
“ބައްޕަ މި ބުނީ މާދަމާ ހާރޫންއާ ޔުމްނާ ފުރާއިރު އަހަރެމެންވެސް އެރަށަށް ޖައްސާލަންވީ ނޫންހޭ؟” ރަޝީދު އޭނާގެ އެދުން ހާމަކޮށްލިއެވެ. އާރިކް ދެލޯ ހަނިކޮށްލިއެވެ. ޖުވައިރިޔާގެ މޫނުވެސް ބަލާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް ޔުމްނާ…ޔުމްނާ ގާތުގައި ހުންނަން އޭނާގެ ހިތް އެދެމުން ދިޔައެވެ.
“މައްސަލައެއް ނެތް އަހަރެންގެ..” އާރިކް އެކަމާ އެއްބަސްވިއެވެ. ޔުމްނާއަށް ދިމާވާ ކޮންމެ ކަމެއްގައި ޔުމްނާއަށް އެހީވެދޭން ހުންނަން އޭނާ ބޭނުންވެއެވެ.
** **
އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެވެ. އަރޫޝާ ކޮޓަރީގައި ފޮށި ތައްޔާރު ކުރަން އުޅުނެވެ. ކުޑަކުޑަ އަޒްކާ ވެސް އަރޫޝާގެ ހަރަކާތްތަކަށް ބަލަން އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އިނެވެ.
“ދޮންތާ.. އަޒްކޮ ވަރަށް ބިރުގަނޭ..” އިރުކޮޅަކު އެހެން އިނުމަށްފަހު އަޒްކާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު އަރޫޝާ އޭނާއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.
“އެއީ ކީއްވެތަ؟” އަރޫޝާ އަޒްކާއަށް ބަލަން އިނދެ އަހާލިއެވެ.
“މަންމަ.. އަޒްކޮ ވަރަށް ބިރުގަނޭ މަންމަ ދެކެ..” އިސްޖަހައިލައިގެން އިނދެ އަޒްކާ ބުނެލިއެވެ. އެއާއެކު އަރޫޝާ އަޒްކާ ގެނެސް، އޭނާގެ އުނގުގައި ބައިންދާލިއެވެ.
“އަޒްކޮ ބޭނުމެއް ނޫންތަ މަންމަ ދެކިލާކަށް؟” އަރޫޝާ ލޯތްބާއެކު އަހާލިއެވެ.
“ބޭނުން..އެކަމް.. އެކަމް.. މަންމަ އަނެއްކާ އަޒްކޮ ދުރަށް ފޮނުވާލަފާނެ..” އަޒްކާއަށް އެހެން ބުނެވުނު ވަގުތު އެ ކުޑަކުޑަ ދެލޯ ފެންކަޅި ވެއްޖެއެވެ. އިސާހިތަކު އޭނާ މަޑުމަޑުން ރޯން ފެށިއެވެ.
“ދެން ނޫން އަޒްކޯ.. ބަސްއަހާކުދިން ނުރޯނެ.. ދޮންތަ އާ ދޮންބެ ހުއްޓަކާ މަންމައަކަށް އަޒްކޮއެއް ނުފޮނުވާލެވޭނެ..” އަރޫޝާ އަޒްކާގެ ދެލޯ ފުހެލައިދެމުން ވާހަކަދެއްކިއެވެ. އެއާއެކު އަޒްކާގެ ބޮޑު ދެލޯ އަރޫޝާގެ މޫނަށް އަމާޒުވިއެވެ.
“ޕްރޮމިސް؟” އަޒްކާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު އަރޫޝާ އަޒްކާގެ ހަށިގަނޑުގައި ބާރަކަށް ބައްދާލިއެވެ.
“ޕްރޮމިސް.. ދޮންތިގެ އަޒްކޮ ދޮންތިއަށް ލިބިފައި މިވަނީ ވަރަށް ދުވަސްފަހުން.. ދޮންތި ނުދޭނަން އަޒްކޮއަށް ދެރަގޮތެއް ވިޔަކައެއް..” އަރޫޝާ ޔަޤީންކަމާއެކު ބުނެލިއެވެ.
އަޒްކާ ވެސް ހީލާފައި ފަހުން އުޅުނީ އޭނާގެ އެއްޗެހިވެސް އަރޫޝާގެ ފޮއްޓަށް އެޅުމުގައެވެ. ނަމަވެސް އޭރު އަރޫޝާ އިނީ އެއްދިމާއަކަށް ގެއްލިފައެވެ. ފުން ވިސްނުމެއްގެ ތެރޭގައެވެ. އެމީހުން ރަށަށް ދިއުމުން ޖުވައިރިޔާ އެމީހުންނާ ދިމާއަށް ރުހުމުގެ ލޮލަކުން ބަލައިލާނެ ބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އަޒްކާ ފެނުމުން ޖުވައިރިޔާ ކަންތައް ކުރާނީ ކިހިނެއް ބާވައެވެ؟
“ކޮބާ؟ އެއްޗެހި އަޅަނީދޯ ތި؟” އަރޫޝާ ސިހިގެން ދިޔައީ ކޮޓަރިއަށް ވަތް ޔުމްނާގެ އަޑަށެވެ. ޔުމްނާއަށް ބަލާލަމުން އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.
“އާނ.. މި ނިމެނީ.. ޔުމް އެޅީތަ؟” އަރޫޝާ އަހާލިއެވެ.
“އާނ.. އަހަރެންގެ ނެތޭ މާ ބައިވަރު އެއްޗެއް އަޅާކަށް..” ޔުމްނާ ހީލަމުން ބުނެލިއެވެ.
“ޔުމް ދައްތި ދެން ވަރަށް ހެޕީތަ؟ ޔުމް ދައްތިއަށް ބައްޕައެއް ލިބުނީމަ؟” އަޒްކާ ގޮސް ޔުމްނާގެ އަތުގައި ހިފާލަމުން އަހާލީ މައުސޫމް ގޮތަކަށެވެ.
“ހުމްމް.. ޔުމް ދައްތި ވަރަށް ވަރަށް ހެޕީ..” ޔުމްނާ އަޒްކާ ގޮވައިގެން އައިސް އެނދުގައި އިށީންނަމުން ބުނެލިއެވެ.
“އެބަ ވަރަށް ބިރުގަނޭ.. ބައްޕަ ބުނީ ބައްޕަގެ ހުންނާނެއޯ އަހަންނާ އެއްވަރުގެ ފިރިހެން ދަރިއެއް.. އަނެއްކާ އަހަރެން އެގެއަށް ދިޔައީމަ އޭނަ އަހަރެން ދެކެ ރުޅި ނާންނާނެ ބާވައޭ އަހަރެން މި ހިތަށް އަރަނީ..” ޔުމްނާ އަރޫޝާއަށް ބަލަހައްޓައިގެން އިނދެ ކަންބޮޑުވުމުގެ ރާގެއްގައި ވާހަކަދެއްކިއެވެ. އެއާއެކު އަރޫޝާއަށް ދެތިން ފަހަރަކު ހިންދިރުވާލެވުނެވެ.
“އޭނަގެ ނަން އެނގޭތަ؟” އަރޫޝާ އަވަސްއަވަހަށް އަހާލިއެވެ.
“ނޫން.. ބައްޕަ ބުނީ ދިޔައީމަ ބައްދަލުވާނެއޯ.. އެކަމަކު ބައްޕަގެ އަންހެނުންނާ ވާހަކަދެއްކިން ފޯނުން. ވަރަށް ހިތްހެޔޮ.. އަހަރެން ގާތު ބުނީ މަންމަ ކިޔާށޯ..” ޔުމްނާ ބުނެލިއެވެ.
“އާނ.. ސީމާއްތަ ވަރަށް ބެސްޓު ވާނެ..” އަރޫޝާ ހިނިތުންވެލަމުން ވާހަކަދެއްކިއެވެ.
“ދެން އަދި މިދެވެނީ އަޝްފާންގެ ރަށަށް.. އެހެންވީމަ ވަރަށް އެކްސައިޓެޑް… އަޅެ ދާތަނުން އަޝްފާންއާ ދިމާވާނެ ނަމަ ދޯ!” ޔުމްނާ ބާލީހުގައި ބައްދާލަމުން ހުވަފެނީ ގޮތަކަށް ވާހަކަދެއްކިއެވެ. އެއާއެކު އަރޫޝާގެ މޫނުމަތީގައިވާ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ޔުމްނާގެ ކުރިމަތީގައި ހުންނަން އުނދަގޫވެގެން، އޭނާ އެންމެފަހުން އެ ކޮޓަރިން ނިކުމެގެން ދިޔައެވެ.
“އޯހް ގޯޑް! އަހަރެން ކިހިނެއް ހަދާނީ؟ ދިސް އިޒް ކިލިންގް މީ! .. ދޮންބެ…. ކޮބާތަ ދޮންބެ؟” އަރޫޝާ ކޮޓަރިން ނިކުންނަމުން އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. ޔުމްނާއަށް އަޝްފާންއަކީ ކާކުކަން ސިއްރުކުރަން ޖެހުމުން އޭނާ ހުރީ ބޯގޮވާވަރު ވެފައެވެ. ބާރު ފިޔަވަޅުތަކެއްގައި އޭނާ އާރިކްގެ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. ބަން ލާފައި އޭނާ އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު އާރިކް އެނދުމަތީގައި އޭނާގެ ދަބަސް ތައްޔާރުކުރަން އިނެވެ.
“ކިހިނެއްވީތަ އަރޫ؟ ހީވަނީ ދޮރުވެސް ވައްޓާލަފާނެހެން ވިއްޔާ!” އަރޫޝާއަށް ބަލާލަމުން އާރިކް ހަޅޭއްލަވައިގަތެވެ.
“ކިހިނެއް ނުވަނީ؟” އެތެރެއަށް ވަންނަމުން އަރޫޝާ ރުޅިއައިސްފައި އަހާލިއެވެ. އަދި އަނެއްކާ ވެސް އެ ކޮޓަރީގެ ދޮރު ލެއްޕީ ބާރަކަށެވެ.
“ތި ދޮރު ހަލާކުވެދާނެއޭ އަރޫ! ކިހިނެއް ވެގެން މާ ރުޅިއައިސްގެން ތިއުޅެނީ؟” އާރިކް ދެބުމަ ގޮށްޖަހާލަމުން ވާހަކަދެއްކިއެވެ.
“ދޮންބޭ އަހަންނަށް ފެންނަނީ ޔުމް ގާތު އެވާހަކަ ބުނަން!” އަރޫޝާ ދެކޮޅު ދެކޮޅަށް ހިނގަމުން ވާހަކަދެއްކިއެވެ.
“އެއްކަލަ އަރޫ.. އަހަރެމެން ކުރިން މި ވާހަކަ ދައްކައިފިން ދޯ! އަނެއްކާ ތިއައީ..” އާރިކްގެ އަޑުގައި މިފަހަރު ހިތްހަމަނުޖެހުން އެކުލެވިފައި ވިއެވެ.
“ދޮންބޭ! ޔުމް ބުނީ އެރަށަށް ގޮސްފަ އޭނަ އަޝްފާން ހޯދާނަމޯ.. އަޝްފާންއާ އެއް ރަށަކަށް ދެވޭތީ ވަރަށް އެކްސައިޓެޑް އޯ.. ވިސްނާލަބަލަ ހަގީގަތް އެނގުނީމަ އޭނައަށް ވާނެ ގޮތް، ދޮންބޭ..” އަރޫޝާ ތަޅުންގަނޑުގައި ދެފައި ތަޅަމުން ވާހަކަދެއްކިއެވެ.
“އަރޫ.. ތި ހަމަޖެހިބަލަ!” އާރިކް އަރޫޝާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ބުނެލިއެވެ.
“ދޮންބޭ.. އަހަރެންނަށް ވަރަށް ވަރަށް އުނދަގޫވޭ އެބަ.. ޔުމް ގާތު އެ ވާހަކަ ނުބުނެ ހުންނަން ޖެހޭތީ..” އިރުކޮޅެއް ފަހުން އަރޫޝާ ބުނެލިއެވެ. މިފަހަރު އޭނާ ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ.
“އައި ނޯ.. ދޮންބެއަށް ވެސް ވިސްނެއޭ ތިކަމާމެދު.. އެކަމަކު ތި ވާހަކަ ނުބުނުން ހަމަ އެންމެ ބުއްދިވެރިވާނީ.. އަންޑަސްޓޭންޑް ވެބަލަ..” އާރިކްގެ އަޑުވެސް ކުޑަކޮށް މަޑުވިއެވެ. އެއާއެކު އަރޫޝާ އާރިކްގެ މޫނަށް ބަލާލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ މަޑުމަޑުން ބޯ ޖަހާލިއެވެ.
“ދެންވެސް އަވަހަށް ދޭ އެއްޗެހި އަޅަން.. ދޮންބެއަށް އެނގޭ އަދިވެސް އަރޫއަށް ހުރިހާ އެއްޗެއް ނޭޅޭނެކަން.. އަނެއްކާ ހުރިހާ އެއްޗެއް ފޮއްޓަށް ފެތޭތަ؟” އާރިކް ސަމާސާ ގޮތަކަށް އެހެން ބުނުމުން އަރޫޝާ ގޮށް މުށުން އާރިކްގެ ކޮނޑުގައި ބާރަކަށް ޖަހާލިއެވެ. އާރިކް އައްދޯތްއޭ ކިޔައި ކޮނޑުގައި އަތްޖައްސާލުމުން، އަރޫޝާ އޭނާއާ ދިމާއަށް ދޫ ނެރެލުމަށްފަހު އެ ކޮޓަރިން ނިކުމެގެން ދިޔައެވެ.
** **
ގޯތިތެރޭގައި ހައްދާފައި ހުރި ބޮޑު ހިރުނދުގަހުގެ ދަށުގައި ބަހައްޓާފައިވާ ޖޯލިފަތީގައި ސީމާ އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ މައްޗަށެވެ. އެހެން އިންއިރު އޭނާ އިރުއިރުކޮޅާ ފުންނޭވައެއް ދޫކޮށްލައެވެ.
އިރުކޮޅެއްފަހުން، ގޭތެރެއިން އަޝްފާން ނިކުމެގެން އައެވެ. މަޑު ހިނގުމެއްގައި އޭނާ ގޮސް ސީމާއާ ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. އޭނާ ސީމާގެ މޫނަށް ފުންކޮށް ބަލާލިއެވެ. އެ މޫނުމަތިން އޭނާއަށް ފެނުނީ ވަރުބަލިކަމާއި ކަންބޮޑުވުމެވެ.
“މަންމާ.. ކޮން ކަމަކާ ތި ވިސްނަނީ؟” އަޝްފާން އަހާލިއެވެ. އެއާއެކު ސީމާ ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ. އޭނާ ކަންބޮޑުވާ ކަންތައް އަޝްފާންނަށް ހާމަކުރާކަށް އޭނާގެ ހިތެއް ނޭދެއެވެ.
“ކަމަކާ ނުވިސްނަމޭ މަންމައެއް.. ދަރިފުޅާ.. މިޔަދު ބައްޕަ އަންނާނެ.. އަދި ރަޝީދުބޭ މެންވެސް ބައްޕައާއެކު އެބަ ޖައްސާލައޯ މިރަށަށް..” ސީމާ އަޝްފާންއަށް ބަލާލަމުން ބުނެލިއެވެ.
“އެހެންތަ؟ އަޒްކޮ ވެސް އަންނާނެ ދޯ؟” އަޝްފާން ހިނިތުންވެލަމުން އަހާލިއެވެ. އޭނާ ހުރީ ކުޑަކުޑަ އަޒްކާއާ ބައްދަލުކޮށްލާ ހިތުން ކެތްމަދުވެފައެވެ.
“އާނ.. ހުރިހާ ކުދިންވެސް އާދޭ..” ސީމާ ބުނެލިއެވެ.
“އެކަމަކު އެ އެންމެން ކޮންތާކު ހުންނާނީ އައިސްފަ؟ މިގޭގަ ވެސް އެންމެނަކަށް ނުހުރެވޭނެ ދޯ..” އަޝްފާން ވިސްނުންތެރިކަމާއެކު ވާހަކަދެއްކިއެވެ.
“ތިކަމާ ދަރިފުޅު ހާސްނުވެބަލަ.. މިރަށު ގެސްޓްހައުސްގައޭ އެމީހުން ތިބޭނީ.. އެކަމަކު މިގެއަށް ކާން އަންނަ ގޮތަށް..” ސީމާ ބުނެލިއެވެ.
“އެހެންދޯ.. އެކަމަކު… މީ.. ޖުވޭއްތަ އަށް އިނގޭތަ އެމީހުން އަންނަކަން؟” އަޝްފާން މަޑުމަޑުން އަހާލިއެވެ. އެއާއެކު ސީމާ ދެފަރާތަށް ބޯހޫރާލިއެވެ.
“ނޫން.. މަންމައެއް އަދި ނުބުނަން.. ބުނީމަ ހުންނާނެ ފޯރި.. އޭނަ ބޭނުމެއް ނުވޭ ރަޝީދުބޭގެ މޫނުވެސް ދެކޭކަށް އަސްލު..” ސީމާ ބުނެލިއެވެ. އަޝްފާން އެވާހަކައާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
“ދަރިފުޅާ…” އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ސީމާ އަޝްފާންއަށް މަޑުމަޑުން ގޮވާލިއެވެ. އޭރު އޭނާގެ ނަޒަރު ވަނީ އެއްދިމާއަކަށް ހުއްޓިފައެވެ.
“ކިހިނެއްވީ މަންމާ؟ ހާދަ ހީވެޔޭ ވަރަށް ބޮޑު ވާހަކައެއް ދައްކަން އުޅޭހެން..” އަޝްފާން ސީމާގެ މޫނަށް ފުންކޮށް ބަލާލަމުން ބުނެލިއެވެ.
“ދަރިފުޅު ހަނދާންވޭތަ؟ އެންމެ ކުޑައިރުވެސް ދަރިފުޅު ޝަކުވާކުރާނެ ކޮއްކޮއެއް ނުހުންނާތީ.. ބުނާނެ.. އެހެންކުދިންގެ ކޮއްކޮއެއް ހުރެއޭ.. އެކަމަކު ތިމަންނަގެ ނުހުރެއޭ ކޮއްކޮއެއް.. ތިމަންނަވެސް ބޭނުންވެއޭ އެކުގައި ކުޅެލާނެ ކޮއްކޮއެއް..” ސީމާ ކުރީގެ ހަނދާނެއް އާކޮށްލަމުން ވާހަކަދެއްކިއެވެ. އޭރު އެމޫނުމަތީގައި ފަނޑު ހިނިތުންވުމެއް ކުރެހިފައި ވިއެވެ.
“ހެހެހެ.. މަންމަ އަދިވެސް ހަނދާންހުރޭދޯ..” އޭނާ ކޮންމެ ދުވަހަކު ގެއަށް އައިސް ސީމާ ގާތު ބޮޑާހާކާ ހަނދާން އާވުމުން އަޝްފާންއަށް ހެވުނެވެ.
“މަންމަވެސް ބޭނުންވި ދަރިފުޅަށް ކޮއްކޮއެއް ހޯދައިދޭން.. އެކަމަކު ކީއްކުރާނީ… ދަރިފުޅަށްފަހު ދެން އެހެން ކުއްޖަކު ނުލިބޭނެކަމަށް ޑޮކްޓަރު އޮތީ ބުނެފަ…..” މިހާ ހިސާބަށް ބުނެވުނުތަނާ ސީމާގެ އަޑު ކުރެހިގެން ދިޔައެވެ. އިޚްތިޔާރަކާ ނުލާ އޭނާގެ ދެލޮލުގައި ކަރުނަތިކިތައް ވިދާ ބަބުޅަން ފެށިއެވެ. އެ މަންޒަރު ފެނި އަޝްފާންގެ ހިތް ދެރަވިއެވެ.
“މަންމާ ސޮރީ.. ކުޑައިރުވެސް އަހަންނަށް މަންމަގެ ހިތުގައި ވަރަށް ޖެއްސުނު ދޯ..” ސީމާގެ ދެލޮލުން ފޭބި ކަރުނަތައް ފުހެލައިދެމުން އަޝްފާން ދެރަވެފައި ވާހަކަދެއްކިއެވެ.
“ނޫނޭ.. އެއީ ދަރިފުޅަށް ނޭނގިގެނެއްނު..” ސީމާ ތުންފަތަށް ހިނިތުންވުމެއް ގެންނަން މަސައްކަތްކުރަމުން ވާހަކަދެއްކިއެވެ.
“އެކަމަކު… އެކަމަކު… ދަރިފުޅުގެ އެއްބަފާ ކޮއްކޮއެއް ހުރޭ.. މަންމައަށްވެސް އެނގުނީ ވަރަށް ފަހުން..” ސީމާ އެހެން ބުނުމުން އަޝްފާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ސީމާ އެކިޔަނީ ކީކޭ ބާވައޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ.
“ކީކޭ؟ މަންމަ ކޯއްޗެކޭތަ ތިކިޔަނީ؟ ބައްޕަ؟ ބައްޕަ އެހެން ކައިވެންޏެއް ކުރިތަ؟” އަޝްފާން އެއްފަހަރާ ސުވާލުތައް އަމުނާލިއެވެ.
“އެއީ… ކައިވެނިން ބޭރުގަ ލިބުނު ކުއްޖެއް…” ސީމާ ހިތްވަރުކޮށްލާފައި ބުނެލިއެވެ. އެވާހަކަތަކަކީ އަޝްފާންއަށް ވެސް އެނގެންޖެހޭ ވާހަކަތަކެއް ކަމުގައި އޭނާ ޤަބޫލުކުރިއެވެ.
“ކީކޭ؟” އަޝްފާންއަށް ބާރަކަށް އަހާލެވުނެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ ތަންކޮޅެއް ކުރިން ޖުވައިރިޔާއާ ހާރޫންއާ ދެމެދު ދެކެވުނު ވާހަކަތަކެވެ. އެ ވާހަކަތަކުގައި ހަޤީޤަތެއް އެކުލެވޭކަން އޭނާއަށް މިޔަދު ޔަޤީން ވެއްޖެއެވެ.
“ބައްޕަ އަންނާނީ އެކުއްޖާ ގޮވައިގެން މިޔަދު.. ދަރިފުޅާ ގާތްގަނޑަކަށް އެއްވަރު ވާނީ އުމުރުން..” ސީމާ ބުނެލިއެވެ. އެއާއެކު އަޝްފާންއަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ.
“ކީއްކުރަން؟ އޭނަ މިގެއަށް ގެނައީމަ މަންއަށް އިތުރު ހިތްދަތިކަމެއް ލިބޭނީ..” އަޝްފާން ދެއަތް މުއްކަވާލަމުން ވާހަކަދެއްކިއެވެ. އޭނާގެ ލޯބިވާ މަންމައަށް އެއްވެސް ދެރައެއް ލިބޭކަށް އޭނާގެ ހިތެއް ނޭދެއެވެ. މަންމައަށް އެވަރުގެ ކަމެއް އޮޅުވާލީތީ ހާރޫންއާމެދުވެސް އޭނާގެ ހިތް ކިލަނބު ވެއްޖެއެވެ.
“ދަރިފުޅާ.. ހަމަޖެހިބަލަ.. މިތަނުގައި އިށީންދެބަލަ..” ސީމާ އަޝްފާންގެ އަތުގައި ހިފައިގެން ގެނެސް އަނެއްކާވެސް ޖޯލިފަތީގައި ބޭންދިއެވެ.
“ދަރިފުޅާ.. މަންމަވެސް ވަރަށް ވިސްނާފައޭ އެކަމަށް އެއްބަސްވީ.. އެކަމުގައި އެކުއްޖާގެ އެއްވެސް ކުށެއް ނެތެއްނު ދަރިފުޅާ.. އެހެންނޫނަސް، މަންމަ ބައްޕައަށް މާފުކޮށްފިން މިހާރު.. އެހެންވީމަ ނެތެއްނު މައްސަލައެއް! އަނެއްކާ އެކުއްޖާގެ މަންމަވެސް ވަނީ ނިޔާވެފަ.. އޭނަ އެގޮތަށް ދޫކޮށްލާކަށް ނުވާނެއެއްނު؟” ސީމާ އަޝްފާންއަށް ވިސްނައިދޭން އުޅޭފަދަ ގޮތަކަށް ވާހަކަދެއްކިއެވެ. އަޝްފާން ފުންނޭވައެއް ބޭރުކުރަމުން ދެފަރާތަށް ބޯހޫރާލިއެވެ.
“އެންމެ ރަނގަޅު ދެން.. މަންމަ ތިކަމަށް އެއްބަހިއްޔާ އަހަރެން ދެން ވަކި ބުނާނީ ކީކޭ..” އަޝްފާން އެހެން ބުނުމުން ސީމާ ހިނިތުންވެލިއެވެ.
“ދަރިފުޅު ވާނެ އިނގޭ އޭނައާ ވާހަކަދައްކާ ހަދަން.. އޭނަ ބީރައްޓެއްސެއްހެން ހުއްޓަ ދީގެން ނުވާނެ.. އެއީ ހަމަ ދަރިފުޅުގެ ކޮއްކޮއެއްނު؟ މަންމަވެސް އޭނައާ މެދު ދެކޭނީ ހަމަ އަމިއްލަ ދަރިއެއް ފަދައިން..” ސީމާ ބުނެލިއެވެ. އަޝްފާން ދެއަތަށް ބޯ ހޫރާލިއެވެ. ސީމާ އެހެން ބުންޏަސް، އޭނާއަށް އެކުއްޖާއާ މެދު އެގޮތަށް ދެކެވޭނީ ކިހިނަކުން ހެއްޔެވެ؟
“މަންމަ ބުނީތީ ދެން އަހަރެން ޓްރައި ކުރާނަން..” އަޝްފާން އެހެން އިނދެފައި ބުނެލިއެވެ. އޭރުވެސް އޭނާގެ ހިތުގައި ތަފާތު ޝުޢޫރުތައް އުފެދެމުން ދިޔައެވެ.
“މަންމައަށް އެނގެއޭ މަންމަ ބުނެފިއްޔާ ދަރިފުޅު އެއްވެސް ކަމަކާ ދެކޮޅު ނުހަދާނެކަން..” ސީމާ އަޝްފާންގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލަމުން ބުނެލިއެވެ.
“މި މަދިރިތަކާ ހެދި ނޮހޮރުއްޕާނެއް، ހަމަ ހުވާ މިބުނީ!” ޖުވައިރިޔާގެ އަޑަށް ސީމާއާއި އަޝްފާން އެދިމާ ބަލާލިއެވެ. އޭރު އިލޮށިފައްޗެއް ހިފައިގެން ޖުވައިރިޔާ ގޭތެރެއިން ނިކުންނަނީއެވެ.
“ދައްތާ.. ހަމަ އެހާވަރަށް މަދިރި އުޅޭތަ؟” ސީމާ ޖުވައިރިޔާއަށް ބަލަހައްޓައިގެން އިނދެ އަހާލިއެވެ.
“އާނ.. މަދިރިތައް ހަފާވަރުން ރޭގަ މަށަށް ނިދުނީކީ ނޫނޭ!” ޖުވައިރިޔާ ދެފަރާތަށް އިލޮށިފަތި ހޫރާލަމުން ރުޅިގަދަވެފައި ބުނެލިއެވެ.
“ދައްތާ.. އާދެބަލަ މިކޮޅަށް.. އަހަރެން އެބައޮތޭ ވާހަކައެއް ދައްކަންވެފަ..” ސީމާ އެހެން ބުނުމުން ޖުވައިރިޔާ ހިނގާފައި އައިސް ޖޯލިފަތީގައި އިށީނެވެ. އޭރުވެސް އޭނާ ގެންދިޔައީ މަދިރި މެރުމަށްޓަކައި އިލޮށިފަތި އެކި ފަރާތް ފަރާތަށް ހޫރަމުންނެވެ.
“މިޔަދު އެބައާދޭ އަޒްކާއާ އަރޫޝާއާ އާރިކްއާ މިކޮޅަށް..” ސީމާ އެހެން ބުނުމާއެކު ޖުވައިރިޔާގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. ދެބުމަ ގޮށްޖަހައިގެން އިނދެ އޭނާ ސީމާގެ މޫނަށް ބަލާލިއެވެ.
“ރަޝީދު ވެސް އާދޭތަ؟” ޖުވައިރިޔާ މަޑުމަޑުން އަހާލިއެވެ. އެއާއެކު ސީމާ ބޯޖަހާލިއެވެ.
“އެމީހުން ގާތު ބުނޭ ނާންނާށޭ.. ކީއްކުރަންތަ އަންނަންވީކީ؟ މަ ބޭނުމެއްނޫނޭ އެމީހުން ދެކޭކަށް!” ޖުވައިރިޔާ ނިކަން އަޑުހަރުކޮށް ބުނެލިއެވެ.
“ދައްތަ ބޭނުމެއް ނޫންތަ އަމިއްލަ ދަރިން ދެކިލާކަށްވެސް؟ އަނެއްކާ ދައްތައަށް އަޒްކާ ފެންނަން މިއުޅެނީ ހަ އަހަރު ފަހުން.. އުފަލެއްވެސް ނުވޭތަ؟” ސީމާ ތަންކޮޅެއް ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ.
“މަށެއް ނޫޅެން އެއިން އެކަކުގެ މޫނުވެސް ބަލާހިތަކުން..!” ޖުވައިރިޔާ އެހެން ބުނުމަށްފަހު ޖޯލިފަތިން ތެދުވިއެވެ. އަދި ސީމާ ދައްކާ ވާހަކައަށް ބެލުމެއްނެތި އޭނާ ގޭތެރެއަށް ދާން ހިނގައިގަތެވެ. އޭނާ ދިއުމުން ސީމާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
“މަންމަ ހީކުރީ އެންމެ ކުޑަމިނުން އަޒްކާ ފެންނާތީ އޭނާ އުފާވާނެކަމަށް. އެކަމަކު އެހެނެއް ނުވިތާ..” ސީމާ އަޝްފާންއަށް ބަލާލަމުން ވާހަކަދެއްކިއެވެ.
“ޖުވޭއްތަ އެއީ ހިތެއް އޮންނަ މީހެއްތަ މަންމާ؟” އަޝްފާން ހިތްހަމަނުޖެހިފައި އިނދެ ބުނެލިއެވެ.
** **
އެނދުމަތީގައި އޮތް ނަސްރީންގެ ނަޒަރު ހުއްޓިފައިވަނީ ސީލިންގްގައި ހަރުކޮށްފައިވާ ވިންޑްޗައިމް ތަކާ ދިމާއަށެވެ. މަޑުމަޑު ރޯޅިތަކާއެކު އެ ވިންޑްޗައިމްތައް ހެލިލާ ވަގުތު އިވެމުންދާ ހިތްގައިމު އަޑުގެ ސަބަބުން ކޮންމެ މީހެއްގެ ހިތަށްވެސް ހަމަޖެހުން ގެނުވާނެކަން ޔަޤީނެވެ. ނަމަވެސް ނަސްރީންގެ ވިސްނުމާއި ޚިޔާލުވަނީ އެތައް ހާސް މޭލެއް ދުރުގައެވެ.
ފަރީދު އެކޮޓަރީގެ ދޮރު ހުޅުވާލި ވަގުތު ނަސްރީން ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވިއެވެ. އޭނާ ފަރީދުއަށް ބަލާލީ ހިތްދަތިކަމާއެކުގައެވެ.
“ފަރީދު.. އަޅެ މިޝާލްގެ ހަބަރެއް ބަލާލަންވީނު.. ދިޔަ ފަހުން އަދި ނުވެސްގުޅާލައޭ އޭނައެއް.. ފަރީދު އަޅެ ކަންބޮޑެއްވެސް ނުވޭތަ؟” ނަސްރީން ގޮސް ފަރީދުގެ އަތުގެ މުލައްދަނޑީގައި ހިފައިގަންނަމުން ވާހަކަދެއްކިއެވެ. އެއަޑުގައި އެކުލެވިގެންވަނީ ހާސްކަމެވެ.
“އޭނަ ހަބަރެއް ނުވާކަށްނު އެހުންނަނީ..” ފަރީދު އެހެން ބުނުމުން ނަސްރީން ހިތްހަމަނުޖެހުނެވެ. މިޝާލްއަކީ ފަރީދުގެ ވެސް ދަރިއެއް ނޫން ހެއްޔެވެ؟ މިޝާލް ގެ ކަންތައް ބެލުމަކީ ފަރީދުގެވެސް ޒިންމާއެއް ނޫން ހެއްޔެވެ؟
“ފަރީދު ކިހިނެއް ވެގެންތަ ތިއުޅެނީ؟ އެ ޔުމްނާ ދިޔައީމަ އެކަން ހަޖަމު ނުވެގެން ދޯ ތިއުޅެނީ؟” ރުޅިއައިވަރުން ނަސްރީންއަށް ބުނެލެވުނެވެ. އެއާއެކު ފަރީދުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
“ޔުމްނާގެ ވާހަކަ ނުދެއްކިއްޔާ ވަރަށް ރަނގަޅު..” ފަރީދު ވާހަކަދެއްކީ މަޑުން ނަމަވެސް އެއަޑުގައި ހިތްހަމަނުޖެހުން އެކުލެވިފައި ވިއެވެ.
“ދައްކަންވީމަ ދައްކަން ދޯ ޖެހޭނީ! އެ ޔުމްނާއެއް ދިޔަފަހުން ފަރީދުއަށް ރަނގަޅަށް ކެވެނީކީ ނޫން.. ބޮވެނީކީ ނޫން! އެންމެ ކުޑަމިނުން މީހަކާ އަނގައިން ބުނަނީވެސް ހާލަކުން ފަހަރަކުން! އެހެންނު ވާނީ.. އެ ނާސި އަންހެނާ އެދިޔައީ އޭނާގެ ދަލުގަ ހަމަ ރީއްޗަށްވެސް ފަރީދު ޖައްސާފަވިއްޔަ!” ނަސްރީން އޭނާގެ ހިތަށް އެރިހާ އެއްޗެއް ކިޔަމުން ގެންދިޔައެވެ.
“ނަސްރީން. އާދޭސްކުރަން. ހުއްޓަބަލަ.” ފަރީދު ބޮލަށް އުނދަގޫވެގެން ބުނެލިއެވެ. ނަސްރީން އިތުރު އެއްޗެއް ބުނުމަށްޓަކާ އަނގަ ހުޅުވާލިއެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކަށް ހުއްޓުން އެރީ ކޮންމެވެސް މީހަކު އެކޮޓަރީގެ ދޮރުގައި ޓަކި ދިނުމުންނެވެ. ފަރީދު ގޮސް ދޮރު ހުޅުވިއިރު ކުރިމަތީގައި ހުއްޓިގެން ހުރީ އާލިމާއެވެ. އެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ.
“ސިޓީއެއް.. މިޝާލްގެ..” އެދުވަހު ޕޯސްޓުން އައިސްފައި އޮތް ސިޓީއެއް ދައްކާލަމުން އާލިމާ އެހެން ބުނެލީ ތެޅިތެޅި އޮތް ހިތަކާ އެކީގައެވެ. އެ ސިޓީ އެޑްރެސްކޮށްފައި ވަނީ ފަރީދުއަށްކަމުން، އާލިމާއަށް އެ ކަނޑާކަށް ނުކެރުނެވެ. އޭނާވެސް ހުރީ މިޝާލްގެ ޚަބަރެއް އޮޅުން ފިލުވާ ހިތުން ކެތްމަދުވެފައެވެ.
ފަރީދު ވަގުތުން އެ ސިޓީ އަތުލިއެވެ. ސިޓީއުރަ ކަނޑާލުމަށްފަހު އޭނާ އެތެރޭގައިވާ އެއްޗެއް ކިޔަންފެށި ވަގުތު އެމޫނުމަތީގައިވި ކުލަވަރު ބަދަލުވެގެން ދިޔަ މަންޒަރު ނަސްރީންއާއި އާލިމާއަށް ރީއްޗަށްވެސް ފެނުނެވެ. ސިޓީ ކިޔާ ނިންމާލުމަށްފަހު ފަރީދު ނަސްރީންއަށް ބަލާލިއެވެ.
“ކީކޯ އޮތީ؟ އޭނަގެ ހަލު ރަނގަޅުތަ؟” ނަސްރީން އަވަސްއަވަހަށް އަހާލިއެވެ.
“ހުރި ގޮތް ކުޑަކަން!” ނަސްރީންއާ ދިމާއަށް ދަމުން ފަރީދު ބާރަކަށް ހަޅޭއްލަވައިގަތެވެ. އެވަގުތު އޭނާގެ އަތުގެ ހޫނު ހަމަލާއެއް ނަސްރީންގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައެވެ.
(ނުނިމޭ)
38 Comments!
Comments are closed.
Yeh .. me first .. ?
Yay! hehe <3
Huh .. naasi anheneko..rangalhah ehedhee ekahala anhenunge bodaakan filaavarah jahaigen namavess rangalhu filaavalheh dheynvee .. ekamakudhw .. yum ah dhenvaanegoi hithah ereema dheravey..? story v habeys .. ?
Thank u Layaa 🙂 Yeah. Asluves Yum v dheravaane 🙁
Hey guys! Hope u liked this part too 🙂
Dhen onnaanee last part.. Liaa balaanan ebai v dhigu kureveythw 🙂 TUESDAy ga e part up kohdheveythw balaanan
loves<3
Nasreen kuri kanthah falhaa eree dho
lets see dhw 🙂
Hey liaa..
Stry vvvv salhi…..
Waitng 4 next part….
Upload soon ingey dear..
Gud nyt…??????
thank u dear <3
Dhen mivaahaka nimuneema varah vai vaane.
Btw..mi part vess hama varah salhi waiting for the final part on tuesday.
Tuesdayga avahah up kohdhechchey. Waiting.
thank u dear 🙂
Nice ingey keep it up
thank yew:)
Varah Reethi
shukuru 🙂
Alheyyy..nxt prt avas kohladhyba..ly❤
Vv salhi ??
Mi part vrh salhi.. Next part knirakun up kurany.. Thankolheh avahah up kohdhehchay.. LYSM Liaa ❤❤❤ keep it up
Wooow…v v v v salhi…waitin 4 next part
dhn alhe yum ah thihen nahadhaa.. ashfaan ah faseyha vaane baa yumna kokko ehge gothu gai dheken?? nasryn ah thi hedhy rangalhah.. anyways the story is fab.. Masha Allah… waiting for next part.. loves <3 😀
Wooooowww ????? v.nice dear…
Wow…mee hama super story eh…v v v nice ingey
V lwbi mivaahaka…ekm dhn mi stry nimuneema v foohi vaane….
Varah reethi
Vrh reethi poor yum n ashfan
kobaa the story????
Hammad ?
Haisham
Mee tuesday.. adhives final part up kh nudhey.?…waiting??
Alhey Lia kobaaaa fast ????
Alhey Liaa …. alhe avahah up khdheeba..mihaaru kiyaa hithun keii madhu vefa meeneee..???
Alhe tuesday ga nereynamey kiyaafa adhivx nuneremei nun….liaa alhe fast …. avahah up khdheeba..waiting……?
kon irakun up vaani? … varah kiyaahithun mihuree .. please make it fast
Liaa konirakun up koh dheyny
Haadha lahey alhe…avas khba liaa
Mi vaahaka adhi nunime dhw..enme fahu bai kamah heekoh vrh ufaa vefa mi hulhu v adhi..hehe..vaahaka vrh reethi..
Keep it up sweetie?