Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން އިހުސާސެކޭ 15

Aishasha Level 310 Stories100 Login
August 7, 2018 8 Mins Read
7 Comments

އެންމެފަހުން އަނާނީއަށް ނޯވެވިގެން ޔާނިއުގެ ނަންބަރަށް ގުޅަން ފެށިއެވެ. ވަރަށް ގިނައިރު ފޯނު ރިންގުވެފައި، ކެނޑެން އުޅޭހެން ހީވެ، އަނާނީ ކަރުއެލުވާލާފައި ވަނިކޮށް އެކޮޅުން “ހަލޯ”އޭ ބުނެލި އަޑު އިވުނެވެ. އެ ބަރު އަޑު ޖެހުމުން އަނާނީގެ ހިއްސުތައް އެކީ ހޭލައްވާލައިފިއެވެ.

“ޔާން ނިދަނީ ދޯ..” އެއްޗެކޭ ބުނަން ނުކެރިފައި އޮވެ ވެސް، ވަރަށް ހިތްވަރު ކޮށްފައި އަނާނީ ވާހަކަ ދައްކަންފެށިއެވެ.

“ކާކު؟” ޔާނިއުގެ އަޑުން ހީވަނީ ނިދާފައި އޮވެފައި ފޯނު ރިންގުވުމުން ހޭލެވިގެން އުޅޭހެނެވެ.

“އަނާނީ މިއީ. މިސް ވެގެން ގުޅާލީ..” އަނާނީ ތުންފަތުގައި ދަތްއަޅައިލިއެވެ. ޔާނިއުގެ ނިިދި ހަލާކުކޮށްލުމުން ރުޅި ނާންނާނެ ކަމެއްވެސް ނޭނގެއެވެ.

“ނުނިދަން؟” ޔާނިއު ސުވާލުކޮށްލިއެވެ.

“ނުނިދިގެން މި އުޅެނީ. ވަރަށް ފިނި.” އަނާނީ ބުނެލިއެވެ.

“ވޮނަ މީޓް އަޕް؟” ޔާނިއު އާދައިގެ ގޮތަކަށް އަހައިލިއެވެ.

“ވަޓް؟” އަނާނީ ހީކުރީ ޔާނިއު ނިދީގައި އޮވެގެން ވާހަކަ ދައްކަނީ ކަމަށެވެ.

“ދިމާވާން ބޭނުންހޭ.” ޔާނިއު ދިވެހިން ބުނެލިއެވެ. އަނާނީ ހުރީ ހައިރާންވެފައެވެ. އެހާ ފަސޭހައިން ދިމާވާން ބުނެފާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ޔާނިއު އެހުރީ ހަމަހޭގައި ކަމާމެދު ޝައްކެވެ.

“އާ ޔޫ ޝުއާ؟ އެކެއް ޖަހަނީ…” އަނާނީ ގަޑިން ވީވަރު ބުނެލިއެވެ.

“އަނާނީ ބޭނުން ނުވަންޏާ އޯކޭއޭ. އިޓް ވޯޒް ޖަސްޓް އެން އައިޑިއާ. އޯކޭ ގުޑްނައިޓް އިނގޭ. މިކަހަލަ ފިނި ރެއެއްގަ ދެން އިތުރު ކަމަކަށް ކުރެވޭނެ ކަމަކީ ނިދުން.” ޔާނިއު އެއްމިޔަކަނުން ހީނލި އަޑު އަނާނީއަށް އިވުނެވެ.

“ހިނގާބަ ދިމާކުރަން!” އަނާނީ އަވަހަށް ބުނެލިއެވެ. ޔާނިއު ފޯނު ކަނޑާލަފާނެކަމުގެ ބިރު އޮތުމުންނެވެ.

ހަޤީޤަތުގައި ޔާނިއު ދިމާކުރުމުގެ ވާހަކަ ދެއްކީ ސަމާސާއަކަށް ހަދާފައެވެ. ނަމަވެސް އަނާނީވެސް އެގޮތް ބޭނުންވެފައި ވާކަން އެނގުމުން ފުރަގަސްދޭކަށް ޔާނިއު ބޭނުމެއް ނުވިއެވެ. އެހެންކަމުން، ތައްޔާރުވެލައިގެން ފަނަރަ ވަރަކަށް މިނިޓު ތެރޭގައި އަނާނީ ބަލާ ދާނެ ކަމަށް ބުނެފައި، އަނާނީވެސް ތައްޔާރުވެގެން ހުރުމަށް ޔާނިއު ބުންޏެވެ.

އަނާނީ ތައްޔާރުވާން ފެށިއެވެ. ދަންވަރަކަސް ނަލަ ހެދުނެވެ. އެހާ ދުވަސްކޮށްފައި ޔާނިއު ކައިރިއަށް ދެވޭތީ އުފާވެފައި ހުރިލެއް ބޮޑުކަމުން، އެއީ ހުވަފެނެކޭ ވެސް ހީވާ ވަގުތުކޮޅުތައް އާދެއެވެ. އެންމެފަހުން ސެންޓު ޖަހާލައިގެން ފޯނު ޖީބަށް ޖަހާފައި އަނާނީ ވަރަށް މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ފުރަތަމަ ބޯދިއްކޮށް، ބޭރުގައި މީހެއް ނެތް ކަން ޔަގީންކޮށްލިއެވެ. އެއަށްފަހު ކޮޓަރި ތަޅުލާފައި، ލަސް ފިޔަވަޅު ތަކެއްގައި ގެއިން ނުކުންނަން ދާން ހިނގައިގަތެވެ. ދޮރާ ހަމައަށް އާދެވުމުން ދޫކޮށްލަން އުޅުނު ފުން ނޭވާ އެތެރެހަށީގައި ތާށިވީ، ފަހަތުން ދޮރެއް ހުޅުވުނު އަޑަށެވެ.

“ޕިސްޕިސް” ލޫކަސް އިރުކޮޅަކު އަނާނީއާ ދިމާއަށް ބަލަން ހުރެފައި، ދެފަރާތަކަށް ބޯހޫރުވާލައިފައި ބަދިގެ ފަރާތަށް ގޮސް ގެއްލުނެވެ. އަނާނީގެ ހިތަށް ހަމަޖެހުމެއް ލިބުނީ ލިއުޝާއަށް ނުވުމުންނެވެ. ލިއުޝާ އާއި ފައިސަލްގެ ނިދިގަދަ ކަމަކީ އަނާނީގެ ނަސީބެކޭ އޭނާ ހިތަށް އެރިއެވެ. ނޫންނަމަ މިގޮތަށް ދަންވަރު ޔާނިއު ކައިިރިއަށް ނުދެވުނީހެވެ.

އަސްލު ފިނިކަން އަނާނީއަށް އިޙުސާސް ވީ ބޭރަށް ނުކުމެވުމުންނެވެ. ޔާނިއުއަށް ވެސް އެގެއާ އަރާ ހަމަކުރެވުނީ ހަމަ އެވަގުތަށެވެ. އަނާނީ ހީކަރުވައިގަނެގެން ދެއަތް ދެއަތާ އުނގުޅަމުން އަންނަ ތަން ފެނިފައި ޔާނިއު ކުޑަކޮށް ހީނލިއެވެ. އަނާނީ ނުބަލަން އުޅުނަސް އެ މަންޒަރު ވަރަށް ރީއްޗަށް ފެނުނެވެ. އެ މޫނު ގާތުން ފެނުމާއެކު ގައިން ހީބިހި ހިލުވައިލީ ފިނި ވީމާވެސް ނުވާ ކަހަލަ ގޮތަކަށެވެ.

މިރޭވެސް ޔާނިއު އަނާނީ ގޮވައިގެން ދިޔައީ އޭނާގެ ގެއަށެވެ. އަނާނީ އުފާވެފައި ހުރިލެއް ބޮޑުކަމުން އެންމެ ހިނދުކޮޅަކަށްވެސް ދަތްތައް ފޮރުވިގެންނެއް ނުދެއެެވެ. މިކަން ޔާނިއުއަށް ނޭނގުނީ އަނާނީ ސައިކަލުގެ ފަހަތުގައި އިނުމުންނެވެ. ނޫންނަމަ އެ ހިނިތުންވުން ފެނިފައި ޔާނިއުވެސް ސުވާލު އުފައްދާނެއެވެ.

ޔާނިއުގެ އެޕާޓުމަންޓަށް ވަދެވުމާއެކު އެހިސާބުން އަނާނީ އެ ހިނިތުންވުން ފޮރުވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ހިތް ތެޅޭލެއް ބާރުކަމުން ޔާނިއުއަށް އަޑު ނީވޭނެބާއޭ ހިތަށް އަރައި، ބިރުގަތެވެ. އޭރުން ޔާނިއު އަނާނީއާ ދޭތެރޭ ދެކޭނީ ކިހިނެއް ހެއްޔެވެ. ފިނޑި ކުއްޖެކޭ ހީކޮށް މަލާމަތްވެސް ކުރާނެއެވެ. ނަމަވެސް އަނާނީ ކުރާނީ ކީއްހެއްޔެވެ. ޔާނިއުގެ ސޫރަ ކިތައްމެ ދުރުން ފެނުނު ކަމުގައި ވިޔަސް އަބަދުވެސް ހާލަކީ އެއީ އެވެ. އެ ޝުޢޫރުތައް އޮއްބާލާނެ ގޮތެއް ނޭނގެއެވެ. އެހާ ކުޅަދާނެ ކަމެއް އަނާނީގެ ނެތެވެ. އަދި ކުރީ ރެއަށް ފަހު އަނާނީއަށް ހީވަނީ އެކަންތައް މާ ބޮޑުހެެނެވެ. މިހާރު އަނާނީ ހުންނަނީ ފާޑަކަށް ޔާނިއުއަށް “އަވަލާފަ”އެވެ. ޔާނިއުގެ އެ ބީހުންތައް މަތިން ހަނދާން ނުވާ ވަގުތެއް ނާދެއެވެ. މިރޭވެސް އެހާ ދަންވެފައި ހުއްޓައި ޔާނިއުއަށް އެ ގުޅީ ކެތްތެރިކަން ކޮޅުންލުމުންނެވެ.

“ތީ އަސްލުވެސް ވަރަށް މޮޔަ ކުއްޖެއް ދޯ.” އަނާނީ ގޮސް ކައުޗުގައި ހަމަޖެހިލުމުން ޔާނިއު ދޮރު ތަޅުލާފައި އެ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.

“ނޫން..” އަނާނީއަށް ބުނެވުނެވެ.

“ނުވާނެ އެހެންނެއް!” ޔާނިއު އިނީ އަނާނީއާ ޖެހިގެންނެވެ. އެދެމެދުގައި ވަނީ ހަނި ޖާގައެކެވެ. ކުއްލިއަކަށް ޔާނިއު އަނާނީގެ އަތުގައި ހިފާ ދަމައިލިއެވެ. އެ ކުއްލި ހަރަކާތުން އަނާނީ ދިޔައީ ސިއްސައިގެނެވެ. “ނޫންނަމަ މިއޮއް ފިނި އިރު އަތް ކުރު އެއްޗެއް ލައިގެން ނައީހެއްނު.” އަނާނީގެ ހާމައަށް އޮތް އަތްދަނޑީގައި އިނގިލި ކާތާލަމުން ޔާނިއު ބުނެލިއެވެ. އަނާނީ އިތުރަށް ހީބިހި ނަގައިގެން ގޮސް މުޅި މީހާ ފިނިވިއެވެ. ނަމަވެސް ހިނިތުންވަމުން އެ ހުރިހާ ކަމެއް ފޮރުވޭތޯ މަސައްކަތް ކުރިއެވެ.

“ހާދަ މަޑުންނޭ ތީނީ. ގުޅީމަ ހީކުރީ ވަރަށް ބައިވަރު ވާހަކަ ދައްކަން އޮތް ކަމަށް.” އަނާނީގެ ހަމަހިމޭންކަން ޔާނިއުއަށް ކަމަކު ނުދިޔައެވެ.

“ހްމްމް. ކީއްވެ މި ހުރިހާ ދުވަހު ޔާންގެ ހަބަރެއް ނުވީ؟ އަހަރެން ހީކުރީ ބާތުޑޭ ވިޝް ކުރަން ގުޅާނެ ކަމެއް.” އަނާނީ ފެށީ ޝަކުވާއަކުންނެވެ.

“އޯހް ޑޭމް..” ޔާނިއުއަށް އަމިއްލަ ބޮލުގައި އަތް އަޅައިލެވުނެވެ. “ސޮރީ! އައި ފޮގޮޓް! ހެޕީ ބިލޭޓެޑް ބާތުޑޭ އަނާނީ! އެންމެފަހުން ލީގަލް ވެސް ވެއްޖެ ދޯ.” އަނާނީގެ ކޮލުގައި ކޮއްޓައިލަމުން އަވަހަށް ބުނެލިއެވެ. އެވަގުތުކޮޅުވެސް އަނާނީއަށް ކުރެވުނީ މުޅިން އެހެން އިހުސާސެެކެވެ. ޔާނިއުގެ މި ކުއްލި ކުދިކުދި ހަރަކާތްތަކުން އަނާނީއަށް އަމިއްލަ ނަފްސު ކޮންޓްރޯލު ކުރަން އުނދަގޫ ވެއްޖެއެވެ.

“ޔޫ ފޮގޮޓް މީ ޓޫ. އަހަރެން މިރޭ ނުގުޅި ނަމަ ޔާންގެ ހަބަރެއް މީން ދުވަހަކުވެސް ނުވީސް.” އަނާނީ ޔާނިއުގެ އަތުގައި ހިފޭއްޓިއެވެ. އަދި ތުންކޮޅު އޫކޮށްލި އިރު ހަޤީޤަތުގައި ވެސް އިނީ ދެރަވެފައެވެ.

“ނޫނޭ. އަސްލު އެކިއެކި ކަންކަމުގަ ބިޒީވީ. އަހަރެން މިއީ ވަރަށް ބިޒީ ލައިފެއް އުޅޭ މީހެއް.” ޔާނިއު ހެވިފައި އިނދެ ބުނެލިއެވެ.

“ކީއްވެ ބިޒީ ވާންވީ؟ ޔާން އުޅެނީ ކޮން ޖޮބެއްގަ ތަ؟” އަނާނީ ދަނޑިވަޅުގެ ބޭނުންހިފައި ސުވާލު ކޮށްލިއެވެ.

“ތި ދެން މާ މުހިއްމު ވާހަކައެއް ނޫން. އަހަރެން އެބަ ގެންނަން ކޮފީއެއް ހަދާލައިގެން. އަނާނީ ތީނީ ވަރަށް ފިނިވެފަ އެންނު؟” ޔާނިއު އެއްލޯ މަރާލާފައި ތެދުވެގެން ދިޔައެވެ. އަނާނީ ހިތްހަމައެއް ނުޖެހުނެވެ. އޭނާ ޔާނިއުއާ ބެހޭގޮތުން އޮޅުން ފިލުވަން ބޭނުންވާ ކަންތައްތައް އަދި އަދަށް ދާންދެން ވެސް އޮޅުމެއް ނުފިލިއެވެ. ޔާނިއު އަބަދުވެސް މައުޟޫ ބަދަލު ކޮށްލަނީ އެވެ. މިއާއެކު، އަނާނީގެ ހިތުގައި ސުވާލުތައް ފުނި ޖެހެމުން ދިޔައީ އުނދަގޫ ކުރުވާހާ ވަރަށެވެ.

ކޮފީ ޖޯޑުތައް ހިފައިގެން ދެމީހުން ވަނީ ޔާނިއުގެ ކޮޓަރިއަށެވެ. އެއާއެކު އެނދުމަތީގައި ހަމަޖެހިލައިގެން އިށީނުމަށްފަހު، ކޮފީ ބޮމުން ދިޔައި އިރު އެ ދެމެދުގައި އެކި އެކި ވާހަކަތައް ދެކެވެމުން ދިޔައެވެ. އަނާނީ އެންމެފަހުން އޭނާ ބޭނުންވެގެން އުޅުނު ސުވާލު ކޮށްލިއެވެ. ޔާނިއުއާ ބެހޭގޮތުން އެއްވެސް އެއްޗެއް ކިޔައި ނުދޭން ތިއުޅެނީ ކީއްވެގެންހޭ އަހައިލުމުން، ޔާނިއު ވަގުތުން އެހެން ދިމާއަކަށް ބަލަން ފެށިއެވެ. އަދި މާނަވީ ގޮތަކަށް ހިނިތުންވެލަމުން ބުނީ، އޭނާއާ ބެހޭ ވާހަކަތައް އެނގުމަށް ވުރެ ނޭނގުން އަނާނީއަށް މާ ރަނގަޅު ވާނެ ކަމުގައެވެ. ނޫންނަމަ އަނާނީ އެގޮތަށް ޔާނިއުއާ ގާތްކޮށް ވާހަކަ ނުދައްކާނެ ކަމަށް ބުނެފައި، ޔާނިއު ނުކުތީ ބެލްކަންޏަށް ސިނގިރޭޓެއް ބޯށެވެ. ފަހަތުން ދާކަށް އަނާނީ ބޭނުމެއް ނުވިއެވެ. އޭނާއަށް ވިސްނަން އިނދެވުނީ ޔާނިއު ބުނެފައި އެ ދިޔަ ދެ ޖުމްލައިގެ މާނައާ މެދުގައެވެ.

އަނާނީ އެތަނުން ތެދުވެގެން، ޔާނިއު ކޮބައިތޯ ބަލައިލަން ދާން އުޅެފައި ހުއްޓެވުނީ، ޑްރެސިންގ ޓޭބަލް މަތީގައި އޮތް އެއްޗެއް ލޮލުގައި އަޅައިގަތުމުންނެވެ. އެއީ ކޯއްޗެއް ކަމާމެދު ޝައްކު އުފެދިފައި ހުރެ، އަނާނީ އެ ދިމާއަށް ހިނގައިގަތެވެ. ކުޑަ ދެ ރަބަރު ޕެކެޓުގައި ވަނީ ހުދު ކުލައިގެ ހިކި އެއްޗެކެވެ. ދެން ޖެހިގެން އޮތް ޕެކެޓުގައި ވަނީ އެކި ކުލަ ކުލައިގައި، އެކި ބައްޓަމަށް ހުރި “ބޭސް ގުޅަ” ތަކެކެވެ. އަނާނީ ކައިރިއަށް ޖެހިލާފައި އެއިން ޕެކެޓެއް ނަގައި، ފަރުވާތެރި ކަމާއެކު ބަލަން ފެށިއެވެ. ޔާނިއު ބެލްކަނިން ނުކުމެގެން އައީ އެވަގުތެވެ. އެއާއެކު އޭނާއަށް ފެނުނު މަންޒަރަކުން ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި ވިދުވަރެއްހެން އައިސް އަނާނީގެ އަތުން އޭތި ޖަހައިގަތެވެ. އަނާނީ ދިޔައީ ސިއްސައިގެނެވެ.

“ތީ ކޯއްޗެއް؟” އަނާނީއަށް ހުރިހާ ކަމެއް ސާފުވާން ފެށީ ދެނެވެ.

“މިއީ ކޯއްޗެއް ކަން ބަލާނެ ކަމެއް ނެތް. އަނާނީ ކީއްވެ މާ އަތްގަދަ ވެގެން ތި އުޅެނީ؟” ޔާނިއުގެ އަޑުގައި ހަރުކަށި ކަމެއް އެކުލެވިފައި ވިއެވެ.

“އަހަންނަކީ ކުޑަ ކުއްޖެއް ނޫން. ޔާން ތި ކުރާ ކަންތައް އިނގިއްޖެ. ސޯ ޗީޕް..” އަނާނީއަށް ބުނެވުނެވެ.

“މިއީ އަނާނީއާ ބެހެވޭ ކަމެއް ނޫން! ކީއްވެގެންތަ މީހުންގެ ޕާސަނަލް ކަންކަމާ ބެހޭ ގޮތް ވަނީ؟ ކިހިނެއް ވެގެންތަ ތި އުޅެނީ؟” ޔާނިއު ހުރީ އިންތިހާ ދަރަޖައަށް ރުޅި އައިސްފައެވެ. އަދި އަވަސްއަވަހަށް ޑްރެސިންގ ޓޭބަލް މަތިން އަނެއް ދެ ޕެކެޓު ވެސް ނަގައި، ވަތްގަނޑަކަށް ލައި ތަޅުލިއެވެ.

“ޔާން ހާދަ ރޫޑް ކޮށް ތި ވާހަކަ ދައްކަނީ…” އަނާނީ ދެރަވީ މިއިން ދުވަހަކުވެސް ނުފެންނަ ހަރުކަށި ކަމެއް ޔާނިއުގެ ފަރާތުން ފެނުމުންނެވެ.

“ހިސާބަށް ވުރެ އަތްގަދަ ވެގެން އުޅެންޏާ ރޫޑް ވެސް ވެވޭނެ..” ރުޅިގަނޑު މައިތިރި ކުރެވޭތޯ ޔާނިއު މަސައްކަތް ކުރިއެވެ. ނަމަވެސް އަނާނީގެ މޫނަށް ބަލައިލެވުނު ހިނދު، އެ ދެ ލޯ ފެންކަޅިވެފައި ހުރިތަން ފެނިފައި ޔާނިއުގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައީ ފަޅި ސިކުންތެއްގެ ތެރޭގައެވެ. އެއާއެކު، އަނާނީގެ ދެއަތުގައި މަޑުމަޑުން ހިފާފައި ގެނެސް މެއާ ލައި ބޮނޑިކޮށްލިއެވެ. “ސޮރީ..” ޔާނިއު ބުނެލިއެވެ.

ޔާނިއުގެ އެ ހަރަކާތާއެކު، އަނާނީގެ އިތުރު ހިއްސުތައް ހޭލައްވާލައި، އިބިލީސް އެ ދެމެދަށް ވަނީ ނިކަން ފަސޭހަކަމާއެކުގައެވެ. މީގެ އިރުކޮޅެއް ކުރިން ހިނގައި ދިޔަ ކަންތައް މަތިން ވެސް އަނާނީ ހަނދާން ނެތުނީ ހަމަ އެފަދައިންނެވެ.
********************

ވަރުބަލި ވެފައި ވީ ވަރުން އަނާނީ ބޭނުންވީ ނިދައިލާށެވެ. ނަމަވެސް ގަޑިން ވީ ވަރު ފެނިފައި، އަވަހަށް ގެއަށް ދާން ބޭނުންވީ، މާލަސް ވެއްޖެ ނަމަ ލިއުޝާ މެނަށް ފަޅާއަރާފާނެތީއެވެ. ނަސީބަކުން ޔާނިއު މިރޭ ހޭލާ ހުރުމުން، އަނާނީ ގެއަށް ލައިދޭން ދިޔައެވެ. ކުރިން ރޭ ގޮތަށް ޓެކްސީ އަކަށް އަރަން ނުޖެހުމުން އަނާނީ ހުރީ ހިތްހަމަޖެހިގެނެވެ. ގެއަށް ދިޔަ ގޮތަށް އަނާނީއަށް ނިދުނެވެ.

ޖެހިގެން އައި ދުވަހެވެ. ފިހާރައަށް ދާން ވެގެން އަނާނީ ހޭލީ މެންދުރު ވަނިކޮށެވެ. ލިއުޝާ ހުރީ މިކަމާ ހިތްހަމަނުޖެހިފައެވެ. އަނާނީ މިހާރަކަށް އައިސް އުޅޭ ގޮތް ކަމު ނުދާ ކަމަށް ބުނެ އެއްޗެހި ކިއެވެ. ލަހުން ނިދައިހޭލުމަކީ އަނާނީ ކޮށް އުޅުނު ކަމެއް ނޫން ކަން ހަނދާން ކޮށްދިނެވެ. އަދި އެގޮތަށް އުޅެން ބޭނުން ނަމަ އެހެން ތަނެއް ހޯދައިގެން ދިޔުމަށް ބުންޏެވެ. އަނާނީ ހުރީ އަނގައިން ބަހެއް ބުނަން ނުކެރިފައެވެ. ލިއުޝާގެ މި “ލެކްޗާ” ނިމެންދެން އަޑު އަހަން ހުރެފައި ފިހާރައަށް ދެވުން އިރު ހުރީ ގަޑި ޖެހިފައެވެ. އޭރު އެތާ މަސައްކަތް ކުރާ ބިދޭސީ މީހާ ކުދި ކިޔަން އިނެވެ.

އަސުރު ނަމާދު ބަންގި ގޮވަން ކައިރި ވެއްޖެއެވެ. އަނާނީ އިނީ ފިހާރަ ބަންދު ކޮށްފައި ގެއަށް ދާން ލަސްވެފައެވެ. ފިހާރަ މާ ބިޒީ ކަމުން ހަމަޖެހިލައިގެން ޔާނިއުއަށް މެސެޖު ކޮށްލަން ނީނދެވެއެވެ. އަނާނީގެ ރިޕްލައި ނުލިބި ގިނަ އިރު ވާތީ ޔާނިއުއަށް ވެސް އެކަން ފާހަގަ ކުރެވިގެން ފަހުން ހަބަރެއް ވުމަށް ބުންޏެވެ. މިކަމާ އަނާނީ ހިތްހަމައެއް ނުޖެހުނެވެ. އޭނާ ބޭނުންވަނީ ކޮންމެ ވަގުތަކު ވެސް ޔާނިއުއާ ވާހަކަ ދައްކަން އިންނާށެވެ. އެހެން ދުވަސް ދުވަހު އަނާނީގެ ޑިއުޓީ އޮންނަނީ ހަވީރު ހަތަރަކުންނެވެ. އެއީ ހެނދުނު ހޭލައިގެން ގޭގެ މަސައްކަތްތައް ނިންމަން ވަގުތު އޮންނާނެތީ، ލިއުޝާ އެގޮތަށް އެދިގެންނެވެ. ނަމަވެސް މިއަދު ހެނދުނު ޑިއުޓީގައި އިންނަ ކުއްޖާ ބަލިވެގެން ނާންނާތީ އަނާނީއަށް ނުކުންނަން ޖެހުނީއެވެ.

” ސޭޓު މީތި ކިހާ ވަރަކަށް؟” ފޯނަށް ގެއްލިފައި އިންދައި، އަނާނީގެ ކަންފަތުގައި ޖެހުނީ ދަންނަ އަޑެކެވެ. އެހެންކަމުން އިސްއުފުލައި ބަލައިލެވުނެވެ. ކުރިމަތީގައި ހުރީ އަރީނެވެ. އަރީން ހީނލިއެވެ.

“25 އަށް.” އަނާނީ ކުޑަކޮށް ހީނލަމުން ޖަވާބު ދިނެވެ. އަދި އަނެއްކާވެސް ފޯނާ ކުޅެން ފެށިއެވެ.

“ކުރިމަތިން ފެނުނީމަ ވެސް ނުދަންނަ ބީރައްޓެއްސަކަށް ތި ހަދާލީ…” އަރީންގެ މޫނުމަތިން ހިތާމައިގެ ކުލަވަރު ދައްކާލަމުން ބުނެލިއެވެ.

“ނޫނޭ! އަރީން ކިހިނެއް؟” އަނާނީ ކޮންމެވެސް އެއްޗެކޭ ކިޔޭތޯ ބެލީ އަރީން ރަކި ނުކޮށްލާށެވެ.

“އޯކޭ ހަމަ. ރީޝް ވެސް ރަނގަޅު. މިހާރު މަށާ ވާހަކަ ދައްކާ. އަނާނީއާ އަދިވެސް ރުޅި ދޯ.” އަރީން އަމިއްލައަކަށް ރީޝާގެ ވާހަކަ ފެށިއެވެ. ނަމަވެސް އަނާނީ އިނީ ރީޝާގެ ވާހަކަ ދައްކާ ހިތްވެފައެއް ނޫނެވެ. އެއަށްވުރެ ރީޝާ ދެކެ އޭނާ މިހާރު ފޫހިވެއެވެ. އެކަން އޭނާގެ މޫނުމައްޗަށް އެރި ކުލަވަރުން ވެސް ނިކަން ރީއްޗަށް ހާމަ ކޮށްދެއެވެ. ކުރިން ކިތައްމެ ގާތް ކޮށް ދެކުނަސް މިހާރު ރީޝާއަކީ އޭނާއަށް މާ މުހިއްމު މީހެއް ނޫނެވެ. މީހުން ބުނެ އުޅެނީ ތެދެކެވެ. އެންމެ ކައިރީގައި ހީނފައި އުޅޭ ރައްޓެހިން، ފަހުން ބޭވަފާ ވާނެއެވެ. އަނާނީއަށް މި ވަނީ އެކަން ފެނިފައެވެ.

އަނާނީ ބޯ ޖަހައިލީ ކަމާ ނުވެ ހުރި ގޮތަކަށެވެ. އެއާއެކު އަރީން އިތުރު އެއްޗެއް ބުނަން އުޅެނިކޮށް ބަންގީގެ އަޑު އިވުމާ އެއްކޮށް އަނާނީ އަވަސްއަވަހަށް ތެދުވިއެވެ. އަދި ގެއަށް ދަނީ ކަމުގައި ބުނެ އަރީނަށް އިތުރަށް ބަލައިވެސް ނުލައި ނުކުމެގެން ދިޔައެވެ. އެވަގުތު ބިދޭސީ މީހާ އަރީން ކައިރީ ނުކުތުމަށް ބުނީ ފިހާރަ ބަންދު ކުރަން ވެގެންނެވެ. އަރީން ފިހާރައިން ނުކުމެފައި ވެސް އަނާނީ ހިނގާފައި ދާތަން ބަލަން ހުއްޓެވެ. އަނާނީ އެހާ ދުރުދުރުން އުޅޭ ގޮތުން ހީވަނީ އަރީން ދެކެ ނަފްރަތު ކުރަނީ ހެނެވެ. މިގޮތަށް ހިތަށް އަރައި އަރީނަށް އިސްޖަހައިލެވުނެވެ. އަނާނީ އަކީ އޭނާއަށް ދުވަހަކު ކޮޅުން ވެސް ކާމިޔާބު ވާނެ ކަމެއް ހެން ހީނުވެއެވެ. އެންމެ ކުޑަމިނުން ރަނގަޅަށް ވާހަކަ ދައްކާލާނެ ފުރުސަތެއް ވެސް ލިބިފައެއް ނެތެވެ. އެހެނަސް، އަދިވެސް އަނާނީ ފަހަތުން އޭނާ އުޅެންވީ ހެއްޔެވެ؟

އަނާނީ ގެއަށް ދިޔަ ގޮތަށް ހަމަނޭވާ ވެސް ނުލާ އުޅުނީ ގޭތެރޭގެ މަސައްކަތުގައެވެ. ލިއުޝާ އިތުރަށް ރުޅި އަރުވާކަށް އޭނާ އަކަށް ނުކެރޭނެއެވެ. ނޫން ނަމަ ހަމަ ހަޤީޤަތުގައި ވެސް އޭނާ އެގެއިން ފޮނުވާލަފާނެއެވެ. އޭރުން އޭނާ ވަކި ގޮސް ވަންނާނީ ކޮންތާކަށް ހެއްޔެވެ.

ހަފްތާއެއްހާ ދުވަސް ވެގެން ދިޔައިރު އަނާނީއާ ޔާނިއު ބަރާބަރަށް ފޯނުން ވާހަކަ ދައްކާ އެކަކު އަނެކަކުގެ ހާލު ބަލަމުން ދިޔައެވެ. ނަމަވެސް ދެމީހުން ވެސް ބިޒީކޮށް އުޅޭތީ ދިމާވާނެ ފުރުސަތެއް ނުލިބެއެވެ. އަނާނީ މިހާރު ތަންކޮޅެއް އަވަހަށް ނިދަން އާދަ ކުރީ ލިއުޝާ ހިތްހަމަޖެހޭ ގޮތަށް އުޅުމަށެވެ. އެހެންކަމުން ދަންވަރުގެ ވަގުތުގައި ޔާނިއު ކައިރިއަށް ކިތަންމެ ދާ ހިތް ވިޔަސް ދެވޭ ގޮތެއް ނުވެއެވެ.

އެއްދުވަހަކު އަނާނީ ޑިއުޓީ ނިންމާފައި އައި އިރު ފައިސަލް އާއި ލިއުޝާ ދައްކަން ތިބި ވާހަކައެއް އަޑު އިވިފައި ހައިރާން ވެގެން އެދިމާގައި މަޑު ކޮށްލެވުނެވެ. އެ ދެމަފިރިން ދައްކަމުން ދިޔައީ ލަންކާއަށް ދިރިއުޅުން ބަދަލު ކުރަން އުޅޭ ވާހަކައެވެ. އަނާނީ ހާސްވީ އޭރުން އޭނާއަށް ވާނީ ކިހިނެއްކަން ނޭނގުމުންނެވެ. ރަށަށް ދާން ޖެހޭނީ ހެއްޔެވެ.

“މިއޮއް އައީނު އަނާނީ ވެސް. އަހަރެމެން މި ކިޔަނީ ދެމަސް ފަހުން ލަންކާއަށް ބަދަލުވާ ވާހަކަ. އެކޮޅުން އަހަރެން ގަތް ގޭގެ ރެޖިސްޓްރީ ލިބިއްޖެ. އަޒްކާއަށް ވެސް މާ ރަނގަޅު ވާނެ މިކަހަލަ މާޙައުލަކަށްވުރެ އެތަން.” ފައިސަލް އަނާނީ ގާތު ސޯފާގައި އިށީނުމަށް އިޝާރާތް ކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ. ބަސްއަހާ ކުޑަ ކުއްޖެއްހެން އަނާނީ އިށީނެވެ.

“ދެން އޭރުން…” އަނާނީއަށް ބުނެވުނެވެ.

“ހާސްނުވޭ! އަހަރެމެން އަނާނީއަށް ދެރަ ގޮތެއް ނުހަދާނަން. ތިއީ އަނާނީގެ މަންމަ އަހަރެމެންނާ ހަވާލުކޮށްފަ ދިޔަ އަމާނާތެއް. އެހެންވީމަ އަހަރެމެން ދާ ތަނަކަށް ދާނީ އަނާނީވެސް ގޮވައިގެން. ދޯ ލިއު؟” ފައިސަލް ލިއުޝާއަށް ނިތް އަރުވާލުމުން ލިއުޝާވެސް ބޯ ޖަހައިލީ ހިނިތުންވެ އިނދެއެވެ. މިހާރު އަނާނީ ގޭގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކޮށްފައި ހުންނާތީ ލިއުޝާ ހުންނަނީ އަނާނީއާމެދު ވަރަށް ހިތްހަމަޖެހިފައެވެ. ޝަކުވާ ކުރާނެ އެއްވެސް ފުރުސަތެއް އަނާނީ ނުދެއެވެ.

“އެކަމަކު އަޅުގަނޑުގެ ކޯސް..” އަނާނީ ހަނދާން ކޮށްދިނެވެ. އަދި އެ ކޯސް ނިމެން ހަ މަސް ދުވަސް އެބައޮތެވެ. އެހެން ނޫނަސް ކުއްލިއަކަށް އެކަހަލަ ބޮޑު ނިންމުމެއް ފައިސަލްމެން ނިންމުމުން އަނާނީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފައިސަލްއަކީ މުއްސަނދި ވިޔަފާރިވެރި އަކަށް ވުމުން އެމީހުންނަށް އެކަހަލަ ކިތަންމެ ނިންމުމެއް އެއްވެސް ޖެހިލުމެއް ނެތި ނިންމި ދާނެއެވެ. ނަމަވެސް ހަޤީޤަތަކީ އަނާނީ މާލެ ދޫކޮށްފައި އެއްވެސް ތަނަކަށް ދާން ބޭނުން ނުވާ ކަމެވެ. އޭނާ ހުންނާނީ ޔާނިއު ފެންނަ ހިސާބެއްގައެވެ.

“ތިކަމާ ހާސްނުވޭ. އެކޮޅުން މާ ރަނގަޅު ކޯހެއްގަ އަނާނީ ބައިވެރި ކޮށްދޭނަން.” ފައިސަލް ހިނިތުންވެލިއެވެ.

“އެކަމަކުވެސް މީގެ ސެޓްފިކެޓް ލިބުނީމަ ދާން އަޅުގަނޑު ބޭނުމީ. އެހެން ނޫނީ މެދުތެރޭން ޑްރޮޕް ކޮށްލީމަ މި ހުރިހާ ދުވަހަކު ކުރި ކަމެއް ބޭކާރު ވާނީ. ދެން އޮތީ އެންމެ ހަ މަސް. ވީކެއް ފަހުން ސެމް ބްރޭކް ވެސް ނިމޭނެ.” އަނާނީ ކިޔައިދިނެވެ. އޭނާއަކީ އާންމުކޮށް ފައިސަލްއާ ވާހަކަ ދައްކަން ކެރޭ ކުއްޖެއް ވެސް ނޫނެވެ. ނަމަވެސް މިއަދު ލަދު ކަނޑުވާލާފައި އެކަން ވެސް އެ ކުރީ ޔާނިއުއާ ދުރަށް ދާން ޖެހިދާނެތީ އެކަމާ ބިރުންނެވެ.

“އެހެންވީމަ…” ދަތްދޮޅީގައި އިނގިލި ހިންގާލަމުން ފައިސަލް ވިސްނަން ފެށިއެވެ. “ލިއު ދީބަ މޮޅު ހިޔާލެއް މިކަމަށް.”

އަނާނީ އިނީ އެއްފަހަރު ފައިސަލްގެ މޫނަށް، އަނެއްފަހަރު ލިއުޝާގެ މޫނަށް ބަލާލަ ބަލާލައެވެ. އެދެމީހުންގެ ފަހުގެ ނިންމުން އަޑު އަހަން ކެތްމަދުވެފައެވެ. އިރުކޮޅެއްފަހުން ލިއުޝާ ފެށިއެވެ.

“އަނާނީގެ ކޯސް ނިމެންދެން އޭނަ މިކޮޅުގަ ބަހައްޓަން ވީނު. އެންމެ ހަ މަހެއްނު. ހަ މަސް ފަހުން އަނާނީވެސް އަހަރެމެން ކައިރިއަށް ލަންކާއަށް ގެންދާނީ. އެކޮޅުގަ އަދި އަނާނީ ނެތަކަސް އަހަންނަކަށް މާ ބޮޑު ދައްޗެއް ނުވާނެ. ދަތި ވަންޏާވެސް މުސާރަ ދީފަ މެއިޑެއް ހޯދާނީ.” ލިއުޝާ އޭނާއަށް ފެންނަ ގޮތް ހިއްސާކޮށްލިއެވެ. އެއާއެކު އަނާނީގެ މޫނު އުޖާލާވެގެން ދިޔައެވެ.

“އެކަމަކު އަނާނީ އެކަނި މިކޮޅުގަ…” ފައިސަލް ކަންބޮޑުވިއެވެ.

“ކިހިނެއްވީ؟ އަނާނީ އަކީ މިހާރު ކުޑަ ކުއްޖެއް ނޫނެއްނު. އޭނައަށް އެކަނި އުޅެވޭނެ. އަނެއްކޮޅުން ލޫކް ވެސް އެހުރީއެއްނު. އޭނަވެސް އަނާނީއަށް ބަލާނެ. ނޫންތަ؟ ދެން އަހަރެމެން އެކޮޅުގަ ތިބެގެން ބަރާބަރަށް ލާރި ފޮނުވީމަ ވީނު.” ލިއުޝާ ވިސްނައިދިނެވެ. ފައިސަލް ފަރުވާތެރި ކަމާއެކު ބޯ ޖަހައިލިއެވެ. އަދި ލިއުޝާގެ އެ ވިސްނުމަށް ތާއިދު ކުރާ ކަމަށް ބުނެލިއެވެ. އެވަގުތު އަނާނީއަށް ލިބުނީ ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެކެވެ. ލިއުޝާމެން ނެތިއްޔާ އޭނާއަށް މިނިވަންކަން ލިބުނީއެވެ. ދެން ބޭނުން އިރަކު ޔާނިއުއާ ވެސް ބައްދަލު ކުރަން ހުރަހެއް ނޯންނާނެ ނޫންހެއްޔެވެ.

ކްލާސްތައް ފެށެން އުޅޭތީ އަނާނީ ހުންނަނީ އެކަމާ ހާސްވެފައެވެ. އަނެއްކާ އެެއްކަލަ މީހުންތަކުގެ ތެރެއަށް ދާން ޖެހުނީއެވެ. އެތާނގައި އަނާނީއަށް ހެޔޮއެދޭ އެކަކު ވެސް އުޅޭ ކަމަށް އޭނާ ޤަބޫލެއް ނުކުރެއެވެ. ޔާނިއު ނެތް ނަމަ އޭނާ މިހާރުން މިހާރަށް ވެސް ލަންކާއަށް ބަދަލުވާން ތައްޔާރެވެ. އެތާނގައި އާފެށުމަކުން ފެށޭނެ ނޫންހެއްޔެވެ. އެގޮތް އޭނާއަށް މާ ބޮޑަށްވެސް ރަނގަޅެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ޔާނިއު މުހިއްމެވެ.

އަނާނީ ބޯއަނބުރާތީ އުޅޭތާ ދެތިން ދުވަސް ވެއްޖެއެވެ. މި ވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނެ ހުރީ އެއީ ހަމަ އާދައިގެ ކަމެއް ކަމަށް ބަލާފައެވެ. ނަމަވެސް ދެން ވާން ފެށީ އެހެން ކަމެކެވެ. އޯކަށްދެމި ހޮޑުލަވާ ގޮތް ވަނީއެވެ. އަނާނީއަށް އެންމެފަހުން މިކަމާމެދު ދެވަނަ ވިސްނުމަކަށް ދާން ޖެހުނީ ގޫގުލް ކޮށްގެން ބެލިއިރު ފެނުނު ނަތީޖާ އަކުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

ލޯތްބަކީ 2

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 30

Next
August 7, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 30

Previews
August 6, 2018

ލޯތްބަކީ 2

7 Comments!

  1. LIM says:
    August 7, 2018 at 8:49 am

    Oh no! She got pregnant.. Mashah hyvi adhi mihen vaaney.. Yaaniu responsibility nagaaneba..
    V salhi mi bai vx.. Mihaaru konme dhuvahaku uokohdheythy v bodah thanks.. 🙂

  2. haw shia shiba says:
    August 7, 2018 at 6:26 pm

    Nice.. Bt haadha avahah eyna thi preg kohlany?

  3. Shaaa says:
    August 7, 2018 at 6:28 pm

    V reethi mi vaahaka

  4. Beauty says:
    August 7, 2018 at 7:02 pm

    Vaahaka varah rythi. Massala aky ehaa bodu break akah fahu genna iru gennaleh kurukan. Aneh hen Dhen ok komme dhuvahaku genesdheythy ves

  5. Sheyou says:
    August 7, 2018 at 10:39 pm

    Alhe Dhen help vaany lukas kanneyge dhw

  6. Belaa says:
    August 8, 2018 at 2:48 pm

    miadhu story update nukuran tha?

  7. Luuk says:
    August 8, 2018 at 5:36 pm

    Kobaa story up nuveytha plz up it waiting writer ehaa Gina dhuvahah fahuvx up kuran fahttaafa anekka gelluny tha

Comments are closed.

Next Episodeފުން އިހުސާސެކޭ 16←


All Right Reserved!