
ރޭގަނޑު ގަޑިން 7 ޖެހިއިރު އޭނާ ހުރީ އުނގޫފާރު ބަނދަރުގައެވެ. ބަލައި އީމާން އައިސް ހުރިއިރު އައިޒަންގެ ހިތްވަނީ އަވަސްވެފައެވެ. ނައިނާ ދެރަކުރެވުނީތީ އޭނާ ވެސް ހުރީ ވަރަށް ދެރަވެފައެވެ. ނަމާދުކޮށްލިއިރު އެ ހިތުގައިވާ ބިރުވެރިކަން ވަނީ ކޮންމެވެސް ވަރަކަށް ފިލާފައެވެ. ވެރި ރައްބަށް ދުޢާ ކުރަމުން ދިޔައީ އޭނާގެ ދިރިއުޅުމުން ނައިނާ ވަކިވެގެން ނުދިޔުމަށެވެ. އެލޯބި އަބަދުމެ އަބަދަށް ދެ ދުނިޔޭގައިވެސް ލިބުމަށެވެ. “އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އިނގޭ..” ދެރަވެލާފައިނަމަވެސް އީމާން އައިޒަން އަށް ހިތްވަރުލައިދިނެވެ. އުނގޫފާރުގައި ތިބި އޭނާގެ ހުރިހާ އެކުވެރިން ތިބީ ވަރަށް ދެރަވެފައެވެ. ހަޔާތުގައި ވެވޭ ފުރަތަމަ ލޯތްބަކީ ހަމަ އެކަކަށްވެސް ނަސީބު ނޫން އެއްޗެއްބާއެވެ؟ އައިޒަން ނައިނާގެ ފޯނަށް ގުޅާލީ ފޯނު ނަގާތޯއެވެ. ނަމަވެސް ނުނެގުމުން ހުރި ބާރެއްލާފައި ދިޔައީ ނައިނާމެން ގެ ގެއަށެވެ. ނޭވައި ކުރުވެ ހިތްއަވަސްވަމުން ދިޔައެއްކަމަކު އޭނާ ގެ ފިޔަވަޅުތަށް މަޑެއްނުކުރިއެވެ. އޭނާ ހުރީ ވަރުގަދަ އަޒުމެއް ކަނޑައަޅައިގެންނެވެ.
އެގެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު އޭނާއަށް ފެނުނީ ފުން ވިސްނުމެއްގައި އޮތް ޒާހިދާއެވެ. ލަސްފިޔަވަޅުތަކެއްގައި އައިސް ޒާހިދާ ކުރިމައްޗަށް އެރުމާއި އެކު ސިހިފައި ޒާހިދާއަށް ބަލާލެވުނެވެ. މޫނު ވަކިވުމާއި އެކު އިތުރަށް ސިހުނެވެ. “އައިޒަން…” ޒާހިދާ ދެލޯ ބޮޑުވިއެވެ. އުނދޯލިން ތެދުވެފައި އޭނާ އަދިވެސް އެއްފަހަރު އައިޒަންގެ މޫނަށް ބަލައިލީ ޔަޤީން ކުރާށެވެ. “ކޮން… ކޮންއިރަކު އައީ…؟؟” ޒާހިދާ ސުވާލުކުރިއެވެ. “ދެންމެ.. ކޮބާ ނައިނާ..” ގޭތެރެއަށް ބޯ ދިއްކޮށްލަމުން އައިޒަން އެހިއެވެ. “ބޭރަށް ގޮސް ވީ… ޒުހާއާއި އެކު ކަންނޭނގެ.. އަދި ނާދޭ… މަންމަ ވަރަށް ވިސްނައިދީފިން. މާފުކުރޭ ދަރިފުޅުގެ ފޯނު ނުނެގުމަށް މަންމައަށް އޮތީ ބުނެފައި.. މަންމަގެ ފޯނު ރިންގް ވާއިރަށް އައިސް ބަލާނެ…” އިސްދަށަށް ޖަހާލަމުން ޒާހިދާ އެހެން ބުނީ ކުށްވެރިއެއްހެންނެވެ. “އަޅުގަނޑަށްވެސް އިނގެޔޭ ނައިނާ ގެ ގޮތް…. އެބަ އަންނަން އިނގޭ ހޯދާލާފައި….” ޒާހިދާގެ ދެކޮނޑުގައި ހިފާލަމުން އައިޒަން ބުނީ ހީލާފައެވެ. އަދި އެނބުރި ގެއިން ނިކުތީ ފޯނުން ޒުހާއަށް ގުޅަމުންނެވެ.
“ކޮބާ ނައިނަ؟ މިހިރީ ރަށުގައި…” އައިޒަން ބުނެލިއެވެ. “ނޭނގެ.. ގެއަކު ނެތްތަ؟؟” ޒުހާ ސުވާލުކުރީ ކުޑަކޮށް ހައިރާންވެފައެވެ. މިގަޑީގައި އޭނާ އެދިޔައީ ކޮންތާކަށްބާއެވެ. “މަންމަ ބުނީ ޒުހާ އާއި އެކު ބޭރުގައޭ…” ދެބުމަ ގޮށްޖަހާލަމުން އައިޒަން އެހެން ބުންޏެވެ. އިތުރަށް ހައިރާންވެފައި “އޭ” އޭ ޒުހާ ބުނީ ނައިނާ އެފަދަ ދޮގެއް ހަދާފާއި އެ ދިޔައީ ކޮންތާކަށްބާއޭ ހިތަށްއަރާފައެވެ. “އަހަރެން… އަހަރެން އެބަ ގުޅާލަން އެހެން މީހުންނަށް….” ޒުހާ އަވަސް އަވަހަށް އެހެން ބުނިއިރު އޭނާ ބިރުގަނެއްޖެއެވެ. ނައިނާއަށް ކަމެއްވީބާއޭވެސް އޭނާ ހިތަށް އަރަންފެށިއެވެ. ޒުހާ ތެޅިގަތުމުން އައިޒަންގެ ހިތަށްވެސް ބިރުވެރިކަން ވަނެވެ. އައިޒަން ނައިނާގެ ފޯނަށް ގުޅުމުން ޖަވާބެއް ނުދެއެވެ. އިރުކޮޅެއްފަހުން ފޯނު ނިއްވައިވެސް ލައިފިއެވެ. އެކަމުން ނައިނާ އަށް އަދި ކަމެއްނުވާކަން އައިޒަން އަށް ޔަޤީންވިއެވެ.
ނައިނާ ދާނެ ތަނަކާއި މެދު ވިސްނަން ހުރި އައިޒަންގެ ހިޔާލަށް އައީ އަތިރިމައްޗެވެ. އެ ދެމީހުންގެ ލޯބި އެންމެ ފުރަތަމަ ފެށުނު ތަނެވެ. ނައިނާ އަނެއްކާ އެތަނަށް ގޮސްދާނެބާއެވެ.؟ އައިޒަން ހިނގުން ބާރުކޮށްލާފައި އަތިރިމައްޗާއި ދިމާލަށް ދިޔައީ ނައިނާ އެތާ ހެޔޮހާލުގައި އިނދޭތޯ ދުޢާ ކުރަމުންނެވެ. އަތިރިމައްޗަށް ނިކުމެ ހުރިހާ ދިމާލެއް ހޯދާލިއިރު އަނދިރިގަނޑުގައި ފާޑަގަށް ބިއްޖެހިފައި އަންހެން ކުއްޖެއް އިންތަން އައިޒަން އަށް ފެނުނެވެ. ޖެހޭ ފިނި ފިނި ރޯޅިއާއި އެކު އައިޒަންގެ ކަންފަތުގައި ޖެހުނީ މަޑު ގިސްލުމެއްގެ އަޑެވެ. ނައިނާ ތޯ ޔަޤީންކުރަން އައިޒަން ކުރިއަށް ފިޔަވަޅު އަޅާލިއެވެ. އާއެކެވެ. އެއީ ނައިނާއެވެ. އެހިތުގެ ރާނީއެވެ. އޭނާގެ ފުރާނައެވެ.
ނައިނާ ކަން ޔަޤީންވުމާއި އެކު މަޑު ދޮންވެލިގަނޑުމަތީ ދުވެފައި ކަހަލަ ގޮތަކަށް އެހިސާބަށް އެރިއެވެ. އެއަޑާއި އެކު ސިހިފައި ނައިނާއަށް އިސްއުފުލާ ބަލައިލެވުނީ އައިޒަން ގެ ސޫރަ ފެންނާނެކަމަކަށް ނޫނެވެ. ދެލޯ ބޮޑުވީވަރުން ހިފަހައްޓައިގެން ހުރި ކަރުނަތަށްވެސް މިނިވަންވިއެވެ. ނައިނާ ފުން ނޭވާތަކެއް ލާފައި ކޮޅަށް ތެދުވިއެވެ. “ކީއްކުރަން ތިއައީ…؟” ނައިނާ ފަހަތަށް ފިޔަވަޅެއް އަޅާލާފައި ސުވާލުކުރިއެވެ. “ލޯބިވާތީ…” ކުރު ގޮތަކަށް ޖަވާބު ދިން އިރު އައިޒަންގެ އަޑުގައިވަނީ ހިތްހަމަނުޖެހުމެވެ. ހިތުގައި ވަނީ ޝަކުވާއެވެ. “ބިރެއްވެސް ނުގަނޭތަ މިފަދަ ގަޑީގައި މިތާނގައި އެކަނި އިންނާކަށް..؟؟؟؟” އައިޒަން ހިތްހަމަނުޖެހިފައި އެހެން ސުވާލުކުރިއެވެ. ނައިނާ އެއްޗެއް ނުބުނެ ހިނގައިގަތް ނަމަވެސް އައިޒަން ނައިނާގެ އަތުގައި ހިފެހެއްޓީ ގުޑައިނުލެވޭނެހާ ބާރަށެވެ. ނައިނާ އަތް ފޮޅާލަން މަސައްކަތްކުރަމުން ދޫކުރާށޭ ބުނީ ފަސްއެނބުރި އައިޒަން އަށް ބަލައިވެސްނުލައެވެ. “ނުކުރާނަން… މި އަތުގައި އަހަރެން އެ ދުވަހު ހިފީކީ ދޫކުރާކަށެއް ނޫން…” އައިޒަން އެހެން ބުނެފައި ޖެހި ކުއްލިން ނައިނާ ގޮސް ލައްވީ އައިޒަންގެ ގައިގައެވެ. ދެވަނަ ސިކުންތުގައި އެ ދެއަތުތެރެއަށް ލާ ނައިނާ ގައިގާ އޮޅުލައިގަތެވެ. ނައިނާ ތެޅިގަތުމުންވެސް އައިޒަން ދޫނުކުރިއެވެ. “ކީއްވެތަ އެހެން ހެދީ؟ އަހަރެން ނޫޅެމޭ ނޭނާ ދޫކުރާކަށް… ވަރަށް ލޯބިވެޔޭ…” އައިޒަން ބުންޏެވެ. ނައިނާ އެއްޗެއް ނުބުނެ ހުރިއިރު އެ ދެލޮލުން ކަރުނަ އަންނަންފެށީ އެހިތަށްވެސް އުނދަގޫވާތީއެވެ. އޭނާވެސް ވަކި އައިޒަން އާއި ދުރުވާކަށް ނޭދެއެވެ. ނަމަވެސް އައިޒަންގެ މަންމަ ހިތްހަމަނުޖެހޭ ކަމެއް ކޮށް އެ ގުޅުމުގެ ތެރެއަށް ވަންނާކަށް ބޭނުމެއްނުވެއެވެ.
“ތިހެން ވާހަކަ ނުދައްކާ ހުރީމަ ހީކުރަނީތަ މިގުޅުން ނިމޭނޭ؟؟؟ އަހަރެން ނުބުނަންތަ ވައުދެއްނުވަންތަ ނޭނާ ދޫނުކުރާނެކަމަށް… މަންމަ ކޮންމެ ގޮތަކަށް ދެކުނަސް އަހަރެން ނުކުރާނަން ދުލެއް.. ކޮންމެ ގޮތެއްވިޔަސް އަހަރެން މި ހުރިގޮތަށް ހުންނާނަން…” އައިޒަން ޔަޤީންކަން ދިނެވެ. ނައިނާ ދުރަށްޖެހެން އުޅުމުން މިފަހަރު އައިޒަން ދެކޮޅު ހެދުމެއްނެތި ދެއަތް ވަކިކޮށްލިއެވެ. ނައިނާ ދުރަށްޖެހިލިއެވެ. “މި ގުޅުމަކުން ލިބޭނެ އެއްވެސް އުފަލެއް އެއްވެސް ބަރަކާތެއް ނޯންނާނެ… އަހަރެން ބޭނުމެއްނުވޭ މިގުޅުން މިއަށްވުރެ އިތުރަށް ގެންދާކަށް… މިހިސާބުން ނިމުނީ..” ނައިނާ އޭނާގެ ފަހު ނިންމުން އިއްވާލިއެވެ. އައިޒަން ގެ އަގައިން މަޑު އާހެއް ނިކުތެވެ. ނައިނާ އެހެން އެހަދަނީ ހިތާއި ދެކޮޅަށްކަން އައިޒަންއަށް އިނގެއެވެ.
“މި ގުޅުމަކީ އަހަރެމެން ދެމީހުން ފެށި ގުޅުމެއް އެހެންވީމަ ހަމައެކަނި ނައިނާ ނިންމާލުމަކުން ނިންމާލިކަމަކަށް ނުވާނެ… ނައިނާ ދޫކޮށްލާނެހާ ހިތްވަރެއް ނެތޭ…” އައިޒަންވެސް އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނެލިއެވެ. ނައިނާ ދެކޮޅު ހެދިއެއްކަމަކު މި ގުޅުން ނިންމާކަށް އޭނާ ބޭނުމެއްނޫނެވެ. “ދެން މަންމަގެ ހިތަށް ތަދުކުރާނެހާ ހިތްވަރު އެބައޮތްތަ؟ އެ އިތުބާރު ގެއްލުވާލާ ހިތްވަރު އެބައޮތްތަ؟ ވިސްނަބަލަ… މަންމަ އަށް އެވަރު ބޮޑު އަނިޔާއެއް ދޭން ހެޔޮނުވާނެ.. އެ މަންމަގެ އައިޒަން އާއި އައިޝަމް ފިޔަވާ ކާކު ހުރީ؟؟؟” ނައިނާ މަޑުމައިތިރިކަމާއި އެކު އެހެން ބުނީ އައިޒަން އަށް ވިސްނައިދޭށެވެ. ނައިނާ ދިޔައީ ހިތަށްވުރެ ބޮޑަށް ސިކުނޑި ބޭނުން ކުރަމުންނެވެ.
“ދެން އަހަރެމެން ދެކުނު އުއްމީދުތަކާއި ހުވަފެންތަކޯ؟ ދެމީހުންގެ ލޯތްބާއި އިތުބާރޯ؟ އެއި އެއްވެސް އެއްޗެއް ނޫންތަ؟ ނައިނާ އަހަރެންވެސް ވިސްނަމޭ ތި ހުރިހާ ކަމަކާ… އަހަރެންވެސް ދެރަވެޔޭ މަންމަ ހިތަށް އަރާނެ އެއްޗެއް ވިސްނާފައި.. އެކަމް… އެކަމް އޭގެ މާނައަކީ އެއްނޫން މި ގުޅުން ނިމުނީކީއެއް… ތީވެސް އެ މަންމައާއި އެއްވަރަށް އަހަރެންނަށް މުހިންމު މީހެއް… މަންމައަށް ވިސްނޭނެ ދުވަހެއް އަންނާނެ… ” ނައިނާގެ ދެކޮނޑުގައި ހިފައިފާ ތަޅުވާލަމުން އައިޒަން އެހެން ބުނީ އެދެމީހުންގެ މެދުގައި ހޭދަވި ވަގުތާއި ކުރި އަހުދާއި ވައުދުތަށް މަތިން ހަނދާންކުރަމުންނެވެ. ނައިނާ އެހާ ފަސޭހައިން އެގުޅުމުން ސަލާމަތްވިޔަކަ އައިޒަން ނުދޭނެއެވެ. ނައިނާ ކިތަންމެ މަސައްކަތް ކުރިއަސް ހެވެވެ.
“ދެން… އައިޒަން ކީއްކުރަން ބޭނުންވަނީ؟ މިކަމަށް ހައްލެއް އެބައޮތްތަ؟؟ އޭ.. މި ގުޅުމަށް……” “މަންމައަށް ނޭނގި ކައިވެނި ކުރާނީ…” ނައިނާ ދައްކަ ދައްކަ ހުރި ވާހަކަ އައިޒަން މެދުކަނޑާލިއެވެ. ނައިނާ ދެލޯ ބޮޑުވެގެން ދިޔައެވެ. އެ ޖުމްލަ އެތަކެއް ފަހަރު އެ ކަންފަތަށް އިވިގެންދިޔައިރު ހީވީ ބަންދުކޮޓަރިއެއްގައި މީހަކު މެދުކެނޑުމެއްނެތި އެޖުމްލަ ނައިނާއަށް އިއްވަމުން ދިޔައީހެންނެވެ. ފަހަތަށް ފިޔަވަޅެއް އަޅާލަމުން ނައިނާ ދެކޮޅަށް ބޯ ހަރަކާތްކޮށްލީ ގަބޫލުކުރަން އުނދަގޫވެގެންނެވެ. “މޮޔަވީތަ އައިޒަން؟؟ އޭ ބުނެބަލަ މޮޔަވީތަ؟؟؟” ނައިނާ އައިޒަންގެ ގައިގާ ހިފައިފާ ތަޅުވައިގަތެވެ. “ނޭނާ… އަހަރެން މޮޔަވެއްޖެ.. އާނ މޮޔަވެއްޖެ… އަހަރެން ކިހިނެއް ނޭނާ ދޫކޮށްލާނީ… މަންމައަށް އިނގުނީމަ އެދުވަހަކުން ކުރާނެކަމަކާއި މެދު ވިސްނާނީ ގައިމުވެސް އޭރަކުން ނޭނާ އަހަރެންނަކާއި ވަކި ކުރާކަށް ނުކެރޭނެ.. އެއީ އެދުވަހު ނައިނާ ހުންނާނީ އަހަރެންގެ އަނބިމީހާ ގޮތުގައި….” އައިޒަން ސީދާ ނައިނާގެ ދެލޮލަށް ބަލަންހުރެ އެހެން ބުނީ ވަރަށް ބޮޑަށް ޔަޤީންކޮށްފައެވެ.
އައިޒަން ބޮލުގެ ދެފަރާތުގައި އަތް އަޅާލަމުން ދެކަކޫ މައްޗަށް ވެއްޓިގަތެވެ. “އަހަރެން މޮޔަވެއްޖެ… ނައިނާ އަހަރެން މޮޔަވެއްޖެ..” އައިޒަން ތަކުރާރުކޮށް އެހެން ބުނަމުން ދިޔައެވެ. ނައިނާ އަށް އައިޒަން ގެ ހިތަށް ވަރަށް ބޮޑަށް އަސަރުކޮށްފިކަން އިހްސާސްވިނަމަވެސް ކުރިއަށް ފިޔަވަޅެއް އަޅާކަށް ބޭނުމެއްނުވިއެވެ. އޭނާ އެ ހިތަށް އަރާ އެއްޗަކަށް އިޖާބަ ދޭކަށް ބޭނުމެއް ނުވެއެވެ.
“އައިޒަން… އަހަރެން ދައްކާވާހަކަ ކަނުލާ އަޑުއަހާތި… އައިޒަން އިނގޭނެ މަންމަ އަށް ވާނެ ގޮތް އަދި ހާއްސަކޮށް ވަގަށް މަންމަގެ އައިޒަން އަހަރެން ކަހަލަ މީހަކާ އިންކަން އިނގުނީމަ.. މަންމަ ގެ އެ ވިސްނުން އެހެން ހުންނަނީ މަންމަގެ އެ ކުޑަ އާއިލާއަށް ދެރަގޮތެއް ވާން ނޭދޭތީ.. އައިޒަން.. ލޯބިވާ މީހެއްގެ ފަރާތުން ކެއްސެއް ލިބުން އެއީ ދުނިޔެ ބަދަލުކޮށްލާ ކަމެއް… އެހެންމީހުންނާއި މެދު ދެކޭ ގޮތް ބަދަލުކޮށްލާ ކަމެއް.. އައިޒަން އާއި ދިމާވުމުގެ ކުރިން އަހަރެންވެސް މީ އައިޒަންގެ މަންމަ ގޮތަށް އުޅުނު މީހެއް… މާލޭ މީހުން ދެކެ ނަފްރަތު ކުރަން.. އައިޒަން އާއި ދިމާވީމަ އިނގުނު އެންމެން އެއްގޮތެއްނުވާނެކަން…. އައިޒަން ވިސްނަބަލަ.. މަންމަ އަކީ އެހެން މީހަކަށްވުރެ ބޮޑަށް އިސްކަން ދޭންޖެހޭ މީހެއް….” ނައިނާ މަޑުމައިތިރިކަމާއި އެކު ވާހަކަ ދައްކާ ނިމުނުއިރުވެސް އައިޒަން އިސްޖަހައިގެން އެ އިންގޮތަށް އިނެވެ. ނައިނާ ކުރިއަށްވެސް އަދި ފަހަތަށްވެސް ފިޔަވަޅެއް ނާޅައެވެ. އޭނާ އެ ހުރިގޮތަށް ހުރީ އައިޒަންގެ ނިންމުމަށް އިންތިޒާރު ކުރާށެވެ. އައިޒަންގެ ނިންމުމާއި އެކު އޭނާ އަޅާނީ ކޮން ފިޔަވަޅެއްކަން އޭނާއަށް ވިސްނަން ފަސޭހަވާނެއެވެ.
“އެހެންވިއްޔާ ނައިނާވެސް އަޑުއަހާ… ނައިނާގެ ވިސްނުން ބަދަލުވީ އަހަރެންނާއި ހެދި ހަމައެގޮތަށް…. އެދުވަހަކުން… އަހަރެންގެ އަނބިމީހާގެ ގޮތުގައި ނައިނާ ހުރެ ނައިނާގެ ރަނގަޅު ކަން އިނގޭ ދުވަހުން މަންމަގެ ވިސްނުންވެސް ބަދަލުވާނެ.. ނައިނާ ގޮތަށް.. އަހަރެންނަށް އިނގޭ ނައިނާ ބޭނުންވަނީ މިތަނުން ދުއްވައިގަންނަން ކަން.. މި ގުޅުން ނިންމާލަން ކަން…. ބަޓް އައި ވޯންޓް ލެޓް ޔޫ ގިވް އަޕް އޮން އަސް… މިއަދު މިހެންވިޔަސް އަހަރެން އަދި ތި ނައިނާގެ ހިތް ރުއްސާނަން…. އަދި ޔަޤީންކަން ދެން… އަހަރެންގެ އަނބިމީހާއަށް ވުމަށްފަހު، ކޮންމެ ގޮތަކަށް އުޅެންޖެހުނަސް ނައިނާ އަހަރެންނާއި ވަތްކެއް ނުކުރާނަން….” އިރުކޮޅަކު އެދޭތެރޭ އޮތް ހަމަހިމޭންކަން ފޫއަޅުވާލަމުން އައިޒަން އޭނާގެ ނިންމުންވެސް އިއްވާލިއެވެ. “އަހަރެން ރައްޓެހިވެގެން އުޅޭ ކުއްޖަކާއި އަހަރެންނާއި ވަކި ކުރަން މަންމައަށް ފަސޭހަވިއެއްކަމަކު އަހަރެންނާއި އަހަރެންގެ އަނބިމީހާ ވަކިކުރާކަށް މަންމައަށް ލާހިކެއްނޫން…” އައިޒަން ދެންވެސް އެހެން ބުނެފައި ކޮޅަށް ތެދުވިއެވެ. ނައިނާ ދުރަށް ނަޒަރު ހިންގާލިއެވެ. އައިޒަން އަށް ވިސްނައިދިނުމެކޭ ގާބުރިއަކަށް ވިސްނައިދިނުމެކޭ ތަފާތެއްނެތެވެ. ކަންފަތަށް އެއްޗެއް ނުވަންނަތާނގައި ސިކުނޑިއަށްވެސް ވިސްނައިނުލެވެނީއެވެ. އައިޒަން އާއި ވާހަކަ ދެއްކުމަކީ ބޭކާރު ކަމެކެވެ.
“އޯކޭ އައިޒަން ހުރޭ ތިގޮތުގައި… އަހަރެންވެސް ހުންނާނީ އަހަރެންގެ ގޮތުގައި…” ނައިނާ ފަސް އެނބުރެމުން ބުންޏެވެ. އައިޒަން އިތުރު އެއްޗެއް ނުބުނެ އެ ހުރިތާ ހުއްޓެވެ. ނައިނާ ކުރިއަށް ފިޔަވަޅެއް އަޅާލީ އޭނާއާއި ކައިރި ނުވާށޭ ބުނަމުންނެވެ. އައިޒަން މޫދާއި ދިމާލަށް އެނބުރުނެވެ. އޭނާގެ ފުރަތަމަ ލޯބި ހާސިލްކުރަން ކޮންމެ ފަދަ ކަމެއްވެސް ކުރާނެއެވެ. ނައިނާ އަށް އައިޒަން އަށް މިކަމުގައި އިތުބާރު ކުރާނެނަމައެވެ. ނައިނާ ގެ ފަސްފަހަތުން އައިޒަންވެސް ހިނގަމުން ދިޔައެވެ. ނައިނާ ފިޔަވަޅު ހުއްޓާލާއިރަށް އޭނާވެސް ހުއްޓާލައެވެ. ނައިނާ ފަސްއެނބުރި ބަލާލިއިރު އައިޒަން އޭނާއާއި 3 ވަރަކަށް ފޫޓު ދުރުގައި ހުއްޓެވެ. އަޅައިނުލާ ހިނގައިގަތީ އައިޒަން ވެސް އަންނަކަން އިނގޭތީ ހިތަށް ލުއިކަމެއް ލިބުމުންނެވެ.
ނައިނާ ގެޔަށް ވަދެގެން ދިޔަތަން ފެނުމުން ޒާހިދާ ގޮވާލިއެވެ. ނަމަވެސް ނައިނާ ޖަވާބެއް ނުދިނުމުން ކަންބޮޑުވެފައި ތެދުވީ ނައިނާ ކައިރިއަށް ދާށެވެ. އެވަގުތު ގޭބޭރުގައި ހުރި އައިޒަން ފެނި ޒާހިދާ އެދިމާލަށް ދިޔައެވެ. އައިޒަން އިސްޖަހާލަމުން ދެކޮޅަށް ބޯ ހަރަކާތްކޮށްލީ ނައިނާ ގެ ހިތް މިފަހަރު ކާމިޔާބު ނުކުރެވުނުކަން ޒާހިދާއަށް އަންގާށެވެ. ޒާހިދާ ދެރަވެލާފައި އައިޒަންގެ އަތުގައި ހިފައިގެން ގެޔަށްވަނެވެ. އަދި ބޮޑު އަށިމަތީ އޭނާ ބޭންދުމަށްފަހު ވީ ގޮތް އޮޅުންފިލުވިއެވެ. އައިޒަންގެ ހުށައެޅުން އަޑުއިވި ޒާހިދާވެސް ދިޔައީ ދެލޯ ބޮޑުވެގެންނެވެ. އެހާ ބޮޑު ނިންމުމެއް އައިޒަން ނިންމާ ނައިނާ ކައިރި އެދުނީތީ ހައިރާންވިއެވެ. އައިޒަން ނައިނާ ދެކެ އެހާ ވެސް ލޯބިވޭހެއްޔެވެ؟ ހުރިހާ އެއްޗަކަށްވުރެ ބޮޑަށް އައިޒަން ނައިނާއާއި މެދު ވިސްނާކަން ޒާހިދާއަށް އެވަގުތު ވިސްނުނެވެ. އައިޒަންއަކީ ހާދަހާ ތަފާތު ޒުވާނެކެވެ.
ޒާހިދާ ފުން ނޭވައެއް ދޫކޮށްލީ ސިކުނޑިއަށް އައި މާޒީގެ ނުބައި ހިޔާލުތަކުން ދުރުވެ އައިޒަން ގެ ނިންމުމަށް އާބަސްބުނަމުންނެވެ. “މަންމަ އެބަ އަންނަން ކާން ހަދާފައި އިނގޭ؟” ޒާހިދާ ހީލާފައި އެހެން ބުނުމުން އައިޒަން ބޯ ޖަހާލިއެވެ. ޒާހިދާ ތެދުވެ ހިނގައިގަތުމުން އައިޒަން މަންމާއޭ ކިޔާފައި ގޮވައިލިއެވެ. “އަހަރެންގެ މި ނިންމުމަކީ ރަނގަޅު ނިންމުމެއްތަ؟؟” އައިޒަން ސުވާލުކުރިއެވެ. ޒާހިދާ ފަސް އެނބުރިފައި ހީލިއެވެ. އަނގައިން އެއްޗެއް ނުބުނި ކަމުގައި ވިޔަސް އެ ދެލޮލުންނާއި ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމުން އައިޒަންއަށް އޭނާގެ ޖަވާބު ލިބުނެވެ.
ކާން ތައްޔާރު ކުރަމުން ދިޔަ ޒާހިދާގެ މޫނުމަތިން ފެންނަނީ ތަފާތު ޝުއޫރުތަކެކެވެ. އައިޒަންއާއި އެހެން މީހުން އަޅާކިޔޭހާ ތަފާތެވެ. އެ ދެލޮލުން ބަބުޅަމުން އަންނަނީ ނައިނާ ދެކެ ވާ ސާފު ތެދުވެރި ލޯތްބެވެ. ޒާހިދާ ކުޑަކޮށް ސިހުނީ ފަހަތުން ނައިނާ އައިސް ޒާހިދާގެ ގައިގާ ބައްދާލުމުންނެވެ. ޒާހިދާ ހީލާފައި އޭނާގެ ހަށިގަނޑުގައި އަޅުވާލެވިފައިފާ ނައިނާ ގެ ދެއަތަށް ފިތާލިއެވެ. “މަންމާ… އައިޒަން ބޭނުންވާ ކަންތަށް މިހާރު މަންމައަށް އިނގޭކަން އަހަރެންނަށް އިނގޭ… އެކަމް އެގޮތަށް ކަން ވެއްޖެއްޔާ އައިޒަންގެ ދިރިއުޅުން ހަލާކުވާނެ… އައިޒަންގެ މަންމަ އަށް މިހަޤީޤަތް އެނގި ދުރުކުރަން މަޖުބޫރުކޮށްފިއްޔާ އޯ؟ މިއަދު މިގޮތުގައި ހުރެ އައިޒަން އާއި ވަކިވުމަށްވުރެ އޭނާގެ އަނބިމީހާ ގޮތުގައި ހުރެ މިނިވަންވުން މާ ހިތާމަވެރިވާނެ…” ނައިނާ އެ ހުރިގޮތަށް ހުރެ އެހެން ބުނެލިއެވެ. ނައިނާ އެ ބުނި ވާހަކައާއި މެދު ޒާހިދާ ވިސްނާލިއެވެ. އެއީ ދޮގެއްވެސް ނޫނެވެ. އައިޒަން އޭނާ މަންމަދެކެ ނުލާހިކު ލޯބިވެޔެއެވެ. އެގޮތަށް ކަން އިރު އޭނާ ނައިނާ ދުރުކޮށްފާނެބާއެވެ؟ ނޫނެކެވެ. އައިޒަން އަކީ ތަފާތު އަދި ރަނގަޅު ކުއްޖެއްކަން އެތަކެއްފަހަރު އޭނާ ސާބިތުކޮށްދީފިއެވެ.
ޒާހިދާ އެއްޗެއް ބުނުމުގެ ކުރިން ސިހުނީ ފަހަތުން އައި އައިޒަން އެދެމީހުންގެ ގައިގާވެސް ބައްދާލުމުންނެވެ. އޭރު ނައިނާ ހުރީ އައިޒަން އާއި ޒަހިދާގެ ދެމެދުގައެވެ. އެބާރުގަދަ ދެއަތުން އެ ދެމީހުންގައިގާ ބައްދާލީ އޭނާގެ ކުޑަކުޑަ ދުނިޔެއަކީ މިއީ ކަމަށް ހިތާހިތުން ބުނަމުންނެވެ. “އަހަރެންނާއި އިނުމަށްފަހު ނައިނާ އާއި އަހަރެން ވަކިކުރެވޭނެ އެއްވެސް އިތުރު މީހެއް ހުރެދާނެކަމަކަށް އަހަރެން ގަބޫލެއްނުކުރަން…. އިނގޭތަ؟ ނައިނާގެ މި ލޯބި ލޯބި މަންމައަކީ އަހަރެންނަށް ފުރިހަމަ ގޮތުގައި މައިވަންތަކަމުގެ ލޯތްބާއި ކުލުނު އިހްސާސްކޮށްދިން މަންމައަކީ… އަހަރެން މަންމަވެސް އަހަރެން ދެކެ ލޯބިވޭ… އެކަމް މަންމަ އަހަރެން ބޮޑުވަންދެން އުޅުނީ ބޯ ހިޔާކޮށްލާނެ ފުރާޅާއި ހަރަދު ކުރާނެ ލާރި ހޯދުމުގައި އަވަދިނެތި.. އެކަމުގައި އެ މަންމައަށް އަހަރެމެންނަށް ދޭންވާވަރަށް ވަގުތާއި ލޯބި ނުދެވި ބޮޑުވެގެން އައީ.. އެކަމް މިވީ ކުޑަ ދުވަސްކޮޅުތެރޭގައި އަހަރެންނަށް ދުވަހަކުވެސް އިހްސާސްނުވާހާ ވަރަށް މަންމައެއްގެ ލޯބި އިހްސާސްވި… ދެން އަޅެ ކިހިނެއް މި މަންމަ ދެރަކޮށްލާނީ؟ ތިއީއޭ ފުރިހަމަ ގޮތުގައި އަހަރެންގެ ދިރިއުޅުމުގެ ބޮޑު ހިއްސާއެއް އޮންނާނެ ދެމީހުންނަކީ… އަހަރެންގެ ކުޑަކުޑަ ދުނިޔެއަކީ ތިއީ…” އައިޒަން އެ ހުރިގޮތަށް ހުރެ އެހެން ބުނެފައި ނައިނާގެ ކޮނޑުގައި އޭނާގެ މޫނު ފޮރުވާލިއެވެ. ޒާހިދާ ފުން ނޭވައަކާއި އެކު ހިނިތުންވެލިއެވެ. އޭނާ ގެ ހިތަށް އެރި ސުވާލުގެ ޖަވާބުވެސް އެ ލިބުނީއެވެ. ހިތަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދިޔައީވެސް އެހެންވެއެވެ. އައިޒަން ނައިނާ އަށް ދެރަގޮތެއް ނުހަދާނެކަން ޒާހިދާ އަށް ޔަޤީންވިއެވެ.
އިރުކޮޅަކަށް އެހެން ހުރެފައި އައިޒަން ދުރަށްޖެހުނެވެ. ނައިނާ އައިޒަން އާއި ދިމާ އެނބުރުމާއި އެކު ޒާހިދާވެސް އެނބުރުނެވެ. “މަންމާ… ހީވޭތަ މަންމަގެ މި ރަންކަމަނާ ދެރަކޮށްލާފަ ދޫކޮށްލާނޭ..” ނައިނާގެ ބޮލުގައި ފިރުމާލަމުން އައިޒަން ސުވާލުކުރީ ޒާހިދާއާއެވެ. “ދުވަހަކުވެސް ނުކުރާނެކަމުގެ ޔަޤީންކަން މަންމަގެ އެބައޮތް.. އަދި ތިވާ ލޯތްބަކީ ނައިނާ ދެކެ އިތުރު މީހަކަށް ނުވެވޭފަދަ ހަޤީޤީ ތެދުވެރި ލޯބިކަން ވެސް މަންމައަށް އިނގޭ….” ޒާހިދާގެ ޖަވާބާއި އެކު ނައިނާ ޒާހިދާގެ މޫނަށް ބަލައިލިއެވެ. އެ މޫނުމަތިން ދޭހަވާ އެއްޗެއް ނައިނާއަކަށް ނަގައެއް ނުގަނެވުނެވެ. ފެންނަނީ ދުވަހަކުވެސް އެހެން މީހަކަށްޓަކައި ނުފެނުނު ޔަޤީންކަމެކެވެ.. އެ ދެލޮލުން ވިދާ ބަބުޅަނީ އައިޒަން އަށް ކުރާ އިތުބާރެވެ.
ޒާހިދާ ކާން އަރާށޭ ބުނުމުން އައިޒަން އުފަލުން ގޮސް ކާން އިށީނެވެ. ޒާހިދާ ކައްކާ އެއްޗެހި ކާންވެއްޖެނަމަ އައިޒަންގެ މޫނުމަތިން ފެންނަނީ ފުޅާ ހިނިތުންވުމެކެވެ. އޭނާއަށް އެންމެ މީރީ ޒާހިދާ ކެއްކީމައޭވެސް އޭނާ ބުނެއެވެ. ހަ މީހުންނަށް އެއްފަހަރާ އިށީނދެވޭނެހެން ހަދާފައި ހުރި ލަކުޑީ މޭޒެއްގެ މަތީ އޮތީ ތަރަފާލު އަޅާފައެވެ. އެހުންނަ އާދައިގެ ގޮނޑިތަކުގެ ބަދަލުގައި ހުންނަނީ އުސްކޮށް ހަދާފައި ހުރި ހިލަގޮނޑި ފަދަ ލަކުޑި ގޮނޑިތަކެކެވެ. ގޮނޑިތަށް ލައްވެލައިގެން އިންނަ ގޮތަށް ނެތެއްކަމަކު އައިޒަންއަށް ވަރަށްކަމުދެއެވެ. އޭނާވެސް އާދައިގެ ދިރިއުޅުމެއް ތަޖުރިބާ ކޮށްލާނެ ފުރުސަތު ލިބުމުން އޭގެ ބޭނުން އޭނާ ދިޔައީ ފުރިހަމަ ގޮތުގައި ހިފަމުންނެވެ.
ނައިނާގެ އެހީއާއި އެކު ޒާހިދާ މޭޒު ފުރާލީ ރާއްޖޭގެ މީރު ކާއެއްޗެހިންނެވެ. ހުރިހާ ވަހެއް އެއްވުމާއި އެކު ދުވި މީރުވަހުން އައިޒަންއަށް ފުން ނޭވައެއް ދަމާލެވުނެވެ. ރަތް ގަރުދިޔައިގެ އިތުރަށް ފިހެފައި ހުރި މަހާ ގިތިޔޮ މިރުހާއި ތެލުލި ފަތާއި ރިހާކުރުވެސް ހުރީ ތައްޔާރަށެވެ. އައިޒަން ލަސްކުރުމެއް ނެތި ތައްޓަށް ބަތް އަޅައިގެން އަވަސް އަވަހަށް ކާންފެށީ ކާހިތްވީލެއް ބޮޑުކަމުންނެވެ. އޭނާގެ ކުރިމަތީ ދެމީހުން އިންކަމަށްވެސް ހަދާނުލައި ފުރަތަމަ ބަތްގުޅަ ކާލުމަށްފަހު އަނެއް ގުޅަވެސް ކާލައިފިއެވެ. އައިޒަން ކާން އުޅުނު ގޮތް ފެނި ޒާހިދާ އަށް ހެވުނެވެ. ނައިނާ ބަލައިވެސްނުލާ ކާންފެށިއެވެ. “ދަރިފުޅާ… ނުވެސް ކައިތަ ތިއައީ… ލަސްލަހުން ކެޔަސް ކެވޭނޭ.. އެހާ އަވަސް އަރުވާކަށް ނުވާނެ….” ޒާހިދާ މަޑުމަޑުން އެހެން ބުނިއިރުވެސް އެ ތުންފަތް މަތީ ވާ ހިނިތުންވުން ފަނޑުނުވެއެވެ.
“ވަރަށް ބަނޑުހަޔޭ މަންމާ… އެހެން ނޫނަސް އަޅުގަނޑަށް އެންމެ މީރު ކެއުން މީ.. އަދި ރިހާކުރާއި ފަތް އަޅައިގެން އެއްބުރު ޖަހާލަން ޖެހޭނެ.. ބައެއް ފަހަރު ހިތަށް އަރާ އުމުރަށް މަންމަ ކައިރި ހުންނަން ވެއްޖެޔޭ އަބަދު އަޅުގަނޑަށް އެންމެ މީރު އެއްޗެހި ކެވޭނެ އޭރުން…” އައިޒަން ވާހަކަ ދެއްކިއިރުވެސް އަނގަ ހުއްޓައިނުލައެވެ. މިވަގުތު އޭނާއާއި ކުޑަކުއްޖެކޭ ތަފާތެއްނެތެވެ. އެތާނގައި ހަމަހިމޭންވެގެން އިނީ ހަމައެކަނި ނައިނާއެވެ. “އެކަމަކުވާ.. މާލޭގައި ނުކަންތަ؟؟؟” ދެކޮޅަށް ބޯ ހަރަކާތްކޮށްލަމުން ޒާހިދާ އެހިއެވެ. “ހުރޭ… އެކަމް މިހާ ތާޒާ އަދި މިހާ މީރެއް ނޫން… އެހެންނޫނަސް ގޭގައި މިހެން ރާއްޖެ ކެއުން ކައްކާނެ މީހެއް ނުހުރެ.. ބޭރު މީހެއް ހުންނަނީ.. މަންމަ އަކަށް އެހާ މީރެއްނުވާނެ މި އެއްޗެއްސެއް އެހެންވެ ގެޔަކު ނުހަދާނެ.. އެކަމް މީ އަޅުގަނޑުގެ އެންމެ ފޭވްރިޓް ކެއުން…” އައިޒަން ބުންޏެވެ. އެހެން ބުނުމާއި އެކު ނައިނާ އައިޒަންއާއި ދިމާ ބަލައިލިއެވެ. އޭނާގެ ދުނިޔެއާއި އައިޒަންގެ ދުނިޔެއާއި ހާސްތަފާތެވެ. ތެލާއި ފެން އެއްނުކުރެވޭނެ ފަދައިން މި ދުނިޔެއާއި އެ ދުނިޔެއަކީ އެއްނުކުރެވޭނެ ދޭއްޗެވެ.
10 Comments!
Comments are closed.
Salaam.
There might b mistakes or hamanujehey parts couldn’t check this part well. ?
Tvgc and enjoy ?
Ohhhh wow?? masha allah v v v rythi v v furihama ehaame interested?? whn nxt prt thankolhen avahah up kolla dheveytho balaadhechchey plx stry v v v habeys n thanks 4 the luvly stry ????❤❤????
me first dhw..varah reethi. <3
koniraku next pert up kuraanee??fast kon up kon dheeba?pleesu!!
V reethi mibaives. Ma first tha mifaharu 😀
Nice might part vas.when next part.
Varah reethi..??
v reethi mi part ves.. next part avahah up kohla dheebaa pls pls
Vvvv rythi mibaiii vess ekam maskuriiii anehbaii avahah nerehchey mivaahaka kiyaahithunn kehmadhu vefa huhtaa thi neruniii??????????
Thiyaky one shot in nimmaaleveyne kameh thi myhun maa bodu thikuranee
Just hama aizan ge mamma ah naina aky male’ kujjekey bunefa introduce kohdhinyma nimunynu!??? After all eyna bappa male’ myheh viyya…. dhogakah ves nuvaane……..huh….
Did thi hama dhogeh nooney assu ves!