Skip to content
އެސްފިޔަ

ހިތް ނުރޮއްވާ… (24)

“އެކަމު މިއަދު ބައްޕަ އާއި މަންމަގެ އިންތިޒާރުގެ ނިމުން އަތުވެއްޖެ.” ނަސީމާގެ ގާތުގައި އިން ނިހާއަށް ބަލާލާ ހިނިތުންވެލަމުން ނަސީރު ބުނެލިއެވެ. ނަސީރުގެ ދެލޮލުން ފެންނަން ހުރި އުފާވެރިކަމެވެ. “ބައްޕަމެނަށް ނުވިކަންތައް ރިހާ ކޮށްދިނީ…” އެހިސާބަށް ބުނެފަ ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދަ ގޮތަކަށް ނަސީރު ވަށައިގެން ހޯދާލިއެވެ. ވަށައިގެން ބަލާލި އިރު ހުރިހާ ލޯތަކެއްހެން ވަނީ ނަސީރުގެ ވާހަކައިން އަސަރު ކޮށްގެން ފެންކަޅިވެފައެވެ. ނަމަވެސް އެ އެންމެންގެ ތެރެއިންވެސް ނަސީރު ހޯދަމުން ދިޔައީ އެންމެ ފަރާތެކެވެ. ރިހާއެވެ. ނަމަވެސް އެކުއްޖާގެ ހިލަމެއް އެ ތަނުގަނެތެވެ. “ރިހާ” ނަސީރަށް ރިހާ ނުފެނުމުން މަޑުމަޑުން ބުނެލެވުނެވެ. މިއަދު ނަސީރަށް ވެސް ފުރަތަމަ ފަހަރަށް ރިހާ ބާކީ ކޮށްލެވިއްޖެ ކަމުގެ އިޙްސާސް ކުރެވުނެވެ.

              ނަސީރު ވަށައިގެން ނަޒަރު ހިންގާލީ ރިހާ ހޯދުމަށް ބޭނުންވެފަ ހުރިލެއް ބޮޑު ކަމުންނެވެ. އެހެނަސް ރިހާ އެތަނުން ފެންނާކަށް ނެތެވެ. ނަމަވެސް ގޭގަ ގެންގުޅޭ ނޯކަރުން ވަރަށް އަވަސް އަރުވާލާފައި ކޮޅުކޮޅު މައްޗަށް ހަރަކާތްތެރިވާތަން ފެނުނެވެ. ނަސީރު އެއިން މީހަކު މަޑުކުރުވާފަ ރިހާ ވީތަނެއް އެނގޭތޯ އަހާލީ އެމީހުންގެ އެ މަސައްކަތަކީ ރިހާގެ ކަމެކޭ ހިތް ބުނުމުންނެވެ. ނޯކަރު މީހާގެ ފަރާތުން އެނގުނު ގޮތުގައި ރިހާ ވީ ނަސީރުމެންގެ ކޮޓަރި ކުރިމައްޗަށް ހުންނަ ކޮޓަރީގައެވެ. އަދި އެމީހުން އެކުރަނީ ކީއްތޯ އެހުމުން އެމީހާގެ ފަރާތުން ލިބުނު ޖަވާބަކީ ރިހާ ބުނެގެން އެ ކޮޓަރި ފޮޅާ ސާފުކޮށް ނިހާ އަށް ބޭނުން ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަނީ ކަމުގައެވެ. ނަސީރުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި ރިހާ ގާތު އެތަނަށް އައުމަށް ބުނާށޭ ބުނެ އެމީހާ އެތަނުން ފޮނުވާލިއެވެ.

              ނަސީރުމެންގެ ކޮޓަރި ކުރިމަތީގައި ހުންނަ ކޮޓަރިގައި ގޭގަ ގެންގުޅޭ މީހުންގެ މަސައްކަތް ތަކަށް ނަޒަރު ހުއްޓާލައިން ރިހާ ހުރިނަމަވެސް ރިހާގެ ޙިޔާލުގައި ވަނީ މުޅިން އެހެން ކަމެކެވެ. ލޯ ކުރިމަތީ ސިފަވަމުން ދިޔައީ ނަސީމާ ނިހާގެ ގައިގައި ބައްދާލާ ލޯބިން ފިރުމާހެދި މަންޒަރެވެ. ލޮތްބާއި އޯގާތެރިކަމާއެކު ނިހާއާއި ވަހަކަ ދެއްކި މަންޒަރެވެ. ދެންމެ ދެންމެ ލޮލުން ކަރުނަ އޮހިގެންފާނެހެން ހީވެފަ ހުއްޓަ ނޯކަރަކު އައިސް ނަސީރު ރިހާ ހޯދާ ކަމުގަ ބުންޏެވެ. ވަގުތުން މީހާ ހަމައަކަށް އަޅުވަމުން ރިހާ ހިނގައިގަތީ ތިރިއަށް ދިއުމަށެވެ.

              ސިޑިން ތިރިއަށް ފައިބައިގެން އައި ރިހާ ފެނުމުން ނަސީރުގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ރިހާ ފެނުމުން ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ. ރިހާ އަކީ ނަސީރުގެ ދެން ތިބި ކުދިންނާއި ތަފާތު ކުއްޖެކެވެ. ނަސީރު ބުނާ ކޮންމެކަމެއްވެސް ރިހާ ކުރަނީ އެހެން ކުދިންނާއި ހިލާފަށް އެއްވެސް ސުވާލެއް ޝަކުވާއެއް ނެތިއެވެ. ނަސީރު ރިހާގެ ފަރާތުން ނޭދުނު ކަމުގައިވިއަސް ރިހާ އެކަމެއްގެ ޒިންމާ އަމިއްލައަށް ނެނގި ވިޔާފާރީގައިވެސް ކަންކަން ނިންމުމުގެ ކުރިން ރިހާ އަބަދުވެސް ނަސީރުގެ ޙިޔާލު ހޯދައެވެ. އެ ގޭގައި ރިހާއަށް މާ ހާއްސަ ޖާގައެއްދެވިފައި ނެތަސް ރިހާއަކީ ނަސީރަށް އަބަދުވެސް އެންމެ ހާއްސަވި ދަރިފުޅެވެ.

              “ޑޭޑް! ކިހިނެއްވީތޯ؟” ރިހާ އައިސް ނަސީރުގެ ކުރިމައްޗަށް ހުއްޓިލަމުން މަޑުމައިތިރިކަމާއެކު ނަސީރު ގާތު އަހާލިއެވެ. “އަނެއްހެން ކަމެއްނުވޭ. ދަރިފުޅު ފެންނަން ނެތީމަ.” ނަސީރު ރިހާއަށް ބުންޏެވެ. އަދި ޖަވާބު އޮޅުން ފިލުވަން ބޭނުންވެފަ ހުރި ސުވާލު ރިހާއަށް ކޮށްލިއެވެ. “ދަރިފުޅަށް ނިހާ އެނގުނީ ކިހިނެއް؟” އެއީ ރިހާއަށް ކުރިމަތި ވާނެ ސުވާލެއްކަން މާކުރިންވެސް ރިހާއަށް އެނގެއެވެ. އެހެންކަމުން ހިނތުންވެލަމުން ރިހާ ދިނީ ކުރު ޖަވާބެކެވެ. “ރިހާއަށް އެނގެން ހުރީމަ އެނގުނީ. ކޮންމެ ކަމެއް އަބަދަކު ސިއްރުވެފައެއް ނޯންނާނުން.” ރިހާގެ އެ ޖަވާބުން ނަސީރަށް ދޭހަވީ ރިހާ ނަސީރުގެ އެސުވާލަށް ޖަވާބު ދޭން ބޭނުން ނުވާކަމެއެވެ. އަދި މިވަގުތު ރިހާގެ ފުށުން އެކަން އޮޅުން ނުފިލާނެ ކަމެވެ. ފަހަރެއްގައި ދުވަހަކުވެސް ރިހާއަށް ނިހާއާއި ބެހޭ ގޮތުން އެނގުނު ގޮތެއް ހާމަ ނުކޮށް ހުރެދާނެއެވެ.

              ރިހާ ބޭނުންވީ އެތަނުން އަވަހަށް ދާށެވެ. ނަސީމާގެ ހުރިހާ ސަމާލުކަމެއް ނިހާއަށް ހުއްޓިފައިވާތަން ބަލަން ދެން އިތުރަކަށް ރިހާއަކަށް ނުހުރެވޭނެއެވެ. އެހެންކަމުން ނަސީރުގާތުން ދިއުމުގެ ހުއްދައަކަށް އެދިގެން އެތަނުން ހިނގައިގަތީ ފެންވަރާ ތާޒާވެލަންވެސް ބޭނުންވެފަ ހުރުމުންނެވެ. އެހެނަސް ކަމެއް ހަނދާންވެގެން އެނބުރި ނަސީރާއި ކުރިމަތިލަމުން ރިހާ ބުނީ ނިހާއަށް ޓަކައި ނަސީރުމެންގެ ކުރިމަތީގައި ހުރި ކޮޓަރި ތައްޔާރު ކުރާ ވާހަކައެވެ. އަދި މާދަން އެ ކޮޓަރިއަށް ބޭނުންވާ އިތުރު އެއްޗެހި ގެންނާނެ ކަމަށްވެސް ރިހާ ބުންޏެވެ. އެކަމުގަ ނިހާގެ ހިޔާލުވެސް ހޯދައިގެންނެވެ.

              ފާޙާނަ ތެރޭ ބިލިގާގައި ދެކަކޫ ނަގާ މެއާލައި ބޮނޑިކޮށްލައިން އިން ރިހާ ހީވަނީ ބައިންދާފަ އިން ބުދެއްހެންނެވެ. އެއްވެސް ހަރަކާތެއްނެތި އެ ބިލިގާތެރޭ އެގޮތަށް އިންނަތާ އެތަށް އިރެއްވެއްޖެއެވެ. މިލާ މޯޅިވެފައިވާ މޫނުމަތީގައި އެއްވެސް ދިރުމެއްނުވާއިރު ދެލޮލުން އޮހޮރެމުން ދިޔަ ކަރުނައަށް ނިމުމެއްނެތެވެ. އުމުރުން މިވީހާ ދުވަހުވެސް ނަސީމާގެ ފަރާތުން ރިހާއަށް ލޯބި ލިބިފައި ނެތަސް، އަދި ރިހާގެ ބޭބެމެނާއި ކޮއްކޮމެން އެކީ ލޯބިން ހީސަމާސާކޮށް އުޅޭތަން ފެނުނު ނަމަވެސް މިއަދު ލިބުނު ވަރުގެ ހިތްދަތިކަމެއް އަދި މިއިން ދުވަހަކު ނުލިބެއެވެ. އެކަމަށް ރިހާ ހުރީ އާދަވެފައެވެ. އެހެނަސް މިއަދު ނިހާ އާއި މެދު ނަސީމާ ކަންތައް ކުރި ގޮތް ފެނި އަނެއްކާވެސް މަންމަގެ ލޮތްބަށް ރިހާއަށް އެދެވެން ފެށީއެވެ. ނަމަވެސް ނަސީމާއަށް ރިހާ އެއީ އެތަނުގަ ހުރި މީހެއްކަންވެސް ނޭނގެއެވެ. ރިހާ އެތަނުން ދުރަށް ދިޔައީ އެހެންވެއެވެ. ނަސީރު ކުރި ސުވާލުގެ ޖަވާބު ކޮންމެހެން ދިނުން މުހިއްމު ނުވީއެވެ. އެއީ ނިހާ އާއި ބެހޭ މައުލޫމާތު ރިހާއަށް އެނގުނު ގޮތް ނަސީރަށް އެގިއްޖެޔާ ނަސީރު ދެރަވާނެތީއެވެ. އެއީ އެގޮތަށް އެ ހަޤީޤަތް ރިހާއަށް އެނގުން އެއީ ނަސީރު ބޭނުންވާނެ ގޮތެއް ނޫންވީމައެވެ.

              އެއީ ފުރަތަމަ ފަހަރަށް ރިހާ، ޒީޝާނާއި ދިމާވި ތޫފާނީ ރެއެވެ. ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި ގިސްލަމުން ގެއިން ނުކުމެގެން ރިހާ ބަނދަރާއި ދިމާލަށް ދިޔަ ރެއެވެ. އެރޭ ޒީޝަން ފަހަތުން ގޮސް ނުހިފެހެއްޓި ނަމަ ރިހާ ވެއްޓުނީހީ ބަނދަރާއި ދިމާ މޫދަށެވެ. އެރޭ ރިހާ ވަރަށް ލަސްވަންދެން އޮފީހުގަ އުޅެފަ އައިސް ބަނޑުހައިވެފަ ހުރުމުން އެއްޗެއް ކާލުމަށް ތިރިއަށް ފޭބި އިރު ނަސީމާ އާއި ނަސީރުގެ ޒުވާބުގެ އަޑުއިވުމުން ނަސީރުމެންގެ ކޮޓަރިކައިރިއަށް ރިހާ ގޮސް ހުއްޓުނެވެ. “އެއީ ހަމަ ނަސީމާގެ ވެސް ދަރިއެއް ނޫންތަ؟ އެކަމަކުވެސް މިއިން ދުވަހަކު ރިހާއާއި ދިމާލަށް ރުހުމުގެ ލޮލަކުން ބަލާލިންތަ؟ މިއަދުވެސް ސައި މޭޒު ދޮށުގަ ތިހެދިގޮތުން ރިހާ ދެރައެއް ނުވާނެތަ؟… މާޔާ އާއި މާހީ ގޮތަށް ރިހާވެސް އެއީ ހަމަ އަހަރުމެންގެ ކުއްޖެކޭ.” ނަސީމާއަށް ވިސްނައިދޭން ނަސީރު މަސައްކަތް ކުރަމުންދިޔައީ ރިހާއަށް ނަސީމާގެ ފަރާތުން ލިބެންވާ ލޯބި ނުލިބޭތީ އެކަން ހައްލުކުރެވޭތޯއެވެ. ކުރިންވެސް އެތަކެއް ފަހަރު އެ މަސައްކަތްކުރި ގޮތަށެވެ. އެއިން ކޮންމެ ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ނާކާމިޔާބާއި ކުރިމަތިލާން ޖެހޭނެ ކަމުގައި ނަސީރުގެ ހިތް ބުނަމުން ދިޔައެވެ.

              “ޤަބޫލުކުރަމޭ!… ޤަބޫލުކުރަމޭ އަހަންނަށް ކަންތައް ކުރެވެނީ ރަގަޅަށް ނޫންކަން…” ނަސީމާގެ އަޑު މަޑެވެ. ނަމަވެސް އެއަޑުގައިވީ ހިތާމަވެރިކަމެވެ. “އެކަމަކު ކިހިނެތް އަހަރެން ހަނދާން ނައްތާލާނީ އެ ދުވަސް މަތިން؟ ކިހިނެއް ހަނދާން ނައްތާލާނީ އަހަރެންގެ ނިހާ، އަހަރެންގެ ދަރިފުޅު ބީވެގެން ދިޔަ ގޮތް؟” ނަސީރުމެން ދެބަސްވެ އަރާރުން ވަމުންދިޔައީ ރިހާގެ ސަބަބުންކަން އެނގުމުން އެތަނުގައި އިތުރަށް މަޑުނުކުރުމަށް ނިންމާ ފަސް އެނބުރި ދިއުމަށް ހިނގައިގަތް ވަގުތު ނަސީމާ ބުނި ޖުމްލައިން ރިހާ އަށް ހުއްޓުން އެރިއެވެ. ނިހާ އަކީ ކާކު ހެއްޔެވެ؟ މަންމަ އާއި ބައްޕަގެ ނިހާ ކިޔާ ދަރިއަކު ހުރުކަމެއް ރިހާ ނުދަނެއެވެ. އެހެންކަމުން އިތުރަށް އެއްޗެއް އޮޅުން ފިލައިތޯ ރިހާ އަނެއްކާވެސް މަޑުކޮށްލިއެވެ. “ރިހާ ފެންނަ ކޮންމެ ފަހަރަކު… ކޮންމެ ފަހަރަކު ހަނދާން ވަނީ ނިހާ މަތިން. ހިތަށް އަރަނީ ނިހާގެ ވެސް ހުންނާނީ ހަމަ އެ ސިފައޭ… ރިހާގެ ސިފަ…” ނަސީމާ ހުއްޓަމުން ވާހަކަކުރިއަށް ގެންދިޔައެވެ. އޭރު ނަސީރުވެސް ހުރީ ނިހާގެ މަތިން ހަނދާންވެ ހިތުގަ ޖެހިފައެވެ. “ރިހާ، ނިހާ! އެއީ އެއްމާބަނޑު ދެބެން… ނުވަ މަސް ދުވަހު އަހަރެންގެ ބަނޑުގަ، އެކަމަކު ދުނިޔެއަށް އައުމާއެކުހެން އެކަކު އަނެކަކާއި ވަކިވެގެން ދިޔައީ… އެ ދެ ކުދިންނަށް އެއީ އެކަކު އަނެކަކު ނޭގުނަސް އަހަރެންނަށް އެނގޭ… އެ އަންހެންނާ އަހަރެންގެ ނިހާ ގެންދިޔައީ… ކިހިނެއް މި މައި ލަގޮނޑިއަށް ކެއްވާނީ… އަހަރެންގެ ދަރިއަކު ދުނިޔޭގަ ހުރެމެ އެކުއްޖާގެ ހާލެއް އަހަންނަކަށް ނޭނގެ… ވީ ކޮންތާކު ކަމެއް ނޭނގެ… ނަސީރު! އަހަރެން ރިހާދެކެ ރުޅި އަންނާކަށް ބޭނުމެއް ނޫނޭ… އެކަމަކު ނޭނގެ ރިހާ ފެންނަ އިރަށް ވާގޮތެއް… ހަމަ ރުޅި އާދެވެނީ…” އޭރު ނަސީމާއަށް ދިޔައީ ގިސްލެވެމުންނެވެ. ނަސީރު އައިސް ނަސީމާ އޭނާއާއި ދިމާއަށް އަނބުރާލަމުން މަޑުމައިތިރި ކަމާއެކު ބުންޏެވެ. “އެނގެއޭ ނިހާ ހަނދާން ވާނެކަން. އަހަރެންވެސް ހަނދާންވޭ. ނިހާ ހޯދަން އަހަރުމެން ނުކުރަނީ ކޮންކަމެއް. އެކަމު އެ ހަނާ އަހަރެމެންގެ ދަރިފުޅު ގެންދިޔައީ ކޮންތާކަށް ކަމެއް، އެދަރިފުޅަށް ހެދީ ކިހިނެއްކަމެއްވެސް ނޭނގެ… އެކަމަކު ނަސީމާ ނިކަން ވިސްނާލަބަލަ! އެއީ ރިހާގެ ކުށެއްތަ؟ ނިހާ ގޮވައިން ހަނާ ފިލިއޭ ކިޔާފަ އެއީ ރިހާގެ ކުށެއްތަ؟… މިއަދު އަހަރެމެންނަށް ކުރެވެން އޮތްހާވެސް ކަމަކީ ލޯ ކުރިމަތީގައި ހުރި ދަރިފުޅު ރަގަޅަށް ބެލުން… ރިހާއަށް ބޭނުންވާ ލޯބި ދީގެން… ނިކަން ވިސްނާލަބަލަ، ރިހާއަށް މިއިން ކަމެއް އެނގިއްޖެޔާ ދެރަވާނެ ވަރު.” ނަސީރު ނަސީމާއަށް ވިސްނައިދެމުން ދިޔައެވެ.

              އިވެމުން ދިޔަ އަޑުތަކަކީ ހަޤީޤަތެއްކަން ޤަބޫލު ކުރަން ދަތިވެފައި އިރުކޮޅަކު ރިހާ ހުރީ ހުއްޓުން އަރާފައެވެ. އެހެން ހުރެފަ އެނބުރި އައިކޮޅަށް ދުއްވައިގަތީ ކޮންމެވެސް ގޮތަކުން ހިތަށް ހަމަޖެހުމެއް ގެންނަން ބޭނުންވާތީއެވެ. އެތަނުގަ އެންމެ ސިކުންތެއްވެސް އިތުރަށް މަޑުކޮށްފިނަމަ ރިހާގެ ނޭވާ ހާސްވެދާނެއޭ ރިހާއަށް ހީވީއެވެ. އެރޭގެ އެހަނދާންތައް އާވަމުން ދިޔަ ވަރަކަށް އަނެއްކާވެސް ރިހާއަށް ކުރެވުނީ އެ އިޙްސާސެވެ. ހީވަނީ ނޭވާ ހާސްވެދާނެ ހެންނެވެ. ފެންނަ މަންޒަރުތައް ނުފެންނަ ކަމަށްހަދައި އިވޭ އަޑުތަކަކީ ނީވޭ އެއްޗެއްކަމަށް ހަދައިގެން އަދި އޭނާގެ އޮންނަނީ ރަޙުމެއް ކުލުނެއް ނުވާ ހަރު ހިތެއްކަމަށް ހަދައިގެން އުޅޭތާ ކޮން ޒަމާނެއް ހެއްޔެވެ؟ މިހާރު އެގޮތަށް ރިހާ އުޅެންވެއްޖެ ނަމަ މޮޔަ ވެދާނޭ ވެސް ރިހާއަށް ހީވެއެވެ. އެހެންކަމުން ރިހާއަށް ވިސްނުނު އެންމެ ރަގަޅު ގޮތަކީ އެރޭ ބަނދަރުމަތިން ޒީޝާނާ ބައްދަލު ވުމަށްފަހު އައިސް ނިންމި ގޮތެވެ. އެއީ ނިހާ ކޮންމެތާކު ވީނަމަވެސް ނިހާ ހޯދައިގެން ގެނެސް އޭނާގެ މަންމަގެ ހިތުގައި އަޅަމުން ދިޔަ ވޭން ކުޑަކޮށްދިނުމެވެ. އަދި އެއަށްފަހު ރިހާ އެ ގެއާއި އޭނާގެ ޢާއިލާ ދޫކޮށް އަބަދުގެ އަބަދަށް ދިއުމެވެ. އެހެންކަމުން އާ އަޒުމަކާއި އާ ހިތްވަރަކާއެކު ދެލޯ ފުހެލަމުން ރިހާ ތެދުވިއެވެ.

====(ނުނިމޭ)===

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (7)

  1. Aishaan

    Dhen kiyaafa oih bai repeat koh geness dhyfa othyma v foohi

  2. naj

    raina haadha slow koh thi dhanyy 😛 … v reethi naj ah raina mi storyy thi gen dhaa goiy.. next [part kon irakun tha
    next week ga dhw
    haadh alahey up vaaleh .. anehkaa are u sick.. ekam ehaa gina dhuvahaku nuhureveyne.. mifaharu thankolheh kurin next part genes dhehcheyy
    like tue n thur ga baeh nerunyyma i’ll be veryy happy 🙂
    now this is the most beautiful storyy am ever reading in esfiya..
    v beutiful raina
    keep it up 😉 😉 🙂 🙂 🙂

  3. naj

    n mi storyy ge kiyaafa oi baeh tha raina mi othyy genehsa ??? …noony explanation eh tha .. noony hiyaaleh tha 🙂

  4. naj

    mi storyy ehn site eh ga vess in tha

  5. xoxo

    mi storyge anehbai anna mahuge midhuvahu dhw raina……mihen vaahaka gensedhenyaa vaahaka nuliunee
    ma veenun dhw

  6. shai

    v salhi meehun dhimaalah ehchethi nugovaaba bali ves vedhaane eh nun ehn noony bixy ves vedhaane ehnun.. rainaa v salhi veehaa avahakah nxt part genasdheythi igey v salhi

  7. aju

    Aee kiyaafa oi baye nooney , ragalhu , mi baiga eboi kuree ge scene eh ekamu e part ga riha ge mamma aai bappa ge dialogue eh neenaane , adhi kiriya mi part in agenee riha ah e rey adu ivunu vaahaka tha , komme akas aju ah v salhi mi vaahaka kuri ah dhaagoi ekam las vaa thankolhu dheraee

Comments are closed.