“ބޭބޭ.. މާފުކުރޭ އިނގޭ ކުރިން އެގޮތަށް ވާހަކަދެއްކުނީމަ.. އެކަމަކު ބޭބެ މިތަނަށް އަޔަސް ޔުމްނާއެއް ނުފެންނާނެ! ފަރީދު ޔުމްނާ ވަރިކޮށް، މިގެއިން ނެރެލައިފި..” މުނީރު އެހެން ބުނުމުން ހާރޫންއަށް ލިބިގެން ދިޔައީ ޝޮކެކެވެ.
“ކީކޭ؟ ދެން..ދެން އެކުއްޖާ ކޮންތާކު ދިރިއުޅެނީ؟” ހާރޫން ހާސްވެފައި އަހާލިއެވެ. ފަރީދު ޔުމްނާ އެގެއިން ނެރެލުމުން، ޔުމްނާ ވަކި ވަންނާނީ ކޮންތަނަކަށް ބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އެވަގުތު މުނީރު ހާރޫންގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
“ބޭބެ ހާސްނުވޭ.. ޔުމްނާ ހުރީ ހެޔޮ ހާލުގަ.. ޔުމްނާ މިހާރު އުޅެމުން ދަނީ މަގޭ ރައްޓެއްސެއްގެ ގޭގަ.. އޭނަ ޔުމްނާ އެގޭގަ ބަހައްޓައިދެނީ ހެޔޮ ހިތުން ހަމަ..” މުނީރު އަވަސް އަވަހަށް ބުނެލިއެވެ. މުނީރުގެ ވާހަކައިން ހާރޫންގެ ހާސްކަން ކޮންމެވެސް ވަރަކަށް ކެނޑިގެން ދިޔައެވެ.
“އަހަރެން އެގެއަށް ގެންގޮސްދޭންވީނު؟” ހާރޫން ބުނެލިއެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް ޔުމްނާގެ ސޫރަ ދެކިލާށެވެ.
“މައްސަލައެއް ނެތް.. ހިނގާ އަހަންނާއެކު..” މުނީރު ސައިކަލަށް އަރަމުން ބުނެލިއެވެ. އެއާއެކު ހާރޫން މުނީރުގެ ފަހަތަށް އަރައި ހަމަޖެހެލިއެވެ.
“ބޭބެއަށް އެނގޭތަ؟ ޔުމްނާ ބަނޑުވެސް ބޮޑު.. ފަރީދު އޭނަ ވަރިކުރީ އޭނަ އެހާލުގަ އިންދަ..” މުނީރު ސައިކަލު ދުއްވާލަމުން ވާހަކަދެއްކިއެވެ. އެވަގުތު ހާރޫންގެ ހިތުގައި ފަރީދުއަށްޓަކާ ނަފުރަތުގެ ހުޅުކޮޅެއް ރޮއިވެގެން ދިޔައެވެ.
“އެއީ ހަމަ މުއްސަނދިންގެ ގޮތް…” ހާރޫން މަޑުމަޑުން ބުނެލިއެވެ.
** **
ހަވީރުގެ ވަގުތު ޔުމްނާ ބަދިގެއަށް ދިޔައިރު އަރޫޝާ އާއި އަޒްކާ އެތަނުގައި އަޑުގަދަ ކޮށްލައިގެން އުޅެއެވެ. ޔުމްނާވެސް ގޮސް އެމީހުން ކުރާކަމެއް ބެލުމަށްޓަކާ ގޮނޑިއެއް ދުރުކޮށްލުމަށްފަހު އިށީނެވެ.
“ކީއްކުރަން ދެމީހުން ތިއުޅެނީ؟” ޔުމްނާ އަހާލިއެވެ.
“މިއުޅެނީ ކޭކެއް އަޅަންވެގެން.. އެކަމަކު ދެމީހުން އެއްގަލަކަށް ނޭރިގެން މިއުޅެނީ، ދޯ އަޒްކޯ؟” އަރޫޝާ އަޒްކާއަށް ބަލާލަމުން ވާހަކަދެއްކިއެވެ.
“އާނ.. ދޮންތި ބޭނުންވަނީ ޗޮކްލެޓް ކޭކެއް އަޅާށޯ.. އެކަމަކު އަޒްކޮ ބޭނުމީ ސްޓްރޯބެރީ ކޭކެއް!” އަޒްކާ ބޮޑާހާކާ ރާގެއްގައި ވާހަކަދެއްކިއެވެ.
“އެހެންތަ؟ ކިހިނެއްވާނީ ދެވައްތަރުން އެޅިއްޔާ؟ މިބުނީ އެއްޓްރޭގަ ލޭޔާކޮށް ދެވައްތަރުން..” ޔުމްނާ ބުނެލިއެވެ. އަރޫޝާއާ އަޒްކާއަށްވެސް ޔުމްނާގެ ޚިޔާލު ވަރަށް ކަމުދިޔައެވެ. ޔުމްނާވެސް އެކަމުގައި އެމީހުންނަށް އެހީތެރިވެދޭން އުޅުނެވެ.
“އޯހް ނޯ! ބިސް މިހުރީ ހުސްވެފަ..” އައިސްއަލަމާރީގައި ހުރި ހުސް ބިސް ޓްރޭ ނަގަމުން، އަރޫޝާ މާޔޫސީ ގޮތަކަށް ބުނެލިއެވެ. އެއާއެކު އަޒްކާ ހަރަން ބަނދެލަމުން ތުން އަނބުރާލިއެވެ.
“ދެން ކޭކު ނޭޅޭނެތަ؟” އަޒްކާ ފާޑަކަށް އަހާލިއެވެ.
“ނޫނެކޭ، އެންގްރީ ބާޑް! އެބަ އަންނަން އިނގޭ ބިސް ގަނެގެން..” އަރޫޝާ އަޒްކާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. އަދި ވޮލެޓުން ރުފިޔާއެއް ނަގައިގެން އޭނާ ގެއިން ނިކުތީ ކައިރީގައި ހުރި ފިހާރައަށް ދިއުމުގެ ބޭނުމުގައެވެ.
އަރޫޝާ ބިސްގަނެގެން ފިހާރައިން ނިކުތް ވަގުތަކީ މުނީރުއާއި ހާރޫން ސައިކަލުގައި އައިސް އެގޭ ދޮރުމައްޗަށް ހުއްޓާލި ވަގުތެވެ. މުނީރު ފެނުމުން އަރޫޝާ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. މުނީރުވެސް އަރޫޝާ އެހިސާބަށް އަންނަންދެން ސައިކަލު މަތީގައި އިނީއެވެ.
“އަނހާ! މުނީރުބޭބޭ؟ ދޮންބެ ހޯދަންތަ ތިއައީ؟” ސައިކަލު ކައިރީގައި ހުއްޓެމުން އަރޫޝާ އަހާލިއެވެ.
“ޔުމްނާ އުޅޭދޯ ގޭގަ؟” މުނީރުވެސް ކޮށްލީ ސުވާލެކެވެ. އަރޫޝާ އޭގެ ޖަވާބުގައި ބޯޖަހާލިއެވެ.
ސައިކަލު ފަހަތުގައި އިން ހާރޫން ކުރިމަތީގައި ހުރި، އާރިކްމެން ގެއާ ދިމާއަށް ބަލަމުން ދިޔައީ ފާޑަކަށެވެ.
“މީ ކޮން ގެއެއް؟ ހީވަނީ މީ ބޭބެގެ ތިމާގެ ބައެއްގެ ގެއެއްހެން..” ހާރޫން އެގެއާ ދިމާއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. އެއާއެކު އަރޫޝާ ވެސް ހާރޫންއާ ދިމާއަށް ރަނގަޅަށް ބަލާލިއެވެ.
“ހާރޫންބޭ؟ ހާރޫންބޭ ދޯ ތީ؟” އަރޫޝާ ނިތްކުރިއަށް ރޫތަކެއް ޖަމާކޮށްލަމުން ހާރޫންގާތު އަހާލިއެވެ. ހާރޫން އަރޫޝާއާ ދިމާއަށް ބަލާލީ ބީރައްޓެހި ގޮތަކަށެވެ.
“އާނ.. ތީ ކޮންކުއްޖެއް؟ އަރޫޝާތަ؟” ހާރޫން ޔަޤީންނުވާ ފަދަ ގޮތަކަށް އަހާލިއެވެ. އޭނާއަށް އެންމެ ފަހުން އަރޫޝާ ފެނުނީ ވަރަށް ކުޑައިރު ވިއްޔާއެވެ.
“އާނ.. ކީއްކުރަނީ މާލޭގަ؟ ހުރިހާ އެންމެންވެސް ރަނގަޅުދޯ؟ މަންމަ…އަހަރެންގެ މަންމަ ކިހިނެއް؟” އަރޫޝާ އަވަސްއަވަހަށް އަހާލިއެވެ. އޭނާ ހުރީ ޖުވައިރިޔާގެ ހާލު އޮޅުންފިލުވާ ހިތުން ކެތްމަދުވެފައެވެ.
“މަންމަގެ ހާލު ހަމަ ރަނގަޅު..” ހާރޫން މަޑުމަޑުން ބުނެލިއެވެ.
“ބޭރުގަ ދޯ މި ހުރެވެނީވެސް.. ހިނގާ އެތެރެއަށް.. މަޑުކޮށްބަލަ.. މުނީރުބޭބެއާ ދިމާވީ ކިހިނެއް؟ ކީއްވެ އައިސްފައި ނުގުޅީ؟” ހާރޫން ގޮވައިގެން ގޭތެރެއަށް ވަންނަން މިސްރާބުޖެހިއިރު އަރޫޝާގެ އަނގަ ނުހުއްޓެއެވެ. މުނީރުވެސް އެދެމީހުންގެ ފަހަތުން އެތެރެއަށް ހިނގައިގަތެވެ.
“ކޮބާތަ ރަޝީދުބޭ އާ އާރިކް؟ ގޮވާލަ ބަލަ އެމީހުންނަށް؟” ހާރޫން ގޮވައިގެން ސިޓިންގރޫމް ސޯފާގައި އިށީންނަމުން މުނީރު ބުނެލިއެވެ. އަރޫޝާ ބޯޖަހާލަމުން ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. އޭނާ އެނބުރި އައީ އާރިކްއާއި ރަޝީދު ގޮވައިގެންނެވެ.
“ހާރޫން؟ ކޮން ވަޑާމެއް މިކޮޅުގަ؟” ރަޝީދުއަށް ހާރޫން ފެނުމާއެކު އަހާލެވުނެވެ. އާރިކްވެސް އައިސް ހާރޫންއާ ސަލާމްކޮށް، ހާލުއަހުވާލު އޮޅުން ފިލުވައި ހަދާލިއެވެ.
އެންމެން އިށީންދެ ހަމަޖެހުމުން، މުނީރު ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. ޔުމްނާގެ އަސްލު ބައްޕައަކީ ހާރޫންކަމެވެ. ޔުމްނާގެ މަންމަ ނިޔާވެފައިވާ ކަމެވެ. އަދި ހާރޫން މިކޮޅަށް އައީ ޔުމްނާ ހޯދަން ކަމެވެ.
އެ ވާހަކަތައް އަޑުއަހާފައި، އެންމެންވެސް ތިބީ ހުއްޓުން އަރާފައެވެ. ޚާއްސަކޮށް އަރޫޝާއެވެ. އަޝްފާން އާއި ޔުމްނާއަކީ އެއްބަފާ ދެމީހުންކަން ޔުމްނާއަށް އެނގުމުން، ދެން ވާނީ ކިހިނެއް ބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
“ދަރިފުޅާ.. ކޮބާތަ ޔުމްނާ މިހާރު؟” ރަޝީދު އެހެން އަހާލުމުން އަރޫޝާ ބަދިގެއާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. ރަޝީދު، ހާރޫން ގޮވައިގެން ބަދިގެއާ ދިމާއަށް ދިޔައެވެ. ހާރޫން ހުރީ އޭނާގެ އުފަންދަރި، ފުރަތަމަ ފަހަރަށް ހަމަ ލޮލަށް ފެންނާތީ އިންތިހާއަށް އުފާވެފައެވެ. އެދެމީހުންގެ ފަހަތުން އާރިކް ދާން އުޅުނު ނަމަވެސް އަރޫޝާ އާރިކްގެ އަތުގައި ބާރަކަށް ހިފެހެއްޓިއެވެ.
“ދޮންބޭ.. ވީ ނީޑް ޓު ޓޯކް..” އަރޫޝާ މަޑުމަޑުން ބުނެލިއެވެ. އަދި އާރިކް އާއި މުނީރު ގޮވައިގެން އޭނާ ބެލްކަންޏާ ދިމާއަށް މިސްރާބުޖެހިއެވެ.
ބެލްކަނީގެ ރެއިލިންގްގައި ބާރަކަށް ހިފަހައްޓާލަމުން އަރޫޝާ ދެތިން ނޭވާ ބޭރުކޮށްލިއެވެ. އޭރު އޭނާގެ ނިތްކުރިމަތީގައި ދާތިކިތައް ވިދާ ބަބުޅަމުން ގެންދިޔައެވެ.
“ކިހިނެއްވީތަ އަރޫ؟” އާރިކް ހިތްހަމަނުޖެހިފައި އަހާލިއެވެ. ޔުމްނާ އާއި ހާރޫން ބައްދަލުވާ ވަގުތު އެތަނުގައި ހުންނަން އޭނާ ބޭނުންވިއެވެ. ނަމަވެސް އަރޫޝާއާ ހެދި އެކަންވެސް ނުވީއެވެ.
“ދޮންބޭ.. ދޮންބެއަށް އިނގޭތަ ޔުމްނާ ލޯބިވަނީ ކާކު ދެކެކަން؟” އަރޫޝާ އާރިކްއަށް ބަލާލަމުން އަހާލިއެވެ.
“ނޫން.. ކިހިނެއްވީ؟ އަރޫއަށް އެނގޭތަ އެއީ ކާކުކަން؟” އާރިކް އަވަސްއަވަހަށް އަހާލިއެވެ. އެއާއެކު އަރޫޝާ މަޑުމަޑުން ބޯޖަހާލިއެވެ.
“ކާކު އެއީ؟” މުނީރު އަހާލިއެވެ.
“އަޝްފާންބޭބެ…” އަރޫޝާ މަޑުމަޑުން ބުނެލިއެވެ.
“ވަޓް؟ އަޝްފާންއޭ؟ ރެޕަންޒެލްތަ ހަމަ އެހެން ބުނީ؟ ހަމަ އެއަޝްފާންތަ އެއީ؟” ޤަބޫލުކުރަން ދަތިވާފަދަ ގޮތަކަށް އާރިކް އަހާލިއެވެ.
“އާއެކޭ.. އަހަރެން އެފްބީއިން ޔުމްއަށް އޭނާގެ ފޮޓޯއެއް ދެއްކީމޭ.. ޔުމް ބުންޏޭ އެއީއޭ..” އަރޫޝާ ހާސްވެފައި ބުނެލިއެވެ.
“އެކަމަކު ކިހިނެއް އެހެން ވާނީ؟ އެދެމީހުންނަނީ އެއްބަފާ ދެމީހުންނެއް ނޫންތަ؟” އާރިކްގެ މޫނުމަތިންވެސް ކަންބޮޑުވުމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ.
“އާއެކޭ.. އާއެކޭ! އެމީހުން ރައްޓެހިވިއިރު ނޭނގުނީ އެކަން.. އަދި ކިރިޔާ ދޯ ޔުމްއަށްވެސް އެ އެނގުނީ ހާރޫންބެ އަކީ ޔުމްގެ ބައްޕަކަން!” އަރޫޝާ ބެލްކަނީގައި ދެކޮޅުދެކޮޅަށް ހިނގަމުން ވާހަކަދެއްކިއެވެ. އާރިކްއަށް ދެއަތުން މޫނުގައި ފިރުމާލެވުނެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ އެންމެ ފަހުން އަޝްފާން އޭނާ ގާތު ދެއްކި ވާހަކަތަކެވެ.
“އަޝްފާން އޭރު ދެއްކީ އެވާހަކަދޯ.. ޝިޓް!” އާރިކް ވިސްނުމަކަށް ގެއްލިފައި ހުރެ ބުނެލިއެވެ. އަރޫޝާ އާއި މުނީރު އާރިކްއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
“އަޝްފާން އެންމެފަހުން މާލެ އައިސްފަ އަހަރެން ގާތު ބުނީ.. އޭނަ ލޯބިވާ ކުއްޖަކު ހުންނާނެއޯ މާލޭގަ.. އެކުއްޖާ ހޯދަން އެހީވެދޭށޯ.. އޭރު އެދެއްކީ ރެޕަންޒެލްގެ ވާހަކަ ރަނގަޅަށްވިއްޔާ.. އަޝްފާން އޭރު އެއައީ ރެޕަންޒެލް ހޯދަން!” ވާހަކަދައްކަމުން ގޮސް އާރިކްއަށް ރެއިލިންގްގައި ގޮށްމުށުން ޖަހާލެވުނެވެ.
“ދެން އަހަރެމެން ކިހިނެއް ހަދާނީ؟ ބުނަންވީތަ ޔުމް ގާތު އަޝްފާން އަކީ އަސްލު ކާކުކަން؟” އަރޫޝާ ހާސްވެފައި އަހާލިއެވެ.
“އަހަންނަށް ހީވަނީ އަހަރެމެން އެވާހަކަ ބުނުން އެހާ ބުއްދިވެރިއެއް ނޫންހެން..” މުނީރު ވިސްނުންތެރިކަމާއެކު ބުނެލިއެވެ.
“އަހަންނަށްވެސް ހީވަނީ ތިހެން.. ހަމަގައިމު ވެސް ރެޕަންޒެލް ގާތު އެވާހަކަ ބުނާހާ ހިތްވަރެއް ނެތް އަހަރެންގެ ގަޔަކުއެއް..” އާރިކް ދެފަރާތަށް ބޯހޫރަމުން ބުނެލިއެވެ. އެވަގުތު އަރޫޝާއަށް އުނަގަނޑުގައި ދެއަތް ވިއްދާލެވުނެވެ.
“އޭރުންނޯ؟ އަހަރެމެންނަށް އެނގިހުރެ ނުބުނީކަން އެނގުނީމަ ޔުމްއަށް ކިހާ ހާރޓްވާނެ!” އަރޫޝާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.
“ލެޓް ހާ ފައިންޑް އައުޓް އޮން ހާރ އޯން.. މަންމަ ނިޔާވިކަން އެނގުނީމަ އޭނަ މިހާރު ހުންނާނީ ވަރަށް ދެރަވެފަ.. އަނެއްކާވެސް އެހެން ހިތާމަވެރި ޚަބަރެއް އަހަރެމެން އޭނައަށް ދޭންވީތަ؟ ނުވާނެ ތިކަމެއް.. އަރޫ ވެސް އަދި މުނީރުވެސް ނުވާނެ ރެޕަންޒެލް ގާތު މިކަމާ ބެހޭގޮތުން ވާހަކަދައްކައިގެނެއް..” އާރިކް ހަރުކަށިގޮތަކަށް ބުނެލިއެވެ. އެއާއެކު މުނީރު އާއި އަރޫޝާވެސް އެކަމަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
ތިން މީހުން ސިޓިންގރޫމަށް އައިއިރު މާހައުލުގައި ގުގުމާލާފައި ވަނީ ޔުމްނާގެ މަޑު ގިސްލުމުގެ އަޑެވެ. ހާރޫންގެ ކޮނޑުގައި ބޯ އަޅާލައިގެން އޭނާ އިންއިރު ގަދައަށް ރުއިމުގެ ސަބަބުން އޭނާގެ ދެލޯ ވަނީ ރަތްވެ، ދުޅަވެފައެވެ.
“މަންމަ..” ރުއިމުގެ ތެރެއިން ޔުމްނާއަށް އިރުއިރުކޮޅާ އެހެން ކިޔާލެވެއެވެ. އާބިދާ ނިޔާވި ޚަބަރު ލިބުނީއްސުރެ އޭނާގެ ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ދެން އޮތީ އަނެއް ޚަބަރެވެ. ރާމިޒު އަކީ އޭނާގެ އަސްލު ބައްޕަ ނޫންކަން އެނގުމުން އެހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބިއްޖެއެވެ. ނަމަވެސް ރާމިޒުގެ އަތްދަށުގައި އުޅެންޖެހުނު ހާލުގެ މަތިން ހަނދާންވުމާއެކު އޭނާ ދެރަވިއެވެ. ރާމިޒުގެ ފަރާތުން އެހުރިހާ އަނިޔާއެއް އޭނާއަށް ލިބުނީ ހަމަ ނުހައްޤުން ހެއްޔެވެ؟
“އަހަރެން ކިހާ ބަދުނަސީބުވެރި.. އަމިއްލަ މަންމަ ވަޅުލުމުގެ ކުރިން މޫނު ދެކިލުމުގެ ނަސީބެއްވެސް ނުލިބުނު..” ރޮމުން ގިސްލަމުން ޔުމްނާ ބުނެލިއެވެ. ޔުމްނާއަށް ވެފައިވާ ވަރު ފެނިފައި، ކުޑަކުޑަ އަޒްކާގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. ރަޝީދުގެ ގައިގައި ބައްދާލައިގެން އޭނާ ޔުމްނާގެ ހަރަކާތްތަކަށް ބަލަން އިނެވެ.
“ދެން ތިބުނީ… މިއޮއް ހުރިހާ ދުވަހަކު އަހަރެން ބައްޕަ ކަމަށް ހީކުރީ މީހަކީ ބައްޕައެއް ނޫނޭ… އަހަރެން އޭނަގެ ހުރިހާ އަނިޔާއަކަށް ކެތްކުރީ، އެއީ އަމިއްލަ ބައްޕައޭ ހީކޮށް.. އެކަމަކު އެހެނެއް ނުވިތާ.. ކީއްވެ؟ ކީއްވެ ކުރިން ނައީ އަހަރެން ބަލާ؟” ހާރޫންއާ ދިމާއަށް ބަލާލަމުން ޝަކުވާގެ ރާގެއްގައި ޔުމްނާ ބުނެލިއެވެ. އެއަޑުގައި ރިހުމާއި ހިތްދަތިކަން ފިޔަވާ އިތުރު އެއްޗެއް ނުވެއެވެ.
“ދަރިފުޅާ ނުރޮއި… ބައްޕައަށްވެސް އެނގުނީ ވަރަށް ފަހުން، ދަރިފުޅުގެ މަންމަ ބުނީމަ..” ހާރޫން ޔުމްނާގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން ވާހަކަދެއްކިއެވެ. ނަމަވެސް ޔުމްނާ އޭނާގެ އަތް ފޮޅުވާލިއެވެ.
“ކީއްވެ ކުރިން އަހަރެން ބަލާ ނައީ؟ އަހަރެން އުޅުނީ އޭރު ހާދަ ވޭނެއްގައޭ.. އަހަރެން ބައްޕަ ކަމަށް ހީކުރި މީހާ… އޭނަ އަހަންނާ އަދި މަންމައާމެދު ކަންތައްކުރީ އިންސާނަކު ޖަނަވާރަކާމެދު ވެސް ކަންތައް ނުކުރާހާ ނުބައިކޮށް.. އަހަރެންގެ އިއްފަތްތެރިކަން ފޭރިގަތީވެސް ހަމަ އެމީހާ… ކުރިން އައިނަމަ.. ކުރިން އައިނަމަ އަހަރެން އެ ހުރިހާ އަނިޔާއަކާ ކުރިމަތިލާކަށް ނުޖެހުނީސް..” ރޮމުން ގިސްލަމުން ޔުމްނާ އޭނާގެ ހިތުގައިވާ ޝަކުވާތައް ބަންޑުންކޮށްލިއެވެ. އެ މަންޒަރު ފެނުނު ކޮންމެ މީހެއްގެ ހިތަށްވެސް އަސަރުކުރާނެކަން ޔަޤީނެވެ.
“ދަރިފުޅާ މާފުކުރޭ… ބައްޕައަށް މާފުކުރޭ.. ބައްޕައަކީ ކުށްވެރިއެއް ދަރިފުޅާ..” މިފަހަރު ވާހަކަދެއްކިއިރު ހާރޫންއަށްވެސް ރޮވިއްޖެއެވެ. ޔުމްނާއަށް ދިމާވި ހުރިހާ ކަމަކީވެސް އޭނާއާ ހެދި ދިމާވި ކަންތައް ކަމުގައި އޭނާ ޤަބޫލުކުރިއެވެ. އޭނާ އެތައް ފަހަރަކު އަމިއްލަ ނަފްސު ކުށްވެރިކުރިއެވެ.
“އަހަރެން މިހާލުގައި ތެޅިތެޅި ވަރުބަލިވެއްޖެ.. އަހަންނަށް ހަމަ ހަގީގަތުގައިވެސް އުފަލެއް ލިބެން ނެތީ.. އަހަރެން އަލަތު ކައިވެނިވެސް ކުރަން ޖެހުނީ އަހަންނަށްވުރެ އެތައް ގުނައެއް ބޮޑު މީހަކާ.. ރާމިޒު އަހަރެން ވިއްކާލީ.. ފައިސާއަށްޓަކާ.. އަހަރެންގެ ނަސީބު ހަމަ ދެރައީ..” ޔުމްނާ ގިސްލަމުން ވާހަކަދެއްކިއެވެ.
“ނޫން ދަރިފުޅާ.. ހުއްޓާލާ.. މި ބައްޕަ މިއައީ ދަރިފުޅު ބަލައޭ.. ބައްޕަ ބޭނުން ދަރިފުޅަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދޭން.. ހިނގާ ބައްޕައާ އެކީ ރަށަށް ދާން..” ހާރޫން ޔުމްނާގެ ދެކޮނޑުގައި ހިފަމުން ވާހަކަދެއްކިއެވެ. އަދި އޭނާ މަޑުމަޑުން ޔުމްނާގެ ދެލޮލުން ފޭބި ކަރުނަތައް ފުހެލައި ދިނެވެ.
“ބައްޕަ ބޭނުމީ ދަރިފުޅަށް ވޭތުވެ ދިޔަ ދުވަސްތަކުގައި ނުލިބުނު އުފާ ހޯދައިދޭން..” ހާރޫން ލޯތްބާއެކު ބުނެލިއެވެ. އެއާއެކު ޔުމްނާ ހާރޫންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އޭނާ ހުރީ މީހެއްގެ ލޯތްބާއި އޯގާތެރިކަމަށް ނުހަނު ބޭނުންވެފައެވެ. ހާރޫން އޭނާއަށް ދެރަގޮތެއް ނުހަދާނެކަމުގެ ފުރިހަމަ ޔަޤީންކަން އޭނާއަށް މިހާރުވެސް ލިބިއްޖެއެވެ. ހާރޫންއާއެކު އެރަށަށް ދާން އޭނާ އެއްބަސްވީވެސް އެހެންވެއެވެ.
** **
އެނދުމަތީގައި ދެފަރާތަށް ފުރޮޅި، ފުރޮޅި އޮތް އާރިކްގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ޔުމްނާއަށް އޭނާގެ އުފަން ބައްޕަގެ ލޯބި ލިބުމުން އޭނާ ޔުމްނާއަށްޓަކާ އުފާކުރިއެވެ. ނަމަވެސް، އަޝްފާންއާއި ޔުމްނާގެ ގުޅުމާމެދު އޭނާ ކަންބޮޑުވަނީއެވެ. ޔުމްނާއަށް ހަޤީޤަތް އެނގުމުން، ހާދަހާ ދެރަވާނެއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ ބޭނުންވަނީ ޔުމްނާ އުފަލުގައި ހުރުމަށެވެ. ޔުމްނާއަށް އިތުރު ހިތްދަތިކަމެއް ލިބޭކަށް އޭނާގެ ހިތެއް ނޭދެއެވެ.
އާރިކް އެ ހާލުގައި އޮއްވާ ރަޝީދު އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އާރިކް ވަގުތުން ތެދުވެ އެނދުމަތީގައި އިށީނެވެ. ރަޝީދުވެސް އައިސް އާރިކްގެ ގާތުގައި އިށީންދެލިއެވެ.
“ކިހިނެއްވީ ބައްޕާ؟” އާރިކް އަވަސްއަވަހަށް ސުވާލުކޮށްލިއެވެ.
“ބައްޕަ ބުނީ…. އަޒްކޮ އާއި އަރޫޝާވެސް ބޭނުންވެއޭ މަންމަ ދެކިލަން…” ރަޝީދު އާރިކްއަށް ބަލާލަމުން ބުނެލިއެވެ.
“ދެން ތި ބުނީ؟” އާރިކް ފާޑަކަށް އަހާލިއެވެ.
“ބައްޕަ މި ބުނީ މާދަމާ ހާރޫންއާ ޔުމްނާ ފުރާއިރު އަހަރެމެންވެސް އެރަށަށް ޖައްސާލަންވީ ނޫންހޭ؟” ރަޝީދު އޭނާގެ އެދުން ހާމަކޮށްލިއެވެ. އާރިކް ދެލޯ ހަނިކޮށްލިއެވެ. ޖުވައިރިޔާގެ މޫނުވެސް ބަލާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް ޔުމްނާ…ޔުމްނާ ގާތުގައި ހުންނަން އޭނާގެ ހިތް އެދެމުން ދިޔައެވެ.
“މައްސަލައެއް ނެތް އަހަރެންގެ..” އާރިކް އެކަމާ އެއްބަސްވިއެވެ. ޔުމްނާއަށް ދިމާވާ ކޮންމެ ކަމެއްގައި ޔުމްނާއަށް އެހީވެދޭން ހުންނަން އޭނާ ބޭނުންވެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.







Hey guys!I hope u will like this part too 🙂
Next part tomorrow (insha Allah)
Loves! <3
adhi nukiyan ekam igey v reethi vaanekan
🙂
Hey Liaa! Mi series haadha loibey dhw.. liaa ge stories hama emme best ee according to me.. komme story ehga inna haadhisaa v unique.. and hama ehaa intresting.. i just wanna say.. u can do even better than this! U can be a famous writer id u try.. keep trying and i wish u all the best in ur future??????????❤❤❤❤
And alhey yum ans aric gulhuvabaa… mi part kiyaafa rovunu.. yum haadha sad vaaney dhw aslu ??
Thank u dear! 🙂 That means a lot to me! <3
Wow,,,,nice
thank you 🙂
next part kndhuvahak up koh dhey nee. stry v v reethi
tomorrow (insha Allah)
Wowwww…mi prt ves v rythi..wen ix the nxt prt..v kehmadhu vefa mihury kiyaalan ly❤❤
Maadhan aneh part up kohdhehchey lia. V v v reethi mi bai ves. Looking forward to the next part. ???
V.v.nice dear….?????????? waiting
Wow ….. varah varah reethi…. ❤❤❤❤❤❤❤❤❤
Hey liaa
Stry vvv reethi..
Keep it up..
Waiting 4 next part…plx plx upload soon…
Gud nyt liaaa.????
Alhey varah obi ??❤❤❤ Waiting ????
Wow liaa, mibaives v rythi.. Mihaaru dhen nimumuge magumathyga dhw miulheny.. Anehbai avahah up kohdhehchey
thankolheh kuru dhw… ekam hama salhi ingey… finally yum met her dad… dhn ashfaan aky yum ge brother kan engunyma vaany kihinehbaa??? maadhamaa thankolheh dhigu kohlachey… love <3
Vvv reethi….
V rythi story eh … Ekm maa bodah ves kureee … Ehen vaahaka thakah vure maa bodah ves kuru part thah … ??
Varah ves rythi
Mi stry ga adhi kaaky kithah bai eba oiy?. Adhi ehaa avahah ninmaa laakah nufeney. Mi story nimuneema dhen varah foohi vaane. Hama ehaaves reethi liaa ge mi story. Looking foward for the next part. Adhi ehvaahaka, next part miah vure dhigu kohlachchey.
Liaa….story v reeth…but dhen story ge aneh part koba…
Haadha lahey up kuraaleh
thi story kiyaa hithun abadhu belenee up kuritho
avahah up kohdheeba plx