ބޭނުންވަނީ އުމުރަށް 09
ހަވީރުގެ ހިތްގައިމު ވަގުތެވެ. އާދައިގެ މަތިން އަކިޔަލް ހުރީ އަތިރިމަތީއެވެ. މަޑުމަޑު ވައިރޯޅި ޖެހެމުން ދިޔަކަމުގައި ވިޔަސް އަކިޔަލްގެ ހަލާކުވެފަވާ ހިތަކަށް ފިނިކަމެއް ނުލިބެއެވެ. އެހެން އެކަނި ހުރިއިރު އަކިޔަލްގެ ހިޔާލުގަ އެނބުރެމުން ދިޔައީ ސާހިދު ދެއްކި ވާހަކަ ތަކެވެ. މާދަމާޔަށް ވިސްނައިގެން ކަންތައް ކުރަންވީ ރަނގަޅު ގޮތުގެ ވާހަކައެވެ. ފުތަރަމަ ލޯބީގާ ނާކާމިޔާބު ވުމަކީ ދިރިއުޅުން މަތިން އުންމީދު ކަޑާލުން ނޫންކަމަށް ބުނި ވާހަކައެވެ. ލޯތްބައްޓަކާ ސަލާންޖަހާ މިހާގެ އަތުގައި ހިފައިގެން ދިރިއުޅުން އާބާދުކުރަން ބުނެ ދެއްކި ވާހަކަތަކެވެ. ” ރިޒްނީ ” ހިޔާލުތަކުން ދުރަށް ޖެހިލެވުނު ވަގުތު އަކިޔަލްއަށް ރިޒްނީގެ ނަން ކިޔާލެވުނެވެ. އެއަށްފަހު ފުންނޭވާއެއް ލުމަށްފަހު ދެކޮޅު ބަލާލިއެވެ. ހީވީ ރިޒްނީ ފެންނަން ހުރެގެން ބަލާލި ހެންނެވެ. ނަމަވެސް ރިޒްނީ ފެންނާކަށް ނެތެވެ. ކުރިން ދުވަހު އަކިޔަލްއަށް ބުނެވުނު އެއްޗަކުން ދެން ރިޒްނީ ނާންނާނެކަން އަކިޔަލްއަށް ވިސްނާނެލެވުނީ މާފަހުންނެވެ. ރިޒްނީގެ އެއްވެސް ކުށެއްނެތި ރިޒްނީގެ ހިތުގަ ޖައްސާލެވުނު ކަމުގެ އިހުސާސް ކުރެވުމުން، ދެން ރިޒްނީއާ ބައްދަލުވުމުން މާފަށް އެދުމަށް އަޒުމް ކަޑައަޅައިގެ އަކިޔަލް ޖީބަށް އަތްޖަހާލައިގެން ގެއަށް ދިޔުމަށް އެއްގަމަށް ހިނގައިގަތުމުގެ ބަދަލުގައި ހިނގަންފެށީ އަތިރިމަތިންނެވެ.
އަކިޔަލްއަށް ރިޒްނީ އެންމެ ފުރަތަމަ އަތިރިމަތިން ފެނުނު ހިސާބަށް ދެވުމުން އެދިމާއަށް ބަލާލެވުނެވެ. ނަމަވެސް އެހިސާބު ވަނީ ފަޅުވެފައެވެ. މީހެއްގެ ފިޔަވަޅުގެ ނިޝާނެއްވެސް އެހިސާބުގެ ދޮންވެލި ގަނޑުމަތިން ފެންނަން ނެތުމުން އަނެއްކާ ވެސް ކުރިއަށް ހިނގަމުން ގޮސް އެހިސާބާ މާދުރު ނޫން ހިސާބުގައި އަތިރިމައްޗަށް ފޭބޭގޮތަށް އޮތް މަގެއްގެ އެއްފަރާތުގައި ދޮންވެލިގަނޑު މަތީ އިށީދެލައިގެން އިސްޖަހާލައިގެން އިން ރިޒްނީ އަކިޔަލްގެ ލޮލުގާ އަޅައިގަތެވެ. އަކިޔަލްއަށް ރިޒްނީ ފެނުން ވަގުތު ރިޒްނީއަށް ވެސް އެދިމާއަށް ބަލާލެވުނީ މީހެއްގެ ހިލަމެއްވިހެން ހީވެގެންނެވެ. ރިޒްނީއަށް އަކިޔަލް ބަލަންހުއްޓާ ފެނުމުން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު އިށީދެ އިންތަނުން ތެދުވެގެން އަވަސް ހިނގުމެއްގައި އެއްގަމަށް ހިނގައިގަތެވެ. ” ރިޒްނީ ” ރިޒްނީ ދާން ފެށުމުން އަކިޔަލްއަށް ގޮވާލެވުނެވެ. ނަމަވެސް ފަސްއެނބުރި ބަލާވެސް ނުލާ ރިޒްނީ ދިޔައީއެވެ. ރިޒްނީ ދިޔުމުން އަކިޔަލް ރިޒްނީ އިށީދެއިން ތަނަށްގޮސް ހުއްޓި ދޮންވެލި ގަނޑުމައްޗަށް ބަލާލުމުން ރިޒްނީ އަޅާފައިން އަކިޔަލްގެ ނަން ފެނުމުން ރިޒްނީ އަކިޔަލަށް އެދޭވަރު ފުރަތަމަ ފަހަރަށް އަކިޔަލްއަށް އިހްސާސް ކޮށްލެވުނެވެ. އަދި ރިޒްނީ ދިޔަ ދިމާއަށް ބަލާލިއެވެ. ނަމަވެސް އޭރު ރިޒްނީ ފެންނާކަށް ނެތެވެ.
” މާހެނދުނާ ތަނަކަށް ދާންވެގެންތަ ދަބަސް ހިފައިގެން ތިއުޅެނީ ” އަކިޔަލް އޮފިހަށްދާން ވެގެން ގެއިން ނިކުންނަނިކޮށް ޒޭނާ އައިސް ގެއަށް ވަނުމުން އަކިޔަލް އަހާލިއެވެ. ” މަންމަ ގޮވައިގެން ވެލި މޮޑެލަން ދާންވެގެން މިއައި. ވެލި މޮޑެލާފަ އަދި ތެޔޮދަމާލަން ވެސް ގެންދަން ޖެހޭނެއްނު. އެހެންވެ މޫދަށް އެރިލާފަ ހިކިލާނެ އެއްޗެއް ވެސް ހިފައިގެން މިއައީ ” ޒޭނާ ބުނެލިއެވެ. ” އެހެންތަ؟. އެކަނިތަ ދަނީ ” އަކިޔަލް އަހާލިއެވެ. ” ނޫނޭ. އިނާޔާ ވެސް އެބަ އާދޭ. އިނާޔާ އައީމަ ދައްތަ ގޮޑިއަށްލާނީވެސް ” ފުރޮޅިލީ ގޮޑި ގެނެސް ސަކީނާ އޮތް އެދުކައިރީ ބަހައްޓަމުން ޒޭނާ ބުންޏެވެ. ” މަންމައަށް ރަނގަޅަށް ބަލާތި “އަކިޔަލް ބުނެލިއެވެ. ” ސާބަހޭ އަކޫ. ތިދެން ކޮންވާހަކައެއްތަ؟. ތިހެން ބުނީމަ ހީވަނީ މަންމަޔަށް ކަމެއްކުރަންވެގެން ގެންދާހެން ” ޒޭނާ ބުނެލިއެވެ. ” ތިހެނެއްނޫން މިބުނީ. މިހާރު އަހަރެންގެ މަންމަ ފިޔަވާއެހެން މީހަކު ނެތްކަން ޒޭނާޔަށް އެނގޭނު. އެހެންވެ ބުނެލީ. އަކޫ އެކަމާ ނުވިސްނާ. އަހަރެމެން މަންމައަށް ވަރަށް ރަނގަޅަށް ބަލާނަމޭ ” ޒޭނާ މިހެން ބުނެލުމުން އަކިޔަލް އޮފީހަށްދާން ވެގެން ގެއިން ނިކުމެގެން ދިޔައެވެ.
” ދެން ކޮންދުވަހަކުން އަހަރެމެން މެރީ ކުރާނީ. މިހެން ރައްޓެހިވެގެން ވެސް ކިހާދުވަހެއް މިވަނީ ” ދީނާ ސާހިދު ގާތުގައި ބުނެލިއެވެ. ” ތިކަމާ އަހަރެން އެނބަ ވިސްނަމޭ. އެކަމަކު އަދިވެސް ވަޒީފާ ހަމަ ނުޖެހޭތީ މަޑު މިކުރަނީ. ދެން ދީނާ ބޭނުމެއްނުވޭ އަހަރެން ރަށުން ބޭރު ވަޒީފާ އަކަށްދާކަށް ” ސާހިދު ބުނެލިއެވެ. ” ވަޒީފާޔަށް ރަށުން ބޭރަށް ނުދިޔަސް ހަމަ ވަޒީފާއެއް ލިބިދާނެދޯ. ދެން ވަޒީފާއެއް އޮތްތޯވެސް ނުބަލާ ހަމަ ހުރެގެން ކޮންމެއެއްޗެއް ވެސް ކިޔާފާނެ ” ދީނާ ބުނެލިއެވެ. ” ދީނާޔަށް ކިހިނެއް އެނގެނީ އަހަރެން ނުބަލާކަމެއް. އަހަރެން ގާތުގައި ރައްޓެއްސެއް ބުނި އިހައްދޫ ސްކޫލްގަ ކޮންމެވެސް ވަޒީފާއެއް އޮތްވާހަކަ. އެކަމަކު އަދި މިއުޅެނީ ބަލާ ނުލެވިގެން ” ސާހިދު ބުންޏެވެ. ” ދެންވެސް ބުނާނެދޯ އަހަރެން ތަނެއްދޮރެއް ނުބަލާ ހުރެގެން ވާހަކަ ދައްކަނީއޭ. ރައްޓެއްސަކު އެހެން ބުނީމަވެސް ސާހިދުއަށް ވަޒީފާ އޮތްތޯ ބަލާލާނެ ވަގުތެއް ނުވޭނު. ދެން ލަސްނުވަނީސް ބަލާބަލަ ” ދީނާ ބުނެލިއެވެ. ” ދެން އެކަމާ އެހާވަރަށް ނުވިސްނާބަލަ. އަހަރެން މާދަން ބަލާނަން ” ދީނާ ސާހިދުގެ ގަޔާ ކައިރި ކޮށްލަމުން ބުނެލިއެވެ.
ރޭގަނޑުގެ ބޮޑުބައި ފާއިތުވެގެން އެދަނީ ރިޒްނީ އަކިޔަލާ މެދު ވިސްނާ ފިކުރު ކުރުމުގާ އޮށްވައެވެ. އެންމެފަހުން އަކިޔަލްއާ ބައްދަލު ވިފަހުން ޒޭނާ އަކިޔަލް ފެންނަ ހިސާބަށް ނުގޮސްހުރީ އަކިޔަލް ދެކެން ބޭނުންނުވާތީއެއް ނޫނެވެ. ހިތްވަރުކޮށްލާފަ ވެސް ކުރިމަތިލާން ކެރޭނީ ކާމިޔާބު ވާނެކަމުގެ ކުޑަވެސް އުންމީދެއް އޮތްނަމައޭ ރިޒްނީގެ ހިތަށް އެރިއެވެ. ރިޒްނީއަށް އަތިރިމަތިން އަކިޔަލް ފެނުން ވަގުތު އަކިޔަލް ބަލަން ހުރިގޮތުން އަކިޔަލް އެއްޗެއް ބުނަން އުޅުނުހެން ރިޒްނީއަށް ހީވިއެވެ. ނަމަވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެންމެފަހު ބައްދަލުވުމާ ހަމަޔަށް އަކިޔަލްގެ ވާހަކަ ހުރި ގޮތުންނާއި، އަކިޔަލާ އެންމެފަހު ބައްދަލުވުމުގަ އަކިޔަލް ބުނި އެއްޗަކުން އަކިޔަލް ފެނުމުން މަޑުކޮށްލުމެއްނެތި ދިޔައީ އަކިޔަލްއާ ކުރިމަތިލާނެ ހިތްވަރު ނެތިގެންނެވެ. ސަލާންވެސް ޖެހޭނީ ވަކިވަރަކަށްކަން ރިޒްނީއަށް ވިސްނުނީ އަކިޔަލްގެ ލޯބި ހޯދަން މަސައްކަތް ނުކުރާށޭ ބުނި ހިސާބުންނެވެ. ރިޒްނީ މިހެން ކަންތައް ކުރިޔަސް، ލޯބި ނުލިބުނީކަމަށް ގަބޫލެއް ނުކުރެއެވެ. އަދި ލޯބި ހޯދަން މަސައްކަތް ކުރުން ވެސް ހުއްޓާލީއެއްނޫނެވެ. އެހެންކަންތައް ކުރީ ވަރަށް ރަނގަޅަށް ވިސްނާފައެވެ.
” އަކޫ ކޮންތާކުތަ؟ ” ސާހިދު ގުޅާފަ ސުވާލުކޮށްލިއެވެ. ” އަހަރެން އޮފީހުގަ މިހުރީ. ކިހިނެއްވީ ސާހިދު. ހާދަ ހާސްވެފަ ތިހުރީ ” ސާހިދުގެ އަޑުން ކަމަކާ ހާސްވެފަ ހުރިހެން ހީވުމުން އަކިޔަލް ވެސް ސުވާލުކޮށްލިއެވެ. ” އަކޫގެ މާމަ މަރުވެގެން އެބައުޅޭ ” ސާހިދު ލަސްނުކޮށް ބުނެލިއެވެ. އެވަގުތު އަކިޔަލްއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ” ކޮންއިރަކު؟؟؟ ” އަކިޔަލްއަށް އަހާލެވުނެވެ. ” މީގެ ކުޑައިރުކޮޅެއް ކުރިންނޯ. އަހަރެން ގާތުގަވެސް މަންމަ ބުނީމާ އަހަރެންނަށް ވެސް ގަބޫލު ކުރަން އުދަގޫވި. އެހެންވެ އަހަރެން ގޮސް ބަލާ ޔަގީން ކޮށްފަ އަކޫއަށް މިގުޅީ. އަވަހަށް އާދޭ. އަހަރެން މިހުރީ ގެކައިރީގަ ” ސާހިދު ބުނެލިއެވެ. ” އިނާޔާ ގާތުގަ ބުނޭ އަދި މަންމަ ގާތުގަ މާމަ މަރުވި ވާހަކަ ނުބުނާށޭ ” އަކިޔަލް މިހެން ސާހިދު ގާތުގައި ބުނެފަ ލޮލަށް ޖަމާވި ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު ފޯން ޖީބަށް ލަމުން ސައިކަލަށް އަރާ ދުއްވާލިއެވެ.
އަކިޔަލް ގެ ކައިރިއަށް އައިސް މަގުގެ އެއްފަރާތުގައި ސައިކަލު ބެހެއްޓުމަށްފަހު ސާހިދުގެ ސައިލަކަށް އަކިޔަލް އެރުމުން ދޮންއައިސަގެ ގެއާދިމާލަށް ސާހިދު ސައިކަލު ދުއްވާލީ އާންމުކޮށް ދުއްވާވަރަށް ވުރެއްބާރަށެވެ. އަކިޔަލްއަށް އެގެއަށް ދެވުންއިރު ހިސާބުގަނޑު މިހުން އެއްވެފާތިއްބެވެ. އެހެންކަމުން މީހުންގަނޑު އެއްފަރާތަށް ޖައްސަމުން އަކިޔަލް ގޭތެރެއަށް ދެމިގަތެވެ. ފަހަތުން ސާހިދު ވެސް ދެމިގަތެވެ. އޭރު ދޮންއައިސަ ފައްޖެހި އެދެއްގެމަތިގައި ބާއްވާފަ އޮތެވެ. ގައިގެ ދެފަރާތަށް ދެމިފަވާ އަތާ، މެރިފަވާ ދެލޮލާއެކު ދޮންއައިސްގެ މޫނަށް ބަލާލެވުމުން ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ފައިބައިގަތެވެ. އަދި ދޮންއައިސަ ބާއްވާފަ އޮތް ފައްޖެހި އެދުގެ ކައިރިއަށް ތިރިވެ ދޮންއައިސްގެ ފުރާނަނެތް އަތުގައި ހިފާ ސަކުވާގެ ރާގެއްގަ މާމާއޭ ކިޔާ ވޭނުން ފުރިގެންވާ ގޮތަކަށް ގޮވަން ފެށިއެވެ. ” މާމަގެ ލޯބި އަހަރެންނަށް ބޭނުންވި ދުވަހު އަހަރެން އެކަނިކޮށްލާފަ މާމަ ތިދިޔައީ ކީއްވެ. އަހަރެންގެ ހަޔާތުގައި މަންމަގެ ލޯބި ފިޔަވާ އެހެން މީހެއްގެ ލޯބި ނުވަނީތަ؟. މާމާ ތެދުވެބަލަ… އާދޭސް ކޮށްފަ މިބުނީ މާމާ…. ” އަސަރުން ފުރިގެންވާ އެތައް ވާހަކަތަކެއް އަކިޔަލް ދޮންއައިސްގެ އަތުގައި ހިފަހައްޓައިގެން އިދެ ގިސްލަ ގިސްލާފަ ރޮމުން ދައްކަމުން ދިޔައެވެ. ނަމަވެސް މިއަދު ރުޅިއައިސްގެން ބުރަކަށީ އަތްއަޅާ ކޮށްޕާލާކަށް، އަދި އެވޭނުން ފުރިގެންވާ ވާހަކަތައްވެސް އަޑު އަހާކަށް ދޮންއައިސަ މިދުނިޔެއަކު ނެތެވެ. ” ދަރިފުޅާ ” އަކިޔަލްގެ ކޮޑުގާ އަތް އަޅާލާފަ އިބުރާހިމް ގޮވާލުމުން އަކިޔަލް އިސްއުފުލާ ބަލާލީ ހައިރާން ކަމާއެކުއެވެ. ސަބަބަކީ މިހުރިހާ ދުވަސް ވީއިރުވެސް އިބުރާހިމް އެހާލޯބިން ގޮވާލާފަނެތީމައެވެ. ” ދަރިފުޅާ މާމަ…. ” ދޮންއައިސައަށް ބަލާލުމަށްފަހު އިބުރާހިމަށް ރޮއިގަނެވުނެވެ. އެވަގުތު އަކިޔަލް އިބްރާހިމް އޭނާގެ ގަޔާ ކައިރިކޮށް ބައްދާލިއެވެ. އޭރުވެސް އަކިޔަލްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަޔަކަށް ބަދަލެއް ނާދެއެވެ.
” ކާފާ. ދެރަނުވޭ. ތިހެން ރުއިމަކުން މާމަ ދެން އެނބުރިއެއް ނާންނާނެ. މިއަދު މާމަ މިދުނިޔޭގަ ނެތުމުން އަހަރުމެން ކަރުނައަޅަންވީއެއްނޫން. މިއަދު އަހަރެމެން އަޅާ ކަރުނައިން މާމައަށް ފައިދާއެއް ނުކުރާނެ. އެކަމަކު އަހަރެމެން މާމަގެ މައްޗަށް ހެޔޮއެދިގެން ދުޢާކޮށްފިނަމަ އެކަމުގެ ފައިދާ މާމައަށް ކުރާނެ ” އަކިޔަލްގެ ގަޔާ އިބުރާހިމް ދުރުކޮށްލުމަށްފަހު ބުނެލިއެވެ. ” ކާފަ، މާމަ މުޅިއުމުރަށް ބޭނުންވިފަދައިން އަހަރެން މާމަ ވެސް ކާފަވެސް މުޅިއުމުރަށް ބޭނުންވި. ކާފަޔާ މާމަގެ ލޯބި އަހަރެން ބޭނުންވެފާވަނީ އިންތިހާޔަށް. އެކަމަކު މިއަދު އަހަރެންނަށް މާމަގެ ނަފުރަތުގެ ބަސްތައް އަޑުއަހާފަ، މާމަގެ ލޯބިން މަހުރޫމްވެ، މާމަ އަހަރެންގެ ލޮމަތިން ގެއްލުން ފިޔަވާ އެހެން އެއްޗެއް ނުލިބުން ” ނިޔާވެފަ އޮތް ދޮންއައިސައަށް ބަލަންހުރެ އަކިޔަލް ބުނެލިއެވެ. ” ކެއްތެރިވޭ އަކޫ ” އަލިޔަލްގެ ފުރަގަހުގައި ހުރެފަ ސާހިދު އަކިޔަލްގެ ކޮޑުގައި އަތްއަޅާފަ ބުނެލިއެވެ. ” ދޮންއައިސަ ހިނެވުމުގެ ކަންތައް ލަސްނުކޮށް އަވަސްކުރަންވީއެއްނު ” ރަށު މިސްކިތު މުދިންބެ އައިސް އިބުރާހިމް ގާތުގައި އެހެން ބުނެލުމުން އިބުރާހިމް ބޮލުގެ އިޝާރާތުން އާއެކޭ ބުނުމުން މުދިންބެ ގޭތެރޭ އެއްވެފާ ތިބިމީހުންނަށް ގޭތެރެ ހުސްކޮށްލަ ދިނުމަށް އެދުނެވެ.
” ކާފާ. އަހަރެން ކާފަ ގާތުން ކަމަކަށް އެދެން. އަހަރެން އުންމީދު ކުރަން ކާފަ މިކަމަށް ދެކޮޅު ނަހަދާނެކަމަށް ” އިބުރާހިމުގެ ފަހަތުން އަކިޔަލް ބޭރަށް ނިކުމެފަ ބުނެލިއެވެ. ” ކޮންކަމަކު ކިޔަން ތިއުޅެނީ ” އިބުރާހިމް އަހާލިއެވެ. ” މާމަ ވެސް އަދި ކާފަވެސް މަންމަ އަދި ބައްޕަދެކެ ރުޅިއަންނަކަން އެނގޭ. އޭގެ ފަހުން އަހަރެންދެކެ ވެސް. އެކަމަކު އަހަރެމެންގެ މިކުޑަކުޑަ އާއިލާޔަށް ވާނެ އިތުރެއްނެތް. ވިއްޔާ ވާނީ މަދު. ކަން އެހެން އޮތަސް މިއަދު މާމަގެ ކަށުކަމާކެމީގެ ހުރިހާކަމެއް ކުރަން ބޭނުންވަނީ އަހަރެން. މާމަގެ ކަށުކަމާކެމީގެ ކަންތައްތަކުގަ ކިތައްމެ ބޮޑު ހަރަދެއް ކުރަން ޖެހުނަސް އެހަރަދު ކުރަން ބޭނުންވަނީ އަހަރެން ” އަކިޔަލް ބުނެލިއެވެ. ” ކުރަންޖެހޭ ހުރިހާ ކަމެއް އަކިޔަލް ގާތު އަހައިގެން ކުރިޔަށް ގެންދޭ ” އިބުރާހިމް މުދިންބެ ގާތުގައި އެހެން ބުނެލުމަށްފަހު ހިނގައިގަތެވެ. ” ހިނގާ ގެއަށް ގޮސްލާން ” އަކިޔަލް މިހެން ބުނުމުން ސާހިދު އަކިޔަލް ގޮވައިގެން ގެއަށް ދިޔައެވެ. ” ސާހިދު އެބަޖެހޭ ކަމެއް ކޮށްލަދޭން. މާމަ ހިނަވާ ހުރިހާ ކަމެއް ނިމެންވާއިރަށް މާމަ ގާތުގައި ކިޔަވާލާނެ ދެތިން ކުދިން ހޯދާލަދީ ” އަކިޔަލް ސައިކަލުން ފައިބަމުން ބުނެލިއެވެ. ސާހިދު އާއެކޭ ބުނެލުމަށްފަހު ސައިކަލް ދުއްވާލިއެވެ.
ސާހިދު ދިޔުމުން އަކިޔަލް މަޑު ހިނގުމެއްގަ އައިސް ގޭދޮރުމައްޗަށް އެރިއެވެ. އެވަގުތު ކުރިމަތީ އޮތް އެނދުގައި އޮތް ސަކީނާ ބަލާލިއެވެ. ” ވާހަކަ ރަގަނޅަށް ނުދެއްކުނަސް އަކިޔަލް ހުރި ގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަން ސަކީނާއަށް އެނގުނެވެ. އެހެންކަމުން ސަކީނާ ރަނގަޅު އަތުން އަކިޔަލް ބަލާލުމުން ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ. ނަމަވެސް އަކިޔަލް އެއްވެސް އެއްޗެއް ނުބުނެ އައިސް ސަކީނާ އޮތް އެނދުގެ މަގަތުން އިށީދެލުމުން ދެވަނަ ފަހަރަށް ސަކީނާ އަނެއްކާވެސް އަތުގެ އިޝާރާތުން ސުވާލުކޮށްލިއެވެ. ” އެއްވެސް ކަމެއްނުވޭ މަންމާ ” އަކިޔަލް ބުނެލިއެވެ. އެވަގުތު ސަކީނާ ދެފަރާތަށް ބޯހޫރާލުމުން އަކިޔަލް މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. އަދި ލޮލުން ފޭބި ކަރުނަތައް ފޮހެލިއެވެ. ” މަންމަ މިހާރު އެއްޗެއް ކައިފިންތަ ” އަނެއްފަރާތަށް އަކިޔަލް މޫނު އަނބުރާލުމުން ސަލާމަތުން އޮތް އަތުން ހަރަކާތެއް ނެތް އަތުގައި ހިފާ އަކިޔަލްގެ ފައިމަތީގައި ބޭންވުމުން އަކިޔަލް ބަލާލާފަ ބުނެލިއެވެ. އަކިޔަލް ކައިފިންތޯ ސުވާލުކުރުމުން ވެސް ސަކީނާ އަކިޔަލް ގާތުން ސުވާލުކުރަމުން ދިޔައީ އަކިޔަލްއަށް އައިސްފަ ހުރި ބަދަލާ މެދުއެވެ. ސަކީނާ ބަލި އެނދުގައި އޮތްކަމުގައި ވިޔަސް އަކިޔަލްއަށް ކިރިޔާވެސް ބަދަލެއް އައިސްފިނަމަ ސަކީނާއަށް އެކަން ފާހަގަ ކުރެވެއެވެ.
” މާމަ ނިޔާވެއްޖެ ” އަކިޔަލްއަށް އެހެންގޮތެއް ނެތުމުން ބުނެލިއެވެ. އެވަގުތު ސަކީނާ ރޯންފެށިއެވެ. އަދި އަތުގެ އިސާރާތުން ކޮންއިރަކުހޭ އަހާލިއެވެ. ” މީގެ އިރުކޮޅެއްކުރިން. އަހަރެން މިއައީ އެގެއިން ” އަކިޔަލްއަށް އެހެން ބުނެވުނު އިރު ހިފެހެއްތުމެއްނެތި ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ބަލި އެނދުގައި އޮތް ސަކީނާ ވެސް ރޮނީއެވެ. ކޮންމެ މީހަކަށްވެސް މިދުވަސް އަންނާނެ. އެކަމަކު އަހަރެން އެންމެ ދެރަވަނީ މާމަ އަހަރެންނާ ރީތިކޮށް ވާހަކަ ވެސް ދައްކާނުލާ، އަދި ލޯބިން އަހަރެންގެ ގައިގަ ފިރުމާނުލާ މިދުނިޔެ ދޫކޮށްދިޔުމުން ” އަކިޔަލްއަށް ގިސްލެވެން ފެށުމުން ސަކީނާ އަކިޔަލާ ދިމާއަށް އަތްދިއްކޮށްލުމުން އަކިޔަލް ސަކީނާޔާ ދިމާއަށް ގުދުވެ ސަކީނާގެ ހަރަކާތެއްނެތް އަތުގަ ބޯޖައްސާލުމުން ސަލާމަތުން އޮތް އަތުން އަކިޔަލްގެ ބޮލުގައި ސަކީނާ ފިރުމާލިއެވެ. އެވަގުތު ގޭދޮރުމައްޗަށް މީހަކު އެރިހެން ހީވުމުން އަކިޔަލް އަވަސް އަވަހަށް އިސްއުފުލާ ބަލާލަމުން ލޯފުހެލިއެވެ. އޭރު ދޮރުމަތީ ތިބީ ހަމްދާނާ ޒޭނާ އެވެ. ” އަކޫ މިއަދު ތިހެން ހިތްވަރު ކޮށްލުމެއްނެތި ރޯންއިނީމާ މަންމައަށް ވާނީ ކިހިނެއް ” ހަމްދާން އައިސް އަކިޔަލް ސަކީނާޔާ ދުރަށް ގެންދިޔުމަށްފަހު އެހެން ބުނުމުން އަކިޔަލަށް އަނެއްކާ ވެސް ރޯންފެށުނެވެ. ” ހިތްވަރުކުރޭ އަކޫ. އެހެންނޫނީ މަންމަޔަށް ކިހިނެއްވާނީ. އަކޫ ތިހެން ރޮންޏާ މަންމަޔަށް ވެސް އެއްވެސް ހިތްވަރެއް ނުލިބޭނެއްނު. މިއަދު މަންމަޔަކީ ބަލި މީހެއް. މަންމަގެ ހިތްވަރަކީ އަކޫ. އެކަމަކު އެމަންމަގެ ކުރިމަތީ އަކޫ ތިހެން ހިތްވަރު ދެރަކޮށްލަން ވެއްޖެނަމަ މަންމަ ގެ ވެސް ހިތްވަރެއް ނުހުންނާނެއްނު. ބަލާބަލަ މިހާރުވެސް މަންމަ ދެރަވެގެން އުޅޭވަރު ” ހަމްދާން އަކިޔަލް ހަމަޔަކަށް އަޅުވާލެވޭތޯ ވާހަކަ ދައްކަމުން ދިޔައިރު ޒޭނާ ސަކީނާ ހަމަ ޖައްސާލެވޭތޯ އުޅެއެވެ.
” ދައްތަ މާމަ ގާތަށް ގެންދަންވެގެން މިއައީ ” ސަކީނާ ރޮމުން އަތްނަގާ ދޮރާދިމާއަށް ދިއްކުރަން ފެށުމުން ޒޭނާ ބުނެލިއެވެ. އޭރު ޒޭނާގެ ވެސް ދެލޯ ވަނީ ސަކީނާ ރޯތަންފެނުމުން ފެންކަޅިވެފައެވެ. ” އެކަމަކު ދައްތަ ގެންދާނީ އެތަނަށް ދިޔަސް ނުރޯމަތިން ” ޒޭނާ އެހެން ބުނުމުން ސަކީނާ ބޮލުގެ އިސާރާތުން އާއެކޭ ބުނެލުމުން ޒޭނާ ސަކީނާގެ ލޯފޮހެލިއެވެ. އޭރު ސާހިދު ވެސް އައިސް ގެއަށް ވަންނަނީއެވެ. ” ހިނގާދާން ” ސާހިދު ގޭތެރެއަށް ވަދެ ބުނެލިއެވެ. ” ތިދެމީހުން ދައްތަ ގޮޑިއަށް ލާދީބަލަ ” ޒޭނާ ސާހިދާ ހަމްދާންއަށް މުހާތަބްކޮށް ބުނެލިއެވެ. ” އަކޫ ނެއްތަ ކުޑައެއް ” ޒޭނާ ކުޑައެއްގެ ވާހަކަ ބުނުމުން އަކިޔަލް ކުޑައެއް ގެނެސް ދިނެވެ. އެއަށްފަހު ސަކީނާ ގޮވައިގެން އެންމެން ގެއިން ނިކުމެގެން ދޮންއައިސަގެ ގެއާދިމާޔަށް ހިނގައިގަތެވެ. އޭރު ދުރުގައި އެމަންޒަރު ބަލަން ރިޒްނީ ހުއްޓެވެ. ރިޒްނީއަށް ވެސް ދޮންއައިސަ ނިޔާވި ހަބަރު ލިބުމުން އަކިޔަލްގެ ހާލެއް ބަލަންވެގެން އެގެއަށް އައި ވަގުތަކީ އެމީހުން ގެއިން ނިކުމެގެން ހިނގައިގަތް ވަގުތުކަމުން ރިޒްނީ ދުރުގަ މަޑުކޮށްލިއެވެ.
ސަކީނާ ގެންދިޔައިރު ދޮންއައިސަ އޮތީ ހިނަވާ ހުރިހާ ކަމެއް ނިމިފައެވެ. ސަކީނާޔަށް ދޮންއައިސަގެ ހިނަވާފައޮތް މަސްގަނޑު ފެނުމުން ހިނދުކޮޅަކަށްވެސް ކެއްނުކުރެވުނެވެ. ” ދައްތާ. ނުރޮއި ހުއްޓާލާ. މިއަދު ދައްތަ ކެއްކުރަން ވާނެ ” ޒޭނާ ސަކީނާގެ ދެލޯފޮހެލަމުން ބުނެލިއެވެ. ” މަންމާ. ކެއްތެރިވޭ. މީ ކެއްތެރި ވާންވީ ވަގުތު ” ސަކީނާ ހުއްޓާނުލުމުން އަކިޔަލް އައިސް ސަކީނާގެ ގާތުގައި ބުނެލިއެވެ. އަކިޔަލް އެހެން ބުންޏަސް ހުއްޓާލާނީ ވެސް ވަކި ކިހިނެއް ހެއްޔެވެ؟ ސަކީނާޔާ މެދު ދޮންއައިސަ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ދޮންއައިސައަކީ ސަކީނާގެ މަންމަ ނޫންކަމަކަށް ނުވާނެއެވެ. އަދި ގުދުރަތުން އެދެމެދުގައިވާ ގުޅުންވެސް ކަޑާނުލެވޭނެއެވެ. ކަން މިހެން އޮތުމުން ވެސް މިއަދު ސަކީނާއަށް ރުއިން ހުއްޓާލެވޭނީ ކިހިނެއް ހެއްޔެވެ؟ ސަކީނާޔަށް ހުއްޓާނުލެވުމުން އަކިޔަލް ޒޭނާގެ ގާތުގައި ސަކީނާ ބޭރަށް ނެރިލަން ބުންޏެވެ. އޭގެ އިރުކޮޅެއްފަހުން އެންމެންނަށް ސަކީނާގެ މޫނު އެންމެ ފަހުފަރަށް ދެއްކުމަށްފަހު އަކިޔަލާ އިބުރާހިމްގެ އަތުން ސަކީނާގެ މޫނުއެޅިއެވެ. އެވަގުތު ވެސް އަކިޔަލްގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ލޯބިވާ މާމަގެ ފުރާނަނެތް ހަށިގަނޑު ފަސްދަށަށް ދިޔުމުގެ ކުރިން އަކިޔަލްގެ އަތުން މޫނުއަޅަން ޖެހުމުން ހިތް ފުޑުފުޑުވި ކަހަލައެވެ. ނަމަވެސް ކައިރީގައި ތިބި ރައްޓެހިންގެ ހިތްވަރުން އަކިޔަލް މަސައްކަތް ކުރީ އަޅަމުންއެދާ ކަރުނަ މާމައަށްޓަކާ ހުއްޓާލާށެވެ.
މޫނު އެޅުމަށްފަހު ފަސްތަނުން ދޮންއައިސްގެ ހަށިގަނޑު ރަނގަޅަށް ބަނދެލުމަށްފަހު ވަށައިގެން ތިބި މީހުން ދޮންއައިސަގެ ހަށިގަނޑު ސައްދޯކަށްލައިގެން މިސްކިތަށް ގެންދިޔުމަށް ގެއިން ނިކުތެވެ. ސަންދޯކުގެ އެއްކޮޅުގައި އަކިޔަލްވެސް ހިފިއެވެ. މަގުމައްޗަށް ނިކުމެ ހިނގައިގަތް ވަގުތު މަގުގެ އެއްފަރާތުގައި ހުރި ރިޒްނީ އަކިޔަލްއަށް ފެނުނެވެ. ރިޒްނީގެވެސް މޫނުމަތިން ހިތާމަވެރިކަން އަކިޔަލްއަށް ފާހަގަވިއެވެ. ދޮންއައިސަގެ ސަންދޯން ފަހަތުން ހިސާބުގަނޑު މީހުންނާ، އެކިކަންކަމުގައި އެހީތެރިވި މީހުން ހިނގައިގަތުމުން އެމީހުންގެ ތެރެއިން ރިޒްނީ ވެސް ހިނގައިގަތެވެ.
” ކާފާ ކޮންތާކަށް ތިދަނީ ” ދޮންއައިސަ ވަޅުލާފަ ސަހަރާއިން ބޭރަށް ނިކުމެ އިބުރާހިމް ހިނގައިގަތުމުން އަކިޔަލް ބުނެލިއެވެ. ” ގެއަށް މިދަނީ ” އިބުރާހިމް އަކިޔަލްގެ ސުވާލަށް ޖަވާބު ދިނީ އަކިޔަލްއަށް ފުރަގަސްދިގެން ހުރެއެވެ. ” ކޮން ގެއަކަށް ” އަކިޔަލް ސުވާލުކޮށްލީ އިބުރާހިމްގެ ކުރިމައްޗަށް ހުއްޓި ހުރެއެވެ. ” އަހަރެންދާނެ އެހެންތަނެއް ނެތް. އަހަރެންދާން އޮތީ އަހަރެންގެ ގެއަށް ” އިބުރާހިމް އަކިޔަލްގެ ތިންވަނަ ސުވާލަށް ޖަވާބު ދިނީ އެއްފަރާތަށް އެނބުރިލަމުންނެވެ. ” ކާފަ އެކަނި އެގޭގައި އޮންނަންތަ ތިދަނީ. ކާފަ އެކަނި އެގޭގަ އޮންނަންވެއްޖެނަމަ މާމަ ގެ ހަނދާންތަކުން ކާފަ ހަލާކުވެދާނެ. މިއަދު މަންމަ ފިޔަވާ އަހަރެންގެ ދެން ހުރި މީހަކީ ކާފަ. އަހަރެން ކާފަ އެކަނިކޮށްލާކަށް ބޭނުމެއްނޫން. އަހަރެންނާ މަންމަޔާއެކު އުޅެން ހިނގާ ކާފާ ” އަކިޔަލް ބުނެލިއެވެ. ” ނޫނޭ. އަހަރެން އުޅޭނީ އަހަރެންގެ ގޭގަ. ފެންނަ ފެނުމަށް އަހަރެން އެކަނި އެގޭގައި އުޅުނަސް އަހަރެންނާއެކު ދޮންއައިސަގެ ހަނދާންތައް ވާނެ. އެހެންވީމާ އަހަރެން އެކައްޏެއް ނުވާނެ ” އިބުރާހިމް ބުނެލިއެވެ. އަދިވެސް ކުރަމުން އައި ނަފުރަތާ ރުޅިވެރިކަމަށް ބަދަލު ނާންނަކަން އަކިޔަލްއަށް އިހްސާސް ކުރެވުނީ އަކިޔަލާއެކު ދާން އިބުރާހިމް ދެކޮޅުހެދުމުންނެވެ.
” ކާފާ ތިހެން ނަހަދާ. އަކޫ އެހެން އެބުނަނީ ވަރަށް ރަނގަޅަށް ވިސްނާފަ. އިރެއްގަ ވީކަމެއްގެ ރުޅިވެރިކަމާ، ނަފުރަތު ދޫކޮށްލަންވީ ވަގުތު މީ ކާފާ ” އަކިޔަލްގެ ވާހަކަތަކަށް އިބުރާހިމް ދެކޮޅު ހަދަންފެށުމުން ހަމްދާން ބުނެލިއެވެ. ” ކާފަ ވެސް މާމަ ވެސް ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އެކަން އަކޫގެ ދެމައިންގެ ހިތުގައެއްނެތް. އެދެމައިން އަބަދުވެސް ބޭނުންވީ ކާފަޔާ މާމަގެ އެހީޔާ އެއްބާރުލުން. އެކަމަކު ތަގުދީރުގާ ލިޔެވިފަވާގޮތުން މިއަދު މާމަ މިދުނިޔޭގަ ނެތް. މިހާރު ހުރީ ހަމައެކަނި ކާފަ ކަމަށްވާތީ އަކޫ އާދޭސް އެކުރަނީ. މިއަދު ކާފަ އުފާކުރަން ޖެހޭނެ އަކޫ ފަދަ ކާފަ ދަރިއެއް ހުރީތީ. ބަލި މަންމައެއް ބަލަމުން، ބޮޑުވިޔަފާރިއެއް ބަލަހައްޓަމުން، ދެންވެސް އޮތިއްޔާ ކަމެއްކުރަމުން މަގުން ކަސިޔާރުނުވެ ހުރީތީ ވެސް ކާފަ އަކޫއާމެދު ފަހުރުވެރި ވާން ޖެހޭނެ. މިޒަމާނުގަ މިހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހި ނުބައި މަގަކުން ނުހިނގާ މީހަކު ގަމުން ފެށިގެން ފޮނަދުއާ ހަމަބެލިޔަސް ފެންނާނީ މަދު މީހެއް ” މަންޒަރު ބަލަން ހުރުމަށްފަހު ސާހިދު ބުނެލިއެވެ. ” އަޅާނުލާ. އަހަރެން ކާފަޔަކަށް މަޖުބޫރެއް ނުކުރަން އަހަރެންނާއެކު ދާކަށް. ކާފަ ކަންތައް ކުރާނީ ކާފަ ހިތްހަމަ ޖެހޭގޮތަކަށް. އެކަމަކު ބޭނުމެއް ޖެހިއްޖެނަމަ އަހަރެން ގާތުގައި ބުނާތީ. އެވަގުތެއްގަ އަހަރެން ފަސްނުޖެހޭނަން. އަހަރެންގެ ގޭ ގެ ހުރިހާ ދޮރެއް ކާފަޔަށްޓަކާ ވާނީ ހުޅުވާލެވިފަ ” އަކިޔަލް މިހެން ބުނެ ހިނގައިގަތުމުން ފަހަތުން ހަމްދާނާ ސާހިދު ވެސް ހިނގައިގަތެވެ. ” ދަރިފުޅު ދާއިރު ކާފަ ނުގެންދާނަންތަ ” އަކިޔަލް ހިނގައގަތުމުން އިބުރާހިމް ބުނެލިއެވެ. އެވަގުތު އަކިޔަލް މަޑުޖެހިލުމަށްފަހު ފަސްއެނބުރި ބަލާލިއެވެ. އޭރު އިބުރާހިމަށް ވަނީ ރޮވިފައެވެ. ” އަހަރެން ކާފަ ނުގެންދާކަށް ނޫން ހިނގައިގަތީ. ކާފަގެ ވާހަކަތަކުން އަހަރެންނާއެކު ކާފަ ދާން ބޭނުންނުވާހެން ހީވީމާ ހިނގައިގަތީ. މީގެ ފަހުން ކާފަ ނުޖެހޭނެ ކަމެއް ކުރާކަށް ވެސް ރިތިކޮށް ހުރީމާ އަހަރެންނަށް ފުދޭނެ ” އަކިޔަލް މިހެންބުނެ އިބުރާހިމް ގޮވައިގެން ހިނގައިގަތެވެ
” ދައްތާ ދެން ނުރޮއިބަލަ. ތިވަރަށް ރޯކަށްނުވާނެ. މިއަދު އަހަރެމެން މާމަ މަތިން ހަނދާންކޮށްފަ ކަރުނައެޅުމުގެ ބަދަލުގާ ކުރަންވީ ހެޔޮދުޢާ. އަހަރެމެން ކުރާ ހެޔޮދުޢާއިން މާމަޔަށް ފައިދާކުރާނެ ” ސާކީނާ ހަމަޔަކަށް އަޅުވާލެވޭތޯ ޒޭނާ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ސަކީނާގެ އެހިތާމަޔަށް ލުޔެއް ލިބޭނެހެނެއް ހިޔެއްނުވެއެވެ. ” އަދިވެސް މަންމަ ރޮނީތަ؟ ” ސަކީނާ އެހާލަތުގައި އިންދާ އަކިޔަލް އައިސް ބުނެލިއެވެ. ” މަންމާ ދެން ހުއްޓާލާ. ކޮންމެ މީހަކު ވެސް މަރުވާނެ. އަހަރެމެން ޖެހޭނެ ކެއްކުރަން ” އަކިޔަލް ސަކީނާ އިން ގޮޑި ކައިރިއަށް ތިރިވެލާފަ ބުނެލިއެވެ. އެވަގުތު ސަކީނާޔަށް ގެއަށް ވަންނަން އައި އިބުރާހިމް ފެނުމުން ދޮރާދިމާޔަށް އަތްދިއްކޮށް ރޮއިގަތުމުން އަކިޔަލް ދޮރާދިމާޔަށް ބަލާލިއެވެ. ” މަންމާ ދެން ހުއްޓާލާ. އަހަރެން މިއައީ ކާފަ ވެސް ގޮވައިގެންނޭ ” ސަކީނާ އިބުރާހިމާ ދިމާޔަށް ދިއްކޮށްލި އަތުގައި ހިފާލަމުން އަކިޔަލް ބުނެލިއެވެ. އިބުރާހިމް އައި ގޮތަށް އައިސް މަޑުވީ ސަކީނާ ގާތުގައެވެ. ” ދަރިފުޅޭ ސަކީނާ…. ” އިބުރާހިމަށް ވެސް ސަކީނާއޭ ބުނެ ރޮއިގަނެވުނެވެ. ” ކާފާ ދެން ތިހެން ނުރޮއިބަލަ. މިއަދު ދައްތަގެ ހިތްވަރަކީ ކާފަޔާ އަކޫ. އެކަމަކު ކާފަޔާ އަކޫ ތިހެން ދެރަވަންޏާ ދައްތަ ކިހިނެއް ހިތްވަރު ކުރާނީ ” އިބުރާހިމަށް ރޮއިގަނެވުމުން ހަމްދާން އެހެން ބުނެލުމުން އިބުރާހިމް ހިތްވަރު ކުރާށޭ ބުނާފަދަ ގޮތަކަށް ސަކީނާގެ ބޮލުގައި ފިރުމާލިއެވެ. ” މާންމާ ދެން ހުއްޓާލާ. ކާފަ ދެން ހުންނާނީ މަންމަ ގާތުގަ. އަހަރެން މިއައީ ކާފަ ގޮވައިގެން. އިރާދުކުރެއްވިއްޔާ ދެން ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ ” އަކިޔަލް ސަކީނާއަށް ހިތްވަރު ދިނެވެ.
ދުވަހުގެ ބާކީ ބައި ހޭދަވެގެން ދިޔައީ ހިތާމަޔާ ހިތްދަތި ކަމުގައެވެ. ވޭނާ ކެކުޅުމުގައެވެ. ސަކީނާ ވެސް އެނދުގައި އޮވެގެން މިހުންނަށް ފެންނަހެން ރޮމުން ނުދިޔަސް ހިތް ދިޔައީ ގިސްލާ ރޮމުންނެވެ. ޅަދުވަހުން ފެށިގެން މުސްކުޅިވެ ބަލިއެނދުގައި އޮންނަން ޖެހުނު ދުވަހާ ހަމަޔަށްވެސް ދޮންއައިސަގެ ލޯބިން ސަކީނާ މަހުރޫމްވެ، މިއަދު ދޮންއައިސަ ދުނިޔެ ދޫކޮށްދިޔައީ ލޯބިން ބަހެއްވެސް ސަކީނާ ގާތުގައި ބުނެނުލައެވެ. އެފަދަ ހާލަތެއްގައި ކުރެވޭ އިހުސާސް ސަކީނާޔަށް މިއަދު ވަރަށް ރަނގަޅަށް ކުރެވެމުންދިޔައެވެ. ސަކީނާއެކޭ އެއްފަދައިން އިބުރާހިމާއި އަކިޔަލްގެ ހާލަކީ ވެސް ހަމަ މިއީއެވެ.
ހަވީރު ހަތަރެއް ވެސް ޖެހިފަހުން އަކިޔަލް ފެންވަރާލައިގެން ބޭރަށް ނިކުމެ އެހެންޏާވެސް އަކިޔަލް ގޮސްހުންނަ ދިމާ އަތިރިމައްޗަށް މިސްރާބު ޖެހިއެވެ. ” އަކިޔަލްގެ މާމަ މަރުވި ވާހަކަ އަޑު އިވުމުން އަހަރެން ވެސް ވަރަށް ދެރަވި ” ފުރަގަހުން ރިޒްނީގެ އަޑު އިވުމުން އަކިޔަލް ފަސްއެނބުރި ބަލާލިއެވެ. ” ރިޒްނީ. މިތާގަ ކީއްކުރަނީ ” ހަމަ ޖެހޭ ގޮތް ދައްކާލަމުން އަކިޔަލް އަހާލިއެވެ. ” ކަމެއްނުކުރަން. ހިނގަމުން ހިނގަމުން މިހިސާބަށް އާދެވުނީ. އަހަރެން ދިޔައިން އަކިޔަލްގެ މާމަގެ މޫނު ބަލާލަންވެސް ” ރިޒްނީ ކުޑަތަންކޮޅެއް ކުރިއަށް ހިނގައި ގަންނަމުން ބުނެލިއެވެ. ” އެނގޭ ދިޔަކަން. އަހަރެންނަށް ފެނުން ރިޒްނީ މާމަ ގެކައިރިން ” އަކިޔަލް ދުރު ބަލާލަމުން ބުނެލިއެވެ. ” ދެން ދަނީ އިނގޭ އަކިޔަލް ” ރިޒްނީ އަކިޔަލްގެ މޫނަށް ބަލާލި ވަގުތު އަކިޔަލްގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފެނުން އެންމެ ރަނގަޅު ގޮތަކީ އަކިޔަލް އެކަނިވެލަން ބެހެއްޓުން ކަމުގަވާތީ އެހެންބުނެ ހިނގައިގަތެވެ.
” ރިޒްނީ ” ރިޒްނީ ހިނގައިގަތުމުން އަކިޔަލް ގޮވާލުމުން ރިޒްނީ މަޑުކޮށްލިއެވެ. ” ހާދަ އަވަހަކަށް ތިދަނީ. އަހަރެން ގާތުގަ ވާހަކަ ދައްކާލަން މަޑުވެސް ކޮށްނުލާނަންތަ؟. ” އަކިޔަލް ބުނެލިއެވެ. ” އަހަރެން އަކިޔަލް ގާތުގައި ވާހަކަ ދައްކަން ހުރީމާ އަކިޔަލްއަށް އުދަގޫ ވެއެއްނު. އަދި އަހަރެން އަކިޔަލް ފެންނަ ހިސާބަށް އަންނާކަށް ވެސް އަކިޔަލް ބޭނުމެއް ނުވެއެއްނު. އެކަމަކު މިއަދު އަކިޔަލްއަށް ލިބުނު ހިތާމައިގަ އަކިޔަލް އަހަރެން ބައިވެރި ނުކުރިޔަސް އަހަރެން ބައިވެރިވަން. އަދި ތި ކުޑަކުޑަ އާއިލާއަށް ލިބުނު ހިތާމައިގަ ކުރިއަށް އޮތް ހުރިހާ ދުވަހެއްގަ ކެއްތެރިކަން ލައްވާށި. މިއަދު އަހަރެން އަކިޔަލް ހުރި ހިސާބަކަށް އައީ އެހެންވެގެން. އެކަމަކު އަހަރެންގެ ސަބަބުން އަކިޔަލްއަށް އިތުރު ތަކުލިފެއް ޖައްސާކަށް އަހަރެން ބޭނުމެއްނޫން ” އަކިޔަލްއަށް ފުރަގަސްދީގެން ހުރެ ރިޒްނީ ވާހަކަ ދެއްކިއެވެ.
” ރިޒްނީ ތިބުނީ ރަނގަޅު ވާހަކައެއް. ތީހަމަ އަހަރެން ބުނެފަ ހުރި ބަސް. އެކަމަކު މިއަދު އަހަރެން ރިޒްނީގެ ކިބައިން މާފަށް އެދެން. އަހަރެންނަށް މާފުކުރޭ ” އަކިޔަލް ބުންޏެވެ. ” ކީއްވެ އަހަރެންގެ ކިބައިން މާފަށް އެދެންވީ. މާފަށްއެދޭވަރުގެ ކޮންކަމެއް ވެފައޮތީ ” ރިޒްނީ އަކިޔަލްއަށް ބަލާލަމުން ބުނެލިއެވެ. ” މާފަށްއެދޭވަރުގެ މާބޮޑު ކަމެއްނުވޭ. އެކަމަކު އަހަރެންނަށް ރިޒްނީގެ ހިތްހަމަ ނުޖެހޭ އެއްޗެއް، ނޫނީ ދެރަވާ ވަރުގެ އެއްޗެއް ބުނެވެފަ އޮވެދާނެތީ މާފަށް މިއެދުނީ ” އަކިޔަލް ބުނެލިއެވެ. ” ނޫނޭ އަކިޔަލް. އަދި އެވަރު އެއްޗެއް ވެސް ކަމެއްވެސް އަކިޔަލްއަށް ނުކުރެވޭ. އަސްލު މާފަށް އެދެންޖެހޭނީ އަހަރެން. އެއީ އަހަރެން މިވީ މަދު ދުވަސްކޮޅުގަ އަކިޔަލްއަށް އެކި ގޮތްގޮތުން ވަރަށް އުދަގޫ ކޮށްފިން. އެހެންވީމާ އަހަރެންނަށް މާފުކުރޭ ” ރިޒްނީ ބުނެލިއެވެ. ” އަހަރެން ރިޒްނީއަށް މާފުކޮށްފިން. އެކަމަކު ރިޒްނީ އަހަރެންނަށް އުދަގޫ ކުރިކަމަކަށް ގަބޫލެއް ނުކުރަން ” އަކިޔަލް މިހެން ބުނުމުން ރިޒްނީ ހިނގައިގަތެވެ. ” ނަންބަރު ލިބިދާނެތަ؟ ” ރިޒްނީ ހިނގައިގަތުމުން ބުނެލިއެވެ. އެވަގުތު ރިޒްނީ އަކިޔަލްއަށް ބަލާލިއެވެ. އޭރު ރިޒްނީއަށް އަކިޔަލްގެ މޫނުމަތިން ހިސާބަކަށް ހިތްހަމަ ޖެހިފަހުރިކަން ފާހަގަވިއެވެ. ރިޒްނީ އެއްޗެއް ނުބުނެ ބަލަން ހުރުމުން އަކިޔަލް ރިޒްނީއާ ދިމާއަށް ހިނގައި ގަތުމުން ރިޒްނީ އިސްޖަހާލިއެވެ. ” ނަންބަރު ނުދޭނަންތަ؟ ” ރިޒްނީ އިސްޖަހާލުމުން އަކިޔަލް ރިޒްނީގެ ފުރަގަހުގަ ހުއްޓިފަ ކޮށްލި ސުވާލާއެކުގަ އަކިޔަލްގެ ފޯން ރިޒްނީއަށް ދިއްކޮށްލިއެވެ.
އިރުއޮށްސެން ކުޑަތަންވެފަ ވަނިކޮށް އަކިޔަލް އައިސް ގެއަށްވަނެވެ. އޭރު ގޭގައި ހަމްދާނާ ޒޭނާގެ އިތުރުން ސާހިދާ އިބުރާހިމް ވެސް އިނެވެ. ސަކީނާގެ ގާތުގައެވެ. އެންމެންގެ މޫނުމަތިން ވެސް ހިތާމަވެރިކަން ހާމަވަމުން ދިޔަކަމުގައި ވިޔަސްއެކަން ހުރިހާ މީހުންވެސް ދިޔައީ ސިއްރު ކުރަމުންނެވެ. އައީ ސަކީނާއަށް ބަލާފައެވެ. އަކިޔަލް ގެއަންވަންނަން އައިރު އެންމެންވެގެން ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. އަކިޔަލް ފެނުމުން އެންމެން ވާހަކަދެއްކުން ހުއްޓާލިއެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކައެއް އަކިޔަލްއަށް މާރަނގަޅަކަށް ސާފެއް ނުވިއެވެ. ސަބަބަކީ އަކިޔަލްއަށް ގެއާހަމައަށް އާދެވުންއިރުވެސް ހިޔާލުގައި ވަނި ރިޒްނީ ކަމަށްވުމުންނެވެ. ” އެންމެން ކޮންކަމެއްތަ؟ ” ގޭތެރެއަށް ވަދެ އެންމެން ފެނުމުން އަކިޔަލް ސުވާލުކޮށްލިއެވެ. ” އަކޫއަށް ފެނޭތަ އަހަރެމެން ކަމެއް ކުރާތަން. ނުފެނެއެއްނު ” އަކިޔަލް އެހެން ބުނުމުން ޒޭނާ އެންމެންނަށް ބަލާލުމަށްފަހު ހީލަމުން ބުނެލިއެވެ. ” ކަމެއްކުރާތަން ފެނިގެނެއްނޫން އެހެންބުނީ. އެންމެން އެއްތަނެއްގަ ތިބީމަ ހީކުރީ ކޮންމެވެސް ކަމެއްގަ ތިބީއޭ ” އަކިޔަލް އައިސް އަލާމާރިން ފެންފުޅިއެއް ނަގަމުން ބުނެލިއެވެ. ” އާނ. ތިހެންވެސް ހީވާނެ. އެހެނެއްނު ވާނީ އަހަރެމެންނަށް ވުރެއް ގިނައިން އަކިޔަލް ކަންތައްކުރޭ ވިއްޔާ. އެހެންވީމާ އެކަން ފޮރުވަންވެސް އެހެންމީހުން ކަންތައްކުރޭތޯވެސް ބަލާނެއްނު ” ސާހިދު ދިމާކުރާ ފާޑަކަށް އެހެން ބުނެލުމުން އަކިޔަލް ކަރުމައްޗަށް ޖަހައިގެން ފެންފުޅިން ފެން އަނގަޔަށް އަޅަނިކޮށް ކޮށިއެރިއެވެ. ” ސާބަހޭ. ކާފަޔަށް ފެނޭނު ސިއްރު ސިއްރުން ކަންތައް ކުރާމީހުން ” އަކިޔަލް ކޮށިއެރުމުން ސާހިދު ބުނެލިއެވެ. ” އެއީ ދޮގެއް ކާފާ. އަހަރެން އެއްވެސް ކަމެއް ސިއްރުން ނުކުރަން ” އަތުގެ ނުފުށުން އަނގަމަތީ ހުރި ފެންތައް ފޮހެލަމުން އަކިޔަލް ބުނެލިއެވެ. އަކިޔަލް އެހެން ބުނުމުން އެންމެން އެއްފަހަރާ ހީގަތެވެ.
” ކިއްވެގެންތަ އަކިޔަލް އެހާ ރީތިކޮށް އަހަރެންނާ ވާހަކަ އެދެއްކީ. އަނެއްކާ ކިހިނެއްވީބާ؟. އަދި އަހަރެންގެ ކިބައިން މާފަށްވެސް އެދުން. އަނެއްކާ އަހަރެން އަކިޔަލް ބޭނުންވާ ވަރު އިހުސާސްވީ ނޫންބާ؟؟؟. ކޮންމެ ގޮތަކަށް ކައްތައްވިޔަސް މިއަދު އަކިޔަލް އެދިޔައީ އަހަރެންގެ ނަންބަރު ވެސް ހިފައިގެން ” ހިތާހިތާ ވާހަކަ ދައްކަމުން ރިޒްނީ ކައިރީގައި އޮތް ބާލީސްނަގާ މޭގަޖައްސާ ބާރުކޮށް ބާލީހުގައި ބައްދާލަމުން އަރިއަކަށް ޖެހި ކައިރީގައި އޮތް ފޯނަށް ބަލާލިއެވެ.
” ކޮންއެއްޗެއް މިހާރު ފިހާރައިން މަދުވެފަ ހުރީ ” ރޭގަނޑުގެ ކެއުން ނިއްމާލުމަށްފަހު އަކިޔަލް ފިހާރައަށް ވަދެ އިނާޔާ ކުރެން ސުވާލުކޮށްލިއެވެ. ” ވަރަށް ގިނަ އެއްޗެހި މިހާރު މަދު ” އިނާޔާ ބުނެލިއެވެ. ” އެހެންވިއްޔާ ލިސްޓެއް ހަދާލާ ” އަކިޔަލް މިހެން ބުނެ ފިހާރައިން ނިކުންނަންވެގެން އެބުރިލި ވަގުތު އިބުރާހިމް ފިހާރަޔަށް ވަންނަނީއެވެ. ” ކީއްކޮށްލަނީ ކާފާ ” އިބުރާހިމް ފެނުމުން އަކިޔަލް ސުވާލުކޮށްލިއެވެ. ” ކަމެއްނުކުރަން. މިދެންހަމަ ބަލާލަން މިއައީ ” އިބުރާހިމް ފިހާރަޔަށްވަދެ އެކިދިމަދިމާޔަށް ބަލަމުން ބުނެލިއެވެ. ” ދަރިފުޅުގެ މަސައްކަތުންތަ މިހާވަރަށް ވިޔަފާވި ފުޅާކޮށްފަ މިވަނީ ” އިބުރާހިމް ސުވާލުކޮށްލިއެވެ. ” އާނ ކާފާ. ބައްޕަ ނިޔާވިފަހުން އަހަރެން ވިޔަފާރިޔާ ހަވާލުވީ. އޭގެ ފަހުން އަހަރެން ކިޔަވާ ނިމުމުން ބޮޑަށް ވިޔަފާރީގަ އުޅެންފެށީ. ކާފަ އެއްވެސް އެއްޗެއް ބޭނުންތަ؟ ” އަކިޔަލް އިބުރާހިމް ގާތުން އަހާލިއެވެ. ” ނޫނޭ. ކާފަ އެއްވެސް އެއްޗެއް އަދި ބޭނުމެއްނޫން ” އިބުރާހިމް ބުނެލިއެވެ. ” އެއްޗެއް ބޭނުންވެގެން ވެސް ނުބުނެ ނުހުންނާތި. ދެން އެއްޗެއް ނެތިއްޔާ ކާފަ އައިސް އިނާޔާ ގާތުގަ ބުނިމާ އެއެއްޗެއް އިނާޔާ ދޭނެ ” އަކިޔަލް މިހެންބުނެ އިބުރާހިމް ގޮވައިގެން ފިހާރައިން ބޭރަށް ނިކުތެވެ.
” ކީއްކޮށްލަނީ ” ދެތިންފަހަރު ފޯން ރިންގުވީފަހުން ފޯން ނެގުމުން އަކިޔަލް ސުވާލުކޮށްލިއެވެ. ” ކަމެއްނުކުރަން. ހަމަ އިނީ ” އަކިޔަލް ސުވާލުކޮށްލުމުން ރިޒްނީ ބުނެލިއެވެ. ” އިނީއޭ!! އަހަރެން މިހެން ހުއްޓާ އަންގާވެސްނުލާ އަނެއްކާ ކާކާ އިނީ ” އަކިޔަލް ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ. ” ސާބަހޭ. މިބުނީ މީހަކާ އިންވާހަކައެއް ނޫން ” ރިޒްނީ ބުނެލިއެވެ. ” ނޭންގޭނެއްނު. އިނީއޭ ބުނީމާ އަހަރެން ހީކުރީ ހަމަ ރަނގަޅަށްވެސް އިނީކަމަށް ” އަކިޔަލް ހީލަމުން ބުނެލިއެވެ. ” އަކިޔަލް އަހަރެން ސުވާލެއްކޮށްލަންތަ؟ ” ރިޒްނީ ބުނެލިއެވެ. ” އެންމެ ރަނގަޅު ” އަކިޔަލް ބުނެލިއެވެ. ” މިހުރިހާ ދުވަހު އަކިޔަލް އަހަރެންނާ ވާހަކަ ދައްކަން ވެސް ދެކޮޅު ހަދަމުން އައީ. އަހަރެން ލޯބި ވާވާހަކަ ބުނީމާ ވެސް ފާޅުގާ އަކިޔަލް ދެކޮޅު ހެދި. އަދި އަކިޔަލް މަތިން ހަނދާން ނައްތާލަން ވެސް ބުނި. މިއަދު އަހަރެންގެ ހިތަށް އަރަނީ އެހުރިހާ ވަހަކައެއް އަކިޔަލް ދައްކާފަ އަހަރެންނާ ތިހާ ރީތިކޮށް ވާހަކަ ދައްކަނީ ކީއްވެބާއޭ. ކާކު ކީކޭ ބުނެގެން ބާއޭ!! ” ރިޒްނީގެ ހިތުގައި އުފެދިފައިވާ ސުވާލުތަކެއް ކޮށްލިއެވެ. ” އަހަރެންނަށް އެނގޭ ރިޒްނީގެ ހިތުގަ ތިހެން ސުވާލު އުފެދޭނެކަން. އަދި އެސުވާލުތައް އަހަރެންނާ ކުރާނެކަންވެސް. އަސްލު އެއްވެސް މީހަކު އަހަރެންގާތުގަ ބުނެގެނެއްނޫން އަހަރެން ވާހަކަ ދައްކަންފެށީ. އަދި ރިޒްނީ ގެ ނަންބަރު ދޭށޭވެސް ބުނީ މީހަކު ބުނެގެނެއްނޫން. އަހަރެން ކުރި ހުރިހާ ކަމެއް ކުރީ އަހަރެންނަށް ފެނިގެން. ދުނިޔެއަކީ ފާޑެއްގެ ތަނެއް. ކޮންމެ ދުވަހަކީ އެއްގޮތަކަށް ކަންތައް ވާނެ ދުވަހެއްނޫން. އެކިދުވަހު އެކިގޮތަށް ކަންތައްވާނީ. އެގޮތުން އެދުވަހު އަހަރެންނަށް އެހެން ބުނަންޖެހުނީ އަހަރެންގެ ލައިފްގަ ކަންތައްވީގޮތުންނާ އަހަރެން ވީދެރަޔަކުން. އެކަމަކު ފަހުން އަހަރެންގެ ރަހުމަތްތެރިޔާ އަހަރެނަށް ވަރަށް ނަސޭހަތްދިން. އޭގެ ފަހުން އަހަރެންނަށް ވިސްނުން އެންމެ މީހަކަށްޓަކާ ދިރިއުޅުން އަނދިރީގެ ތެރެއަށް ވައްޓާލުމަކީ ރަނގަޅު ގޮތެއްނޫންކަން. އެހެންވެ ރިޒްނީ އަހަރެންދެކެ ލޯބިވާ ވާހަކަ ބުނެފައޮތީމާ އަހަރެން ބޭނުންވީ މިގޮތަށް ކަންތައްކޮށްފަ، ރިޒްނީއަށް ފުރުސަތެއްދޭން ” އަކިޔަލް ބުންޏެވެ.
” އަހަރެން ބޭނުން ރިޒްނީއާ ބައްދަލުކޮށްލަން. އެކަމަކު މިރެއަކު ނޫން. މިރޭ މާބޮޑަށް ލަސްވެއްޖެ ” އަކިޔަލް ބުނެލިއެވެ. ” އެހެންވިއްޔާ ދެން ކޮންއިރަކުން ބައްދަލު ކުރާނީ ” ބައްދަލުކުރަން ކެއްމަދުވެފާ ހުރި ރިޒްނީ ސުވާލުކޮށްލިއެވެ. ” އަހަރެން މާދަން ގުޅާފަ ބުނާނަން ގަޑިއެއް. ގުޑް ނައިޓް ” އަކިޔަލް މިހެން ބުނެ ފޯން ކަޑާލިއެވެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


Mivaahaka nimendhen genes dhehchey .araamagu ga vx iny hama 9r hama ah .plx genes dhehchey v nice story eh mee
Iraadhu kurehviyaa nimendhen genes dheynan SHIFU
nice storyy keep it up ☺??????
Thanx YAAKKO
Vvv reethi
Keep it up n good luck