ލޯތްބެއްނެތް ގުޅުން (2 ވަނަ ބައި)
މިއީ ކޮންފަދަ އިހުސާސެއްބާއޭ މައިޝާގެ ހިތަށްއަރަމުންދިޔައެވެ. “މިއީ އަނެއްކާ އަހަރެންގެ ހަޔާތަށް އަންނަންއުޅޭ އުފާވެރިކަމެއްގެ ފެށުންބާ؟” މައިޝާގެ ހިތާ ސިކުނޑި އޭނާއާއި ސުވާލުކޮށްލިއެވެ.
…………………………………………………………………………………………….
ދުވަސްނިމި، އިރުއޮއްސިއްޖެއެވެ. ކޮލެޖުގެ ގަޑިތައްނިމި މައިޝާމެންނަށް ގެއަށްދެވުނު އިރު ގަޑިން 7 ޖަހަނީއެވެ. ފެންވަރާލައިގެން އައިސް މައިޝާ އެނދުގައި ޖައްސާލުމަށްފަހު ހެނދުނުދިމާވި ހާދިސާ އިޔާދަކޮށްލިއެވެ. ދެލޯމަރާލުމާއިއެކު މައިޝާ އަށްފެންނަންފެށީ މުސްތަފާގެ ރީތި ދެލޮލެވެ. ކާން މޭޒުދޮށުގައި އިން އިރު އޭނާއަށް އެވަރަށްގިނައިން މުސަތަފާ ބެލީ ކީއްވެބާއޭ މައިޝާގެ ހިތަށްއަރަމުންދިޔައެވެ. ފިޒަޒްއިން ނުކުންނަމުން އެކަކުއަނެކަކުގެ އީމެއިލް އެޑްރެސް ހޯދިހަނދާންވުމާއިއެކު މައިޝާގެ ދެލޯ ހުޅުވާލައި އަވަހަށްގޮސް ކޮމްޕިއުޓާރ ކުރިމަތީ އިށީނެވެ. ލަހެއްފަހެއްނުވެ މެސެންޖަރގެ ޒަރިއްޔާއިން މުސްތަފާއާއި ގުޅިއްޖެއެވެ. މުސްތަފާ އިނީ އޮންލައިނުގައިކަން މައިޝާއަށްއެނގުމުން ޗެޓް ވިންޑޯއެއް ހުޅުވާލައި ކީބޯޑަށް އިނގިލިތަށް ފަތުރާލަމުން ފިއްތަކަށް ފިތަމުން މުސްތަފާއަށް ގޮވާލިއެވެ.
މައިޝާ: ހައި!!!!!
މުސްތަފާ: ހާއި! މަގޭ ގަޔަށް ޖޫސްއަޅާލި މަންޖެ ދޯ؟
މައިޝާ: އާ! ހެހެ…ހާދަ ފާސްޓޭ!
މުސްތަފާ: ކާކުބާ ފާސްޓީ؟
މައިޝާާ: ހެހެހެ…ހަމަ ބަލާލީ އޮންލައިންގަ އުޅޭތޯ.
މުސްތަފާ: އެހެންތަ؟ ކޮންކަމެއް އޮތީ ދެން މިރޭ؟
މައިޝާ: ނަތިންގް މަަޗް! ހައުއަބައުޓް ޔޫ؟ އެނީ ޕްލޭންސް ޓުނައިޓް؟
މުސްތަފާ: ……….
މުސްތަފާގެ ހަބަރެއް އިތުރަށްނުވުމުން މައިޝާއަށް ދެން އިތުރަށް ވާހަކަދައްކާކަށް ނުކެރުނެވެ. ވަރަށް އިރުވަންދެން މަޑުކޮށްފައި މައިޝާ ކޮމްޕިއުޓަރު ކައިރިން ދުރަށްދިޔައީ ކޮންމެވެސްވަރަކަށް މާޔޫސްވެހުރެއެވެ. ވަކި ހިސާބަކުން އޭނާގެ ހަބަރެއްނުވީ ކީއްވެބާއޭ ހިތަށްއެރިއެވެ. އޭނާއަށް މައިޝާ ކަމު ނުދަނީބާއޭ ވެސް ހިތަށްއަރަމުންދިޔައެވެ. ފިކުރުބޮޑުވެ ހުރެ އަނެއްކާވެސް މައިޝާ އެނދަށްވެޓިގަތެވެ. މައިޝާގެ ހިތަށް ވަމުންއެދަނީ ކީއްކަމެއް ހުދު އޭނާއަކަށްވެސް ނޭގުނެވެ. މާބޮޑަށްވެސް މައިޝާއަށް މުސްތަފާ ކަމުގޮސްފިއެވެ. އޭނާ ބޭނުންވަނީ މުސްތަފާ އާއި ވާހަކަދައްކާށެވެ. ފެންނާށެވެ. ފުރަތަމަނަޒުން ލޯބިވެވެއޭ ކިޔާއަޑު މައިޝާ އަހައެވެ. އެހެނަސް އެއީ އޭނާ ޤަބޫލުކުރި ވާހަކައެއްނޫނެވެ. އެކަމަކު މިހާރު އެވާހަކަ ޤަބޫލުކުރަން މަޖުބޫރުވެއްޖެކަހަލައެވެ.
………………………………………………………
މާޒީގެ ތެރެއަށް ފީނަމުންދިޔަ މައިޝާ އަށް ހޭވެރިކަމެއްވީ މީހަކު ކޮޓަރީގެ ދޮރުހުޅުވާލުމުންނެވެ. އެއިރުފަތިސްވެ ކުޑަދޮރުތަކުގައި އަޅުވާފައި ހުރި ދޮރުފޮތިތަކުން އިރުގެ އަލިކަން ފުރޭނިގެން އައިސް ކޮޓަރިތެރެއަލިކުރަމުންދިޔައެވެ. ދޮރުހުޅުވާލާފައި ހަލުވިހިނގުމެއްގައި އެއަންނަނީ އޭނާގެ އަލަތު ފިރިމީހާ ކިޔާނެވެ. ކިޔާން ގެއަށްއައުމުން މިއަދަކީ އޭނާގެ އޮފް ޑޭ ކަން މައިޝާއަށް އެނގުނެވެ. ކިޔާނަކީ ރިސޯޓެއްގައި މަސައްކަތްކުރާ މީހެއްކަމުން، އޭނާއަށް މާލެއާދެވެނީ ހަފްތާއަކު އެއްދުވަހުއެވެ. ކިޔާންގެ މިސްރާބުހުރީ އެނދު ކައިރީގައި ހުރި ކުޑަ މޭޒާދިމާލަށެވެ. މޭޒު ކައިރިއަށްގޮސް، ކޮނޑުގައި އޮތް ދަބަސް ބާލައި މޭޒުމަތީބެހެއްޓުމަށްފަހު ފާހާނައަށްވަދެ ފެންވަރާލައި ފާހާނައިން ނުކުތެވެ. ޓީޝާޓަކާއި ސޯޓެއްލައިގެން ރީތިވެލައިގެން ކޮޓަރިން ކިޔާން ނުކުތްއިރު ކިޔާނަށް މައިޝާ ނުފެންނަކަހަލައެވެ. ކިޔާން ދޮރު ޖެހިލެއް ބާރުކަމުން މައިޝާ ސިހިގެންދިޔައެވެ. އެއަށްފަހު ލޮލަށްޖަމާވެފައިވާ ކަރުނަތައް ބަނޑުންކުރަމުން ކުރެވުނު ކަންތަކާއިމެދު މޮޔަހީވެ ރޮވިއްޖެއެވެ. އޭނާގެ ފިރިމީހާ އޭނާދެކެ ހިންހަމަނުޖެހިފައި ހުރިކަން އޭނާއަށްއެނގެއެވެ. ކަމާ ކަންފަށާފައި އޮފްދުވަހެއް ނަގައިގެން ގެއަށް އެއައީ ކީއްވެގެންކަންވެސް އޭނާއަށް އެނގެއެވެ. ހިތާމައަކީ މައިޝާއަށް އޭނާއާއި ހަތަރުކަޅި ހަމަކޮށް ވާހަކަދައްކަން ނުކެރިގެން އުޅޭކަމެވެ. މައިޝާގެ އަތުންވެފައިވާ ކުށުގެ ބޮޑުކަން އޭނާއަށް އިހުސާސްކުރެވޭތީއެވެ. އެވާހަކަ ފޯނުން ފިރިމީހާގާތު ބުނަން ފަސޭހަވިއެއްކަމަކު މައިޝާއަށް ކުރިމަތީގައި އެވާހަކަދައްކަން ނުކެރޭނެތީއެވެ.
ކިޔާންއަކީ މައިޝާ ސްކޫލުނިންމިދުވަހުން ފެށިގެން މައިޝާގެ ހަޔާތަށް އުފާވެރިކަންގެނުވަމުން އައި އޭނާދެކެ އިންތިހާއަށްލޯބިވާ ހަމައެކަނި އިންސާނާއެވެ. ރަހުމަތްތެރިގުޅުމަކުން ލޯބީގެ ގުޅުމަކަށް ހަދައި މީގެ 6 އަހަރުކުރިން ކިޔާން މައިޝާ ހާސިލްހުރީ ވަރަށްފޮނި އުއްމީދާއިއެކުއެވެ.
…………………………………………………..
ވަރުބަލިކަންމަތީ ކޮޓަރިންނުކުމެ ގޮސް ސޯފާގައި ކިޔާން އޮށޯތީ ވެފައިހުރިވަރުބަލި ފިލުވާލާ ހިތަށްލިބެމުންދިޔަ ކެކުޅުންތަކުން ލުއެއްލިބޭތޯއެވެ. ދެލޯމަރައިލާ މަޑުމަޑުން ހިތުގައި އަތްތިލަބާއްވައިލާ ބާރުބާރަށް ތެޅެމުން ދިޔަހިތުގެ ރުއިމުގެ އަޑު ކިޔާނު އަހަމުންދިޔައެވެ. އިއްޔެ މައިޝާ އޭނާއާއި ފޯނުންދެއްކި ވާހަކަ އަދިވެސް ކަންފަތުގައި ގުގުމާލަ ގުގުމާލާ ހުރިކަހަލައެވެ. ކެތްތެރިކަން ކޮޅުންލައި ހިފެހެއްޓުމެއްނެތި މަރައިގެންހުރި ދެލޮލުގެ ދިގު އެސްފިޔަތަކުދޭތެރެއިން ހޯސްލާފައި ކަރުނަތައްފައިބަމުން ދިޔައިރު ކިޔާންނަށް އޭނާގެ މާޒީގެ މަންޒަރެއް ސިފަވަމުންދިޔައެވެ.
…………………………………………………….
“ސަޕްރައިޒް!” ކޮޓަރީގެ ދޮރުހުޅުވާލައި އަނދިރިކޮށް އޮތް ކޮޓަރީގެ ބޮކި މައިޝާ ދިއްލާލުމުން ކިޔާންހަޅޭއްލަވައިގަތީ ކޮޓަރިތެރޭހުރެއެވެ. އެއްއަތުން މާބޮނޑިއެއްހިފައިގެން އަނެއްއަތުން ހަދިޔާއެއް ހިފައިގެންހުރި ކިޔާންގެ ހަޅޭކަށް މައިޝާ ސިހިގެން ގޮސް ބާރަކަށް ހަޅޭއްލަވަމުން އަތުގައި އޮތްދަބަހުން ބަންލާފައި ކިޔާންގެ ގައިގައި އަޅުވާލެވުނެވެ.
“އޯ މައި ގޯޑް! ކިޔާންތަ!” ހިނދުކޮޅެއްކުރިން ބިރުންހަޅޭއްލަވައިގަތް މައިޝާ، ހައިރާންވެ އުފަލުންފުރިގެން ދެލޯބޮޑުކޮށްލާ ކިޔާނަށް ބަލާލުމަށްފަހު ބާރު ބާރަށް ކިޔާންއާއި ސުވާލުކުރިއެވެ.
“އައުޗް! އެދުއްވާލީ ލޯ ކަންނޭގެ!” އަތުގައިއޮތް މާބޮނޑި ޑްރެސިންގް ޓޭބަލަށް ދޫކޮށްލަމުން ކިޔާން އޭނާގެ މޫނުގައި އަތްއަޅައިގެން ލޯމަތީގައި އަތްކާއްތަންފެށީ ހަޤީޤަތުގައިވެސް މައިޝާޖެހިލެއް ބާރުކަމުން ތަދުވެގެންނެވެ.
“ދެން ނޭނގޭނެއެއްނު މަގޭ ކޮޓަރީގަ މީހަކު އިންނާނެކަމެއް! ބިރުންކިރިޔާ ހަލާކުނުވީ. ސޮރީ ކިޔާން! މިހެންވެ ދޯ މަންމަ މާހެވިފަ ބޭރުގަ އެއިނީ. މައި ކައިރީ އެކަކުވެސް ނުވެސްބުނެޔޭ. ކޮންއިރަކު އައީ؟ އަޅޭ އައި އެމް ސޯ ހަޕީ ދެޓް ޔޫ ކޭމް…” އުފަލުންފުރިގެންވާ މައިޝާއަށް ހީވަނީ ދުނިޔޭގެ ހުރިހާ އުފާވެރިކަމެއް ލިބިގެންއުޅޭހެނެވެ. ދެއަތުން ކިޔާންގެ ދެ ކޮނޑުގައި ހިފަމުން ކިޔާންއާއި ވާހަކަދައްކަމުންދިޔަ މައިޝާ ހީވަނީ ކިޔާން ނައިސްގެން ލަސްވެފައި ހުރިހެނެވެ.
“ހަމަ ޖެހިބަ، ހާދަ ވަރަކަށް ހެޕީވެފައޭ ދޯ.. އައިމް އޯލްސޯ އެކްސްޓްރީމްލީ ހެޕީ ދެޓް އައި މެނޭޖްޑް ޓު ކަމް އޮން ޔޯ ބާރތް ޑޭ! ވަރަށް ހާލުން ފްލައިޓުން ޖާގައެއްލިބުނީ. މައިގެ ބާރތް ޑޭ ކަޓުވައެއްނުލެވޭނެ އެއްނު ދޯ! ހެޕީ ބާރތް ޑޭ މައި ބޭބީ ޑޯލް!”
މަލެއްހެން ފޮޅިފައިވާ މައިޝާގެ ހިނިތުންވުން އިހުނަށްވުރެ ގަދަވިއެވެ. އޭނާގެ އެންމެ އެކުވެރި ރަހުމަތްތެރިޔާ އޭނާގެ އުފަންދުވަހަށް މާލެއައިސް ހުރީތީއެވެ. ދެމީހުން ކޮޓަރިންނުކުމެ އެންމެންގާތަށް ދިޔައިރު ސިޓިންގްރޫމުގައި ހުރި ކުޑަ ބިއްލޫރިމޭޒުމަތީގައިވާ ކޭކް މައިޝާގެ ލޮލުގައި އަޅައިގަތެވެ. އިނގިރޭސިއަކުރުން ‘ހެޕީ 19 ބާރތްޑޭ’ އަޅާފައިވާ ކޭކުފެނި މައިޝާ އުފަލުންފޮޅުނެވެ. ހަމައެވަގުތު ހައިރާންވެ ދެލޯބޮޑުކޮށްލައި މުޅި ސިޓިންގްރޫމު ހޯދާލިއެވެ. މީގެ އިރުކޮޅެއްކުރިން ސިޓިންގްރޫމުގައި ތިބި މަންމައާއި ކޮއްކޮ،މާޝާ ވެސް ސިޓިންގްރޫމަކު ފެންނާކަށްނެތެވެ. އިރުކޮޅަކުން ގޭތެރެއިން ‘ހެޕީ ބާރތްޑޭ’ ލަވައިގެ އަޑު އިވި އެންމެން ކޮޓަރި ކޮޓަރިން ނުކުންނަމުން ދިޔައީ ‘ސަޕްރައިޒް’ އޭ ކިޔައި ހަޅޭއްލަވަމުންނެވެ. އެކުވެރި ޝިފްނާއާއި ނާއިލާ އަދި ތާނިޔާވެސް ކިޔާންގެ މި ސަޕްރައިޒް ރޭވުމުގައި ޝާމިލުވާކަން މައިޝާއަށް އެނގުނީ އެމީހުންވެސް ކޮއްކޮ، މާޝާގެ ކޮޓަރިން ނުކުތްތަން ފެނުމުންނެވެ. ހުރިހާއެންމެން މައިޝާގާތަށްއައިސް ކޭކުފެޅުމަށް ތައްޔާރުވިއެވެ. މައިޝާގެ ބޮލުގައި މަލުން ގަތާފައިވާ ބޭންޑެއް އޭނާގެ އެކުވެރިން އަޅުވައިލިއެވެ. އަދި ހީލިއަމް އަޅާފައިވަ ހަންތަކެއް ކޮޓަރިންނެރެ ކޭކުބަހަޓާފައިހުރި މޭޒުމަތީގައި ބެހެއްޓުމަށް ރިބަންތައް މައްޗަށް ބަރެއްއަރުވާލިއެވެ. މަންމަވެސް އެކުދިންގެ މަޖަލުގައި ބައިވެރިވުމަށް ޖޫހާއި ހެދިކާތައް މޭޒަށް އަރުވަމުންދިޔައެވެ.
މިއުފާވެރި މާހައުލު ބިނާކުރުވި ކިޔާންހުރީ މައިޝާގެ އުފަންދަސް ނައިސް ލަސްވެފައެވެ. މައިޝާ ކޭކުފަޅައި އެންމެންނަށް ކޭކު ފޮއްޗެއް ކާންދެމުންދިޔައިރު ކިޔާންއަށް ހުރެވުނީ މައިޝާގެ އެ ހިނިތުންވުންބަލާށެވެ. ކިޔާނަށް މައިޝާފެނުނީ އޭނާގެ ސުކޫލުގެ އެންމެފަހު ދުވަސްވަރުއެވެ. އެކުވެރިންތަކަކާއިއެކު ދަތުރުދިޔަދުވަހެެއްގައެވެ. އެދުވަހުންފެށިގެން މައިޝާއަށް އޭނާގެ ހިތްދެވުނެވެ. ނަމަވެސް އޭނާގެ ހިތުގެ ހާލު މައިޝާއަށް ބަޔާންކުރާނެ ހިތްވަރެއް ނުލިބެއެވެ. ކިޔާންގެ ހިތުގެހާލު ބަޔާންކުރަން ނުކެރިގެން އެއުޅެނީ މައިޝާގެއްލިދާނެ ކަމުގެ ބިރުހީވާތީއެވެ. އޭނާ މައިޝާދެކެ ލޯބިވިޔަސް މައިޝާ އޭނާދެކެ ލޯބިވެދާނެ ބާއޭ ހިތުގައި ސުވާލުއުފެދޭތީއެވެ. މައިޝާ ޑިޕްލޮމާހެދުމަށްޓަކައި ޔުނިވާރސިޓީއަށް ދާންފެށިދުވަސްވަރު ކިޔާނަށްވެސް އޭނާ ވަޒީފާއަދާކުރަމުން އައި ރިސޯޓުން އެމެރިކާގައި 3 އަަހރުގެ ވަޒީފާގެ ޓްރެއިނިންގްއަކަށްދާން ފުރުސަތުލިބުނެވެ. އެހެންކަމުން ކިޔާން އެމެރިކާއަށްދިއުމުން މައިޝާއާއި ވާހަކަދެއްކެނީ އޮންލައިނުންނެވެ. އޭގެފަހުން މިހާރު 2 އަހަރުވަނީއެވެ. އޭނާގެ ހިތުގައި މައިޝާއަށް އޮތްލޯބި އަމާނާތްރެރިކަމާއިއެކު ރައްކާކޮށްގެން އެއުޅެނީ ރަނގަޅުވަގުތެއް އަދި ދިމާނުވާތީއެވެ.
މިއަދަކީ ކިޔާންގެ ހިތުގައި އުތުރިއަރަމުންދާ އިހްސާސްތަކަށް ފޮނިކަމެއްލިބިދާނެދުވަހެއްހެން ހީވާކަހަލައެވެ. ޗުއްޓީއެއްހޯދައިގެން ކިޔާންއައިސް މައިޝާގާތު ހަޤީޤަތުގައި އެހުރީ މައިޝާއަށް އޭނާގެ ހިތުގެ ހާލު ބަޔާންކުރާށެވެ.
“ކިޔާން! ކަމް ކަމް! އާދޭ ކޭކް ކާން.!” ގަބުވެފައިހުރި ކިޔާންއަށް ސިހުމެއްވީ މައިޝާ އޭނާއަށްގޮވާލުމުންނެވެ. ކިޔާންއަވަހަށްގޮސް މައިޝާގެ އަތުން ކޭކުފޮތްޗެއްކަމުން މާޝާގެ އަތުގައި އޮތް ‘ކެނޮން’ ކެމެރާއަށް ބަލާލިއެވެ.
އެންމެންވެސް ކޭކްފެޅުމުގެ ހަފްލާނިމުމުން މައިޝާއަށް ގެނެސްފައިހުރި ހަދިޔާތައް ކެނޑުމުގައި މަޝްއޫލުވިއެވެ. އެކަންކުރުމުގައި އެންމެ ބޮޑަށް ފޯރިދެމުންދިޔައީ މައިޝާގެ ކޮއްކޮ މާޝާއެވެ. އެއިރު ބަދިގެފަރާތުގައި ފެންބޯންވެގެން ގޮސްހުރި ކިޔާން ލަސްވާތީ ބަދިގެފަރާތަށް ކިޔާންއަށް ގޮވަމުން މައިޝާ ހިނގައިގަތީ ކިޔާންއަށް ވީނުވީއެއް ބަލާށެވެ.
“ކީއްތަ ތިކުރަނީ، ހާދަ ލަސްވީ.. އާދެބަލަ ބޭރަށް….”
“ޝޫހްހްހްހް” މައިޝާގެ ޖުމްލަފުރިހަމަނުވަނީސް ކާމޭޒުކައިރީ ކޮޅަށްހުރި ކިޔާން އޭނާގެ ޝަހާދަތްއިނގިލި ތުންފަތްމަތީގައި އަޅަމުން އަޑުމަޑުކޮށްލާށޭ ބުންޏެވެ.
“މައި! އަހަރެން މައިގާތު ވަރަށްބޮޑު ވާހަކައެއް ބުނަންބޭނުން…” އަތްފައި ފިނިވެ ކިޔާންގެ ހިތްއަވަސްވަމުންދިޔައެވެ. ބަދިގޭގެ ދޮރުމަތީގައި ހުރި އިންސާނާއަކީ މިހާރު މުޅިދުނިޔެއިންވެސް ކިޔާން އެންމެބޭނުންވާ އިންސާނާއެވެ. ބަދިގޭގައި ފެންބޮއެ އަވަދިވެގެން ކިޔާން ހުރީ މައިޝާގެ އިންތިޒާރުގައެވެ. “އަހަރެން… މައި…. އަހަންނަށް… ” ދޫއޮޅި މުޅިމީހާ ދާހިއްލާގޮތްވެއްޖެއެވެ. ކިޔާނަށްވެސް އޭނާ އެކިޔަންއުޅޭ އެއްޗެއް ނޭނގޭކަހަލައެވެ. ކިޔާންގެ މޫނުމަތިން ހާސްކަމުގެ އަސަރުފެންނަންފެށުމުން މައިޝާ ވެސް ކަންބޮޑުވެއްޖެއެވެ.
“ކިޔާން؟ ކިހިނެތްވީ؟ ކަމެއްގޯސްވީތަ؟ ”
“ނޫން.. އަހަރެން…” ކިޔާންގެ ޖުމްލަފުރިހަމަ ނުވަނީސް މައިޝާގެ ސަމާލުކަން ދަމައިގަތީ އޭނާގެ ފޯނުން ރިންގުވަމުންދިޔަ ރާގުކޮޅެވެ. ވަރަށް ހަލުވިކަމާއިއެކު މައިޝާ ޖީބުން ފޯނުނަގައި އެއަށްޖަވާބުދިނެވެ.
“ހަލޯ! ބޭބީ؟” މައިޝާގެ މޫނުމައްޗަށް ބުނަންނޭގޭ އިހުސާސްތަކެއް ވެރިވަމުން އައިއިރު ކިޔާންހުރީ މައިޝާގެ އެ އާދޔާހިލާފު ހިނިތުންވުމާއިމެދު ޝައްކުއުފެދިފައެވެ.
” އޯވ، ކޮބާ؟ ބޭރުގަ؟ އޯކޭ މި ނުކުންނަނީ. ލަވް ޔޫ ޓޫ!” ފޯނުކަނޑައިލައި މައިޝާ އުފަލުން ފޮޅެމުން ‘ޔޭއި’ ކިޔަމުން ދިޔަ އެވެ. ކުރިމަތީގައި ހުރި ކިޔާންއަށް މައިޝާގެ އެ ހިނިތުންވުންފެނި މިފަހަރު ހިތަށްފިނިކަމެއްނުލިބުނެވެ. އޭނާގެ ހިތްކުދި ކުދިވެގެން ދިޔަކަހަލައެވެ. ރައްކާކޮށްގެން އައި ލޯބި ކަންފުންކޮށް ވަޅުލެވުނުކަލައެވެ. މައިޝާ ހަމަޔަގީނުންވެސް މީހަކުދެކެ ލޯބިވީއެވެ.
6 Comments!
Comments are closed.
Wow..v reethi..thankolheh kury..???
Thank you 🙂
Wow. It’s amazing
Thank you 🙂
W reethi…when next part….
Friday ga in Sha Allah.
Thank u for reading. 🙂