ހޯދޭތޯ މަންޒިލެއް… 11
ހެނދުނު އެގާރަ ޖަހަން އުޅެނިކޮށް ކާރުގައި ބަސްމާއާއި އެކު މާއީ ދިޔައީ ރަށުގެ އެހެން އަވަށެއްގައި ހުންނަ ސުޕަރމާކެޓަށް ދިއުމަށެވެ. ކާރު ދުއްވަމުން ގޮސް ކުރިން ފާހަގަ ކުރެވުނު ފަޅު ގެއާއި އަރާ ހަމަވުމާއެކު މާއީއަށް އަނެއްކާ ވެސް ވީރާނާކަން ވެރިވެފައިވި އެގެއަށް ސަމާލުކަން ދެވުނެވެ. އޭރު އޭނަގެ ހިތުގައި ސުވާލުތަކުގެ އޮއެވަރެއް އުފެދިފައި ވިއެވެ. މަންމައާއި ސުވާލުކޮށްލަން ވެސް އޭނަގެ ހިތަށް އެރި އެވެ. ނަމަވެސް އެޚިޔާލު އޭނަ ސިކުނޑިން ނެރެލީ އެސުވާލުތަކުގެ ޖަވާބު ލިބިގެން ވެސް ކުރާނަ ފައިދާއެއް ނެތީތީ އެވެ.
”އާބީދާމެން އުޅުނު ގޭ ފަޅަށް ހުރީމަ ދޯ ތިބަލަނީ؟… މަންމައަށް ހީވިޔޭ ދަރިފުޅު އޮޅުންފިލުވަން އުޅޭނެހެން… މިހާރު އެމީހުން އުޅެނީ ކުޅި ސަރަހައްދުން ލިބުނު ގޯތީގައި ގެ އަޅައިގެން އެކޮޅަށް ބަދަލުވެގެން… އާބިދާމެން އެގޭގައި އުޅުނު އިރު އޭނަގެ ކޮއްކޮ ހާދަ ވަރަކަށް އެ ގެ ނުލިބިގެން އުޅުނޭ، މަންމަގެ މައިފުނަގެ ލިބެންޖެހޭނީ ތިމަންނައަށޭ ކިޔައިގެން، އެންމެފަހުން އާބިދާމެން އެ ގެ ދޫކޮށްދިޔައީމަ ކުދިންތައް ގޮވައިގެން އޭނަ ބަދަލުވީ މާލެއަށް، މިހާރު އެ ގެ ފަޅުވެ ވީރާނާ އެވަނީ…” މާއީއަށް ނަޒަރެއް ދިން ބަސްމާއަށް ކަމެއް ފާހަގަ ކުރެވުމާއެކު އޮޅުންފިލުވާލަ ދިނެވެ. މާއީ ނެތް ދުވަސްތަކުގައި ރަށުގައި ހިގާ ދިޔަ ކަންތަކުގެ ކުރު ހުލާސާއެއް ވެސް އޭނަ ދިނެވެ.
”ދަރިފުޅާއެކު އާބިދާގެ ކުދިން ކިޔަވަން ވެސް ދިޔައެއްނު ދޯ؟… ދަރިފުޅު މިކޮޅުން ސްކޫލް ނިންމާފަ ފުރިފަހުން އެކުދިންގެ ވެސް އެހާ ބޮޑަށް ޚަބަރެއް ނުވޭ، ދޭތެރެއަކުން އާބިދާއާ ވެސް ބައްދަލުވޭ، އޭނަގެ ދޮށީ ފިރިހެންދަރިފުޅުގެ ކަންތަކާ ވަރަށް ފިކުރުބޮޑުވެފަ ހުންނަނީ، މިރަށު މީހުން ވެސް އެސޮރުގެ ވާހަކަ އައުކޮށްކޮށްފަ ދައްކާނެ…” މާއީގެ ހިތަށް ކުއްލިޔަކަށް ފިނިވެގެން ދިޔައީ ބަސްމާގެ ވާހަކަ ނިންމާލަމުން ބުނެލި ފަހު ޖުމްލަތަކުންނެވެ. އޭނައަށް ވަގުތުން މަންމަގެ މޫނަށް ބަލާލެވުނެވެ. އެވާހަކައިގެ އިތުރު ތަފުސީލު އޭނަ ބޭނުންވެފައިވާކަން މާއީގެ ދެލޮލުން ހާމަވެއެވެ. ނަމަވެސް އިސްވެ އަހަން އޭނައަކަށް ނުކެރުނެވެ. ފަސްޖެހެވުނީ އެވެ. ހަމައެއާއެކު ހިތުގައި އުފެދިގެން ދިޔަ ޝައުގުވެރިކަމުން އޭނަ ހައިރާން ވެސް ވިއެވެ. އެހެެން މީހެއްގެ ދިރިއުޅުމަށް ސަމާލުކަން ދެވެންވީ ކީއްވެގެން ހެއްޔެވެ؟ އެއަށްވުރެން ބޮޑަށް އޭނަގެ އަމިއްލަ ހަޔާތާ މެދު ވިސްނާފިކުރުކުރިއްޔާ މާބޮޑަށް ވެސް ރަގަޅު ވާނެއެވެ.
ބަސްމާއަށް އިތުރަށް އެމައުޞޫޢުއަށް ވާހަކަ ނުދެކެވުނީ އޭނަގެ ފޯނަށް ކޯލެއް އައިސްގެންނެވެ. ބަސްމާއަކީ ރަށުގެ އަންހެނުންގެ ކޮމެޓީގެ އިސްވެރިއެކެވެ. އަންހެނުންގެ ނަފުސާނީ ދުޅަހެޔޮކަމާއި، ގެވެށިއަނިޔާގެ އިތުރުން އަދިވެސް ތަފާތުއެކިއެކި ކަންތައްތަކުގައި އޭނައަށް ދުވާލެއްގެ މައްޗަށް އެތައް ކޯލެއް އާދެއެވެ. ދުވާލުގެ ބޮޑުބައި ވެސް ހޭދަވަނީ އަންހެނުން ނަފުސާނީ ގޮތުން ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމްތަކުގެ އަމަލީ މަސައްކަތުގައެވެ.
ބަސްމާގެ ފޯނުކޯލް ނިމުނީ ފިހާރައަށް ދެވުނު ފަހުންނެވެ. އޭރު އޭނަ މާއީއާއި ކުރިން ދެއްކި ވާހަކަ ވެސް އޭނަ ހަނދާން ހުރި ހެނެއް ހިޔެއް ނުވެއެވެ. މާއީ ވެސް އިތުރަށް އެކަމާ ނޫޅުނެވެ. އިތުރަށް އޮޅުން ފިލުވަން އޭނަގެ ހިތް ބޭނުންވިޔަސް ސިކުނޑި ދިޔައީ އެކަމާއި ފާޅުގައި ދެކޮޅު ހަދަމުންނެވެ. އެންމެފަހުން އޭނައަށް ބުރަވެވުނީ ސިކުނޑީގެ ނިންމުމަށެވެ. އޭނަގެ އަމިއްލަ ހާލަތާއި މެދު ވިސްނަން ޖެހިފައިވާއިރު އިތުރު މީހަކަށް ވަގުތު ހުސްކުރެވޭނެ ޖާގައެއް ނެތެވެ. އެހެންނޫނަސް އޭނަގެ ހަޔާތަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް އައިސްފިއެވެ. އޭނަގެ ހިތްވެސް މުޅިންހެން ބަދަލުވެއްޖެއެވެ.
ބަސްމާ އޭނަގެ އަތުގައި އޮތް ލިސްޓުގައި ހުރި ސާމާނުތައް ނަގަމުން ދިޔަ އިރު މާއީ އެއްފަރާތަކަށް ޖެހިލީ ޗޮކްލެޓް ހަރުގަނޑު ފެނި ހިތުގައި އުފެދުނު ޝުޢޫރުތަކުންނެވެ. ބަނޑުބޮޑުވީއްސުރެން ފެށިގެން އޭނައަށް އެންމެ ކަމުދާ އެއްޗަކީ ޗޮކްލެޓެވެ. ބޭނުންވާހާ ބްރޭންޑެއްގެ ޗޮކްލެޓްތައް ނަގަމުން ދަނިކޮށް މާއީއަށް ހައިރާންކަން ލިބުނީ ފުރަގަހުން މީހަކު ގޮވާލިހެން ހީވެގެންނެވެ. އެއަޑުގައި ދަންނަ ވައްތަރަޖަހާހެން ވެސް ހީވިއެވެ. މާއީއަށް ފަސްއެނބުރި ބަލާލެވުނެވެ.
”މާއީ؟…”
އަހަރަކަށްދާ ކުޑަ އަންހެންކުއްޖަކު އުރާލައިގެން ހުރީ އިތުރު ދެވަނަ މީހެއް ނޫނެވެ. އެއަޑުގެ ވެރިޔާއަށް ބަދަލުތަކެއް އައިސްފައިވިކަމުގައި ވިޔަސް އެއީ ކާކުކަން ދެނެގަންނަން މާއީއަށް އުނދަގުލެއް ނުވިއެވެ. އެއީ ސްކޫލް ދައުރުގައި އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ. ފަލަކް އެވެ.
މާއީ ފެންނައިރަށް ތަންކޮޅެއް ދުރުގައި ހުރި ފަލަކްއަށް ހިނިތުންވެވުނެވެ. އަހަރުތަކެއް ފަހުން ވިޔަސް އެކުވެރިޔާއާއި ބައްދަލުވެވިއްޖެކަމުގެ ހިތްހަމަޖެހުން އެމޫނުން ފާޅުވިއެވެ. މާއީ ލަންޑަނަށް ދިޔަ ފަހުން މާއީއާއި ދެން ބައްދަލު ވެދާނެ ކަމަކަށް އޭނަ އުއްމީދެއް ވެސް ނުކުރެއެވެ. ނަމަވެސް ތަޤުދީރުގެ ރޭވުންތެރިކަމުން މިހާރު އެދެމީހުން އެވަނީ ބައްދަލުވެފައެވެ.
”ކޮންދުވަހަކުތަ ރަށަށް އައީ؟…” ފަލަކް ހިނިތުންވުމަކާއެކު އަހާލި އެވެ. އޭނަގެ ތުންފަތުގައިވި ހިނިތުންވުން ގެއްލިގެން ދިޔައީ މާއީ ކައިރިއަށް ހުއްޓިލަމުން އެދެލޮލުން އޭނައަށް ފާހަގަ ކުރެވުނު އުދާސްތަކުންނެވެ. އެއާއެކު ރަށު ތެރެއަށް ފެތުރިފައި އޮތް ޚަަބަރުތައް މަތިން އޭނަ ހަނދާން ވިއެވެ. އެއާއެކު އޭނަގެ ދެލޮލުން ފާޅުވެގެން ދިޔައީ ހަމްދަރުދީގެ ކުލަވަރުތަކެކެވެ.
ވަގުތުކޮޅެއް ފާއިތުވެގެން ދިޔަ އިރު ވެސް އިސްވެ އެކަކު ވެސް ވާހަކައެއް ނުދެއްކިއެވެ. ކުރިން އެދެމެދުގައި އޮތް ފަދަ އެކުވެރިކަމުގެ ގުޅުމެއް މިހާރު ނެތްކަން އެހިމޭންކަމުން ވެސް ހާމަކޮށްދެއެވެ. އެތައް އަހަރެއް ފަހުން ބައްދަލުވުމުން ދައްކާނެ ވާހަކައެއް ވެސް ނޭގުނެވެ. އެެހެންވެ އެދެމެދުގައިވީ ނުތަނަވަސްކަމެކެވެ.
މާއީ ފަލަކްގެ މޫނަށް ބަލާލަމުން އޭނަގެ އުރުގައި އިން ކުޑަ އަންހެންކުއްޖާއަށް ވެސް ބަލާލިއެވެ. ދަންނަވައްތަރު އެމޫނުން އޭނައަށް ފާހަގަ ކުރެވުނެވެ.
”ކިހިނެއްތަ؟… ހާދަ ގިނަ ދުވަސްފަހުންނޭ ބައްދަލު މިވީ…” ފަލަކް އިސްވެ ވާހަކަދެއްކި އެވެ. އެވަގުތު ފަލަކް އުރާލައިގެން އިން ތުއްތުކުއްޖާ އަޑުތަކެއް ލައްވަން ފެށީ މާގިނަ އިރު ވަންދެން ފަލަކް އެއްގޮތަކަށް ހުރީތީ ފޫހި ވެގެންނެވެ.
”ރަގަޅު… ފަލަކް ކިހިނެއްތަ؟…” މާއީ ލުއި ހިނިތުންވުމެއް ދިނެވެ. އޭނަގެ ސަމާލުކަން އޭރު ވެސް ދެވިފައިވީ ތުއްތުކުއްޖާއަށެވެ.
”އެންމެފަހުން ވާހަކަދެއްކި އިރު ފަލަކް ނުބުނަމެއްނު މެރީ ކުރިވާހަކައެއް ވެސް، ކިޑެއް ލިބުނު ވާހަކައެއް ވެސް ނުބުނަމެއްނު…” މާއީ ބުނެލިއެވެ. އޭނައާއި ފަލަކްއާއި އެންމެފަހުން ވާހަކަ ދެކެވުނީ ޒިވާން ކެންސަރުގެ ޝިކާރައަކަށްވި ކަން ރަށަށް ފެތުރުމާއެކު އޭނައަށް ހިތްވަރުދޭން ގުޅި ހެޔޮއެދޭ ފަރާތްތަކުގެ ތެރޭގައި ފަލަކް ވެސް ހިމެނުނީތީއެވެ. އެތައް އަހަރަކަށްފަހު އޭނައާއި ފަލަކްއާއި ދެމެދު ވާހަކަތައް ދެކެވުނީ އެފަހަރުއެވެ. ވަގުތުގެ ނާޒުކުކަމުން އެފަދަ ޒާތީ ވާހަކައެއް ހިއްސާކުރަން ފަލަކް ބޭނުން ނުވީތާއޭ ވެސް މާއީގެ ހިތަށް އެރިއެވެ. އޭނައަށް ސްކޮލަޝިޕް ލިބިގެން ލަންޑަނަށް ބަދަލުވީ ފަހުން އިހުގެ އޮތް އެކުވެރިކަން ހީނަރުވެގެން ދިޔައީ އެވެ. އެއީ މާއީ ބޭނުންވީ ވެސް ގޮތެވެ. ސަބަބުތަކެއް އޮތީމައެވެ.
”ހެހެހެ… މަށާ ވައްތަރީތަ ތިހެން ތިއެހީ؟…” ހީލުމަކާއެކު ފަލަކް އެހި އެވެ.
”އާނ…” މާއީ ޖަވާބުދިނެވެ.
”ހެހެހެ… އަހަރެން އަދި މެރީއެއް ނުކުރަމޭ… މީ އަހަރެންގެ ކިޑެއް ވެސް ނޫން…” ފަލަކްގެ ޖުމްލައިން މާއީގެ ހިތްތެޅިލިކަން ގައިމެވެ. އޭނައަށް މިފަހަރު އެތުއްތުކުއްޖާއަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. އެއާއެކު އޭނަގެ މެޔަށް ވެސް ފިނިވެލިއެވެ.
”މީ ދޮންބެގެ ދަރިފުޅު… ޔަލްވީ… އޯހ ނޯ!… މަންމަ އެގުޅަނީ ލަސްވެގެން… މެންދުރު ކައްކަން ހަނޑޫ ކިލޯއެއް ގަންނަން ފޮނުވައިގެން މުޅި ރަށުގަ ދުއްވާލާފަ ނުލިބިގެން އައިސް މިތަނަށް މިވަނީ… ޔަލްވީ ވެސް ގޭގަ ނުހުންނަން ވެގެން ރޯންފަށައިގަތީމަ ގަދަ އަވީގަ ވެސް ގޮވައިގެން އަންނަން ޖެހުނީ، ރޯން ފަށައިފިއްޔާ ބޭނުންކަމެއް ކޮއްފަ ނޫނީ ދުލެއްވެސް ނުކުރާނެ… އެނީވޭސް، މާއީއާއި އަލުން ބައްދަލު ވެވުނީތީ އަހަރެން އުފާކުރަން… ދެން ގިނައިން ބައްދަލުވާނެކަމަށް ވެސް އުއްމީދުކުރަން…”
ފަލަކްގެ ފޯނު ރިންގްވާން ފެށުމާއެކު ފޯނަށް ދިން އަވަސް ނަޒަރަށް ފަހު އޭނަގެ ވާހަކަ ކުރުކޮށްލިއެވެ. އަދި މާއީއަށް ހިނިތުންވެލަމުން އަވަސްވެގަތީ އޭނަ ފިހާރައަށް އައި ކަންތައް ކުރުމަށެވެ. ހަނޑޫ ކިލޯއެއް ގަނެގެން ފިހާރައިން ނިކުންނަން ދިޔަ ފަލަކްއަށް ބަލަން މާއީއަށް ހުރެވުނީ ގަނޑުވެފައެވެ. އޭރު އޭނަގެ ސިކުނޑީގައި ފަލަކް ދެއްކި ވާހަކަތައް ހަލުވި މިނުގައި ބުރުޖަހަމުން ދިޔަ އެވެ.
”މާއީ… ނަންބަރު ލިބިދާނެތަ؟…” ދުވަސްތަކަކަށް ފަހު ގާތް އެކުވެރިޔާއާއި ބައްދަލުކުރުމުގެ ނަސީބު ލިބުމުން ފަލަކް ބޭނުންވީ އިހު އޮތް ފަދަ އެކުވެރިކަމުގެ ގުޅުމެއް އަނެއްކާ ވެސް ބަދަހި ކުރާށެވެ. ފިހާރައިގެ ދޮރު ހުޅުވާލަން އުޅެފައި ވެސް މާއީ ގާތަށް ނަންބަރު ހޯދަން އައިސް ހުއްޓުނީ އެހެން ވެއެވެ. ދެކޮޅުހަދަން ނުކެރުނީތީ މާއީ ފަލަކްއަށް އޭނަގެ އައު ނަންބަރު ދިނެވެ.
”ދަނީ އިނގޭ… އަދި ފަހުން ބައްދަލުވާނެއެއްނު، ޔަލް، ސޭއި ބާއި…” ފަލަކް ބުނެލިއެވެ. އަދި ޔަލްވީގެ ކުޑަ އަތްތިލައިގައި ހިފާލަމުން ”ބާއީ” ކިޔުއްވިއެވެ. ޔަލްވީގެ މައުސޫމް މޫނުގައިވި ލޮބުވެތި ހިނިތުންވުމުން މާއީއަށް އިރުކޮޅެއް ވަންދެން އެމޫނަށް ގެއްލިފައި ހުރެވުނެވެ.
ފަލަކް ގޮސް ފިހާރަ ކުރިމަތީ ޕާރކްކޮށްލެވިފައިވި ސައިކަލަށް އަރާ ކުޑަކުދިންގެ ބެލްޓް ޔަލްވީ ގައިގައި އަޅުވާލަމުން ސައިކަލް ދުއްވާލިއެވެ. އެހުރިހާ އިރު ވަންދެން މާއީއަށް އެމަންޒަރުތައް ބަލަން ހުރެވުނީ ޚިޔާލުތަކަކަށް ގެއްލިފައެވެ. އޭރު ހިތަށް ތަފާތު އެކިއެކި ވާހަކަތައް ވެސް އަރާފައިބަމުން ދިޔަ އެވެ. ޔަލްވީ ފެނި އޭނަގެ ހިތަށް ގޮތްތަކެއް ވެސް ވެއްޖެއެވެ.
*****
ލަގެޖްތައް ހިފައިގެން ވައިގެ ބަނދަރުން ނިކުތް ތޫގާ އެތަނަށް އެއްވެފައި ތިބި މީހުންގެ ތެރޭން ރުކާން ފެނޭތޯ ހޯދާލިއެވެ.
ފޮށީގެ އަތްގަނޑުގައި ހިފައި ދަމަމުން ކުރިއަށް ހިނގައިގަތް ތޫގާ އޭނަގެ ފޯނު ނަގައި ރުކާންއަށް ގުޅާލީ އޭނައަށް ރުކާން ނުފެނުމުންނެވެ. ހަތަރު ފަހަރު ގުޅި އިރު ވެސް ރުކާން ޖަވާބެއް ނުދިނެވެ. ތޫގާ ގޮސް ޕާރކިންގް ޒޯން ކުރިމަތީ ހިޔަލުގައި ބަހައްޓާފައި ހުރި ހިލައިގެ ގޮނޑިއެއްގައި އިށީނެވެ. އޭރު ކަނޑުން އަންނަ ފިނިފިނި ރޯޅިތައް އެފަން އިސްތަށިގަނޑާ ލުއި ސަމާސާތަކެއް ކުރަމުން ދިޔަ އެވެ.
”ކީއްވެތަ ފޯނު ނުނަގަނީ؟…” ހިލައިގެ ގޮނޑީގައި ހަމަޖެހިލުމަށްފަހު އެއްފައި މައްޗަށް އަނެއްފައި ލަމުން ތޫގާ އަނެއްކާ ވެސް ރުކާންއަށް ގުޅާލިއެވެ.
”އަނެއްކާ މީޓިންގްއެއްގަތަ ހުރީ؟… އެކަމަކު އަހަރެން ބުނިން އަންނާނެ ގަޑި ވެސް، މީޓިންގް އެއް އޮތިއްޔާ ޖެހޭނެ ފަސްކުރަން ވެސް…”
ތޫގާ އަޅައިގެން ހުރި ލޮލަށްބޮޑު އަވިއައިނުގެ ސަބަބުން އޭނަގެ ލޮލުގެ އިޝާރާތްތައް ފާހަގަ ނުކުރެވުނު ކަމުގައި ވިޔަސް ތުންފަތަށް ހަދާލި ގޮތުން އޭނަ ހިތްހަމަނުޖެހިފައި އިން ކަން އެނގެއެވެ. އޭނަ އެންމެފަހުން ރުޅި ވެސް އަތުވެއްޖެއެވެ.
”މިތަނަށް އެއްވެފަ ތިބި މީހުންތައް ވެސް ގޮސް ހުސްވެ ނިމެނީ… ރުކާން ނައިސްގެން އުޅެނީ ކީއްވެތަ؟…” ތޫގާ ރުޅި އައިސްފައިވާ ރާގަކަށް ބުންޏެވެ. އެވަގުތު އެކަނިމާއެކަނި އިން ތޫގާ ފެނި އެހީގެ އަތެއް ދިއްކޮށްލަދޭން ކައިރިވެލި ޓެކްސީ ޑްރައިވަރަކާ ދިމާއަށް ވެސް ތޫގާ ހިތްހަމަނުޖެހުމާއެކު ހަޅޭއްލަވައިގަތީ ބޮލަށް އުނދަގޫވެފައިވީތީއެވެ. އެޑްރައިވަރު މީހާ ފާޑަކަށް ތޫގާއަށް ބަލަން ހުރެފައި ކުރިއަށް ހިނގައިގަތީ ދެފަރާތަށް ބޯހޫރަމުންނެވެ.
ރުކާންގެ ފަރާތުން އޭނައަށް ސަމާލުކަން ނުލިބުމުން ތޫގާގެ ޠަބީއަތު ވަނީ ގޯސްވެފައެވެ. އޭނައަށް ވުރެ ރުކާންއަށް މުހިންމުވީ ކޮންކަމެއްތޯ ވެސް ތޫގާއަށް އޭނަގެ ހިތާއި ސުވާލުކޮށްލެވުނެވެ. ހަށަންބަނދެލައިގެން އޭނަ އިން އިރު އާންމުންނަށް ނުވަދެވޭނެހެން ޖަހާފައި ހުރި ތޭރިތަކުގެ ތެރޭން މަތިންދާބޯޓު ފުރުމަށް ރަންވޭމަތީގައި ހަރަކާތްތެރިވަމުން ދިޔަ ތަން ފެނުނެވެ.
ހަލުވި ދުވެލިލީގައި މަތިންދާބޯޓު ވައިގެ ތެރެއަށް އުދުއްސައިގެން ދިޔަ މަންޒަރު ބަލަން އިން ތޫގާގެ ސަމާލުކަން މަގަށް ހުއްޓުނީ ތަންކޮޅެއް ދުރުން ކާރެއް އަންނަ އަޑު އިވުމުންނެވެ. ވައިގެ ބަނދަރަށް އައުމުނަށް އޮންނަ މައި މަގުން ދުއްވަމުން އައި އަޅިކުލައިގެ ބީ.އެމް.ޑަބްލިއު ކާރު ފެނި ތޫގާގެ ތުންކޮޅު އިހުނަށްވުރެ ދިގު ވެއްޖެއެވެ.
ރުކާން އައިސް ކާރު މަޑުކޮށްލުމަށް ފަހު ފޭބުމުން ތޫގާ ތުންއަނބުރާލާފައި ބަލަން ފެށީ ދުރެވެ. އޭނަ ހިތްހަމަނުޖެހިފައިވި ކަން ރުކާންއަށް އަންގާލީއެވެ. އޭރުން ރުކާން އޭނަ ރުއްސަން މަސައްކަތް ކުރާނެކަން އެނގޭތީއެވެ. ނަމަވެސް ތޫގާ ހީކުރި ގޮތަކަށް ކަންތައް ނުވި އެވެ.
ރުކާން އެމަންޒަރު ފެންނަ ކަމަށް ވެސް ހަދާ ނުލާ ތޫގާގެ ފޮށި ގެންގޮސް ކާރުގެ ޑިކީއަށް ލިއެވެ. އަދި ކާރަށް އަރަން ދިއުމުގެ ކުރިން ތޫގާއަށް ގޮވާލިއެވެ.
”ކާރަށް އަރާ!…”
ރުކާންގެ އަޑުގައިވި އަމުރުވެރި ގޮތުން ތޫގާއަށް ލިބުނީ ސިހުމެވެ. އަވަސްއަވަހަށް އޭނައަށް ރުކާންގެ މޫނަށް ބަލާލެވުނެވެ. އެމޫނުން އޭނައަށް ފާހަގަކުރެވުނު ރުޅިވެރިކަމުގެ ސަބަބުން ތޫގާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. ރުކާންއަށް އެފަދަ ބަދަލެއް އައިތަން އޭނައަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. ހައިރާންކަމާއެކު ކޮޅަށް ތެދުވެވުނު އިރު އެބަދަލުގެ މާނަ ނަގާނެ ގޮތެއް އޭނައަކަށް ނޭގުނެވެ. ރުކާން ދެކެ އައިސްފައި ހުރި ރުޅިވެރިކަން ފިލާ ގޮސް ހާސްކަން އެމޫނު މައްޗަށް ވެރިވެއްޖެއެވެ. ރުކާންއަށް އެފަދަ ބަދަލެއް އައުމުގެ ފަހަތުގައިވާ ސަބަބުން ހޯދަން އޭނަ އަވަސްވެގަތެވެ.
”ކެން ކިހިނެއް ވީތަ ރުޅި އައިސްފަ ތިހުރީ؟…” ދިގު ފިޔަވަޅުތައް އަޅަމުން ގޮސް ރުކާން ގާތު ހުއްޓިލަމުން ތޫގާ ވާހަކަދެއްކިއެވެ. އަދި ރުކާންގެ އަތުގައި ހިފާލިއެވެ.
”ވީ ގޮތެއް ހަމަ ނޭގިގެންތަ ތިއަހަނީ؟…” ތޫގާގެ އަތް ފޮޅުވާލަމުން ރުކާން ވާހަކަދެއްކިއެވެ. ރުކާންގެ ރުޅިވެރިކަމުން ތޫގާގެ ހިތަށް އަސަރުކުރިއެވެ. ހަމައެއާއެކު ރުކާންގެ ޖުމްލަތަކުން އޭނަގެ ހައިރާންކަންވެސް ވީ އިތުރެވެ. ރުކާން ހިތްހަމަނުޖެހޭނެ ފަދަ ކަމެއް ކުރެވިފައިވާ ކަމަކަށް އޭނައަށް ޤަބޫލެއް ނުކުރެވުނެވެ.
”ކެން ޕްލީސް، ވެގެން އުޅެ ގޮތެއް ބުނެބަލަ… ތިހެން ރުޅި އައިސް އަހަންނާ ވާހަކަ ދެއްކީމަ އަހަރެންގެ ހިތުގައި ޖެހޭނެ ވަރެއް ނޭގޭތަ؟…” ތޫގާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނަގެ ރާގު ވެސް މޮޅިވެރިކަމަށް ބަދަލުވެއްޖެއެވެ.
ތޫގާއަށް ބަލާލި ރުކާންގެ ހިތަށް ތޫގާގެ ކަރުނަތަކުން މިފަހަރު އަސަރުކުރިއެވެ. އެންމެ ލޯބިވާ ފަރާތުގެ ލޮލުން ކަރުނަ ފައިބާ މަންޒަރު ދެކެން ބޭނުންވާނީ ކާކު ހެއްޔެވެ؟ އެކަރުނަތައް ފޮހެލަދީ ތޫގާ ގެނެސް އެމޭގައި ފޮރުވާލަން ވެސް ރުކާންގެ ޒަމީރު އެދުނެވެ. އެހެނަސް ތޫގާ އަމަލުކޮށްފައިވާ ގޮތްތައް ސިފަކުރެވުމާއެކު އަނެއްކާ ވެސް ރުޅިވެރިކަން އޭނަގެ އިހުސާސްތަކުގެ މައްޗަށް ކުރިހޯދައިފި އެވެ.
”ތޫގާ ކުރިކަމެއް ކުރިއިރު އެހެން މީހުންނާ މެދު ވިސްނާލިންތަ؟… އަހަރެންގެ ހިތަށް އަސަރުކުރާނެ ވަރު ވިސްނާލިންތަ؟… ނުވިސްނަމެއްނު!… ހަމައެކަނި ތިމާ މީހާއާ މެދުގައެއްނު ވިސްނީ!…” ރުކާން ރުންކުރުކަމާއެކު ބުނެލިއެވެ.
ތޫގާގެ ހިތަށް ފިނިވެ ހިންދިރުވާލެވުނެވެ. ރުކާންއަށް އެނގިގެން އެއުޅެނީ ކޮންކަމެއް ހެއްޔެވެ؟
”ޕްލީސް…” ތޫގާގެ އަޑުގައި އާދޭސް ވިއެވެ. އޭަނަގެ ހަރަކާތްތަކުގައި ވަނީ ހާސްކަމެވެ.
”ތޫގާ ސޯލްއަށް ގޮސް ވިވިއަންމެންނާއެކު ކުރިކަންތައް މުޅި ދުނިޔެއަށް ފެންނަން އޮތީ ދޫކޮށްލެވިފައި… ދެން ތިމާގެ ކުށެއް ނެތްކަމަށް ދައްކަން ތިއުޅެނީ ކީއްވެ؟… އެކަންތަކުގައި ތޫގާ ބައިވެރިވީ އެމީހުން ގަދަކަމުން ގެންދިޔައީމަތަ؟… އެވަރުވާއިރު ދެކޮޅު ނެހެދެން ތީ ކުޑަކުއްޖެއްތަ؟… އަހަރެން ފަހަރެއްގައި ވެސް ހިޔެއް ނުކުރަން އަހަރެން ތޫގާއަށް ކުރި އިތުބާރުގެ ނާޖާއިޒު ފައިދާ އެފަދައިން ނަގަފާނެ ކަމަކަށް… މިގެ ކުރިން ވެސް ބޭރު ގައުމުތަކަށް ގޮސް އުޅުނީ އެހެން ދޯ؟…” ރުކާން ހަޅޭއްލަވައިގަތެވެ.
މުޅި މީހާއަށް ސިހުން ލިބުމުން ތޫގާއަށް ހުރެވުނީ އެސްފިޔަޖަހާލަން ވެސް ހަނދާން ނެތިފައެވެ. ބޮޑުބިރެއް ފެނިއްޖެކަމުގެ އަލާމާތްތައް އޭނަގެ މޫނުން ފާޅުވެއެވެ. މޭގެ ތެރޭގައި އޮތް ހިތް ވެސް ތެޅެން ފެށީ އާދަޔާ ޚިލާފަށް ބާރަށެވެ. ހިސާބެއްގެ ހައިރާންކަން ވެސް އޭނަގެ ފަރާތުން ފާޅުވެއެވެ.
”ނިކަން ވަދެ ވިވިއަންގެ އިންސްޓަގްރާމް ބަލާބަލަ، ދެން ނުބުނާތި އެފޮޓޯ ތަކަކީ އެޑިޓެކޭ…” ތޫގާގެ ހަޤީޤަތް އެނގުނު ގޮތް ވެސް ރުކާން އަންގާލިއެވެ. ތުރުތުރުއަޅަމުން ދިޔަ އަތަކުން ތޫގާ އޭނަގެ ފޯނު ނަގައި ރުކާން ބުނިހެން ކަންތައްކުރިއެވެ. ހާސްކަން އޭނަގެ ނަޒަރުގައި އެކުލެވިފައިވި ހިނދު އިންސްޓްގްރާމް ހުޅުވެން ނެގި މަދު ސިކުންތުކޮޅުގައި ރުކާންގެ މޫނަށް ވެސް އަވަސް ނަޒަރުތަކެއް ދެވުނެވެ.
ފެނުނު ފޮޓޯތަކާއެކު ތޫގާގެ ދެލޯ ބޮޑުވެގެން ދިޔަ އެވެ. މެޔަށް ވެސް ފިނިވެގެން ދިޔައީ އިންތިހާއަށެވެ. އެފޮޓޯތަކަށް ބަލަން ހުރެވުނީ ނުތަނަވަސްކަމާއެކުގައެވެ. އެވަގުތު ވިވިއަންދެކެ އިންތިހާއަށް ރުޅިއާދެވުނެވެ. އޭނައަށް ނޭގި އެފަދަ ފޮޓޯތަކެއް ލީމައެވެ. ފާއިތުވި ދުވަސްކޮޅުގައި އިންސްޓްގްރާމަށް ވަދެނުލެވުމުން އެފޮޓޯތައް ވެސް ފާހަގަ ނުކުރެވުނީއެވެ. އޭނަގެ ގަމާރުކަމާއޭ އެވަގުތު ހިތަށް އެރިއެވެ. ކުރިން އެނގި ފިޔަވަޅު އެޅުނު ނަމަ މިހެން ކަންތައް ނުވީހެވެ.
ތޫގާއަށް ވިސްނާލެވުނީ އެކަންތައްގަނޑުގެ ތެރޭން ބޯދަމައިގަނެވޭނެ ގޮތަކާ މެދުގައެވެ. މައްސަލަ އެއޮތީ އޭނަގެ ކުރިމަތީގައެވެ. ކުރިން މައްސަލަ ނޭގިގެން ހާސްވިޔަސް މިހާރު އެއޮތީ އެނގި ހާމަވެފައެވެ. ދެން ކުރަންޖެހޭހާ ވެސް ކަމަކީ އެކަމަށް އެދެވޭ ފަދަ ހައްލެއްހޯދައި ދިނުމެވެ. ވިސްނާލުމަށް ފަހު ތޫގާ ފުންނޭވާއެއް ދޫކޮށްލި އެވެ. އޭނަގެ އެކްޓްކުރުމުގެ ހުނަރުގެ ބޭނުން ހިފަންވީ ވަގުތު އައިސް ޖެހުނީ އެވެ.
(ނުނިމޭ)
6 Comments
Comments are closed.
Ithuru episode eh mirei shaaiu kohla deynan (In Sha Allah).
Mi vaahaka kiyaa adhi khiyaalu faalhu kuraa hurihaa kiyuntherinah ves shukuru danavan, Rangalhu kohlan jehei kameh faahanga vaanama ves bunela dhinun edhen. Unmeedu kuran kiyuntherinah mi bai ves kamudhaane kamah 🙂 Baajaveri duvahakah edhen. 🙂
Story v nice but can u pls explain the cover pic.. m really curious ?
V salhi
Mutha I want to meet u instance game eyna profile game eyny muthaa he photo eh tha
*insta ga
Vvv reethi vaahaka kuria daagoi
Vvsalhi maashaa Allah
Inthizaaru mi innanee mirey up vaa bayah