ލޯތްބެއްނެތް ގުޅުން (3 ބަނަ ބައި)
މައިޝާ ހަމަޔަގީނުންވެސް މީހަކުދެކެ ލޯބިވީއެވެ. ކިޔާން އިންދައިގެން ލޯބިން ހައްދަމުންދިޔަ މަލުން މާބުރެއް އައިސް ފޮނިބޮމުން ދިޔަކަން އޭނާއަށް އެނގުނީއެވެ.
“އޮހް! ސޮރީ! މައި ހަނދާނެއްވެސް ނެތް ކިޔާންކައިރި ބުނާކަށް! އެނގޭތަ؟ މައިގެ ބޯއީ ފްރެންޑްއެއް ހުރެއޭ! ދެންމެ އެގުޅީ އޭނަ!” ކަންބޮޑުވެ މާޔޫސްވެފައިހުރި ކިޔާން ފެނި މައިޝާ ކުއްލިއަކަށް ހަނދާންވީ އޭނާއާއި ދިމާވެގެން އުޅޭ ކަންތައް އަދި ކިޔާންއަށް ކިޔައިނުދެވިއޮތްކަމެވެ.
“އޯ ކިޔާން! ކިޔާން! ޔޫ ޝުޑް މީޓްހިމް! ހީ އިޒް ސަޗްއަ ޕްރިންސް! އަދި މާ ގިނަ ދުވަހެއ ނުވޭ އިނގޭ! މައި އަކަށް އަދި ނުވެސް ކެރޭ އޭނަޔާ އެހާ ވާހަކަދައްކަންވެސް.. އެކަމް މައިއަށް އޭނަ ފެނުނުދުވަހުންފެށިގެން އޭނަ ދެކެ ލޯބިވެވިއްޖެ! ” މައިޝާ އޭނާގެ ހިތުގެ ހާލު ކިޔާންއަށް ކިޔައިދެމުންދިޔައިރު މީހާ މައިތިރިއެއްނުވެއެވެ. އަތާ ފައިވެސް އޭނަޔާ އެއްވަރަށް އޭނާގެ އިހުސާސްތައް ބަޔާންކުރަމުންދިޔައެވެ.
“އޫޕްސް! ސިލީ މީ! އޭނަ އެއައީ މައި ބަލާ! ދެންމެ ގުޅީ އޭނަ! އިނގޭތަ! ދިސް އިސް މައި ފަރސްޓް ޑޭޓް ނައިޓް ވިތް ހިމް! ސޯ ދަނީއޭ! އެންޑް ތޭންކްސް އަގެއިން ފޯރ ދަ ސަރޕްރައިޒް! ޔޫނޯ؟ ޔޫ އާ ދަ ބެސްޓް އިނގޭ! ފަހުންދިމާވެގެން ހުރިހާ ވާހަކައެއްކިޔައިދޭނަން! ބާއި! ސީޔޫ ޓުމޯރޯ!” ކުއްލިއަކަށް މައިޝާގެ ލޯބިވެރިޔާ ބަލާއައިސް ބޭރުގައި ހުރިކަން ހަނދާންވުމާއިއެކު ފައްޗަކަށް އަމުނަމުން، މައިޝާ ގެއިން ނުކުންނަން ދުއްވައިގަތީ ކިޔާންގެ ހިތަށް ވޭންދެނިވި ތީރެއްހަރާލަމުންނެވެ.
……………………………………………………………
އެދުވަސްވެގެންދިޔައީ ކިޔާންގެ ހަނދާނުން ފިލުވާނުލެވުނު ދުވަހަކަށެވެ. ސަބަބެއްނެތިއެއްނޫނެވެ. ކިޔާންގެ ހަޔާތަށް އެހެންކުއްޖެއް ނުގެނެސް އޭނާގެ ހިތުގައި މައިޝާ ފޮރުވައިގެން ގެންގުޅުނީ ވަރަށް ފޮނި އުއްމީދާއިއެކުއެވެ. އެރޭ ކިޔާން ދެރަވި ވަރުން ކަރުނަ އަޅާ ރުއި ހަނދާންވެއެވެ. އަޑުން އަޑުނަގާ މަންމަގެ އުނގަށްވެއްޓި މަންމައަށް އޭނާގެ ހިތުގެ ހާލު ބަޔާންކުރިހަނދާންވެއެވެ. އެކަމަކު އެދުވަހު ކިޔާންގެ ހިތަށް އެޅިވޭން އަދިއަދަށްވެސް މައިޝާއަކަށް ނާންގައެވެ. އޭނާގެ ބަލިކަށިހިތަށް ލިބެމުންދިޔަ އެއްވެސް ވޭނެއް މައިޝާއަށް ނާންގާ ފަހުންވެސް މައިޝާއަށް އަޅާލާ، މައިޝާ ކަމަކަށް އެދެފިއްޔާ އެކަމެއްވެސް ކޮށްދެމުންދިޔައެވެ. ހަނދާންތައް އިޔާދަކުރިވަރަކަށް ކިޔާންގެ މެއަށް ތަދުވާގޮތްވަމުންދިޔައެވެ. އެހެންކަމުން، ހަނދާންތަކުން އެއްކިބާވެ، ލޮލުންފައިބަމުން ދިޔަ ކަރުނަތައް ފޮހެލައި ނިދޭތޯ މަސައްކަތްފެށީ ފަހުން މައިޝާއާއި ވާހަކަދެއްކުމުގެ ނިޔަތުގައެވެ.
……………………………………………………………
ކޮޓަރިތެރޭގައި އިން މައިޝާ ނަމާދުންއަވަދިވެގެން ކޮޓަރިން ބޭރަށްނުކުތީ ބަދިގެއަށްވަދެ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށެވެ. ކިޔާން ސޯފާގައި އޮތްތަންފެނި އޭނާއަށް ގޮވަން ހިތަށްއެރި ނަމަވެސް އޭނާ ހިންހަމަނުޖެހިދާނެ ކަމަށް ނުގޮވާ، މައިޝާ ބަދިގެއަށް މިސްރާބުޖެހިއެވެ.
” ދަރިފުޅާ! ކިޔާން ބޭރުގަ އެ އޮތީ ކީއްވެ؟ ” ބަދިގޭގައި ފިޔާކޮށަން ހުރި މައިޝާގެ މަންމަ ރަޝީދާ މައިޝާއާއި ސުވާލުކުރީ ކަމެއް ގޯސްވެގެން އުޅޭހެން ހީވެގެންނެވެ.
ދޭނޭ ޖަވާބެއްނޭނގިފައި ހުރި މައިޝާ ކަމެއްވެގެންނެއް ނޫނޭ ބުނެފައި ބޮލަށްހުޅިއެއްޖަހަމުން ފުށް ޓައްޕުން ފުށްނަގައި ފުށްމޮޑޭ ތައްޓަށް ފުއްއަޅާލިއެވެ. އެއަށްފަހު ކަރަންޓް ޖަގަށް ފުރެންދެން ފެންއަޅައި ޖަގު ކަރަންޓާއި ގުޅައިލިއެވެ. މައިޝާގެ ހަލުއި ހަރަކާތްތައް ބަލަންހުރި އޭނާގެ މަންމައަށް މައިޝާއަށް ކަމެއްވެފައި ހުރިކަން އެހާހިސާބުން ޔަގީންވިއެވެ. އެހެންވެ އިންތަނުން ތެދުވެގެން މައިޝާގާތަށްގޮސް މައިޝާގެ ކޮނޑުގައި ހިފާލިއެވެ.
“ދަރިފުޅާ! އަނެއްކާވެސް ދެކުދިން މައްސަލަޖެހުނީތަ؟ މައިޝާ ކީއްވެތަ ގޮތްދޫނުކުރަނީ؟ އަބަދު އަބަދު ކިޔާންއާ ޖަދަލު ނުކޮށްބަލަ! ދަރިފުޅުމެން ތިހެން ކަންތައްކުރީމަ ހުރިހާ އަސަރެއްކުރާނީ މާއިންއަށް ދޯ….؟” ކަންތައް ވާނޭގޮތް ކިޔައިދެމުން މައިޝާއަށް ވިސްނައިދޭން ރަޝީދާފެށިއެވެ.
މަންމަ ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން އިން މައިޝާ ފެންކަޅިވެއްޖެއެވެ. މައިޝާއާއި ކިޔާންގެ ދިރިއުޅުމުގައި ޖެހޭ ހުރިހާ މައްސަލައެއް ރަޝީދާއަށް އެނގެއެވެ. ދެމީހުން އިންދުވަހުންފެށިގެންވެސް މައިޝާއަށް ކިޔާން އާއި ހިތުންރުހުމުން ވާހަކައެއްނުދެއްކެއެވެ. މައިޝާބޭނުންވާ މީހަކާ މައިޝާއަށް ކައިވެނިނުކުރެވި ކިޔާންއާއި ކާއިވެނިކުރަންޖެހުމުންނެވެ. ލޯބިވެވޭނެކަމަށް ހީކޮށް ކިޔާންއަށް އާ ބަސްބުނީ މައިޝާ ކޮންމެހެން ކިޔާންބޭނުނެވެގެނެއްނޫނެވެ. މައިޝާ ކިޔާންއާއި ކައިވެނިކުރީ މަންމަގެ ބަސްއަހައި ތިމާ ލޯބި ވާ މީހަކު ހޯދަންނޫޅެ ތިމާދެކެ ލޯބިވާ މީހަކާއި އިނުމުން އުފާވެރި ހަޔާތެއްގައި އުޅެވޭނޭކަމަށް ހީކޮށެވެ.
މަންމަ ދެއްކި އެއްވެސް ވާހަކައަކަށް، މައިޝާއަށް އިޖާބައެއްނުދެވުނެވެ. ފުއްގަނޑު މޮޑެނިންމައިލާ، ރޮށިފިހަން ފެށުމާއިއެކު އަނެއްކާވެސް މާޒީގެ ހަނދާންތައް ލޯމައްޗަށް މައިޝާ ގެންނަންފެށިއެވެ.
………………………………………………………..
މުސްތަފާއާއި މެސެންޖަރ އިން ވާހަކަ ދެއްކުނެއްކަމަކު، ފަހުން މުސްތަފާގެ ހަބަރެއްނުވުމުން، ކްލާހުގައި އިންއިރު މައިޝާއަށް އެކަމާވިސްނެމުންދިޔައެވެ. ކައިރީގައި ތިބިއެކުވެރިން އެއިރު ސައިންސް މާއްދާގެ ގްރޫޕް ޕްރޮޖެކްޓް ފުރިހަމަކުރުމުގައި މަޝްއޫލުވެގެން އުޅެއެވެ. އެންމެން އެކަމާއިގެން އުޅުނުއިރު މައިޝާގެ ސަމާލުކަން ހުރީ އެހެންކަމަކަށެވެ.
” އޭއި! މީގަ ހިފާބަލަ!” މައިޝާގެ ކޮނޑުގައި ޖަހާލަމުމަށްފަހު ކަރަންޓުނަރެއް ދިއްކުރަމުން ނާއިލާ މައިޝާއަށް އަމުރުކޮށްލިއެވެ.
“ކިހިނެއްވެފަތަ! ގަމާރުވެފަ ތި ހުންނަނީ؟ ކްލާހަށް އައީސުރެ މައިތިރިވެފަ ތިހުންނަނީ ކިހިނެތްވީތަ؟ ކަރަންޓު ބޮތްކެއް އެއްއަތުން ހިފައިގެން ހުރެ، ދިމާކޮށްލާހެން ޝިފްނާ މައިޝާއާއި ސުވާލުކުރިއެވެ.
“ތިވާހަކަ ނުދައްކާ! ޝިފޫ ބޮކި ބަލާ މިސްކައިރިއަށް ގޮސް ހުރިއިރު މަގޭ ކައިރީ ގަޑިންވީ އިރެއް އަހަ އަހާ އެހުންނަނީ.. ބްރޭކަށް ފިޒާޒްއަށް ނުދެވިގެން!” ބޮޑު ބެޓަރިއެއް ހިފައިގެން މޭޒުމަތީގައި އޮތް ފިލާގަނޑަކަށް ތަތްކުރަންހުރި ތާނިޔާ ވާހަކަދެއްކިއެވެ.
“ތެދެއް؟ ކިހިނެތްވީ އަނެއްކާ! ޔަގީން ރޭގަ މުސްތޮއާ ކޮންޓެކްޓްކުރީ؟ ދޯ؟ ބުނެލައިގެން އުޅެބަލަ! އޭރުންނެއްނު މަށަށްވެސް ހެލްޕެއްވެވޭނީ؟” ޝިފްނާއަށް ވަގުތުން މައިޝާއަށް ވެގެން އުޅޭއެއްޗެއް އެނގުނުކަހަލައެވެ.
“ސީރިއަސްކޮށްބުނެބަ! މުސްތޮ އެއީ އަސްލު ކޮންކަހަލަ މީހެއް؟ ” ޝިފްނާ ދެއްކިވާހަކައަކަށް މައިޝާ ވަރަށް ޝައުގު އުފެދިއްޖެއެވެ. މައިޝާ ބޭނުންވަނީ ހަޤީޤަތުގައިވެސް މުސްތަފާގެ އިތުރު މައުލޫމާތެވެ. އޭނާ ހުރީ ހުހަށްތޯ ބަލާށެވެ.
“ހާސްނުވޭ! މުސްތޮއަކީ އަސްލު ވަރަށް ރަނގަޅު މީހެއް! އަހަރެން އޭނަ ދަންނަނީ އެސް ޓީ އޯ ގައި މަ މަސައްކަތްކުރި ދުވަސްކޮޅެއްގަ. ސްކޫލު ނިންމާފަ ބުނީމެއްނު ދޯ ޖޮބަކަށް ދިޔައިމޭ! އެެއިރު، ދެޓް ވޯޒް ލައިކް ފޮރ 1 މަންތް ޓައިމް. އޭނަވެސް އެތާ އުޅުނީ ވަރަށް ކުޑަ ދުވަސްކޮޅަކަށް. ވަރަށްފަހުން ބޭރަށްގޮސް ބެޗްލާރޒް ނިންމައިގެން އެއައީ….. އާނ! އޭނަގެ ބިޓެއްނުހުރޭ! އެކަމާއެއްނު ތިވިސްނަނީ! ” އެނގިފައިވާ ހުރިހާ މައުލޫމާތެއް ޝިފްނާ މައިޝާއަށް ކިޔައިދިނެވެ. ޝިފަނާ އެ ދިން ހަބަރަކުން މައިޝާގެ ތުންފަތްމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. ހަތަރުއެކުވެރިން ގެ މަސައްކަތް ނިމުމައިއެކު ގަޑިވެސްޖެހިއްޖެއެވެ. އެހެންކަމުން އާދައިގެ މަތިން ހެނދުނުގެ ނާސްތާއަށް އެންމެން ފިޒާޒްއަށް ދިޔައެވެ. ކިޔުގައި ހުންނަން ނުޖެހި އަވަސް ފުރުސަތެއްގައި އެދުވަހު މައިޝާމެންނަށް މައްޗަށް އެރުނެވެ. ފިޒަޒް ތެރެއަށް ވަދެގެން ދިޔައިރު މައިޝާގެ ހިތް ބާރަކަށް ތެޅެމުންދިޔައެވެ. އޭނާގެ ނަޒަރު މުޅި ފިޒާޒް ތެރޭގައި އެނބުރެމުން ދިޔައީ މުސްތަފާފެނިދާނެ ކަމުގެ އުއްމީދުގައެވެ. އެންމެން ގޮސް މޭޒުގައި ކާ ތަށިތަކާއިއެކު ޖައްސާލުމާއިއެކު ފެންބޯންއިން މައިޝާގެ އަތުގައި ޝިފްނާ ކޮށްޓާލީ މުސްތަފާއާއި އޭނާގެ އެކުވެރިންވެސް ސިޑިންމައްޗަށް އަރާތަން ފެނުމުނެނެވެ. މުސަތަފާ ފެނުމާއިއެކު ބޯންވެގެން އަނގަޔަށް ލި ކޯވަރު ބޭއިހްތިޔާރުގައި މައިޝާއަށް ބޭރުކޮށްލެވުނެވެ.
“ޗީޑި މައިޝާ! ތިޔޮށް ވާ ވަރެއް ދެން މީހަކު ފެނުނަސް!” ޝިފްނާގެ ގަޔަށް ދިޔަ ފެންތައް ސާފުކުރަމުން މައިޝާއާއި ދިމާލަށް ޝިފްނާބުނެލިއެވެ.
ކޮންމެއަކަސް، މުސްތަފާމެންނަށް މައިޝާމެން ފެނުމުން، އަތުން ވޭވްކޮށްލައި ކާން ނެގި ތަށިތައް ހިފައިގެން މައިޝާމެން ކައިރީގައި ހުރި މޭޒު އެމީހުންގެ މޭޒާގުޅުވައިލާ އެންމެން ހަމަޖެހިލިއެވެ. އެންމެ ފުރަތަމަ ފަހަރަށް މައިޝާއަށް ފެނުނުއިރުވެސް މުސްތަފާގެ މޫނުމަތިން ފެންނަންހުރި ހިނިތުންވުން ފެންނަން ހުއްޓެވެ. އެންމެންއެއްކޮށް ހެނދުނުގެ ނާސްތާ އިންސާފް ކުރަމުން ދިޔައިރު ސަކަރާތްފަށެއް ޖަހަމުންދިޔައެވެ. މުސްތަފާ ބުނެލާ މަޖާ ވާހަކަތަކުން އެންމެން އެއްކޮށް ޕަކަ ޕަކަ އަޅާ ހިނިގަނޑުޖަހައެވެ. މުސްތަފާ މައިޝާއާއި ލާނެތް ވާހަކަ ދައްކަމުން ދިޔައިރު ދެންތިބި އެންމެން އެ ދެމީހުންނާއި ދިމާކުރަމުންދިޔައެވެ. އަނެކާ ހެއްވާލަން މަސައްކަތްކުރާ ކުރުމަކީ މުސްތަފާގެ ގައިގައި ހަރުލާފައި ހުންނަ މައިޝާއަށް ވަރަށް ކަމުދާ އެއް އާދައެވެ.
” ދެން މިހާ ފްރެންޑްސް ވީމަ ނަމްބަރ ވެސް އެކްސްޗޭންޖް ކުރަންވާނެއެންނު! ” ފުރުސަތުގެ ބޭނުންހިފައި މައިޝާ އެންމެބޭނުންވާނެ ކަންތައް ކޮށްދިނުމުގެ ނިޔަތުގައި ޝިފްނާ މިހެންބުނެލިއެވެ. ހަމަބުނުމާއިއެކު ތެދެކޭ ތީ ކިޔައި އެންމެން އެންމެނަށް ނަންބަރުވެސް ކިޔައިދީފިއެވެ. މެސެންޖަރއިން ވާހަކަދެއްކި ރޭ މުސްތަފާގެ ހަބަރެއް ފަހުން ނުވީ ކީއްވެތޯ އަހަން މައިޝާ ވަރަށް ބޭނުންވިއެވެ. އެހެނަސް އެންމެން ތިއްބައި އެ ސުވާލުކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ހީކޮށް މައިޝާ އެވާހަކަނުދެއްކީ ފޯނުންމުސްތަފާއާއި ވާހަކަދެއްކުމުގެ ނިޔަތުގައެވެ.
ހެނދުނުގެ ނާސްތާ ނިންމައިލާ، އެނބުރި ކްލާހަށްއައިސް އިނ އިރު ފޯނުން މުސްތަފާއަށް މައިޝާ މެސެޖެއްކޮށްލިއެވެ. އެކަމަކު އޭނާގެ ހަބަރެއްނުވުމުން ދެން މަޑުކޮށްލީ ގެއަށްއައިސް އޭނާއަށް ގުޅުމުގެ ނިޔަތުގައެވެ.
……………………………………………………
ގެއަށް ދެވުމުން، އެނދުގައި އޮށޯވެއޮވެ ފޯނުގެ ފިއްތަކަށް ފިތައި ނަމްބަރު ޖަހައިލުމަށްފަހު މުސްތަފާއަށް މައިޝާ ގުޅާލިއެވެ. ރިންގް ހުސްވަންދެން ގުޅިއިރުވެސް މުސްތަފާ ފޯނަކަށް ޖަވާބެއްނުދިނެވެ. ކުރިން، ކުރި މެސެޖަކަށްވެސް ޖަވާބެއްނުލިބުނެވެ. އެހާހިސާބުން މައިޝާގެ ހިތުގައި ބައިވަރު ސުވާލު އުފެދެންފެށިއެވެ. ފިޒާޒް ތެރޭގައި މުސަތަފާއުޅޭލެއް ހާދަ ސްވީޓްއޭ މައިޝާގެ ހިތަށް އެރިއެވެ. އެހެނަސް ކޮންޓެކް ކުރާކަށް މުސްތަފާ އެހާ ބޭނުންނުވާހެން މައިޝާއަށް ހީވަންފެށީ 3 ފަހަރަށް މުސްތަފާއަށް ގުޅިއިރުވެސް ހަބަރެއް ނުވުމުންނެވެ. މުސްތަފާގެ އަމަލާ ބަހާ ދިމާނުވާކަން އިހުސާސްވެ މައިޝާ ދެރަވެއްޖެއެވެ. ދަންވެ ގަޑިން 11 ޖަހަންއުޅެނިކޮށް މައިޝާގެ ފޯނު ރިނގުވިއެވެ. ހަމަ ރިނގުވުމާއިއެކު މުސްތަފާގެ ހިޔާލުގައި ނުނިދިއޮތް މައިޝާ ފުންމައިގެން ތެދުވެ ފޯނަށްޖަވާބުދިނީ މުސްތަފާގެ ކޯލެއްކަން އެނގުމުންނެވެ.
މުސްތަފާ: ހަލޯ!
މައިޝާ: ހަލޯ؟
މުސްތަފާ: ވަރަށް ގުޅައިފިންދޯ ؟ ސޮރީ އިނގޭ އާންސަރ ނުކުރެވުނީމަ..
މައިޝާ: ނޫނޭ، އިޓްސް އޯކޭ! މައި ހަމަ ބަލައިލީ…
މުސްތަފާ: ނޫން އިޓްސް ނޮޓް އޯކޭ! މަށަށް އެނގޭ މައި ވަރަށް މަށަށް ގުޅަންބޭނުންވެގެން އުޅޭކަން. ހަމަ ބިޒީކަމުން ނުގުޅުނީ، ގޭގަވެސް ވަރަށް ކަންތައް އޮވޭ… ހިނގާ ދޯ ދިމާވެލަން.
މުސްތަފާ ދިމާވާ ވާހަކަ ދެއްކުމުން މައިޝާއަށް ހިންހަމަޖެހުމެއްލިބިގެން ދިޔައެވެ. މުސްތަފާގާތު އޭނާގެ ހިތުގެ ހާލު ބަޔާންކޮށްދެވޭނެ ފުރުސަތެއްލިބޭތީއެވެ.
މައިޝާ: ހިނގާ ދިމާވާން، މައި ހީކުރީ މުސްތޮގެ ހަބަރެއްނުވީމަ ދެން މައިއަކާ ވާހަކަ ދައްކަން ބޭނުންނުވަނީ ކަމަށް.
މުސްތަފާ: ނޫނޭ. ދޫނި ފެނިލާހިތްވާތީ މިބުނީ ހިނގާށޭ ދިމާވާން. ކޮންދުވަހަކުން؟ މާދަމާ ފްރައިޑޭއެންނު. ހިނގާ މާދަމާ ދިމާވާން. އޯކޭ ދޯ؟
މައިޝާ: އާ! މައިއަށް އޯކޭ؟ މުސްތޮ!……ވަރަށް އުފާވެއްޖެ ހަބަރެއް ވީމަ.
މުސްތަފާ: އެހެންތަ؟ ހާދަ ހީވެޔޭ އެހެންކަމެއްވާހެން.. އަނެއްކާ ރަނގަޅަށްތަ މި ހީވަނީ؟
އެރޭގެ ފޯނުކޯލު ދިގުވެ އެކަކު އަނެކެއްގެ ހުސްނުވާ ވާހަކަތަކަށް ނިމުނެއްއައީ ފަތިސްވެއްޖެކަންދެމީހުންނަށްވެސް ރޭކާލުމުންނެވެ. ލޯބިވާވާހަކަ ހާމަނުކޮށް އެހެން ހުރިހާ ވާހަކައެއްދެއްކިއެވެ. މައިޝާއަށް ލޯބިވެވިއްޖެކަން ހާމަނުކުރިޔަސްމުސްތަފާއަށް އެކަން އެނގޭކަހަލައެވެ. ފޯނުކަނޑާލުމަށްފަހު، ދެލޯ މަރައިލާ ނިދިން އަރާމުހޯދުމަށް އެނދުގައި ހަމަޖެހިލަމުން ހިނިތުންވެލަމުން ‘ދޫނި!” މިހެން މައިޝާގެ ދުލުންބުނެލެވުނީ މުސްތަފާ އޭނާއާއި މުޙާތަބުކުރަމުން ދިޔަ ނަމަށްވެފައި އެހާލޯބިން އޭނާއަށް އެހެންކިޔައި ގޮވީތީއެވެ.
އިރުއޮއްސި އަނދިރިވެއްޖެއެވެ. ރީތިވެގެން ނަލަވެގެން ކޮޓަރިން ނުކުމެ ސިޓިންގްރޫމުގެ ސޯފާގައި އިށީނދެގެން އިރުއިރުކޮޅާ ގަޑިއަށް ނަޒަރު ހިނގާލަ ހިނގާލާ މައިޝާ އެއިނީ މުސްތަފާގެ އިންތިޒާރުގައެވެ. މެނދުރުން ފެށިގެން ތައްޔާރުވަމުން އައީ މުސްތަފާބުނިގަޑިއަށް މައިޝާއަށް ތައްޔާރު ނުވެވިދާނެތީއެވެ. ހިންހަމަޖެހޭ ހެދުމެއް ލެވުނީ 10 ވަރަކަށް ހެދުން އަލަމާރިން ނަގައި ހެޔޮވަރު ކުރިފަހުންނެވެ. އެއާއި ގުޅޭނެ ކަށްޓެއްވެސް ފައިނަލް ކުރެވުނީ ވަރަށް ވިސްނުންތަކެއް ވިސްނާފައެވެ. ކުޑަކަށި ގޮސް 8 އަކަށް އަރައި ބޮޑުކޮަށިގޮސް 12 އަށް އަރާނީ ކޮންއިރަކުން ބާއޭ މައިޝާގެ ހިތަށް އަރަމުންދިޔައެވެ. އެއިރު 8 ޖަހަން މާގިނަ އިރުތަކެއްނެތެވެ. ބުނިގަޑިއަށްވުރެ 5 މިނެޓްކުރިން މުސްތަފާ މައިޝާއަށް ގުޅާލައި ތިމަންނާ މިހިރީ ބޭރުގައި ބުނެލުމުން މައިޝާ ފޯނުކަނޑައިލިއެވެ. ހާސްވެ ހިތްތެޅެންފެށުމުން މައިށާ މާނޭވާލަމުން އެވަގުތަށް ކޮޓަރިން ނުކުތް އޭނާގެ ކޮއްކޮ މާޝާ ގާތު “ހައު ޑޫ އައި ލުކް” އޭ އަހަލިއެވެ.
“މާ ޝާ ﷲ! މާ ޝާ ﷲ!” ހީވަނީ ހަމަ ޙޫރު ޕަރީއެއްހެނޭ! މާޝާ ބުނެލީ މައިޝާއާއި ދިމާކުރަމުންނެވެ.
“ދައްތާ! ބެސްޓް އޮފް ލަކް! ހިތުގެ ހާލު ބަޔާންކުރަށްޗޭ!” މައިޝާ އެނބުރިފައި ގެއިން ނުކުތުމަށް ހިނގައިގަތުމުން މާޝާ އޭނާގެ ދައްތައާއި އަނެއްކާވެސް ދިމާކޮށްލިއެވެ.
ހުދުކުލައިގެ ފޫކޮޅުނިވާ ވާ ވަރުގެ ޓޮޕަކާއި ފައިކުރިފުޅާ ޖީންސެއްލައިގެން ހުރި މައިޝާގެ ފުރިހަމަކަން ހާމަވަމުންދިޔައީ ހެދުމާ ގުޅޭގޮތަށް އަޅާފައިހުރި ބުރުގަލުގެ ސަބަބުނެނެވެ. މުސްތަފާ ދެކޭ ހިތުން ކެތްމަދުވެފައި ހުރި މައިޝާއަށް އޭނާގެ ހިތްއެދިއެދި ގޮވާ އިންސާނާއެހެރީ ގޭ މަގުގެ އަނެތްފަޅީގައެވެ. މަޑު ނޫކުލައެއްގެ ގިރުވާނުލާފައިވާ ޓީޝާޓަކައި ޖިންސެއްލައިގެން އޮރެންޖް ސައިކަލެއްމަތީ އިންއިރު މުސްތަފަފާގެ ރީތިކަން ހާމަވަމުންދެއެވެ. މައިޝާއަށް އޭނާ ޓިޝާޓެއްލާފައިހުއްޓައި އެފެނުނީ އަލަށެވެ. ފިޒަޒްއިން ފެންނަ އިރަށްވުރެ މިހާރު އަދި ވަކިން ރީއްތިހެން ހީވެއެވެ. ފޯނާކުޅެން އިން މުސްތަފާއަށް މައިޝާ ގޮވާލުމާއިއެކު މުސްތަފާބަލައިލިއެވެ. އަދި ސައިކަލު ސްޓާރޓްކުރުމަށްފަހު މައިޝާގާތަށްއައިސް ހުއްޓުނެވެ.
“ދޫނި!، ވަރަށް ދެރަކޮށޭ މި ވީ… މުސްތޮ ވަރަށްބޮޑު ކަމެއްގަ ތާށިވެއްޖެ. ކިހިނެތްހަދާނީ؟ މިރޭ ކޮންމެހެންވެސް މި ކަމެއް ކުރަންއެބަޖެހޭ.. ” ސައިކަލު ހަރުޖައްސަމުން މުސްތަފާ މައިޝާއަށް ދިނީ އޭނާ އުންމީދުކުރި ކަހަލަ ހަބަރެއްނޫނެވެ. ފުރަތަމަ ބައްދަލުވުން މުޅި ސިކުނޑީގައި ރާވަމުން ދިޔަ މައިޝާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އޭނާގެ ހިނިތުންވުން ވަގުތުން މޯޅިވެގެންދިޔައެވެ.
“އޮހް! ނޯ، އިޓްސް އޯކޭ! އައިކެން ޓޯޓަލީ އަންޑަސްޓޭންޑް.” ފާޑަކަށްހުރެފައި މައިޝާއަށް ވިސްނޭކަން އަނގަމުން ހިތާދެކޮޅަށް މައިޝަ ބުނެލިއެވެ. ހެވިފައި އިން މުސްތަފާ ލަހެއްފަހެއް ނުކޮށް، އޯކޭ ދެން ދަނީޔެ ބުނެ އަވަހަށް ނައްޓާލީ މައިޝާއަށް ދެވަނަފަހަރަކަށް ބަލާވެސްނުލައެވެ.
އަތްފައި ފިނިވެފައި ހުރި މައިޝާ ހަމައަކަށް އެޅެންފެށީ އޭނާގެ ލޯމަތިން މުސްތަފާ ގެއްލުމުންނެވެ. މާޔޫސްކަންމަތީ ހުރެ، ދެންމެ ވި ކަންތައް ސިކުނޑީގައި ތަކުރާރުކޮށް ހިނގަމުންދިޔައެވެ. ހިތާ ހިތުން، ދެންމެ އެވީ ކިހިނެތްބާއޭ ސުވާލުކުރެވުނީ ފުރިހަމައަށް މައިޝާގެ ސިކުނޑި ހަމަޖެހުމުންނެވެ. މައިޝާ އެހާވަރުން މުސްތަފާއާއި ހެދި އުޅޭކަން މުސްތަފާއަށް އެނގޭހާލު އޭނާ އެދިޔައީ އެހެން އެއްވެސް ވާހަކައެއް ނުދައްކައެވެ. މައިޝާގެ ކައިރީ ހިނދުކޮޅަކަށްވެސް މުސްތަފާ ހުންނަން ބޭނުން ވާހެނެތް މައިޝާގެ ޒަމީރު ޤަބޫލެއްނުކުރިއެވެ. އެރޭވެގެންދިޔައީ ފުރަތަމަ ފަހަރަށް މައިޝާގެ ހިތުގައި ޖެހުނު ރެއަށެވެ. އޭނާ އެރޭ ކަންތައްކުރިގޮތުން މައިޝާ ފަހުން މުސްތަފާއަށް އުނދަގޫ ކުރާކަށް ބޭނުމެއްނުވިއެވެ.
………………………………………………………..
ވަގުތުތައް ދުވަހަށް ބަދަލުވެ، ހަފްތާއެއް ފާއިތުވެއްޖެއެވެ. މައިޝާއާއި މުސްތަފާގެ ސިލްސިލާ ހިނގަމުން ދިޔައީ ފިޒަޒްއިން ފެންނަކޮންމެ ފަހަރަކުއެވެ. މަދުފަހަރަކު ނޫނީ މުސްތަފާ މައިޝާއާއި ފޯނުން ވާހަކަ ނުދައްކައެވެ. މެސެންޖާ އަކީ އެއްވެސް ވަރަކަށް މުސްތަފާ ބޭނުންވެސް ކުރާއެއްޗަކަށްނުވިއެވެ. އެހެންނަމަވެސް، މައިޝާއާއި މުސްތަފާގެ ގުޅުމަށް ނަމެއްދީ، ދެމީހުން ލޯބިވެރިންގެ ގޮތުގައި އުޅެމުންދިޔައެވެ. ކޮލެޖް ނިމުމުން ސައިކަލުގައި މުސްތަފާ މައިޝާ ގެއަށްގެނެސްދޭ ވަގުތަކީ މައިޝާއަށް އެންމެ އުފާވެރިކަން ލިބޭ ވަގުތުކޮޅެވެ. އެއަށްވުރެ ގިނައިރު މުސްތަފާ، މައިޝާއާއި އެކު ހޭދަނުކުރެވެނީ އޭނާގެ ބިޒީ ޝެޑިއުލްއެއްގެ ސަބަބުންނެވެ. މައިޝާ ގޮވައިގެން ކޮންމެވެސް ދުވަހަކުން ބޭރަށް އަދި ދާނަމޭ ބުނާ ވާޙަކަ އަކީ މުސްތަފާ އަބަދުވެސް މައިޝާގާތު ދައްކާ، ނުކުރެވޭ ކަމެއްގެ ވާހަކައެވެ. އެހެނަސް މައިޝާގެ ޝަކުވާއެއްނެތެވެ. އޭނާއަށް ދޭ މަދުވަގުތުކޮޅުން މައިޝާ ހުންނަނީ ހިންހަމަޖައްސައިލައިގެންނެވެ. މުސްތަފާއަކީ އޭނާގެ މީހެއްކަން މައިޝާއަށް ޔަގީންކޮށްދީފައި ހުރުމުންނެވެ.
އެއްދުވަހެއްގެ ހަވީރެވެ. ކޮލެޖުނިމިގެން މައިޝާގެއަށް އައިދުވަހެކެވެ. ވަރަށް ހިތަށްއުނދަގޫ ވަމުންދިޔަ ދުވަހެކެވެ. މުޅިދުވަސްނިމިގެން ދިޔައިރުވެސް އޭނާގެ އެކުވެރިންނަށް އެއީ ކޮންދުވަހެއްކަމެއް ނޭނގުމުންނެވެ. މުސްތަފާގެ ހަބަރެއްވެސް ނުވުމުންނެވެ. ހިނގާލާފައި ގެއަށް ވަދެވުނު އިރު މައިޝާ ހުރީ ވަރުބަލިވެގެން ހަލާކުވެފައެވެ. ކޮޓަރި ދޮރުހުޅުވާލުމަށް ފަހު ބޭއިހްތިޔާރުގައި ކޮޓަރިތެރޭ ހުރި އޭނާގެ ބެސްޓްފްރެންޑް ގެ ގައިގައި އަތްދަބަހުން އަޅުވާލެވުނީ ކިޔާންގެ ހަޅޭކަށް ސިއްސައިގެންދިޔަވަރުންނެވެ. ވީ އުފާ ބުނާކަށްވެސް މައިޝާއަކަށް ނޭނގުނެވެ. ދުވަސްނިމުމުގެ ކުރިން ކޮންމެވެސް ރަނގަޅު ކަމެއްވެއްޖެތާއޭ އޭނާގެ ހިތަށްއެރިއެވެ. އުފަލުން ކިޔާން ގެނައި ހަދިޔާއާއި މާބޮނޑިނަގައިގެން ސިޓިންގްރޫމަށް ނުކުތްއިރު ސަޕްރައިޒް އަދި ފެށުނީކަން މައިޝާއަށްއެނގުނީ، ގޭ އެންމެންވެސް މައިޝާގެ އުފަންދުވަހަށް ތައްޔާރުވެގެން ތިބެ ބާތްޑޭ ލަވައިގެ އަޑުއިވި އެންމެން ކޮޓަރިތަކުން ނުކުތްތަން ފެނުމުންނެވެ. މައިޝާގެ އެނމެގާތް ކޮލެޖް އެކުވެރިންވެސް މި ހަފްލާއިން ފެނުމުން ކޮލެޖުތެރޭގައި އެމީހުން ޖެއްސީ ހުސް އެކްޓްކަން މައިޝާއަށް ޔަގީންވިއެވެ. ހުރިހާ ރޭވުމެއް ރޭވީ ކިޔާންކަން އެނގުމުން މައިޝާވަރަށް އުފާވިއެވެ. ކިޔާން އާއި ވާހަކަ ނުދެއްކޭތާ ވަރަށްދުވަސްވެއްޖެއެވެ. އެހާވަރަކުން ކިޔާންއަކާއި ވާހަކަދައްކަން ކުރިއެކޭ އެއްގޮތަށް މައިޝާއަށް އޮންލައިނުގައި ނީނދެވެނީވެސް މުސްތަފާ އޭނާގެ ދިރިއުޅުމަށް އައިފަހުންނެވެ. ކިޔާން ކަހަލަ ރަނގަޅު ރަހުމަތްރެތިއަކު އޭނާގެ ހަޔާތުގައި ހުންނާތީ މައިޝާ ވަރަށް އުފާކުރެއެވެ. މައިޝާ ބޭނުންވާ ކޮންމެކަމެއް ކިޔާން އޭނާއަށް ކޮށްދޭތީއެވެ. ކޮންމެކަމެއްގައިވެސް ކިޔާންއާއި ވާހަކަދެއްކޭތީއެވެ.
“އޭއި! މުސްތޮގެ ހަބަރެއް ނުވޭތަ؟ ” ސޯފާކައިރީ ބިންމަތީ އިށީނދެގެން ހަދިޔާއެއްގެ ބޭރު ކަރުދާސްގަނޑު ވީދަމުންދިޔަ ޝިފްނާ ސިއްރު ސިއްރުން މައިޝާގާތު އަހާލީ މައިޝާއަށް ހިނިތުންވުމެއްދެމުން ދެ ބުމަ ހިތްލަމުނެނެވެ.
“ނުވޭ! އަނެއްކާ އޭނަވެސް ސަޕްރައިޒެއްރެޑީ ކުރަނީބާ؟” މައިޝާއަށް ހީވަމުންދިޔައެއްޗެއް ޝިފްނާގާތު ބުންޏެވެ.
“ޔޫ ނެވާ ނޯ!” ހިނިއައިސް ތިބި ނާއިލާއާއި ތާނިޔާއަށް އެއްފަހަރާ ބުނެވުނެވެ.
އެހާހިސާބުން މައިޝާގެ ހިތުގައި އުއްމީދުގެ ކަންފުޅެއް އުފެދުނެވެ. މުސަތަފާވެސް އޭނާއަށް ‘ސަރޕްރައިޒެއް’ ދޭން ރެޑިވަނީ ކަންނޭގެއޭ ހިތާހިތުން ސުވާލުކޮށްލެވުނެވެ. މުސްތަފާގެ ހިޔާލުތަކުން ދުރަށްގޮސް އުފަނދުވަހުގެ ޕާޓީ ރޭވި ކިޔާން، ފެންނަންނެތުމުން އޭނާ ބަދިގެފަރާތަށް ދިޔަ ހަނދާން ވެގެން މައިޝާ ބަދިގެ ފަރާތަށް ދިޔައީ ކިޔާންބަލައެވެ. މައިޝާއަށް ބަދިގެއަށް ދެވުނުއިރު ކިޔާން ހީވަނީ ޕްރެޒެންޓޭޝަނެއް ހުށައަޅަން ތައްޔާރު ވަމުންދިޔަ މީހެއްހެނެވެ. މައިޝާގެ ވާހަކަ ހުއްޓުވައި، ކިޔާން މައިޝާގާތު ވަރަށްމުހިންްމު ވާހަކައެއްކިޔައިދޭންފެށިއެވެ. އެހެނަސް ޖީބުގައި އޮތްފޯނު ރިންގުވުމާއިއެކު އެއީ މުސްތަފާގެ ކޯލެއްކަން އެނގުމުން އަވަސް އަވަހަށް މައިޝާ ފޯނުނަގައި އެއަށް ޖަވާބުދިނެވެ.
” ދޫނީ! އައިމް ހިޔާ… ރައިޓް އައުޓްސައިޑް ޔޯ ހައުސް، ބޭރަށް ދެވޭނެތަ މިރޭ؟ ” މުސްތަފާގެ އަޑުޖެހުމާއިއެކު މައިޝާއަށް ބުނަންނޭގޭ އިހުސާސްތަކެއް ވަމުންދިޔައެވެ. މީހާ މައިތިރިނުވެ، ހަރަކާތްއަވަސްވެއްޖެއެވެ. ލަހެއްފަހެއް ނުކޮށް ކިޔާންއަށް ބީރުކަންފަތެއްދެމުން، ފަހުން ހުރިހާ ވާހަކައެއްކިޔައިދޭނަމެ ބުނެ، ފައްޗަކަށްއަމުނަމުން މައިޝާ ދުއްވައިގަތީ އޭނާގެ ލޯބިވެރިޔާ ގާތަށެވެ.
އޮރެންޖް ސައިކަލުމަތީހުރި މުސްތަފާފެނި މައިޝާއަށް އަމިއްލަ ނަފްސަށް ‘އޯވް’ ބުނެވުނީ މުސްތަފާގެ ރީތިކަން އޭނާގެ ލޯމައްޗަށް ފެންނަމުންދާތީއެވެ. އަވަސްފިޔަވަޅުތަކެއް އަޅަމުން މައިޝާގޮސް މުސްތަފާގެ ސައިކަލުކުރިމައްޗަށް ހުއްޓުނެވެ. ބަލަންނުހުރެ އަރާށޭ މުސްތަފާބުނުމުން މުސްތަފާގެ ކޮނޑުގައި އެތްއަތުން ހިފާލުމަށްފަހު ސައިކަލަށް މައިޝާ އެރިއެވެ. ހަމައެރުމާއިއެކު ގިޔަރަށް ހިފާލައި މިސްރާބެއްނެތި މުސްތަފާ ސައިކަލު ދުއްވާލިއެވެ. މުސްތަފާގެ ގައިން ދޮވަމުން ދިޔަ މަޑު މަޑު މީރު ސެޓްގުގެ ވަހުން މައިޝާ އާޝޯހުވާވަރުވަމުންދިޔައެވެ. ސައިކަލުމަތީ އިނދެ މައިޝާއަށް ވިޝްވެސްނުކޮށް މުސްތަފާ މައިޝާގޮވައިގެން މާލޭގެ މަގުމަތި ފަޅުފިލުވަމުން ދިޔައިރު ދެމީހުންގެ ވާހަކައަކަށްވެސް ހުއްޓުމެއްނާދެއެވެ. އިރުކޮޅެއްފަހުން، ސައިކަލް މަޑުޖައްސާ ވުޑްއެޕަލް ކައިރީގައި ހުރި ޕާކިންގްޒޯނަކަށް ސައިކަލު ޕާކުކޮށްލުމަށްފަހު މުސްތަފާމެން ވުޑްއެޕަލް ރެސްޓޯރެންޓަށް ވަނެވެ. އަދި ރެސްޓޯރެންޓްގެ މަތީ ފަންގިފިލާއަށް އަރަމުން މައިޝާގެ އަތުގައި ފުރަތަމަ ފަހަރަށް މުސަތަފާ ހިފާލިއެވެ. ސިހިގެންދިޔަ މައިޝާއަށް ވީގޮތެއްވެސް ނޭނގުނެވެ. އިނތިޒާރުކުރަމުން އައި ވަގުތެއް އައިކަހަލައެވެ. ރެސްޓޯރެންޓްގެ މަތީ ފަންގިފިލާގެ މޭޒުތަކުގައި ވަށާ ޕާރޓިޝަންތައް ޖަހާފައިހުރީ މީހުންނަށް ޕްރައިވަސީ ލިބޭނޭހެނެވެ. އެހެންކަމުން މުސަތަފާ އެތަނުން މޭޒެއްދައްކައި މައިޝާ ގާތު އިށީންނާށޭ ބުންޏެވެ. ދެމީހުންގެ ފުރަތަމަ އެކަހެރި ބައްދަލުވުންކަމުން މައިޝާ ހުރީ ކުރާނެކަމެއް، ދައްކާނެ ވާހަކައެއްނޭނގި މޮޔައެއްހެން މައިތިރިވެފައެވެ. މައިޝާގެ ބަސްމަދުކަމުން މުސަތަފާވެސް ހުރީ ބުނާނެއެއްޗެއްނޭނގިފައެވެ. ކާއެއްޗިއްސަށް އޯޑަރުކޮށްލުމަށްފަހު އަނެތްކާވެސް މައިޝާގެ އަތުގައި މުސްތަފާހިފާލިއެވެ. ސިހިގެންގޮސް މައިޝާއަށް މުސްތަފާގެ ލޮލަށްބަލާލެވުނެވެ. ގާތުގައި އިން އިންސާނާގެ ޖާދުވީ ލޮލުގެ އަސަރުން މައިޝާއަށް ކެތްވަވަރެއްނުވިއެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. ދަމާ ބާރެއްހެން މައިޝާއަށް މުސްތަފާއާއި ކައިރިވެވުނެވެ. މޫނާ މޫނު ޖެހޭހިސާބަށް ދެވުނުއިރު ހީވަނީ މައިޝާގެ ލޮލުން މަންޒަރެއް މުސަތަފާއަށްފެންނަހެނެވެ. ކަޅިޖަހާނުލާ މުސްތަފާގެ ލޮލަށް ބަލަންއިން މައިޝާގެ ދަތްދޮޅީގައި މުސްތަފާހިފާލައި އޭނަގެ މޫނާއި މައިޝާގެ މޫނު ގާތްކޮށްލައި މައިޝާގެ ތުންފަތަށް ބޮސްދިނީ ދެލޯމަރާލުމަށްފަހުއެވެ.
މުސަތަފާގެ މި ހަރަކާތުން މައިޝާއަށް ހޭވެރިކަންވުމާއިއެކު ދުރަށްޖެހިލިއެވެ. އަދި ވަރަށް ލަދުންހުރެ ގޮނޑީގައި ހަމަޖެހިލައި މޭޒުމަތީގައި އޮތް ފޮތިގަނޑުގެ ކަންއަނބުރަންފެށިއެވެ. މައިޝާއަށް ވަމުންދިޔަހުރިހާ މަންޒަރެއް ބަލަން އިން މުސްތަފާގާތަށް އައީ ހިންޏެވެ. އޭނާގެ ހަޔާތުގައިވެސް މިހާ ތަފާތު އަންހެންކުއްޖަކާ ދިމާނުވާތީއެވެ. ވުޑްއެޕަލްއިން ކައި ނިމިގެން ނުކުތްއިރުވެސް މައިޝާއަކަށް މުސްތަފާ ވިޝްއެއްނުކުރެއެވެ. ސައިކަލަށް އަރައި އަނެއްކާވެސް މާލެވަށާ ބުރެއްޖަހާލުމަށްފަހު މާފަންނު ބީޖީ ކަންމަތީގައި ހުރި ބޮޑު އިމާރާތެއްގެ ކައިރިއަށް މުސްތަފާ މަޑުކޮށްލިއެވެ. އެއަށްފަހު އެތާ ސައިކަލު ޕާރކް ކުރުމަށްފަހު ސައިކަލުން ފޭބިއެވެ.
“ކިހިނެތްވީ، ކޮންތާކަށް މިއައީ؟” މުސްތަފާ ގޮވައިގެން އައިތަނެއް ނޭނގުމުން މައިޝާ އަހާލިއެވެ. މައިޝާކުރި ސުވާލަށް ޖަވާބެއްނުދީ، ޖީބުން ތަޅުދަނޑިފައްޗެއްނަގައި އޭގައި ވާ ކުޑަ ރިމޯޓެއްގެ ފިތަކަށް ފިތާލައި ކުރިމަތީގައި އޮތް އޮރެންޖް މާރޗް ބްރޭނޑްގެ ކާރުގެ ތަޅު މުސްތަފާހުޅުވާލިއެވެ. ފޮނިކަމެއް ހާމަކުރަމުން، ކާރުގެ ދޮރުހުޅުވާ ދުއްވަން އިންނަ ސީޓަށްއަރަަމުން، މައިޝާގާތު ކާރަށް އަރާށޭބުންޏެވެ. ހައިރާންކަމެއް ލިބިފައި ހުރި މައިޝާ އަވަހަށްގޮސް ކާރުގެ ކުރީ ސީޓަށްއަރަމުން ބާރަކަށް ދޮރުލައްޕާލިއެވެ.
” އަނހަ! ޑަބިޔަލެްގެ މަތިގަނޑު ޖަހާލީތަ؟” ކާރުގެ ދޮރުފަތް މައިޝާޖެހިލެއް ބާރުކަމުން ދުއްވަން އިންނަ ސީޓުގައި އިން މުސްތަފާ މަޖަލަކަށް ހަދާފައި މައިޝާއާއި ސުވާލުކޮށްލިއެވެ.
ލަދުން އިން މައިޝާއަކަށް ބުނާނެއެއްޗެއް ނުވިސްނުނެވެ. އޭނާގެ ހަޔާތުގައިވެސް ޕްރައިވެޓްކާރަކަށް އެރި ފުރަތަމަފަހަރުކަމަށްވުމުން ހާސްވެފައިހުރިވަރުން މައިޝާއަށް ވީ ގޮތެކެވެ. ކާރު ސްޓާރޓްކުރުމަށްފަހު ދުއްވާލަމުން ބީޖީ ކަންމަތީގައިހުރި އުސް އިމާރާތް މުސަތަފާ މައިޝާއަށް ދައްކައިލިއެވެ. އަދި އެއީ އޭނާގެ ގެ އޭ ބުނެ، އޭނާގެ އެޕާރޓްމެންވެސް ދައްކަމުންދިޔައެވެ. މުސްތަފާއަކީ ކޮން އާއިލާއެއްގެ ކާކުކަން ކިޔަިދީނިންމާލުމުން، މައިޝާއިނީ ހައިރާންވެ އަންތަރީސްވެފައެވެ. މުސްތަފާއަކީ މައިޝާ ހީކުރިކަހަލަ އާދައިގެ މީހެއްނޫންކަން އެނގުމުންނެވެ. މާލޭގެ ނަންމަޝްހޫރު ގަދަރުވެރި އާއިލާއެއްގެ މީހެއްކަން މައިޝާއަށް އެނގުމުން މި ހުރިހާދުވަހު މުސަތަފާއާއި ވާހަކަދައްކާ ހެދުނީ ވަރަށް އާދައިގެ ގޮތަކަށްކަން އިހުސާސްވެ އެކަމާ ދެރަވެއްޖެއެވެ. ކާރުތެރޭގައި ހޭދަކުރި ވަގުތުތައް ވެގެންދިޔައީ މުޅިން މަޑުމައިތިރިކަމާއި ހަމަހިމޭންކަމުގެ ވަގުތުކޮޅަކަށެވެ. މައިޝާއަށް ހީވީ ހަމައަސްލުވެސް ރަށެއްގެ ޕްރިންސަކަށް ލޯބިހުށައެޅިގެންއުޅުންހެނެވެ. މައިޝާގެ ހަބަރެއް ނުވުމުން މުސްތަފާއަކަށްވެސް އިތުރަށްވާހަކަ ދައްކާކަށް ނުކެރުނެވެ.
“ދޫނީ؟ ގެއަށް އާދެވުނީއޭ!” އާގަމާވެފައިހުރި މައިޝާގެ ހޭވެރިކަންވީ މުސްތަފާ އޭނާއާއި ވާހަކަދެއްކުމުންނެވެ. ދެންވެސް މައިޝާއިނީ ހަދާނެގޮތްނޭގިފައެވެ. ކާރުން ނުކުންނާނޭ ގޮތްވެސް ނޭނގިފައެވެ. ދޮރުހުޅުވަން މަސައްކަތްކުރަމުންދިޔަ މައިޝާއަށް ދޮރުނުހުޅެވޭނޭކަން ޔަގީންވުމުން މުސްތަފާގެ ގާތަށް ހިނިއައިސް މައިޝާއާއި ގާތްވެލަމުން މައިޝާއަށް ދޮރުހުޅުވާދިނެވެ. އެއަށްފަހު މައިޝާގެ ދެލޮލަށް ހިތްފުރެންދެން ބަލާލުމަށްފަހު މުސްތަފާ މައިޝާގެ ކޮލަށް ދޮނެއްދިނީ އޭނާ ކާރުން ނުކުމެ ނުކުމެ ހުއްޓައެވެ.
(ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Wow shereen… Story hama vv nice ingey.. Keep it up.. N thanks thihaa dhigukoh genesdheythy… Thankolheh avahah up kohladhehchey…
Thank you 🙂
V reethi.. Aslu vaahaka eh tha mee
Noon. Hama hiyaalee 🙂 asleh hen heevaneetha ?