ރިންގުގެ އަޑު ކަނޑައިގެން ދިޔައިރުވެސް ލާމިހް އަށް ދަބަހާއި ދިމާއަށް ބަލަަހައްޓައިން ހުރެވުނީއެވެ. ހަމަ ގައިމުވެސް އެއީ އީރަމްގެ ދަބަހެވެ. އެ ދަބަސް އެތާ އޮތުމަށް ވުރެ ލާމިހް ހައިރާންވީ އެ ނަމްބަރު ބޭނުން ކުރަނީ އީރަމް ކަން އެނގުނީމައެވެ. އަދިވެސް އެއްފަހަރު ޔަގީން ކުރުމުގެ ގޮތުން ލާމިހް ނަމްބަރަށް ޑައިލް ކޮއްލިއެވެ. ފޯނު ރިންގްވާން ފެށުމާއެކު އަވަސް ހަރަކާތަކާއެކު ދަބަހުގެ ޒިބު ހުޅުވާލިއިރު ހިތުގެ ވިންދު އަވަސް ވެފައިވާމިންވަރު އަމިއްލަ މީހާއަށް ވެސް އިހްސާސްވިއެވެ. އީރަމް ގެ ދަބަހުން ނެނގި ފޯނުގެ ސްްކްރީނަށް އަރާފައިވާ ” ލާމީ” ފެނުމުން ލާމިހް އަށް އެންމެ ކައިރީ ހުރި ސޯފާގައި އިށީނދެވުނެވެ. ގަބޫލްނުކުރެވިފައި އިންހެން ވިސްނުމެއްގައި އިން އިރު ސިކުނޑީގައި އެތަށް ސުވާލުތަކެއް ފުނިޖެހިގެން ދިޔައެވެ. ނުދަންނަ ނަމްބަރަކުން އީރަމް އޭނާ އަށް މެސެޖް ކުރަނީ ކީއްވެހެއްޔެވެ. ފޮނުވާ މެސެޖްތަކުން ވާހަކައެއް ބުނެދޭން އުޅޭޭޭކަން އެވަގުތު ލާމިހް އަށް ނަގައިގަނެވުނެވެ. ނަމަވެސް ނުވިސްނޭ އެއްކަމަކީ ސިއްރުން އެކަން ކުރާ ސަބެބެވެ. ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމާއެކު ލާމިހް އަށް މަޑުމަޑުން ހީލެވިއްޖެއެވެ. އީރަމް އެގޮތަށް އެގުޅުން ބާއްވަން ބޭނުންވާނަމަ މައްސަލައެއް ނެތެވެ. އީރަމް އެހާ ސިއްރުން ކުރަން އުޅޭ ކަމެއް އެނގެން ލާމިހް ވެސް ބޭނުމެވެ. ނަމަވެސް އާންމުކޮށް ރަތް ހިތެއް މެސެޖް ކުރާނީ ލޯބިވާ މީހަކަށް ކަމަށް ލާމިހް އަށް ވިސްނުނެވެ. ފޯނު ހުޅުވާލުމާއެކު ނަސީބަކުން ލޮކް ކޮއްފައެއް ނެތެވެ. ފަރިތަކަމާއެކު ލާމިހް ދެންމެ މިސްވެފައި އިން ދެ ކޯލް ޑްލީޓްކޮއްލިއެވެ. އީރަމް އަށް ކުޑަވެސް ޝައްކެއް ވާކަށް ލާމިހް ބޭނުމެއްނޫނެވެ. ފޯނު ދަބަހަށް ލަމުން ލާމިހް ޒިބު އަޅުވާލިއެވެ. ކުރިން ވެސް އިންތާ ގޮސް އިށީނދެލަމުން އީރަމް އަންނާނެ އިރަކަށް އިންތިޒާރު ކުރެވެން ފެށުނެވެ.
ހަނާ މެންގެ ފަހަތުން އައިސް ގެއަށް ވަތް އީރަމް އަށް ސޯފާގައި އިން ލާމިހް ފެނުމުން އެ މޫނަށް ބަލާލެވުނެވެ. ދެމީހުންގެ ނަޒަރު ބައްދަލުވުމާއެކު ލާމިހް ގެ ލޮލުން ތަފާތު ކަމެއް އީރަމް އަށް ފާހަގަކުރެވުނެވެ. އެ މޫނުމަތިން އުފަލެއް ލިބި އެކަން ސިއްރުކުރަން އުޅޭހެންވެސް އީރަމް އަށް ހީވިއެވެ. ” ލާމީ އަށް ނިދިފަ އޮތީމަ ނުގޮވީ.. ” ގެނައި ކޮތަޅު މޭޒުމަތީ ބަހައްޓަމުން ހަނާ ބުނެލިއެވެ. ” އޭތް.. ލާމީ…” ހަނާ ތަންކޮޅެއް ބާރަށް ގޮވާލީ އޭނާ ދެއްކި ވާހަކަ ލާމިހް އަށް އަޑުއިވުނުހެން ހީނުވާތީއެވެ. ލާމިހް ގެ ނަޒަރު ސީދާވެފައި ހުރީ އީރަމް އަށް ކަން އެނގުމުން ހަނާ ފަސްއެނބުރި އީރަމް އަށް ވެސް ބަލާލިއެވެ. ހަމަ ހޭވެރިކަން ވުމާއެކު ދެމީހުން ވެސް އިސްޖަހާލި ގޮތް ކަޔާން އާއި ޖަނާގެ އިތުރުން ފަޒަލް އަށް ވެސް ފާހަގަ ވިއެވެ. ” އާން.. އަޑުއިވިއްޖެޔޭ..” ހަނާ ބުނީ ކީކޭކަން ނޭނގުނު ނަމަވެސް ލާމިހް އަވަހަށް ބުނެލިއެވެ. ” އެބައަންނަން ދޮންތަ މެނަށް ގޮވާފަ..” ހަނާ ގޮސް ހައިފާގެ ކޮޓަރީ ދޮރުގައި މަޑުމަޑުން ޖަހާލިއެވެ. ކޮޓަރިއަށް ވަންނަން ދާން ހިނގައިގަތް އީރަމް ހުއްޓުނީ އޭނާގެ ދަބަސް އެތަނުން ފެނުމުންނެވެ. ދަބަސް ހިފައިގެން ބާރު ހިނގުމެއްގައި ގޮސް ކޮޓަރި އަށް ވަދެ ދޮރު ލެއްޕިއިރުވެސް ލާމިހް އަށް އުސްއުފުލާ ބަލާލާކަށް ނުކެރުނެވެ. ” އީމް ކުރިން ވެސް ދަންނަން ދޯ..” ޖަނާ ދިޔުމާއެކު ކަޔާން ލާމިހް ކައިރީ އިށީންނަމުން އަހާލިއެވެ. އާދައިގެ އެކުވެރިއަކަށް އެ ނަޒަރުން އެއްވެސް މީހެއް ނުބަލާނެކަން ކަޔާން އަށް ޔަގީނެވެ. ލާމިހް އާއި އީރަމް ދުރުން އުޅޭކަން ވެސް ކަޔާން އަށް ފުރަތަމަ ވެސްް ފާހަގަވިއެވެ. ” ހޫމް.. ކިހިނެއްވީ..” ކަޔާން ގެ މޫނަށް ބަލާލަމުން ލާމިހް ބުނެލިއެވެ. ” ކަމެއްނުވޭ ހަމަ އަހާލީ…” ކަޔާން އެހެން ބުނެލިނަމަވެސް އީރަމް ގެ ފަރާތުން އެއްކަމެއް އޮޅުންފިލުވާ ހިތްވިއެވެ.
ބޯ ވާރޭގެ އަޑު ހިތްގައިމު މިޔުޒިކެއް ހެން އިވެމުން ދިޔައިރު އީރަމް އަށް އޮތީ ނުނިދިފައެވެ. ޖެހިގެން އޮތް ކޮޓަރީގައި ލާމިހް އޮތްކަން އެނގުމުން ކިތަންމެ ފަހަރަކު ތެދުވެގެން ގޮސް ހޭލައްވަން ވެސް ހިތަށް އަރައެވެ. ނަމަވެސް އެ ހިތްވަރެއް އޭނާގެ ނެތެވެ. ގަޑިން ދޭއްޖެހުމާއެކު އީރަމް ތެދުވެއްޖެއެވެ. ލައިގެން ހުރި ދޫ ހަރުވާޅާއި އަތްކުރު ޓީޝާޓް ގެ މަތިން ގަޔަށް ދޫ ކަޅުހެދުމެއް ލަމުން ބުރުގާ ބޮލަށް ހެޔޮވަރު ކޮއްލިއެވެ. ނިދިފައި އޮތް ޖަނާ އަށް ހިލަމެއް ނުވާނެހެން ކޮޓަރިން ނުކުމެ ދޮރު ލައްޕާލީ އެއްވެސް އަޑެއް އިއްވާ ނުލައެެވެ. ބޭރު ދޮރު ހުޅުވާލުމާއެކު ފިނިކަން އިހްސާސްކުރެވިގެން ދިޔައެވެ. ވާރޭގެ ތެރެއަށް އެ އަތް ދިއްކޮއްލަމުން ދޮރު ކަނީގައި އީރަމް ލެނގިލިއެވެ.
ފަރާތް ފަރާތަށް ފުރޮޅި ވަރުބަލިވުމުން ލާމިހް ތެދުވެ އިށީނެވެ. ބޭރުން މީހެއްގެ ހިލަން ވުމުން ސޯޓު ގެ މަތިން ޓީޝާޓެއްގަޔަށް ހެޔޮވަރުކޮއްލިއެވެ. ކޮޓަރިން ނުކުތީ ފަހަރެއްގައިވެސް އެއީ އީރަމް އަށް ވެދާނެކަމަށް އުއްމީދުކޮއްގެންނެއް ނޫނެވެ. ބޭރު ދޮރު ކައިރީ ހުރި އީރަމް އަށް މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން ސިހިފައި ފަހަތް ބަލާލިއެވެ. އެ ދިމާއަށް އަންނަ ލާމިހް ފެނުމުން އެސްފިޔަޖަހާލަން ވެސް އީރަމް ހަނދާންނެތުނު ކަހަލައެވެ. ސޯޓުގެ ޖީބަށް އަތް ޖަހާލައިން އަންނައިރު ދޫ ސުވެޓަރ ގައި ލާމިހް ކިތަންމެހާވެސް ފުރިހަމައެވެ. ” އީމް ދޯ… ނިދި ނާންނަ ރެއެއްތަ..” އީރަމް ގެ ކައިރީ ހުއްޓެމުން ލާމިހް އަހާލިއެވެ. އެ ދަން ގަޑީގައި އެންމެ ލޯބިވާ މީހާ ކައިރީ ހުންނަން ވުމުން ދެމީހުންގެ ހިތަށް ވެސް ބަޔާންކުރަން ދަތި ގޮތްތަކެއް ވެގެންދިޔައެވެ. ނަމަވެސް އެކަން ދުލުން ހާމަ ކުރަން ދެމީހުން ކުރެ އެކަކު ވެސް ބޭނުން ނުވަނީކަންނޭނގެއެވެ. ” ހޫމް.. ބޮލުގެ ރިހުން ކިހިނެއް..” އީރަމް ގެ ސުވާލުން ލާމިހް ރަނގަޅު ކަމުގައި ބުނެލިއެވެ. ދައްކާނެ ވާހަކައެއް ނޭނގުމުން ދެން ދެމީިހުން ވެސް ހިޔާރުކުރި ހިމޭންކަމެވެ. ވާހަކަ ނުދެކެވުނަސް ދެމީހުން އެކަކު އަނެކަކު ކައިރީ ފެންނަ ހިސާބުގައި ތިބުމުން އެކަމުން ވެސް ހިތަށް ހަމަޖެހުން ގެނެސްދީފިއެވެ. ޖަހާލި ބާރު ގުގުރިއާއެކު އީރަމް އަށް ލާމިހް ގެ ގާތަށް ޖެހިލެވުނެެވެ. އީރަމް ގެ މޫނުމަތިން ބިރުގަތްގަން އެނގުމުން ލާމިހް އެ އަތް ތިލާގައި ހިފާލަމުން މޫނާއި މޫނު ފެންނާނެހެން އީރަމް ގެ ކުރިމައްޗަށް އެރިއެވެ. އިސްއުފުލާ ލާމިހް ގެ މޫނަށް އީރަމް ބަލާލީ އެ ގާތްކަމުގެ ސަބަބުންނެވެ. ބުނާނެ އެއްޗެއް ދުލަށް ނައި ނަމަވެސް އެހިތުން ލާމިހް ދެކެ ލޯބިވާކަން އެތަށް ފަހަރަކު ބުނެވުނެވެ. ލާމިހް ގެ އަތުގެ ތެރޭއިން އަތްތިލަ ނަގަމުން އީރަމް ފަހަތަށް ޖެހިލިއެވެ. ” ސޮރީ..” އީރަމް ހިތްހަމަނުޖެހުނުކަމަށް ނިންމަމުން ލާމިހް ވާރޭ އަށް ނަޒަރު ހުއްޓާލިއެވެ. ” އަހަރެން ހީކުރީ އީމް މިހާރު ކުއްޖަކާ ރައްޓެހިވެދާނެކަމަށް.. ” ލާމިހް އެހެން ބުނުމާއެކު އީރަމް އެ މޫނަށް ބަލާލިއެވެ. ” އެއީ ކީއްވެ..” ލާމިހް އެހެން ބުނި ސަބަބު އޮޅުންފިލުވުމުގެ ބޭނުމުގައި އީރަމް އަހާލިއެވެ. ” އެކޮޅަށް ބަދަލުވި ދުވަސްކޮޅު އެވަރަށް ވާހަކަ ދައްކާފަ ކުއްލިއަކަށް ހުއްޓާލީމަ..” ލާމިހްގެ އަޑުން ވެސް ދެރަވެފައި ހުރިކަން އީރަމް އަށް ނަގައިގަނެވެ. ލާމިހް އާއި ވާހަކަ ދެއްކުން ހުއްޓާލީ ވަކި ސަބަބެއް އޮވެގެން ނޫންކަން ބުނެދޭން ބޭނުންވިއެވެ. ” ނޫން.. އޭރު ދެން ދެމީހުންވެސް ކިޔެވުމުގެ ކަންތަކާ އުޅުނީމަ ދުރުވެލީ.. ލާމީ ގެ ކިޔެވުމަށް އޭރު ސަމާލްކަން ދެވުނީ ވެސް އަހަރެން ވާހަކަ ދެއްކުން ހުއްޓާލީމަ ކަންނޭނގެ.. ” ލާމިހް އީރަމް ގެ މޫނަށް ނަޒަރުު ހުއްޓާލިއެވެ. ” އީމް ހީކުރީ ވާހަކަ ދެއްކުން ހުއްޓާލީމަ ކިޔެވުމަށް ސަމާލްކަން ދެވޭނެ ކަމަށްތަ.. އީމް އާއި މެދު އޭރުން ނުވިސްނާނެ ކަމަށްތަ ހީކުރީ.. އެހެންވިއްޔާ ޔޫ އާރ ރޯންގް.. އީމް މަތިން މިސް ނުވާ އެންމެ ދުވަހެއް ވެސް ނުދޭ… ވާހަކަ ދައްކަން ވަރަށް މަސައްކަތް ކުރިން.. އެކަމަކު އަހަރެން މީ މުހިންމު މީހަކަށް ނުވީމަ އީމް ހިތަށް އެރި ގޮތަށް ކަންތައްކުރީ..” ލާމިހް ގެ އަޑުން ރުޅިވެރިކަމުގެ ބަދަލުގައި އީރަމް އަށް ނަގައިގަނެވުނީ ވޭނެވެ. ” ލާމީ.. ޕްލީޒް.. ތިހެން ހީނުކޮއްބަލަ..” އެވަގުތު ލޯބިވާ ވާހަކަ ބުނަންވެސް އީރަމް ގެ ހިތަށް އެރިއެވެ. ” އިޓްސް އޯކޭ.. ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އީމް އަށް ދެރެއެއް ލިބޭކަށް ދުވަހަކުވެސް ނޭދެން.. ” ލާމިހް އެނބުރި ކޮޓަރިއަށް ވަންނަން ހިނގައިގަތުމާއެކު އީރަމް އަށް އިސްޖަހާލެވުނެވެ. އެނދުގައި އޮށޯވެލަމުން ލާމިހް ހިނިތުންވެލިއެވެ. އެގޮތަށް ވާހަކަ ދެއްކީ އީރަމްގެ ހިތުގައި ވާ އެއްޗެއް ހާމަ ކޮއްފާނެ ކަމުގެ އުއްމީދުގައެވެ. ފޯނަށް މެސެޖެއް އައުމުން އެއީ ކާކުގެ މެސެޖެއް ކަން ލާމިހް އަށް ޔަގީންވިއެވެ. ހިނިތުންވެފައިވާ މޫނު ފެނުމުން ލާމިހް ގެ ތުންފަތް މައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ.
ރާޅު ޖަހާ ފަށުގައި ހުރި ޖަނާ ގެ ހަރަކާތްތަކަށް ބަލަން ހުރި ކަޔާން ލޮލުގައި އަޅާފައިވާ އަވިއައިނު ހިއްލާލިއެވެ. މިޝާ އުރާލައިގެން އީރަމް ހުރިއިރު ދެން ތިބި އެންމެން ތިބީ މޫދުގައެވެ. ” ކީއްވެ ކޮފީ ތައްޓަށް ލޮނު އެޅީ..” ކައިރިން ކަޔާން ގެ ފިރިހެންވަންތަ އަޑު އިވުމާއެކު ޖަނާ ސިހުނެވެ. އެނބުރި ބަލާލިއިރު ކަޔާން ހުރީ ކައިރީގައެވެ. ދެން ތިބި މީހުންނަށް ބަލާލިއިރު ނަސީބަކުން އެމީހުނަށް ސަމާލުކަންދިނުމަށް ވުރެ އެންމެންވެސް ތިބީ އެހެންކަންކަމުގައި މަސްއޫލުވެއެވެ. ” މީރެއް ނޫންތަ.. ކަޔާން ކޮފީ ތަށި ހުސްކޮއްލާފަ ދިޔައިމަ އަހަރެން ހީކުރީ މީރު ވީމަ ކަމަށް..” ޖަނާ ކަޔާން ރުޅިއަރުވާލުމުގެ ގޮތުން ބުނެލިއެވެ. ” ޒާހިރުބެ އިންދާ އަހަރެން ބޭނުން ނުވީ އެކަން މައްސަލައަކަށް ހަދަން.. ޝުކުރު ކޮއްބަލަ އަހަރެން އެދުވަހު ޖަނާ ސަލަމާތްކޮއްދިނީމަ..” ކަޔާން ގެ އަޑުގައި ހަރުކަށި ކަމެއް ވެއެވެ. ” ނޫޅެން..” ކަޔާން އާއި ދުރަށް ހިނގައިގަތް ޖަނާ ހުއްޓުނީ ކަޔާން އެ އަތުގައި ހިފާ ދަމާލުމުންނެވެ. ކަޔާން ގެ މޭގައި ލައްވުމާއެކު ޖަނާ ކަޔާން ގެ މޫނަށް ބަލާލިއެވެ. އެހާ ކައިރިން ކަޔާން ގެ މޫނު ފެނުމުން ޖަނާ ގެ ހިތުގެ ވިންދު އަވަސްވިއެވެ. ކަޔާން އަށް ވެސް ވީ އެވަރެވެ. ނަފްސް ހަމަޔަކަށް އަޅުވަމުން ޖަނާ ގެ އަތަށް ތަދުނުވާނެ ވަރަށް ފިތާލިއެވެ. ” ޖަނާ ހީނުކުރައްޗޭ ކުރާ ކޮންމެ ކަމަކުން އަހަރެން ޖަނާ ސަލާމަތް ކޮއްދޭނެއޭ.. އަދި ބުނަން ދެން އެކަހަލަ ކަމެއް ކުރަން ހިތަށް ވެސް ނާރުވާތި..” ޖަނާ އަށް އަޑު އިވޭނެހެން ކަޔާން އެހެން ބުނުމާއެކު ޖަނާ ބިރުގަންނަ ގޮތް ވިއެވެ. ” އަދި އެއްވާހަކަ… އަހަރެންގެ އާއިލާ ބޭނުންވޭ ޖަނާ އާއި ބައްދަލުކޮއްލަން…. ޒާހިރުބެ ބުނެފި ބައްޕަ ކައިރީ އަހަރުމެން އިންނަންށޭ އުޅެނީ.” ކަޔާން ގެ ޖުމްލަ ނިމުމާއެކު ޖަނާ އެ މޫނަށް ބަލާލިއެވެ. ކުރިން އެކަމާއި ވިސްނާނުލެވުނީ ކީއްވެހެއްޔެވެ. ” ވަޓް.. ދެން މިކަންތައް ނިންމާލަންވީ އެއްނު.. ނުވާނެ ކަމެއްކަން އެނގި ހުރެ ކީއްކުރަން.. ” ޖަނާ ގެ މޫނުމަތިން ހާސް ކަން ފެނުނެވެ. ” އުނހު.. އަދި ފަހުން.. ” ކަޔާން ޖެއްސުމަށް އެހެން ބުނުމާއެކު ޖަނާ އަތް މިނިވަން ކުރެވޭތޯ ބެލިއެވެ. މިކަމުގައި ކަޔާން ކަންތައްކުރަން އުޅޭގޮތް ޖަނާ އަކަށް ނުވިސްނުނެވެ. ލުއި ހީލުމާއެކު ކަޔާން އެ އަތުން ދޫކޮށް ހިނގައިގަތުމާއެކު ޖަނާ ގެ ލޮލުން ރުޅީގެ ސަބަބުން ކަރުނަ ވިދާލިއެވެ. ކަޔާން ގެ އާއިލާ އަށް އޭނާ ތައާރަފް ކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ. މިއޮތް ހުރިހާ ދުވަހު ޖަނާ ގެ ހިތުގައި ކަޔާން އަށް ވީ ނަފްރަތު ދެ ގުނަ އިތުރު ވިއެވެ. މޫދު ކައިރިން ދުރަށް ހިނގައިގަތް ޖަނާ ގެ އެއްފަރާތުގައި ހުރި އީރަމް ގޮވާލުމުންވެސް ޖަނާ އަޑު އިވޭ ކަމަކަށް ނުހެދިއެވެ.
މާލެ އާދެވުމާއެކު ކޮންމެ މީހެއްވެސް އެމީހެއްގެ މަސައްކަތުގައި އުޅުނެވެ. ކުރިއެކޭ ވެސް އެއްފަދައިން އީރަމް އާނާ އަށް ޓިއުޝަން ނަގައިދޭން އެގެއަށް ދެއެވެ. ގަޑި ހަމަވުމާއެކު އީރަމް ގެއިން ނުކުންނަނީ ލާމިހް އާއި ކުރިމަތި ލާން ޖެހިދާނެތީއެވެ. ދެމީހުން އެކަކު އަނެކަކުގެ ހާލު ބެލުން ފިޔަވާ އިތުރު ވާހަކައެއް ނުދައްކައެވެ. ފެންނަ މަދު ފަހަރަކު ލާމިހް ދޭ ހިނިތުންވުންތަކާއި އެ ލޮލުން ފެންނަ ލޯބި އީރަމް އަށް ފާހަގަ ވެއެވެ. އީރަމް ގެ ލަދުރަކި ކަމާއެކުވެސް ލާމިހް އަށް އީރަމް ބަލާލާ ބެލުންތަށް ހާއްސަ ވެއްޖެއެވެ. ދެން އޮތީ އީރަމް ގެ ދުލުން އޭނާ ދެކެ ލޯބިވާކަން ހާމަކުރުމެވެ. އެދުވަހަކަށް ލާމިހް ކެތްތެރިކަމާާއެކު އިންތިޒާރު ކުރަން ފެށިއެވެ.
ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހިނިތުންވެލަމަން ސަލްމާ އިންތަނުން ތެދުވިއެވެ. ކަކުލަށް ވުރެ ތިރިއަށް ހުރި ރަތް ސްކާޓައި ހުދު ޓޮޕް ގައި ޖަނާ ފެނުމުން ސަލްމާ ހުރީ ފެންނަ މަންޒަރު ގަބޫލްނުކުރެވިފައެވެ. އިސްތަށިގަނޑު މިނިވަންކަމާއެކު ދޫކޮއްލާފައިވާއިރު އެއްފަރާތުގައި އިން ރަތް ކުލައިގެ ދަތި ހެދުމާއި ވަރަށް ގުޅެއެވެ. އެއްވެސް މޭކްއަޕެއް ކޮއްފައި ނުވާއިރުވެސް މޫނުމަތި ފެންނަނީ ތާޒާ ކޮށެވެ. ޖަނާ އެވަރަށް ތައްޔާރުވާނީ ހަގީގަތުގައި ވެސް ކަޔާން ދެކެ ލޯބިވާތީ ކަމުގައި ސަލްމާ ނިންމިއެވެ. ” ކަޔާން އަތުވެއްޖެތަ..” ސަލްމާ ޖަނާ ގެ ކައިރީ ހުއްޓެމުން އަހާލިއެވެ. ” އާން..” ފައިވާން ހަރުގަނޑުގައި އިން ބޫޓު ނަގަމުން ޖަނާ ބުނެލިއެވެ. ނުކުންނަން ހިނގައިގަތުމާއެކު ސަލްމާ ޖަނާ އަށް ގޮވާލިއެވެ. ” އެ ގެއަށް ގޮސް ތި އުޅޭހެން ނޫޅޭތި… ތަންކޮޅެއް މަޑުން ރީތިކޮށް އުޅޭނީ…” ސަލްމާ އެެހެން ބުނުމާއެކު ޖަނާ ތުންފިއްތާލިއެވެ. މަންމަ ވެސް ހުންނަނީ ވަރެއް ވެފައޭ ޖަނާ ގެ ހިތަށް އެރިއެވެ. ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ޖަނާ ހިނގައިގަތެވެ. ދޮރު ހުޅުވާލަމުން ނުކުތް ޖަނާ މަގުގެ ދެފަރާތަށް ބަލާލިއެވެ. ކަޔާން ފެންނަން ނެތުމުން ފޯނުން ގުޅާލުމާއެކު ބަރުގޮނު ގެ އަޑު އިވުނެވެ. އަޑު އައި މަގުގެ އެއްފަރާތުގައި އޮތް ކަޅު ކުލައިގެ ޕްރައިވެޓް ކާރުންކަން އެނގުމާއެކު ޖަނާ އެ ދިމާއަށް ބަލާލިއެވެ. ކާރުގެ ކުރީ ސީޓު ބިއްލޫރި ގަނޑު ތިރިކޮއްލަމުން ކަޔާން ބަލާލުމާއެކު ޖަނާ ގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ކަޔާން ކާރު ދުއްވާކަމެއް އޭނާ އަށް އެނގިފައެއް ނެތެވެ.ދެވަނަ ފަހަރަށް ބަރުގޮނުގެ އަޑު އިވުމާއެކު ޖަނާ އެ ދިމާއަށް ހިނގައިގަތެވެ. ” މިއަށް އެރީމަ ދޯ ދެވޭނީ…” ބިއްލޫރި ގަނޑުގެ ކައިރީ ޖަނާ ހުއްޓުމުން ކަޔާން ބުނެލިއެވެ. ޖަނާ ރީތިވެގެން ހުރިވަރު ފެނުމުން ކަޔާން ގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ” ކީއްކުރަން ކާރުގަ ތިއައީ.. ފޮނި ވާން ވެގެންތަ..” ޖަނާ ފޫހި ގޮތަކަށް އެހެން ބުނެ ކާރަށް އެރިއެވެ. ” ނޫނޭ.. ރީތި ކުއްޖެއް ވީމަ ހާއްސަ ވާނެތާ.. ޕިސް.. އަސްލު ޖަނާ އިމްޕްރެސް ކޮއްލަން ވެގެން..” ކަޔާން ކާރު ދުއްވާލަމުން ބުނެލިއެވެ. ” ވެއިޓް.. ދެން ތި ބުނީ އަހަރެން ހަޑި ވާހަކަތަ…” ކަޔާން ހީލަމުން ބޯ ޖަހާލިއެވެ. އެ އާއެކު އިވެމުންދިޔަ މަޑުމައިތިރި އިނގިރޭސި ލަވައިގެ އަޑު ބާރުކޮއްލިއެވެ. ކަޔާން އަށް ލޯ އަޅާލަމުން ޖަނާ މޫނު އަނބުރާލިއެވެ.
ބެލް ޖަހާލުމާއެކު ހައިފާ ދޮރު ހުޅުވާލިއެވެ. ” އީމް ދޯ.. ވަދޭ އެތެރެއަށް…” އީރަމް ފެނުމާއެކު ހައިފާ ހިނިތުންވެލިއެވެ. ” ކޮބާ ހަނާ..ފިހާރައަކަށް ދާން އައިސް ދޭށޭ ބުނީމަ މިއައީ..” ސޯފާގައި އިށީންނަމުން އީރަމް އޭނާ އައި ބޭނުން ހާމަކޮއްލިއެވެ. ” އެބަ އަންނަން ގޮވާލާފަ…” ހައިފާ ދިޔުމާއެކު އީރަމް ސޯފާގައި ހަމަޖެހިލިއެވެ. ކުރިމަތީ ހުރި ކުޑަ މޭޒުމަތީ އޮތް ހުދު ފިނިފެންމާ ބޮނޑި ފެނުމާއެކު އީރަމް ގެ ހަނދާނަށް އައި ލާމިހް އެވެ. މީހަކު ފެންނަ ހިސާބުގައި ހުރިތޯ ހޯދާލަމުން އީރަމް މާބޮނޑި ނަަގަމުން ވަސްބަލާލިއެވެ. މާތަކުގެ ތެރޭ އޮތް ކުޑަ ކަރުދާސްކޮޅު ފެނުމާއެކު އީރަމް އެ ނަގަމުން ކިޔާލިއެވެ. ” ވިތް ލަވް..” އަތުން ލިޔެފައިވާ އަކުރުތަކަށް ބަލާލަމުން އީރަމް ވިސްނާލިއެވެ. ކާކުގެ އެއްޗެއް ކަމާމެދު އެހިތުގައި ސުވާލު އުފެދުނެވެ. ” ހިނގާ ދާން..” ހަނާ ގެ އަޑު އިވުމުން ހިޔާލު ތަަށް ދުރުކޮއްލަމުން އީރަމް އެ މޫނަށް ބަލާލިއެވެ. ދަބަސް ހިފައިގެން ހިނގައިގަތް އިރުވެސް އަތުގައި މާބޮނޑި އޮތެވެ. ” ތި ހިފައިގެންތަ ދަނީ..” ހަނާ އީރަމް ގެ އަތުގައި އޮތް މާބޮނޑިއަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ. ” އަމްް.. ހެހެ.. ނޫން.. ކާކު އެއްޗެއް މީ.. ހަނާ ގެ ތަ..” މާބޮނޑި މޭޒުމަތީ ބާއްވަމުން އީރަމް އަހާލިއެވެ. ” ތީ ލާމީ ގެނައި އެއްޗެއް.. ކޮންމެވެސް ކުއްޖަކަށް ދޭންވެގެންނޯ.. ބުނިި ބަލާ އަންނާނަމޭ..” އީރަމް ގެ މޫނަށް ވީ ގޮތް ހަނާ އަށް ރީއްޗަށް ފެނުނެވެ. ލާމިހް މާ ދޭ ވަރުގެ ހާއްސަ ކުއްޖެއް ހުރުމުން އީރަމް އަށް އުނދަގޫވިއެވެ. ވަކި އެއްޗެއް ނުބުނެ ހިނގައިގަތުމާއެކު ހަނާ ވެސްް އީރަމް ގެ ފަަަހަތުން ހިނގައިގަތެވެ.
ކަޔާން ގެ އާއިލާ ވީ ގުޅޭ ހިތްހެޔޮ ބަޔަކަށެވެ. ލަތީފު ވެސް ޖަނާ ބަލައިގަތީ ރުހުމާ އެކުގައެވެ. އެންމެން އެކީ ކެއުމާއި މަޖާކުރުމުގައި އުޅުނު އިރު ބޮޑާ ފޮނި ސިފައެއް ޖަނާ އަކަށް ނުފެނުނެވެ. އެހާ ބޮޑު ތަނަވަސް ގެއަކަށް ވެދެވުނަސް ދުރު އިހްސާސްއެއް ޖަނާ އަކަށް ނުވިއެވެ. ނަސީބަކުން ކައިވެނީގެ ވާހަކައެއް އެހާ ބޮޑަކަށް ނުދެކެވެއެވެ. ގެއަށް ދާން ނުކުތް އިރު ޖަނާ ވެސް ހުރީ ހިތްހަމަޖެހިފައެވެ. ” ސައިކަލްގައި ދާންވީނުން..” ކަޔާން ޕާކް ކޮއްފައިވާ ކާރާއި ދިމާއަށް ހިނގައިގަތުމުން ޖަނާ ބުނެލިއެވެ. ދެކޮޅުހެދުމެއް ނެތި ކަޔާން ސައިކަލް ނެރުމާއެކު ޖަނާ އެއްފަރާތަށް ވާހެން އިށީދެލިއެވެ. ” ދެން ކޮންއިރަކުން ތެދު ބުނާނީ.. މިހެން އުޅެން ހަދައިން ފަހުން ވާގޮތް މާ ދެރަވެދާނެ..” ސައިކަލު ދުއްވާލުމާއެކު ޖަނާ އަހާލިއެވެ. ” އަހަރެން ބޭނުން ނުވާ ކަމަކަށް ބައްޕަ ބާރެއް ނާޅާނެ.. ޖަނާ އެކަމާއި ހާސް ނުވޭ..” ހަގީގަތުގައި ކަޔާން ގެ ހިތުގައި މަޑުމަޑުން ޖަނާ އަށް ދިޔައީ ޖާގައެއް ހުސްވަމުންނެވެ. ” އަހަންނާއި އިންނަން ޖެހުން އެއީ ދެން ހަމަ އެހާ ކަޑަ ކަމެއްތަ..” ކަޔާން ޖަނާ އާއި ދިމާކޮއްލިއެވެ. ” އާން.. ހިތަށް އަރާ މިކަމުން އަވަހަށް ސަލާމަތް ވާނެނަަމައޭ…” ޖަނާ ގެ ޖަވާބުން ކަޔާން ހީގަންނަނަމުން ދެފަރާތަށް ބޯ ތަޅުވާލިއެވެ. ދެން ވީ ކަމެއް ހިނގާދިޔައީ ސިކުންތެއްގެ ތެރޭގައެވެ. ގޯޅިން ދުއްވާފައި ނުކުތް ޕިކަޕްގައި ސައިކަލް ޖެހި ދުރަށް ވިއްސައިގެން ދިއުމާއެކު ޖަނާ ގެ އަތަށް ވީ ތަދާ އެކު ހަޅޭކެތްގެ އަޑު އިވުނެވެ. މީހުންތައް ޖަމާވާން ފެށުމާއެކު އުނދަގުލާއެކު ތެދުވެ އިށީންނަމުން ޖަނާ ކަޔާން ހޯދާލިއެވެ. ” ކަޔާން.. ނޯ ނޯ ނޯ…” ދުރުގައި ހޭނެތިފައި އޮތް ކަޔާން ގެ ބޮލުން ފައިބައިފައި ވާ ލޭތަށް ފެނުމާއެކު ޖަނާ އަށް އެ ދިމާއަށް ދެވުނީ އަމިއްލަ ހަށިގަނޑުގައި އަޅާ ވޭނަށް ނުބަލައެވެ. ” އޯ ގޯޑް.. ނޫން..” ކަޔާން ނޭވާ ލައިތޯ ބަލާލަން ހިއްލާލި ޖަނާ ގެ އަތް ތުރުތުރު އަޅައެވެ. ކަޔާން ގެ ނޭވާ އިހްސާސްވުމާއެކު ޖަނާ އަށް ރޮވުނުވެ. ކަރުނަތަކުގެ ތެރެއިން މީހުންތަކުގެ މޫނު ފެނުމާއެކު ޖަނާ އަށް ބޮޑަށް ރޮވުނީއެވެ. މާގިނައިރެއް ނުވެ އެމްބިއުލާންސް އައުމުން ޖަނާ ކަޔާން ގެ ފުރާނަ ސަލާމަތްކޮއްދެވުން އެދި ހެއްދެވިފަރާތަށް ދުއާކުރިއެވެ. ލައިގެން ހުރި ހުދު ޓޮޕް ގައި ލޭ ހޭކިފައިވާ އިރު އެއީ ކަޔާން ގެ ބޮލުން ނުވަތަ އޭނާގެ އަތުން އަައިސް ހުރި ލެއެއްކަން ވަކި ކުރާކަށް ނޭނގުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
37 Comments!
Comments are closed.




Me dhw first. Varah loabi. Next bayah varah inthizaaru kuran ??????
Thanks Mai ?
Wow v reethii.. waiting.. whn next part dear..
Keep the good work.??
Thanks Dear ? Next part wednesday ga ?
Salaam hurihaa kudhin ❤
Ummeedhu kuran mi bai vs kiyaa hithun kiyaane kamah.. ? Next part on WEDNESDAY Insha Allah.. ??
Alhey… Dhera.
awwn 🙁 adhi fahun happy vaane kamah balamaa 🙂
nice
Thanks sama <3
nice
Thankew rose <3
Oh. Me first tha? wowwwwww!!!!!
Thanks dear <3
Yeyyy… Finally story kiyaalan libuny… Mi part vx v v v reethi seym… Waiting waiting waiting..
Thanks dearr <3 🙂
Masha allah. V furihama . Waiting for the next part….
Thanks thoo <3
Dhn part vrh dhigukoh genesdhehchey. Vrh reethi mi part vs.
Will try my best. 🙂
Thanks dear <3
Vvvv rythi mibaii ???haadha lahakunn ney aneh baiiiiii
Thankew <3
2 days fahun lastha?? vaahaka liyamun up kuraathy lahun upload kureveny 🙂
wow ??❤❤❤
Thanks shau <3
Masha Allah…. varah reethi…. next part varah ahvaha update koh dhehcheh….❤❤❤❤❤❤
Thankew <3
hi seym. varah varahh salhi mi partvx. waiting
heyy <3 <3
Thanks SJK 🙂
Varah reethi mi partves. Thanks ehaa dhigukoh genesdhineema. Aneh bayah varah inthizaarukurevey.
Thanks maaii..<3…the pleasure is mine.. 🙂
Vaahaka v.v.reethi dear.. waiting.waiting???????
Thanks dearr <3
Alhey kihineh mi v… V v rythi mi baives… Seym haadha molhey vaahaka liyan.. Anehka kuriah thigendhaa goeh v rythi.. Anehbayah mihaaru mi inthixaaru kurany… V kiyaalaa hithun mihury
Thankew for the lovely comment ❤?
Vaahaka v reethi waiting for next part
Thanks dearr ?
Seym Kn dhuvahakuhtha Vahka up kuranii v kiyrlr hithuh mihury inthixaarah nimumeh genesdybr
Will try to upload tonight.. If not tommorow morning.. ?