Skip to content
އެސްފިޔަ

އަންވާރު ސީސަން 2 (ހަތަރުވަނަ ބައި)

އެތައް ދުވަހަކަށްފަހު ރަށު ފަސްގަނޑުގައި ފައި ބީހުނު ވަގުތު ކުރެވިގެން އެދިޔަ އިހްސާސްތަކަކީ ދުލުން ބަޔާން ކުރަން އުނދަގޫ އިހްސާސްތަކެކެވެ. ދެލޯ ކަރުނައިން ފޯވެފައިވީއިރު މުޅި ހަށިގަނޑުގައި ހީބިހި ނަގާފައިވަނީ ނަފްސުގެ ހުރިހާ ގުނަވަންތަކެއް އެ އިހްސާސްތަކުގައި ބައިވެރިވާ ފަދައިންނެވެ. އެއީ ހަމަ އެދިމާލެވެ. އެ ގޮނޑުދޮށެވެ. ވަށައިގެން އެވަނީ އެ ހަނދާންތަކާއި ގުޅިފައިވީ ކަނޑެވެ. ލާންޗައް އެރީންސުރެ މައިންބަފައިންގެ އެ ހަނދާންތައް އޭނާގެ ސިކުނޑިއާއި ކުޅެމުންދަނީ ކުރިމަތިން ހުރިހާ މަންޒަރެއް ތަކުރާރުކޮށް ފެންނަމުންދާ ފަދަޔަކުންނެވެ. ހުއްޓުމެއްނެތި ދެލޮލުން ކަރުނަ ފައިބަމުންދިޔަ އިރު، އެ ހިތުން ހުއްޓާނުލާ ލޯބިވާ މަންމަ އާއި ބައްޕަ އަށް ގޮވެމުން ދިޔައެވެ. ކައިރީގައި އިން ސަމާވެސް ސާރާއަށް ކުރަމުންދިޔަ އަސަރުފެނި ސާރާގެ އަތުގައި ހިފަހައްޓާލީ އެ ހިތާމައިގައި އޭނާވެސް ބައިވެރިވާކަން ހާމަކޮށްދެމުންނެވެ. ލާންޗައް އެރީންސުރެ އަދިވެސް އެ ދެލޮލުން ކަރުނަ ނުހިކެއެވެ.

މިހާރު އެދިމާލުގައި ރަނގަޅު ބަނދަރެއް ހަދާފައިވުމުން ރަށު މީހުންނަށް މިހާރު އެތައް ފަސޭހަތަކެއް ލިބެމުންދެއެވެ. ސާރާ މަޑުމަޑުން ކުރިއަށް ހިނގަމުން ދިޔައީ އޭނާ މައިންބަފައިންނާއެކު އުޅުނު ގެއަށްދާން އެނގޭތޯއެވެ. ނަމަވެސް ރަށަށް މިވީ ވިހި އަހަރުތެރޭގައި އައިސްފައިވާ އެތައް ބަދަލަކާހުރެ އޭނާއަކަށް އެގެއަށް ދާނެ މަގެއް ނޭނގުނެވެ. އަމުދުން ސާރާ އޭރު އެކަހަލަ ކަންކަން ހަނދާންވާވަރަށްވުރެވެސް ކުޑަތާއެވެ. ސަމާ ސާރާގެ އަތުގައި ހިފައިގެން ހިނގައިގަތީ ބޮޑުދައިތަ މެންގެއަށް ދިޔުމަށެވެ. އެއީ އެންމެ އަވިގަދަ ވަގުތައްވެފައި މިހާރުވެސް ސާރާގެ ރޮއިރޮއި ވަރުބަލިވެފައިވާ މޫނު ފެނިފައި މިވަގުތު އެންމެ ރަނގަޅުވާނީ އެގޮތްކަމަށް ދެކިގެންނެވެ.

ރަށަށް މިއައި އާ މެހެމާނުގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުންދާ މަންޒަރު ފެނުނު ދެބައި އުމުރުގެ މީހުން ހައިރާން ކަމާއެކު އެއީ ކޮންކުއްޖެއްތޯ ނާސިހާއާއި ސުވާލު ކުރަމުން ދިޔައެވެ. ނާސިހާ އަކީ ސާރާގެ ބައްޕަ ފަރާތު ދައްތަ އެކެވެ. ނަސީމާއާއި ޖެހިގެން ދެންހުންނަ ދައްތަ އެވެ. އެމީހުން އެދަތުރުގައި މަޑުކުރީ އެގޭގައެވެ. އެތައް ދުވަހަކަށްފަހު ސާރާ އެރަށަށް އައި ޚަބަރު ރަށުގެ ބޮޑުންގެ ތެރޭގައި ފެތުރުމާއެކު ވަރަށް ގިނަ މީހުން ސާރާ ދެކިލުމަށް އެގެއަށް އައިސް ހާލުބަލާ ހެދިއެވެ. އަދި އެތައް ގެއަކުން ހަވީރު ސަޔަށާއި އެރޭގެ ކެއުމަށް ދަޢުވަތު ދިނެވެ. އެމީހުންނީ ކޮންބަޔެއްކަން ނާސިހާ ސާރާއަށް ކިޔައިދިނުމުން ހިނިތުންވުމާއެކު އެންމެންނަށް ސަލާންކޮށް ވާހަކަދައްކާ ހެދިއެވެ. އަދި އެކަމުން އޭނާގެ ހިތާމަތަކުން ފޯވެފައިވީ ހިތައް ލުއިލިބި، ސިކުނޑި އެހަނދާންތަކާއި ދުރަށް ދާން ފެށިއެވެ.

ރަށުގައި ހޭދަވީ ދެދުވަހުގެ ތެރޭގައި ރަށުގެ އެކިއެކި ތަންތަން ބަލާ ހެދިއެވެ. ސިއްޙީމަރުކަޒާއި ސާރާގެ ބައްޕަމެންގެ ގެއަށްވެސް ސާރާ ދިޔައެވެ. ސިއްޙީމަރުކަޒަށް އެތައް ކުރިއެރުންތަކެއް ލިބިފައިވި ނަމަވެސް އެމީހުންގެ ގެ ހުރީ ހުރިގޮތައް ވިނަފަޅާ ބޯވެ ވީރާނާވާން ކައިރިވެފައެވެ. ދޭތެރެ ދޭތެރެއިން ނާސިހާމެން އެތަން ސާފުކުރާކަމަށްވެއެވެ. އެގެ ހުރި ހާލަތު ފެނުމުން ސާރާ ގަސްތުކުރީ މީގެފަހުން އޭނާގެ މުސާރައިން އެއްބައި އެގެ ހެދުމަށް ފޮރުވަމުން ދިޔުމަށެވެ. އެއީ އޭނާދެން އެންމެ ފުރިހަމަކުރަން ބޭނުންވާނެ އެއް ހުވަފެންކަން ޔަޤީނެވެ. އެގެ މިހާރު އެވަނީ ސާރާގެ ތަނަކަށް ވެފައިތާއެވެ. އެތަން ވާރުތަވާނެ އޭނާ ނޫން އެހެން މީހަކު މިހާރު ދުނިޔެއަކު ނެއް ވިއްޔާއެވެ. އެންމެފަހުން ސާރާ ޒިޔާރަތްކުރީ އޭނާގެ މައިންބަފައިން އަދި ލޯބިވާ ކޮއްކޮގެ މަހާނަ ކައިރިއަށެވެ. އެމީހުންގެ ހަނދާންތައް އާކުރަމުން އެތާހުރެ ކަރުނައިން ފުރިފައިވި ދެލޮލާއެކު އެމީހުންނަށް އެތައް ފަހަރަކު ހެޔޮ ދުޢާ ކުރިއެވެ.

މުޅިއެކު ތިންދުވަސް ރަށުގައި ހޭދަކުރުމަށްފަހު މާލެ އައިއިރު ސާރާގެ ސިކުނޑިއަށްވަނީ ވަރަށްބޮޑު ލުއިކަމެއް ލިބިފައެވެ. ހީވަނީ މިއޮށްހުރިހާ ދުވަހު ބޮލުގައި ބޮޑު، ބަރު ހިލަގަނޑެއް ބާއްވައިގެން އުޅުމަށްފަހު އެނެގުނު ހެންނެވެ. އެހިތުތެރޭގައި ފޮރުވިފައިވާ އެތައް އުދާސް ތަކެއް ބޭރުކޮށްލެވުނުކަމުގެ އިހްސާސް ކުރެވެމުން ދިޔައެވެ. މިހާރު ވެސް އެހަނދާންތައް އާވެއެވެ. ނަމަވެސް ކުރިން އެހިތައް އެކުރުވާ ހިތާމަވެރި، ހިތްދަތި އިހްސާސްތަކެއް ނުކުރެއެވެ. އެހަނދާންތައް އާވާ ކޮންމެފަހަރަކު އެމީހުންނަށް ރަޙްމަތް ލެއްވުންއެދި ދުޢާ ކުރެވެއެވެ.

………………………..

އެތައް ދުވަހަކަށްފަހު ތިންކުދިން އަނެއްކާވެސް ބަރަކާ މެންގެއިން ބައްދަލުކުރީ އަންވާރު ސައިޓާއި ބެހޭގޮތުން ކުޑަ މަޝްވަރާއެއް ކޮށްލުމަށް ބަރަކާ ބޭނުންވާތީއެވެ. ސާރާއާއި ޔަމީނާ މާ ކުރިން ވާހަކަ ދައްކައިގެން ހަވީރުގެ ސަޔަށް ބޭނުންވާ ތަކެތި ހިފައިގެން އައިއިރު ބަރަކާ ހުރީ ޕިއްޒާ ފިހެފައެވެ. ސާރާ ހެދިކާ ގަނެގެން އައިއިރު ޔަމީނާ އައީ ބޮޑެތި ޕެކެޓްގެ ދެ ޕެކެޓް ޖޫސް ހިފައިގެންނެވެ.

މިހާރު އެންމެންގެ ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން ބޭނުންވާވަރަށް އަންވާރު ސައިޓުގެ ކަންކަމަށް ވަގުތު ނުދެވޭތީ ބަރަކާ ބޭނުންވީ އަނެއްކާވެސް އިތުރު ކުދިންތަކެއް މި މަސައްކަތުގެ ތެރެއަށް ވެއްދުމަށެވެ. އެންމެންވެސް ބޭނުންވަނީ ހުއްޓުމެއްނެތި ސައިޓު ބަރާބަރަށް އަޕްޑޭޓްވެ އަދި އިތުރަށްވެސް އެހެނިހެން ގޮތްގޮތައްވެސް އެފަދަ މަސައްކަތް ތަކެއް ސައިޓްގެ ބައިވެރިންވެގެން ކުރުމެވެ. އާޔަންގެ ބައެއް ޙިޔާލުތައްވެސް ބަރަކާ ހުށައެޅިއެވެ. އެއީ އެކިކަންކަމަށް އުސްތާޒުންގެ ވީޑިޔޯ ކޮޅުތަކެއް ހެދުމާއި، ފޮޓޯ މެދުވެރިކޮށް އެކިއެކި މެސެޖް ދިނުން ފަދަ ކަންކަމެވެ. ނަމަވެސް މި ސައިޓުގެ އެއްވެސް ކަމަކީ މުސާރައަށް ކުރުވާ ކަމެއް ނޫންކަމުން ހިލޭ ސާބަހަށް މިފަދަ ކަންތައްތައް ކޮށްދޭނެ، ތަޖުރިބާހުންނަ ފަރާތްތައް ހޯދުންވާނީ އުނދަގޫ ކަމަކަށެވެ. ނަމަވެސް އެންމެންވެގެން ނިންމީ އެފުރުސަތުވެސް އާންމުކޮށް ހުޅުވާލުމަށެވެ. އެފަދަ ފަރާތެއް ލިބުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ދެކިގެންނެވެ. އަދި ކުރިން ފަހަރުތަކުގައި ސައިޓަށް ކުދިން ބޭނުންވެގެން ހުޅުވާލި ހުޅުވާލުމުގައި ޝައުޤުވެރިކަން ހާމަކޮށްފައިވާ ކުދިންނަށް މިފަހަރު އިސްކަން ދޭންވެސް ނިންމިއެވެ. އަދި މިފަހަރު އެންމެ ކުއްޖެއްގެ ބަދަލުގައި ލިޔުންތަކަށް ތިންކުދިން ނެގުމަށް ނިންމީ އެންމެންވެސް ބޭނުންވެގެންނެވެ.

ދީނާ އަށް ބައްދަލުވުމުގައި ބައިވެރި ނުވެވުނުކަމުގައި ވީނަމަވެސް އެމީހުންގެ ޚިޔާލުތަކާއި، ނިންމުންތައް ވައިބަރ އިން ކިޔައިދީ އޭނާގެ ޚިޔާލުވެސް އެކަމުގައި ހޯދިއެވެ. އެޔާއެކު ދީނާގެ ޚިޔާލެއްގެ މަތިން އާންމުންގެ ތެރެއިން އެކިއެކި މީހުންލިޔާ ލިޔުންތަކަށްވެސް، އެ ކިޔުމަށްފަހު ރަނގަޅުނަމަ ސައިޓުގައި ހިމެނޭނެފަދަ އުސޫލެއް ހަމަޖައްސައި އެކަން ކުރަންވެސް ނިންމިއެވެ. އަދި ކުރިން ސައިޓުގައި ހިމަނާފައިވާ ބައެއް ލިޔުންތައް ލުއިފޮތް ތަކުގައި ޗާޕުކޮށް އާންމުންނަށް ފޯރުކޮށްދޭންވެސް ނިންމިއެވެ. އެއަށްފަހު މިހާރު ޓީމުގައި ތިބި މެމްބަރުންނަށް އެކިއެކި މަޤާމުތަކާއި މަސްޢޫލިއްޔަތުތައް ހަވާލުކުރީ ކުރިއަށް އޮތްތާގައި ދަތިތަކާއި ކުރިމަތިވެދާނެތީ އާއި މަސައްކަތްތައް ތަރުތީބުން ފުރިހަމަކޮށް ގެންދިޔުމުގެ ބޭނުމުގައެވެ.

އިތުރަށް މަޝްވަރާކުރީ އިޝްތިހާރުތަކުން ވޭތުވެދިޔަ ދެމަސްދުވަހު ލިބިގެންދިޔަ ފައިސާއިން ބަޔެއް ﷲގެ މަގުގައި ހޭދަކުރާނެ ގޮތަކާއި މެދުއެވެ. ހަތަރު ކުދިންގެ ޚިޔާލު ބަދަލުކުރުމަށްފަހު ނިންމީ ކޮންމެވެސް ހަސްފަތާލަކަށް ނުވަތަ ސިއްޙީމަރުކަޒަކަށް ފުރޮޅުލީ ގޮނޑި ހަދިޔާ ކުރުމަށެވެ. އަދި ހަމަ އެޔާއެކު ދެތިން މިސްކިތަކަށް ނަމާދުކުރަން އިށީންނަ ކަހަލަ ގޮނޑިކޮޅެއް ހަދިޔާ ކުރުމަށެވެ. ބައްދަލުވުމުގެ އެންމެހާ ކަންތައްތައް ނިންމާލާފައި ތިންކުދިން އެކީގައި ސައިބޮއިގެން އެންމެންވެސް ވަކިވީ އެކުގައި މަޖާ ވަގުތު ކޮޅެއް ހޭދަކޮށްލުމަށްފަހުގައެވެ.

…………………….

ދީނާ ލެޕްޓޮޕް ހުޅުވައިގެން މޭޒުދޮށުގައި އިނީ އިންޓަރނެޓުން ވީޑިޔޯއެއް ބަލާށެވެ. އެއީ ސިހުރާއި ޝައިޠާނާގެ ކަންކަމާއި ބެހޭގޮތުން ބޭރުދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ ރާޤީއެއްގެ ވީޑިޔޯއެކެވެ. ދީނާއަށް ދިމާވަމުންދާ ކަންތައްތަކުން މިދުވަސްކޮޅު އަބަދު އެކަހަލަ ކަންކަމާއި ބެހޭ ވީޑިޔޯތަކާއި ވާހަކަތައް ކިޔައި އަޑުއެހެނީއެވެ. އެކިކަންކަމާއި ބެހޭގޮތުން ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ބޭނުމުގައެވެ. އެކިގޮތްގޮތުން ހޯދުނު މައުލޫމާތުންނާއި، ތަޖުރިބާ ކުރެވެމުންދިޔަ ކަންކަމުން ވަރަށްގިނަ ކަންތައްތައް އޮޅުން ފިލައިގެންދިޔައެވެ.

އެގޮތުން ލޮލަށް ނުފެނުނު ނަމަވެސް ޤުރުޢާން ކިޔަވަމުންދާ ވަގުތު ޝައިޠާނާއަށްވާ އުނދަގޫ ދީނާއަށްވަނީ އިހްސާސް ކުރެވިފައެވެ. އެގޮތުން ކިޔަވާއިރުވެސް އިޙްލާސްތެރިކަމާއެކު، ކިޔަވާތަކެއްޗާއިމެދު ވިސްނަމުން ކިޔެވުމާއި، އެ ޝައިޠާނުންގެ ކިބައިން ސަލާމަތްކޮށްދެއްވާތޯ ހިތުން އެދިގެންވާ ހާލުގައި ކިޔެވުމުން، އާންމުކޮށް ހަމަ އިނދެލާފައި ޤުރުޢާން ކިޔެވުމާއި އެތައްގުނައެއް ތަފާތުކަން އޭނާއަށްވަނީ ތަޖުރިބާ ކުރެވިފައެވެ. ހަމައެޔާއެކު ބައެއްފަހަރު، ޤުރުޢާން ކިޔަވަން ފެށުމާއެކު ނިކަން އަވަހަށް އެކި ކަންކަން ހިތައްވަދެ، ހަނދާންވެ، ކިޔަވާ ތަކެއްޗައް ސަމާލުކަން ދިނުންވަނީވެސް ބޮޑު ޖިހާދެއްފަދަ އުނދަގޫ ބުރަ މަސައްކަތަކަށެވެ. ވީމާ އެންމެ ދުވަހަކުން ދެދުވަހަކުން ރަނގަޅުނުވާ މި ބަލިން ސަލާމަތްވުމަށް ކުރަންޖެހޭ މަސައްކަތަކީ ޝައިޠާނާއާއި ދެކޮޅަށް ކުރެވޭ ބޮޑު ހަނގުރާމައެއްކަން ޔަޤީނެވެ.

ހަނގުރާމައަކަށް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އަދި މި ހަނގުރާމައިގެ އެންމެ ބޮޑު ގޮންޖެހުމަކީ ތިމާ މިހަނގުރާމަ ކުރަނީ ތިމާގެ ލޮލަށް ނުފެންނަ، ތިމާއަށްވުރެ ބާރުގަދަ ދުޝްމިނަކާކަމެވެ. ނަމަވެސް އަހަރެމެންނަށް ﷲ ދެއްވާފައިވާ ނިޢުމަތުގެ ކުރިމަތީގައި އެބާރާއި، އެގަދަފަދަކަންވަނީ ވަރަށްވެސް ނިކަމެތި ކުޑަކުޑަ އެއްޗެއްގެ ގޮތުގައެވެ. އެ ނިޢުމަތަކީ އިސްލާމުކަމާއި އީމާންތެރިކަމެވެ. ހަމައެއާއެކު ﷲގެ ހެޔޮރަޙްމަތެއް ކަމުގައިވާ ޤުރުޢާނާއި އެކަލާނގެ މި އުންމަތައް ފޮނުއްވިި ރަސޫލާ މުޙަންމަދު (ޞައްލައް ﷲ އަލައިހި ވަސައްލަމް) ގެ ސުންނަތެވެ. މިބޮޑު ދެނިޢުމަތަކީ ހުރިހާ ގޮތަކުންވެސް އަހަރެމެނަށްވާ ސަލާމަތެކެވެ. އެއަށް ތަބާވެ އަމަލު ކުރަނީ ނަމައެވެ.

ކާފިރަކު އެ ޤުރުޢާނުގައިވާ އާޔަތެއް ޝައިޠާނާއާއި ދެކޮޅަށް ކިޔުމާއި، ތެދުވެރި ﷲގެ މަގުގައި ދެމިހުންނަ، އީމާންކަންގަދަ މީހަކު ކިޔެވުމުން ޝައިޠާނާއަށް ކުރާނެ އަސަރުވެސް ތަފާތުވާނެކަން ޔަޤީނެވެ. ރުޤްޔާ ކުރުމަކީ ޝިރުކުގެ އަމަލުތަކާއި ބަސްތައް ނުހިމެނޭ ގޮތައް ޤުރުޢާނުގެ އާޔަތްތަކާއި، ﷲގެ އިސްމުފުޅުތަކާއި، ސިފަފުޅުތައް އަދި ރަސޫލާގެ (ޞައްލަﷲ އަލައިހި ވަސައްލަމް) ހަދީޘްފުޅުތަކުން ވާރިދުވެފައިވާ ދުޢާތަކާއި، ބަސްފުޅުތައް ބޭނުންކޮށްގެން ދުޢާ ކުރުމެވެ. އަދި ތެދުވެރި މުޢުމިނުންގެ ދުޢާ އިޖާބަ ކުރައްވާލެއް އަވަސްވާނެކަން ޔަޤީނެވެ. ވީމާ ޝައިޠާނާއާއި ދެކޮޅަށް މިކުރާ ހަނގުރާމައިގައި ކާމިޔާބު ލިބުން އޮތީ ތިމާގެ އީމާންތެރިކަން ވަރުގަދަކޮށް، ފާފަތަކުން ދުރުވެ، ވީހާވެސް ގިނައިން ހެޔޮކަންތައްތަކުގައި ޝާމިލްވީވަރަކުންނެވެ. ނަމާދުތައް ފުރިހަމަކުރާ ޞާލިހު އަޅުތަކުންދެކެ ޝައިޠާނުން ބިރުގަންނަކަން އެތައް ރާޤީންނެއްގެ ބަސްތަކުންނާއި އިވޭ ވާހަކަތަކުން އެނގިގެންދެއެވެ.

އަދި ޝައިޠާނުން އެ އެއްޗިހިންނަށް ވީވަރަކުން އެކި ގޮތްގޮތުން އެ މީހުންގެ ބާރުދައްކައި، އިންސާނުން ބިރުގަންނުވަން އެތައް މަސައްކަތެއް ކުރަމުންދާނެއެވެ. އަދި ބިރުގަންނަނީނަމަ އެމީހުންގެ ބޮޑާކަން އިތުރުވެ ކުރާ އުނދަގޫ ބޮޑުވާނެކަމަށްވެސް ބުނެވެއެވެ. އެހެންކަމުން ދީނާ މަސައްކަތް ކުރަމުންދިޔައީ ހިތްވަރާއިއެކު ކެރިގެން، ފަހަތައްނުޖެހި އެގޮތުގައި ސާބިތުވެ ހުރެގެން ދުޝްމިނުންނާއި ކުރިމަތިލެވޭތޯއެވެ. އަދި މިހާރު އެއްގޮތަކަށްވެސް އެ ޝައިޠާނުން ކުރާ އުނދަގޫތަކާއި، ދައްކާ ބިރުވެރި ކަންތައްތަކުން އެހިތައް ބިރުވެރިކަން އިހްސާސް ނުކުރެވޭ ހިނދު، އެއިން ކޮންމެ ވަގުތަކުވެސް އެކުރާ ހަނގުރާމަމަތިން ހަނދުމަކޮށް ﷲ ގެ ފަރާތުން ދަރުމައާއި ނަޞްރަށްއެދޭ ހާލުގައި ދުޢާ ކުރަމުންދެއެވެ.

ސިހުރު ޖެހިފައިވާ ވަރަށްގިނަ މީހުންގެ ވާހަކައިން ދީނާ އަށް އެނގިގެންދިޔައީ އޭގެތެރެއިން ބައެއް މީހުން ޤަބޫލުކުރަނީ ސިހުރަކީ އެ ޖެހުމަށްފަހު ރަނގަޅުވާ ކަމެއް ނޫންކަމެވެ. ރަނގަޅުވިޔަސް އަނެއްކާވެސް ސިހުރު ހަދާމީހާ ހުއްޓާލުމެއްނެތި ސިހުރު ހަދަމުން ދިޔުމުގެ ނަތީޖާއަކީ އަނެއްކާވެސް ސިހުރު ޖެހުމެވެ. އެމީހުން ޤަބޫލުކުރަނީ އެފަދަ ހާލަތްތަކުގައި މިއީ ނިމުމެއް ވާ ކަމެއް ނޫންކަމަށެވެ. ނަމަވެސް ހަނދާންކުރަންވީ ކޮންމެކަމެއްވެސް ކުރިމަތިވަނީ ﷲގެ އިރާދަފުޅުންކަމެވެ. ވީމާ ﷲ އިރާދަ ނުކުރައްވާ ކަމެއް އެއްވެސް މީހަކަށް ނުޖެހޭނެ ކަމެވެ. އަދި ސިހުރުވެރިންނަށް އެކަމުން (ސިހުރު ހެދުމުން) އެއްވެސް ފައިދާއެއް ނުވާނެކަމާއި، އެމީހުންނަށް ނަޞްރު ނުލިބޭނެކަން ﷲ އަންގަވާފައިވާކަން އަހަރެމެން ހަނދާން ކުރަން ޖެހެއެވެ. އަދި މުޢުމިނުންގެ ދުޢާ ﷲ އިޖާބަކުރައްވާނެކަމާއި ކެތްތެރިންނަށް ހިސާބެއްނެތި ދަރުމަ ދެއްވާނެކަން އަންގަވާފައި ވާކަންވެސް ހަނދާން ކުރަން ޖެހެއެވެ.

ދީނާ އަޑުއެހި ބައެއް ވީޑިޔޯތަކުގައި ރާޤީން އިތުރަށް އަލި އަޅުވާލައިފާ ކަމަކީ ސިހުރު ޖެހުމުން، އެންމެ ގިނަ މީހުން ބަލަން ބޭނުންވަނީ ސިހުރު ހެދީ ކާކު ކަމާއި، ސިހުރު ހަދާފައި ހުރީ ކިހިނެއް ކޮންއެއްޗެއް ބޭނުންކޮށްގެން ކަމެވެ. ނަމަވެސް ސިހުރު ހެދީ ކާކުކަން ރާޤީންނަށް ޔަޤީންކަމާއެކު ބުނަން އެނގޭނީ ވަރަށް މަދު ހާދިސާ ތަކެއްގަ ކަމެވެ. އަދި އެންމެ މޮޅު އެންމެ ރަނގަޅު ގޮތަކީ، އެއީ ކާކު ކުރިކަމެއްތޯ ބަލަން އުޅުމުގެ ބަދަލުގައި އެކަމުން ސަލާމަތްވެވޭތޯ އުޅުންކަމެވެ. ސަބަބަކީ އެއީ ކާކުކަން އެނގުނު ނަމަވެސް އެމީހަކު ހުއްޓުވަން އަހަރެމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމާއި، އޭގެ ސަބަބުން އުފެދިގެންދާ އެތައް ފިތުނަޔަކަށް ޖާގަ ނުދިނުން މާ ރަނގަޅުވީމައެވެ.

އަދި އަހަރެމެންނަށް ފެންނަ ހުވަފެންތައް ބައެއް ފަހަރު ކަމަކަށް އިންޒާރު ދިން ނަމަވެސް، ހުވަފެންތަކަށް ބުރަވެގެން އެއްވެސް ކަމެއް ސާބިތު ނުވާނެކަންވެސް ފާހަގަ ކުރިއެވެ. ޝައިޠާނާއަށްވެސް ހުވަފެން ދެއްކުމުގެ ބާރު ލިބިގެންވުންވެސް އެއީ ހުވަފެންތަކަށް ބުރަވުން ރަނގަޅު ނޫންކަމެއްކަމުގައި ހަނދާން ބަހައްޓަން ޖެހެއެވެ. ޝައިޠާނުން ތިބާއަށް ދުވަހަކުވެސް ހެޔޮގޮތެއް ނޭދޭ ހާލުގައި، އެކި ގޮތްގޮތުން ހުވަފެންތަކުން ނުވަތަ ވަސްވާސްތަކުން ނަމަވެސް އިންސާނުންގެ މެދުގައި ފިތުނަފަސާދަ އުފައްދަން މަސައްކަތް ކުރާނެއެވެ.

މި ކަހަލަ ކަންކަމަކީ ކިތަމެ އިޙްލާސްތެރިކަމާއެކު ކިޔެވި ނަމަވެސް ބައެއް މީހުން ރަނގަޅުވާން އެތައް ދުވަހެއް ނަގާކަމެއް ކަމުގައި ވެއެވެ. ވީމާ އެފަދަ މީހުން ހަނދާން ކުރަން ޖެހެނީ މާތް ﷲ އެކި މީހުން އިމްތިހާން ކުރައްވާނީ އެކި ގޮތްގޮތަށް ކަމެވެ. އަދި ކޮންމެ ބައްޔަކީވެސް ޝިފާއެއްވާ ބައްޔެއްކަމާއި، އެކަމުގައިވެސް ވަގުތު އައިސް ޖެހުމުން ލަހެއް ފަހެއް ނުވެ ﷲ ތިބާއަށް ޝިފާ ދެއްވާނެކަމެވެ. އަދި ތިބާގެ އިމްތިހާނަކީ ތިބާގެ ކެތްތެރިކަން ކަމުގައިވެސް ވެދާނެކަމާއި، އެ އިމްތިހާނުން ފާސްވޭތޯ ހުއްޓާލުމެއްނެތި މަސައްކަތް ކުރަންޖެހޭނެކަން އަބަދުވެސް ހިތުގައި ބޭއްވުމަށް ރާޤީން ނަސޭހަތް ތެރިވެއެވެ. އަދި ޝިފާ ދެއްވާނެ ފަރާތަކީ ހަމައެކަނި ﷲ ކަން ހަނދާނުގައި ބެހެއްޓުން ވަރަށް މުހިންމެވެ. ކިތަމެ މޮޅު އަދި ތަޖުރިބާހުރި ރާޤީއަކު ލައްވާ ރުޤްޔާކުރިނަމަވެސް ޝިފާ ލިބޭނީ ﷲ އެކަމަށް އިރާދަކުރެއްވީމައެވެ.

މިހާރަކަށް އައިސް ރާޤީންގެ ނަމުގައިވެސް އޮޅުވާލައިގެން އާންމުންގެ އަތުން އެތައް ފައިސާތަކެއް ރުޤްޔާ ކުރުމުގެ ނަންމަތީގައި ނަގަމުންދާ ވާހަކަޔަކީވެސް ހަޤީޤަތެކެވެ. ވީމާ މިކަމުގައިވެސް ހުރިހާ ގޮތަކުންވެސް އެންމެ ފައިދާބޮޑު، ރައްކާތެރި އަދި ރަނގަޅު ގޮތަކީ ތިމާ އަމިއްލަ އަށް ރުޤްޔާކުރުމެވެ. އެއީ މިކަމުގައި އުޅޭ އެންމެންވެސް އެކަމަކަށް އިއްތިފާޤުވާ ކަމެކެވެ.

ޤުރުޢާނުގައި ވެއެވެ. “ހަމަކަށަވަރުން އުނދަގޫ ކަމާއެކު ފަސޭހަކަން ވެއެވެ.” (94:6) ދީނާ އަށް ސިހުރުގެ ސަބަބުން އެތައް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިފައިވީނަމަވެސް، ވިސްނާލުމުން އެނގެނީ ހަމަ އެއާއެކު، އެކަންތައްތަކުގެ ސަބަބުން އޭނާއަށް އެތައް ކަމެއް ދަސްވެ، ކަންކަމާއި ކުރިމަތިލާންކެރި، އޭނާގެ އީމާންތެރިކަން ވަރުގަދަވެ، ﷲ އާމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެފައި ވާކަމެވެ. ވީމާ ދީނާ އޭނާގެ ހާލަތާއި މެދު ޝަކުވާކުރުމުގެ ބަދަލުގައި އޭނާގެ ވެރި ރަސްކަލާނގެއަށް ޙަމްދުކުރުމުގައި ވަގުތުހޭދަކުރަން ފެށިއެވެ. އަދި ޝައިޠާނާގެ ޖެއްސުންތަކަށް ކިރިޔާވެސް ބިރު ހީވާ ވަގުތު ތަކުގައި އޭނާ ހަނދާން ކުރެއެވެ. “ހަނގުރާމައަށް ނިކުތުމަށްފަހު ދުޝްމިނުންނާއި ބައްދަލުވާ ހިނދުގައި ބިރުން ފަހަތައްޖެހި، ފިލަން ދުވާނީ ކާފިރުންނެވެ. މުޢުމިނު އަޅަކުނަމަ އެންމެފަހު ނޭވާއާއި ހަމައަށް ޖެހެންދެންވެސް ހިތްވަރާއެކު ހަނގުރާމަކުރާނެކަން ޔަޤީނެވެ.” މިބަސްތައް އަބަދުވެސް ހިތުގައި ބާއްވައިގެން ޝަހީދެއްގެ މަޤާމު ދެއްވުންއެދި ދުޢާކުރަމުން ހިތްވަރުކުރަމުން ދެއެވެ.

ޝަހީދެއްގެ ގޮތުގައި މަރުވެ ދިޔުމަކީ ކާކު ނޭދޭނެ ކަމެއް ހެއްޔެވެ؟ ޝަހީދުންނަށް ސުވަރުގެއިން އެލިބޭނެ ދަރުމައާއި މަތިވެރިކަން އެތައް ގުނަޔަކަށް އިތުރު ވިއްޔާއެވެ.

“ތިޔަބައި މީހުން އެޢުރެންނާއި ހަނގުރާމަ ކުރާހުށިކަމެވެ! އޭރުން ﷲ އެއުރެންނަށް ތިޔަބައިމީހުންގެ އަތްތަކުން އަޒާބު ދެއްވާނެތެވެ. އަދި އެއުރެން ނިކަމެތި ކޮށްލައްވާނެތެވެ. އަދި ތިޔަބައިމީހުންނަށް، އެޢުރެންގެ މައްޗައް ނަޞްރު ދެއްވާނެތެވެ. އަދި މުޢުމިނު ބަޔެއްގެ ހިތްތަކަށް ޝިފާ ދެއްވާނެތެވެ.” (9:14)

“ހެޔޮކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ އެމީހަކަށް އެއަށްވުރެ ހެޔޮވެގެންވާ ޘަވާބު (އާޚިރަތުގައި) ހުއްޓެވެ. އަދި އެދުވަހުން އެއުރެން ވަނީ ހުރިހާ ބިރުވެރިކަމަކުން އަމާންކަން ލިބިގެންނެވެ.” (27:89)

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (16)

  1. maroon

    ???

    1. Faathii
      maroon

      Jazaak Allah Khair <3

  2. Xxxx

    Maasha Allah varah furihama liyumeh…keep it up????

    1. Faathii
      Xxxx

      Jazaak Allah Khair

  3. Anonymous

    Shiyaanaa molhey

    1. Mary
      Anonymous

      Who is Shiyaanaa?? Liyuntheriyaage namugai iny Faathii. ??

    2. Faathii
      Anonymous

      aee thedheh. Anyway.. Jazaak Allah Khair

  4. Adha?

    Love it.. ❤❤❤❤

    1. Faathii
      Adha?

      Alhamdhulillah. Jazaak Allah Khair 🙂

  5. Baraa

    SubhanAllah. *goosebumps*(again). This part was really a good read. Or the best part so far of ‘Anvaar’. Especially loved this line “Shaheedheh ge gothuga maruve dhiumakiy kaaku neydheyne kameh heyyeve”. After reading this I recalled the words of Allah swt. “Fighting has been enjoined upon you while it is hateful to you. But prehaps you hate a thing and it is good for you; and prehaps you love a thing and it is bad for you. And Allah knows best, while you know not”( Al baqarah:216)

    Alhuganduge Akhunaai Ukhtunney eve, ummaiy vaniy kaafarunge athun nikamethi vegen loodhin gossa, fahe jihaadh Fard Ayn akkah vejje eve. Islaamiy ummathakiy eh hashigandehge misaalu veeiru, ehbaeh ge ley koaru ohey iru hashiganduge anheh bayah eyge ihusaas nukuranyaa thiyabaimeehunge balikashi kamaa eve. Thiyabaiymeehun ge ehee mi ummathah beynumeve. Shaithoanaage vasvaasga jehi dhuniyege ziynathah nuhelleysheve. Faje aakhirathuge meyvaa maa fonivaane eve. Allah swt ge maguga jihaadh kuraasheve, Allah ah takaa islaamiy sharee’ah vaa gaumakah hijra kuraasheve. Emme kudaminun dua kohdheysheve. ?

    1. Faathii
      Baraa

      Alhamdhulillah. Glad to know that. 🙂
      Jazaak Allah Khair.

  6. Shile

    Only 6 comments!!?? Not sure how many ppl read it. Shame on all of us. A girl in niqab on cover didn’t attract us readers. We are so ignorant of Islam our religion. Let’s not remain ignorant and lets learn about our religion and prophet Mohammadh Peace be upon him.
    “The biggest enemy of Islam is the ignorant Muslim.”
    =Sheikh Ahmed Deedat=

    1. Faathii
      Shile

      It’s ok Shile. I don’t write to attract the readers. What’s important is to deliver the messages. It might fix their Dunya. If so it will fix may Akhirah With the blessing of Allah. In Shah Allah. It would be enough for me. 🙂

    2. Faathii
      Shile

      Jazaak Allah Khair

  7. thuhthi

    Rangalhu vaahaka thakeh .. nice story faathii <3

    1. Faathii
      thuhthi

      Jazaak Allah Khair

Comments are closed.