ލިފްޓް ހަލާކުވެފައި ހުރުމުގެ ސަބަބުން ހަތަރު ވަނަ ބުރިއަށް އެމީހުން އަރަން ޖެހުނީ ސިޑިންނެވެ. މިޝްކު މާބޮޑަށް ވަރުބަލިވުމުން ޝިނާން މިޝްކު ނަގާ އަތްމައްޗަށް ލިއެވެ. ބްރީފްކޭސް އާއި އިތުރު ދަބަހެއް ދަމަމުން ރިމީޝާ ޝިނާން ފަހަތުން އެރިއިރު ދޭތެރެއަކުން އައްޔަދުގެ ބަޔަށް ބަލާލެވެއެވެ. ހަނދާންކުރަން ބޭނުންނުވާ ހަނދާންތަކެއް އޭނާގެ ސިކުނޑިއަށް އުނދަގުކުރަން ފެށުމުން ދެފަރާތަށް ބޯ ހޫރާލައެވެ. އެއަށްފަހު އޭނާގެ ކުރީގައި ހުރެގެން ސިޑިން އަރަމުން ދިޔަ ޝިނާނަށް ބަލާލަނީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.
އެޕާރޓްމަންޓް ދޮރުގެ ތަޅަށް ތަޅުދަނޑި ލައްވާލިއިރު އެތެރެއިން ހުރީ ތަޅުލާފައެވެ. ޝިނާން ހައިރާންވެފައި ބަލާލީ ރިމީޝާ އަށެވެ. ރިމީޝާ ކުރިއަށް ޖެހިލުމަށްފަހު މަޑުމަޑުން ދޮރުފަތުގައި ޓަކި ޖަހާލިއެވެ. ތިންވަނަ ފަހަރަށް ޓަކި ޖަހަން އަތް ހިއްލާލުމާއެކު އެތެރެއަށް ދޮރު ހުޅުވިގެން ދިޔައެވެ. ކުރިމަތީގައި ހުރި ނޫރާން ފެނުމުން ރިމީޝާ ދެލޯ ބޮޑުވިއެވެ. ޝިނާނަށް ހައިރާންވެފައި ނޫރާން އަށް ބަލަން ހުރެވުނީއެވެ.
“މަންމަތަ؟” ޝިނާނަށް ބުނެވުނެވެ. ނޫރާން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ރިމީޝާގެ އިނގިލީގައި ހިފައިގެން ހުރި މިޝްކު ނަގާ އުރާލިއެވެ. މިޝްކު ގަޔާނުވެފައި ނޫރާންގެ އަތް މަތީގައި އިނެވެ. އިރުކޮޅަކުން ބޮޑާހާކަން ފެށީ ރިމީޝާ ކައިރިއަށް ދާށެވެ. ނަމަވެސް ނޫރާން އަތުން މިޝްކު ނަގާކަށް ރިމީޝާއަކަށް ނުކެރުނެވެ.
“ކާކުތަ މަންމާ!!!” ފަހަތުން ނިބްރާސްގެ އަޑު ވެސް ޝިނާނަށް އިވިގެން ދިޔައެވެ. ނިބްރާސް ވެސް ހުރީ ނޫރާންހެން މިޝްކު އުރާލާހިތްވެފައެވެ. އިރުކޮޅަކުން ނޯޔާ އާއި ސަކަރާތްޖަހަމުން ކޮޓަރިން ނިކުތް ނޫރުލްހުދާ ވެސް ޝިނާން ފެނުމުން ދޮރާއި ދިމާލަށް ބަލާލިއެވެ.
“މަންމި ކައިރިއަށް ދާން” މިޝްކުގެ އަޑަށް ރިމީޝާ އިސް އުފުލާ މިޝްކު އަށް ބަލާލިއެވެ. މިޝްކު އެލިގަތުމުން ރިމީޝާ އަތްދިއްކޮށްލިއެވެ. ނުރުހިފައި ހުރި ނަމަވެސް އިތުރު އެއްޗެއް ނުބުނެ ނޫރާން ރިމީޝާ އަތަށް މިޝްކު ދިނެވެ. އެވަގުތު ވަކިވަކިން ފަހަރަކު މީހެއްގެ މޫނަށް ރިމީޝާ ބަލާލިއެވެ. ހުރިހާ މީހުން ވެސް ރިމީޝާ އަށް ބަލަން ހުރީ އަލިފާން ބެލުމަކުންނެވެ. ރިމީޝާ ޖެހިލުންވީ ވަރުން ރޫރު އަޅައިގަތެވެ. ނަމަވެސް އަތްޖެހޭ ހިސާބުގައި ޝިނާން ހުރި ތަން ފެނުމުން ނަފްސަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.
“މަންމާ!!! ދޮންތަވެސް ކުޑޫ ވެސް. ނުވެސް ބުނަމެއްނު މިކޮޅުގަ ތިބި ވާހަކަ” ޝިނާން ނޫރާނަށް ބަލާލަމުން ބުނެލިއެވެ.
“ކިހިނެއްވީ؟ ބުނުން މަޖްބޫރުތަ؟ ނުއިނދެ ތިބެ ހަނީމޫން ހަދާ މިހާރު ނިމުނީތަ؟” ހިތްހަމަނުޖެހިފައި ނިބްރާސް ފޮނުވާލި ބަހުގެ ހަމަލާއިން ރިމީޝާގެ ދޮން މޫނު ލަދުން ރަތްވެގެން ދިޔައެވެ.
“ކުޑޫ!!! މިތާ އަހަރެންގެ ކުޑަކުޑަ ދަރިއަކު އެބަހުރި. ދުލަށް އައިހާ އެއްޗެއް ބުނުމަކީ މީހާ ފާފައަށް ވެއްޓޭ ކަމެއް” ވާހަކަދެއްކުމުގައި ހަރުކަށި ކަމެއް ވިޔަސް ޝިނާން އިޚްތިޔާރކުރީ މަޑުމައިތިރިކަމެވެ.
“ރިމީ!! ދޭ މިޝްކު ގޮވައިގެން ކޮޓަރިއަށް” ރިމީޝާގެ ކޮނޑުގައި ކުޑަކޮށް ޖަހާލަމުން ޝިނާން ބުނެލިއެވެ.
“އޭނަ ހުންނަން މިގެއަކު ނެތް ކޮޓަރިއެއް” ނޫރުލްހުދާ ބުނެލިއެވެ.
“އެކީއްވެ؟ މިތާ ހުންނާނެ ކޮޓަރި. ނޯޔާ ބޭރުކޮށްފައި ވެސް ރިމީ އަށް ހުރެވޭނެ. ސަބަބަކީ ރިމީޝާ އަކީ މިޝްކުގެ މަންމައަށް ވީތީ” ޝިނާން އުނަގަނޑުގައި އަތް އަޅުވާލަމުން ބުނެލިއެވެ. ދެލޯ ހުޅުވައިގެން ރިމީޝާގެ ކޮނޑުމަތީގައި ބޯއަޅައިގެން އޮތް މިޝްކު އަށް އެ ހުރިހާ އެއްޗެއް އިވެމުން ދިޔައިރު ހިތްދަތިވެގެން ތުންފިއްތަމުން ދިޔައެވެ.
“އެމީހުން އެބުނަނީ ރަނގަޅު ވާހަކައެއް. މިބޮޑު މާލޭ މަގުމަތީ އަހަރެން އޮންނަން ޖެހުނަސް މި އަންހެނާ އާއި އެއްފުރާޅެއްގެ ދަށުގައި މަށެއް ނުހުންނާނަން” ނޫރާން ހިފީ އޭނާގެ ދެ އަންހެންދަރީންނާއި އެއްކޮޅަށެވެ. ޝިނާން ބަސް ހުއްޓުނެވެ. ކޮންމެގޮތެއް ވިޔަސް އެއީ މަންމައެވެ. ނަމަވެސް އޭނާ ރިމީޝާ އަށް ވެސް ދެރަގޮތެއް ވިޔަކަ ނުދޭނެއެވެ.
“މައްސަލައެއްނެތް. ރިމީ…. ދޭ ގްރައުންޑްފްލޯރގަ މަޑުކުރޭ… މި މިދަނީ ތަޅުދަނޑި ހިފައިގެން” ޝިނާން ބުނި ބުނުމަކަށް ސިޑިން ފައިބަން ރިމީޝާ ހިނގައިގަތެވެ.
“މިޝްކު ގެނޭ….” ނޫރުލްހުދާގެ ތަންކޮޅެއް ފަހަތުގައި ހުރި ނޯޔާ ބުނެލިއެވެ. ފަހަތަށް ބަލާލީ ޝިނާނާއި ރިމީޝާ އެކުއެކީގައެވެ. މިޝްކުގެ ހަށިގަނޑުގައި ރިމީޝާ އާދަޔާހިލާފަށް ބާރަށް ހިފާލީ މިޝްކު އޭނާ އާއި ވަކިކޮށްލަފާނެތީއެވެ.
“މިޝްކު ކަލޭ އަތަށް ދޭން ތީ ކާކު؟” ޝިނާން ކަޅިއަޅާލަމުން ނޯޔާ އަށް ބުނެލިއެވެ.
“ބަލަ އެއީ މިޝްކުގެ…….”
“އެއްވެސް މީހެއް ނޫން. މިޝްކު ހުންނާނީ މިޝްކުގެ މަންމަ ރިމީޝާ ހުރި ތަނެއްގަ. އެދަރިފުޅު މަޔަކާއި ވަކިކޮށްގެން އެއްފަހަރު އަހަރެން ކުށެއް ކޮށްފިން. ދެވަނަ ފަހަރަށް އެކުށް ތަކުރާރެއް ނުކުރާނަން” ޝިނާން އެތެރެއަށް ވަދެފައި އިރުކޮޅެއްވީތަނާ ޖީބަށް ތަޅުދަނޑިފައްޗެއް ލަމުން ސިޑިން ފައިބައިގެން ދިޔައެވެ. އެމަންޒަރު ބަލަން ހުރި ކޮންމެ މީހެއްގެ ހިތުގައި ނަފްރަތުގެ އަލިފާން ރޮއެވަމުން ދިޔައިރު މޫނުމަތި ހޫނުކަމަށް ބަދަލުވަމުން ދިޔައެވެ. އެހުރިހާ ރުޅިއެއް އެމީހުން ބާލަން ބޭނުންވަނީ ރިމީޝާއަށެވެ.
ގްރޫޕް ހަދައިގެން ސިޓިންގްރޫމް ސޯފާގައި ޝިނާންގެ އާއިލާ ކޮފީބޮމުން ދިޔައެވެ. މައިގަނޑު ގޮތެއްގައި ވާހަކަދެކެވެނީ ޝިނާންގެ ދިރިއުޅުމާއި މެދުގައެވެ. ތަނެއްގައި ބަޔަކު ތިބިއޭ ވެސް ހީނުވެ އެމީހުން ހުރަސްކޮށް ބަދިގެއަށް ގޮސް ވަން ޝިނާނަށް ނޫރާން ބަލާލިއެވެ. އަދި ޝިނާން ފަހަތުން ނޫރާން ވެސް ގޮސް ބަދިގެއަށް ވަނެވެ. ވަކިން ހުރި ކުޑަ ކަބަޑްސެޓްގައި ހުރި މަތި ބަންދުކޮށްފައި ހުރި ދަޅުތަކެއް ރަތްކޮތަޅަކަށް އަޅަން ހުރި ޝިނާން ފުރަގަހުން ނޫރާން ހުއްޓިލިއެވެ.
“ތިއޯ… ތި ދަޅުތައް ކޮންތާކަށް ތިގެންދަނީ” ނޫރާން އަހާލިއެވެ. ނޫރާންގެ އަޑު އިވުނަސް ޝިނާން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ.
“ޝިނާނާއޭ މަންމަ ވާހަކަމިދައްކަނީ” ނޫރާން ނުރުހިފައި ބުނެލިއެވެ.
“މީ މިޝްކު ކާންޖެހޭ ބައެއް ކާއެއްޗެހި. މިތަކެތި ހުންނަން ޖެހޭނީ މިޝްކު ވެސް ހުރި ތަނެއްގަ ވީމަ މިގެންދަނީ. ނޫރާން ބުނާނެ އެއްޗަކަށް ވެސް ބެލުމެއްނެތި ޝިނާން ކޮތަޅުގައި ގޮށް ޖަހަމުން ބަދިގެއިން ނިކުންނަން ހިނގައިގަތެވެ.
“މިޝްކު ކޮންމެ ތަނެއްގައި ހުއްޓަސް ދަރިފުޅު މިނޫން ތަނެއްގައި ހުންނާކަށް މަންމަ ބޭނުމެއްނޫން” ނޫރާން އިއްވާލިއެވެ.
“ހާސްނުވޭ. އަޅުގަނޑު ނިދާނީ މިބައިގަ. ޑިއުޓީ ނޫން ގަޑިތަކުގައި ވަގުތު ހޭދަކުރާނީ ރިމީ އާއި މިޝްކުއާ އެކީގަ” ފަހަތަށް އެނބުރި ވެސް ނުލާ ޖަވާބުދިނުމަށްފަހު ޝިނާން ދިޔައެވެ. ނޫރާނަށް ހުރެވުނީ ޝިނާން ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ.
*************************************
ބަދިގޭގައި ނޫޑްލްސް ހަދަން ހުރި ޝަނުމް ހުރީ އަނގައިން ލަވައެއްގެ ރާގު އަޅުވާލައިގެންނެވެ. މުޅި ބަދިގޭގައި ހިފާލާފައި ހުރީ ފިޔާ މީރު ކުރަމުންދާ އިރު އެދުވާ ހިތްގައިމު ވަހެވެެ. ނުކެއެއް ކަމަކު އެވަހުން ވެސް މީހެއްގެ ބަނޑުފުރޭނެކަން ކަށަވަރެވެ.
ކުއްލިއަކަށް ޝަނުމް ސިހިގެން ދިޔައީ ފަހަތުން ވަރަށް ބާރަށް މީހަކު އޭނާގެ ހަށިގަނޑުގައި ހިފާ ބިމުން މައްޗަށް ހިއްލާލުމުންނެވެ. ޝަނުމް އަށް އަޑުގަދަކޮށްލެވުނެވެ. އެއަޑަށް ކޮޓަރީގައި ހުމާ ފިހިފިހި އޮތް ޒާއިރާ ވެސް ބޭރަށް ނިކުތެވެ. ސިޓިންގްރޫމް ސޯފާގައި ކާރޓޫން ބަލަން އިން އައިކު ވެސް އެއްފަހަރު އަޑު އައި ދިމާލަށް ބަލާލުމަށްފަހު ދެވަނަ ސިކުންތުގައި ނަޒަރު ސީދާކޮށްލީ ކުރިމަތިން ޕްލޭ ވަމުންދާ ކާރޓޫނަށެވެ.
“ސާބަހޭ މަށޭ….” ޝަނުމް ބިރުގަތްކަން އެނގުމުން އައްޔަދު އަވަސް އަވަހަށް ޝަނުމް ބިމަށް ތިރިކުރިއެވެ.
“ދޮންބޭ!!! ބިރުން ކިރިޔާ ހަލާކުނުވީ… ” މޭގައި އަތްއަޅާލަމުން ޝަނުމް ބުނެލިއެވެ.
“ކޮންދިމާލަކުން މިއަދި އިރުއަރައިގެން ތިއުޅެނީ… އާނ އެހެންޏަ ދޮންބެ އަކީ މިހާރު ހުރިހާ ވަގުތެއްގައި ވެސް ބަލިމީހުންގެ އަޅެއް ވިއްޔާ. ހެނދުނު ޑިއުޓީވިއްޔާ ގެއަށް ތިއަންނަނީ ނިދަން. ހަވީރު ވިއްޔާ ހެނދުނު ދާނެ ހޮސްޕިޓަލަށް. މިގަޑީގަ ގެއަށްް ތިއައީ ކީއްކުރަންށޯ” ދޭފަތް އައްޔަދުގެ މޫނުމައްޗަށް ހުރަސްކޮށްލަމުން ޝަނުމް އަހާލިއެވެ. އޭރު ޒާއިރާ ވެސް އައިސް މޭޒުކައިރިން ގޮނޑިއެއް ދަމާލާފައި އިށީންނަނީއެވެ.
“ޝައްނު!!! ދޮންބެ މިހިރީ ވަރަށް އުފަލުން. މިއަދު ހިތަށް އެރީ އަވަހަށް ގެއަށް އަންނަން. އައިތަނާ ވަރަށް ހިތްހަމަޖެހޭ ކަމެއް ވެއްޖެ” ޒާއިރާ އާއި ޝަނުމް އެކަކު އަނެކަކަށް ބަލާލިއެވެ. ކޮންކަމެއްހޭ އަހާލާ ކަހަލަ ގޮތަކަށް ދެމީހުން ދެމީހުންނަށް ކޮނޑު އަރުވާލިއެވެ.
“ސައުދުބެއާއި ދިމާވީ ދޯ” ވިސްނާލަމުން ޝަނުމް ބުނެލިއެވެ.
“ނޫން… ރިމީ އަތުވެއްޖެ. އެންމެ ތިރީގައި ހުއްޓާ ފެނުނީ” ހީލަމުން އައްޔަދު ބުނެލިއެވެ. ޝަނުމް އަށް ވެސް އިހުތިޔާރަކާއި ނުލާ ހީނލެވުނެވެ. ރިމީޝާ އާއި ބައްދަލުކުރުމަށް މިހާރުއްސުރެ އޭނާގެ ހިތް އެދެން ފަށައިފިއެވެ.
“ނަސީބެއްނު. އެހެންނޫނީ މިއަދު ހަވީރު އަޔާ ފުރީހެއްނު އެރަށަށް ދާން” ޒާއިރާ ވެސް އިނދެފައި ބުނެލިއެވެ.
“ނުފުރުނީހެއްނު. މާދަމާ އެބައޮތް ކަމެއްް” ހީލަމުން އައްޔަދު ބުނެލިއެވެ. ޝަނުމް ހުރީ އައްޔަދުގެ މޫނުން ނަޒަރު ވަކިކޮށްލަން ނޭނގިފައެވެ. ހަގީގަތުގައި ވެސް އައްޔަދުގެ މޫނުމަތިން އެހެންޏާ ނުފެންނަ އުފާވެރިކަމެއް މިވަގުތު ފެންނަން ހުރުމުން ޝަނުމްއަށް ހަމަޖެހުމެއް ލިބުނެވެ. ހަގީގަތުގައި ވެސް މިހާރު އައްޔަދު އެހުރީ ހެޔޮ ވިސްނުން ލިބިފައި ކަމަށް ހިތާއި ހިތުން އެއްބަސް ވެވުނެވެ. ވުމަށް ވުރެ ނުވުން ގާތްކަމެއް ވިޔަސް އޭނާގެ ދޮންބެގެ އެކަނިވެރިކަން ފޫބައްދަން ދެވަނަ ފަހަރަށް ރިމީޝާ މެދުވެރިއަކަށް ވުމަށް އެދި ހިތުން ﷲ ށް ދަންނަވާލެވުނެވެ.
**********************************************
ފަތިހު ދުވަސް ގޮސްފައި އެނބުރި އައި އައްޔަދާއި ، ޝިނާނަށް ގެ އިންނަ މަގަށް އަނބުރާލެވުނީ ގާތްގަނޑަކަށް އެކުއެކީގައެވެ. އައްޔަދު ޝިނާނަށް ހީލިއެވެ. ބަދަލުގައި ޝިނާން ހީލިޔަސް އެމޫނުމަތިން އައްޔަދަށް މަރުހަބާ ކިއީ ދުރުކަމެވެ.
“ރުޅިއައިއްސަތަ؟” ޝިނާން އާއި އަރާ ހަަމަކުރަމުން އައްޔަދު އަހާލިއެވެ.
“ނޫން…. އަޔާ ކުރިންތަ އެވަރުގެ ކަމެއް” ޝިނާން ބުނެލިއެވެ. އައްޔަދު ބުނާނެ އެއްޗެއް ނެތިގެން އިސްޖަހާލިއެވެ. އެމަންޒަރު ލޮލުގެ އަރިމަތިން ޝިނާނަށް ފެނުނެވެ.
“އަހަރެންނަށް ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް. ޝިނާން އަހަރެންނަށް މާފްކޮށްދީ….” އައްޔަދު ބުނަން ނުބުނަން ހުރެފައި ވެސް ބުނެލިއެވެ.
“އަހަރެންގެ ނެތް ޝަކުވާއެއް. އެކަމަކު އަންހެނަކަށް އަތް އިސްކުރުމީ އަޔާގެ ވަރަށް ފިނޑި އަމަލެއް” ޝިނާން ބުނެލިއެވެ. އޭރުވެސް ދެމީހުން ހިނގަމުން އައީ މަޑުމަޑުން އެއްވަރު އެއްވަރަށެވެ.
“އެހެން އަންހެނެއްގެ އަވައިގާ ޖެހި އަމިއްލަ މީހާ ދެކެ އިންތިހާ އަށް ލޯބިވާ މީހާ އަށް އަޔާ ނުޖައްސަނީ ކޮން ހާލެއް. ކިހާ ވޭންދެނިވި ދުނިޔެއެއްގައި އޭނާ ގެންގުޅުނީ. ތި ދިރިއުޅުމުން އޭނާ ބޭރަށްތިލީ ކިހާ އިހާނެތިކޮށް. ޅަ އުމުރުގައި އޭނާގެ މުޅި ހަޔާތް ބަރުބާދުކޮށްލީ. އެންމެފަހަރަކު ވެސް ވިސްނާލިންތަ؟ އަށްއަހަރު އަޔާ އަށް އޭނާ އިންތިޒާކުރީ… އަހަރެން އޮތީ އެންމެ މައްސަލައެއް. ބޭނުންނުވާއިރު ކީއްވެހޭ އިނީ؟… ދެކޮޅު ހެދުމުގެ ބާރު ވެސް އަޔާ އަށް އޮތެއްނު” ޝިނާންގެ ވާހަކަތަކުން އައްޔަދު ވަރަށް ލަދުގަތެވެ. ރިމީޝާ އަށް އޭނާ އެކިދުވަސްތަކު މަތިން ކުރި އަނިޔާތަކާއި ދިން ވޭންތައް ހިޔާލަށް އަންނަން ފެށިއެވެ. ގޭޓާއި އަރާ ހަމަވެފައި ޝިނާން މަޑުޖެހިލިއެވެ. އަދި ހަތަރުކަޅި ހަމަކޮށް އައްޔަދަށް ބަލާލިއެވެ. އައްޔަދު ޝިނާނާއި ހަތަރުކަޅި ހަމަނުކޮށް ބަލާލީ ދުރަށެވެ.
“އަހަރެންނަށް ނުވިސްނުނީ. މިހާރު ހުރިހާ އެއްޗެއް ވިސްނިއްޖެ. އަހަރެންނަށް އެނގޭ ދެން ކިތަންމެ މަސައްކަތެއް ކުރިޔަސް ވެދިޔަތަނެއް ބަދަލެއް ނުކުރެވޭނެކަން. އެބާރު އަހަރެމެންނަށް ނެތްކަން. އަހަރެން ރިމީ ބޭނުން. އެނގޭ އެކަމަށްޓަކައި އަހަރެން ކިތަންމެ ދިގު އިންތިޒާރެއްވެސް ކުރަން ޖެހިދާނެކަން” އައްޔަދު ބުނެލިއެވެ. ޝިނާންގެ ހިތް ތެޅިލިއެވެ. އައްޔަދުގެ ވާހަކަތަކުން އޭނާ އަދިވެސް ރިމީޝާ އާއި އިންނަން ބެނުންވާކަން އެގުނެވެ. ރިމީޝާ ވެސް އައްޔަދު ދެކެ އަދިވެސް ލޯބިވާކަން ޝިނާނަށް އެނގެއެވެ.
“އެންމެފުރަތަމަ އަހަރެން ބޭނުމީ ރިމީގެ މާފް” އައްޔަދު ބުނެލިއެވެ.
“ތިކަން ވެދާނެހެން ހީވޭތަ؟” ޝިނާން އަހާލިއެވެ.
“ހީވޭ. އެކަމަކު ޝިނާންގެ ކުޑަ އެހީތެރިކަމެއް ބޭނުން” އައްޔަދު ބުނެލިއެވެ.
“ނޫން. ނުލިބޭނެ. އަޔާ އާއި ރިމީ ގުޅުވަން އަހަރެން އެއްވެސް ކަމެއް ދެނެއް ނުކޮށްދޭނަން. އަމިއްލަ އަށް ކަރަށް މަހާލި މަޅި އަމިއްލަ އަށް ނެގޭތޯ ބަލާ. އެ ދެމެދަށް މަ ނުވައްދާ” ޝިނާން ހިތްހަމަނުޖެހިފައި ބުނެލިއެވެ. ޝިނާން ގޭޓުން ވަދެގެން ދިޔައިރު ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. އެއްފަހަރު އޭނާ އައްޔަދަށް އިތުބާރުކޮށް ރިމީޝާގެ އަތްތިލަ އައްޔަދުގެ އަތްތިލަ އާއި ގުޅުވާލަދިނެވެ. ނަތީޖާ ނިކުތީ ވަރަށް ނުބައި ކޮށެވެ. އަނިޔާ އާއި ވޭން ތަހައްމަލް ކުރަން ޖެހުނީ ކުށެއްނެތް ރިމީޝާ އަށެވެ. ރިމީޝާ އަށް އެލިބުނު ހިތާމައިގާ ޝިނާންގެ އިހުމާލެއް ވާކަމަށް އޭނާ ގަބޫލުކުރޭއެވެ. ސަބަބަކީ އެކައިވެންޏަށް އައްޔަދު ދެކޮޅު ހެދުމުގެ ކުރިން ޝިނާންގެ ހިތް އޮތްގޮތް ބެލިއެވެ. އެދުވަހު އޭނާގެ ހިތް ރިމީޝާ އަށް އެދޭކަން ހާމަކުރިނަމަ ކިތަންމެ ކަމެއް ބަދަލުވީހެވެ. ފަހަރެއްގައި އެ އަނިޔާ އިން ރިމީޝާ އަށް ބޭރުވެވުނީހެވެ. ދެވަނަ ފަހަރަށް އޭނާގެ ނޭފަތުން ނޭވާ ލެވޭހާ ހިނދެއްގައި އައްޔަދާއި ރިމީޝާ ގުޅެން އޭނާ ނުރުހޭނެއެވެ. މިފަހަރު ރިމީޝާގެ ހަޔާތަށް އަންނަން ޖެހޭނީ ރިމީޝާ ލޯބިނުވާ އެހެނަސް ރިމީޝާ ދެކެ ހިތާއި ފުރާނައިން ލޯބިވާ ފަރާތެކެވެ. ދިރިއުޅުން ބާއްޖަވެރިކުރާނެ އެއަށްވުރެ ރަނގަޅު އެއްވެސް ގޮތެއް ނެތެވެ. އެއީ އޭނާ ދެކޭ ގޮތެވެ.
***************************************
ވަރި ސާބިތުކުރަން ކޯޓަށް ވަނުމަށްފަހު ރިމީޝާ މަސައްކަތްކުރީ ފަހަތުގައި އިން އައްޔަދަށް ބަލާނުލާވޭތޯއެވެ. ކައިރީގައި ޝިނާން ވެސް އިނެވެ. އައްޔަދުގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް ރިމީޝާގެ މޫނަކުން ނައްޓައިގެނެއް ނުދެއެވެ. އެކަން ރިމީޝާ އަށް ފާހަގަވާ ވަރަށް އޭނާ ރިމީޝާ އަށް ބެލިއެވެ. ގާޒީ އަރިއަހަށް ވަނުމަށްފަހު ރިމީޝާ އިންނަން ޖެހުނީ އައްޔަދުގެ ކައިރީގައެވެ. ގާޒީ ކުރި ސުވާލުތަކަށް އައްޔަދު ވެސް އަދި ރިމީޝާ ވެސް އައީ ތެދުބަހުން ޖަވާބުދެމުންނެވެ. ދެން ދެމީހުން އިންނަން ބޭނުންވެއްޖެ ހާލަތެއްގައި ކަންތައް ކުރަންޖެހޭނެ ގޮތް އެވަގުތު ގާޒީ ދެމީހުންނަށް ވެސް ކިޔާދެމުން ދިޔައެވެ. ރިމީޝާ އިނީ އިސްޖަހާލައިގެންނެވެ.
ހުރިހާ ކަމެއް ނިމި ކޯޓުން ނިކުންނަންދެން އައްޔަދު ހީކުރީ ރިމީޝާ އޭނަ އަށް ބަލާލާފައި ހިނިތުންވުމެއް ދޭނެ ކަމަށެވެ. ހާލު ބަލާލާނެ ކަމަށެވެ. ނަމަވެސް އައްޔަދުގެ ކުރިމަތިން ލާފައި ޝިނާންގެ ސައިކަލް ފަހަތަށް އަރައިގެން ރިމީޝާ ދިޔައީ އައްޔަދުގެ ހިތް މުޅިން މާޔޫސްކޮށްލާފައެވެ. ރިމީޝާގެ އަމަލުތައް ހުރި ގޮތުން ކުރިން ވާހަކަދައްކަން އައްޔަދު ވެސް ފަސްޖެހުނީއެވެ.
*****************************************
ތިން ދުވަހަށްފަހު ގިރިފުށިން ޝިނާން އެނބުރި އައި ދުވަހެވެ. ހެނދުނު ގެއަށް އައިސް ޝިނާން ވަނީ ލައިގެން ހުރި ހެދުން ބަދަލުކޮށްލުމަށެވެ. ކާމޭޒު ކައިރީގައި ހެނދުނުގެ ސަޔަށް އިންސާފުކުރަން ނޫރާން ، ނޫރުލްހުދާ އަދި ނިބްރާސް އިނެވެ. ޝިނާން އެދިމާލަށް ބަލާވެސް ނުލާ ކޮޓަރިއަށް ވަނެވެ.
“މަންމާ!! ޝިނާން ކޮއްކޮއަށް ކިހިނެއްވެފަ އެހުރީ. އަޅުގަނޑުމެން މީ އެއްބަނޑުއެއްބަފާ ދައްތަމެންނޭ ހިތަށް ވެސް ނާރާ… އެދެން މީހުން އުޅެންވާގޮތްތަ؟” ހިތްހަމަނުޖެހިފައި ނިބްރާސް ބުނެލިއެވެ.
“ވަރަށް ރަނގަޅަށް ފަންޑިތަ ކާންދީފަ އެހެރީ… ބާރު ކެނޑެން ދުވަސްތަކެއް ނަގާނެ” ކޮފީތަށިން އެތިފޮދެއް ބޯލަމުން ނޫރާން ބުނެލިއެވެ. އެވަގުތު ޝިނާން ލައިގެން ހުރީ ޓީޝާޓް އެހެން ޓީޝާޓަކަށް ބަދަލުކޮށްގެން މައި ދޮރުން ނިކުންނަން ދިޔައެވެ.
“ދަރިފުޅާ ނާނު!!! އާދެބަލަ މިކޮޅަށް” ލޯބިން ނޫރާން ގޮވަލިއެވެ.
“އިށީނދޭ ސައިބޯން. މަންމަ މިއަދު ސައިހެދީ ދަރިފުޅާ އެއްކޮށް” ދެބަހެއްނެތި ޝިނާން ގޮނޑި ދަމާލާފައި އިށީނެވެ. މޭޒުގައި ޖާގަ ހުރި ގޮތުން ޝިނާނަށް އިނދެވުނީ ނޫރުލްހުދާ އާއި ނިބްރާސްގެ ކުރިމައްޗަށެވެ.
“މާ އަވަސް އަރުވާލައިގެން ކޮންތާކަށް ތިދަނީ…” ޝިނާނަށް ތައްޓެއް ކައިރިކޮށްދެމުން ނޫރާން އަހާލިއެވެ.
“މިޝްކޮ ކައިރިއަށް” ޝިނާން ބުނެލިއެވެ.
“ނަމެއްގަ މިޝްކޮ. އެކަމަކު ވަދެ އޮންނާނީ އެ ރަންޑިގެ އުނގަށް” ފާޑަކަށް ނޫރުލްހުދާ ބުނެލިއެވެ. ޝިނާން ނުރުހުން އެކުލެވިފައިވާ ދެލޮލުން ނޫރުލްހުދާ އަށް ބަލާލިއެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ މަންމާ. އަޅުގަނޑު ބަނޑު ފުރިއްޖެ” ޝިނާން ތެދުވެގެން ހިގައިގަތެވެ.
“އޭރުވެސް ބުނީމެއްނު މަންމަ ލަދުގަންނާށޭ އޭނަ ކައިރީގައި ސައިބޯށޭ ބުނާނީ. އެދަނީ އެބަޔަށް. މަންމަ ދޭނީ ޒަހަރު. އެ ހަންޑި ދޭނީ މީރު ކާނާ. އުޅުމެއްނެތްކަން އެބަ އެނގެއެއްނު. ކުރެވުނު ކައިވެނިވެސް ވީ ނާކާމިޔާބު” ނިބްރާސް ގެ އެޖުމްލަތަކުން ނިކުންނަން ދިޔަ ޝިނާންގެ ފައިގާ ތަޅެއް އެޅުވުނު ކަހަލައެވެ.
“ބުނަން. ވަރަށް ކެތްކޮށްފިން. މީހުންނާއި ދިމާލަށް ބުނެލަން ތި ދުލުން ބަސް ބޭރުމުގެ ކުރިން ވިސްނާލާ. ނޫނީ އެބަސް ރައްދުވާ ފަރާތުގެ ކަރުނަތައް ތިމާ މީހުންނަށް ޝަޒާ ދެއްވުމުގެ ސަބަކަށް ވެދާނެ” އެނބުރިލާފައި ޝިނާން އޭނާގެ ދެ ދައްތަ އަށް އިޝާރާތްކޮށް ބުނެލިއެވެ. ނިބްރާސް ތުން އަނބުރާލިއެވެ. ނޫރުލްހުދާ ބަލާލީ ނޫރާން އަށެވެ. އެމީހުންގެ ދިފާއުގައި ނޫރާން ބަހެއް ކިޔާތޯއެވެ.
“އަދި އެއްވާހަކަ. މީހުންގެ ދިރިއުޅުމަށް ފާޑުނުކިޔާ ދޮންތަ އާއި ކުޑޫގެ ދިރިއުޅުން ސަލާމަތްކުރެވޭތޯ ބަލާ. އަދިވެސް ތިއުޅެނީ އިންނާނެ ރަނގަޅު ފިރިހެނަކު ނުލިބިގެން. އަމިއްލަ އަށް ވިސްނާބަލަ ތިމާ މީހުންގެ ހުރީ ކޮން މައްސަލައެއްތޯ” ޝިނާން ދޫކޮށްލި ވިހަގަދަ ބަސްތަކުން ހަމަ ރަނގަޅަށް ވެސ ނޫރުލްހުދާ އާއި ނިބްރާސް އަނގަ ހުތްވިއެވެ.
“ލަދެއްވެސް ނުގަނޭދޯ… ބަލަ ހަނދާންނެތުނީތަ މީ ކޮންބައެއްކަން” ނޫރާން ހިތްހަމަނުޖެހިފައި ބުނެލިއެވެ.
“ކުރިން ކިޔަމަންތެރިވިން. ފާޅުގައި އެއްޗެހި ބުނަން މަޖްބޫރު ކުރަނީވެސް އެދެމީހުން. މަންމަ ކީއްވެތަ އެމީހުންނަށް ވިސްނާ ނުދެނީ؟ އަޅުގަނޑުތަ ނޫނީ ދޮންތަ އާއި ކުޑޫ ތަ މަންމަގެ ބަސްގަބޫލު ނުކުރީ” ހިނދެއް ހިނދަކަށް ޝިނާންގެ އަޑު ބާރުވަމުން ދިޔަސް އެއީ އޭނާގެ މަންމަ ކަން އެނގި ވާހަކަދެއްކުމުގެ ރާގު ބަދަލުކުރިއެވެ. އެހެނީ މަންމަ ވާނީ މަންމައަށެވެ. މަންމަ އަށް ބުނެވޭ ނުރުހުމުގެ ބަހެއްގެ ސަބަބުން ނަރަކައިގެ އަލިފާނަށް ހުށަހެޅޭކަށް ޝިނާން ބޭނުމެއްނުވޭއެވެ.
“އަޅާނުލާ މަންމާ! އަހަރެމެން ކޮއްކޮ ތިދާ ތަނަކަށް ދިޔަ ނުދީ އެބަ ހުއްޓުވަންތަ. ދިޔައިމަ ވީއެއްނު” ރޮވިފައިވާ އަޑަކުން ނޫރުލްހުދާ ބުނެލިއެވެ.
“އެއްޗެއް ނުބުނަން ހުރީ. އެކަމަކު ދޮންތަ އާއި ކުޑޫ ހިތްކިޔައިގެން އުޅޭ މީހެއްދެކެ ރިމީޝާ ލޯބިވީތަ ދޮންތަމެން އޭނާ ދެކެ ތިހާ ނަފްރަތެއް ތިކުރަނީ. ކޮންމެ ކަމަކަށްވެސް ހައްދެއް އޮންނަން ވާނެ…… މަންމާ!!! އަޅުގަނޑަށް މަންމަ ދެރަވާ ވަރުގެ ނޫނީ އަޅުގަނޑަށް ބުނެވުނު ބަހަކުން މަންމަގެ ހިތަށް އަސަރކުރިނަމަ އަޅުގަނޑަށް މާފްކޮށްދެއްވާ” ޝިނާން އެބައިން ނިކުތެވެ. ތަނަށް ވެރިވެފައިވި ހިމޭންކަމުގައި އެކަކު އަނެކަކަށް ބަލަން ހުރުމަށްފަހު އެމީހަކު އެމީހެއްގެ ކޮޓަރިއަށް ވަނެވެ.
****************************************
މިޝްކު ނިންދަވާފައި ރިމީޝާ ގޭ ސިޓިންގްރޫމަށް ނިކުމެލިއެވެ. ޓީވީ ޖައްސާލީ ކުރާނެ ކަމެއް ނެތިގެން ފޫހި ފިލުވާލުމަށެވެ. ނަމަވެސް އޭގެން ވެސް ރިމީޝާ މާ ހިތްހަމަޖެހޭ ޗެނަލެއް ނުފެނުމުން ނިވާލިއެވެ. ބަދިގެއަށް ވަނީ މީރު ކާއެއްޗެއް ތައްޔާރުކޮށްލުމަށެވެ. ވަގުތުގެ ބޭނުން ހިފދާނެ ރަނގަޅު ގޮތެކޭ ހިތާ ރިމީޝާ ލައިގެން ހުރި ޓީޝާޓްގެ އަތުކުރި އޮޅާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ބަދިގެއަށް ނުވަދެ ހުއްޓުނެވެ. މީރު ކާއެއްޗެއް ހަދަނީ ކާކު ކާން ހެއްޔެވެ؟ ކާން ހުރި މީހާ ކައިގެން މިހާރު އޮތީ ނިދާފައެވެ. ރިމީޝާގެ ހިޔާލު ބަދަލުވިއެވެ. އަލުން ބަދިގެއިން ނިކުމެ ފޯނު ހިފައިގެން ގޮނޑީގައި ޖައްސާލީ ޒޯހަލް އިނީ އޮންލައިންގަތޯ ބަލަމުންނެވެ. ވާހަކަދައްކާލެވުނިއްޔާ ޔަގީނުން ވެސް ފޫހިފިލާނެތާއެވެ.
ކޮޓަރިއަށް ވަދެ ވަދެ ހުރި ރިމީޝާ ހައިރާންވީ ދޮރުގެ ބެލް އަޅާލި އަޑަށެވެ. ރިމީޝާ އަށް ބަލާލެވުނީ ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ގަޑިއަށެވެ. ގަޑިން ދިހައެއް ޖަހަނީއެވެ. މިވަގުތު އެބަޔަށް އަންނާނީ ކާކު ހެއްޔެވެ؟ ދެވިސްނުމެއްގައި ހުރެފައި ރިމީޝާ ދޮރާއި ދިމާލަށް ދިޔައެވެ. ކުޑަކޮށް ހާސްވެފައި ހުރެ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި އިސްޖަހާލައިގެން ހުރި އައްޔަދު ފެނުމުން ރިމީޝާ އަށް ވީގޮތެއް ވެސް ނޭނގުނެވެ. ފާޑަކަށް ބަލަން ހުރެވުނީއެވެ. ދެވަނަ ސިކުންތުގައި ރިމީޝާ އަށް ހަމަހޭވެރިކަންވެ ދޮރު ލައްޕަން އުޅެނިކޮށް އައްޔަދު ކުރި ކަމަކުން ހަގީގަތުގައި ވެސް ރިމީޝާ ގަނޑުވިއެވެ. ރިމީޝާގެ ފައި ބުޑަށް ވެއްޓި އައްޔަދުގެ ދެއަތުން އެވަނީ ރިމީޝާގެ ދެފައިގާ ހިފަހައްޓާފައެވެ. ހަދަންވީ ގޮތެއް ރިމީޝާއަކަށް ނޭނގުނެވެ. ލަސްލަހުން އޭނާ އަށް އައްޔަދާއި ދިމާލަށް ބަލާލެވުނެވެ. އަނގަމަތީގައި އަތް އަޅާލެވުނީ ބޯ އުފުއްލާ ރިމީޝާ އަށް ބަލަން ހުރި އައްޔަދުގެ ދެލޮލުން ވެއްޓުުނު ކަރުނަތިކި ރިމީޝާގެ ހެދުން ތެރެއަށް ހިނދިގެން ދިޔުމުންނެވެ. ރިމީޝާ އަވަސް އަވަހަށް ދުރަށް ޖެހުނެވެ. ދޮރުފަތުން އަތް ދޫކޮށްލުމަށްފަހު އޭނާ ކުޑަކޮށް އެތެރެއަށް ޖެހިލިއެވެ. އޭރު އައްޔަދު ކުށްވެރިއެއް ފަދައިން އިސްޖެހިފައި ކުރު ކަކޫ މައްޗަށް ދޮރު ބުޑުގައި އިނެވެ. ރިމީޝާގެ ހިތުގައި ރިއްސާލިއެވެ. އެއީ އެއްއިރެއްގައި އޭނާ އެމީހެއްގެ ލޯތްބަށް އެދި އެތައް އިންތިޒާރެއް ކުރި ލޯތްބެވެ. އަދި އެލޯބި ކާމިޔާބުވެ އަންބެއްގެ ދަރަޖަ ލިބުނު އިރު ކައިވެނީގެ ފޮނި ރަހައިގެ ބަދަލުގައި އޭނާގެ ކަރު ބުނޑުގައި ހިތި ރަހައެއް ލައްވާލި މީހާއެވެ. އެއްވެސް ރަހްމެއްނެތި އޭނާ ތިންފަށުން ވަރިކޮށް ގެއިން ނޭރަށްލި އަނިޔާވެރިޔާއެވެ. އެހުރިހާ ކަމަކަށް ފަހުގައި ވެސް ރިމީޝާ އަށް އެއްކަމެއް ޔަގީންވެއްޖެއެވެ. އައްޔަދަށްޓަކައި އެހިތުގައިވާ ލޯބި އަދިވެސް ފުންކަމެވެ. ކިތަންމެ ފަހަރަކު އައްޔަދު ނަގާ ބައްދާލަން ހިތް ބުނަން ފަށައިފިއެވެ. ނަމަވެސް އެއީ ރިމީޝާ އަށް ކުރެވެން ނެތް ކަމެކެވެ. ހިތް އެދުނަސް މިހާރު ލިބެން ނެތް ލޯތްބެކެވެ.
ކުރުކަކޫ މައްޗަށް ތިރިވެ ރޮމުން ދިޔަ އައްޔަދަށް ނުބަލަން ރިމީޝާ ދުރަށް ބަލާލިއެވެ. ދެލޮލަށް ޖަމާވި ކަރުނަގުޅަވަރު ވެއްޓުމުގެ ކުރިން އަތުން ފޮހެލިއެވެ.
“ތީ ކޮން ސަމާސާއެއް. ނިކުމޭ މިތަނުން. އަހަރެން ދޮރު ލައްޕަންވެއްޖެ” ނުރުހިފައި އިރުކޮޅެއްގެ ހިމޭންކަމަށްފަހު ރިމީޝާ ބުނެލިއެވެ.
“ނޫން… ރިމީ!!! އަހަންނަށް މާފްކުރޭ… އަހަރެން ބަދަލުވެއްޖެ…. އަހަރެންގެ މުޅި ހަޔާތް ބަދަލުވެއްޖެ” ރޮވިފައިވާ އަޑަކުން އައްޔަދު ބުނެލިއެވެ. ރިމީޝާ އަށް ބަލާލަމުންނެވެ. މިލާފައިވާ އައްޔަދުގެ މޫނަށް ނުބަލަން މަސައްކަތް ކުރަމުން ރިމީޝާ ފުރަގަސްދިނެވެ.
“އެހެންވިއްޔާ އަމިއްލަ ނަފްސަށް އުފާކުރޭ… ރޯދަ ހިފާ…. ޞަދަޤާތްކުރޭ… ނަދުރު ބުނޭ… ތިކަހަލަ ހަރު ހިތެއްގެ ވެރިއެއްގެ ނަފްސު އިސްލާހުވިއްޔާ އެއީ އެކަލާނގެ ކުޅަނދުންވަންތަކަން…… އެކަލާނގެ އިރާދަފުޅުން ތިފަދަ ބަދަލެއް އައީތީ އަހަރެން ވެސް އުފާކޮށްފިން” ރިމީޝާ ބަލާވެސް ނުލާ ބުނެލިއެވެ.
“ރިމީ އަހަރެންނަށް މާފް ނުކުރާނަންތަ؟” އައްޔަދު އަހާލިއެވެ.
“އަހަރެންގެ މާފް މީހަކަށް މުހިއްމުވާން އަހަރެން މީ ކާކު؟” ރިމީޝާ ބުނެލިއެވެ.
“ރިމީ… އައި ލަވް ޔޫ…. ވަރަށް ބޮޑަށް…..” ރިމީޝާ އަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އައްޔަދު އެފަދަ ފޮނިފޮނި ބަސްތައް ވަނީ ކުރިން ވެސް ބޭނުންކޮށްފައެވެ. އޭރުގައި ރިމީޝާގެ ހިތަށް އެބަސްތަކުން އުފާވެރިކަން ލިބުނަސް މިހާރު އައްޔަދު އެހެން ބުނާ އަޑު އިވުމުން ރިމީޝާ އަށް އެއްވެސް އަސަރެއް ނުކުރިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.





?????
salaam! mi bai ves huriha kudhinnah kamudhaane kamah heekuran. 23 vana bai maadhama havyru genesdheveytho masakkai kuraanan. insha allah 🙂
nice
Wow…. Nice ❤️❤️❤️… Rimee ragalhah thi hedhy… Ayadhu aaa dhn nugulheythi Rimee… Rimee n shinaan v v v gulhey ???… Curiously waiting for the next part… Keep up the good work ushaali ???…
‘O’ mihaaru eba get vey vaane goeh rimeege kuhjeh noon dhw mishk akee noyage kuhjeh dhw….. ekamaku ves dhn ayyadh aa rimee nugulhuvahchey ayyadh badhal vias v foohi eyna… love u ushaali? waiting for tha next part
hama asluvx noya ge kujje baa… that wud b soooo shockin… thihen buneema mi hadhan v kureege prteh ga bunefa in gothun shinan n noya had a relation in the past dhw…..
nice
Shinan ah hpns liben vx beynun but ayaa mihaaru ulhey gothun hama ayaa n rimee gulhey hivvanee but dhen hiyeh nuvey ehen vedhaane hene… lets c dhw vaa gotheh… v nice mi prt mihaaru maa kiyaa hivvey mi story… keep up the gud work dear???
Very nice Waiting for next part please upload next part fast
vvvvv reethi…… whn will be nxt part… waiting
Mi partvxhama v obi… ☺☺☺☺waiting 4 nxt prt❤❤❤❤❤❤ lotx of luv ???????
21 part ga ushaali aa dhimaalah baehkudhin cmnt cohfa huree v kadakon so sad ushaali ah olhifa ineema e part ga vareege kanthah rangalhu kohlaafa inee visnaigen kiyaafihyaa ingeyne… konme meehakee ehaa furihama meeheh noon mistak eh hedhidhaane hama dear ushaali keep it up i love you r storys ❤???
Yes no one is perfect
I love her stories
V intresting story eh mi ee.. v kiyaahithun mi kiyany.. Kamana ves beynumee ayaa n rimy gulhen.. dhn neynge dho.. rimyves ehn vyma ayaa dheke v foohi vaane.. gaazee buny keekeytha edhemyhun alun gulhen beynun vejjeyya kihineh hadhan jeheynee..
shinaan happy ga hunnan beynun vany…ekam ayaa rangalhu v ma ayaa ah rimee nulibijjehya vx varah dheravaane….lets see dhw what happens next…eagerly waiting 4 the next part…luv u Ushaali♡♡
Wow vara salhi
then ayaa aa nugulhuvaathi. eyrun v hafhivaane. mihaar loabi libenvy shinaanah.
ayaa ah kithah furusathu libunu..ekamu beyvafaatheri v …ayaa aa rimy gulhijeyya musthaqubaluga libey kudhinnah asaru kuraane themyhunnakyves thelesyniyaa keriyarunna v ma..ehen kamunn stry rythivaany sinaan n rimy gulhunyma…sinaan kahala oaga theri keitheri meehaka ufaaverikan libun haqqu..plx plx sinaan aa gulhuvabaa…ginafaharah n2 faharah ves haqeeqee loabi vevey..rimy ayya deheke loabi vi varah vure maa boadah sinaan dheke loabi vejjeyya vvv rythi vaane..mishko ge aslu mamma akee rimy dhw..noya ah nuhadhaathi plx plx…happy endin neh genes dhechey..miskoge hunnany kn bayyeh …vaahaka feshunu iru vaanuvaa olhunas mihaaru vvvv reethi keep it up ,,,maadhama haveeru part fudhey varaka dhigu kolachey…handhaan koh miskoge main bafain dhuru nukurachey..sinaan and rimy gulhuva..
Varah reethi vaahaka avahah upload Koh dhehchey
Rimy n sinan gulhuvadhy plx
V. Reethi
Ayyadh ah furusathu libunu… anekkaa ayaa aa rimeee gulheykah beynumeh noon…. plxxxxx ushaa dhen shinaan happy kohdheebala… anekkaa shinange family aissgen rimee aa shinan ah emeehunge faraathun dheraeh nudheythi
adhi ves rimeesha dhaane ?ayyadh ai rimeesha gulhyne kameh neh dhen gulhen vi shinaan ?dhen balan vi thimaa dhyke loabi vaa meeheh