Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހޯދޭތޯ މަންޒިލެއް… 9

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
November 5, 2018 7 Mins Read
4 Comments

ވެހެމުން ދިޔަ ބޯވާރޭގެ ތެރޭން ރަންވޭއަށް ބޯޓު ތިރިކުރަމުން ދިޔަ ހިނދު ދޭތެރެދޭތެރޭން ހޮނު ގުގުރީގެ އަޑު އިވެއެވެ. ގަދަ ވައިގެ ސަބަބުން އިރުއިރުކޮޅާ ބޯޓަށް އަންނަ ލޮޅުންތަކުން ދަތުރުގެ ބައިވެރިން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ހިތުގައި ބިރުވެރިކަން ވެސް ވިންދު ޖަހައެވެ. ގަދަ ކެރީގެ ތެރޭން ބޯޓުގެ ފުރޮޅުތައް ރަންވޭގައި ސާބިތުކޮށްލެވުނު ވަގުތަކީ ފަޖިންޖަރުންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދިން ވަގުތުކޮޅެއްކަން ގައިމެވެ. ކޮންމެ މީހަކަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

ބޯޓު ގޮސް ވައިގެ ބަނދަރުގެ ގޭޓުގައި މަޑުކޮށްލިތާ ކުޑަ އިރުކޮޅެއް ސަލާމަތީކަންކަން ބަލާލުމަށްފަހު ކްރޫއަށް ހުރި ކުއްޖާ ބޯޓުގެ ދޮރު ހުޅުވާލިއެވެ. އޭރު ބޯޓުން ފައިބަން ފޮށިތަންމަތިބަނދެ ތައްޔާރުވެގެން ކިއުގައި ތިބި ދަތުރުވެރިންތައް ބޯޓުން ފައިބަން އަވަސްވެގަތެވެ. މީހުންތައް ހުސްވަންދެން މާއީ އިނީ ގޮނޑީގައި މަޑުކޮށްލައިގެންނެވެ.

ކުޑައެއްގެ އެހީގައި އަންނަ މީހުންގެ ބަޔަށް ވަނުމަށް ހިނގަމުން ދިޔަ މާއީއަށް ވަށައިގެންވި މާހައުލަށް ނަޒަރު ހިންގާލެވުނެވެ. ފަސް އަހަރު ފަހުން އަމިއްލަ ވަޒަނަށް އާދެވުނުކަމުގެ ހަމަޖެހުމާއި އުފާވެރިކަން އޭނަގެ މޫނުމަތިން ފެންނަމުން ދިޔަ އެވެ. ކުޑަ ވަގުތުކޮޅަކަށް ވިޔަސް އެދެލޮލުން ފެންނަން ހުންނަ އުދާސްކަން ފަނޑުވެފައި ވިއެވެ. ވަށައިގެންވާ މާހައުލަށް ފަރުވާތެރިކަމާއެކު ބަލަމުން ދިޔަ ހިނދު ވައިގެ ބަނދަރަށް އައިސްފައިވާ އުމްރާނީ ތަރައްގީތައް ވެސް އޭނައަށް ފާހަގަކުރެވުނެވެ.

*****

ފޮށިތައް ޓްރޯލީއަކަށް ލައިގެން ނިކުތް އިރު އެމީހުން ބަލާ ގޭގެ ޑްރައިވަރު އަލީ އައިސް ހުއްޓެވެ. ޖާވިދުމެން ފެންނަ އިރަށް އަލީ އަވަސްވެގަތީ ޖާވިދުމެންނަށް އަތްގާތްކޮށްލަ ދިނުމަށެވެ. ކާރުގެ ކިޑީއަށް ލަގެޖްތައް އަރުވަން އަލީއަށް އެހީވެދިނުމުގައި ރުކާން އުޅުނެވެ. ހުރިހާ ލަގެޖްތައް ހަމައަށް ހުރިތޯ ބަލާލަމަށްފަހު އަލީ ކާރުގެ ކިޑީ ލައްޕާލިއެވެ. އޭރު ރުކާން ފިޔަވާ ހުރިހާ އެންމެން ކާރުގެ ފަހަތު ސީޓަށް އަރައިފިއެވެ. އަލީއާއެކު ރުކާން ގޮސް އެރީ ކާރުގެ ކުރީ ސީޓުތަކަށެވެ.

ވެހެމުން ދިޔަ ވާރޭގެ ސަބަބުން ފުސްވެފައިވި ކާރުގެ ކުޑަދޮރުގެ ލޫވާރގައި އަތްތިލަ ހިންގާލަމުން ތެތްފިނިކަމުގެ އަސަރު މާއީ ފިލުވާލިއެވެ. އަދި ކާރު ދުއްވަން ފެށުމާއެކު ފަސްވަމުން ދިޔަ މަންޒަރުތަކަށް ބަލަން ފެށިއެވެ. އޭރު ރަށުގެ ތަފާތު ހަނދާންތައް އޭނަގެ ޚިޔާލުތަކަށް ވެރިވަމުން ދިޔަ އެވެ.

ރަށުގެ ބޮޑުމަގުން ގޮސް ރަށުގެ ފުއްޓަރު ފަރާތަށް ދިއުމަށް އޮންނަ މަގަށް ކާރު އަޅާލިއެވެ. އެއާއެކު ފެންނަން ފެށި ހުރިހާ ގެތަކަށް މާއީ ފަރުވާތެރިކަމާއެކު ބަލަން ފެށިއެވެ. އޭނަގެ ޝައުޤުވެރިކަން އެންމެ ބޮޑަށް ހޯދީ އެމަގުގައި ހުންނަ ހަމައެކަނި ފިހާރައާއި ކުރިމައްޗަށް ވާނެހެން ހުރި ގެ ފެނުމުންނެވެ. ހައިރާންކަމުގެ ކުލަވަރު އޭނަގެ މޫނަށް ވެރިވެގެން އައީ އެގޭގެ ތެރޭގައި ހެދިފައި އޮތް ވިނަތަކާއި ގެއަށް އައިސްފައި އޮތް ވީރާނާކަމުގެ ސަބަބުންނެވެ. އެކަމުން ހެކި ދެނީ އެގެ ފަޅަށް އޮންނަތާ އަަހަރުތަކެއް ވެއްޖެ ކަމެވެ. އެގެ ފަސްކޮށް ކާރު ދިއުމުން ފަސްއެނބުރި ވެސް މާއީއަށް ބެލުނެވެ. އޭރު އެމޫނުން ފެންނަނީ މުޅިން ތަފާތު ޝުޢޫރުތަކެކެވެ. އެހިތުގައި ސުވާލުތަކެއް ވެސް ވިއެވެ.

”މަންޒިލް” ގޭގެ ގޭޓުން އެތެރެއަށް ކާރު ވަދެގެން ދިއުމާއެކު ޚިޔާލުތަކުގެ ދުނިޔެއިން ނިކުމެވުނު މާއީގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލީ އުމުރުގެ ބޮޑުބައި ހޭދަކުރުވުނު އަދި ފޮހެވިގެން ނުދާނެ ހަނދާންތަކެއް ސިކުނޑީގައި ރައްކާކުރެވުނު ގޭގެ ހިތްގައިމު މާހައުލުގެ ސަބަބުންނެވެ. ކުދިކުދި ބަދަލުތަކެއް އައިސްފައިވިކަމުގައި ވިޔަސް އެއީ ހަމަ އޭނަގެ މަންޒިލެވެ. އެވަގުތު ގެއަށް އައިސްފައިވާ ބަދަލުތައް މާއީއަށް ދިރާސާ ކުރެވުނެވެ. ގޭޓު މައްޗަށް އަރުވާފައި އޮންނަ ބޯގަންވިލާ ގަސް އިހުނަށްވުރެ ވަރުގަދަކަމަށް ދައްކައެވެ. އޭގައި ފޮޅިފައިވާ މާތައް ގަދަވައިގެ ސަބަބުން މަގަށް ފައިބާފައި އޮތެވެ. ގޭޓުން ފެށިގެން ގޭގެ ފެންޑާއާއި ހަމައަށް ދެވެންދެން ގާއަޅާފައި އޮންނަ ފުޅާ މަގުގެ ދެފަރާތުގައި އިންދާފައިވާ ބަގީޗާ ގަސްތަކަށް ކުދިކުދި ބަދަލުތަކެއް އައިސްފައި ވެއެވެ. މާއީގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައީ ގޭގެ މެދުގޯތީގައި ހުންނަ ބޮޑު އަނބުގަސް ފެނިފައެވެ. ހަމައެއާއެކު ގަހުގެ ގޮތްޕެއްގައި އަޅުވާފައި އޮތް އުނދޯއްޔާއި ގަހާއި ތަންކޮޅެއް ދުރުގައި ހިޔަލުގެ ދޮށުގައި ބެހެއްޓިފައިވި ޖޯލިފަތި ފެނި ފުރާވަރުގެ ދުވަސްތައް ހަނދާންވެގެން ދިޔަ އެވެ.

ފެންޑާއަށް ކާރު މަޑުކޮށްލުމާއެކު މާއީ ކާރުގެ ދޮރުހުޅުވާލާފައި ފޭބިއެވެ. އަދި ގެއަށް ދިރުން ގެނެސްދީފައި އޮތް ބަގީޗާއަށް ނަޒަރު ހިންގާލިއެވެ. އެއަށްފަހު ލުއި ހިނިތުންވުމަކާއެކު ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

”ދަރިފުޅާ ތިހެން ތިތާ ނުހުރެ އަވަހަށް އެތެރެއަށް ވަދެބަލަ، މިހާރުވެސް ވަޔާއެކު އަންނަ ފެންތިކިތަކުން ތިދަނީ ތެމެމުން…” ބަސްމާ ގޮވާލިއަޑަށް މާއީއަށް އޭނަގެ ޚިޔާލުތަކުގެ ތެރޭން ނިކުމެވުނެވެ. ރޯޅިތަކާއެކު އަންނަ ތެތްފިނިކަމުގެ އަސަރު އޭނައަށް އިހުސާސްކުރެވުނީ ވެސް ދެނެވެ. އެއާއެކު އޭނަ އަވަސްވެގަތީ އެތެރެއަށް ވަނުމަށެވެ.

”ދަރިފުޅު ދޭ ކޮޓަރިއަށް ގޮސް އަރާމުކޮށްލަން… ރޭގައި އެހާ ދިގު ދަތުރެއް ކޮށްފައި މާލެއަށް ދެވުނު އިރު ވެސް ދަންވެއްޖެ، ނުވީތާކަށް ހެނދުނު ރަށަށް ދާން ފުރަން ވެސް ޖެހުނީ… އަލީ، ފުރަތަމަ ވެސް މާއީގެ އެއްޗެހި އެކޮޓަރިއަށް ގެންދޭ…”

ބޮޑުކޮޓަރީގައި ހުރި ސޯފާތަކާ ދިމާއަށް މިސްރާބު ޖެހި މާއީއއަށް ގޮވާލަމުން ބަސްމާ ބުންޏެވެ. އަދި ފޮށިތައް ވައްދަން އުޅުނު އަލީއަށް ގޮވާލަމުން، މާއީގެ ފޮށިތައް އެކޮޓަރިއަށް ގެންދިއުމަށް ބުނެލިއެވެ.

ވަރުބަލިވެފައިވާ މިންވަރު މާއީއަށް އިހުސާސްކުރެވުނީ ވެސް ދެނެވެ. ރޭގައި އޭނައަށް ރަގަޅަކަށް ނުވެސް ނިދުނެވެ. ނުވީތާކަށް ހެނދުނުހެނދުނާ ރަށަށް ދިއުމަށް ދަތުރު ފަށަން ޖެހުނެވެ. ވަރުބަލިކަމުގެ އަސަރު މިހުރިހާއިރު ވީއިރު ވެސް އޭނައަށް އިހުސާސް ނުވީތީ މާއީ ހައިރާން ވިއެވެ.

މާއީ އޭނަގެ ފޮށިތައް އަލީއަށް ފާހަގަކޮށްލަ ދިނުމާއެކު، މާއީގެ ފަހަތުން ފޮށިތައް ހިފައިގެން އަލީ ހިނގައިގަތެވެ. މާއީ ގޮސް އޭނަގެ ކޮޓަރީގެ ދޮރުހުޅުވާލިއެވެ. އެއާއެކު އޭނައާ ބައްދަލުކުރީ މާޒީގެ ހަނދާންތަކެވެ. ފުރާވަރުގެ އެންމެ އުފާވެރި އަދި އެންމެ ހިތްދަތި ދުވަސްތައް ވެސް ވޭތުކުރެވިފައިވަނީ އެހަތަރު ފާރު ތެރޭގަ އެވެ. ހިތުގެ އުދާސްތަކާއި ޝަކުވާތައް ވެސް މެއެވެ. އެހުރިހާ ހަނދާންތަކެއް އާލާވެގެން ދިޔަ ހިނދު މާއީގެ ދެލޮލުން މިފަހަރު ފާޅުވެގެން ދިޔައީ މަސްހުނި ޝުޢޫރުތަކެކެވެ.

”މެޑަމް…” މާއީއަށް ސިހުން ގެނުވީ އަލީގެ އަޑުންނެވެ. ކޮޓަރިއަށް ވަދެވެން އޮތް މަގު ބަންދުކޮށްގެން ހުރިކަން ވެސް ރޭކާލީ ދެނެވެ. އަވަސްއަވަހަށް ކޮޓަރިއަށް ވަންނަމުން އަލީއަށް ތަންދައްކާލިއެވެ. ފޮށިތައް ވައްދާ ނިމުމާއެކު އަލީއަށް ހިނިތުންވެލަމުން މާއީ ޝުކުރު އަދާކޮށްލިއެވެ. އަދި އަލީ ނިކުތުމާއެކު ދޮރުލައްޕާލިއެވެ.

ކޮޓަރީގެ ދޮރަށް ލެނގިލަމުން މާއީ އަނެއްކާ ވެސް މާހައުލަށް ފުން ނަޒަރެއް ދިނެވެ. އެކޮޓަރިއަށް އެއްވެސް ބަދަލެއް އައިސްފައި ނެތެވެ. އޭނަ ދޫކޮށް ދިޔަ ހުރިހާ ސާމާންތަކެއް ވެސް ބަހެއްޓިތަނެއްގައި އެގޮތަކަށް ހުއްޓެވެ. ކޮޓަރި ގަވައިދުން ފޮޅާ ސާފުކުރާކަން އެނގެނީ ހިރަފުހުގެ އެއްވެސް އަސަރެއް ފެންނަން ނެތީމައެވެ.

*****

ރޭގަނޑުގެ ވަގުތެވެ. އިޝާ ނަމާދުން ފޭބި ބަސްމާ ކާކޮޓަރިއަށް ދިޔަ އިރު ސުފުރާމަތި ތައްޔާރުކުރުމުގައި ނޯކަރުންތަކެއް އުޅެއެވެ. އެމީހުންނަށް އަތްގާތްކޮށްލަދިނުމަށްފަހު، ބަސްމާ އޭނަގެ އަތުކުރީގައި އޮތް ހުދު ރަނުގެ ގަޑިއަށް ނަޒަރެއް ދިނެވެ. އެއަށްފަހު އޭނަ ހިނގައިގަތީ މާއީގެ ކޮޓަރިއާއި ދިމާއަށެވެ. މެންދުރުގެ ކެއުމަށް ފަހު ކޮޓަރިއަށް ދިޔަ ގޮތަށް މާއީގެ ޚަބަރެއް ނުވެއެވެ. އޭނަ ހަވީރު ސައިގަޑީގައި ވެސް މާއީއަށް ގޮވާލަން ދިޔަ އެވެ. ނަމަވެސް ދެ ފަހަރު ޓަކި ދީގެން ވެސް ޖަވާބެއް ނުލިބުމުން އޭނަ ދިޔައީ ދިގު ދަތުރަކަށްފަހު އާދެވުމުން މާއީ ވަރުބަލިވާނެ މިންވަރު އަންދާޒާ ކުރެވޭތީ އަރާމުކޮށްލުމުގެ ފުރުސަތު މާއީއަށް ދިނުމަށެވެ. ނަމަވެސް މިހާރު އެތައް އިރެއް ފާއިތުވެގެން ދިޔަ އިރު ވެސް މާއީގެ ޚަބަރެއް ނުވިއެވެ. އޭނަ ކަންބޮޑުވީ ވެސް އެހެން ވެއެވެ.

”ދަރިފުޅާ…” ކޮޓަރީގެ ދޮރުގައި ޓަކިދެމުން މާއީއަށް ބަސްމާ ގޮވާލިއެވެ. މިފަހަރު މާއީ ޖަވާބު ނުދީފިއްޔާ އޭނަ ގަސްދުކޮށްގެން ހުރީ އަތުގައި އޮންނަ ޑަބަލް ތަޅުދަނޑިން ކޮޓަރި ހުޅުވުމަށެވެ. އޭނަގެ ހިތް ނުތަނަވަސްކަމެއްގެ ތެރޭގައި ވަނިކޮށް ތަޅު އަނބުރާލި އަޑު އިވުނެވެ.

”ދަރިފުޅަށް ހާދަ ވަރަކަށް މަންމަ ގޮވައިފީމޭ، މަޢުރިބު ނަމާދު ގަޑީގައި ވެސް މަންމަ ގޮވާލަން އައިން، އެކަމަކު އެފަހަރު ވެސް ދަރިފުޅުގެ ޚަބަރެއް ނުވި…” މާއީ ފެންނައިރަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނު ބަސްމާއަށް ބުނެލެވުނެވެ. މާއީގެ ރާޅުބާނީކަން އެކުލެވިފައިވާ ދިގު އިސްތަށިގަނޑުގައި އެކުލެވިފައިވާ ތެތްކަމުންނާއި ނޭފަތުގައި ޖެހުނު ސިޓްރަސްގެ ލުއިލުއި މީރު ވަހުން މާއީ އެއައީ ދެންމެ ފެންވަރާލައިގެން ކަން އެނގުނެވެ.

”ނަމާދުކޮށްލައިގެން އަވަހަށް އާދޭ ކާކޮޓަރިއަށް، ބައްޕަ ވެސް އިރުކޮޅަކުން އަންނާނެ…” ބަސްމާ ބުނެލިއެވެ. އަދި ލުއި ހިނިތުންވުމެއް މާއީއާއި ބަދަލުކޮށްލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ.

*****

”ކޮބާތަ މާއީ؟…” ކާމޭޒު ދޮށުގައި އިށީން ޖާވިދު ސުވާލުކުރީ ކާންތައްޔާރުކުރަން އުޅުނު ބަސްމާއާއެވެ. އެއާއެކު އިރުކޮޅަކުން މާއީ އެމީހުންނާއި ބައިވެރިވާނެ ވާހަކަ ބަސްމާ ބުނެލިއެވެ.

”މިހާރު އެމަންޖެ ކިހިނެއްތަ؟…” ބަސްމާއަށް ބަލަން އިން ޖާވިދު އޭނަގެ ހިތުގައިވި ސުވާލު ބަސްމާއާއި ކޮށްލިއެވެ. ތަށްޓަށް ރޮށި ފުނޑަން އިން ބަސްމާ ޖާވިދަށް ބަލާލިއެވެ.

”އެހެނިހެން ދުވަސްތަކާ އަޅާބަލާ އިރު ރަގަޅު، ވެދާނެ ރަށަށް އާދެވުނީމަ ކަމަށް ވެސް… އެހިތާމަތަކާ ކުރިމަތިލާން އަދި ދުވަސް ނަގާނެ، އަހަރުމެން މާއީއަށް ހިތްވަރުދޭން ތިބިއްޔާ އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ މާއީގެ ހިތާމަތައް ފިލައިގެން ދާނެ…” ބަސްމާގެ އަޑުގައި ވަނީ އުއްމީދެވެ. އޭނަގެ ރާގުން ވެސް އެކަން ހަޤީޤަތަކަށް ވުމަށް އޭނަ ބޭޤަރާރުވެފައިވާ މިންވަރު ހާމަކޮށްދެ އެވެ.

”ތޫގާ އަދިވެސް އެދިޔަ މީޓިންގްއެއް ނިންމާފައި ނާންނަނީތަ؟…” ޖާވިދު އަހާލިއެވެ. އޭނަގެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރު އެކުލެވިގެން ވިއެވެ. އެހާ ނާޒުކު ދަނޑިވަޅެއްގައި ތޫގާ ކުއްލި ގޮތަކަށް ފުރައިގެން ދިއުމުން ޖާވިދު ހުރީ ތޫގާގެ އަމަލުތަކުން ހިތްހަމަނުޖެހިފައެވެ.

”އަދިވެސް އެމަންޖެ ދެކެ ރުޅި އައިސްފަ ދޯ ތި ހުރީ؟… ވިޔަފާރި ދަތުރެއް ވީމައޭ މާއީ ގާތު ތޫގާއަށް މަޑުނުކުރެވުނީ… އެހެންނޫންނަމަ މާއީއާއެކު އެންމެ ގާތުގައި ހުންނާނީ ވެސް ތޫގާ…” ޖާވިދުގެ ވާހަކަދެއްކުމުގެ ރާގު ފާހަގަ ކުރެވުމާއެކު ބަސްމާއަށް ތޫގާގެ ދިފާއުގައި ވާހަކަދެކެވުނެވެ. ތޫގާ މާއީ ދެކެ ވާލޯބި ބަސްމާއަށް ވަނީ ފެނިފައެވެ. އެދެބެއިންގެ ދެމެދުގައި އެވާ އެއްބައިވަންތަކަމުގެ ގުޅުން ފެނި އޭނަގެ ހިތަށް ފިނިކަން ގެނެސްދެއެވެ.

”އެހެން މީހަކު ވެސް ފޮނުވިދާނެ ދޯ، ކޮންމެހެން ތޫގާ ނުދިޔަޔަސް ވާނެ ދޯ؟…” ރައްދުގައި ޖާވިދު ބުނެލިއެވެ. ތޫގާގެ އަމަލުތަކުން ޖާވިދު ވަރަށް ބޮޑަށް ނުރުހިފައިވާކަން ހާމަވެއެވެ.

”ވަރަށް މުހިންމު މީޓިންގްއެކޯ ތޫގާ ބުނީ… ޖާވިދު ވެސް ތީ ވިޔަފާރިވެރިއެއްނު ދޯ، ވިޔަފާރި ކަންތަކުގައި އެހެން މީހަކަށް ވުރެ ތިމާގެ އަމިއްލަ ނަފުސަށްދޯ ކޮންމެ މީހަކަށް ވެސް ބޮޑަށް އިތުބާރު ކުރެވޭނީ… ތޫގާ ލަންޑަނުގައި އުޅުނު ދުވަސްކޮޅު ވެސް ހާދަ ވަރަކަށް މާއީއަށް އެހީވެދިނޭ… މާއީއާއެކު އަބަދުހެން އުޅުނީ ވެސް އޭނަ… ޖާވިދަށް ވެސް ފެނުނެއްނު… ތޫގާ ރަށަށް އައީމަ އަހަރެން ބުނާނަން ރުކާން އާއި ދެމީހުން ކުޑަ ދުވަސްކޮޅަކަށް މިކޮޅަށް ބަދަލުވެލަން… އޭރުން މާއީ އެކަނިވެރިއެއް ވެސް ނުވާނެ… އަހަރެންގެ މި ޚިޔާލަށް ޖާވިދު ބުނާނީ ކީކޭ؟…” ފުނޑުނު ރޮށީގެ ތެރެއަށް ރިހަ ބޯތަށިން ރިހަ އަޅާލުމަށްފަހު، އެތަށި ގެނެސް ޖާވިދު ކުރިމަތީ ބަހައްޓަމުން ޖާވިދުގެ ޚިޔާލަކަށް ބަސްމާ އެދުނެވެ. އޭގެ އިރުކޮޅެއް ފަހުން ކަޅުސައިތަށްޓެއް ވެސް ގެނައެވެ.

”ތީ ވަރަށް ރަގަޅު ޚިޔާލެއް، ތޫގާ ހުންނަންޏާ މާއީ އެކަންޏެއް ވެސް ނުވާނެ…” ޖާވިދު ބުނެލިއެވެ. ”މާއީ ހާދަ ލަސްވަނީ، ބަސްމާ ދޭބަލަ އެމަންޖެއަށް ގޮވާލާފަ އަންނަން…”

*****

ނަމާދުކޮށް ނިމުމުން މުސައްލާ ގެންގޮސް ކޮޓަރީގައި ހުރި ލިޔާ މޭޒުމަތީ މާއީ ބޭއްވިއެވެ. އެވަގުތު ލިޔާ މޭޒު މަތީ އޭނަ މަތީސާނަވީގައި ކިޔަވަން އުޅުނު އިރު ބޭނުން ކުރި ފޮތްތައް ހުއްޓެވެ. އޭނަ ފޮތްތަކުގައި އިނގިލިތަކުގެ ކުރި ހިންގާލަމުން ދެން ބަލާލީ ލިޔާ މޭޒާ ޖެހިގެން ހުރި ފޮތް ކަބަޑުގެ އިތުރުން އޭނަ ސްކޫލްގައި އުޅުނު ޒަމާނުގައި ހޯދި ރަންވަނަތައް ބެހެއްޓިފައި ހުރި ރެކަށެވެ. އޭރު މާއީގެ ތުންފަތުގައި މަޢުނަވީ ހިނިތުންވުމެއް ވިއެވެ. އިރުކޮޅެއް ވަންދެން ރެކުގައި ހުރި ޓްރޮފީތަކަށް ބަލަން ހުރި މާއީގެ ސަމާލުކަން ފޮތް ކަބަޑުގައި އޮތް އަލްބަމަކަށް ހުއްޓުނެވެ. އެއާއެކު ފޮތްކަބަޑާއި ކައިރިވެލަމާއެކު އޭގެ ބިއްލޫރި ދޮރުފަތް ހުޅުވާލަމުން އޭނަ އަލްބަމް ނެގިއެވެ. އަދި ލިޔާ މޭޒު ކައިރީ ހުރި ގޮނޑި ދަމާލަމުން އޭގައި އިށީނެވެ.

”މެމޮރީސް…” އަލްބަމްގެ މޫނުމަތީގައި އޮތް ނަން މާއީ ކިޔާލިއެވެ. އަދި އަލްބަމްގެ ބޭރުގައި މަޚުމާއިން ޒީނަތްތެރި ކުރެވިފައިފައިވި ބޭރުގަނޑުގައި ފިރުމާލި އެވެ.

އަލްބަމް ފުރަތަމަ ވެސް ހުޅުވާލުމާއެކު ފެނިގެން ދިޔައީ ގްރޭޑް އެގާރަ ފެށި ދުވަހު އެކުވެރިންނާއެކު ނަގާފައި އިން ފޮޓޯއެކެވެ. އެއިން ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލާލި މާއީގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވިއެވެ. އެއީ އެކުގައި އުޅެ ބޮޑުވި އެންމެ ގާތް ރަހުމަތްތެރިންނެވެ. ފުރާވަރުގެ އެންމެ މަޖާ ދުވަސްތައް ވެސް ހޭދަކުރެވުނު އެކުވެރިންނެވެ. ނަމަވެސް، އޭނަގެ ނަޒަރު ގޮސް ފޮޓޯގެ އެންމެ ކޮޅުގައި ތޫގާއާއި ޖެހިގެން ހުރި ފިރިހެން ކުއްޖާއަށް ހުއްޓުމާއެކު އެހިނިތުންވުން މުޅިންހެން ގެއްލިގެން ދިޔަ އެވެ. އެމޫނުގެ ކުލަވަރު ވެސް ބަދަލުވާން ނެގީ ފަޅި ސިކުންތުކޮޅެކެވެ. އެހިތަށް ވެސް ނޭގޭ އުދަގޫތަކެއްވިކަން ގައިމެވެ.

މާއީ ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރުގައި ޓަކި ދިން އަޑަށެވެ. އަވަސްއަވަހަށް ފޮޓޯ އަލްބަމް ލައްޕާލަމުން ފޮތް ކަބަޑުގެ ތެރެއަށް ލިއެވެ.

”ދަރިފުޅު ހާދަ ލަސް ވަނީ… މިހާރު ދަރިފުޅު ނައިސްގެން ބައްޕަ އެބަ އިން ކާން ނުފެށިގެން…” މާއީ ދޮރު ހުޅުވާލުމާއެކު އުކުޅުގައި އަތްވިއްދާލައިގެން ހުރި ބަސްމާ ބުނެލި އެވެ. އެއާއެކު މާއީ މަޢާފަށް އެދުނެވެ. އަދި މަންމައާއެކު ކާކޮޓަރިއަށް ދާން މިސްރާބު ޖެހި އެވެ.

*****

ބޮޑުކޮޓަރީގެ ސޯފާގައި އޮށޯވެލައިގެން އޮތް އެލީނާގެ ސަމާލުކަން ދެވިފައިވަނީ އޭނަގެ ފޯނަށެވެ. އިންސްޓަގްރާމަށް ވަދެގެން އޮތް އިރު އެއިން ފެންނަމުން ދިޔަ ފޮޓޯތަކަށް ފުލުފުލުގައި ލައިކް ދެމުން ދިޔަ އެވެ.

”އޯ މައި ގޯޑް!!!…” ކުއްލިޔަކަށް ދެލޯބޮޑުކޮށްލަމުން އޭނަ ކޮޅަށް ޖެހުނު ގޮތުން ހީވީ ނުފެންނަންޖެހޭވަރުގެ އެއްޗެއް ފެނުނީ ހެންނެވެ. ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމެއް ބަލަން އިން ރުކާންއަށް ވެސް އެކަން ފާހަގަވުމާއެކު ނިތްއަރުވާލަމުން ކިހިނެއްވީތޯ އަހާލި އެވެ.

”ދޮންބެދައްތަ ސޯލްއަށް ދިޔައީ ކޮން އިރަކުތަ؟…” އަތުގައި އޮތް ފޯނުގެ ސްކްރީނާއި ނަޒަރު ވަކިކޮށްލަމުން އެލީނާ ސުވާލުކުރިއެވެ. އެސުވާލުން އެލީނާގެ މޫނުން ފެނުނު ހައިރާންކަމާއި ޝުޢޫރުތަކެއް ވެސް ރުކާންގެ ފަރާތުން ފާޅެއް ނުވިއެވެ. އޭނައަށް މާކުރިން ވެސް އެވާހަކަ އިނގޭކަހަލައެވެ.

”ދައުއާއެކު ބިޒްނެސް ޓްރިޕް ނިންމާފަ ޝޮޕިންގްކޮށްލަން ސޯލްއަށް ދާ ވާހަކަ ބުނި ކުރީ ދުވަހަކު…” ރުކާން އަނެއްކާ ވެސް އޭނަގެ ސަމާލުކަން ޓީވީއަށް ހުއްޓާލިއެވެ.

”އެކަމަކު މީނދަ ފޮޓޯއެއް ބަލާބަލަ… ދޮންބެދައްތަގެ ފްރެންޑުންނާއެކު ބާރއެއްގަ ނަގާފަ އިން ފޮޓޯއެއް މީ… ވިވިއަން މިފޮޓޯތައް ލާފަ ވެސް މީނީ…” އޭނަ އިން ސޯފާއިން ތެދުވެގެން އައިސް ރުކާން އިން ސިންގްލް ސޯފާގެ އަތްގަނޑުމަތީ އެލީނާ އިށީނެވެ. އޭނަ ކޮންމެހެން ވެސް އެފޮޓޯއާ މެދު ވަރަށް ބޮޑަށް ޝައުޤުވެރި ވެއްޖެއެވެ. އެލީނާގެ މިޒާޖު ވާރުތަވެފައިވަނީ އޭނަގެ މަންމަ އުމެއިރާގެ ފަރާތުންނެވެ. އުމެއިރާއަކީ ވެސް ތާކުން ޚަބަރެއް ނުވަތަ ކަމެއް ފެނިއްޖެ ނަމަ އެކަންތައް ބޮޑުކޮށްލައިގެން އުޅޭ މީހެކެވެ. މުޅި ރަށުގައި ނޫސްތަކަށް ވުރެން ވެސް ހަލުވި ދުވެލީގައި ޚަބަރު ފެތުރުމުގެ ޤާބިލުކަން އުމެރިއާއަށް ލިބިފައި ވެއެވެ. މުޅި އޮޑީގައި ހަސަނުގެ ދެފަޔޭ ބުނާ އުސޫލުން މުޅި ރަށުގައި އުމެއިރާގެ ދެފައެވެ.

ލިބުނު ހައިރާންކަމާއި ސިހުމާއެކު ވަގުތުން ތާރާގެ އަތުން ރުކާން ފޯނު އަތުލިއެވެ. އަދި ފޯނުން ފެންނަން އިން ފޮޓޯތަކަށް ނަޒަރު ހިންގާލިއެވެ.

”ބަލާބަ އަލްކަހޯލް ޑްރިންކް ވެސް ހިފައިގެން އެތިބީ…”

އެލީނާ ބުނެލިއެވެ. ހަޤީޤަތުގައި ތޫގާ އޭނަގެ ކަންތަކަށް ފާޑު ކިޔާތީ ވާ ފޫއްސެއްގެ ސަބަބުން އެލީނާއަށް ލިބިފައިވި ރަނުގެ ފުރުސަތުގެ ބޭނުން އޭނަ ހިފަން ބޭނުން ވިއެވެ. މަންމައާއި ބައްޕަގެ އިތުރުން ދޮންބެ ގާތު ވެސް އަބަދު އޭނަ  ގޯސްކޮށްފައި ތޫގާ ވާހަކަދައްކާތީ އެލީނާ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ތޫގާގެ މައުސޫމުކަމާ ހުރެ ވެސް އޭނަ ވަކިން ބޮޑަށް ފޫހިވެއެވެ. ބައެއްފަހަރު ތޫގާ ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި ފޮރުވިފައިވާ އެޖެންޑާއެއް އޮންނަހެން ވެސް އޭނައަށް ހީވެއެވެ.

ފެންނަމުން ދިޔަ ފޮޓޯތަކުގެ މާނަ ނަގަންވީ ކިހިނެއްކަމެއް ރުކާންއަކަށް ނޭގުނެވެ. ފުރަތަމަ އެފޮޓޯތަކަށް އޭނައަށް އިތުބާރެއް ވެސް ނުކުރެވުނެވެ. އެހެނަސް ތަކުރާރުކޮށް އެތައް ފޮޓޯއެއްލާފައި ވާއިރު ތޫގާގެ މޫނު ރީއްޗަށް ފެންނަން ހުއްޓެވެ. އޭރު އޭނަގެ ބުމަގޮށްޖެހި ނިތަށް ރޫތަކެއް ވެސް އަރައިފި އެވެ. ދަތްޕިލަޖައްސާ ބާރުކޮށްލެވިފައިވާކަން އެނގެނީ ކަތުރުކަށިގަނޑަށް އަރާފައިވި ވާންކަމުގެ ސަބަބުންނެވެ. ވިވިއަން ލާފައި އިން ކޮންމެ ފޮޓޯއަކާއެކު އޭނަ ގާތަށް އައިސްފައިވި ރުޅިގަނޑަށް ޕެޓްރޯލް އަޅާލެވޭ ކަހަލަ އެވެ. ހުސް ރަލުގެ ދުނިޔޭގައި ތިއްބާ ނަގާފައިވާ ފޮޓޯތަކެވެ. އެއިން ކޮންމެ ފޮޓޯއެއްގައި ތޫގާ އިންތަން ފެނި ރުކާންއަށް އޭނަގެ މުށަށް ބާރުކޮށްލެވުނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ހުރަސް

Next

ހިތް އެދުނަސް… (17)

Next
November 5, 2018

ހިތް އެދުނަސް… (17)

Previews
November 5, 2018

ހުރަސް

4 Comments!

  1. R says:
    November 5, 2018 at 6:41 pm

    Can’t u upload the story in this site as well or on fb..

  2. Dhippi says:
    November 5, 2018 at 9:04 pm

    WHEN next part

  3. Waiting says:
    November 8, 2018 at 3:31 pm

    Kon iraku next part. Plx

  4. lmfao says:
    February 7, 2019 at 1:19 pm

    hahaha you’re dead thooga

Comments are closed.


All Right Reserved!