އަރުޝީއަށް ބަލަން ކެތް ނުވެގެން އެތަނުން ތެދުވެގެން ދުވެފައިގޮސް ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ.
އައިދަންގެ ފޯނުން ދެންމެ ފެނިގެން އެދިޔަ މަންޒަރުން އަރުޝީގެ ހިތް ކަތިލެވިއްޖެއެވެ. ކައިސަން އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް އަރުޝީ އަށް ޤަބޫލުކުރަން ދަތިވަނީީއެވެ. ނަމަވެސް އެ ފޯނުން އެ ފެނުނީ ހަމަ އަރުޝީ ގެ ކައިސަން އެވެ. ކައިސަން ދުވަހަކުވެސް އަރުޝީ އަކަށް ނޯޅޭނެއެވެ. އަރުޝީ އަށް ބާރަށް ރޮވެން ފެށުނެވެ. ހުރި ތަނަށް ތިރިވެ އިށީނދެވުނެވެ. ވީޑިއޯއިން ފެނުނު މަންޒަރު ކުރިމަތީގައި ސިފަވާ ކަހަލައެވެ. ކައިސަން އެ އަންހެންކުއްޖާއާއި ގައިގޯޅިވާ މަންޒަރުން އަރުޝީގެ ހިތުގެ އެންމެ ފުން މިނަށް އަސަރު ކޮށްފިއެވެ. މޭގައި އަތް އަޅާ ބާރު ކޮށްލީ ހިތަށްކުރާ އަސަރެއްގެ ބޮޑުކަމުންނެވެ
“ކައި.. ކީއްވެ އަހަންނަށް އޮޅުވާލީ.. ލޯބި ނުވާއިރު ކީއްކުރަންތަ އަހަންނާ ކައިވެނި ކުރީ..ކީއްވެ އަހަންނަށް އެހާ ލޯބި ދީނީ.. އަހަރެން ކައިސަން ދެކެވީ ސާފު ލޯބީގެ އަގަކީ މީތަ.. ” އަރުޝީ ކިޔަމުން ދިޔައެވެ. ރޮވޭ ވަރުން އަޑު ނިކުންނަނީވެސް ކިރިޔާއެވެ.
ތިރީގައި އިށީނދެގެން ރޯންއިން އަރުޝީ ސިއްސައިގެން ދިޔައީ ކޮޓަރީ ދޮރު ހުޅުވާލި އަޑަށެވެ. ކޮޓަރިއަށް ވަން އައިދަން ފެނުމުން އިންތަނުން ތެދުވެ މީހާ ހަމައަކަށް އަޅުވާލެވޭތޯ އުޅުނެވެ. އައިދަން އަރުޝީ ކައިރިއަށް ޖެހިލާ މަޑުމަޑުން އަރުޝީ ގެ ކޮނޑުގައި އަތް އަޅާލިއެވެ. އެވަގުތު އަރުޝީ ސިހިފައި ދުރަށް ޖެހިލިއެވެ.
” އައިދަން ކީއްކުރަން މިތަނަށް ތިއައީ.. އައިދަން ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން.. މިވަގުތު ބޭނުންވަނީ އެކަނިވެލަން” ކުރެހިފައިވާ އަޑުން އަރުޝީ ބުންޏެވެ. ނަމަވެސް އައިދަންއަށް އެއަޑު ނީވޭ ކަހަލައެވެ. ކުރިއަށް ޖެހިލާ އަރުޝީ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ. މިފަހަރު އަރުޝީ ކައިރިއަށް ރުޅިއައެެވެ. އަދި އައިދަން އަތުން އަތް ދަމައިގަތެވެ. އެއަށްފަހު އައިދަން އާއި ކުރިމަތިލާ އެއްޗެއް ބުނަން އުޅުނު ވަގުތު އައިދަން އަރުޝީގެ ތުންފަތުގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސާލައި ވާހަކަ ނުދެއްކުމަށް ބުންޏެވެ. އަދި މަސްތުވެފައިވާ މީހެއް ފަދައިން އަރުޝީއާއި ކައިރިވާން ފެށިއެވެ. އަރުޝީގެ ދެލޯ ބޮޑުވިއެވެ. މުޅި މީހާ ގައިގާ ތުރުތުރުލާން ފެށީ ރޭގެ ހާދިސާ ހަނދާންވުމުންނެވެ. އައިދަން މޭގައި އަތް އަޅާ ދުރަށް ކޮއްޕާލީ އެމީހަކީ އައިދަން ކަން ޔަގީންވުމުންނެވެ.
” އައިދަން ކިހިނެއްވެގެން ތިއުޅެނީ.. ނޭނގޭތަ އަހަރެންމީ ކައިސަންެގެ އަންހެނުން ކަމެއް” އަރުޝީ ހަޅެއްލަވާގަތެވެ.
” އެނގޭ.. އެކަމަކު ކައިސަން އަރުޝީ ދެކެ ލޯތްބެއްނުވޭ.. އަރުޝީދެކެ ލޯބިވަނީ އަހަރެން.. މިހާރު ކިހާ ދުވަހެއް މިވަނީ.. ޕްލީޒް އަރުޝީ ހަމަ އެންމެ ފަހަރަކު ” މިހެން ބުނެ އަނެއްކާވެސް އައިދަން އަރުޝީއާއި ކައިރިއަށް އަންނަން ފެށިއެވެ. އައިދަންގެ ނިޔަތް އެނގި އަރުޝީ ކޮޓަރިން ނިކުންނަން ދުއްވައިގަތެވެ. ނަމަވެސް އޭގެ ކުރިން އައިދަން އަރުޝީ ގައިގާ ހިފެހެއްޓިއެވެ. އަދި ގަދަކަމުން އަރުޝީ އޭނައާއި ކައިރި ކުރަން މަސައްކަތް ކުރަމުން ދިޔައެވެ. އަރުޝީ ސަލާމަތަށް އެދި ގޮވަން ފެށީ އައިދަން އަރުޝީގެ ބުރުގާ ނަގަން މަސައްކަތް ކުރަންފެށުމުންނެވެ. އައިދަން ކައިރީގައި ރޮއެ އާދޭސް ކުރަމުން ދިޔައިރުވެސް އައިދަންއަށް އަރުޝީގެ އަޑު ނީވޭ ކަހަލައެވެ.
ކުއްލިއަކަށް ސިއްސައިގެން ގޮސް އައިދަން ދުރަށް ޖެހުނީ ޒިވާންގެ ބަރު އަޑަށެވެ. އައިދަންއަށް ގޮވާލި ގޮތުން އެއަޑުގައި ވި ރުޅިވެރިކަން އައިދަންގެ އިތުރުން އަރުޝީއަށްވެސް ފާހަަގަކުރެވުނެވެ. އަރުޝީ ދުވެފައިގޮސް ޒިވާންގެ ފުރަގަހަށްވަނީ ޒިވާންގެ ހިމާޔަތަށް އެދެމުންނެވެ.
” ހުރި ލަދުކުޑަކަން ބަލާބަަލަ.. އައިދަންގެ އެންމެ ގާތް އެކުވެރިޔާއެއް ނޫންތަ ކައިސަން އެއީ.. އަރުޝީއަކީ އޭނާގެ ހުވަފަތް އަނބިމީހާ ކަމެއް ނޭނގޭތަ.. ތިވަރުގެ މީހަކު އަހަރެންގެ އޮފީހަކު ނުއުޅެވޭނެ… ތިހުރީ ވަޒީފާއިން ވަކިކޮށްފަ.. އަހަރެން ފުލުހުންނަށް ނުގުޅަނިސް ހަމަ މިހާރު ނިކުމެގެންދޭ..” ދޮރާ ދިމާއަށް އިނގިލި ދިއްކޮލަމުން ޒިވާން ބުންޏެވެ.
” އެކަމަކު ޒިވާން އަށްވެސް އެނގެއެއްނު ކައިސަން އުޅުނު ވައްތަރު.. ހީ ޗީޓެޑް އޮން ހަރ” އައިދަން ބުންޏެވެ.
” ކައިސަން ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް އައިދަން އަކާ ނުޖެހޭނެ އަރުޝީ އަށް އެހެން ހަދާކަށް.. ބޭކާރު ވާހަކަ ނުދައްކާ މިތަނުން ނިކުމޭ” ކުރިން ހުރި ގޮތަށް ހުރެ ބުނެލިއެވެ.
އައިދަން ފާޑަކަށް އަރުޝީއާއި ދިމާއަށް ލޯކުޑަކޮށްލުމަށްފަހު އެތަނުން ނިކުންނަން ހިނގައިގަތެވެ. އެހެންނަމަވެސް އަނެއްކާވެސް ހުއްޓެން ޖެހުނީ ޒިވާން އަތް ހުރަސް ކޮށްލުމުންނެވެ.
” އަދި އެއްވާހަކަ.. މިއަދުގެ ފަހުން އަރުޝީއަށް ވައިއެޅުނަސް ނިމުނީ.. އަހަންނަށް ވުރެ ނުބައި މީހަކު ނެތްކަން އަންގާލަދޭނަން..” ޒިވާންގެ އަޑުގައި ހަރުކަށި ކަމެއްވެއެވެ. އައިދަން ޒިވާންއަށް ބަލާވެސް ނުލާ އެތަނުން ނިކުމެގެން ދިޔައެވެ.
ޒިވާން އަރުޝީއަށް ބަލާލީ ދެނެވެ. ރޮއެރޮއެ އަރުޝީގެ ދެލޯވަނީ ދުޅަވެފައެވެ. މޫނުމަތި ހުދުކަފަކޮޅެކޭ އެއްގޮތެވެ. ދެއަތް ދަތްދޮޅީގައި ޖައްސާލައިގެން ހުރިއިރު އަދިވެސް މީހާ ތުރުތުރުއަޅައެވެ. ޒިވާން ކޮޓަރިން ނިކުމެގެން ބަދިގެއަށް ގޮސް އަރުޝީއަށް ފެންތައްޓެއް ގެނެސް ދިނެވެ. އަރުޝީ ފެންތަށީގައި ހިފާ އެއްކޮށް ހުސްކޮށްލީ ފެންބޮވައިގެން ކަރިހިއްކައިގެންފައިވާ މީހަކު ފަދައިންނެވެ. ފެންތަށި ބޯލުމުން އަރުޝީ ހަމައަކަށް އެޅެން ފެށުނެވެ. އިސްއުފުލާ ބަލާލަންވެސް ނުކެރިފައި ހުރީ ޒިވާންއާއި ދޭތެރޭގައި ކަންތައްކުރެވުނު ގޮތުންނެވެ.
“އަހަރެން އެއީ ކައިސަންގެ އެއްޗެއް އޮތީމަ އެހަވާލުކޮށްލަންވެގެން.. އަރުޝީ ހަޅޭއްލަވާ އަޑު އިވުނީމަ މާމަވެސް އެބަ ރޮއެ.. ” ޒިވާން މިހެން ބުނުމުން އަރުޝީ އަވަހަށް އެދިމާއަށް ދާން ހިނގައިގަތެވެ.
” އަރުޝީ މަޑުކޮށްބާ” ޒިވާންގެ އަޑަށް އަރުޝީ މަޑުޖެހުނެވެ.
” މިއޮތީ ކައިސަން އަހަރެންއަތަށް ދިން ހާޑް ޑިސްކެއް.. މީގަ ހުރި އަހަންނަށް ވަރަށް ކަމުދާ މަދަހަ ތަކެއް.. އެހެންވެ އަަހަރެން ކައިސަން އަތުން މިިނެގީ.. ” ހާޑް ޑިސްކު އަރުޝީ އަތަށް ދެމުން ޒިވާން ބުނެލިއެވެ.
” މިއޮތީ އަހަރެންގެ ކާޑު.. އެއްވެސް ކަމަކު ބޭނުންވިއްޔާ ފަސްނުޖެހި އަހަންނަށް ގުޅާތި” އަރުޝީ ނުހިފަން ހުރެފަވެސް އެކާޑުގައި ހިފިއެވެ. ޒިވާން އެތަނުން ނިކުމެގެން ދިޔައީ އަރުޝީއަށް އެއްޗެއް ބުނުމަށް އިތުރު ފުރުސަތެއް ނުދީއެވެ.
މިއަދު އަރުޝީ ވަރަށް ދެރަވެއްޖެއެވެ. މީހުންގެ ގޮތް ބެލުމުގައި އަރުޝީއަށް ވަރަށް ބޮޑަށް އޮޅިއްޖެއެވެ. ކޮންމެ މީހަކާ ދޭތެރޭވެސް އަރުޝީއަށް ކުރެވިފައިވަނީ ކުށްހީއެކެވެ. އެންމެ ފުރަތަމަ ކައިސަންއެވެ. އަރުޝީ ދެކެ އެންމެ ލޯބިވާ ފަރާތަކީ އެއީ ކަމުގައި ހީކުރެވުނެވެ. ނަމަވެސް ކަންތައްވީ މުޅިން އިދިކޮޅަށެވެ. ދެން އައިދަންއެވެ. ކައިސަންއަށް ހެޔޮއެދޭ އެކުވެރިއެއް ކަމަށް ހީކުރެވުނެވެ. ހިމާޔަތް ދޭނޭ ބޭބެއެއްގެ ގޮތުގައި ދެކެވުނެވެ. ނަމަވެސް ދެންމެ ފެނިގެން މިދިޔައީ އައިދަންގެ މުޅިން އެހެން ފަރާތެކެވެ. ދެން ހުރީ ޒިވާންއެވެ. ހީކުރީ ޒިވާން އަކީ މިހާރު މިއުޅޭ އެގޮތް މިގޮތްވެގެން އުޅޭ ފިރިހެނެއް ކަމަށެވެ. އަންހެން ކުއްޖެއް ފެންނައިރަށް މޮޔަވެ މުއްސަނދިކަމުގެ ދަޅަ ދައްކައިގެން އެމީހުން ހައްލާލަން އުޅޭ މީހެއް ކަމަށެވެ. ނަމަވެސް ޒިވާން އަކީ އަރުޝީ ހީކުރި ގޮތާ މުޅިން ހިލާފު މީހެކެވެ. ޒިވާން ނިކުމެގެން އެދިޔައީ އަރުޝީ މައާފަށް އެދެން ބޭނުންވެފަ ހުއްޓައެވެ. އެކަހަލަ ވިސްނުމެއްގައި ހުއްޓާ ސިއްސައިގެން ދިޔައީ ނަދީމާ ގޮވާލި އަޑަށެވެ. ބާރު ހިނގުމެއްގައި ކޮޓަރިން ނިކުތް އިރު ނަދީމާ އަރުޝީ ހޯދަނީއެވެ.
” ކިހިނެއްވީ ދައްތާ” އަރުޝީ ހީކުރީ މަރިޔަމްއަށް ކަމެއް ވީ ކަމަށެވެ.
” އެކޮއެ މާމަ ރޮއެ ރޮއެފަ އެބަކިޔާ އަރުޝީ ސަލާމަތް ކުރާށޭ.. އަނެއްކާ ކިހިނެއްވީތަ” ނަދީމާގެ ސުވާލުން ދެންމެ ވެގެން ދިޔަ ކަންތައް މަތިން ހަނދާންވެގެން ދިޔައެވެ. ނަދިމާ ގައިގާ ބައްދާފައި ރޯން ފެށުނީ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ. ރޭގައި ކަންތައްވީ ގޮތާއި މިއަދު ހެނދުނު އައިދަން އައި ހިސާބުން ފެށިގެން ކަންތައްވީ ގޮތް އަރުޝީ ނަދީމާއަށް ކިޔައިދިނެވެ. އަދި އައިދަން ދެއްކި ވީޑިއޯގެ ވާހަކަވެސް ކިޔައިދިނެވެ.
” ބަލާލަބަލަ އެއައިދަންގެ ހުރި ނުލަފާކަން.. އެހެންވެ ބުނަނީ އެދުމެއް ނެތި ވެދުމެއް ނުކުރާނޭ.. ކައިސަން ގެ ބޮސްއަށް ފަށް ފަށުން ޝުކުރުހުރި.. ކިހާ މާތް މީހެއް އެއީ.. މިއަދު އެމީހާ ނެތްނަމަ ދަރިފުޅުގެ ދުވަސް ދިޔައީހެއްނު.. ” ސޯފާގައި އިން އަރުޝީގެ ބުރަކަށީގައި ފިރުމަމުން ނަދީމާ ބުންޏެވެ.
” ދައްތާ އެކަމަކު ކައިސަން ކީއްވެ އެގޮތަށް ކަންތައް ކުރީ” ގިސްލަމުން އަރުޝީއަށް ބުނެވުނެވެ.
” އަރުޝީ ޤަބޫލުކުރީތަ އައިދަން ގެ ވާހަކަ.. ބަލަަ މިއޮއް ފަދަ ޒަމާނުގަ ބޭނުން ގޮތަކަށް ވީޑިއޯ ހަދާލެވިދާނެ ކަމެއް ނޭނގޭތަ..” ނަދީމާ ބުނެލި ޖުމްލައާއި މެދު އަރުޝީއަށްވެސް ވިސްނާލެވުނެވެ. ނަމަވެސް އެވިޑިއޯއިން ފެނިގެން ދިޔައީ އޭނަގެ ކައިސަން އެވެ. ކައިސަން ދުވަހަކުވެސް އަރުޝީއަކަށް ނޯޅޭނެއެވެ.
……………………………………………………………
ޒިވާން ދުއްވަމުން ދިޔަ ކާރު ގޭޓާ އަރާ ހަމަވުމާއެކު ތަންކޮޅެއް ދުރުގައި ވާހަކަ ދައްކަން ތިބި ދެ ސެކިއުރިޓީ ގާޑުން ދުވެލާފައި އައިސް ގޭޓު ހުޅުވާލިއެވެ. ކާރު ދުއްވަން ހަދާފަ އޮންނަ މަގުން ޕާކިން އޭރިއާ އާއި ދިމާއަށް ދަމުން ކާރުގެ ލޯގަނޑު ތިރިކޮށްލިއެވެ. މަގުގެ ދެފަރާތުގައި ހައްދާފައިވާ އެކި ވައްތަރުގެ މާގަސްގަހުން އަރާ މީރުވަހުން ޒިވާންއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ.
ކާރުޕާކު ކޮށްލުމަށްފަހު އިނގިލިން ތަޅުދަނޑި އަނބުރަމުން ގޮސް ގޭ ބެލްއަޅާލިއެވެ. ލަހެއް ނުވެ ގޭ ދޮރު ހުޅުވާލީ ޒިވާންގެ ކޮއްކޮ އާރާވް ގެ ނާރސް މައިރާއެވެ. މައިރާ އަށް ލުއި ހިނިތުންވުމެއް ދެމުން ދަނީހޭ އަހާލިއެވެ. މައިރާވެސް ލައްބައޭ ބުނުމަށްފަހު ހީލަމުން ގެއިން ނިކުތެވެ. ޒިވާންވެސް މަޑުނުކޮށް އެތެރެއަށް ވަނެވެ. ސިޓިންގް ރޫމް ބެހެއްޓިފައިވާ ބޮޑު ސޯފާތައް ހުރަސްކޮށް މަތީބަޔަށް އަރާން އޮންނަ ސިޑިއާ ދިމާއަށް ދަނިކޮށް ފެނުނު މަންޒަރުން ހުއްޓެވުނެވެ. މަންމަ ރައިހާނާ ގަސްތަކަށް ފެންދެމުން ދިޔައިރު ވިސްނުމަކަށް ގެއްލިފައި ހުރިތަން ބަދިގެއާއި ދިމާލުގައި ހުންނަ ކުޑަދޮރުން ޒިވާން އަށް ފެނުނެވެ. ކޮޓަރިއަށް ދިއުމުގެ ހިޔާލު ދޫކޮށްލުމަށްފަހު އަނބުރާ ނިކުމެގެން ގޮސް ގޭގެ ބިއްދޮށު ބަޔަށް ދިޔައެވެ. އޭރު އިންދާފައިވާ މިރުސް ގަސްތަކަށް ފެންދޭން ރައިހާނާ ހުއްޓެވެ. ކަޅުކުލައިގެ ބޮޑު ހެދުމުގައި ވާ ރައިހާނާ އަޅާފައިވަނީ ކަޅުކުލައިގެ ބޮޑު ބުރުގަލެކެވެ. އެއްދިމާއަކަށް ބަލަން ހުރިގޮތުން ހީވަނީ ވަރަށް ބޮޑު ވިސްނުމަކަށް ގެއްލިފައި ހުރި ހެންނެވެ.
ރައިހާނާ އާއި މާދުރުނޫން ހިސާބަކަށް ހުއްޓުމަށްފަހު ޒިވާން މަންމާއޭ ކިޔާ ގޮވާލިއެވެ. ރައިހާނާ ޒިވާން އާއި ދިމާއަށް ބަލާލީ ސިހިފައެވެ.
” މަންމަ ކޮންކަމަކާ މާގަދަޔަށް ތިވިސްނަނީ.. މަންމަ ބަލީތަ” ކައިރިއަށް އައިސް ރައިހާނާ ގަޔާ ކައިރިކޮށްލަމުން ޒިވާން އަހާލިއެވެ. ރައިހާނާވެސް ފެންހޮޅި ތިރިއަށް ވައްޓާލުމަށްފަހު އެތަނުން މީހަކަށް ގޮވާ އިސްކުރު ނިއްވާލިއެވެ. އެއަށް ފަހު މަޑުމަޑުން ޒިވާން އާއި އެކު ކުރިއަށް ދާންފެށިއެވެ.
” ދަރިފުޅަށްވެސް އެނގެއެއްނު އޮޕަރޭޝަން ކުރިފަހުން އާރަވްއަށް އައިސްފައި ހުރި ބަދަލުތައް.. އެކަންތައް މިހާރު މަންމަ ކަންބޮޑުވާ ހިސާބަށް ގޮއްސި.. އެކޮޓަރިންވެސް ނުނިކުންނަތާ ދެދުވަސް ވެދާނެ.. ނޭގެ ކޮންެޗެއް ކައިގެން ކަމެއްވެސް އެތާ އެއޮންނަނީ.. މިއަދުވެސް އެނަރުސް މަންޖެ އައިސް ގޮވާ ގޮވާވެސް ނުހުޅުވި.. މަންމަ ގޮވާލާއިރަށް ބުނާނެ ނިކުންނަ ހިތެއް ނެތޭ.. މާތްﷲ ދެނެވޮޑިގެންވާނީ އެކުއްޖާއަށް ވެގެން އެއުޅޭ ގޮތެއް.. ” ހާސްވެފައި ހުރެ ރައިހާނާ ކިޔާލިއެވެ.
” މަންމަ ހާސްނުވެބާ.. ކޮއްކޮގެ ކޮޓަރީގައި ހުންނާނެ ބޮޑު ފުރިޖެއް.. މުޅިމަހަށް ވާވަރަށް ކާއެއްޗެހި އޭގަ ހުންނާނެ.. އަނެއްކާ މަންމައަށް އެނގެއެއްނު އައިސް ކްރީމް ޗޮކްލެޓް އެއްޗެހިކާން މިދުވަސްކޮޅު ފޯރި ހުންނަވަރު.. އާރާވް ރަނގަޅުވާނެ އިންޝާﷲ.. ވެދާނެއްނު މައިރާ ދެކެ ފޫހިވަނީކަމަށް.. އެހުންނަނީ އޭނަ ލާފަ ހުންނަ ހެދުން.. ދެން ކާކު ފޫހި ނުވާނީ އޭނަދެކެ..” ޒިވާން ހީލަމުން ބުނިގޮތުން ރައިހާނާ ކައިރިއަށް ހިނިއައެއް ކަމަކު ޒިވާން ބޯމަތީގައި ޖަހާލީ އެހެން ބުނާކަށް ނުވާނޭ ބުނަމުންނެވެ. ހަމައެވަގުތު އެގޭގައި މަސައްކަތްކުރާ އިންޑިއާ މީހެއްކަމަށްވާ ރާޖާ ދުވަމުން އަންނަތަން ފެނުނެވެ. ރާޖާ ވަނީ ވަރަށް ބޮޑަށް ހާސްވެފައިކަން އޭނަގެ މޫނުމަތިން އެނގިގެން ދިޔައެވެ.
” ސަރ ސަރ.. އާރަވް ސަރ.. ކޮޓަރިން ބޮޑު ބާރު އަޑުއިވެނީ” މާނޭވާ އަޅަމުން ރާޖާ މިހެން ބުނުމުން ރައިހާނާއާއި ޒިވާން ދުވަމުން ކަހަލަ ގޮތަކަށް ގެއަށް ވަންނާން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.



Yes zivaan to the rescue… wow v loabi.. thanku zivan goas character akah nuhedhyma. So happy ☺☺☺❤❤
Woooow..???????.avhah up kohlla dhineethee thankx..??????story v.v.v.reethi…??
“Aarav” varah loabi nameh.? varah furihama mi part its awesome…❤❤
Waiting for next ep?
Ebbas ?
Haadha kurey..
Kn irakun nxt episode up vaani?
V nice
v nice
Oh wow masha allah v rythi zivaan ah ehaarangalhu carector eh libuny asluves v happy vejje ☺but aidhan haadha goahey dhw besty ge wife viyya kaisan ge maruge fahathugaves aidhange athevvaane hen v hyvey mihaaru eba ? alhamdhulillahi zivaan ah e gadyga ethanah dhevuny ma stry v awsome wen nxt prt ???❤❤???????
vrh reethi…. whn nxt prt….
V v v salhi
hama habeys.,,,,,,,, zivan n arushy dhw v sa
Wow maasha allah v reethi. Plx thankolhehvdhigu koh up kohdhehchey plxplxplx…?