ނަމަވެސް އައިޒަންގެ ހިތުގައި އޮތް އެއްޗެއް ނައިނާއަށް އިނގޭނެހެއްޔެވެ؟ މުއްސަނދި ދިރިއުޅުމެއްގައި އުޅެ ބޮޑުވި ކުއްޖަކު މިހާ އާދައިގެ ދިރިއުޅުމަކަށް ވަންނަން މަސައްކަތް ކުރާނީ ކިހާ ބޮޑަށް ލޯބިވާތީހެއްޔެވެ؟ ނައިނާ އާއި ގުޅުނުފަހުން އައިޒަން މުޅިންވެސް ކަނީ މިގެއިންނެވެ. ގިނަވަގުތު ހުސްކުރަނީ ޒާހިދާ އާއި ނައިނާއަށްޓަކައެވެ. އެގެ ފެންވަރުގައި ހަދައިފައި ނެތެއްކަމަކު އޭނާ ގިނަވަގުތު ހޭދަކުރަނީ ޝަކުވާއެއްވެސް ކޮށްނުލާ ވަރަށްވެސް ހަމަޖެހިގެންނެވެ. ކޮންފަދަ ލޮތްބެއްހެއްޔެވެ؟ ނައިނާ ބަލަން އިންކަން ފާހަގަވުމުން އައިޒަން ހަމަ ގަސްތުގައި ނައިނާއާއި ހަތަރު ކަޅި ހަމަކުރިއެވެ. ނައިނާ ދެލޯ ބޮޑުކޮށްލާފައި އިސްޖަހާލީ ވައްކަމެއް ކޮށް ފަޅާއަރައިގެން ދުއްވައިގަންނަން އުޅޭ ވަގުކަލޭގެއެއްހެންނެވެ. “މަންމާ… އަހަރެން ބޭނުމެއްނުވޭ ގަދަކަމުން ކައިވެނި ކުރާކަށް… ދެދުވަސް ތެރޭ އަހަރެންގެ ނައިނާ އަނބުރާ އަހަރެންނަށް ނުލިބިއްޖެނަމަ އަހަރެންގެ އުނދަގޫ ދެން ނައިނާއަކަށް ނުފޯރާނެ… އަދި ނައިނާ ނެތްނަމަ އަހަރެން މިރަށަށް އައުމުގެ އިތުރު އެހެން ސަބަބެއް ނޯންނާނެ..” އައިޒަން އެހެން ބުނީ ނައިނާއަށް އިއްވާލާށެވެ.
ނައިނާ އިސްއުފުލާ ބަލައިނުލިއެއްކަމަކު އެ ހިތަށް ވަރަށް ނުބައިގޮތެއްވިއެވެ. ކައިވެންޏަށް އާބަސްދީ އުމުރުދުވަހު އައިޒަންއަށް ހުސްކުރަން އޭނާވެސް ބޭނުންވެއެވެ. ނަމަވެސް މައެއްގެ ހިތްކަތިލައިގެން ހަޔާތެއް ފަށާކަން ނައިނާއަކަށް ލާހިކެއްނޫނެވެ.
ހިމޭންވެފައިވާ މާހައުލުން ޒާހިދާ އަށް އުނދަގޫވެގެން އައިޒަން އާއި ތަފާތު ވާހަކަތަށް ދައްކަން ފެށިއެވެ. ނައިނާ ކައި ނިންމާލައިގެން ތަށިދޮވެފައި އަވަސް ހިނގުމެއްގައި ކާގެއިން ނިކުތެވެ. އެދިމާ ބަލަން އިން އައިޒަން ޒާހިދާއާއި ދިމާ ބަލައިލިއެވެ. “މަންމާ… ނޭނާ އަށް ވިސްނައިދީބަލަ… އިނގޭ މީ އެންމެ ރަނގަޅު ގޮތް ނޫންކަން… އެކަމް މި ނޫންގޮތަކުން ނައިނާ އަޅުގަނޑުގެ ދިރިއުޅުމަކުން ޖާގައެއް ނެތް…..” އައިޒަން ބުންޏެވެ. ޒާހިދާ އަށް އައިޒަންގެ ބަދަލުގައި ފެނުނީ ދީވާނާވެފައިވާ އަދި ލޯބިވެރިޔާއަށްޓަކައި ކޮންމެފަދަ އެއްޗެއްވެސް ޤުރުބާންކޮށްލާފަދަ މަޖުނޫންއެކެވެ. އެ ދިޔަ ދެލޯ އެކަމަށް ހެކިވެއެވެ.
އައިޒަން ކައި ނިންމާފައި އޭނާ އުޅޭ ގެޔަށް ދާން ހިނގައިގަތީ ނައިނާއާއި ބައްދަލުކުރުމެއް ނެތިއެވެ. އިތުރަށް ބުނެވޭނީ ކީކޭހެއްޔެވެ؟ އޭނާ މަސައްކަތްކޮށްފިއެވެ. ގޮތެއް ނިންމާނީ ނައިނާއެވެ. މީގެ ފަސްމަސް ކުރިންވެސް ހުރިހާ ކަމެއް ނިންމުމުގެ ބާރު ނައިނާއަށް އޮތްހެން މިއަދުވެސް އޮންނާނެއެވެ. ނައިނާގެ ނިންމުމަކީ އޭނާގެ ނިންމުމެވެ.
ވިދާ ބަބުޅަމުން ދިޔަ އުޑާއި ދިމާލަށް ނަޒަރު ހިންގާލައިގެން ނައިނާ އިނީ ވިސްނުމެއްގައެވެ. ގޭގެ ފަހަތުން ނުކުމެވޭނީ ހަދަންފަށައިފާ ހުރި ގެވަޅުތަކާއި ދިމާލަށެވެ. އެ ދިމާލަކީ މީހަކު ނޫޅޭ ދިމާލެއްކަމުން އެ މަގުގެ އިތުރަށް އެދިމާ އޮންނަނީ ވަރަށް ހަމަހިމޭންކޮށެވެ. މަގުމަތީ ލައިޓުތަކާއި ހަނދުވަރުގެ އަލި ފިޔަވާ އިތުރު އައްޔެއް އެތާކު ނޯވެއެވެ. ފާރުބުރިމަތީ އިށީނދެ އިން ނައިނާ ގެ ކަންފަތް ބުޑުގައި އަދިވެސް ވަނީ އައިޒަން ދެއްކި ވާހަކަތަކެވެ. އަނބިމީހާއަށް ވުމަށްފަހު އޭނާ އާއި އައިޒަން ވަކި ކުރެވޭނެ ބާރެއް މަންމަގެ ނޯންނާނޭ އައިޒަން ބުންޏެވެ. ނަމަވެސް އެ މަންމަގެ ހިތަށް ހާދަ ތަދެއްވާނެއެވެ. ހާދަ ވޭނެއް އަޅާނެއެވެ. އައިޒަން ގެ އެ ނިންމުމުން އައިޒަންގެ ދުނިޔޭގެ އިތުރަށް އެ މަންމަގެ ދުނިޔެވެސް އެކަށް ބަދަލުވާނެއެވެ.
“ނާ!! ދެން ތިހާ ބޮޑަށް ނުވިސްނަ އެކަމަށް އެއްބަސްވެބަލަ… އައިޒަން އެ ވިސްނަނީ ނައިނާ އާއި މެދުއޭ…” ސިހިފައި ނައިނާ އޭނާގެ ހިޔާލުން ބޭރުވީ އޭނާގެ އަތް މަތީ އަތް އަޅާލާފައި އެހެން ބުނި ޒުހާގެ އަޑަށެވެ. ކައިރި އަކުރަމްވެސް ހުއްޓެވެ. އެމީހުން އެކަމާއި ގުޅުވައިގެން ތަފާތު ވާހަކަތަށް ދައްކަމުން ދިޔައީ އައިޒަން އާއި އެއްބަސްވަމުންނެވެ. ނައިނާ ގެ ސިކުނޑިއަށް އެކަމުން އިތުރަށް ބާރުކުރަމުން ދިޔައެވެ. “އަހަރެން ބޭނުމޭ އާއެކޭ ބުނަން، އެކަމް ޒަން ގެ މަންމަ ހާދަ ދެރަވާނޭ….” ނައިނާގެ ތަންކޮޅެއް އަޑަށް ބާރުލާފައި އެހެން ބުނުމާއި އެކު އެންމެން ހަމަހިމޭންވިއެވެ. “މަންމަ ބުނެބަލަ…. މިސާލަކަށް އަޅުގަނޑު ނުކުރާނޭ ކަން އެނގި ވަރަށް ބޮޑަށް އިތުބާރުކޮށްފައި އެކަމް އަޅުގަނޑު ކުރީމަ މަންމަ ދެރައެއް ނުވާނެތަ؟؟ އޭ؟ ޒުހާ ބުނެބަލަ.. އަކޫ ބުނެބަލަ… ތިދެމީހުންނަށް ދަރިއެއް ލިބި އޭނާ އައިޒަން އެ ނެގިފަދަ ފިޔަވަޅެއް ނަގައިފިއްޔާ ދެރައެއްނުވަނެތަ؟ ކުޑަކަމެއް ނޫނޭ އެއީކީ.. އެއީ ވަރަށް ބޮޑު ނިންމުމެއް.. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނޭ…..” ނައިނާ އެއްފަހަރު ޒާހިދާއަށް އަދި އަނެއްފަހަރު ޒުހާ އާއި އަކުރަމް އަށް ބަލާލަމުން ބުނެލިއެވެ. ޒުހާ ދުރަށް ނަޒަރު ހިންގާލީ ނައިނާ އާއި ހަތަރު ކަޅި ހަމަ ނުކުރާށެވެ. އަދި އެއަށް ރައްދެއް ދިނުމަށްޓަކައި ކުޑަކޮށް ވިސްނާލާށެވެ.
“އާނ… އެކަމް އައިޒަން މަންމަހެން ހަމަގައިމުވެސް އަހަރެންނެއް އަދި އަކުރަމް އެއްވެސް ދަރިއަކަށް އެހާ ބޮޑު ފިޔަވަޅެއް ނަގާކަށް މަޖުބޫރުވާކަހަލަ ކަމެއް ނުކުރާނަން…..” ޒުހާގެ އަޑާއިއެކު ނައިނާއަށް ޒުހާއާއި ދިމާ ބަލައިލެވުނެވެ. “އައިޒަން އެ މަސައްކަތް ކުރަނީ އޭނާގެ ދިރިއުޅުމުގައި ނައިނާ ބަހައްޓަން.. އެ ދިރިއުޅުމުން ނައިނާއަށް ހިއްސާއެއް ދޭން…. އޭނާ އަމިއްލަ މަންމަ ދެރަވާނެކަން އެނގިހުރެ އެކަހަލަ ކަމަކަށް އެދޭނީ ކޮންމެވެސް އިތުބާރެއް އަމިއްލަ ނަފްސަށް އޮތީމައެއްނު….” ޒުހާ އިތުރުކޮށްލިއެވެ. އެންމެން އެކަމަށް އެއްބަސްވީނަމަވެސް ނައިނާ އިނީ ބަހަކުން ބަހެއް ނުބުނެ މަޑުންނެވެ.
…………………..
އަނެއްދުވަހުގެ ރެއެވެ. ހެނދުނު ފުރަން އޮތް އެއްޗަކަށް އަރައިގެން އައިޒަން ދާން ތައްޔާރު ވަމުން ދިޔައިރު އެމޫނުމަތީ ވަނީ މާޔޫސީއެވެ. އެނދުމަތީ އޮތް ފޯނު އޮތީ ލައުޑުސްޕީކަރުގައެވެ. އެކޮޅުން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އެންމެ ގާތް ދެ އެކުވެރިން ކަމުގައިވާ ލަހުފާއާއި ޖިނާހްއެވެ. “ހަމަ ޔަޤީންތަ އައިޒަން؟ ދެން ހަމަ ތިކަން ތިހެން އޮއްވާ އެނބުރި އަންނަނީތަ؟” ލަހުފާ އެހެން ބުނެލީ ދެރަވެލާފައެވެ. “އިތުރު ގޮތެއް އެބައޮތްތަ؟؟ ގަދަކަމުން މީހަކު އަހަރެންނާއި ކައިވެންޏެއް ނުކުރެވޭނެއެއްނު…” އައިޒަން ޖަވާބުދިން އިރު ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައެވެ. “އައިޒަން އޭގެ ފަހުން ނައިނާ ކައިރިއަށް ދިޔައިންތަ؟ ޖަވާބެއް ހޯދަން އުޅެފިންތަ؟؟ އެދުވަހު އެހެން ބުނިގޮތަށް އެ ނައިނާގެ ކުރިމައްޗަށް އެރިންތަ؟ ދެން ކީކޭ އައިޒަން ކިޔާކަށް..” ޖިނާހް ހިތްހަމަނުޖެހިފައި އެހެން ބުނިނަމަވެސް އައިޒަން ޖަވާބެއް ނުދިނެވެ.
………………..
އެތަށް ގޮތަކުން އެތަކެއް ފަހަރު ނައިނާއަށް ވިސްނައިދެވިއްޖެއެވެ. ނަމަވެސް ނައިނާ އޭނާގެ ނިންމުން ބަދަލުނުކުރަން ނަދުރެއް ބުނެފައި ކަހަލައެވެ. ފާއިތުވެ ރޭތަށް ފަދައިން ނައިނާ އިށީނދެ އިނީ ފާރުބުރިމަތީގައެވެ. މިރެއަކީ އޭނާއަށް އޭނާގެ ނިންމުން ބަދަލުކުރެވޭނެ ފަހު ފުރުސަތު ކަމަށް އޭނާ މަންމަ ބުނި ބުނުން އެ ހިތުގައި ތައްގަނޑެއްހެން ޖެހިފައި އިންކަހަލައެވެ. ނައިނާ ދެލޯ ފެންކަޅިވެފައި އިނެއްކަމަކު ކަރުނަތަށް ދޫ ނުކުރަން އިނީ ގަދަހަދައިގެންނެވެ. ގޭތެރޭގައި ޒާހިދާ ޒުހާ އާއި ކަންބޮޑުވެފައި ވާހަކަ ދައްކަން ތިބީވެސް ނައިނާއާއި އައިޒަން އާއި ގުޅުވައިގެންނެވެ. “މާދަން އައިޒަން ފުރީމައި ގައިމުވެސް ދެން ނައިނާ އަކަށް އައިޒަން އެއް ނުލިބޭނެ…” ޒުހާ ދެރަވެލާފައި ބުންޏެވެ. “އާނ… ނައިނާ އެކަމް އެ ދައްކަނީ ރަނގަޅު ވާހަކައެއް… އެކަމް މަޔަކަށް އިނގޭނީ ދޯ އަނެއް މައެއްގެ އިހްސާސް.. މަންމައަށް ވަރަށް ބޮޑަށް ހީވޭ އައިޒަން ގެ ހާލަތާއި ކަންތަށް ވީ ގޮތް ވިސްނި ފަހުން އައިޒަންގެ މަންމަ އެއްބަސްވާނެހެން… ދަރިފުޅުގެ އުފަލަށްވުރެ މަންމަގެ ނަފުރަތު ބޮޑެއްނުވާނެ…” ޒާހިދާ އޭނާގެ ވިސްނުން ޒުހާއާއި ހިއްސާކުރިއެވެ. ފަހަރުގައި ޒާހިދާ އެހެން އެ ބުނީ އައިޒަންގެ މަންމައަކީ ކޮންކަހަލަ މީހެއްކަން ސިއްރުވެފައި އޮތީމައެވެ.
ދެމީހުން އެކީ ފާޑަކަށް ސިހިފައި ދޮރާއި ދިމާ ބަލައިލެވުނީ ސަލާމް ގޮވާލިއަޑަށެވެ. ގަދަކަމުން ހިނިތުންވެލައިގެން ހުރި އައިޒަން ފެނި ޒާހިދާވެސް ހީލިއެވެ. އެމޫނުމަތިން ކުރިންފެންނަ އުފާވެރިކަމެއް ނުފެނެއެވެ. އައިޒަން އެއްޗެއް ބުނަން އަނގަ ހުޅުވާލާފައިވެސް ލައްޕާލިއެވެ. އެކަމް ޒާހިދާއަށް އިނގުމުން އަވަހަށް ޖަވާބުދާރީވިއެވެ. “ގޭ ފަހަތުގައި ނައިނާ އެބައިން…” ޒާހިދާ އެހެން ބުނުމުން އައިޒަން ބޯ ޖަހާލާފައި ހިނގައިގަތެވެ. މިފަހަރު އޭނާ އާދޭސްނުކުރާނަމޭ ހިތާހިތުން ކިޔަމުން ދިޔައެވެ.
ފަހަތުން މީހަކު ހިލަންވެގެން ނައިނާ ފަހަތް ބަލާލިއިރު ފެނުނީ އައިޒަންގެ މޫނެވެ. އެ ކަޅުކަންގަދަ ކަޅި ސީދާ އަމާޒުވެފައިވަނީ ނައިނާގެ ދެލޮލަށެވެ. ކޮންމެވެސް އެއްޗެއް ބުނާފަދައިންނެވެ. އަނގައިން ބަހެއް ނުނެރެ އެ ދެލޮލާއި ހިތް މިނިވަންކަމާއި އެކު އެ ކުޑަވަގުތު ކޮޅުގައިވެސް ވާހަކަ ދައްކާލިއެވެ. “އަހަރެން މިރޭ މިއައީކީ އެއްވެސް ވަރަކަށް ކުރިން ދެއްކި ވާހަކަތަށް ތަކުރާރުކޮށް ތި ނިންމުން ބަދަލުކުރަން މަސައްކަތް ކުރާކަށް ނޫން… މިއައީ އެއްޗެއް ހަވާލުކުރަން…” ހިމޭންކަން ފިލުވާލި އައިޒަންގެ އަޑަށް ނައިނާ ވަގުތުން އިސްޖެހިއެވެ. ކޯޗެއްކަން އިނގެން ބޭނުންވިކަމަކު އޭނާ އިސްއުފުލާ ބަލައިނުލީ އައިޒަން އަށް ފުރުސަތު ދޭށެވެ.
“މިއީ އަހަރެން ގަތް އެއްޗެއް މީގެ ދެމަސްކުރިން.. ހިތަށް އެރީ އާދެވޭ ފަހަރަކު ދޭނީއޭ.. ހިއެއްނުކުރަން މިގޮތަށް ކަންތަށް ވެ މި ކަހަލަ ހާލަތެއްގައި މި ދެވޭނެކަމަކަށް…” ޖީބުން ވަރަށް ރީތި ގޮތަކަށް ހަދާލައިފައިވާ ވިދާ ބަބުޅަމުން ދިޔަ އަނގޮއްޓިއެއް ނަގައި އައިޒަން ނައިނާއަށް ދިއްކޮށްލިއެވެ. ނައިނާ އެ އަނގޮއްޓިއަށް ބަލާލުމަށްފަހު އައިޒަން އަށް ބަލައިލިއެވެ. “މިއީ ހަމައެކަނި އަހަރެން އަހަރެންގެ ހިތުގެ ރާނީއަށް ގަނެދިން އެއްޗެއް… ނައިނާ ނޫން މީހަކަށް މި ހައްޤެއް ނޫން…” އައިޒަން އިތުރުކޮށްލިއެވެ. އަދި ނައިނާގެ އަތުގައި ހިފަހައްޓާފައި އެ އަތުގެ ތެރެއަށް އަނގޮއްޓި ލިއެވެ. އައިޒަން އެއްޗެއް ނުބުނެ ފަސް އެނބުރި ހިނގައިގަތް ތަން ބަލަން ނައިނާ އިނީ ފެންކަޅިވެފައެވެ. އަތް ދިމާކޮށްލެވުނީ ނުދާށޭ ބުނާފަދަ ގޮތަކަށެވެ. ނަމަވެސް އެ އަނގައިން އަޑެއް ނުނިކުތެވެ. ނައިނާ އަނގޮއްޓިއަށް ބަލައިލިއެވެ. ކަރުނަތަށް މިނިވަންކަމާއި އެކު ނައިނާ ދޫކޮށްލުމަށްފަހު ފާރުބުރިމަތިން ފުއްމާލިއެވެ. އޭނާގެ ލޯބި އަތުން ދޫވިޔަކަ ނުދޭނެއެވެ. އޭނާ ވީ ލޯތްބަކީ އެހާ ބަލިކަށި އެއްޗެއް ނޫނެވެ. އޭނާ ވީ ހަޤީޤީ ލޯތްބެވެ. އެ ލޯބި އަތުން ބީވިޔަ ނުދީ އުމުރަށް ލިބުމަށްޓަކައި އައިޒަން އަޅާ ފިޔަވަޅު އޭނާވެސް އަޅަން ނިންމިއެވެ.
“އައިޒާން!!!!” ނައިނާ ހުރިތާ ހުރެފައި ތަންކޮޅެއް ބާރަށް އެހެން ގޮވާލީ އަނެއް ފަޅިދޮރުން ނިކުންނަން ދިޔަ އައިޒަންއަށެވެ. ގޭތެރޭގައި ތިބި ޒާހިދާ އާއި ޒުހާ އަދި ހަލުވި ފިޔަވަޅުތަކެއް އަޅަމުން ދިޔަ އައިޒަން އަށް ވެސް ހުއްޓުމެއް ލިބުނީ އެހެންވެއެވެ. “އަހަރެން ތައްޔާރު….” ނައިނާ އެހެން ބުނި އަޑަށް ޒުހާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. ނައިނާ ނުފެނުނެއްކަމަކު އެ މީހުންނަށް ނައިނާގެ އަޑު ރީއްޗަށް އިވެއެވެ. އޭނާ ގެ އަޑު އެހާވެސް ބާރެވެ.”އަހަރެން އައިޒަން އާއި އިންނަން ތައްޔާރު… އަހަރެންގެ އަތުން މި ލޯބި އަދި އައިޒަންވެސް ބީވާކަށް ނޭދެއް… އަހަރެން ތައްޔާރު އައިޒަން….!!” ނައިނާ ދެންވެސް އެހެން ބުނީ ތަންކޮޅެއް ބާރަށެވެ. އައިޒަން ހުއްޓުން އަރާފައި އެ ހުރިގޮތަށް ހުރީ ކަންފަތަށް އިވުނު ބަސްތަށް ގަބޫލުކުރަން އުނދަގޫވެގެންނެވެ.
ލަސް ހަރަކާތަކާއި އެކު އައިޒަން ފަސް އެނބުރިފައި ނައިނާ އާއި ދިމާލަށް ދުއްވައިގަތެވެ. އެ މަންޒަރު ބަލަން ތިބި ޒާހިދާއާއި ޒުހާގެ ދެލޮލުން ނިރާލީ އުފާވެރިކަމުގެ ކަރުނައެވެ. “އަސްލުވެސްތަ ނައިނާ؟؟؟ އަހަރެންނާއި އިންނާނަންތަ؟؟” ނައިނާ އާއި ޖެހޭ ނުޖެހޭ ހިސާބަށް އައިއްސާ އައިޒަން އެހިއެވެ. ނައިނާ ބޯ ޖަހާލުމުން އައިޒަން އުފަލުން އެ ދެއަތު ތެރެއަށް ނައިނާ ލާ ބާރުކޮށްލިއެވެ. “ކޮބާ އަނގޮއްޓި؟؟” ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން އައިޒަން ދުރަށްޖެހިލާފައި އެހިއެވެ. ނައިނާ އަނގޮއްޓި އައިޒަން އަށް ދިނުމުން އައިޒަން އެއް ފައި މައްޗަށް އިށިނދެލިއެވެ. އެދިމާލަށް އައި ޒުހާ އެ މަންޒަރު އޭނާގެ ފޯނުގައި ރައްކާކޮށްލިއެވެ. ޒުހާގެ ފޯނުން ފްލެޝް އެޅުވުމާއި އެކު ނައިނާ އާއި އައިޒަން ސިހިފައި އެދިމާ ބަލައިލިއެވެ. އަދި ހިނިތުންވެލިއެވެ. “ވިލް ޔޫ މެރީމީ؟” އައިޒަން ތޫނު ނަޒަރު އަމާޒުވެފައި ވަނީ ނައިނާގެ މޫނަށެވެ. ނައިނާ އާނބަސް ބުނަމުން އައިޒަން އަށް އޭނާގެ އަތް ދިއްކޮށްލިއެވެ. ކަށިވައި އިނގިއްޔަށް އެ އަނގޮއްޓި ހެޔޮވަރުކޮށްލުމާއިއެކު ނައިނާއަށް އެއާއި ދިމާ ބަލައިލެވުނެވެ. އަދި “ވާއު” އޭ ބުނެވުނީ އެ އަނގޮއްޓި އިންލެއް ރީތިކަމުންނެވެ.
އައިޒަން ގެ މޫނުމަތިން ފެންނަން ފެށީ ދުވަހަކުވެސް ނުފެންނަ ފަދަ ހިތްހަމަޖެހުމެކެވެ. އައިޒަން އަށް މިދެވުނީ ކިހާ ބޮޑު އުފަލެއްކަން ނައިނާއަށް އަންދާޒާވެސް ނުކޮށްލެވޭނެއެވެ. “އަހަރެން ވައުދުވަން ދުވަހަކުވެސް ނައިނާ ނޫން މީހެއް މި ދިރިއުޅުމަށް ނުގެންނަން އަދި ދުރުގައި ހުއްޓެއްކަމަކު މި ހިތް ހަމައެކަނި ތެޅޭނީ ނައިނާއަށް ޓަކައިކަން ތި ލޯތްބަށްޓަކައި ކަން..” އައިޒަން ނައިނާގެ އަތުގައި ހިފަހައްޓައިގެން ހުރެ އެހެން ބުނެލިއެވެ.
………………………………
ދެމީހުން ގުޅުނު ހަބަރާއި އެކު އެންމެންގެ މޫނުމަތި އުޖާލާކޮށްލިއެވެ. އުފަލުން ފޮޅިފައި ތިބެ އެންމެންގެ ވެސް ދުލު ކުރީގައިވީ އައިޒަން އާއި ނައިނާގެ ކައިވެނީގެ ވާހަކައެވެ. އެވާހަކަ ސިއްރުވެފައި އޮތީ ހަމައެކަނި ޝާމިރާއަށެވެ. ޖިނާހް އާއި ލަހުފާވެސް ތައްޔާރުވަމުން ދިޔައީ ވީހާވެސް އަވަހަށް އުނގޫފާރަށް އައުމަށެވެ.
ފޯރިޔާއި އެކު ކައިވެނީގެ ކަންތަށް ހަމަޖައްސަމުން ދިޔަ އެންމެން އިންތިޒާރު ކުރަމުން ދިޔަ ރެއެވެ. އައިޒަން ތައްޔާރު ވަމުން ދިޔައިރު އޭނާ ގުޅައިގެން ހުރީ ކޮއްކޮ އައިޝަމްއާއެވެ. އައިޝަމް އާއި މަންމަ މި ދުވަހު ކައިރި ނެތުމުން ދެރަވާވާހަކަ އައިޒަން ބުނަމުން ދިޔައެވެ. ނަމަވެސް އައިޝަމް ލޯބިވާ ދޮންބެއަށް ވިސްނައިދެމުން ދިޔައީ އެއީ މައްސަލައެއް ނޫންކަމުގައެވެ. މަންމަގެ އެއްބަސް އެ ކައިވެންޏަށް ލިބުމާއި އެކު ބޮޑު ޕާޓީއަކުން އެކަން ފާހަގަ ކުރާނީއޭ އޭނާ ބުނެ އައިޒަން އުފާކޮށްލަދިނެވެ. ނަމަވެސް އައިޒަންގެ ހިތުގައި ޖެހުނެވެ. މަންމައާއި އެކަހެރިކޮށް ދިރިއުޅުމުގެ މިހާ ބޮޑު ނިންމުމެއް ނިންމާލެވުމުން ދެރަވިއެވެ. ދުވަހަކުވެސް މަންމަގެ އިރުޝާދާއި ނުލާ ކަމެއް ނުކުރާ އައިޒަން އަށް މިހާ ބޮޑު ނިންމުމެއް ނިންމުނީތީ ކުޑަކޮށް ޖެހިލުންވިއެވެ. އުނދަގޫވިއެވެ.
މާ ބޮޑު ހަފްލާ އަކުން ފާހަގަ ނުކުރެވުނަސް ރަށުގެ އެންމެންނަށް ވަނީ ސައި ތައްޔާރު ކުރެވިފައެވެ. ކައިވެންޏަށްފަހު މިރަށުގައި ހޭދަކުރާނެ ދުވަސްތަށް އައިޒަން ބޭނުންވީ އެގޭގައި ނައިނާ އަދި ޒާހިދާއާއި އެކު ހޭދަކުރާށެވެ. އަދި ވީހާވެސް އަވަހަށް އެގެ ފެންވަރުގައި ހަދާނެކަމަށް އައިޒަން ވައުދުވެސްވިއެވެ. ފުން ވިސްނުމެއްގައި އިން އައިޒަން ސިއްސައިގެން ދިޔައީ ފޯނެއް އައުމުންނެވެ. އޭރު އައިޝަމް ގެ ފޯނު ކެނޑުނުތާ މާގިނައިރެއްނުވުމުން އެއީ އައިޝަމްކަމަށް ހިތާ ފޯނު ބަލައިލި ނަމަވެސް ދެރަވީ، ހިތަކާއި އެކު “މަމް” ޖަހާފައި އިން ނަމްބަރުން ގުޅީމައެވެ. ނުތަވަސްވެފައި ހުރި ހާލު އައިޒަން ފޯނު ނެގިއެވެ.
“ހަ.. ހަލޯ މަންމާ…” އައިޒަން ފޯނު ނެގިއެވެ.
“މިއަދު ހަބަރެއްވެސް ނުވޭ… މާ ބިޒީ ވީތަ؟ ދަރިފުޅު ކިހިނެއްތަ؟” ޝާމިރާ ކަންބޮޑުވެލާފައި ސުވާލުކުރިއެވެ.
“ކުޑަކޮށް ބިޒީކޮށް އުޅުނީ… މަންމަ ރަނގަޅިއްޔާ އަޅުގަނޑުވެސް ރަނގަޅުވާނެ…”
“ލަހުފާ އަދި ޖިނާހު ވެސް ތިކޮޅުގައި ދޯ؟ ކަމެއް އޮތީތަ؟؟؟” ޝާމިރާ ގެ ސުވާލުން އައިޒަން ސިއްސުވާލިއެވެ.
“ނޫން.. އާނ… މި.. މި ކައިރި ރަށަކަށް ދަތުރު ދާން އެބަ ރާވާ.. ތިކޮޅަށް ދިޔުމުގެ ކުރިން މަޖާ ކޮށްލާފައި ދާންވެގެން..” އައިޒަން ކައިވެންޏަށް ފަހު ރާވަމުން ދާ ދަތުރުގެ ވާހަކަ މަންމައާއި ހިއްސާކުރިއެވެ. ތަފާތު ވާހަކަ ދެއްކުމަށްފަހު ފޯނު ކަނޑާލި އައިޒަންގެ މޫނުމަތިން އަނެއްކާވެސް ފާޅުވީ ކަންބޮޑުވުމެވެ.
“އޭ ބުރޯ!!!!!” ކޮޓަރިއަށް ކުއްލިއަކަށް ދެމިގަތް ޖިނާހްގެ އަޑަށް އައިޒަން ސިހުނެވެ. “މަ މަރައިފި… މިހާރު މަގޭ ބިޓުވެސް މަގޭ ލޮލަށް ފެންނަ ވަރެއް ނުވޭ… އަވަހޭ ނައިނާ މެންނާއި ގުޅުނުލެއް… އެދެމީހުން އުޅޭ ގޮތް ފެނިފައި މީހަކު ނުބުނާނެ އެއީ ބީރައްޓެހި ދެކުދިންނޭ.. ހީވާނީ ވިހެއިންސުރެ އެކީ އުޅެ ބޮޑުވި ދެކުދިންހެން…” މަޖާވެލާފައި ޖިނާހް އެހެން ބުނުމުން އައިޒަން އަށް ހެވުނެވެ. އޭނާ އެދައްކަނީ ލަހުފާގެ ވާހަކައެވެ. ލަހުފާ އާއި ޖިނާހް އަކީ އައިޒަންއާއި އެކު އެއް އޮފީހެއްގައި އުޅޭ އޭނާގެ އެންމެ ގާތް ދެ އެކުވެރިންނެވެ. ސުކޫލު ދައުރުން ފަށައިގެން ކޮލެޖްވެސް ތިން މީހުން ނިންމީ އެކު އެކީގައެވެ. އޭރުން ފަށައިގެން ޖިނާހް އާއި ލަހުފާ އަކީ ދެލޯބިވެރިންނެވެ. “ލައްކޮ ކުރިން ދުވަހު ބުނި މި އޮފީސް ހިންގަން ފެށީމަ އޭނާ އެއް އަހަރަށް މިކޮޅަށް ބަދަލުވާވާހަކަ.. ކިހިނެއްވީ އަނެއްކާ؟” އައިޒަން ކުއްލިއަކަށް އެވާހަކަ ހަނދާންވެގެން އެހެން އެހިއެވެ.
“އާނ… އައިޒަންގެ މަންމަ ބައެއް މުއައްޒަފުން މިކޮޅަށް ބަދަލުކުރަނީ އެއް އަހަރާއި ދެ އަހަރުގެ މުއްދަތަކަށް…. ދެން ލަހުފާ އަމިއްލައަށް އެދުނީ އެމީހުންގެ ތެރޭ ލަހުފާވެސް ހިމެނެން..” ޖިނާހް ކިޔައިދިނެވެ. އެއީ އަދި އައިޒަންއަށް ނޭނގޭ ވާހަކައެއް ކަމުން ޖިނާހް ކައިރިން އިތުރަށް އެވާހަކަތަށް އޮޅުން ފިލުވަން ފެށިއެވެ. “ކިތަންމެހާވެސް ރަނގަޅު… ލައްކޮ މިކޮޅުގައި ހުރެއްޖެއްޔާ އަހަރެންނަކަށް ނުޖެހޭނެ މާ ބޮޑަކަށް ނައިނާގެ ފިކުރު ކުރާކަށް…” އައިޒަން ހަމަޖެހިލާފައި ބުންޏެވެ.
ތަންކުޑަވެފައި ކައިވެނީގެ ކަންތަށް އެންމެ ފުރިހަމައަށް ނައިނާގެ އެ ކުޑަ ކުޑަ ގޭގައި ނުބޭއްވިދާނެތީ އެންމެންގެ ރުހުމާއި އެކު ހުރިހާ ކަމެއްވެސް ބާއްވަން ހަމަޖެހިފައި އޮތީ ޒުހާމެންގެ ގޭގައެވެ. އެކަމުން އެމީހުންގެ ގުޅުން ކިހާ ގާތްކަން އައިޒަންމެންނަށް ވިސްނުނެވެ. މަންމަމެންނަށްވެސް އެމީހުންގެ މި އެކުވެރިކަމާއި ރަނގަޅުކަން ފެންނާނެނަމައެވެ. އެގެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކުވެސް އައިޒަންގެ ދެލޯ ހޯދަން ފެށީ ނައިނާއެވެ. ކޮޅުކޮޅަށް މީހުން ދުވަމުން ދިޔައީ ފަހުވަގުތުގެ ތައްޔާރީތަށް ނިންމާލެވޭތޯއެވެ. އައިޒަން ގެ ދެލޯ ހޯދަނީ ކާކުކަން އެނގި ޖިނާހް ހީލާފައި އައިޒަންގެ ގައިގާ ކޮށްޓާލިއެވެ. އަދި އެއްފަޅިއެއްގައި ލަހުފާ ކައިރި ހުރި ނައިނާ ދައްކާލިއެވެ.
އައިޒަންގެ ދެލޯ ބޮޑުވެގެން ދިޔައީ ޕަރީއެއް ފަދައިން ޖަރީވެ ހުރި އޭނާގެ އަލަތު ލޯބި ފެނިފައެވެ. “މާ ޝާ ﷲ.. ޖިނާ.. ޖިނާ އެއީ ހަމަ އަހަރެންގެ ނައިނާތަ؟” ޔަޤީން ނުކުރެވިފައި އައިޒަން އެހެން އަހާލުމުން ޖިނާހް ހޭންފެށިއެވެ. ވާނީވެސް އެހެންތާއެވެ. ނައިނާ މިއަދު އެހުރީ ދުވަހަކުވެސް ނުވާހާ ވަރަށް ރީތިވެލައިގެންނެވެ. ލައިގެން ހުރި ހުދު ލޭސްފޮތީގެ މެކްސީއެއްގައި ނައިނާ ފެންނަނީ ޝެހެޒާދީއެއްހެންނެވެ. ހެދުމުގެ މެދެއްހާ ހިސާބުގަޔާއި އަޑީގައި ރީތި ޑިޒައިނަކަށް ރަތް ކުލައިގެ މާތަކަކުން ޖަރީ ކުރެވިފައިވާއިރު އެ ދެކުލައިގެ ޝޭޑަކުން ދެލޯ ވަނީ ޖަރީކުރެވިފައެވެ. ދިގު އެސްފިޔަތަކުގައި މަސްކަރަ ޖައްސާފައި ހުރިއިރު އިތުރަށް އެ ބޮޑު ދެލޮލާއި ގުޅެއެވެ. އިސްތަށިގަނޑު ވަނީ ހުޅި ޖަހާލާފައެއް ކަމަކު ކަންފަތް ކައިރިން އިސްތަށި ކޮޅެއް ވަނީ މިނިވަންކަމާއި އެކު ދޫކޮށްލެވިފައެވެ. އެ އިސްތަށިކޮޅުތަށް ހުރީ ރާޅު ބާނީ ފަދައިންނެވެ. އެ ހުރިހާ ކަމަކީ ލަހުފާގެ މޮޅުކަމެވެ. އައިޒަން މޭގައި އަތް އަޅާލެވުނީ ބޭއިހްތިޔަރުގައެވެ. “އޭ ބުރޯ ހޭނުނެތެއްޗޭ އަނެއްކާ…” އައިޒަން ގެ ގައިގާ ޖަހާލަމުން ޖިނާހް ބުންޏެވެ. އައިޒަން ވެސް ވަކި ހަޑިއެއް ނޫނެވެ. ހުދު ކުލައިގެ ގަމިހެއްގައި ރީތިވެލައިގެން ހުރިއިރު މޫނުމަތީގައި ވަނީ ތާޒާ ކަމެވެ. މިހާރުވެސް އެރަށުގައި އެ އުމުރުގެ އެތަށް އަންހެން ކުދިންނެއް އޭނާއާއި ހުންނަނީ އަޅައިގަނެފައިކަން އޭނާއަށް އިނގެއެވެ. ނަމަވެސް އެ ހިތް ލެނބުނީ ހަމައެކަނި ނައިނާއަށެވެ. އެތަށް ކުދިންނެއް ނައިނާއަށް ހަސަދަލިއެވެ. އަދި އޭނާގެ ބައްޕަ ގެ ނުބައި ވާހަކަ އިވޭވަރަށް ދައްކާ ނައިނާ ދެރަކުރަމުން ދިޔަނަމަވެސް އޭނާ އެކަން ކަމަކާއި މާ ބޮޑު ފަރުވާލެއް ނުބަހައްޓައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.






Salaam. ?
Sorry for being late but unlike other stories this story isn’t finished and it takes time to write. I try my best to at least write two part each day so that I can b one part ahead and save the other one to upload. And that’s why lasvani. ?
Tvgc
Good night ❤
Reethi ❤️️
Wow m the first ? v reethi mi bai vess ??
Ohhh wow masha allah?? whn nxt prt avaskolladhechchey ly gud nyt ???❤❤?????
Reethi
Valee nuhoadhaathr merry kurany koba nainaa dad
Darling. Ghaazee ahves valee dheveyney
You can do better than this ?
Varah reethi.. Ryn ge hurihaa stories eh ves kiyamun mi annanee.. all of them are awesome.. eh story ah vure aneh story reethikan faahanga kurevey.. keep it up!! ❤ 🙂
What medhu vai ingili
Reethi.
Nice story….keep it up….whn next part..
Thanx Ryn Up kohla dhineema. Ryn thee nash ge enme best writer…Baraabarah up vaane Ryn ge vahaka eh viyya….When next part…Vvvvv obi vaahaka…Keep it up…Ur best
alhheyy flower 😉 .. vrh loaabii… waiting next part ahh hama.. vrh dhuvas fahunn mi comment kohllyy <3 :*
missed this all