އެއީ މާތް ﷲ އެކަލާނގެއަށް އީމާންވާ މީހުން އަނދިރީގެ ތެރެއިން އަލިކަމުގެ ތެރެއަށް ގެންނަވާކަމަށް ވަޙީކުރައްވާފައިވި އާޔަތެވެ.
ފާއިތުވަމުން ދިޔަ ދުވަސްތަކުގެ ތެރޭގައި ދުވަހަކުވެސް އަފާފްގެ އެ ޕޭޖަށް ނުލިބޭފަދަ ތަރުޙީބެއް ލިބިގެން ދިޔައެވެ. އެމީހުންގެ އުޅުން ބަދަލުކުރަން ބޭނުންވެގެން މީހުން ‘ބިންތު ޢައްމާރު’އަށް ކުރަމުން ދިޔަ މެސެޖުތައް ގިނަވެގެން ދިޔައެވެ. އެ މެސެޖުތައް ފައިހާ އަފާފަށް ކިޔައިދިނުމުން އަފާފް އެމީހުންނަށް ކުރަންވީ މެސެޖު ކިޔައިދެއެވެ. އަފާފް ކިޔައިދިނުމުން ފައިހާ އެ މެސެޖު ޓައިޕްކޮށްފައި އެ މީހަކަށް ފޮނުވައެވެ. އެއްދުވަހަކު ލިބުނު މެސެޖަކުން އަފާފްގެ ހިތް ފުރިގެންއައެވެ. އެ މެސެޖު ލިބިގެން ދިޔައީ ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ދީނަށް ފުރައްސާރަކުރާ މީހުންގެ ތެރެއިން ވަރަށް މަޝްހޫރުވި މީހެއްކަމަށްވާ ނަބީހްގެ ފަރާތުންނެވެ. ނަބީހް އެ މެސެޖުގައި ބުނެފައިވާ ގޮތުގައި އޭނަ އެންމެ ފުރަތަމަ ބިންތު ޢައްމާރުގެ ޕޭޖަށް ޒިޔާރަތް ކުރީ، ޚުދު އޭނަގެ ޕޭޖުގައި އޭނަ ދައްކާފައިވާ ވާހަކަތަކެއްގެ ދަށުގައި ބިންތު ޢައްމާރު ދައްކާފައިވި ވާހަކަތަކުން މީހުން އޭނައަށް ރައްދުދޭން ފެށުމުންނެވެ. ޕޭޖަށް ޒިޔާރަތް ކުރިއިރު އެ ޕޭޖަކީ މަޝްހޫރުވެސް ވަމުން އަންނަ ޕޭޖެއްކަން އެނގުމުން، އެ ޕޭޖުގެ ހުރިހާ ޕޯސްޓަކަށް ހަޖޫ ޖަހައި އޭގެ އަގު ވައްޓާލަން އޭނަ ބޭނުންވިކަމަށް ނަބީހް ބުންޏެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އެ ޕޭޖުގައި ހުރި ޕޯސްޓްތަކުން އޭނަގެ ހިތަށް އަސަރު ފޯރައިފި ކަމަށް އޭނަ ބުންޏެވެ. މިގޮތުން އޭނަގެ ހިތަށް އެންމެ އަސަރު ފޯރުވި ޕޯސްޓްތައް އޭނަ ތަފްޞީލުކޮށް ސިފަކޮށްދީފައިވިއެވެ. އެންމެ ފަހަކަށް އޭނަ ބުނެފައިވީ މިއަދު އޭނައަކީ އޭނަ ދުވަހަކުވެސް ވާނެ ކަމަށް ހީނުކުރާފަދަ ރަނގަޅު ފިރިއެއްކަމާއި ބައްޕައެއް ކަމެވެ. އަދި އެކަމަށްޓަކައި ބިންތު ޢައްމާރަށް ޝުކުރު އަދާކޮށް އޭނައަށްޓަކައި ހެޔޮ ދުޢާ ކޮށްދީފައިވިއެވެ. އަފާފް ނަބީހްއަށްޓަކައި ދުޢާކުރިއެއްކަމަކު ފައިހާ ގާތު އެ މެސެޖަށް ރިޕްލައި ނުކުރަން އެންގިއެވެ. އަފާފް އިތުރު އެއްޗެކޭ ނުބުންޏެއްކަމަކު ފައިހާ ނަބީހްގެ ޕޭޖަށް ޒިޔާރަތްކޮށް އެ ޕޭޖު ބަދަލުވެފައިވި މިންވަރު ކިޔައިދިނުމުން އަފާފްގެ ލޮލުން ކަރުނަ ހިލުނެވެ. ކަވާރ ފޮޓޯގައި ވެސް ޝަހާދަތުގެ ދެކަލިމަ ލިޔެވިފައި އޮތް ވާހަކަ އިވުމުން އަފާފަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އޭނަގެ ސަބަބުން ﷲ ގެ އިރާދަފުޅުން ދީނާއި އެހާ ދުރުގައިވި މީހަކު ތައުބާ ވެދާނެކަމަށް އޭނަ ދުވަހަކުވެސް ހިއެއްނުކުރެއެވެ. އެހެނަސް ﷲ އަކީ ކޮންމެ ކަމެއްގެ މައްޗަށް ވެސް ކުޅަދުންވަންތަ ރަސްކަލާނގެކަން އަފާފަށް އެދުވަހު އަނެއްކާވެސް އެނގުންވެގެން ދިޔައެވެ. އޭނަގެ މަސައްކަތުގައި އިތުރަށް އިޚްލާޞްތެރިވުމަށް އެދުވަހު އަފާފަށް ހިތްވަރެއް ލިބިގެން ދިޔައެވެ. އޭގެ ދުވަސްކޮޅެއްފަހުން ބަޔަކު މީހުން އޭނައަށް އިންޒާރުދީ އެމީހުންގެ ބަސްތަކުން އޭނަގެ އަބުރު ނަގާލަން މަސައްކަތް ކުރުމުން އަފާފަށް މާ ބޮޑު އަސަރެއް ނުކުރީ އެހެންވެއެވެ. އަފާފްގެ ހިތުގައި އެމީހުންނަށްޓަކައި ނަފްރަތެއް ވެސް ނުއުފެދެއެވެ. އެމީހުން އެގޮތަށް ވާހަކަ ދައްކަނީ އެމީހުންނަށް ވެސް ނުވިސްނޭތީވެކަން އަފާފަށް އެނގުންވާތީވެއެވެ. އަދި ނަބީހަށް ހިދާޔަތް ލިބުނުހެން އެމީހުންނަށް ވެސް ހިދާޔަތް ލިބިދާނެކަމުގެ އުއްމީދު އޮތީތީ އަފާފް އޭނަ އެ އިންޒާރުތަކަށް ސަމާލުކަމެއްނުދީ އޭނަގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.
މި ގޮތުގައި 3 މަސް ވޭތުވެ ދިޔައީ އޮމާންކަމާއި އެކީގައެވެ. އަފާފް ގިނަ ވަގުތުތައް ހޭދަކުރަމުން ދިޔައީ ޢިލްމު އުނގެނި އެ ޢިލްމު ޙިއްސާ ކުރުމުގައެވެ. ލޯ އަނދިރިވި ފަހުން އޭނަ އޮފީހަކަށް ނުދެއެވެ. އޭނަގެ ބަދަލުގައި އޮފީހުގައި މަސައްކަތް ކުރަމުން ދިޔައީ އެ ދާއިރާއިން ތަޖުރިބާ ހުރި އެ އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ އަންހެން މުވައްޒަފެއްކަމަށްވާ ނާފިޒާއެވެ. ނާފިޒާ އެ މަޤާމަށް ޢައްޔަން ކުރެވުނު ފުރަތަމަ ދުވަހުވެސް ޝަބާ އަފާފަށް ގުޅިއެވެ. ނާފިޒާގެ ގާތް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރަންވުމުން ވީ ފޫހީގެ ވާހަކަ ޝަބާ ކިޔައިދިނެވެ.
“އޭނަގެ ތިބޭނެ މަށަށްވުރެ ވެސް ބޮޑެތި ކުދިން. އެކަމަކު ހެދުން އަޅާނީ އެންމެ މިޒަމާނުގެ ސްޓައިލަށް. އަފޫއަށް އެނގެއެއްނު އޭނަގެ ވައްތަރު؟ އަހް! އަފާފް މަތިން ހާދަ ހަނދާންވެއޭ މިހެން ހުންނައިރު…….ވަރަށް ދެރަވޭ އަސްލު އަފާފް ނުފެންނާތީ…….އަންނަންވީއެއްނު އަދިވެސް އާހިލްއަށް ކިޔަވަދޭން؟ މިހާރު އަނެއްކާވެސް އޭނަގެ އުޅުން ގޯސްވާން ފަށައިފިހެން އަހަންނަށް ހީވަނީ…” ޝަބާ ވާހަކަ ދެއްކިއެވެ. އާހިލްއާ ބެހޭގޮތުން ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން ފައިހާއާއެކީ އެގެއަށް ދާން އަފާފަށް އެއްބަސްވެވުނެވެ. އެވާހަކަ މަންމަމެންނާއި ޙިއްޞާ ކުރުމުން މަންމަ ވަގުތުން އިންކާރު ކުރިއެވެ.
“ކިހިނެއް އަފާފަށް ކޮންމެ ދުވަހަކު އެގެއަށް ދެވޭނީ!! އެ މީހުން ކައިރި ބުނޭ އެކުއްޖާ މިގެއަށް ގެންނާށޭ. އަފާފަކީ އަމިއްލައަށް ތަންތަނަށް ދެވޭވަރު މީހެއްނޫން މިހާރު. އެކަން އަފާފަށް ވެސް ވިސްނެންޖެހޭނެ.” އެރޭ ކާ މޭޒުދޮށުގައި އިނދެ ޝާދިޔާ ވާހަކަ ދެއްކިއެވެ. މަންމަގެ ފަހު ޖުމްލަތަކުން އަފާފްގެ ހިތް ދެރަވިއެވެ. ހަމަ އެއާއެކު އޭނަ އަނދިރިވިފަހުން ދުވަހަކުވެސް އޭނަ ގެއިން ބޭރަށް ނުދާކަން އޭނައަށް އެނގުންވިއެވެ. ހިތާމަވެރިކަމާއި ނުރުހުންތެރިކަމެއް އަފާފްގެ ހިތަށް ވެރިވާން ފެށި ވަގުތު، މަންމަ ދެންމެ ބުނެލީ އޭނައަށް ރަނގަޅަށްޓަކައި ބުނި ވާހަކައެއްކަމަށް އަފާފް އަމިއްލަ ނަފްސު ގާތު ބުނެލައިފިއެވެ.
އަފާފްގެ ހިތާމަވެރި މޫނާއި އޭނަ ޖަވާބެއް ނުދިން ގޮތުން ހުސެއިނަށް އެއްޗެއް ވިސްނިގެން އޭނައަށް ވާހަކަ ދެކެވުނެވެ.
“ޝާދިޔާ…..އަފޫ އެ ބުނީއެއްނު ފައިހާއާ އެކީގައޭ ދާނީ؟ އަފޫ ހަމަ ވައިރޯޅިއަށް ނުނިކުންނަތާ ވެސް މިއީ ކިހާ ދުވަހެއް؟ ދަރިފުޅާ……ދަރިފުޅު އެގެއަށް ދާން ބައްޕަ އިޒުނަދެން. އަދި މިއަށްފަހު ދަރިފުޅު އެއްވެސް ތަނަކަށް ދާން ބޭނުންވާނަމަ ބައްޕައަށް އަންގަދޭތި.” ބައްޕަ ދެއްކި ވާހަކަތަކުން އަފާފްގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވެ އޭނައަށް ހިނިތުންވެލެވުނެވެ. އޭނަ ބައްޕައަށް ޝުކުރު އަދާކޮށްފައި ފައިހާއަށް ގޮވާލީ އޭނަ އޭރު ކައި ނިމުނީތީވެއެވެ.
ކޮޓަރިއަށް ގޮސް އަފާފް އުފަލާއެކީ ވަގުތުން ޙިއްޞާ ކުރީ މާދަން ނޫން އަނެއްދުވަހު އޭނަ ފައިހާއާއެކީ ތަނަކަށް ދާންޖެހޭ ވާހަކައެވެ. ފައިހާ އާދައިގެ މަތިން އަފާފްގެ އުފަލުގައި ބައިވެރިވިއެވެ. އެކުވެރިން ހޯދުމަކީ އަފާފަށް ލިބިފައިވި ހުނަރެއް ފަދައެވެ. 18 އަހަރުގެ ފައިހާ އަފާފާއެކީ އުޅެމުން ދަނީ ކޮންމެ ދުވަހަކު އެންމެ 8 ގަޑިއިރަށް ވަޒީފާއެއްގެ ގޮތުން ކަމަށްވިޔަސް އަފާފާއި ފައިހާގެ މެދުގައި އުފެދިފައިވަނީ ދައްތައާއި ކޮއްކޮއެއްގެ ދެމެދުގައި އޮންނާނެ ފަދަ ގުޅުމެކެވެ. ފައިހާއަކީ އަފާފް ގާތަށް އަންނަން ފެށިއިރު ބާރު ޓީޝާޓާއި ޖިންސް ލަމުން އައި ކުއްޖަކަށްވިޔަސް މިހާރު އެ ޓީޝާޓުވަނީ ތަންކޮޅެއް ދިގު ކުރުތާތަކަށް ބަދަލުވެފައެވެ. އެއިން ވެސް އެ ދެމެދުގައި އުފެދިފައިވި ގާތްގުޅުން ހާމަވެގެން ދެއެވެ.
މިނެޓްތަކެއްގެ ވާހަކައަށްފަހު ފައިހާ، އެރޭގެ ފޭސްބުކް ޕޯސްޓް ލިޔުމަށްޓަކައި ލެޕްޓޮޕް ހުޅުވާލިއެވެ. އަފާފްގެ ޕްރޮފައިލް ހުޅުވާލެވުނު ތަނާހެން ފެނުނު ޚަބަރަކުން ފައިހާއަށް ވާހަކަ ދެކެވުނެވެ.
“އޯ މައި ގޯޑް! އޮސްޓްރޭލިޔާގަ އުޅޭ ދިވެހި ޒުވާނެއްގެ ކާރު ފުރޮޅައިގެން ގޮސް ކަނޑުގަ ޖެހިއްޖެ!” ފައިހާ ކަންބޮޑުވުމަކާއެކީ އެ ޚަބަރު ކިޔާލުމުން އަފާފްގެ ނިތަށްވެސް ރޫގިނަވިއެވެ.
“ސުބްޙާނަ ﷲ! ކިހިނެއް ފުރޮޅިގެން ދިޔައީ؟” އަފާފަށް އަހާލެވުނެވެ. އެއާއެކު ފައިހާ އެ ޚަބަރު ހުޅުވައި ކިޔައިދޭން ފެށިއެވެ.
“ޚަބަރު ލިބިފައިވާ ގޮތުގައި މި ކާރު ދުއްވާފައި ދިޔައީ ވަރަށް ބާރު ސްޕީޑެއްގައެވެ. އެހެން ކާރެއްގައި ޖެހެން ނުހަނު ގާތްވެފައި ވަނިކޮށް އަނބުރާލަން އުޅުމުން އެ ކާރުގައި ޖެހިފައި ވަގުތުން އަނެއްކާރު ބިމުން ހެލުނުކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. ޒުވާނާ ކަނޑުން ނެގިއިރު އޮތީ ހޭ ނެތިފައި ކަމަށްވިޔަސް މާ ބޮޑު ޒަޚަމްތަކެއް އޭނައަށް ލިބިފައިނުވާ ކަމަށް ޚަބަރު ލިބެއެވެ. މި ކާރު ދުއްވަން ހުރީ 2015 ވަނަ އަހަރު މޮޑެލްއެއްގެ ގޮތުގައި އޮސްޓްރޭލިޔާގެ މަޝްހޫރު މަޖައްލާއެއްގެ ބޭރުން ފެނިގެން ދިޔަ ޝަރަފް ޢައްބާސް ކަމަށްބުނާ އަޑުތައް އިވެއެވެ. އެހެނަސް އަދި އެ ޚަބަރު ވަނީ ކަށަވަރުވާ ގޮތް ނުވެފައެވެ……….އޯ މައި ގޯޑް އޯ މައި ގޯޑް! ދެޓް ޝަރަފް!” ޚަބަރު ކިޔައި ނިމުނުތަނާހެން ފައިހާގެ އަޑުގައި ޖޯޝެއް އެކުލެވިގެން ދިޔައެވެ.
“ކޮން ޝަރަފެއް؟” އެއީ އަފާފަށް އެނގޭ މީހެއްނޫނެވެ.
“ގޯޝް ޔޫ ޑޯންޓް ނޯ؟ ކޮންމެވެސް ދިވެހި ކުއްޖެއްގެ ފޮޓޯ އޮސްޓްރޭލިޔާގެ މެގެޒިންއެއްގަ އޮތް ޚަބަރު ނުދެކެންތަ؟” ފައިހާ އަހާލިއެވެ. އޭނަ އެހެން ބުނުމުން އޭގެ ފަނޑު ހަނދާނެއް އަފާފްގެ ސިކުނޑިއަށްއައެވެ. މަންމަ އެމީހެއްގެ ފޮޓޯ ޚަބަރުން ދައްކާފައި މީނައާއި އިންނަންވީ ނޫންހޭ އެހި ހަނދާނެއްވިއެވެ. ކޮންމެ ހިލޭ ފިރިހެނެއްގެ ފޮޓޯ ފަދައިން އަފާފަށް އެ ފޮޓޯއަށް ވެސް ބަލާލެވުނީ ފަޅި ސިކުންތަކަށެވެ. އެ ފޮޓޯއިން އަފާފަށް އެނގުނުހާވެސް ކަމަކީ އޭނަ ހުރީ ގަމީހުގެ ގޮށް ނައްޓައިގެން ކަމާއި އޭނަގެ އަތުގައި ޓެޓޫ ހުރިކަމެވެ. އޭނަ އެދުވަހު މަންމައަށް ނުރުހުންވީ ސަބަބަކާ ނުލައެއްނޫނެވެ.
“އަހް! ހީ ވޯޒް ސޯ ހޮޓް!” ފައިހާ ވާހަކަ ދެއްކި ގޮތުން އަފާފަށް އުނދަގޫވިއެވެ.
“ފައި……ތިގޮތަށް ވާހަކަ ދައްކާކަށް ނުވާނެ. ފައިގެ ފިއުޗާރ ހަޒްބެންޑް ކިހާ ދެރަވާނެ ފައި ތިގޮތަށް ހެދީމަ؟” އަފާފް ދީނުގައި އޮތްގޮތް އެންގުމުގެ ބަދަލުގައި ފައިހާއަށް އެއްޗެއް ވިސްނޭނެ ފަދައަކުން ސުވާލުކުރިއެވެ.
“ޓްރޫ……އައި ވިޝް، އަހަންނަށް އެކަހަލަ ހަޒްބެންޑެއް ލިބޭނެކަމަށް.” ފައިހާ ބުނެލިއެވެ.
“ކީއްވެ ނުލިބެންވީ؟ ދުޢާކުރޭ. އެކަހަލަ ކީއްކުރަން؟ އެއަށްވުރެ ސަޅި ހަޒްބެންޑެއް ފައިއަށް ލިބިދާނެ އިން ޝާ ﷲ.” އަފާފް ހިނިތުންވުމަކާއެކީ ބުންޏެވެ. ފައިހާ އެ ވާހަކައަށް ހީލަމުން ދެން އަވަހަށް ޕޯސްޓް ލިޔަމާ ހިނގާށޭ ބުނެލިއެވެ. އަފާފް އޭނައާއި އެއްބަސްވުމުން އެކަމަށްޓަކައި ވިސްނަން ފެށިއެވެ.
**
ބުދަ ދުވަހެއްގެ ހެނދުނުގެ ވަގުތެއްގައި ޝަރަފް އިނީ އެއާރޕޯޓެއްގެ ޑިޕާރޗާގައެވެ. ހޮސްޕިޓަލުން ދޫކުރި ދުވަހު ޝަރަފްގެ ގައިގެ އެކި ތަންތާގައި ބެންޑޭޖް ހުއްޓެއްކަމަކު މިހާރު އެ ހުރިހާ ޒަޚަމެއްވަނީ ރަނގަޅުވެފައެވެ. އެދުވަހު ހެދި އެކްސްރޭތަކުން ވެސް މައްސަލަތަކެއް ނުފެނުނުކަމީ އަޖާއިބުވާވަރުގެ ކަމެއްކަމަށް ޑޮކްޓަރުން ވެސް ބުންޏެވެ. އެއީ އެއްގޮތަކަށް ވެސް ﷲ ގެ އިރާދަފުޅުންވީ ކަމެކޭ އޭނަގެ ހިތަކަށް ނާރައެވެ. އޭގެ ބަދަލުގައި އޭނަ ސަލާމަތްވީ އޭނަ މިހާތަނަށް އައިއިރު އޭނަ ހަށިގަނޑު ބިނާކޮށްފައި ހުރިވަރުންނާއި، އޭނަ ޞިއްޙަތަށް ބަލައިގެން އުޅޭތީވެކަމަށް ނިންމައި ޝަރަފަށް ފަޚުރުވެރިވެވުނީ އަމިއްލަ ނަފްސު ދެކެއެވެ.
އެއާރޕޯޓުގެ ތެރެއިން އެކިއެކި އެންގުންތައް އަންގަމުން ދިޔައިރު ޝަރަފްގެ ނަޒަރު ހުއްޓިފައިވީ އޭނަގެ ފޯނަށެވެ. ބަލާބެލުމަށް ފާހަގަ ނުވިޔަސް އޭނަގެ ސިކުނޑި ތެރޭގައި ހާސްކަމެއްވިއެވެ. އެ ހާސްކަމުގެ އެއްސަބަބަކީ މީގެ އެއްދުވަސްކުރިން ދޮންބައްޕައާއި އޭނައާއި ދެމެދު ދެކެވުނު ވާހަކަތަކެވެ.
“ކަލެއާއި ތަނެއް ޙަވާލުކުރެވުނުކަމުގެ މޮޔަހީވޭ މަށަށް! ދެން މިހާރު ތިއުޅެނީ މަ ބޮލަށް ހުރިހާ ދަރަންޏެއް ޖަހާފަ އަނބުރާ މާލެއަށްދާން؟!” ޝަރަފް އެއްދުވަހު ދޮންބައްޕައަށް ގުޅާފައި ހުރިހާ ވާހަކައެއް ކިޔައި ދިނުމާއެކު ދޮންބައްޕަގެ ހޫނު ރުޅިގަނޑެއް އޭނައާއި އަމާޒުވިއެވެ. ދޮންބައްޕަ ވާހަކަ ދެއްކި ގޮތުން ޝަރަފް ޙައިރާނެއް ނުވެއެވެ. ‘ކަލޭ’ ކިޔާފައި އޭނައާއި ޝިނާޒާއި މުޚާތަބު ކުރުމަކީ ދޮންބައްޕަގެ އާދައެކެވެ. އޭނައާއި ޝިނާޒް ނޫންކަމަށް ހަދައިގެން ތިއްބަސް ދޮންބައްޕަ އެދެމީހުން ބަލައި ބޮޑުކުރީ ދޮންބައްޕަ އެމީހުންދެކެ ވަކި ލޯބިވާތީވެއެއްނޫންކަން އެމީހުންނަށްވެސް އެނގެއެވެ. އެހެނެއްކަމަކު ދޮންބައްޕަ އެ ދެބެއިންނަށް ވެސް ކިޔެވުމުގެ ފުރުޞަތު ފަހިކޮށް ވިޔަފާރިތައް ފަށައިދިނީ ދޮންބައްޕަގެ ވިޔަފާރި ހިންގާނެ ބައެއް ބިނާކުރުމަށްޓަކައިކަން އެ ދެބެއިންނަށްވެސް އެނގެއެވެ. އެހެނަސް މި ހުރިހާ ދުވަހު ހިތުން ރުހުމުން ދޮންބައްޕައާއި އެކީގައި އުޅެމުން ދިޔައީ ދޮންބައްޕަގެ ފަރާތުން ލިބެމުން ދިޔަ ފައިސާގެ ސަބަބުންނެވެ. ދޮންބައްޕަގެ އެދުމުގެ މަތިން ޝިނާޒް އޮސްޓްރޭލިޔާގެ މުއްސަނދި ޢާއިލާއެއްގެ އަންހެން ކުއްޖަކާވެސް އިނދެގެން އުޅެނީ އެހެންވެއެވެ.
“ބުނަންތަ ވާހަކައެއް؟ ކަލޭ ބޭނުންވިޔަސް ކަލޭ ހީނުކުރާތި މަށަށް ގެއްލުމެއްދީފަ ކަލެއަށް ފިލައިގެން ދެވޭނެކަމަށް.” ދޮންބައްޕަ އެހެން ބުނިތަނާހެން ޝަރަފް ވާހަކަ ދެއްކިއެވެ.
“ޑޭޑް އަހަރެން ނުއުޅެން ފިލާކަށް. ޑޭޑްއަށް އެނގޭނެ އަހަންނަކީ ތިހާ ފިނޑި މީހެއްނޫންކަން. ކަންދިމާވި ގޮތުން މިވަގުތަކު އަހަރެން އަތުގަ ނެތް ދަރަނި އަދާކުރާނެ ފައިސާއެއް. މާލެއަށް ގޮއްސަ ޖޮބެއް ހޯދައިގެން ބިޒްނަސްއެއް ސްޓާޓް…..” ޝަރަފްގެ ވާހަކަ ފުރިހަމަ ނުވަނީސް ދޮންބައްޕަ ވާހަކަ ދެއްކިއެވެ.
“ހުނ! ކަލެއަށް ސްޓާޓްވާނީ ކޮން ބިޒްނަސްއެއް؟ ހިތުން މަ ކަލޭމެންނަށް ތަންތަން ހުޅުވައިދިނީމަ ހީވަނީ ދޯ ކަލޭމެންނަށް އަމިއްލައަށް ކަމެއް ކުރެވިދާނެހެން. ބަލަ ކަލޭމެންނަށް ދުނިޔެ ދައްކައިދިނީ އަހަރެން. އެހެން ނުވިނަމަ ކަލޭމެން އަދިވެސް ތިބީސް ކަލޭމެންގެ ބައްޕަ ހުޅުވައިގެން އުޅުނު ތާކިހާ ވިއްކާ ފިހާރައިގެ ސޭޓުން ގޮތުގަ.” ދޮންބައްޕަގެ އެ ވާހަކައިން ނޭނގޭ ސަބަބަކާހުރެ ޝަރަފްގެ ހިތުގައި ނުރުހުންތެރިކަމެއް އުފެދުނެވެ. ދޮންބައްޕަގެ އެވާހަކައާމެދު އޭނައަށް ކޮންމެވެސް ވަރަކަށް އެއްބަސްވެވޭނަމަވެސްމެއެވެ.
“ކަލޭ ދާން ބޭނުމިއްޔާ ދޭ! އެކަމަކު ދެން އަނބުރާ އޮސްޓްރޭލިޔާއަށް ކަލެއަށް އާދެވުނަސް، މަގޭ އެހީއެއް ހޯދަން ސަލާން ނުޖަހާތި!” ދޮންބައްޕަ އެހެން ބުނެފައި އެދުވަހު ފޯނު ކަނޑާލީ އެދުވަހަށްފަހު ދެމީހުންގެ ގުޅުން ވެސް ކެނޑިގެން ދިޔަ ފަދައަކުންނެވެ. ޝަރަފް އެކަމާމެދު ހިތާމަ ކުރާ ހިތެއްނުވީ ކީއްވެކަމެއް އޭރު އޭނައަށް ޔަޤީނެއް ނުކުރެވުނެވެ. ދޮންބައްޕަ އެ ބުނާ ވާހަކަތައް ދޮގު ކުރުމަށް އޭނަގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ. އެހެނަސް އޭނަގެ ބޭންކް އެކައުންޓުގައިވި މަދު ލާރިކޮޅުން ސިކުނޑިއަށް ވެރިވެގެންދާ ހާސްކަމުގެ ސަބަބުން އެ ގޮވުމުގެ އަޑު ފަނޑުވެގެންދެއެވެ. އޭނަގެ ހިތަށް އަނެއްކާވެސް އުއްމީދެއް ލިބިގެން ދިޔައީ ހަމަ އެދުވަހު ޝިނާޒް އޭނައަށް ގުޅާފައި ދެއްކި ވާހަކައަކުންނެވެ.
“ޑޫޑް މާލެއަށް ގޮއްސަ ކިހިނެއް އުޅޭނީ. މި އުޅޭހެން ބާރއަކަށް ގޮއްސަ ޑްރިންކެއް ގަނެގެން ނުބޮވޭނެ. ފިލައިގެން އެކަން ވެސް ކުރަންޖެހޭނީ. ކޭން ޔޫ ސަވައިވް؟ އަހަރެން ބުނާ ބަސްއަހައިގެން މޮޑެލިންގްއަށް އަނބުރާ ދޭ! ޝަރަފްއަށް ލިބޭނެ ޗާންސްތައް މަދެއްނުވާނެކަން ޔަޤީން.” ޝިނާޒް ބުންޏެވެ. ޝަރަފް ހިނދުކޮޅަކަށް އެ ބަސް އަޑުއަހަން ބޭނުންވިއެވެ. އެހެނަސް އޭނަ މޮޑެލްކުރަން ލިބެމުން ދިޔަ ފުރުޞަތުތައް ދޫކުރުމުގައި ސަބަބުތަކެއްވާކަން ޝިނާޒަކަށް ނޭނގެއެވެ. އަދި އަމުދުން ސިޑްނީގައި ދިމާވި ޙާދިސާއަށްފަހު އޭނަވަނީ މާލެއަށް އަނބުރާދާން ނުހަނު ބޭނުންވެފައެވެ.
އެއާރޕޯޓުގައި އިންއިރު ވެސް ޝަރަފަށް ވިސްނެމުން ދިޔައީ ދޮންބައްޕައާއި ޝިނާޒްގެ ވާހަކަތަކާއި ދޭތެރޭގައެވެ. އޭގެ މަތިން އޭނަ އަނބުރާ ދިޔުމުން ދޮންތައާއި ބައްޕަ ކަންތައް ކުރާނެ ގޮތާއިމެދު ވެސް ޝަރަފަށް ވިސްނެމުން ދިޔައެވެ.
އެ ވިސްނުމުގެ ތެރޭގައި ވަނިކޮށް ޝަރަފްގެ ފޯނު ރިންގުވާން ފެށިއެވެ. އެއީ އޭނަ ނުދަންނަ، ދިގު ނަންބަރެކެވެ. މިއީ އޭނަ ހާސްކުރުވާނެ އަނެއް ސަބަބުކަން ނޭނގި ޝަރަފް އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ޝަރަފް ޢައްބާސްތަ؟” އެކޮޅުން އިވުނީ ފިރިހެނެއްގެ ބަރު އަޑެކެވެ.
“އާނ…..” ހިސާބެއްގެ ޙައިރާންކަމަކާއެކީ ޝަރަފް ބުނެލިއެވެ.
“ތިއުޅެނީ މާލެއަށްދާންތަ؟” އެމީހަކު ކުރި ސުވާލުން ޝަރަފް އިތުރަށް ޙައިރާންވިއެވެ.
“އާނ…..ހޫ އިޒް ދިސް؟” ޝަރަފަށް ސުވާލުކުރެވުނެވެ. އެހެނަސް އެމީހަކު އެއަށް ޖަވާބުދޭ ކަހަލަ ޚިޔާލެއް ނުކުރިއެވެ.
“ވަރަށް ރަނގަޅަށް އަޑުއަހާ. އަހަރެން މިއީ އެއްގޮތަކަށް ވެސް ޝަރަފްއަށް ގެއްލުމެއްވާން ބޭނުންވެގެން އުޅޭ މީހެއްނޫން. އަހަންނަކީ ޝަރަފްގެ އެކުވެރިއެއްކަމަށްބަލާ. އެކުވެރިއެއްގެ ގޮތުގައި އަހަރެން މިއުޅެނީ ޝަރަފްއާ ކަމެއް ޙަވާލުކުރަން. އޭގެ ކުރިން އަހަރެން ޝަރަފްއާ ސުވާލެއްކުރަން ބޭނުން. ޝަރަފްއަށް އެނގޭތަ ބިންތު ޢައްމާރަކީ ޙަޤީޤަތުގަ ކާކުކަން؟” އެމީހާ ކުއްލިއަކަށް ކޮށްލި ސުވާލަކުން މީގެ ދުވަސްތަކެއް ކުރިން އޭނައަށް ވަދެވުނު ފޭސްބުކް ޕޭޖްމަތިން ޝަރަފް ހަނދާންވިއެވެ. މިއީ އަނެއްކާ ބިންތު ޢައްމާރަށް އިންޒާރުދޭ މީހުންގެ ތެރެއިން މީހެއްބާއޭ އޭނަގެ ހިތަށްއެރިއެވެ.
ޝަރަފް އެއްޗެކޭ ނުބުނެ އިރުކޮޅެއްވުމުން އެކޮޅުން ހެލޯއޭ ބުނެލި އަޑު އިވުނެވެ. އެއާއެކު ޝަރަފަށް ވާހަކަ ދެކެވުނެވެ.
“އަ…..އަހަންނަކަށް ނޭނގޭ.” ޝަރަފް ތެދުތެދަށް ބުނެލިއެވެ.
“ވަޓް؟! އެކަމަކު އެންމެ ފަހަކަށް ބިންތު ޢައްމާރަށް ޙަމަލާއެއްދިނީ ޝަރަފް ވެސް ބައިވެރިވެގެންކަމަށް އަހަރެން އަޑުއެހީ.” އެމީހަކު ރުޅިގަދަވިއެވެ. އެއާއެކު ޝަރަފް މީގެ 3 މަސް ކުރީގެ ހަނދާނެއް އާވިއެވެ. އޭނަގާތު މީހަކު ލާރިދީފައި ބުނީ ކޮންމެވެސް ބާރއެއްގެ ކުރިމަތީގައި މާރާމާރީއެއް ފަށައިދިނުމަށެވެ. އޭނަ އެކަން ކުރިއެވެ. އެކަން ކުރީ ވަކި ބިންތު ޢައްމާރެއް މަރާލަން ކަމެއް އޭނަ ނުދެނެހުއްޓެވެ. ލާރި ބޭނުންވެފައި ހުރި ވަގުތު ލާރިއެއް ލިބުމުން އޭތި އަތުލައި ނުވެސް ވިސްނައި ޢަމަލުކުރީއެވެ.
“އައިމް ސޮރީ ބަޓް…..އައި ޑޯންޓް ނޯ.” ޝަރަފަށް ބުނެލެވުނެވެ. އެހިނދު އެމީހާ ފުން ނޭވައެއް ދޫކޮށްލި އަޑުއިވުނެވެ.
“ދެން އެންމެ ރަނގަޅު. ތިވީ ގޮތުން ޝަރަފް މާލެއަށް ގޮއްސަ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ބިންތު ޢައްމާރު ހޯދުން. ބަދަލުގައި ޝަރަފް ބޭނުން ޢަދަދަކަށް ފައިސާ ލިބޭނެ. ފުރަތަމަ އޭނަ ހޯދާ. ދެން ހަދަންވީ ގޮތް ފަހުން ކިޔައިދޭނަން.” އެކޮޅުން އިވުނު ވާހަކަތަކުން ޝަރަފްގެ ދެބުމަ ކައިރިވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.







Wow varah reethi….. Keevvetha enmen afaaf fahathun miulheny… Eyna yah lan’dudeyn.
Alhamdhulillah! (All praise and thanks belong to Allah) 🙂 adhi engeyne In Sha Allah 😀
Vaanuvaa neygey
hehe…jana vaanuvaa angan beynun nuvaathy adhi neyngeny. mihaathanah ai iru Afaaf blind vi kamaai, Sharaf ulheny Male’ ah dhaan kamaai kommeves bayaku afaafah aniyaa eh dheyn ulheykan engenya ehaavarun fudheyne ingey minnu? 😉 madumadun minnuge sikundeega huri suvaaluthakah javaabu libemundhaane In Sha Allah 🙂
Masha Allah v furihama…next part avaskoh up kohladhybala ?
Alhamdhulillah! Next part genesdheveyny Monday ga In Sha Allah. Avas kureveytho balaanan In Sha Allah 🙂 <3
Varah reethi story dhas goi.. waiting 4 next part???
Alhamdhulillah! <3 Next part monday ga In Sha Allah 🙂
Mibaives varah reethi.. keep it up jana. 🙂
Alhamdhulillah! Addu manje kuree bayah kuri comment kiyuneemey ingey? hehe….jana kureega ves vaahaka genesdhiny dhe dhuvahun ehdhuvahu hen jana ah heevany. Asr ge kureekolhu komme dhuvahaku up kohdhevuny Asr ge kuree bai liyefa othythy. mivaahaka mi feshuny hama up kuran veema. varah beynunvi up kuraa dhuvahaai jehenvaairah nimman. ekamaku mi aharaky varah busy aharakah veema hama ekani vaahaka plan kurevifa othy midhuvahaa jehunu iru. hehe….komme dhuvahaku jana ah nugenesdheveny vaahaka ah liyaa fb post thah ves liyany jana amilla ah veema. ehenveema fudheyvarakah stressful vaane komme dhuvahaku baeh genesdhenya. jana ah emme effective koh genesdheveyny mihen kamahveema dhedhuvahun edhuvahu genesdheny 🙂
Masha Allah v reethi
Alhamdhulillah!
Maasha allah v reethi mi part vs. Waiting for the nxt part. Plx avahah up kohdhehchey..
LY??
Alhamdhulillah! Next part monday ga In Sha Allah 🙂 love you too sis <3 <3
Janaa! Are you a teacher….. wanna know…..
plxxxx reply……………
Salaam janaa..?
Masha Allah.. Mi vaahaka vrs vvv reethi koh mi dhany..✨
Iyye and miadhu mi kee jana emme furathama up kuri vaahaka “Hijra”… ?
And it was soooooo touching and vvvv ibraiytheri vaahaka eh… ???❤
Masha Allah… Jana thee varah talented writer eh…
You know what… Asr vaahaka kee fahun my life was totally changed…. ?
Mihaaru hama baraabarah namaadhu kurevey…
Jazaak Allah khairan jana.?
Vv beynun jana yaa friend vaan… I need a friend like you…. ?
Kihineh hadhan vee… Vvvv baivaru knowledge beynun.
Quran ge dhivehi translation hunna link eh viyas app eh viyas bunedheeba…. Wanna know more about Quran…
Jana please reply to my comment….?
Salaam…?
Me 2????
Agreed with the comments here. I would like to be friends with Jana too.
Varah rangalhu vaahakaeh maal thi bunee.. Mivaahaka jana upkuran feshifahun aharenves hijra mi kiyaalee..vv reethi maa shaa allah..vv effective..adhi asaru kiyaa nulevey.. In sha allah evaahakaves kiyaaleveytho balaanan..
Maai allah jana thi kuraa masakkathuga barakaai lavvaa ilmaai hilm ithurukoh dhevvaandheyve..
Jazaakillaahi khairan thihaa iburaitheri vaahaka liyedheythee..
Gina bayakah mi vaahakathakuge sababun hidhasyathu dhevvaashi..aameen.
Kon irakuntha next part