“މަލަކާއޭ. ވަރަށް ރީތި ނަން. ސިފަވެސް އެހާ ރީތި. އެހެންވީމަ ވަރަށް ރީތިކޮށް މިބުނަނީ މިތަން މަލަކާއަށް ދެވެން ނެތޭ. ވަރަށް ސޮރީ” ޝައިމް ބުނެލީ ޖެއްސުމުގެ ރާގަކަށެވެ. އެޔާއެކު މަލަކާގެ ރުޅިގަނޑު ކެކެން ފެށިގަތެވެ. އެހާ އުއްމީދުކޮށްގެން ހުރި ކަމެއް އެހެން މީހެއްގެ ސަބަބުން ގެއްލޭތީ އެކަންޏެއް ނޫނެވެ. ޝައިމްގެ ވާހަކަ ދެއްކުމުގެ ރާގުން ވެސްމެއެވެ.
“މެޑަމް” ދެމީހުން އަރާރުންވުމުގައި ތިއްބާ ވެއިޓަރު މަލަކާގެ ހޫނު ބުއިން ހިފައިގެން އަޔެވެ. މަލަކާ ކާމިޔާބީގެ ހިނިތުންވުމަކުން ޝައިމްއަށް ބަލާލިއެވެ. އޯޑަރު އައުމުން ދިޔުން ނޫން ގޮތެއް ޝައިމްއަށް ނެތުމުންނެވެ. ނަމަވެސް ޝައިމްގެ ފަރާތުން ފެނުނީ އެހެން މަންޒަރެކެވެ.
“އަޅުގަނޑަށް އައިސް ލެމަން ޓީއެއް” ވައިޓަރު ދިޔުމުގެ ކުރިން ޝައިމް ބުނެލީ ލާނެތް ހިނިތުންވުމަކުން މަލަކާއަށް ބަލާލަމުންނެވެ. މަލަކާގެ މޫނު މައްޗަށް ވެރިވި ހައިރާންކަމުން ނުހީ ނުހުރެވުނެވެ. މަލަކާ ތުން އަބުރާލަމުން ކުޑަ ދޮރުން ބޭރު ބަލާލީ އަދިވެސް ވާރެވޭ ހޯ ބަލާލުމަށެވެ. އޭރުއްސުރެ ވެހެމުން ދިޔަ ވާރޭ އަވަހަށް ހުއްޓާލާނެހެން ހީނުވެއެވެ.
ނިއަމްއަށް ނާދެވޭ ނަމަ އަންގާލި ނަމައޭ ހިތަށް އަރަމުން ދިޔައެވެ. ގުޅީމަ ފޯނު ނަގަނީއެއްނޫނެވެ. މެސެޖަށް ޖަވާބެއް ނާދެއެވެ. ވަގުތު ފާއިތުވާ ވަރަކަށް އުއްމީދުން ފުރިފައިވާ މަލަކާގެ ހިތަށް މާޔޫސީކަން ވެރިވަމުން ދިޔައީ މަލަކާގެ ފޯނުގެ ޗާޖުވެސް ހުސްވާތީއެވެ.
“ބޯއީ ފުރެންޑުގެ އިންތިޒާރުގަތަ” ޝައިމް މަލަކާއާއި ވާހަކަ ދެއްކޭތޯ އުޅުނެވެ. ނަމަވެސް މަލަކާގެ ފަރާތުން އެޔަށް ރައްދެއް ނުލިބުނެވެ. ޝައިމްއަށް މަލަކާގެ މޫނުމަތިން ހިތްހަމަނުޖެހުން ފެންނަމުން ދާތީ ހިތް ނުތަނަވަސްވާ ގޮތް ވިއެވެ. އަނެއްކާ އޭނާއާއި ހެދި މަލަކާ ދެރަވީބާއެވެ.
ގަޑިން އަށެއް ޖަހައި ފަނަރަ މިނެޓު ފާއިތުވެއްޖެއެވެ. މަލަކާ އިންތިޒާރު ކުރަމުން ދިޔައީ ނިއަމް އަންނާނެ އިރަކަށެވެ. ޝައިމް އޭނާގެ އެކުވެރިންނަށް ގުޅުން ހުއްޓާލީ މަލަކާއަށް އެމޭޒު ދިނުމުގެ ގޮތުންނެވެ. މިހާ ބޯކޮށް ވާރޭ ވެހެންޏާ އެމީހުން އަންނާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. އެހެންކަމުން އިތުރަށް ނުބުންޏަސް އެއްމެ ރަގަޅުވާނެ ކަމަށް ހީކޮށެވެ.
ދެމީހުންގެ މެދުގައިވި ހަމަހިމޭންކަމާއި އެކު ވަގުތު ފާއިތުވަމުން ދިޔައެވެ.
“މީ ކޮން ކުއްޖެއް. ނުވެސް ބުނެއެއްނު ތިއުޅެނީ” ފަހަތުން މާޒިން ޝައިމްގެ ކޮނޑުގައި އަތްޖަހާލަމުން ބުނެލިއެވެ. ޝައިމް އެޔަށް ޖަވާބު ދިނުމުގެ ކުރިން މަލަކާއަށް ބަލާލިއެވެ. ޝައިމް ހީކޮށްގެން ހުރީ ދެން މިރޭ އެމީހުން ނާންނާނެ ކަމަށެވެ.
މަލަކާ އަވަހަށް ދާން ތެދުވީ ޝައިމްގެ އެކުވެރިން އައުމުންނެވެ. މަލަކާއަށް ތެދުވުމުގެ ކުރިން މާހީ އައިސް މަލަކާގެ ގައިގައި ބައްދާލިއެވެ.
“ކޮން ނަމެއް ކިޔަނީ. ވަރަށް ބޮޑަށް ސަޕްރައިސް ވެއްޖެ. ހިޔެއްވެސް ނުކުރަން ޝައިމް އެހެން ކުއްޖަކާއި ރައްޓެހިވެދާނެ ކަމަށް… ސަރާ އަށްފަހު ރަޖާ އަޅައިގެން އޮތޭ އެއް އަހަރަށްވުރެ ގިނަ ދުވަހަށް. އަދި ކިޔާނެ ތިމަންނަ ދެން ދުވަހަކުވެސް އެހެން މީހަކާއި ރައްޓެހިނުވާނަމޭ” ނުދަންނަށް މީހެއް ގައިގައި ބައްދާލައިގެން އެހާ ގިނަ ވާހަކަ ދައްކަމުން ދާތީ މަލަކާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އޭނާއަކީ މާހީ އެހީކުރާ ކުއްޖާ ނޫންކަން ބުނަން އުޅުނަސް މާހީ ވާހަކަ ދައްކަމުން ދިޔައީ މަލަކާއަށް އެއްޗެއް ބުނެވޭނެހާ އަވަސް އަވަހަށެވެ.
“ދެން އަވަހަށް ކިޔައިދީ. ކިހިނެތް ދެމީހުން ބައްދަލުވީ” މަލަކާ ގައިން ދޫކޮށްލަމުން މާހީ ބުނެލީ ޝައުގުވެރިކަމާއި އެކީގައެވެ. މަލަކާ ބަލައިލީ ޝައިމްއަށެވެ. ވެގެން އުޅޭ ގޮތް އެމީހުންނަށް ކިޔައިދޭށޭ ބުނާ ފަދައަކުންނެވެ.
“މާހީ މިއީ..” ޝައިމްއަށް ބުނެވުނީ އެހާވަރަށެވެ.
“ޝައިމް އިދޭ މަޑުން. މިކުއްޖާ ހުރިހާ ވާހަކައެއް ކިޔައިދޭނީ. ކޮން ނަމެއް ކިޔަނީ”
“މަލަކާ” މަލަކާ އަކީ ނުދަންނަ މީހުންނާއި ވާހަކަ ދައްކާ ކުއްޖަކަށް ނުވެފައި މިފަދަ ހާލަތެއްގައި ބުނާނެ އެއްޗަކަށް ސިކުޑިވަނީ ތައްޔާރު ނުކުރެވިފައެވެ.
“ހާދަ ލަދުރަކި ކުއްޖެކޭ. އެހާ ލަދުނުގަންނައްޗޭ. ޝައިމްގެ އެކުވެރިންނަކީ މަލަކާގެ ވެސް އެކުވެރިން އިނގޭ” މާހީ އަކީ މީހުންނާއި ގުޅޭ ވާހަކަ ދައްކަން އެހާ ފޯރި ހުންނަ ކުއްޖަކަށްވުމުން މަލަކާ މަޑުން އިންނާތީ ބުނެލިއެވެ.
ވެއިޓަރު އައުމުން މާހީ އާއި މާޒިން އޯޑަރު ދިނުމައިގެން އުޅުނެވެ. އެވަގުތުގެ ބޭނުން ހިފައި މަލަކާ ޝައިމްއާއި ވާހަކަ ދައްކަން އުޅުނެވެ.
“ޕްލީސް އެމީހުން ކައިރީ ބުނެބަލަ އަހަރެން މީ ކާކުކަން. މަލަކާ ބޭނުން މިތަނުން ނުކުންނަންވެސް” ޝައިމްއަށް ކިރިޔާ އަޑު އިވޭ ވަރަށް މަލަކާ ބުނެލީ އާދޭހުގެ ރާގަކަށެވެ. މަލަކާ އިނީ ފާރާއި މާހީ އާއި ދޭތެރޭ ތާށިވެފައި ކަމުން ތެދުވެ ދާނެ ގޮތެއްވެސް ނެތެވެ.
“އަހަރެން ހިޔެއް ނުކުރަންތީ ތިހާ ފިޑި ކުއްޖެއްކަމަށް އެހެންމީހެއް ކައިރީ ތިމާއަކީ ކާކުކަންވެސް ނުބުނެވޭ ވަރަށް. އަހަރެން ނުބުނެފިއްޔާ ތީ އަހަރެންގެ ގާލްފުރެންޑް ދޯ މުޅި އުމުރަށް” ޝައިމް ބެލީ މަލަކާ އިތުރަށް ރުޅި އަރުވާލެވޭތޯއެވެ. ވީވެސް އެހެންނެވެ. ރުޅިއައިސްގެ މަލަކާ އޭނާގެ ފެންތަށީގައި ހިފައިލީ ޝައިމް ގަޔަށް ފެންތަށި ޖަހާލުމަށެވެ. ޝައިމް ގަޔަށް ޖަހަން ހިތަށް އަރައިނެގި ފެންތަށީގެ މިސްރާބު ބަދަލުވެގެން ދިޔައެވެ. މާހީ މަލަކާއާއި މުހާތަބުކޮށް ވާހަކަ ދައްކަން ފެށުމުން ފެންތަށި އަތުން ދޫވެ މަލަކާގެ އުގުމައްޗަށް ވެއްޓިގެންދިޔައެވެ. މެދާއި ހަމައަށް ފެން ހުރި ތަށީގެ ފެނުން މަލަކާ ތެއްމާލިއެވެ.
އެމަންޒަރު ފެނި ޝައިމްއަށް ނުހީ ނުހުރެވުނެވެ.
“ސާބަސް. މީހަކަށް ގެއްލުމެއް ލިބިއްޖެއްޔާ ހޭން އެނގޭނީ” ޗުސްތަޅާލުމަށްފަހު މާހީ މޭޒުމަތީ ހުރި ޓިޝޫފޮށިން ޓިޝޫ ނަގައި މަލަކާއަށް ދިއްކޮށްލިއެވެ. މަލަކާ ދެބުމަ ގޮށްޖަހާލަމުން ފެން ހިއްކަން އަވަސްވެގަތެވެ.
“އެއްކޮށް ނުވެސް ހިކޭނެ. އަޅުގަނޑު ދެން ދާނީ ގެޔަށް” އެއްގޮތުން އެއީ އެތަނުން ދާން ލިބުނު ބަހަނާއެއް ކަމުން މަލަކާ ހުރީ އުފާވެފައެވެ. ނަމަވެސް އެކަން މޫނުމަތިން ނުދައްކައި ދާން ތެދުވިއެވެ.
“ޝައިމް ނުދަންތަ” މަލަކާ އެކަނި ދާން އުޅުމުން މާހީ އަހައިލީ ސުވާލުގެ ނަޒަރަކުންނެވެ.
“އަހަރެން ދޯ” ބޯ ކަހާލަމުން ޝައިމް މަލަކާއަށް ބަލާލިއެވެ.
“ޝައިމް ނަޔަސް އެއްމެ ރަގަޅުވާނެ. އެކަނި ދެވިދާނެ” މަލަކާ ބުނެލިއެވެ.
“ނޫން. އެކަނި ދާކަށް ނުވާނެ. ޝައިމް ދޭބަލަ މަލަކާ ގޮވައިގެން. އުދަގޫވެސް ވާނެއެއްނު ރޭގަނޑު އެކަނި ދާންވީމަ. އަހަރަމެން ތިބޭނަމޭ އަންނަން ދެން. އެހެންނޫނަސް ހުސެއިންވެސް ނާދެއެއްނު އަދި” މާހީއަށް މަލަކާ އެކަނި ގެޔަށް ދާން އެއްބަސްނުވެވުނެވެ. އެހެންކަމުން ޝައިމް މަލަކާގެ ފަހަތުން ދިޔައެވެ.
“ސޮރީ. އަހަރެން އުޅުނީ ބުނަންވެގެން އެކަމަކު މަލަކާ މާރުޅި ގަދަވީ ވިއްޔާ” ރެސްޓޯރެންޓުގެ ދޮރުން ބޭރަށް ނުކުތުމާއި އެކު ޝައިމް ބުނެލިއެވެ.
“ރުޅި ނާންނަވަރެއްތަ. އެހެންމީހުންނަށް އޮޅުވާލައިގެންނު ތިއުޅެނީ” ދެމީހުން ބޭރަށް ނުކުތްއިރު ބޯކޮށް ވެހެމުން ދިޔަ ވާރޭ ތުނިކޮށްލައިފިއެވެ.
“މާފެއް ނުކުރާނަމޭ ދޯ ތިބުނީ” ޝައިމް ބުނެލިއެވެ.
“ދުވަހަކުވެސް” ވެހެމުން ދިޔަ ވާރެއަށް ބެލުމެއް ނެތި މަލަކާ ގެޔާއި ދިމާލަށް ދާން ހިގައިގަތެވެ.
“ދަނީތަ. އަދިވެސް ވާރޭ ހުއްޓާނުލައޭ” ޝައިމް މަލަކާގެ ފަހަތުން ދިޔައެވެ.
“މިއަށްވުރެ ބޮޑަށް ތެމޭނެތަ މިވާރެއިން” ލޮލުން ހެދުމަށް ބަލާލަމުން މަލަކާ ބުނެލިއެވެ.
“ހެދުން ތެމިފަ އޮތަސް ފޯނު ހަލާކުވެދާނެއެއްނު ފެން ޖެހުނީމަ” ޝައިމްއަކީ ވާރެއާއި އެހާ ގަޔާވާ މީހަކަށް ނުވުމުން ވާރޭގެ ތެރޭގައި ހިގަން އުދަގޫވިއެވެ.
“ފޯނު ދަބަހުގަ. ނުތެމޭނެ. ޝައިމްގެ ފޯނު ތެމިދާނެ. އެހެންވީމަ ދެން ދޭ. މަލަކާ އެކަނި ދެވިދާނެ” މަލަކާއަށް އުދަގޫވީ ޝައިމް އަދިވެސް ފަހަތުން އަންނާތީއެވެ.
“ވޯޓާ ޕުރޫފު ފޯނެއް” ދެބުމަ މައްޗަށް އަރުވާލަމުން ޝައިމް ބުނެލިއެވެ. ” އެހެން ނޫނަސް އަހަރެންނަށް ނުކެރޭނެ ދޯ އަންހެން ކުއްޖެއް އެކަނި މަގުމައްޗަށް ދޫކޮށްލާކަށް” ޝައިމް މަލަކާއާއި އެއްވަރަށް ހިގަމުން ބުނެލިއެވެ. މަލަކާ ހުރީ ވާފިނިން ބާރަށް ހަށަމް ބަދެލައިގެންނެވެ.
” ތީ ވަކި އިތުބާރު ކުރެވޭ މީހެއްކަން އެނގެނީ ކިހިނެތް. ދިމާވިތާ އެއްގަޑިއިރު ނުވޭ.އެހާ އަވަހަށް މީހެއް ދަސްނުވާނެ” މަލަކާ ބުނެލިއެވެ. ޝައިމްގެ ނަން ފިޔަވައި މަލަކާއަށް ޝައިމްގެ އެއްވެސް މައުލޫމާތެއް ނޭނގެއެވެ.
“ވެދާނެ މަލަކާއަށް އަހަރެން ދަސްނުވާކަމަށް. އެކަމަކު އަހަރެންމީ އިތުބާރު ކުރެވޭ މީހެއްކަން އަންގައިދޭނަން” ޝައިމްގެ ރާގުގައި ހުރި ޔަގީންކަމުން މަލަކާ އަށް ބަލާލެވުނެވެ. ދެޖީބަށް އަތް އަޖަހައިގެން ހުރެ ޝައިމް މަލަކާއާއި އެއްވަރަށް ހިގަމުން ދިޔައީ ކުރިމައްޗަށް ބަލަމުންނެވެ.
މަލަކާ އެޔަށް ރައްދެއް ނުދިނުމުން ޝައިމް ބަލާލިއެވެ. ފިނިވުމުގެ ސަބަބުން މަލަކާ ހީކަރުވައިފައި ހުރިވަރު ހަށަމް ބަދެލައިގެން ހުރި ބާރުކަމުންނާޢި ދޭތެރެ ދޭތެރެއިން އަޅަމުންދާ ތުރުތުރުން ދޭހައެވެ.
ވާރޭ އެއްކޮށް ހުއްޓާނުލާތީ މަގުމަތިން މީހުން ފެންނަމުންދަނީ ވަރަށް މަދުންނެވެ. ތެތްފިނިކަން ފަޒާގައި ވެއެވެ. ވެހުނު ބޯވާރޭގެ ސަބަބުން އުޑުމަތި ސާފު ކަޅުކުލައަށް ބަދަލުވަމުންދެއެވެ. ފަނަރައިގެ ހަނދު އޭގެ ހަނދުވަރުގެ އަލިން ފާޅުވާން ފަށައިފިއެވެ. މަގުމަތީގައި ހުރި ގަސްތައް ޖެހޭ ވައިރޯޅިތަކުން ދެކޮޅަށް ހެލިލަހެލިލައި ނަށަމުންދާ ކަހަލައެވެ. ޝައިމްއާއި މަލަކާ ހިގަމުން ދިޔައިރު އަޑިގަނޑުތަކުގައި ފެން ހެދިފައިވުމުގެ ސަބަބުން ހިގަމުން ދިޔައީ ފަރުވާތެރިކަމާއި އެކީގައެވެ. ދެމީހުންގެ މެދުގައި ވަނީ ހަމަހިމޭންކަމެވެ. ޝައިމް އިސްނަގައި ވާހަކަ ދައްކަން އުޅެފައިވެސް މަޑު ޖައްސައިލަނީ ދައްކާނީ ކޮން ވާހަކައެއްކަން ނޭނގޭތީއެވެ. މަލަކާއަށް ދެމީހުންގެ މެދުގައިވާ ބީރައްޓެހިކަމުން އުދަގޫވިއެވެ. މަލަކާއަކީ ނުދަންނަ މީހުންނާއި ވާހަކަ ދައްކައި އުޅޭ ކުއްޖަކަށް ނުވިޔަސް ޝައިމްއާއި ވާހަކަ ދެއްކުމަށް އެޖެހިލުންވުން ނެތްކަން އަމިއްލައަށް އިހްސާސްވާން ފެށިއެވެ. ޝައިމްގެ ނުދަންނަ ތަފާތު ކަމެއް އެބަހުއްޓޭ ހިތަށް އަރަމުން ދިޔައެވެ.
އެހުރިހާ ބީރައްޓެހި ކަމެއްގެ ތެރެއިން ދެމީހުން އެކަކު އަނެކަށް ބެލެވެމުން ދިޔައެވެ. މަދު ފަހަރެއްގައި ނަޒަރު ބައްދަލުވާ ހިނދު އެކަކު އަނެކަށް ލުއި ހިނިތުންވުމެއް ހަދިޔާ ކުރަމުން ދިޔައެވެ. ޝައިމްއަށް މަލަކާގެ އެ ހިނިތުންވުމުން ހިތަށް ހަމަޖެހެން ލިއްބަމުން ދިޔައެވެ. ރެސްޓޯރެންޓުން ރުޅި އައިސްގެން ނުކުތް މަލަކާގެ ހިތް އޭނާއަށް ސާފުވަމުންދާ ހެއްކެއްގެ ގޮތުގައި އެހިނިތުންވުން ފުދޭތީއެވެ.
“ޝުކުރިއްޔާ… އެކަމަކު އަދިވެސް އިތުބާރު ނުކުރަން އިނގޭ” ގޭގެ މައިދޮރޯއްޓާއި އަރައި ހަމަވުމުން މަލަކާ ބުނެލިއެވެ.
” މިހާ އަވަހަށް އިތުބާރު ނުކުރިޔަސް އެއްމެ ރަގަޅު” ޝައިމް މަލަކާއަށް ބަލާލަމުން ބުނެލިއެވެ.
“ގުޑް ނައިޓް ޝައިމް” ހެމުން މަލަކާ އެތެރެއަށް ވަދެގެން ދިޔައީ ޝައިމްއަށް އިތުރު ވާހަކައެއް ބުނެވުމުގެ ކުރިންނެވެ. މަލަކާގެ އެ ހިނިތުންވުމުން ޝައިމްއަށް ތަފާތު ކަމެއް ފާހަގަކުރެވުނެވެ.
“ގުޑް ނައިޓް މަލަކާ” ޝައިމް އޭނާއަށް ހަމައެކަނި އަޑުއިވޭވަރަށް ބުނެލީ މަލަކާ އަޑުއިވޭ ހިސާބުގައި ނެތުމުންނެވެ. މަލަކާގެ ނަން ކަންފަތުގައި ޖެހުމާއި އެކު ޝައިމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މިއަދު އިރުއޮއްސުނު އިރު ހިގާދިޔަ ކަންތަކުން ފެށިގެން މިވަގުތާއި ހިސާބަށް ހިގައިދިޔަ ހުރިހާ ކަމެއްހެން ސިކުޑީގައި ތަސްވީރުތަކެއްހެން ކުރެހެން ފެށުނެވެ.
“މަލަކާ… މަލަކާ… މަލަކާ” ޝައިމްއަށް މަލަކާގެ ނަން ތަކުރާރުކޮށް ކިޔުނީ މިރޭ ޝައިމް ކީ ފޮތުގައި އެނަން އޮތް ހަނދާން އާވުމުންނެވެ. އަދި މަލަކާގެ އެފަރި ހިނިތުންވުންވެސް މެއެވެ. އެފޮޓޯގަނޑުގައި މަލަކާ ހުރީ އާދައިގެ ބުރުގަލެއް އަޅައިގެން އަނދިރި ތަނެއްގައި ކަމުން ކުރިން މިއީ އެމަލަކާކަން ދެނެގަންނަން އުދަގޫވިއެވެ. ނަމަވެސް އެހިނިތުންވުމަކީ ބަދަލެއް ނެތް ހިނިތުންވުމެކެވެ. މޫނުގެ ބައްޓަމާއި ދެލޮލެވެ. އެފޮޓޯގަނޑާއި މެދު ވިސްނިވަރަކަށް ޝައިމްއަށް ދެންމެ ފެނުނު މަލަކާ ސިފަވަމުން ދާ ކަހަލައެވެ.
ބޯކަހާލަމުން ޝައިމް މިސްރާބު ޖެހީ ގެޔާއި ދިމާލަށެވެ. އެކުވެރިން އިންތިޒާރުގައި ތިބިކަން ހަނދާނަކު ނެތް ކަހަލައެވެ. އެއީ މަލަކާކަން ޔަގީންކުރަން ބޭނުންވަނީއެވެ.
މަލަކާ ގެޔަށް އައުމާއިއެކު އެއްމެ ފުރަތަމަވެސް ބެލީ ނިވިފައި އޮތް ފޯނު ހުޅުވައި ނިއަމް އަށް ގުޅޭތޯއެވެ. ފޯނު ހުޅުވުމާއި އެކު ފުލުފުލުގައި ނިއަމްގެ މެސެޖުތައް އަންނަން ފެށިއެވެ.
“މަލާ ސޮރީ މިރޭ ނުދެވޭނެހެން ހީވަނީ. މާދަމާ ރެޔަށް ބަދަލުކުރަމާ” “ރުޅި އައީތަ ފޯނު ނިއްވާލީ” މިފަދަ އެތައް މެސެޖުތަކެވެ. މެސެޖުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި މަލަކާ ނިއަމްއަށް ގުޅާލިއެވެ.
“ހަލޯ ނިއަމް. ސޮރީ މަލާގެ ފޯނު ނިވުނީ ޗާޖު ހުސްވެގެން” މަލަކާ އިސްނަގައި މާފަށް އެދުނީ މިރޭ ކަންތައް މިހެން ދިމާވުމަށް އޭނާގެ ކުށްވެސް އޮތްކަމަށް ގަބޫލުކުރެވުމުންނެވެ.
“އެހެންވެސް ވާނެ ބައެއް ފަހަރު. ނިއަމްވެސް ސޮރީ އެއްމެފަހު ވަގުތު ކެންސަލް ކުރަން ޖެހުނީމަ. ދެންމެތަ ގެޔަށް ދެވުނީ” މަލަކާ ރުޅިއައިސްފައި ނެތުމުން ނިއަމްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ފުލައިޓް ޑިލޭވުމުގެ ސަބަބުންނާއި ވާރޭގެ ސަބަބުން މިރޭ ނުދެވުނީތީ ނިއަމް ދެރަވިއެވެ. މަލަކާއާއި އެއްވަރަށް ނިއަމްވެސް ހުރީ މިރެއަށް އިންތިޒާރު ކޮށްގެންނެވެ. މަލަކާއާއި ކުރަން ބޭނުންވާ ބޮޑު ސުވާލެއް އޮތުމާއި އެކީގައެވެ. ދެމީހުންގެ މުސްތަގުބަލަށް އިތުރު ފިޔަވަޅެއް ކުރިއަށް އަޅަން ބޭނުންވާތީއެވެ.
ނިއަމްއާއި ވާހަކަ ދައްކާ ނިއްމާލުމަށްފަހު މަލަކާ ފެންވަރައި ނިދަން ތައްޔާރުވިއެވެ. ނަމަވެސް އޭގެ ކުރިން މިރޭގެ ހާދިސާ އެކުވެރިޔާ،ޑައިރީއާއި ހިއްސާކޮށްލަން ބޭނުންވިއެވެ. އެހެންކަމުން އެނދަށް އެރުމުގެ ކުރިން މިއަދު ބީޗަށް ގެންދިޔަ ދަބަހުން ޑައިރީ ނަގަން ހުޅުވާލިއެވެ. ދަބަސް ހުޅުވާލުމާއި އެކު މަލަކާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ޑައިރީއެއް ނެތެވެ. މަލަކާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައީ އަގުބޮޑު ޖަވާހިރެއް ގެއްލިގެން އުޅޭމީހެއް ފަދައިންނެވެ.
ދަބަސް ތެރެ ދެތިން ފަހަރު ހާވާލުމަށްފަހު ފޮތް ކަބަޑާއި ތަޅުންގަނޑު ހޯދައިލިއެވެ. އެނދު މައްޗާއި އަލަމާރިއެވެ. ޑްރެސިން ޓޭބަލް މައްޗާއި ކިޔަވާ މޭޒު މައްޗެއްވެ. ވަގުތު ފާއިތު ވާވަރަކަށް ހާސްކަން އިތުރުވެ ހަރަކާތްތައް އަވަސް ވެއްޖެވެ. މުޅި ކޮޓަރި އެފުށް މިފުށަށް ޖަހާލިއިރުވެސް މަލަކާގެ ޑައިރީއެއް ނުފެނުނެވެ.
“މަންމާ” މަލަކާ އަޑުހަރުކޮށް ގޮވާލިއެވެ.
ސިޓިންރޫމުގައި ޓީވީ ބަލަން އިން ސަމީހާ ދުވެފައި އައީ ދަރިފުޅުގެ އަޑުގައި ހުރި ހާސްކަން އިހްސާސްކުރެވުމުންނެވެ.
“ކިހިނެތްވީ ދަރިފުޅާ. ކަމެއް ވީތަ. ކީއްވެ މާ…” ކޮޓަރިއަށް ވަދެގެން އައި ސަމީހާއަށް ބުނެވުނީ އެހާވަރަށެވެ. އަބަދު ތަރުތީބުން ފެންނަނީ އެހެން މަންޒެރެކެވެ. ކަބަޑުގައި ހުރި ފޮތްތައް މޭޒުމަތީގައި ހުރި އިރު އެނދުގައި ހުރި ބާލީސްތައް ބިންމަތީގައެވެ. އެނދުގެ މަގަތުގައި އިން މަލަކާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސީކަމެވެ.
“މަންމަ އަޅުގަނޑުގެ ޑައިރީ ދުށިންތަ” މަންމަ ފެނުމާއި އެކު މަލަކާ އަހައިލިއެވެ.
“ނޫން. މަންމަ ކީއްކުރަން ދަރިފުޅުގެ ޑައިރީ ނަގަންވީ.. ޑައިރީ ބޭއްވުނު ތަން ހަނދާން ނެތުނީތަ” ސަމީހާ އައިސް މަލަކާ ކައިރީގައި އިށިނެވެ.
“ބޭއްވީ ދަބަސް ތެރޭގަ. އެފަހުން ނުނަގަން” މަލަކާ އަދިވެސް ވިސްނަމުން ދިޔައީ ޑައިރީ އޮވެދާނެ ތަނަކާއި މެދުގައެވެ.
“ތިހާ ހާސްވެފަ ހުރީމަ ވިސްނަން އުދަގޫވާނެ. އެއްމެ ފުރަތަމަ ހަމަޖެހިލައިގެން ދަރިފުޅު ވިސްނާލަބަ އެއްމެ ފަހުން އެ ފެނުނު ތަނަކާއި ދޭތެރޭ. އޭރުން ބޭއްވުނު ތަން ވެސް ހަނދާނަށް އަންނާނެ” ސަމީހާއަށް އެޑައިރީއަކީ ކިހާ މުހިއްމު އެއްޗެއްކަން އަންދާޒާކޮށްލެވެއެވެ. މަލަކާގެ ދިރިއުޅުމަށް ނިއަމްއާއި އެދެމަފިރިންގެ ފިޔަވައި އެއްމެ މުހިއްމު އެއްޗަކީ އެއީއެވެ.
“އަޅުގަނޑު މިއަދު ހަވީރު ބީޗަށް ދިޔައީ އެހިފައިގެން. ބީޗުން އަންނަމުން ގައިމުވެސް ދަބަހަށް އެޅި ހަނދާންވޭ” މަލަކާ ހަނދާން އާކޮށްލަމުން ބުނެލިއެވެ.
“ގެޔަށް އައި މަގުމަތީ ދަރިފުޅު އެއްވެސް ތާކު މަޑުކުރިންތަ” ސަމީހާ މަލަކާއަށް އެހީތެރިވެދިނުމުގެ ގޮތުން އަހާލިއެވެ.
“ނޫން. ގެޔަށް އައިސްވެސް ނުނަގަން” މަލަކާ ޔަގީންކަމާއި އެކީ ބުނެލިއެވެ.
“ދަރިފުޅު ބުނީމެއްނު ގެޔަށް އައިއިރު ކިރިޔާއޭ އެކްސިޑެންޓް ނުވީ. އަނެއްކާ އެގަޑީ ފޮތް ދަބަހުން ވެއްޓުނީތަ” ސަމީހާ ފެންނަ ގޮތަށް ބުނެލިއެވެ.
“ނޫން ނުވާނެ. ދެން މަގުމަތިން އެހޯދާނީވެސް ކިހިނެތް” މަލަކާ އުއްމީދުގެ ހުޅުކޮޅު އެއްކޮށް ނިވާލިކަހަލައެވެ.
“ދަރިފުޅާ.. ދެން ތިހާ ވަރަށް ހާސްނުވޭ. މަންމަ ގޮސްދާނަން މާދަން ބަލާލަން. ދަރިފުޅު ބަލާ ނިދޭތޯ މާދަން ހެނދުނު ޑިޔުޓީވެސް އެބަ އޮތެއްނު. އިން ޝާ ﷲ ދެރަގޮތެއް މެދުވެރިނުވާނެ” ސަމީހާ ދަރިފުޅަށް ވިސްނައިދީ ނިދަން ދާން އެދުނެވެ.
ނިދަން އަރާއޮތް ޝައިމްގެ ހިޔާލުގެ ވާފަށުގައި ދަމުންދަނީ މަލަކާގެ ހަނދާންތަކެވެ. ބޭއިހްތިޔާރުގައި ވިސްނެމުން ދަނީ މަލަކާއާއި ދޭތެރޭއެވެ. މަލަކާގެ އެއްމެ ހިނިތުންވުމަކުންވެސް ޝައިމްގެ ހިތް އުފަލުން ފޮޅިލައެވެ. އަދިވެސް ދެކިލަން ބޭނުންވަނީއެވެ. އެހެންކަމުން ތެދުވެގެން ގޮސް މޭޒުގެ ކަބަޑު ހުޅުވާލީ އެފޮތް ނެގުމަށެވެ. އެވަގުތު އަތުގައި ޖެހުނީ އެހެން އެއްޗެކެވެ. ކުޑަ ކުޑަ ފޮށްޓެކެވެ. ޝައިމް މަޑުމަޑުން އެފޮށި ނަގައި ފުން ނޭވާއެއް ދޫކޮށްލިއެވެ.
އެހިނދު އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފެށުނީ މަލަކާއާއި ދޭތެރޭ މިވާ އިހްސާސްތަކަކީ ވުން ހައްގުނޫން ޖަޒުބާތުތަކެއްކަން ސިކުޑި އަންގައިދިނުމުންނެވެ. އެހެން އަންހެން ކުއްޖަކަށް ޝައިމް ބަލާނީ ކިހިނަކުން ހެއްޔެވެ؟ އެހެން ކުއްޖަކަށް މިހިތް ދޭނީ ކިހިނަކުން ހެއްޔެވެ؟ އެހިތުގެ މިލްކުވެރިޔާ އަތުން ހިތް އަތުލައި މަލަކާއަށް ހަދިޔާ ކުރާނީ ކިހިނަކުން ހެއްޔެވެ؟ ދެއަހަރު ފާއިތުވެގެން ދާއިރުވެސް ޝައިމްގެ ހިތުގައި ސަރާއަށްވާ ލޯބި ފަޑުނުވާކަން ޔަގީނެވެ.
ތެދުވެރި ނޫނީ ހަގީގީ ލޯތްބަކީ ކޮބައި ހެއްޔެވެ؟ އެލޯތްބަކީ ފުރަތަމަ ލޯބި ހެއްޔެވެ؟ ނޫނީ އެލޯބި ދެވަނަ މީހެއް ދެކެވެސް ވެދިދާނެ ހެއްޔެވެ؟ ލޯތްބަކީ އިހްސާސެކެވެ. ކުރެވޭ އަސަރުގަދަ ޖަޒުބާތެކެވެ. އަނެކާ އާއި ތިމާއާއި ދޭތެރޭ ގުޅުވައިދޭ ވާފަށެކެވެ. ނުފެނުނަސް އޭގެ ބާރު ގަދައެވެ.
އެތަސްވީރު ސިފަވަމުން ދިޔައެވެ. އެއަޑު އަދި އެއްފަހަރު ނަމަވެސް އަޑުއަހާލަން ބޭނުމެވެ. ލޮލުގެ ޖާދޫގައި ޖެހި ބެހިގެން ދިޔަސް އެއްމެ ރަގަޅެވެ. ޝަކުވާ ކުރަން ބޭނުމެވެ. އެކަމަކު ފުރުސަތެއް ނެތެވެ. އެހަނދާން އާވާ ހިނދު ހިތް ގިސްލާ ރޯލައެވެ. ލޯބިވާ ވާހަކަ ބުނީމެވެ. އެކުގައި އުޅެން ގަނޑުވަރުތައް ހިޔާލީ ދުނިޔޭގައި ބިނާ ކުރީމެވެ. އެކަމަކު ވަގުތު އައިސްޖެހުމުން އެކަނިވެރިވީއެވެ.
ސަރާ ޝައިމްގެ ހަޔާތަށް އައީ މީގެ ތިން އަހަރު ކުރިންނެވެ. އެހެން ލޯބިވެރިންނެކޭ އެއްފަދައިން ލޯބީގެ އާލަމުގައި ދެމީހުން ފިޔަޖަހަމުން ދިޔައީ ކުރިމަތިވަމުން ދިޔަ ތޫފާން ނޭނގޭ ހާލުގައެވެ. ތަގުދީރު ކުޅެމުން ދާ ސަމާސާ ނޭނގިއެވެ. އެކަކު އަނެކެއް ދެކެ ވަމުންދާ ލޯތްބަކީ އަވާމެންދުރަކަށް ވެދާނެކަމުގެ ބިރެއް ނެތިއެވެ.
ޝައިމްއާއި ގުޅުނުތާ މާގިނަ ދުވަހެއް ނުވަނީސް ސަރާ ބަލިވާން ފެށިއެވެ. ވަރުބަލިކަން އިތުރުވެ ބޮލުގައި ރިހުން އިންތިހާއަށް ގޮސްފިއެވެ. ސަރާ އޮފީހުގައި އުޅެނީ މާބުރަކޮށް ކަމަށް ބުނެ ޝައިމްގެ އެދުމުގެ މަތިން އޮފީހަށް ދިޔުންވެސް މެދުކަނޑާލީ ސިއްހަތު ރަގަޅުވާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އެއިން ލިބުނު ކުރިއެރުމެއް ނެތެވެ. ކާ ތަކެއްޗާއި ދުރުވެ އަނަރޫފަކަން މީހާ ވަށާލިއެވެ. އެއްމެފަހުން އެތައް ހޮސްޕިޓަލުން ޓެސްޓުތައް ހެދުމުން ބުނީ ބަނޑުގައި އުފެދުފައި ހުރި ސިސްޓެއްގެ ސަބަބުން މެދުވެރިވާ ކަމަށެވެ. ސިސްޓު ނެގުމުން ހުރިހާ ކަމެއް ހަމަޔަކަށް އެޅޭނެ ކަމަށެވެ.
ފޮނި އުއްމީދާއެކު އޮޕެރޭޝަން ތިއޭޓަރުގެ ބޭރުގައި ޝައިމް ސަރާގެ އާއިލާއާއި އެކު ހުރީ ޑޮކްޓަރު އައިސް އޮޕެރޭޝަން ކާމިޔާބު ކަމުގެ ހަބަރު ދޭނެ އިރެއްގެ އިންތިޒާރުގައެވެ. ނަމަވެސް ދެ ގަޑިއިރުގެ އޮޕެރޭޝަނަކަށްފަހު ތިއޭޓަރުން ނިކުތް ޑޮކްޓަރުގެ މޫނުމަތިން ފެންނިގެން ދިޔައީ އުއްމީދު ކުރި މަންޒަރެއް ނޫނެވެ.
” ސިސްޓު ނަގަން ކުރި އޮޕެރޭޝަން ކާމިޔާބު. އެކަމަކު އިތުރަށް ބެލިބެލުމުން އެގުނީ ސިސްޓުގެ އިތުރުން ސަރާއަށް ވަނީ ކެންސަރު ޖެހިފައިކަން. މިކަން ސްކޭންތަކުން ނުދެއްކީ ކެންސަރު ހުރި ސަރަހައްދަކީ ސްކޭނުން ދެނެގަންނަން ފަސޭހަ ތަނަކަށް ނުވުމުން” ޑޮކްޓަރުގެ ފަހު ދެ ޖުމްލައާއި އެކު ޝައިމްގެ ހިތް ހުއްޓުނު ކަހަލައެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެދޮލުން ކަރުނަ ނީރާލިއެވެ. ހަޔާތުގައި ލޯބިވި ހަމައެކަނި ކުއްޖާ އަތުން ބީވެގެން ދަނީއެވެ. ހިންދިރުވާލާ ކޮންމެ ފަހަރަކު އެކަމުގެ ހިތި ރަހަ އަރުތެރެއިން މުޅި ހަށިގަނޑަށް ފެތުރިގެން ދަނީ ތޫނު ހަންޖަރުތަކެއް ހެންނެވެ.
ޑޮކްޓަރު އިތުރަށް ކިޔައިދިން ގޮތުން ސަރާގެ ކެންސަރު ހަލުވި މިނެއްގައި ފެތުރެމުން އެބަދެއެވެ. ބޭނުންވާ ފަރުވާ ދިނަސް ސަރާއަށް މަގިނަ ވަގުތެއް ނެތެވެ. އެއްމެ ގިނަ ވެގެން ތިން މަހެވެ. ޝައިމްގެ ހިތުގެ މަލިކާ އޭނާ ދޫކޮށްފައި ދަނީއެވެ. އެއް ދުވަހަކަށް ނޫނެވެ. މުޅި އުމުރަށެވެ.
އެހަބަރު ލިބުނު ފަހުން ޝައިމް އޭނާގެ ކޮންމެ ވަގުތެއްހެން ހޭދަކުރަނީ ސަރާގެ ހިދުމަތުގައެވެ. ކައިރީގައެވެ. ލޯކުރިމަތިން ގެއްލެން ނޭދެއެވެ. ބަލަނީ އެއީ ދެން ފެންނާނެ ފަހު ފަހަރު ކަމަށް ބަލައިގެންނެވެ. އެއަޑު އަހަނީ ކިތައްމެ ވަރަކަށް އިވުނަސް ފޫހި ނުވާނޭ ބުނާ ފަދައަކުންނެވެ. އެހިނިތުންވުމުން މޭފުރިގެން ދާއިރު ދެވަނަ ސިކުންތުގައި ހިތް ބިރުން ތޮޅިލައެވެ. ގަޑީގެ ކަށީގައި ހިފަހައްޓައި ވަގުތު ހުއްޓުވޭނަމަ އެކަން ކުރީހެވެ. ފާއިތުވި ދުވަސް އަބުރާ ލިބޭނެ ނަމަ ސަރާއަށް މިއަށްވުރެ ފަހި މުސްތަގުބަލެއް ހޯދައިދޭނެކަން ޔަގީނެވެ.
ސަރާ އެއްމެ ފަހު ނޭވާ މިދުނިޔެއަށް ދޫކޮށްލީ ޝައިމްގެ އުނގުމަތީ އޮވެއެވެ. ފުން ނޭވާތައް ލުއިވަމުން ގޮސް އަބަދަށް އެދެލޯ މަރައިލީ ޝައިމްގެ ލޮލަށް ގެއްލި ހުރެއެވެ. ލޮލުން ކަރުނަ ހުސްވާނެ ނަމަ ޝައިމްގެ ލޮލުން އެދުވަހު ކަރުނަ ހުސްވީހެވެ. ފުރާނަ ފަދައިން ލޯބިވާ ސަރާ އެދިޔައީ ޝައިމްގެ ހިތް ކަތިލާފައެވެ. ޝައިމްގެ ދުނިޔޭގެ އަލިކަން ހިފައިގެންނެވެ. އުފާތައް ކަފުން ކުރަމުންނެވެ.
މިރޭ ޝައިމްގެ ނިދި މަހްރޫމް އެކޮށްލީ ސަރާގެ ހަނދާނުގައެވެ. ފިކުރު ކުރުމުގެ ސަބަބުން ބޮލަށް ބަރުކަން ވެރިވެ އެސްފިޔަތައް މެރެން ފެށިއްޖެއެވެ. ނަމަވެސް އެގޮތުގައި މާ ގިނައިރު ނޯވެވުނީ އަޝްވާ އައިސް އީޝް ހުން އައިސްގެން ހޮސްޕިޓަލަށް އެކުގައި ދާން އެދުމުންނެވެ.
އީޝް ބަލިވެ އުޅޭތާ ދެތިން ދުވަސް ވެއްޖެއެވެ. ޑޮކްޓަރަށް ދެއްކުމުން ބޭސް ދިން ނަމަވެސް މިރޭ ހުން ތިރި ނުކުރެއެވެ. އަޝްވާ އާއި ޝައިމް ހޮސްޕިޓަލަށް ދިޔައިރު އަޝްވިން އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ. އަދި އީޝްގެ މަންމަ ލިއުޝާވެސްމެވެ. އަޝްވިން އާއި ލިއުޝާއަކީ އެހޮސްޕިޓަލުގެ ދެ ޑޮކްޓަރުންނަށް ވުމުން އެމީހުން އެވަގުތު ތިބީ ޑިޔުޓީގައެވެ. އެމީހުންނާއި އީޝް ހަވާލު ކުރުމަށްފަހު އަޝްވާ އާއި ޝައިމް ގެޔަށް ދިޔައީ ހެނދުނު އަންނާނެ ކަމަށް ބުނަމުންނެވެ.
ފަތިސް ނަމާދުކޮށްލައިގެން ޝައިމް ހޮސްޕިޓަލަށް ދާން ތައްޔާރުވިއެވެ. އީޝް އަދި އެއްދުވަހަށް އެޑްމިޓް ކުރަން ނިއްމުމުން ހޮސްޕިޓަލުގައި މަޑުކުރުމަށެވެ. އަޝްވާ ޝައިމްއާއި އެއްކޮށް ދާން އުޅުނު ނަމަވެސް ގޭގައި މަޑުކޮށްލީ ބައްޕަ ވިޔަފާރި ދަތުރު ނިއްމާލުމަށްފަހު ހެނދުނު އަންނާނެ ވާހަކަ ބުނުމުންނެވެ.
ޝައިމް ހޮސްޕިޓަލަށް ދިޔުމުން އަޝްވިން އާއި ލިއުޝާ ގެޔަށް ދިޔައީ ތާޒާވެލުމަށެވެ. އީޝް ޝައިމްއާއި ހަވާލުކުރަމުންނެވެ.
” ދޮންބެގެ ދޫންޏާ ކިހިނެތް މިހާރު” އެއް އަހަރަށްދާ އީޝް އޮތީ އައިވީ ގުޅާފައެވެ. ޝައިމް އީޝް އުރާލަމުން ވާހަކަ ދައްކާލިއެވެ. ޝައިމް އީޝް އާއި އެކީ މަޖާ ވަގުތެއް ހޭދަކުރަމުން ދަނިކޮށް ދޮރު ހުޅުވާލި އަޑަށް ބަލާލިއެވެ. އެވަގުތު އެތެރެއަށް ވަދެގެން އައި ނަރުސް ކުއްޖާ ފެނި އީޝް މަތިންވެސް ހަނދާން ނެތުނު ކަހަލައެވެ.
“ސާބަސް ޝައިމް. ކިރިއާނު ނުވެއްޓުނީ” މަލަކާ ދުވެފައި އައިސް އެނދު މަތީގައި ފިރުކެމުން ދިޔަ އީޝްގެ ގައިގައި ބައްދާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.







Masha Allah. V v reethi vaahaka eh.???
Thanku ninni?
Varah reethi vaahakaeh…Varah salhi mi part ves ??
Vaahaka v reethi?❤
Thanku xaan ?
Wow haadha reehchey ..kon kon irakun next part. .waiting maroon avahah up kohdhehchey. .???
Juvey ? thanku dear next ep mondayga. Kiyaalahchey
Malakaa aa shaim ge koalhungandu ai bai kiyaafa varah hevunu..??they’ll be so cute together when they are fighting☺️…sara maruvyma shaim varah dheravaane dhw..?but malakaa will be there to fix that?right maroon
I havent decided that yet. Lets see dhw evaguthu brain decide kuraa goiy. With all the twists lets see if they end up together ?
Thanku click a shot.. see u monday ?
Masha Allah. … varah salhi…
Thanku zuam ?
Wowww haadha salhiey.. Obiness ingey 😀 maroon, vaahaka up vaany kn dhuvas thakehga??
Hey SJKi ? dhedhuvahun ehdhuvahu. So next ep monday. See u then thanku dear
MashaAllah, mi part ves varah reethi. next part avahah up kohdhehcheyy!! ??????
Thanku mal mal.. sure mondayge kurin liye vijjeyyaa upkohdheynan. ?
nice 🙂
Thanku boabi ?
V v v reethi mi vaahaka ?
Thanku firu ?
V v v salhi mi part ves
Thanku kaira ?
V.nice???
Thanku xxxx?
wow v reethi mipartvess well done dr v inthizaaru eba kurevay next partah ly ?????????
Thanku nux. Ly too ?
This part is also awesome. Var nice story igey maroon. Waiting fr the nxt prt
Thanku twinkle ?
Ohh wow.? ..
Hey readers photo gaduga assu buruga naalha malaka hunnany. Marron ah olhigen ehen liyevuny.