އަންވާރު ސީސަން 2 (ފަސްވަނަ ބައި)
ބެލުން ތިރިކުރުން
ނާހިދާ އޮތީ އެނދުމަތީގައި ދެކޮޅަށް ފުރޮޅިލަ ފުރޮޅިލަ އެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކުން ބާލީހާއި ބެޑްޝީޓް ތެންމަމުންދެއެވެ. މޭގައި ހިފާފައިވާ ރިހުމުން އިރުއިރުކޮޅާއި މޭމަތީގައި އަތްއަޅާލެވެއެވެ. “މީ އަހަރެން ދެކެން ބޭނުންވި ދުވަހެއް ނޫނެވެ. މިއީ އެއްވެސް މީހަކު ހުވަފެނުންވެސް ދެކެން ބޭނުންވާނެ ދުވަހެއް ނޫންކަން ޔަޤީނެވެ. މިހެން މިވަނީ ކީއްވެ ހެއްޔެވެ؟ އަހަންނަށް ގޯސްކޮށް ކުރެވުނީ ކީއް ހެއްޔެވެ؟ އަހަންރެން ފައިރޫޒްއަށް ދިން ލޯބީގައި އުނިވީ ކޮން ކަމެއް ހެއްޔެވެ؟ ފައިރޫޒް އެހެން ކަންތައްތައް އެކުރަނީ ކީއްވެ ހެއްޔެވެ؟ އަހަރެންދެކެ އެއްވެސް ވަރަކަށް ލޯބި ނުވަނީ ހެއްޔެވެ؟ އަހަރެންގެ މި ލޮލުން ފައިބަމުންދާ ކަރުނައިން އޭނާއަށް އެއްވެސް އަސަރެއް ހަމަ ނުކުރަނީ ހެއްޔެވެ؟ އަހަރެން އޭނާއަށް ވިސްނައިދޭނީ ދެން އިތުރަށް ފަހެ ކީކޭ ކިޔައިފައި ހެއްޔެވެ؟ ކިތަމެ ވަރަކަށްވެސް މިވާހަކަތައް ދެކެވިއްޖެއެވެ. ނަސޭހަތް ދެވިއްޖެއެވެ. އަހަންނަށް ކުރެވޭ ހިތާމަ ބަޔާން ކުރެވިއްޖެއެވެ. އެކަމަކުވެސް އެ އުޅުމަކަށް ބަދަލެއް ނައެވެ. އެކަންކަން ހުއްޓާކަށް ނޫޅުނެވެ. އިތުރަށް އެއްޗެކޭ ބުނުމުން އަންނަނީ ރުޅިއެވެ. ގޯސްވަނީ އަހަރެންނެވެ. މައްސަލަވަނީ އިތުރަށް ގޯހެވެ. ދެން މިކަމަށް އޮތް ހައްލަކީ ކޮބާ ހެއްޔެވެ؟
އަހަރެން އޭނާ އާއި ވަކިވާންވީ ހެއްޔެވެ؟ ނޫނެކެވެ. އަހަރެން އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. އަހަރެންނަށް އޭނާއާއި ނުލާ ނޫޅެވޭނެއެވެ. އޭނާ ނޫން އެހެން މީހަކު ދެކެ މިވަރަކަށް ލޯތްބެއްވެސް ނުވެވޭނެއެވެ. އަހަރެމެން އިނީކީ ވަކިވާކަށް ނޫނެވެ. ލޯބީގައި ދެމީހުން އެކަކު އަނެކަކަށް އެތައް ވައުދެއްވީމެވެ. ދުވަހަކުވެސް ވަކި ނުވާނެކަމަށެވެ. ދުވަހަކުވެސް އެކަކު އަނެކަކު ދެރަ ނުކުރާނެ ކަމަށެވެ. އެކަމަކު އެއިން އެއްވެސް ކަމެއް މިއަދު ފައިރޫޒް ހަނދާން ހުރިހެނެއް ހިއެއް ނުވެއެވެ. އަންބަކު ހުރެ ހިލޭ އަންހެނުން އެ ގެންގުޅެނީ އެހެންވެ ނޫން ހެއްޔެވެ؟ ނޫނެކެވެ. އޭނާ ބުނާ ގޮތުންނަމަ އެއީ މުޅިންވެސް ރައްޓެހިންނެވެ. ޝަކުވާ ބޮޑީ އަހަރެންނެވެ. ޝައްކު ކުރަނީވެސް އަހަރެންނެވެ. ރުޅިގަދައީވެސް އަހަރެންނެވެ. ބޭކާރު ވާހަކަ ދައްކަނީވެސް އަހަރެންނެވެ. އަހަރެން މާ ކަންތައްތައް ބޮޑު ކުރަނީ ޔޯލައެވެ.
ކަންތައްތައް ބޮޑު ނުކުރެވޭނީ ފަހެ ކާކަށް ހެއްޔެވެ؟ ދުވާލުދާ ހަތަރުދަމު އެބުނާ ރައްޓެހިންނަށް ވަގުތު ދީފައި އަނބިމީހާއަށް ދޭނެ ވަގުތެއް ނޯވެއެވެ. އެބުނާ ރައްޓެހިންނަށް ތައުރީފް ކުރުމާއި، އެމީހުންގެ ދިރިއުޅުމުގެ މައްސަލަތައް އަޑުއަހާ، ނަސޭހަތްދީ ހިތްހަމަ ޖައްސައިދެވޭ އިރު، އަނބިމީހާގެ އެންމެ ޝަކުވާއެއްގެ އަޑުއަހާލަންވެސް ފައިރޫޒްއަކަށް އެންމެ މިނަޓެއްވެސް ދެވޭކަށް ނެތެވެ. އަނބިމީހާގެ ދުވަހުގެ ތާވަލުގައި ދިމާވި ކަންބޮޑުވުމެއްގެ ވާހަކަ ކިޔައިދޭން ވަގުތެއް ލިބޭތޯ ބަލާއިރު އެދުވަހަކު ލޮލައް ނުވެސް ފެންނާނެއެވެ.
އިރުއަރާ އިރުއޮށްސި ދާއިރު އަހަރެންނާއިއެކު ވަގުތު ހޭދަކޮށްލެވުނީ ކިތައްގަޑިއިރު ނުވަތަ ކިތައް މިނަޓްތޯ ނިކަށް ބަލާލާށެވެ. އަހަރެންގެ އިހްސާސްތަކުގެ ވާހަކަ އަޑުއަހައި، އަހަރެންނާއެކު މަޖާކޮށްލައި ސަކަރާތް ޖަހާލީ އެންމެ ފަހުން ކޮންދުވަހަކު ކަމެއް ހަނދާންވެސް އެބަހުރި ބާވައެވެ. އޮފީސް ނިމުމަށްފަހު އަބަދު އުޅެނީ ރައްޓެހިންނާއެކުގައެވެ. މަޖަލާއި ސަކަރާތުގައެވެ. ކޮފީ މޭޒްތައް ދޮށުގައާއި ސައިކަލު ބުރުތަކުގައެވެ. މަސްދަތުރުތަކާއި ބާބަކިޔު ތަކުގައެވެ. ގޭގައި އޮންނަ ކުޑަކުޑަ ހިނދުކޮޅުގައި އޮންނާނީ ފޭސްބުކާއި އިންސްޓާގްރާމުގައެވެ. ނޫނީ ސްނެޕްޗެޓާއި ޓްވިޓާ ފަދަ ކޮންމެވެސް ކަމެއްގެ ތެރޭގައެވެ.
ނޫނިއްޔާ ވައިބަރއިން ޗެޓް ކުރުމަގައެވެ. އެވެސް އެބުނާ ރައްޓެހި ކުދިންނަށެވެ. އެޗެޓްތަކުގައި ލިޔެފައިވާ ތަކެތި އަހަރެން ދެކުނީމެވެ. އަންހެން ކުދިންނަށް ފްލާޓް ކުރުމަށް އެވަރެއް ނެތެވެ. ފޭސްބުކުގައިވެސް ނުދަންނަ އެތައް ފާޑުފާޑުގެ އަންހެންކުދިން އެޑް ކޮށްގެން އެކުދިންނާއި ވާހަކަ ދައްކައެވެ. އިންސްޓާގްރާމުންވެސް އަބަދު ކަމަކީ އެކަހަލަ ކުދިންގެ ފޮޓޯ ބެލުމާއި ލައިކް ކުރުމާއި ތައުރީފް ކުރުމެވެ.
ފައިރޫޒްގެ ލައިފްގައި އަހަރެން ކޮބާ ހެއްޔެވެ؟ ދެމީހުން މަސައްކަތްކޮށްގެން ލިބޭ ރުފިޔާކޮޅުން ގޭގެ ކުއްޔާއި އެހެނިހެން ޚަރަދުތައް ކުރުމުގައި އަހަރެން ހިއްސާ ކުރެއެވެ. އޭނާގެ އަންނައުނު ދޮވުމާއި، ގޭތެރެ ސާފުކޮށް ކެއުންބުއިމުގައި އަހަރެންގެ އެހީ ހޯދައެވެ. އެއްފުރާޅެއްގެ ދަށުގައި އެއް އެނދެއްގައި ނިދުމުގައި އަހަރެން ބައިވެރި ކުރުވައެވެ. އިތުރަށް އަހަރެން އޭނާގެ ދިިރިއުޅުމުގައި ހިއްސާވާކަމެއް ސިކުޑިއަކަށް ނައެވެ.
އަނބިމީހާއަށް އަށް ކޮށްދޭންވީ ހިދުމަތްތައް އެނިމުނީ ހެއްޔެވެ؟ ނުވަތަ ފައިރޫޒް އަހަންނާއި އިނީ ހަމައެކަނި އެކަންކަމުގައި މީހެއްގެ ހިދުމަތް ބޭނުންވާތީ ހެއްޔެވެ؟ އަހަރެންގެ އިހްސާސްތަކަށް ކުރަންވީ ޤަދަރު ކޮބައި ހެއްޔެވެ؟ އަހަންނަށްދޭންވީ ލޯތްބާއި އަޅާލުން ކޮބައި ހެއްޔެވެ؟ އެދުވަހު އެވީ ލޯބި މިހާރު ނުވަނީ ހެއްޔެވެ؟ އެދުވަހު އެކުރި ތައުރީފު މިހާރު ހައްޤު ނުވަނީ ހެއްޔެވެ؟ ނުވަތަ ކުއްލިއަކަށް އަހަރެން ހުތުރުވީ ހެއްޔެވެ؟ އަހަރެން ކަމުނުދަނީ ހެއްޔެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. އޭރުން އަހަރެން ޤަބޫލުކުރާނީ ތީ ބޮޑު މަކަރުވެރިއެއް ކަމުގަވެ. ދޮގު ވެރިއެއް ކަމުގައެވެ.
ދެން އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ކުރަންވީ ކީއް ހެއްޔެވެ؟ ފައިރޫޒް ފަދައިން ބޭވަފާ ވާންވީ ހެއްޔެވެ؟ ރައްޓެހިންނޭ ކިޔައިގެން ފިރިހެންކުދިންނާއި ގުޅުން ބާއްވާ ފައިރޫޒް ޖޭ ކުރުވަންވީ ހެއްޔެވެ؟ ފައިރޫޒް ތިއުޅޭ ގޮތަށް ޝަކުވާ ނުކޮށް، ކަމަކަށް ހަދާނުލާ، ކޫލްކަންމަތީ، އަހަރެންވެސް ހަމަ ތިހެން އުޅެން ވީ ހެއްޔެވެ؟ އޭރުން ފައިރޫޒައް ވިސްނޭނެ ހެއްޔެވެ؟ އެއުޅުން ހުއްޓިދާނެ ހެއްޔެވެ؟ ނޫނެކެވެ. އަހަރެންމީ އެކަހަލަ މީހެއް ނޫނެވެ. އޭރުން އަހަންނާއި ފައިރޫޒްގެ ހުރި ތަފާތަކީ ކޮބައި ހެއްޔެވެ؟ އާހހހް! އަހަރެންގެ ބޯ ގޮވައިދާނެއެވެ. ޔާ ﷲ! މިއަޅާއާއި ދޭތެރޭގައި މިހެން ކަންތައްތައް މިވަނީ ކީއްވެގެން ހެއްޔެވެ؟ ކައިވެންޏަށް އަދިކިރިޔާ ވީ އެންމެ އަހަރެކެވެ. ވަރިވުމަކީ ފައިރޫޒްވެސް ބޭނުންވާނެ ގޮތެއް ނޫންކަން ޔަޤީނެވެ. ވީއިރު ދެމީހުންގެ މެދުގައި އެހާ މައްސަލަ ޖެހޭ ކަންތައްތައް ހުއްޓައިލައި، އަމިއްލަ ދިރިއުޅުމަށް އުފާވެރިކަމެއް ގެންނަން ފައިރޫޒް ނޫޅެނީ ކީއްވެބާވައެވެ. ” އެތައް ޝަކުވާޔަކާއި، ވޭނުން ފުރިގެންވާ ހިތާމަތަކުން ނާހިދާގެ ހިތް ފުނޑުފުނޑު ވެފައިވާ ކަހަލައެވެ. ރޮއިރޮއި އެ މޫނުމަތިވެސް ވަނީ ދުޅަވެފައެވެ.
އެހެންއޮށްވާ ކުއްލިއަކަށް ކަމެއް ހަނދާންވިއެވެ. އިސްލާމްދީނުގައި ހުރިހާ ކަމެއްގެ ހައްލު ވާކަމަށްބުނެ މީގެ ދެތިންދުވަސްކުރިން ސޯޝަލްމީޑިޔާގައި ވައިރަލްވެގެން އުޅުނު ޚަބަރެއްގެ މަތިންނެވެ. އެޔާއެކު ދެލޯފޮހެލާފައި ތެދުވެ ފޯނުނަގާ އިންޓަރނެޓް އޮންކޮށްލިއެވެ. އަދި ގޫގުލް ސާރޗްއިން އެކަންކަމުގެ ހައްލު ލިބޭނެ ގޮތެއް ފެނޭތޯ ސައިޓްތައް ހާވަން ފެށިއެވެ. ނާހިދާއަކީވެސް މުސްލިމެކެވެ. ﷲގެ ކުޅަދުންވަންތަކަން ފުރިހަމައަށް ޤަބޫލުކުރެއެވެ. މުސްލިމެއްގެ ގޮތުގައި އުފަންވެ އެކަމަށް ފަޚުރުވެރިވެސް ވެއެވެ. އެކަމަކު ދެރައީ ދީނުގެ އެއްވެސް ކަމަކަށް ހާއްސަ ސަމާލުކަމެއް ނުދެވޭކަމެވެ. ނަމާދުވެސް ކުރެވެނީ ހިތައް އެރިއްޔާއެވެ. ޤުރުޢާނުގައިވާ ވާހަކަތަކުން މިންވަރެއްވެސް ނޭނގެއެވެ. ސްކޫލުގައި އުޅުންއިރު އިސްލާމުފޮތުން ދެތިން ސޫރަތެއްގެ މާނަ ދަސްކުރުވިއެވެ. ނަމަވެސް މިހާރު އެއިން އެކައްޗެއްވެސް ނޭނގެއެވެ. އެކި ސައިޓްތައް ހޯދާ ބެލިއެވެ. ކުދިކުދި ދަރުސްތައްވެސް އަޑުއެހިއެވެ. އާރޓިކަލްތައް ކިޔަންފެށިއެވެ. މިހެންމިވަނީ ކީއްވެކަމާއި މިކަންކަމަށް އޮތް ހައްލަކީ ކޮބައިކަމެވެ.
މަޑުމަޑުން އެހިތްމަޑު ވާންފަށައިފިއެވެ. ރިހުން ކުޑަވާން ފަށައިފިއެވެ. މަޑުމަޑުން އެހިތުގައިވި ކިލަނބުކަން ފިލަންފަށައިފިއެވެ. ވިސްނާ ފިކުރު ކުރެވިއްޖެއެވެ. ހަޤީޤަތް ހާމަވެ، ހައްލު ވިސްނިއްޖެއެވެ. ސަބަބު އޮޅުން ފިލައި، ކުރެވުނު ކުއްތައް އިހްސާސް ކުރެވެން ފެށިއެވެ. އެ ދިރިއުޅުމުގައި އުނިވެފައިވަނީ ކޯއްޗެއްކަމާއި، އިތުރުކުރަންވީ ކޮންކަމެއްކަން އެ ސިކުނޑިއަށް ނަގައި ގަނެވިއްޖެއެވެ.
އަނެއްކާވެސް ރޮވިއްޖެއެވެ. ހިތައްކުރުވި އަސަރުންނެވެ. ފައިރޫޒްގެ ކަންތައްތަކަކުން ނޫނެވެ. ﷲގެ ކުޅަދުންވަތަކަމާއި އޯގާތެރިކަން ހިތައް އެރުމުންނެވެ. މިއޮށްހުރިހާ ދުވަހު އެކަލާނގެ މަތިން ހަނދާންނެތިފައިވުމުން އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ. އެއާއެކު ގަޑި ބަލައިލިއިރު އެއޮށްގެން ދަންވަރު ދެގަޑި ބައިވަނީ އެވެ. އިންޓަރނެޓްގައި ޖެހި ވަގުތުތައް ފާއިތުވެގެން ދިޔަ ގޮތްވެސް ނޭނގުނީއެވެ. އަދިވެސް ފައިރޫޒްވެސް ގެއަކަށް ނާދެއެވެ. ޔަޤީނުން ވެއްޖާވާނީ ކޮފީ އެއްގައެވެ. އިތުރަށް ފައިރޫޒްއާއިމެދު ވިސްނަން ނަހަދާ ތެދުވެ ފާހާނާއަށްވަދެ ފެންވަރައިގެން ވުޟޫކޮށްގެން ނިކުމެ ދެރަކުއަތް ނަމާދެއް ކުރިއެވެ. އަދި ދުއާކުރިއެވެ.
” ޔާ ﷲ! މިއަޅާއަށް ކުރެވިފައިވާ އެންމެހާ ފާފަތައް ފުއްސަވާނދޭވެ! ކުދިބޮޑު އެންމެހާ ފާފަތައް ފުއްސަވާނދޭވެ! އިބަރަސްކަލާނގެ މަތިން ހަނދުމަނެތި، ދުނިޔޭގެ ހުވަފެންތަކުގައި ގެއްލިގެންދިޔަ ދުވަސްތަކުގެ ބަދަލުގައި، އުފާވެރިގޮތުގައި، އިބަރަސްކަލާނގެ މަގުގައި، އިބަރަސްކަލާނގެ އެންމެ ރުއްސަވާނެ ކަންކަމުގައި، ބާކީއޮތް ދުވަސްތައް ހޭދަކުރުމުގެ ހެޔޮ ތައުފީޤު ދެއްވާނދޭވެ! މިއަޅާގެ ހެޔޮކަމުގެ ތިލަފަތް ބަރުކުރުމަށް އެތައް ހެޔޮއަމަލެއް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާނދޭވެ! ޔާ ﷲ! އިބަރަސްކަލާނގެއީ އެންމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހިިތްތަކުގައިވާހާ އެންމެހާ ސިއްރެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހިތްތައް ބަދަލު ކުރެއްވުމުގެ ކުޅަދާނަކަން ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. ޔާ ﷲ! މިއަޅާއަށް ތެދުމަގު ދައްކަވައި، މިއަޅާގެ ހިތް ބަދަލު ކުރެއްވިގޮތައް ނުވަތަ އެއަށް ވުރެވެސް ފުރިހަމަ ގޮތެއްގައި މިއަޅާގެ ފިރިމީހާގެ ހިތްވެސް ބަދަލު ކޮށްދެއްވާނދޭވެ! އިބަރަސްކަލާނގެ މަގަށް އޭނާގެ ހިތް ބަދަލު ކުރައްވާ އިސްލާމްދީނުގެ ފުރިހަމަ ހިދާޔަތުން ހިދާޔަތް ދެއްވާނދޭވެ! ” އެއާއެކު ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ނާހިދާ ސިއްސައިގެން ދިޔައެވެ. ފައިރޫޒް ގެއަށްއައީކަން އެގުންވުމުން ދުޢާ ނިންމާލާފައި ދެލޮލުން ފައިބާފައިހުރި ކަރުނަތައް ފުހެލުމަށްފަހު ތެދުވެގެން އައިސް ނިދަން ތައްޔާރުވެލިއެވެ.
ދަންވަރުގެ އެގަޑީގައި ނާހިދާ ނުނިދާ ނަމާދުކުރަން އިންތައް ފެނުނު ފައިރޫޒަށް ހައިރާންކަން ލިބުނު ނަމަވެސް، ނާހިދާގެ އިތުރު ޝަކުވާތަކެއް އަޑުއަހަން ބޭނުންނުވާތީ އެއްވެސް އެއްޗެކޭ ނުބުނެ ހެދުންބަދަލު ކޮށްގެން އޭނާވެސް އަރާ އޮށޯތެވެ. ނާހިދާ އެއްވެސް ޝަކުވާއެއް ނުކޮށް އޮތުމުން ފައިރޫޒަށް އިތުރު ހައިރާންކަމެއް ލިބުމުން އަނެއްފަރާތުގައި އޮތް ނާހިދާއަށް ބަލާލެވުނީ ހުރިހާކަމެއް ރަނގަޅު ބާއޭ ހިތައް އެރުމުންނެވެ. އެއާއެކު ނާހިދާ ހަދިޔާ ކޮށްލީ ހިނިތުންވުމެކެވެ. މިރޭ ކޮންފަދަ ރެއެއްބާއެވެ! ނާހިދާއަށް އެވަނީ ކިހިނެއްވެފައި ހެއްޔެވެ؟ އަނެއްކާ ހުވަފެނެއް ފެނުނީބާއެވެ؟ ނާހިދާގެ އެ ލުއި ހިނިތުންވުމުން ފައިރޫޒައް ކުރުވީ އުނދަގުލެކެވެ. އެ ހިނިތުންވުން އެއީ މީންދުވަހަކު ފެނުނު ކަމެއް ނޫން ވިއްޔާއެވެ. މިހާރަކަށް އައިސްފައި އަބަދުވެސް ފެންނަނީ ޝަކުވާ ކޮށްފައި ރޯތަނެވެ. ނަމަވެސް އިތުރަށް އެކަމާއި ވިސްނަން ނުހަދާ ފައިރޫޒް ނިދޭތޯ ބެލިއެވެ.
ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ދާއިރު، މިހާރު ނާހިދާގެ އުޅުމަށް އެތައް ބަދަލުތަކެއް އައިސްފައިވެއެވެ. އެންމެ ނަމާދެއްވެސް ވައްޓާނުލާ ހުރިހާ ނަމާދެއް ކުރެއެވެ. ރޭގަނޑު ދަންވަރުވެސް ނަމާދުކޮށް ދުޢާ ކުރުމުގައި އެތައް ވަގުތެއް ހޭދަކުރެއެވެ. ބައެއް ރޭރޭ ނަމާދަށް ހުންނައިރު އަދި ދުޢާ ކުރާއިރުވެސް ނާހިދާގެ މަޑު މަޑު ގިސްލުމެއްގެ އަޑު އިވެއެވެ. ދެލޮލުން ކަރުނަ ފައިބަމުންދާ މަންޒަރު ފެނެއެވެ. އޭނާ އޭނާއަށް ކުރިން އުޅެވުނު ގޮތްތަކާއި، ފައިރޫޒްގެ އަމަލުތަކާއި އަދި އެހެން ހުރިހާ ކަމެއްމަތިން ހަނދާންވެ، ދެރަވެ، އޭނާގެ ވެރި އިލާހުގެ ކިބައިން ފާފަ ފުއްސެވުން އެދި ދުޢާ ކުރަނީއެވެ. އަދި އެގޮތުގައި ދުޢާ ކުރުންމަތީ އޭނާ ދެމިހުއްޓެވެ.
މިހާރު ނާހިދާ ފައިރޫޒްގެ އެއްވެސް ކަމަކާއި ޝަކުވާއެއް ނުކުރެއެވެ. ޝަކުވާ ކޮށް، އެކަމުން ލިބޭ ހިތާމަ އާއި، ޖެހޭ މައްސަލަތަކުގެ ވާހަކަ ކިޔައިދީ އަދި އެހެން ހުރިހާ ގޮތަކުންވެސް އެކަން ހައްލު ކުރެވޭތޯ އޭނާ މަސައްކަތް ކޮށްފި ނޫންހެއްޔެވެ؟ ދެން ކުރެވޭނެ ކަމަކީ ދުޢާ ކުރުންތާއެވެ. ހުރިހާ ކަމެއް ބަދަލު ކުރެއްވުމުގެ ބާރު ލިބިވޮޑިގެންވާ ރަސްކަލާނގެ ކިބައިން އެކަމަށްއެދި ދެންނެވުމެވެ. އަދި ދުނިޔޭގެ ކަންކަމުގައި ގެއްލިގެންދިޔަ ދުވަސްތަކުގައި، ކުރެވެމުންދިޔަ ފާފަތަކުގެ ތިލަފަތައްވުރެ ހެޔޮކަންތައްތަކުގެ ތިލަފަތް ބަރުކުރަން އޭނާ ކުރާ މަސައްކަތަކީ ކިރިޔާވެސް ހުސްވަގުތެއް ލިބޭއިރަށް އިސްތިޣްފާރުކުރުން މަތީ ދެމިހުރުމެވެ. އަދި ޤުރުޢާން ކިޔެވުމާއި ﷲ އަންގަވާފައިވާ ފަދައިން އަނބިމީހާގެ ވާޖިބުތައް ފުރިހަމައަށް އަދާ ކުރެވޭތޯ މަސައްކަތް ކުރުމެވެ.
އެގޮތުން ފައިރޫޒާއި ގެއިން ބައްދަލުވާ ވަގުތުތަކުގައި އޭނާއަށް ހިނިތުންވުމަކާއެކު މަރުހަބާ ކިޔައެވެ. އަދި އޭނާއާއި ވާހަކަ ދައްކަނީވެސް މަޑުމައިތިރިކަމާއި އޯގާތެރިކަމާއެކުގައެވެ. އޭނާ ގޭގައި އުޅޭ ވަގުތުތަކުގައި އެހެން ހުރިހާ ކަމެއް ދޫކޮށް އޭނާގެ ހިދުމަތުގައި އޭނާއަށް ހުސްވެގެން ހުރެއެވެ. އަދި ގޭތެރެ އަބަދުވެސް ސާފުކަންމަތީ ބާއްވާ މީރުކަތަކެތި ހަދައިގެން ކާންދޭން އުޅެއެވެ. ފައިރޫޒްއަށް އެއްވެސް ކަމަކަށް ޝަކުވާ ކުރުމުގެ ފުރުސަތު ނުދެވޭތޯ މަސައްކަތް ކުރެއެވެ. މިކަންކަމުގައި ރެއާއި ދުވާލު ފާއިތުވާލެއް އަވަސްކަމުން ފައިރޫޒްގެ ކަމަކަށް ޝަކުވާކޮށް ވިސްނާހަދާކަށް ނާހިދާއަކަށް މިހާރަކު ވަގުތެއް ނުވެއެވެ.
މިވަނީ ކިހިނެއް ހެއްޔެވެ؟ ނާހިދާއަށް އެހާ ބޮޑު ބަދަލުތަކެއް އައީ ކޮންކަމަކާއި ގުޅިގެން ހެއްޔެވެ؟ މިހާރު އަބަދު ފެންނަނީ ހިނިތުންވުމަކާއެކުގައެވެ. ހުރިހާ އިރަކު ބަރާބަރަށް ނަމާދުވެސް ކުރެއެވެ. ގޭތެރޭގެ ކަންކަންވެސް އެހާ ފުރިހަމައެވެ. މިހާރަކު އެއްވެސް ކަމަކާއި ޝަކުވާ އެއްވެސް ނުކުރެއެވެ. ވާހަކަ ދައްކަނީވެސް އޯގާތެރިކަމާއި މަޑުމައިތިރި ކަމާއެކުގައެވެ. ފައިރޫޒްގެ ހިތުގައި އެތައް ސުވާލެއް އުފެދެން ފަށައިފިއެވެ. މާވަރަކަށް ނާހިދާއާއި ދޭތެރޭގައި ވިސްނެން ފަށައިފިއެވެ. ވާނީވެސް އެހެންތާއެވެ. ފައިރޫޒްގެ އުޅުމަކަށް އެއްވެސް ބަދަލެއް ނާދޭ ވިއްޔާއެވެ. ވީއިރު އެ ޝަކުވާތަކަށް ނިމުން އައިސް، އެ ހިތުގައިި ފައިރޫޒް އަށްޓަކައި ލޯތްބާއި އޯގާތެރިކަން އިތުރު ވާންވީ ކީއްވެގެން ހެއްޔެވެ؟ ނާހިދާ އުފާކޮށްދީ ހިތްހަމަޖައްސުވައިދޭން ފައިރޫޒް އިތުރު އެއްވެސް ކަމެއް ނުކުރާ ހިނދު، އެހިތައް ކުއްލިއަކަށް އެހާ ހަމަޖެހުމެއް ލިބިގެންދިޔައީ ކީއްވެގެން ހެއްޔެވެ؟ އެ މޫނުމަތީން ފެންނަމުންދާ ހިނިތުންވުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟
ހިތުގައި އެތައް ސުވާލުތަކެއް އުފެދެމުން ދިޔައިރުގައި، ހަމަ އެ ހިތުގައި ސަބަބު ނޭނގޭ އިތުރު އިހްސާސެއްވެސް އުފެދެމުން ދިޔައެވެ. އާނއެކެވެ. އޭނާގެ ހިތުގައި މިހާރަކަށް އައިސް ނާހިދާއަށް ހާއްސަ ޤަދަރެއް ދެވެންފަށައިފިއެވެ. ނާހިދާއަށް ކުރިން ނުކުރެވޭފަދަ އިޚްތިރާމެއް ކުރެވެން ފެށިއެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ ފައިރޫޒަކަށް އެ ސުވާލުގެ ޖަވާބެއް ނޭނގުނެވެ.
އެއްދުވަހެއްގެ ހަވީރެވެ. ފައިރޫޒް ގެއަށް އައިއިރު ނާހިދާ އުޅެނީ ފާހާނާ ގައެވެ. ލެޕްޓޮޕް މޭޒްމަތީގައި ހުޅުވައި ހުރުމުން ފައިރޫޒް އަށް އެއަށް ބަލައިލެވުނެވެ. އެއާއެކު ކަމެއް ހަނދާން ވިއެވެ. ފައިރޫޒް ގެއަށް ވަންނައިރަށް ލެޕްޓޮޕް ކައިރީ އިންނަ ނާހިދާ އަވަސް އަވަހަށް ލެޕްޓޮޕް ބަންދުކުރާ މަންޒަރު މަތިންނެވެ. އެހެންކަމުން ނާހިދާ އެ ފޮރުވަނީ ކޯއްޗެއްތޯ އަވަސް އަވަހަށް ބަލާލަން އެއާއި ކައިރި ވެލިއެވެ. ނަމަވެސް ހީކުރެވުނުގޮތާއި ހިލާފަށް އޭގައި އަޅުވާފައި ހުރީ ބޭރު ޤައުމެއްގެ އުސްތާޒެއްގެ ދަރުސެކެވެ. ނާހިދާ އަށް އައިސްފައިވާ ބަދަލު ތަކުގެ ސިއްރަކީ މިއީ ބާއޭ ހިތާ އެމީހަކު އެކިޔާ އެއްޗެއް އަޑުއަހަން ޝައުޤުވެރިވުމުން އެ ޕްލޭ ކޮށްލެވުނެވެ.
” ޙަރާމް ތަކެތި އިސްކުރަނީނަމަ، ޙަލާލް ތަކެތި ހަނދާންނެތި، ޙަރާމް ތަކެތި މުހިންމުވާން ފަށާނެއެވެ. ޙަލާލް ތަކެތި ފައިދާއެއް ނެތް ބޭކާރު ތަކެތި ކަމުގައި ބެލެވޭނެއެވެ. އެކީގަހެން ޙަލާލްމަތިން ފޫހިވާން ފަށާނެއެވެ. ވީމާ އޭނާގެ ދިރިއުޅުން ބާއްޖަވެރިކުރަން ބޭނުން މީހަކުނަމަ ޙަލާލް އަނބިމީހާ ނުވަތަ ފިރިމީހާ ނޫން އެހެން މީހުންނަށް އިސްއުފުލައި ބެލުން ހުއްޓާލާށެވެ. ނޫންނަމަ ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ އެއީ އަގެއް ނެތް، ބޭކާރު، އެއްޗަކަށް ވާތަން ފެނިގެން ދާނެއެވެ. ޙަލާލް އަނބިމީހާ މަތިން ފޫހިވެ ހިލޭ އަންހެނުންނާއި ކައިރިވެވެން ފަށާނެއެވެ.
ފުރަތަމަ ބަލާލެވޭނީއެވެ. ދެން ކުރެވޭނީ ލައިކެވެ. ދެން ވާހަކަ ދައްކާ ހިއްވެގެން ޗެޓް ކުރާން ފަށާފާނެއެވެ. ވާހަކަ ދައްކާނީ ކިހިނަކުންކަން އެނގޭ ހެއްޔެވެ؟ ކުރާނީ ތައުރީފެވެ. މިހާރުގެ ކުދިންގެ ބަހުންނަމަ ފްލާޓް ކުރާނީއެވެ. އެކަމަކު އޭނާގެ ވާހަކަ އެހެންމީހުން ކައިރީގައި ދައްކާ ގޮތް އެނގޭ ހެއްޔެވެ؟ “ވަރަށް ހަޔާތްކުޑަ ގޮތްކުޑަ އަންހެނެކެވެ. ކުރުކުރު ހެދުން ކޮޅުކޮޅު ލައިގެން މީހުންނަށް އޮރިޔާން ދެއްކެން އުޅޭ އަންހެނެކެވެ. ފިރިހެނުން އެޓްރެކްޓް ކުރުވަން އެވަރެއް ނޯންނާނެއެވެ.” އެއީ ހަމަ ހަޤީޤަތެވެ. އެކަމަކުވެސް އެކަން ތިމާއަށް ނުވިސްނިގެން މަޖަލަކަށް ހަދައިގެންވެސް އެފަދަ އަންހެނުންގެ ޝިކާރައަކަށް ތިމާ ވެގެންދާކަމެއް މިފަދަ މީހުންނަކަށް ނުވިސްނެއެވެ. އެހެންވީމަތާއެވެ. އަނެއްކާވެސް އިންސްޓާގްރާމަށް ވަދެ ހޯދަނީ އެ އަންހެނާއެވެ. އެ ހަޔާތްކުޑަ އަންހެނާއެވެ. އެ ގޮތްކުޑަ، ފިރިހެނުން އެޓްރެކްޓް ކުރަން އުޅޭ އަންހެނާއެވެ. އޭނާގެ އެމަޅީގައި ތިމާ އެޓްރެކްޓްވެ، އާ ފޮޓޯއެއް ލައިފައިވޭތޯ ހޯދައެވެ. ނޫންނަމަ އެފަދަ އެހެން އަންހެނަކު ފެނޭތޯ ސާޗް ކުރެއެވެ.
މިފަދަ ކަންކަމުގެ ނަތީޖާ ނިކުންނަގޮތް ދެކޭށެވެ. ތިމާ ލޯބިވެގެން އެވަރެއް ނެތިގެން ކައިވެނިކޮށް، ހުރިހާ ގޮތަކުން ތިމާއަށް ހަލާލްކުރި، ލޯބިވާ އަނބިމީހާގެ ރީތިކަން ތިމާގެ ލޮލަށް ގެއްލިދެއެވެ. އޭނާގެ މުހިންމުކަން ދެކޭކަށް، އޭނާ ދައްކާ ވާހަކަ އަޑުއަހާކަށް، އޭނާގެ އެއްވެސް ކަމަކަށް ތިމާ ޝައުޤުވެރިއެއް ނުކުރުވައެވެ. ތިމާއަށް ޝައުޤުވެރިކަން ދެވެނީ އެއްކަލަ ހިލޭ އަންހެނާއަށެވެ. އޭނާ ދައްކާ މަޖާ ވާހަކައަށެވެ. އޭނާ ނަގައިފައިވާ ނިވާކަންކުޑަ ފޮޓޯތަކަށެވެ. އޭނާގެ އެކުވެރިންނަށެވެ. އޭނާގެ ދިރިއުޅުމަށެވެ. އެހިސާބުން ތިމާގެ ދިރިއުޅުން ބޮއްސުންލައެވެ. އަނބިމީހާ ޝަކުވާ ކުރަން ފަށައެވެ. ޝައްކު ކުރަން ފަށައެެވެ. އެތައް މައްސަލަ ތަކެއް ކުރިމަތިވާން ފަށައެވެ. އެންމެފަހުން ވަރިއާ ހަމައަށްގޮސް އެގުޅުން ނިމިދެއެވެ.
ލޯބިވާ އަޙުންނޭވެ! އިސްލާމްދީނުގައި ކަންކަން ޙަރާމް ކޮށްފައިވަނީ އޭގެން އަހަރެމެންގެ ދިރިއުޅުމަށް ނޭދެވޭ އެތައް އަސަރެއް ކުރާނެތީއެވެ. ފައިދާއެއް ހުރި އެއްވެސް ކަމެއް މަނާކޮށް ޙަރާމް ކުރައްވާފައި އިސްލާމްދީނަކު ނުވެއެވެ. މި ބުނެލީ ކުޑަކުޑަ މިސާލެކެވެ. މިފަދަ ކަންކަމުން މިފަދަ ނުވަތަ މިއަށްވުރެވެސް ހިތާމަ ކުރަނިވި އެތައް ހާދިސާއެއް ހިނގައި، ބައެއް މީހުންނަށް އެތައް ފާފައަކަށް އަރައިގަނެވިފައި އެބަހުއްޓެވެ. ”
ފައިރޫޒް ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. ޝައުޤުކުރުވަނިވި ގޮތަކަށް އެ ޝެއިޚް އެވާހަކަތައް ދެއްކި އިރު އެއީ މުޅިންވެސް ތެދެވެ. އޭނާއަށްވަނީ އެކަން ތަޖުރިބާ ކުރެވިފައެވެ. އޭނާގެ ހާލާތު އެބުނި ބަސްތަކާއި އެއްވެސް ތަފާތެއް ނެތެވެ. ކުރެވުނު ލަދުވެތި، އަދި ހިތާމަވެރި އިހްސާސާއެކު އިސްޖަހާލެވުނީ އުޅެވެމުން އައި ގޮތް ހިތައްއަރައި އަމިއްލަ ނަފްސު ކުއްވެރި ކުރެވުމުންނެވެ. އެއާއެކު ސިހުންވީ ނާހިދާ އައިސް ކޮނޑުގައި އަތް ބާއްވާލުމުންނެވެ.
އެއީ އެރޭގައި ނާހިދާ އަޑުއެހި ބައެއް ދަރުސްތަކުންކުރެ ދަރުސެކެވެ. ކޮންމެވެސް ގޮތަކުން ފައިރޫޒްއަށް އޭތި ދެއްކޭތޯ ޑައުންލޯޑް ކުރަން ޖައްސާފައި ފާހާނާއަށްވަނީއެވެ. މި ގަޑީގައި އެހެންޏާ އަބަދުވެސް ފައިރޫޒް އުޅޭނީ ބޭރުގައިކަމުން އެވަގުތު ފައިރޫޒް އައިސްދާނެ ކަމަކަށް ކުޑަކޮށްވެސް ހިތަކަށް ނާރައެވެ. ނަމަވެސް ފާހާނާއިން ނިކުތްއިރު ފައިރޫޒް އެއަށް ބަލަހައްޓައިގެން އެ އަޑު އަހަން ހުރިތަން ފެނުމުން ނާހިދާވެސް ދުރުގައި އެނގޭކަމަށް ނުހަދާ ބަލަން ހުރީއެވެ. އެއީ އަދިކިރިޔާ އެދަރުސުން ލޯޑްވި ވަރެވެ. ދެމީހުން އެކުގައި އޭގެ ބާކީބައި އަޑުއެހިއެވެ. އަދި ކައިވެންޏާއި ގުޅޭގޮތުން ނާހިދާ އަޑުއަހާފައިވާ އެހެން ވީޑިޔޯތައްވެސް ފައިރޫޒާއެކު އަލުން އަޑުއެހިއެވެ. ﷲ އަށް ހަމްދު ހުއްޓެވެ. ފައިރޫޒަށްވެސް ހައްޤުގޮތް ވިސްނިއްޖެއެވެ. ކުރެވެމުން އައި ފާފަތަކަށް ލޯ ހުޅުވި، ސުވަރުގެއަށް ދަހިވެތި ވެއްޖެއެވެ. ތަޢުބާވެ އުޅުން އިސްލާހު ކޮށްފިއެވެ. ނާހިދާ ކުރި ދުޢާތައް އިޖާބަ ކުރެއްވުމުން އަބަދުވެސް ﷲއަށް ހަމްދުކޮށް، އިތުރު އެތައް އަޅުކަމެއްގެ މަތީގައި ދެމިހުއްޓެވެ. އަދި ފުރިހަމަ ހިޖާބަކުން ހިޖާބުވެސް ވިޔެވެ.
“މުޢުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން ﷲ އީ، އެއުރެން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި މުޢުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (މޫނައި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތްތެރިކަން ފާޅު ނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވާކުރާހުށިކަމެވެ!” (24:30،31)
**ނުނިމޭ**
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.




Maa shaa ALLAH v ibraiytheri?
Jazaak Allah Khair
Its really heart touching .. ?thanks faathii? waiting for next ep ??
Love this ??
Jazaakum Allah Khair
Masha alla v hiyyhama jehijje mifadha dhyny stry eh kiyaalan libeythy adhi baeh hadhees ge maanahunnaathy v intrestvejje alhamdhulillah allah thibaage masakkathugai barakaaiy lavvaa kaamiyaab dhevvaas thibaayah heyo rahumaiy lavvaashi aameen gud nyt n waitin waitin
Aameen. Wa iyak
Masha Allah. Best of all
Jazaak Allah Khair 🙂
Maa shaa Allah! Varah furihama. Varah iburaiytheri. Allah thibaa ah saabith kan dhevvashi! Mi vaahakaigai mi vaa hurihaa mauloomaathakeeves eki goiygothah ethah faharaku aduahaa kiyaafaiva mauloomaathu. Namaves mi mauloomathu genes dheefai mivany varah bodah mi mujuthamau aa gulhey adhi varah faseyhain visney gothah. Mi masakkaiy huttaanulaa kuriyah gendhiumah naseyhaitherivan. Adhi mikan miah vureves fulhaakuran feney. Mifadha ethah platform thakeggai faseyhain visney gothakah mauloomaathuthah hissaakurun varah muhimmu. Adhi mikamugai thibaa aa baiverivaane ethah bayaku ulheyne kan kashavaru. Alhugandumen muslimunnah miadhu dhimaavefaiva emmeha museebaathegge aslaky Allah ge mathiveri dheenugaivaa usooluthah dhookoh Haggu noogothugai ufaaverikama baajjaverikan haasilukuran masakkaiy kurevun. Haggu gothugai kaamiyaabeethah haasil kureveyne saafu magu (islaamy rivethi usooluthah) hiythakah visneygothah genesdheveynama roolhifaivaa ethah aailaaeh alun gulhigendhaanekan kashavaru. Bikave haalugaijehifaiva ethah dharinneh salaamaiy kureveyne kan kashavaru. Ya Allah! Alhamennah haggu dhakkava e haggugai saabith kuravvaashi. Aameen.
Aameen. Jazaak Allah Khair. 🙂
ekamaku konme kamakahves nimun annaaethaa dhw.. mi vaahakaves mihaaru mivany nimumaai kaireega. namaves kuriah oithaagai mifadha ehen vaahakaeh liyeveytho masaikai kuraanan. In Shah Allah.
Varah gina dhuvas vejje kiyas ehves vaahaka akah comment nukuraatha ekam mi part kiyaafa comment nukoh dhoo kohlaa hih theh nuvi.. Varah iburah theri hama roavaalaafi… Enmeha muslim ahunaai uhuthunna faafa fuhsava heyo thayfeegu dheh vaashi.. Aamin mi kahala vaahaka thah ginan fennaane kamah unmeedhu kuran adhi liyun thriyaa ah kaamiyaabha falaahai dheh vaashi.. Ameen…
Aameen. Jazaak Allah Khair.
Miadhu dhevana faharah kiyaa milee foohi kameh nethi.. mihen dheythereakun kiyaalah super story eh …liyuntherikan ves iburaiy ves ehaa furihama ❤❤❤
Alhamdhulillah. 🙂
Jazaak Allah Khair.
Mashaa Allah it’s just amazing..adhi genesdheefa hurileh v.furihama.???adhi mibaiga ali alhuvaalaafa in maulhoo v.kamudhey…? waiting 4 more parts…
Jazaak Allah Khair 🙂