
“އައި ލަވް ޔޫ މަމް..” މިޝާލް އެހެން ބުނުމަށްފަހު ފޮށި ހިފައިގެން ގޭތެރެއިން ނިކުންނަން ހިނގައިގަތެވެ. ދޮރު މައްޗަށް އަރާފައި އޭނާ އެންމެ ފަހު ފަހަރަށް އެތެރޭގައި ތިބި މީހުންގެ މޫނުތަކަށް ބަލާލިއެވެ.
“މަޑުކޮށްބަލަ ދަރިފުޅާ.. މަންމަމެން ދާނަން ފުރާ ތަނަށް..!” އެވަގުތު ނަސްރީން ގޮވާލިއެވެ. ނަމަވެސް މިޝާލް އެކަން މަނާ ކުރިއެވެ.
“ނޫން މަންމާ.. ދެން އަންނާނެ ކަމެއް ނެތެއްނު؟ އަހަރެން އެކަނި ހިނގައިދާނަމޭ..” މިޝާލް އެހެން ބުނުމަށްފަހު ފޮށި ދަމަމުން އެ ގެއިން ނިކުމެގެން ދިޔައެވެ. ނަސްރީންއަށް އެވަގުތު އަނގަމަތީގައި އަތް އަޅާލެވުނެވެ. ދެލޮލުން ކަރުނަ ފޭދިފައިވާ ހާލު އޭނާ ފަރީދުއާ ދިމާއަށް ބަލާލިއެވެ. އުފަން ދަރިޔަކު އެހާ ގިނަ ދުވަހަށް، އެހާ ދުރަށް ފޮނުވާކަށް އޭނާގެ ހިތެއް އެއްގޮތަކަށްވެސް ނޭދެއެވެ.
“ފަރީދު.. ދޭބެލަ އޭނަ ހުއްޓުވަން! އޭނަ އެ ދަނީއޭ..” ނަސްރީން ގޮސް ފަރީދު ލައިގެން ހުރި ގަމީހުގައި ހިފައިގަންނަމުން ވާހަކަދެއްކިއެވެ.
“ބަހައްޓާ.. އޭނަ އެދޭ ގޮތަކަށް ކަންތައް ކުރަން ދޫކޮށްލާ.. އެހެންނޫނަސް، ދަރީންގެ ކިޔެވުމަށް ހުރަސްއަޅާކަށް އަހަރެން ނެތިން..” ފަރީދު ހަރުކަށިކަމާއެކު ވާހަކަދެއްކިއެވެ. ނަސްރީންއަށް ވެސް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ސިޑިން މައްޗަށް އެރިއެވެ. ފަރީދުވެސް މިޝްކާއާއި މުނީރުއަށް ނަޒަރެއް ދިނުމަށްފަހު އެތަނުން ހިނގައްޖެއެވެ.
މިޝްކާގެ ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. އޭނާ މުނީރުގެ ގައިގައި ބައްދާލިއިރު އެދެލޯ ފުރިގެން ބަންޑުން ވެއްޖެއެވެ.
“މިޝޫ.. އޭ.. ނުރޮއިބަލަ..” މުނީރު މިޝްކާގެ ބޮލުގައި ލޯތްބާއެކު ފިރުމާލަމުން ބުނެލިއެވެ. ނަމަވެސް މިޝްކާގެ ގިސްލުންވީ އިތުރެވެ. ލޯބިވާ ކޮއްކޮއާ ވާހަކަދައްކަންވެސް އޭނާ ބޭނުންވެއެވެ. ނަމަވެސް މިޝާލް ކޮށްފައި ވަނީ އެހާ ފަސޭހައިން މާފުކުރެވޭނެ ފަދަ ކުށެއް ނޫންވިއްޔާއެވެ.
** **
ހާރޫން ފޮށި ތައްޔާރުކުރަމުން ދިޔައިރު، އެނދުމަތީގައި ހާރޫންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ސީމާ އިނެވެ. އެ މޫނުމަތި ވަނީ ހަމަ ރަނގަޅަށްވެސް މިލާމޯޅިވެފައެވެ. ފޮށީގެ ޒިބު ދަމާލުމަށްފަހު ހާރޫން ގޮސް ސީމާ ގާތުގައި އިށީނެވެ. އަދި ސީމާގެ ދެއަތުގައި މަޑުމަޑުން ހިފާލިއެވެ.
“ސީމާ.. އަހަރެން މި ދަނީ ދާން.. އަހަރެން އެނބުރި އަންނާނީ އެ މަންޖެ ގޮވައިގެން..” ހާރޫން މަޑުމަޑުން ވާހަކަދެއްކިއެވެ. ސީމާ އިސްޖަހާލިއެވެ. އެހިތަށް ކުރަމުންދާ އަސަރު ހާރޫންއަކަށް ނޭނގޭނެއެވެ. ހާރޫން އޭނާއަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލައިފާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. ނަމަވެސް މިއީ ދުނިޔެއެވެ. ހީނުކުރާ ކިތަންމެ ކަމެއް މިތަނުގައި ވަމުން އެބަދެއެވެ.
“ސީމާ.. އަހަރެން ޤަބޫލުކުރަން އަހަންނަށް ކުރެވުނީ ކުށެއްކަން.. ވަރަށް ބޮޑު ކުށެއްކަން.. ސީމާގެ ރުޅި އަހަންނަށް ހައްގު.. އެނގޭ ސީމާ އަހަންނަށް ދުވަހަކުވެސް މާފު ނުކުރާނެކަން.. އެކަމަކު… އެވެސް އަހަރެންގެ ދަރިއެކޭ ސީމާ.. އަހަރެން ބޭނުމޭ އަޝްފާންއެކޭ އެއްގޮތަށް އެ ދަރިފުޅަށްވެސް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން.. އެ ދަރިފުޅުގެ އެއްވެސް ކުށެއް މީގަ ނެތް.. ކުށްވެރިޔައީ އޭރުވެސް އަދި މިހާރުވެސް އަހަރެން..” ހާރޫން އިސްޖަހައިގެން އިނދެ ވާހަކަދެއްކިއެވެ. އެވަގުތު ސީމާ ހާރޫންގެ މޫނަށް ބަލާލިއެވެ. އޭނާ މަޑުމަޑުން އަތް ހިއްލައި، ހާރޫންގެ މޫނުގައި އެއަތުން ފިރުމާލިއެވެ.
“އަހަރެން މާފުކޮށްފިން ހާރޫންއަށް..” ސީމާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު ހާރޫން އޭނާގެ މޫނަށް ބަލާލީ ޤަބޫލުކުރަން ދަތިވާ ފަދަ ގޮތަކަށެވެ. އެވަގުތު ސީމާ ޔަޤީންކަން ދޭފަދަ ގޮތަކަށް ބޯޖަހާލިއެވެ.
“އަހަރެން ވަރަށް ވިސްނައިފިން ތިކަމާމެދު.. ހާރޫން ތިބުނި ގޮތަށް އެ ދަރިފުޅުގެ އެއްވެސް ކުށެއް ނެތް.. އަވަހަށް ގޮސް އެކުއްޖާ ފަރީދުގެ ކިބައިން މިނިވަންކޮށްގެން މިގެއަށް ގެނޭ.. އަހަރެން ދެކޭނީ އެއީވެސް އަހަރެންގެ އަމިއްލަ ދަރިއެއް ކަމަށް ހަމަ..” ސީމާގެ ވާހަކައިން ހާރޫންގެ މޫނުމައްޗަށް ހަމަޖެހުމުގެ ހިނިތުންވުމެއް ވެރިވިއެވެ. އޭނާ މަޑުމަޑުން ސީމާ ގެނެސް އޭނާގެ މެއާ ލައި ބޮނޑިކޮށްލިއެވެ.
“އަހަރެން ސީމާއަށް ޝުކުރުވެރިވަން.. ތި ކަހަލަ އަންބެއް އެހެން އެއްވެސް މީހަކަށް ނުލިބޭނެ..” ހާރޫން އެހުރި ގޮތަށް ހުރެ ބުނެލިއެވެ. ސީމާގެ ވިސްނުން ހުރިގޮތް އެނގުމުން އޭނާ މާތް ރަސްކަލާންގެއަށް ހަމްދުކުރިއެވެ. އެހެން މީހެއް ނަމަ، ހާރޫންއަށް ދުވަހަކުވެސް މާފު ނުކުރާނެކަން ޔަޤީނެވެ.
ހާރޫން ފޮށި ހިފައިގެން ގެއިން ނިކުތް ވަގުތަކީ އަޝްފާން ވަޒީފާ ނިންމާފައި ގެއަށް އައިސް ވަންނަން ދިމާކޮށްލި ވަގުތެވެ. ހާރޫން ފޮށި ހިފައިގެން ހުރުމުން އޭނާގެ ހިތުގައި ސުވާލުތައް އުފެދިގެން ދިޔައެވެ.
“ބައްޕާ؟ ކޮންތާކަށް ދާން ތިއުޅެނީ؟” އަޝްފާން އެއްފަހަރު ހާރޫންގެ މޫނަށް، އަނެއް ފަހަރު ހާރޫން ހިފައިގެން ހުރި ފޮއްޓަށް ބަލާލަމުން އަހާލިއެވެ.
“ބައްޕަ މިއުޅެނީ މާލެ ޖައްސާލަން ކަމަށް..” ހާރޫން ބުނެލިއެވެ.
“އެއީ ކީއްކުރަން؟” އަޝްފާން އަހާލިއެވެ. ހާރޫން އަކީ އެއް އިރެއްގައިވެސް މާލެ ދާހިތްވާ މީހެއް ނޫނެވެ. މާލޭގެ ހަލަބޮލި މާހައުލަކީ ހާރޫން އެއްގޮތަކަށްވެސް ގަޔާވާ ތަނެއް ނޫންކަން އަޝްފާންއަށް ރަނގަޅަށްވެސް އެނގެއެވެ.
“ވަރަށް ބޮޑު ކަމަކު މިދަނީ ދަރިފުޅާ.. އަންނައިރު ބައްޕަ އަންނާނީ ދަރިފުޅަށް ސަޕްރައިޒްއެއް ހިފައިގެން..” ހާރޫން ފާޑަކަށް ހިނިތުންވެލަމުން ބުނެލިއެވެ. އަދި ބަރޯއަށް ފޮށި ލުމަށްފަހު އެ ހިފައިގެން ބަނދަރާ ދިމާއަށް މިސްރާބުޖެހިއެވެ.
“މަޑުކޮށްބަލަ ބައްޕާ.. އަހަރެން ދާނަން ފުރާ ތަނަށް..” އަޝްފާން ހާރޫންގެ ފަހަތުން ހިނގައިގަންނަމުން ބުނެލިއެވެ. ދެބަފައިން ތަފާތު ވާހަކަތައް ދައްކަމުން ގޮސް ބަނދަރަށް ދެވުނުއިރު މީހުންތައް ލާންޗަށް އަރަނީއެވެ. ހާރޫން ލާންޗަށް އެރުމުން އަޝްފާންވެސް ހުސް ބަރޯ ހިފައިގެން ގޭދޮށަށް މިސްރާބުޖެހިއެވެ.
** **
ޓީވީއިން ދައްކަމުން ދިޔަ މަޖާ ޕްރޮގްރާމެއް ބަލަބަލާފައި އަޒްކާ އާއި އަރޫޝާ ހެމުން ގެންދިޔައެވެ. ދެމީހުން ސޯފާއަށް ވެއްޓިގަނެގެން އޮތް އިރު މާ ގަދައަށް ހުނުމުގެ ސަބަބުން ދެމީހުންގެ ލޮލުންވެސް ހިސާބަކަށް ފެން އައިސްފައި ހުއްޓެވެ. ސިޑިން ފައިބައިގެން އައި ޔުމްނާއަށް މި މަންޒަރު ފެނި، ހިނިތުންވެލެވުނެވެ. ނަމަވެސް ކުއްލިއަކަށް އާބިދާ މަތިން ހަނދާންވުމާއެކު އެ ހިނިތުންވުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފިލައިގެން ދިޔައެވެ. ރާމިޒު ދެކޭ ހިތް ނުވިޔަސް، އޭނާގެ ހިތް އަބަދުވެސް އާބިދަގެ ސޫރަ ދެކެން ބޭނުންވެއެވެ.
“ހަމަ އެހާ މަޖާތަ؟” ޔުމްނާ އައިސް ސޯފާގޮނޑީގައި އިށީންނަމުން އަހާލިއެވެ.
“ހޫމްމް.. މީ އަޒްކޮގެ ފޭވަރިޓް ޕްރޮގްރާމޭ، ދޯ އަޒްކޯ؟” އަރޫޝާ އަޒްކާއަށް ދޯ ދެމުން ވާހަކަދެއްކިއެވެ. އަޒްކާވެސް ހެމުންހެމުން ބޯޖަހާލިއެވެ.
“އަރޫ..މީ.. އޭނަ ރިޕްލައި ކުރިތަ؟” ޔުމްނާ އަރޫޝާގެ ގައިގައި ކޮއްޓާލަމުން އަހާލިއެވެ.
“ކާކު؟” ނިތައް ރޫތަކެއް ޖަމާކޮށްލަމުން އަރޫޝާ އަހާލިއެވެ. ޔުމްނާ އެދައްކަނީ ކޮން ވާހަކައެއްކަން ރަނގަޅަށް އެނގިހުރެ، އޭނާ އެކަން ނޭނގޭ ކަމަށް ހަދާލިއެވެ.
“އަޝްފާން..” ޔުމްނާ މަޑުމަޑުން ބުނެލިއެވެ.
“އޯހް.. ނޫން.. އަދި ނުކުރެ..” އަރޫޝާ އަވަސް އަވަހަށް ބުނެލިއެވެ. އޭނާ މިވަގުތު އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.
“އަރޫ މެސެޖުކުރިންދޯ އޭނައަށް ހުރިހާ ވާހަކައެއް؟ ބުނިންދޯ ފަރީދު އަހަރެން ވަރިކުރި ވާހަކަވެސް.. އަދި އަހަރެން މިގޭގައި ހުރި ވާހަކަވެސް..” ޔުމްނާ ހިތްއަވަސްވެފައިވާ ހާލު އަހާލިއެވެ.
“އާނ.. އަހަރެން މެސެޖުކުރީމޭ ހުރިހާ އެއްޗެއްވެސް.. އޭނަ ރިޕްލައި ނުކުރާކަށްނު އެހުރީ..” އަރޫޝާ ފަރުވާކުޑަ ގޮތަކަށް އެހެން ބުނެލުމުން ޔުމްނާގެ ހިތަށް ތަދުވިއެވެ. ހުރިހާ އެއްޗެއް އެނގުމުންވެސް އަޝްފާން ހަމަ ރިޕްލައި ނުކޮށް ހުރެދާނެ ބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
ތަފާތު ޚިޔާލުތަކުން އޭނާގެ ހިތަށް އުނދަގޫކުރަން ފެށުމުން، ޔުމްނާ ތެދުވެގެން ހިނގައިގަތީ ސިޓިންގްރޫމުން ނިކުމެވެން ހުންނަ ބެލްކަންޏާ ދިމާއަށެވެ. ރެއިލިންގްގައި އަތް ވިއްދާލުމަށްފަހު އޭނާ ބޭރުން ފެންނަމުން ދިޔަ މަންޒަރުތަކަށް ނަޒަރު ހިންގާލިއެވެ. ފެންނަމުން ދިޔައީ މާ ހިތްގައިމު މަންޒަރުތަކެއް ނޫނެވެ. އެ ބޮޑު މަގު ވަނީ ދުއްވާ އުޅަނދުފަހަރާއި، މީހުންގެ ސަބަބުން ތޮއްޖެހިފައެވެ.
ޔުމްނާ ސިހިގެން ދިޔައީ ފަހަތުން މީހަކު އައިސް އޭނާގެ ލޯމަތީގައި އަތް އެޅުމުންނެވެ. ރެއިލިންގްގައި އަޅުވާފައިވާ އޭނާގެ އަތް މަޑުމަޑުން ދޫވެގެން ދިޔައެވެ. އެމޫނުމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
“އާރިކް ދޯ؟” ޔުމްނާ އަށް އެއީ އާރިކްކަން ފާހަގަކުރަން އެނގުނީ އޭނާގެ ނޭފަތުގައި ހިފާލި ސެންޓު ވަހުގެ ސަބަބުންނެވެ. އާރިކް ޔުމްނާގެ ލޯމަތިން އަތް ނަގިއެވެ. އަދި އޭނާ އައިސް ޔުމްނާގެ ކަނާއަތް ފަޅީގައި މަޑުކޮށްލިއެވެ.
“ރެޕަންޒެލް ހާދަ މޮޅޭ ދޯ؟ ކިހިނެއް އެހާ ފަސޭހައިން އެނގުނީ؟” އާރިކް އެއްބުމަ އުފުލާލަމުން އަހާލިއެވެ.
“ދެން އާރިކް ނޫން އިތުރު މީހަކު ތި ކަހަލަ ސަމާސާއެއް ނުކުރާނެ ވިއްޔަ..” ޔުމްނާ ހީލަމުން ވާހަކަދެއްކިއެވެ.
“އެހެންދޯ؟ ދެން މިތަނުގައި ތި ހުރީ ކީއްވެފަ؟ މިތަނަށް ނިކުތަސް ފެންނަނީ މާކަ ރީތި މަންޒަރުތަކެއް ނޫން ވިއްޔަ..” ރެއިލިންގް ގައި ލެނގިލަމުން އާރިކް ވާހަކަދެއްކިއެވެ. އޭރު އޭނާގެ ނަޒަރު ހުއްޓިފައި ވަނީ އެ ކާރުބާރޫ ބޮޑު މަގަށެވެ.
“އަސްލުވެސް.. މާލެއަކީ އުޅެންވާ ވަރުގެ ތަނެއް ނޫން އަސްލު..” ޔުމްނާ މަޑުމަޑުން ބުނެލިއެވެ.
“ތިހެން ބުނީމައޭ މި ހަނދާންވީ.. ކޮބާ ރެޕަންޒެލްގެ ލަވް ރިޕްލައި ކޮށްފިތަ؟” އާރިކް އެހެން އަހާލުމުން އަނެއްކާވެސް ޔުމްނާގެ ހިތަށް ނުތަވަސްކަން ވެރިވެގެން ދިޔައެވެ. އަޝްފާން ރިޕްލައި ނުކޮށްފިނަމަ، ދެން އޭނާ ކަންތައް ކުރާނީ ކިހިނެއްބާވައޭ އެ ހިތަށް އަރަމުން ދިޔައެވެ. އިރުކޮޅެއް ވަންދެން އާރިކްއަށް ބަލަން ހުރުމަށްފަހު ޔުމްނާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލިއެވެ.
“އޭނަ ގެ ޚަބަރެއް ނުވެއްޖިއްޔާ ދެން އަހަރެން ވަޒީފާއެއް ލިބޭތޯ ބަލާނީ.. އަބަދަކު މިގޭގަ ހިލޭއެއްވެސް ނުހުރެވޭނެ އެއްނު؟ އަނެއްކާ ބޭބީ ލިބުނީމަ ކުރަންޖެހޭ ޚަރަދުތައް އިތުރުވާނެ..” ޔުމްނާ ވިސްނުންތެރިކަމާއެކު ވާހަކަދެއްކިއެވެ. އާރިކް ޔުމްނާގެ ދޮން މޫނަށް ބަލާލިއެވެ. އޭނާ މިހުރިހާ ކަމެއް ޔުމްނާއަށްޓަކާ އެކޮށްދެނީ ޔުމްނާ ދެކެ ހިތާއި ފުރާނައިން ލޯބިވާތީއެވެ. އެކަން ޔުމްނާއަށް އެނގޭނީ ކޮން ދުވަހަކުން ހެއްޔެވެ؟
“ނޫން ރެޕަންޒެލް ޖޮބެއް ހޯދާނެ ކަމެއް ނެތް.. ޕްރެގް ދުވަސްކޮޅު ނުވާނެ ބުރަކޮށް އުޅޭކަށް.. އަހަރެން ހުރިހާ ޚަރަދެއް ކޮށްދޭނަމޭ.. ހަމަ ހެޔޮ ހިތުން ކޮށްދޭ ކަމެއް މީ..” އާރިކް ވާހަކަދެއްކިއެވެ. ޔުމްނާ އިސްޖަހާލިއެވެ. އާރިކް އޭނާއަށް އެ ކޮށްދޭ ކަންތައް އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެނެއް ނުދާނެއެވެ.
“އާރިކް ތިކޮށްދޭ ހެޔޮކަމުގެ ބަދަލު އަހަރެން ދޭނީ ކިހިނެއް؟” ޔުމްނާ މަޑުމަޑުން އަހާލިއެވެ. އެއާއެކު އާރިކް މަޑުމަޑުން ހީލިއެވެ.
“ހެޔޮކަމެއް ކޮށްދިނީމަ އޭގެ ބަދަލުގަ ކަމެއް ކޮށްދޭން ޖެހޭތަ؟ ރެޕަންޒެލް ހާދަ މޮޔައޭ ދޯ.. ބުނެފިން ދޯ އަހަރެން ހެޔޮ ހިތުން ކޮށްދޭ ކަމެކޭ.. އެއްވެސް ބަދަލަކަށް އެދިގެން ކޮށްދޭ ކަމެއް ނޫން، މީކީ..” އާރިކް ޔުމްނާއަށް ވިސްނައިދޭފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.
ޔުމްނާ އުޑުމައްޗަށް ނަޒަރު ހުއްޓާލިއެވެ. އާރިކް އެހެން ބުނިކަމުގައި ވިޔަސް އޭނާ ކޮންމެވެސް ދުވަހަކުން އޭގެ ބަދަލު ދޭނެއެވެ. އާރިކް ނުރުހުނު ކަމުގައި ވިޔަސް މެއެވެ.
ޔުމްނާއަށް ތެޅިގަނެވުނީ އާރިކް އޭނާގެ ބޮލުގައި އައްސާފައިވާ ވޫލްކޮޅު ދަމައިގަތުމުންނެވެ. ސިހިފައި އޭނާ އާރިކްއާ ދިމާއަށް ބަލާލިއެވެ. އޭރު އާރިކް އޭނާއަށް ބަލަހައްޓައިގެން ލާނެތް ގޮތަކަށް ހެވިފައި ހުއްޓެވެ. އޭނާގެ ބޮލުގައި އައްސާފައިވާ ވޫލްކޮޅު އޮތީ އާރިކްގެ އަތުގައެވެ.
ޔުމްނާގެ އިސްތަށިގަނޑު ނިއުޅިގެން ދިޔަ މަންޒަރު ބަލަން އާރިކްއަށް ހުރެވުނީ އާޝޯޚުވެފައެވެ. އެ އިސްތަށިގަނޑު ވަނީ އޭގެ ޖާދުލުގައި އޭނާ ރަނގަޅަށްވެސް ޖައްސާފައެވެ. އެ ކަޅުކަން ގަދަ، ފަން އިސްތަށިގަނޑު މިހާރު އިހުނަށްވުރެވެސް ބޯވެފައި ދިގުހެން ހީވެއެވެ.
“މާ ރީތި އިސްތަށިގަނޑު ދޫކޮށްލީމަ..” އާރިކް އެ ހުރި ގޮތަށް ހުރެ ބުނެލިއެވެ.
“ހަހަހަ.. ރީއްޗަސް މިހެން ބެހެއްޓީމަ އިސްތަށިގަނޑުގައި ގޮށްޖެހެއޭ.. ދައްކާ..” ޔުމްނާ އެހެން ބުނުމަށްފަހު އާރިކްގެ އަތުގައި އޮތް ވޫލްކޮޅު އަތުލިއެވެ. އަދި އިސްތަށިގަނޑު އޮޅައޮޅާފައި ބޮޑު ހުޅިއަކަށް ވާގޮތަށް އައްސާލިއެވެ. މަންޒަރު ބަލަން ހުރި އާރިކްގެ މޫނުމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ.
** **
މާލޭގެ ޖެޓީއަށް ފާބައިފައި، ހާރޫން އެ ހަލަބޮލި މާހައުލަށް ނަޒަރު ހިންގާލީ ނިތައް ރޫތަކެއް ޖަމާކޮށްލަމުންނެވެ. ޓެކްސީއަކަށް އަރައިގެން އޭނާ އެންމެ ފުރަތަމަ މިސްރާބުޖެހީ އޭނާ ހުންނަން ހަމަޖެހިފައިވާ ގެއާ ދިމާއަށެވެ. އެގެއިން ކެއުމަށްފަހު، ކުޑަކޮށް ތައްޔާރުވެލައިގެން ހާރޫން އަނެއްކާވެސް މަގުމައްޗަށް ނިކުތެވެ. ޓެކްސީއަކަށް އަރައިގެން މިފަހަރު އޭނާ މިސްރާބުޖެހީ ފަރީދުގެ ގެއާ ދިމާއަށެވެ.
“ޑައިމަންޑް ވެލީ” ގެ ކުރިމައްޗަށް ޓެކްސީ މަޑުކޮށްލުމާއެކު ހާރޫން އެއިން ފޭބީ ތެޅިތެޅި އޮތް ހިތަކާ އެކީގައެވެ. އެގެއަށް ގޮސް، ފަރީދުއާ ވާހަކަ ދައްކާ ތަނުން ކަންތައް ވެގެންދާނީ ކިހިނެއްކަން ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އޭނާ ކުރަން ބޭނުންވަނީ އެންމެ ކަމެކެވެ. އެއީ ފަރީދުގެ އަތްދަށުން އޭނާގެ ދަރިފުޅު ސަލާމަތްކުރުމެވެ.
ހާރޫން ގޮސް ގޭޓު ކައިރީގައި ހުރި ދޮރުވާނު ގާތު ފަރީދުއާ ބައްދަލުކުރެވިދާނެތޯ ސުވާލުކޮށްލިއެވެ. ނަމަވެސް ދޮރުވާނު ބުނީ ފަރީދު އެވަގުތު ގޭގައި ނޫޅޭ ކަމަށެވެ.
ބްރޭކް ގަޑި ނިންމާފައި، ފުލުސް އޮފީހަށް ދާން ނިކުތް މުނީރުގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އެގޭގެ ގޭޓު ކައރީގައި ހުއްޓިގެން ހުރި، މެދު އުމުރުގެ ފިރިހެންމީހާއެވެ. ދެލޯ ހަނިކޮށްލަމުން އޭނާ އެ ގޭޓުން ނިކުމެ، އެމީހާއާ ދާދި ގާތުގައި ހުއްޓެލިއެވެ. ވޮލެޓުން ފަސްސަތޭކަ ރުފިޔާގެ ދެ ނޫޓު ނެގުމަށްފަހު އޭނާ އެމީހާއަށް ދިއްކޮށްލިއެވެ. އޭނާ ހީކުރީ އެއީ އެގެއަށް ސަލާންޖަހަން އައި މީހެއް ކަމަށެވެ.
“ނޫން.. އަހަރެން މީ ސަލާންޖަހަން އައި މީހެއް ނޫން..” އެ ރުފިޔާގައި ހިފަން އިންކާރު ކުރަމުން ހާރޫން ބުނެލިއެވެ.
“ދެން އެހެންވިއްޔާ ކޮން ބޭނުމަކު؟” މުނީރު އަހާލިއެވެ.
“ޔުމްނާ ކިޔާ ކުއްޖެއް އުޅޭތަ މިގޭގަ؟ ފަރީދު އެކުއްޖާއާ އިނދެގެން އުޅޭނީ..” ހާރޫން އަވަސްއަވަހަށް އަހާލިއެވެ. އެއާއެކު މުނީރުގެ ނިތަށް ރޫތަކެއް ޖަމާވެގެން ދިޔައެވެ. ޔުމްނާ ހޯދަން އެއައީ އަނެއްކާ ކާކުބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
“ތީ ކާކު ޔުމްނާގެ؟” މުނީރު އަހާލިއެވެ.
“އަހަރެންމީ ޔުމްނާގެ ބައްޕަ.. އަހަރެން ބޭނުން އޭނައާ ބައްދަލުކޮށްލަން.. އަދި ފަރީދުއާވެސް..” ހާރޫން އޭނާގެ އެދުން ހާމަކޮށްލިއެވެ. އެއާއެކު މުނީރުއަށް ދެބުމަ ގޮށްޖަހާލެވުނެވެ. ޔުމްނާގެ ބައްޕަ ޔުމްނާއަށް ކުރި އަނިޔާގެ ވާހަކަ އާރިކް ވަނީ އޭނާއަށް ރީތިކޮށް ކިޔައިދީފައެވެ.
“ކީއްކުރަން ޔުމްނާ ހޯދަނީ؟ އަދިވެސް ކަލޭ ޔުމްނާއަށް ކުރި އަނިޔާ ކުޑައީތަ؟ ނަފްސާނީ އަދި ޖިސްމާނީ ގޮތުން އޭނައަށް އެތަށް އަނިޔާއެއް ދީފަ، އެންމެ ފަހުން އެކުއްޖާ ފައިސާއަށްޓަކާ ވިއްކާލީ! ބުނަން! ޔުމްނާ ބޭނުމެއްނުވޭ ކަލޭގެ ސޫރަވެސް ދެކިލާކަށް!” މުނީރު ހަރުކަށިކަމާއެކު ވާހަކަދެއްކިއެވެ. ހާރޫންއަށް އިރުކޮޅެއްވަންދެން މުނީރުއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. މުނީރު އެދައްކަނީ ރާމިޒުގެ ވާހަކަކަން ހާރޫންއަށް ނަގައިގަނެވުނެވެ.
“ނޫން، ތި ދައްކަނީ އެހެން މީހެއްގެ ވާހަކަ.. ޔުމްނާގެ އަސްލު ބައްޕައަކީ އަހަރެން!” ހާރޫން އޭނާގެ މޭގައި އަތް ޖައްސާލަމުން ވާހަކަދެއްކިއެވެ. އަދި އޭނާ ކަންތައް ވެގެން ދިޔަގޮތް އަލިފުން ޔާއަށް މުނީރުއަށް ކިޔައިދޭން ފެށިއެވެ. ދެލޯ ބޮޑުކޮށްގެން އެވާހަކަތައް އަޑުއަހަން މުނީރުއަށް ހުރެވުނެވެ.
“އެހެންވީމަ.. އެހެންވީމަ… ޔުމްނާއަކަށް އަދި ނޭނގޭނެ ދޯ ތީ އޭނަގެ ބައްޕަ ކަމެއް؟” ހާރޫންގެ ވާހަކަ ނިމުމުން މުނީރު ހައިރާންވެފައި އަހާލިއެވެ. އެއާއެކު ހާރޫން ބޯޖަހާލިއެވެ.
“ބޭބޭ.. މާފުކުރޭ އިނގޭ ކުރިން އެގޮތަށް ވާހަކަދެއްކުނީމަ.. އެކަމަކު ބޭބެ މިތަނަށް އަޔަސް ޔުމްނާއެއް ނުފެންނާނެ! ފަރީދު ޔުމްނާ ވަރިކޮށް، މިގެއިން ނެރެލައިފި..” މުނީރު އެހެން ބުނުމުން ހާރޫންއަށް ލިބިގެން ދިޔައީ ޝޮކެކެވެ.
(ނުނިމޭ)
26 Comments!
Comments are closed.
Nice when next part liaa???
Wow!
nice
Me first dhw
Salhi ingey mi part Liaa ???
Waaa sarik waah waah waah..v v v habbu mi partves…????
Wow..nice???
Alhe avahah next part up khdhehchey…story Hama perfect ?
haadha reehchy vaahaka eyhenveema ashfaan vaani yumnaage bybeyahtha hageegah eygunima kihineh baa vaani?
andhirifaraaaih
e vaahkaige season 2 koniraku genesdheynee ??
After this story (insha Allah ) 🙂
thanks liaa ❤
you are the best ?
ly ???
Nice
Hama best…avaha up kohdehehchay
Morning dear..
Stry vvv reethi…
KEEP IT UP..
Waiting 4 next part..
Have nice day.????
Thank u all.. Today upload kohdheynan next part <3 🙂
Loves <3
Network massala dhimaa vegen comment ves koh nulevunii
Aarik haadha loabiey dhw.. Yumna libeyny hama aairk ah hen bodah hyvany.. Dhen alhe yumna n aarik gulhuvaalabala lai
Nic mipart ????
Yeyyy thanks liaa konme dhuvahaku upkohdheythi varah happy ?
Woww w ??❤❤❤
Mi vaahaka hama varah obi. Hama enme inthizaar kurevey vaahakaey bunias dhogakah nuvaane.
Woow v rythi
Guys! Liaaah kuda kameh dhimaa vegen miadhu story up kurevey gotheh nuvi.. mAadhan up kohdheynan (insha Allah).. Sorry ingey v bodah 🙁
no big deal liaa.. its ok 🙂 waiting.. can u up tonite
Awnnn….sad???
its ok dear.. waiting