ވޭންތަކުން ދިން ހިތި މާޒީ… (3 ވަނަ ބައި)
މިހިސާބައް އެޑައިރީ ކިޔާލެވުމާއިއެކު އެކުއްޖާ އަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އެކުއްޖާގެ މަންމަ އުފުލި ވޭނާ ކެކުޅުން ހިތައް އެރުމުންނެވެ.
- * * * * * * * * * * * * * * * * * * * * * * * * * * * * ** * * * * * *
- މަޑު މަޑުން ދުވަސްތައް ފާއިތު ވަމުންގޮސް އަހަރެއް ވޭތުވެގެން ދިޔައީއެވެ. ވޭނާއި ކެކުޅުން އެއީ މިހާރު އަހަންނަށް އާކަމެއް ނޫނެވެ. ހިތާމަތައް ފޮރުވައިގެން ކެއްކުރުމަކީވެސް މިހާރު އަހަންނަށް މާ އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް ކެއްކުރެވޭނީ ވަކި ވަރަކަށް ނޫންހެއްޔެވެ؟ އެކަނިވާ ކޮންމެ ވަގުތަކީ އަހަރެންގެ ހިތްވަރު އެލިގެންދާ ފަހަރެކެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ދުނިޔެ މަތީގައި އަހަންނަށް ވަނީ ކޮން އުފަލެއް ހެއްޔެވެ؟ އަހަންނަށް މިނޫން ހަޔާތެއް ދައްކަވާތޯ ހިތާހިތުން ދުއާ ނުކޮށްލެވޭ ފަހަރެއް މަދުވާނެއެވެ.
މިއަދުވެސް އަހަރެން ބޭރަށް ނުކުތީ ސުކޫލުގައި އޮތް އިތުރު ހަރަކާތަކަށް ސުކޫލު ތައްޔާރު ކުރުމަށް ދާންޖެހިގެންނެވެ. އަހަރެން ކޮންމެ ހާލެއްގައި އުޅުނަސް އެކުވެރިންނަކަށް އެކަމެއް ނުދައްކަމެވެ. އެކުވެރިންގެ ކުރިމަތީގައި އަހަންނަކީ މުޅިން އެހެން މީހެކެވެ. އެކަނި ވުމުން އަހަންނަކީ އެހެން މީހެކެވެ. އެކަން އެނގޭ ހަމައެކަނި ފަރާތަކީ ހެއްދެވި ފަރާތެވެ. އަހަރެންގެ ހަޔާތައް އައި ކަޅުވިލާގަނޑުގެ އަސަރު އާއިލާއާއި ރައްޓެހިންނަށް ފޯރާކަށް އަހަރެން އެއްވެސް ހާލެއްގައި ބޭނުމެއް ނޫނެވެ.
އާދައިގެ މަތިން އެދުވަހު ވެސް ސުކޫލު ތެރޭގައި އަހަރެން އުޅުނީ ވަރަށް މަޖާކޮންނެވެ. އަހަރެން ކަމަކާދެރަވެފައި ހުރިކަމެއް މީހަކަށް ނޭނގޭނެއެވެ. ނަމަވެސް ބައެއް ފަހަރުތަކުގައި އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޒިލާ އަށް އަހަރެންގެ ހާލު ރޭކާލާ ކަހަލައެވެ. ހުރިހާ ކަމެއް ރަނގަޅުތޯ ދޭތެރެއަކުން އޭނާ ސުވާލު ކޮށްލާނެއެވެ. ނަމަވެސް އަހަރެން މިހުރިހާ ކަމެއް ސިއްރު ކުރަނީ އާއިލާ އާއި ޒިލާ އަށް ގޮތެއްވާން އަހަރެން ބޭނުން ނުވާތީ އެވެ.
އަހަންނާއި އަހަރެންގެ ބައެއް އެކުވެރިން ސުކޫލުން ބޭރަށް ނުކުތީ ތަން ތައްޔާރު ކުރަން ބޭނުންވާ ބައެއް ސާމާނު ބޭރުން ހޯދުމަށެވެ. އޭރު ވެސް ހަސަނު ހުރީ ސުކޫލުގެ ޑިއުޓީގައި ކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެން އެކުވެރިންތައް ކައިރީގައި ތިބުމުން އޭނާ އަޅައެއް ނުލައެވެ. ހަސަނު ފެނުމުން އަހަރެންގެހިތް ނުތަނަވަސްވި ނަމަވެސް އެކަން އަހަރެން އެއްވެސް މީހަކަށް ނުދައްކަމެވެ. އެކުވެރިންނާއި އެކު ބޭރަށް ދިޔައީ ހިނިތުންވެ ހުރެއެވެ.
ބޭރުން ގެނައި ހުރިހާއެއްޗެއް ހިފައިގެން އެންމެންނާއި އެކު އަހަރެން ސުކޫލަށް ވަނީމެވެ. ހަސަނު ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވާ އެއް ލެވުނެވެ. ގޭޓުން އެތެރެއަށް ނުވަދެވެނީސް އަހަރެންގެ އަތުގައި ހުރި އެއްޗެހިތައް ބިންމައްޗަށް ވެއްޓުނީ ދުވެފައި އައި ކުއްޖަކު އަހަރެންގެ ގައިގައި ޖެހިގަތުމުންނެވެ. އޭރު އަހަންނަށް ބަލާލުމެއްނެތި އެހެން އެންމެން ސުކޫލުތެރެއަށް ވަދެގެން ހިނގައްޖެއެވެ. އަހަރެންގެ އަތުން ވެއްޓުނު އެއްޗިހިތައް ނެގުމަށް ތިރިވި ވަގުތު އަހަރެން ސިހުނީ ކައިރީގައި ހުރިމީހާ ފެނިފައެވެ. އަހަންނަށް ވަށައިގެން ހޯދާލެވުނީ ސަލާމަތްތެރިކަން ލިބެނެގޮތެއް އެހިސާބުން ފެނޭތޯ ބަލާލުމަށެވެ. ނަމަވެސް މީހެއްގެ ހިލަމެއްވެސް އެމަގުން އެވަގުތު ނުފެނުނެވެ.
ކައިރީގައި ހުރީ ހަސަނެވެ. މިވަގުތު އޭނާ ކުރަން އެއުޅެނީ ކީއްކަން ނޭނގުނު ނަމަވެސް އޭނާގެ ފަރާތުން ގޯނާއެއް ކުރިމަތި ނުވެ އަހަރެން ސަލާމަތް ނުވާނެކަން ވިސްނުމުން ބިންމަތީގައި ހުރި އެއްޗެހިތައް އެހުރިތަނުގައި ބެހެއްޓުމަށްފަހު ތެދުވެގެންދާން އަހަރެން ހިނގައިގަތީމެވެ. ނަމަވެސް ހަސަނު މާ ހުށިޔާރެވެ. އަހަރެންގެ އަތުގައި ހިފުމަށްފަހު މަޑުކުރުވިއެވެ. އަހަރެން އޭނާގެ އަތް ނެއްޓުވޭތޯ ގަދަ ހަދަމުން ދިޔައީމެވެ. ނަމަވެސް ބޮޑު ފިރިހެނެއްގެ ކައިރީގައި އަހަންނަށް ގަދަވެވޭނީ ކިހިނަކުން ހެއްޔެވެ. އަހަރެން ގަދަ ހަދަން ފެށުމުން އޭނާ އަހަރެންގެ އަތުގައި ހިފައި ގަޔާ ކައިރި ކޮށްލިއެވެ. އަހަރެން އެނާ ދުރައްލެވޭތޯ ކުރި މަސައްކަތް ބޭކާރުވީ އޭނާ އަހަރެން ކޮއްޕާލުމުންނެވެ. އަހަރެން ގޮސް ޖެހުނީ ސުކޫލުގެ ގޭޓުގައެވެ. ވީތަދުން އަހަންނަށް ހިރި ނުލެވިފައި ހުއްޓާ އޭނާގެ ހަމަލާއެއް އެރީ އަހަރެންގެ ކަންކަށިމައްޗަށެވެ. ތަދުވި ނަމަވެސް އެތަދުގެ މަތިން ހަނދާން ނެތުނީ ކުރިމަތީގައި މަންޒަރު ބަލަން ހުރި ޒިލާ ފެނުމުންނެވެ. އަހަރެންނަށް ކުރަމުންދިޔަ އަނިޔާތައް ބަލާކަށް ޒިލާ އަކަށް ކުޅަދާނައެއް ނުވިއެވެ. އައިގޮތައް އައިސް ހަސަނު އަހަރެންގެ ކައިރިން ދުރުކުރިއެވެ.
ޒިލާފެނުމުން ހަސަނު ބިރުގަތީ ކަންނޭގެއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޭޓުން ނުކުމެގެން ހިނގައްޖެއެވެ. ހަސަނު ދިޔުމާއިއެކު އަހަންނަށް ރޮވެންފެށިއެވެ. ޒިލާއަށް ހަގީގަތް ކިޔައިދެން އަހަރެން ވަރަށްވެސް ބޭނުމެވެ. ނަމަ ވެސް އަހަންނަކަށް އެހިތްވަރެއް ނުލިބުނެވެ. ނަމަވެސް މިއަދު ޒިލާގެ ލޮލަށް ހަގީގަތް ފެނިއްޖެއެވެ. ނަމަވެސް ހަސަނު އަހަންނަށް އެހާ އަނިޔާ ކުރަނީ ކީއްވެ ކަމެއް ހުދު އަހަންނަށް ވެސް ނޭނގެއެވެ. ޒިލާގެ ސުވާލުތަކަށް ދޭނެ ޖަވާބެއްވެސް އެވަގުތު އަހަރެންގެ ދުލަކަށް ނައެވެ. އަހަންނަށް ހަމައެކަނި ބުނެވުނުު ވާހަކަ އަކީ މިވާހަކަ އެހެން މީހަކަށް އެނގުނަ ނުދީ ސިއްރުކޮށްދޭށޭ އެވެ.
ނަމަވެސް ޒިލާ އެއްގޮތަކަށްވެސް އެކަމަކާ އެއްބަސް ވާކަށް ބޭނުމެއް ނުވިއެވެ. ޒިލާ އެވާހަކަތައް މީހެއްކައިރީ ދައްކައިފިނަމަ އަހަންނަތް އޮތް ނުރައްކަލުގެ ބޮޑުކަން ޒިލާއަށް ވިސްނައިދެވުނީ ހާލަކުންނެވެ. މިހާލަށް އަހަރެން އެކަނި ދޫކޮށްލުމަކީ ޒިލާއަށް ފަސޭހަ ކަމަކަށް ނުވާނެކަން ވެސް އަހަންނަށް ވިސްނެއެވެ. ނަމަވެސް އަހަރެންގެ އެއްވެސް އެދުމެއްގައި ކޮޅުފައިން ޖެހުމަކީ ޒިލާ އަށް ކުރެވޭނެ ކަމެއް ނޫންކަން ވެސް އަހަންނަށް އެނގެއެވެ.
އެދުވަހުގެ ފަހުން ހަސަނުގެ ހަބަރެއް ނުވެއެވެ. ވަރަށް މަދުން ނޫނީ ނުފެނެއެވެ. ހަފްތާއެއްފަހުން އަހަންނަށް އެނގުނީ އޭނާ ރަށް ދޫކޮށްފައި އޭނަގެ މަންމަގެ ރަށަށް ބަދަލުވި ކަމެވެ. ހަސަނު ދިއުމުން އަހަންނަށް ލިބުނު ހިތްހަމަޖެހުން ބުނެދެންވެސް އަހަންނަށް ނޭނގުނެވެ. މީހެއްގެ އަނިޔާއެއް ނުފޯރާތީ އަހަރެން ހުރީ އުފަލުންނެވެ. އަހަރެންގެ ދިރިއުޅުން އަނދިރި ވެފައި ވަނިކޮށް ދިރިއުޅުން އަލިވެގެން ދިޔަކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ކިޔެވުމަށްވެސް އަހަންނަށް ސަމާލުކަން ދެވެން ފެށުނެވެ. ކުރިން އަހަރު ތަކެކޭވެސް އެއްފަދައިން ސުކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމް މިއަހަރު ވެސް އަހަރެން ދިފާއު ކުރީމެވެ.
- * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
- ހިތްހަމަ ޖެހުމާއި އަމާން ކަމާއެކު ދެއަހަރު ފާއިތުވެގެން ހިނގައްޖެއެވެ. ގުރޭޑު 9 އެއްގެ ކިޔެވުން ފެށުނުތާ މާ ގިނަ ދުވަހެއް އަދި ނުވެއެވެ. އަހަރެންގެ ދިރިއުޅުން ވަރަށްވެސް އުފާވެރިއެވެ. ނަމަވެސް އަދިވެސް އެހަނދާންތައް އަހަރެންގެ ހިތުން ފިލައިގެން ނުދެއެވެ. މިއަދާ ހަމައަށްވެސް ހުރިހާ ކަމެއް ސިއްރުކޮށްގެން އަހަރެން މިހުންނަނީ އަހަރެންނާއި އާއިލާގެ މުސްތަގުބަލަށް ވިސްނާފައެވެ. ނަމަވެސް އެކަންކަން ހަނދާންވާ ކޮންމެފަހަރަކު އަހަރެން ބިރުގަނެއެވެ. ދުނިޔެ މަތިން ފޫހިވެއެވެ. އަންހެން ކުއްޖަކަށް އެންމެ މުހިންމު ވާނީ އެކުއްޖެއްގެ އިއްފަތް ތެރިކަން ރައްކާތެރި ކުރުމެވެ. ނަމަވެސް އެކަން ވެސް އަހަންނަށް ނުވުމުން އަހަރެން އަހަރެންގެ އަމިއްލަ ނަފުސުދެކެ ފޫހިވެއެވެ.
- އަހަރެން ބޭރަށް ނުކުތީ މަންމަ ބުނެގެން ފިހާރައަށް ދިއުމަށެވެ. ރޭގަނޑުގެ ވަގުތު ކަމުން މަގުތައް ވަރަށް އަނދިރި އެވެ. ފިހާރައިން ނުކުމެގެން އާދައިގެ ވަރަކަށް ހިނގާފައި އަހަރެން އައީ ގެޔާ ދިމާއަށެވެ. އަހަރެން ހުރި ފިޔަވަޅު މަތީގައި ހުއްޓެން މަޖުބޫރުވީ ކުރިމަތިން ހުރަސްކުރި ޒުވާނާ ފެނިފައެވެ. އިސްކޮޅުން ދިގުވެފައި ރީއްޗެވެ. ތުނބުޅިވެސް ބަހައްޓާފައި ހުރީ އެންމެ ޒަމާނީ ގޮތަށެވެ. އިސްތަށިގަނޑުވެސް ކޮށާފައި ހުރީ އެންމެ ރީތި ސްޓައިލަށެވެ. ދެއަހަރު ފަހުން ކިތަންމެ ބަދަލުވެފައި ހުއްޓާފެނުނަސް ހަސަނު އަހަންނަކަށް ނޯޅޭނެ އެވެ. އަހަރެން ހަސަނު ދެކެ އިންތިހާއަށް ނަފުރަތު ކުރަމެވެ.
- ހަސަނަކީ ރަށުގައި އުޅުނު އެންމެ ނުލަފާ މީހުންގެ ތެރެއިން މީހެކެވެ. އުމުރުން ކިތަންމެ ޒުވާނަކަސް ދިރިއުޅުމެއްނެތެވެ. ކިޔަވަންވީ ދުވަސްވަރު އާއިލީ މައްސަލަ ތަކުގައި ދިރިއުޅުން ހޭދަކުރަންޖެހުމުގެ ނަތީޖާ އަކަށްވީ ކިޔެވުން މަތިން ފޫހިވެ ކުށުގެ މާހައުލަށް ނިކުންނަން ޖެހުމެވެ. ނަމަވެސް އޭނާ އަހަރެންނާ ދޭތެރޭ އެގޮތަށް ކަންތައް ކުރުމުގެ ބޭނުމެއް އަހަންނަކަށް ނުވިސްނެއެވެ. ހަސަނު ފެނުމާއި އެކު އަހަރެންގެ ހަޔާތުގެ ހުޅުކޮޅު ނިވުނު ކަހަލަ އެވެ. ހަދާނެ ގޮތް ހުސްވި އެވެ. މީގެ ދެއަހަރު ކުރީގެ ދިރިއުޅުމަށް ރުޖޫއަވާންޖެހޭ ކަމުގެ އިހުސާސް އަހަންނަށް ކުރެވެން ފެށިއެވެ. އެފިޔަވަޅުމަތީގައި ހުއްޓެވުނު ގޮތަށް ގަނޑުވެފައިވާ އިންސާނެއް ފަދައިން އަހަންނަށް ހުރެވުނީ ކިހާއިރަކު ކަމެއް އަހަންނަކަށް ވެސް ނޭނގެއެވެ.
- ހޭވެރިކަންވީ މަންމަ އަހަންނަށް ގޮވާލުމުންނެވެ. އަހަރެން ގެޔަށް ނައިސް ލަސްވުމުން އަހަރެން ކޮބާތޯ ބަލަން މަންމަ އައި އިރު އަހަންނަށް މި ހުރެވުނީ މަގު މެދުގައެވެ. ކިހިނެއްވީތޯ މަންމަ ސުވާލު ކުރުމުން ކަމެއް ނުވާ ކަމަށް ހަދާފައި އަހަރެން
- މަންމަ އާއި އެކު ގެޔަށް ދިޔައީމެވެ.
- މިރޭ ނިދަން އުޅެ އުޅެ އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. ހަމަ ވިސްނެނީއެވެ. މާދަމާގެ އިރުގެ އަލިކަން ފެންނަ އިރު އަހަރެންގެ ހަޔާތް ކަޅު އަނދިރި ކަމަކަށް ބަދަލުވެގެން ހިނގައިދާނެތީ ހަމަ ކަންބޮޑު ވަނީއެވެ. މިރޭ މިފެނުނީ ކުރިއަށް އަންނަން އޮތް ތޫފާނުގެ ކަޅުބޯ ވިލާގަނޑުކަން ރޭކާލުމުން ހަމަ ހިތް ބިރު ގަންނަނީއެވެ. ކުރިން ލިބުނު އަނިޔާތަކުން ހިތަށް ލިބުނުޒަހަމްތައް މުޅިންހެން ފަސޭހަވެފައި ވަނިކޮށް އަނެއްކާވެސް އެޒަހަމްތައް ލިބެން ބޭނުން ނުވާތީ ބިރު ގަންނަނީއެވެ. އަހަރެންގެ ހަޔާތުގެ ކަޅު ސަފްހާތައް އާއިލާއަށް ފެންނަ ދުވަހު އެމީހުންގެ ހިތައް ވާނެ ތަދު އިހުސާސް ވުމުން ހަމަ ދެރަވެ ރޮވެނީއެވެ. މިފަދަ އެތަކެއް ފިކުރެއްގައި އޮއްވާ އަހަންނަށް ނިދުނީ ކޮންއިރަކު ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.

nice mi ba vx
Nice.. waiting for next part…♥♥♥
Kihineh vefa. Fahuge bai nukiyey.
Fahubai nukiyey, than kolhu kolhu kendifa hury
nukiyey fahubai
foohi
mivarun vaahaka nuliyey