ނޭނގި ހިތޭ ތި އަތުލީ 7
މައުވަން ކޮންމެ އެއްޗެއް ކިޔަސް ހެވެ. މަލާކް މިކައިވެނި ކުރާނެއެވެ. އޭނަގެވެސް ޕްލޭނެތް އޮބެތެވެ.
މަލާކްމެން ކައިވެނި ކުރީޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އާއިލާއާއި ރަހުމަތްތެރީންނަން ކުޑަސައެއް ދިނެވެ. އަދި ހަމައެދުވަހުގެ ހަވީރު އެމީހުން ފުރަންވަނީ ހަމަޖެހިފައެވެ. ފުރުމުގެ ކުރިން އަމީނާ އޭނަގެ ދަރިފުޅަށް ނަސޭހަތްތެރިވިއެވެ. ކައިވެންޏަކީ ކިހާ މާތް ގުޅުމެއްކަމާ ފިރިމީހާއަށް ކިޔަމަންތެރި ވުމުގެ މުހިއްމުކަން ހަނދާންކޮށްދިނެވެ. އަދި މައުވަން ގެ ގާތުވެސް އޭނަގެ ދަރިފުޅަށް ދެރަގޮތެއް ނުހެދުމަށާއި ރަނގަޅަށް ބަލާދިނުމަށް އެދުނެވެ.
މަޒްހަރުގެ އާއިލާ ތިބީ ފުރަން ބަނދަރުގައެވެ. އަމީނާވެސް އެމީހުން ފުރުވަން އައެވެ. ކައްޕިގެ އިޝާރާތާއެކު އެއްމެން ލޯންޗާދިމާލަށް ހިނގައިގަތެވެ. އަމީނާއާއި މަލާކް ފިޔަވައެވެ. މަލާކް ފުރުމުގެ ކުރިން ފަހުފަހަރަށް އަމީނާގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. އަދި މަންމަވެސް ވަރަށް އަވަހަށް މާލެ އަންނަންވާނެކަމަށް ބުނެލިއެވެ. އޭރު ހުރިހާއިރަކު ހިތްވަރުކޮއްފައި ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަޤާމް ދޫކޮށްލައިފިއެވެ. އަމީނާއަށްވެސް ރޮވުނެވެ. މަލާކްއަކީ އޭނަގެ ދިރިއުޅުމެވެ. އެދަރިފުޅަށް އުފާވެރި ދިރިއުޅުމެއް ހޯދަ ދެވުނީތީ އޭނަ އުފާވިއެވެ. އެކަމަކު ދަރިފުޅު އެހާއަވަހަށް ދާންޖެހުނީތީ ދެރަވިއެވެ. އޭރު މަޒްހަރުމެން ތިބީ މަލާކްމެނާ ދިމާލަށް ބަލާށެވެ. ތަންކޮޅެއް ދުރުގައެވެ. މަޒްހަރު ލޮލުން އިޝާރާތްކޮށްލުމުން މައުވަން މަލާކްމެންކައިރިއަށް ދިޔައެވެ. އަދި އަމީނާގެ ކޮނޑުގައި އަތްބާއްވާލަމުން ދެރަނުވުމަށް ބުނެލިއެވެ. އަދި މަލާކްގާތު ދެން ދަމާ ހިނގާށޭ ބުނެލީ އޯގާތެރި ކަމާއެކުއެވެ.
ލައިހާ ވައިބަރ އިން މެސެޖް ކުރަމުން ދިޔައީ ނިއަމްއަށެވެ. އޭނަ އެގޮތަށް މެސްޖް ކުރާތާ ހަފްތާއަކަށްވުރެ ގިނަވީއެވެ. ނިއަމް ޖަވާބެއް ނުދެއެވެ. ޖަވާބު ނުދިނެތް ކަމަކު ލައިހާއަށް ކުޑަހިތްހަމަޖެހުމެއް ލިބެނީ މެސެޖް ތަކަށް ސީން އަރާތީއެވެ. ލައިހާ ގެ މެސްޖެ ތަކަށް ރިޕްލައި ނުކުރެވޭތީ ނިއަމްވެސް ދެރަވެއެވެ. އެކަމަކު ރިޕްލައި ކުރަން އޭނަ ޖެހިލުންވަނީއެވެ. އެހިތުގައި ނިއަމްއަށްޓަކައި އެވަރުގެ ލޯތްބެއް އޮތްކަމަށްޓަކައި ނިއަމް އުފާވެއެވެ. ލައިހާގެ އެދުމަށް ނިއަމް ފުރަގަސްދިނީ މައުވަންގެ ކޮއްކޮއަކަށްވީމައެވެ. ނިއަމް ލައިހާދެކެ ލޯބި ނުވާތީއެއްނޫނެވެ. މައުވަން އެކަމާ ދޭތެރޭ ދެކޭނެގޮތް ނިއަމްއަކަށް ނޭނގެއެވެ. މައުވަން ނުރުހިދާނެތީ އޭނަ ޖެހިލުންވަނީއެވެ. އެދެމެދުގައިވާ އެކުވެރިކަން ގެއްލޭފަދަ ކަމެއްކުރަން އަމުދުން ނިއަމް އަކަށް ނުކެރޭނެއެވެ. އެހެންވެ އެއްމެ ރަނގަޅު ގޮތެއްކަމަށް ނިއަމް ނިންމީ އޭނަ ލައިހާ ދެކެ ލޯބިވާކަން ލައިހާއަށް ސިއްރު ކުރުމެވެ.
ކާރުއައިސް މަޑުކޮށްލީ 8 ބުރީގެ އިމާރާތެއްކުރި މައްޗަށެވެ. މަޑުކޮއްލުމާއެކު މަޒްހަރުމެން ކާރުން ފޭބިއެވެ. ލައިހާވެސް އެމީހުނާއެކު ފޭބިއެވެ. އޭނަހުރީ ފިނިވެ ހާސްވެފައެވެ. އަދި މައުވަންގެ އިޝާރާތާއެކު އެހެން މީހުންގެ ފަހަތުން ގެއަށްވަންނަން ހިނގައިގަތެވެ. ” ވެލްކަމްހޯމް ފަހަރި” ސިޓިން ރޫމަށް ވަދެވުމާއެކު އަކްޔަން ބުނެލިއެވެ. ގޭގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް އެމީހުންގެ މުއްސަނދިކަން އެގެއެވެ. ގޭގައި ގެންގުޅޭ ރާޖް އަށް ގޮވާލާހައި ލަގެޖްތައް އެތެރެއަށްވަންދަން އެވަގުތު މަޒްހަރު ބުނެލިއެވެ. ” މީދެން ދަރިފުޅުގެ އަމިއްލަ ގެ ކަމަށް ބަލައިގެން އުޅޭ. މިގޭގަ ނޫޅޭނެ މާގިނަ ބަޔަކު. ދެން އިތުރަށް އުޅޭނީ ހައްވަ. އެއީ މިގޭގައި ކަންކަން އުޅޭމީހެއް.” މަޒްހަރު ވާހަކަ ދެއްކިއެވެ. އޭރު އަދި އެއްމެންތިބީ ކޮޅަށެވެ. ” ދަރިފުޅުމެން ދާންވީނު ޖައްސާލަން މިހާރު ހުންނާނީ ވަރުބަލި ވެފައެއްނު” ނަސީމާ ބުނެލިއެވެ. މަލާކް އާ ދޭތެރޭ ހިތްހަމަ ނުޖެހުނެއްކަމަކު އެކަން އަދި މަލާކްއަކަށް ނަސީމާ ނުދައްކައެވެ. މަޒްހަރުގެ ނަސޭހަތާއެކުއެވެ. އަދި އަމުދުން މަލާކްގެ ފަރާތުން ފެނިފައިވަނީ ހުސް ރަނގަޅު ސިފަތަށް ކަމަށްވާތީއެވެ.
މައުވަން ހިނގައި ގަންނަމުން މަލާކްއަށް ގޮވާލަމުން ފަހަތުން އަންނަން ބުނެލިއެވެ. އަދި ސިޑިން އަރައިގެން ދަޔައީ މައްޗަށެވެ. މަޒްހަރުމެން ދެމަފަރީންގެ ކޮޓަރި ތިރީގައި ހުންނައިރު ތިން ދަރީންގެ ކޮޓަރި ހުންނަނީ ފަރސްޓް ފްލޯ ގައެވެ.
ކޮޓަރި ދޮރު ހުޅުވާލުމަށްފަހު މައުވަން މަލާކް ވަންނަންތަން ދިނެވެ. އަދި އޭނަ ކޮޓަރިއަށް ވަތްގޮތަށް ދޮރު ލައްޕާލިއެވެ. ކޮޓަރިއަށް ވަތްގޮތަށް މަލާކް މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އެ ބޮޑުކޮޓަރީގައި ކިންގް ސައިޒްގެ އެނދެން ހުއްޓެވެ. އަދި ބޮޑު އަލަމާރިއަކާއި ސޯފާއެއް ހުއްޓެވެ. ސޯފާގައި އިށީންނަން ޖެހޭނީ އެނދަން ފުރަގަސް ދީގެންނެވެ. އަދި ސޯފާގެ ކުރިމަތިން ހުރި ފާރުގައި 32 އިންޗީގައި ބޮޑު ފަތި ޓީވީއެއް ހަރުކޮއްފައި ހުއްޓެވެ. ޑްރެސިން ޓޭބަލްމަތި ފުރިފައިހުރީ އެކި ބްރޭންޑް ތަކުގެ އަގުބޮޑެތި ސެންޓްފުޅިތަކާއި އެކި ބާވަތްތަކުގެ ރީތިވާ ސާމާނު ތަކުންނެވެ. ކޮޓަރީގައި ކުޑަދޮރުގެ ފޮތިތަށް ކަހާލާފައި ހުރުމުން ބެލްކަނި ފެންނަން ހުއްޓެވެ. މުޅި ކޮޓަރީގައި ހުދު ކުލަ ލާފައިވާއިރު ހުރިހާ ފަރުނީޗަރ އެއްގައިވަނީ ކަޅުކުލައެވެ. އޭސީގެ ފިނިކަދަ ކަން މަލާކްއަށް އެކުޑަ ވަގުތު ކޮޅުވެސް ފާހަގަވިއެވެ. އޭނަ އަކީ ފިންޏަށް ބަލިކުއްޖެއްކަމަށް ވީމަ ކަމަށްވެސް ވެދާނެއެވެ.
އޭރު އަދި މަލާކްހުރީ ކޮޓަރިއަށް ވަތްގޮތަށް އެ ހުރި ފިޔަވަޅު މަތީގައެވެ. ދެން މައުވަންއަށް ނަޒަރެއް ދިންއިރު އޭނަ ލައިގެން ހުރި ޓީޝާޓް ބާލަނީއެވެ. މަލާކްއަށް ފުރަގަސް ދީގެން ހުރެއެވެ. މަލާކް އަވަހަށް އެހެން ދިމާލަކަށް ނަޒަރު ދިނެވެ. ދެން މައުވަން ވަނީ ފާޚާނާއަށެވެ. މަލާކް އިށީނީ ސޯފާގައެވެ. އިރުކޮޅަކުން މީހަކު ދޮރުގައި ޓަކި ޖަހާލިއެވެ. މަލާކް ގޮސް ދޮރު ހުޅުވާލި އިރު ރާޖް ހުރީ އޭނަގެ ފޮށި ހިފައިގެން އައިސް ސައެވެ. ރާޖްއަށް ޝުކުރު އަދާކުރުމަށް ފަހު ފޮށިހިފައިގެން މަލާކް އެތެރެއަށް ވަނެވެ. އަދި ކުރިން އިންތަނުގައި އިށީނެވެ. 15 މިނެޓް ވީއިރުވެސް މައުވަން ނުނިކުތެވެ. މަލާކްއިނީ ޝޯލް އަޅައިގެން އިންނަންވީމައި އުދަނގޫ ވެފައެވެ. އޭނަޔަކީ އަބަދުވެސް ކޮޓަރިއަށް ވަދެވުމާއެކު ބުރުގާ ނަގަން އާދަވެފައިވާ ކުއްޖެކެވެ. އަދި ކޮޓަރީގައި އާއްމުކޮށް ލާއުޅެނީ އަތްކުރު ޓީޝާޓާއި ކަކުލުން ތިރިއަށް އަރާވަރުގެ ޓައިޓެވެ. އެކަމަކު މައުވަންގެ ކުރިމަތީ އެއެއްޗެހި ލާކަށް މަލާކް އަދި ގަސްދެއް ނުކުރެއެވެ.
ކުޑައިރު ކޮޅަކުން މައުވަން ފާޚާނާއިން ނިކުތެވެ. ނިކުތުމާއެކު މުޅި ކޮޓަރީގައި ހިފާލީ ޝަވަރޖެލްގެ މީރުވަހެވެ. އޭރު މަލާކްއިނީ އެ އިންގޮތަށް ސޯފާގައެވެ. ސޯފާ އިންނަނައިރު ފުރަގަސް ހުންނަނީ ފާޚާނާ އާދިމާލަށެވެ. އެހެންކަމުން މަލާކަށް މައުވަން އެއް ނުފެނެއެވެ. ނަމަވެސް ދޮރުހުޅުވުނު އަޑާއި ޝަވަރޖެލްގެ ވަހުން މައުވަން ނިކުތީކަން ޔަޤީންވިއެވެ.
އިރުކޮޅަކުން މަލާކްއަށް ފެނުނީ މައުވަން ކޮޓަރިން ނިކުތްތަނެވެ. އައިސް ބުލޫ ޖިންސަކާއި އެކު މަޑު ފިޔާތޮށި ކުލައިގެ އަތްކުރުޓީޝާޓެއްގައި ހުރުއިރު ފުރަގަހުންވެސް އޭނަގެ ސްމާޓްކަން އިނގެއެވެ. ދެން ފެނުނީ މަލާކްގޮސް ކޮޓަރި ތަޅުލި ތަނެވެ. ދެން ދޮރުގައި ލެނގެލެވުމާއެކު މަލާކްއަށް ފެށުނީ ރޯށެވެ. އަޑު ބާރުކޮށެވެ. އަޑު އިވޭ ހިސާބްގައި މީހަކު ހުރިނަމަ ޔަޤީނުންވެސް އަސަރު ކުރީހެވެ. އިރުކޮޅެއް ވީއިރު މަލާކްއިނީ ދޮރުބުޑުގައި އިށީދެގެންނެވެ. އޭރުވެސް ދިޔައީ ރޮމުންނެވެ.
“ދެން އެމަންޖެ ކާރީ ކީކޭކިޔާފަ މިތަނަން ތިޔައީ؟” މައުވަން އިނީ ނިއަމް އާއެކު ރެސްޓޯރެންޓެއްގައި ކޮފީއެއްބޯށެވެ. “މަ އަންނަން ޖެހެނީ އޭނަކާރީ އެއްޗެކޭ ބުނެފަތަ ” މައުވަން ނިއަމްއަށް ޖަވާބްދިނެވެ. ނިއަމް ބުނެލީ ފުރަތަމަ ދުވަސްވީމަ ބުނެލުން ރަނގަޅު ކަމުގައެވެ. ” ކަލެއަށްވެސް މަދޯ ގޯސްވީ” މައުވަން ހިންހަމަ ނުޖެހުނެވެ. ” އެހެނެތްނޫން. އެކަމަކު އޭނަގެ ކުށެއްވެސް ނެތެއްނު. ދެމީހުންވެސް އިނީ ޕޭރެންޓުންބުނެގެން. ކުއްވެރިވާނަމަ ވާނީ ދެމީހުން އެއްވަރަށް. ވަކިމީހަކު ނޫން” ނިއަމް ބުނެލިއެވެ. ދެން މައުވަން ބުނެލީ މަލާކްގެ ވާހަކަ ދައްކައިގެން އޭނަގެ މޫޑް އިތުރަށް ގޯސްކުރަން ނޫޅުމަށެވެ.
މައުވަންއަށް ކޮފީނިންމާފައި ގެއަށް ދިޔައިރު ބައްޕަމެންތިބީ އޭނަގެ އިންތިޒާރުގައެވެ. ” އަހާ! ދަރިފުޅު ބޭރުންތަ؟ ބައްޕަ މިހީކުރީ ނިދިފަކަމަށް”
“ހަމަދެންމެ މި ތެދުވީ. ނިއަމްއާ އެއްޗެއް ހަވާލުކޮށްލަން މިދިޔައީ” މައުވަން ދޮގެއްހަދާލިއެވެ. ނަސީމާ ބުނެލީ މަލާކްގޮވައިގެން އަވަހަށް ކާންއައުމަށެވެ. މައުވަން މަޑުނުކޮށް އެރީ މައްޗަށެވެ. މައުވަން ގޮސް ދޮރުގައި ހިފާލިއިރު ދޮރު ހުރީ ތަޅުލާފައެވެ. މައުވަން ދެތިން ފަހަރު ދޮރުގައި ޖަހާލިއެވެ. އެތެރެއިން ޚަބަރެއްނުވިއެވެ. އަނެއްކާވެސް ޖަހާލިއެވެ. މިފަހަރު ތަންކޮޅެއްބާރަށެވެ. އެޔާއެކު ދޮރުބުޑުގައި ނިދިފައޮތް މަލާކްއަށް ހޭލެވުނެވެ. ތެޅެގަނެފައި މަލާކް އަވަހަށް ދޮރުހުޅުވިއެވެ. މައުވަން ކޮޓަރިއަށް ވަނެވެ. “މަންމަ ބުނެގެން ކާންބަލާ މިއައީ” މައުވަން ބުނެލިއެވެ. މަލާކް އެއްޗެއް ނުބުނެ އޭނަގެ ފޮށިން ބުރުގަލެއް ނަގައިގެން ވަނީ ފާޚާނާއަށެވެ. ދެން ނިކުތީ މޫނު ދޮވެލައިގެން ބުރުގާ އަޅައިގެންނެވެ. މައުވަންއަށް ލަސްވެދާނެތީ ފެންވަރަށް މަލާކްއަށް ނުކެރުނީއެވެ.
އެރޭގެ ކެއުމުގެ ވަގުތެވެ. ” ދޮންބެދައްތާ މިގެ ވަރަށް ފޫހިދޯ މަދުމީހުން ކޮޅެއް އުޅޭތީ” އަކްޔަން ބުނެލިއެވެ. މަލާކް ހިނުތުންވެލުމަކުން ފުއްދާލީއެވެ. “ދަރިފުޅާ ރަނގަޅަށް ކާތި” މަޒްހަރު ބުނެލީ މަލާކްއަށެވެ. ” ހްމް. ދެން ބައްޕަމެންނަކަން ނުފެންނާނެ އަހަރެމެންނެއް ދޯ ދޮންބޭ” އަކްޔަން އުޅުނީ މަލާކްގެ ބީރައްޓެހިކަން ފިލުވާލުމަށެވެ. ” ތިއެއް އަދި އިނގޭނީ އަކްޔަން މެރީ ކުރީމަ” މައުވަން ދިމާކޮށްލީ އަކްޔަން އާއެވެ. މަލާކްއަށް މި ފެނުނީ މައުވަންގެ އަދި ނުފެންނަ ފަރާތެކެވެ. އޭނަޔަށް ފެންނަނީ އަބަދުވެސް ސީރިއަސްވެފަ ނޫނީ ރުޅިއައިސް ހުންނަ މައުވަންއެކެވެ. ” މަލާކް އޯލެވެލް ހެނދިންތަ” ނަސީމާ ހިތުގައިވާ ސުވާލުކޮށްލިއެވެ. ” މަލާކް ކުޑަކޮށް ހައިރާން ވިއެވެ. ނަމަވެސް ބޯޖަހާލައި އާއެކޭ ބުންޏެވެ. ” މަޒްހަރު އިތުރަށް ސުވާލު ނުކުރުމަށް ލޮލުގެ އިޝާރާތުން އެންގުމުން ނަސީމާ ހުއްޓާލިއެވެ. ” ދަރިފުޅާ ކޮންތާކަން ހަނީމޫން ދާން ތި ގަސްތުކުރަނީ” މަޒްހަރު މިފަހަރުގެ ސުވާލު އަމާޒު ކުރީ މައުވަން އަށެވެ. ” މަޒްހަރުގެ ޖުމްލައާއެކު މައުވަން ދިރުވާލަން އުޅުނު ކާއެތިކޮޅު ކަރުގައި ތާށިވެ ކޮށިއެރިއެވެ. ” އަނހާ ކިހިނެތް ތިހެދީ ދޮންބޭ ” މައުވަންގެ ބުރަކަށީގައި ތަޅާލަމުން އަކްޔަން އަހާލިއެވެ. އަކްޔަންއަށް ޖަވާބެއްނުދީ މައުވަން ބޯލީ ފެންފޮދެކެވެ. ދެން ބުނެލީ އޭނައަށް ޗުއްޓީ ހަމަނުޖެހޭނެ ވާހަކައެވެ. ” ދަރިފުޅާ ނިއަމް ގާތު ބުނާއިރަށް ތިކަން ހަމަޖެހޭނެއްނު” މަޒްހަރު ބުނެލިއެވެ. މައުވަން މަސައްކަތްކުރަނީ ނިއަމް ބައްޕަގެ ހޮސްޕިޓަލް ގައެވެ. ނިއަމް ވެސް މަސައްކަތްކުރަން ހަމަޖެހިފައިވަނީ ހަމަ އެތަނުގައެވެ. އެއީ ރާއްޖޭގައި މިވަގުތު ހުރި އެއްމެ ފެންވަރު ރަނގަޅު ހޮސްޕިޓަލް ކަމުގައިވާ ޑްރީމް ހޮސްޕިޓަލެވެ. ” އަހަންނަންވެސް ތިކަންއެނގޭ. އެކަމަކު އަދި އަހަރެން ޖޮއިން ކުރިފަހުން އަހަރެއްވެސް ނުވޭ. އެހާއަވަހަށް އަހަންނަން ޗުއްޓީ ދީފިނަމަ އެހެން ސްޓާފުން މައްސަލަ ޖައްސާނެ” މައުވަން ބެލީ ހަނީމޫން ނުގޮސްވާނެ ގޮތެކެވެ. ދެން މަޒްހަރު އަހާލީ މަލާކް ދާންބޭނުންވަނީ ކޮންތަނަކަށް ތޯއެވެ. މަލާކް ހިނިތުން ވެލަމުން ބުނެލީ އޭނަޔަށް ކޮންމެތަނެއްވެސް ރަނގަޅުކަމުގައެވެ. އެއީ މަލާކްގެ އެއްމެ ޚާއްސަ އެއްކަމެވެ. ކޮންމެ މީހަކާވެސް ވާހަކަ ދައްކާނީ ރީތި ހިނިތުންވުމަކާއެކުއެވެ. އެ ހިނިތުންވުމާ އެކު ދެކޮލަށް އެޅޭ އަޑިކޮޅުގެ ސަބަބުން އެރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. ދެން މަޒްހަރު ބުނެލީ ފަހުންވިއަސް ހަނީމޫން ދާންވާނެ ކަމުގައެވެ.
އަދި ނަމާދު ނުކުރާކަމަށް ބުނެ ކައިގެން މަލާކްވަނީ ކޮޓަރިއަށެވެ. އެހެން މީހުން ތިބީ ސިޓިންރޫމްގައެވެ. ކޮޓަރިއަށް ގޮސް އޭނަ އަވަހަށް ނަމާދު ކުރިއެވެ. ދެން ބަލާލީފޯނެވެ. އަމީނާގެ ވިހި މިސްޑްކޯލް އިނެވެ. ފޯން ނެގިއިރުވެސް މަންމަ އެވަރަށް ގުޅާފަ ހުންނާނެކަން މަލާކް ދެނަހުއްޓެވެ. ދެން އަވަހަށް އަމީނާއަށް މަލާކްގުޅިއެވެ. 15 މިނެޓް ވަންދެން ވާހަކަ ދައްކާފައި ފޯން ބޭއްވިއެވެ. ހަމައެވަގުތު މައުވަން އައިސް ކޮޓަރިއަށް ވަނެވެ. ދެން ދޮރު ލައްޕާލައި ތަޅުލީއެވެ. އޭރު މަލާކްއިނީ ސޯފާގައެވެ. މައުވަން ކޮޓަރިއަށް ވަނުމާއެކު މަލާކް ސަމާލުކަން ދިނީ އަތުގައި އޮތް ފޯނަށެވެ. ނަމަވެސް ކޮޓަރި ތަޅުލިކަން މަލާކްއަށް އިނގެއެވެ. ދެން ޓީޝާޓް ބާލާފައި ދޮރުގައި އަޅުވާލާފައި މައުވަން ވަނީ ފާޚާނާއަށެވެ. އޭރު މަލާކްގެ ހިތް ބާރަށްތެޅެއެވެ. މުޅިމީހަވަނީ ހާސްވެ ބިރުގަނެފައެވެ. ކޮޓަރި ތެރެ އެހާފިނިއިރުވެސް މަލާކް އިނީ ހޫނެވެފައެވެ. މިރޭ ދެން ކަންތައް ވެދާނެ ގޮތާމެދު އޭނަ ހާސްވަނީއެވެ. މައުވަން އާއެކު އެފަދަ ގުޅުމަކަށް ދާކަން އޭނަ އަދި ތައްޔާރެއްނޫނެވެ. އެކަމަކު މައުވަންއަކީ އޭނަގެ ހަލާލު ފިރިމީހާއެވެ. އެއީ މައުވަންގެ ހައްޤެކެވެ. ކޮންމެ ގޮތަކަށް ކަންތައް ކުރާނެވާހަކަ މައުވަން ބުނެފައިވިއަސް މައުވަން އެދެފިނަމަ އިންކާރު ކުރާކަށް މަލާކަށް ނުކެރޭނެއެވެ. އެއީ ކިހާވަރެއްގެ ގޯސް ކަމެއްކަން އޭނަ ދެނަހުއްޓެވެ.
ކުޑައިރު ކޮޅެއްފަހުން ފާޚާނާ ދޮރުހުޅުވުނު އަޑު އިވުނެވެ. އޭރުވެސް މަލާކް އިނީ އެއިންގޮތަށް ފޯނާކުޅޭށެވެ. ދެން މަލާކް ވަނީ ފެންވަރާށެވެ. ފެންވަރއިގެން އޭނަ ނިކުތީ އާއްމުކޮށް ލައިއުޅޭވަރުގެ ދިގު ހެދުމެއްލައިގެންނެވެ. ބުރުގާވެސް ބޮލުގައި އޮތެވެ. އޭރު މައުވަން އޮތީ އެނދުގައެވެ. ގައިގައި ރަޖާގަނޑު އަޅާފައި އޮތުމުގެ ސަބަބުންފެންނަން އޮތީ ކޮނޑުން މައްޗެވެ. އޮތީ ފޯނާއި ކުޅޭށެވެ. ކޮޓަރީގައި އިތުރު މީހަކު އުޅޭކަން އޭނައަށް އެނގޭކަމަކަށް ހަދާނުލައެވެ. މަލާކް އައިސް ސޯފާގައި ޖައްސާލިއެވެ. އިރުކޮޅެއްނުވެ ކޮޓަރީގެ އަލި ނިދާ ބޮކީގެ އައްޔަށް ބަދަލުވިއެވެ. އެޔާއެކު މަލާކްގެ ހާސްކަންއިތުރުވެ ހިތްއިތުރަށް ތެޅެލިއެވެ. އަދި ނިދިކަމަށްހަދާ ދެލޯމަރާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.




vaahaka v nice …but v ginain “dhen” mi word use kuraakan faahaga kurevey….sometimes vaahakaige interest gehley a word maa ginain use kohfa huryma
yeah .. dhw same point noted.. but vrh reethi stry.. dhn malaak ei doc ehkan angaba avahah eyrun enmme reethi vaany .. I can’t wait to see the expressions of enmmen ge
Hehe. Me ah ves thihen buneema faahaga vehje. N thanks
Me ahves thihen buneema faahaga vehjje. N thanks
Malak is a doctor?ehmeh nah igey ne nama
Yehh! I agree wid hammu! Btt stryy salhi ingey❤ jst rangalhu khlanvii kameh kamah fennaathiive bunelii☺
Warah kuru kuda koh dhigu kollinama reethi vees
But story is very nice
Yea Ethankolhuga alhaigen. But story hama varah habeys. Next part avas kohlachchey.
Vaahaka thankolheh dhigu kohlaanama ok vaane
Woww ????v reethi mi story?❤? adhi kuriyah oie parts thah vakin reethi vaanehen heevany .. Cant wait to read next part .. Avaha up kohla dhenjea star ??❤
When next part… Varah reethi mi vaahaka
Koniraku vaahaka up kurany
Vaahaka avas koh up koh dhyba i just cant wait plx varah aadheyh aai eku mi bunely
star mireyga up kohdhyba adhi one part pls
thanks all