ހިތްދަތިކަމާއި ހިތާމައިން ފޯވެފައިވާ ޙަޔާތާއިމެދު ވިސްނަމުން ގެއިންނުކުތް ރިމްޝާ ބާރަށް ހިނގާލާފައި ދިޔައިރު ޙަޔާތަށް އަންނަން އުޅޭ ބޮޑު ތޫފާނުގެ ހިލަމެއްވެސް ނުވެއެވެ.
**********
ލޮލުގައި ޖަމާވަމުންދިޔަ ކަރުނަތައް ބަންޑުންވުގެ ކުރިން އެތެރެއަށް ހިންދާލަމުން ބާރަށް ހިނގަމުންދިޔައިރު މަގަށް މާކަބޮޑު ސަމާލުކަމެއް ނުދެވުނެވެ. އެވަގުތު އައިނައި ދިމާލެއްނޭންގި ބާރު ސްޕީޑެއްގައި އައި ކާރުގައިޖެހި ވިއްސައިގެންގޮސް ރިމްޝާ ޖެހުނީ މީހެއްގެ ފައިބުޑަށެވެ. ފަޅިސިކުންތުކޮޅެއްގެ ތެރޭގައި ލޭގެ ކޯރު ހެދިގެންދިޔައިރު ހިރިވެސްނުލެވިފައި އޮތް ރިމްޝާ ފުސްވަމުންދިޔަ ދެލޮލުން މަގަށް ބަލައިލިއިރު މީހުންތައް އެއްވަމުންދިޔައެވެ.
މަޑުމަޑުން ލޯހުޅުވުނުއިރު ވަށައިގެން އިވެމުންދިޔަ މެޝީންތަކުގެ އަޑުން ރިމްޝާއަށް އޮވެވުނީ ހޮސްޕިޓަލުގައިކަން ދެނެގަންނަން ނެގީ މަދުސިކުންތުކޮޅެވެ. ހަށިގަނޑުގައި ގަދަޔަށް ރިއްސަމުންދިޔައިރު ބޮލުގެ އިތުރުން ގައިގެ އެތަންމިތަން ބެންޑޭޖްކޮށްފައިވާއިރު މައްޔިތެކޭ ތަފާތެއްނެތެވެ. ވަކިންޙާއްސަކޮށް ވާތުފައިގައި ރިއްސަމުންދިޔައީ އަމަށަކު ބާރަކަށްނޫނެވެ. ރިމްޝާގެ ލޮލުން ނީރާލި ކަރުނަތިއްކާއެކު އަނގައިން ވޭނީ “އާހް” އެއް ބޭރުވެގެންދިޔައީ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތްވާވަރުނުވުމުންނެވެ. ފިނިފިނި އަތަކުން ރިމްޝާގެ އަތްތިލައިގައި މަޑުމަޑުން ހިފާލުމާއެކު އެދިމާއަށް ބަލާލި ރިމްޝާއަށް ސިހުންގެނުވީ ނުވެސް ދަންނަ ޒުވާނަކު ކުރިމަތީގައި އިނުމުންނެވެ. ހަމުގެ ކުލަ އޮޅަލިކުލައިގައިހުރި އިރު ލައިގެންއިން ޓީޝާޓު ހަށިގަނޑަށް ހިފާލާފައިވުމުން ނުހަނު ކަސްރަތީ ހަށިގަނޑު ހާމަޔަށް ފާޅުވާންހުއްޓެވެ. ކޮނޑާހަމައަށް އަރާ އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލްކޮށްލާފައިވާއިރު ތުނބުޅި އަދި މަތިމަސްވެސްވަނީ ތުނިކޮށްކޮށާލާފައެވެ. އާދަޔާޚިލާފަށް ފެހިކަންގަދަ ކަޅިއެއްގެވެރި ދެލޮލުގެ ތެރެއަށް ކޮންމެ އަންހެންކުއްޖަކުމެ ގެނބިގެންދާން އެދޭފަދަ ފުރިހަމަވެގެންވާ ތޫނު ދެލޮލެވެ. ތުންފަތްމަތީގައި ލުއި ހިނިތުންވުމެއްވާއިރު ދެލޮލުންހުއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތަކުން އެޒުވާނާގެ ކޯތާފަތް ތެމެމުންދިޔައެވެ. ހުވަފެނީ ދުނިޔެއެއްގައި އުޅެވޭ ފަދަ އިޙްސާސެއްކުރެވުމުން ދެތިންފަހަރަކު އެސްފިޔަޖަހާލީ ޔަޤީންކޮށްލުމުގެ ގޮތުންނެވެ. “ލިމް އަަޅެ މިއޮއް ހުރިހާ ދުވަހު ކޮންތާކު ތިއުޅުނީ. އަހަރެން ހާދަ އިންތިޒާރެއްކޮށްފީމޭ. މެރީކުރަން އެންމެ ދެތިންދުވަހަށްވެފައޮއްވަ ލިމް އަހަރެން ދޫކޮށް ދިޔައީމަ އަހަރެން ރުއިރުއުމާ ކުރި ހިތާމަ ދެނެވޮޑިގެންވާނީ ހެއްދެވި ރަސްކަލާނގެ. އެކަމް މިއަދު އަހަރެންނަށް ލިމްއާ ދިމާމިވީ އުންމީދުވެސް ކުރިފަދަ ގޮތަކަށްނޫން.” ތުރުތުރުއަޅަމުންދިޔަ އަޑަކުން ވޭނާއެކު އެޒުވާނާ ދެއްކި ވާހަކައިން ރިމްޝާގެ ސިކުނޑި ސުމަކަށްދާވަރުވިއެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން އެޒުވާނާއަށް ބަލާލިއިރު އެދެލޮލުގައި ބުނެދޭން ނޭންގޭފަދަ ރިހުމެއް އެކުލެވިފައިވިއެވެ. ” ކީކޭ ތިކިޔަނީ؟ ކޮން ލިމްއެއްތަ؟ ތީކާކު؟ އެންޑް އަހަރެން މިތަނަށް ގެނައީ ކާކު؟” ހާސްވެފައިވާ ޙާލު ރިމްޝާ އެއްފައްޗަކަށް އަމުނާލި ސުވާލުތަކުން ކުރިމަތީގައި އިން އައިހަމް އަޖައިބުވެ އަންތަރީސް ވާވަރުވިއެވެ. ހިތަށް ނުބައިގޮތެއްވެގެންދިޔައީ އެތައް ދުވަހަކަށްފަހު ފެނުމުންވެސް ލިމްޝާ އޭނާ ދަންނަކަމަށްވެސް ނުހެދުމުންނެވެ. އެހިޔާލުގައި އިންދާ ދެންފެނުނީ ރިމްޝާ އެނދުން ތެދުވަން އުޅުނުތަނެވެ. މުށިގަނޑުމަތީގައި ފައިޖެހުމާއިއެކު އަރިއަޅާލި ރިމްޝާ ވެއްޓުމުގެ ކުރިން ހުށިޔާރުކަމާއެކު އައިހަމް އޭނާ ހިފަހައްޓާލާާ އެނދުގައި ބޭންދިއެވެ. “ލިމް! ބީ ކެއާފުލް. ޑޮކްޓަރ ބުނީ ލިމް ގޮސް ޖެހުނުގޮތުން ވާތުފައި ވަނީ ބިންދައިގެންގޮސްފަޔޯ.” އޯގާތެރިކަމާއިއެކު އައިހަމް ބުނެލި ޖުމްލައިން ރިމްޝާގެ ގާތަށް ރުޅިއައެވެ. ” އަނެއްކާ ކިޔައިފި. ކޮން ލިމް އެއްގެ ވާހަކައެއްތަ ތިިދައްކަނީ؟ އަހަރެން މީ ތިހީކުރާ މީހެއްނޫން. އަހަރެނަށް ކިޔަނީ ރިމްޝާ.” ރުޅިގަދަވާން ފެށުމުން ރިމްޝާ ބުނެލިއެވެ. އައިހަމްގެ ދެބުމަ ގޮށްޖެހިގެންދިޔަ ވަގުތު ނިތަށް ރޫތަށް ގިނަވާންފެށީ ހާސްވާގޮތްވުމުންނެވެ. ކުއްލިއަކަށް ކަމެއް ހަނދާންވުމާއެކު މަޑުމަޑުން ރިމްޝާގެ ކަނާއަތްތިލައިގައިހިފާ އަނބުރާލިއެވެ. އަދި ނިކަން ފަރުވާތެރިކަމާއެކު ބަލަމުންދިޔައީ ކަލުތިލައެއްފެނޭތޯއެވެ. ލިބުނު ސިހުމާއެކު އައިހަމްއަށް ރިމްޝާގެ އަތުންދޫކޮށްލެވުނެވެ. މަޑުމަޑުން ފަހަތަށް ޖެހެވެމުންދިޔައިރު އެދެލޮލުގައި ތާޒާ ކަރުނަތިކިތައް ބަބުޅަމުންދިޔައެވެ. އެއީ ހަމަ ޙަޤީގަތުގައިވެސް ލިމްޝާއެއްނޫނެވެ. ނަމަވެސް އެކަން އޭނާ ޤަބޫކުރާނީވެސް ފަހެ ކިހިނަކުންހެއްޔެވެ؟ ރިމްޝާއެކޭ ލިމްޝާއެކޭ ކުޑަކޮންވެސް ތަފާތެއްނެތެވެ. ދުނިޔޭގައި ވައްތަރު މީހުން އުޅުނުކަމުގައިވިޔަސް މިވަރުގެ ކަމެއް މީގެކުރިއަކުން އައިހަމް ދެކެފައެއްނުވެއެވެ. ލިމްޝާ އަތުގައި އިންނަ ކަޅުތިލަ ފާހަގަކުރެވުނުކަމީ ނަސީބެކޭ އައިހަމްގެ ހިތަށްއެރިއެވެ. ނޫންނަމަ މިއަދު އައިހަމްއަށް އެއީ ލިމްޝާ ނޫންކަން ދެނެގަންނާނެ އެއްވެސްގޮތެއްނެތީހެވެ. އައިހަމްގެ ހިތް މާޔޫސްވެގެންވެގެންދިޔައީ އުންމީދުގެ ހުޅުކޮޅެއް ރޯވުމަށްފަހު ހިނދުކޮޅެއްގެ ތެރޭގައި ނިވިގެންދިޔައީމައެވެ. އިތުރަށް އެތަނުގައި ހުރުމުގެ ބަދަލުގައި ނިކުމެ ހިނގައިގަތީ ގޮތްހުސްވެފައިވާ މީހަކު ފަދައިން ބޮލުގައި އަތްއަޅައިގެންހުރެއެވެ. ވާނީވެސް އެހެންތާއެވެ. ލިމްޝާ ގެއްލުނުފަހުން ތިމާގެ ފުރާނަފަދައިން ލޯބިވާ އަލަތު ލޯބިވެރިޔާ ހޯދުމަށްޓަކާ އައިހަމް ނުކުރާކަމެއްނެތެވެ. މުޅި މެލޭޝިއާ އަތްފުނާއަޅާ ހޯދިއިރުވެސް ލިމްޝާގެ ހިލަމެއްވެސް ވާގޮތެއްނުވިއެވެ. ހިތުގެ ހަމަޖެހުންނަގާލާފައި ވާންއުޅޭ އަނބިމީހާ ދިއުމުން ކެތްވާނީ ވަކިކާކަށްހެއްޔެވެ؟ އުންމީދުގެ ހުޅުކޮޅުފަނޑުވެފައިވަނިކޮށް ދިއްލިގެންދިޔައީ ޗުއްޓީހޭދަކޮށްލުމަށްޓަކައި މާލެއައި ފުރަތަމަ ދުވަހުއެވެ. ގަދަ އަޑުފަށްގަނޑަކާއިއެކު ވިއްސައިގެންއައިސް ކުރިމައްޗަށްޖެހުނީ އެސޫރައެއް ދެކިލުމަށްޓަކައި ދެއަހަރުވަންދެން ހިތްއެދިގޮވަމުންދިޔަ ސޫރައެވެ. ނަމަވެސް އެއީ އޭނާގެ ލޯބިވާ ލިމްޝާ ނޫންކަން އެނގުނުހިނދު އުންމީދުގެ ހުޅުކޮޅު އެއްކޮށް ނިވިގެންހިނގައްޖެއެވެ.
***********
ވާނުވާނޭންގޭ ޙާލު ހުއްޓުންއަރާފައި އިން ރިމްޝާ އަދިވެސް އިނީ އެއިންގޮތަށެވެ. އެއީ ކޮންޒުވާނެއްހެއްޔެވެ؟ލިމް އޭ ކިޔާ ރިމްޝާއާ އޭނާ މުޚާތަބުއެކުރީ ކީއްވެހެއްޔެވެ؟ ލިމްއަކީ ކާކުހެއްޔެވެ؟ ސިކުނޑީގައި ފުނިޖެހެމުންދިޔަ ސުވާލުތަކުން ބޮލުގައި ރިއްސަންފެށުމުން ރިމްޝާ އޮށޯވެލީ މާއަވަހަށް ރުޅިއާދެވުން އަމިއްލަ ނަފްސަށް އަޑުލާޙާލުގައެވެ. ކުއްލިއަކަށް މަންމަ މަތިންހަނދާންވިއެވެ. އޭނައަށް އެހާލުގައި ޖެހުމުން ދެކިލަންވެސް މަންމަ ނައީތާއެވެ. މޫނުމަތީގައި އަތްއަޅާ ބާރުކޮށްލީ އިތުރަށް ރޯންބޭނުންނުވާތީއެވެ.
********
ހޮސްޕިޓަލުން ދޫކޮށްލުމާއެކު އެމްބިއުލާންސްގައި ރިމްޝާ ގެއަށް ގެނެސްދިނެވެ. ހޮސްޕިޓަލުގައި ނަރުހުންގެ ފަރާތުން ލިބުނު އަޅާލުމުގެ ސަބަބުން ރިމްޝާހުރީ ނުހަނު ހިތްހަމަޖެހިފައެވެ. އަބަދު އެތަނުގައި އޮންނަންޖެހުނަސް މާރަނގަޅޭ ރިމްޝާގެ ހިތަށްއަރަމުންދިޔައެވެ. ދަނޑިއެއްގެ އެހީގައި ނުފަރިތަކޮށް ރިމްޝާ ހިނގަމުންދިޔަގޮތް ފެނިއްޖެ ކޮންމެމީހެއްގެ ހިތަންމެ އަސަރުކުރާނެއެވެ. ދޮރޯށިން އެތެރެއަށް ވަނުމާއެކު ފިހިގަނޑެއް ހިފައިގެން ގޭތެރެ ކުނިކަހަންހުރި ހަސީނާ ރިމްޝާއާ ދިމާލަށް ލޯއަޅާލީ ނުރައްކާތެރިގޮތަކަށެވެ. ބާރުބާރަށް ހިނގާފާއައިސް ރިމްޝާގެ ކައިރިއަށް ހުއްޓި އުނަގަނޑުގައި އަތްވިއްދާލިވަގުތު ގަތްބިރުން ރިމްޝާއަށް ފަހަތަށް ޖެހިލެވުނެވެ. ހަމްދަރުދީގެ ބަދަލުގައި ހަސީނާގެ ލޮލުންފެންނަމުންދިޔައީ ރުޅިވެރިކަމާއި ނަފްރަތެވެ. ” ބަލަ ކަލޭ ލަދެއްނުގަންތަ މިގެއަށް އަންނާކަށް؟ ތިހިރީ މީހަ ހުރިގޮތް. ދެން ކޮން މަސައްކަތެއްކުރެވޭނީ؟ މަށަށް އިތުރު އުނދަގުލެއް ޖައްސާކަށް ކޮންމެހެން މިގެއަށް ވަންނާނެކަމެއްނެތް. ނަސީރު އައުމުގެ ކުރިން ހަމަމިހާރު މިތަނުންނިކުމޭ!” ދޮރާ ދިމާއަށް އިޝާރާތްކުރަމުން ހަސީނާ ބުނުމާއެކު ރިމްޝާ ހަަސީނާއާ ދިމާއަށް ބަލާލީ ޤަބޫލުކުރަން ދަތިވެފައިވާ ނަޒަރަކުންނެެވެ. ” އެހެންނޫނަސް އަހަރެން ނަސީރު ކައިރީގަ ބުނިން ކަލޭ އެ އެކްސިޑެންޓްގަ މަރުވިއްޔޭ. އޭނަވެސް އަސްލު ވަރަށް ރުޅިއާދެ ކަލޭދެކެ.” ރިމްޝާގެ ކަންފަތްބުޑުގައި ސިއްރުސިއްރުން ހަސީނާ ބުނެލީ އިތުރުމީހަކަށް ނީވޭނެފަދައިން ވައިއަޑުންނެވެ. ހުރިތަނަށް ތިރިވެފައި ރިމްޝާއަށް އަޑުންއަޑުނަގާ ރޯންފެށުނެވެ. ” މަންމާ އަޅެ ޕްލީސް ތިހެން ނުހަދާ. މިގޭން ނެރެލީމަ އަހަރެން ވަންނާނީ ވަކިކޮންތާކަށް؟ އަހަރެން މިޙާލުގަވެސް މަސައްކަތްކުރާނަމޭ.” ހަސީނާގެ ފައިބުޑަށް ވެއްޓި ރޮއެހޭރެމުން ރިމްޝާ އާދޭސްކުރަމުންދިޔައިރު ހިތެއްހުރި އިންސާނެއްނަމަ މައި ލަނގޮޑިއަށް ކެތްވެސްނުކުރެވޭނެކަން ޔަޤީނެވެ. ނަަަމަަވެސް ހަސީނާގެ ހިތަށް އަސަރެއްވެސް ނުކުރިތާންގައި ރިމްޝާގެ އަތުގައި ހިފާ ދުރަށް ކޮށްޕާލިއެވެ. ” ބުނަން ރަނގަޅުވާހަކައެއް. ކޮންމެހެން އަހަރެން ހަމްދަރުދީވާނެކަމަކަށް މިތާހުރެގެން ރޯނެ ކަމެއްނެތް. އަހަރެންގެ ހިތަށް އަސަރެއްކުރާނީ ކުޑަކޮންވެސް އަހަރެންގެ ރިމްޝާދެކެ ލޯބިވާނަމަތާ. މިއޮއްހުރިހާ ދުވަހު އަހަރެން ރިމްޝާ މިގޭގަ ބެހެއްޓީ މަސައްކަތްކުރަން. އެކަމެއްވެސް ދެން ކަލެއަކަށްނުވާނެ. އެހެންވެ މިބުނީ ހަމަމިހާރު މިގޭން ނުކުންނާށޭ.” ދަތްތަކަށް ބާރުލަމުން އަޑުގެ ނެތްކޮޅަށް އެއްޗެހި ގޮވަމުންއައިސް ރިމްޝާގެއަތުގައި ހިފާދަމާ ކޫއްތަމުންކަހަލަ ގޮތަކަށް ގެންގޮސް ބޭރަށްނެރި ދޮރުލެއްޕިއެވެ. ރޮއިރޮއި ބަލިވެފައި އިން ރިމްޝާގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށްވުރެ ހިތުގައި އަޅަމުންދިޔަ ވޭން މާގަދައެވެ. ހަސީނާ އަބަދުވެސް ރިމްޝާއަށް ނަފުރަތުކުރި ކަމުގައިވިޔަސް އެހާ ރަޙުމްކުޑަވެދާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ. އިންސާނިއްޔަތުކަމުގެ ކަންފުޅެއްހުރިނަމަވެސް އެގޮތަށް ކަންތައްކުރަންނުކެރޭނެކަން ޔަޤީނެވެ. ޖަނަވާރުންވެސް އެއެއްޗެހިންގެ ދަރީން ހިމާޔަތްކޮށް އަޅާލާވިއްޔައެވެ. ރިމްޝާގެ ހިތް އެކަށް ކުދިކުދިވެގެންދިޔައެވެ. މަންމައާއި ދޮންބައްޕަގެ އިތުރުން ދޮންބައްޕަގެ ތިންދަރިންނަށް ހިދުމަތްކުރުމުގައި މުޅިހަޔާތް ވޭތުކުރަމުންދިއުމުގެ ބަދަލު މަންމައެދިނީ ހާދަހާ ރަނގަޅަކަށެވެ. ބޭނުންކެނޑުމުން ކޮޅުފައިންޖަހާ ގޭންނެރެ އެއްލިއިރު އެމަންމަގެ ހިތަށް ކުޑަކޮންވެސް އެއްޗެކޭ ނާރަނީބާވައެވެ. ހަތަރުއުދަރެސް ފެނުޖެހިފައިވާ މީހަކުފަދައިން އަމިއްލަ ނިކަމެތިކަމާމެދު ހިތާމަކޮށް ރުއިންނޫންކަމެއް މިއަދު ރިމްޝާއަކަށް ކުރެވޭކަށްނެތެވެ. މޫނުމަތީގައި އަތްއަޅައިގެންއިނދެ ބާރަށް ރޮމުން ދަނިކޮށް ރިމްޝާގެ ކޮނޑުގައި މީހަކު އަތްބާއްވާލުމާއެކު އިސްއުފުލާ ބަލާލިއެވެ. އެވަގުތު ސިއްސައިގެންގޮސް ރިމްޝާއަށް ފަހަތަށް ޖެހިލެވުނީ އެއްވެސް އިޙްތިޔާރަކާނުލައެވެ.
…ނުނިމޭ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.



Me 1tha
Yes u re 1st dear.. congrats
Yey me first
Hii. Here is the second part.. actually 29th ga upload kuraane vaahaka buny.. but vaguthu v varakun liyelaafa mi up kohly . Hope all the readers like this part♥️????❤️?❣️?
V reethi
Thank u ary..♥️
Vrh reethi….. Maa sha Allah.. Nxt part kon irakun.?????❤️
Thank u so much aesh?♥️ ?vr happy vehje story kamudhiyaiima
Masha Allah vrh reethi..???❤?
Thanks nei bunaa hitheh.. happy to know that u liked this story♥️??
Wowww ?????… V v nice ❤️❤️❤️❤️❤️??????????… V interesting mi part ??????????… I guess limsha n rimsha are twins… Hehe maybe ingey… Keep up the good work No one ??????????… Curiously waiting for the next part ?????… I think this is the first comment shifoo No one ge story akah kuraa ???????????????…
Awwwn so sweet of u pinky shifoo.?❤️? Vedhaane hama twins ah vx.. balamaa dhw kihinei tho vany..vr happy vehje story kiyaalaafa comment kohlyma..?????❤️♥️
Wooow. V. Reethi.. When next part dear
Aww thank. U so much Xxxx dear..?❣️ next part liyevunuhaa avahakah up kohdheynan?❤️
I am a sixteen year boy who loves to read your stories.
Oh so sweet.. gud to know that u like my stories.. thank u so much❤️??
Bulha I am a 14 year girl who loves to read ur comments only????
Wow no one vvv reethivaanehen hyvany ?????
Alhe hrdha reehchey no one kyp it up sis ?????