan ninmeema
vvbelin bunuhvi site thah
akamu kiyaaln nulibueema
?vv bodah (THANKxxxx)
???
Mary
Mux Muxu ma kiyamey. ?
Varah rythi mi part vx.. Haadha dhuvaheh fahunney mi up v.. ❤❤