ހިތްހަމަ ޖެހުމާއި އަމާން ކަމާއެކު ދެއަހަރު ފާއިތުވެގެން ހިނގައްޖެއެވެ. ގުރޭޑު 9 އެއްގެ ކިޔެވުން ފެށުނުތާ އަދި މާގިނަ ދުވަހެއްނުވާނެއެވެ. އަހަރެންގެ ދިރިއުޅުން މިހާރު ވަރަށްވެސް އުފާވެރިއެވެ. މީހެއްގެ ފަރާތުން އުނދަގުލެއް ނުވާތީ އަހަރެންނަށް ހެއްދެވި ފަރާތައް ޝުކުރު އަދާކުރެވުނީ ކިހާވަރަކަށް ކަމެއްވެސް ބުނެދޭކަށް ނޭނގެއެވެ. އަހަރެން ބޭރަށް ނުކުތީ މަންމަ ބުނެގެން ފިހާރައަށް ދިއުމަށެވެ. ރޭގަނޑުގެ ވަގުުކަމުން މަގުތައް ވަރަށް އަނދިރިއެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. މަންމަ ބުނި ހުރިހާ އެއްޗެއް ގަނެގެން އަހަރެން ފިހާރައިން ނުކުމެގެން ބާރު ހިނގުމުގައި މިސްރާބުޖެހީ ގެއާދިމާއަށެވެ. ނަމަވެސް އަހަރެން ހުރި ފިޔަވަޅުމަތީގައި ހުއްޓެން މަޖުބޫރު ކުރުވީ ކުރިމަތިން ފެނުނު އިންސާނާއެވެ. އިސްކޮޅުން ދިގުވެފައި ބަލާލަން ވަރަށްވެސް ހިތްގައިމެވެ. ތުނބުޅިއާއި މަތިމަސް ބަހައްޓާފައި ހުރީ އެންމެ ޒަމާނީ ގޮތަށެވެ. އިސްތަށިގަނޑުވެސް ކޮށާފައި ހުރީ އެންމެ ރީތި ސްޓައިލަށެވެ. ދެއަހަރު ފަހުން ފެނުނު ނަމަވެސް އަހަންނަކަށް އެއީ ކާކު ކަމެއް ނޯޅޭނެއެވެ. އަދިވެސް އެހަނދާންތައް އަހަރެންގެ ހިތަކުން ފޮހެވިގެނެއް ނުދެއެވެ. އެ ހިތިމާޒީގެ އަސަރުތައް އަދިވެސް އަހަރެންގެ ހަޔާތުން ފިލައިގެނެއް ނުދެއެވެ. ހަސަނަކީ ރަށުގައި އުޅުނު އެންމެ ނުލަފާ މީހުންގެ ތެރެއިން މީހެކެވެ. އުމުރުން ކިތަންމެ ޒުވާން ނަމަވެސް ސެކިއުރިޓީ ކަމުގެ ވަޒީފާއަށް އޭނާ ވަންނަން ޖެހުނީ ކިޔަވަންވީ ދުވަސްވަރުގައި ނުކިޔެވުމުގެ ސަބަބުންނެވެ. ކިޔަވަންވީ ދުވަސްވަރުގައި އާއިލީ ހަމަނުޖެހުން ތަކެއްގައި އުޅެންޖެހުމުގެ ނަތީޖާ އަކަށްވީ ކުށުގެ މާހައުލަށް ނުކުމެ އަމިއްލަ އަތުން ދިރިއުޅުން ހަލާކު ކުރަން ޖެހުމެވެ. އަހަރެންނަށް ހޭވެރިކަންވީ މަންމަ މަގު ކޮޅުގައި ހުރެ އަހަންނަށް ގޮވާލުމުންނެވެ. އޭރު ހަސަނު ފެންނަންވެސް ނެތެވެ. ނަމަވެސް އެއީ ކުއްހިޔެއް ނޫންކަން އަހަންނަށް ޔަގީނެވެ. އެއީ ހަމަ ހަސަނެވެ. ނަމަވެސް އެއީ ހަސަނު ކަމުގައިވާނަމަ އަޅާނުލާ ދާންވީ ކީއްވެގެން ހެއްޔެވެ؟ ހަސަނު އިސްލާހުވީ ނޫންބާވައޭ އަހަރެންގެ ހިތައް އެރިއެވެ. މިރޭ ނިދަން އުޅެއުޅެ އަހަރެންގެ ލޮލަކަށް ނިންޖެއްނައެވެ. ހަމަ ވިސްނެނީއެވެ. މާދަމާގެ އިރުގެ އަލިކަން އަހަރެންގެ ހަޔާތަށް އަނދިރިކަން ގެންނަން އުޅޭކަމުގެ އިހުސާސް ކުރެވުމުން ހަމަ ބިރުގަންނަނީއެވެ. މާޒީގެ ހަޔާތް އަލުން ތަކުރާރުވެދާނެތީ ހިތް ނުތަނަވަސް ވަނީއެވެ. މިއަދާ ހަމަޔަށް އާއިލާ އަށް ސިއްރުކޮށްފައިވާ ބޮޑު ހަގީގަތް އާއިލާއަށް ފަޅާއަރައިފިނަމަ އެމީހުންގެ ހިތަށް ކުރާނެ އަސަރު އިހުސާސްވުމުން ހަމަ ދެރަވަނީއެވެ. މި ހިޔާލު ތަކުގައި އޮއްވާ އަހަންނަށް ނިދުނީ ކޮން އިރަކު ކަމެއްވެސް އަހަންނަކަށް ނޭނގުނެވެ. ހެނދުނު އަހަންނަށް ހޭލެވުނީ ސުކޫލަށްދާން މަންމަ ގޮވުމުންނެވެ. ހޭލެވުމާއިއެކު އަހަރެންގެ ހިތުގައި ނޭނގޭ ބިރުވެރި ކަމެއް އުފެދުނެވެ. ދެއަހަރު ކުރީގެ ހަނދާންތައް އަހަރެންގެ ސިކުނޑި ވަށާލީ ކީއްވެކަމެއް އަހަންނަކަށް ނޭނގެއެވެ. އަވަހަށް ތައްޔާރުވެލައިގެން އާދައިގެ މަތިން އަހަރެން ސުކޫލަށްދާން ނުކުތީމެވެ. އާދައިގެ ވަރަކަށް ހިނގާފައި ދިޔަނަމަވެސް ފަސްމިނެޓު ތެރޭގައި ސުކޫލަށް ދެވޭނެއެވެ. ގެޔާ ސުކޫލާ އެހާވެސް ކައިރިއެވެ. ދުވަސްތަކަކަށްފަހު އަނެއްކާވެސް އަހަރެންގެ ހިތް މިވަނީ ނުތަނަވަސް ވެފައެވެ. ރޭގައި އަހަންނަށް ހަސަނު ފެނުން އެއީ ހީވި ހީވުމެއްބާއެވެ. ނޫނެކެވެ. އެހެންވާންވީ ކީއްވެ ހެއްޔެވެ؟ ސަބަބަކާ ނުލައި އަހަންނަށް ހަސަނުގެ ސޫރަ ސިފަ ވާންވީ ކީއްވެހެއްޔެވެ؟ ޢަދައިގެ ހިނގުމެއގައި ދިޔަ އަހަރެން ސިހުނީ ރަށުގެ ބޮޑުމަގުގެ އެއްފަރާތުގައި އިން ޖޯއްޔެއްގައި އިށީންދެލައިގެން އިން ޒުވާނާ ފެނިފައެވެ. ކަޅު ކުލައިގެ ސޯޓުބުރިއެއްލައިގެން ހުސްގަޔާ އިންއިރު ވަރަސްވެސް ހިތްގައިމެވެ. ނަމަވެސް އެހިތްގައިމު ކަމަކުން އަހަންނަކަށް އަސަރެއް ނުކުރިއެވެ. އެއީ ހަސަނުކަން ޔަގީން ވުމާއިއެކު އަހަރެންގެ ހިތުގައި އުފެދެން ފެށީ ބިރުވެރިކަމެކެވެ. އަހަރެން އެހިސާބާ އަރާ ހަމަވުމުން ހަސަނު އިސްއުފުލާ ބަލާލިއެވެ. ހަސަނުގެ ބަލައިލުން ކިތަންމެ ހިތްގައިމު ނަމަވެސް އެސޫރަ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތައް އުނދަގޫވެއެވެ. އެބަލާލުމުން އަހަންނަށް ސިފަވެގެން ދަނީ އަހަރެންގެ ކަޅު މާޒީއެވެ. ވާނީވެސް އެހެންތާއެވެ. އުމުރުން ބާރަ އަހަރުގައި އަހަރެންގެ ދިރިއުޅުން ބަނަކޮށްލި މީހަކީ އެއީއެވެ. އަހަރެންގެ ހިތުގައި ހަސަނަށްޓަކައި ވަނީ ނަފުރަތެވެ. ހަސަނުގެ ސަބަބުން އަހަންނަށް އުފުލަންޖެހުނު ވޭނާ ކެކުޅުން އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލައިގެނެއް ނުދާނެއެވެ. އަހަރެންގެ ކުށަކީ ކޮބައިކަން އެނގެން މިއަދުވެސް އަހަރެން ބޭނުމެވެ. ނަމަވެސް އެސުވާލުގެ ޖަވާބު ހޯދުމަކީ ފަސޭހަ ކަމެއް ނޫންކަން އަހަންނަށް އެނގެއެވެ. ހަސަނު ބަލާލި ނަމަވެސް ފެންނަކަމަށް ނުހަދާ ދާން އަހަރެން ހިނގައިގަތީމެވެ. ހަސަނުގެ ހަމަލާއެއް ލިބޭނެ ކަން ޔަގީން ވާތީއެވެ. ނަމަވެސް ކަންތައްވީ ހީކުރިގޮތާ މުޅިން ހިލާފަށެވެ. ހަސަނު ހަމަ އިންތާނގައި އިނީއެވެ. އަހަންނަކަށް އަނިޔާއެއްކުރާކަށް ނައެވެ. ގަޑިޖެހޭތީ އިތުރަށް ވިސްނަން ނުހުރެ އަހަރެންގެ ހިނގުން ބާރުކޮށްލީމެވެ. ސުކޫލަށްގޮސް ވަދެވުމާއި އެކު އަހަރެން ދިޔައީ ޒިލާމެން ކުލާހަށެވެ. އަހަރެން ފެނުމާއި އެކު ޒިލާބުނީ ހަސަނު އައިސް އުޅޭ ވާހަކައެވެ. ހަސަނުގެ އަމަލުތައް ހުންނަ ގޮތުން އަހަރެންނަށް ވިސްނަން މަޖުބޫރު ވިއެވެ. އެއީ މީގެ ކުރިން އަހަރެން ދަންނަ ހަސަނެއް ނޫނެވެ. ކުރިން އެލޮލުން އަހަންނަށް ފެނުނު އަނިޔާ ވެރިކަން މިހާރު އަހަންނަކަށް ނުފެނެއެވެ. ހަސަނައް ރަނގަޅުގޮތް ވިސްނުނީ ނޫންބާވައެވެ؟ ހަސަނު ރަށަށް އައިފަހުނ މިހާރު ދެ ހަފްތާ ވެދާނެއެވެ. ނަމަވެސް ހަސަނުގެ އެއްވެސް އުނދަގުލެއް އަހަންނަކަށް ނުފޯރައެވެ. ހަސަނު އަހަންނަށް ކުރި އަނިޔާތަކާއި، ޒިލާ އަށް ހުރިހާ ކަމެއް އިނގުމުން ހަސަނުގެ އުނދަގުލުން އަހަރެން ސަލާމަތްވުމާއި، ކުއްލިގޮތަކަށް ހަސަނު ރަށް ދޫކޮށްފައި ދިޔުމާއި ދެއަހަރު ފަހުން ހަސަނަށް އައިސްފައި އެވާ ބަދަލު ތަކުގެ ފަހަތުގައި ކޮންމެސް ސިއްރެއް ވާނެކަން އަހަންނަށް ޔަގީނެވެ. ނަމަވެސް އެސިއްރު އަހަރެން ހޯދާނީ ކިހިނެއް ހެއްޔެވެ؟ މިއަދަކީ ސުކޫލާއި ޒުވާނުން ގުޅިގެން ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ދުވަހެކެވެ. ބޭރަށް ނުކުންނަ ހިތް ނެތް ކަމަކު އަހަންނަށް އެތަނަށްދާން މަޖުބޫރުވީ އަހަންނަކީ ސުކޫލުގެ ހެޑް ޕްރިފެކްޓް ކަމުން މިފަދަ ކަންކަމުގައި ބައިވެރި ނުވެއްޖެނަމަ އެކަން އެންމެންގެ ސަމާލުކަމަށްވެސް އަންނާނެތީ އެވެ. ކަންދިމާކުރި ގޮތުން މަސައްކަތްތައް ކުރަން ހަމަޖެހިފައިވަނީ ޒުވާނަކާއި ސުކޫލުކުއްޖެއް ހިމެނޭގޮތަށް ޓީމްތައް ބަހައިގެންނެވެ. ޓީމްތައް ބެހުމައްޓަކައި ނެގި ލީޑަރުންގެ ތެރޭގައި ހަސަނުވެސް ވިއެވެ. އަހަރެން ހަސަނުގެ ޓިމަށް ނުދޭތޯ ހިތާހިތުން ދުއާ ކޮށްލީމެވެ. ޓީީމްތައް ބަހަމުން ގޮސް ހަސަނު ބޭނުންވާ ކުއްޖަކު ނެގުމަށް ހަސަނަށް ފުރުސަތު ލިބުނެވެ. އަހަރެން ސިހުނީ ހަސަނު އަހަރެންގެ ނަން ބުނުމުންނެވެ. އަހަންނަށް ހަސަނަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. ނަމަވެސް އަހަރެންގެ ބަލާލުމަކަށް ހަސަނު ފަރުވާލެއް ނުބެހެއްޓިއެވެ. ހިތް ނުތަނަވަސްވި ނަމަވެސް މިފަހަރު އަހަރެން މިހުރީ ހުރިހާ ކަމަކަށް ކުރިމަތިލާން ނިންމައިގެންނެވެ. އެއްވެސް މީހަކަށް މިހާރު އަހަރެންގެ މައްޗަކަށް ބާރެއް ނުފޯރުވޭނެއެވެ. އަހަރެންގެ ހަޔާތުގެ ހިތި މާޒީ އަލުން ތަކުރާރުވިޔަދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ޓީމްތައް ބެހުމަށްފަހު އެންމެން މަސައްކަތައިގެން ނުކުމެއްޖެއެވެ. ގުރުއަތުން އަހަންނާއި ހަސަނުގެ ޓީމަށް ލައްވާލީ ވަލުފަރާތު ގޮނޑުދޮށުގައި ހުރި ޕްލާސްތިކް ފުޅިތައް ނެގުމެވެ. އެންމެން މަސައްކަތް ކުރަން ދިޔައިރުވެސް އަހަރެންނަށް ހުރެވުނީ ފިކުރެއްގެ މަތީގައެވެ. ވަލުފަރާތައް ދިއުމަށްފަހު ދުރުގައި ހުއްޓިލައިގެން ހުރެވުނީ ހިތައް އަރާ ފައިބަމުން ދިޔަ ހިޔާލުތަކުގެ ސަބަބުންނެވެ. “ނިހާ ތިހެން ހުރެގެން މަސައްކަތެއް ނުކުރެވޭނެ ދޯ؟ އާދޭ އަހަންނަށް ހެލްޕް ވާން” އަހަރެން ސިހުނީ ހަސަނުގެ އަޑު އިވުމުންނެވެ. މިއީ އަހަރެންގެ މުޅި ހަޔާތުގައިވެސް ހަސަނު އަހަންނާ މަޑުމައިތިރިކޮށް ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. އަހަރެން ކޮންމެވެސް ވަރަކަށް ޖެހިލުންވި ނަމަވެސް ކެރިގެން ކުރިމަތިލުމަށް ނިންމީމެވެ. އެހެންކަމުން ވަރަށް ހަމަޖެހިލާފައި ގޮސް ހަސަނާއަި އެކު ފުޅިތައް ހޮވަންފެށީމެވެ. އިރު އިރުކޮޅާ އަހަންނަށް ވަށައިގެން ހޯދާލެވެއެވެ. ކައިރިން މީހެއްގެ ހިލަމެއްވޭތޯ ބަލާލުމަށެވެ. ނަސީބަކުން އެހެން ޓީމެއްގެ ދެކުއްޖަކުވެސް ކައިރީގައި ތިބުމުން އަހަންނަށް ރައްކާތެރިކަން އިހުސާސްވެއެވެ. އަހަންނާއި ހަސަނުގެ ދެމެދުގައި ވަނީ ހިމޭންކަމެވެ. “އަހަރުމެން އެބަ އަންނަން އެހެން ގޯންޏެއް ހިފައިގެން.” އަހަންނަށް ސިހިފައި ބަލާލެވުނީ އަނެއްގުރޫޕުގެ ދެމީހުން އެހެން ބުނުމުންނެވެ. މުޅި އެހިސާބުގައި ވެސް ތިބީ އަހަންނާއި ހަސަނު އެކަނިކަން އެނގުމުން ހިތުގައި ބިރުވެރި ކަމުގެ ރާޅު ބާންޏެއް އުފައްދާލައިފިއެވެ. ގިނަ އިރު ވީވީހެން އަހަރެންގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތައް ދިޔައީ އިތުރުވަމުންނެވެ. އަހަންނާއި ހަސަނު އެކަނި އެހިސާބުގައި ހުރި އިރުވެސް ހަސަނުގެ އަނިޔާއެއް އަހަންނަށް ކުރިމަތި ނުވާތީއެވެ. ނަމަވެސް އިރު އިރުކޮޅުން ހަސަނު އަހަންނާއި ދިމާލަށް ބަލަމުންދާކަން އަހަންނަށް ފާހަގަ ވެއެވެ. ބައެއްފަހަރު ވާހަކަ ދައްކަން އުޅޭހެން ވެސް އަހަންނަށް ހީވެއެވެ. ނަމަވެސް މަސައްކަތް ފެށުނުފަހުން އަހަރުމެން ދެމީހުންގެ ދެމެދުގައިވި ހިމޭންކަމަކަށް ބަދަލެއް ނާދެއެވެ. އަހަރެން އަވަދިނެތި އުޅުނީ ފުޅިތައް ނެގުމުގައެވެ. ތަނުގައި އަހަރެން ނޫން އެހެންމީހަކު ނެތްކަމުގެ އިހުސާސް އަހަންނަށް ކުރެވުނީ އިރުކޮޅެއް ފަހުންނެވެ. ވަށައިގެން ހޯދާލެވުނެވެ. ހަސަނުގެ ހިލަމެއް ވޭތޯއެވެ. ހަސަނު އެހިސާބުން ފެންނާކަށްނެތެވެ. ވަލުބޭރަށް ގޯންޏެއްބަލާ ދިޔައީކަމަށް ނިންމައިގެން އަހަރެން ކުރަމުން ދިޔަ މަސައްކަތައިގެން ކުރިއަށް ދިޔައީމެވެ. ކުއްލިއަކަށް މީހަކު ފަހަތުން އައިސް އަހަރެންގެ އަނގަ މަތީގައި އަތްއަޅާ ބާރުކޮށްލިއެވެ. އަހަރެންގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. އެއްއަތުން އަހަރެންގެ އަތުގައި ހިފައިގެން އަނެއްއަތުން އަހަރެންގެ އަނގަމަތީގައި އަތްއަޅައިގެން ހުރެ އެމީހަކު އަހަރެން ދަމާފައި ގެންދިޔައީ ގަސްތަކާދިމާލަށެވެ. އަހަންނަކަށް ހަރަކާތެއް ނުކުރެވުނެވެ. އަތްފައި ފިނިވެ ގަނޑުވެފައިވާ ކަހަލައެވެ. އަނގަމަތީގައި އަތް އަޅާފައި ހުރިލެއް ބާރުކަމުން އަޑުބޭރެއް ނުވިއެވެ. ސަލާމަތްވާނެ އިތުރު މަގެއް އަހަންނަކަށް ނުފެނުނެވެ. އެއީ ހަސަނުގެ އަމަލެއްކަން އަހަންނަށް ޔަގީން ވިއެވެ. ކުރީގެ ހަނދާންތައް އާވާން ފެށުމާއިއެކު ރޮވެން ފެށިއެވެ. ނަމަވެސް ކުރެވޭނެ އިތުރު ކަމެއް ނެތެވެ. މިއީ އަހަންނަށް ހުރި ގޮތް ކަމަށް ނިންމައިގެން ހެއްދެވިފަރާތައް ވަކީލު ކޮށްލައިގެން އަހަރެން ހުރީ އަހަންނަށް ސަލާމަތްވާން އިތުރު ކަމެއް ކުރެވެން ނެތީމައެވެ. ގަސްތަކުގެ ތެރެއަށް އަހަރެން ވެއްދުމަށްފަހު އެމީހަކު އަހަރެންގެ އަނގަމަތިން އަތް ނެގިއެވެ. އަހަރެންގެ އަތުންވެސް ދޫކޮށްލިއެވެ. އެއީ ކާކުތޯބަލަން އަހަރެން ފަހަތައް އެނބުރުނީމެވެ. މޫނު ނިވާކޮށްފައި ހުރުމުން އަހަންނަަކަށް އެއީ ކާކުކަމެއް ނޭނގުނެވެ. ސަލާމަތް ވާން ކިތަންމެ ބޭނުންވެފައިހުރި ނަމަވެސް އެވަގުތު އަހަރެންގެ ދެފައި ހަރަކާތެއް ނުކުރިއެވެ. ކުރިއަށް އެންމެ ފިޔަވަޅެއް އަޅާނެ ހިތްވަރެއްވެސް އަހަރެންގެ ގަޔަކު ނެތެވެ. އެމީހާ އަހަރެންގެ ކައިރިއަށް އަންނަމުން ދިޔަނަމަވެސް އަހަންނަށް ގޮތް ހުސްވެފައި ހުރެވުނީއެވެ. އަހަރެންނަށް ހޭވެރިކަމެއްވީ އެހެންމީހަކު އައިސް އަހަރެންނާ ކައިރިވަމުން ދިޔަ މީހާދުރަށް ކޮއްޕާލުމުންނެވެ. އެމީހާ ކައިރިން އަހަރެން ސަލާމަތް ކުރީ ކާކުކަން ފެނުމުން ދިމާވި ހުރިހާ ކަމެއް މަތިން އަހަރެން ހަނދާން ނެތުނު ކަހަލައެވެ. އެއަތަކުން އަހަންނަށް އަނިޔާ ނޫން އެހެން އެއްޗެއް ލިބިފައި ނުވާ އަތުން މިއަދު އަހަރެން ސަލާމަތް ކޮށްދީފިއެވެ. ހަސަނުގެ ފަރާތުން ސަލާމަތްތެރިކަމެއް އަހަންނަށް ލިބިދާނެކަމަށް އަހަރެން ދުވަހަކުވެސް އުންމީދެއް ނުކުރަމެވެ. އަހަންނާއި ކައިރިވި މީހާއަށް އިންޒާރު ދިނުމަށްފަހު ފޮނުވާލާފައި ހަސަނު އަހަރެން ކައިރި އަށް ޖެހިލިއެވެ. އަދި އޯގާތެރިކަމައެކު އަހަރެން އެތާއިން ގަސްގަނޑެއްގެ މަތީގައި ބޭންދިއެވެ. މަޑުމައިތިރި ކަމާއެކު އަހަންނަށް ކަމެއްވިތޯ ހަސަނު ސުވާލުކުރުމުން އަހަންނަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަހަންނަށް ފެންނަމުން ދިޔައީ ހުވަފެނެއް ބާއޭ އެވަގުތު އަހަރެންގެ ހިތައް އެރިއެވެ.
މިހިސާބައް އެޑައިރީ ކިޔާލެވުމާއިއެކު އެކުއްޖާ އަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އެކުއްޖާގެ މަންމަ އުފުލި ވޭނާ ކެކުޅުން ހިތައް އެރުމުންނެވެ. * * * * * * * * * * * * * * * * * * * * * * * * * * * * ** * * * * * * މަޑު މަޑުން ދުވަސްތައް ފާއިތު ވަމުންގޮސް އަހަރެއް ވޭތުވެގެން ދިޔައީއެވެ. ވޭނާއި ކެކުޅުން އެއީ މިހާރު އަހަންނަށް އާކަމެއް ނޫނެވެ. ހިތާމަތައް ފޮރުވައިގެން ކެއްކުރުމަކީވެސް މިހާރު އަހަންނަށް މާ އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް ކެއްކުރެވޭނީ ވަކި ވަރަކަށް ނޫންހެއްޔެވެ؟ އެކަނިވާ ކޮންމެ ވަގުތަކީ އަހަރެންގެ ހިތްވަރު އެލިގެންދާ ފަހަރެކެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ދުނިޔެ މަތީގައި އަހަންނަށް ވަނީ ކޮން އުފަލެއް ހެއްޔެވެ؟ އަހަންނަށް މިނޫން ހަޔާތެއް ދައްކަވާތޯ ހިތާހިތުން ދުއާ ނުކޮށްލެވޭ ފަހަރެއް މަދުވާނެއެވެ. މިއަދުވެސް އަހަރެން ބޭރަށް ނުކުތީ ސުކޫލުގައި އޮތް އިތުރު ހަރަކާތަކަށް ސުކޫލު ތައްޔާރު ކުރުމަށް ދާންޖެހިގެންނެވެ. އަހަރެން ކޮންމެ ހާލެއްގައި އުޅުނަސް އެކުވެރިންނަކަށް އެކަމެއް ނުދައްކަމެވެ. އެކުވެރިންގެ ކުރިމަތީގައި އަހަންނަކީ މުޅިން އެހެން މީހެކެވެ. އެކަނި ވުމުން އަހަންނަކީ އެހެން މީހެކެވެ. އެކަން އެނގޭ ހަމައެކަނި ފަރާތަކީ ހެއްދެވި ފަރާތެވެ. އަހަރެންގެ ހަޔާތައް އައި ކަޅުވިލާގަނޑުގެ އަސަރު އާއިލާއާއި ރައްޓެހިންނަށް ފޯރާކަށް އަހަރެން އެއްވެސް ހާލެއްގައި ބޭނުމެއް ނޫނެވެ. އާދައިގެ މަތިން އެދުވަހު ވެސް ސުކޫލު ތެރޭގައި އަހަރެން އުޅުނީ ވަރަށް މަޖާކޮންނެވެ. އަހަރެން ކަމަކާދެރަވެފައި ހުރިކަމެއް މީހަކަށް ނޭނގޭނެއެވެ. ނަމަވެސް ބައެއް ފަހަރުތަކުގައި އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޒިލާ އަށް އަހަރެންގެ ހާލު ރޭކާލާ ކަހަލައެވެ. ހުރިހާ ކަމެއް ރަނގަޅުތޯ ދޭތެރެއަކުން އޭނާ ސުވާލު ކޮށްލާނެއެވެ. ނަމަވެސް އަހަރެން މިހުރިހާ ކަމެއް ސިއްރު ކުރަނީ އާއިލާ އާއި ޒިލާ އަށް ގޮތެއްވާން އަހަރެން ބޭނުން ނުވާތީ އެވެ. އަހަންނާއި އަހަރެންގެ ބައެއް އެކުވެރިން ސުކޫލުން ބޭރަށް ނުކުތީ ތަން ތައްޔާރު ކުރަން ބޭނުންވާ ބައެއް ސާމާނު ބޭރުން ހޯދުމަށެވެ. އޭރު ވެސް ހަސަނު ހުރީ ސުކޫލުގެ ޑިއުޓީގައި ކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެން އެކުވެރިންތައް ކައިރީގައި ތިބުމުން އޭނާ އަޅައެއް ނުލައެވެ. ހަސަނު ފެނުމުން އަހަރެންގެހިތް ނުތަނަވަސްވި ނަމަވެސް އެކަން އަހަރެން އެއްވެސް މީހަކަށް ނުދައްކަމެވެ. އެކުވެރިންނާއި އެކު ބޭރަށް ދިޔައީ ހިނިތުންވެ ހުރެއެވެ. ބޭރުން ގެނައި ހުރިހާއެއްޗެއް ހިފައިގެން އެންމެންނާއި އެކު އަހަރެން ސުކޫލަށް ވަނީމެވެ. ހަސަނު ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވާ އެއް ލެވުނެވެ. ގޭޓުން އެތެރެއަށް ނުވަދެވެނީސް އަހަރެންގެ އަތުގައި ހުރި އެއްޗެހިތައް ބިންމައްޗަށް ވެއްޓުނީ ދުވެފައި އައި ކުއްޖަކު އަހަރެންގެ ގައިގައި ޖެހިގަތުމުންނެވެ. އޭރު އަހަންނަށް ބަލާލުމެއްނެތި އެހެން އެންމެން ސުކޫލުތެރެއަށް ވަދެގެން ހިނގައްޖެއެވެ. އަހަރެންގެ އަތުން ވެއްޓުނު އެއްޗިހިތައް ނެގުމަށް ތިރިވި ވަގުތު އަހަރެން ސިހުނީ ކައިރީގައި ހުރިމީހާ ފެނިފައެވެ. އަހަންނަށް ވަށައިގެން ހޯދާލެވުނީ ސަލާމަތްތެރިކަން ލިބެނެގޮތެއް އެހިސާބުން ފެނޭތޯ ބަލާލުމަށެވެ. ނަމަވެސް މީހެއްގެ ހިލަމެއްވެސް އެމަގުން އެވަގުތު ނުފެނުނެވެ. ކައިރީގައި ހުރީ ހަސަނެވެ. މިވަގުތު އޭނާ ކުރަން އެއުޅެނީ ކީއްކަން ނޭނގުނު ނަމަވެސް އޭނާގެ ފަރާތުން ގޯނާއެއް ކުރިމަތި ނުވެ އަހަރެން ސަލާމަތް ނުވާނެކަން ވިސްނުމުން ބިންމަތީގައި ހުރި އެއްޗެހިތައް އެހުރިތަނުގައި ބެހެއްޓުމަށްފަހު ތެދުވެގެންދާން އަހަރެން ހިނގައިގަތީމެވެ. ނަމަވެސް ހަސަނު މާ ހުށިޔާރެވެ. އަހަރެންގެ އަތުގައި ހިފުމަށްފަހު މަޑުކުރުވިއެވެ. އަހަރެން އޭނާގެ އަތް ނެއްޓުވޭތޯ ގަދަ ހަދަމުން ދިޔައީމެވެ. ނަމަވެސް ބޮޑު ފިރިހެނެއްގެ ކައިރީގައި އަހަންނަށް ގަދަވެވޭނީ ކިހިނަކުން ހެއްޔެވެ. އަހަރެން ގަދަ ހަދަން ފެށުމުން އޭނާ އަހަރެންގެ އަތުގައި ހިފައި ގަޔާ ކައިރި ކޮށްލިއެވެ. އަހަރެން އެނާ ދުރައްލެވޭތޯ ކުރި މަސައްކަތް ބޭކާރުވީ އޭނާ އަހަރެން ކޮއްޕާލުމުންނެވެ. އަހަރެން ގޮސް ޖެހުނީ ސުކޫލުގެ ގޭޓުގައެވެ. ވީތަދުން އަހަންނަށް ހިރި ނުލެވިފައި ހުއްޓާ އޭނާގެ ހަމަލާއެއް އެރީ އަހަރެންގެ ކަންކަށިމައްޗަށެވެ. ތަދުވި ނަމަވެސް އެތަދުގެ މަތިން ހަނދާން ނެތުނީ ކުރިމަތީގައި މަންޒަރު ބަލަން ހުރި ޒިލާ ފެނުމުންނެވެ. އަހަރެންނަށް ކުރަމުންދިޔަ އަނިޔާތައް ބަލާކަށް ޒިލާ އަކަށް ކުޅަދާނައެއް ނުވިއެވެ. އައިގޮތައް އައިސް ހަސަނު އަހަރެންގެ ކައިރިން ދުރުކުރިއެވެ. ޒިލާފެނުމުން ހަސަނު ބިރުގަތީ ކަންނޭގެއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޭޓުން ނުކުމެގެން ހިނގައްޖެއެވެ. ހަސަނު ދިޔުމާއިއެކު އަހަންނަށް ރޮވެންފެށިއެވެ. ޒިލާއަށް ހަގީގަތް ކިޔައިދެން އަހަރެން ވަރަށްވެސް ބޭނުމެވެ. ނަމަ ވެސް އަހަންނަކަށް އެހިތްވަރެއް ނުލިބުނެވެ. ނަމަވެސް މިއަދު ޒިލާގެ ލޮލަށް ހަގީގަތް ފެނިއްޖެއެވެ. ނަމަވެސް ހަސަނު އަހަންނަށް އެހާ އަނިޔާ ކުރަނީ ކީއްވެ ކަމެއް ހުދު އަހަންނަށް ވެސް ނޭނގެއެވެ. ޒިލާގެ ސުވާލުތަކަށް ދޭނެ ޖަވާބެއްވެސް އެވަގުތު އަހަރެންގެ ދުލަކަށް ނައެވެ. އަހަންނަށް ހަމައެކަނި ބުނެވުނުު ވާހަކަ އަކީ މިވާހަކަ އެހެން މީހަކަށް އެނގުނަ ނުދީ ސިއްރުކޮށްދޭށޭ އެވެ. ނަމަވެސް ޒިލާ އެއްގޮތަކަށްވެސް އެކަމަކާ އެއްބަސް ވާކަށް ބޭނުމެއް ނުވިއެވެ. ޒިލާ އެވާހަކަތައް މީހެއްކައިރީ ދައްކައިފިނަމަ އަހަންނަތް އޮތް ނުރައްކަލުގެ ބޮޑުކަން ޒިލާއަށް ވިސްނައިދެވުނީ ހާލަކުންނެވެ. މިހާލަށް އަހަރެން އެކަނި ދޫކޮށްލުމަކީ ޒިލާއަށް ފަސޭހަ ކަމަކަށް ނުވާނެކަން ވެސް އަހަންނަށް ވިސްނެއެވެ. ނަމަވެސް އަހަރެންގެ އެއްވެސް އެދުމެއްގައި ކޮޅުފައިން ޖެހުމަކީ ޒިލާ އަށް ކުރެވޭނެ ކަމެއް ނޫންކަން ވެސް އަހަންނަށް އެނގެއެވެ. އެދުވަހުގެ ފަހުން ހަސަނުގެ ހަބަރެއް ނުވެއެވެ. ވަރަށް މަދުން ނޫނީ ނުފެނެއެވެ. ހަފްތާއެއްފަހުން އަހަންނަށް އެނގުނީ އޭނާ ރަށް ދޫކޮށްފައި އޭނަގެ މަންމަގެ ރަށަށް ބަދަލުވި ކަމެވެ. ހަސަނު ދިއުމުން އަހަންނަށް ލިބުނު ހިތްހަމަޖެހުން ބުނެދެންވެސް އަހަންނަށް ނޭނގުނެވެ. މީހެއްގެ އަނިޔާއެއް ނުފޯރާތީ އަހަރެން ހުރީ އުފަލުންނެވެ. އަހަރެންގެ ދިރިއުޅުން އަނދިރި ވެފައި ވަނިކޮށް ދިރިއުޅުން އަލިވެގެން ދިޔަކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ކިޔެވުމަށްވެސް އަހަންނަށް ސަމާލުކަން ދެވެން ފެށުނެވެ. ކުރިން އަހަރު ތަކެކޭވެސް އެއްފަދައިން ސުކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމް މިއަހަރު ވެސް އަހަރެން ދިފާއު ކުރީމެވެ. * * * * * […]
މިއަދަކީ ވެސް އާދައިގެ މަތިން އަހަރެންގެ މަންމަ ކިޔާ ވަރުން ބޭރަށް ނުކުތް ދުވަހެކެވެ. އަބަދު ގޭގައި ހުންނާތީ މަންމަ ވަރަށް އެއްޗިހި ކިޔައެވެ. އެއީ އަހަރެންގެ އާދައެވެ. ބޭރަށް ނުކުންނާނީ މަންމަ ކިޔާވަރުންނެވެ. ބޭރަށް ނުކުމެ މީހުންނާއި އެކު އުޅެން އަހަރެން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އަހަރެން ކުރާނީ ކީއްހެއްޔެވެ؟ ބޭރަށް ނުކުމެއްޖެ ނަމަ ހަސަނުގެ އުނދަގުލުން ސަލާމަތެއް ނުވެވޭނެ އެވެ. އަހަރެން ގޭގައި ހުންނާތީ ހިތްހަމަ ނުޖެހިގެން މަންމަ ވާހަކަ ދެއްކުމުން އަހަރެން ބޭރަށް ނުކުމެގެން ގޮސް ވަންނަން މި ޖެހެނީ ނުރައްކަލެއްގެ ތެރެއަށް ކަން މަންމަ އަށް އަހަރެން އަންގާނީ ކިހިނަކުން ހެއްޔެވެ. މަންމަގެ އެދުމަށް ދެކޮޅު ނުހެދުމަށް އަހަރެން ގެއިން ނުކުތީމެވެ. މަޑު ހިނގުމުގައި ގޮސް ރަށުގެ އިރުވައިފަރާތު އަތިރި މަތީގައި މަޑު ކޮށްލީމެވެ. އާދައިގެ މަތިން ރަށް ވަރަށް ހަމަހިމޭނެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. މިއީ އާދައެވެ. ރަށަކީ މީހުންމަދު ރަށަކަށް ވެފައި ވިއްސާރަވެސް ދުވަހެއްކަމުން މީހަކު ހަމަ ފެނިނުލަނީ އެވެ. މޫދަށް ފައި ތިރި ކޮށްގެން ފުންވިސްނުމެއްގައި އިން އަހަރެން ސިހުނީ އަހަރެނގެ އަތުގައި މީހަކު ފިރުމާ ލުމުންނެވެ. އަހަރެން ސިހިފައި ބަލާލީމެވެ. އަހަރެންގެ މޭގަނޑު އަންގަޔަށް ނައީ ކިރިޔާއެވެ. ކައިރީގައި އެހުރީ ހަސަނެވެ. އަހަރެން ވަށައިގެން ހޯދާލީމެވެ. ސަލާމަތް ވެވޭނެ މަގެއް ފެނޭތޯއެވެ. ނަމަވެސް މަގުމަތިން މީހެއްގެ ހިލަމެއް ވެސް ނުވެއެވެ. ހަސަނު އަހަރެންގެ އަތުގައި ހިފާ ކޮޅަށް ނެގި އެވެ. އަތުގައި ހިފުމުން އަހަރެން ކިތަންމެ ރުޅި އައި ކަމުގައި ވީނަމަވެސް ގަދަ ހެދޭކަށް ނެތެވެ. ހަސަނު އެޔަށްވުރެ މާ ބާރުގަދަ އެވެ. އަދިވެސް ހަސަނު އަހަރެން އަތުން ދޫކުރާކަށްނޫޅެއެވެ. އަހަރެން ގަދަ ހަދަން ފެށުމުން ނަސީބަކުން އޭނާ އަހަރެންގެ އަތުން ދޫކޮށްލުމާއި އެކު އަހަރެން ކުރިއަށް ދާން ހިނގައި ގަތީމެވެ. ކުރިއަށް އެންމެ ފިޔަވަޅެއް ނޭޅިގެން އުޅެނިކޮށް އަހަރެންގެ ފައި ގައި ފައި އަޅުވާލުމްށް ފަހު އޭނާ އަހަރެން ވައްޓާލިއެވެ. އަހަރެންގެ ހިތް އޭރުވެސް ބާރަށް ތެޅެމުން ދިޔައެވެ. އެވަރުގެ ރަހުމުކުޑަ އިންސާނެއް އަހަރެންގެ ލޮލަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އޭނާ އަހަރެންގެ ފަރާތުން ބޭނުންވަނީ ކޮންކަމެއްބާއޭ އަހަރެންގެ ހިތަށްނާރާ ފަހަރެއް ނާދެއެވެ. އަހަރެން އޭނާ އަށް ކުރީ ކޮން އުނދަގުލެއް ހެއްޔެވެ. އަހަރެންގެ އުމުރުން މިވީ ބާރަ އަހަރު ދުވަހުގެ ތެރޭގައި އަހަރެންގެ ދިރިއުޅުން މުޅިން ބަރުބާދު ވެއްޖެއެވެ. ރަށުގައި އެހެން އަންހެން ކުދިން ވެސް އުޅެއެވެ. އަހަންނަށް ވުރެ އެކުދިން ރީތިވެސް ވާނެއެވެ. އަހަރެންނާއި އެގޮތަށް ހަސަނު ބެހުމުގެ ސަބަބެއް އަހަރެންގެ ސިކުނޑި އަކަށް ނުވިސްނުނެވެ. އަހަރެން ބިންމައްޗަށް ވެއްޓުމާއި އެކު ތެދުވީމެވެ. ނަމަވެސް ހިނގައެއް ނުގަނެވުނެވެ. ބޮފަޅައިގެންގޮސް ބޮލުން ލޭއަންނަން ފެށުމުންނެވެ. އެވަރުން ވެސް އޭނަގެ ހިތަށް ރަހުމުގެ ކަންފުޅެއްވެސް ނާރައެވެ. ކުރިއަށްވުރެ ބޮޑަށް އަހަންނާ ކައިރި ވާން ފެށިއެވެ. ފަހަތަށް ދަމުން ގޮސް އަހަރެން ގޮސް ޖެހުނީ އަތިރިމަތީގައި ހުރި ދިއްގާ ގަހުގައެވެ. އަހަރެންގެ މުނާ މޫނުޖެހޭހައި ކައިރި ވުމަށްފަހު އާދައިގެ މަތިން އެނާދޭ އިންޒާރު ދިނުމަށްފަހު އަހަރެންގެ އަމިއްލަ ހާލަށް ދޫކޮށްލާފައި އޭނާ ހިނގައްޖެއެވެ. އަހަރެން ގެއާދިމާލަށް ދާން މިސްރާބު ޖެހީމެވެ. ނަމަ ވެސް ބޮލަށް ލިބިފައި ހުރި ޒަޚަމްގެ ސަބަބުން އަހަރެން އަނބުރައި ގަނެގެން ވެއްޓުނެވެ. ދެން ވީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. ހޭވެރިކަން ވީއިރު އޮވެވުނީ ހޮސްޕިޓަލްގައެވެ. ކައިރީގައި މަންމަ އިނެވެ. އަހަރެން ހޮސްޕިޓަލަށް އަންނަން ޖެހުނު ސަބަބު ރޭކާލީ އިރުކޮޅެއް ފަހުންނެވެ. ކަންތައްވީގޮތް ހަނދާންވުމުން ބިރުގަތް ނަމަވެސް އެސިކުންތުގައި އަހަރެން ހަމަޖެހިލީމެވެ. ކަންތައް ވީގޮތް މަންމަ އަށް އެނގިދާނެތީއެވެ. ބޯފަޅައިގެން ދިޔައީ ކީއްވެތޯ ސުވާލު ކުރުމުން އަހަރެން ދޮގެއް ހަދާލުމަށްފަހު ހަމަޖައްސާލީމެވެ. ވެއްޓި ގާގަނޑެއްގައި ބޯޖެހި ފަޅައިގެން ދިޔައީ ކަމަށް އަހަރެން ބުނީމެވެ. މިހުރިހާ ވާހަކައެއް މަންމަ އަށް ކިޔައިދެން އަހަރެން ވަރަށް ބޭނުމެވެ. މީހެއްގެ އެހިތެރިކަން މިވަގުތު އަހަންނަށް މުހިންމުވީމައެވެ. ނަމަވެސް ކުރަނީ ކީއް ހެއްޔެވެ. މިވާހަކަތައް މީހަކަާ ހިއްސާ ކުރެވޭކަށް އަހަންނަކަށް ނެތެވެ. އެކަނިވާ ކޮންމެފަހަރަކު ރޮވެއެވެ. އަހަރެންގެ ބަދުނަސީބު ހިތަށް އެރުމުންނެވެ. އަހަރެންގެ ކުށަކީ ކޮބައިކަން އިނގެން އަހަރެން ވަރަށްވެސް ބޭނުމެވެ. ނަމަވެސް ތަގުދީރުގައި ރޭވިފައިވަނީ ކޮންގޮތެއްކަން އިނގޭނީ ކާކަށް ހެއްޔެވެ. * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * މިހިސާބަށް އެޑައިރީ ކިޔާލެވުމާއި އެކު އެކުއްޖާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެކުއްޖާގެ މަންމަ ތަހަންމަލު ކުރި ވޭނާ ކެކުޅުން ހިތައް އެރުމުން އިންތިހާއަށް ދެރަވެއްޖެއެވެ. އެމަންމަ މި ދުނިޔެއާ ވަކިވި ސަބަބު އޮޅުން ފިލުވުމަށް ކުރިއަށް ވުރެ ބޮޑު ޝައުގުވެރިކަމެއް އެކުއްޖާގެ ހިތުގައި އުފެދިއްޖެ އެވެ. ކުރިއަށް އޮތްބައި ކިޔަންފެށީ ހުރިހާ ހަގީގަތެއް އިނގޭނެކަމުގެ އުންމީދުގައެވެ. (ނުނިމޭ)
އޭރު ދަންވަރު ބާރަ ވެސް ޖަހާފާނެއެވެ. ރެޔަކީ ވިއްސާރަ ރެޔެއް ކަމުން މާލޭގެ މަގުމަތި އާދަޔާ ހިލާފަށް ހަމަހިމޭން ކަމުގައި ދައްކައެވެ. ދުއްވާ އެއްޗެއްގެ ހިލަމެއް ވެސް ވަނީ މަދުފަހަރެއްގަ އެވެ. މުޅި މާލެ އެފިނި ރޭގެ މީރުކަން އަރާމު ނިންޖަކުން ހޯދަމުންދާ ކަހަލަ އެވެ. ނަމަވެސް އެފިނި ރޭގެ މީރުކަން ނުލިބޭ މީހަކުވެސް އެރޭ މާލޭގައި ވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. އެކަން މަޖީދީ މަގާށް ނަޒަރު ހިންގާލުމުން ފެނިގެން ދެއެވެ. މަޖީދީމަގު ކޮޅުން އާރޓިފިޝަލް ބީޗާ ދިމާއަށް މިސްރާބު ޖަހައިގެން އެހުރީ އަންހެން ކުއްޖެކެވެ. ލައިގެން ހުރީ ކަޅުކުލައިގެ އަބާޔާ އެކެވެ. އަޅައިގެން ހުރީ ކަޅުކުލައިގެ ބުރުގާ އެކެވެ. އެމޫނު މަތި ވަނީ މިލާ މޯޅިވެފައެވެ. އިރު އިރުކޮޅާ އަތުގެ ނުފުށުން މޫނުފޮހެލައެވެ. އެ އަންހެން ކުއްޖާ ރޮނީކަން ޔަގީނެވެ. ފުން ހިޔާލުތަކަކަސް ގެއްލިފައި ހުރެ އެއަންހެން ކުއްޖާ މަޑުހިނގުމެއްގައި ގޮސް ބްލޫބޭއާ ދިމާލަށް ވާގޮތައް އިން ބެންޗެއްގައި ގޮސް އިށީންދެލި އެވެ. ތަނަށް ވެރިވެފައި ވަނީ ފުން ހަމަ ހިމޭންކަމެކެވެ. އެހަލަބޮލި ހިސާބުން ރާޅުގެ އަޑެއްވެސް މިރޭ ނީވެއެވެ. މުޅި ދުނިޔެވެސް އެ އަންހެން ކުއްޖާގެ ހިތާމައިގައި ބައިވެރި ވަނީކަން ނޭގެއެވެ. ބެންޗުގައި އިށީންދެ ހަމަޖެހިލުމައްފަހު ކޮނޑުގައި އަޅުވާފައި އިން އަތްދަބަހުން ފޮތެއް ނެގައި ަތުގަ އޮތް ފޯނުން އަލިކޮށްލުމަށް ފަހު އެފޮތުގެ ފުރަތަމަ ސަފްހާ އަސް ނަޒަރު ހިންގާލިއެވެ. އެފޮތުގައި ވަނީ މީގެ 18 އަހަރު ކުރީގެ ވާހަކަ އެކެވެ. އެއީ އެއަންހެން ކުއްޖާގެ ޑައިރީއެވެ. އެ އަންހެން ކުއަޖާގެ އުމުރުނ 18 އަހަރުވާ ދުވަހު ހުރިހާ ހަގީގަތެއް އެކުއްޖާއަށް ކިޔާދިނުމަށް އެކުއްޖާގެ މަންމަ އެކުއްޖާގެ މާމަ އަށް ކުރި ވަސިއްޔަތް މިއަދު އެމާމަ އަދާކޮށްދީފި އެވެ. ނަމަވެސް އެ ހިތި ހަގޫގަތްތައް މާމަ ގެ ދުލުން ކިޔާދިނުމުން އެކުއްޖާ އަށް ގަބޫލުކުރަންވީ ދަތި ކަމަކަށެވެ. ނަމަވެސް އެ ދައިރީ މިއަދު ކިޔާލުމުން ހުރިހާ ވާހަކަ އަކީ ތެދު ހަގީގަތް ކަން އެކުއްޖާ އަށް ހާމަވެގެނ ދާނެކަން ޔަގީނެވެ. * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * މިއިީ ކޮންފަދަ ދިރިއުޅުމެއް ހެއްޔެވެ؟ އަހަރެން މިވާހަކަ ތައް ހިއްސާ ކުރާނީ ކާކަށް ހެއްޔެވެ؟ އެހަރެންގެ އެއްވެސް މީހަކު ނެތެވެ. އަހަރެން ޑައިރީ ލިޔަން މި ގަސްތު ކުރީ އެކަމާ ހެދި އެވެ. މިއަދުވެސް އާދައިގެ މަތިން އަހަރެން ސުކޫލަށް ދިޔައީ ދާން މަޖުބޫރު ވެގެންނެވެ. ގުރޭޑު 6 ގައި އުޅުނު ނަމަވެސް އަހަންނަކީ ޕްރިފެކްޓެއް ނަމަވެސް އަހަރެން ސުކޫލަށް ދަނީ ކޮންމެހެން ދާންބޭނުން ވެގެންނެއް ނޫނެވެ. ކިޔެވުމަށް ޝައުގުވެރިކަން ހުއްޓެއްކަމަކު ކިޔަވަނީވެސް ކޮންމެހެން މަޖުބޫރު ވެގެންނެވެ. ހަގީގަތުގައި އަހަރެން ސުކޫލަށް ދާންވެސް ބޭނުމެވެ. ކިޔަވަން ވެސް ބޭނުމެވެ. ނަމަ ވެސް ކޮންމެ ދުވަހެކޭ ވެސް އެއްފަދައިން އެދުވަހު ވެސް އަހަރެންގެ މޫޑު ބަދަލް ކޮށްލީ ސުކޫލު ސެކިއުރިޓީ ޑިއުޓީގައި ހުރި ހަސަނެވެ. މިއަދުވެސް ސުކޫލުގެ ގޭޓުން އެތެރެ އަށް ވަނުމާއި އެކު ހަސަނު ހިފީ އަހަރެންގެ އަތުގައެވެ. އަހަރެންގެ ރުޅި އިންތިހާ އަށް ދިޔަ ނަމަވެސް މަޑުން ހުންނަން ޖެހުނީ އޭނާ ކޮށްފާނެ ކަމެއް ނޭނގޭތީ އެވެ. މިއީ ކޮންމެ ދުވަހއްގެ ވެސް އާދައެވެ. މަގުމަތިން އެކަނި ފެނިއްޖެ ނަމަ އަހަންނަށް މިއަށްވުރެ ބޮޑުވަރު އޭނާ ކުރެއެވެ. ނަމަވެސް މީހެއް ކައިރީގައި މިވާހަކަ ތައް ދައްކާނެ ހިތްވަރެއް އަހަރެން ގަޔަކު ނެތެވެ. މީހުން ކައިރީގައި މިވާހަކަ ތައް ދައްކައިފިނަމަ އަހަރެންނާއި އަހަރެންގެ އާއިލާގެ ދުވަސް ދުއްވާލާނެ ކަމަށް އޭނާ ބުނެފައި ވާތީ އެވެ. * * * * * * * * * * […]
އޭރު އަހަރެންގެ އުމުރުން ވާނީ 15 ވަރަކަށް އަހަރެވެ. އެއީ އަތޮޅު ޤުރުއާން މުބާރާތަށް އަހަރެމެން ރަށު ސުކޫލްގެ ފަރާތުން އަހަރެން ދިޔަ ފަހަރެކެވެ. އާދައިގެ މަތިން މުބާރާތަށް ގޮސްވެސް އަހަރެން އުޅުނީ ފޮޓޯނެގުމުގައެވެ. އަތުން ކެމެރާ ދޫކޮށްލެވޭ ވަގުތެއް އަހަންނަކަށް ނާދެއެވެ. ވާނީ ވެސް އެހެންތާއެވެ. އެންމެ ކުޑައިރުން ފެށިގެންވެސް އަހަރެން ދެކެމުންއައީ ފޮޓޯ ގުރަފަރ އަކަށް ވުމުގެ ހުވަފެންތަކެވެ. މުބާރާތް ފެށެނީ ރޭގަނޑުގެ ވަގުތެއްގައި ކަމުން އަހަންނާއި އަހަރެންގެ އުމުރުގެ ކުދިންތަށް ހަވީރުގަޑީގައި ބޭރަށް […]
ބާރު ދުވެލީގައި ކަނޑުގެ ލޮނުގަނޑު ކަފަމުން މ.މަޑުއްވަރިއާ ދިމާލަށް މިސްރާބު ޖަހާފައިވާ ލޯންޗުގެ ފަސިންޖަރުންގެ ތެރޭގައި އަހަރެންވެސް އިނީމެވެ. ލޯންޗު ރަށާ ކައިރިވީވީހެން އަހަރެންގެ ހިތުގެ ތެޅުން ދިޔައީ އަވަސް ވަމުންނެވެ. އެހެން ނުވާނޭ ގޮތެއް ވެސް ނެތެވެ. ނުވައަހަރަށް ފަހު އަމިއްލަ ވަޒަނަށް އަނބުރާ އާދެވޭތީ އަހަރެންގެ ހިތް ދިޔައީ އުފަލުން ފޮޅެމުންނެވެ. ރަށަށް އާދެވުމާއެކު މަންމައާއި އާއިލާޔާ އެތަށް ދުވަހަކަށް ފަހު ބައްދަލުވުމުން އަހަރެންނަށް ކުރެވިގެން ދިޔައީ ތަފާތު އިހުސާސެކެވެ. ގުރޭޑު10 ރަށުން ނިންމުމަށް […]