ބޭނުންވަނީ އުމުރަށް 08
” އަހަރެން އަކިޔަލް ބޭނުންވާތީ އާދޭސް މިކުރަނީ ” ރިޒްނީ ބުނެލިއެވެ. ” ކިތައްމެ ވަރަކަށް އާދޭސް ކުރިޔަސް އަހަރެންނަށް ތިކަން ވާކަށް ނެތް ” އަކިޔަލް ބުނެލިއެވެ. ” އެކީއްވެތަ؟ ” ރިޒްނީ އަހާލިއެވެ. ” ސަބަބަކީ އަހަރެންގެ ދިރިއުޅުމުގައި ދެވަނަ ފަހަރަށް ހިތާމަކުރާނެ ހިތްވަރުނެތިމާ ” އަކިޔަލް ބުނެލިއެވެ. ” އަހަރެން މިބުނަނީ ހިތާމައެއް ދޭނެ ވާހަކައެއްނޫން. އަހަރެން ލޯބިން އުޅެން ބޭނުމޭ. ދުވަހަކުވެސް އަކިޔަލްއަށް ދެރައެއް ހިތާމައެއް ދޭން ނުވިސްނަން. އަދި ނުވެސް ދޭނަން. އަހަރެން ބޭނުން އަކިޔަލްގެ މަންމައަށް ވެސް އެހީވާން. ކައިރީގައި ކަމެއްކޮށްދޭނެ މީހަކު ނެތުމުން އެންމެ ގާތް ރައްޓެހިން އަކިޔަލްއަށް އެހީވާކަން ވެސް އެނގޭ ” ރިޒްނީ ވަރަށް ރަނގަޅަށް އަކިޔަލްގެ ކަންތައްތައް ބަލައި ހޯދުމަށްފަހު އަކިޔަލްގެ ލޯތްބަށް ސަލާން ޖަހަމުން ދިޔައެވެ. ” ޕުލީޒް ރިޒްނީ. އަހަރެން ގާތުން ތިކަމަށް އާދޭސް ނުކުރޭ. އަހަރެންނަކަށް ނުވާނެ ތިކަމެއް. މީގެ ދުވަސް ކޮޅެއް ކުރިން ވެސް އަހަރެން ތިބުނާ ގޮތަށް އުޅެފިން. ވަރަށް ލޯބިން ބުނިއްޔާ ބުނިކަމެއް ކޮސްދީގެން، ބުނިގޮތެއް ހަދައިގެން އުޅުނީ. އެކަމަކު އަހަރެންގެ އެއްވެސް އަގެއްނެތީމާ އަހަރެން ދޫކޮށްލީ. މިއަދު ރިޒްނީ އަހަރެން ގާތުން އާދޭސް ތިކުރާހެން އަހަރެން އާދޭސް ކުރިން އަހަރެން އެކަނި ކޮށްލާފަ ނުދިޔުމަށް. އެކަމަކު އަހަރެން ދެއްކި ހުރިހާ ވާހަކަ ތަކަކީ ބޭކާރު ވާހަކަ ތަކަކަށްވީ. މިއަދު އަހަރެން އެފަދަ ދެވަނަ މީހަކު ބޭނުމެއްނޫން މުޅި އުމުރު މިހެން ހުންނަން ޖެހުނަސް ” އަކިޔަލް ބުންޏެވެ.
ތަކުރާރުކޮށް ސިނާން ޒޭނާ ގާތުގައި ސާރާ ވީތަނެއް ބުނުމަށް އާދޭސް ކުރަންފެށުމުން ޒޭނާ ސާރާ ގާތުގައި އެވާހަކަ ދައްކަން ދިޔައިރު ސާރާ އުޅެނީ ބަނޑުގައި ރިއްސާތީއެވެ. އެހެންކަމުން ޒޭނާ އަވަސް އަވަހަށް ސާރާ ހޮސްޕިޓަލަށް ގެންދެވޭތޯ އަވަސްވެގަތެވެ. ސާރާ ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރެއް ނުވަނީސް ލޯބި ލޯބި އަންހެން ކުއްޖެއް ވިހައިފިއެވެ. ވިހެއުމުގެ ހުރިހާ ކަމެއް ރަނގަޅަށް ދިޔުމުން ސާރާ ވޯޑަށް ބަދަލުކުރީ ވިހެއިތާ ގަޑިއެއްހާ އިރު ފަހުންނެވެ. އަދި ޒޭނާއަށް އެކުޑަކުޑަ ކުއްޖާގެ މައުސޫމް މޫނު ފެނުމުން ސިނާނާ ދިމާޔަށް ކީހުރިހާ އެއްޗެއް އެއްފަރާތްކޮށްފަ، ކުށެއްނެތް އެތުއްތު ކުއްޖާގެ ބައްޕަގެ ލޯބިން މަހުރޫމް ވާތަން ބަލަން ހުންނަން ޒޭނާ ބޭނުމެއްނުވިއެވެ. އެހެންކަމުން ސިނާނަށް ސާރާ ވީތަނެއް އެންގުން އެންމެ ރަނގަޅު ވަގުތު ޖެހިއްޖެކަން އެނގުނެވެ. އަދި ކުއްޖާގެ ބައްޕަގެ ލޯބިން މަހުރޫމް ވިޔަނުދޭން ޒޭނާއަށް ކުރެވެން ހުރިހުރިހާ ކަމެއް ކުރުމަށް ނިއްމީ ސާރާޔަށް ސިއްރުންނެވެ. ” ވަރަށް އަވަހަށް ހޮސްޕިޓަލަށް އައިސްފަ އަހަރެންނަން ގުޅާބަލަ ” ދުރަށް ޖެހި ސިނާނަށް ގުޅުމަށްފަހު ޒޭނާ ބުނެލިއެވެ. ސިނާން ހޮސްޕިޓަލަށް އައިސް ގުޅުމުން ޒޭނާ ބޭރަށް ނިކުމެ ސިނާން ގޮވައިގެން އައިސް ވޯޑަށް ވަނެވެ. އޭރު ސާރާ އޮތީ ކުއްޖާ ގޮވައިގެން އެއްފަރާތަކަށް އަރިއަށެވެ. ” ސާރާ އަހަރެންނަށް މާފްކުރޭ ” ސިނާންގެ އަޑަށް ސާރާ ސިހިފައި ބަލާލީ ހައިރާންކަމާއެކުގައެވެ. ” ކީއްކުރަންތިއައީ. އަހަރެން ސިނާންގެ އެހިއެއް ބޭނުމެއްނޫން. އަދި ސިނާނަށް މާފު ކުރާކަށް ވެސް ބޭނުމެއްނޫން. އަހަރެންނަށް ބޭނުހާގޮތެއްހަދާފަ ދިޔައިރު އަހަރެން އުޅޭނެ އެކަނިވެރި ހާލު އިހުސާސް ނުކުރެވުނު މީހެއްގެ އެހީއެއް އަހަރެން ބޭނުމެއްނޫން. ދޭނެ މާފެއްވެސް ނެތް. އަދި ދެކޭކަށްކަށް ވެސް ބޭނުމެއްނޫން. ދޭމިތަނުން ” ސާރާ ހިތްހަމަ ނުޖެހިގެން ބުންޏެވެ.
” އަހަރެން ތިކަން ގަބޫލް ކުރަން. އަހަރެން އެދުވަހު ފިލީ ކަމުން ރެކެންވެގެން. އެކަމަކު އަހަރެންނަށް މިއަދު ވިސްނިއްޖެ ކޮންމެވެސް ދުވަހަކުން އެކަމެއްގެ ބަދަލު އަހަރެންނަށް ވެސް ލިބި ހިތާމަ ކުރަންޖެހިދާނެކަން ” ސިނާން ބުނެލިއެވެ. ” ސާރާ އަހަރެންނަށް ފެންނަނީ ސިނާންގެ ވާހަކަ ގަބޫލުކޮށް ސިނާނަށް އަދި އެއްފުރުސަތު ދޭން. މިހެން މިބުނީ ސިނާން އަމިއްލައަށް ސާރާގެ ގާތަށް އައިސް އެހުރީ. އަނެއްކޮޅުން ސާރާ ވެސް ބޭނުމެއްނުވާނެ ދަރިފުޅު ބައްޕަގެ ލޯބިން މަހުރޫމް ވާކަށް ” ޒޭނާ ބުންޏެވެ. ” ހުރިހާ ކަމެއް އެނގިހުރެ ޒޭނާތަ ތިހެން ތިބުނަނީ. މިދަރިފުޅަކީ ހަމައެކަނި އަހަރެން ދަރިއެއް. ސިނާން އަހަރެން ދޫކޮށްލާފަ ދިޔަ ދުވަހުން ފެށިގެން މި ދަރިފުޅުގެ ބައްޕައެއް ނުހުންނާނެ. ބައްޕަޔަކަސް، މަންމަޔަކަސް ހުރި މީހަކީ އަހަރެން. އަހަރެން ބޭނުމެއްނޫން ސިނާނަށް މިދަރިފުޅު ލައްވާ ބައްޕަ ކިޔުއްވާކަށް. ސިނާން އަހަރެން ދޫކޮށް ދިޔުމުން އަހަރެން ގެ މަންއިންބަފައިން އަހަރެން ގެއިން ނެރެލުމުން، އަހަރެން ހާދަ ހާލެއްގައޭ މިއުޅުނީ. ހާދަބުރައެއް އުފުލީމޭ. ސިނާނަކަށް އިހުސާސް ނުކުރެވޭނެ އަހަރެން ގެ ހާލަތު ބުނެދިން ދުވަހުން ފެށިގެންނާ، އަހަރެންގެ މައިން ބަފައިން އަހަރެން ގެއިން ބޭރުކޮށްލި ދުވަހު އަހަރެންގެ ހާލެއް. އަހަރެން އެކަނި ވާނެވަރެއް. ސިނާން ހިތުހުރި ގޮތަކަށް ކަންތައްކޮށްފަ ފިލީ އަހަރެން މުޅި ރަށަށް ބަދުނާމު ކޮށްފަ. ލޯބި ވެޔޭ ބުނެވުނީމާ އެކަމުގެ ހަދިޔާ މިއޮތީ އަހަރެންގެ ގާތުގަ. އިތުރު ހަދިޔާއެއް ބޭނުމެއްނޫން. ވިސްނާނުލެވި އެޅުނު ކަތި ފިޔަވަޅެއްގެ ނަތިޖާއަކީ މީ. ރަނގަޅު ރަހުމަތްތެރިން ދައްކަމުން ދިޔަ ވާހަކަތައް އޮޅި މީހަކަށް ހިތްދެވުނީމާ މިހެންމިވީ. މީހަކަށް ދެރައެއްދީފަ ވަކި އަހަރެންނަކަށް ވެސް މޮޅެއްނުވިކަން އަހަރެންނަށް ވިސްނުނީ މާފަހުން. އެކަމަކު ދެންކުރާނެ ކަމެއްނެތް. ވަގުތު މިވަނީ ފާއިތުވެފަ. އަހަރެންގެ ފަސްބައިގަ މިޖެހުނު ލައްގަޑަކީ އަހަރެން މިދުނިޔެ ދޫކޮށް ދިޔަކަމުގަ ވިޔަސް ފިލާނެ އެއްޗެއްނޫން. އަދި ސިނާންއަށް މާފުކުރުމަކުންވެސް މިބަދުނާމަކުން ސަލާމަތެއް ނުވާނެ ” ސާރާގެ ލޮލުން ކަރުނަ ފައިބައިގަތެވެ. ” ތިހުރިހާކަމެއްވެސް އަހަރެންނަށް އެނގޭ. މިއަދު ސިނާންއަށް ވެސް އެވަނީ އެކަން އިހުސާސްވެފަ. އަހަރެން މިއަދު ސާރާގެ ގާތުގައި ސިނާނަށް މާފުކުރަން މިބުނީ ކޮންމެހެން ސިނާން ކުރި ކަންތައް ރަނގަޅު ވެގެނެއްނޫން. އަދި ސާރާގެ ފަރާތުންވީ ކަންތައްތައް ވެސް ރަނގަޅު ކޮށްފައެއްނޫން. އަހަރެން އެހެން ބުނީ ސާރާގެ ގާތުގައި ތިވާ މައުސޫމް ކުޑަކުޑަ ފުރާނައިގެ ހައްގުގާ. އެންމެ ފަހަރަކުވެސް އެ ތަނެއްދޮރެއް ނުދަންނަ ކުއްޖާއަށް ބަލާލާފަ ބުނެބަލަ، އެކުއްޖާގެ އޮތީ ކޮންކުށެއްތޯ. ބަޔަކު ކުރި އަމަލެއްގޯސްވިޔަސް ތިކުއްޖާގެ އޮތީ އެކަމުގަ ކޮންކުށެއް. އެވަރު ވިސްނާފަ އަހަރެން ސަރާގާތުގައި ސިނާނަށް މާފުކުރަން މިބުނީ. އަހަރެމެން އެންމެން މީ އިންސާނުން. މީގެ ދުވަސްކޮޅެއް ކުރިން ސާރާއަށް ވެސް ވަނީ ކުށެއް ކުރެވިފަ. އަހަރެން ކޮންމެހެން ނޫޅެން ސާރާއަށް އެކަން ހަނދާން ކޮށްދޭކަށް. ބުނަން މިއުޅެނީ ކުއްނުކުރެވޭނެ މީހަކު ނޫޅޭނޭ. ކުށެއް ނުކުރެވޭނަމަ އެއީ ދަރަޖައިގެ ގޮތުން އަހަރުމެންނަށް ވުރެއްމާމަތީ ބައެއް. ސިނާނަށް ވެސް ކުރެވުނުކުއް ގަބޫލުކޮށް ސާރާގެ ގާތަށް އަންނާނީ ސިނާނަށް ވެސް ވިސްނުނީމާ. އެހެންވީމާ ދަރިފުޅުގެ ހައްގުގާ ނަމަވެސް ސިނާނަށް އަދި އެއްފުރުސަތު ދީ. ތިދަރިފުޅުގެ އޮތީ ކޮންކުށެއް ބައްޕަގެ ލޯބިން މަހުރޫމްވާން. ” ޒޭނާ ސާރާއަށް ވިސްނައިދިނުމުގެ ގޮތުން ވާހަކަ ދައްކަމުން ދިޔައެވެ.
” ޒޭނާޔަށް ސިނާން ކޮންއެއްޗެއް ދީގެންތަ ސިނާންގެ ފަރާތުން ތިވަކާލާތު ކުރަނީ. އަހަރެން މިއަދު ވެސް ދެންމެ ވީކަމެއްހެން ހަނދާން އެބަހުރި އަހަރެން ބަނޑުބޮޑު ވާހަކަ ބުނީމާ ސިނާން ބުނި ބަސް. އެދުވަހު ސިނާން މަސައްކަތްކުރީ ސަލާމަތްވާން. މިއަދު ކޮންއެއްޗެއް ހިތަށް އަރައިގެން ކަމެއްނޭންގެ ހުރިހާ ވާހަކައެއް މިދައްކަނީ. ޒޭނާއަށް ވެސް އަހަރެންނާ ހެދި އުނދަގޫ ވަންޔާ ކޮންމެހެން އަހަރެންގެ ގާތަށް ނަޔަސް ހެޔޮ. ފާއިތުވި ނުވަމަހާ ދިހަ ދުވަހު އަހަރެން ވޭނާ ބުރަ އުފުލީ. ސިނާން އެއްނޫން. އެހެންވީމާ އިރާދުކުރެއްވިއްޔާ އަހަރެންނަށް މިދަރިފުޅު ބެލޭނެ. މީހުންނަށް ގުލާމުކޮށްދީގެންވެސް އަހަރެން މިދަރިފުޅު ބަލާނަން. އެކަމަކު އަހަރެން ސިނާންގެ ގާތަށް ސަލާން ޖަހަކަށްނުދާނަން ” ސާރާއަށް ގިސްލާ ރޯންފެށިއެވެ. ” އަހަރެން ނޫޅެން ސާރާޔާ ހެދި އުނދަގޫ ވެގެނެއް. މިއަދު އަހަރެން ސިނާނަށް އެއްފުރުސަތު ދޭން މިބުނީ ސިނާން އަހަރެންނަށް އެއްޗެއް ދީގެން އޭނާގެ ފަރާތުން ވަކާލާތު ކުރާ ވަކީލެއްގެ ހައިސިއްޔަތަކުން ނޫން. އަދި އަހަރެން މީ އެފަދަ ކަމެއް ކުރާނެ މީހެއްވެސް ނޫން. އެކަން ސާރާއަށް ހަމަ ރަނގަޅަށް އެނގޭނެ. އޭނާ ކުރި ކަންތައް ރަނގަޅު ނޫންވީމާ ބުނަންޖެހުނު އެއްޗެއްވާނީ ބުނެފަ. މިއަދު އަހަރެމެން އެންމެން ވިސްނަންވީ މިކުޑަކުޑަ ފުރާނަޔަށް. ސާރާޔާ ސިނާން ކުރި ކަމެއްގެ ސަޒާ ސާރާ ކީއްވެ އަލިފާނެއް ފެނެއް ވަކިނުވާ މިކުޑަ ކުއްޖާއަށް ދޭންތި މަސައްކަތް ކުރަނީ. ސިނާނަށް ކުއްގަބޫލު ކުރެވި، ސާރާ ބޭނުންވާތީ އެއްނު އަންނާނީ. ކުށެއް ކުރެވުމުން ދެވަނަ ފަހަރަށް އެކަން ތަކުރާރު ނުކުރާން އަޒުމް ކަޑައަޅައިގެން ތައުބާއަކީ ވެސް އެވިދާނެ އެއްޗެއް ސާރާ. އަހަރެން ބުނާގޮތެއް ހަދައިގެން އިރާދުކުރެއްވިއްޔާ ސާރާޔަށް ދެރައެއް ނުލިބޭނެ. އެހެންވިމާ އަހަރެންގެ ބަސް ގަބޫލްކުރޭ. ޕްލީޒް…. ” ޒޭނާ ބުނެލިއެވެ.
” އަހަރެންނަށް މާފުކުރޭ ސާރާ. އަހަރެންނަށް ކުރެވުނު ކުށަކީ ކުޑަ ކުށެއްނޫން. ދެވަނަ ކުށެއް އަހަރެން ކުރާކަށް ބޭނުމެއްނޫން. އަދި މިދަރިފުޅު އަހަރެންގެ ލޯބިން މަހުރޫމްވެ، ބައްޕަ ނެތް ކުއްޖެކޭ ބުނާއަޑު އަހާނެ ހިތްވަރެއް އަހަރެންގެ ނެތް. މިދަރިފުޅުގެ އެއްވެސް ކުށެއްނެތް. ކުއްކުރެވުނީ އަހަރެމެން ދެމީހުންނަށް. ކުށަށް ތައުބާވެ އަހަރެން ދިޔަ ދުވަހުން ފެށިގެން އަހަރެންގެ ފަރާތުން ސާރާއަށް ގެއްލުނު ލޯބި ދޭންބޭނުން. އަދި ދަރިފުޅަށް ވެސް ބައްޕަ އެއްގެ ލޯބި ފުރިހަމައަށް ދޭން ބޭނުން. ” ސާރާގެ އަތުގައި ހިފައިގެން ހުރެ މާފަށް އެދުމަށްފަހު ކުޑަކުޑަ މައުސޫމް ދަރިފުޅު ނަގާ އުރާލާ ލޯބިކޮށްލުމަށްފަހު ސިނާން ބުނެލިއެވެ. ” ފާއިތުވެ ދިޔަ ދުވަސްތަކެއް އަނބުރާ ނުގެނެވޭނެ. އެހެން ނަމަވެސް ދެން އެފަދަ ކަމެއް ނުވާނެ ކަމުގެ ޔަގީންކަން އަހަރެން ސާރާޔަށް ދެން. ބޭނުންވަނީ އުމުރަށް އެކީގާވުމަށް ” ސިނާން ދަރިފުޅު ސާރާގެ ގާތުގައި ބާއްވާލުމަށްފަހު ސާރާގެ އަތްނަގާ ސިނާންގެ އަތުތެރެއަށްލާ ބާރުކޮށްލަމުން ބުނެލިއެވެ. އޭރު ސާރާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. ” އަހަރެން ސާރާގެ ކިބައިން އާދޭސްކޮށް ސަލާން ޖަހަން. އަހަރެންނަށް މާފުކުރޭ. ސާރާ ބޭނުން ކޮންމެ އަދަބެއް ދީފަނަމަވެސް، ދިރިއުޅުމަށް ކޮށެއްހުރި ހުރިހާ މަގެއް ކޮށާ، ދިރިއުޅުން އާބާދުކުރުމަށް އަހަރެންނަށް ފުރުސަތެއްދީ ” ސިނާން ސާރާ އޮތް އެނދުގެ ކައިރީގައި ކުޑަކަކޫ މައްޗަށް ތިރިވެ ބުނެލިއެވެ. ސިނާން އާދޭސް ކުރަން ފެށުމުން ސާރާ ޒޭނާޔާވީ ފަރާތަށް މޫނު އަނބުރާލުމުން ޒޭނާ ބޮލުގެ އިސާރާތުން އާއެކޭ ބުނެލާށޭ ބުނެ ބޯޖަހާލިއެވެ. ” ދުވަހަކު ވެސް ދެން އަހަރުން ދެމައިން ދޫކޮށްލާފަ ނުދާތި ” ސާރާ ސިނާނާ ދިމާޔަށް ބަލާލުމަށްފަހު ފުންނޭވާއެއްލަމުން ބުނެލިއެވެ. ” މުޅި އުމުރު އަހަރެން ސާރާގެ މީހަކަށް ވެގެން އުޅެން އަހަރެން ވައުދުވަން ” ސާރާ އެހެން ބުނުމުން އުފަލުން ސިނާން ބުނެލިއެވެ.
ސާހިދު އަކިޔަލް ހޯދަންވެގެން އައިރު ގޭގަ ނެތުމުން އާންމުކޮށް އަކިޔަލް ގޮސް ހުންނަ ދިމާލަށް އަތިރިމައްޗަށް ދިޔައެވެ. މަގުގެ ދެފަރާތުގައި ހެދިފަވާ ގަސްތައް ފަސްދީ ހިނގަމުން ގޮސް އަތިރިމައްޗަށް ފައިބަން ދަނިކޮށް ބަޔަކު ވާހަކަދައްކާ އަޑު އިވިގެން ހިނގުން މަޑުކޮށްލާ ވަރަށް ސިއްރުން ގަސްތަކުގެ ނިވަލުން އަޑު އަންނަ ދިމާލަށް ސާހިދު ބަލާލިއެވެ. ” އަކޫ…. ” ސާހިދުއަށް ބުނެލެވުނެވެ. އޭރު އަކިޔަލް އަންހެން ކުއްޖަކާ ވާހަކަދައްކަން ހުއްޓެވެ. ސާހިދުއަށް ފުރަގަސްވާ ގޮތަށް އަންހެންކުއްޖާ ހުރުމުން ކާކުކަން ނޭންގުމުން ދެމީހުން ދައްކަމުން ދިޔަ ވާހަކަ ކަނުލާ އަޑުއަހަން ހުއްޓެވެ. ” ކީއްވެގެންތަ އަހަރެންގެ ފަހަތުން ތިހެން ތިހިނގަނީ. އަންހެން ކުދިން ތިހެން އުޅުނީމާ ދެކޭމީހުން ވިސްނާނީ މުޅިން ނުބައިކޮށް. އަދި އެހެން މީހަކަށް މިތާތިއްބާ ފެނިއްޖެނަމަ ނޭންގެ ކިހިނެއްކަމެއް ވާހަކަ ދައްކާނީކީ ވެސް ” އަކިޔަލް އެހެން ބުނެލީ މީހަކަށް ފެނިދާނެތީއެވެ. ” އަހަރެން އަކިޔަލްގެ ފަހަތުން މިހެން މިއަންނަނީ ކީއްވެގެންކަން އަކިޔަލްއަށް އެނގޭނެ. އަންހެން ކުއްޖަކަށް ވެގެންހުރެ ލޯތްބަށް އެދި އާދޭސްކުރަމުން އަންނަން ޖެހުނީ، ތީ އަހަރެންގެ ހިތްއެދޭ ހުރިހާ ސިފަތަކެއް ހުރި މީހެއްކަމަށް ވާތީ. ދެން ތިއުޅެނީ މީހަކަށް ފެނިގެން އެއްޗެއް ބުނެފާނެތީ. މީހަކު އެއްޗެއް ނުބުނާގޮތަކަށް އެއްވެސް މީހަކަށް ނޫޅެވޭނެ. އެހެން މީހުން ކިޔާފާނެ އެއްޗަކަށް އަހަރެން ނުވިސްނަން ” ރިޒްނީ ބުނެލިއެވެ. ” އެކަމަކު އެހެން މީހުން ދައްކާފާނެ ވާހަކަޔަށް އަހަރެން ވިސްނަން. އަހަރެން ބޭނުމެއްނޫން ފެންނަ ކޮންމެ މީހަކު އަހަރެންނޭ ކިޔައިގެން ފާޑުފާޑު ވާހަކަދައްކާ އަޑުއަހާކަށް. ތިހުރިހާ ކަމެއް ވަރިހަމަ ވެގެން ހުރޭ. އަދި މީގެ ފަހުން ތިވާހަކަ ދައްކަން އަހަރެންގެ ފަހަތުން ނާންނާތި ” އަކިޔަލް މިހެންބުނެ ހިނގައިގަތެވެ. އަކިޔަލް ދިޔަ މަންޒަރު ބަލަން ރިޒްނީ ހުރުމަށްފަހު ރިޒްނީ ހިނގައިގަތީ ސާހިދު ހުރި މަގާ ދިމާލަށެވެ. އެހެންކަމުން ސާހިދު އަވަސް އަވަހަށް ގަސްތަކުގެ ތެރެއަށްވަދެ ރިޒްނީއަށް ނުފެންނަހެން ފިލިއެވެ.
ސާރާ ވިހައިގެން ހޮސްޕިޓަލުން ދޫކޮށްލުމުން ވެސް ޒޭނާ ސާރާ ގެންދިޔައީ ސާރާ ކުރިން ހުރި ގެއަށެވެ. ސިނާން ދިޔައީ ޒާހިން މެންގެ ގެއަށެވެ. އެކަމަކު ސިނާން ގިނަވަގުތު ހޭދަކުރަނީ ސާރާޔާ ދަރިފުޅު ގާތުގައެވެ. ” އަހަރެން މިހާރު ބޭނުންވަނީ ވީހާވެސް އަވަހަކަށް ސާރާޔާ މެރީ ކުރަން ” ސިނާން ބުނެލިއެވެ. ” އަހަރެންވެސް ބޭނުންވަނީ ތިގޮތް. އެކަމަކު ހާލަތު ހުރިގޮތުން ތިކަމަކީ ވެސް ކުރަން ފަސޭހަކަމެއްނޫން މިހާރު ” ސާރާ ބުނެލިއެވެ. ” ކީއްވެ ފަސޭހަނުވާންވީ ” ސިނާން ސުވާލުކޮށްލިއެވެ. ” ބައްޕަ އަހަރެންނަށް ވަލީއެއް ނުދޭނެ ” ސާރާ މޮޅިވެރި ގޮތަކަށް ބުނެލިއެވެ. ” ވަލީ ނުދިނަސް ދިނަސް އެނގޭނީ ވާހަކަ ދެއްކީމައެއްނު. އަހަރެން ދަންތަ ވާހަކަ ދައްކަން ” ސިނާން ބުނެލިއެވެ. ” ދޭބަލަ. އެކަމަކު އަހަރެންގެ ހިތެއް ނުބުނޭ ބައްޕަ ގަބޫލު ވާނޭ ” ސާރާޔަށް ހީވާއެއްޗެއް ބުނެލިއެވެ.
” އައްސަލާމް ޢަލައިކުމް ” ސިނާން ދޮރުމަތި ހުރެ ސަލާމް ގޮވާލިއެވެ. ” ވަޢަލައިކުމުއް ސަލާމް ” ނާހިދާ ސަލާމް ބަލައިގަންނަމުން ދޮރުމައްޗަށް ނިކުތެވެ. ” ކޮންކުއްޖެއް ” ނާހިދާ ސުވާލުކޮށްލިއެވެ. ” ނާސިދުއާ ބައްދަލުކޮށްލަންވެގެން ” ސިނާން ބުނެލިއެވެ. ” ނާހިދާ ކާކު އައީ ” ސިނާން އެހެން ބުނެލިތަނާ ގޭތެރެއިން ނާސިދު ވާހަކަ ދެއްކި އަޑު އިވުނެވެ. ” ނޭންގެ. ނާސިދު ހޯދަންއައި ކުއްޖެއް ” ނާހިދާ މިހެންބުނެ އެތެރެއަށް ވަދެގެން ދިޔައެވެ. ” ކާކު؟ ” ނާސިދު އައިސް ދޮރުމަތީ ހުއްޓި ސުވާލުކޮށްލިއެވެ. އެވަގުތު ސިނާން ފުރަގަސްދީގެން ހުރުމަށްފަހު ނާސިދުގެ އަޑު އިވުމުން ނާސިދާ ވީފަރާތަށް އެނބުރިއެވެ. ” ކޮންކަމަކު އައި ކުއްޖެއް ” ނާސިދު ދެވަނަ ފަހަރަށް ސުވާލުކޮށްލިއެވެ. ” އަހަރެންނަށް ކިޔަނީ ސިނާން. އަހަރެން މިއައީ ވަރަށް ބޮޑުކަމަކު ” ސިނާން ޖެހިލުންވެ ހުރެ ވާހަކަ ދެއްކިއެވެ. ” ކޮންކަމަކު ” ސިނާން އެހެން ބުނެލުމުން ނާސިދު ފާޑަކަށް ސިނާންގެ މޫނަށް ބަލާލުމަށްފަހު ބުނެލިއެވެ. ” އަހަރެން ސާރާޔާ ކައިވެނި ކުރަން ބޭނުންވާތީ ވަލީ….. ” ނާސިދު ސިނާނާ ދިމާޔަށް ނާސިދުގެ އަތްތިލަ ވާގޮތަށް އަތް ދިއްކޮށްލުމުން ސިނާން ވާހަކަ ހުއްޓާލިއެވެ. ހަމަ އެހިދުން ނާސިދުގެ މޫނުގެ ކުލަވަރު ވެސް ބަދަލުވެގެން ދިޔައެވެ. ” ބުނަން ވަރަށް ރަނގަޅު ވާހަކައެއް. އަހަރެން ވަލީ ދޭންޖެހޭ އަންހެން ދަރިއަކު މިހާރަކު ނުހުންނާނެ. އަހަރެންގެ އިއްޒަތާ އަބުރު އެހެން މީހުންގެ ކުރިމަތީ ވެއްޓިގެން ދިޔަ ދުވަހުން ފެށިގެން ސާރާ އަކީ އަހަރެންނަށް މަރުވެފަވާ މީހެއް ” ނާސިދު ބުނެލިއެވެ. ” ތިހެން ނުބުނޭ. ތިހުރިހާ ކަމެއްގަ ސާރާ ކުއްވެރި ނުކުރޭ. ތިކަމުގަ ސާރާޔަށް ވުރެއްވެސް ބޮޑަށް ކުއްވެރި ވަނީ އަހަރެން. އަހަރެންމީ ސާރާގެ ދިރިއުޅުން ހަލާކުވުމުގެ ހިއްސާދާރަކީ. އެކަމަކު މިއަދު އަހަރެންނަށް ވިސްނިއްޖެ. އަހަރެން ބޭނުންވަނީ ސާރާޔާ ކައިވެނި ކޮށްގެން އުޅެން. ހަމަ އެކަނި އަހަރެން ބޭނުން ބޭނުންވަނީ ސާރާގެ ވަލީ ” ސިނާން އިސްދަށަށް ޖަހާލަމުން ބުނެލިއެވެ. ” ކަލޭމެން އެކުގަ އުޅޭނެ ގޮތަކަށް އުޅެންދޭ. މީގެ ކުރިން ވެސް އުޅުނީ ކަލޭމެންނަށް ފެންނަ ގޮތަކަށްނު ” ނާސިދު ބުންޏެވެ. ” އެދުވަހު އެހެން އުޅެވުނީތީ މިއަދު ހިތާމަކުރަން. އަދި އެދުވަސްތައް އަނބުރާ ނުގެނެވޭނެ. އަހަރެން ކުރި ކުށުގެ އަދަބު ލިބިފަ ނަމަވެސް އަހަރެން ސާރާޔާ ކައިވެނި ކުރަން ބޭނުން. އަދި އަހަރެންގެ ދަރިފުޅު ބައްޕަގެ ލޯބިން މަހުރޫމް ވާކަށް ދޫކުރާކަށް ދެން އަހަރެން ބޭނުމެއްނޫން. އެހެންވެ އަހަރެން މިއައީ ސާރާގެ ވަލީއަށް އެދި އާދޭސް ކުރަން ” ސިނާން ބުނެލިއެވެ. ” އަހަރެން ކުރިން ވެސް ބުނެފިން އަހަރެން ވަލީ ދޭންޖެހޭ އަންހެން ދަރިޔަކު ނުހުންނާނޭ. ދެން ރަގަނޅު ވަނީ މިތަނުން ދިޔެއިއްޔާ ” ނާސިދު މިހެން ބުނެ ސިނާންއަށް ފުރަގަސް ދިނެވެ. އަދި ގޭތެރެއަށް ވަދެގެން ދިޔައެވެ.
” ތީތަ ސިނާން އަކީ؟ ” ނާސިދު ދިޔުމުން ދުރުގަ މަންޒަރު ބަލަން ހުރި ނާހިދާ އައިސް ސިނާން ކުރެން ސުވާލުކޮށްލިއެވެ. ނާހިދާ ސުވާލުކުރުމުން ސިނާން އައިސްދަށަށް ޖަހާލުމަށްފަހު އާއެކޭ ބުނެލުމުގެ ގޮތުން ބޯޖަހާލިއެވެ. ” ކޮބާ އަހަރެން ގެ ސާރާ. ކޮންތާކުވީ ” ނާހިދާއަށް ސުވާލުކޮށްލެވުނެވެ. ” ސާރާ ގަދަވެ ސަލާމަތުން އެބަހުރި. އަހަރެން ގަބޫލު ކުރަން ސާރާގެ ދިރިއުޅުން ބަރުބާދުވީ އަހަރެންގެ ސަބަބުންކަން. އަދި ދެމަފިރިއެއްގެ ހުރި ހަމަ އެކަނި ދަރިފުޅު އެމީހުންނާ ވަކިކުރަން މަޖުބޫރު ވީވެސް އަހަރެންގެ ސަބަބުންކަން. އެކަމަކު އެދުވަހު އަހަރެންނަށް ވެސް ވިސްނާލަންވީ ވަރަށް ވިސްނާނުލެވުމުގެ ނަތީޖާއަކީ މީ. ގަބޫލު ކުރެވޭ ސާރާގެ މަންމަ މާފު އަހަރެންނަށް ނުލިބޭނެކަން ވެސް. އެހެން ނަމަވެސް އަހަރެން ސާރާގެ މަންމަ ކިބައިން މާފަށްއެދެން. އަދި އަހަރެން ސާރާޔާ ކައިވެނި ވެސް ކުރަންބޭނުން. އެކަމަކު އެކަންވާން އޮތީ ސާރާގެ ބައްޕަގެ ރުހުން ލިބިގެން ” ސިނާން ބުނެލިއެވެ. ” ކަންތައްތައް އެގޮތް މިގޮތް ވީމައެއްނޫން އާދޭސް ކުރަން ޖެހޭނީ. ސާރާޔާ އިންނަން ކުރިން ތިހާ ބޭނުންނުވީ ކީއްވެ؟ އިންނަން ބޭނުންނުވެ ކުޅޭ އެއްޗެއްހެން ސާރާ ގެންގުޅުނީ ކީއްވެ؟ ” ސާރާގެ ހަނދާންތައް ރެއެއް ދުވާލެއް ނުބަލާ ކުރަމުންއައި ނާހިދާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު ސުވާލުކޮށްލިއެވެ. ” އެދުވަހު އަހަރެނަށް ވިސްނާނުލެވުނީ ” ސިނާން ބުނެލިއެވެ. ” އެދުވަހު ނުވިސްނުނު ނުވިސްނުމެއް މިއަދު ވިސްނުނީ ސާރާގެ ދިރިއުޅުން ބަރުބާދު ވުމުންތަ؟ ” ނާހިދާ ނުރުހިފަ ބުނެލިއެވެ. ” ނޫން. އެކަމަކު އަހަރެންނަށް ވިސްނުނީ ހުރިހާ ކަމެއް ވެނިމުނު ފަހުން. މިއަދު ސާރާގެ މައިން ފަބައިންނާ ހިސާބުން ފެށިގެން ސާރާގެ ރަހުމަތްތެރިންނާ ހަމަޔަށް ކޮންމެ މީހަކު ވެސް އަހަރެންދެކެ ރުޅިއައުމާ އެއްޗެހި ކިޔުން ހައްޤު. ނުލަފާ ކަމުންވިޔަސް ކުރެވުނު ކުށެއްގެ ސަޒާ އަހަރެންގެ ލޭހިނގާ މައުސޫމް ތަނެއްދޮރެއް ނުދަންނަ ކުއްޖަކަށް ދޭކަށް ނުކެރޭނެ. ސާރާގެ މައިންބަފައިން ނުގަބޫލު ވެގެން ސާރާޔަށް ވަލީ ނުދިނަސް އަހަރެން އަހަރެންގެ ޒިއްމާއިން މިފަހަރު ރެކިގެން ނުދާނަން ” ވަރުގަދަ އަޒުމެއްގަ ހުރިކަން ސިނާންގެ ބަހުން ނާހިދާޔަށް ބުނެދިނުމަށްފަހު އެގެއިން ނިކުމެގެން ސިނާން ދިޔައީ މާޔޫސް ކަމާއެކުއެވެ.
ރިޒްނީ މަގަށް ނިކުމެ ތަންކޮޅަކަށް ދިޔުމުން ރިޒްނީގެ ފަހަތުން ސާހިދު ހިނގައިގަތެވެ. އަދި ސާހިދުއަށް ސިއްރުން އަކިޔަލް އެކަހެރި ތަނެއްގައި ވާހަކަދައްކަން ހުރީ ކާކާތޯ ބެލުމަށް ރިޒްނީ ހިނގަމުން ދިޔަމަގުތަކުން ފާރަލަމުން ގޮސް ގެ ވެސް ހޯދިއެވެ. އަދި މީހެއްކުރެން އަހައިގެން ނަންހޯދާ، ސާހިދުއަށް ކާކުކަން ނޭންގޭ އަންހެން ކުއްޖާގެ ހުރިހާ މައުލޫމާތެއް ވެސް ހޯދިއެވެ. ” ކޮންތާކުތަ؟ ” އަކިޔަލް ސާހިދުއަށް ގުޅާފަ ސުވާލުކޮށްލިއެވެ. ” މިޝަންއެއްގަ މިއުޅެނީ ” ސާހިދު ބުނެލިއެވެ. ” ކޮންކަހަލަ މިޝަންއެއްގަ ” އަކިޔަލް ބުނެލިއެވެ. ” އަދި ނެތްބުނެވޭކަށް ” ސާހިދު ހީލަމުން ބުނެލިއެވެ. ” އެހެންތަ؟ އަހަރެންނަށް ވެސް ސިއްރުންތަ ތިމިޝަން ކުރިއަށް ގެންދަނީ ” އަކިޔަލް ވެސް ހީލަމުން ބުނެލިއެވެ. ” މިވަގުތަށް ސިއްރުން. އެކަމަކު ފަހުން އެނގޭނެ ” ސާހިދު ބުންނެވެ. ” ދެން ފޮނިނުވެ ބުނެބަލަ ” ސާހިދު އެހެން ބުނެގެންވެސް އަކިޔަލް ދޫކުރާކަށް ގަސްތެއް ނުކުރިއެވެ. ” މި ބުނީނު ފަހުން އެނގޭނޭ. ދެން އެވާހަކަ ބާއްވާ….. ކަމަކުތަ ތިގުޅީ ” ސާހިދު އަހާލިއެވެ. ” މިއަދު ފެނިވެސް ނުލާތީޔާ، މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދާންވެގެން އަހަރެންނާއެކު ދާން ހިނގާށޭ ބުނަންވެގެން ގުޅީ. އެކަމަކު ތިއުޅެނީ ބޮޑު މިޝަންއެއްގައެއްނު. އެހެންވީމާ ތި މިޝަން ފުރިހަމަ ކޮށްލާ. އަހަރެން މަންމަ ގޮވައިގެން ގޮސްލާނަން ” އަކިޔަލް ބުނެލިއެވެ. ” ކިހިނެއް އަކޫ އެނގެނީ އަހަރެން ގެއަށް ނުދާކަމެއް. ގޭގަ މަޑުކުރާ މީހަކަށްދޯ އެނގޭނީ އަހަރެން ދިޔަކަން ވެސް. މިޝަން ނުނިމުނަސް މަންމަ ގޮވައިގެން ދާންއިރު އަހަރެން ދާނަން. މަންމަޔަށް ވުރެއް މިޝަން އަހަރެންނަށް މުހިއްމެއްނުވާނެ. އެހެންވީމާ ފަސްމިނިޓް ތެރޭ މިދަނީ. އަކޫ މަންމަ ރެޑީކޮށްލާފަ ކާރަކަށް ގުޅައިގެން ގެނޭ. އޯކޭ ” ސާހިދު މިހެންބުނެ ފޯންކަޑާލިއެވެ.
” މާދަމާ ބިޒީތަ؟ ” އަކިޔަލް އަހާލިއެވެ. ” ކިހިނެއްވީ ” ސާހިދު ބުނެލިއެވެ. ” އެއީ މާދަން ފިހާރައިގެ ހުސްވެފަހުރި ބައެއް މުދާ އަންނާނެތީ” އަކިޔަލް ބުންޏެވެ. ” އަނެއްހެން ބިޒީއެއް ނުވާނެ. ހެނދުނު އެއްނު ބޯއްޓު އަންނަނީ. އެހެންވިމާ ފުރީ ވާނެ. އަދި މިހުރީ ހަނދާން ނެތިފަ. ދީނާ ބުނި އަކިޔަލް ގާތުގަ ބުނާށޯ މާދަން ހުކުރުވީމާ ހުކުރުން ފައިބައިގެން އެގެއަށް ކާން އަންނާށޭ ” ސާހިދު ބުނެލިއެވެ. ” އެހެންތަ؟. އެހެންވިމާ އިނާޔާގެއަށް އައީމާ ޒޭނާ އަންނަންދެން މަޑުކޮށްލަން ބުނެފަދޯ ދާނީ. އެހެން ނޫނީ މަންމަ ގޭގަ ނުކައި އެކަނިވެފަ އޮށްނަނީ ” އަކިޔަލް ބުނެލިއެވެ. ” އޭ ކޮބާ ކޮފީ. މިހާރު ކޮންއިރެއްތަ އޯޑަރު ދިންތާ. މިހާރު ދެން ކޮފީއަކަށް އޯޑަރު ދިނަސް ތިންދުވަސް ވާވަރުވޭދޯ ” ފުހިފާޑަކަށް ސާހިދު ބުނެލިއެވެ. ” ކޮބާ މިޝަން ކިހިނެއް ދިޔައީ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” މިޝަން ހަމަ އަހަރެންބޭނުންވި ގޮތަށް ސަކްސެސްފުލް ” ސާހިދު ބުނެލިއެވެ. “އެހެންތަ؟ ހާދާ ފަސޭހައިން ސަކްސެސްވީ. އަނެއްކާ ކޮންކަހަލަ މިޝަންއެއްތަތީ ތިހާފަސޭއިން ސަކްސެސްވާން ” ގަބޫލް ނުކުރެވޭ ފާޑަކަށް އަކިޔަލް އަހާލިއެވެ. ” އެ މިޝަންގެ ވާހަކަ އަހަރެން އަކޫ ގާތުގަ ބުނާނީ އަކޫ އަހަރެން ކުރާ ސުވާލަކަށް ޖަވާބު ދިނުމުން ” ސާހިދު ބުންޏެވެ. ” އަނެއްކާ ކޮންސުވާލެއްތަ؟ ” އަކިޔަލް އަހާލިއެވެ. ” މިއަދު މެންދުރު ކުރިން އަކޫ ކާކާތަ ވާހަކަދައްކަން ހުރީ ” ސާހިދު ސުވާލުކޮށްލިއެވެ. ” ކޮންތާކު ވާހަކަ ދައްކަން ހުރި ވާހަކައެއް ތިބުނީ ” ހައިރާންކަމާއެކު އަކިޔަލް ސުވާލުކޮށްލިއެވެ. ” އަތިރިމަތީގަ ” ސާހިދު ބުނެލިއެވެ. ” އޯހް… އެއީ އިހަކަށްދުވަހު ފަހަތު އަޅުވާލައިގެން އުޅޭ އަންހެނެއް. އަހަރެން ނުވެސް ދަނަން. އެކަމަކު އަހަރެންނާ ބެހޭ ހުރިހާ މައުލޫމާތެއް އޭނައަށް އެނގޭ ” އަކިޔަލް ބުންޏެވެ. ” އެހެންތަ؟ އަކޫ ނުދައްނަން މީހަކަށް ވިޔަސް އެކުއްޖަކަށް އަކޫގެ ހުރިހާ ކަމެއް އެނގޭނީ ހާދަވަރަކަށް ބަލާތީއޭދޯ. އަނެއްކާ އަކޫ އަހަރުމެން އެންމެންނަށް ސިއްރުން ކުރާކަމެއްނޫންތަ ތީ… ” ސާހިދު ދިމާކުރާ ފާޑަކަށް ބުނެލިއެވެ. ” ސާބަސް. އަހަރެން މިއުޅެނީ ކުރާނެ ކަމެއް ނެތިގެންތަ؟. އަހަރެން ސިއްރުން ވެސް ފާޅުގަވެސް ކުރާކަމެއްނޫން އެއީ. އޭނަ އަހަރެންގެ ފަހަތުން އަހަރެން ދާހާތަނަކުން ދިމާކުރަނީ ” އަކިޔަލް ބުނެލިއެވެ. ” ދެން އަކޫ ސުވާލެއް ނުކުރަންތަ ފަހަތުން އަންނަނީ ކީއްކުރަންތޯ ” ސާހިދު ބުނެލިއެވެ. ” އަހަރެން ސުވާލުކުރީމާ އޭނާ ބުނަނީ އޭނައަށް އަހަރެން ކަމުދާތިޔޯ. އަދި އަހަރެން ދެކެ ލޯބިވެސް ވެޔޯ. އެކަމަކު އަހަރެން ފާޅުގާ އެކަމަށް އިންކާރު ކުރިން ” އަކިޔަލް ސާހިދާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. ކިހިނެއް އަހަރެން އޭނަޔާ ވާހަކަ ދެއްކިކަން ސާހިދުއަށް އެގެނީ ” އަކިޔަލް ސުވާލުކޮށްލިއެވެ.
” އަހަރެން ގެއަށް ދިޔައިރު އަކޫ ގޭގަ ނެތިމާ އަހަރެން ހިތަށް އެރީ ފަހަރެއްގަ ބީޗްގަ ހުރެދާނޭ. އެހެންވެ އަހަރެން އައިސްފަ ބީޗަށް ފައިބާންވެގެން ދަނިކޮށް ބަޔަކު ވާހަކަ ދައްކާ އަޑު އިވިގެން އަހަރެން ވަރަށް ސިއްރުން ބަލާލި އިރު އަހަރެންނަށް ފެނުނީ ތި ދެމީހުން. އެކަމަކު އަހަރެންނަށް އަންހެން ކުއްޖާގެ މޫނެއް ނުފެނޭ. އަދި ކާކުކަމެއް ވެސް ނޭންގެ. އެހެންވެ ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ހުރެފަ، އަކޫ ދިޔައިމާ އަހަރެން އެކުއްޖާގެ ފަހަތުން ގޮސް އޭނަ ވަންނަ ގެއެއް ބަލާފަ، އެއި ކާކުތޯ ވެސް ހޯދިން. އެއީ އޭރުގަ އަހަރެން ކުރިޔަށް ގެންދިޔަ މިޝަންއަކީ ” ސާހިދު ކިޔާދިނެވެ. ” އެވަގުތު އަހަރެން ދެއްކި ވާހަކަ އަޑު އިވުނެއްނު. އެހެންވީމާ ސާހިދުއަށް އެނގޭނެ އަހަރެން ސިއްރުން ކުރާކަމެއް ނޫންކަން އެއީ ” އަކިޔަލް ބުނެލިއެވެ. ” ދެއްކި ހުރިހާ ވާހަކައެއް އަޑެއް ނީވޭ. އަދި ތި މީހުން ވާހަކަ ދައްކަން ތިބީ ކިހާ ވަގުތެއްގަ ކަމެއްވެސް ނޭންގެ. އަޑު އިވުނީ ވަރަށް މަދުއެއްޗެއް. އަހަރެންނަށް އެނގޭ އަކޫ އަހަރެންނަށް ކަމެއް ސިއްރު ނުކުރާނެކަން ” ސާހިދު ހީލަމުން ބުނެލިއެވެ. ” އެހެންވިއްޔާ ބުނެބަލަ އެއީ ކާކުތަ؟ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” ވަރަށް ބޭނުންތަ އެއީ ކާކުތޯ ބަލަން ” ސާހިދު ވެސް ކޮށްލީ ސުވާލެކެވެ. ” އެހާ ބޭނުމެއްނޫން. އެކަމަކު އަހަރެންގެ ފަހަތުން އެވަރަށް ހިނގާތީ ބަލާލަން ބޭނުން ކާކުތޯ. އެކަމަކު ސާހިދު ބުނަން ބޭނުންނެތިއްޔާ ނުބުންޏަސް އަހަރެންނަށް އެންމެ ރަނގަޅު. އަހަރެން މިހާރު ނޫޅެން އެހާވަރަކުން. އަހަރެންގެ ދިރިއުޅުމުގާ އަހަރެނަށް ލޯބި ދަސްވެއްޖެ. ދެން އިތުރު އެއްޗެއް ދަސްކުރާނެ ހިތްވަރެއް އަހަރެންގެ ނެތް ” އަކިޔަލް ކޮފީ ތަށީގަ ތުން ޖަހާލަމުން ބުނެލިއެވެ. ” ނުބުނާކަށް ނޫޅެން. އެކަމަކު ހަމަ އަހާލީ ބޭނުންތޯ ކާކުކަން އެނގެން ” ސާހިދު މިހެން ބުނެފަ ސާހިދުއަށް އެނގޭ އެއްޗެއް ކިޔާދިނެވެ.
” ކިހިނެއްވެފަ ތިއޮތީ ” ޒާހިން ސިނާން ކޮޓަރީ ދޮރުހުޅުވަލުމުން އެނދުގައި އޮށޯވެގެން އޮތް ސިނާން ފެނުމުން ޒާހިން އަހާލިއެވެ. ” ކަމެއްނުވޭ. ހަމަ އޮތީ ” ސިނާން ބުނެލިއެވެ. ” ނުވާނެ އެހެނެއް. ކޮންމެވެސް ކަމެއްވެއްޖެ. އެހެން ނޫންނަމަ ސިނާން ތިހެން ނޯއްނާނެ ” ޒާހިން އެނދުގައި އިށީންނަމުން ބުނެލިއެވެ. ” ދެން ޒާހިންއަށް އެނގޭނު ކިހިނެއްކަން ވެގެން އުޅެނީ ” ސިނާން ތެދުވެ ބުރަކަށިދަށަށް ބާލީހެއްލައި ހަމަ ޖެހިލަމުން ބުނެލިއެވެ. ” ކޮންކަމެއް މިހާރު ވެގެން ތިއުޅެނީ. މިހާރު ސާރާ ވެސް ސިނާންއަށް މާފުކޮށްފިއެއްނު. އެހެންވީމާ ދެން ކޮންކަމެއް ނުވެގެން ތިއުޅެނީ ” ޒާހިން ބުނެލިއެވެ. ” ހަމަ އެކަނި ސާރާ އަހަރެންނަށް މާފުކުރުމަކުން އަދި ހުރިހާ ކަމެއް ފުރިހަމަ އެއްނުވާނެ. އިރަކު އަހަރެން ހިތުހުރި ގޮތަކަށް ކަންތައްކޮށްފަ ހުއްޓަސް މިހާރު އެހެންވާކަށް ބޭނުމެއްނޫން. އަހަރެން މިހާރު ބޭނުންވަނީ ސާރާޔާ ކައިވެނި ކުރަން. އެކަމަކު އެކަންވާން އޮތީ ސާރާގެ ބައްޕަގެ ބަހެއްލިބިގެން ” ސިނާން ބުނެލިއެވެ. ” ދެން ސާރާ ބައްޕަޔާ ވާހަކަދައްކަންވީނު ” ޒާހިން ބުންޏެވެ. ” ވާހަކަ ދައްކަން ގޮސްފަ އަހަރެން މިއައީ ” ސިނާން ބުންޏެވެ. ” ދެން ކިހިނެއްވީ. ކީކޭ ބުނީ ” ޒާހިން ސުވާލުކޮށްލިއެވެ. ” ދެން ކިހިނެއްވާނީ. އަހަރެން މީ ކާކުކަން ބުނެފަ، ބޭނުން ބުނީމާ ހިތްހަމަ ނުޖެހިގެން އެއްޗެހިކިޔާލި. އެކަމަކު އެމީހުން ކީއެއްޗިއްސަށް އަހަރެންގެ ހިތުގަ އެއް ނުރުހުން ކަމެއްނެތް. އަހަރެން ގަބޫލު ކުރަން މިހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ އަހަރެންކަން. އެހެންވީމާ އެމީހުންގެ މަގާމުން އެމީހުން އަހަރެން ދެކެ ރުޅިއައިސްގެން އެއްޗެހި ކިޔުން ހައްޤު ” ސިނާން ބުނެލިއެވެ. ” ހިތްވަރު ދެރަކޮށްނުލާ. އިރާދުކުރެއްވިއްޔާ އަދި ރަނގަޅުވާނެ. ދެން އެކަމާ ނުވިސްނާ ހިނގާ ކާންދާން ” ޒާހިން މިހެންބުނެފަ ސިނާން ގޮވައިގެން ކޮޓަރިން ނިކުމެގެން ކާންދިޔައެވެ.
ހެނދުނު ހެނދުނާ ސިނާން ސާރާގެ ގާތަށް ދިޔައެވެ. އޭރު ސާރާ އޭނާގެ ދަރިފުޅު ފެންވަރުވައިގެން ރީތިކުރަން އުޅެއެވެ. ” މިއަދު މާ އަވަހަށް ހޭލެވުނު ދުވަހެއްތަ؟ ” ސިނާން ފެނުމުން ސާރާ ސުވާލުކޮށްލިއެވެ. ” އަވަހަށް ހޭލެވުނީއެއް ނޫން. ހޭލަން ބޭނުންވެގެން ހަމަ ހޭލީ ” ސިނާން ބުނެލިއެވެ. ” ކިހިނެއްވީ އަނެއްކާ. ކަމެއްއޮތީތަ؟ ” ސާރާ އަހާލިއެވެ. ” ކަމެއްނެތަސް ހޭލެވިދާނެއްނު. ދެން މިއަދު މީ ހުކުރު ދުވަސް ވީމާ ހިތަށް އެރީ ހުކުރުގެ ކުރިން މިގެއަށް އަންނަން. އެހެންވެ މިއައީ ” ސިނާން ބުނެލިއެވެ. ” އެހެންދޯ. އަހަރެން ހީކުރީ ކަމެއްކުރަންވެފަ އޮތީމާކަމަށް އަވަހަށް ހޭލީ ” ދަރިފުޅު ރީތިކޮށް ނިއްމާލުމަށްފަހު ސިނާން އަތަށް ދަރިފުޅު ދެމުން ސާރާ ބުނެލިއެވެ. އެއަށްފަހު ސާރާ އެނދުމަތީ ހުރި ދަރިފުޅު ރީތިކުރަން ބޭނުން ކުރާ ސާމާނުތައް ނަގަންފެށިއެވެ. ” މިހާރުދެން މި މަންޖެއަށް ކިޔާނެ ނަމެއް ފައިނަލް ކޮށްފިންތަ؟ ” ސިނާން ސުވާލުކޮށްލިއެވެ. ” ވަކި އެހެން ނަމެއް ފައިނަލްއެއް ނުކުރަން. އެކަމަކު އަހަރެން މާކުރިން ވެސް ނަމަކާމެދު ވިސްނާފަ އޮންނާނީ ” ސާރާ ބުނެލިއެވެ. ” އެހެންތަ؟. އެއި އަނެއްކާ ކޮން ނަމެއް ” ސިނާން ވެސް ކޮށްލީ ސުވާލެކެވެ. ” ރީޝަމް ” ސާރާ ބުނެލިއެވެ. ” ވަރަށް ރީތި ނަމެއް. ތީ ސާރާ ކޮންތާކުން ހޯދި ނަމެއްތަ؟ ” ސިނާން ބުނެލިއެވެ. ” ނަން ހޯދިތަނެއް ބަލާނެ ކަމެއް ނެތެއްނު. ނަން ރީތި ވަނިކޮށް ނިމުނީނު ” ސާރާ އައިސް ސިނާން ގާތުގައި އިށީންނަމުން ބުނެލިއެވެ. ” އެހެންވިމާ މީ ބައްޕަގެ ރީޝަމް ދޯ ” ސިނާން ރީޝަމްގެ ކޮލަން ދޮނެއްދެމުން ބުނެލިއެވެ.
” ބައްޕަޔާ ބައްދަލުކުރަން ދިޔައިންތަ؟ ” ސާރާ ސުވާލުކޮށްލިއެވެ. ސިނާން އާއެކޭ ބުނެލަމުން ރީޝަމް ސާރާ އަތަށް ދިނެވެ. ” ކީކޭ ބައްޕަ ބުނީ. މަންމަޔާ ދިމާވިތަ؟ ” ސާރާ ސުވާލުކޮށްލިއެވެ. ” މަންމަޔާވެސް ބައްޕަޔާ ވެސް ދިމާވި. ސާރާ ސުވާލުކުރާ އިރުވެސް އެނގޭނު އެމީހުން ބުނާނީ ކީކޭކަން. މިހުރިހާ ކަމެއްވެސް މީ އަހަރެންގެ ނުލަފާކަމުން ވީގޮތް ” ސިނާން ސާރާޔާ ދުރަށް މޫނު އަނބުރާލަމުން ބުނެލިއެވެ. ” ތިހެން ނުބުނޭ ސިނާން. މިކަމުގަ ސިނާން އެކަނި ކުއްވެރި ނުކުރޭ. އަހަރެންގެ ވެސް ވިޔާނުދާކަމުން މިހެންވީ. ރަނގަޅު ވާހަކަ ދައްކަމުން ދިޔަ މިހުންގެ ބަސް ގަބޫލުކޮށްގެން ވިސްނައިގެން ކަންތައްކުރިނަމަ މިއަދު މުޅިދުނިޔެއަށް ގިނަވެ މައިންބަފައިންގެ ލޯބިން ވެސް މަހުރޫމް ވާކަށް ނުޖެހުނީސް. އަހަރެން ވެސް އަހަރެންގެ ކުއްގަބޫލު ކުރަން. ކަން މިހެންވީމާ ބައްޕަމެން ރުޅި އަންނާނެ ކަން އެނގޭ. އެކަމަކު ރީތި ގޮތަކީ އެހުން ކަމަށްވާތީ އަހަރެން ބައްޕަޔާ ބައްދަލު ކުރަން ބުނީ ” ސާރާ ބުނެލިއެވެ. ” ސާރާ ދެރަނުވޭ. އަހަރެން މިފަހަރު ސާރާ ދޫކޮށްލާފަ ނުދާނާން ” ސިނާން މިހެން ބުނެލުމުން ސާރާ ސިނާންގެ ކޮޑުގާ ބޯއަޅާލިއެވެ.
” މިއުޅެނީ ސާހިދާއެކު ދީނާމެންގެއަށް ކާންދާންވެގެން އިނގޭ. ދީނާ ކޮންމެހެންވެސް އަހަރެން ގެންނާށޭ ސާހިދު ގާތުގަ ބުނެފަ އޮތީމާ ދާން މިއުޅެނީ. އެކަމަކު އަހަރެން ދާނީ މަންމަ ގާތަށް އިނާޔާ އައިމާ ” އަކިޔަލް އެހެން ބުނުމުން ސަކީނާ ބޯޖަހާލިއެވެ. ” ދެން އެންމެ ރަނގަޅު އަކިޔަލް ދިޔަސް. އަކިޔަލް އަންނަން ދެން އަހަރެން ދައްތަ ގާތުގަ މަޑުކުރާނަން ” އިނާޔާގެ އަޑަށް އަކިޔަލް ދޮރާދިމާއަށް ބަލާލިއެވެ. ” ދައްތަ ކައިގެންތަ މިއޮތީ ” އިނާޔާ ސުވާލުކޮށްލިއެވެ. ” ނޫނޭ. އަދި ނުކައި އެއޮތީ. ޒޭނާ ވެސް އަދި ނާދެއެއްނު ” އަކިޔަލް ބުނެލިއެވެ. ” އެހެންވިމާ އަދި އިރުކޮޅަކު މަޑުކޮށްލާނީ ޒޭނާ އާދޭތޯ ބަލަން ” އިނާޔާ ބުނެލިއެވެ. ” ޒޭނާ އައިސް އަހަރެން ކޮބާހޭ އަހައިފިއްޔާ ބުނޭ އަހަރެން ސާހިދާއެކު ދީނާމެންގެއަށޭ ދިޔައީ ” އަކިޔަލް މިހެން ބުނެ ގެއިން ބޭރަށް ނިކުތެވެ.
” ކޮބާ މިހާރު ވިސްނައިފިންތަ އެކުއްޖާޔާ މެދު ” ސައިކަލު ދަމުން ސާހިދު އަކިޔަލް ކުރެން އަހާލިއެވެ. ” ކޮން ކުއްޖަކާމެދު ވިސްނައިފިންހޭ ތިއަހަނީ ” އަކިޔަލް އަހާލިއެވެ. ” އަހަރެން ބުނި ކުއްޖާ ” ސާހިދު ބުނެލިއެވެ. ” އަހަރެން ވިސްނަން ޖެހޭވަރުގެ ކާކުގެ ވާހަކައެއް ސާހިދު އަހަރެން ގާތުގަ ދެއްކީ ” އަކިޔަލް ބުނެލިއެވެ. ” ރިޒްނީ ” ސާހިދު ބުންޏެވެ. ” އަހަރެން ނޫޅެން މޮޔަވެގެން. ތިހާ ވިސްނަން ބޭނުންވަންޏާ ސާހިދު ވިސްނާބަލަ. އަހަރެން ނޫޅެން ވިސްނާކަށް ” އަކިޔަލް ބުނެލިއެވެ. ” އަހަރެން ވިސްނަން ބޭނުންވާނަމަ އަހަރެން އަކޫ ގާތުގަ މިހެން ނުކިޔާނެދޯ. ރިޒްނީ އަކޫ އާހެދި އުޅޭކަން އަހަރެންނަށް ޔަގީންވީމާ މިހެން މިކިޔަނީ ” ސާހިދު ބުނެލިއެވެ. ” އެހެންވިއްޔާ ތިނޫން އެހެން ވާހަކައެއް ދައްކާބަލަ ” އަކިޔަލް ގަޔާ ނުވާގޮތަކަށް ބުނެލިއެވެ. ” އަހަރެންނަށް އެނގޭ އަކޫ ހިތްހަމަ ނުޖެހޭކަން މިކަހަލަ ވާހަކަ މިހާރު ދައްކާތީ. އެކަމަކު އަކޫ! އަހަރެން މިހެން މިކިޔަނީ އަކޫ ރުޅިއަރުވާކަށް ނޫން. އަކޫގެ މިހާރުގެ ހާލަތަށް ވިސްނާލާފަ. ފަހުން ވެސް ފައިދާއެއް ކުރާނެ ކަމަށް އުންމީދުކޮށްފަ. ކަންތައް ވީގޮތުން އަކޫގެ އުންމީދުގެ ހުޅުކޮޅު ނިވުނަސް، ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން އަހަރެންގެ އުންމީދުގެ ހުޅުކޮޅު އަދި ނުނިވޭ ” ސާހިދުގެ ބުނެލިއެވެ.
” އަހަރެންނަށް އެނގޭ ސާހިދު އަހަރެންނަށް ދެރަވާނެ ކަމެއް ނުކުރާނެކަން. އަދި އެއްޗެއް ވެސް ނުބުނާނެކަން. އެކަމަކު އަހަރެން ކުރިން ވެސް ސާހިދު ގާތުގައި ބުނިން އަހަރެންގެ ނެތޭ ހިތްވަރެއް. ހަޔާތުގާ ދިމާވި އެންމެ ކަމެއްގެ ސަބަބުން އަހަރެންގެ ހުރިހާ އުންމީދެއް ވިއްސިވިހާލި ވެއްޖެ. މިހާދުވަސް ވެގެން ދިޔައިރު ވެސް އަހަރެން މިއުޅެނީ އެކަންތަކުގެ މަތިން ރަނގަޅަށް ހަނދާން ނައްތާނުލެވިގެން. އެހެންވީމާ އަހަރެން އެހެން މީހަކާ މެދު ވިސްނާނީ ވެސް ކިހިނެއް ” އަކިޔަލް ސާހިދު ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު ބުނެލިއެވެ. ” ހަގީގީ ލޯބި ވެވިއްޖެ ނަމަ އެލޯބި މަތިން ހަނދާން ނައްތާލުމަކީ ފަސޭހަކަމެއް ނޫންކަށް އެނގޭ. މީހުން ބުނާތީ ވެސް އަޑުއަހަން، އެއްވެސް މީހެއްގެ ފުރަތަމަ ލޯބި މަތިން ހަނދާން ނައްތާލުމަކީ ފަސޭހަމެއް ނޫނޭ. އެކަމަކު އެލޯބި މަތިން ހަނދާން ކޮށްގެން ވަކި އަކޫއަށް އޮތީ ކޮންއުފަލެއްތަ؟. ކޮން ހިތްހަމަ ޖެހުމެއްތަ؟. ބުނަން މިއުޅެނީ އެކަމަކުން އަކޫއަށް ފައިދާއެއް ނުކުރާ ކަމެއް ކޮށްގެން އަކޫގެ ދިރިއުޅުން ހަލާކު ކޮށްލަން މަސައްކަތް ކުރުމުގެ ބޭނުމަކީ ކޮބާހޭ!!. އަކޫއަށް ރަނގަޅަށް އެގޭނެ ސާރާ އަކޫގެ ހަޔާތަށް ނާންނާނެކަން. ދެން އަކޫ ބޭނުން ވާނެތަ އެހެން މީހަކު ކުރި ކަމެއް ބޮލުއަޅައިގެން ކަންނުވެ ނަން ވާން. އަހަރެން މިހާވަރަށް ރިޒްނީއާ މެދު ވިސްނާލަން މިބުނަނީ ރިޒްނީ އަކޫ ދެކެ ލޯބިވެގެން އަކިޔަލް ފަހަތުން އަންނާތީ. މިހާރު ބަލަން ޖެހޭނީ ތިމާދެކެ ލޯބިވާ މީހަކު ލިބޭތޯ. ދެން އޮތީ އަނެއްކަންތައް. މިހާރު އަކޫގެ މަންމައަކީ ވެސް ބަލި މީހެއް. މަންމަ ފެންވަރުވާދީ ރީތި އެކުރަނީ ހެޔޮއެދޭ ރައްޓެހިން. އެމީހުން ވެސް އަބަދު ނުތިބޭދާނެކަމަށް ބަލަން ޖެހޭނީ. އެފަދަ ހާލަތެއްގަ އަކޫއަށް މަންމަގެ ކަންތައްތައް އެންމެ ރަނގަޅަށް ނުކުރެވޭ ހިނދު، އަކޫގެ ގާތުގަ އެކަންތައް ކޮށްދޭން އެވަގުތު ހުންނާނީ އަކޫގެ ބައިވެރިޔާ ” ސާހިދު ބުނެލިއެވެ. ދެމީހުންގެ ވާހަކަ މިހާ ހިސާބަށް އައި އިރު އެމީހުންނަށް ތިބެވުނީ ދިނާމެން ގޭކައިރީގައެވެ. ސާހިދު ސައިކަލް މަޑުކޮށްލުމުން އަކިޔަލް އެއްވެސް އެއްޗެއް ނުބުނެ ސައިކަލުން ފޭބިއެވެ. ހީވަނީ ސާހިދު ދެއްކި ވާހަކަ އަކިޔަލްއަށް ވިސްނުނު ހެންނެވެ.
ޒޭނާ އަންނަންދެން މަޑުކުރުމަށްފަހު އިނާޔާ ސަކީނާއަށް ކާންދޭންވެގެން ބަތް މޮޑެގެން ސަމުސަލެއް ހިފައިގެން އައިސް ސަކީނާ އޮތް އެނދުކައިރީ ހުރި ގޮޑީގައި އިށީނުމަށްފަހު ބަތް ސަމުސަލެއް ސަކީނާގެ އަނގައަށް ލެއްވިއެވެ. އެއަށްފަހު ދެވަނަ ބަތް ސަމުސާ ދިއްކޮށްލުމުން ސަކީނާ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ” ކިހިނެއްވީ ދައްތާ. ކާހިތް ނުވަނީތަ؟. ” ސަކީނާ މޫނު އަނބުރާލުން އިނާޔާ ބުނެލިއެވެ. އިނާޔާ އެހެން ބުނުމުން ސަކީނާ ބަލާވެސްނުލާ އޮތެވެ. ” ޒޭނާއަށް ގުޅަންވީތަ؟ ” އިނާޔާ އެހެން ބުނުމުން ސަކީނާ އާއެކޭ ބުނުމުގެ ގޮތުން ބޮލުން އިޝާރާތް ކޮށްލުމުން އިނާޔާ ޒޭނާޔަށް ގުޅަންވެގެން ފޯން ނެގިތަނާ ޒޭނާ އައިސް ގެއަށް ވަނެވެ. ” އަހަރެން ގުޅަން އުޅެނިކޮށް ތިއައީ ” ޒޭނާ ފެނުމުން އިނާޔާ ބުނެލިއެވެ. ” ކިހިނެއްވީ އަނެއްކާ ” ޒޭނާ އަހާލިއެވެ. ” ދައްތަ ނުކާންވެގެން އުޅުނީމާ އަހަރެން އަހާލީ ޒޭނާއަށް ގުޅަންވީހޭ. ބޮލުގެ އިޝާރާތުން އާއެކޭ ބުނީމާ ގުޅާންވެގެން އުޅުނީ ” އިނާޔާ ޒޭނާ އަތަށް ތަށި ދިއްކޮށްލަމުން ބުނެލިއެވެ. ” ކޮބާ އަކޫ؟ ” ޒޭނާ އަހާލިއެވެ. ” ސާހިދާއެކު ދިޔައީ ” ސަކީނާއަށް ފެންތަށި ގެނެސް ބަހައްޓަމުން އިނާޔާ ބުނެލިއެވެ. ” ދަނީތަ؟ ” ސަކީނާގެ އަނގަޔަށް ބަތް ސަމުސަލެއް ލައްވަމުން އިނާޔާ ގެއިން ނުކުންނަން ދަނިކޮށް ޒޭނާ އަހާލިއެވެ. ” މިދަނީ ފިހާރަ ހުޅުވަންވެގެން. މިހާރުވެސް ދެތިން މިހުން އައިސްފަ ގޮސްފި. އަހަރެން އެކަނި އިނީމާ ފިހާރަ ހުޅުވަން ނުދެވިފައިނީ ” އިނާޔާ މިހެންބުނެ ގެއިން ނިކުތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


Nice mi partvx..
Avahah upkohbala aneh part vx
Upload vaa leh las kamun konme faharaku jehey kureege part kiyan. vaahaka kithanme reehchakas mihen vaathee koyan varah foohi
Nice me partvx…
Part 7 nufene.. beynun kiyan plz help..
Koba 7 vana part
next part up kuranee konirakunta ….