މަންމަގެ ޑައިރީ 7ވަނަ ބައި (ޝާލީ)
ހަދާނެ ގޮތެއްވެސް ނޭނގޭހާލު އެކަނިމާއެކަނި އެ ބޮޑާށިމަތީގައި މަންމަ ވޭނުގައި އިރުގަނޑެއް ހޭދަ ކުރީމެވެ. މިއަޅާވޭނާއި ކެކުޅުމުގެ އަޑު އަހަން ހަމަ އެކަކުވެސް ނެތެވެ. އަރާތަދައް ކެތް ނުކުރެވިގެން ވޭނުގައި އޮވެ ރޮމުންވެސް ގޮވާލެވެނީ މަންމައަށެވެ. “މަންމާ، މަންމާ، އަހަރެން މަރުވަނީކަންނޭނގެ. މަށަށް އެހީވެދީ . މަންމާ” މިހެން ގޮވުނީ ކިތައް ފަހަރުކަމެއްވެސް ހުދު މަންމައަށްވެސް ނޭނގެއެވެ. އެކަމަކު ކުރާނީ ކީންހެއްޔެވެ؟ މި ނަފުސުގައި ކިތަންމެ ރިހުނަސް މިމަންމަގެ މަންމައެއް ނާންނާނެ އެވެ. މަރާ ހަނގުރާމަކުރަމުން ދާއިރުވެސް ދަރިފުޅުގެ މާމަ މި މަންމަގެ މި ނިކަމެތި ހާލަށް ހަމްދަރުދީވެ ފިރުމާލާ ހަދާލާކަށް ނާންނާނެއެވެ. މި ވޭނުގައި މިތާ އޮވެ މަރުވިޔަސް އެ މާމަގެ ހިތައް ހަމަ އެކަށްޗެއްވެސް ނާރާނެއެވެ. މަންމަގެ ބަނޑުގައި ރިހުނު ވަގުތުގައިވެސް މިމަންމައަށް ލިބުނު އެންމެ ހިތްދަތިކަމަކީ އެއީއެވެ. ދަރިފުޅުގެ މާމަ މަންމަ ދެކިލަން ނާންނާނެ ކަމުގެ އިހުސާސް ކުރެވުމުން ލިބުނު ހިއްދަތިކަމެވެ.
އަރާ ވޭންވަރަށް ކެތް ނުކުރެވިގެން. އެއްފަހަރު މަންމާ އޭ ކިޔާ ގޮވާލަމެވެ. އަނެއްފަހަރު މަންމައަށް އިހުސާނަތެރިވާ ހަމައެކަނި މީހާ، ސަކިންތައަށް ގޮވާލެވެއެވެ. މަންމައަށް އިހުސާސްކުރެވެމުން ދިޔައީ އެ ދަނަވަރު އެ އަށިމަތީއޮވެ ވިހަންޖެހޭނީ އެކަނި މާ އެކަނި އޮވެގެނެވެ. އެހީތެރިވެދޭނެ ހަމަ އެކަކުވެސް ނެތްކަމުގެ އިހުސާސް ކުރެވި އަޅާވޭނަތް ކެތް ނުކުރެވިގެން ރޮއި ހޭރެން ފެށުނެވެ. “ސަކިންތާ. ސަކިންތާ. އާދޭސް ކޮށްފަބުނަން. މި ނިކަމެތި އަޅާއަށް އެހީވެދީބަލަ. އާހްހް. ސަކިންތާ” މަންމަގެ އަޑުގައި ނެތްވަރަށް ބާރަށް މަންމަ އެހީއަށް އެދި އާދޭހާއެކު ސަކިންތައަށް ގޮވީމެވެ. އެވަރަށް ގޮވިއިރުވެސް ސަކިންތަގެ ހަބަރެއް ނެތުމުން މަންމަ އިތުރަށް ހާސްވާން ފެށިއެވެ. ސަކިންތައަށް ކަމެއް ވީކަމުގައި ޔަޤީން ކުރީމެވެ.
މިވީހާދުވަހުވެސް އެހީތެރިކަމަށް އެދި ސަކިންތައަށް ގޮވާލާއިރަށް މަންމަގެ ހިދުމަތުގައި ހުންނަ ސަކިންތައަށް މިރޭ ވީގޮތެއް ނޭނގުމުން މަންމަ ހާސްވެ ކަންބޮޑުވިއެވެ. ކޮންމަ ދަންވަރެއްގައި ކޮންމެ މެންދަމެއްގައި ކަމަކު ގޮވާލިޔަސް ހިނދުކޮޅެއްވެސް ނުނަގާ ސަކިންތަ އަބަދުވެސް ޚީދުމަތުގައި ހުރެއެވެ. އެކަމަކު މިރޭ އެފަކީރުގެވެސް ޚަބަރެއް މަންމައަށް ނުލިބުނެވެ. ވޭން އުފުލަން ޖެހުނީ އެކަންޏެވެ.
“ދަރިފުޅާ. ދަރިފުޅާ ނިޝްރާ. ކިހިނެއް ވީތަ ތިވަރަށް ތިގޮވަނީ؟ އެ ވޭން ވަރުގައި ރޮއި ރޮއި އޮށްވާ މީހަކު އައަސް މަންމައަށް ގޮވާލިއެވެ. މަންމަގެ ހިތަށް ވަރަށްބޮޑަށް ފިނިކަން ލިބުނެވެ. މާމަ އައިސް ގޮވާލިހެން ހީވެގެން ބަލާލީމެވެ. ހަމަ ހަޤީގަތައްވެސް އެއީ މާމަ ކަމުގައި ސިފަވަމުން ދިޔައެވެ. “މަންމާ،އާދޭ އަވަސްކުރޭ. މަށަށް އެހީވެދީ” ބަނޑުގަ އާއި އުނނަގަނޑުގައި އަޅާވޭންވަރުން ތަންދޮރު ނޭނގޭވަރުވެފައި އޮވެ މަންމަ މިހެން ބުނެލީމެވެ. މިހެން ހަމަ ބުނެލުމާއި އެކު އޯގާތެރިކަމާއި އެކު މަންމަގެ ގައިގައި ފިރުމާލަމުން ބުނެލިއެވެ. “ދަރިފުޅާ ނިޝްރާ. މީ ސަކިންތައޭ. ސަކިންތައަށް ގޮވާލިއަޑު ނީވުނީ. އެކަމަކު މިހާރު މިހުރީ. ސަކިންތަ ނިޝްރާ ގާތު އެބަހުރީމެވެ.”
ސަކިންތަ އައުމާއި އެކީ މަންމައަށް ހިންހަމަ ޖެހުމެއް ލިބުނެވެ. އެކަމަކު ދެންމެ ކުރިމަތިން މާމަ ސިފަވެ މާމަ ނެތުމުން އެކަމާއި ހިތާމަ ކުރެވުނެވެ. މިހުރިހާވޭނެއް އުފުލަމުން ދިޔައިރު ގާތުގައި މަންމައަށް އެހީވެދެން ހުރީ ހަމައެކަނި ސަކިންތައެވެ.
މި ވޭނުގައި އޮށްވާ މަންމަގެ ކަންފަތުގައި އައިސް ޖެހުނީ ފަތިސްނަމާދުގެ ބަންގީގެ އަޑެވެ. އެއާއި އެކު އިތުރު އަޑެއްވެސް އައިސް މަންމަގެ ކަންފަތުގައި ޖެހުނެވެ. ތުއްތު ތުއްތު މައުސޫމް ދަރިފުޅުގެ އަޑު އައިސް ކަންފަތުގައި ޖެހުމާއި އެކީ މަންމައަށް ހިންހަމަ ޖެހުމެއް ލިބުނެވެ. ހަމައެއާއި އެކު މަންމައަށް ސިފަވެގެން ދިޔައީ މީގެ ނުވަމަސް ކުރިއެވެ. އެ ނުލަފާ މީހާގެ އަނިޔާވެރިކަމެވެ. އެކަމަކު މަންމަ ޢަޒުމް ކަނޑައެޅީ ދަރިފުޅުގެ ހައްޤުގައި ދަރިފުޅަށްޓަކައި ހުރިހާ ކާމިޔާބީއެއް ހޯދައިދިނުމަށް އެހީވެދޭށެވެ. ސަކިންތަގެ އެހީތެރިކަމާއި އެކު މަންމައަށް ވިހާ ހަތްވަނަ އަށް އޮތް ދުވަހު މަރްޔަމް ޝާލީގެ ނަމުން ނަން ދިނީމެވެ.
ދަރިފުޅާއެވެ. ތީމަންމަގެ ދެ ލޮލުގެ ނޫރެވެ. މިހިތުގެ ވިންދެވެ. މިފުރާނާގެ ކާނާއެވެ. މަންމަގެ ހުރިހާވެސް އުންމީދެވެ. ދިރިހުރުމުގެ އަސްލެވެ. ދަރިފުޅު މި ދުނިޔެއަށް ނޭވާލި ވަގުތުން ފެށިގެން މަންމަ ގެ މުޅިހަޔާތް ބިނާކުރީ ދަރިފުޅަށް ފާގަތި ކާމިޔާބު ދިރިއުޅުމެއް ހޯދައިދެވޭތޯއެވެ. މި ދަތުރުގައި ނެގި ބޮޑެތި ވިލާގަނޑުގައި ޖެހި، ޖަހަމުންދިޔަ އޮޑިޔަށް ކެތްނުވާވަރުގެ ރާޅުތަކާއި އިނދިކޮޅަށްވެސް މަންމަ ކެތްތެރިކަމާއި އެކު ކުރިމަތިލީ ހަމަ ދަރިފުޅުގެ މުސްތަގުބަލަށްޓަކައެވެ. މާޒީގެ ހިތާމަތަކާއި އުފުލި ވޭން ހަނދާންނައްތާލަން މަސައްކަތް ކުރީވެސް ހަމަ ދަރިފުޅަށްޓަކައެވެ. އެކަމަކު އެ ބޮޑު ސިއްރު މަޑުމަޑުން މަންމަގެ މި ނިކަމެތި ހަށިގަނޑު ކަތުރުފަންޏެއްހެން ބޮއެ ހުސްކުރަނީއެވެ.
ދަރިފުޅާއެވެ. ދަރިފުޅު ވިހެއުމާއި އެކީ މަންމަގެ މުޅިހަޔާތް ބަދަލުކުރަން ޖެހުނެވެ. ސަކިންތަ ފަދައިން މަންމައަށްވެސް ކުދިކުދި މަސައްކަތް ކޮށް ފައިސާ ހޯދާ ދިރިއުޅުން ތަރައްގީ ކުރަން ޖެހުނެވެ. ސަކިންތަގެ ބަލިހާލު ބޮޑުވުމާއި ގޭގެއަށްގޮސް މަސައްކަތް ނުކުރެވޭވަރުވުމުން އިތުރު ކޮޅުތައް ހޯދަން މަންމައަށް މަސައްކަތް ކުރަން ޖެހުނެވެ. ދަރިފުޅަށް އެންމެ ތިން މަހުގައި ސަކިންތައާއި ދަރިފުޅު ހަވާލުކޮށްފައި މަންމަ ބޭރަށް ނުކުމެ ކަންކަން ލިބޭތޯ އުޅެން ޖެހުނެވެ. އެކަމަކު މަންމަގެ ގައިގައި ޖެހިފާވާ ލައްގަޑުގެ ހަގީގަތް އެނގޭ އެއްވެސް މީހަކު ނެތުމުން އެމީހުންގެ ކުންހީގައި ތިބެ މަންމަ ބާކީ ކުރީއެވެ. މަންމަ އެ މުޑުދާރު އަމަލުކުރީ މަންމަގެ ރުހުމުގައި މަންމަ ބޭނުންވެގެންކަމަށް ހީކޮށް އަދިވެސް މީހުން މަންމައަށް މަލާމާތްކޮށް ބާކީކުރަނީއެވެ. ދަރިފުޅުގެ ހައްޤުގައިވެސް މި ކުޑަކުޑަ އާއިލާއަށް އެހީތެރިވާނެ ހަމަ އެކަކުވެސް ނުލިބުނެވެ. ހިލޭ އެއްޗެއް ނުދޭ ތަނުގައި ރޮއި އާދޭސްކުރުމުންވެސް މި ނިކަމެތި ކުށެއްނެތް މަންމައަށް އުޖޫރައަށްވެސް ކަމެއް ނުދިނެވެ. އެންމެ ފަހުން މަންމަ އަށް ޖެހުނީ އެންމެ ފަހުކަންތައް ކުރާށެވެ. ގޮތްހުސްވެ ކަންބޮޑުވެ ހާސްވިއެވެ. ބަނޑުފުރާނަ މުއްތިކުރާނެ ގޮތް ނުލިބޭނެކަމުގެ އިހުސާސް ކުރެވުމުން މި ނިކަމެތި މަންމައަށް އަމިއްލަ ނަފުސުދެކެވެސް ރުޅިއާދެވި ފޫހިވާން ފެށުނެވެ. އެންމެ ފަހުން ސަކިންތަގެ ހުއްދައާއި އެކު މަންމައަށް ޖެހުނީ ނުކުރާން ހުރި ކަންކުރާށެވެ.
ޝާލީގެ ކަންފަތުގައި އައިސް ޖެހުނީ އިޝާނަމާދުވަގުތުގެ ބަންގީގެ އަޑެވެ. މަންމަގެ ނިކަމެތި، ހިތާމަވެރި، އެކަނިވެރި ދިރިއުޅުމުގެ ވާހަކަ ޝާލީ އެއްފަހަރާ ކިޔާ ނިންމާލަން ބޭނުން ވެއެވެ. އެކަމަކު އޭނާގެ މަންމަ އޭނާ އަށް ދަސްކޮށްދީފައިވާ ފަދައިން ނަމާދުވަގުތު ޖެހުމުން ކޮންމެ ކަމެއްގައި ހުރެފައިވެސް ގޮސް ނަމާދުކުރުމަކީ ޝާލީގެ ކިބައިގައި ހުންނަ އެންމެ ރަނގަޅު އެއްސިފައެވެ. އެހެންކަމުން ޑައިރީ ކިތަންމެ ކިޔާ ހިތުން އޮތްކަމުގައިވިޔަސް ޝާލީ އެ ޑައިރީ ލައްޕާލިއެވެ. އަދިއެ މަންމަ އެކަނިމާއެކަނި ކުރި މަސައްކަތުން ދިރިއުޅުން ހަމަޖައްސަން އުޅޭނެ ހާލު ހިތައް އަރާ ޝާލީގެ މަޑުމަޑު ރުއިން ބާރުވެ ގިސްލުމަށް ބަދަލުވިއެވެ. މަންމައަށް ހަމްދަރުދީވެ މަންމަގެ ކިބައިން މާފަށް އެދެން ބޭނުން ވިއެވެ. އެކަމަކު އެ މަންމަ މިއަދު އެވަނީ ޝާލީއާއި މާދުރަށް ގޮހެވެ.
މަންމަގެ އެހާލާ ދޭތެރޭ ވިސްނާ ރޯންއޮތުމުން ޝާލީގެ ހަޔާތްވެސް މަންމަގެ ހަޔާތާއި އެއްގޮތައް ކަތުރުފަނި ބޮއެ ހުސްކޮށްފާނެ ކަމާއިމެދު ޝާލީ ވިސްނާލިއެވެ. އަދި އެކަންކަން އެއްފަރާތްކުރުމަށްފަހު ޝާލީގެ ދިރިއުޅުން ތަރައްޤީކުރުމާއި ދޭތެރޭ އޭނާ ވިސްނިއެވެ. އަދި މިގޮތަށް މަންމަގެ ޑައިރީ ކިޔުމުގައި ވަގުތު ހޭދަކުރާނަމަ އޭނާއަށް މަންމަގެ ހަނދާންތަކާއި ވަކިނުވެވޭނެކަމުގައި ވިސްނިއެވެ. ނަތީޖާއަކަށްވާނީ އޭނާވެސް މަންމަފަދައިން ހިތާމައިން ފޯވެ ނިމިދާމީހަކަށް ވުން ކަމުގައި އޭނާ ޔަގީންކުރިއެވެ. ” މަންމަގެ މި ޑައިރީ ކިޔުމުން މަގޭ މިނިކަމެތި ހިތައްވެސް އެއްވެސް ލުއިކަމެއް ނުލިބޭ. އަދިވެސް ހަމަ މި ހިތް ވަނީ ސުވާލުން ފުރިފައި. އެކަމަކު މިގޮތައް މި ޑައިރީ ކިޔަންޏާ މަ ވެސް ހަލާކުވެދާނެ. ދެން މި ޑާއިރީ އެއް ނުކިޔާނަން” ޝާލީ ރޮމުން ގިސްލެވޭހާލު އަމިއްލަ ނަފުސަށް މިހެން ބުނެލިއެވެ. އަދި އެނދުން ތެދުވެ އަވަސްއަވަހަށް ހިނގައިގަތެވެ. ހަލުވި ހިނގުމުގައި ގޮސް އޭނާގެ އަލަމާރި ހުޅުވާލާ، އަންނައުނު ތަކުގެ އެންމެ އަޑިއަށް އެޑައިރީ ލުމަށްފަހު އަލަމާރީގެ ދޮރު ލައްޕާލިއެވެ. އަދި ފުން ނޭވާއެއްލަމުން” ދެން އެ ޑައިރީ ފޮރުވާފަ ބާއްވާ، އޭރުން ކަންނޭގެ ފަސޭހަވާނީ” ޝާލީ މިހެން ބުނެލުމަށްފަހު ހިނގައިގަތެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Thihen nahadhaa dairee avahah kiyaa nimaa. This nulafaa amalu kiri meehaki balaahithun Keith madhuvefa mi huree…adhives dhigu koh genesdheynama haadha ragalhey…
varahh salhi mivaahaka
dhenn knn dhuvahakunn anehhbai genessdhenee
varah salhi.. ekamakuves thankolheh kury..
dhen kiaa ves beynumee dairee adhi thankolheh ves kiyaalan