
ފުން އިހުސާސެކޭ 14
******
އަނާނީ ދެލޯ ހުޅުވައިލިއެވެ. ސީލިންގުގައި ހުރި ފަންކާ އެނބުރެމުންދަނީ އޭގެ އެންމެ މަޑު ދުވެލީގައެވެ. ނަމަވެސް އޭސީގެ ފިނިހޫނުމިން ހުރީ އެންމެ ދަށުގައެވެ. ފިނިވެގެން ގޮސް ތުރުތުރުލާވަރުން އަނާނީއަށް ރަޖާގަނޑުގައި ހިފައި ދަމައިލެވުނެވެ. އެއާއެކު ޖެހިގެން އޮތް ޔާނިއު ކުޑަކޮށް ހަރަކާތްކޮށްލިއެވެ. އެހެނަސް އޭނާ އޮތީ ފުން ނިންޖަކުން ނިދާފައެވެ. ރަޖާގަނޑުގެ އެއްބައި އޭނާގެ ގައިގައި ވެސް އަޅާފައި އޮތުމުން އޭނާއަށް ފިނި ނުވާ ކަހަލައެވެ.
އަނާނީ ޔާނިއުއާ ދިމާއަށް އެނބުރުނެވެ. އަދި ވަރަށް ފަރުވާތެރި ކަމާއެކު އެ މޫނަށް ބަލައިލިއެވެ. ފިރިހެންވަންތަކަމުގެ އިންތިހާއެވެ. ބޯ ބުމައިން ފެށިގެން ކަތުރުކަށިގަނޑާ ހަމައަށްވެސް އެ ރީތިކަން ފާޅުވޭވޭ ހުއްޓެވެ. އަނާނީ އެއަށްވުރެ ކައިރިއަށް ޖެހިލައި، ޔާނިއުގެ މޫނުގައި ބޮސްދިނެވެ.ޔާނިއުއަށް ހިލަމެއްވެސް ވީހެން ހީނުވެއެވެ. އެއަށްފަހު އަނާނީ މަޑުމަޑުން ރަޖާގަނޑު ދުރުކޮށްލާފައި އެނދުން ތެދުވިއެވެ. އަދި ޓައިލްސް މަތީގައި ހުރި އޭނާގެ އަންނައުނުތައް ނަގައި އަވަސްއަވަހަށް ހަށިގަނޑު ނިވާކޮށްލިއެވެ.
ޑްރެސިންގޓޭބަލާ ކައިރިވިއިރު އޭގެ މަތި ފުރިފައި ހުރީ ތަފާތު ވައްތަރުގެ އަގުބޮޑު ސެންޓުފުޅި ތަކުންނާއި، އެހެނިހެންވެސް ފިރިހެނުން ރީތިވުމަށް ބޭނުންކުރާ އެންމެ ބްރޭންޑެޑް ޕްރޮޑަކްޓު ތަކުންނެވެ. ޔާނިއުގެ ގައިން ދުވާ މީރުވަހުގެ ސިއްރަކީ މިއީތާއެވެ. ނަމަވެސް އެ ތަކެއްޗަށް އަނާނީ މާ ބޮޑު ސަމާލުކަމެއް ނުދީ، ލޯގަނޑުން ބަލައިގެން ކުޑަކޮށް ފުނާއަޅައި، ރީތިވެލައިގެން ނުކުންނަން ހިނގައިގަތެވެ.
އެ ކޮޓަރިން ނުކުމެ މަޑުމަޑުން ދޮރު ލައްޕައިލި އިރު ސިޓިންރޫމުގެ ކައުޗުގައި އޮތް އޭނާގެ ފޯނު ފެނިފައި އަވަހަށް އެއާ ދިމާއަށް ދުއްވައިގަނެވުނެވެ. ލިއުޝާ ގުޅާފަ އޮންނާނެ އަދަދެއް ވެސް ނޭނގެއެވެ. ނަމަވެސް އަނާނީ ހައިރާންވީ އެއްވެސް މިސްޑް ކޯލެއް ސްކްރީނުން ފެންނަން ނެތުމުންނެވެ. ހަމައެއާއެކު ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. ގަޑިން ފަތިހު 5 ޖަހަނީކަން އެނގުމުން، ލަސްނުކޮށް އެގެއިން ނުކުންނަން ހިނގައިގަތެވެ.
އެ އަނދިރިކަމުގައި ޓެކްސީއެއް ހޯދުން ވީ ވަރަށް އުނދަގޫ ކަމަކަށެވެ. އެތައް އިރެއްގެ މަސައްކަތަށްފަހު ޓެކްސީއެއް ލިބުމުން އެއަށް އެރީ އިތުރު ވިސްނުމަކަށް ނުގޮހެވެ. އަނާނީ ހަމަޖެހިލާފައި ދާންވީ ތަން ބުނެލި އިރު، ޑްރައިވަރު ކުރިމަތީގައި ހުރި ލޯގަނޑުކޮޅުން އަނާނީގެ މޫނަށް ބަލައިލީ މާ ޒާތަކަށެވެ. “ކަނބުލޯ ވަރަށް މަޖާތަ؟”
ޑްރައިވަރުގެ އެ ސުވާލުން އަނާނީ ސިހުނެވެ. “ކީކޭ؟”
“ވަރަށް އެންޖޯއީ ކޮށްލާފަ ދޯ ތިއައީ. ރަނގަޅު ރަނގަޅު. އެކަމަކު ބޭބެމެން ކީއްކުރާނީ. ޒުވާންކަން ދިޔައިމަ މި ތިބެން ޖެހެނީ މިހެން. ކިރިޔާ ވެސް މަޖަލެއް ކޮށްލެވެން އޮތީ ފައިސާ ހުރެގެން. އެޔެއް ނެތް މަގޭ އަތަކު.” ޑްރައިވަރު ލާނެތް ގޮތަކަށް ހެވިފައި އިނދެ ދައްކަން ފެށި ވާހަކަ އަކުން އަނާނީގެ މޭނުބައި ކުރުވައިފިއެވެ. ރައްދުގައި ބަހެއް ބުނެލަން ނުކެރުނު ތާނގައި، ހިރިލާނެ ހިތްވަރެއް ވެސް ނުލިބުނެވެ. ނަމަވެސް އަނާނީ އެގޮތަށް މަޑުމަޑުން އިންތަން ފެނިފައި ޑްރައިވަރު ވެސް ރަކިވި ވަރުން އިތުރަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.
ހަމަހިމޭންކަން ވެރިވުމުން އަނާނީގެ ޚިޔާލުތައް ގޮސް ގުޅުނީ ޔާނިއުއާއެވެ. އަދި ރޭ ވީ ހުރިހާ ކަމެއް ލޯ ކުރިމަތީގައ ސިފަވާން ފެށި ކަހަލައެވެ. އެއާއެކު އަނާނީއަށް ލަދުވެތިކަމުގެ އިހުސާސްވެސް ކުރެވުނެވެ. ޔާނިއުއަށް އައު ކަމަކަށް ނުވިޔަސް، އަނާނީގެ ހަޔާތުގައި ހުޅުވިގެން އެ ދިޔައީ މުޅިން އައު ބާބެކެވެ. ދުވަހަކުވެސް ހަނދާނުން ފޮހެނުލެވޭނެ ހަނދާންތަކެކެވެ. ނަމަވެސް އަނާނީ ވާންވީ އުފާ ކަމެއް، ނޫނީ އަމިއްލަ ނަފްސު ކުށްވެރި ކުރުވަން ވީ ކަމެއް އޭނާއަކަށް ނުވިސްނުނެވެ. އެނގޭހައި ވެސް އެއްޗަކީ، ބަސްއަހާ ލަދުރަކި ކުއްޖަކަށް ވެގެން އުޅުމުން ލިބުނު މޮޅެއް ވަކި ނެތް ކަމެވެ. ދުވަހަކު ފިރިހެނަކާ އެފަދަ ގޮތަކަށް ކައިރިނުވެ ހުއްޓާވެސް އޭނާގެ ނަން މާކުރިން ޚަރާބުވެ ނިމިއްޖެއެވެ. އެންމެންގެ ކުރިމަތީގައި ޤަދަރު ވަނީ ވެއްޓި ނިމިފައެވެ. ދެން އޭނާއަށް ގެއްލެން އޮތީ ވަކި ކޯއްޗެއް ހެއްޔެވެ. އޭނާ ޔާނިއުދެކެ ލޯބިވެއެވެ. އެހެންކަމުން ޔާނިއުއަށް އޭނާގެ ހަށިގަނޑު ހިބައިން ދޭން ވެސް މިއަދު ފަސްޖެހޭން ވީކީ ކީއްކުރަންހެއްޔެވެ. މިއަދަށް ފަހު ލަދުވެތިކަމަކީ އަނާނީ ދަންނަ އެއްޗެއް ނޫނެވެ.
އެހެނަސް، އަނާނީގެ ވިސްނުން އެފަދަ ގޮތަކަށް ހުރި އިރު އޭނާއަށް ވިސްނައިނުލެވުނީ އެންމެ ކަމަކާމެދު އެވެ. އެއީ، މި ނޫން ދުނިޔެއެއް ވެސް އަދި އެބޮތް ކަމެވެ. މިއަދު ކުރި ފާފައެއްގެ ޖަޒާ، ލިބޭނެ ދުވަހެއް އަންނާނެ ކަމެވެ. މާލެ އައި ފަހުން އަނާނީގެ މިޒާޖަށް އަންނަން ފެށި ބަދަލާއެކު، ދީން މަތިން ވެސް ހަނދާން ނެތިއްޖެއެވެ. ކުރިން ރަށުގައި އުޅުން އިރު އަނާނީ އަކީ ފަސްވަގުތު ނާޅާ ނަމާދު ކުރާ ކުއްޖެކެވެ. ހުސްވަގުތު ތަކުގައި ޤުރްއާން ކިޔައިވައި ވެސް އުޅުނެވެ. ނަމަވެސް، މާޙައުލު ބަދަލުވުމާއެކު، އެ ހުރިހާ ކަމެއް މަޑުމަޑުން ހަނދާން ނެތިއްޖެއެވެ. އެ ކަން ކަމަށް ބާރުއަޅާނެ މީހަކު ވެސް ކައިރީގައި ނެތުމާ އެއްކޮށެވެ. ލިއުޝާމެންނަކީ ދީނަށް މާ އަހުލުވެރި ބައެއް ނޫނެވެ. ހާލަކުން ފަހަރަކު ނަމާދަކަށް އަރާލަފާނެއެވެ. ދުނިޔަވީ ކަންކަމަށް މާ އިސްކަންދެއެވެ. އަނާނީއަށް ވެސް ވެފައި އެހުރީ އެހެނެވެ. އެއީ ރަނގަޅު ގޮތް ނޫންކަން ވިސްނޭ ވަރަށްވުރެ އީމާންތެރިކަން ވެސް ކުޑައީއެވެ. ޝައިތާނާ ބޮލަށް ސަވާރުވެ، ރަސްކަންކުރަމުންދާ ކަހަލައެވެ.
ޒުހާއާއި ރީޝާ، ޝޮޕިން ކޮށްލައިގެން އައިސް ރީޝާމެން ގެއަށް ވަނެވެ. މިހާރު އެ ދެމީހުންނަކީ އެންމެ ގާތް އެކުވެރިންނެވެ. އެކަކު އަނެކަކަށް ކިޔައިނުދޭ އެއްޗެއް ނެތް ފަދައެވެ. ޒުހާ ދޮގު ހަދަހަދައިގެން، އަނާނީއޭ ކިޔައިގެން ދައްކާފައި ހުރި ވާހަކަ ތަކުން، ރީޝާ އަނާނީދެކެ އިހުނަށްވުރެ ވެސް ބޮޑަށް ރުޅި އާދެއެވެ. އެވަރުގެ މީހަކާ ރައްޓެހިކަން ބޭއްވުނީތީ މޮޔަ ހީވާ ކަމަށް އަބަދާއިއަބަދު ބުނެއެވެ. މި ނޫނަސް، އެމީހުން ދައްކާ ކޮންމެ ވާހަކައެއް ވެސް ނިންމައިލެވެނީ އަނާނީއަށް ކޮންމެވެސް ބަދު ބަހެއް ބުނެފައެވެ.
ރީޝާ ގަނެގެން އައި ހެދުންތަކުން ފަހަރަކު ހެދުމެއް ލައިގެން އައިސް، ޒުހާއަށް ދައްކަމުން ދިޔައީ ނިކަން ފޯރީގައެވެ. އޭރު ޒުހާ އިނީ ރީޝާގެ އެނދުގައި އިށީނދެގެން ފޯނާ ކުޅޭށެވެ. ފޯނުގެ ސްކްރީނަށް ދެލޯ “ތަތްކޮށްލައިގެން” އިން ގޮތުން ހީވަނީ މާ ޝައުގުވެރި އެއްޗަކަށް ބަލަން އިންހެނެވެ. އެހެން އިނދެފައި ދެފަހަރަކު އެ ކޮޓަރިތެރެއަށް ވެސް ރަނގަޅަށް ނަޒަރު ހިންގައިލިއެވެ. އެއަށްފަހު ރީޝާއަށް ގޮވައި ގެނައެވެ. ފާހަނާގައި ހުރެފައި ރީޝާ އަވަސްއަރުވާލާފައި ނުކުމެގެން އައީ ޒުހާ ގޮވައިލި ރާގުގައި ވީ ސީރިއަސް ކަމަކުންނެވެ. އެގޮތަށް ގޮވާނީ ކޮންމެވެސް މުހިންމު ކަމެއްގައެވެ.
“ބަލާބަލަ މިއޮއް އެއްޗެއް! މިއީ އަޅެ މި ކޮޓަރިއާ ހާދަ ވައްތަރޭ! އެއްވެސް ތަފާތެއް ނެތް!” ޒުހާ ފޯނުން ދައްކައިލީ ފޮޓޯއެކެވެ. ފޮޓޯގައި ލޯގަނޑު ކުރިމަތީގައި ހުއްޓިގެން ހުރި އަންހެންކުއްޖާ ހުރީ ފޭރާމެއް ނުލައެވެ. މޫނު ފެންނަން ނެތުމުން އެއީ ކާކުކަން ބުނާކަށް ނޭނގެއެވެ. އެއަށް ބަލައިލުމާއެކު ރީޝާގެ ހިތް ހީވީ ހުއްޓުނު ހެނެވެ. ލޯމައްޗަށް އަނދިރިވެގެން ދިޔަހެން ވެސް ހީވިއެވެ. “މިއީ އަނެއްކާ ރީޝް ތަ؟” ޒުހާގެ މި ސުވާލާއެކު ރީޝާއަށް ހަމަހޭވެރިކަން ވިއެވެ. އަދި މޫނުމަތިން ހަމަޖެހިފައި ހުރިކަމަށް ދައްކަން މަސައްކަތް ކުރިއެވެ. އޭރުވެސް ހިތް ހީވަނީ މޭ ފަޅާފައި ނުކުމެދާނެހެވެ. އެ ހާސްކަން ފޮރުވަން ކިތައްމެ މަސައްކަތެއް ކުރިޔަސް، ނިތްކުރިމަތިން ވިދަމުންދިޔަ ދާ ތިކިތައް ހުއްޓުވޭ ގޮތެއް ނުވިއެވެ.
“ތީ ކޮންތާކުން ފެނުނު ފޮޓޮއެއް؟” ވަރަށް ހަމަޖެހިލާފައި ރީޝާ ވެސް ކޮށްލީ ސުވާލެކެވެ.
“އެފްބީގަ އިނދޭނު ޕޭޖެއް މީހުން އެކްސްޕޯސް ކުރާ. އެއަށް ހަމަ ދެންމެ ލާފަ އިން ފޮޓޮއެއް. އަޅެ މިއީ މިތަނެއް ނޫންތަ؟ ފަހަތުން އެއޮއް ފެންނަނީ މި އެނދު، ހަމަ މި ބެޑްޝީޓް! އަޅެ މި ލީ މީހާވެސް ނެތޭ އެއްވެސް މައުލޫމާތެއް ދީފަ!” ޒުހާ އަދިވެސް ހުރީ ހައިރާންވެފައެވެ.
“އާނ، ވަރަށް ވައްތަރު ދޯ. އެކަމަކު ތީ މަށެއް ނޫން. މަށެއް ނޫޅެން މޮޔަވެގެން ތި ވައްތަރަށް ފޮޓޯ ނަގާފަ ފޮނުވާކަށް! މަ މިއީ އަނާނީ އެއް…” އެހިސާބަށް ބުނެފައި ރީޝާގެ ބޮލަށް މޮޅު ޚިޔާލެއް އައި ފަދައިން، ނުވަތަ އެއްޗެއް ހަނދާންވާ ފަދަ ގޮތަކަށް ހުއްޓުނެވެ. “އިނގިއްޖެ! ތީ އަނާނީ! ކުރިން އޭނަ ވަރަށް މިގެއަށް އައިސް އުޅޭނެ. އަދި އެއްދުވަހު އޭނަ ޕްރޮޖެކްޓެއް ހަދަން އައިސްގެން އުޅެނިކޮށް މަ ދޮންބެއާ އެއްކޮށް ތަނަކަށް ދާން ޖެހިގެން އޭނަ އެކަނި ބައިންދާފަ ދިޔައީ! ތި ވާނީ އެދުވަހު ނަގާފަ ކަމަށް! ހަމަ ޔަގީން ތީ އަނާނީ!”
“ވަޓް؟ ހުވާތަ؟؟” ޒުހާގެ މޫނަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.
ޖެހިގެން އައި އާދިއްތަ ދުވަހު އަނާނީ ކޮލެޖަށް ދިޔައީ އައު އުއްމީދުތަކަކާ އެއްކޮށެވެ. އެހެން ކުދިން އޭނާއާ ވާހަކަ ނުދެއްކިޔަސް، އޭނާ އިސްވެ ވާހަކަ ދައްކައި، ކަމުގެ ހަޤީޤަތް ހޯދުމަށް އަޒުމު ކަނޑައަޅައިގެނެވެ. ނަމަވެސް ކަންވީ ހީކުރި ގޮތަކަށް ނޫނެވެ. ކްލާހަށް ވަދެވުނުތަނާހެން، އެންމެން ހީނހީނފައި ދައްކަން ފެށީ ކޮންމެވެސް “އޮރިޔާން ފޮޓޯއެއް”ގެ ވާހަކައެވެ. އެކަކަކު އަނެކަކަށް ފޯނުން އެ ފޮޓޯ ދައްކަދައްކާފައި، އަނާނީއާ ދިމާއަށް މަލާމަތްކޮށް ހެދިއެވެ. އަދި އެންމެފަހުން މުޅި ދުނިޔެއަށް އަނާނީ މަޝްހޫރުވީ ދޯއޭ ކިޔައި ޖޯކު ޖެހިއެވެ. އެ ފޮޓޯ ޚުދު އަނާނީއަށް ނުފެނުނަސް، އޭނާ ހާސްވެ ދާހިއްލަން ފެށީ ހަމަ ހަޤީޤަތުގައި ވެސް އެއީ އޭނާގެ ފޮޓޯއެއް ކަމަށް ހީކޮށެވެ. ޔާނިއު މިއީ ކޮންކަހަލަ މީހެއް ހެއްޔެވެ. އޭނާ ނިދާފައި އޮތް ތަންވަޅު ބަލާފައި ކޮށްލި ވިޔާނުދާ ކަންތައް ބަލާބަލާށެވެ.
އަނާނީ ގަތް ލަދުން ކްލާހުން ނުކުމެގެން ދިޔައެވެ. މިކަންތައް ވީ ރީޝާއަށް ލިބުނު މޮޅަކަށެވެ. އެހެނީ އަނާނީ އެގޮތަށް ނުކުމެގެން ދިޔުމުން، އެ ފޮޓޯގައި އެވަނީ ހަޤީޤަތުގައި ވެސް އަނާނީ ކަމަށް އެންމެންނަށް ޔަޤީން ވާނެއެވެ.
އަނާނީ ގެއަށް ގޮސް އަވަހަށް ފޭސްބުކަށް ވަނެވެ. އަދި އެންމެން އެ ބުނާ ފޮޓޯ ފެނޭތޯ ހޯދަން ފެށިއެވެ. މާ ބުރަ މަސައްކަތެއް ނުކުރަނީސް އެ ފޮޓޯ އޭނާގެ ނިއުސްފީޑުން ފާޅުވިއެވެ. އެއީ އެ ފޮޓޯކަން އޭނާއަށް ފާހަގަ ކުރަން އެނގުނީ، އޭގެ މަތީގައި ލިޔެފައި އޮތް ލިޔުންކޮޅުންނެވެ. ބޮޑު އަކުރުން އަނާނީގެ ފުރިހަމަ ނަން ޖަހާފައި، އެކި ކަހަލަ ހަޑިހުތުރު ވާހަކަ ލިޔެފައި އޮތެވެ. އަނާނީއަށް ފުންނޭވާއެއް ލެވުނީ، އޭނާ ހީކުރި ގޮތަށް ނުވުމުންނެވެ. އެއީ ޔާނިއުގެ އަމަލެއް ނޫނެވެ. އަދި، އެ ފޮޓޯގައި އެ ވަނީ އަނާނީއެއް ވެސް ނުމެ ނޫންމެއެވެ. ޒުހާމެން ރާވައިގެން ކޮށްފައި އޮތް ކަމެއްކަން ޔަޤީނެވެ. ބޭނުމަކީ އަނާނީ ކޮލެޖުން ބޭރަށް ވެސް ފަޟީހަތް ކޮށްލުމެވެ. ނަމަވެސް މުޅިން ޝައްކު ފިލުވައިލަން، އެ ޕޭޖު އިތުރަށް ހާވައިލިއެވެ. އޭނާގެ ފޮޓޯއެއް ނެތެވެ.
އެދުވަހު އަނާނީގެ ފޯނަށް އީވާ ގުޅާފައި އެ ފޮޓޯއާ ބެހޭގޮތުން ސުވާލު ކުރިއެވެ. އަނާނީ އެފަދަ ކަމެއް ކޮށްފާނެއޭ ހީނުކުރާ ކަމަށް ބުނެލިއެވެ. ނަމަވެސް އަނާނީ ތަކުރާރުކޮށް އެއީ އޭނާ ނޫންކަމަށް ބުނި އިރު، ލޮލުން ކަރުނަ އަންނަ ގޮތްވީ، އެހެން މީހުންނަށް އެ ފޮޓޯ ފެނުނީމައި ވާނެގޮތް ހިތަށް އަރާފައެވެ. ކޮންމެ ކޮންމެ މީހެއް އެގޮތަށް ގުޅާފައި ހަޤީޤަތް ހޯދާކަށް ނޫޅޭނެއެވެ. އަދި ލިއުޝާމެން މީހަކަށް ފެނިއްޖެ ނަމަ އަނާނީ ގެއިން ވެސް ނެރެލާނެކަން ގައިމެވެ. ބަޔަކު ރާވައިގެން ކުރި އެ ގޮތެއްނެތް އަމަލުން، ވެއްޔާ މޮޑެވިގެން ދާނީ އަނާނީގެ ނަމެވެ. އެދުވަހު ކޮޓަރިން ބޭރަށް ނުކުންނަން ނުކެރިފައި އަނާނީ އޮތެވެ. އެހެން އޮތް އިރުވެސް އޭނާއަށް ރޮވެމުން ދިޔައެވެ.
ޔާނިއު ގޮސް އެގޭ 5ވަނަ ބުރީގައި ހުންނަ ޒުހާމެން އުޅޭ އެޕާޓުމަންޓަށް ވަނީ ޒުހާގެ މެސެޖު ފެނުމުންނެވެ. ވަރަށް މީރު ކޭކެއް އަޅާފައި އިންނާނެ ކަމަށް ބުނެ، އޭތި ކާން ދައުވަތު ދިން އިރު، ޒުހާގެ މުޅިން އެހެން މަގުސަދެއް ވެސް އޮތެވެ. ޔާނިއުއަށް އެކަން ނޭނގުނީ، އޭނާ އަކީ އެގޮތަށް ވަރަށް ގިނައިން ޒުހާމެން ބަޔަށް ގޮސް އުޅޭ މީހަކަށް ވާތީއެވެ. މީރު ކާއެއްޗެއް ތަައްޔާރުކޮށްފި ނަމަ ޒުހާގެ މަންމަ، ޔާނިއުގެ ބޮޑުދައިތަ، އަބަދުވެސް ގުޅާނެއެވެ. އަދި ހަމަ އެގޮތަށް، ޒުހާމެން ވެސް ޔާނިއު އުޅޭ ބަޔަށް އައިސް އުޅެއެވެ. އެއް އާއިލާއަކަށް ވުމުން، އެއީ އާއްމުކަމެކެވެ.
ކޭކު ފޮއްޗެއް ހިފައިގެން އައިސް ޔާނިއު އިށީނީ ކައުޗްގައެވެ. އޭރު ޒުހާ ފެންނާކަށް ނެތެވެ. ނަމަވެސް ޒުހާގެ ކޮއްކޮ ޒިޔާން އިނީ ޕީއެސް ކުޅޭށެވެ. އިރުކޮޅަކުން ޔާނިއުވެސް ޒިޔާނާ ބައިވެރިވެ، ގޭމު ކުޅެން ފެށިއެވެ.
ގޭމުގެ ފޯރީގައި ޔާނިއު އިންދައި، ޒުހާ އޭނާގެ ކޮޓަރިން ނުކުމެގެން އައެވެ. “ޔާން އައިކަން ނުވެސް އިނގޭ! މިތާ މާ އަޑުގަދަ ވެގެން މި އައީ ބަލާލަން.” ޒުހާ ކުރު ސޯޓުބުރީގައި އައިސް ވަކިން ހުރި ބީންބޭގް ގައި ދެފައި ވަށްކޮށް އިށީނެވެ. “އެނީވޭ، ކޭކް ކައިފިންތަ؟ މަށޭ އެޅީ. ނުލާހިކު މީރުވާނެ!”
“ހްމްމް” ޔާނިއު މިހެން ބުނެލި އިރު އޭނާގެ ޝައުގުވެރިކަން އެއްކޮށް ހުރީ ގޭމަށެވެ. މިކަމާ ޒުހާ ހިތްމަހަމަނުޖެހުނެވެ. އަދި ޒިޔާން ކައިރީގައި މަންމަ އެބަ ހޯދާ ކަމަށް ބުނެލީ، އެ ގޭމު މެދުކަނޑާލުމަށެވެ. ކަން ވީ ވެސް އޭނާ ބޭނުންވި ގޮތަށެވެ. ޒިޔާން މި އަންނަނީ ކަމަށް ޔާނިއު ކައިރީގައި ބުނެފައި، ތެދުވެގެން ދިޔައީ ގޭމު ޕޯސް ކޮށްލާފައެވެ. އެއާއެކު ޔާނިއު ޒުހާއަށް ބަލައިލިއެވެ. “ކޭކު ވަރަށް މީރޭ. ޒުއްކޮ ވެސް ހާދަ މޮޅު ވެއްޖެއޭ ދޯ.”
“ތޭންކްސް ޔާން!” ޒުހާ އޭނާގެ ފޯނު ނަގައި އެއާ ކުޅެން އިނެވެ. އޭރު ޔާނިއު ޒުހާގެ ކިޔެވުމާ ބެހޭގޮތުން ސުވާލުކޮށްލިއެވެ. ހަމަ އެވަގުތު ޒުހާ ކުއްލިއަކަށް ފުންމައިގެން ތެދުވިއެވެ. އަދި ވަރަށް ހައިރާންވެފައި ހުރިކަން މޫނުމަތިން ދައްކަމުން، ޔާނިއަށް ފޯނުން ދައްކައިލީ އެއްކަލަ ފޮޓޯއެވެ. “މިއީ އަހަރުން ކޮލެޖުގަ އުޅޭ އަނާނީ! ޔާން ދަންނަ ދޯ އޭނަ؟ އޯ މައި ގޯޑް… ބަލާބަލަ އޭނަ ކޮށްގެން އުޅޭ ކަންތައް! ހެވް ޔޫ ސީން ދިސް؟”
އަނާނީއޭ ބުނުމުން ޔާނިއު ޒުހާގެ އަތުން ފޯނު ދަމައިގަތެވެ. އަދި ގަބޫލުނުކުރެވިފައި އިނދެ، އެ ފޮޓޯއަށް ބަލަހައްޓައިގެން އިނެވެ. “ނޫން، ނުދެކެން މިއެއް. އަހަރެމެންގޭގެ ވައިފައި ކެނޑިގެނޭ މިއުޅެނީ. އެހެންވެ އަދި އެފްބީއަށް ނުވަދެ މި އުޅެނީ މި ދެދުވަހު.” ޔާނިއު އެސްފިޔަވެސް ޖަހައި ނުލައި ފޯނުގެ ސްކްރީނަށް ބަލަން އިނދެގެން މިހެން ބުނެލި އިރު، ޒުހާ ސިއްރުން އެއްމިޔަކަނުން ހީނލީ، އެއީ އޭނާއަށް މާ ކުރިން ވެސް އެނގިފައި އޮތް ވާހަކައެއް ފަދައިންނެވެ.
“ކިތައްމެ ނުލަފާކޮށް އުޅުނަސް ތިކަހަލަ ކަމެއް ކުރަން ކެރިދާނެ ކަމަކަށް ހިޔެއް ނުކުރަން” މަލާމާތުގެ ގޮތަކަށް ޒުހާ ބުނެލިއެވެ.
“މިއީ އަނާނީއެއް ނޫން.” ވަރަށް ޔަޤީންކަމާއެކު ޔާނިއު އެންމެ ފަހުން ބުންޏެވެ. އަދި ފޯނު ދުރުކޮށްލައި ޒުހާ އަތަށް ދިނެވެ.
“ތިބުނީ؟” ޔާނިއު އެ ބުނި އެއްޗެއް ޒުހާގެ ބޮލަށް ނަގައި ނުގަނެވުމުން ހައިރާންވެފައި ހުރެ ބީންބޭގަށް ތިރިވިއެވެ.
“ތިއީ ކޮންމެވެސް އެހެން އަނާނީއަކަށް ވާނީ. މަ ދަންނަ އަނާނީއެއް ނޫނޭ ތީކީ.” ޔާނިއު ތަކުރާރުކޮށްލިއެވެ.
“އެކަމަކު ޔާންއަށް ކިހިނެއް .. ތިހެން ބުނަން … އެނގޭނީ؟” ޒުހާގެ ބަސްތައް އައީ ވަކިވަކިންނެވެ.
“ބިކޯޒް އައި ހޭވް ސީން އެވްރީ އިންޗް އޮފް ހާރ ބޮޑީ. ތި ފޮޓޯ ހަމަ އެއްވެސް ވައްތަރެއް ނޫން. ” ޔާނިއުގެ މޫނުމަތިން ވަކި ތަފާތު ކުލައެއް ފެންނާކަށް ނެތެވެ. އަދި ދެން ދަނީ ކަމުގައި ބުނެފައި ބަދިގެ ފަޅިއަށް ގޮސް އަތް ދޮވެލައިގެން އެގެއިން ނުކުމެގެން ދިޔައެވެ. ޒުހާ އިނީ ޝޮކެއްގައެވެ. ޔާނިއު ދެންމެ އެ ބުނެލި ޖުމްލައިން އޭނާއަށް ހީވީ ޤިޔާމަތެއް ވީ ހެނެވެ. ކަންފަތުގައި އެ ޖުމްލަ ގުގުމަން ފެށި ކަހަލައެވެ. އޭނާ މިއޮއްހާ ދުވަހު އެކަމެއް ނުވުމަށް ދުޢާ ކޮށްކޮށް ހުރި ކަންތައް އެންމެފަހުން ހިނގައިފިއެވެ. އަނާނީ އެހާ ކުރިއަރައިފިކަން އޭނާއަށް ރޭކާވެސް ނުލައެވެ. ޒުހާ ދަތްކުނޑި ވިކައިލީ، އޭނާއާ އެއް ލެޔެއް ހިނގާ މީހަކާ އަނާނީއަށް ކައިރިވާން ކެރުނީތީވެސް، އެކަމުގެ ސަޒާ ނިކަން ނުބައިކޮށް ދޭން ހިތުގައި ޢަޒުމް ކަނޑައަޅަމުންނެވެ.
އަނާނީ އެނދުގައި ކުރުގެޅިގެން އޮތީ އެ ފޮޓޯއާ ދޭތެރޭ ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދާ ވަރުވެފައެވެ. އެހެން އޮއްވައި ދޮރުގައި ޓަކި ޖަހާލައިފައި އެއާ ވިދިގެން މީހަކު ދޮރު ހުޅުވައިލި އަޑު އިވިފައި އަނާނީ ބޯ އަރިކޮށް ބަލައިލިއެވެ. އެތެރެއަށް ވަދެގެން އައި ލިއުޝާގެ މޫނުގެ ކުލަވަރުން އަނާނީގެ ހިތުގެ ވިންދު އަވަސްވެއްޖެއެވެ. އަބަދުވެސް ފުސް މޫނަކާއެކު ހުންނަ ލިއުޝާގެ މޫނު މިއަދު ވަކިން ބަނައެވެ. ޔަޤީނެވެ. ލިއުޝާއަށް އެ ފޮޓޯ ފެނުނީއެވެ. މިހެން ހިތަށް އެރުމުން އަނާނީގެ ދެއަތްތިލައާއި ދެފައި އެކީ ފިނިވެގެން ދިޔައެވެ. އަނާނީ އަވަސްއަވަހަށް ތެދުވިއެވެ.
“ނޫނޭ އަނާނީ ވާ ރަނގަޅު!” ލިއުޝާ އައިސް ހުއްޓުނީ ސީދާ އަނާނީއާ ދިމާ ކުރިމަތީގައެވެ. “ތިއީ އަޅެ ކޮންކަހަލަ ބައްޔެއްތަ ޖެހިގެން ތި އުޅެނީ؟ ކޮޓަރިން ބޭރަށް ނުކުތީމަ އެލާޖިކު ވާ ބައްޔެއްތަ؟” ލިއުޝާގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ. ނަމަވެސް އަނާނީއަށް ފުންނޭވާއެއް ދޫކޮށްލެވުނީ އޭނާ ހީކުރި ގޮތަށް ނުވުމުންނެވެ. “މި ދެދުވަހު އެއްކޮށް ގޭގެ ހުރިހާ މަސައްކަތެއް މިކުރީ އަހަރެން އެކަނި! އަނާނީއަށް މިގޭގަ ހިލޭ ހުރެވޭތީވެސް ކޮންމެވެސް ލަދެއްގެ ކަންފުޅެއް ހުންނަންވާނެ އެއްނު ތިހެން ދެފައި ދަމާފަ ނިދަން އޮންނަ އިރު؟ ބަލަ އެ ކުޑަކުޑަ އަޒްކާވެސް އެބަ ރޮއޭ ނަންނިދައްތަ ކޮބާހޭ ކިޔާފަ. އަނާނީ ހަނދާނެއް ނެތް ދޯ އޭނަ މަތިން ވެސް؟”
ލިއުޝާ ކިޔާ އެއްޗެއް ނިމެންދެން އަދަބުވެރިކަމާއެކު އަޑުއަހަން އަނާނީ އިނެވެ. އަދި އެއަށްފަހު މި ފާއިތުވި ދުވަސްކޮޅު ގޭތެރޭގެ ކަންކަމުގައި ފަރުވާކުޑަ ކޮށްލެވުނީތީ އެކަމަށް އަނާނީ ދެރަވެފައި މާފަށް އެދުނެވެ. އެކަން އެގޮތަށް ތަކުރާރު ނުވާނެކަމުގެ ޔަޤީންކަން ވެސް ދިނެވެ. އެއާއެކު ލިއުޝާ ބުނީ އަޒްކާގެ އެއްޗެހި ދޮންނަން އެބަހުރި ކަމަށާއި، އެކަން ކުރުމަށް އައުމަށެވެ.
ލިއުޝާ ހަވާލު ކުރި ހުރިހާ މަސައްކަތެއް ކޮށް ނިންމާލާފައި، އަޒްކާއާއެކު ވަގުތުކޮޅެއް ހޭދަކޮށްފައި އަޒްކާ ނިންދަވާފައި، އަނާނީ އޭނާގެ ކޮޓަރިއަށް ވަނެވެ. ވަރުބަލި ވެފައި ހުރި ވަރުން އެނދުގައި އޮށޯވެލިއެވެ. އެއާއެކު އަނެއްކާވެސް އެއްކަލަ ފޮޓޯ މަތިން ކުއްލިއަކަށް ހަނދާންވިއެވެ. އެއީ އަނާނީގެ ފޮޓޯއަކަށް ނުވިޔަސް، އެކަމެއް އެހެން މީހުންނަކަށް ނޭނގޭނެއެވެ. އަނާނީ ދެރަވަނީ އެހެންވެގެންނެވެ. އެއާއެކު ފޯނު ނަގައި އަލުން އެ ފޮޓޯ ފެނޭތޯ ބަލަން ފެށީ، އިތުރު ބަޔަކު އެއަށް ކޮމެންޓެއް އެއްޗެއް ކޮށްފައި އޮތްތޯ ބެލުމަށެވެ. ފަހަރުގައި އަނާނީ ދަންނަ މީހަކުވެސް އެއްޗެކޭ ލިޔެފައި އޮވެދާނެއެވެ.
ނަސީބު ރަނގަޅު ކަމުން އެ ފޮޓޯ ވަނީ އެ ޕޭޖުން ނަގާފައެވެ. ކޮންމެވެސް މީހަކު ރިޕޯޓު ކުރީ ކަމުގައި ވެދާނެއެވެ. އަނާނީއަށް ހިންދެމިލެވުނީ އަދިކިރިޔާއެވެ. ނަމަވެސް، އިތުރު ޚިޔާލުތަކުން އޭނާގެ ސިކުނޑި އަލުން ފުރާލާކަށް މާ އިރެއް ނުނެގިއެވެ. އާދައިގެ މަތިން، ޔާނިއުއާމެދު ވިސްނެން ފެށުނެވެ. ޔާނިއު އަނާނީގެ އުފަންދުވަހު އެންމެ ކުޑަމިނުން ތަހުނިޔާ ކިޔާލާކަށް ވެސް ނުގުޅިއެވެ. މެސެޖެއް ފޮނުވި ނަމަވެސް އަނާނީ އުފާވީހެވެ. ނަމަވެސް އެއްކަލަ ރެއަށް ފަހު ޔާނިއުގެ ޚަބަރެއް އަދި ނުވެއެވެ. އެރޭގެ ހާދިސާއާމެދު ލަދުގަނެފައި ހުރި ވަރުން، އިސްވެ ޚަބަރު ވާކަށް އަނާނީއަށް ކެރެނީކީ ނޫނެވެ. އަނެއްކާ ޔާނިއުއަށް ވެސް ވެފައި އެހުރީ އެހެންބާއެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. ޔާނިއުއަށް އެކަހަލަ ކަންތައްތަކަކީ އާންމު ކަންތައްތަކެވެ. އައު ވެގެން މިއުޅެނީ އަނާނީއަށެވެ.
އަނާނީ ހަދާ ކޯހުގެ ދެވަނަ ސިމެސްޓަރ ނިމިއްޖެއެވެ. ފުރަތަމަ ސިމެސްޓަރ އާ ޚިލާފަށް، މިފަހަރު އަނާނީ ފާސްވީ ކިރިޔަކިރިޔާއެވެ. މިކަމާ އަނާނީ ދެރަވިއެވެ. ދެން އޮތީ އެންމެ ފަހު ސިމެސްޓަރ ކަމުން، އޭގެން ރަނގަޅު ނަތީޖާއެއް ހޯދަން އަނާނީ ޢަޒުމް ކަނޑައެޅިއެވެ.
ކޮންމެއަކަސް، އެއްމަސް ދުވަހުގެ ޗުއްޓީއެއް ލިބުމުން، އަނާނީ ޕާޓްޓައިމް ވަޒީފާއަކަށް ދާން ފެށިއެވެ. ގެ ކައިރީ ފިހާރައަކުން ކޭޝިޔަރު ކަމުގެ މި ވަޒީފާ ހޯދަދިނީ ރައްޓެއްސެކެވެ. އެތަނަށް ދާން ފެށިފަހުން އަނާނީގެ ސިކުނޑި ހަމައަކަށް އެޅެން ފެށިއެވެ. މީގެ މާނަ އަކީ ޔާނިއުގެ މަތިން ހަނދާން ނެތުނީއެކޭ ނޫނެވެ. ކުރިއަށްވުރެ މާ ބޮޑަށް މިހާރު ޔާނިއު މަތިން ހަނދާންވެއެވެ. ގިނަ ރޭރޭ ނިދެނީކީ ނޫނެވެ. ނަމަވެސް ޒުހާމެން ފެންނަ ހިސާބަށް ދާން ނުޖެހޭތީ، އެކަމުގެ ސަބަބުން ލިބުނު ލުއި ވަރަށް ބޮޑެވެ.
ފިނި ރެއެއްގެ ދަންވަރެވެ. އާދައިގެ މަތިން އަނާނީ އޮތީ ނުނިދިފައެވެ. އެހެން ރޭތަކަށް ވުރެ ބޮޑަށް މިރޭ ޔާނިއުގެ މަތިން ވިސްނެނީއެވެ. އާދަޔާޚިލާފު އިޙުސާސެއް މިރޭ އެބަ ކުރެވެއެވެ. އެންމެ ހިނދުކޮޅަކަށް ނަމަވެސް ޔާނިއުއާ ގާތުގައި ހުރެލަން އަނާނީ ބޭނުމެވެ.
އެންމެފަހުން އަނާނީއަށް ނޯވެވިގެން ޔާނިއުގެ ނަންބަރަށް ގުޅަން ފެށިއެވެ. ވަރަށް ގިނައިރު ފޯނު ރިންގުވެފައި، ކެނޑެން އުޅޭހެން ހީވެ، އަނާނީ ކަރުއެލުވާލާފައި ވަނިކޮށް އެކޮޅުން “ހަލޯ”އޭ ބުނެލި އަޑު އިވުނެވެ. އެ ބަރު އަޑު ޖެހުމުން އަނާނީގެ ހިއްސުތައް އެކީ ހޭލައްވާލައިފިއެވެ.
(ނުނިމޭ)
3 Comments!
Comments are closed.
Wow. Mi partves vvvccc rythi
Vvv nice hama.. 🙂 thankyou sooo much..
Kyvve ba yaaniu mihaa mi change vy..? Anyways v nice mi bai vx..